-

ވަޒީފާއާބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 9/2012) 

 

1 ވަނަ މާއްދާ – ގާނޫނު ނަންބަރު 5/2008 (ފުލުހުންގެ ގާނޫނު) ގެ 17 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން އެކުލަވާލާފައިވާ "ވަޒީފާއާބެހޭ ގަވާއިދު" ގެ 70 ވަނަ މާއްދާގެ (ހ) އިސްލާހުކޮށް އަދި އެ މާއްދާއަށް (ޅ) އިތުރުކޮށް، 73 ވަނަ މާއްދާ ތިރީގައި މިވާގޮތަށް އިސްލާހު ކޮށްފީމެވެ.

70. ބަހުގެ މާނަ

(ހ) މި ގަވާއިދުގައި އެގްޒެކެޓިވް ބޯޑު ކަމުގައި ބުނެފައި އެވަނީ ކޮމިށަނަރ އޮފް ޕޮލިސް އަށް ލަފާ އެރުވުމަށް، ފުލުހުންގެ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިން ފެށިގެން މަތީ ރޭންކްތަކުގެ ފުލުހުން ހިމަނައިގެން ކޮމިށަނަރ އޮފް ޕޮލިސް އައްޔަން ކޮށްފައިވާ ބޯޑަށެވެ.

(ޅ) މި ގަވާއިދުގައި "ކޮލިފައިޑް ޕޮލިސް އޮފިސަރ" ކަމުގައި ބުނެފައި އެވަނީ ފުލުހުންގެ އަސާސީ ތަމްރީން ކޯސް ފުރިހަމަކުރުމަށްފަހު، ޕްރޮބޭށަނަރީ 6 (ހައެއް) މަސް ދުވަސް ފުރިހަމަކުރުމުން، ޕޮލިސް އެކަޑަމީން ދޫކުރާ "ކޮލިފައިޑް ޕޮލިސް އޮފިސަރ" އެއް ކަމުގައި ލިޔުން ލިބިފައިވާ ފުލުހުންނެވެ.

 

73. އަސާސީ ތަމްރީނު ފުރިހަމަ ނުކުރަނީސް ނުލިބޭ އެލަވަންސާއި، އިނާޔަތް

(ހ) ފުލުހުންގެ ވަޒީފާއަށް ވަންނަ މީހުންނަށް ވަޒީފާދިން ތާރީހުން ފެށިގެން 3 މަސް ދުވަހުގެ މުއްދަތަށް އެ ފުލުހަކަށް ވަޒީފާ ހަމަޖައްސާ މަގާމެއްގެ އަސާސީ މުސާރައިގެ އިތުރުން ޔުނީފޯމު އެލަވަންސާއި، ކެއިންބުއިމާއި، ބޭސްފަރުވާ ކޮށްދިނުން ފިޔަވައި، އެރޭންކަށް ނުވަތަ އެމަގާމަކަށް ހަމަޖެހިފައިވާ އިތުރު އިނާޔަތެއް ނުދެވޭނެއެވެ.

(ށ) ވަޒީފާދިން ތާރީހުން ފެށިގެން 3 މަސް ދުވަސްވުމަށްފަހު ކޮލިފައިށް ޕޮލިސް އޮފިސަރަކަށް ވަންދެން މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ އެލަވަންސްތަކާއި އިނާޔަތްތަކުގެ އިތުރުން ދެވޭނީ ހަމަ އެކަނި ތިރީގައި މިވާ އެލަވަންސް ތަކެވެ.

  1. ސަރވިސް އެލަވަންސް؛
  2. ނޮން ޕްރެކްޓިސް އެލަވަންސް؛ އަދި
  3. ފެރީ އެލަވަންސް.

(ނ) ފުލުހެއްގެ ދައުރު އަދާކުރުމުގައި ނުވަތަ ފުލުހުންގެ އަސާސީ ތަމްރީނު ފުރިހަމަ ކުރުމުގެ ތެރޭގައި އަނިޔާވެ، ސިއްހީ ޑޮކްޓަރެއް ނުވަތަ މެޑިކަލް ޕްރެކްޓިށަނަރެއްގެ ލަފާގެ މަތިން އެ އަނިޔާއަށް ބޭސްފަރުވާ ކުރަމުންދާ ފުލުހުން ފިޔަވައި، އަސާސީ ތަމްރީން ފުރިހަމަކުރުމަށް އެފުލުހަކަށް އެންގުމުން އެފުލުހެއްގެ އެއްވެސް އަމިއްލަ ސަބަބަކާހުރެ، އަސާސީ ތަމްރީނުގައި ބައިވެރިނުވެއްޖެ ނަމަ، ފުލުހުންގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އިނާޔަތްތައް ފިޔަވައި އިތުރު އެއްވެސް އިނާޔަތެއް ނުލިބޭނެއެވެ.

(ރ) އަސާސީ ތަމްރީނުގައި ބައިވެރިވުމަށް އެންމެ ގިނަވެގެން ދެވޭނީ ދެފުރުސަތެވެ. މިއިން އެއްވެސް ފުރުސަތެއްގައި އަސާސީ ތަމްރީނުގައި ބައިވެރި ނުވެއްޖެނަމަ އެފުލުހަކު ވަޒީފާއިން ވަކިކުރަން ވާނެއެވެ. މީގެ ތެރޭގައި އަސާސީ ތަމްރީނު ފުރިހަމަ ނުކުރެވިގެން ރީބެޗް ކުރުން ނުހިމެނެއެވެ.

 

2 ވަނަ މާއްދާ – ވަޒީފާއާބެހޭ ގަވާއިދަށް މި ގެނެވުނު އިސްލާހުތަކަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ވަޒީފާއާބެހޭ ގަވާއިދު (މޯލްޑިވްސް ޕޮލިސް ސަރިވިސް) (ގަވާއިދު ނަންބަރު 4/2009) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު