އެއްވަނަ ބާބު
ތައާރުފު
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ ގާނޫނު ނަންބަރު 2014-24 (ސްޕެށަލް އިކޮނޮމިކް ޒޯނުގެ ގާނޫނު) ގެ ދަށުން އެކުލަވައިލާފައިވާ ބޯޑް އޮފް އިންވެސްޓްމަންޓްސް ހިންގާނެގޮތުގެ ގަވާއިދެވެ.
(ށ) މި ގަވާއިދުގެ ދިގު ނަމަކީ، "ބޯޑް އޮފް އިންވެސްޓްމަންޓްސްގެ ގަވާއިދު" އެވެ. މި
ގަވާއިދަށް ކުރުކޮށް ކިޔާނީ، "ބޯޑުގެ ގަވާއިދު" މިހެންނެވެ.
2 ވަނަ މާއްދާ - ދާއިރާ
(ހ) މިއީ ގާނޫނުގައި، ބަޔާންކުރާ ޒޯނުތައް ހިންގުމުގައި، ބޯޑުގެ ދައުރު އަދާކުރަންޖެހޭ ހާލަތްތަކުގައި ބޯޑުގެ ދައުރު އަދާކުރާނެގޮތް ބަޔާންކުރާ، އަދި ބޯޑު ހިންގާނެގޮތުގެ އިދާރީ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.
(ށ) ގާނޫނުގެ ދަށުން އުފައްދާ ޒޯންތަކާ ގުޅޭގޮތުން ބޯޑުން ނިންމާ ނިންމުންތައް ނިންމުމުގައި، އަމަލުކުރާނީ، ގާނޫނަށާއި މި ގަވާއިދަށެވެ.
3 ވަނަ މާއްދާ - ބޯޑުގެ ޒިންމާ
ބޯޑުގެ ޒިންމާއަކީ، ގާނޫނުން ބޯޑާ ހަވާލުކޮށްފައިވާ އަންނަނިވި މަސްއޫލިއްޔަތުތައް އަދާކުރުމެވެ:
(ހ) ޒޯނެއް ތަރައްގީކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުމާ އެއްގޮތަށް ހުއްދަދިނުން ނުވަތަ އެ ހުށަހެޅުމަށް ބަދަލުގެނެސް އަލުން ހުށަހެޅުމަށް އެންގުން، އަދި އެގޮތަށް ގެންނަންޖެހޭ ބަދަލުގެނެސް އަލުން ހުށަހެޅުމުން ހުއްދަދިނުން؛ ނުވަތަ އެ ހުށަހެޅުން ބަލައިގަނެވެން ނެތްކަމަށް ނުވަތަ އެ ހުށަހެޅުމުގެ މައްޗަށް ހުއްދަދެވެން ނެތްކަމަށް ސަބަބު ބަޔާންކޮށް ކަނޑައަޅައި، އެކަން ހުށަހެޅުން ހުށަހެޅި ފަރާތަށް އެންގުން؛
(ށ) ޒޯން ގާއިމުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ދިރާސާކޮށް، ވަޒަންކޮށް އެ ހުށަހެޅުންތަކާމެދު ގޮތެއް ކަނޑައެޅުން؛
(ނ) ޒޯން ގާއިމުކުރުމާއި، ހިންގުމާއި ބެލެހެއްޓުމާގުޅޭ ސިޔާސަތުތައް ކަނޑައެޅުން؛
(ރ) ޒޯން ގާއިމުކުރުމާއި، ހިންގުމާއި ބެލެހެއްޓުމާގުޅޭ ގަވާއިދުތައް ހެދުން؛
(ބ) ޒޯނެއްގައި ހިންގުމަށް ގާނޫނު ހުއްދަކުރާ ގިންތިތަކުގެ ތެރޭގައި ކުރެވިދާނެ ނުވަތަ ހުއްދަކުރެވިދާނެ ހަރަކާތްތަކުގެ ތަފްސީލުތައް ކަނޑައެޅުމާއި، އެއިން ޒޯނެއްގައި ކުރުމަށް ހުށަހަޅާ ކަންކަމަކީ، ގާނޫނުގެ ދަށުން ހުއްދަކުރާ ދާއިރާއެއްގެ ހަރަކާތެއްކަން ކަށަވަރުކުރުމާއި ކަމާބެހޭ ގަވާއިދު ހަދައި ހިންގުން؛
(ޅ) ޒޯނެއްގައި އިންވެސްޓްކުރާ އިންވެސްޓަރުންގެ ވަކިވަކި އިންވެސްޓްމަންޓްތަކަށް އިންވެސްޓްމަންޓް ލައިސަންސް ދޫކުރުން؛
(ކ) ޒޯނެއް ގާއިމުކުރާ ޑިވެލޮޕަރުންނާއި އެ ޒޯނުގައި އިންވެސްޓްކުރާ އިންވެސްޓަރުން ސަރުކާރުގެ އިދާރާތަކުން ހޯދަންޖެހޭ އެންމެހައި ހުއްދަތަކަށް އެދި ހުށަހަޅަންޖެހޭ ފަރާތަކީ ބޯޑު ކަމުގައި ކަނޑައެޅުމާއެކީ، އަދި އެންމެހައި ހުއްދަތަކާއި ލައިސަންސްތަކާއި ޕާރމިޓްތައް ދޫކުރުމުގެ އިންތިޒާމްތައް ހަމަޖައްސައި، އެ ހުއްދަތަކާއި ލައިސަންސްތަކާއި ޕާރމިޓްތައް ދޫކުރުން؛
(އ) ޒޯނުގައި ކުރާ އިންވެސްޓްމަންޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބަލައި ވަޒަންކޮށް، އެ އިންވެސްޓްމަންޓްތަކާބެހޭ ރިޕޯޓުތައް މިނިސްޓަރަށް ހުށަހެޅުން؛
(ވ) ޒޯނުތަކަށް ލިބިދާނެ ގެއްލުންތަކަށާއި ރިސްކްތަކަށާއި އެ ޒޯނުތަކުގެ ލަޔަބިލިޓީތަކަށް ބަލައި އިންށުއަރކުރަންޖެހޭ ކަންކަން ކަނޑައެޅުން؛
(މ) ގާނޫނުގެ ދަށުން އެހެން އިދާރާއަކުން ހެދުން ލާޒިމުކޮށްފައިވާ ގަވާއިދުތައް ފިޔަވައި، އެހެން ގަވާއިދުތައް ހެދުން؛
(ފ) ގާނޫނުގެ ދަށުން ބޯޑުން ދޭ ހިދުމަތްތަކުން ނަގަންޖެހޭ ފީއާއި އަގު ކަނޑައެޅުން؛
(ދ) ޒޯނުތައް ގާއިމުކުރާ ޑިވެލޮޕަރުންނާއި ދިވެހި ސަރުކާރާ ދެމެދު އެކުލަވާލައި އިންވެސްޓްމަންޓް އެގްރިމަންޓްތަކާއި އެހެނިހެން އެއްބަސްވުންތައް ސޮއިކުރުން؛ އަދި
(ތ) އާންމުގޮތެއްގައި، ގާނޫނުގެ ދަށުން ބޯޑަށް ލިބިގެންވާ ބާރުތައް ތަންފީޒުކުރުމަށްޓަކައި އަދި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކުރަންޖެހޭ، ނުވަތަ އެކަމަށް މަގުފަހިކުރާ ނުވަތަ އެކަމާގުޅޭ އެންމެހައި ކަންކަން ކުރުން، މިއެވެ.
ދެވަނަ ބާބު
ބޯޑު އެކުލެވިގެންވާގޮތް
4 ވަނަ މާއްދާ - ބޯޑުގެ މެންބަރުން:
(ހ) ބޯޑު އެކުލެވިގެންވަނީ، 5 މެންބަރުންގެ މައްޗަށެވެ.
(ށ) ބޯޑަށް މެންބަރުން އައްޔަންކޮށް، ވަކިކުރާނީ، އަދި ބޯޑުގެ މެންބަރުންގެ އުޖޫރައާއި އިނާޔަތް ކަނޑައަޅާނީ ގާނޫނުގެ 58 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާއެވެ.
(ނ) ބޯޑަށް އައްޔަންކުރާ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތަކީ، އޭނާ ބޯޑަށް އައްޔަންކުރާ ތާރީހުން ފެށިގެން 5 އަހަރުދުވަހެވެ. ގާނޫނުގެ 61 ވަނަ މާއްދާގެ (ކ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ވަކިކުރާ މެންބަރަކު ފިޔަވައި، އެހެން ކޮންމެ މެންބަރަކުވެސް ބޯޑުގެ މެންބަރުކަމުގެ އިތުރު އެއް ދައުރަށް އައްޔަންކުރުމުގެ އިހްތިޔާރު، ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.
5 ވަނަ މާއްދާ - ޗެއަރޕަރސަންއާއި ވައިސް ޗެއަރޕަރސަން:
(ހ) ބޯޑުގެ ޗެއަރޕަރސަންއާއި ވައިސް ޗެއަރޕަރސަންގެ ގޮތުގައި ހުންނާނީ ބޯޑަށް އައްޔަންކުރާ މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މީހެކެވެ.
(ށ) ޗެއަރޕަރސަންއާއި ވައިސް ޗެއަރޕަރސަންގެ މަގާމަށް ކަނޑައަޅާ މީހަކު އިސްތިއުފާދޭން ބޭނުންވެއްޖެ ހިނދެއްގައި، އޭނާގެ އިސްތިއުފާ ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
(ނ) ޗެއަރޕަރސަން ނުވަތަ ވައިސް ޗެއަރޕަރސަން އޭނާގެ މަގާމުން އިސްތިއުފާދީފިނަމަ، ނުވަތަ މި މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން އޭނާ ޗެއަރޕަރސަންކަމުން ނުވަތަ ވައިސް ޗެއަރޕަރސަންކަމުން ވަކިކޮށްފިނަމަ، 30 ދުވަހުގެ ތެރޭގައި އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު ކަނޑައަޅަންވާނެއެވެ.
(ރ) ޗެއަރޕަރސަން ނުވަތަ ވައިސް ޗެއަރޕަރސަން އެކަށީގެންވާ ގޮތެއްގައި އޭނާގެ މަގާމު އަދާކުރަމުން ނުދާކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެނަމަ، އޭނާ އެ މަގާމުން ވަކިކުރެވިދާނެއެވެ.
(ބ) ޗެއަރޕަރސަން ނުވަތަ ވައިސް ޗެއަރޕަރސަން އެ މަގާމުން ވަކި ކުރިނަމަވެސް، އޭނާ ބޯޑުގެ މެންބަރުކަމުން ވަކިނުކުރާހާހިނދަކު، އޭނާ ބޯޑުގެ މެންބަރެއްގެ ގޮތުގައި ދެމިހުންނާނެއެވެ.
ތިންވަނަ ބާބު
ބޯޑުގެ ބައްދަލުވުންތައް
6 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުންތައް ބާއްވާނެ މުއްދަތު
(ހ) ބޯޑަށް ހުށަހެޅޭ އެކިއެކި ކަންކަން ބަލައި ގޮތެއް ކަނޑައެޅުމަށްޓަކައި މަދުވެގެން، ކޮންމެ އަހަރަކު 4 ބައްދަލުވުން ބާއްވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެންއޮތްކަމުގައިވީނަމަވެސް، މަސައްކަތް ހުރިކަމުގައިވާނަމަ މަދުވެގެން މަހަކު އެއްފަހަރު ބޯޑުގެ ބައްދަލުވުމެއް ބާއްވަންވާނެއެވެ.
(ނ) ބޯޑުގެ އެއް ބައްދަލުވުމާއި އަނެއް ބައްދަލުވުމާ ދެމެދު މަސްދުވަހަށްވުރެ ގިނަދުވަސް ފާއިތުވެގެން ނުވާނެއެވެ.
7 ވަނަ މާއްދާ - ބައްދަލުވުން ބާއްވާ ތަން
(ހ) އުސޫލެއްގެ ގޮތުން ބޯޑުގެ ބައްދަލުވުންތައް ބާއްވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
(ށ) މި މާއްދާގެ (ހ) އެހެންއޮތްކަމުގައިވީނަމަވެސް، ދިމާވާ ހާލަތެއްގައި ބޯޑުގެ ބައްދަލުވުންތައް އެނޫން ތަނެއްގައި ބޭއްވުމަށް ބޯޑުގެ ޗެއަރޕަރސަނަށް ކަނޑައެޅިދާނެއެވެ.
8 ވަނަ މާއްދާ - ލާޒިމް ބައްދަލުވުން
(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބުނާ ބައްދަލުވުންތަކުގެ އިތުރުން، ކޮންމެ އަހަރެއްގެ ޖަނަވަރީމަހުގެ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި ބޯޑުގެ ބައްދަލުވުމެއް ބާއްވަން މި ގަވާއިދު ބޯޑުގެ މައްޗަށް ލާޒިމުކުރެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބައްދަލުވުމުގައި، ވޭތުވެދިޔަ އަހަރު ބޯޑުން ކޮށްފައިވާ ކަންކަން މުރާޖައާކުރުމާއި، ކުރިއަށް އޮތް އަހަރަށް ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ނެރެންޖެހޭ ގަރާރުގައި ހިމަނަންވާނެ އިންވެސްޓްމަންޓުގެ ދާއިރާތަކާއި، އެ އިންވެސްޓްމަންޓުތަކުގެ އެންމެމަދު މިންގަނޑުތައް ބޯޑުން ކަނޑައަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބައްދަލުވުން ކޮންމެ އަހަރެއްގެ ޖަނަވަރީމަހުގެ ތެރޭގައި ބާއްވަނީ، އެ މަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރަށް އެހީތެރިވެދިނުމުގެ ގޮތުން ދޭންޖެހޭ ލަފާދިނުމުގެ ގޮތުންނެވެ.
9 ވަނަ މާއްދާ - ނޯޓިސްދިނުން
(ހ) ބޯޑުގެ ބައްދަލުވުމެއް ބާއްވާނީ، ބޯޑުގެ ޗެއަރޕަރސަން ބޯޑުގެ ސެކްރެޓަރީ ޖެނެރަލް މެދުވެރިކޮށް ބޯޑުގެ މެންބަރުންނަށް ނޯޓިސް ފޮނުވައިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ނޯޓިހުގައި، ބައްދަލުވުން ބާއްވާ ތަނާއި ދުވަހާއި، ވަގުތު ކަނޑައަޅާފައި އޮންނަންވާނެއެވެ. އަދި ވީވަރަކުން، ބައްދަލުވުމުގެ އެޖެންޑާއަކީ ކޮބައިކަން އެ ނޯޓިހުގައި ބަޔާންކުރަންވާނެއެވެ.
(ނ) ރައީސުލްޖުމްހޫރިއްޔާގެ ބޭނުމަކަށް މި މާއްދާގެ (ހ) ގައި ބަޔާންކުރާ ނޯޓިސް ދިނުމަކާ ނުލައި، ބޯޑުގެ ބައްދަލުވުމެއް ބޭއްވިދާނެއެވެ.
10 ވަނަ މާއްދާ - ގާނޫނީ އަދަދު
(ހ) ބޯޑުގެ ބައްދަލުވުމެއް ސައްހަވާނީ އެބޯޑު މެންބަރުންގެ ޖުމްލަ އަދަދަށް ނިސްބަތްވާ މެންބަރުންގެ އައްލަބިއްޔަތާ އެއްވަރުގެ އަދަދަކަށް މެންބަރުން ހާޒިރުވުމުންނެވެ. ބޯޑުގެ ބައްދަލުވުމެއް ފަށަންވާނީ ގާނޫނީ އަދަދަށް މެންބަރުން ހާޒިރުވެގެންނެވެ. އަދި ހިނގަމުންދާ ބައްދަލުވުމެއްގައި އެ އަދަދަށްވުރެ މެންބަރުން މަދުވެއްޖެނަމަ، އެ ބައްދަލުވުން މެދުކަނޑާލަންވާނެއެވެ.
(ށ) ގާނޫނީ އަދަދު ހަމަނުވާ ބައްދަލުވުމެއްގައި ރަސްމީ އެއްވެސް މަސައްކަތެއް ބޯޑުން ކުރިއަށް ގެންގޮސްގެން ނުވާނެއެވެ. ނުވަތަ ރަސްމީ އެއްވެސް ކަމެއް ނިންމައިގެން ނުވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) އެހެންއޮތްނަމަވެސް ނުރަސްމީގޮތެއްގައި ކަންކަމާމެދު މަށްވަރާކުރުމާއި ހާޒިރުވެތިބި މެންބަރުންގެ ހިޔާލު ހޯދުމުގެ މަސައްކަތް، އެ ބައްދަލުވުމުގައި ކުރިއަށް ގެންދެވިދާނެއެވެ. އެކަމަކު، އެއިން އެއްވެސްކަމެއް ސައްހަވާނީ، ގާނޫނީ އަދަދު ހަމަވާ ބޯޑުގެ ބައްދަލުވުމަކަށް އެކަމެއް ހުށަހަޅައި، އެކަމާމެދު އެފަދަ ބައްދަލުވުމެއްގައި ގޮތެއް ނިމުމުންނެވެ.
11 ވަނަ މާއްދާ - އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ބާއްވާ ބައްދަލުވުން
(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާއާއި 10 ވަނަ މާއްދާގައި އެހެން އޮތްކަމަށްވީނަމަވެސް، ބޯޑުގެ ބައްދަލުވުމެއް ޓެލެފޯން ކޮންފަރެންސް މެދުވެރިކޮށް ނުވަތަ އިލެކްޓްރޯނިކް ކޮމިއުނިކޭށަން މެދުވެރިކޮށް، ނުވަތަ އެނޫންވެސް މުވާސަލާތީ ޒަމާނީ ވަސީލަތެއް ބޭނުންކޮށްގެން ބޭއްވިދާނެއެވެ.
(ށ) މި ގަވާއިދުގެ 9 ވަނަ މާއްދާއާއި 10 ވަނަ މާއްދާގައި އެހެން އޮތްކަމަށްވީނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބޭއްވޭ ބައްދަލުވުމެއް ސައްހަވާނީ ހުރިހާ މެންބަރުންނަށްވެސް ވާހަކަދައްކައި، އެއް މެންބަރަކު ދައްކާ ވާހަކައަށް އަނެއް މެންބަރަކަށް ހިޔާލުފާޅުކުރެވޭނެގޮތަށް ފުރުސަތު ހުޅުވިފައި އޮންނަ ވަސީލަތެއް ބޭނުންކޮށްގެން އެ ބައްދަލުވުން ބާއްވާނަމައެވެ.
12 ވަނަ މާއްދާ - ސަރކިއުލަރ ނިންމުން
(ހ) މެންބަރުންގެ މެދުގައި ދައުރުކުރާ ސަރކިއުލަރެއް މެދުވެރިކޮށްވެސް ބޯޑުގެ ބައްދަލުވުންތައް ބާއްވައި ކަންކަން ނިންމިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހިންގާ ސަރކިއުލަރ ބައްދަލުވުމެއްގައި ދައުރުކުރާ ސަރކިއުލަރގައި ތިމާއަށް ފެންނަގޮތް ބަޔާންކޮށް ސޮއިކުރުމުން އެއީ ބޯޑުގެ ބައްދަލުވުމުގައި ބައިވެރިވެ ވޯޓު ދިނީކަމުގައި ބެލެވޭނެއެވެ. އަދި މައްސަލައިގައި ފެންނަކަމަށް ސޮއިކުރި ފަރާތްތަކުގެ އަދަދު، ބޯޑުގެ މެންބަރުންގެ އައްލަބިއްޔަތަށްވުރެ އިތުރުކަމުގައިވާނަމަ އެއީ ބޯޑުގެ ރަސްމީ ބައްދަލުވުމެއްގައި ނިންމި ނިންމުމެއްކަމުގައި ބެލެވޭނެއެވެ.
13 ވަނަ މާއްދާ - ރިޔާސަތު ބެލެހެއްޓުން
(ހ) ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ބޯޑުގެ ޗެއަރޕަރސަނެވެ. ޗެއަރޕަރސަނަށް ހާޒިރުވެވެން ނެތް ހާލަތެއްގައި، ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ ވައިސް ޗެއަރޕަރސަނެވެ.
(ށ) ބޯޑުގެ ޗެއަރޕަރސަން ނުވަތަ ވައިސް ޗެއަރޕަރސަނަށް ހާޒިރުވެވެންނެތް ހާލަތެއް މެދުވެރިވެއްޖެނަމަ ގާނޫނުގެ 62 މާއްދާގައިވާ ގޮތުގެމަތިން ރިޔާސަތު ބަލަހައްޓާނީ ހާޒިރުވެތިބި މެންބަރުންގެ ތެރެއިން ބޯޑުގެ މެންބަރުން ކަނޑައަޅާ މެންބަރެކެވެ.
14 ވަނަ މާއްދާ - މެންބަރުން ނޫންމީހުން ހާޒިރުވުން
(ހ) ބޯޑުގެ ބައްދަލުވުމެއް ހިނގަމުންދާއިރު ބޯޑުގެ ރަސްމީ ބޭނުމަކަށްޓަކައި ޗެއަރޕަރސަން ކަނޑައަޅާ މީހަކަށް އެ ބައްދަލުވުމަށް ހާޒިރުވުމަށް އެންގުމަށާއި ވޯޓުގައި ބައިވެރިނުވެވޭގޮތަށް އޭނާ އެ ބައްދަލުވުމުގައި ބައިވެރިކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
(ށ) ގާނޫނުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވޯޓުގައި ބައިވެރިނުވެވޭގޮތަށް ބޯޑުން ނިންމަންޖެހޭ މައްސަލައެއް ނިންމުމުގައި އެހީތެރިވެދެވިދާނެ ފަރާތްތަކަށް، ބޯޑުގެ ނިންމުމެއްގެ މަތިން، ބޯޑުގެ ބައްދަލުވުމަށް ހާޒިރުވުމަށް ޗެއަރޕަރސަނަށް އެންގިދާނެއެވެ.
15 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލް ބައިވެރިވުން
(ހ) ބޯޑުގެ ބައްދަލުވުންތަކުގައި ބޯޑުގެ ސެކްރެޓަރީ ޖެނެރަލް ބައިވެރިވާންވާނެއެވެ.
(ށ) ބޯޑުގެ ބައްދަލުވުމެއްގައި ސެކްރެޓަރީ ޖެނެރަލަށް ބައިވެރިވެވެން ނެތް ހާލަތެއްގައި ޗެއަރޕަރސަން ކަނޑައަޅާ އެހެންމީހަކަށް ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތު އެ ބައްދަލުވުމުގައި އަދާކުރެވިދާނެއެވެ.
(ނ) ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތު މި ގަވާއިދުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީއެވެ.
16 ވަނަ މާއްދާ - ބޯޑުން ނިންމާ ނިންމުން
(ހ) ބޯޑުގެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް ނިންމަންވާނީ އެ ދުވަހުގެ ބޯޑުގެ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
(ށ) ވޯޓަށް އަހާ ކޮންމެކަމަކަށްވެސް އިއްތިފާގުނުވާ ހާލަތުގައި، މައްސަލައާ އެއްކޮޅަށާއި ދެކޮޅަށް ވަކިން ވޯޓަށް އަހަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން މައްސަލައަކަށް ފުރަތަމަ ވޯޓަށް އަހާއިރު، ވޯޓުގައި ޗެއަރޕަރސަން ބައިވެރިވެގެން ނުވާނެއެވެ.
(ރ) ދެ ފަރާތަށް ދެވޭ ވޯޓުގެ އަދަދު ހަމަހަމަވެއްޖެ ހާލަތެއްގައި އެކަމުގައި ވަކިގޮތެއް ނިންމުމަށްޓަކައި ގޮތެއް ނިންމުމުގެގޮތުން، ވޯޓު ދިނުމުގެ ހައްގު ޗެއަރޕަރސަނަށް ލިބިގެންވެއެވެ.
(ބ) ކޮންމެ ވޯޓެއް ނެގުމަށްފަހުވެސް އެ ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން މައްސަލަ ފާސްކުރުމަށް ނުވަތަ މައްސަލަ ފާސްނުކުރުމަށް ވޯޓު ދިން މީހުންގެ ތަފްސީލު ރެކޯޑަށްޓަކައި ޗެއަރޕަރސަން ފާހަކުރަންވާނެއެވެ.
17 ވަނަ މާއްދާ - ޔައުމިއްޔާ
(ހ) ބޯޑުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ މެމްބަރުން ސޮއިކުރަންވާނެއެވެ.
(ށ) ކޮންމެ ބައްދަލުވުމެއް ނިމޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ބޯޑުގެ ބައްދަލުވުމުގެ ޔައުމިއްޔާ އެ ބޯޑުގެ މެންބަރުންނަށް ފޮނުވަންވާނެއެވެ.
(ނ) އެ ޔައުމިއްޔާގައި ހިމެނޭ ކަމަކާ ގުޅޭގޮތުން ޔައުމިއްޔާ ފޮނުވޭ ފަރާތަކުން ވަކިކަމެއް ކުރަންޖެހޭ ކަމަށްވާނަމަ އިތުރު ފަރާތެއްގެ އެންގުމަކާ ނުލައި އެކަމެއް ކުރުމުގެ ބާރު އެ ޔައުމިއްޔާ ރައްދުވި ފަރާތަށް ލިބިގެންވެއެވެ.
ހަތަރުވަނަ ބާބު
އިނާޔަތްދިނުން
18 ވަނަ މާއްދާ - އިނާޔަތްތައް
ގާނޫނުގެ ދަށުން އުފައްދާ ޒޯންތަކަށް ނުވަތަ ޒޯންތަކުގެ ޑިވެލޮޕަރުންނަށް ނުވަތަ ޒޯންތަކުގެ އިންވެސްޓަރުންނަށް ލިބިދޭ އިނާޔަތްތައް ގާނޫނުގެ 11 ޖަދުވަލު 1 ގައި އެވަނީއެވެ.
19 ވަނަ މާއްދާ - އިނާޔަތްތައް ދެމެހެއްޓުމަށް އަޅާ ފިޔަވަޅު
(ހ) ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ތައާރުފުކުރާ އެހެން ގާނޫނެއްގެ ދަށުން އަލަށް ތައާރުފުކުރާ ޓެކުހެއްގެ ސަބަބުން ނުވަތަ އޭރުވެސް ނަގަމުންދާ ޓެކުހެއްގެ މިންވަރަށް ގެންނަ ބަދަލެއްގެ ސަބަބުން ގާނޫނުގެ ދަށުން ޒޯންތަކަށް ނުވަތަ ޒޯންތަކުގެ ޑިވެލޮޕަރުންނަށް ނުވަތަ ޒޯންތަކުގެ އިންވެސްޓަރުންނަށް ލިބިދެމުންއައި އެއްވެސް އިނާޔަތަކަށް ނޭދެވޭ ބަދަލެއް އަންނަކަމަށްވާނަމަ އެ ޒޯންތަކުގެ ޑިވެލޮޕަރުންނާއެކު ބޯޑުން ސޮއިކޮށްފައިވާ އިންވެސްޓްމަންޓް އެގްރިމެންޓުގައި އެއްބަސްވެފައިވާގޮތަށް ޒޯންތަކަށް ނުވަތަ ޒޯންތަކުގެ ޑިވެލޮޕަރުންނަށް ނުވަތަ ޒޯންތަކުގެ އިންވެސްޓަރުންނަށް ދެވޭ އިނާޔަތް ދެމެހެއްޓުމަށްޓަކައި ފަހުން ތައާރުފުކުރާ ޓެކްސް ދެއްކުމުން ނުވަތަ ފަހުން އިތުރުކުރާ ޓެކުހެއްގެ މިންވަރު ދެއްކުމުން އެ ޒޯނެއްގެ ނުވަތަ އެ ޒޯނެއްގެ ޑިވެލޮޕަރު ނުވަތަ އެ ޒޯނެއްގެ އިންވެސްޓަރު އިސްތިސްނާކުރުމުގެ ބާރު ގާނޫނުގެ 23 މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން އިތުރުކުރެވުނު ޓެކުހުގެ މިންވަރުން ނުވަތަ އަލަށް ތައާރުފުކުރެވުނު ޓެކުހުގެ މިންވަރުން އިސްތިސްނާއެއް ދިނުމުގައި އަންނަނިވި ނުކުތާތަކަށް ބޯޑުން ރިއާޔަތްކޮށް ކަމާގުޅޭގޮތުން ބޯޑަށް ފެންނަގޮތް ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
- ޒޯނެއްގައި އެކުލެވިގެންވާ ސަރަހައްދަށާއި ވަށައިގެންވާ ސަރަހައްދަށް ހަރަކާތްތެރިކަމާއި ތަނަވަސްކަމާއި، އުފެއްދުންތެރިކަން އަންނަމުންދާ މިންވަރު ނުވަތަ އަންނާނެ މިންވަރު.
- ގައުމީ ތަރައްގީގެ ޕްލޭންގައި ނުވަތަ ސަރުކާރުގެ ސިޔާސަތުގައި ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދަކަށް އެ ސަރަހައްދުވުމާއި ޒޯނުގެ ކާމިޔާބީ އެކަންކަމާ ގުޅިފައިވާ މިންވަރު
- ގައުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރާއި އުމްރާނީ ވަސީލަތްތަކާއި މަގާއި، މުވާސަލާތުގެ ވަސީލަތްތަކާއި، ވިޔަފާރީގެ މަސައްކަތްތައް ކުރިއެރުވުމަށް ޒޯނުގެ ކާމިޔާބީން ފުރުސަތު ލިބިދޭ މިންވަރު
- ތަރައްގީ ގެނައުމަށާއި ތަރައްގީ ފުޅާ ކުރުމަށްޓަކައި އެ ސަރަހައްދު ވަސީލަތަކަށްވާ މިންވަރާއި، ޒޯނުގެ ކާމިޔާބީ އެކަންކަމާ ގުޅިފައިވާ މިންވަރު
- ދިވެހިންނަށް ވަޒީފާގެ ފުރުސަތު ޒޯނުން ތަނަވަސްކުރެވޭ މިންވަރާއި ދިވެހިންނަށް ޒޯނުން ވަޒީފާ ލިބިފައިވާ މިންވަރާއި ދިވެހިންނަށް އެ ޒޯނުން ވަޒީފާ ލިބޭނެކަމަށް އަންދާޒާކުރާ މިންވަރު
- ކުރިން ނެތް ހުނަރު، އެކިއެކި ތަމްރީން ޕްރޮގްރާމްތައް މެދުވެރިކޮށް ދިވެހިންނަށް ދެވިފައިވާ މިންވަރު ނުވަތަ ދިނުމަށް ޒޯނުން ކަނޑައަޅާފައިވާ މިންވަރު
- ޑިވެލޮޕަރާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ އިންވެސްޓްމަންޓް އެގްރިމެންޓާއި އެ ޑިވެލޮޕަރު ނިސްބަތްވާ ގައުމުގެ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ ވިޔަފާރި ކުރިއެރުވުމުގެ އެއްބަސްވުމެއްގައިވާ ބަޔާންވެގެންވާ ހަމަތައް.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް އިތުރުކުރެވުނު ޓެކުހުގެ މިންވަރު ނުވަތަ އަލަށް ތައާރުފުކުރެވުނު ޓެކުހުގެ މިންވަރު އެކުގައި ނުވަތަ އެއިން ބައެއް މައާފުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ އިހްތިޔާރު ބޯޑަށް ލިބިގެންވެއެވެ. އަދި، ކަމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ގޮތެއް ނިންމަންވާނީ، ބޯޑަށް ފެންނަގޮތްކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ބޯޑުން ހުށަހަޅާ ހުށަހެޅުމަށް ނަޒަރުކުރުމަށްފަހުގައެވެ.
20 ވަނަ މާއްދާ - ވަކިކަމަކާ ގުޅިގެން ދެވޭ އިނާޔަތްތައް
(ހ) މި ގާނޫނުގެ ދަށުން ދެވޭ އިނާޔަތްތައްކަމަށް މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އިނާޔަތްތަކުގެ ތެރެއިން، އެންމެންނަށްމެ އެއް ގިންތިއެއްގައި ހިމެނޭކަމަށްވާތީ އެކީއެކަށް ލިބޭ އިނާޔަތް ފިޔަވައި، ވަކިކަމަކާ ގުޅިގެން މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އިނާޔަތްތަކުގެ ތެރެއިން ވަކި އިނާޔަތެއް ނުވަތަ ވަކި އިނާޔަތްތަކެއް ލިބިދެވޭނަމަ އިނާޔަތްތައް ލިބިދެވޭނީ އަންނަނިވި ހާލަތްތަކުގައެވެ:
- ދިވެހި ސަރުކާރުން އިސްކަންދީގެން، ރާއްޖޭގައި ބިނާކުރާ މާއްދީ ނުވަތަ އުމްރާނީ ވަސީލަތްތަކުގެ ތެރެއިން ވަސީލަތެއް، ޒޯނުން ބޭރުގައި، ދިވެހި ސަރުކާރުން ކަނޑައަޅާ ތަނެއްގައި އެ ޑިވެލޮޕަރު ބިނާކުރާކަމަށްޓަކައި، އެ ޑިވެލޮޕަރު ކުރަންޖެހޭ ހަރަދާ މާލީގޮތުން ގާބިލު އިނާޔަތެއް، ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިނުން.
- ގާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ހިންގާ އިގްތިސާދީ މަސައްކަތް ބިނާކުރުމަށާއި އުފެއްދުމަށާއި އޭގެ ހަރަދު ހޯދުމަށް ހިނގާނެ މުއްދަތަށާއި މިންވަރަށް ބަލައި، އެ ނުކުންނަ ހަރަދުގެ ޖުމްލަ ޑިވެލޮޕަރަށް ހޯދައިދިނުމަށްޓަކައި، ގާނޫނުގެ ޖަދުވަލު 1 ގައިވާ އިނާޔަތްތަކުގެ ތެރެއިން އިނާޔަތެއް ނުވަތަ އިނާޔަތްތަކަށް އެ ހަރަދު ބަދަލުކޮށް ޒޯނަށް ނުވަތަ ޒޯންގެ ޑިވެލޮޕަރަށް ނުވަތަ ޒޯންގެ އިންވެސްޓަރަށް ދެވޭ އިނާޔަތް އިތުރުކޮށްދިނުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި ނުވަތަ ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ފިޔަވައި، ވަކި ޑިވެލޮޕަރަކަށް ނުވަތަ ވަކި އިންވެސްޓަރަކަށް ތަފާތު އިނާޔަތެއް ނުވަތަ އިނާޔަތްތަކެއް ދެވިގެނެއް ނުވާނެއެވެ.
ފަސްވަނަ ބާބު
ބޯޑަށް ހުށަހަޅާ ކަންކަން
21 ވަނަ މާއްދާ - އިގްތިސާދީ މަސައްކަތުގެ ހުށަހެޅުން ބޯޑަށް ހުށަހެޅޭނެ ގޮތް
(ހ) ސަރުކާރުގެ ފަރާތުން ކަމުގައިވީނަމަވެސް ނުވަތަ ޑިވެލޮޕަރުގެ ފަރާތުން ކަމުގައިވީނަމަވެސް، ބޯޑަށް ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާނީ ކަމާގުޅޭގޮތުން ބޯޑުން އެކުލަވާލައި މި ގަވާއިދުގެ ޖަދުވަލުގައި ހިމަނާފައި އެވާ ފޯމުގައިވާ މައުލޫމާތުތައް ހިމެނޭގޮތަށް ހުށަހެޅުމެއް ތައްޔާރުކޮށް އެ ފޯމާއެކުގައެވެ. އެ ފޯމުގައި މައިގަނޑުގޮތެއްގައި ހުންނާނީ ގާނޫނުގައި ބަޔާންކޮށްފައިވާ ނުކުތާތަކެވެ.
(ށ) އިގްތިސާދީ މަސައްކަތަކާގުޅޭ ކޮންމެ ހުށަހެޅުމެއް ހުށަހަޅަންވާނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމުގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނޭގޮތުގެ މަތިންނެވެ. އެ ފޯމުގައި ހިމެނޭ ކަންކަން ފުރިހަމަނުވާ ފޯމުތައް ބަލައިނުގަތުމުގެ އިހްތިޔާރު ބޯޑަށް ލިބިގެންވެއެވެ.
(ނ) އެ ހުށަހެޅުމެއް ހުށަހަޅާ އަހަރެއްގައި، ޒޯނެއްގައި ހިންގިދާނެ އިގްތިސާދީ މަސައްކަތްތަކަކީ ކޮބައިކަމާއި އަދި އެއިން ޒޯނެއްގައި ހިމެނޭ ޖުމްލަ އިންވެސްޓްމަންޓްގެ އެންމެކުޑަ މިންގަނޑަކީ ކޮބައިކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ ގަރާރުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށްވުރެ މަދު އަދަދު ހިމެނޭ އިގްތިސާދީ މަސައްކަތްތައް ބަލައިނުގަތުމުގެ އިހްތިޔާރު ބޯޑަށް ލިބިގެންވެއެވެ.
22 ވަނަ މާއްދާ - ބޯޑަށް ހުށަހެޅުންތައް
(ހ) ބޯޑަށް ހުށަހަޅާ ހުށަހެޅުންތައް އަންނަނިވި ބާވަތަށް ބެހިގެންވެއެވެ.
- ސަރުކާރުން އިސްކަންދީގެން، ސަރުކާރުން ފަރުމާކޮށް އެކުލަވާލާ، ހިންގަން ބޭނުންވާ އިގްތިސާދީ މަސައްކަތްތަކުގެ ހުށަހެޅުން އަދި
- ޑިވެލޮޕަރެއްގެ ހައިސިއްޔަތުން ޑިވެލޮޕަރު އަމިއްލައަށް ހިންގުމަށް އެދި ސަރުކާރަށް ހުށަހަޅާ އިގްތިސާދީ މަސައްކަތްތަކުގެ ހުށަހެޅުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އިގްތިސާދީ މަސައްކަތްތަކުގެ ތެރެއިން ސަރުކާރުން ހުށަހަޅާ އިގްތިސާދީ މަސައްކަތްތަކުގެ ހުށަހެޅުން، އަދި ޑިވެލޮޕަރު ހުށަހަޅާ އިގްތިސާދީ މަސައްކަތްތަކުގެ ހުށަހެޅުންވެސް ހުށަހަޅާނީ ބޯޑަށެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދެބާވަތުގެ އިގްތިސާދީ މަސައްކަތްތަކުގެ ހުށަހެޅުންވެސް ބޯޑަށް ހުށަހެޅުމުން، ބޯޑުން އެ އިގްތިސާދީ މަސައްކަތް ދިރާސާކޮށް، ގޮތެއް ނިންމުމުގެ ކުރިން ބޯޑަށް ފެނިއްޖެ ހިނދެއްގައި އެ ހުށަހެޅުންތައް ގާނޫނުގެ 58 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ޓެކްނިކަލް ކޮމިޓީއަށް ފޮނުވިދާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ބޯޑުން ޓެކްނިކަލް ކޮމިޓީ އަށް ފޮނުވައިފި ހިނދެއްގައި ޓެކްނިކަލް ކޮމިޓީން ދިރާސާކުރުމަށްފަހު، އެ ކޮމިޓީން ފާހަގަކުރާ ކަންކަމާއި ހުށަހަޅާ ހިޔާލާއެކު ބޯޑަށް ހުށަހެޅުމުން، އެ ނުކުތާތަކާއި ހިޔާލުތަކުގެ މައްޗަށް ބިނާކޮށް އެ އިގްތިސާދީ މަސައްކަތުގެ ހުށަހެޅުން، ތަފްސީލުކޮށް ދިރާސާކުރުމަށްފަހު، އެކަމާ ބެހޭގޮތުން ބޯޑުން ނިންމާ ނިންމުމެއް ނިންމާނީއެވެ.
(ބ) ބޯޑަށް ހުށަހަޅާ ހުށަހެޅުންތައް ދިރާސާ ކުރުމުގައި ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހު ކަނޑައަޅާ، ކޮންމެ ޒޯނެއްގައި ހިމެނޭ ޖުމްލަ އިންވެސްޓްމަންޓްގެ އެންމެ ކުޑަ މިންގަނޑުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު އިންވެސްޓް ކުރާނެ ގޮތް ކަނޑައަޅާނީ ބޯޑުން، ހުށަހެޅުމުގެ ބާވަތަށް ބަލައި، އެ ހުށަހެޅުމުން އެންމެ ނަފާވާނެ ގޮތެއްގެ މައްޗަށް ރިއާޔަތް ކުރުމަށްފަހުގައެވެ.
(ޅ) ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ވާ ފަދައިން، ބޯޑަށް ހުށަހެޅުމެއް ހުށަހަޅާއިރު، އެ ހުށަހެޅުމަކާއި އެކު "އެޕްލިކޭށަން ޕްރޮސެސިންގ" ފީ އެއްގެ ގޮތުގައި 25,000 (ފަންސަވީސް ހާސް) އެމެރިކާ ޑޮލަރު ދައްކަންވާނެއެވެ. މި ފީ ދައްކާނީ، ޓެލެގްރާފިކް ޓްރާންސްފަރ މެދުވެރިކޮށް ބޯޑުން ކަނޑައަޅާ އެކައުންޓަށެވެ.
(ކ) ބޯޑުން އިނިށިއަލް ޕަރމިޓް ދޫކުރާތާ 15 ދުވަހުގެ ތެރޭގައި، އެހުށަހެޅުން ހުށަހެޅި 1,000,000 (އެއް މިލިއަން) އެމެރިކާ ޑޮލަރުގެ ބޭންކް ގެރެންޓީއެއް ބޯޑުން ގަބޫލުކުރާ ބޭންކަކުން، ބޯޑުން އަންގާ ގޮތުގެ މަތިން ފަރާތުން ހުށަހަޅަންވާނެއެވެ.
23 ވަނަ މާއްދާ - މާލީ ގާބިލުކަން ލިބިގެންވާކަމުގެ ހެކިކަމުގައި ބެލާނެ ކަންކަން
އިގްތިސާދީ މަސައްކަތުގެ ހުށަހެޅުމެއް ބޯޑަށް ހުށަހެޅުމުން، އެ ހުށަހެޅުން ދިރާސާކުރުމުގައި، މާލީ ގާބިލުކަން ލިބިގެންވާކަމުގެ ހެކިކަމުގައި ބަލާނެ ކަންކަން
އިންވެސްޓްމަންޓުގެ އަދަދަށް، ފައިސާ ހަރަދުކުރެވިދާނެކަމުގެ ގާބިލުކަން ޑިވެލޮޕަރަށް ނުވަތަ އިންވެސްޓަރަށް ލިބިގެންވާކަން ކަށަވަރުކުރުމަށްޓަކައި ބޯޑުން ބަލާނީ، އަންނަނިވި ކަންކަމުގެ ޖުމްލައަށެވެ.
(ހ) އެފަރާތަކީ މާލީ ހަރުދަނާކަން ހުރި ފަރާތެއްކަން ދެނެގަތުމަށް، ދިވެހި ސަރުކާރު ގަބޫލުކުރާ ބޭންކަކުން އެފަރާތާ ގުޅޭގޮތުން ނުވަތަ އެފަރާތުގެ ހުށަހެޅުމާ ގުޅޭގޮތުން ދޫކޮށްފައިވާ ލިޔުމެއް.
(ށ) އެފަރާތް ނިސްބަތްވާ ގައުމަކީ އިންކަމް ޓެކްސް ނުވަތަ ބިޒްނަސް ޕްރޮފިޓް ޓެކްސް ދައްކަންޖެހޭ ގައުމެއް ނަމަ، އެފަރާތުން އެންމެފަހުން އިންކަމް ޓެކްސް ނުވަތަ ބިޒްނަސް ޕްރޮފިޓް ޓެކްސް ދައްކާފައިވާ ލިޔުން.
(ނ) އެފަރާތުގެ މައްޗަށް ފައިސާ ހޯދުމުގެ ދައުވާއެއް ކޮށްފައިނެތްކަން ކަށަވަރުކޮށްދޭ ނުވަތަ ފައިސާ ހޯދުމުގެ ދައުވާއެއް އޮތް ކަމުގައި ވާނަމަ އެކަން އަންގައިދޭ، އެ ފަރާތް ނިސްބަތްވާ ގައުމުގެ ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ނުވަތަ ބޯޑުން ގަބޫލުކުރާ އެނޫންވެސް ފަރާތަކުން ދޫކޮށްފައިވާ ލިޔުމެއް. މިލިޔުން އެފަރާތުން ހުށަހަޅާނީ ބޯޑުން މި ލިޔުމަށް އެދިއްޖެ ހާލަތެއްގައެވެ.
(ރ) އެފަރާތުގެ ހިއްސާދާރުންގެ މައްޗަށް ފައިސާ ހޯދުމުގެ ދައުވާއެއް ކޮށްފައިނެތްކަން ކަށަވަރުކޮށްދޭ ނުވަތަ ފައިސާ ހޯދުމުގެ ދައުވާއެއް އޮތް ކަމުގައި ވާނަމަ އެކަން އަންގައިދޭ، އެ ހިއްސާދާރެއް ނިސްބަތްވާ ގައުމުގެ ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ނުވަތަ ބޯޑުން ގަބޫލުކުރާ އެނޫންވެސް ފަރާތަކުން ދޫކޮށްފައިވާ ލިޔުމެއް. ހިއްސާދާރުންގެ މިލިޔުންތައް އެފަރާތުން ހުށަހަޅާނީ ބޯޑުން މި ލިޔުމަށް އެދިއްޖެ ހާލަތެއްގައެވެ.
(ބ) ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި އެފަރާތުގެ ކޮންމެ ހިއްސާދާރަކު ބޭންކިންގގެ ވިޔަފާރި ހިންގާފައިވާ ބޭންކުތައް އެނގޭނެ ލިޔުމެއް. ހިއްސާދާރުންގެ މިލިޔުންތައް ހުށަހަޅާނީ ބޯޑުން މި ލިޔުމަށް އެދިއްޖެ ހާލަތެއްގައެވެ.
(ޅ) އެފަރާތުގެ ހިއްސާދާރުން ނިސްބަތްވާ ގައުމަކީ އިންކަމް ޓެކްސް ނުވަތަ ބިޒްނަސް ޕްރޮފިޓް ޓެކްސް ދައްކަންޖެހޭ ގައުމެއް ނަމަ، އެއިން ކޮންމެ ހިއްސާދާރަކު އެންމެފަހުން އިންކަމް ޓެކްސް ނުވަތަ ބިޒްނަސް ޕްރޮފިޓް ޓެކްސް ދައްކާފައިވާ ލިޔުން.
(ކ) އެފަރާތުގެ އެންމެ ފަހު 3 އަހަރުގެ އޮޑިޓް ކުރެވިފައިވާ މާލީ ހިސާބުތައް.
(އ) ބޭންކް ގެރެންޓީ.
ހަވަނަ ބާބު
ޓެކްނިކަލް ކޮމިޓީއާގުޅޭ
24 ވަނަ މާއްދާ - ޓެކްނިކަލް ކޮމިޓީ އެކުލެވިގެންވާގޮތް
(ހ). ބޯޑަށް ލަފާދިނުމަށް، ގާނޫނުގެ 58 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން އެކުލަވާލާ، ޓެކްނިކަލް ކޮމިޓީއެއް އޮންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޓެކްނިކަލް ކޮމިޓީގައި ހިމެނެނީ ޖުމްލަ 17 މެންބަރުންނެވެ.
(ނ) ޓެކްނިކަލް ކޮމިޓީގައި، މެންބަރުން ހިމެނޭނީ ގާނޫނުގެ 58 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ގޮތުގެމަތިން އަންނަނިވި ދާއިރާތަކުންނެވެ.
- މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރުން އެކަކު.
- މިނިސްޓްރީ އޮފް ޓޫރިޒަމުން އެކަކު.
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެކަކު.
- މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން އެކަކު.
- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން އެކަކު.
- އެޓަރނީ ޖެނެރަލްގެ އޮފީހުން އެކަކު.
- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން އެކަކު.
- މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އެކަކު.
- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އެކަކު.
- ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އެކަކު.
- ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން އެކަކު.
- ދިވެހި ފުލުހުންގެ ހިދުމަތުން އެކަކު.
- ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނުން އެކަކު.
- ޕްރައިވެޓް ސެކްޓަރުން އެކަކު.
- މޯލްޑިވްސް އެސޯސިއޭށަން އޮފް ޓޫރިޒަމް އިންޑަސްޓްރީން އެކަކު.
- މޯލްޑިވްސް އެސޯސިއޭށަން އޮފް ކޮންސްޓްރަކްށަން އިންޑަސްޓްރީން އެކަކު.
- މޯލްޑިވްސް ނޭށަނަލް ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީން އެކަކު
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮމިޓީގެ މެންބަރުންނަށް ލިބިދޭ އުޖޫރައާއި މާލީ އިނާޔަތް ކަނޑައަޅާނީ، އަދި ކޮމިޓީ ހިންގާނެގޮތުގެ އުސޫލުތައް ކަނޑައަޅާނީ ބޯޑުންނެވެ.
25 ވަނަ މާއްދާ - ކޮމިޓީއަށް މެންބަރުން އައްޔަންކުރުން
(ހ) ގަވާއިދަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ ޓެކްނިކަލް ކޮމިޓީއަށް މެންބަރުން ހަމަޖައްސައި، އެކަން އާންމުކޮށް އިއުލާނުކުރަންވާނެއެވެ.
(ށ) ސަރުކާރުގެ ވަކި އިދާރާއަކުން ޓެކްނިކަލް ކޮމިޓީއަށް ހަމަޖައްސާ މީހަކު އެ ކޮމިޓީގައި ހުންނާނީ، ސަރުކާރުގެ އިދާރާއެއްގެ އެ ވަޒީފާގައި އޭނާ ހުރިހާ ދުވަހަކުއެވެ. އެ ވަޒީފާ ބަދަލުވުމުން ނުވަތަ ޓެކްނިކަލް ކޮމިޓީން އޭނާ ވަކިކުރުމުން އޭނާގެ މެންބަރުކަމުގެ މުއްދަތު ނިމުމަކަށް އަންނާނެއެވެ. އޭނާ އެ މަގާމުން ވަކިކުރުމާއި އޭނާގެ ބަދަލުގައި އެހެން މީހަކު އައްޔަންކުރުމުގެ ބާރު އޭނާ ޓެކްނިކަލް ކޮމިޓީއަށް އައްޔަންކުރި ފަރާތަށް އަބަދުވެސް ލިބިގެންވެއެވެ.
26 ވަނަ މާއްދާ - ޓެކްނިކަލް ކޮމިޓީގެ މަސައްކަތް
(ހ) ޓެކްނިކަލް ކޮމިޓީގެ މަސައްކަތްކުރާނީ ސަބް ކޮމިޓީތަކަކަށް ބަހާލައިގެން މައުޒޫއާ ގުޅޭގޮތުން އުފައްދާ ސަބް ކޮމިޓީތަކުންނެވެ.
(ށ) ޓެކްނިކަލް ކޮމިޓީގެ ސަބް ކޮމިޓީތައް، އެކުގައި، ބެލެވޭނީ، އެއީ، މި ގަވާއިދުގެ 22 ވަނަ މާއްދާގައި ބުނާ ޓެކްނިކަލް ކޮމިޓީގެ ގޮތުގައެވެ.
(ނ) މި މާއްދާގެ (ހ) އެހެންއޮތްކަމުގައި ވީނަމަވެސް، އެއް ހުށަހެޅުމެއް ތަފާތު ދެ ސަބް ކޮމިޓީއަކުންވެސް އެއްފަހަރާ ބެލުމަށްވެސް ބޯޑަށް ހަވާލުކުރެވިދާނެއެވެ. ހަމައެހެންމެ އެއް ކޮމިޓީން ބަލާނިމުމުން އަނެއް ކޮމިޓީން ބަލާގޮތަށްވެސް ހެދިދާނެއެވެ. އަދި މުޅި ޓެކްނިކަލް ކޮމިޓީން އެކުގައި ތިބެގެން އެ މައްސަލައެއް ބަލާގޮތަށް ހަމަޖެއްސުމަށްވެސް ބޯޑަށް ކަނޑައެޅިދާނެއެވެ.
27 ވަނަ މާއްދާ - ސަބްކޮމިޓީ އެކުލެވިގެންވާގޮތް
(ހ) ޓެކްނިކަލް ކޮމިޓީގެ ތެރޭގައި، މައިގަނޑު ގޮތެއްގައި އަންނަނިވި ސަބް ކޮމިޓީތައް އެކުލަވައިލަންވާނެއެވެ.
- ސެކިއުރިޓީ ކޮމިޓީ
- އިގްތިސާދީ ކޮމިޓީ
- ތިމާވެށްޓާގުޅޭ ކޮމިޓީ
- މާލީ ކޮމިޓީ
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންމެ ސަބް ކޮމިޓީއަކުން ބޯޑަށް ހުށަހަޅާ އިގްތިސާދީ މަސައްކަތް ބަލައި ދިރާސާކުރުމުގައި، ގާނޫނުގައި ބަޔާންކުރާ މިންގަނޑުތަކަށް، ހުންނަންޖެހޭ މައުލޫމާތު އެ ހުށަހެޅުމެއްގައި، ހުރިކަން ކަށަވަރުކުރަންވާނެއެވެ އަދި ހުށަހެޅުމެއް ދިރާސާކުރަން ފަށާނީ، ގާނޫނުގައި ބުނެފައިވާ މައުލޫމާތު ހުރިކަން ކަށަވަރުކުރުމަށްފަހުގައެވެ.
(ނ) ސަބް ކޮމިޓީތަކުން ހުށަހެޅުންތައް ބަލައި، ވަކިވަކި، ކޮމިޓީތަކަށް ފެންނަ ކަންކަން އެއީ ޓެކްނިކަލް ކޮމިޓީގެ ޖުމްލަ ލަފާގެ ގޮތުގައި ނުވަތަ މުޅި ކޮމިޓީއަށް ފާހަގަކުރެވޭ، ނުކުތާތަކެއްގެ ގޮތުގައި ރިޕޯޓެއް ތައްޔާރުކޮށް ބޯޑަށް ހުށަހަޅަންވާނެއެވެ.
(ރ) ހުށަހެޅުމަކާ މެދު ޓެކްނިކަލް ކޮމިޓީގެ ލަފަޔަށް، ބޯޑުން އެދިފައިވާނަމަ، ބޯޑުން އެ އިގްތިސާދީ މަސައްކަތެއްގެ ހުށަހެޅުން، ދިރާސާކުރާނީ ޓެކްނިކަލް ކޮމިޓީގެ ލަފާ ހިމެނޭ ރިޕޯޓާއެކުގައެވެ.
28 ވަނަ މާއްދާ - ސެކިއުރިޓީ ކޮމިޓީން ބަލާނީ އަންނަނިވި ކަންކަމެވެ.
(ހ) އިގްތިސާދީ މަސައްކަތެއް ރާއްޖޭގައި ހިންގުމުގައި ރާއްޖޭގެ އިސްތިގްލާލަށް، ނުވަތަ ރާއްޖޭގެ އާންމު ރައްކާތެރިކަމަށް ނުވަތަ ރާއްޖޭގެ ސިޔާދަތީ ބާރަށް ނުވަތަ ރާއްޖޭގެ މިނިވަންކަމަށް އެއްވެސް އުނިކަމެއް އަންނަ ބާވަތުގެ ކަމެއް ހިމެނޭކަން ނުވަތަ ނޫންކަން؛
(ށ) ރާއްޖޭގައި ވިޔަފާރިކުރުން ނުވަތަ ރާއްޖެއަށް އެތެރެވުން މަނާމީހެއް ރާއްޖެއަށް އެތެރެވެ، ރާއްޖޭގައި ވިޔަފާރިކުރުމުގެ ފުރުސަތު އެ އިގްތިސާދީ މަސައްކަތުން ފަހިވެގެންދާކަން ނުވަތަ ނޫންކަން؛ އަދި
(ނ) ރާއްޖޭގައި ވިޔަފާރިކުރުމަށް އެ ހުށަހަޅާ ޑިވެލޮޕަރަކީ ރާއްޖޭގައި ވިޔަފާރިއެއްކުރުމަށް ނުވަތަ ރާއްޖޭގައި ހުރުމަށް ނުވަތަ ރާއްޖޭގައި މަސައްކަތްކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް އޮތް ފަރާތެއްކަން ނުވަތަ ނޫންކަން.
29 ވަނަ މާއްދާ - އިގްތިސާދީ ކޮމިޓީން ބަލާނީ އަންނަނިވި ކަންކަމެވެ.
(ހ) ހުށަހަޅާފައިވާ އިގްތިސާދީ މަސައްކަތުން، އެ ޒޯނު ގާއިމުކުރާ ސަރަހައްދަށް ކުރާނެ މަންފާއާއި ކުރާނެ ގެއްލުން؛
(ށ) ރާއްޖޭގެ އިގްތިސާދަށް، އެ އިގްތިސާދީ މަސައްކަތުގެ ސަބަބުން ކުރާނެ ފައިދާ ނުވަތަ ގެއްލުން؛
(ނ) ސަރުކާރުގެ ފަރާތުން އެ އިގްތިސާދީ މަސައްކަތުގެ ކަންކަން ފަސޭހަކޮށްދިނުމަށް އަދާކުރަންޖެހޭނެ ދައުރާއި، އެކަން އަދާކުރުމުގެ ގާބިލުކަން ސަރުކާރުގެ ހުރިކަން ނުވަތަ ނެތްކަން.
(ރ) އެ އިގްތިސާދީ މަސައްކަތް ހިންގައިދިނުމަށްޓަކައި ސަރުކާރުން ތައާރުފުކުރަންޖެހޭނެ ގާނޫނުތަކަކީ، ގަވާއިދުތަކަކީ ނުވަތަ އުސޫލުތަކަކީ، ކޮބައިކަން؛
(ބ) އެ އިގްތިސާދީ މަސައްކަތް ހިންގައިދިނުމަށްޓަކައި، ކުރިން ސަރުކާރުން ކުރަމުން އައި ކަމަކަށް ބަދަލެއް ގެންނަންޖެހޭކަން ނުވަތަ ނޫންކަން އަދި
(ޅ) ރާއްޖޭގެ އާންމު އިގްތިސާދީ ހާލަތަށް ނުވަތަ އާންމު އިޖްތިމާއީ ހާލަތަށް އެ އިގްތިސާދީ މަސައްކަތުން ކުރާނެ ފައިދާ ނުވަތަ ގެއްލުން.
30 ވަނަ މާއްދާ - ތިމާވެށީގެ ކޮމިޓީ
ތިމާވެށީގެ ކޮމިޓީން ބަލާނީ، ހުށަހަޅާފައިވާ އިގްތިސާދީ މަސައްކަތުގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓަށް ކޮށްފާނެ އަސަރުތަކެވެ. އެކަން ބަލާނީ، ގާނޫނުގެ ދަށުން ހަދައި ހިންގާ ގަވާއިދުތަކުގެ އަލީގައެވެ.
31 ވަނަ މާއްދާ - މާލީ ކޮމިޓީ
މާލީ ކޮމިޓީން ބަލާނީ މި އަންނަނިވި ކަންކަމެވެ:
(ހ) އެ އިގްތިސާދީ މަސައްކަތުން، ސަރުކާރަށް ލިބޭނެ އާމްދަނީ؛
(ށ) އެ އިގްތިސާދީ މަސައްކަތުން، ވަޒީފާ އުފެދޭނެ ފުރުސަތުތައް؛
(ނ) އެ އިގްތިސާދީ މަސައްކަތުގައި ދިވެހިންނަށް ވަޒީފާ ދެވޭނެ މިންވަރު؛
(ރ) އެ އިގްތިސާދީ މަސައްކަތް ހިންގުމަށްޓަކައި ޓެކުހުން މައާފުކޮށްދޭ މިންވަރުން ސަރުކާރަށް ގެއްލިގެންދަނީ ކިހާވަރެއްގެ އާމްދަނީއެއްކަން އަދި
(ބ) ކޮސްޓް ބެނިފިޓް އެނެލިސިސް.
32 ވަނަ މާއްދާ - ސަބް ކޮމިޓީތަކުގެ ގާނޫނީ އަދަދު
(ހ) ކޮމިޓީތަކުން މަސައްކަތްކުރަންވާނީ ކޮންމެ ސަބް ކޮމިޓީއެއްގެވެސް ގާނޫނީ އަދަދެއް އޮތް ބައްދަލުވުމެއްގައެވެ.
(ށ) ކޮންމެ ސަބް ކޮމިޓީއަކުންވެސް އެ ކޮމިޓީއެއްގެ ގާނޫނީ އަދަދަށް ނިސްބަތްވާ މެންބަރުންނަކީ، ކޮބައިކަން ކަނޑައަޅައި، ބަޔާންކުރެވިދާނެއެވެ.
(ނ) ކޮމިޓީއަކުން އެ ކޮމިޓީގެ ގާނޫނީ އަދަދު ކަނޑަނާޅާހައިހިނދަކު، ސަބް ކޮމިޓީގެ މެންބަރުންގެ ތިންބައިކުޅަ އެއްބައިގެ މެންބަރުންނަކީ ގާނޫނީ އަދަދުކަމުގައި ބެލެވިދާނެއެވެ.
33 ވަނަ މާއްދާ - ކޮމިޓީން ކަންކަން ނިންމުން
(ހ) ޓެކްނިކަލް ކޮމިޓީން ނުވަތަ ސަބް ކޮމިޓީން ނިންމާ މައްސަލަތައް ނިންމުމުގައި މެންބަރުންގެ އިއްތިފާގުން އެކަމެއް ނިންމުމަށް އިސްކަން ދޭންވާނެއެވެ.
(ށ) މެންބަރުންގެ އިއްތިފާގު ނުލިބޭ ހާލަތްތަކުގައި، ސަބް ކޮމިޓީން ނިންމާ ނިންމުންތައް ނިންމާނީ، ސަބް ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެތިބި، އެ ކޮމިޓީގެ ވޯޓު ދޭ މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
ހަތްވަނަ ބާބު
ޕާރމިޓް ބަދަލުކުރުމާގުޅޭ
34 ވަނަ މާއްދާ - ޕާމިޓް ބަދަލުކުރަން ހުށަހެޅުން
(ހ) ގާނޫނުގެ ދަށުން ޑިވެލޮޕަރަކަށް ދީފައިވާ ޕާރމިޓް އެހެން ފަރާތަކަށް ބަދަލުކުރުމުގެ ކުރިން އެކަން ބޯޑަށް ހުށަހަޅަންވާނެއެވެ. އަދި ޑިވެލޮޕަރެއްގެ ޕާރމިޓް އެހެންފަރާތަކަށް ބަދަލުކުރެވޭނީ ގާނޫނުގެ 38 ވަނަ މާއްދާގައިވާ ގޮތުގެމަތިން ބޯޑުގެ ހުއްދަލިބިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޕާރމިޓް ބަދަލުކުރުމަށް ބޯޑަށް ހުށަހަޅާއިރު އެ ޕާރމިޓް ބަދަލުކުރެވޭ ފަރާތަކީ، ޕާރމިޓް ދޫކޮށްފައިވާ ޑިވެލޮޕަރުގައި ހުންނަންޖެހޭކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކޮންމެ ސިފައެއްވެސް އެ ނިސްބަތަށް ނުވަތަ އެއަށްވުރެ އިތުރަށް ހުރި ފަރާތެއްކަމުގައި ވާންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ޕާރމިޓް ބަދަލުކުރުމުގެ ހުއްދަ ދިނުމުގައި، އަންނަނިވި ކަންކަން ބޯޑުން ކަށަވަރުކުރަންވާނެއެވެ.
- ޑިވެލޮޕަރަށް ދީފައިވާ ޕާރމިޓް ބަދަލުކުރެވޭ ފަރާތަކީ ޑިވެލޮޕަރަށް ދީފައިވާ ޕާރމިޓްގައިވާ ކަންކަން އެ ޕާރމިޓް ދޫކޮށްފައިވާ ޑިވެލޮޕަރެކޭ އެއްފަދައިން ނުވަތަ އެއަށްވުރެ ރަނގަޅަށް ކުރެވޭނެ ފަރާތެއްކަން.
- ޕާރމިޓް ބަދަލުކުރެވޭ ފަރާތަކީ، ޑިވެލޮޕަރާއި އެ ޒޯނުގައި ހަރަކާތްތެރިވާ އިންވެސްޓަރާ ދޭތެރޭގައި ކޮށްފައިވާ އެއްބަސްވުންތައް އެގޮތުގައި ދެމެހެއްޓުމުގެ ގާބިލުކަންހުރި ފަރާތެއްކަން.
- ޕާރމިޓް ދޫކޮށްފައިވާ ޑިވެލޮޕަރުގެ މާލީ ތަނަވަސްކަމާ އެއްފަދަ މާލީ ތަނަވަސްކަމެއް ހުރި ފަރާތެއްކަން.
- ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޑިވެލޮޕަރަކު އަދާކުރަންޖެހޭ ޒިންމާ އަދާކުރެވޭނެކަމުގެ ގާބިލުކަން ހުރި ފަރާތެއްކަން.
(ރ) ޕާރމިޓް ބަދަލުކުރުމަށް ހުށަހަޅާއިރު، ޑިވެލޮޕަރުގެ ޕާރމިޓް ބަދަލުކުރެވޭ ފަރާތުގެ ބުނެވިދިޔަ ކަންކަން އެ ނިސްބަތަށް ހުރިކަން ދޭހަކޮށްދިނުމަށްޓަކައި، ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުމާއި ހެކި ބޯޑަށް ހުށަހަޅަންވާނެއެވެ.
(ބ) ޕާރމިޓް ބަދަލުކުރުމަށް އެދި ހުށަހެޅުން ހުށަހަޅާނީ، ޕާރމިޓް ދޫކޮށްފައިވާ ޑިވެލޮޕަރުގެ ފަރާތުންނެވެ.
35 ވަނަ މާއްދާ - ޕާރމިޓް ބަދަލުކުރުމުގެ ހުށަހެޅުން ދިރާކުރުން
(ހ) ޕާރމިޓް ބަދަލުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުން ދިރާސާކުރުމުގައި، އެ ޕާރމިޓް ބަދަލުކުރެވޭ ފަރާތާ ސީދާ ބޯޑުން ނުވަތަ ބޯޑުން ކަނޑައަޅާ ފަރާތަކުން ބައްދަލުކޮށް ޕާރމިޓް ބަދަލުކުރުމުގެ ހުށަހެޅުން ދިރާސާކުރުން މަށްވަރާކުރުމަކީ ކުރަންޖެހޭ ކަމެއްކަމުގައި ބޯޑުން ކަނޑައަޅައިފިނަމަ، އެކަން، ފަހިކޮށްދިނުމަކީ، ޑިވެލޮޕަރު ކުރަންޖެހޭނެ ކަމެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލަށް އަމަލުކުރުމުގެ ބޭނުމަކީ، ޕާރމިޓު ބަދަލުކުރެވޭ ފަރާތަކީ، ތަނުގައި ހިނގާ އިގްތިސާދީ މަސައްކަތްތަކަށް ބުރުލެއް ނާރާނެ، އަދި ތަނުގައި ޑިވެލޮޕަރާއެކު އެއްބަސްވުންތައް އެއްބަސްވެގެން ހަރަކާތްތެރިވަމުންދާ ނުވަތަ ހިދްމަތްދެމުންދާ ފަރާތްތަކަށް އެއްވެސް ބުރުލެއް ނާރާނެ އަދި ތަނަށް އަމާޒުކޮށް ހިންގަން ބޭނުންވާ ކަންކަން ފަންނީގޮތުންނާއި އުމްރާނީގޮތުންނާއި މާލީގޮތުން ކުރެވޭނެ ފަރާތެއްކަން ބޯޑުން ކަށަވަރުކުރުމެވެ.
އަށްވަނަ ބާބު
ޕާރމިޓް ބާތިލުކުރުމާގުޅޭ
36 ވަނަ މާއްދާ - ޕާރމިޓް ބާތިލުކުރެވޭނެ އުސޫލުތައް
(ހ) ޑިވެލޮޕަރަކަށް ދޫކުރެވޭ ޕާރމިޓް ބާތިލުވުމުން އަމަލުކުރެވޭނެ އުސޫލުތައް، ގާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުގެމަތިން ބޯޑުން ކަނޑައަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުތައް ކަނޑައެޅުމުގައި އަންނަނިވި ކަންކަން ބޯޑުން ކުރަންވާނެއެވެ.
- ޕާރމިޓް ބާތިލުކުރުމަށްފަހު އެހެން ޑިވެލޮޕަރަކު އެ ޒޯނާ ހަވާލުވުމާ ދެމެދު ހިނގާ މުއްދަތުގައި ޑިވެލޮޕަރުގެ ދައުރު ބޯޑުން އަދާކުރަމުންދިޔުން، އަދި އެކަން ކުރުމަށްޓަކައި ވަކިމީހަކު ނުވަތަ ވަކިފަރާތެއް އައްޔަންކޮށްގެން އެކަން ކުރަންޖެހޭ ކަމަށްވާނަމަ ބޯޑުން އެކަމަށްޓަކައި ވަކިމީހަކު ނުވަތަ ވަކިފަރާތެއް އައްޔަންކުރުން.
- ޑިވެލޮޕަރުގެ ޕާރމިޓް ބާތިލުކޮށްފިކަމާއި އެކަންކުރި ސަބަބު އެ ޒޯނުގައި އިންވެސްޓްކޮށްފައިވާ އިންވެސްޓަރުންނަށް އެންގުން.
- ޑިވެލޮޕަރުގެ ޕާރމިޓް ބާތިލުކޮށްފިކަމާއި އެކަންކުރި ސަބަބު އާންމުކޮށް އިއުލާނުކުރުން.
- ޑިވެލޮޕަރުގެ ޕާރމިޓުގެ ދަށުން އެ ޑިވެލޮޕަރު ހިންގާފައިވާ މުއާމަލާތްތަކުގެ ރެކޯޑު އެއްކުރުމާއި ތަހުލީލުކުރުން.
- ޑިވެލޮޕަރު ކޮށްފައިވާ ކޮންޓްރެކްޓުތަކުގެ ތަފްސީލު ހޯދުމާއި، އެ ކޮންޓްރެކްޓްތަކުގައި ޑިވެލޮޕަރު އަދާކުރަންޖެހޭ ޒިންމާތައްކަމަށް ބަޔާންކޮށްފައިވާ ކަންކަން ފާހަގަކުރުން.
- ޒޯނާ ގުޅޭގޮތުން ޑިވެލޮޕަރު ނަގާފައިވާ ދަރަންޏާއި ދަރަނީގެ ޒިންމާ އުފުލަން ކަނޑައަޅާފައިވާ ގޮތާއި ރަހުނު ބަހައްޓާފައިވާގޮތުގެ ތަފްސީލް ހޯދުން
- އެކިއެކި މުދަލާއި ހިދްމަތް ހޯދުމަށްޓަކައި ކްރެޑިޓަށް ނަގާފައިވާ މުދަލާއި ހޯދާފައިވާ ހިދްމަތްތަކުގެ ތަފްސީލު ހޯދުން.
- ޑިވެލޮޕަރަށް ދޫކޮށްފައިވާ ވިސާގެ ތަފްސީލުތައް ހޯދައި އެ ވިސާތައް ކެންސަލްކުރުން.
- ޑިވެލޮޕަރަށް ދޫކޮށްފައިވާ ޕާރމިޓްގެ އަސްލު ހޯދުން.
- ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއަކުން ނުވަތަ ބޯޑުން ވަކިކަމެއް ކުރުމަށް ޑިވެލޮޕަރަށް ދީފައިވާ ޕާރމިޓްގެ ދަށުން އެއިން އިދާރާއަކުން ދީފައިވާ ހުއްދައެއްވާނަމަ އެ ހުއްދަ ބާތިލުކުރުން.
- ޑިވެލޮޕަރުގެ ފަރާތުން ދައްކަންޖެހޭ ދަރަންޏެއްވާނަމަ، އެ ދަރަންޏެއް ދެއްކުމަށްޓަކައި ޑިވެލޮޕަރުގެ ފައިސާގެ ތެރެއިން ރާއްޖޭގައި ހުރި ފައިސާ ރާއްޖޭގައި ހިފެހެއްޓުން އަދި އެ ދަރަނި އަދާކޮށް ނިމުމަށްފަހުގައި، ބާކީ ފައިސާއެއް ހުރިނަމަ އެ ފައިސާ ރާއްޖޭން ބޭރަށް ނުގެންދެވޭނެގޮތް ހެދުން.
- ރާއްޖޭގެ ފަރާތަކަށް (ނުވަތަ ރާއްޖޭން ބޭރުގެ ފަރާތަކަށް ނަމަވެސް) ދައްކަންޖެހޭ ޓެކުހެއް ނުވަތަ އަގެއް ނުވަތަ ފީއެއް އޮތްކަމަށްވާނަމަ، ޑިވެލޮޕަރުގެ ފައިސާގެ ތެރެއިން ދިވެހިރާއްޖޭގައި ހުރި ފައިސާއިން އެކަމަކަށް ހަރަދުކުރުން.
ނުވަވަނަ ބާބު
ބޯޑުގެ ސުލޫކީ ހަމަތައް
37 ވަނަ މާއްދާ - ސުލޫކީ މިންގަނޑު
ބޯޑުގެ މެންބަރުން ގާނޫނުގެ 61 ވަނަ މާއްދާގެ (ށ) ގެ (3) ގެ ދަށުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތައް، މި ބާބުގެ 38 ވަނަ މާއްދާއާއި 39 ވަނަ މާއްދާއާއި 40 ވަނަ މާއްދާގައި އެވަނީއެވެ.
38 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ ކަންކަމުން ދުރުހެލިވުން
(ހ) ބޯޑުގެ މެންބަރަކު އަދާކުރަންޖެހޭ ރަސްމީ ވާޖިބާއި އަމިއްލަ މަސްލަހަތާ ދެމެދު އެއްވެސް ފުށުއެރުމެއް އުފެދުމަކަށް ފުރުސަތު ދީގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބޯޑުގެ މެންބަރެއްގެ މަސްލަހަތު ފުށުއެރުންކަމަށް ބުނެފައިއެވާ އުސޫލުގައި، ބޯޑުގެ މެންބަރަކު އިނދެގެންއުޅޭ މީހާއާއި، އޭނާގެ ސީދާ ބެލެހެއްޓުމުގެ ދަށުގައިވާ ދަރިންނާއި، އޭނާ ސީދާ ބަލަހައްޓަމުން ގެންދާ އެހެންމީހުންގެ މަސްލަހަތު ފުށުއެރުމަކީވެސް އެ މެންބަރެއްގެ މަސްލަހަތު ފުށުއެރުން ކަމުގައި ބެލެވޭނެއެވެ.
(ނ) ބޯޑުން ބަލަމުންދާ ކަމެއް ބެލުމުގައި ބޯޑުގެ މެންބަރެއްގެ މަސްލަހަތު ފުށުއަރާފާނެފަދަ ހާލަތެއް ދިމާވެއްޖެނަމަ، ނުވަތަ ދިމާވެދާނެކަމަށް ގަބޫލުކުރެވޭހިނދު، އެކަން ބޯޑުގައި ބަޔާންކުރުމަށްފަހު، އެ ކަމަކާ އެމީހަކު ދުރުހެލިވާންވާނެއެވެ. އަދި އެ މައްސަލައެއް ނިންމުމުގައި އެމީހަކު އޭގެފަހުން، އެއްވެސް މިންވަރަކަށް، ބައިވެރިވެގެން ނުވާނެއެވެ.
(ރ) ވަކި ކަމެއް ބެލުމުގައި ވަކިމީހަކު ބައިވެރިވުމަކީ، މަސްލަހަތު ފުށުއަރާނެ ކަމެއްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ބޯޑުގެ ޗެއަރޕަރސަނަށް ގަބޫލުކުރެވޭ ހާލަތެއްގައި، އެ މައްސަލައެއް ބެލުމުން، ސަބަބު ބަޔާންކުރުމަށްފަހު އެ މެންބަރަކު އެކަހެރި ކުރެވިދާނެއެވެ.
(ބ) ވަކި ކަމެއް ބެލުމުގައި ބޯޑުގެ ޗެއަރޕަރސަން ބައިވެރިވުމަކީ، މަސްލަހަތު ފުށުއަރާނެ ކަމެއްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އޭނާއަށް ގަބޫލުކުރެވޭ ހާލަތެއްގައި، ބޯޑުގެ ވައިސް ޗެއަރޕަރސަނަށް އެކަން އެންގުމަށްފަހު، އެ ކަމެއް ބެލުމުން، ބޯޑުގެ ޗެއަރޕަރސަން ދުރުހެލިވާންވާނެއެވެ.
39 ވަނަ މާއްދާ - ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތައް
(ހ) ބޯޑުގެ މެންބަރުން، އެމީހުންގެ މަގާމުގެ ޒިންމާ އުފުލައި، ވާޖިބު އަދާކުރުމުގައި އަންނަނިވި ހަމަތައް ހިފަހައްޓަންވާނެއެވެ.
- ދިވެހިރާއްޖޭގެ އެންމެހައި ގާނޫނުތަކަށް ތަބާވެ އެ ގާނޫނުތަކަށް އިހްތިރާމްކުރުމާއި، އެ ގާނޫނުތަކުގެ ދަށުން ހުއްދަ އަމުރެއް ކުރާ ފަރާތެއްގެ އަމުރަށް ރަސްމީ ވާޖިބު އަދާކުރުމުގައި ތަބާވަމުންދިޔުން.
- ޒާތީ އެއްވެސް ތައައްސުބަކާ ނުލައި، އަދި ހަމައެކަނި ކުރިމަތީގައިވާ ހެކީގެ މައްޗަށް ނިންމުންތައް ނިންމުމާއި، އެކަން ކުރުމުގައި ތިމާގެ މަސައްކަތަށާއި ތިމާގެ ވާޖިބަށް އިހްލާސްތެރިވުމާއި، އިންސާފުވެރިވުމާއި، ފަރުވާތެރިވުން.
- ރަސްމީ މަސައްކަތުގެ ދާއިރާގެ ތެރޭގައި، އެހެންމީހުންނާ މުއާމަލާތް ކުރުމުގައި އިހްތިރާމާއެކު މުއާމަލާތް ކުރުން.
- ތިމާއަށް ލިބިދޭ ބާރާއި، އިހްތިޔާރު ނުރަނގަޅު ނިޔަތެއްގައި ވަކިފަރާތަކަށް ގެއްލުމެއް ދިނުމުގެ ބޭނުމުގައި ބޭނުން ނުކުރުމާއި ގާނޫނުގެ ދާއިރާގެ ތެރޭގައި ލިބިދޭ އިހްތިޔާރު ސައްހަގޮތުގައި ބޭނުންކުރުމާއި، އެ އިހްތިޔާރު ބޭނުންކުރުމުގައި އެހެންމީހުންގެ ހައްގުތަކަށާއި ވާޖިބުތަކަށާއި ސައްހަ މަސްލަހަތުތަކަށް އިހްތިރާމްކުރުން.
- ގާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބަށް ހުރަސްއެޅިދާނެ ނުވަތަ އެ ވާޖިބު އަދާކުރުމަށް ފަހުން ދަތިވެދާނެ ނުވަތަ މަސްލަހަތު ފުށުއަރާފަދަ އެއްވެސްކަމެއް ނުކުރުން.
- ތިމާއަށް ވަކިމީހަކު ނުވަތަ ވަކިފަރާތަކުން، ކޮށްދީފައިވާ ކަމެއްގެ މުގާބިލްގައި އެހެންކަމެއް ތިމާ ކޮށްދޭންޖެހުން.
- މެންބަރުކަމުގައި ހުންނައިރު އަދި މެންބަރުކަމުން ވަކިވުމަށްފަހުގައިވެސް، ތިމާގެ މަގާމު އަދާކުރުމުގައި ތިމާއަށް ލިބިފައިވާ މައުލޫމާތު، ސިއްރުގެ ގޮތުގައި ހިފެހެއްޓުން.
- ގާނޫނުގައިވާ ގޮތުގެމަތިން، ގާނޫނުގައި ސައްހަގޮތުގައި އެހެން ފަރާތަކަށް ހާމަކުރަންޖެހޭ މައުލޫމާތު އެ ގާނޫނާ ހިލާފަށް ހާމަނުކޮށް ނުހިފެހެއްޓުން ނުވަތަ އަންގަންޖެހޭ މައުލޫމާތު އެ ގާނޫނާ ހިލާފަށް ނުއަންގައި ނުހުރުން، ނުވަތަ ރަސްމީ ވާޖިބު އަދާކުރުމުގައި ސައްހަ މައުލޫމާތު ދޭންޖެހޭ ދަނޑިވަޅުގައި ނުރަނގަޅު މައުލޫމާތު ދިނުމުން ނުވަތަ ދޮގު މައުލޫމާތު ދިނުމުން ނުވަތަ ހަގީގަތް އޮޅޭފަދަ މައުލޫމާތު ދިނުމުން ދުރުވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޒިންމާތަކަކީ، ބޯޑުގެ ޗެއަރޕަރސަނާއި ބޯޑުގެ މެންބަރުންނާއި މުވައްޒަފުންގެވެސް ވަޒީފާގެ މައިގަނޑު އެއް އަސާސްކަމުގައި ބެލެވޭނެއެވެ. އެއީ ވަޒީފާގެ އެއްބަސްވުމެއް ނެތްނަމަވެސް، އަދި އޮތް ވަޒީފާގެ އެއްބަސްވުމެއްގައި އެއިންކަމެއް ހިމެނިފައި ނުވާނަމަވެސް އަދި، އެއިންކަމަކާ ހިލާފުވުމަކީ، އެ މީހަކާމެދު ތައުދީބީ ފިޔަވަޅު އެޅުމުގެ ހާލަތެއް އުފަންވުން ކަމުގައި ބެލެވޭނެއެވެ.
40 ވަނަ މާއްދާ - ސުލޫކީ ހަމަތަކާ މެންބަރުން ހިލާފުވުން
މި ގަވާއިދުގައި ބަޔާންވެގެންވާ ސުލޫކީ ހަމަތަކުގެ ތެރެއިން ހަމައަކާ ބޯޑުގެ މެންބަރަކު ހިލާފުވުމަކީ އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ގާނޫނުގެ 61 ވަނަ މާއްދާގެ (ށ) ގެ (2) ނުވަތަ (3) ގެ ދަށުން ކުރީކަމަށް ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއްކަމުގައި އުފަންވީކަމުގައި ބެލެވޭނެއެވެ.
(ހ) މި ގަވާއިދުގައި ބަޔާންވެގެންވާ ސުލޫކީ ހަމަތަކާއި އުސޫލުތައް ސެކްރެޓަރީ ޖެނެރަލާއި މުވައްޒަފުންގެ މައްޗަށްވެސް ހިނގާނެއެވެ.
(ށ) މި ގަވާއިދުގައި ބަޔާންކުރާ ސުލޫކީ ހަމަތަކުގެ ތެރެއިން އުސޫލަކާ ބޯޑުގެ މެންބަރަކު ހިލާފުވުމަކީ، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމުގައި ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއްކަމުގައި ބެލެވޭނެއެވެ.
(ނ) މި ގަވާއިދުގައި ބަޔާންކުރާ ސުލޫކީ ހަމަތަކުގެ ތެރެއިން އުސޫލަކާ ސެކްރެޓަރީ ޖެނެރަލް ނުވަތަ މުވައްޒަފަކު ހިލާފުވުމަކީ، އޭނާ މަގާމުގައިހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމަށް ބަލައި އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއްކަމުގައި ބެލެވޭނެއެވެ.
ދިހަވަނަ ބާބު
ސެކްރެޓަރީ ޖެނެރަލް
41 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލް އައްޔަންކުރުން
(ހ) ބޯޑުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިދާރީގޮތުން އެހީތެރިވުމަށް، ސެކްރެޓަރީ ޖެނެރަލެއް ބޯޑުން އައްޔަންކުރަންވާނެއެވެ.
(ށ) ސެކްރެޓަރީ ޖެނެރަލަކީ ބޯޑުގެ އިދާރީ މުވައްޒަފުންގެ ތެރެއިން އެންމެ އިސް މުވައްޒަފެވެ.
ސެކްރެޓަރީ ޖެނެރަލްގެ
މަސްއޫލިއްޔަތުތައް
42 ވަނަ މާއްދާ - އަންނަނިވި މަސްއޫލިއްޔަތު އަދާކުރުން ސެކްރެޓަރީ ޖެނެރަލާ ހަވާލުކުރެވިގެންވެއެވެ.
(ހ) ބޯޑުގެ ނިންމުންތައް ތަންފީޒުކުރުމުގައާއި، ބޯޑުގެ ނިންމުންތައް ނިންމުމުގައި، ބޯޑަށް ބޭނުންވާ ދިރާސާތައް ކުރުމާއި، ބޯޑަށް ބޭނުންވާނެ މައުލޫމާތާއި، ތަފާސްހިސާބު ހޯދުން.
(ށ) ޓެކްނިކަލް ކޮމިޓީގެ މަސައްކަތްތައް އިސްވެ ހިންގައި ބެލެހެއްޓުން.
(ނ) ބޯޑާއި ޓެކްނިކަލް ކޮމިޓީއާ ދޭތެރޭގައި ވިލަރެސްކުރަންޖެހޭ ކަންކަން ވިލަރެސްކުރުން.
(ރ) ޒޯން އެޑްމިނިސްޓްރޭށަން އޮފީސްތަކުންނާއި، ސަރުކާރުގެ އެހެނިހެން އިދާރާތަކުން ބޯޑަށް ފޮނުވާ ލިޔެކިޔުންތައް ބޯޑަށް ހުށަހެޅުމުގައި އެހީތެރިވެދީ، އެކަންކަމަށް ޖަވާބުދާރީވުމުގައި ބޯޑަށް އެހީތެރިވެދިނުމާއި، ބޯޑުގެ ނިންމުންތައް އެފަރާތްތަކަށް އެންގުމާއި، ރައްދުކުރުން.
(ބ) ޗެއަރޕަރސަން ކަނޑައަޅާ ގޮތެއްގެމަތިން ބޯޑުގެ ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
(ޅ) ބޯޑުގެ ޔައުމިއްޔާތައް ލިޔުމާއި، ބޯޑުގެ ނިންމުންތައް ޔައުމިއްޔާކުރުމާއި، ބޯޑުގެ ބައްދަލުވުންތަކުގެ ރެކޯޑު ބެލެހެއްޓުމާއި، ބޯޑުގެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމާއި، ބޯޑުގެ ނިންމުންތައް އަންގަންޖެހޭ ފަރާތްތަކަށް އެ ނިންމުންތައް އެންގުމުގެ މަސްއޫލިއްޔަތު ޗެއަރޕަރސަން އަންގާ ގޮތެއްގެމަތިން އެންގުން.
(ކ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބޯޑުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން އިދާރީގޮތުން ހިންގަންޖެހޭ ކަންކަން ހިންގުމުގަޔާއި މި ގަވާއިދު އޭގެ ރަނގަޅުގޮތުގައި ތަންފީޒުކުރަމުން ދިޔުމަށް ބޯޑަށް އެހީތެރިވެދިނުން.
(އ) އެސްއީޒެޑްގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ މުވައްޒަފުން އައްޔަނުކުރުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، ތައުދީބީ ފިޔަވަޅު އެޅުމާއި، މަގާމުން ވަކިކުރުމުގެ އުސޫލުތައް ބޯޑުން ކަނޑައަޅާ ގޮތެއްގެމަތިން ކުރުން.
(ވ) ބޯޑުގެ މެންބަރުންނާއި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެމަތިން ކުރުން.
އެާރަވަނަ ބާބު
އެސްއީޒެޑްގެ ސެކްޓޭރިއެޓް
43 ވަނަ މާއްދާ - އެސްއީޒެޑް އޮފީސް
(ހ) ގާނޫނުގައި ވާގޮތުގެމަތިން ބޯޑާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު ފުރިހަމަގޮތުގައި އަދާކުރުމަށްޓަކައި ދޭންޖެހޭ އިދާރީ، ފަންނީ އަދި އެހެނިހެން އެހީތެރިކަން ދިނުމަށް، އެސްއީޒެޑްގެ ސެކްޓޭރިއެޓްއެއް ބޯޑުން ހަމަޖައްސަންވާނެއެވެ.
(ށ) ސެކްޓޭރިއެޓްގެ ފަރާތުން ބޯޑަށް ޖަވާބުދާރީވާނީ، ސެކްރެޓަރީ ޖެނެރަލެވެ.
44 ވަނަ މާއްދާ - ބަޖެޓުގައި ފައިސާ ހިމެނުން
ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކު، ވިދިގެން އަންނަ އަހަރުގެ ބަޖެޓު ފާސްކުރާއިރު ބޯޑާއި އަދި އެސްއީޒެޑް މަސައްކަތްތައް ކުރުމަށާއި، ގާނޫނު ތަންފީޒުކުރުމަށާއި، މި ގަވާއިދުގެ ދަށުން، ބޯޑުން ކުރަންޖެހޭ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަގޮތުގައި ކުރުމަށް ބޭނުންވާ ފައިސާ، ހިމެނުމަށް، ބޯޑުގެ މަށްވަރާގެމަތިން، ޗެއަރޕަރސަން މަސައްކަތްކުރަންވާނެއެވެ.
45 ވަނަ މާއްދާ - އަހަރީ ރިޕޯޓު
(ހ) ބޯޑުގެ މަސައްކަތްތައް ހިނގައިދިޔަގޮތުގެ މައްޗަށް އެކުލަވައިލެވޭ އަހަރީ ރިޕޯޓެއް ކޮންމެ އަހަރެއްގެ ޖަނަވަރީމަސް ނިމުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވައި، އާންމުކޮށް ށާއިއުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓު އެ ރިޕޯޓު ނިސްބަތްވާ އަހަރުގެ ތެރޭގައި ހިމެނޭ އަންނަނިވި ކަންކަމުގެ މައްޗަށެވެ.
- ޒޯނުތަކަށް ހުއްދަދީފައިވާ ގޮތް
- ޒޯންތަކުގެ މަސައްކަތް ހިނގަމުން އައިސްފައިވާގޮތް
- ހުއްދަ ދީފައިވާ ޑިވެލޮޕަރުންނާއި އިންވެސްޓަރުންގެ ތަފްސީލު
- ހުއްދަ ދިން ޒޯންތަކުގެ ބާވަތް
- ހުއްދަ ދިން ޒޯންތަކުގައި ހިންގާ އިގްތިސާދީ މަސައްކަތުގެ ތަފްސީލު
- އެހާތަނަށް ހުއްދަ ދިން އިގްތިސާދީ މަސައްކަތްތަކުގެ ސަބަބުން ރާއްޖެއަށް އަންނަ އިންވެސްޓްމަންޓުގެ ޖުމްލަ އަގު، ކޮންމެ އިންވެސްޓްމަންޓެއް ވަކިން އެނގޭގޮތަށް
- ބޯޑުން ނިންމި މައިގަނޑު ނިންމުންތައް
ބާރަވަނަ ބާބު
އާންމު އުސޫލުތަކާގުޅޭ
46 ވަނަ މާއްދާ - ގަވާއިދުގައި ނެތްކަމެއް މެދުވެރިވުން
(ހ) ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއް މެދުވެރިވެއްޖެނަމަ، ފުރަތަމަ ބަލާނީ، ބޯޑުން ކުރިން އަމަލުކޮށްފައިވާ ގޮތްތަކުގައި ނުވަތަ ބޯޑުން ނިންމާފައިވާ ނިންމުންތަކުގައި އެކަމަށް ބާރު ލިބިދޭ އުސޫލެއް ފެނޭތޯއެވެ. އެފަދަ އުސޫލެއް ފެންނަންނެތް ކަމުގައިވާނަމަ، ޒޯން ހިންގުމުގައި ކުރިއަރާފައިވާ ގައުމުތަކުގައި ކަމާގުޅޭ ހާލަތްތަކުގައި އަމަލުކޮށްފައިވާ އުސޫލަށް ގާނޫނުގެ ދާއިރާގެ ތެރޭގައި، އަމަލުކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން، ބޯޑުން ނިންމާ ނިންމުމަކީ، އެދުވަހުން ފެށިގެން މި ގަވާއިދުގެ ބައެއްކަމުގައި ބެލެވޭނެއެވެ.
47 ވަނަ މާއްދާ - ގަވާއިދަށް އިސްލާހެއް ގެނައުން
މި ގަވާއިދަށް އެއްވެސް އިސްލާހެއް ގެނެވޭނީ ބޯޑުން ފާސްކޮށްގެންނެވެ.
48 ވަނަ މާއްދާ - ހިންގާނެ ގާނޫނާއި މައްސަލަ ހައްލުކުރާނެގޮތް
(ހ) މި ގަވާއިދުގެ މައްޗަށް ހިނގާނީ އަދި މި ގަވާއިދު މާނަކުރެވޭނީ، ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ށ) ގަވާއިދުގެ ދަށުން ނުވަތަ މި ގަވާއިދާ ގުޅޭގޮތުން އެއްވެސް މައްސަލައެއް އުފެދިއްޖެކަމަށްވާނަމަ، އެ މައްސަލައެއް އިންސާފުވެރިގޮތެއްގައި ހައްލުކުރުމުގެ ބާރު ބޯޑަށް ލިބިގެންވެއެވެ.
49 ވަނަ މާއްދާ - ޖަދުވަލުގެ މަގާމު
މި ގަވާއިދުގައި ހިމެނިގެންވާ ޖަދުވަލަކީ މި ގާނޫނުގެ ބައެކެވެ. މި ގަވާއިދު ފުރިހަމަވާނީ، ޖަދުވަލު ހިމަނައިގެންނެވެ.
50 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވޭ ދުވަހުން ފެށިގެންނެވެ.
51 ވަނަ މާއްދާ - މާނަކުރުން
(ހ) މި ގަވާއިދުގައި ބޭނުންކޮށްފައިވާ އިބާރާތްތަކާއި ލަފްޒުތައް މާނަކުރުމުގައި، ބަލާނީ ގާނޫނުގައި އެ އިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން ދީފައިވާ މާނަކުރުމެވެ.
(ށ) މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން، ކަނޑައެޅިގެން އެހެން މާނައެއް ދޭހަ ނުވާހައިހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދެވިފައިވަނީ، އިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.
"ހުށަހެޅުން" ކަމަށް ބުނެފައިއެވަނީ، ޒޯނެއް އުފެއްދުމަށް އެދި، ސަރުކާރުން ނުވަތަ ޑިވެލޮޕަރު ބޯޑަށް ހުށަހަޅާ އިގްތިސާދީ މަސައްކަތުގެ ހުށަހެޅުމަށެވެ.
"ބޯޑު" ކަމަށް ބުނެފައިއެވަނީ، ގާނޫނުގެ 56 ވަނަ މާއްދާގައި ބަޔާންކުރާ ބޯޑް ބޯޑުން އިންވެސްޓްމަންޓަށެވެ.
"ބޯޑުން ބަލަމުންދާ ކަމެއް" ކަމުގައި ބުނެފައިއެވަނީ، އިގްތިސާދީ މަސައްކަތްތަކުގެ ހުށަހެޅުންތަކާއި ބޯޑުން ނިންމަންޖެހޭ ނުވަތަ ކަނޑައަޅަންޖެހޭ ނުވަތަ ކަށަވަރުކުރަންޖެހޭ އެންމެހައި މައްސަލަތަކާއި ކަންކަން ހިމެނޭ ގޮތުންނެވެ.
"ގަވާއިދު" ކަމަށް ބުނެފައިއެވަނީ، މި ގަވާއިދަށެވެ.
"ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2014-24 (ސްޕެށަލް އިކޮނޮމިކް ޒޯނުގެ ގާނޫނު) އަށެވެ.
"ސަބް ކޮމިޓީ" ކަމަށް ބުނެފައިއެވަނީ، މި ގަވާއިދުގެ 26 ވަނަ މާއްދާގެ ދަށުން އުފައްދާ ސަބް ކޮމިޓީތަކަށެވެ.
"ޒޯން" ކަމަށް ބުނެފައިއެވަނީ، ގާނޫނުގެ ދަށުން އުފެއްދުމަށް ބޯޑުން ކަނޑައަޅާ ޒޯނަށެވެ.
(މި ގަވާއިދުގެ އަންނަނިވި ޖަދުލުވަ އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)
އެސް.އީ.ޒެޑް. އިގްތިސާދީ މަސައްކަތެއް ހިންގުމަށް އެދި ހުށަހަޅާ ފޯމު (21 ވަނަ މާއްދާގެ (ހ) އާގުޅޭ)
ކިޔުންތެރިންގެ ހިޔާލު