-

ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-49) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2022-84)

ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-49) ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަކުރެއް އިތުރުކުރުން.

3.(ކ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ ވިޔަފާރި ހަރަކާތެއްނަމަ، އެ ވިޔަފާރިއެއް ފެށުމުގެ ހުއްދަ ލިބިފައިވާކަން އެނގޭނެ ލިޔުމެއް.

 

2 ވަނަ މާއްދާ - .ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން 5 (ފަހެއް) މާއްދާ އިތުރުކުރުން.

4-1. ކުންފުނީގެ މަގުސަދުތައް ކަނޑައެޅުން

މި ގަވާއިދުގެ ދަށުން އުފައްދާ ކުންފުނީގެ މަގުސަދު ހާސިލު ކުރުމަށްޓަކައި، ހިންގާ ވިޔަފާރި ހަރަކާތްތައް ބެހިގެންވަނީ 2 (ދޭއް) ބާވަތަކަށެވެ.

(ހ) މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުއްދަ ވިޔަފާރި ހަރަކާތްތައް.

(ށ) އެ ރަށެއްގައި އަމިއްލަ ފަރާތްތަކުން، އެ ވިޔަފާރި ހަރަކާތެއް ނުވަތަ ވިޔަފާރި ހަރަކާތްތަކެއް ހިންގާ މިންވަރަށް ރިއާޔަތްކޮށް، ވިޔަފާރީގެ ވާދަވެރިކަމަށް ކުރާނެ އަސަރާއި، ރައްޔިތުންނަށް ލިބޭނެ ފައިދާ މިންކުރުމަށްފަހު ހުއްދަދޭ ވިޔަފާރި ހަރަކާތްތައް.

 

4-2. ހުއްދަކުރެވިފައިވާ ވިޔަފާރި ހަރަކާތްތައް

މި ގަވާއިދުގެ ދަށުން ހުއްދަކޮށް ފައިވާ ވިޔަފާރި ހަރަކާތްތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ވިޔަފާރި ހަރަކާތްތައް ހިމެނޭ ލިސްޓެއް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާނެއެވެ.

 

4-3. ހުއްދަ ހޯދަންޖެހޭ ވިޔަފާރި ހަރަކާތްތައް

(ހ) މި ގަވާއިދުގެ ޖަދުވަލު 1 ގައި ނުހިމެނޭ ކޮންމެ ވިޔަފާރި ހަރަކާތެއް ހިންގުމަށް އެދޭ ކައުންސިލަކުން، އެ ރަށެއްގައި ނުވަތަ އެ ދާއިރާއެއްގައި، އެ ވިޔަފާރި ހަރަކާތެއް ނުވަތަ ވިޔަފާރި ހަރަކާތްތަކެއް ހިންގާ މިންވަރަށް ރިއާޔަތްކޮށް، ވިޔަފާރީގެ ވާދަވެރިކަމަށް ކުރާނެ އަސަރާއި، ރައްޔިތުންނަށް ލިބޭނެ ފައިދާ މިންކުރުމަށް ސަރުކާރުން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށްފަހު އެ ވިޔަފާރި ހަރަކާތް ހިންގުމުގެ ހުއްދަ މި މިނިސްޓްރީން ހޯދަންވާނެއެވެ. އަދި މިނިސްޓްރީން ހުއްދަ ދޭއިރު، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާ ހޯދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށްފަހު، އެ ކުންފުންޏެއްގެ އަސާސީ ގަވާއިދުގައި ހިމަނައި، ހުއްދަ ދެވޭ ވިޔަފާރި ހަރަކާތްތައް މިނިސްޓްރީގައި ރަޖިސްޓަރީކުރަންވާނެއެވެ.

 

4-4. ހުއްދަ ކޮށްފައިވާ ވިޔަފާރި ހަރަކާތްތައް ނޫން އެހެން ވިޔަފާރި ހަ ރަކާތްތައް ހިންގުން

މި ގަވާއިދުގެ ދަށުން ހުއްދަކޮށްފައިވާ ވިޔަފާރި ހަރަކާތް ފިޔަވައި، އެހެން ވިޔަފާރި ހަރަކާތެއް ހިންގާނަމަ، 10،000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

 

4-5. ސަރވިސް އެޑްރެސް

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރެވޭ ކޮންމެ ކުންފުންޏެއްގެ ވެސް، ސަރވިސް އެޑްރެހެއް ކަނޑައަޅައި، ރަޖިސްޓަރީކުރާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި މިނިސްޓްރީގައި ރިކޯޑުކުރަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

5-1. ކުންފުނީގެ މުއާމަލާތުތައް ކުރުމަށް ބޭންކު އެކައުންޓު ހުޅުވުން

ކުންފުނިން ފައިސާ ބަލައިގަނެ، ފައިސާ ހަރަދުކުރަންވާނީ، ކުންފުނީގެ މުއާމަލާތުތަކަށް ހުޅުވައިފައިވާ ބޭންކު އެކައުންޓު މެދުވެރިކޮށެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން 10 މާއްދާ އިތުރުކުރުން. 


7-1. ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގެ ކޯރަމް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތައް ބާއްވަންވާނީ، މަދުވެގެން 3 (ތިނެއް) މެންބަރުންގެ ކޯރަމް އޮވެގެންނެވެ.

 

7-2. ޑިރެކްޓަރުން އައްޔަނުކުރުމަށް ރުހުން އޮތުން

ކުންފުންޏެއްގެ ޑިރެކްޓަރުކަމަށް އައްޔަނުކުރާ ފަރާތް، ޑިރެކްޓަރުކަމަށް އައްޔަނުކުރުމަށް އޭނާ ރުހިގަބޫލުވާ ކަމަށާއި، ޑިރެކްޓަރުކަމުގެ ށަރުތު ފުރިހަމަވާ މީހެއްކަމަށް ލިޔުމުން ބަޔާންކޮށް ކުންފުންޏަށް ހުށަހެޅުމުން މެނުވީ، ކުންފުންޏެއްގެ ޑިރެކްޓަރެއްގެ ގޮތުގައި އެއްވެސް ފަރާތެއް ހަމަޖައްސައިގެން ނުވާނެއެވެ.

 

7-3. ޑިރެކްޓަރުންގެ ށަރުތު

ޑިރެކްޓަރުންގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތައް ކަނޑައަޅާނީ، ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ މަށްވަރާގެ މަތީން، ރެޖިސްޓްރާރއެވެ.

 

7-4. ޑިރެކްޓަރުން ތަމްރީނުކުރުން

ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކަށް އައްޔަނުކުރާ ކޮންމެ ފަރާތެއް، އައްޔަނުކުރުމުގެ ކުރިން، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށް އަހުލުވެރިވުމަށް ޓަކައި، ރެޖިސްޓްރާރ ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަންވާނެއެވެ.

 

7-5. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރާ ކޮންމެ ކުންފުންޏެއްގައިވެސް މެނޭޖިންގ ޑިރެކްޓަރެއް ހުންނަންވާނެއެވެ.

(ށ) ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އައްޔަނުކޮށް ވަކިކުރުމުގައި އަމަލުކުރާނެ ގޮތް، ކުންފުނީގެ ހިންގާ ގަވާއިދުގައި ކަނޑައަޅައިފައި އޮންނަންވާނެއެވެ.

 

7-6. މެނޭޖިންގ ޑިރެކްޓަރު ފިޔަވައި، ކުންފުނީގެ އެހެން ޑިރެކްޓަރުންގެ ހައިސިއްޔަތު

މި ގަވާއިދުގެ ދަށުން އުފައްދާ ކޮންމެ ކުންފުންޏެއްގެ ވެސް، މެނޭޖިންގ ޑިރެކްޓަރު ފިޔަވައި، އެހެން ހުރިހާ ޑިރެކްޓަރުންނަކީ، ކުންފުނީގެ ވަޒީފާއެއް އަދާކުރާ، ދުވަހުން ދުވަހަށް އުފުލަންޖެހޭ ޒިންމާއެއް ކަނޑައަޅައިފައިވާ ޑިރެކްޓަރަކަށް ވެގެން ނުވާނެއެވެ.

 

7-7. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކީ އެގްޒެކަޓިވް ޑިރެކްޓަރެއްގެ ގޮތުގައި ކަނޑައެޅުން

މި ގަވާއިދުގެ ދަށުން އުފައްދާ ކޮންމެ ކުންފުންޏެއްގެ ވެސް މެނޭޖިންގ ޑިރެކްޓަރަކީ ކުންފުނީގެ ދުވަހުން ދުވަހަށް މަސައްކަތް ރާވައި ހިންގުމުގެ އެންމެ އިސް ފަރާތެވެ. އަދި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކީ، ކުންފުނީގެ ދާއިމީ މަގާމެއްގައި ހުންނަ ފަރާތަކަށް ވާންވާނެއެވެ.

 

7-8. މަސްލަހަތު ފުށުއެރުން

ކުންފުނީގެ ކޮންމެ ޑިރެކްޓަރަކު ވެސް، ކުންފުނި ހިންގުމުގަ އްޔާއިކުންފުނީގެ ކުރިމަގު ބައްޓަންކުރުމުގައި، އެ ޑިރެކްޓަރުގެ މަސްލަހަތު ފުށުއަރާ ހާލަތުތަކުގައި، ކުންފުނީގެ ޖަލްސާތަކުން ތަނާޒުލު ވާންވާނެއެވެ.

 

7-9. ސުލޫކީ މިންގަނޑު ކަނޑައެޅުން

ކުންފުނީގެ ޑިރެކްޓަރުންގެ މެންބަރުން އަމަލުކުރާނެ ސުލޫކީ މިންގަނޑެއް ރަޖިސްޓްރާރގެ މަށްވަރާގެ މަތީން، ލޯކަލް ގަވަރންމަންޓް އޮތޯރިޓީން ކަނޑައަޅާ އާންމުކުރަންވާނެއެވެ.

 

7-10. ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން މަގާމުން ވަކި ކުރެވޭނެ ހާލަތުތައް

އަންނަނިވި ހާލަތުތަކުން ހާލަތެއް ކުރިމަތިވެއްޖެނަމަ، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން މަގާމުން ވަކި ކުރެވޭނެއެވެ.

(ހ) މި ގަވާއިދުގެ ދަށުން ހުއްދަކޮށްފައިނުވާ ވިޔަފާރި ހަރަކާތެއް ހިންގުން.

(ށ) މި ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ އަހަރީ ހިސާބާއި، އަހަރީ ރިޕޯޓު، ރެޖިސްޓްރާރއަށް ހުށަހަޅައިފައިނުވުން.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 ގެ ގޮތުގައި އަންނަނިވި ޖަދުވަލު އިތުރުކުރުން.

 

ޖަދުވަލު 1

ހުއްދަ ކޮށް ފައިވާ ވިޔަފާރި ހަރަ ކާތްތައް 

 

ދާއިރާ

ކައުންސިލަށް ހިއްސާ ވެވޭނެ މިންވަރު

(ހ) އެ ސިޓީއެއްގައި ނުވަތަ އެ ރަށެއްގައި ނުވަތަ އެ އަތޮޅެއްގައި އަމިއްލަ ފަރާތްތަކުން ވިޔަފާރިނުކުރާ ދާއިރާތައް
1. ކޮންވެންޝަން ސެންޓަރު (ޓޫރިސްޓް ހޮޓަލާއި، ގެސްޓް ހައުސްއާއި ، 
މީޓިންގ ރޫމާއި، ކާބޯތަކެތި ޚިދުމަތްދޭ ތަންތަނާއި ފިހާރަ ހިމެނޭ ގޮތުން) 
  100%
2. ތަޢުލީމު ދޭ ތަންތަނ   100%
3. ކްލިނިކް   100%
4. ހޮސްޕިޓަލް   100%
5. ރިނިއުވަބަލް އެނަރޖީ   100%
6. ގެސްޓް ހައުސް ނުވަތަ ޓޫރިސްޓް ހޮޓެލް   100%
7. އެއަރޕޯޓް ހިންގުން   100%
8. ކުނި މެނޭޖްކުރުން   100%
9. ދަނޑުވެރިކަން   100%
10. މަސް ޕްރޮސެސްކުރުން، އައިސް ޕްލާންޓް ޤާއިމުކުރުން   100%
11. ސޯޝަލް ހައުސިންގ   100%
12. ކޭބަލް ޓީވީގެ ޚިދުމަތް ދިނުން   100%
13. ބޯޓް ޔާޑު ޤާއިމުކުރުން   100%
14. ފާރމަސީ ހިންގުން   100%
15. އަސާސީ ތަކެތި ވިއްކާ ފިހާރަ   100%
(ށ) އެ ސިޓީއެއްގައި ނުވަތަ އެ ރަށެއްގައި ނުވަތަ އެ އަތޮޅެއްގައި އަމިއްލަ ފަރާތްތަކުން ވިޔަފާރިކުރާ ދާއިރާތައް ނުވަތަ އެ ސިޓީއެއްގައި ނުވަތަ އެ ރަށެއްގައި ނުވަތަ އެ އަތޮޅެއްގައި އަމިއްލަ ފަރާތްތަކުން ވިޔަފާރިކުރިނަމަވެސް، އެކަށީގެންވާ މިންވަރަށް މުދާ ނުވަތަ ހިދުމަތް ފޯރުކޮށްނުދެވޭ ދާއިރާތައް 
1. ކޮންވެންޝަން ސެންޓަރު (ޓޫރިސްޓް ހޮޓަލާއި، ގެސްޓް ހައުސްއާއި ، 
މީޓިންގ ރޫމާއި، ކާބޯތަކެތި ޚިދުމަތްދޭ ތަންތަނާއި ފިހާރަ ހިމެނޭ ގޮތުން)
100%
2. ތަޢުލީމު ދޭ ތަންތަން 100%
3. ހޮސްޕިޓަލް 100%
4. ކްލިނިކް 100%
5. ރިނިއުވަބަލް އެނަރޖީ 100%
6. ކުނި މެނޭޖްކުރުން 100%
7. ދަނޑުވެރިކަން 100%
8. މަސް ޕްރޮސެސްކުރުން، އައިސް ޕްލާންޓް ޤާއިމުކުރުން 100%
9. ބޯޓް ޔާޑު ޤާއިމުކުރުން 100%

 

6 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 49/2021)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު