-

ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1066) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-56)

 

ގަަވާއިދު ނަންބަރު 2019-1066 (ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތްކުރެވޭނެ ފަރާތްތަކާއި އެފަރާތްތަކުގެ ށަރުތުތައް

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ދިވެހިރާއްޖޭގައި ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރެވޭނީ، ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބުމަށްފަހު، ގާނޫނީ ދާއިރާގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހު ހިދުމަތްކުރުމާއެކު، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 61 ވަނަ މާއްދާގައި ބުނާފަދަ ލީގަލް ޕްރެކްޓިސްއެއް ނުވަތަ 62 ވަނަ މާއްދާގައި ބުނާފަދަ ލޯ ފަރމެއް މެދުވެރިކޮށް ގާނޫނީ ހިދުމަތްދޭ ގާނޫނީ ވަކީލުންގެ ތެރެއިން ބާ ކައުންސިލުން ހުއްދަ ދޭ ފަރާތްތަކަށެވެ.

 

2 ވަނަ މާއްދާ - ބުުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތް 4.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން، ލިޔުމެއްގައި ސޮއިކޮށްފައިވަނީ ނޯޓަރައިޒްކޮށްދޭ ފަރާތުގެ ކުރިމަތީގައިކަން ކަށަވަރު ކޮށްދިނުމަށްޓަކައި ނޯޓަރައިޒްކޮށްދޭ ލިޔުންތަކުގައި ސޮއިކުރަންވާނީ ޕަބްލިކް ނޯޓަރީގެ ހާޒިރުގައެވެ. އޮންލައިންކޮށް ނޯޓަރައިޒްކޮށްދޭނަމަ، ލިޔުމުގައި ސޮއިކުރެވޭ ވަގުތު، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޕަބްލިކް ނޯޓަރީގެ ހާޒިރުގައެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން.

4-1. ޕަބްލިކް ނޯޓަރީގެ ހިދުމަތް އޮންލައިންކޮށް ދިނުން

(ހ)  ގާނޫނޫއަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން އިއުލާންކޮށްފައިވާ ދަތުރުފަތުރު ކުރުން މަނާ ހާލަތްތަކުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ހިދުމަތަށް އެދޭ ފަރާތާ އެއް ހާޒިރުގައި ނޯޓަރައިޒްކޮށްދެވެން ނެތްނަމަ، ޕަބްލިކް ނޯޓަރީގެ ހިދުމަތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދެވިދާނެއެވެ.

(ށ) ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޕަބްލިކް ނޯޓަރީގެ ހިދުމަތް ދިނުމުގައި އަންނަނިވި ކަންކަން ފުރިހަމަކުރެވުނުކަން ޔަގީންކުރަންވާނެއެވެ.

  1. ވީޑިއޯ ކޮންފަރެންސްކޮށް ލިޔުމެއް ނޯޓަރައިޒްކޮށްދޭން ބާއްވާ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ ވީޑިއޯ ފެންނަކަން އަދި އޯޑިއޯ ސާފުކޮށް ލިބޭކަން ކަށަވަރުކުރުން؛
  2. ޕަބްލިކް ނޯޓަރީ އަމަލީގޮތުން ނޯޓަރައިޒްކޮށްދޭ މަޖިލީހަށް ހާޒިރުވެ ނޯޓަރައިޒްކޮށްދޭއިރު ކަށަވަރުކުރާ އެންމެހައި ކަންކަން އޮންލައިންކޮށް ނޯޓަރައިޒްކޮށްދޭ ހާލަތުގައިވެސް ކަށަވަރުކުރުން؛
  3. ނޯޯޓަރައިޒްކޮށްދޭ ލިޔުމުގައި ސޮއިކުރަންޖެހޭ ފަރާތުން ސޮއިކުރާ މަޖިލިސް ވީޑިއޯ ރެކޯޑުކޮށް، އެ ލިޔުމުގެ އަސްލު ޕަބްލިކް ނޯޓަރީއަށް ލިބުމުން އެ ލިޔުމުގައި ސްޓޭމްޕް ޖަހައި ސޮއިކުރުން؛
  4. ނޯޯޓަރައިޒްކޮށްދޭންޖެހޭ ލިޔުމަކީ އެއްފަރާތަށްވުރެ ގިނަފަރާތުން ސޮއިކުރަންޖެހޭ ލިޔުމެއް ކަމުގައިވާނަމަ، އެ ލިޔުމުގައި ސޮއިކުރަންޖެހޭ ކޮންމެ ފަރާތެއް ސޮއިކުރާ މަޖިލިސް ވަކިން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވައި، އަދި އެ މަޖިލިސް ރެކޯޑުކޮށް، އެ ލިޔުމުގެ އަސްލު ޕަބްލިކް ނޯޓަރީއަށް ލިބުމުން އެ ލިޔުމުގައި ސްޓޭމްޕް ޖަހައި ސޮއިކުރުން؛ އަދި
  5. ޕަަބްލިކް ނޯޓަރީގެ ސްޓޭމްޕް ހިމެނުމާއެކު އެއީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނޯޓަރައިޒްކޮށްދީފައިވާ ލިޔުމެއްކަން ނޯޓަރައިޒް ކޮށްދިންކަމުގެ ސެޓުފިކެޓުގައި ބަޔާންކުރުން.

 

4-2. ހުއްދަ އައުކުރުން

މި ގަވާއިދުގެ ދަށުން ދޭ ހުއްދަ ދެމިއޮންނާނީ، އެ ހުއްދަ ދޫކުރި ތާރީހުން ފެށިގެން، 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

 

4 ވަނަ މާއްދާ - .ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުން. 

6-1. ނޯޓަރައިޒްކޮށްދިންކަމުގެ ސެޓުފިކެޓު

(ހ)  ލިޔުމެއް ނޯޓަރައިޒް ކުރުމަށްފަހު ނޯޓަރައިޒްކޮށްދިން ލިޔުމާއެކު ނޯޓަރީ ސެޓުފިކެޓެއް އެއްކަރުދާސްކުރަންވާނެއެވެ. އެސެޓު ފިކެޓުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ނޯޓަރައިޒްކޮށްދިން ވަކީލުގެ ނަމާއި ސޮއި؛
  2. ޕަބްލިކް ނޯޓަރީގެ ސިއްކަ؛
  3. ނޯޓަރައިޒްކޮށްދިން ތާރީހު؛
  4. ނޯޓަރައިޒްކޮށްދެވޭ ފަރާތުގެ މައުލޫމާތު؛
  5. ނޯޓަރައިޒްކޮށްދެވޭ ފަރާތުގެ އައިޑެންޓިފިކޭށަން ކަށަވަރުކުރި ގޮތް؛
  6. ނޯޓަރައިޒްކޮށްދެވުނީ އެއް ހާޒިރުގައިކަން ނުވަތަ ވީޑިއޯ ކޮންފަރެންސް
    މެދުވެރިކޮށް ކަން؛ އަދި
  7. ނޯޓަރައިޒްކޮށްދެވުނީ ކޮން ލިޔުމެއްކަން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ދިވެހިބަހުން ނުވަތަ އިނގިރޭސިބަހުން ތައްޔާރުކުރެވިދާނެއެވެ.

 

5 ވަނަ މާއްދާބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަކުރެއް އިތުރުކުރުން.

7(ބ). މި ގަވާއިދުގެ ބޭނުމަށް ބާ ކައުންސިލުގައި ރަޖިސްޓަރީކުރާ ސިއްކަތައް ހުންނަންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނާފައިވާ ސިއްކައާ އެއްގޮތަށެވެ. މި ނޫންގޮތަކަށް މި ސިއްކަ ތައްޔާރުކޮށް ބޭނުންކުރުމަކީ މަނާކަމެކެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުން.

7-1.ސިއްކަ ރައްކާތެރިކަމާއެކު ބެލެހެއްޓުން

(ހ) ދިވެހިރާއްޖޭގެ ބާ ކައުންސިލުގައި ރަޖިސްޓަރީކޮށް، ޕަބްލިކް ނޯޓަރީއަށް ދޫކޮށްފައިވާ ސިއްކަ ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ. އަދި މި ސިއްކަ ބޭނުންކުރަންވާނީ، ޕަބްލިކް ނޯޓަރީގެ ހުއްދަ ދޫކޮށްފައިވާ ފަރާތުން އެކަންޏެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް ޕަބްލިކް ނޯޓަރީއަށް ދޫކޮށްފައިވާ ސިއްކަ ބޭނުންކޮށްފިކަން ބާ ކައުންސިލަށް ފާހަގަކުރެވިއްޖެނަމަ، އެ ޕަބްލިކް ނޯޓަރީއަކާ މެދު މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުމުގެ ބާރު، ބާ ކައުންސިލަށް ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

 8.ރެކޯޑު ބެލެހެއްޓުން

 (ހ) ދިވެހިރާއްޖޭގެ ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތް ކުރާ ގާނޫނީ ވަކީލުން، އެ ފަރާތްތަކުން ނޯޓަރައިޒްކޮށްދޭ ލިޔެކިޔުމުގެ ބާވަތާއި ސޮއިކުރާ ފަރާތްތަކުގެ މައުލޫމާތު އަދި އޮންލައިންކޮށް ނޯޓަރައިޒްކޮށްދޭ ބައްދަލުވުންތަކުގެ ރިކޯޑިންގް މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓަންވާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

9.ފިޔަވަޅުއެޅުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކޮށްފިނަމަ، އެ ފަރާތެއް އަންނަނިވި ގޮތުގެމަތިން ޖޫރިމަނާކުރެވޭނެއެވެ. 

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

 9.ފިޔަވަޅުއެޅުން

(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި އަމަލުކުރި ފަރާތް ޖޫރިމަނާ ކުރުމާއެކު، އެ ފަރާތުގެ ޕަބްލިކް ނޯޓަރީގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމަށް ނުވަތަ އެ އަމަލުގެ ކުޑަބޮޑުމިނަށް ބަލައި ޕަބްލިކް ނޯޓަރީގެ ހުއްދަ ބާތިލުކުރުމުގެ ބާރު، ބާ ކައުންސިލަށް ލިބިގެންވެއެވެ. އަދި އެ އަމަލަކީ ގާނޫނީ ވަކީލުކަމުގެ ސުލޫކާ ހިލާފު އަމަލެއްކަމަށް ފެނިއްޖެނަމަ އެ ފަރާތަކާމެދު ސުލޫކީ ފިޔަވަޅު އެޅުމުގެ ބާރު، ބާ ކައުންސިލަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ ފަހަތަށް އޮތް (ލަފްޒުތަކާއި އިބާރާތްތަކުގެ މާނަ) މާއްދާ އުނިކުރުން.

 

11 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1066)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ގަވާއިދު) (ކޮންސޮލިޑޭޓެޑް ނަންބަރު 2019-1066)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު