-

ފޮގް ސިގްނަލް، ހަވާ، ފަޓާސް ފަދަ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ގެންގުޅުމާއި އަދި ބޭނުންކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 42/2012) 

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ ގާނޫނު ނަންބަރު 4/1975 "ދިވެހިރާއްޖެ ގެނައުން މަނާތަކެތީގެ ގާނޫނު" ގެ 5 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި "ފޮގް، ސިގްނަލް ހަވާ، ފަޓާސް ފަދަ ތަކެތި ދިވެހިރާއްޖެއަށް ގެންނަންވާނީ އަދި ދިވެހިރާއްޖޭގައި ގެންގުޅެންވާނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެށަނަލް ސެކިއުރިޓީގެ ހާއްސަ ހުއްދައެއް ލިޔުމަކުން ލިބިގެން އަދި އެ މިނިސްޓްރީން ކަނޑައަޅާ ގަވާއިދަކާ އެއްގޮތްވާ ގޮތުގެ މަތިން" ކަމަށް ބަޔާންކޮށްފައިވުމާއެކު، އެފަދަ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމާއި ގެންގުޅުމާއި އަދި ބޭނުންކުރުމާ ބެހޭގޮތުން އެކުލަވާލާފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ " ފޮގް ސިގްނަލް، ހަވާ، ފަޓާސް ފަދަ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމާއި ގެންގުޅުމާއި އަދި ބޭނުންކުރުމާއި ބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދު ހިންގައި ތަންފީޒުކުރުމާއި އިސްލާހު ގެނައުން

(ހ) މި ގަވާއިދު ހިންގާ ތަންފީޒުކޮށް އަދި ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެންނާނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެށެނަލް ސެކިިއުރިޓީންނެވެ.

(ށ) މި ގަވާއިދު ތަންފީޒުކުރަން ފެށުމުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ބާވަތުގެ ތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް ގެންގުޅެން ވާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. މިގަވާއިދާއި ހިލާފަށް އެފަދަ ތަކެތި އެތެރެކޮށް ގެންގުޅުމަކީ މަނާކަމެކެވެ.

(ނ) މި ގަވާއިދުގައި ކަނޑައެޅި ބަޔާންކޮށްފައި ނުވާކަމެއް މެދުވެރިވެއްޖެނަމަ، އެކަމަކާ މެދު ގޮތެއް ނިންމާނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެށެނަލް ސެކިއުރިޓީންނެވެ.

 

3 ވަނަ މާއްދާ - ފޮގް، ސިގްނަލް، ފަޓާސް ފަދަ ތަކެތި އެތެރެކުރުމަށް ހުއްދަ ދިނުން

(ހ) ހަވާ، ފަޓާސް ފަދަ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރަންވާނީ، އެތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުރިން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެށެނަލް ސެކިއުރިޓީއަށް ލިޔުމަކުން ހުށަހަޅައި އެ މިނިސްޓްރީގެ ހާއްސަ ހުއްދައެއް ލިޔުމަކުން ލިބުމުންނެވެ.

(ށ) ފޮގް ސޮގްނަލް، ރާއްޖެއަށް އެތެރެކުރެވޭނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަނުން ކަނޑައަޅާ އުޅަނދުފަހަރުގައި ބޭނުންކުރުމަށް އެ މިނިސްޓްރީން ކަނޑައަޅާ އަދަދަކަށެވެ. މިފަދަ ތަކެތި އެތެރެކުރުމަށް ހުށަހަޅާއިރު އެ މިނިސްޓްރީގެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ފޮގް ސިގްނަލް ރާއްޖެއަށް އެތެރެކުރުމަށް ހުށަހެޅުމުން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަނުން ދޫކޮށްފައިވާ ލިޔުމުގެ މައްޗަށް ބަލައި ހުއްދަ ދޫކުރެވޭނެއެވެ. އަދި މިފަދަ ތަކެއްޗާއި މެދު މި ގަވާއިދުގެ އެހެނިހެން މާއްދާތަކުގައި ވާގޮތުގެ މަތިން އަމަލުކުރަން ވާނެއެވެ.

(ރ) މި މާއްދާގެ (ހ)ގައިވާ ތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު ތިރީގައިވާ މައުލޫމާތު ހުށަހަޅަންވާނެއެވެ.

  1. އެތެރެކުރާ ބާވަތްތަކުގެ އަދަދު ކޮންމެ އައިޓަމެއް ވަކިން އެނގޭނެގޮތަށް މި ގަވާއިދުގެ ތާވަލު 1 ގައިވާ ފަޔަރ ވާރކްސް އެފް-1 ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުން.
  2. "އޭރިޔަލްށެލް" އެތެރެކުރާނަމަ މިގަވާއިދުގެ ތާވަލް 2 ގައިވާ ފަޔަރ ވާރކްސް އެފް 2 ފޯމް ފުރިހަމަކުރުމަށް ފަހު ހުށަހެޅުން
  3. ހަވާ، ފަޓާސް އެތެރެކުރާއިރު އެތަކެތި އެތެރެކުރާ ބޭނުމާއި އަދި އެތަކެތި ބޭނުން ކުރަން ހަމަޖެހިފައވާ ރަށަކާއި ތަނެއް އެނގޭ ގޮތަށް ހުށަހެޅުން.
  4. އެތަކެތި ބޭނުންކުރަން ގަސްތު ކުރާ ތާރީހް
  5. އެތަކެތި އުފެއްދި ގައުމު އަދި އެތަކެތި އެތެރެކުރާ ގައުމު
  6. އެތެރެކުރާ ކޮންމެ ބާވަތެއްގެ ހަޒާޑް ޑިވިށަން އަދި ޔޫއެން ނަންބަރު ވަކިން ލިޔެފައި އޮންނަން ވާނެއެވެ.

(ބ) ފޮގް ސިގްނަލް، ހަވާ ފަޓާސް ފަދަ ތަކެތީގެ ގޮތުގައި އެތެރެކުރުމަށް ހުއްދަ ދެވޭނީ ތިރީގައި މިވާ ކެޓަގަރީތަކުގައި ހިމެނޭ ތަކެއްޗަށެވެ.

  1. UN0333  ކްލާސް 1 ހަޒާޑް ޑިވިށަން G1.1 ފަޔަރ ވާރކްސް ޕްރޮފެށަނަލް.
  2. UN0334  ކްލާސް 1 ހަޒާޑް ޑިވިށަން G1.2 ފަޔަރ ވާރކްސް ޕްރޮފެށަނަލް.
  3. UN0335  ކްލާސް 1 ހަޒާޑް ޑިވިށަން G1.3 ފަޔަރ ވާރކްސް ޕްރޮފެށަނަލް.
  4. UN0336    ކްލާސް 1 ހަޒާޑް ޑިވިށަން G1.4 ފަޔަރ ވާރކްސް ކޮންސިއުމަރ
  5. UN0337  ކްލާސް 1 ހަޒާޑް ޑިވިށަން S1.4 ފަޔަރ ވާރކްސްފިޔުޒް އެންޑް ޓްރިކް ނޮއިސް މޭކާރސް

(ޅ) މި ގަވާއިދުގެ ދަށުން ރާއްޖެއަށް އެތެރެކުރާ ހަވާ، ފަޓާސް ފަދަ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ބޭނުންކުރަން ވާނެއެވެ. މި މުއްދަތަށް ފަހު މި ގަވާއިދުގެ ދަށުން އެތެރެކޮށް ބޭނުންނުކޮށް ހުންނަ ހުރިހާއެއްޗެއް މޯލްޑިވްސް ނެށެނަލް ޑިފެންސް ފޯސްގެ ބެލުމުގެ ދަށުން ނައްތާލެވޭނެއެވެ. އަދި މިއިން އެއްވެސް އެއްޗަކަށް ބަދަލު ނުދެވޭނެއެވެ.

(ކ) ދިވެހިރާއްޖެއަށް އެތެރެކުރާ ފޮގް ސިގްނަލް، ހަވާ، ފަޓާސް ފަދަ ތަކެތި އެތެރެކުރުމަށްޓަކައި ހުށަހަޅާ މައުލޫމާތަކީ، ސައްހަ ތެދު މައުލޫމާތު ކަމުގައި ވާންޖެހޭނެއެވެ.

(އ) ހަވާ، ފަޓާސް ފަދަ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރާއިރު ޕެކުކުރެވިފައި ހުންނަން ވާނީ އެކި ހަޒާޑް ޑިވިށަންގެ ތަކެތި ވަކިންނެވެ. މިގޮތުން ޕެކްކުރާއިރު އެއްވެސް ސަބަބަކާ ހުރެ 2 ހަޒާޑް ޑިވިށަނެއްގެ ތަކެތި އެއް ޕެކިނެއްގައިވާނަމަ އެ ޕެކޭޖެއްގެ ހުރިހާ އެއްޗެއް ކްލެސިފައިކުރަން ވާނީ އޭގައި ހިމެނޭ މަތީ ހަޒާޑް ޑިވިށަންގެ ތަކެތި ކަމުގައެވެ.

(މ) ފޮގް ސިގްނަލް، ހަވާ، ފަޓާސް ފަދަ ތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދެވޭނީ އެތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވާ ފަރާތަށެވެ. މިފަދަ ތަކެތި އެތެރެކޮށް ވިއްކުމަށް ނުވަތަ އެހެން ފަރާތަކަށް ދިނުމަށް މިފަދަ ތަކެތި އެތެރެއެއް ނުކުރެވޭނެއެވެ.

(ފ) ހަވާ، ފަޓާސް ފަދަ ތަކެތި ރާއްޖެއަށް އެތެރެކުރާ ފަރާތްތަކުން އެތަކެތި ބޭނުންކުރަން ހަމަޖެހިފައވާ ތާރީހުގެ މަދުވެގެން 15 ދުވަސްކުރިން (ބަންދު ދުވަސްތައް ނުހިމަނާ) އެތަކެތި ރާއްޖެ އެތެރެކުރަންވާނެއެވެ.

(ދ) މި މާއްދާގެ (ހ) ގައިވާ ތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުން، އެތަކެތި ރާއްޖެއަށް އެތެރެ ކުރުމުގެ ހުއްދަ ދެވޭނީ ތިރީގައިވާ ށަރުތުތައް އެތެރެކުރާ ފަރާތުން ގަބޫލުކޮށް ސޮއިކުރުމުންނެވެ.

  1. އެތަކެތި ބަރުކޮށްގެން އަންނަ ބޯޓު މާލެއަށް އައުމުން އެތަކެތި މޯލްޑިވްސް ޕޮލިސް ނެށެނަލް ޑިފެންސް ފޯސްގެ ބެލުމުގެ ދަށަށް ގެނެވޭނެއެވެ. އަދި އެތަކެތި ބޭނުންކުރަން ވަންދެން ބަހައްޓަން ވާނީ މޯލްޑިވްސް ނެށެނަލް ޑިފެންސް ފޯސްގެ ބެލުމުގެ ދަށުގައެވެ.
  2. އެތަކެތި ބޭނުންކުރަން ހަމަޖެހިފައިވާ ތަނަކަށް އެތަކެތި ގެންދަން ވާނީ، އަދި އެތަކެތި ބޭނުންކުރަން ވާނީ ވެސް މޯލްޑިވްސް ނެށެނަލް ޑިފެންސް ފޯސްގެ ބެލުމުގެ ދަށުންނެވެ. މިގޮތުން އެތަކެތި ބޭނުން ކުރާތަނަކަށް ގެންދިއުމުގެ ދަތުރު ހަރަދާއި އެތަކެއްޗާއި ހަވާލުވެގެން މޯލްޑިވްސް ނެށެނަލް ޑިފެންސް ފޯސް އިން ވަޑައިގަންނަވާ ބޭފުޅެއްގެ ދަތުރު ހަރަދާއި އެކަމަޑޭށަން އާއި ކެއިންބުއިމުގެ ކަންތައްތައް އެތެރެކުރާ ފަރާތުން ހަމަޖައްސަން ވާނެއެވެ.
  3. އެތަކެތި ބޭނުންކުރަން ހަމަޖެހިފައިވާ ތަނުގެ ސަލާމަތީ ކަންތައްތަކާއި އަލިފާން ނިވުމުގެ އިންތިޒާމު މޯލްޑިވްސް ނެށެނަލް ޑިފެންސް ފޯސް އިން ކަނޑައަޅާ ފެންވަރަކަށް އެތަކެތި އެތެރެކުރާ ފަރާތުން ހަމަޖައްސަން ވާނެއެވެ.
  4. އެތަކެތި ބޭނުންކުރުމުން ހުންނަ ހުސް ހޮޅިތަކާއި، އެހެނިހެން ތަކެއްޗާއި، ނުއަނދައި އަދި ނުގޮވައި ހުންނަ ތަކެއްޗާއި ބޭނުން ނުކޮށް ހުންނަ ތަކެއްޗާއި އެތަކެތި ބޭނުންކުރުމަށް ގެންގުޅޭ ސާމާނު މޯލްޑިވްސް ނެށެނަލް ޑިފެންސް ފޯސްއާ ހަވާލުކުރަންވާނެއެވެ. މިއިން އެއްވެސް އެއްޗެއް އެތެރެ ކުރި މީހާގެ އަތުގައި ނުވަތަ ބޭނުންކުރި ތަނެއްގައި ބެހެއްޓުމަކީ މަނާ ކަމެކެވެ.
  5. ބޭނުން ކުރުމަށްފަހު ބާކީ ހުންނަ ތަކެތި މޯލްޑިވްސް ނެށެނަލް ޑިފެންސް ފޯސްގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު އެތަކެތި މޯލްޑިވްސް ނެށެނަލް ޑިފެންސް ފޯސްގެ ބެލުމުގެ ދަށުން ނައްތާލެވޭނެއެވެ. އެފަދަ އެއްޗަކަށް އެއްވެސް ކަހަލަ ބަދަލެއް ނުދެވޭނެއެވެ. 

 

4 ވަނަ މާއްދާ - ހުށަހަޅަންޖެހޭ ލިޔުންތައް

(ހ) ހަވާ ފަޓާސް ފަދަ ތަކެތި ބޭނުންކޮށްގެން ރާއްޖެއަށް އަންނަ ބޯޓު، ރާއްޖެއަށް އައުމުގެ މަދުވެގެން 48 ގަޑިއިރު ކުރިން އެ ބޯޓާބެހޭ މައުލޫމާތާއި، އެ ތަކެއްޗާއި ބެހޭ ތިރީގައި މިދަންނަވާ މައުލޫމާތު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް ހުށަހަޅަން ވާނެއެވެ.

  1. ބޯޓުގެ ނަން
  2. ބޯޓުގެ ވެރިފަރާތް ނުވަތަ ކުންފުނީގެ ނަން
  3. ބޯޓު މާލެ އަންނާނެ ކަމަށް ލަފާކުރެވޭ ތާރީހް
  4. ބޯޓު މާލެ އަންނަން ފުރާ ބަނދަރާއި ގައުމުގެ ނަން.
  5. ޕެކިން ލިސްޓްގެ އޮރިޖިނަލް ނުވަތަ ޕެކިން
  6. އިންވޮއިސްތަކުގެ އޮރިޖިނަލް ނުވަތަ ކޮޕީ 

 

5 ވަނަ މާއްދާ - މި ގަވާއިދުގެ ދަށުން އެތެރެކޮށްފައިވާ ތަކެތި ބޭނުންކުރުމުގެ ހުއްދަ ދިނުން

(ހ) މިގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ރާއްޖެއަށް އެތެރެކުރާ ތަކެތި ބޭނުންކުރުމުގެ ހުއްދަ ދެވޭނީ ހަވާ އެރުވުމަށ ނުވަތަ ބަޑިބޭހުގެ ކުރިވަޅު ބޭއްވުމަށެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ހުއްދަދެވޭނީ، އެތަކެތި ޕެކްކޮށްފައިވާ ޕެކިން މޯލްޑިވްސް ނެށެނަލް ޑިފެންސް ފޯސްގެ ފަރާތުން ކަނޑައި ބެލުމަށް ފަހު އެތައްޗަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެށެނަލް ސެކިިއުރިޓީން ހުއްދަ ދީފައިވާ ތަކެތިތޯ ބެލުމަށް ފަހުގައެވެ. މިގޮތުން ބަލާޢިރު  ހުއްދަދީފައިވާ އަދަދަށް ވުރެ އިތުރަށް ނުވަތަ ހުއްދަދީފައިވާ ތަކެތި ނޫން އެހެން ތަކެތި އެތެރެކޮށްފައިވާނަމަ، އެ ތަކެއްޗާ މެދު ގޮތެއް ނިންމާނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެށެނަލް ސެކިއުރިޓީންނެވެ.

(ނ) ބަޑިބޭހުގެ ކުޅިވަރު ބޭއްވުމަށް ނުވަތަ ހަވާއެރުވުމަށް ހުއްދަ ދެވޭނީ ތިރީގައިވާ ކަންކަން ކުރުމަށް އެއްބަސްވެ، އެ ށަރުތުތައް ގަބޫލުކޮށް ސޮއިކުރުމުންނެވެ

  1. ހަވާއެރުވުމުގެ ހުއްދަ ދިނުމުގެ ކުރިން ހަވާއެރުވުމަށް ރާވާފައިވާ ގޮތާއި ހަވާ އަރުވާ ތަނާއި އެތަނެއްގައި ހުރި އިމާރާތްތަކާ ހުރި ދުރުމިން އެނގޭނެ ފަދަ ސްކެޗް ކުރެހުމެއް ހުށަހެޅުން.
  2. ތަނުގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކަށް ރައްކާތެރިވުމުގެ ގޮތުން މޯލްޑިވްސް ނެށެނަލް ޑިފެންސް ފޯސްއިން އަންގާގޮތެއްގެ މަތީން އެތަނުގެ އަލިފާންނިވާ ނިޒާމު ގާއިމްކުރުމަށްފަހު އެކަމާބެހޭ ކުރެހުމެއް ހުށަހެޅުން.
  3. ހަވާ އަރުވާ ސާމާނު އަވާ އަރުވަން ކަނޑައެޅިފައިވާ ތަނަކަށް ގެންދާއިރު، ހަވާ އަރުވާ ސާމާނާއި ފަސިންޖަރުން އެއް އުޅަނދެއްގައި ދަތުރު ނުކުރުން
  4. ހަވާ އެރުވުމުގެ މަސައްކަތް ކުރަން ވާނީ އެކަންކުރަން ދަންނަ  އެކަމުގެ ހުއްދަ ލިބިފައިވާ ފަރާތަކުންނެވެ. މިގޮތުން ހަވާ އެރުވުމުގެ މަސައްކަތް ކުރަނީ ބޭރުގެ ގައުމެއްގެ މީހެއް ނަމަ އެ ގައުމެއްގެ ރަސްމީ ފަރާތަކުން ދީފައިވާ ހުއްދައެއް އޮންނަން ވާނެއެވެ. އަދި ދިވެއްސެއްނަމަ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެށެނަލް ސެކިއުރިޓީން ދޫކުރާ ހުއްދަ އޮންނަންވާނެއެވެ.
  5. ހަވާ އެރުވުމުގެ މަސައްކަތް ކުރަނީ ބޭރު ގައުމެއްގެ މީހެއްނަމަ، އެމީހަކަށް އެކަން ކުރެވޭނީ މި މާއްދާގެ (ނ)ގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހުއްދައިގެ ކޮޕީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެށެނަލް ސެކިއުރިޓީއަށް ހުށަހަޅައި އެ މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ.
  6. ހަވާ އެރުވުމަށްފަހު ބާކީވާ ތަކެތި މޯލްޑިވްސް ނެށެނަލް ޑިފެންސް ފޯސް އިން ކަނޑައަޅާ ތަނަކަށް ގެންދެވޭނެ އިންތިޒާމެއް އެކަން ކުރާ ފަރާތުން ހަމަޖައްސަން ވާނެއެވެ. މިގޮތުން މިފަދަ ތަކެތި އުފުލާ އުޅަނދަކީ ވެސް އެކަމަށް އެކަށީގެންވާ އުޅަނދަކަށް ވާން ވާނެއެވެ.
  7. ހަވާއެރުވުމަށް ރަށްރަށަށް  ގެންދާ ތަކެތި ބޭނުންކުރަން ވަންދެން ބަހައްޓަންވާނީ ރަނގަޅު ފެންވަރެއްގެ އަލިފާނުން ރައްކާތެރި ތަނެއްގައި ތަޅުލާފައެވެ.މިގޮތަށް ބަލަހައްޓާއިރު ވެސް މޯލްޑިވްސް ނެށެނަލް ޑިފެންސް ފޯސްއިން ކަނޑައަޅާ މީހަކާއި އެތަކެތި އެތެރެކުރި ފަރާތުގެ މީހަކު ހުރެގެން ނޫނީ ނުހުޅުވޭގޮތަށް 2 ތަޅުލުމަށްފަހު، އެ ދެތަޅުގެ ތަޅުދަނޑި ބާއްވަން ވާނީ އެ ދެމީހުންގެ އަތުގައެވެ.

 

6 ވަނަ މާއްދާ - އިސްތިސްނާ

ސަރުކާރުގެ ބޭނުމަށް މޯލްޑިވްސް ނެށެނަލް ޑިފެންސް ފޯސްއިން އެތެރެކުރާ ތަކެތި މި ގަވާއިދުން އިސްތިސްނާ ކުރުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެށެނަލް ސެކިއުރިޓީއަށް ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ - މާއްދާ

މި ގަވާއިދުގައި ފޮގް ސިގްނަލް، ހަވާ ފަޓާސް ފަދަ ތަކެތި ކަމަށް ބުނެފައި އެވަނީ، ފޮގް ސިގްނަލާއި، ހަވާ އެރުވުމަށް ނުވަތަ ބަޑިބޭހުގެ ކުޅިވަރު ބޭއްވުމަށް އެތެރެކުރާ ތަކެއްޗާއި ފަޓާހާއި އަލިނަރު ފަދަ ތަކެއްޗެވެ.

 

8 ވަނަ މާއްދާ - އަދަބު

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް އެއްޗެއް ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ކުރިން ހުއްދަ ހޯދުމަކާ ނުލައި އެތެރެކޮށްފިނަމަ، އެތެރެކޮށްފިނަމަ، އެތެރެކުރި ފަރާތް 30000 (ތިރީސް ހާސް ރުފިޔާ) އިން ފެށިގެން 50000 (ފަންސާސް ހާސް ރުފިޔާ) އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

(ށ) މި ގަވާއިދުގައި ހުށަހަޅަން ބަޔާންކޮށްފައިވާ ލިޔުމެއް ނުވަތަ މައުލޫމާތެއް ހުށަނާޅައި އެތަކެތި އެތެރެކޮށްފިނަމަ އެތެރެކުރި ފަރާތެއް 5000 (ފަސްހާސް ރުފިޔާ) އިން ފެށިގެން 10000 (ދިހަ ހާސްރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެއްވެސް އެއްޗެއް އެތެރެކުރި ފަރާތުން އެހެން މީހަކަށް ނުވަތަ ފަރާތަކަށް ދީ ނުވަތަ ވިއްކައިފިނަމަ އެ ވިއްކި ފަރާތެއް 20000 (ވިހި ހާސް ރުފިޔާ) އިން ފެށިގެން 40000 (ސާޅީސް ހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

(ރ) މިމާއްދާގެ (ހ) (ށ) (ނ) ގައިވާ ކަންތައްތައް ފިޔަވައި، މިގަވާއިދުގެ އެހެން ކަމަކާ ހިލާފުވެއްޖެ ނަމަ އެކަމެއްގެ ކުޑަ ބޮޑު މިނަށް ބަލަިއި 5000 (ފަސްހާސް ރުފިޔާ) އިން ފެށިގެން 15000 (ފަނަރަ ހާސް ރުފިޔާ) އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

(ބ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ) ގައިވާ ގޮތަށް ޖޫރިމަނާ ކުރުމާއެކު އެކަމެއްގެ ކުޑަ ބޮޑުމިނަށް ބަލައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެށެނަލް ސެކިއުރިޓީއަށް ފެނިއްޖެ ހާލަތެއްގައި މިތަކެތި ބަދަލެއް ދިނުމަކާ ނުލައި އަތުލައި ނައްތާލުމުގެ ބާރު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެށެނަލް ސެކިއުރިޓީއަށް ލިބިގެން ވެއެވެ.

 

9 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

 

--------------- 

 

 ތާވަލު 1

( ތާވަލު 1- ފަޔަރ ވޯރކްސް އެފް- 1 ފޯރމް އަދި ތާވަލު 2 ފަޔަރ ވޯރކްސް އެފް 2 ފޯރމް، މި ގަވާއިދުގެ ގެޒެޓުކުރެވިފައިވާ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)

 

 

މައި ގާނޫނު

ރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނު (ގާނޫނު ނަންބަރު 4/1975)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު