-

ޓެރަރިޒަމް މަނާކުރުމާ ގުޅޭ އާންމު ގަވާއިދު

(ގަވާއިދު ނަންބަރު 2021-57)

(މި ގަވާއިދުގެ 23 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2018-01 އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރަފު

މިއީ، ގާނޫނު ނަންބަރު 2015-32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 63 ވަނަ މާއްދާއިން ބާރުލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ނަން

މި ގަވާއިދަށް ކިޔާނީ، "ޓެރަރިޒަމް މަނާކުރުމާ ގުޅޭ އާންމު ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ގާނޫނު ނަންބަރު 2015-32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 16 ވަނަ މާއްދާގެ (އ) ގެ (1) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރާއި، (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަގުސަދެއް ހާސިލުކުރުމަށް ޓަކައި، ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމަށާއި، އެފަދަ ސަރަހައްދެއްގައި މަޑުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނެ ގޮތާއި، އެފަދަ ހުއްދައެއް ދިނުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުން.

(ށ) ގާނޫނު ނަންބަރު 2015-32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 2-19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތު ރައްކައުތެރިކަމާއެކު ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުން.

(ނ) ގާނޫނު ނަންބަރު 2015-32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ ދަށުން ތުހުމަތު ކުރެވޭ ފަރާތުގެ ގާނޫނީ ވަކީލާ އެކަހެރިކޮށް ބައްދަލުކުރުމުގެ ހައްގު ހިފެހެއްޓުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރުން.

(ރ) ގާނޫނު ނަންބަރު 2015-32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ ދެވަނަ ބާބުގައި ހިމެނޭ ކުށެއްގެ ތަހުގީގަށް އަތުލެވޭ ނުވަތަ ހިފެހެއްޓޭ ތަކެއްޗާމެދު އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރުން.

 

އެއްވަނަ ބާބު

ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމާއި އެފަދަ ސަރަހައްދެއްގައި މަޑުކުރުމުގެ ހުއްދަ

 

4 ވަނަ މާއްދާ - ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމާއި އެފަދަ ސަރަހައްދެއްގައި މަޑުކުރުމުގެ ހުއްދަ

(ހ) އަންނަނިވި މަގުސަދުތަކުގެ ތެރެއިން މަގުސަދެއް ހާސިލުކުރުމަށް ޓަކައި، ގާނޫނު ނަންބަރު 2015-32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަނގުރާމަވެރި ސަރަހައްދެއްކަމަށް ކަނޑައަޅައިފައިވާ ސަރަހައްދަކަށް އެއްވެސް ފަރާތަކުން ދާންވާނީ، އަދި އެފަދަ ސަރަހައްދެއްގައި މަޑުކުރަންވާނީ، އެ ސަރަހައްދަކަށް ދާން ބޭނުންވާ ސަބަބު މިނިސްޓްރީއަށް ލިޔުމުން ހުށަހަޅައި، މިނިސްޓްރީގެ ހުއްދަ ލިޔުމުން ލިބިގެންނެވެ.

  1. ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ބަޔަކަށް އިންސާނިއްޔަތުކަމުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް؛
  2. ހުއްދަކޮށްފައިވާ ނޫސްވެރިކަމުގެ މަސައްކަތެއް ކުރުމަށް؛
  3. އަމިއްލަ ޖަމްއިއްޔާއަކުން ނުވަތަ ޖަމާއަތަކުން ސަރުކާރުން ހުއްދަދޭ ހާއްސަ މަސައްކަތެއް ކުރުމަށް؛
  4. ސަރުކާރުން ހުއްދަ ދޭ އެނޫންވެސް ކަމެއް ކުރުމަށް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުއްދައަށް އެދި ހުށަހަޅާނީ، ހަނގުރާމަވެރި ސަރަހައްދެއްގައި ކުރަން ބޭނުންވާ ކަމެއް އިންތިޒާމުކުރާ ފަރާތަކުންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމުގެ މަދުވެގެން ސަރުކާރު ބަންދުނޫން 45 (ސާޅީސް ފަހެއް) ދުވަހުގެ ކުރިން ހުއްދައަށް އެދި ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުއްދައަށް އެދި ހުށަހަޅާނީ ލިޔުމުންނެވެ. މިގޮތުން ހުށަހަޅާ ލިޔުމުގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ދާން ބޭނުންވާ ނުވަތަ މަޑުކުރަން ބޭނުންވާ ހަނގުރާމަވެރި ސަރަހައްދު؛
  2. ހަނގުރާމަވެރި ސަރަހައްދަށް ދާން ބޭނުންވާ ސަބަބު، ނުވަތަ އެ ސަރަހައްދުގައި މަޑުކުރަން ބޭނުންވާ ސަބަބު؛
  3. ހަނގުރާމަވެރި ސަރަހައްދުގައި މަޑުކުރަން ބޭނުންވާ މުއްދަތު؛
  4. ހަނގުރާމަވެރި ސަރަހައްދުގައި ކުރިޔަށް ގެންދަން ބޭނުންވާ ހަރަކާތުގެ ފުރިހަމަ މައުލޫމާތު؛
  5. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަގުސަދެއް ހާސިލުކުރުމަށް ޓަކައި ހަނގުރާމަވެރި ސަރަހައްދަކަށް ދަތުރުކުރާނަމަ، އެ ހަނގުރާމަވެރި ސަރަހައްދުގައި ހަރަކާތްތެރިވާ ބައިނަލްއަގްވާމީ ފަރާތަކާ ގުޅިގެން މަސައްކަތްކުރާކަން ބަޔާންކޮށް އެ ފަރާތަކުން ދީފައިވާ ލިޔުން؛
  6. ހަނގުރާމަވެރި ސަރަހައްދަށް ފޮނުވުމުގެ ކަންކަން އިންތިޒާމުކުރާ ފަރާތްތަކުގެ ނަމާއި، މިހާރު ދިރިއުޅޭ އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރާއި، ހައިސިއްޔަތު؛
  7. ހަނގުރާމަވެރި ސަރަހައްދަށް ފޮނުވަން ބޭނުންވާ ފަރާތްތަކުގެ ނަމާއި، މަގާމާއި، ކުރާ މަސައްކަތުގެ ތަފުސީލާއި، މިހާރު ދިރިއުޅޭ އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ޕާސްޕޯޓުގެ ކޮޕީ؛
  8. ހަނގުރާމަވެރި ސަރަހައްދަށް ދިއުމާއި، އެނބުރި އައުމާއި، މަޑުކުރުމާއި، ހުރުމާއި،  ކެއިންބުއިމަށް ހިނގާ ހަރަދާއި، އެ ހަރަދުތައް ކުރާ ފަރާތުގެ ފާއިތުވި 6 (ހައެއް) މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓާއި، އެ ހަރަދު ހަމަޖައްސާ ގޮތުގެ ސަޕޯޓިންގ ޑޮކިއުމަންޓްތައް؛
  9. މީގެ އިތުރުންވެސް މިނިސްޓްރީން ސާފުކުރަން ބޭނުންވާ އެންމެހައި މައުލޫމާތާއި ލިޔުންތައް.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، މި މާއްދާގެ (ރ) ގެ (9) ވަނަ ނަންބަރުގެ ދަށުން މިނިސްޓްރީން ސާފުކުރަން ބޭނުންވާ މައުލޫމާތެއް އޮތްނަމަ، އެ މައުލޫމާތު ހުށަހެޅުމަށް، ސަރުކާރު ބަންދުނޫން   5 (ފަހެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީން ލިޔުމުން އަންގަންވާނެއެވެ. މިގޮތުން މިނިސްޓްރީން އަންގާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މައުލޫމާތު ލިޔުމުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްގެ ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިސަރަކު، އެ އޮފިސަރަކު ނިސްބަތްވާ އިދާރާގެ ރަސްމީ މަސައްކަތެއް ކުރުމަށް ޓަކައި ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށް ނުވަތަ އެފަދަ ސަރަހައްދެއްގައި މަޑުކުރުމަށް ޓަކައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދާކަށެއް ނުޖެހޭނެއެވެ. އެހެންނަމަވެސް، ހަނގުރާމަވެރި ސަރަހައްދަކަށް ދާނަމަ، ނުވަތަ އެފަދަ ސަރަހައްދެއްގައި މަޑުކުރާނަމަ، އެކަން ލިޔުމުން މިނިސްޓަރުގެ ސަމާލުކަމަށް ގެންނަން ޖެހޭނެއެވެ.

(ކ) މި މާއްދާގެ (ހ) ގެ ދަށުން ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމާއި، އެފަދަ ސަރަހައްދެއްގައި މަޑުކުރުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހެޅުމުން، އެކަމަށް އެދި ހުށަހަޅާ ފަރާތާއި ހަނގުރާމަވެރި ސަރަހައްދަށް ފޮނުވަން ބޭނުންވާ ފަރާތުގެ ބެކްގްރައުންޑް އެސެސްމަންޓެއް ހެދުމަށް، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންޓެލިޖެންސް އިދާރާތަކަށް މިނިސްޓްރީން ހުށަހަޅަން ވާނެއެވެ. މި ހުށަހެޅުން ހުށަހަޅާތާ، ގިނަވެގެން 20 (ވިހި) ދުވަހުގެ ތެރޭގައި އެ އިދާރާތަކުން ބެކްގްރައުންޑް އެސެސްމަންޓް ހަދައި، އެސެސްމަންޓް ރިޕޯޓު މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(އ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުއްދައަށް އެދި ހުށަހަޅާ ލިޔުން ލިބޭތާ ރަސްމީ ބަންދުނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ހުށަހެޅުމަކާމެދު ގޮތެއް ނިންމައި، އެ ނިންމި ގޮތެއް، ހުއްދައަށް އެދި ހުށަހެޅި ފަރާތަށް ލިޔުމުން މިނިސްޓްރީން އަންގަންވާނެއެވެ.

(ވ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމަކާ ގުޅޭގޮތުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، ހުއްދަ ދިނުމާއި ނުދިނުމުގެ ބާރާއި އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(މ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަނގުރާމަވެރި ސަރަހައްދަކަށް ދަތުރުކުރުމުގެ ހުއްދަ ދިންކަމުގައި ވިޔަސް، އެފަދަ ސަރަހައްދަކަށް ދަތުރުކުރުމަށް ހޯދަންޖެހޭ ވިސާ ނުވަތަ އެނޫންވެސް އެފަދަ އެހެނިހެން ހުއްދަތައް ހޯދުމަކީ ދަތުރުކުރާ ފަރާތުގެ ޒިންމާއެކެވެ.

 

5 ވަނަ މާއްދާ - އެނބުރި އައުން

(ހ) ހަނގުރާމަވެރި ސަރަހައްދެއްގައި މަޑުކުރެވޭނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ދޭ ހުއްދައިގައި ބަޔާންކޮށްފައިވާ މުއްދަތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އެއްވެސް ސަބަބަކާހުރެ، ހަނގުރާމަވެރި ސަރަހައްދަށް ދިއުމަށް ހުއްދަ ދެވުނު ފަރާތުގެ ބާރު ނުހިނގާ ކަމެއްގެ ސަބަބުން، އެ މުއްދަތު ހަމަވުމުގެ ކުރިން އެނބުރި ނާދެވޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ވީ އެންމެ އަވަހަކަށް މިނިސްޓްރީއަށް އެކަން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އަންގާ އެންގުމާ ގުޅިގެން ހަނގުރާމަވެރި ސަރަހައްދުގައި މަޑުކުރާ ފަރާތުން އަމަލުކުރަންވާނީ މިނިސްޓްރީން އަންގާ ގޮތެއްގެ މަތިންނެވެ.

(ރ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ދޭ ހުއްދައިގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަނުވިނަމަވެސް، ހަނގުރާމަވެރި ސަރަހައްދަށް ދިއުމަށް މިނިސްޓްރީން ހުއްދަ ދިން ފަރާތަށް އެނބުރި އައުމަށް އަންގައިފިނަމަ، މިނިސްޓްރީން ދޭ މުއްދަތެއްގެ ތެރޭގައި އެނބުރި އަންނަންވާނެއެވެ.

(ބ) މި މާއްދާގެ (ށ) އާއި، (ނ) އާއި، (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލު ނުކޮށްފިނަމަ ނުވަތަ އެއްބާރުލުން ނުދީފިނަމަ ބެލެވޭނީ، ހަނގުރާމަވެރި ސަރަހައްދެއްގައި މަޑުކުރުންކަމަށެވެ.

 

6 ވަނަ މާއްދާ - ހުއްދަ ބާތިލުކުރުން

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ދޭ ހުއްދަ ލިބޭ ފަރާތުން، ހަނގުރާމަވެރި ސަރަހައްދުގައި ހިންގުމަށް ހުއްދަ ދީފައިވާ ހަރަކާތް ނޫން  ހަރަކާތެއް ހިންގައިގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) އާ ހިލާފުވެއްޖެނަމަ، އެ ފަރާތަކަށް މިނިސްޓްރީން ދީފައިވާ ހުއްދަ ބާތިލު ކުރެވޭނެއެވެ.

(ނ) ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށް ހުއްދަ ހޯދުމަށް ހުށަހަޅާ މައުލޫމާތުގެ ތެރެއިން އެއްވެސް މައުލޫމާތަކީ ދޮގު މައުލޫމަތެއްކަން، ހުއްދަ ދޭ ފަހުން މިނިސްޓްރީއަށް އެނގިއްޖެނަމަ، އެ ވަގުތުން ފެށިގެން ހުއްދަ ބާތިލުވީއެވެ.

 

ދެވަނަ ބާބު

ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މައުލޫމާތު ބަދަލުކުރުން

 

7 ވަނަ މާއްދާ - އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުން

(ހ) ތިރީގައި ބަޔާންކޮށްފައިވާ، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު، އެ އިދާރާތަކުގެ މެދުގައި ބަދަލުކުރަންވާނެއެވެ.

  1. މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސް؛
  2. މޯލްޑިވްސް ޕޮލިސް ސަރވިސް؛
  3. މޯލްޑިވްސް ކަސްޓަމްސް ސަރވިސް؛
  4. މޯލްޑިވްސް އިމިގްރޭށަން؛
  5. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓް.

(ށ) މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެއް އިދާރާއަކުން އަނެއް އިދާރާއަށް ހިއްސާކުރާ  އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރަންވާނީ، އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި ފަސޭހައިން މައުލޫމާތު ބަދަލުކުރުމަށް ޓަކައި އެކަމަށް ހާއްސަކޮށް ގާއިމްކުރާ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް، މައުލޫމާތު ބަދަލުކުރާ ވަކި ނިޒާމެއްގެ ތެރެއިންނެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިލްކެޓްރޯނިކް ވަސީލަތް ފެއިލްވެއްޖެ ހާލަތެއްގައި، އިންޓެލިޖެންސާ ގުޅޭ ލިޔެކިޔުންތައް ބަދަލުކުރާނީ، އިތުރު ވަސީލަތެއް މެދުވެރިނުކޮށް، އަތުން އަތަށެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރާ ނިޒާމު ގާއިމްކޮށް ތަރައްގީކޮށް ބަލަހައްޓާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންޓެލިޖެންސް އިދާރާތަކުގެ މަށްވަރާޔާއެކު، މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ.

(ބ) މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިންޓެލިޖެންސް މައުލޫމާތު، އެއް އިދާރާއަކުން އަނެއް އިދާރާއަށް ހިއްސާ ކުރުމާ ގުޅޭގޮތުން ގާއިމުކުރާ ނިޒާމަށް އިންޓެލިޖެންސް އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަހުލުވެރިކުރުމުގެ ގޮތުން ބޭނުންވާ ތަމްރީންތައް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހިންގަންވާނެއެވެ.

 

8 ވަނަ މާއްދާ - އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމުގައި ދިމާވާ ދަތި އުނދަގޫތައް ހައްލުކުރުން

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމުގައި ނުވަތަ މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިލެކްޓްރޯނިކް ވަސީލަތަށް، މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުއްދަ ލިބުމުގައި ދިމާވާ މައްސަލަތަކަށް ހައްލު ނުލިބޭނަމަ،  އެ އިދާރާއަކުން މިނިސްޓަރަށް އެކަން އަންގަންވާނެއެވެ.

(ށ) މި މައްދާގެ (ހ) ގައިވާ ގޮތުގެ މަތީން މިނިސްޓަރަށް އަންގަންވާނީ، އެ އިދާރާއަކަށް ޒިންމާވާ މިނިސްޓަރު ނުވަތަ އިދާރާގެ ކަންކަން ބަލަހައްޓާ އެންމެ އިސްފަރާތް މެދުވެރިކޮށް، ލިޔުމުންނެވެ.

 

9 ވަނަ މާއްދާ - އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރާ ނިޒާމުގައި ފުރިހަމަވެފައި ހުންނަންޖެހޭ ކަންތައްތައް

(ހ) މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގާއިމްކުރާ ނިޒާމަކީ، އަންނަނިވި ކަންތައްތައް ފުރިހަމަކޮށްފައި ހުންނަ ނިޒާމަކަށް ވާންވާނެއެވެ.

  1. އިންޓެލިޖެންސް މައުލޫމާތު ރައްކައުތެރިކަމާއެކު ބަދަލުކުރެވޭނެކަން ކަށަވަރު ކުރެވިފައި ވުން؛
  2. ސެކިއުރިޓީ ކްލިއަރެންސް ލިބިފައިވާ ފަރާތްތަކަށް މެނުވީ މައުލޫމާތަށް ވާސިލު ނުވެވުން؛
  3. ވަކި ހާއްސަ ހުއްދައެއް ލިބިގެން މެނުވީ މައުލޫމާތަށް ވާސިލު ނުވެވުން؛
  4. މައުލޫމާތު ބަދަލުކުރެވޭ ނިޒާމު ގާއިމްކޮށްފައިވާ ތަނުގެ އެކްސެސް ކޮންޓްރޯލް ކޮށްފައި ހުރުން؛

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސެކިއުރިޓީ ކްލިއަރެންސް ދޭނީ، އެ މީހަކު ނިސްބަތްވާ އިންޓެލިޖެންސް އިދާރާއަކުންނެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި "ސެކިއުރިޓީ ކްލިއަރަންސް ލިބިފައިވާ ފަރާތް" ކަމުގައި ބުނެފައި އެވަނީ، އެ މުވައްޒަފަކު ނިސްބަތްވާ އިންޓެލިޖެންސް އިދާރާއަކުން ބެކްގްރައުންޑް ޗެކްކޮށް، މައުލޫމާތަށް ވާސިލުވުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ދޭ ސެކިއުރިޓީ ކްލިއަރެންސާއެކު، މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާއްސަ ހުއްދަ ހޯދުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން އިންޓެލިޖެންސް އިދާރާތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުއްދަ ހޯދުމަށް އެދި ހުށަހަޅާތާ،  ރަސްމީ ބަންދު ނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި ހުއްދަ ދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން ހުއްދަ ދީފައިވާ ފަރާތެއް އިންޓެލިޖެންސް މަސައްކަތްކުރުމުގެ ޒިންމާއިން ވަގުތީގޮތުން ނުވަތަ ދާއިމީކޮށް ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ، އެ މީހަކު ނިސްބަތްވާ އިދާރާއަކުން، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެކަން ވަގުތުން އަންގަންވާނެއެވެ.

(ކ) މި ގަވާއިދުގެ ދަށުން އެކުލަވައިލާ، އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރާ ނިޒާމު މެދުވެރިކޮށް، ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމާ ގުޅޭ ކަންކަމުގައި ކޯޑިނޭޓްކުރުމަށް، އިންޓެލިޖެންސް ކޮންމެ އިދާރާއަކުން 2 (ދޭއް) ފޯކަލް ޕޮއިންޓް ކަނޑައަޅައި، އެ އިދާރާތަކުގެ މެދުގައި ލިޔުމުން ހިއްސާކުރަންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަނޑައަޅާ ފޯކަލް ޕޮއިންޓް ބަދަލުވެއްޖެނަމަ، ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އިންޓެލިޖެންސް އިދާރާތަކަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

(ވ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ވަކި ހާއްސަ ހުއްދައެއް ކަމަށް ބުނެފައި އެވަނީ، އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރެވޭ ނިޒާމަށް އެކްސެސް ވުމަށްޓަކައި ދޭ ޔޫޒަރނޭމްއާއި ޕާސްވޯޑަށެވެ.

(މ) މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ޔޫޒަރނޭމްއާއި ޕާސްވޯޑް، އެހެން އެއްވެސް ފަރާތަކާ ހިއްސާކޮށްގެން ނުވާނެއެވެ.

 

10 ވަނަ މާއްދާ - މައުލޫމާތު އިވެލުއޭޓް ކުރުމާއި ގްރޭޑް ކުރުން

(ހ) މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިންޓެލިޖެންސް އިދާރާތަކުން ބަދަލުކުރާ އިންޓެލިޖެންސް މައުލޫމާތަކީ، އެ މައުލޫމާތެއް ހިއްސާކުރާ އިންޓެލިޖެންސް އިދާރާއަކުން ގްރޭޑްކޮށް، އިވެލުއޭޓް ކޮށްފައިވާ މައުލޫމާތަކަށް ވާންވާނެއެވެ.

(ށ) މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި ބަދަލުކުރާ އިންޓެލިޖެންސް މައުލޫމާތު ގްރޭޑްކޮށް އިވެލުއޭޓް ކުރުމާ ގުޅޭ މިންގަނޑު ބަޔާންކޮށްފައިވާ އޮނިގަނޑެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓަރު އެކުލަވައިލައި، އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި ހިއްސާކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އޮނިގަނޑު އެކުލަވައިލާނީ، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންޓެލިޖެންސް އިދާރާތަކުގެ މަށްވަރާޔާއެކުގައެވެ.

 

11 ވަނަ މާއްދާ - ވަގުތުން އަންގަންޖެހޭ މައުލޫމާތު

(ހ) އިންޓެލިޖެންސް އިދާރާއަކާ ހިއްސާކުރަންޖެހޭ މައުލޫމާތަކީ އިންޓެލިޖެންސް މައުލޫމާތު ގްރޭޑްކުރުމާއި އިވެލުއޭޓް ކުރުމުގެ މިންގަނޑުގައި ބަޔާންކޮށްފައިވާ ގޮތުން ވަގުތުން އަންގަންޖެހޭ ފަދަ މައުލޫމާތެއް ނަމަ، އެ މައުލޫމާތު ލިބޭ އިދާރާގެ ފަރާތުން ކަނޑައަޅައިފައިވާ ފޯކަލް ޕޮއިންޓް މެދުވެރިކޮށް، އެ މައުލޫމާތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭ އިންޓެލިޖެންސް އިދާރާތަކުގެ ފޯކަލް ޕޮއިންޓްތަކަށް ވަގުތުން އަންގަންވާނެއެވެ.

(ށ) މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިންޓެލިޖެންސް އިދާރާއަކުން އެހެން އިންޓެލިޖެންސް އިދާރާއަކަށް ފޯރުކޮށްދޭ މައުލޫމާތަކާ ގުޅިގެން، މައުލޫމާތު ލިބިގަތް އިދާރާއަކުން އަމަލުކުރި ގޮތް އެނގެން ބޭނުންވާކަމަށް، މައުލޫމާތު ފޯރުކޮށްދިން އިދާރާއިން އެދިއްޖެނަމަ، އަމަލުކުރި ގޮތުގެ މައުލޫމާތު ދޭންވާނެއެވެ.

 

12 ވަނަ މާއްދާ - މައުލޫމާތު ބަދަލުކުރުމުގެ ހުއްދަ

އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި ބަދަލުކުރާ އިންޓެލިޖެންސް މައުލޫމާތު ތިންވަނަ ފަރާތަކާ ބަދަލުކުރަންވާނީ އެ މައުލޫމާތު ހިއްސާކުރި އިދާރާގެ ހުއްދަޔާ އެކުގައެވެ. އަދި އެކަން ކުރަންވާނީ، މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މިންގަނޑުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތީންނެވެ.

 

13 ވަނަ މާއްދާ - ރާއްޖެއިން ބޭރުގެ އިދާރާތަކުން ލިބޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުން

(ހ) ދިވެހިރާއްޖެއިން ބޭރު ގައުމަކުން ނުވަތަ ބައިނަލްއަގްވާމީ އިދާރާއަކުން ލިބޭ ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތު، ގާނޫނު ނަންބަރު 2015-32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އިންޓެލިޖެންސް އިދާރާއަކާ ހިއްސާކުރަންވާނީ، އެ މައުލޫމާތު ފޯރުކޮށްދޭ އިދާރާއަކުން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) ޓެރަރިޒަމާ ގުޅުންހުރި މައްސަލަތަކުގައި ދިވެހިރާއްޖެއިން ބޭރު ގައުމަކާ ގުޅިގެން ނުވަތަ ބައިނަލްއަގްވާމީ އިދާރާތަކާ ގުޅިގެން ހިންގަންޖެހޭ ތަހުގީގާއި، ތަހުގީގުތަކާ ގުޅުންހުރި އޮޕަރޭށަންތައް ހިންގުމަށް އެފަދަ އިދާރާތަކަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ހިއްސާކުރާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ.

 

14 ވަނަ މާއްދާ - އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރުމުގެ މަސައްކަތް ހިނގަމުންދާ ގޮތް ބަލައި މޮނިޓަރކުރުން

(ހ) އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރުމަށް ގާއިމުކުރާ ނިޒާމު މެދުވެރިކޮށް އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި ބަދަލުކުރާ މައުލޫމާތާބެހޭ ތަފާސްހިސާބު ހިމެނޭ ރިޕޯޓެއް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން، ކޮންމެ 3 (ތިނެއް) މަހުން އެއްފަހަރު މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ގާނޫނު ނަންބަރު 2015-32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 19-3 ވަނަ މާއްދާގެ ބޭނުމަށް އިންޓެލިޖެންސް މައުލޫމާތު ރައްކައުތެރިކަމާއެކު ބަދަލުކުރުމުގެ މަސައްކަތް ހިނގަމުންދާގޮތް ބަލައި މޮނިޓަރ ކުރުމަށް ޓަކައި މިނިސްޓަރު ބޭނުންވާ މައުލޫމާތު ހިއްސާކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - ދައުލަތުގެ އެހެނިހެން އިދާރާތަކަށް ލިބޭ މައުލޫމާތު

ގާނޫނު ނަންބަރު 2015-32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އިންޓެލިޖެންސް އިދާރާތަކުގެ އިތުރުން، ދައުލަތުގެ އެއްވެސް އިދާރާއެއްގެ މަސައްކަތުގެ ދާއިރާއިން ޓެރަރިޒަމްގެ އަމަލުތަކާ ގުޅޭގޮތުން ލިބޭ މުހިންމު މައުލޫމާތެއް، އެ މައުލޫމާތަކާ ގުޅުންހުރި އިންޓެލިޖެންސް އިދާރާއަކާ ހިއްސާކޮށްފިނަމަ، އެ މައުލޫމާތު ބަލައިގަނެ، އެ މައުލޫމާތާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ.

 

16 ވަނަ މާއްދާ - އައި.ޓީ ސެކިއުރިޓީ

(ހ) އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި އިންޓެލިޖެންސާއި މައުލޫމާތު ބަދަލުކުރުމަށް މި ގަވާއިދުގެ ދަށުން ގާއިމުކޮށްފައވާ ނިޒާމުގެ އައި.ޓީ ސެކިއުރިޓީގެ ކަންކަން ހަމަޖައްސައި ބެލެހެއްޓުމަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޒިންމާއެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އައި.ޓީ ސެކިއުރިޓީގެ ފިޔަވަޅުތަކާއި، އައި.ޓީ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމުގައި އިންޓެލިޖެންސް އިދާރާތަކުގެ ޒިންމާއާއި، ދައުރާއި، ސިސްޓަމް ހިނގާނެ ގޮތުގެ އިޖުރާއަތްތަކާއި، އެ ނިޒާމަށް ހުއްދަ އޮންނަ ފަރާތްތަކުން އަމަލުކުރަންޖެހޭ މިންގަނޑުތަކާއި، އައި.ޓީ ސެކިއުރިޓީ ޕްލޭން އެކުލަވައިލުމާއި، ހުއްދަ އޮންނަ މުވައްޒަފުން އަހުލިވެރިކުރުވުމާ ގުޅޭ ކަންތައްތައް ހިމެނޭގޮތަށް  މޯލްޑިވްސް ޕޮލިސް ސަރވިސްއިން އުސޫލެއް އެކުލަވައިލައި، އިންޓެލިޖެންސް އިދާރާތަކާ އެ އުސޫލު ހިއްސާކުރަންވާނެއެވެ.

 

ތިންވަނަ ބާބު

ގާނޫނީ ވަކީލާ ބައްދަލުކުރުމުގެ ހައްގު

 

17 ވަނަ މާއްދާ - ގާނޫނީ ވަކީލާ އެކަހެރިކޮށް ބައްދަލުކޮށް މުއާމަލާތު ކުރުމުގެ ފުރުސަތު ނުދީ ހިފެހެއްޓިދާނެ ހާލަތްތައް

އަންނަނިވި ހާލަތްތަކުގައި، ގާނޫނު ނަންބަރު 2015-32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތު ކުރުމުގެ ފުރުސަތު، އޭނާ ހައްޔަރުކުރާ ވަގުތުން ފެށިގެން 7 (ހަތެއް) ދުވަހުގެ މުއްދަތަށް ނުދީ ހިފެހެއްޓިދާނެއެވެ.

(ހ) ހައްޔަރުކޮށްފައި ހުރި މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތު ކުރުމުގެ ފުރުސަތު ދީފިނަމަ، ގާނޫނު ނަންބަރު 2015-32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފައިވާކަމުގެ ތުހުމަތުގައި ފުލުހުން ހޯދަން މަސައްކަތްކުރަމުންދާ ފަރާތަކަށް އިންޒާރު ކޮށްފާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުން.

(ށ) ހައްޔަރުކޮށްފައި ހުރި މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތު ކުރުމުގެ ފުރުސަތު ދީފިނަމަ، ގާނޫނު ނަންބަރު 2015-32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ކުށެއްގެ ހެކި ނައްތައިލައިފާނެކަމަށް ނުވަތަ ހެއްކަށް ނުފޫޒު ފޯރުވައިފާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުން. (ނ) ހައްޔަރުކޮށްފައި ހުރި މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތު ކުރުމުގެ ފުރުސަތު ދީފިނަމަ، ގާނޫނު ނަންބަރު 2015-32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ކުށެއްގެ އަމަލު ހިންގައިފާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުން.

(ރ) ހައްޔަރުކޮށްފައި ހުރި މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތު ކުރުމުގެ ފުރުސަތު ދީފިނަމަ، މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިދާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުން.

(ބ) ހައްޔަރުކޮށްފައި ހުރި މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތު ކުރުމުގެ ފުރުސަތު ދީފިނަމަ، ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްގެން ހޯދައިފައިވާ މުދަލެއް އަނބުރާ ހޯދުމަށް ހުރަސްއެޅިދާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުން.

 

18 ވަނަ މާއްދާ - ގާނޫނީ ވަކީލާ އެކަހެރިކޮށް ބައްދަލުކޮށް މުއާމަލާތު ކުރުމުގެ ފުރުސަތު ނުދީ ހިފެހެއްޓުމުގައި ބަލާނެ ކަންތައްތައް

(ހ) ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުކުރުމުގެ ފުރުސަތު ނުދިނުމަށް ނިންމަންވާނީ ހައްޔަރުކޮށްފައިވާ މީހާގެ މައްސަލަ ތަހުގީގު ކުރަމުންދާ ކޮމާންޑުގައި ނުވަތަ ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރަކަށް މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތައްތައް ކިޔައިދިނުމަށްފަހު، އެ ފަރާތުން އެ ކަންތައްތަކަށް ރިއާޔަތް ކުރާއިރު، މި ގަވާއިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައި އޮތްކަމަށް ގަބުލޫކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމައެވެ. މިގޮތުން ނިންމާ ކޮންމެ ނިންމުމެއް ލިޔެ ރައްކައު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުމުގައި، އަންނަނިވި މައުލޫމާތު ހިމެނިފައި ހުންނާންވާނެއެވެ. އަދި އެ ލިޔުމުގެ ކޮޕީއެއް، ތުހުމަތުކުރެވޭ ފަރާތަށާއި އޭނާގެ ވަކީލަށް، 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ދޭންވާނެއެވެ.

  1. މައްސަލައިގެ ނަންބަރު ނުވަތަ އިންސިޑެންޓް ނަންބަރު؛
  2. މައްސަލަ ބަލާ ޑިޕާޓްމަންޓް / ސެކްށަން؛
  3. މައްސަލަ ތަހުގީގުކުރާ ފަރާތުގެ ސަރވިސް ނަންބަރާއި ސޮއި؛
  4. މައްސަލައިގެ ހުލާސާ؛
  5. ހައްޔަރުކޮށްފައިވާ ފަރާތުގެ މައުލޫމާތު؛
  6. ގޮތެއް ނިންމި އޮފިސަރުގެ ނަމާއި، ސަރވިސް ނަންބަރާއި، ސޮއި؛
  7. ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުކުރުމުގެ ފުރުސަތު ނުދިނުމަށް ނިންމި ނިންމުން ބިނާކުރި އެކަށީގެންވާ ސަބަބު؛
  8. ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުކުރުމުގެ ފުރުސަތު ނުދީ ހިފެހެއްޓުމަށް ނިންމި މުއްދަތު؛
  9. ތާރީހާއި ގަޑި؛
  10. ތަހުގީގުކުރާ އިދާރާގެ ތައްގަނޑު.

(ނ) ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުކުރުމުގެ ފުރުސަތު ނުދީ ހިފެހެއްޓުމަށް ނިންމާ މުއްދަތު، 7 (ހަތެއް) ދުވަހަށްވުރެ ގިނަވެގެން ނުވާނެއެވެ. އަދި އެފަދަ ނިންމުމެއް ނިންމާތާ 6 (ހައެއް) ދުވަސް ވުމުގެ ކުރިން އެ ނިންމުމެއް ރިވިއު ކުރަންވާނެއެވެ. 

(ރ) ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުކުރުމުގެ ފުރުސަތު ނުދީ ހިފެހެއްޓުމަށް ނިންމާ މުއްދަތު ރިވިއު ކުރުމުން އެ މުއްދަތު އިތުރުކުރަންޖެހޭ ސަބަބެއް ނެތްނަމަ، ވަގުތުން އެ މުއްދަތު ނިމުމަކަށް ގެންނަންވާނެއެވެ. އަދި އެކަން، ތުހުމަތު ކުރެވޭ ފަރާތަށާއި އޭނާގެ ވަކީލަށް، ގިނަވެގެން 4 (ހަތަރެއް) ގަޑިއިރުގެ ތެރޭގައި އަންގާންވާނެއެވެ.

(ބ) ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުކުރުމުގެ ފުރުސަތު ނުދީ ހިފެހެއްޓުމަށް ނިންމާ މުއްދަތު ރިވިއު ކުރުމުން އެ މުއްދަތު ހިފެހެއްޓި ސަބަބުތައް އެގޮތުގައި ހުރިނަމަ، އަދި އެ މުއްދަތު ބޭނުންވާނަމަ، މުއްދަތު އިތުރުކުރުމަށް އެދި، މުއްދަތު ހަމަވުމުގެ 24 (ސައުވީސް) ގަޑިއިރުގެ ކުރިން ލިޔުމަކުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، ޕްރޮސިކިއުޓަރ ޖެނެރަލް އެ މުއްދަތު އިތުރުކޮށްދޭންވާނީ، އެ ސަބަބުތައް ދެމިއޮތްތޯ ބެލުމަށްފަހު، ކޮންމެ ފަހަރަކު ގިނަވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތަށެވެ. އަދި، މި ނިންމުން ލިޔެ  ރައްކައުކުރާންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާ ނިންމުން، ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފަރާތަށް ލިޔުމުން އަންގާންވާނެއެވެ.
ހަތަރުވަނަ ބާބު

އަތުލެވޭ ތަކެއްޗާމެދު ނުވަތަ ހިފެހެއްޓޭ ތަކެއްޗާމެދު އަމަލުކުރަންޖެހޭ ގޮތް

 

19 ވަނަ މާއްދާ - ވަގުތުން ނައްތައިލަންޖެހޭ ތަކެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތް

(ހ) ގާނޫނު ނަންބަރު 2015-32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއްގެ ތަހުގީގުގައި ހިފެހެއްޓޭ ތަކެތީގެ ތެރެއިން ސަލާމަތާއި ރައްކައުތެރިކަމަށް ޓަކައި ކޮންމެހެން ވަގުތުން ނައްތައިލަންޖެހޭ ތަކެތި ނައްތައިލުމުގައި އަމަލުކުރާންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ ބޭނުމަށް ޓަކައި ސަލާމަތާއި ރައްކައުތެރިކަމަށް ޓަކައި ކޮންމެހެން ވަގުތުން ނައްތައިލަންޖެހޭ ތަކެތިކަމުގައި، އަންނަނިވި ތަކެތި ބެލެވޭނެއެވެ.

  1. ގޮވާތަކެތި؛
  2. ފަނާކުރަނިވި މާއްދާ ނުވަތަ އެފަދަ މާއްދާ ހިމެނޭ ތަކެތި؛
  3. ނުރައްކާތެރި ކެމިކަލް ނުވަތަ އެފަދަ ކެމިކަލް ބޭނުންކޮށްގެން ހަދައިފައިވާ ތަކެތި؛
  4. އިންސާނުންގެ ފުރާނައަށް ނުރައްކާ ވިހަ ނުވަތަ އެފަދަ ވިހައެއް ބޭނުންކޮށްގެން އުފައްދައިފައިވާ ތަކެތި.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގޮވާތަކެތީގެ ތެރޭގައި ހިމެނޭ އެއްޗެއް، ސަލާމަތްތެރިކަމާއެކު ނުގޮވާނެ ގޮތެއް ހެދޭނަމަ، އެގޮތުގެ މަތީން އެ އެއްޗެއް ނުގޮވާގޮތް ހެދުމަށްފަހު، އެ އެއްޗެއް ވަގުތުން ނައްތައިނުލައި މައްސަލައިގެ ހެއްކެއްގެ ގޮތުގައި ބޭނުންކުރުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ އެއްޗެއް ނައްތައިލަންވާނީ، އެ އެއްޗެއް ނައްތައިލުމުގެ ކުރިން ރައްކައުތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށްފަހު، އެއްޗެއް ނައްތައިލުމުގެ ސަބަބުން ނުވަތަ ނައްތައިލުމުގެ ތެރޭގައި މީހަކަށް ނުވަތަ މީހެއްގެ ފުރާނައަށް ނުވަތަ ބައެއްގެ މުދަލަށް ގެއްލުމެއް ނުލިބޭނެކަން ކަށަވަރު ކުރުމަށްފަހުގައެވެ.

(ބ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް އެއްޗެއް ނައްތައިލަންވާނީ، އެ އެއްޗެއް ނައްތައިލުމަށް އެންމެ އެކަށީގެންވާ ގޮތެއްގެ މަތީންނެވެ. އަދި މިގޮތުން ނައްތައިލާ ނައްތައިލުމުގައި ތިމާވެށްޓަށް ގެއްލުމެއް ނުލިބޭނެ ގޮތެއްގެ މަތީން އެ  އެއްޗެއް ނައްތައިލުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެވެ.

(ޅ) މި މާއްދާގެ ދަށުން ނައްތައިލާ އެއްޗަކީ ހަނގުރާމަވެރި ހަތިޔާރެއް ނުވަތަ ގޮވާއެއްޗެއް ނަމަ، އެ އެއްޗެއް ނައްތައިލަންވާނީ، މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްގެ ބެލުމުގެ ދަށުންނެވެ.

(ކ) މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮންމެހެން ވަގުތުން ނައްތައިލަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ގޮވާއެއްޗެއް ނުވަތަ ހަނގުރާމަވެރި ހަތިޔާރެއް، މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްގެ ފަރާތުން ނައްތައިލަންވާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެކަން އެންގުމަށްފަހުގައެވެ.

(އ) މި މާއްދާގެ (ކ) ގައިވާ ގޮތުގެ މަތީން، ގޮވާ އެއްޗެއް  ނުވަތަ ހަނގުރާމަވެރި ހަތިޔާރެއް ނައްތައިލުމުގެ ކުރިން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނޭންގޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ތަކެތި ނައްތައިލެވޭތާ، ގިނަވެގެން 1 (އެކެއް) ގަޑިއިރުގެ ތެރޭގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

(ވ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނައްތައިލާ ތަކެތި ނައްތައިލަންވާނީ، އެ ތަކެތީގެ ފޮޓޯއާއި ވީޑިއޯ ކުރުމަށްފަހުގައެވެ. އަދި ތިރީގައިވާ މައުލޫމާތު ހިމެނޭގޮތަށް އެ ތަކެތީގެ ރިކޯޑު ލިޔުމުން ބަލަހައްޓާންވާނެއެވެ.

  1. ނައްތައިލެވޭ ތަކެތީގެ ނަން/ބާވަތް؛
  2. ނައްތައިލެވޭ ތަކެތީގެ ތަފުސީލު؛
  3. ނައްތައިލެވޭ ތަކެތި ހުރިގޮތާއި، އެ ތަކެތީގެ ހާލަތު؛
  4. ނައްތައިލެވޭ ތެކަތީގެ ތެރޭގައި ގޮވާއެއްޗެއް އެކުލެވޭކަން ނުވަތަ ނޫންކަން؛
  5. ނައްތައިލެވޭ ތަކެތި ނެގިފައިވާ ތަނާއި، ތާރީހާއި، ގަޑި؛
  6. ނައްތައިލެވޭ ތަކެތި ނައްތައިލުމަށް ހުއްދަދިން އެންމެ އިސް ފަރާތުގެ ނަމާއި، ރޭންކާއި، ސަރވިސް ނަންބަރު؛
  7. ނައްތައިލެވުނު ތާރީހާއި ގަޑި.

(މ) މި މާއްދާގެ (ވ) ގައިވާ ގޮތުގެ މަތީން ނައްތައިލާ ތަކެތީގެ ފޮޓޯއާއި ވީޑިއޯ ނުނެގޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ތަކެތި ނައްތައިލާތާ ގިނަވެގެން 1 (އެކެއް) ގަޑިއިރުގެ ތެރޭގައި، ފޮޓޯއާއި ވީޑިއޯ ނުކުރެވުނު ސަބަބު ބަޔާންކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިޔުމުން އަންގަންވާނެއެވެ.

 

20 ވަނަ މާއްދާ - ށަރީއަތް ނިމުމުން ނައްތައިލަންޖެހޭ ތަކެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތް

(ހ) ގާނޫނު ނަންބަރު 2015-32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއްގެ ތަހުގީގުގައި ހިފެހެއްޓޭ ތަކެތީގެ ތެރެއިން ސަލާމަތާއި ރައްކައުތެރިކަމަށް ޓަކައި ކޮންމެހެން ވަގުތުން ނައްތައިލަންޖެހޭ ތަކެތި ފިޔަވައި އެހެނިހެން ތަކެތި ނައްތައިލުމުގައި އަމަލުކުރަންވާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ ދަށުން ނައްތައިލާ ތަކެތި ނައްތައިލަންވާނީ، އެ އެއްޗެއް ހިފެހެއްޓުނު މައްސަލައިގެ ށަރީއަތުގެ ހުރިހާ މަރުހަލާއެއް ނިމުމުންނެވެ.

(ނ) މި މާއްދާގެ ދަށުން ނައްތައިލަންޖެހޭ ތަކެތި ނައްތައިލުމުގައި އަމަލުކުރާނީ، ޖިނާއީ އެހެނިހެން މައްސަލަތަކުގައި ހިފެހެއްޓޭ ތަކެތި ނައްތައިލުމުގައި އަމަލުކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހިފެހެއްޓިފައިވާ އެއްޗަކީ ވަގުތުން ނައްތައިލަންޖެހޭ ފަދަ އެއްޗެއްކަމުގައި ނުވިކަމުގައި ވިޔަސް، އެ އެއްޗަކީ ގިނަ ދުވަސްތަކެއްވަންދެން ބޭއްވުމުން އެ އެއްޗެއްގެ ސަބަބުން ނުރައްކާތެރި ހާލަތެއް ކުރިމަތިވެދާނެ ފަދަ އެއްޗެއް ނަމަ، އެ އެއްޗެއް ވަގުތުން ނައްތައިލެވިދާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނައްތައިލާ ތަކެތި ނައްތައިލަންވާނީ، އެ ތަކެތީގެ ފޮޓޯއާއި ވީޑިއޯ ކުރުމަށްފަހުގައެވެ. އަދި ތިރީގައިވާ މައުލޫމާތު ހިމެނޭގޮތަށް އެ ތަކެތީގެ ރިކޯޑު ލިޔުމުން ބަލަހައްޓަންވާނެއެވެ.

  1. ނައްތައިލެވޭ ތަކެތީގެ ނަން/ބާވަތް؛
  2. ނައްތައިލެވޭ ތަކެތީގެ ތަފުސީލު؛
  3. ނައްތައިލެވޭ ތަކެތި ހުރިގޮތާއި، އެ ތަކެތީގެ ހާލަތު؛
  4. ނައްތައިލެވޭ ތަކެތީގެ ތެރޭގައި ގޮވާއެއްޗެއް އެކުލެވޭކަން ނުވަތަ ނޫންކަން؛
  5. ނައްތައިލެވޭ ތަކެތި ނެގިފައިވާ ތަނާއި، ތާރީހާއި، ގަޑި؛
  6. ނައްތައިލެވޭ ތަކެއްޗާ ގުޅޭ ށަރުއީ މައްސަލައެއް ހިނގައިފައިވާނަމަ ގަޒިއްޔާ ނަންބަރު؛
  7. ނައްތައިލެވޭ ތަކެތި ނައްތައިލުމަށް ހުއްދަދިން އެންމެ އިސް ފަރާތުގެ ނަމާއި، ރޭންކާއި، ސަރވިސް ނަންބަރު؛
  8. ނައްތައިލެވުނު ތާރީހާއި ގަޑި.

(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން ނައްތައިލާ ތަކެތީގެ ފޮޓޯއާއި ވީޑިއޯ ނުނެގޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ތަކެތި ނައްތައިލާތާ ގިނަވެގެން 1 (އެކެއް) ގަޑިއިރުގެ ތެރޭގައި ފޮޓޯއާއި ވީޑިއޯ ނުކުރެވުނު ސަބަބު ބަޔާންކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިޔުމުން އަންގަންވާނެއެވެ.

 

ފަސްވަނަ ބާބު

އެހެނިހެން

 

21 ވަނަ މާއްދާ - މާނަ ކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނައެވެ.

(ހ) "ހަނގުރާމަވެރި ހަތިޔާރު" ކަމަށް ބުނެފައި އެވަނީ، އޮޓޮމެޓިކް ބަޑިއާއި އެހެނިހެން ބަޑިއާއި ގޮވާތަކެތި ހިމެނޭގޮތުން، އެއިން އާދައިގެ އާންމު ހުއްދަ ބޭނުމެއް ކުރެވެން ނުހުންނަ އެއްޗެހީގެ ތެރެއިން މީހަކު މަރައިލެވިދާ ފަދަ ގޮތަށް ފަރުމާކޮށްފައި ހުންނަ ނުވަތަ މީހަކު މަރައިލުމުގެ ގާބިލުކަން ހުރި ކޮންމެ ހަތިޔާރަށެވެ.

(ށ) "ބައިނަލްއަގްވާމީ ފަރާތް" ކަމަށް ބުނެފައި އެވަނީ، އ.ދ ގެ އޭޖެންސީތަކާއި، އެ އެޖެންސީތަކާ ގުޅިގެން މަސައްކަތްކުރާ ފަރާތްތައް ކަމުގައިވާ އިންޓަރނޭށަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސްއާއި، ރެޑް ކްރެސެންޓާއި، އެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރާ އެޖެންސީތަކަށެވެ.

(ނ) "ބައިނަލްއަގްވާމީ އިދާރާ" ކަމުގައި ބުނެފައި އެވަނީ، ބައިނަލްއަގްވާމީ ލޯ އެންފޯސްމަންޓް އިދާރާތަކާއި، ބައިނަލްއަގުވާމީ އިންޓެލިޖެންސް އިދާރާތަކާއި، ބައިނަލްއަގްވާމީ ސެކިއުރިޓީ އިދާރާތަކަށެވެ.

(ރ) "އިންޓެލިޖެންސް މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންޓެލިޖެންސް އިދާރާތަކަށް، ގާނޫނު ނަންބަރު 2015-32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގައި ކުށްކަމަށް ކަނޑައަޅައިފައިވާ ކަންކަމާ ގުޅޭގޮތުން ލިބޭ އިންޓެލިޖެންސް މައުލޫމާތު ގްރޭޑްކޮށް އިވެލުއޭޓް ކުރުމާ ބެހޭގޮތުން އެކުލަވައިލާ މިންގަނޑުގެ ދަށުން ގްރޭޑްކޮށް އިވެލުއޭޓް ކޮށްފައިވާ ކޮންމެ މައުލޫމާތަކަށެވެ. 

(ބ) "އިންޓެލިޖެންސް ރިޕޯޓު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 27 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ އިންޓެލިޖަންސް ރިޕޯޓުތަކަށެވެ.

(ޅ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، މިނިސްޓަރ އޮފް ހޯމްއެފެއާޒަށެވެ.

(ކ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒަށެވެ.

(އ) "ފަނާކުރަނިވި މާއްދާ" ކަމަށް ބުނެފައި އެވަނީ، ގޮވާތަކެއްޗަށާއި، އަލިފާން ރޯވެދާ ފަދަ ތަކެއްޗަށެވެ. އޭގެ ތެރޭގައި، ވަކި ވަގުތެއް ޖެހުމުން ގޮވާ ގޮތަށް ހަދައިފައި ހުންނަ ތަކެއްޗާއި، ގޮވާނެ ވަކި ގޮތެއް ރޭވިފައި ހުންނަ ތަކެއްޗާއި، ވިހައާއި، ވިހަ ގޭހާއި، މީހުން މަރުވެދާފަދަ ބަޔޮލޮޖިކަލް މާއްދާތައް ނުވަތަ ކެމިކަލް މާއްދާތަކާއި، ރޭޑިއޯއެކްޓިވް މާއްދާތައް ހިމެނޭ ގޮތަށެވެ.

(ވ) "ގޮވާތަކެތި" ކަމަށް ބުނެފައި އެވަނީ، އާންމު ބޭނުންތަކަށް ބޭނުންކުރުމަށް މަނާކޮށްފައިވާ ނުވަތަ އެ ބޭނުންކުރުމަށް ޓަކައި ސަރުކާރުގެ ހުއްދަ ހޯދަންޖެހޭ އެއްޗެހީގެ ތެރެއިން، ވަކި ވަގުތެއް ޖެހުމުން ގޮވާ ގޮތަށް ހަދައިފައި ހުންނަ ތަކެއްޗާއި، ގޮވާނެ ވަކި ގޮތެއް ރޭވިފައި ހުންނަ ތަކެއްޗާއި، ވިހައާއި، ވިހަ ގޭހާއި، މީހުން މަރުވެދާފަދަ ބަޔޮލޮޖިކަލް މާއްދާތައް ނުވަތަ ކެމިކަލް މާއްދާތަކާއި، ރޭޑިއޯއެކްޓިވް މާއްދާތައް ހިމެނޭ ގޮތުން، އޭގެ ޒާތުގައި ގޮވާ ކޮންމެ ވަސީލަތަކަށެވެ.

(މ) "ސެކިއުރިޓީ ކްލިއަރަންސް" ކަމަށް ބުނެފައި އެވަނީ، އިންޓެލިޖެންސް މަސައްކަތްކުރާ މުވައްޒަފުގެ ފުރިހަމަ ބެކްގްރައުންޑް އެސެސްމަންޓެއް ހެދުމަށްފަހު، އަދި އެ ފަރާތުގެ ކުށުގެ ރިކޯޑު ޗެކްކުރުމަށްފަހު، ސިއްރު މައުލޫމާތަށް ވާސިލުވުމަށާއި ގެންގުޅުމަށް ދެވޭ ހުއްދައަށެވެ.

 

22 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

 މި ގަވާއިދަށް އަމަލު ކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

23 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު 

މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ގަވާއިދު ނަންބަރު 2018-01 (ޓެރަރިޒަމުގެ ކުށުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ގަވާއިދު) ބާތިލުވީއެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޓެރަރިޒަމް މަނާކުރުމާ ގުޅޭ އާންމު ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2021-57)

 

މައި ގާނޫނު

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2015-32)

 

އުވާލެވުނު ގަވާއިދު

ޓެރަރިޒަމުގެ ކުށުގައި ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ގަވާއިދު (ގަވާއިދު ނަންބަރ 2018-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު