-

 ގަވާއިދު ނަންބަރު 2011-41 ކަސްޓަމްސްގެ އާންމު ގަވާއިދު 2011 އަށް 3 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 2014-423)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 28 ޑިސެމްބަރު 2014 ގައި)

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 57 ވަނަ މާއްދާގެ (ށ) ތިރީގައިއެވާ ގޮތަށް އިސްލާހުކުރުން

އުޅަނދުފަހަރަށް އިންވާރޑް ކްލިއަރެންސް ދެވޭނެ ބަނދަރުތައް 57.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ކަމުގައިވީ ނަމަވެސް ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ އަރުވައި ބޭލުމަށް އުޅަނދުފަހަރު ދިއުމުގެ ހުއްދަ ދެވޭ ހާލަތްތަކުގައި އެ ތަންތަނުން އިންވާރޑް ކްލިއަރެންސް ދެވިދާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 70 ވަނަ މާއްދާގެ (ށ) ތިރީގައިއެވާ ގޮތަށް އިސްލާހުކުރުން.

އުޅަނދުފަހަރަށް އައުޓްވާރޑް ކްލިއަރެންސް ދެވޭނެ ބަނދަރުތައް 70.

(ށ) މިމާއްދާގެ (ޙ) ގައި އެހެން އޮތް ކަމުގައިވީ ނަމަވެސް ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ އަރުވައި ބޭލުމަށް އުޅަނދުފަހަރު ދިއުމުގެ ހުއްދަ ދެވޭ ހާލަތްތަކުގައި އެ ތަންތަނުން އައުޓްވާރޑް ކްލިއަރެންސް ދެވިދާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 74 ވަނަ މާއްދާގެ (އ) ގެ ފަހަތަށް (ވ) ގެ ގޮތުގައި އަންނަނިވި މާއްދާ އިތުރުކުރުމަށްފަހު އޭގެ ފަހަތަށް ހުރި އަކުރުތައް ތަރުތީބުކުރުން.

ހުއްދަކުރާ ހާލަތްތައް 74.

(ވ) ސަރުކާރުން ކަނޑައަޅާ ސިޔާސަތެއް ތަންފީޡުކުރުމުގެ ގޮތުން، ކަސްޓަމްސްއިން ކަނޑައަޅާ އުސޫލަކާ އެއްގޮތަށް، ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ އަރުވައި ބޭލުމަށް އުޅަނދުފަހަރު ދިއުމުގެ ހުއްދަ ދިނުމުގެ އިހުތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 82 ވަނަ މާއްދާގެ (ހ) ތިރީގައިއެވާ ގޮތަށް އިސްލާހުކުރުމަށްފަހު، އެ މާއްދާގެ (ށ) ގެ ގޮތުގައި އަކުރެއް އިތުރުކުރުމަށްފަހު ދެންހުރި އަކުރުތައް ތަރުތީބުކުރުމަށް.

82. ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ އަރުވައި ބޭލުމުގެ ފީ

(ހ) ރާއްޖެއިން ބޭރުން ރާއްޖެއަށް ކަނޑުމަގުން ގެންނަ މުދަލުގެ ތެރެއިން ރަސްމީ ނަދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ ބޭލުމަށް އުޅަނދުފަހަރު ދިއުމުގެ ހުއްދަ ދެވޭނީ މިގަވާއިދުގެ ޖަދުވަލު 36 ގެ 11 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފީ ކްސްޓަމްސްއަށް ދެއްކުމުންނެވެ.

(ށ) ރާއްޖެއިން ބޭރުން ރާއްޖެއަށް ކަނޑުމަގުން ގެންނަ މުދަލުގެ ތެރެއިން ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ އަރުވައި ބޭލުމުގެ ކަންތައް ބެލެހެއްޓުމަށް ކަސްޓަމްސް އޮފިސަރުން ފޮނުވޭނީ މިގަވާއިދުގެ ޖަދުވަލު 36 ގެ 12 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފީ ކަސްޓަމްސްއަށް ދެއްކުމުންނެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 36 ގެ 11 ވަނަ ނަންބަރު ތިރީގައިއެވާ ގޮތަށް އިސްލާހުކުރުން.

11. ރާއްޖެއިން ބޭރުން ރާއްޖެއަށް ކަ ނޑުމަގުން ގެންނަ މުދާ ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ ބޭލުމަށް އުޅަނދުފަހަރު ދިއުމުގެ ހުއްދަ ދިނުމަށް ފީ ނަގާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީންނެވެ.
  (ހ) ކ.ތިލަފުށި (ދަތުރަކަށް)  25,000.00 ރުފިޔާ
  (ށ) ކ.ފުނަދޫ (ދަތުރަކަށް) 50,000.00 ރުފިޔާ 
  (ނ) ކ.ހުޅުލެ (ދަތުރަކަށް) 50,000.00 ރުފިޔާ 
  (ރ) ކ.ހުޅުމާލެ (ދަތުރަކަށް) 50,000.00 ރުފިޔާ 
  (ބ) ކ.ތިލަފުށި ފިޔަވައ،ި ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށާއި ތަންތަނަށް (ދަތުރަކަށް) 100,000.00 ރުފިޔާ 
  (ޅ) އެހެނިހެން ރަށްރަށަށް (ދަތުރަކަށް) 50,000.00 ރުފިޔާ 

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 36 ގެ 12 އަދި 13 ވަނަ ނަންބަރުގެ ގޮތުގައި ތިރީގައިވާ ފަދައިން ދެ ނަންބަރު އިތުރުކޮށް، ފަހަތަށް އަންނަ ނަންބަރުތައް ތަރުތީބުކުރުން.

 

ކ.ތިލަފުށި، ކ.ހުޅުލ،ެ ކ.ހުޅުމާލެ އަދި ކ.ފުނަދޫ ފިޔަވައި  އެހެން ރަށްރަށަށް މުދާ އަރުވައި ބޭލުމަށް ކަސްޓަމްސް އޮފިސަރުން ދަތުރު ފެށި ވަގުތުން ފެށިގެން ދަތުރު ނިމޭ ވަގުތާހަމަޔަށް ހޭދަވާ ކޮންމެ ގަޑިއަކަށް

125.00 ރުފިޔާ

 

ކަސްޓަމްސްއިން ކަނޑައަޅާ އުސޫލާ އެއްގޮތަށ،ް އަލަށް ހަދާ ރިސޯޓުތަކާއ،ި މިހާރު ހަދަމުންދާ ރިސޯޓުތަކުގެ ތެރެއިން ނުހެދިހުރި ރިސޯޓުތަކާއި އަދި މަރާމާތުކުރާ ރިސޯޓުތައް ހެދުމަށް ގެންނަ މުދާ އެރިސޯޓުތަކުން ބަލައި ފާސްކޮށް ދޫކުރުމަށް.

(މި ފައިސާ ނަގާނީ އެމުދަލުގެ ޑިކްލަރޭޝަން ނިންމާ ދުވަހު ކަސްޓަމްސްއިން ޑިއުޓީ ނެގުމަށް ބޭނުންކުރާ އެކްސްޗޭންޖް ރޭޓުން ދިވެހި ރުފިޔާއިންނެވެ.)

ކޮންމެ މެޓްރިކް ޓަނަކަށް ނުވަތަ ކިޔުބިކް މީޓަރަކަށް 5.00 (ފަހެއް) އެމެރިކާ ޑޮލަރު

 

 

7 ވަނަ މާއްދާ - މިގަވާއިދަށް އަމަލު ކުރަންފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކަސްޓަމްސްގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2011-41)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު