-

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 21/2020) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 55/2021)

 

ގަވާއިދު ނަންބަރު 21/2020 (އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

41.(ހ) މި މާއްދާ ހިނގާނީ، މި ގަވާއިދުގެ 41 ވަނަ މާއްދާގެ ދަށުން ޓެކްސް-ފްރީ ތްރެށޯލްޑް ބޭނުންކުރުމަށް އިހްތިޔާރުކޮށްފައިވާ އުޖޫރަ ދޭ ފަރާތުން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރުމުގައެވެ. 

 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 42 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރުތަކެއް އިތުރުކުރުން. 

42.(1-ށ)

މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ށ) ރައްދުވާ މީހަކަށް، އެއްވެސް މަހެއްގެ އުޖޫރައިގެ އަދަދު ހިމެނުމުން އެ މަހުގެ ނިޔަލަށް އެ އަހަރަށް ދެވުނު ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމުލަ އަދަދު 720,000 (ހަތް ލައްކަ ވިހި ހާސް) ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ، އަންނަނިވި ގޮތަށް ހިސާބު ކުރުމަށްފަހު އެ އަހަރު ނިމެންދެން ކޮންމެ މަހަކަށް މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންވާނެއެވެ. މި ގޮތަށް ހިސާބުކުރާ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސްގެ އަދަދުގައި، އެ އަހަރުގައި ކުރިން ފާއިތުވެފައިވާ މަސްތަކުގައި އުނިކުރަންޖެހުނު މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސްގެ އަދަދު ނުހިމެނޭނެއެވެ.

އެ މަހުގެ ނިޔަލަށް އެ އަހަރަށް ދެވުނު ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމުލަ / މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ރޭޓު

720,000 (ހަތް ލައްކަ ވިހި ހާސް) ރުފިޔާ އަށްވުރެ ބޮޑު، ނަމަވެސް 1,200,000 (އެއް މިލިޔަން ދެ ލައްކަ) ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ

5.5% (ފަހެއް ޕޮއިންޓް ފަހެއް އިންސައްތަ)

1,200,000 (އެއް މިލިޔަން ދެ ލައްކަ) ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 1,800,000 (އެއް މިލިޔަން އަށް ލައްކަ) ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ

8% (އަށެއް އިންސައްތަ)

1,800,000 (އެއް މިލިޔަން އަށް ލައްކަ) ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 2,400,000 (ދެ މިލިޔަން ހަތަރު ލައްކަ) ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ

12% (ބާރަ އިންސައްތަ)

2,400,000 (ދެ މިލިޔަން ހަތަރު ލައްކަ) ރުފިޔާއަށްވުރެ ބޮޑު

15% (ފަނަރަ އިންސައްތަ)

(2-ށ) މި މާއްދާ ރައްދުވާ އުޖޫރަ ލިބޭ މީހާގެ އެ ޓެކްސް އަހަރަށް ނިމޭ ހިސާބުކުރާ މުއްދަތު 365 (ތިން ސަތޭކަ ފަސްދޮޅަސް ފަހެއް) ދުވަހަށްވުރެ ކުރުނަމަ، އެ މުއްދަތުގެ ނިސްބަތުން، މި މާއްދާގެ (ށ) އާއި (1-ށ) ގައި ބަޔާންކޮށްފައިވާ 720,000 (ހަތް ލައްކަ ވިހި ހާސް) ރުފިޔާގެ ތްރެށޯލްޑް އަދި ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ބްރެކެޓްތައް ކުޑަކުރަންވާނެއެވެ. 

 

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 52 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

52.(ށ) އެ ވިޔަފާރި އޮޕަރޭޓުކުރާ ގައުމެއްގެ މަރުކަޒީ ބޭންކުން ނުވަތަ އެ ވިޔަފާރި ރެގިއުލޭޓްކުރާ ފަރާތުން، ހައުސިންގ ފައިނޭންސް ވިޔަފާރި ނުވަތަ ލީސިންގ ފައިނޭންސް ވިޔަފާރި ކުރުމަށް ލައިސަންސް ދީފައިވާ ބޭންކު ނޫން މާލީ އިދާރާތައް؛

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 52 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރުތަކެއް އިތުރުކުރުން.

52.(1-ށ)  ޑިވެލޮޕްމަންޓް ފައިނޭންސް ވިޔަފާރިކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ލައިސަންސް ދީފައިވާ ބޭންކު ނޫން މާލީ އިދާރާތައް؛

(2-ށ) އިންށުއަރެންސް ވިޔަފާރިކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ލައިސަންސް ދީފައިވާ ބޭންކު ނޫން މާލީ އިދާރާތައް؛

  

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 57 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

57.(ހ) ވިޔަފާރި އާމްދަނީ ލިބޭ ފަރާތްތަކުން މާލީ ހިސާބުތައް ތައްޔާރުކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 59 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން. 

59.(ކ) ކެޕިޓަލް ގެއިން ހިސާބުކުރުމަށާއި ކެޕިޓަލް ލޮސް ހިސާބުކުރުމަށް މި މާއްދާގެ (ބ) އާއި (ޅ) ރައްދެއް ނުވާނެއެވެ. 

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 72 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

72-1.އޮޕަރޭޓިންގ ލީސްއެއްގެ ދަށުން ދައްކާ ކުލި

(ހ) ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، އޮޕަރޭޓިންގ ލީސްއެއްގެ ދަށުން ދައްކާ ކުއްޔާ ގުޅިގެން އުނިކުރެވޭނީ މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ ފަރާތުން އިހްތިޔާރުކޮށްފައިވާ ހިސާބުކުރުމުގެ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން އެ ހިސާބުކުރާ މުއްދަތުގެ ހަރަދެއްގެ ގޮތުގައި ހިމަނާފައިވާ އަދަދެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނުގެ ދަށުން ޓެކްސް ނަގަން ފެށުމުގެ ކުރީގެ ޓެކްސް އަހަރެއްގައި އޮޕަރޭޓިންގ ލީސްއަކާ ގުޅިގެން ޓެކްސް ރޫލިންގ ނަންބަރު  TR-2018/B64 (ތިން ކެޕިޓަލައިޒޭށަން) ގެ  11 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކޮށްފައި އޮތުމުގެ ސަބަބުން، ލީސްގެ މުއްދަތުގައި އެ ލީސްއާ ގުޅިގެން އުނިކުރެވޭ ޖުމުލަ އަދަދު، ލީސްގެ މުއްދަތުގައި ދައްކާ ކުލީގެ ޖުމުލަ އަދަދަށްވުރެ މަދުވާނެ ހާލަތުގައި، އެ މަދުވާ މިންވަރު ޓެކްސް އަހަރު 2020 ގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނުގެ ދަށުން ޓެކްސް ނަގަން ފެށުމުގެ ކުރީގެ ޓެކްސް އަހަރެއްގައި އޮޕަރޭޓިންގ ލީސްއަކާ ގުޅިގެން ޓެކްސް ރޫލިންގ TR-2018/64 (ތިން ކެޕިޓަލައިޒޭށަން) ގެ 11 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކޮށްފައި އޮތުމުގެ ސަބަބުން، ލީސްގެ މުއްދަތުގައި އެ ލީސްއާ ގުޅިގެން އުނިކުރެވޭ ޖުމުލަ އަދަދު، ލީސްގެ މުއްދަތުގައި ދައްކާ ކުލީގެ ޖުމުލަ އަދަދަށްވުރެ އިތުރުވާނެ ހާލަތުގައި، އެ އިތުރުވާ މިންވަރު ޓެކްސް އަހަރު 2020 ގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އާމްދަނީގެ ގޮތުގައި ބަލަންވާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 91 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާތަކެއް އިތުރުކުރުން.

91-1.ކެޕިޓަލައިޒްކުރާ ބޮރޮވިންގ ކޮސްޓް

(ހ) މި ބާބުގެ ބޭނުމަށް ކެޕިޓަލް އެސެޓެއް ގަތް އަގުކަމަށް ބަލާނީ، ބޮރޮވިންގ ކޮސްޓްގެ ގޮތުގައި ކެޕިޓަލައިޒްކޮށްފައިވާ އަދަދު ނުހިމަނައި އޮންނަ އަގެވެ.

(ށ) ބޮރޮވިންގ ކޮސްޓް އުނިކުރެވޭނީ، ގާނޫނުގެ 22 ވަނަ މާއްދާއާއި 71 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.

(ނ) ޓެކްސް އަހަރު 2020 ގެ ކުރީގެ މުއްދަތެއްގައި އެ ކެޕިޓަލް އެސެޓެއްގެ އަގުގެ ތެރޭގައި ބޮރޮވިންގ ކޮސްޓް ހިމަނާފައިވާ ކެޕިޓަލް އެސެޓަކަށް މި މާއްދާގެ (ހ) ރައްދެއް ނުވާނެއެވެ.

91-2.ގާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގެ ދަށުން އިހްތިޔާރުކޮށްފައިވާ ގޮތް ބަދަލުކުރުން

(ހ) ގާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގެ ދަށުން އިހްތިޔާރުކޮށްފައިވާގޮތް، އެ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ކުރިން ބަދަލުކުރުމަށް ބޭނުންވާނަމަ، ކޮމިށަނަރ ޖެނެރަލްގެ ހުއްދައަށް އެދި  ހުށަހަޅާނީ ލިޔުމުންނެވެ.

(ށ) ނުއުފުލޭ މުދަލެއް ކުއްޔަށްދީގެން ހޯދާ އާމްދަނީއާ ގުޅިގެން އެއްވެސް ޓެކްސް އަހަރެއްގައި ގާނޫނުގެ 28 ވަނަ މާއްދާގެ  (ހ) އަށް އަމަލުކުރުމަށް އިހްތިޔާރުކޮށްފައިވާނަމަ، އެގޮތަށް އަމަލުކުރުމަށް އިހްތިޔާރު ނުކުރިނަމަ، މި ބާބުގެ ދަށުން އުނިކުރެވޭނެ ކެޕިޓަލް އެލަވަންސްގެ އަދަދު، އެ އިހްތިޔާރު ބަދަލުކޮށްފައިވާ އަހަރެއްގައި އެ ނުއުފުލޭ މުދަލުގެ ޓެކްސް ރިޓްން ޑައުން ވެލިއު ހިސާބުކުރުމުގައި އުނިކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 97 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

97. ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭށަން ބަޔާން

(ހ) ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭށަން ބަޔާން ނިސްބަތްވާ ޓެކްސް އަހަރުގައި މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނެއް ހުށަހަޅަން ލާޒިމުވި ފަރާތްތަކުގެ ތެރެއިން މީރާއިން ކަނޑައަޅާ ފަރާތްތަކުން، ގާނޫނުގެ 59 މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭށަން ބަޔާން މީރާއިން ކަނޑައަޅާ ސުންގަޑިއަކަށް ހުށަހަޅަންވާނެއެވެ. 

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 97 ވަނަ މާއްދާގެ (ނ) އުނިކުރުން.

97.(ނ) (އުނިކުރެވިފައި)

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 98 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

 98.ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން

(ހ) "ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން" (MIRA 602) ހުށަހަޅަންޖެހޭނީ، ގާނޫނުގެ 55 ވަނަ މާއްދާގެ (ހ) ނުވަތަ  (ށ) ގައި ބަޔާންކޮށްފައިވާ ބާވަތެއްގެ ފައިސާއެއް، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދައްކާނަމަ، އެ ދައްކާ މަހަކަށެވެ.

(ށ) ގާނޫނުގެ 12 މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދަ މުއާހަދާއެއް ނުވަތަ އެއްބަސްވުމެއްގެ ދަށުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ނެގުމުން ނުވަތަ އުނިކުރުމުން އިސްތިސްނާކޮށްފައިވާ ފައިސާއަކަށް މި މާއްދާގެ (ހ) ރައްދުވާ ހާލަތުގައި ވެސް، މި މާއްދާގެ (ހ) އަށް އަމަލުކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 99 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރުތަކެއް އިތުރުކުރުން.

99.(ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބޭންކުތަކުން އިންކަމް ޓެކްސް ބަޔާނުގެ ގޮތުގައި ހުށަހަޅާނީ، "އިންކަމް ޓެކްސް ބަޔާން - ބޭންކު" (MIRA 606) ފޯމެވެ.

(ބ) ގާނޫނުގެ ދަށުން ޓެކްސް އަހަރަކަށް އިންޓެރިމް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން، އެ ޓެކްސް އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ކުރިން އެ ޓެކްސް އަހަރަށް ހުށަހަޅަންޖެހޭ އިންޓެރިމް ބަޔާންތައް ހުށަހަޅަންވާނެއެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 101 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

101.(ހ) އަންނަނިވި ހުރިހާ ށަރުތުތައް ފުރިހަމަވާ ފަރުދަކު އެ ޓެކްސް އަހަރަކަށް އިންކަމް ޓެކްސް ބަޔާނެއް ހުށަހަޅާކަށް ނުޖެހޭނެއެވެ.

  1. އެ ޓެކްސް އަހަރުގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ 720,000 (ހަތް ލައްކަ ވިހި ހާސް) ރުފިޔާއަށްވުރެ އިތުރު ނުވުން؛ އަދި
  2. ފައިބެ ޓެކްސް އަހަރުގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ 720,000 (ހަތް ލައްކަ ވިހި ހާސް) ރުފިޔާއަށްވުރެ އިތުރު ނުވުން؛ އަދި
  3. އެ ޓެކްސް އަހަރުގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ޖުމުލަ އާމްދަނީ 2,000,000 (ދެ މިލިޔަން) ރުފިޔާއަށްވުރެ އިތުރު ނުވުން؛ އަދި
  4. ފައިބެ ޓެކްސް އަހަރުގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ޖުމުލަ އާމްދަނީ 2,000,000 (ދެ މިލިޔަން) ރުފިޔާއަށްވުރެ އިތުރު ނުވުން.       

(ށ) އަންނަނިވި ހުރިހާ ށަރުތުތައް ފުރިހަމަވާނަމަ، ފަރުދުންނާއި ބޭންކުތައް ފިޔަވައި، އެހެން ފަރާތްތަކުން އެ ޓެކްސް އަހަރަކަށް އިންކަމް ޓެކްސް ބަޔާނެއް ހުށަހަޅާކަށް ނުޖެހޭނެއެވެ.

  1. އެ ޓެކްސް އަހަރުގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ 500,000 (ފަސް ލައްކަ) ރުފިޔާއަށްވުރެ އިތުރު ނުވުން؛ އަދި
  2. ފައިބެ ޓެކްސް އަހަރުގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ 500,000 (ފަސް ލައްކަ) ރުފިޔާއަށްވުރެ އިތުރު ނުވުން؛ އަދި
  3. އެ ޓެކްސް އަހަރުގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ޖުމުލަ އާމްދަނީ 2,000,000 (ދެ މިލިޔަން) ރުފިޔާއަށްވުރެ އިތުރު ނުވުން؛ އަދި
  4. ފައިބެ ޓެކްސް އަހަރުގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ޖުމުލަ އާމްދަނީ 2,000,000 (ދެ މިލިޔަން) ރުފިޔާއަށްވުރެ އިތުރު ނުވުން.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ހިސާބުކުރާ މުއްދަތު 365 (ތިން ސަތޭކަ ފަސްދޮޅަސް ފަހެއް) ދުވަހަށްވުރެ ކުރު ނަމަ، އެ މުއްދަތުގެ ނިސްބަތުން، އެ އަކުރުތަކުގައި ބަޔާންކޮށްފައިވާ އަދަދުތައް (ތްރެށޯލްޑްތައް) ކުޑަކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް އަހަރެއްގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ޖުމުލަ އާމްދަނީއަކީ ވަޒީފާ ދޭ އެންމެ ފަރާތަކުން ލިބުނު އުޖޫރަކަމުގައިވާނަމަ، އެ ޓެކްސް އަހަރަށް އެ ފަރުދަކު އިންކަމް ޓެކްސް  ބަޔާން ހުށަހަޅާކަށް ނުޖެހޭނެއެވެ.

(ބ) ޓެކްސް އަހަރުގައި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ އަދި  އެ ފަރާތުގެ ދާއިމީ މަރުކަޒެއް ދިވެހިރާއްޖޭގައި ނެތް ފަރާތަކަށް، އެ ޓެކްސް އަހަރުގައި ނިމޭ ހިސާބުކުރާ މުއްދަތުގައި ދިވެހިރާއްޖެއިން ލިބުނު ޖުމުލަ އާމްދަނީއަކީ ގާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދަނީ ކަމުގައިވާނަމަ، އެ ޓެކްސް އަހަރަށް އެ ފަރާތުން އިންކަމް ޓެކްސް ބަޔާން ހުށަހަޅާކަށް ނުޖެހޭނެއެވެ.

(ޅ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ފަރާތްތަކުން އެ ޓެކްސް އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަންވާނެއެވެ.

  1. ގާނޫނުގެ 11 ވަނަ މާއްދާގެ (ޑ) ގައި ބަޔާންކޮށްފައިވާ އާމްދާނީ ލިބޭ ފަރާތްތައް؛
  2. އިންށުއަރެންސްގެ ވިޔަފާރިކުރާ ފަރާތްތައް؛
  3. އަންނަނިވި ހުރިހާ ށަރުތުތައް ފުރިހަމަވާ ފަރުދުން.
    (i) އެ މީހަކަށް ދިވެހިރާއްޖޭގައި އަދާކުރާ ވަޒީފާއަކުން އުޖޫރަ ލިބުން؛
    (ii) އެ މީހަކަށް އުޖޫރަ ދޭ ފަރާތަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށްވުން؛
    (iii) އެ މީހަކަށް އުޖޫރަ ދޭ ފަރާތުގެ ދާއިމީ މަރުކަޒެއް ދިވެހިރާއްޖޭގައި ނެތުން؛
    (iv) ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ޓެކްސްގެ ގޮތުގައި އަދަދެއް ދައްކަންޖެހޭ ފަރާތަކަށްވުން.

(ކ) މި މާއްދާގެ (ހ) އިން ފެށިގެން (ޅ) ގެ ނިޔަލަށް ހުރި އަކުރުތައް ހިނގާނީ ޓެކްސް އަހަރު 2021 އިން ފެށިގެންނެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 102 ވަނަ މާއްދާގެ (ހ) ގެ މައިގަނޑު އަންނަނިވި ގޮތަށް އިސްލާހުކުރުން.  

102. އިންކަމް ޓެކްސް ބަޔާނާއެކު ހުށަހަޅަންޖެހޭ މާލީ ހިސާބުތައް

(ހ) ވިޔަފާރި އާމްދަނީ ލިބޭ ފަރާތްތަކުން އިންކަމް ޓެކްސް ބަޔާނާއެކު އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 102 ވަނަ މާއްދާގެ (ށ) އާއި (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ރައްދުވާ ފަރާތެއްގެ ޖުމުލަ އާމްދަނީ އަހަރަކަށް 10,000,000 (ދިހަ މިލިޔަން) ރުފިޔާއަށް ވުރެ އިތުރު ނުވާނަމަ، މި މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އޮޑިޓަރުގެ ރިޕޯޓު ހުށަހެޅުން ލާޒިމެއް ނޫނެވެ. އަދި އެ ފަދަ ފަރާތްތަކުން މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ބ) އިހްތިޔާރުކޮށްފައިވާނަމަ، މި މާއްދާގެ (ހ) ގެ (2) އާއި  (3) އަދި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުމުން ވެސް އިސްތިސްނާވާނެއެވެ.

(ށ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ރައްދުވާ ފަރާތަކަށް، ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ހަމައެކަނި އާމްދަނީއަކީ ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީކަމަށްވާނަމަ، އަދި ޓެކްސް އަހަރެއްގައި އެ ފަރާތަކުން ގާނޫނުގެ 28 ވަނަ މާއްދާ އިހްތިޔާރުކުރާނަމަ، މި މާއްދާގެ  (ހ) ގެ (1) އިން (7) ވަނަ ނަންބަރަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުމުން އެ ފަރާތް އިސްތިސްނާވާނެއެވެ.    މި އަކުރަށް އަމަލުކުރާނީ މި މާއްދާގެ (ރ) އާ ހިލާފު ނުވާނެ ގޮތުގެ މަތިންނެވެ.

 

16 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 1-102 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

102-2.ބައެއް ހާލަތުތަކުގައި ޓެކްސް ބަޔާން ހުށަހެޅުމަށް ކޮމިށަނަރ ޖެނެރަލް އެންގުން 

(ހ) ގާނޫނުގެ 48 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް، ޓެކުހުގެ ގޮތުގައި ލިބެންޖެހޭ އާމްދަނީއަށް ނޭދެވޭ އަސަރެއް ކޮށްފާނެކަމަށް ގަބޫލުކުރެވޭނެ ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންކަމާއި ހާލަތުތައް ހިމެނެއެވެ.

  1. އެހެން ގައުމެއްގައި ދާއިމީކޮށް ދިރިއުޅުމަށް ދިވެހިރާއްޖެ ދޫކޮށް ދިއުން؛
  2. 5 (ފަހެއް) އަހަރުދުވަހަށްވުރެ ދިގު މުއްދަތެއްގެ ވަޒީފާއެއް އަދާކުރުމަށް ދިވެހިރާއްޖެ ދޫކޮށް ދިއުން؛
  3. ޓެކްސް އަހަރެއްގެ ތެރޭގައި 10,000,000      (ދިހަ މިލިޔަން) ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ނުވަތަ މުދާ ދިވެހިރާއްޖެއިން ބޭރަށް ގެންދިއުން ނުވަތަ ބަދަލުކުރުން؛
  4. ގާނޫނުގެ 11 ވަނަ މާއްދާގެ (ލ) ގެ (2) ވަނަ ނަންބަރު ރައްދުވާ ހާލަތުގައި، ކުންފުންޏެއްގެ ނުވަތަ ޕާޓްނަރށިޕެއްގެ ނުވަތަ ޓްރަސްޓެއްގެ ވެލިއުގެ  %50 (ފަންސާސް އިންސައްތަ) އަށްވުރެ ބޮޑު ބައެއް، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ނިސްބަތްވަނީ ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލަކަށްވެފައި، އެއިން ފަރާތެއްގެ ހިއްސާއެއް ނުވަތަ މަސްލަހަތެއް ތަސައްރުފުކުރުން؛

(ށ) ގާނޫނުގެ 48 ވަނަ މާއްދާއަށް އަމަލުކުރުމަށް، އެ މާއްދާގެ   (ހ) ގެ (5) ވަނަ ނަންބަރުގެ ދަށުން ކަނޑައަޅާ ކަންތައްތައް:

  1. ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒަކަށް ނިސްބަތްވާ އެސެޓެއް ނުވަތަ އެސެޓްތަކެއް، ދިވެހިރާއްޖެއިން ބޭރުގައި ހުރި އެ ފަރާތުގެ ހެޑްއޮފީހަށް ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒަކަށް ބަދަލުކުރުން؛
  2. ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ހެޑްއޮފީހަށް ނިސްބަތްވާ އެސެޓެއް ނުވަތަ އެސެޓްތަކެއް، ދިވެހިރާއްޖެއިން ބޭރުގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒަކަށް ބަދަލުކުރުން؛
  3. ހެޑްއޮފީސް ބަދަލުކުރުމުގެ ސަބަބުން ނުވަތަ ހިންގުމާއި ކޮންޓްރޯލް ބަދަލުކުރުމުގެ ސަބަބުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވުން ނިމުމަކަށް އައުން.
  4. ގާނޫނުގެ 11 ވަނަ މާއްދާގެ (ލ) ގެ (2) ވަނަ ނަންބަރު ރައްދުވާ ހާލަތުގައި، ކުންފުންޏެއްގެ ނުވަތަ ޕާޓްނަރށިޕެއްގެ ނުވަތަ ޓްރަސްޓެއްގެ ވެލިއުގެ  %50 (ފަންސާސް އިންސައްތަ) އަށްވުރެ ބޮޑު ބައެއް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް ނިސްބަތް ވަނީ ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލަކަށްވެފައި، އެއިން ފަރާތެއްގެ ހިއްސާއެއް ނުވަތަ މަސްލަހަތެއް ތަސައްރުފުކުރުން؛
  5. ގާނޫނުގެ 11 ވަނަ މާއްދާގެ (ލ) ގެ (3) ވަނަ ނަންބަރު ރައްދުވާ ހާލަތުގައި، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏެއްގެ ނުވަތަ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޕާޓްނަރށިޕެއްގެ ނުވަތަ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޓްރަސްޓެއްގެ ހިއްސާއެއް ނުވަތަ މަސްލަހަތެއް ތަސައްރުފުކުރުން.

(ނ) މި މާއްދާގެ (ށ) ގެ (1) ނުވަތަ (2) ނުވަތަ (3) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، ބަދަލުކުރެވޭ އެސެޓަކީ، ގާނޫނުގެ  3 ވަނަ މާއްދާގެ (ފ) ގައި ބަޔާންކޮށްފައިވާ ފަދަ މުދަލެއްނަމަ، އެ އެސެޓެއް ބަދަލުކުރުމަކީ މި ގަވާއިދުގެ 73 ވަނަ މާއްދާގެ (ކ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ "ރެލަވަންޓް އިވެންޓް" އެކެވެ.

(ރ) މި މާއްދާގެ (ށ) ގެ (1) ނުވަތަ (2) ނުވަތަ (3) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، ބަދަލުކުރެވޭ އެސެޓަކީ، ގާނޫނުގެ  3 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ފަދަ މުދަލެއްނަމަ، އެ އެސެޓެއް ބަދަލުކުރުމަކީ ގާނޫނުގެ 3 ވަނަ މާއްދާގެ      (ދ) ގައި ބަޔާންކޮށްފައިވާ ފަދަ ތަސައްރުފުކުރުމެއްކަމަށް ބެލެވޭނެއެވެ.

(ބ) މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރާއި (5) ވަނަ ނަންބަރާއި، މި މާއްދާގެ (ނ) އާއި (ރ) ގެ ބޭނުމަށް، ތަސައްރުފުކުރި އަގުކަމަށް ބަލާނީ، އެ އެސެޓް ތަސައްރުފުކުރި ވަގުތުގައި، އެ އެސެޓުގެ އޯޕަން މާކެޓް ވެލިއުއެވެ.

(ޅ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ހިނގުމުގެ     15 (ފަނަރަ) ދުވަސް ކުރިން، އެ ކަމެއް ހިނގާނެކަމަށް ލަފާކުރެވޭ ދުވަހުގެ ނިޔަލަށް ތައްޔާރުކޮށްފައިވާ އިންކަމް ޓެކްސް ބަޔާނެއް ހުށަހަޅަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގެ ދަށުން ހުށަހަޅާ ޓެކްސް ބަޔާނުގައި، މި މާއްދާގެ (ހ) ނުވަތަ (ށ) ގައިވާ ގޮތަށް އެސެޓެއް ތަސައްރުފުކޮށްގެން ލިބޭ އާމްދަނީގެ އިތުރުން، އެ ބަޔާން ތައްޔާރުކުރަންޖެހޭ މުއްދަތުގެ ނިޔަލަށް އެ ޓެކްސް އަހަރުގައި ލިބިފައިވާ ޖުމުލަ އާމްދަނީ ހިމަނަންވާނެއެވެ.

(އ) މި މާއްދާގެ (ޅ) ގެ ދަށުން ހުށަހަޅާ ބަޔާނުގައި ހިމަނާފައިވާ އާމްދަނީގެ އަދަދު އިތުރުވެއްޖެނަމަ، އެ ބަދަލު އައި ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އިސްލާހުކޮށްފައިވާ ޓެކްސް ބަޔާނެއް ހުށަހަޅަންވާނެއެވެ.

(ވ) މި މާއްދާގެ (ޅ) ނުވަތަ (ކ) ގެ ދަށުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާން، ކަނޑައެޅިފައިވާ ސުންގަޑިއަށް ހުށަނާޅައިފިނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 65 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 106 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

106.(ހ) ޓެކްސް ބަޔާންތަކާއި، މި ގަވާއިދުގެ 102 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މާލީ ހިސާބުތަކާއި ލިޔެކިޔުންތައް މީރާއަށް ހުށަހަޅާ ކަރަންސީއަކީ އެ ފަރާތެއްގެ ޕްރެޒެންޓޭށަން ކަރަންސީއެވެ.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 123 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރުތަކެއް އިތުރުކުރުން.

123.(ނ) މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި އުޖޫރަ ދޭ ފަރާތަކުން މީރާއަށް ދައްކާ ފައިސާއަކީ، ވިތުހޯލްޑިންގ ޓެކްސް އުނިކުރެވުނު މުވައްޒަފު ދައްކާ ޓެކުހެވެ. އެބަހީ، ގާނޫނުގެ    46 ވަނަ މާއްދާގެ ދަށުން ހުށަހަޅާ އިސްލާހުކޮށްފައިވާ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނެއްގެ ނަތީޖާއަކީ އުޖޫރަ ދޭ ފަރާތުން އިތުރަށް ޓެކްސް ދެއްކުން ކަމަކަށް ނުބެލެވޭނެއެވެ.

(ރ) ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒެއް މެދުވެރިކޮށް ވިޔަފާރިކުރާ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ލިބޭ އާމްދަނީއަކާ ގުޅިގެން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތުގެ ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކުން މީރާއަށް ދައްކާ ފައިސާއަކީ، ވިތުހޯލްޑިންގ ޓެކްސް އުނިކުރެވުނު، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތުން ދައްކާ ޓެކުހެވެ. އެބަހީ، ގާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ހުށަހަޅާ އިސްލާހުކޮށްފައިވާ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނެއްގެ ނަތީޖާއަކީ، ވިތުހޯލްޑިންގ ޓެކްސް އުނިކުރި، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތުން އިތުރަށް ޓެކްސް ދެއްކުން ކަމަކަށް ނުބެލެވޭނެއެވެ. 

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 128 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

128-1. ޓެކްސް ދެއްކުމުގެ ޒިންމާއިން އެއްކިބާވުން

(ހ) ގާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް، އަންނަނިވި ކަންތައްތަކުންކުރެ ކަމެއް ކުރުމަކީ، އެ އިންތިޒާމެއްގެ ނުވަތަ މުއާމަލާތެއްގެ އެއް މަގްސަދަކީ ޓެކްސް ދެއްކުމުގެ ޒިންމާއިން އެއްކިބާވުން ނުވަތަ ޓެކްސް ދައްކަންޖެހޭ މިންވަރު ކުޑަކުރުންކަމުގައި ކޮމިށަނަރ ޖެނެރަލަށް ގަބޫލުކުރެވޭނެ އެކަށީގެންވާ ސަބަބެކެވެ.

  1. މުއާމަލާތް ހިންގި ނިޔަތް ރަނގަޅު ނުވުން؛
  2. ވިޔަފާރީގެ ބުރަދަނެއް ނެތް މުއާމަލާތެއް ހިންގުން؛
  3. އެ ވިޔަފާރިއެއްގެ އޮނިގަނޑު ނަހަމަ ގޮތުގައި ބޭނުންކުރުން؛
  4. އިންތިޒާމެއްގެ ނުވަތަ މުއާމަލާތެއްގެ އަސްލު ބަދަލުކުރުން.

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށް، އަންނަނިވި ހާލަތުތަކުގައި، މުއާމަލާތަކާ ގުޅޭގޮތުން ވިޔަފާރިއެއްގެ އޮނިގަނޑު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގައި ބެލެވޭނެއެވެ.

  1. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއްނަމަ ނުވަތަ ދިވެހިރާއްޖޭގައި ގާއިމުކުރެވިފައިވާ ދާއިމީ މަރުކަޒެއް ނަމަ، ގާނޫނުގައި ބަޔާންކޮށްފައިވާ ޓެކްސް ރޭޓަށްވުރެ ދަށް އިފެކްޓިވް ޓެކްސް ރޭޓެއް އޮންނަ ގައުމެއްގައި ވަޒަންވެރިވެފައިވާ ފަރާތެއް ނުވަތަ ފަރާތްތަކެއް މެދުވެރިވެގެން، ނުވަތަ އެފަދަ ގައުމެއްގައި ގާއިމުކުރެވިފައިވާ ދާއިމީ މަރުކަޒެއް ނުވަތަ ދާއިމީ މަރުކަޒުތަކެއް މެދުވެރިވެގެން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތުގެ ނުވަތަ ދިވެހިރާއްޖޭގައި ގާއިމުކުރެވިފައިވާ ދާއިމީ މަރުކަޒުގެ މިލްކުވެރިކަން ނުސީދާ ގޮތެއްގައި އެހެން ފަރާތަކަށް ނިސްބަތްވުން؛ ނުވަތަ
  2. ޑަބަލް ޓެކްސް އެގްރީމަންޓެއް ދިވެހިސަރުކާރާއެކު ވެފައިވާ ގައުމެއްގައި ވަޒަންވެރިވެފައިވާ ފަރާތެއްނަމަ:
    (i)     ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއް ނުވަތަ ދިވެހިރާއްޖޭގައި ގާއިމުކުރެވިފައިވާ ދާއިމީ މަރުކަޒެއް   އެ ފަރާތުން ކޮންޓްރޯލްކުރުން، ނުވަތަ، އެ ފަރާތުގެ ނުވަތަ ދާއިމީ މަރުކަޒުގެ މިލްކުވެރިކަމުގައި އެ ފަރާތުގެ މަސްލަހަތު އޮތުން، ނުވަތަ އެނޫންވެސް ގޮތަކުން އެ ފަރާތާ ނުވަތަ ދާއިމީ މަރުކަޒާއި އެ ފަރާތާ ގުޅުން އޮތުން؛ އަދި
    (ii)  އެފަދަ ގައުމެއްގައި ވަޒަންވެރިވެފައިނުވާ ފަރާތަކުން ނުވަތަ ޑަބަލް ޓެކްސް އެގްރީމަންޓެއް ދިވެހިސަރުކާރާއެކު ވެފައިނުވާ ގައުމެއްގައި ވަޒަންވެރިވެފައިވާ ފަރާތަކުން، ސީދާކޮށް ނުވަތަ ނުސީދާކޮށް އެ ފަރާތް ކޮންޓްރޯލްކުރުން ނުވަތަ މިލްކުވެރިކަން އޮތުން.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 129 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރުތަކެއް އިތުރުކުރުން.

129.
(1-ހ) "އިންޓްރެސްޓް" ގެ މާނައިގެ ތެރޭގައި، މި ގަވާއިދުގައި މާނަކޮށްދީފައިވާ އޮޕަރޭޓިންގ ލީސްއަކާ ގުޅިގެން ދައްކާ އިންޓްރެސްޓް ނުހިމެނެއެވެ. 

(2-ހ) "އޮޕަރޭޓިންގ ލީސް" ކަމަށް ބުނެފައި އެވަނީ، ފައިނޭންސް ލީސްގެ މާނައިގެ ތެރޭގައި ނުހިމެނޭ ލީސްއަށެވެ.

 

21 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

  

މައި ގަވާއިދު

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 21/2020)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު