-

މާލޭގެ މަގުމަތީގައި ތަކެތި ބެހެއްޓުމަށް ހުއްދަ ދޫކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2017-64)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 އޮގަސްޓް 2017 ގައި)

 

ފުރަތަމަ ބައި

އާންމު މާއްދާތައް 

 

1 ވަނަ މާއްދާ - ތައާރުފު

މި ގަވާއިދަކީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 56 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް، މިނިސްޓްރީއަށް ލިބިދީފައިވާ ބާރުގެ ދަށުން، އުމްރާނީގޮތުން ކުރެވޭ މަސައްކަތްތަކަށާއި، ރައްޔިތުންގެ އާންމު ޒަރޫރީ އެހެނިހެން ބޭނުންތަކަށް މާލޭގެ މަގުމަތީގައި ތަކެތި ބެހެއްޓުމަށް ހުއްދަ ދިނުމުގެ އުސޫލުތައް ކަނޑައެޅުމަށް އެކުލަވައިލާފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ނަން

މި ގަވާއިދަށް ކިޔަނީ "މާލޭގެ މަގުމަތީގައި ތަކެތި ބެހެއްޓުމަށް ހުއްދަ ދޫކުރުމުގެ ގަވާއިދު" މިހެންނެވެ.

 

3 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، މާލޭގައި ރައްޔިތުންނަށް ދިމާވެފައިވާ ގޯތި ގެދޮރުގެ ދަތިކަމާހެދި މަގުމަތީގައި ތަކެތި ބަހައްޓައިގެން އުމްރާނީ މަސައްކަތްތަކާއި ޒަރޫރީ ބައެއް އެހެނިހެން މަސައްކަތްތައް ކުރަންޖެހޭތީ، އެފަދަ ހާލަތްތަކުގައި މަގުމަތީގެ ބޭނުންކުރަމުންދާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަކަށް މަގުމަތި ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކައި މަގުމަތީގައި ތަކެތި ބެހެއްޓުމަށް ހުއްދަ ދިނުމާއި އެކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރާ ފަރާތް

މި ގަވާއިދު ހިންގައި ތަންފީޒުކުރާނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުންނެވެ.

 

5 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

6 ވަނަ މާއްދާ - މަގުމަތީގައި ތަކެތި ބެހެއްޓުން

މި ގަވާއިދުގައިވާ ގޮތުގެ މަތިން ހުއްދަ ނަގައިގެން މެނުވީ އުމްރާނީ މަސައްކަތްތަކާއި ޒަރޫރީ ބައެއް އެހެނިހެން މަސައްކަތްތަކާއި ކަންކަމަށް މަގުމަތީގައި ތަކެތި ބެހެއްޓުމަކީ މަނާކަމެކެވެ. 

 

7 ވަނަ މާއްދާ - ގޮނޑި، ޖޯލިފަތި، މޭޒު، ގަސްމުށި ފަދަ ތަކެތި ބެހެއްޓުން 

މަގުމަތީގައްޔާއި، ގޯޅިތަކުގައްޔާއި، ދުވާރުމަތީގައި، ގަސްމުށި، ގޮނޑި، ޖޯލި، މޭޒުފަދަ ތަކެތި ބެހެއްޓުމަކީ މަނާކަމެކެވެ. 

 

8 ވަނަ މާއްދާ - މަގުމަތީގައި ތަކެތި ބެހެއްޓުމުގެ ހުއްދަ 

(ހ) މަގުމަތީގައި ތަކެތި ބެހެއްޓުމުގެ ހުއްދައަށް އެދޭނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު މިނިސްޓްރީއަށް ހުށަހަޅައިގެންނެވެ.

(ށ) މަގުމަތީގައި ތަކެތި ބެހެއްޓުމުގެ ހުއްދައަށް އެދި ހުށަހެޅުމުން، މިނިސްޓްރީން މަގުގެ ސައިޒު ބެލުމަށްފަހު، އެ މަގުގައި ތަކެތި ބެހެއްޓުމުން މަގުމަތި ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނެކަމަށް ފެންނަނަމަ، ތަކެތި ބެހެއްޓުމުގެ ހުއްދަ ދޫކުރެވޭނެއެވެ.

 

9 ވަނަ މާއްދާ - މަގުމަތި ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނެ ގޮތަށް ތަކެތި ބެހެއްޓުން

(ހ) މަގުމަތީގައި ތަކެތި ބެހެއްޓުމަށް ހުއްދަދޭ ފަރާތުން ހުއްދަދިނުމަށްފަހު، މަގުމަތީގައި ތަކެތި ބަހައްޓަންވާނީ މިނިސްޓްރީގެ ސުޕަވައިޒަރުން ކަނޑައަޅާ މިންގަނޑަށް، ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ވަކި އިންތިޒާމެއްގެ މަތިންނެވެ.

(ށ) މަގުމަތީގައި ތަކެތި ބަހައްޓަންވާނީ، ގޭގެއާއި ފިހާރައާއި ގުދަން ފަދަ ތަންތަނުގެ ދޮރުން ވަދެނިކުތުމަށް ދަތިނުވާގޮތަށެވެ.

(ނ) މަގުމަތީގައި ތަކެތި ބަހައްޓާއިރު، ދުވާރުމަތީގައި ތަކެތި ބަހައްޓައިގެން ނުވާނެއެވެ.

(ރ) މަގުމަތީގައި ތަކެތި ބަހައްޓާއިރު ބަހައްޓަންވާނީ ކާނުމަތީގައި ސަތަރި އެޅުމަށްފަހުއެވެ. 

 

10 ވަނަ މާއްދާ - ތަކެތި ބެހެއްޓޭނެ ސަރަހައްދާއި ސައިޒު ކަނޑައެޅުން 

މަގުމަތީގައި ތަކެތި ބެހެއްޓުމުގެ ހުއްދައަށް އެދުމު ްނ، ތަކެތި ބެހެއްޓުމުގެ ހުއްދައަށް އެދިފައިވާ މަގުގެ ސައިޒަށް ބެލުމަށްފަހު މަގުމަތި ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނެ ގޮތެއްގެ މަތިން ތަކެތި ބެހެއްޓުމަށްޓަކައި، ތަކެތި ބެހެއްޓޭނެ ސަރަހައްދާއި ތަކެތި ބަހައްޓަންޖެހޭނެ މިންގަނޑު ކަނޑައަޅާނީ މިނިސްޓްރީންނެވެ. 

 

11 ވަނަ މާއްދާ - މަގުމަތި ސާފުކުރުން

(ހ) މަގުމަތީގައި ތަކެތި ބެހެއްޓުމަށް ހުއްދަ ދީފަ ިއވާ މުއްދަތު ހަމަވުމުން މަގުމަތީގައި ތަކެތި ބެހެއްޓި ފަރާތުން އެ ތަކެތި ނަގައި، މަގުމަތީގައި ތަކެތި ބެހެއްޓި ތަން ރަނގަޅަށް ސާފުކުރަންވާނެއެވެ.

(ށ) މަގުމަތީގައި ތަކެތި ބެހެއްޓި ތަން ސާފުކުރިކަމަށް ބަލާނީ، މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ސާފުކޮށްފައި ހުރިތޯޯ ސުޕަވައިޒަރު ޗެކުކޮށް ބެލުމަށްފަހު، އެ މިންގަނޑަށް ސާފުކޮށްފައިވާކަމަށް ނިންމުމުންނެވެ. 

 

ދެވަނަ ބައި

އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި މަގުމަތީގައި ބެހެއްޓުމުގެ ހުއްދަދިނުން

 

12 ވަނަ މާއްދާ - އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ބެހެއްޓުމުގެ ހުއްދައަށް ހުށަހެޅުން 

(ހ) އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި މަގުމަތީގައި ބަހައްޓަން ބޭނުންވާނަމަ، އެ ގޯއްޗެއްގެނުވަތަ އެ އިމާރާތެއްގެ ވެރިފަރާތުގެ ނުވަތަ ވެރިފަރާތުން ހުއްދަ ދީފައިވާ ފަރާތުން ބަހައްޓަން ބޭނުންވާ ތަކެތީގެ ތަފުސީލު ލިޔެ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު، މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ބެހެއްޓުމުގެ ހުއްދަ ހޯދުމަށް އެދޭ ފަރާތްތަކުން، ތަކެތި ބެހެއްޓުމަށް ބޭނުންވާ ތާރީހުގެ 3 (ތިނެއް) ދުވަހުގެ ކުރިން މިނިސްޓްރީއަށް އެކަން ހުށަހަޅަން ޖެހޭނެއެވެ.

 

13 ވަނަ މާއްދާ - އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ބެހެއްޓުމުގެ ހުއްދަ ދޫކުރުން

އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ބެހެއްޓުމަށް އެދޭ ފަރާތްތަކުން، ތަކެތި ބެހެއްޓުމުގެ ހުއްދައަށް އެދި ހުށަހެޅުމުން، މިނިސްޓްރީން ބަލަންޖެހޭ ކަންތައްތައް ބަލައި، މަގުގެ އެ ސަރަހައްދުގައި ތަކެތި ބެހެއްޓިދާނެކަމަށް ފެންނަނަމަ، ހުއްދައަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން 2) ދޭއް) ދުވަހުގެ ތެރޭގައި، ލިޔުމުން ހުއްދަ ދޫކުރެވޭނެއެވެ. އަދި ބަންދުދުވަހަކާ ދިމާވާނަމަ، ބަންދުދުވަހަށްފަހު އޮފީސް ހުޅުވާ ރަސްމީ މަސައްކަތު ދުވަހު އެ ހުއްދަ ދޫކުރެވޭނެއެވެ.

 

14 ވަނަ މާއްދާ - ހުއްދަ ދޫކުރުމުން މަގުމަތީގައި ތަކެތި ބެހެއްޓުން

މަގުމަތީގައި ތަކެތި ބެހެއްޓުމުގެ ހުއްދަ ދިންނަމަވެސް، މަގުމަތީގައި ތަކެތި ބަހައްޓަންޖެހޭނީ މިނިސްޓްރީގެ ސުޕަވައިޒަރުންގެ ހާޒިރުގައި ސުޕަވައިޒަރުން އަންގާ ގޮތެއްގެ މަތިންނެވެ. 

 

15 ވަނަ މާއްދާ - އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި މަގުމަތީގައި ބެހެއްޓޭނެ މުއްދަތު

(ހ) ކޮންކްރީޓުގެ މަސައްކަތަށް ބޭނުންވާ ހިލަވެއްޔާއި ސިމެންތިފަދަ ތަކެތި މަގުމަތީގައިބަހައްޓަން ހުއްދަދެވޭނީ ގިނަވެގެން 3 (ތިނެއް) ދުވަހުގެ މުއްދަތަށެވެ.

(ށ) އިމާރާތެއް ތަޅާލުމަށްފަހު އުކާލަންޖެހޭ ގައުކުނޑިއާއި، އެހެނިހެން ތަކެތި މަގުމަތީގައިބެހެއްޓުމުގެ ހުއްދަދެވޭނީ، ގިނަވެގެން 24 (ސައުވީސް) ގަޑިއިރަށެވެ. 

 

16 ވަނަ މާއްދާ - އިމާރާތް ކުރުމުގެ މަސައްކަތްކޮށް ނިންމައި މަގުމަތި ސާފުކުރުން 

(ހ) މަގުމަތީގައި ތަކެތި ބަހައްޓައިގެން މަސައްކަތްކުރުމުގެ ހުއްދަދިން މަސައްކަތް ނިމުމަށްފަހު، ތަކެތި ބެހެއްޓުމަށް މިނިސްޓްރީން ހުއްދަ ނެގި ފަރާތުން، މަގުމަތީގައި ތަކެތި ބެހެއްޓި ތަނާއި، މަސައްކަތްކުރި ސަރަހައްދު ރަނގަޅަށް ސާފުކުރަންވާނެއެވެ.

(ށ) މަސައްކަތްކުރި ސަރަހައްދު ސާފުކުރިކަމަށް ބަލާނީ، މަސައްކަތްކުރި ސަރަހައްދާއި ތަކެތި ބެހެއްޓި ސަރަހައްދުގެ ކާނު ސާފުކޮށްފިކަމަށް މިނިސްޓްރީގެ ސުޕަވައިޒަރު ބެލުމަށްފަހު ހުއްދަ ދިނުމުންނެވެ.

 

ތިންވަނަ ބައި

ވިޔަފާރިކުރާ ތަންތަނުގެ ބޭރުގައްޔާއި، އެހެނިހެން ތަންތަނުގައ ި ތަކެތި ބެހެއްޓުމުގެ ހުއްދަ 

 

17 ވަނަ މާއްދާ - ވިޔަފާރިކުރާ ތަންތަނުގެ ބޭރުގައި ތަކެތި ބެހެއްޓުން

މި ގަވާއިދުގެ ދަށުން ހުއްދަ ހޯދައިގެން މެނުވީ ވިޔަފާރިކުރާ ތަންތަނުން މަގުމަތީގައްޔާއި، ގޯޅިތަކުގައްޔާއި، ދުވާރުމަތީގައި މުދަލާއި ހުސްޮފށިފަދަ ތަކެތި ބެހެއްޓުމަކީ މަނާކަމެކެވެ. 

 

18 ވަނަ މާއްދާ - ހުއްދައަށް އެދުން

ވިޔަފާރީގެ ބޭނުމަށާއި އެހެނިހެން ބޭނުންތަކަށް މަގުމަތީގައި ތަކެތި ބަހައްޓަން ބޭނުންވާނަމަ، އެތަނެއްގެ ވެރިފަރާތުން ނުވަތަ ވެރިފަރާތުން ހުއްދަ ދީފައިވާ ފަރާތުން ބަހައްޓަން ބޭނުންވާ ތަކެތީ ތަފުސީލު ލިޔެ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު، މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެއެވެ. 

 

19 ވަނަ މާއްދާ - ހުއްދަ ދޫކުރުން 

ވިޔަފާރީގެ ބޭނުމަށާއި އެހެނިހެން ބޭނުންތަކަށް މަގުމަތީގައި ތަކެތި ބެހެއްޓުމުގެ ހުއްދައަށް އެދި ހުށަހެޅުމުން މިނިސްޓްރީން ބަލަންޖެހޭ ކަންތައްތައް ބަލައި، މަގުގެ އެ ސަރަހައްދުގައި ތަކެތި  ބެހެއްޓިދާނެކަމަށް ފެންނަނަމަ، ހުއްދައަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން 2) ދޭއް) ދުވަހުގެ ތެރޭގައި، ލިޔުމުން ހުއްދަ ދޫކުރެވޭނެއެވެ. އަދި ބަންދުދުވަހަކާ ދިމާވާނަމަ، ބަންދުދުވަހަށްފަހު އޮފީސް ހުޅުވާ ރަސްމީ މަސައްކަތު ދުވަހު އެ ހުއްދަ ދޫކުރެވޭނެއެވެ.

 

20 ވަނަ މާއްދާ - ވިޔަފާރީގެ ބޭނުމާއި އެހެނިހެން ބޭނުންތަކަށް މަގުމަތީގައި ތަކެތި ބެހެއްޓޭނެ މުއްދަތު 

(ހ) ވިޔަފާރީގެ ބޭނުމަށާއި އެހެނިހެން ބޭނުންތަކަށް މަގުމަތީގައި ތަކެތި ބެހެއްޓުމުގެ ހުއްދަ ދެވޭނީ، ގިނަވެގެން 3 (ތިނެއް) ދުވަހުގެ މުއްދަތަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދަ ދީފައިވާ މުއްދަތުގައި މަސައްކަތް ނުނިމޭނަމަ، މުއްދަތު ހަމަވުމުގެ 24 (ސައުވީސް) ގަޑިއިރުގެ ކުރިން، ސަބަބު ބަޔާންކޮށް، މުއްދަތު އިތުރުކުރުމަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ހުށަހެޅުާމ ގުޅިގެން  މުއްދަތު އިތުރުކޮށްދެވޭނީ ގިނަވެގެން 2 (ދޭއް) ދުވަހުގެ މުއްދަތަށެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން މުއްދަތު އިތުރުކޮށްދެވޭނީ، ތަކެތި ބަހައްޓާފައިހުރި ބޮޑުމިނަށް ބަލައި، އަކަފޫޓަކަށް 25 (ފަންސަވީސް) ރުފިޔާގެ ރޭޓުން، ހުއްދަދެވޭ ކޮންމެ ދުވަހަކަށް ފީއެއް ނެގުމަށްފަހުއެވެ.

(ބ) ވިޔަފާރީގެ ބޭނުމަށާއި އެހެނިހެން ބޭނުންތަކަށް މަގުމަތީގައި ތަކެތި ބެހެއްޓުމަށްފަހު ތަކެތި ބެހެއްޓި ތަން، ަތކެތި ބެހެއްޓި ފަރާތުން ރަނގަޅަށް ސާފުކުރަންވާނެއެވެ.

(ޅ) އަލުވި ނުވަތަ ފިޔާ ނުވަތަ ކުނިވާ ޒާތުގެ މިނޫންވެސް އެއްޗެއް މަގުމަތީގައި ބަހައްޓާނަމަ، އެ އެއްޗެއް ބެހެއްޓި ފަރާތުން، މަގުމަތީގައި ވަސް ނުހިާފނެފަދަ ގޮތަކަށް މަގުމަތި ދޮވެ ސާފުކުރަންވާނެއެވެ. (ނޯޓް: "ޅ" ތަކުރާރު ވެފައިވޭ)

(ޅ) މަގުމަތީގައި ބަހައްޓާ އެއްޗެއްގެ ދިޔަ މަގުމައްޗަށް ފައިބައިފިނަމަ، އެ އެއްޗެއް ބެހެއްޓި ފަރާތުން، މަގުމަތި ދޮވެ ސާފުކުރަންވާނެއެވެ. (ނޯޓް: "ޅ" ތަކުރާރު ވެފައިވޭ)

 

 

ހަތަރުވަނަ ބައި

އިދާރީ ފިޔަވަޅު އެޅުމާއި، މަގުމަތީގައި ބަހައްޓާފައި ހުންނަ ތަކެތި ނެގުން

 

21 ވަނަ މާއްދާ - މި ގަވާއިދާ ހިލާފަށް މަގުމަތީގައި ބަހައްޓާފައި ހުންނަ ތަކެތި ނެގުން 

(ހ) މަގުމަތީގައްޔާއި، ގޯޅިތަކުގައްޔާއި، ދުވާރުމަތީގައި، މި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ެނގުމަށް އެންގުމަށްފަހު، ނުނަގައިފިނަމަ، އެ ތަކެތި ނެގުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީން ނަގާ ތަކެއްޗާ، އެ ތަކެތީގެ ވެރިފަރާތުން ހަވާލުމަށް 5 (ފަހެއް) ދުވަހުގެ މުހުލަތެއްދިންކަން އަންގަން މިނިސްޓްރީގެ ފަރާތުން އާންމުކޮށް އިއުލާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އިއުލާން ކުރުމުން، އެ ތަކެއްޗާ ހަވާލުވާން އަންނަ ފަރާތްތަކަށް އެ ތަކެތި އަނބުރައި ދޫކުރެވޭނީ، މި ގަވާއިދުގެ 22 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކަނޑައަޅާ ޖޫރިމަނާ ދެއްކުމަށްފަހުއެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ނަގާ ތަކެތި މި މާއްދާގައި (ށ) ގައިވާ ގޮތުގެ މަތިން އިއުލާންކުރާތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ޖޫރިމަނާ ދައްކައި އަނބުރާ ނުގެންގޮސްފިނަމަ، އެ ތަކެތި ނީލަން ކިޔުމުގެ ނުވަތަ ވިއްކައިލުމުގެ ނުވަތަ ނައްތައިލުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

22 ވަނަ މާއްދާ - ގަވާއިދާ ހިލާފަށް މަގުމަތީގައި ތަކެތި ބަހައްޓާ ފަރާތްތައް ޖޫރިމަނާކުރުން

މި ގަވާއިދާ ހިލާފަށް މަގުމަތީގައި ތަކެތި ބަހައްޓާ ފަރާތްތައް 600 (ހަސަތޭކަ) ރުފިޔާއާއި 2000 (ދެ ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

23 ވަނަ މާއްދާ - ހުއްދަ ދޫކޮށްފައިވާ މުއްދަތު ހަމަވުމުން ތަކެތި ނެގުން 

(ހ) މި ގަވާއިދުގެ ދަށުން މަގުމަތީގައި ތަކެތި ބެހެއްޓުމަށް ހުއްދަ ދީފައިވާ މުއްދަތު ހަމަވާއިރު ތަކެތި ނުނަގައިފިނަމަ، 24) ސައުވީސް) ގަޑިއިރުގެ ތެރޭގައި ތަކެތި ނެގުމަށް އެންގުމުގެ ބާރު މިނިސްޓްރީން އެކަމަށް ކަނޑައަޅާ ސުޕަވައިޒަރަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މަގުމަތީގައި ބަހައްޓާފައިވާ ތަކެތި ނެގުމަށް އެންގުމުން، އެ ތަކެތި ނުނަގައިފިނަމަ، މި ގަވާއިދުގެ 21 ވަނަ މާއްދާއާއި 22 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެފަރާތަކާމެދު ފިޔަވަޅުއެޅޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ މުއްދަތުގެ ތެރޭގައި ތަކެތި ނުނަގައިފިނަ، މިނިސްޓްރީންދޭ އެއްވެސް ހިދުމަތެއް އެފަރާތަކަށް ދޭނީ، މި ގަވާއިދުގެ 22 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ ޖޫރިމަނާއާއި، މަގުމަތީގައި ބަހައްޓާފައިވާ ތަކެތި ނެގުމަށް މިނިސްޓްރީން ކުރި ހަރަދު ދެއްކުމުންނެވެ.

 

24 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފަށާއިރު މި ގަވާއިދާ ހިލާފަށް މަގުމަތީގައި ބަހައްޓާފައިހުރި ތަކެއްޗާމެދު އަމަލުކުރާނެގޮތް

މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، މަގުމަތީގައްޔާއި، ގޯޅިތަކުގައްޔާއި، ދުވާރުމަތީގައި މި ގަވާއިާދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި، މި ގަވާއިދަށް އަމަލުކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ނުނަގައިފިނަމަ، މި ގަވާއިދުގެ 21 ވަނަ މާއްދާއާއި 22 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަމަލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު