-

ކަސްޓަމްސްގެ އާންމު ގަވާއިދު 2011 އަށް 2 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 12/2014)

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 225 ވަނަ މާއްދާގެ (ޅ) ، (ކ) މިދަންނަވާގޮތަށް އިސްލާހުކުރުން.

225. އުޅަނދުފަހަރުގެ އޭޖެންޓުންގެ މަސްއޫލިއްޔަތި

(ޅ) ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް ދާ އުޅަނދުފަހަރަށް އިންވާރޑް ކުލިއަރެންސް ދިނުމަށާއި، އައުޓްވާރޑް ކުލިއަރެންސް ދިނުމަށް ފޮނުވޭ ކަސްޓަމްސްގެ އޮފިސަރުން އެތަންތަނަށް ގެންދިއުމާއި، ގެނައުމާއި، އެ އޮފިސަރުންގެ ކެއުމާއި، ހުރުމުގެ ކަންތައް އެ އުޅަނދެއްހެ އޭޖެންޓުގު ހަރަދުގައި ހަމަޖައްސައިދިނުން؛

(ކ) ރަސްމީ ބަދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ އަރުވައި ބޭލުމުގެ ކަންތައް ބެލެހެއްޓުމަށް ފޮނުވޭ ކަސްޓަމްސްގެ އޮފިސަރުން އެތަންތަނަށް ގެންދިޔުމާއި، ގެނައުމާއި އެ އޮފިސަރުންގެ ކެއުމާއި، ހުރުމުގެ ކަންތައް އެ އުޅަނދެއްގެ އޭޖެންޓުގެ ހަރަގުގައި ހަމަޖައްސައިދިނުން؛

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 264 ވަނަ މާއްދާގެ  (ނ) ، (ރ) އަދި (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުމަށްފަހު (ޅ)، (ކ) އަދި (އ) އިތުރުކުރުން.

264. މުދާ އިމްޕޯޓްކުރުން

(ނ) ކަސްޓަމްސްއިން ދޫކުރާ ބަނގުރަލާއި ބަނގުރާ އެކުލެވޭ ތަކެއްޗާއި އޫރުމަހާއި އޫޜުމަސް އެކުލެވޭ ތަކެތި ލިބެންވީ ފަރާތަށް އެތަކެތި ލިބިއްޖެނަމަ، އެ ތަކެތި ލިބުނުކަން، ކަސްޓަމްސްއިން އެ ތަކެތި ދޫކުރާތާ 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި، އެ ތަކެތި ލިބެންވީ ފަރާތުން ކަސްޓަމްސްއަށް އަންގަންވާނެއެވެ. އަދި 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި އެ ތަކެތި ނުލިބޭނަމަ 72 (ހަތްދިހަ ދޭއް) ގަޑިއިރު ހަމަވާ ވަގުތުން ފެށިގެން 01 (އެކެއް) ގަޑިއިރުގެ ތެރޭގައި ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް އެކަން ކަސްޓަމްސްއަށް އަންގަންވާނެއެވެ.

(ރ) ކަސްޓަމްސްއިން ދޫކުރެވޭ ބަނގުރަލާއި ބަނގުރާ އެކުލެވޭ ތަކެއްޗާއި އޫރުމަސް އެކުލެވޭ ތަކެތި ލިބެންވީ ފަރާތަށް އެ ތަކެތި ލިބުނީ 72 (ހަތްދިހަ ދޭއް) ގަޑިއިރު ފަހުން ކަމުގައިވާނަމަ، އެ ތަކެތި ލިބޭ ވަގުތުން ފެށިގެން 01 (އެކެއް) ގަޑިއިރު ތެރޭގައި ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް އެކަން ކަސްޓަމްސްއަށް އަންގަންވާނެއެވެ.

(ބ) މިމާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެތަކެތި ލިބެންވީ ފަރާތުން، އެމައުލޫމާތު ކަސްޓަމްސްއަށް ހުށަނާޅައިފިނަމަ، 10000 (ދިހަ ހާސް) ރުފިޔާއިން އެ ތަކެތި ލިބެންވީ ފަރާތް ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެ މުއްދަތަށްފަހު އިތުރަށް ހިނގާ ކޮންމެ ގަޑިއިރަކަށް 135 (ސަތޭކަ ތިރީސް ފަހެއް) ރުފިޔާއިން އެ ތަކެތި ލިބެންވީ ފަރާތް ޖޫރިމަނާ ކުރެވޭނެއެވެ. މިގޮތުން ޖޫރިމަނާ އެންމެ ގިނައިން ނެގޭނީ 666 ގަޑި އިރަށެވެ.

(ޅ) މިމާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ 666 ގަޑިއިރު ހަމަވުމަށްފަހުވެސް އެ މާއްދާގައި ބަޔާންކޮށްފައިވާ ފައިސާ ކަސްޓަމްސްއިން ނުދައްކައިފިނަމަ މި ގަވާއިދުގެ 184 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ފަރާތަކަށް ހިދުމަތް ދިނުން ވަގުތީގޮތުން މެދުކަނޑާލެވޭނެއެވެ.

(ކ) މި މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މައުލޫމާތު ކަސްޓަމްސްއަށް ހުށަނާޅާ ފަރާތްތަކުގެ ބަނގުރަލާއި ބަނގުރާ އެކުލެވޭ ތަކެއްޗާއި އޫރުމަހާއި އޫރުމަސް އެކުލެވޭ ތަކެތީގެ ޑިކްލަރޭށަން ނިންމައިދެވޭނީ، އެ މައުލޫމާތު ކަސްޓަމްސަށް ހުށަހެޅުމުންނެވެ.

(އ) ބަނގުރަލާއި ބަމގުރާ އެކުލެވޭ ތަކެއްޗާއި އޫރުމަހާއި އޫރުމަސް އެކުލެވޭ ތަކެތި ދޫކުރި ގޭޓްފާސް ގެއްލިއްޖެނަމަ، އަލުން ގޭޓްފާސް ހަދައިދެވޭނީ 500 (ފަސްސަތޭކަ) ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވަޢިދުގެ 272 ވަނަ މާއްދާގެ (ހ) އަދި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުމަށްފަހު (ނ) އިތުރު ކުރުން

272. ބޮންޑެޑްވެއަރހައުސްތަކުން ބަނގުރަލާއި އޫރުމަސް އެކުލެވޭ ބާވަތްތައް ގެންދިއުމަށް ހަވާލުވާ ފަރާތްތަކުގެ ޒިންމާ

(ހ) ބަނގުރަލާއި އޫރުމަސް ގެންގުޅުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް، ބަނގުރަލާއި ބަނގުރާ އެކުލެވޭ ތަކެއްޗާއި އޫރުމަހާއި އޫރުމަސް އެކުލެވޭ ތަކެއްޗާ ހަވާލުވާން ކަސްޓަމްސްއަށް ނާދެވޭ ހާލަތްތަކުގައި އެ ތަކެތި ގެންދިއުމަށް ހަވާލު ކުރެވޭނީ، އެ ތަކެތި ހަވާލުކުރުމަށް އެ ތަކެތި ލިބެންވީ ފަރާތުން ކަސްޓަމްސްއަށް އަންގާފައިވާ ފަރާތަކަށެވެ.

(ށ) ބަނގުރަލާއި އޫރުމަސް ގެންގުޅުމުގެހުއްދަ އޮންނަ ފަރާތްތަކަށް ގެންދާ ބަނގުރަލާއި ބަނގުރާ އެކުލެވޭ ތަކެއްޗާއި އޫރުމަހާއި އޫރުމަސް އެކުލެވޭ ތަކެތި އެ ތަކެތި ގެންދަންޖެހޭ ތަންތަނަށް ގެންދިއުމަށް ހަވާލުވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަކީ ކުށެކެވެ.

  1. ބަނގުރަލާއި އޫރުމަހާއި އޫރުމަސް އެކުލެވޭ ބާވަތްތައް ގެންދަންޖެހޭ ތަން ފިޔަވައި އެހެން ތަނަކަށް ގެންދިއުން؛
  2. ބަނގުރަލާއި އޫރުމަހާއި އޫރުމަސް އެކުލެވޭ ބާވަތްތައް ގާނޫނާއި ގަވާއިދާ ހިލާފަށް ބޭނުން ކުރުން ނުވަތަ ދިނުން ނުވަތަ ވިއްކުން

(ނ) ބަނގުރަލާއި އޫރުމަހާއި އޫރުމަސް އެކުލެވޭ ބާވަތްތައް ގެންދަންޖެހޭ ތަނަކަށް ގެންދިއުމުގައި އިންސާނީ ބާރު ނުފޯރާފަދަ ހާއްސަ ހާލަތެއް މެދުވެރިވެއްޖެނަމަ، ކަސްޓަމްސްގެ ހުއްދައާއެކު އެ ތަކެތި ކަސްޓަމްސްއިން ހުއްދަކުރާ ތަނަކަށް ގެންދެވިދާނެއެވެ. ނުވަތަ އެހެން އުޅަނދަކަށް ބަދަލުކުރެވިދާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާޢިދުގެ ގަދުވަލު 36 ގެ 11 ގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން

(އިސްލާހުކުރެވިފައިވާ ޖަދުވަލު 36 ގެ ޓޭބަލް މި ގަވާޢިދުގެ އެޓޭޗްކުރެވިފައިވާ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި މި ޓޭބަލްގެ ވާރޑް ޑޮކިއުމަންޓް ނިމުމުން އަޕްލޯޑްކުރެވިގެންދާނެއެވެ.)

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމލު ކުރަންފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ކަސްޓަމްސްގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 41/2011)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު