ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރުގެ ދަށުން ބަންދުގައި ތިބެންޖެހޭ މީހުންގެ ހަށިގަނޑުން ސާމްޕަލް ނެގުމާއި ގައިދީންގެ ފޮޓޯއާއި އިނގިލީގެ ނިށާނާއި ---- (ގަވާއިދު ނަންބަރު 4/2015)

0 occurrences found.

ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރުގެ ދަށުން ބަންދުގައި ތިބެންޖެހޭ މީހުންގެ ހަށިގަނޑުން ސާމްޕަލް ނެގުމާއި ގައިދީންގެ ފޮޓޯއާއި އިނގިލީގެ ނިށާނާއި ލޭގެ ގްރޫޕާއި ދަތުގެ ނިށާނާއި ހަށިގަނޑުގެ މިންނެގުން ފަދަ ކާކުކަން އަންގައިދިނުމަށްޓަކައި ހޯދަންޖެހޭ ތަފާތު މައުލޫމާތުތައް ހޯދުމުގައި ތަބާވާންޖެހޭ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު

(ގަވާއިދު ނަންބަރު 4/2015) 

 

1 ވަނަ މާއްދާ – ތައާރުފު

މިއީ ގާނޫނު ނަންބަރު 14/2013 ގެ 144 ވަނަ މާއްދާގެ (ށ) ގެ (7) ވަނަ ނަންބަރުގެ ދަށުން ބާރުލިބިގެން އެކުލަވައިލެވިފައިވާ ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރުގެ ދަށުން ބަންދުގައި ތިބެންޖެހޭ މީހުންގެ ހަށިގަނޑުން ސާމްޕަލް ނެގުމާއި ގައިދީންގެ ފޮޓޯއާއި އިނގިލީގެ ނިށާނާއި ލޭގެ ގްރޫޕާއި ދަތުގެ ނިށާނާއި ހަށިގަނޑުގެ މިންގެނުންފަދަ ކާކުކަން އަންގައިދިނުމަށްޓަަކައި ހޯދަންޖެހޭ ތަފާތު މައުލޫމާތުތައް ހޯދުމުގައި ތަބާވާންޖެހޭ މިންގަނޑުތައް ބަޔާންކުރާ ގަވާއިދެވެ.

 

2 ވަނަ މާއްދާ – ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނީ "ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރުގެ ދަށުން ބަންދުގައި ތިބެންޖެހޭ މީހުންގެ ހަށިގަނޑުން ސާމްޕަލް ނެގުމާއި ގައިދީންގެ ފޮޓޯއާއި އިނގިލީގެ ނިށާނާއި ލޭގެ ގްރޫޕާއި ދަތުގެ ނިށާނާއި ހަށިގަނޑުގެ މިންނެގުންފަދަ ކާކުކަން އަންގައިދިނުމަށްޓަކައި ހޯދަންޖެހޭ ތަފާތު މައުލޫމަތުތައް ހޯދުމުގައި ތަބާވާންޖެހޭ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ – މަގްސަދު

މިި ގަވާއިދުގެ މަގްސަދަކީ ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރުގެ ދަށުން ބަންދުގައި ތިބެންޖެހޭ މީހުންގެ ހަށިގަނޑުން ސާމްޕަލް ނެގުމާއި ގައިދީންގެ ފޮޓޯއާއި އިނގިލީގެ ނިށާނާއި ލޭގެ ގްރޫޕާއި ދަތުގެ ނިށާނާއި ހަށިގަނޑުގެ މިންނެގުންފަދަ ކާކުކަން އަންގައިދިނުމަށްޓަކައި ހޯދަންޖެހޭ ތަފާތު މައުލޫމާތުތައް ހޯދުމުގައި ތަބާވާންޖެހޭ މިންގަނޑުތައް ކަނޑައެޅުމެވެ.

 

4 ވަނަ މާއްދާ – ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ. މި ގަވާއިދުގައި މިހެންބަޔާން ކޮށްފައިވީނަމަވެސް ކަސްޓޯޑިއަލް ޖަލުތަކުގައި ތިބޭމީހުންހެ ހަށިގަނޑުން ސާމްޕަލް ނެގުމާއި ގައިދީންގެ ފޮޓޯއާއި އިނގިލީގެ ނިށާނާއި ލޭގެ ގްރޫޕާއި ދަތުގެ ނިށާނާއި ހަށިގަނޑުގެ މިންނެގުންފަދަ ކާކުކަން އަންގައިދިނުމަށްޓަކައި ހޯދަންޖެހޭ ތަފާތު މައުލޫމާތުތައް ހޯދުމުގައި އަމަލުކުރެވޭނީ އެކަމަށް ފުލުހުން ކަނޑައަޅާފައިވާ އިޖްރާއަތްތަކާ އެއްގޮތްވާ ގޮތުގެމަތިން މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ.

 

5 ވަނަ މާއްދާ – މިގަވާއިދަށް އަމަލު ކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

6 ވަނަ މާއްދާ – ގައިދީން ނުވަތަ ބަންދުމީހުންެގެ ފޮޓޯ ނެގުން

(ހ) މޯލްޑިވްސް ކަރެކްސަނަލް ސަރވިސްގެ ރަަސްމީ ބޭނުމަށް، ޖަލުގައި ބަންދުކުރެވޭ ކޮންމެ މީހެއްގެވެސް ފޮޓޯ ނަގަންވާނެއެވެ. މިގޮތަށް ފޮޓޯ ނަގާއިރު އެމީހެއްގެ އިސްކޮޅު އެނގޭ ގޮތަށް ފޮޓޯ ނަގަންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގެ ދަށުން ފޮޓޯނެގޭ މީހަކު ފޮޓޯ ނަގާ ވަގުތު މޫނުގައި ނުވަތަ މޫނުގެ ބައެއްގައި އަޅައިގެން ހުރި އެއްޗެއް ނެގުމަށް ޑައިރެކްޓަރ އޮފް ޕްރިޒަން އަންގަވާ ގޮތެއްގެ މަތިން ޖަލު އޮފިސަރުން އަމަލުކުރަން ވާނެއެވެ.

(ނ) ގައިދީ ނުވަތަ ބަންދުމީހާ، މިމާއްދާގެ (ށ) ގައި ބުނެފައިވާ ގޮތަށް އަމަލު ނުކޮށްފިނަމަ، ޑައިރެކްޓަރ އޮފް ޕްރިޒަން އަންގަވާ ގޮތެއްގެ މަތިން އެއެއްޗެއް ނެގުމުގެ އިހުތިޔާރު ޖަލު އޮފިސަރުންނަށް ލިބިގެންވެއެވެ.

(ރ) ގައިދީއެއްގެ ނުވަތަ ބަންދުމީހެއްގެ އެއްވެސް ފޮޓޯއެއް ދައުލަތުގެ ރަސްމީ ބޭނުމަށް، ކަމާބެހޭ އެއްވެސް ފަރާތަކަށް ދޭންވާނީމ ޑައިރެކްޓަރ އޮފް ޕްރިޒަން ނުވަތަ ކޮމިށަނަރ އޮފް ޕްރިޒަންސްގެ ހުއްދަ ލިބިގެންނެވެ.

 

7 ވަނަ މާއްދާ – ގައިދީން ނުވަތަ ބަންދުމީހުންގެ އިނގިލީގެ ނިށާންގެ ސާމްޕަލް ނެގުން

(ހ)  ޖަލަށް ގެނެވޭ ކޮންމެ މީހެއްގެވެސް އިނގިލީގެ ނިށާން ނެގުމުގެ އިހުތިޔާރު ޖަލު އޮފިސަރުންނަށް ލިބިގެންވެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތިން އިނގިލީގެ ނިށާން ނެގުމަށް ބޭނުންވާ މީހާ އެކަމަށް އުޒުރުވެރިވާނަމަ ނުވަތަ އިންކާރުކުރާނަމަ، އެމީހެއްގެ އިނގިލީގެ ނިށާން ނަގަން ވާނީ ޑައިރެކްޓަރ އޮފް ޕްރިޒަން އަންގަވާ ގޮތެއްގެ މަތިން ކޮމިށަނަރ އޮފް ޕްރިޒަންސްގެ ހުއްދަ ލިބިގެންނެވެ.

(ނ) މިމާއްދާގެ (ށ) ގައި ބުނެފައިވާ ހުއްދަ ލިޔުމުން ރެކޯޑް ކުރަންވާނެއެވެ. އަދި މިހުއްދަ އަނގަބަހުން ދެވޭ ހާލަތްތަކުގައި، ލަސްނުކޮށް ލިޔުމަކުން ރެކޯޑް ކުރަންވާނެއެވެ.

(ރ) މީހެއްގެ އިނގިލީގެ ނިށާން ކުރިން ނެގިފައި ވީނަމަވެސް، އެމީހާގެ އެނިށާނަކީ ފުރިހަމައަށް ނެގިފައިވާ އެއްޗެއް ނޫންނަމަ، ނުވަތަ އެމީހާގެ ނެގިފައިވާ ހުރިހާ އިނގިލީގެ ނިށާނަކީ ތަހުލީލުކޮށް ބަލައިގެން ނަތީޖާއެއް ނުނެރެވޭ ފަދަ އިނގިލީގެ ނިށާންތަކެއްނަމަ، އެމީހާގެ އިނގިލީގެ ނިށާން އަލުން ނަގަންވާނެއެވެ.

(ބ) މިމާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެ މަތިން، އެމީހެއްގެ ރުހުން ނެތި އިނގިލީގެ ނިށާން ނެގޭ މީހުންނަށް، އެމީހުންގެ އިނގިލީގެ ނިށާން އެގޮަތަށް ނަގަން ޖެހުނު ސަބަބު އަންގަންވާނެއެވެ. އަދި ރުހުން ނެތި އިނގިލީގެ ނިށާން ނެގިކަން ލިޔުމުން ރިކޯޑް ކުރަންވާނެއެވެ.

(ޅ) އިނގިލީގެ ނިށާން ކަމުގައި ބުނެފައިވާ މާނައިގައި، އަތްތިލަ، ފައިތިލަ އަދި އިނގިލީގައި ހުންނަ ފްރިކްށަން ރިޖްތަކުގެ ނިށާންތައް ހިމެނެއެވެ.

 

8 ވަނަ މާއްދާ – ޑީ.އެން.އޭ އަދި އެހެނިހެން ޓެސްޓްތައް ހެދުމަށްޓަކައި ހަށިގަނޑުން ސާމްޕަލް ނެގޭނެ ހާލަތްތައް

(ހ) މެޑިކަލް އެސެސްމަންޓްތައް ހެދުމަށް؛

(ށ) މެޑިކަލް ފަރުވާއެއް ހޯދުމަށްޓަކައިި ޑޮކްޓަރު ނުވަތަ މެޑިކަލް އޮފިސަރ އެންގުމުން؛

(ނ) މަސްތުވާ ތަކެތި ނުވަތަ މަނާކުރެވިފައިވާ ބޭހެއް ބޭނުންކޮށްފައި ވޭތޯ ބެލުމަށް؛

(ރ) ތަހުގީގު ކުރުމަށް؛

 

9 ވަނަ މާއްދާ – ޑީ.އެން.އޭ އަދި އެހެނިހެން ޓެސްޓްތައް ހެދުމަށްޓަކައި ހަށިގަނޑުން ސާމްޕަލް ނެގުން

(ހ) ޖަލުގައި ބަންދުކުރެވޭ ގައިދީން ބަންދުމީހުންގެ ޑީ.އެން.އޭ އަދި އެހެނިހެން ޓެސްޓްެތައް ހެދުމަށްޓަކައި ހަށިގަނޑުގެ އެތެރެއިން އެމީހެއްގެ ރުހުމުގައި ސާމްޕަލް ނެގުމުގެ އިހްތިޔާރު ޖަލު އޮފިސަރުންނަށް ލިބިގެންވެއެވެ. މިގޮތުން މިކަން ކުރަންވާނީ ޑައިރެކްޓަރ އޮފް ޕްރިޒަން ގެ ހުއްދަ ލިބިގެންނެވެ.

(ށ) މިމާއްދާގެ (ހ) ގެ ދަށުން އެވަގުތަކު އެޖަލެއްގެ ޑިއުޓީގައި ހުރި އެންމެ އިސް ޖަލު އޮފިސަރަކު، ހަށިގަނޑުގެ އެތެރެއިން ސާމްޕަލް ނެގުމަށް ދީފައިވާ ހުއްދަ ލިޔުމުން ރެކޯޑް ކުރަން ވާނެއެވެ. އަދި މިހުއްދަ އަނގަބަހުން ދެވޭ ހާލަތްތަކުގައި، ލަސްނުކޮށް ލިޔުމުން ރިކޯޑް ކުރަންވާނެއެވެ.

(ނ) ހަށިގަނޑުގެ އެތެރެއިން ކުޑަކަމުދާ ތަކެތި ފިޔަވައި އެހެން ސާމްޕަލެއް ނެގުމަށް ބޭނުންވާ މީހާ އެސާމްޕަލް ދިނުމަށް އިންކާރުކޮށްފިނަމަ، އެމީހާގެ ހަށިގަނޑުން ސާމްޕަލް ނެގޭނީ ކޯޓު އަމުރެއް ލިބިގެންނެވެ.

(ރ) ކުރީގެ މަރުހަލާއެއްގައި މީހެއްގެ ހަށިގަނޑުގެ އެތެރެއިން ސާމްޕަލް ނެގިފައި ވީނަމަވެސް އެސާމްޕަލްއަކީ ފުރިހަމައަށް ނެގިފައިވާ އެއްޗެއް ނޫންނަމ، ނުވަތަ އެމީހެއްގެ ނެގިފައިވާ ސާމްޕަލްތަކަކީ ތަހުލީލުކޮށް ބަލައިގެން ނަތީޖާއެއް ނުނެރެވޭ ފަދަ ސާމްޕަލްތަކެއްނަމަ، އެފަދަ މީހެއްގެ ސާމްޕަލް މި ގަވާއިދުގައިވާ ގޮތުގެ މަތިން އަލުން ނަގަންވާނެއެވެ.

(ބ) ކުޑަކަމުދާ ތަކެތި ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ ސާމްޕަލްއެއް ޖަލުގައި ހުރި މީހެއްގެ ހަށިގަނޑުގެ ތެރެއިން ނެގޭނީ އަންނަނިވި ފަރާތްތަަކަށެވެ.

  1. މިނިސްޓްރީ އޮފް ހެލްތްގައި ރަޖިސްޓަރީކުރެވިފައިވާ މެޑިކަލް ޕްރެކްޓިށަނަރެއް، ނުވަތަ ޑޮކްޓަރެއް،
  2. މިނިސްޓްރީ އޮފް ހެލްތުގައިި ރަޖިސްޓަރީކުރެވިފައިވާ ހެލްތް ކެއަރ ޕްރޮފެށަނަލެއް ނުވަތަ ސިއްހީ އެހީތެރިއެއް،

(ޅ) ކަމާގުޅޭ ތަމްރީން ލިބިފައިވާ، ޖަލުގައި މަސައްކަތްކުރާ ކޮންމެ ޖަލު އޮފިސަރަކަށްވެސް ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނެގިދާނެއެވެ.

(ކ)  މިމާއްދާގައި ހަށިގަނޑުގެ އެތެރެއިން ނެގޭ ސާމްޕަލްކަމަށް ބުނެފައިއެވަނީ ދަތްޕިލައިގެ ނިށާން، ލޭ، ޕިއުބިކް ހެއަރ (ޖިންސީ ގުނަވަނާއި އެގުނަވަނުގެ ވަށައިގެންވާ ސަރަހައްދުގައި ހުންނަ އިސްތަށި) އަދި ހަށިގަނޑުގެ ހުޅުވިފައި ހުންނަ ގުނަވަންތަކުން ނެގޭ ސާމްޕަލްއެވެ. މީގެ ތެރެއިން އަނގައިން ނެގޭ ސާމްޕަލް ނިހިމެނެއެވެ.

 

10 ވަނަ މާއްދާ – ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރު ކުރުން

ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކުރިކަމަށް ބަލާނީ، ތިރީގައި މިވާ ހާލަތްތަކުން ކުރެ، ހާލަތެއް މެދުވެރިވުމުންނެވެ.

(ހ) ކުޑަކަމުދާ ތަކެތި ދިނުމަށް އެންގުމުން ނުދޭނެކަމަށް ކަނޑައެޅިގެން ބުނުން،

(ށ) ކުޑަކަމުދާ ތަކެތި ދިނުމަށް އެންގުމުން 8 (އަށެއް) ގަޑިއިރުގެ ތެރޭގައި، ކުޑަކަމުދާ ތަކެތި ނުދިނުން،

(ނ) ކުޑަކަމުދާ ތަކެތި ދިނުމަށް އެންގުމުން ކުޑަކަމުދާ ތަކެތި ނުދީ ހުރެ އަމިއްލަ ހަށިގަނޑަށް ކުޑަކަމުދިއުން،

(ރ) ކުޑަކަމުދާ ތަކެތި ދިނުމަށް އެންގުމުން ކުޑަކަމުދާ ތަކެތި ނުދީ ހުރެ ކުޑަކަމުދިއުން،

(ބ) ކުޑަކަމުދާ ތަކެތި ދިނުމަށް އެންގުމުން ކުޑަކަމުދާ ތަކެތި ދިނުމުގެ ތެރޭގައި ގަޑުބަޑުކުރުން ނުވަތަ ގަޑުބަޑުކުރުމަށް މަސައްކަތް ކުރުން،

(ޅ) ކުޑަކަމުދާ ތަކެތި ދިނުމަށް އެންގުމުން ކުޑަކަމުދާތަކެތި ދިނުމުގެ ތެރޭގައި ކުޑަކަމުދާ ތަކެތި ނައްތާލުން ނުވަތަ ނައްތާލަން މަސައްކަތް ކުރުން،

 

11 ވަނަ މާއްދާ – ފިޔަވަޅު އެޅުން

މި ގަވާޢިދާ ހިލާފުވާ މީހުންނާމެދު އަމަލު ކުރެވޭނީ "ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ގަވާއިދު" އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

މައި ގާނޫނު

ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 14/2013)

 

 

 

ގެޒެޓު ކުރެވުނު ގޮތް

ކިޔުންތެރިންގެ ޚިޔާލު

Please login below to comment.
Login via Twitter.com