-

ގަވާއިދު ނަންބަރު 35/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 47/2011)

 

މިއީ، ގަވާއިދު ނަންބަރު 35/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދެވެ.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ކ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

16. (އ) މި މާއްދާގެ (ޅ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، އެމް.އައި.އާރ.އޭ އިން ކުރަމުން ގެންދާ ނުވަތަ ކުރަން ރާވާފައިވާ އޮޑިޓެއްގެ ނުވަތަ ތަހުގީގެއްގެ ބޭނުމަށް، ޓެކްސް ދައްކާ ފަރާތެއްގެ ލިޔެކިޔުންތައް 5 (ފަހެއް) އަހަރުދުވަހަށްވުރެ ދިގު މުއްދަތަކަށް ބެލެހެއްޓުމަށް އެފަރާތަށް އެންގުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 37 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

37. (ހ) ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، ގުރޫޕެއްގައި ހިމެނޭ ކުންފުންޏަކަށް އެއްވެސް އަހަރެއްގައި ގެއްލުންވެފައިވާކަމަށް ދައްކާނަމަ، އެ ގްރޫޕުގައި ހިމެނޭ އެހެން ކުންފުނިތަކުގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އެ ގެއްލުމުގެ އަދަދު އުނިކުރެވިދާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 37 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އިތުރުކުރުން.

37 . (ނ) މި މާއްދާގެ (ހ) ގެ ދަށުން އެ ގްރޫޕުގެ އެހެން ކުންފުނިތަކުގެ ފައިދާއިން އުނިކުރެވޭ ގެއްލުމުގެ ޖުމުލަ އަދަދު، އެ ގެއްލުންވި ކުންފުންޏަށް ވެފައިވާ ގެއްލުމުގެ ޖުމުލަ އަދަދަށްވުރެ އިތުރުވެގެން ނުވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 51 ވަނަ މާއްދާއަކީ އެ މާއްދާގެ (ހ) ގެ ގޮތުގައި ހަމަޖައްސައި، އެ މާއްދާގެ (ށ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

51. (ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، "ގުޑްވިލް" އަކީ އިންޓޭންޖިބަލް އެސެޓެއްގެ ގޮތުގައި ނުބެލެވޭނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 53 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް (ށ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން، އޭގެ ފަހަތަށް ހުރި އަކުރުތައް ތަރުތީބުކުރުން.

53. (ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، މުދާ ވިއްކާލާފައިވަނީ ބާޒާރުގައު އެ މުދާ ވިއްކާލެވޭޏެ އަގަށްވުރެ ދަށް އަގަކަށް ކަމުގައިވާނަމަ، އެ މުދަކުގެ ޑިސްޕޯސަލް ވެލިއު ކަމަށް ބަލާނީ އެ މުދަލުގެ ބާޒާރުގެ އަގެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 65 ވަނަ މާއްދާ އުނިކުރުން.

 

7  ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 70 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

70. އިންވެންޓްރީ ވިއްކުން 

ބާޒާރުގައި ލިބޭނެ އަގަށްވުރެ ކުޑަ އަގަކަށް އެފަރާތާ ގުޅޫންހުރި ފަރާތަކަށް އިންވެންޓްރީ ވިއްކާލާނަމަ، ނުވަތަ އަމިއްލަ ބޭނުމަކަށް ނުވަތަ ވިޔަފާރީގެ ބޭނުމަށް ނޫން ބޭނުމަކަށް އެ އިންވެންޓްރީ ބަދަލުކުރާނަމަ، އެ އިންވެންޓްރީގެ އަގު ކަމަށް ބަލާނީ ބާޒާރުގައި އެ އިންވެންޓްރީ ވިއްކުން ކަމުގައި ބެލެވޭނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 71 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

71. ޓެކްސް ދެއްކުމުން އެއްކިބާވުން

(ހ) ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް، އެއްވެސް ފަރާތަކުން މުއާމަލާތެއް ހިންގައިފިނަމަ، އެ މުއާމަލާތެއްގެ މައިގަނޑު މަގްސަދަކީ ނުވަތަ މައިގަނޑު އެއް މަގްސަދަކީ ޓެކްސް ދެއްކުމުން އެއްކިބާވުން ކަމުގައި ބެލެވޭނެއެވެ.

  1. މުއާމަލާތް ހިންގި ނިޔަތް ރަނގަޅު ނުވުން؛ ނުވަތަ
  2. ވިޔަފާރީޣެ ބުރަދަނެއް ނެތް މުއާމަލާތެއް ހިންގުން؛ ނުވަތަ
  3. އެ ވިޔަފާރިއެއްގެ އޮނިގަނޑު ނަހަމަ ގޮތުގައި ބޭނުންކުރުން. 

(ށ) މި މާއްދާގެ (ހ) ގެ (3) ގެ ބޭނުމަށް، އަންނަނިވި ހާލަތުތަކުގައި، މުއާމަލާތަކާ ގުޅޭގޮތުން ވިޔަފާރިއެއްގެ އޮނިގަނޑު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގައި ބެލެވޭނެއެވެ.

  1. ދިވެހިރާއްޖޭގައި ވަޒަންކުރެވިފައިވާ ކުންފުންޏެއްނަމަ ނުވަތަ ދިވެހިރާއްޖޭގައި ގާއިމުކުރެވިފައިވާ ދާއިމީ މަރުކަޒެއްނަމަ، ގާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގެ (2) ގައި ބަޔާންކޮށްފައިވާ ޓެކްސް ރޭޓަށްވުރެ ދަށް އިފެކްޓިވް ޓެކްސް ރޭޓެއް އޮންނަ ގައުމެއްގައި ވަޒަންވެރިވެފައިވާ ކުންފުންޏެއް ނުވަތަ ކުންފުނިތަކެއް މެދުވެރިވެގެން، ނުވަތަ އެފަދަ ގައުމެއްގައި ގާއިމުކުރެވިފައިވާ ދާއިމީ މަރުކަޒެއް ނުވަތަ ދާއިމީ މަރުކަޒުތަކެއް މެދުވެރިވެގެން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުނީގެ ނުވަތަ ދިވެހިރާއްޖޭގައި ގާއިމުކުރެވިފައިވާ ދާއިމީ މަރުކަޒުގެ މިލްކުވެރިކަން ނުސީދާ ގޮތެއްގައި އެހެން ފަރާތަކަށް ނިސްބަތްވުން؛ ނުވަތަ
  2. ޑަބަލް ޓެކްސް ނެގޭ ހާލަތުތަކުގައި ދެވޭ ލުއިގެ އެއްބަސްވުމެއް ދިވެހިސަރުކާރާއެކު ވެފައިވާ ގައުމެއްގައި ވަޒަންވެރިވެފައިވާ ފަރާތެއްނަމަ:

    (ހހ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏެއް ނުވަތަ ދިވެހިރާއްޖޭގައި ގާއިމުކުރެވިފައިވާ ދާއިމީ މަރުކަޒެއް އެފަރާތުން ކޮންޓްރޯލްކުރުން، ނުވަތަ އެ ކުންފުނީގެ ނުވަތަ ދާއިމީ މަރުކަޒުގެ މިލްކުވެރިކަމުގައި އެފަރާތުގެ މަސްލަހަރު އޮތުން، ނުވަތަ އެނޫންވެސް ގޮތަކުން އެ ކުންފުންޏާ ނުވަތަ ދާއިމީ މަރުކަޒާއި އެފަރާތާ ގުޅުން ހުރުން؛ އަދ

    (ށށ) އެފަދަ ގައުމެއްގައި ވަޒަންވެރިވެފައި ނުވާ ފަރާތަކުން ނުވަތަ ޑަބަލް ޓެކްސް ނެގޭ ހާލަތުތަކުގައި ދެވޭ ލުއިގެ އެއްބަސްވުމެއް ދިވެހިސަރުކާރާއެކު ވެފައި ނުވާ ގައުމެއްގައި ވަޒަންވެރިވެފައިވާ ފަރާތަކުން، ސީދާކޮށް ނުވަތަ ނުސީދާކޮށް އެފަރާތް ކޮންޓްރޯލްކުރުން ނުވަތަ މިލްކުވެރިކަން އޮތުން.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް، މިގަވާއިދުން އިތުރުކުރާ އަދި އުނިކުރާ މާއްދާތަކާގުޅިގެން އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގަވާއިދުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

11 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 35/2011)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު