-

 

ހަވާލުކުރެވިފައިވާ ނުވަތަ އުނިކަމެއް ލިބިފައިވާ ނޫޓާއި ފައިސާފޮއްޗަށް ބަދަލުދިނުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 142/2015) 

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ، ހަލާކުވެފައިވާ ނުވަތަ އުނިކަމެއް ލިބިފައިވާ ނޫޓާއި ފައިސާފޮއްޗަށް ބަދަލު ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައަޅާ ގަވާއިދެވެ.

(ށ) މިއީ، ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 19 ވަނަ މާއްދާ އަދި 36 ވަނަ މައްދާގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ލިބިދީފައިވާ އިހުތިޔާރުގެ ދަށުން އެކުލަވައިލާފައިވާ ގަވާއިދެކެވެ.

(ނ) މި ގަވާއިދަށް ކިޔަނީ، "ހަލާކުވެފައިވާ ނުވަތަ އުނިކަމެއް ލިބިފައިވާ ނޫޓާއި ފައިސާފޮއްޗަށް ބަދަލުދިނުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

3 ވަނަ މާއްދާ - އާންމުގޮތެއްގައި ބޭނުންކުރާ ކުރުމުގެ ސަބަބުން ހަލާކުވެފައިވާ ނުވަތަ އުނިކަމެއް ލިބިފައިވާ ނޫޓު

އާންމުގޮތެއްގައި ބޭނުންކުރާ ކުރުމެއްގެ ސަބަބުން ހަލާކުވެފައިވާ ނުވަތަ އުނިކަމެއް ލިބިފައިވާ ނޫޓެއް ދައުރުވުމުގެ ތެރޭގައި ބެހެއްޓުމަށް އެކަށީގެން ނުވާކަމަށް އޮތޯރިޓީއަށް ފެންނަނަމަ، އެފަދަ ނޫޓަކަށް ތިރީގައިވާ ގޮތުގެ މަތިން ބަދަލު ދެވޭނެއެވެ.

(ހ) ބަދަލުހޯދުމަށް ހުށަހެޅިފައިވާ ނޫޓަކީ ތިންބައިކުޅަ ދެބައި 66 (ފަސްދޮޅަސް ހައެއް) އިންސައްތަ ހަމަވާ ނޫޓެއް ނަމަ ނޫޓުގެ ސިއްކައިގެ ފުރިހަމަ އަގު؛

(ށ) ބަދަލު ހޯދުމަށް ހުށަހެޅިފައިވާ ނޫޓަކީ 40 (ސާޅީސް) އިންސައްތަ ހަމަވާ ނޫޓެއް ނަމަ، ނޫޓުގެ ސިއްކައިގެ އަގުގެ ދެބައިކުޅަ އެއްބައި؛ އަދި

(ނ) ބަދަލު ހޯދުމަށް ހުށަހެޅިފައިވާ ނޫޓެއްގެ 40 (ސާޅީސް) އިންސައްތައަށް ވުރެ ބޮޑު ބައި އުނިވެފައިވާ ނަމަ، އެ ނޫޓަކަށް ބަދަލެއް ނުދެވޭނެއެވެ.

 

4 ވަނަ މާއްދާ - އާންމު ގޮތެއްގައި ބޭނުންކުރާ ކުރުމުގެ ސަބަބުން އުނިކަމެއް ލިބިފައިވާ ފައިސާފޮއްޗަށް ބަދަލު ދިނުން

ބަދަލު ހޯދުމަށް ހުށަހެޅިފައިވާ ފައިސަފޮއްޗަކީ ފައިސާފޮތީގެ ސައިޒަށް ބަދަލެއް ގެނެސްފައި ނުވާ އަދި އެ ފައިސާފޮތީގެ ސިއްކައާއި އެހެނިހެން ލިޔުންތަކާއި ކުރެހުންތަކުން އެއީ ކޮން ސިއްކައެއްގެ ފައިސާފޮއްޗެއްކަން އެނގޭ، ދައުރުވުމުގެ ތެރޭގައި ބެހެއްޓުމަށް އެކަށީގެން ނުވާ ފައިސާފޮއްޗެއް ކަމަށް އޮތޯރިޓީއަށް ފެންނަނަމަ، އެ ފައިސާފޮތީގެ ސިއްކައިގެ އަގު ދެވޭނެއެވެ.

 

5 ވަނަ މާއްދާ - އަލިފާނުގެ ހާދިސާއަކުން ނުވަތަ ގުދުރަތީ ހާދިސާއަކުން ހަލާކުވެފައިވާ ނުވަތަ އުނިކަމެއް ލިބިފައިވާ ނޫޓާއި ފައިސާފޮއްޗަށް ބަދަލު ދިނުން

އަލިފާނުގެ ހާދިސާއަކުން ނުވަތަ ގުދުރަތީ ހާދިސާއަކުން ހަލާކުވެފައިވާ ނުވަތަ އުނިކަމެއް ލިބިފައިވާ ނޫޓެއް ނުވަތަ ފައިސާފޮއްޗެއްގެ އުނިވެފައިވާ ބައި އެކީގައި ނެތިގެން ގޮސްފައިވާ ކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ ވަރުގެ ހެކި ލިބިފައިވާ ނަމަ، އެ ނޫޓެއް ނުވަތަ ފައިސާފޮއްޗެއްގެ ސިއްކައިގެ އަގު ދެވޭނެއެވެ.

 

6 ވަނަ މާއްދާ - ސީރިއަލް ނަންބަރު އެނގެން އޮތުން

މި ގަވާއިދުގެ 5 ވަނަ މާއްދާ ފިޔަވައި، މި ގަވާއިދުގެ ދަށުން ބަދަލު ހޯދުމަށް ހުށަހަޅާ ނޫޓަކަށް ބަދަލު ދެވޭނީ އެ ނޫޓެއްގެ ސީރިއަލް ނަންބަރު އެނގެން އޮތް ނަމައެވެ.

 

7 ވަނަ މާއްދާ - ބަދަލު ދެވިދާނެ އިތުރު ކަންކަން

މި ގަވާއިދުގެ ދަށުން ބަދަލު ދިނުމަށް ކަނޑައަޅާފައިވާ ކަންކަން ފިޔަވައި، ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ނޫޓެއް ނުވަތަ ފައިސާފޮތި ހަލާކުވެ ނުވަތަ އުނިކަމެއް ލިބިފައިވަނީ މަގުބޫލު އުޒުރަކުން ކަމަށް މި އޮތޯރިޓީއަށް ފެނިއްޖެ ނަމަ، އެފަދަ ނޫޓަކަށް ނުވަތަ ފައިސާފޮއްޗަށް ބަދަލު ދެވިދާނެއެވެ.

 

8 ވަނަ މާއްދާ - ބަދަލު ނުދެވޭނެ ނޫޓާއި ފައިސާފޮތި

(ހ) ކައުންޓަރފީޓް ނުވަތަ އައިރު ގާނޫނީ ގޮތަކަށް އަމަލު ކުރެވިފައިވާ ނޫޓެއް ނުވަތަ ފައިސާފޮއްޗެއްގެ އަގަށް ބަދަލެއް ނުދެވޭނެއެވެ.

(ށ) ގެއްލިފައިވާ ނުވަތަ ވަގަށްނަގާފައިވާ ނޫޓަކަށް ނުވަތަ ފައިސާފޮއްޗަކަށް ބަދަލެއް ނުދެވޭނެއެވެ.

 

9 ވަނަ މާއްދާ - ބަދަލު ހޯދުމަށް ހުށަހަޅަންޖެހޭ ތަކެތި

(ހ) ހަލާކުވެފައިވާ ނުވަތަ އުނިކަމެއް ލިބިފައިވާ ފައިސާއަށް ބަދަލު ހޯދުމަށް އެދި މި ގަވާއިދުގެ ދަށުން ހުށައަޅާނީ އޮތޯރިޓީން އެކަމަށް ކަނޑައަޅާފައިވާ ފޯމާއެކު އޮތޯރިޓީއަށެވެ.

(ށ) ހަލާކުވެފައިވާ ނުވަތަ އުނިކަމެއް ލިބިފައިވާ ފައިސާއަށް ބަދަލު ހޯދުމަށް އެދި މި ގަވާއިދުގެ ދަށުން ހުށަހަޅާއިރު މަދުވެގެން އަންނަނިވި މައުލޫމާތާއި ލިޔުންތައް ހުށަހަޅަން ވާނެއެވެ.

  1. ނަމާއި އެޑްރެސް
  2. ބަދަލު ހޯދުމަށް ހުށަހަޅާ ނޫޓު ނުވަތަ ފައިސާފޮތި ހަލާކުވުމަށް ނުވަތަ އުނިކަމެއް ލިބުމަށް ދިމާވި ސަބަބު.
  3. ބަދަލު ހޯދުމަށް ހުށަހަޅާ ނޫޓު ނުވަތަ ފައިސާފޮތި
  4. ކޮން ފަރާތެއްކަން އަންގައިދޭ ރަސްމީ ލިޔުމެއް ނުވަތަ ލިޔުމުގެ ކޮޕީ؛

    (މިސާލު: ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، ޕާސްޕޯޓް، ވީޒާ)

  5. މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ބަދަލު ހޯދުމަށް ހުށަހަޅާ ނޫޓެއް ނުވަތަ ފައިސާފޮއްޗެއް ނަމަ،އެ ހާދިސާއެއް ހިނގާފައިވާ ކަމަށް ދައުލަތުގެ ކަމާބެހޭ އިދާރާއެއގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

 

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ލިޔުންތަކުގެ އިތުރުން، މައުލޫމާތު ބޭނުންވެއްޖެ ހިނދެއްގައި އިތުރު މައުލޫމާތު ހުށަހެޅުމަށް، އޮތޯރިޓީން އެންގިދާނެއެވެ.

 

10 ވަނަ މާއްދާ - އިންތިގާލީ ކަންކަން

މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ނޫޓުތަކާއި ފައިސާފޮތިތަކަށް ބަދަލުދެވޭނީ 1 ޖުލައި 1981 އިން ފެށިގެން އަމަލުކުރަމުންދާ "ހަލާކުވެފައިވާ ނުވަތަ އުނިކަމެއް ލިބިފައިވާ ފައިސާއަށް ބަދަލުދިނުމުގެ ގަވާއިދު" ގެ ދަށުންނެވެ.

 

11 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް ހިމެނިފައިވާ ގޮތުން ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަ ނުވާހައި ހިނދަކު؛

"ނޫޓު" އަދި "ފައިސާފޮތި" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގެ ދަށުން ފައިސާގެ ގޮތުގައި ބޭނުން ކުރުމަށް ނެރެފައިވާ ނޫޓަށާއި ފައިސާފޮއްޗަށެވެ.

"އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގެ ދަށުން އުފެދިފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ.

 

12 ވަނަ މާއްދާ - އުވާލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު "ހަލާކުވެފައިވާ ނުވަތަ އުނިކަމެއް ލިބިފައިވާ ފައިސާއަށް ބަދަލުދިނުމުގެ ގަވާއިދު" އުވާލެވުނީއެވެ.

  

މައި ގާނޫނު

މަނިޓަރީގެ ގާނޫނު (ގާނޫނު ނަންބަރ 6/1981) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 2/2007)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު