-

ބިދޭސީ ގާނޫނީ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދިނުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 77/2020)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 36 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދިވެހިރާއްޖޭގެ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްގައި ބިދޭސީ ގާނޫނީ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ބިދޭސީ ގާނޫނީ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދިނުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ބިދޭސީ ގާނޫނީ ވަކީލުން ވަކާލާތު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅުން

(ހ) ދިވެހިރާއްޖޭގެ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްގައި، ތިރީގައި ބަޔާންކޮށްފައިވާ ފަރާތަކާ ގުޅިގެން، އެ މައްސަލައެއްގައި ބިދޭސީ ގާނޫނީ ވަކީލަކު ވަކާލާތު ކުރުމުގެ ހުއްދައަށް އެދި، ބާ ކައުންސިލަށް ހުށަހެޅިދާނެއެވެ.

  1. ބާ ކައުންސިލުގައި ރަޖިސްޓަރީ ކޮށްފައިވާ، ލޯ ފަރމްއެއް ނުވަތަ ލީގަލް ޕްރެކްޓިސްއެއް؛
  2. ބަންޑާރަނައިބުގެ އޮފީސް؛
  3. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދައަށް އެދި ހުށަހަޅާނީ، ބިދޭސީ ގާނޫނީ ވަކީލު އައްޔަނުކުރަން ބޭނުންވާ ފަރާތުން، ބާ ކައުންސިލުން އެ ކަމަށް ކަނޑައަޅައި، ބާ ކައުންސިލުގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ ފޯމުންނެވެ. އެ ފޯމާއެކު، އަންނަނިވި ލިޔުންތައް، ބާ ކައުންސިލަށް ހުށަހަޅަންވާނެއެވެ.

  1. ބިދޭސީ ގާނޫނީ ވަކީލުގެ ޕާސްޕޯޓުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ކޮޕީ؛
  2. ބިދޭސީ ގާނޫނީ ވަކީލު ވަކާލާތުކުރަން އެދި ހުށަހަޅާ ބާވަތުގެ މައްސަލަތަކާ ގުޅޭ ގޮތުން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ސީވީ؛
  3. ބިދޭސީ ގާނޫނީ ވަކީލުގެ ވަކާލާތު ކުރުމުގެ ހުއްދައިގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ކޮޕީ؛
  4. ބިދޭސީ ގާނޫނީ ވަކީލު ވަކާލާތުކުރަން އެދޭ މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައި ނުވަތަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލައެއް ނަމަ، އައްޔަނުކުރަން އެދޭ ބިދޭސީ ވަކީލު ވަކާލާތުކުރާ ޖުރިސްޑިކްށަނެއްގެ އެ ދަރަޖައިގެ ކޯޓެއްގައި ވަކާލާތު ކުރުމުގެ ހުއްދަ އޮތްކަން އެނގޭނެ ރަސްމީ ލިޔުމެއްގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ކޮޕީ؛
  5. ބިދޭސީ ގާނޫނީ ވަކީލު ދާއިމީގޮތެއްގައި ރަށްވެހިވެފައިވާ ގައުމަކުން އެ ވަކީލަކަށް ޕޮލިސް ރިޕޯޓް ދޫކުރިތާ 3 (ތިނެއް) މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް؛
  6. ބިދޭސީ ގާނޫނީ ވަކީލު ވަކާލާތުކުރަން އެދޭ މައްސަލައިގެ ތަފުސީލު؛
  7. ހުއްދައަށް އެދެނީ ވަކި އަޑުއެހުމަކަށްކަން ނުވަތަ މުޅި މައްސަލައަށްކަން އެނގޭނެ ލިޔުމެއް؛
  8. ބިދޭސީ ގާނޫނީ ވަކީލު އައްޔަނުކުރާކަމާއި، ބިދޭސީ ގާނޫނީ ވަކީލު އެކަން ގަބޫލުކުރާކަން އެނގޭނެ ލިޔުން؛
  9. ބިދޭސީ ގާނޫނީ ވަކީލު ށަރީއަތުގައި ވާހަކަދެއްކުމަށް ގަސްތުކުރާ ބަހުން ވާހަކަދެއްކުމާމެދު މައްސަލަ ބައްލަވާ ފަނޑިޔާރުގެ އިއުތިރާޒެއް ނެތްކަން އެނގޭނެ ލިޔުމެއް ނުވަތަ ބިދޭސީ ގާނޫނީ ވަކީލަށް ށަރީއަތުގެ މަޖިލީހުގައި ހިނގާ ކަންކަން ތަރުޖަމާކޮށްދިނުމާއި، ބިދޭސީ ގާނޫނީ ވަކީލު ދައްކާ ވާހަކަތައް ށަރީއަތަށް ތަރުޖަމާ ކޮށްދިނުމަށް ޓަކައި ތަރުޖަމާނެއް އައްޔަނު ކޮށްފައިވާކަން އަންގައިދޭ ލިޔުމެއް.

(ނ) ބިދޭސީ ގާނޫނީ ވަކީލު އައްޔަންކުރަން ބޭނުންވާ ފަރާތާއި ބިދޭސީ ގާނޫނީ ވަކީލާ ދެމެދު ކުރުމަށް އެއްބަސްވާ މަސައްކަތާއި، އެ މަސައްކަތްކުރުމަށް ކަނޑައަޅާ ފީއާއި، އެ މަސައްކަތާ ގުޅިގެން ދެ ފަރާތުގެ ދެމެދުގައި އެއްބަސްވެވޭ އެހެނިހެން ކަންކަން ލިޔުމުން އެނގޭގޮތަށް އެއްބަސްވުމެއް އެކުލަވައިލައި، އެ އެއްބަސްވުން އޮތްކަން، މި މާއްދާގެ (ށ) ގެ (8) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލިޔުމުގައި ބަޔާން ކުރަން ވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ އިތުރުން، ބިދޭސީ ގާނޫނީ ވަކީލަށް ހުއްދަ ދިނުމުގައި އިތުރު ލިޔުންތަކަށް ބަލަންޖެހޭކަމަށް، ބާ ކައުންސިލަށް ފެންނަ ހާލަތުގައި، އެ ލިޔުންތައް ހޯދުމަށް، ބާ ކައުންސިލަށް އެދެވިދާނެއެވެ.

(ބ) ބިދޭސީ ގާނޫނީ ވަކީލު ރާއްޖެއަށް އެތެރެވެފައިވަނީ، ރާއްޖެއަށް އެތެރެވުމަށް ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްކަން ކަށަވަރުކުރުމަކީ ބިދޭސީ ގާނޫނީ ވަކީލު އައްޔަނުކުރަން ބޭނުންވާ ފަރާތުގެ ޒިންމާއެކެވެ.

 

3 ވަނަ މާއްދާ - ހުއްދަ ދިނުމުގައި ބަލަންޖެހޭ ކަންތައްތައް

(ހ) ދިވެހިރާއްޖޭގެ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްގައި، ބިދޭސީ ގާނޫނީ ވަކީލަކަށް ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަށް އެދި ހުށަހެޅުމުން، އެ ވަކީލަކަށް ހުއްދަ ދިނުމުގައި ތިރީގައިވާ ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

  1. ބިދޭސީ ގާނޫނީ ވަކީލަކީ ވަކާލާތު ކުރުމުގެ ސައްހަ ހުއްދައެއް ލިބިފައިވާ ވަކީލެއްކަން ކަށަވަރު ކުރުމާއި، ކުށުގެ ރެކޯޑެއް ނެތް ވަކީލެއްކަން ކަށަވަރުކުރުން؛
  2. ބިދޭސީ ގާނޫނީ ވަކީލު ވަކާލާތު ކުރުމުގެ ހުއްދައަށް އެދޭ މައްސަލައަކީ މަތީ މަރުހަލާގެ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއް ކަމަށް ވާނަމަ، އެ ވަކީލަކީ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ވަކީލަކަށް ވުން؛
    i. ވަކާލާތު ކުރުމުގެ ހުއްދައަށް އެދޭ މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިނގަމުންދާ މައްސަލައެއް ކަމުގައި ވާނަމަ، ވަކާލާތު ކުރުމުގެ ހުއްދަ ލިބުނުތާ 3 (ތިނެއް) އަހަރުދުވަސް ވެފައިވާ ވަކީލަކަށް ވުމާއި، އެ ވަކީލަކު ވަކާލާތުކުރާ ޖުރިސްޑިކްށަނެއްގެ އިސްތިއުނާފީ ކޯޓެއްގައި ވަކާލާތު ކުރުމުގެ ހުއްދަ އޮތް ވަކީލަކަށް ވުން؛
    ii. ވަކާލާތު ކުރުމުގެ ހުއްދައަށް އެދޭ މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލައެއް ކަމުގައި ވާނަމަ، ވަކާލާތު ކުރުމުގެ ހުއްދަ ލިބުނުތާ 5 (ފަހެއް) އަހަރުދުވަސް ވެފައިވާ ވަކީލަކަށްވުމާއި، އެ ވަކީލަކު ވަކާލާތުކުރާ ޖުރިސްޑިކްށަނެއްގެ އެންމެ މަތީ މަރުހަލާގެ ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮތް ވަކީލަކަށް ވުން؛
  3. ބިދޭސީ ގާނޫނީ ވަކީލު ވަކާލާތު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައިގެ ބާވަތަކީ، ދިވެހިރާއްޖެއިން އެ ކަމުގެ ފަންނީ އަދި ގާބިލު ވަކީލުން ލިބެން ނެތް ނުވަތަ އެފަދަ ވަކީލުން މަދު ދާއިރާއެއް ކަމުގައި ވުން؛
  4. ބިދޭސީ ގާނޫނީ ވަކީލު ށަރީއަތުގައި ވާހަކަދެއްކުމަށް ގަސްތުކުރާ ބަހުން ވާހަކަދެއްކުމާމެދު މައްސަލަ ބައްލަވާ ފަނޑިޔާރުގެ އިއުތިރާޒެއް އޮތްކަން ނުވަތަ ނޫންކަން.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް ބިދޭސީ ގާނޫނީ ވަކީލަކަށް ވަކާލާތު ކުރުމުގެ ހުއްދަ ދިނުމާމެދު، ބާ ކައުންސިލުން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުމެއް ނިންމާ ތާރީހުން ފެށިގެން ރަސްމީ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ބާ ކައުންސިލުގެ އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅުމުގެ ހައްގު ހުއްދައަށް އެދި ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - ހުއްދަ ދޫކުރުން

(ހ) ބިދޭސީ ގާނޫނީ ވަކީލަކަށް ވަކާލާތު ކުރުމުގެ ހުއްދައަށް އެދި، ބާ ކައުންސިލަށް ހުށަހެޅުމުން، އެ ބިދޭސީ ވަކީލަކީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ވަކީލެއްތޯ ބަލައި، އެ ވަކީލަކަށް ހުއްދަދިނުމާމެދު، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމި ގޮތެއް، އެ ހުށަހެޅުމެއް ހުށަހެޅޭ ތާރީހުން ފެށިގެން ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި، ބިދޭސީ ގާނޫނީ ވަކީލު އައްޔަނުކުރަން ބޭނުންވާ ފަރާތަށް އަންގަންވާނެއެވެ.

(ށ) ބިދޭސީ ގާނޫނީ ވަކީލަށް ހުއްދަ ދިނުމަށް، ބާ ކައުންސިލުން ނިންމުމުން، އެ ވަކީލަކު ފަރުދީގޮތުން، ބާ ކައުންސިލަށް ހާޒިރުވެ، ދިވެހިރާއްޖޭގައި ވަކާލާތު ކުރުމަށް ހުއްދަ ދޭ ބިދޭސީ ގާނޫނީ ވަކީލުންގެ އިގުރާރުގައި ސޮއިކޮށް، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ފީ ދެއްކުމުން، ވަކާލާތު ކުރުމުގެ ހުއްދަ އެ ވަކީލަކަށް ދޫކުރެވޭނެއެވެ.

(ނ) މި ގަވާއިދާ އެއްގޮތަށް ބިދޭސީ ގާނޫނީ ވަކީލުންނަށް ދޫކުރާ ހުއްދައިގެ މައުލޫމާތު، ބާ ކައުންސިލުގެ ވެބްސައިޓުގައި ށާއިއު ކުރަންވާނެއެވެ.

(ރ) މި ގަވާއިދުގެ ދަށުން ހުއްދައެއް ދޫކުރާ ކޮންމެ ފަހަރަކު، އެފަދަ ހުއްދައެއް ދޫކުރިކަން، ވަކާލާތު ކުރުމަށް ހުއްދަ ދިން މައްސަލަ ހިނގަމުންދާ ކޯޓަށް، ބާ ކައުންސިލުން އަންގަންވާނެއެވެ.

(ބ) މި ގަވާއިދުގެ ދަށުން ބިދޭސީ ގާނޫނީ ވަކީލަށް ވަކާލާތު ކުރުމުގެ ހުއްދަ ދިން މައްސަލަ ނިމުމުން، އެ މައްސަލައެއް ނިމުނުކަން، އެ ވަކީލަކު އައްޔަނުކުރަން އެދުނު ފަރާތުން، ބާ ކައުންސިލަށް އަންގަންވާނެއެވެ.

 

5 ވަނަ މާއްދާ - ސުލޫކީ މިންގަނޑު ހިފެހެއްޓުން

(ހ) ދިވެހިރާއްޖޭގެ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްގައި ވަކާލާތު ކުރުމަށް ހުއްދަ ދޭ ބިދޭސީ ގާނޫނީ ވަކީލުން، ދިވެހިރާއްޖޭގެ ގާނޫނުތަކަށާއި، ގަވާއިދުތަކަށާއި، ދިވެހިރާއްޖޭގައި ވަކީލުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑަށާއި، ކޯޓަށް ހާޒިރުވާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގަވާއިދުތަކަށާއި، ކޯޓުތަކުން ކަނޑައަޅައިފައިވާ އިތުރު ގަވާއިދުތަކާއި އުސޫލުތަކަށް އިހްތިރާމްކޮށް، އެ ތަކެއްޗަށް އަމަލު ކުރަންވާނެއެވެ.

(ށ) ބިދޭސީ ގާނޫނީ ވަކީލަކު މަސައްކަތްކުރަން ހުއްދަ ދިން މައްސަލަ ނޫން އެހެން މައްސަލަތަކުގައި އެ ވަކީލަކު މަސައްކަތް ކޮށްގެން ނުވާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ބިދޭސީ ގާނޫނީ ވަކީލު އަމަލުކުރާކަން ކަށަވަރުކުރުމަކީ، އެ ވަކީލަކު އައްޔަނުކުރަން އެދުނު ފަރާތެއްގެ ޒިންމާއެކެވެ.

 

6 ވަނަ މާއްދާ - ފީ ނެގުން

ބިދޭސީ ގާނޫނީ ވަކީލުންނަށް ހުއްދަ ދިނުމުގައި އެ ވަކީލަކު ވަކާލާތުކުރަން އެދޭ މައްސަލަ ހިނގަމުންދާ ށަރުއީ ކޯޓަކުން ބަލައި، ހުއްދަ ދިނުމަށް ފީ ނަގާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

(ހ) ދަށު ކޯޓުގައި ވަކާލާތު ކުރުމަށް ނަމަ، 2,000 (ދެހާސް) ރުފިޔާ؛

(ށ) ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަކާލާތު ކުރުމަށް ނަމަ، 5,000 (ފަސްހާސް) ރުފިޔާ؛

(ނ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމަށް ނަމަ 10,000 (ދިހަ ހާސް) ރުފިޔާ.

 

7 ވަނަ މާއްދާ - ހުއްދަ ދެމިއޮންނާނެ މުއްދަތު

(ހ) މި ގަވާއިދުގެ ދަށުން ދޭ ހުއްދަ ދެމިއޮންނާނީ، އެ ހުއްދަ ދޫކުރި ތާރީހުން ފެށިގެން، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ށ) ބިދޭސީ ގާނޫނީ ވަކީލު އައްޔަނުކުރި މައްސަލަ 1 (އެކެއް) އަހަރުދުވަހަށް ވުރެ ދިގުދެމިގެންދާ ހާލަތުގައި، ބިދޭސީ ގާނޫނީ ވަކީލަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރަން އެދި، ބިދޭސީ ގާނޫނީ ވަކީލު އައްޔަނުކުރަން އެދޭ ފޯމު މެދުވެރިކޮށް، ބާ ކައުންސިލަށް ހުށަހެޅިދާނެއެވެ.

(ނ) ބިދޭސީ ގާނޫނީ ވަކީލަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރަން އެދި ހުށަހަޅާއިރު، ބިދޭސީ ގާނޫނީ ވަކީލު އައްޔަނުކުރަން އެދި ހުށަހަޅައިފައިވާ ލިޔުންތަކަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ، ބަދަލު އައިސްފައިވާ ލިޔުމެއް، ބާ ކައުންސިލަށް ހުށަހަޅަންވާނެއެވެ. އަދި މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، ބިދޭސީ އެ ގާނޫނީ ވަކީލަށް ޕޮލިސް ރިޕޯޓް ދޫކުރިތާ 3 (ތިނެއް) މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް، ބާ ކައުންސިލަށް ހުށަހަޅަންވާނެއެވެ.

(ރ) ބިދޭސީ ގާނޫނީ ވަކީލަށް ވަކާލާތު ކުރުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރަން އެދޭ ހާލަތުގައި، ހުއްދަ އަލުން ދިނުމަށް އިތުރު ފީއެއް ނަގައިގެން ނުވާނެއެވެ.

 

8 ވަނަ މާއްދާ - ހުއްދަ ބާތިލުވުން

(ހ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ބިދޭސީ ގާނޫނީ ވަކީލަށް ދިވެހިރާއްޖޭގައި ވަކާލާތު ކުރުމަށް ދީފައިވާ ހުއްދަ ބާތިލުވާނެއެވެ.

  1. ހުއްދަ ދީފައިވާ މުއްދަތު ހަމަވުން؛
  2. ހުއްދަ ދީފައިވާ މައްސަލައިގައި ކޯޓުން ހުކުމެއް ކުރުން؛
  3. ބިދޭސީ ގާނޫނީ ވަކީލާއި އޭނާ އައްޔަނުކުރަން އެދި ހުށަހެޅި ފަރާތާ ދެމެދު އޮތް އެއްބަސްވުން ނިމުމަކަށް އައިކަން، ދެ ފަރާތުންކުރެ ފަރާތަކުން، ބާ ކައުންސިލަށް އެންގުމުން؛ އަދި
  4. ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުން ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑާ ބިދޭސީ ގާނޫނީ ވަކީލު ހިލާފުވެފައިވާކަމުގެ ށަކުވާ ހުށަހެޅުމުން، އެ ށަކުވާއެއް ބަލައި، ހުއްދަ ބާތިލުކުރަން، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމުން؛

(ށ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި، އެ ފަދަ މައްސަލައެއް، ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ހުށަހެޅިއްޖެނަމަ، އެ މައްސަލައެއްގެ ކުޑަބޮޑުމިނަށް ބަލައި، ބިދޭސީ ވަކީލަށް ދީފައިވާ ހުއްދަ ބާތިލުކޮށް، އެ ބިދޭސީ ވަކީލަށް އިތުރަށް ހުއްދަ ނުދިނުމަށް ނިންމުމުގެ އިހްތިޔާރު، ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ލިބިގެންވެއެވެ. އަދި އެ ވަކީލަށް ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކޮށްފައިވާ ގައުމެއްގެ ބާ ކައުންސިލަށް ނުވަތަ ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރި އިދާރާއަކަށް، އެފަދަ ނިންމުމެއް އެ ވަކީލަކާމެދު ނިންމައިފައިވާކަން އެންގުމުގެ އިހްތިޔާރު، ބާ ކައުންސިލަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް ދިމާވެއްޖެނަމަ، އެ ކަމެއް ހިނގިތާ ރަސްމީ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ބާ ކައުންސިލަށް އަންގަންވާނެއެވެ.

 

9 ވަނަ މާއްދާ - ގަވާއިދުގައި ހިމެނިފައިނުވާ ކަމެއް މެދުވެރިވުން

މި ގަވާއިދުގައި ހިމެނިފައިނުވާ ކަމެއް މެދުވެރިވެއްޖެނަމަ، އެ ކަމެއްގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީންނެވެ.

 

10 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ގާނޫނީ ފަންނުގެ ގާނޫނު (ގާނޫނު ނަންބަރު 5/2019)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު