-

ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2021-49)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ، ކައުންސިލުތަކުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށާއި، ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމަށް ޓަކައި ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި ހިންގުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމާއި، ކައުންސިލްތަކުން އަމިއްލަ ފަރާތްތަކާއެކު ވިޔަފާރި ކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމަށް، ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 70 ވަނަ މާއްދާގެ (ރ) އާއި، (ބ) އާއި، 1-70 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ. 

(ށ) މި ގަވާއިދަށް ކިޔާނީ، "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" އެވެ. 

 

1 ވަނަ ބައި

ލޯކަލް އޮތޯރިޓީ ކުންފުނި ރަޖިސްޓަރީ ކުރުމަށް އެދި ކައުންސިލުން ހުށަހެޅުން 

 

2 ވަނަ މާއްދާ - ލޯކަލް އޮތޯރިޓީ ކުންފުނި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅޭނެ ފަރާތްތައް

ލޯކަލް އޮތޯރިޓީ ކުންފުނި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅޭނީ، ސިޓީ ކައުންސިލެއްގެ ފަރާތުން، ނުވަތަ އަތޮޅު ކައުންސިލެއްގެ ފަރާތުން، ނުވަތަ ރަށު ކައުންސިލެއްގެ ފަރާތުން، އެ ކައުންސިލެއްގެ މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށްފައިވާ ގަރާރަކުންނެވެ.

 

3 ވަނަ މާއްދާކުންފުނި ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން

މި ގަވާއިދުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގަރާރުގެ އިތުރުން، ލޯކަލް އޮތޯރިޓީ ކުންފުނި ރަޖިސްޓަރީ ކުރުމަށް އެދި، ތިރީގައިވާ މައުލޫމާތު އޮންލައިންކޮށް ނުވަތަ ފޯމު މެދުވެރިކޮށް، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހަޅާންވާނެއެވެ.

(ހ) ވިޔަފާރި ރަޖިސްޓަރީ ކުރަން އެދޭ ފޯމު.

(ށ) ލޯކަލް އޮތޯރިޓީ ކުންފުނީގެ އަސާސީ ގަވާއިދު.

(ނ) ލޯކަލް އޮތޯރިޓީ ކުންފުނީގެ ހިންގާ ގަވާއިދު.

(ރ) ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރާ ފަރާތްތަކުގެ މައުލޫމާތު.

(ބ) ލޯކަލް އޮތޯރިޓީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވާ ފަރާތުގެ މައުލޫމާތު.

ޅ) ސެކްރެޓަރީގެ މައުލޫމާތު.

 

4 ވަނަ މާއްދާ - ކުންފުނީގެ ނަން

(ހ) މި މާއްދާގެ (ށ) އާ ހިލާފުނުވާނޭ ގޮތެއްގެ މަތީން، ވަކި ކައުންސިލަކީ ކުންފުންޏެއްގެ އެންމެ ހިއްސާދާރެއްގެ ގޮތުގައި އުފައްދާ ކޮންމެ ކުންފުންޏަކަށް ނަން ކިޔާންވާނީ އަންނަނިވި ގޮތުގެ މަތީންނެވެ. 

  1. ކުންފުނީގެ ހަމައެކަނި ހިއްސާދާރަކީ ރަށު ކައުންސިލެއް ނަމަ، އަތޮޅާއި ރަށުގެ ނަން؛
  2. ކުންފުނީގެ ހަމައެކަނި ހިއްސާދާރަކީ އަތޮޅު ކައުންސިލެއް ނަމަ، އެ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރާގެ ނަން؛
  3. ކުންފުނީގެ ހަމައެކަނި ހިއްސާދާރަކީ ސިޓީ ކައުންސިލެއް ނަމަ، އެ ކައުންސިލެއް ނިސްބަތްވާ ސިޓީގެ ނަނ

(ށ) މި ގަވާއިދުގެ ދަށުން ވަކި ކައުންސިލަކީ ކުންފުނީގެ ހަމައެކަނި ހިއްސާދާރެއްގެ ގޮތުގައި، ނުވަތަ އެއް ކައުންސިލަށްވުރެ ގިނަ ކައުންސިލްތަކެއް އެކުވެގެން ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ކޮންމެ ކުންފުންޏެއްގެ ނަމުގެ ފަހަތަށް "ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް" ނުވަތަ އިނގިރޭސި އަކުރުން އޭގެ ރަމްޒު ކަމުގައިވާ “LAC. LTD.” ހިމަނާންވާނެއެވެ.

 

5 ވަނަ މާއްދ - ދަރަންޏަށް ޒިންމާވުން

މި ގަވާއިދުގެ ދަށުން އުފައްދާ ކުންފުންޏެއްގެ ދަރަންޏަށް ކައުންސިލުން ނުވަތަ ހިއްސާވާ ކައުންސިލުތަކަކުން ޒިންމާވާންޖެހޭނީ، އެ ކުންފުންޏެއްގެ ހިއްސާއިން އުފެއްދުމަށް ކަނޑައަޅައިފައިވާ ރައުސްމާލުގެ ތެރެއިން އެއްވެސް މިންވަރެއް އެ ކުންފުންޏަށް ދައްކައިފައި ނުވާނަމަ، އެ މިންވަރަކަށެވެ.

 

6 ވަނަ މާއްދާ - ގާނޫނީ ށަހްސިއްޔަތު

މި ގަވާއިދުގެ ދަށުން އުފައްދާ ކުންފުންޏަކީ، އެ ކުންފުނީގެ ނަން ކަމުގައި ރަޖިސްޓަރީ ކޮށްދީފައިވާ ނަމުގައި، ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ، ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތީން ހޯދުމާއި، ލިބިގަތުމާއި، ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމާއި، މި ކަންކަމުގެ ހައްގު ލިބިގެންވާ، ކުންފުނީގެ ހިއްސާދާރުންނާ ވަކިން އުފެދިފައިވާ ގާނޫނީގޮތުން އަމިއްލަ ށަހްސެކެވެ. 

 

7 ވަނަ މާއްދާހިއްސާ ބަދަލުކުރުން

މި ގަވާއިދުގެ ދަށުން އުފައްދާ ކުންފުންޏެއްގެ ހިއްސާ ބަދަލުކުރެވޭނީ، ހަމައެކަނި ކައުންސިލުތަކުގެ މެދުގައެވެ. ހިއްސާ ބަދަލުކުރުމަށް އެދި ހުށަހަޅާއިރު، ލޯކަލް އޮތޯރިޓީ ކުންފުނީގައި ހިއްސާވުމަށް އެދި ސިޓީ ކައުންސިލުގެ ފަރާތުން، ނުވަތަ އަތޮޅު ކައުންސިލުގެ ފަރާތުން، ނުވަތަ ރަށު ކައުންސިލުގެ ފަރާތުން، އެ ކައުންސިލުގެ މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށްފައިވާ ގަރާރު ހުށަހަޅާންވާނެއެވެ.

 

8 ވަނަ މާއްދާޑިރެކްޓަރުން އައްޔަނުކުރުމާއި ވަކިކުރުން

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ކޮންމެ ކުންފުންޏެއްގައި މަދުވެގެން 3 (ތިނެއް) ޑިރެކްޓަރުން ތިބެންވާނެއެވެ. ކޮންމެ ކުންފުންޏެއްގެ ހިންގާ ގަވާއިދުގައި އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ އަދަދު ލިޔެ ބަޔާންކުރާންވާނެއެވެ. 

(ށ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ކުންފުންޏެއްގެ ހަމައެކަނި ހިއްސާދާރަކީ ވަކި ކައުންސިލެއް ނަމަ، އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ގޮތުގައި ތިބެވޭނީ، އެ ކައުންސިލެއްގެ މެންބަރުންގެ ގަރާރަކުން އައްޔަނުކުރާ ފަރާތްތަކަށެވެ. އަދި މިގޮތުން އައްޔަނުކުރާ ޑިރެކްޓަރަކު ވަކިކުރެވޭނީ، ކައުންސިލުގެ މެންބަރުންގެ ގަރާރަކުން ނިންމާ ނިންމުމަކުންނެވެ. 

(ނ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ކުންފުންޏެއްގެ ހިއްސާދާރުންނަކީ، އެއް ކައުންސިލަށްވުރެ ގިނަ ކައުންސިލްތަކެއް ނަމަ، އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ގޮތުގައި ތިބެވޭނީ، ހިއްސާދާރުންގެ ގޮތުގައި ތިބޭ ކޮންމެ ކައުންސިލެއްގެ މެންބަރުންގެ ގަރާރަކުން އައްޔަނުކުރާ ފަރާތްތަކަށެވެ. އަދި މިގޮތުން އައްޔަނުކުރާ ޑިރެކްޓަރަކު ވަކިކުރެވޭނީ، އެ ޑިރެކްޓަރަކު އައްޔަނުކުރި ކައުންސިލުގެ މެންބަރުންގެ ގަރާރަކުން ނިންމާ ނިންމުމަކުންނެވެ. 

 

9 ވަނ ަމާއްދާ - ހިސާބުތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތް

ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ 63 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ސާފުކޮށް އެނގޭނޭހެން ހިސާބުތައް ބެލެހެއްޓުމުގެ ޒިންމާ އަދާކުރާނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ.

 

10 ވަނ ަމާއްދާ - ހިސާބުތައް ތައްޔާރުކުރުން

ކުންފުންޏަށް ދުވަހުން ދުވަހަށް ލިބޭ އާމްދަނީއާއި، ހަރަދުކުރާ ފައިސާގެ ތަފުސީލާއި، ކުންފުނީގެ މުދަލާއި، ދަރަންޏާއި އެހެނިހެން ޒިންމާތަކާބެހޭ ތަފުސީލު، މާލީ އަހަރު ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ފުރިހަމަކުރާންވާނެއެވެ.

 

11 ވަނަ މާއްދާ -  އަހަރީ ހިސާބުތައް ފާސްކުރުން

(ހ) ކޮންމެ ކުންފުންޏަކުން ވެސް އެ ކުންފުންޏެއްގެ އަހަރީ ހިސާބުތައް ތައްޔާރުކުރުމަށްފަހު، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއަކަށް ހުށަހަޅައި، އެ ޖަލްސާއަށް ހާޒިރުވި މެންބަރުންގެ އަޣްލަބިއްޔަތުން ހިސާބުތައް ފާސްކުރާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފާސްކުރާ ހިސާބުތައް، ކުންފުނީގެ ހިއްސާދާރުންގެ އާންމު ޖަލްސާއަކަށް ހުށަހަޅައިގެން އެ ހިސާބުތައް ފާސްކުރާންވާނެއެވެ.

 
 
12 ވަނަ މާއްދާ - އަހަރީ ރިޕޯޓު

ކޮންމެ ކުންފުންޏަކުން ވެސް އެ ކުންފުންޏެއްގެ އާމްދަނީއާއި، ހަރަދާއި، ފައިދާއާއި ގެއްލުމުގެ އަހަރީ ހިސާބުތަކާއި، ބެލެންސް ށީޓާއި، އަހަރީ ރިޕޯޓު ތައްޔާރުކުރުމަށްފަހު، ކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅައިގެން އެ ތަކެތި ފާސްކުރާންވާނެއެވެ.


13 ވަނަ މާއްދާ - އަހަރީ ރިޕޯޓުގައި ހިމަނާންޖެހޭ މައުލޫމާތު

ކުންފުނިތަކުގެ އަހަރީ ރިޕޯޓުގައި، ތިރީގައިވާ މައުލޫމާތު ހިމަނާންޖެހޭނެއެވެ.

(ހ) ކުންފުނީގެ ނަމާއި، ރަޖިސްޓްރޭށަން ނަންބަރާއި، ކުންފުނީގެ ހިއްސާދާރުންނާއި، ޑިރެކްޓަރުންނާއި، ކުންފުނީގެ ސެކްރެޓަރީގެ ގޮތުގައި އައްޔަނު ކޮށްފައިވާ ފަރާތުގެ ތަފުސީލަށް އައި ބަދަލު.

(ށ)ކުންފުނީގެ ހުއްދަ ކޮށްފައިވާ ރައުސްމާލާއި، އަގު އަދާކޮށްފައިވާ ރައުސްމާލާއި،  އަހަރުގެ ތެރޭގައި މިއިން އެއްވެސް އަދަދަކަށް އައި ބަދަލު.

(ނ) އަހަރުގެ ތެރޭގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ބާއްވައިފައިވާ ޖަލްސާތަކުގެ އަދަދާއި، މަށްވަރާކޮށް ނިންމައިފައިވާ މުހިންމު ނިންމުންތަކުގެ ތަފުސީލު.

(ރ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ކޮމިޓީތަކާއި، މިފަދަ ކޮމިޓީތަކުން ކުރާ ކަންތައްތައް.

(ބ) ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް އައިސްފައިވާ ބަދަލު.

(ޅ) ކުންފުނިން އެހެން އެއްވެސް ގާނޫނީ ށަހްސެއްގެ ހިއްސާ ގަނެފައިވާނަމަ، އެފަދަ މުއާމަލާތްތަކާބެހޭ ތަފުސީލު. މީގެ ތެރޭގައި، ހިއްސާ ގަތް ތާރީހާއި، ހިއްސާ ގަތް އަގު ހިމެނެއެވެ.

(ކ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ހަރަދުކޮށްފައިވާ ފައިސާގެ ތަފުސީލު.

(އ) ކުންފުނީގެ ވަޒީފާގައި ތިބި ފަރާތްތަކުގެ ތަފުސީލު.

(ވ) ކުންފުނީގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލައިފައިވާނަމަ، އެ ދައުވާއަކާބެހޭ ތަފުސީލު

(މ) ކުންފުނީގެ މަގުސަދުތަކަށް އަހަރުގެ ތެރޭގައި އެއްވެސް ބަދަލެއް އައިސްފައިވާނަމަ، އެކަމާބެހޭ ތަފުސީލު.

(ފ) ވިޔަފާރިއާއި މާލީ ހިސާބުތަކުގެ އުސް އަލިތައް.

(ދ) ކުރިމަގުގައި ވިޔަފާރިކުރަން ގަސްތުކޮށްފައިވާ ގޮތުގެ ހުލާސާ.

(ތ) ކުންފުނީގެ ނަމުގައި ހުރި ހަރުމުދަލުގެ ތަފުސީލު.

 
 
14  ވަނަ މާއްދާ - އޮޑިޓަރު އައްޔަނު ކުރުން

ކޮންމެ ކުންފުންޏަކުން ވެސް، ގާނޫނު ނަންބަރު 13/2020 (ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުގެ ގާނޫނު) ގެ ދަށުން ހުއްދަ ލިބިފައިވާ އެކައުންޓަންޓެއް މެދުވެރިކޮށް ކުންފުނީގެ ހިސާބުތައް އޮޑިޓް ކުރާންވާނެއެވެ.

 

15 ވަނަ މާއްދާ - އަހަރީ ހިސާބާއި، އަހަރީ ރިޕޯޓު، ރެޖިސްޓްރާރއަށް ހުށަހެޅުން

އަހަރީ ހިސާބާއި އަހަރީ ރިޕޯޓު، ކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅައި ފާސްކުރުމަށްފަހު، ކޮންމެ އަހަރެއްގެ ޖޫންމަހުގެ 30 ވަނަ ދުވަހުގެ ކުރިން، އޮންލައިންކޮށް، ނުވަތަ މިނިސްޓްރީން ކަނޑައަޅާ ކަލެކްށަން އެޖެންޓަކަށް ހުށަހަޅާންވާނެއެވެ.

 

16 ވަނަ މާއްދާ - ކުންފުނި އުވައިލަން އެ ކުންފުންޏަކުން ކަނޑައެޅުން

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރާ ކުންފުންޏެއް އުވައިލުމަށް އެ ކުންފުންޏަކަށް ނިންމޭނީ، ހިއްސާދާރުންގެ ހާއްސަ ގަރާރަކުންނެވެ.  މިގޮތުން ކުންފުނި އުވައިލުމަށް ނިންމާ ހާލަތުތަކުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ 76 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

2 ވަނަ ބައި

ސިޓީ ކައުންސިލުން، ނުވަތަ އަތޮޅު ކައުންސިލުން، ނުވަތަ ރަށު ކައުންސިލުން، އަމިއްލަ ފަރާތަކާއެކު ވިޔަފާރިއެއްގައި ހިއްސާވުމަށް ހުށަހެޅުން

 

17 ވަނަ މާއްދާ - އަމިއްލަ ފަރާތެއްގެ ވިޔަފާރީގައި ބައިވެރިވުން

ސިޓީ ކައުންސިލުން، ނުވަތަ އަތޮޅު ކައުންސިލުން، ނުވަތަ ރަށު ކައުންސިލުން، އަމިއްލަ ފަރާތަކާއެކު ވިޔަފާރިއެއްގައި ހިއްސާވުމަށް ހުށަހެޅުން
ސިޓީ ކައުންސިލަކުން، ނުވަތަ އަތޮޅު ކައުންސިލަކުން، ނުވަތަ ރަށު ކައުންސިލަކުން އަމިއްލަ ފަރާތަކާއެކު ވިޔަފާރި ކުންފުންޏެއްގައި ހިއްސާވުމުގެ ކުރިން، އަންނަނިވި މައުލޫމާތު، ރަޖިސްޓްރާ އޮފް ކޮމްޕެނީޒްއަށް ހުށަހަޅައިގެން އެކަމުގެ ހުއްދަ ހޯދާންވާނެއެވެ.

(ހ) ކުންފުނި، ނުވަތަ ޕާޓްނަރށިޕް، ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއާ ގުޅުމުން  ލިބޭނެ ފައިދާ.

(ށ) ކުންފުނި، ނުވަތަ ޕާޓްނަރށިޕް، ނުވަތަ ކޯޕަރޭޓިވް ސޮސައިޓީގެ ބިޒްނަސް ޕްލޭން.

(ނ) ކުންފުނި، ނުވަތަ ޕާޓްނަރށިޕް، ނުވަތަ ކޯޕަރޭޓިވް ސޮސައިޓީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އިސްފަރާތްތަކާއި، މެނޭޖްމަންޓުގައި ހިމެނޭ އިސް ފަރާތްތަކުގެ ވަނަވަރު.

(ރ) ކައުންސިލަށް ސަރުކާރުން ދޭ ހިލޭ އެހީގެ ފައިސާއިން ހޭދަކުރާނަމަ، އެ ފައިސާއިން ހޭދަކުރުމަށް އިއުތިރާޒު ނުކުރާކަން ބަޔާންކޮށް ދައުލަތުގެ މާލީ ވުޒާރާއިން ދޫކޮށްފައިވާ ލިޔުން.

(ބ) ކުންފުނިން ކުރާން ގަސްތުކުރާ ވިޔަފާރިތަކުގެ ތަފުސީލު.

(ޅ) ކުންފުނިން ކުރާން ގަސްތުކުރާ ވިޔަފާރިތަކުގެ ދާއިރާގައި، އެ ރަށެއްގައި، ނުވަތަ އެ އަތޮޅެއްގައި، ނުވަތަ އެ ސިޓީއެއްގައި ގާއިމުވެގެން ހިންގާ ވިޔަފާރިތަކަށް ކުރާނެ އަސަރު މިންކޮށްފައިވާ ގޮތުގެ ރިޕޯޓެއް.

(ކ) ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އިން ލާޒިމްކޮށްފައިވާ ގޮތުގެ މަތީން ކައުންސިލުން ފާސްކޮށްފައިވާ 5 (ފަހެއް) އަހަރުދުވަހުގެ ތަރައްގީގެ ޕްލޭނާއި ފައިނޭންށަލް ޕްލޭން.

(އ) ކައުންސިލަށް ސަރުކާރުން ދޭ ހިލޭ އެހީގެ ފައިސާއިން ހޭދަކުރާނަމަ، އެ ފައިސާއިން ހޭދަކުރުމަށް އިއުތިރާޒު ނުކުރާކަން ބަޔާންކޮށް ދައުލަތުގެ މާލީ ވުޒާރާއިން ދޫކޮށްފައިވާ ލިޔުން؛

(ވ) ލޯކަލް އޮތޯރިޓީ ކުންފުނީގެ ބިޒްނަސް ޕްލޭން.

 

18 ވަނަ މާއްދާ - އަމިއްލަ ފަރާތަކާއެކު ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމަށް ހުއްދަ ދިނުން

އަމަލުކުރާން ފެށުންމި ގަވާއިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު މިނިސްޓްރީއަށް ހުށަހެޅުމުން، ކުންފުނި ރަޖިސްޓަރީ ކުރުމަށް އިއުތިރާޒު ނުކުރާކަމުގެ ލިޔުމަކާއި، ހިންގަން ހުއްދަދެވޭ ވިޔަފާރިތަކުގެ ތަފުސީލު ކަނޑައަޅައި، "ލޯކަލް އޮތޯރިޓީ ކުންފުނި" އުފެއްދުމަށް ހުއްދަ ދޫކުރާނީ، ރަޖިސްޓްރާރ އޮފް ކޮމްޕެނީޒެވެ. މިގޮތުން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ދޫކުރާ ހުއްދަ ދޫކުރާންވާނީ، މި މާއްދާގެ (ހ) އިން ފެށިގެން (ޅ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، އެ ރަށެއްގައި، ނުވަތަ ސިޓީއެއްގައި، ނުވަތަ އަތޮޅުގައި ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދަން ފެންނަކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނިންމާ ނިންމުމަށް ބިނާކޮށެވެ.

(ހ) އެ ރަށެއްގެ ނުވަތަ އެ އަތޮޅެއްގެ ނުވަތަ އެ ސިޓީއެއްގެ އާބާދީއާއި އިގްތިސާދީ ހާލަތު؛

(ށ)އަމިއްލަ ފަރުދުންނާއި ގާނޫނީ ށަހްސުތަކުން އެ ރަށެއްގައި ނުވަތަ އެ ދާއިރާއެއްގައި ހިންގަމުންގެންދާ ވިޔަފާރިތަކަށް ކުރާނެ އަސަރު؛

(ނ) އެ ރަށެއްގެ ނުވަތަ އެ އަތޮޅެއްގެ ނުވަތަ އެ ސިޓީއެއްގެ ވިޔަފާރީގެ ވާދަވެރިކަމަށް ކުރާނެ އަސަރު؛

(ރ) އެ ރަށެއްގެ ނުވަތަ އެ އަތޮޅެއްގެ ނުވަތަ އެ ސިޓީއެއްގެ މުޖުތަމައަށް ކުރާނެ ފައިދާ؛

(ބ) އެ ރަށެއްގައި، ނުވަތަ އެ އަތޮޅެއްގައި، ނުވަތަ އެ ސިޓީއެއްގައި ވަޒީފާ އުފެދޭނެ މިންވަރު؛

(ޅ) ކުންފުނިން ކުރާނެ ވިޔަފާރިން އުފެއްދުންތެރިކަމަށް ހިއްސާކުރާނެ މިންވަރު.

 
19 ވަނަ މާއްދާ - އަމިއްލަ ފަރާތްތަކާއެކު ހިންގޭ ވިޔަފާރީގައި ހިމެނޭނެ ކައުންސިލުގެ ހިއްސާގެ މިންވަރު 

އަމިއްލަ ފަރާތްތަކާއެކު ކުންފުނި އުފައްދާން ހުށަހަޅާއިރު، ކައުންސިލުގެ ހިއްސާ އޮންނާންޖެހޭނީ، %20 (ވިހި އިންސައްތަ) އަށްވުރެ އިތުރުނުވާނެ މިންވަރަކަށެވެ.

3 ވަނަ ބައި

އެހެނިހެން

 

20 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރާން ފަށާއިރު، ކައުންސިލްތަކުން ކުރަމުން ގެންދާ ވިޔަފާރިތައް

މި ގަވާއިދަށް އަމަލުކުރާން ފަށާއިރު، ކައުންސިލުތަކުން އަމިއްލަ ނަމުގައި ކުރާ ވިޔަފާރީގެ ގޮތުގައި ކައުންސިލުން ކަނޑައަޅާ ވިޔަފާރި ހަރަކާތްތައް ހިންގާންވާނީ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 9 (ނުވައެއް) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދުގެ ދަށުން ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓަރީކޮށް، އެ ކުންފުނީގެ ދަށުންނެވެ. މިގޮތުން ރަޖިސްޓަރީ ކޮށްދިނުމަށް އެދޭ ވިޔަފާރިއަކީ، ކައުންސިލުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ޓަކައި، ކައުންސިލުގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ މަގުސަދުގައި ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ކުންފުންޏަކަށް ވާންވާނެއެވެ.

 

21 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަ ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވާނީ، އެ ލަފުޒުތަކާއި އިބާރާތްތަކާ ގުޅިގެން، ތިރީގައިވާ މާނަކުރުމެވެ.

(ހ) "ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ މަގާމަށް އައްޔަނުކުރެވޭ ފަރާތަށެވެ.

(ށ)  "އަމިއްލަ ނަމުގައި ކުރާ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ކުރާ މުއާމަލާތަކީ ނުވަތަ ފޯރުކޮށްދޭ ހިދުމަތަކީ، ވިޔަފާރި އުސޫލުން ފޯރުކޮށްދިނުމަށް ޓަކައި، ކައުންސިލުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ކުރާ މަސައްކަތެއް، ނުވަތަ ގާއިމުކޮށްފައިވާ ކުންފުންޏެއް، ނުވަތަ ޕާޓްނަރށިޕެއް، ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް މެދުވެރިކޮށް ހިންގަމުންގެންދާ ވިޔަފާރިތަކަށެވެ.

 

22 ވަނަ މާއްދާ - އަމަލުކުރާން ފެށުން

މި ގަވާއިދަށް އަމަލުކުރާން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 7/2010)  

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު