ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު (ނަންބަރު 2019-1041) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2020-127)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 28 ޑިސެމްބަރު 2020 ގައި)
ގަވާއިދު ނަންބަރު 2019-1041 (ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
3. (ށ) (3) ކޯޕަރޭޓް ސޯށަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ގެ ގޮތުގައި، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އަދަދަށްވާ ފައިސާ، ތަން ތަރައްގީކޮށް ނިމި ހިންގަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި ބަހައިލައިގެން މިނިސްޓްރީ އޮފް ފިނޭންސްގައިވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ޓްރަސްޓް ފަންޑުގެ އެކައުންޓަށް ދެއްކުމަށް އެއްބަސްވެފައިވާ ފަރާތަކަށް ވުން.
2 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 1-3 ވަނަ މާއްދާ އުނިކުރުން.
3 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
3. (ރ) މި މާއްދާގެ (ހ) އާއި (ނ) އާއި، މި ގަވާއިދުގެ 1-8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ކޮންސްޓްރަކްށަން ޕީރިއަޑް" އިތުރުކޮށްދެވޭނީ ކުލީގެ އެއްބަސްވުމަށް ގެނެވޭ އިސްލާހަކުންނެވެ. މި އިސްލާހުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
1. ތަން ތަރައްގީ ކުރުމަށް ދެވޭ މުއްދަތުގައި ތަން ތަރައްގީކޮށް ނުނިމިއްޖެނަމަ، ކުލީގެ އެއްބަސްވުން އޭގެ އަމިއްލަ ޒާތުން ބާތިލުވާނެކަން ބަޔާންކުރަންވާނެއެވެ.
4 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ހިންގަން ފަށައިފައިނުވާ ތަންތަނުގެ ކުއްޔާއި ޖޫރިމަނާ ފަސްކުރުން 4.
(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ނުވަތަ 1-8 ވަނަ މާއްދާގެ (ނ) ގެ ދަށުން "ކޮންސްޓްރަކްށަން ޕީރިއަޑް" އިތުރުކޮށްދެވޭ ތަންތަނާ ގުޅިގެން، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމަށް ގެނެވޭ އިސްލާހުގައި ސޮއިކުރާ ތާރީހާ ހަމައަށް އަރައިފައިވާ ކުއްޔާއި ޖޫރިމަނާއާއި، މި ގަވާއިދުގެ ދަށުން އިތުރުކޮށްދެވޭ "ކޮންސްޓްރަކްށަން ޕީރިއަޑް" ގައި ދައްކަންޖެހޭ ކުލި ފަސްކޮށްދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ފަސްކޮށްދެވޭ ކުއްޔާއި ޖޫރިމަނާ ދައްކާނީ، އަންނަނިވި ގޮތްތަކުގެ ތެރެއިން، ތަން ކުއްޔަށް ހިފައިފައިވާ ފަރާތުން އިހްތިޔާރުކުރާ ގޮތަށެވެ.
- މިނިސްޓްރީން އެ ތަނެއް ހިންގުމަށް އޮޕަރޭޓިންގ ލައިސަންސް ދޭ ތާރީހުން ފެށިގެން 2 (ދޭއް) އަހަރުދުވަހުގެ ގްރޭސް ޕީރިއަޑަކަށްފަހު ކުއްޔާއި ޖޫރިމަނާ ދައްކަން ފަށައި، ފައިސާ ދައްކަން ފަށާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ކޮންމެ އަހަރެއްގެ ވެސް 4 (ހަތަރެއް) ކުއާޓަރަށް ހަމަހަމައަށް ބަހައިލައިގެން އިންޓަރެސްޓެއް ނެތި ދެއްކުން.
- ރަށް ތަރައްގީކޮށް ނިމި ހުޅުވާ ތާރީހުން ފެށިގެން 2 (ދޭއް) އަހަރުދުވަހުގެ ގްރޭސް ޕީރިއަޑަކަށްފަހު އަރައިފައިވާ ކުއްޔާއި ޖޫރިމަނާ ދައްކަން ފަށައި، ކުލީގެ އެއްބަސްވުމުގެ ބާކީ އޮންނަ މުއްދަތުގެ ތެރޭގައި އަހަރަކު 4 ކުއާޓަރަށް ހަމަހަމައަށް ބަހައިލައިގެން އަހަރަކު %3 (ތިނެއް އިންސައްތަ) އިންޓަރެސްޓާއެކު ދެއްކުން.
(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން "ކޮންސްޓްރަކްށަން ޕީރިއަޑް" އިތުރުކުރުމަށް މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމަށް ގެނެވޭ އިސްލާހުގައި ސޮއިކުރާ ތަންތަނާ ގުޅިގެން މިހާތަނަށް އަރައިފައިވާ ކުއްޔާއި ޖޫރިމަނާ ދައްކާނީ، މީގެ ކުރިން އެހެން އުސޫލެއް ނުވަތަ އެއްބަސްވުމެއްގެ ދަށުން ފަސްކޮށްދީފައިވީނަމަވެސް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
5 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 1-8 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާތަކެއް އިތުރުކުރުން.
ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށް، ތަރައްގީ ކުރެވިފައި ނުވާ ތަންތަނުގެ ކުއްޔާ ގުޅިގެން އަރައިފައިވާ ޖޫރިމަނާއަށް ލުއިދިނުމުގައި އަމަލުކުރާނެ ގޮތް 2-8.
ކުއްޔާ ގުޅިގެން ދުވާލަކަށް %0.5 (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) ގެ ރޭޓުން ހިސާބުކޮށްފައިވާ ޖޫރިމަނާ ދުވާލަކަށް %0.0493 (ސުމެއް ޕޮއިންޓް ސުމެއް ހަތަރެއް ނުވައެއް ތިނެއް އިންސައްތަ) ގެ ރޭޓުން ހިސާބުކުރުމަށްފަހު، އެއަށްވުރެ އިތުރަށް ޖޫރިމަނާ އަރައިފައިވާނަމަ، އިތުރަށް އަރައިފައިވާ ޖޫރިމަނާ މައާފުކޮށްދެވޭނެއެވެ. އަދި، ޖޫރިމަނާ ވެސް ދައްކާނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ފަސްކޮށްދެވޭ ކުލި ދެއްކުމަށް ތަން ކުއްޔަށް ހިފައިފައިވާ ފަރާތުން އިހްތިޔާރުކޮށްފައިވާ ގޮތަށެވެ.
ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކުރެވި ތަރައްގީ ކުރެވިފައިނުވާ ތަންތަނުގެ ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދެވޭނެ މުއްދަތު 3-8
ފަތުރުވެރިކަމުގެ ބޭނުމަށް ތަންތަން ތަރައްގީކުރުމަށް ސޮއިކުރާ ލީސް އެގްރީމަންޓުގެ ދަށުން، ނުވަތަ ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކުރުމުގެ ގޮތުން ސޮއިކޮށްފައިވާ އެއްބަސްވުމަށް ގެނެވޭ އިސްލާހުގެ ދަށުން އިތުރުކޮށްދީފައިވާ ކޮންސްޓްރަކްށަން ޕީރިއަޑްގެ ތެރޭގައި ތަރައްގީ ކުރެވިފައި ނުވާ ތަންތަނުގެ ކޮންސްޓްރަކްށަން ޕީރިއަޑް، މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު އިތުރުކޮށްދެވޭނީ ގިނަވެގެން 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަކަށެވެ.
ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރެވި ތަރައްގީ ކުރެވިފައި ނުވާ ތަންތަނުގެ ކުއްޔާ ގުޅިގެން އަރައިފައިވާ ޖޫރިމަނާއަށް ލުއި ހޯދުމަށް އެދި ހުށަހެޅުން 4-8.
(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ލުއިތަކަށް އެދި މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހެޅުމަށް 3 (ތިނެއް) މަސްދުވަހުގެ ފުރުސަތު ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފުރުސަތުގައި ލުއިތައް ހޯދުމަށް އެދި ހުށަހަޅައިފައި ނުވާ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރެވި ތަރައްގީ ކުރެވިފައި ނުވާ ތަންތަނުގެ ކުލީގެ އެއްބަސްވުން ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
6 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.
(ޅ) "ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރެވި ތަރައްގީ ކުރެވިފައި ނުވާ ތަންތަން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ތަން ކުއްޔަށް ދޫކުރުމަށް ފުރަތަމަ ސޮއިކުރި ކުލީގެ އެއްބަސްވުމުގައި (އިނީށަލް ލީޒް އެގްރީމަންޓުގައ) ކަނޑައެޅިފައިވާ "ކޮންސްޓްރަކްށަން ޕީރިއަޑް" ގެ މުއްދަތު ހަމަވެ ތަރައްގީކޮށް ނިމިފައި ނުވާ ތަންތަނެވެ.
7 ވަނަ މާއްދާ – މި ގަވާއިދުން، ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ މާއްދާއާ ގުޅިގެން، އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.
8 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ކިޔުންތެރިންގެ ހިޔާލު