ޖުޑިށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދު
(1 މެއި 2011)
(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2023-167 ގެ 70 ވަނަ މާއްދާއިން އުވާލެވިފައި)
1 ވަނަ މާއްދާ – ތައާރަފް
(ހ) މި ގަވާޢިދަކީ ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގެ ދަށުން ބާރުލިބިގެން ކޮމިށަން ހިންގުމަށްޓަކައި ހަދާފައިވާ ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާޢިދެވެ.
(ށ) މި ގަވާޢިދަށް ކިޔާނީ "ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާޢިދު" އެވެ.
(ނ) މި ގަވާޢިދަށް އުނިއިތުރު ގެނައުމުގެ ބާރު ލިބިގެންވަނީ ޖުޑީށަލް ސަރވިސް ކޮމިށަނަށެވެ. މިގޮތުން މިގަވާޢިދަށް ބަދަލު ގެނެވޭނީ ކޮމިށަނުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ.
(ރ) މި ގަވާޢިދާއި އަދި މިގަވާޢިދަށް ޖުޑިށަލް ސަރވިސް ކޮމިށަނުން ގެންނަ އިސްލާހަށް އަމަލުކުރެވޭނީ ކޮމިށަނުން ފާސްކުރުމަށްފަހު، ޢާއްމުކޮށް ށާއިޢުކުރާ ތާރީހުން ފެށިގެންނެވެ.
1 ވަނަ ބާބު: ކޮމިށަނުގެ އިދާރީ ހިންގުން
2 ވަނަ މާއްދާ – ކޮމިށަން ހިންގުން އަދި ކޮމިށަނުގެ ސެކްރެޓޭރިއެޓް
(ހ) ކޮމިށަނުގެ ސެކްރެޓޭރިއެޓަކީ ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލާއި، އޭނާގެ ބެލުމުގެ ދަށުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނެވެ.
(ށ) ކޮމިށަނުގެ ގާނޫނާއި މި ގަވާޢިދުގައިވާ ގޮތުގެމަތީން، ކޮމިށަނުގެ ސެކްރެޓޭރިއެޓް ހިންގާނީ ސެކްރެޓަރީ ޖެނެރަލެވެ. އަދި ކޮމިށަނުން ކަނޑައަޅާ ސިޔާސަތާއި އުސޫލުތަކާއި ދޭ އިރުށާދާ އެއްގޮތްވާ ގޮތުގެމަތީން، ކޮމިށަނުގެ ސެކްރެޓޭރިއެޓްގެ އެންމެހައިކަންތައްތައް ބަލަހައްޓާނީ ސެކްރެޓަރީ ޖެނެރަލެވެ. އެގޮތަށް ސެކްރެޓަރީ ޖެނެރަލް ކަންކަން ކުރޭތޯ ރައީސް ނުވަތަ އެވަގުތަކު ކޮމިށަން ހިންގުމާ ހަވާލުވެ ހުރި މެންބަރަކު ބަލަން ވާނެއެވެ.
(ނ) ކޮމިށަނުގެ ސެކްރެޓޭރިއެޓްގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކޮށް، އެ ކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅަމުންގެންދަން ވާނެއެވެ.
(ރ) ކޮމިށަނުގެ ފަރާތުންެ މެންބަރުންނަށް އަންގާ އެންގުންތައް ރައީސް ކަނޑައަޅާގޮތެއްގެ މަތީން އަންގާނީ ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލެވެ.
3 ވަނަ މާއްދާ – ކޮމިށަނުގެ ސެކްރެޓޭރިއެޓް އާއި މަސައްކަތު ގަޑި
(ހ) ކޮމިށަނުގެ ސެކްރެޓޭރިއެޓްގައި ރަސްމީކޮށް މަސައްކަތްކުރާނީ ސަރުކާރުން ރަސްމީ ދުވަސްތައްކަމުގައި ކަނޑައަޅާފައިވާ ދުވަސްތަކުގައެވެ. ނަމަވެސް ކޮމިށަނުގެ މުހިންމު މަސައްކަތަކާ ގުޅިގެން ވަޒީފާއާބެހޭ ގާނޫނާ ހިލާފުނުވާގޮތެއްގެ މަތިން ކޮމިށަނުން ނުވަތަ ސެކްރެޓަރީ ޖެނެރަލް ހަމަޖައްސާ ދުވަސްތަކެއްގައި މުވައްޒަފުން ނެރެވިދާނެއެވެ.
(ށ) ކޮމިށަނުގެ ސެކްރެޓޭރިއެޓްގެ ރަސްމީ ގަޑިއަކީ، ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ގަޑިއެވެ.
(ނ) ކޮންމެ މުވައްޒަފަކުވެސް އެ މުވައްޒަފަކު މަސައްކަތް ކުރަންޖެހޭ ހުރިހާ ދުވަހަކު ގަޑިއަށް މަސައްކަތަށް ހާޒިރުވާން ވާނެއެވެ. ރަސްމީ މަސައްކަތު ދުވަހެއްގައި ޢުޒުރެއް މެދުވެރިވެގެން ސަލާން ބުނުމަކާ ނުލައި، ނުވަތަ ޗުއްޓީ ނެގުމަކާ ނުލައި، އެއްވެސް މުވައްޒަފަކު އޮފީހަށް ހާޒިރުނުވެ ހުރެއްޖެނަމަ ބަލާނީ ހާޒިރުނުވާ ދުވަހެއްގެ ގޮތުގައެވެ.
(ރ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެމަތީން ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުނުވާ މުވައްޒަފުން ގަޑިޖެހޭނެއެވެ.
(ބ) ރޭގަނޑު 12 ގެ ފަހުން އޮފީހުގެ މަސައްކަތެއްގައި އޮފީހުގައި ނުވަތަ އޮފީހުން ބޭރުގައި އުޅެންޖެހުމުގެ ސަބަބުން އޮފީހަށް އަންނަންވާ ގަޑިއަށް ހާޒިރު ނުވެވޭ މުވައްޒަފުން ގަޑިޖެހޭނީ އެމަސައްކަތެއް ނިމުނު ގަޑީގެ 8 ގަޑިއިރު ފަހުންނެވެ. (މިސާލަކަށް ރޭގަނޑު 3 ޖެހިއިރު ނިމުނުނަމަ، އެމީހަކު ގަޑިޖެހޭނީ އަނެއް ދުވަހު 11 ޖަހާއިރުއެވެ.) މިގޮތުން އޮފީހުގެ މަސައްކަތަށް ނުކުމެ، ގަޑި ޖެހުމުގެ ކުރިން އޮފީހަށް ހާޒިރުވިކަން، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން، ހާޒިރުވިގަޑި ރެކޯޑުކުރަންވާނެއެވެ. ހާޒިރުވާންޖެހޭ ގަޑިޖެހުމުގެ ކުރިން އޮފީހަށް ހާޒިރު ވިޔަސް ހާޒިރުވި ގަޑި ގަވާޢިދުން ރެކޯޑްކޮށްފައި ނުވާނަމަ، އެ މުވައްޒަފަކު ގަޑިޖެހޭނެއެވެ. ހާޒިރުވި ގަޑި ބަލާނީ ހާޒިރުވި ގަޑި ރެކޯޑުކުރި ވަގުތުން ފެށިގެންނެވެ.
(ޅ) ކޮމިށަނުން އަންގައިގެން އޮފީހުގެ މަސައްކަތެއްގައި އޮފީހުން ބޭރުގައި އުޅުމުގެ ސަބަބުން އޮފީހަށް އަންނަންވާ ގަޑިއަށް ހާޒިރު ނުވެވޭނަމަ، ހާޒިރީ ބަލަހައްޓާ މުވައްޒަފަކަށް އެކަން އަންގަން ވާނެއެވެ.
(ކ) އޮފީސް ހުޅުވާ މުވައްޒަފަކު ހާޒިރު ނުވެގެން، ނުވަތަ އެހެންވެސް ސަބަބަކާހުރެ ގަޑިޖެހުނުއިރު އޮފީސް ނުހުޅުވިއްޖެނަމަ، ކޮމިށަނުގެ މުވައްޒަފުންގެ ތެރެއިން އެ ވަގުތު ހާޒިރުވެ ހުރި އިސް މުވައްޒަފަކު، އެހެން މުވައްޒަފުން ހާޒިރުވި ގަޑި ބަލާނީއެވެ. އޮފީސް ހުޅުވުމުން ހާޒިރީ ރެކޯޑް ކުރާނީ އެވެ.
(އ) ކޮމިށަނުގެ ކޮންމެ މުވައްޒަފަކުވެސް ހާޒިރުވާންޖެހޭ ގަޑިއަށްވުރެ ލަހުން ހާޒިރުވެއްޖެނަމަ، ގަޑިޖެހޭނެއެވެ.
(ވ) ކޮމިށަނުގެ މުވައްޒަފުން ޢާންމު އުސޫލެއްގެ ގޮތުން ރަމަޒާން މަސް ފިޔަވައި އެހެން މަސްމަހު، ރަސްމީ ދުވަސްދުވަހު ގަޑިޖެހޭނީ ހެނދުނު 08:10 ހިނގުމަށްފަހު އޮފީހަށް ހާޒިރުވުމުންނެވެ. ރަމަޒާންމަހު ގަޑި ޖެހޭނީ 09:10 ހިނގުމަށްފަހު އޮފީހަށް ހާޒިރުވުމުންނެވެ.
(މ) މުވައްޒަފު ވަޒީފާ އަދާކުރަން ނުކުންނަން ހަމަޖެހިފައިވާ ގަޑިއަށް ވަޒީފާއަށް ހާޒިރު ނުވެއްޖެނަމަ، ހާޒިރު ނުވާ ވަގުތަށް ގަޑީލާރި ކެނޑޭނެއެވެ. މިގޮތުން ހާޒިރުނުވާ ވަގުތަށް ލާރިކެނޑޭނީ އެދުވަހެއްގެ މުސާރައިން އެވަގުތަކަށްޖެހޭ ނިސްބަތަކުން އެމުވައްޒަފެއްގެ އަސާސީ މުސާރައިންނެވެ.
(ފ) މުވައްޒަފަކު އާދަވެ ގަޑިޖެހޭނަމަ، އެ މުވައްޒަފެއްގެ މައްޗަށް އޮފީހުން އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ.
4 ވަނަ މާއްދާ – އޮފީސް ހުޅުވާ ލެއްޕުން
(ހ) އޮފީސް ހުޅުވާ ލައްޕާނީ، އެކަމަށް ހުއްދަދީފައިވާ މުވައްޒަފުންގެ މެދުގައި ބަހާލެވިފައިވާ ތަރުތީބަކުންނެވެ. އަދި ހުޅުވާ ލެއްޕުމުގައި މުވައްޒަފުން ޢަމަލުކުރާނީ ކޮމިށަނުގެ ލަފާގެމަތީން ސެކްރެޓަރީ ޖެނެރަލް އަންގާ ގޮތަކަށެވެ.
(ށ) ނުރަސްމީ ގަޑީގައި ނުވަތަ ބަންދު ދުވަސް ދުވަހު އޮފީސް ހުޅުވަންވާނީ ސެކްރެޓަރީ ޖެނެރަލް އަންގާ ގޮތެއްގެ މަތީންނެވެ. ނުވަތަ ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތީން ސެކްށަނެއް ހަވާލުވެހުރި ވެރިއެއްގެ ހުއްދަލިބިގެންނެވެ. އަދި މިގޮތަށް އޮފީސް ހުޅުވަންވާނީ ކޮންމެހެން ވަގުތުން ނިންމަންޖެހޭ މަސައްކަތް ނިންމުމަށް އެކަންޏެވެ. އަދި މިގޮތަށް އޮފީސް ހުޅުވާކަން ކޮމިށަނުގެ އެހެން ސެކްށަންތަކަށް އޮފީސް ހުޅުވާ ސެކްށަނަކުން އަންގަންވާނެއެވެ.
(ނ) ރަސްމީ ދުވަސް ދުވަހު ގަޑިޖެހުމުގެ 15 މިނެޓު ކުރިން އޮފީސް ހުޅުވަން ވާނެއެވެ.
5 ވަނަ މާއްދާ – އޮފީސް ހިންގުމުގެ އޮނިގަނޑާއި ސެކްށަންތަކުގެ މަސައްކަތްތައް
(ހ) ކޮމިށަނުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ކޮމިށަނުން ފާސްކުރާ އިދާރީ އޮނިގަނޑެއް ކޮމިށަނުގައި އޮންނަން ވާނެއެވެ.
(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ފާސްކުރާ އިދާރީ އޮނިގަނޑުގައި، ހިމެނޭ ބައިތަކާއި، މަސައްކަތާއި، މަގުސަދާއި، ކުރަންޖެހޭ މައިގަނޑު ހުރިހާ މަސައްކަތެއް ލިޔެވިފައި އޮންނަން ވާނެއެވެ. އަދި މަސައްކަތްތައް ކުރަންވާ ގޮތުގެ އުސޫލުތައްވެސް (ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރސް) ލިޔެފައި، ކޮމިށަނުން ފާސްކޮށްފައި އޮންނަން ވާނެއެވެ.
(ނ) ކޮމިށަނުގެ ސެކްރެޓޭރިއެޓްގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކޮމިށަނުގެ އިދާރީ އޮނިގަނޑަށް ބަދަލެއް ގެނައުމަށް ބޭނުންވެއްޖެނަމަ، އިދާރީ އޮނިގަނޑު މުރާޖަޢާކޮށް ގެންނަންޖެހޭ ބަދަލު ކޮމިށަނުން ގެންނަން ވާނެއެވެ.
6 ވަނަ މާއްދާ – މީޑިއާއަށް މައުލޫމާތު ދިނުން
(ހ) ކޮމިށަނުންކުރާ މަސައްކަތްތަކާގުޅޭ ގޮތުން މީޑިއާއަށް މަޢުލޫމާތު ދޭނީ ކޮމިށަނުގެ ނިންމުމެއްގެ މައްޗަށް ބިނާކޮށް ސެކްރެޓަރީ ޖެނެރަލް ނުވަތަ އެ މަސައްކަތާ ހަވާލުވެ ތިބި އިސް މުވައްޒަފުންގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ކަނޑައަޅާ މުވައްޒަފުން ނުވަތަ މުވައްޒަފެކެވެ.
(ށ) ކޮމިށަނުން ޢާންމުކޮށް ހާމަކުރަމުން ދިއުމަށް ކޮމިށަނުން ކަނޑައަޅާފައިވާ ތަފާސް ހިސާބު ފަދަ މަޢުލޫމާތު އެކަމާގުޅޭ ސެކްށަނުން ހާމަކުރަންވާނީ ސެކްރެޓަރީ ޖެނެރަލް ނުވަތަ ސެކްރެޓަރީ ޖެނެރަލްގެ އިރުށާދުގެ ދަށުންނެވެ.
(ނ) ކޮމިށަނުގެ ސިޔާސަތުތައް ހާމަކޮށް އަދި ކޮމިށަނުގެ ނިންމުންތަކާ ގުޅޭގޮތުން މީޑިޔާއަށް ހާމަކުރަންޖެހޭ މަޢުލޫމާތު ހާމަކުރާނީ ކޮމިށަނުގެ ރައީސެވެ. ރައީސް ނެތް ހާލަތެއްގައި ކޮމިށަނުގެ ނައިބު ރައީސް ނުވަތަ ކޮމިށަން ހިންގުމާ ހަވާލުވެހުރި މެންބަރެކެވެ.
(ރ) ކޮމިށަނުގެ ފަރާތުން ވަކި މައްސަލައަކާ ގުޅޭގޮތުން ކޮމިށަނުން މައުލޫމާތު ދިނުމަށް ވަކިފަރާތެއް ޢައްޔަންކޮށްފިނަމަ، އެމައުލޫމާތެއް ދޭނީ ކޮމިށަނުން ކަނޑައަޅާ ގޮތެއްގެމަތީން އެފަރާތަކުންނެވެ. ނަމަވެސް އެފަދަ މައްސަލަތަކުގައި އެއްފަހަރާ އެއްފަރާތަށްވުރެ ގިނަ ފަރާތްތަކަށް (މީޑިޔާއަށް) މަޢުލޫމާތު ދޭންޖެހޭ ހާލަތްތަކުގައި ރައީސް ނުވަތަ ނައިބު ރައީސްގެ މަށްވަރާގެމަތިން އެނޫން ފަރާތެއް މީޑިޔާއަށް މަޢުލޫމާތު ދިނުމަށް ހަމަޖެއްސިދާނެއެވެ.
(ބ) ކޮމިށަނުގެ ނަމުގައި ނޫސްބަޔާންނެއް ނެރޭނަމަ އެނޫސް ބަޔާނެއް ނެރެންވާނީ ކޮމިށަނުން ފާސްކޮށް، އެފާސްކުރިގޮތަކަށެވެ.
2 ވަނަ ބާބު: ކޮމިށަނުގެ ޖަލްސާ
7 ވަނަ މާއްދާ – ޖަލްސާ ބާއްވާ ކަންކަމާއި މަގްސަދު
މިބާބުގެ މަގްސަދަކީ ތިރީގައި ބަޔާންކުރާ ކަންކަން ހާސިލުކުރުމަށްޓަކައި ކޮމިށަނުގެ ޖަލްސާތައް ބާއްވައި، އެ ޖަލްސާތައް ހިންގުމެވެ.
(ހ) ކޮމިށަނުގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރުން.
(ށ) އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޢައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންވާ ލަފާ، އެފަރާތަށް ދިނުމަށްޓަކައި ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެމަތިން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމާއި، ނިންމަންޖެހޭ ނިންމުންތައް ނިންމުން.
(ނ) އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން ޢައްޔަންކުރުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކުރުމާއި، ނިންމަންޖެހޭ ނިންމުންތައް ނިންމުން.
(ރ) ޖުޑީށަލް ސަރވިސް ކޮމިށަނުން ހިންގާ ކަންކަން ހިންގުމަށް ހަދަންޖެހޭ ގަވާޢިދުތަކާއި، އުސޫލުތަކާއި، މިންގަނޑުތަކާއި އަދި މިނޫންވެސް ކަނޑައަޅަންޖެހޭ ކަނޑައެޅުންތައް ކަނޑައަޅައި ފާސްކުރުމާއި އަދި އެނޫންވެސް ޢަދުލު އިންސާފު ގާއިމުކުރުމުގެ ބާރާބެހޭ ގޮތުން ކޮމިށަނުން ނިންމަންޖެހޭ ނިންމުންތައް ނިންމުން.
(ބ) ކޮމިށަނުގެ ކަންތައްތައް ހިންގުމަށްޓަކައި އެކި ކަންކަމާގުޅޭ ކޮމިޓީތައް އެކުލަވާލުމާއި، އެ ކޮމިޓީތަކުގެ ޖަލްސާތައް ބޭއްވުމާއި، އެ ކޮމިޓީގެ މަސައްކަތާބެހޭގޮތުން ނިންމުންތައް ނިންމުމާއި، އެ ކޮމިޓީތަކުގެ ނިންމުންތަކާއި ހުށަހެޅުންތައް ތަންފީޒު ކުރުމާބެހޭ ގޮތުން ނިންމުންތައް ނިންމުން.
(ޅ) ކޮމިށަނުގެ މަސައްކަތާގުޅޭ އެކި މައްސަލަތަކާބެހޭ ގޮތުން ދިރާސަތައް ކުރުމަށް ނިންމުމާއި އެކިއެކި ރިޕޯޓުތަކާއި ދިރާސާތަކާބެހޭ ގޮތުން ނިންމުންތައް ނިންމުން.
(ކ) ކޮމިށަން ހިންގުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތަކާއި، އެކަންތައްތައް އެންމެ ފުރިހަމަގޮތުގައި ހިންގުމަށްޓަކައި ޢަމަލު ކުރާނެ ހަމަތަކާއި އުސޫލުތައް ކަޑައެޅުން.
8 ވަނަ މާއްދާ – ކޮމިށަނުގެ ޖަލްސާތައް
ކޮމިށަނުގެ ޖަލްސާތައް ބެހިގެންވަނީ ހަތަރުބަޔަކަށެވެ. އެއީ –:
(ހ) ރަސްމީ ޖަލްސާ
(ށ) ނުރަސްމީ ޖަލްސާ
(ނ) މަށްވަރާ ބައްދަލުވުން
(ރ) ކުއްލި ޖަލްސާ
9 ވަނަ މާއްދާ – ރަސްމީ ޖަލްސާ
ކޮމިށަނުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުންބައިވެރިވާ، ގާނޫނީގޮތުން އެއަށް ޢަމަލުކުރެވޭނެ ނިންމުންތައް ނިންމުމަށް ބާއްވާ ކޮންމެ ޖަލްސާއަކީ ރަސްމީ ޖަލްސާއެކެވެ. ކޮމިށަނުގެ ރަސްމީ ކޮންމެ ނިންމުމެއް ނިންމަންވާނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
10. ރަސްމީ ޖަލްސާއިން ނިންމަންޖެހޭ ކަންތައްތަކުގެ ތެރޭގައި މި ގަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) ގައިވާ ކަންތައްތަކުގެ އިތުރުން އަންނަނިވި ކަންތައްތައް ހިމެނެއެވެ.
(ހ) ފަނޑިޔާރުންގެ ސުލޫކީ މިންގަޑާއި ޖުޑީށަލް ސަރވިސް ކޮމިށަނުގެ މަސައްކަތާ ގުޅޭ ގަވާޢިދުތަކާއި އެނޫން އެކިއެކި ގަވާޢިދުތައް ފާސްކުރުމާ، އެއިން ގަވާޢިދަކަށް ކޮންމެހެން ގެންނަންޖެހޭ އިސްލާހެއްވާނަމަ އެއިސްލާހެއް ގެނައުން.
(ށ) ފަނޑިޔާރުންނާބެހޭ ގޮތުން އުފުލާ ށަކުވާތައް ބެލުމުގައި ނިންމަންޖެހޭ ނިންމުންތަކާއި، އެފަރާތްތަކާމެދު އަޅާންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަގާމުން ވަކިކުރާންޖެހޭ މީހުން ވަކިކުރުމަށް ހުށަހަޅަންޖެހޭ ފަރާތްތަކަށް އެފަދަ މީހުން މަގާމުން ވަކިކުރުމަށް ހުށަހެޅުން.
(ނ) ކޮމިށަނުން ހިންގަން ބޭނުންވާ މަށްރޫޢުތައް މެންބަރުންގެ މެދުގައި މަށްވަރާކޮށްގެން ފާސްކުރުން.
(ރ) ކޮމިށަނުން ފާސްކުރާ ގަރާރުތަކާއި ނޫސްބަޔާންތައް މެންބަރުންގެ މެދުގައި މަށްވަރާކޮށްގެން ފާސްކުރުން.
(ބ) ކޮމިށަނުގެ ޖަލްސާތައް ހިންގާ، ގަވާޢިދު ހެދުމާއި އިސްލާހުކުރުން.
(ޅ) ކޮމިށަނުން އެކުލަވާލަންޖެހޭ ކޮމިޓީތައް އެކުލަވާލުން.
11 ވަނަ މާއްދާ – ޖަލްސާ ބޭއްވުން
(ހ) ކޮމިށަނުގެ ރަސްމީ ޖަލްސާއެއް މަދުވެގެން މަހަކު އެއްފަހަރު ބާއްވަން ވާނެއެވެ. އޭގެ އިތުރުން ރަސްމީ ޖަލްސާ ތިރީގައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ބޭއްވިދާނެއެވެ.
- ކޮމިށަނުގެ ރައީސް ޖަލްސާއަކަށް ގޮވާލުން.
- ބައްދަލުވުމެއް ބޭއްވުމަށް ކޮމިށަނުން ނިންމުން.
- ކޮމިށަނުގެ މެންބަރުންގެ ތެރެއިން ދެބައިކުޅައެއްބައި މެންބަރުންގެ ތާއީދާއެކު މެންބަރަކު ޖަލްސާއެއް ބާއްވަން އެދުން.
12 ވަނަ މާއްދާ – ޖަލްސާ ބާއްވާ ތަން
ކޮމިށަނުގެ ރައީސް ނުވަތަ ކޮމިށަނުން ކަނޑައަޅާ ތަނެއްގައި ކޮމިށަނުގެ ޖަލްސާ ބޭއްވިދާނެއެވެ.
13 ވަނަ މާއްދާ – ގާނޫނީ އަދަދު
ކޮމިށަނުގެ ޖަލްސާއެއް ބޭއްވޭނީ ކޮމިށަނުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.
14 ވަނަ މާއްދާ – ނުރަސްމީ ޖަލްސާ
(ހ) ނުރަސްމީ ޖަލްސާއަކީ، ކޮމިށަން ހިންގުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަމާއި، އެކަންތައްތައް އެންމެ ފުރިހަމަގޮތުގައި ހިންގުމަށްޓަކައި ޢަމަލު ކުރާނޭ ހަމަތަކާއި އުސޫލުތައް ކަޑައެޅުމަށާއި، ކޮމިށަން ހިންގުމުގައި ދިމާވާ ތަފާތު މައްސަލަތައް ހައްލުކުރުމަށް ކޮމިށަނުން ބާއްވާ ޖަލްސާއެވެ.
(ށ) ނުރަސްމީ ޖަލްސާއެއް ބާއްވާނީ، އެކަމަށް ބޭނުންވެއްޖެ ހިނދެއްގައި ކޮމިށަނުގެ ރައީސްގެ ނިންމެވުމަކަށް ނުވަތަ ކޮމިށަނުގެ ޖަލްސާއަކުން ނިންމާފައިވާ ނިންމުމެއްގެ މައްޗަށެވެ.
15 ވަނަ މާއްދާ – މަށްވަރާ ބައްދަލުވުން
(ހ) މަށްވަރާ ބައްދަލުވުމަކީ، ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ބޭނުންވާ އެކިއެކި ހިޔާލު އުފެއްދުމަށާ ރަސްމީ ހައިޘިއްޔަތެއް ނޯންނަގޮތެއްގައި ކޮމިށަނުގެ މެންބަރުންގެ މެދުގައި ނުވަތަ އެހެން ފަރާތެއް ށާމިލުކޮށްގެން ކޮމިށަނުގެ މެންބަރުންނާއެކު ބާއްވާ ބައްދަލުވުމެވެ.
(ށ) މަށްވަރާ ބައްދަލުވުމެއް ބާއްވަންޖެހޭ ހާލަތެއް މެދުވެރިވެއްޖެކަމަށް ކޮމިށަނުގެ ރައީސަށް ނުވަތަ ކޮމިށަނަށް ފެނިއްޖެ ހާލަތެއްގައި މަށްވަރާ ބައްދަލުވުމެއް ބޭއްވިދާނެއެވެ.
16 ވަނަ މާއްދާ – ކުއްލި ޖަލްސާ
(ހ) ކުއްލި ހާލަތުގައި ނޯޓިހަކާ ނުލާ، ޖަލްސާއެއް ބޭއްވުމުގެ އިހްތިޔާރު ކޮމިށަނުގެ ރައީސަށް ލިބިގެންވެއެވެ. އަދި ކޮމިށަނުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން، ކުއްލި ޖަލްސާއެއް ބާއްވަން އެދި އެކަން ކޮމިށަނުގެ ރައީސަށް ހުށަހަޅައިފިނަމަ، ކޮމިށަނުގެ ރައީސް އެފަދަ ޖަލްސާއެއް ބާއްވަންވާނެއެވެ.
(ށ) ތިރީގައި ބަޔާންކުރާފަދަ ނިންމުންތަކެއް ކުއްލި ޖަލްސާއަކުން ނުނިންމޭނެއެވެ.
- ކޮމިށަނުގެ ރައީސާއި ނައިބު ރައީސް ހޮވުން.
- ކޮމިށަނުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރެއް ޢައްޔަންކުރުން.
- އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމުގެ ނިންމުން.
- އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން ޢަންޔަންކުރުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، ވަކިކުރުމަށް ހުށަހެޅުމާއި، ބަދަލުކުރުމާގުޅޭ ނިންމުން.
17 ވަނަ މާއްދާ – އެޖެންޑާއާއި އެހެނިހެން ލިޔުން
(ހ) ޖަލްސާތަކުގެ އެޖެންޑާ ތައްޔާރުކުރާނީ، ކޮމިށަނުގެ މެންބަރަކު މައްސަލައެއް އެޖެންޑާ ކުރުމަށް އެދިފައިވާނަމަ އެކަމެއް އެކުލެވޭގޮތަށް ސެކްރެޓެރީ ޖެނެރަލް ތައްޔާރުކުރާ ޑްރާފްޓް އެޖެންޑާއެއްގެ މައްޗަށް ބަލާ ކޮމިށަނުގެ ރައީސް ކަނޑައަޅާ ގޮތެއްގެ މަތިން، ސެކްރެޓެރީ ޖެނެރަލެވެ. ކޮމިށަނުގެ މެންބަރަކު ހުށަހަޅާ މައްސަލައެއް އެޖެންޑާ ނުކޮށް ދޫކޮށްލާނީ އެމައްސަލައެއް ހުށަހެޅި މެންބަރަކު ކޮމިށަނުގެ ރައީސާ މަށްވަރާކުރުމަށްފަހު އެގޮތަށް އެއްބަސްވެވިއްޖެނަމައެވެ. މިނޫން ހާލަތްތަކުގައި ކޮމިށަނުގެ މެންބަރުން ހުށަހަޅާ މައްސަލަ އެޖެންޑާގައި ނުހިމެނުމާ ނުތަވަ އުނިކުރުމާމެދު ގޮތެއްނިންމާނީ ކޮމިށަނުންނެވެ.
(ށ) ރަސްމީ ޖަލްސާއަށް ސެކްށަންތަކުގެ ވެރިން ނުވަތަ ސެކްރެޓަރީ ޖެނެރަލް ހުށަހަޅާ ކަންކަން އެޖެންޑާ ކުރާނީ ކޮމިށަނުގެ ރައީސް މެދުވެރިކޮށެވެ.
(ނ) ރަސްމީ ޖަލްސާތަކުގައި، ޖަލްސާ ކުރިއަށް ގެންދިއުމުގެ ކުރިން، އެޖަލްސާގެ އެޖެންޑާ ކަނޑައެޅިފައި އޮންނަންވާނެއެވެ.
(ރ) ކޮމިށަނުގެ މަސްލަހަތު ހިމެނޭ މުހިންމު އަދި ބޮޑެތި ކަންކަން އެޖެންޑާ އައިޓަމްގައި އޮންނަ "އެހެނިހެން" ގެ ދަށުން ނިންމައިގެން ނުވާނެއެވެ. އެގޮތުން ނިންމައިގެން ނުވާނެ ކަންކަން ތިރީގައި އެވަނީއެވެ.
- ބަޖެޓާއި ފައިސާ އާ ގުޅޭ ކަންކަން.
- މުވައްޒަފުންގެ ވަޒީފާއާއި މުސާރައާއި ޢިނާޔަތްތަކަށް ބަދަލުގެނައުން.
- ކޮމިށަނުގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުގެނައުން.
- މެންބަރުންނާއި މުވައްޒަފުން ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތައް ހަމަޖެއްސުން.
- ކޮމިށަނުގެ ގަވާޢިދަށް ބަދަލުގެނައުން.
- ކޮމިށަނުގެ ރައީސް ނުވަތަ ނައިބު ރައީސް އިންތިހާބުކުރުން.
- ކޮމިށަނަށް މުވައްޒަފަކު އަލަށް ވެއްދުމާއި ވަކިކުރުން.
- ފަނޑިޔާރުންގެ ވަޒީފާއާ ސުލޫކާބެހޭ މައްސަލަތަކާއި ގާވާއިދުތަކާއި، ސަރކިއުލަރއާއި، އުސޫލުތައް
(ބ) ކޮމިށަނުގެ ޖަލްސާއަކުން، ވަކިކަމެއް، ވަކި ބައްދަލުވުމަކަށް އެޖެންޑާކުރަން ނިންމައިފިނަމަ އެކަމެއް، އެބައްދަލުވުމަކަށް އެޖެންޑާކުރަން ވާނެއެވެ.
(ޅ) ޖަލްސާތަކުގެ އެޖެންޑާ، ޖަލްސާ ބޭއްވުމުގެ މަދުވެގެން 12 ގަޑިއިރުކުރިން، ޖަދުވަލު 1 ގައިވާގޮތަށް އިލެކްޓްރޯނިކްކޮށް ނަމަވެސް، ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލް، މެންބަރުންނަށް ފޮނުވަން ވާނެއެވެ.
18 ވަނަ މާއްދާ – ނޯޓިސް ދިނުން
ކުއްލި ހާލަތެއް މެދުވެރިވެގެން މެނުވީ، ޖަލްސާ ފެށުމުގެކުރިން އެކަށީގެންވާ ވަގުތުއޮއްވާ މެންބަރުންނަށް އަންގަންވާނެއެވެ. ނޯޓިސް ފޮނުވުމަށްފަހު އެއްވެސް މެންބަރަކު ޖަލްސާއަށް ނާދެވޭނެކަމުގައި ނާންގާހާ ހިނދަކު ބެލެވޭނީ އެމެންބަރަކު އެޖަލްސާއަށް ހާޒިރުވާނެކަމުގައެވެ.
19 ވަނަ މާއްދާ – ޖަލްސާތަކުގައި މެންބަރުން އަމަލުކުރަންޖެހޭ ގޮތް
ކޮމިށަނުގެ ޖަލްސާތަކުގައި ކޮންމެ މެންބަރަކުވެސް ތިރީގައިވާ އުސޫލުތަކާއި އެއްގޮތަށް ޢަމަލުކުރަން ވާނެއެވެ.
(ހ) ކޮމިށަނުގެ ޖަލްސާތަކުގައި މެންބަރުން ވާހަކަ ދައްކާނީ ރިޔާސަތުން ފުރުސަތު ދިނުމުންނެވެ. މިގޮތުން ޖަލްސާތަކުގައި ވާހަކަ ދެއްކުމަށް ރިޔާސަތުން ފުރުސަތު ދޭންވާނީ އެކަމަށް މެންބަރުން އެދޭ ތަރުތީބުން އެއްވެސް ތަފާތުކުރުމެއް ނެތިއެވެ.
(ށ) ކޮމިށަނުގެ ޖަލްސާތަކުގައި ނިންމާ ނިންމުންތައް ކޮންމެ ނިންމުމެއް ނިމުމުން، އެނިންމުން ރިޔާސަތުން އިއްވަން ވާނެއެވެ. އަދި ރިޔާސަތުން އެ އިއްވި ގޮތަށް ޔައުމިއްޔާގައި ރެކޯޑު ކުރަން ވާނެއެވެ.
(ނ) ކޮމިށަނުގެ ޖަލްސާތަކުގައި ނިންމާ ނިންމުންތައް ނިންމާނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މިގޮތުން ކޮމިށަނުން ނިންމާ ނިންމުމަކާ މެންބަރަކު ހިޔާލު ތަފާތުވެގެން އެކަމަށް ތާއީދުނުކުރާކަން އެމެންބަރަކު ޔައުމިއްޔާގައި ފާހަގަކުރަން ބޭނުންވެއްޖެނަމަ އެކަން ޔައުމިއްޔާގައި ފާހަގަކުރަން ވާނެއެވެ.
(ރ) ކޮމިށަނުގެ ޖަލްސާތަކުގައި މެންބަރުން ފުރިހަމައަށް ބައިވެރިވެ ޖަލްސާއަށް ސަމާލުކަން ދޭންވާނެއެވެ. އަދި މިކަން ރިޔާސަތުން ކަށަވަރު ކުރަންވާނެއެވެ.
(ބ) ކޮމިށަނުގެ ޖަލްސާތަކުގައި ވާހަކަ ދެއްކުމަށް މެންބަރުންނަށް ހަމަހަމަ ގޮތެއްގައި ރިޔާސަތުން ފުރުސަތު ދޭންވާނެއެވެ.
(ޅ) ކޮމިށަނުގެ ޖަލްސާތަކުގައި މެންބަރުން ވާހަކަ ދައްކާއިރު އެއްވެސް މެންބަރަކު އަނެއް މެންބަރަކު ދައްކާ ވާހަކައަށް ހުރަސްއަޅާ އުނދަގޫކޮށްގެން ނުވާނެއެވެ. އަދި މިފަދަ ޢަމަލެއް ހިނގާނަމަ ރިޔާސަތުން އެކަން ވަގުތުން ހުއްޓުވަން ވާނެއެވެ. އަދި އެ މެންބަރަކު ޢަމަލުކުރިގޮތް ތަފްސީލުކޮށް ލިޔުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް އެ މައްސަލަ ބަލައިދިނުމަށް ހުށަހަޅަންވާނެއެވެ.
(ކ) ކޮމިށަނުގެ ޖަލްސާތަކުގައި ރިޔާސަތުން އަންގާ އެންގުންތަކަށް މެންބަރުންތަބާވެ، ޖަލްސާ އޮމާންކަމާއެކީ ކުރިޔަށް ގެންދިޔުމަށް ރިޔާސަތަށް ފުރުސަތު ދޭންވާނެއެވެ. އެގޮތުން ޖަލްސާފެށުމުގެ ކުރިން އެ ޖަލްސާގައި ވާހަކަދެއްކުމަށް މެންބަރުންނަށް ފުރުސަތު ދެވޭނެ ޢަދަދާއި ވަގުތު ރިޔާސަތުން ކަނޑައަޅަންވާނެއެވެ.
(އ) ކޮމިށަނުގެ ޖަލްސާތަކުގައި ރިޔާސަތުން ކުރިއަށްގެންދާގޮތަކީ ކޮމިށަނުގައި ހެދިފައިވާ ގަވާޢިދުތަކާއި އުސޫލުތަކާ ހިލާފަށް ގެންދާކަމެއް ކަމުގައިގައި މެންބަރަކަށް ފެނިއްޖެހިނދެއްގައި އެހިލާފުވާގޮތެއް ބަޔާންކުރުމުން، އެކަމާމެދު ރިޔާސަތުން ގޮތެއް ނުނިންމައި ޖަލްސާ އިތުރަށް ކުރިއަށް ގެންގޮސްގެން ނުވާނެއެވެ.
20 ވަނަ މާއްދާ – ޔައުމިއްޔާއާއި ރެކޯޑު ބެލެހެއްޓުން
(ހ) ކޮމިށަނުގެ ޖަލްސާތަކުގެ ޔައުމިއްޔާ، ޖަދުވަލު 2 ގައިވާ ގޮތުގެމަތިން ސެކްރެޓެރީ ޖެނެރަލް ތައްޔާރު ކުރަންވާނެއެވެ. އަދި ކޮންމެ ހަފްތާއެއް ނިމުމުން އެ ހަފްތާއެއްގައި ބޭއްވުނު ޖަލްސާތަކުގެ ޔައުމިއްޔާތައް ލިޔުމަށްފަހު ލަސްވެގެން ފެށޭ ހަފްތާގެ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން މެންބަރުންނަށް އީމެއިލްގެ ޒަރީއާއިން ފޮނުވަންވާނެއެވެ. ޔައުމިއްޔާ ފޮނުވާތާ 3 ދުވަސްވާއިރު އެއްވެސް މެންބަރެއްގެ އިސްލާހެއް ނެތްނަމަ ޔައުމިއްޔާ ފާސްވިކަމަށް ބެލެވޭނެއެވެ. އިސްލާހެއް ހުށަހަޅައިފިނަމަ އެ އިސްލާހަކާއެކު އަލުން މެންބަރުންނަށް ޔައުމިއްޔާ ފޮނުވަންވާނެއެވެ. މިގޮތުން ޔައުމިއްޔާ ފަޮނުވާތާ 3 ދުވަހުގެތެރޭގައި އިތުރު އިސްލާހެއް ނެތްނަމަ ޔައުމިއްޔާ ފާސްވިކަމަށް ބެލެވޭނެއެވެ.
(ށ) ކޮމިށަނުން ފާސްކުރާ ކޮމިށަނުގެ ޔައުމިއްޔާތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ސެކްރެޓަރީ ޖެނެރަލްގެ ޒިންމާއެކެވެ.
21 ވަނަ މާއްދާ – ކޮމިށަނުގެ ނިންމުންތައް
(ހ) ކޮމިށަނުން އެއްވެސްކަމެއް ނިންމޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތު އެކަމަކަށް ލިބިގެންނެވެ. ނަމަވެސް އާންމު އުސޫލެއްގެގޮތުން ކޮމިށަނުން މައްސަލަތައް ނިންމޭތޯ ބަލާނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
(ށ) އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ހިމެނޭ އެއްވެސް މައްސަލައެއް ނިންމުމުގައި އެއްވެސް މިންވަރަކަށް އެމެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި މިފަދަ މައްސަލައެއްކަން އެމެންބަރަކަށް އެނގޭ ހިނދުން ފެށިގެން ރިޔާސަތަށާއި، ކޮމިށަނުގެ އެހެން މެންބަރުންނަށް އެންގުމާއެކު، އެމައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތަކުން އެއްކިބާވާންވާނެއެވެ.
(ނ) ނެގޭ ކޮންމެ ވޯޓެއްގައި ކޮމިށަނުގެ ކޮންމެ މެންބަރަކަށްވެސް ދެވޭނީ އެއް ވޯޓެވެ. އަދި ވޯޓު ނަގާނެގޮތާމެދު މެންބަރުންގެ މެދުގައި ހިޔާލުތަފާތު ވެއްޖެނަމަ ވޯޓުނަގާނެ ގޮތެއްކަނޑައަޅާނީ ޖަލްސާގެ އަޣްލަބިއްޔަތުންނެވެ.
(ރ) ވޯޓު ގުނާ، އޭގެ ތަފްސީލުތައް ރެކޯޑުކުރާނީ ކޮމިށަނުގެ ސެކްރެޓެރީ ޖެނެރަލެއެވެ. ނަމަވެސް ވޯޓުގެ ނަތީޖާ އިޢުލާނު ކުރާނީ ކޮމިށަނުގެ ރައީސެވެ.
22 ވަނަ މާއްދާ – ކޮމިށަނުގެ ނިންމުންތަކަށް އަމަލުކުރުން
(ހ) ކޮމިށަނުގެ ނިންމުންތަކަށް އިހްތިރާމްކޮށް އެނިންމުންތަކާ އެއްގޮތަށް ޢަމަލުކުރުމަކީ ކޮމިށަނުގެ މެންބަރުންނާއި މުވައްޒަފުންގެ މައްޗަށް ލާޒިމް ކަމެކެވެ. ކޮމިށަނުން ނިންމާ ނިންމުންތައް ތަންފީޒުކުރުމުގެ ހުރިހާ މަސްއޫލިއްޔަތެއް އަދާކުރާނީ ސެކްރެޓަރީ ޖެނެރަލެވެ. އަދި ކޮމިށަނުގެ ނިންމުންތައް ކަމާބެހޭ ސެކްށަން ތަކަށާއި މުވައްޒަފުންނަށް އެންގުމަކީ ސެކްރެޓަރީ ޖެނެރަލްގެ ޒިންމާއެކެވެ. އަދި ކޮމިށަނުގެ ޖަލްސާތަކުން ނިންމާ ނިންމުންތަކުގައި ވާރކް ފުލޯއެއް ހިމެނޭ ނިންމުންތައް ސެކްރެޓަރީ ޖެނެރަލް ފާހަގަކޮށް، އެކަންތައް ކުރާނެ މުވައްޒަފަކު ކަނޑައަޅައި އެ މުވައްޒަފަކާ އެކަންތައްތައް ހަވާލުކޮށް، އަދި އެކަން ކޮމިށަނުގެ މެންބަރުންނަށް އަންގަންވާނެއެވެ.
(ށ) ކޮމިށަނުގެ ރަސްމީ ޖަލްސާތަކުން ނިންމާ ނިންމުންތައް، ލަސްވެގެން 3 ދުވަހުގެތެރޭގައި ކޮމިށަނުގެ ސެކްށަންތަކާއި ސެކްށަންތައް ހިންގުމާ ހަވާލުވެ ތިބި އިސް މުވައްޒަފުންނަށް އަންގަންވާނެއެވެ. ކޮމިށަނުގެ ނިންމުމަކީ ވަގުތުން ތަންފީޒު ކުރަންޖެހޭ ނިންމުމެއް ކަމަށްވާނަމަ، ކޮމިށަނުގެ ކަމާބެހޭ ޑިވިޒަނަށް އެކަން ވަގުތުން އަންގަން ވާނެއެވެ.
(ނ) ކޮމިށަނުގެ ނިންމުންތައް ކަމާބެހޭ ސެކްށަންތަކަށް އެންގުމުން، އެ ސެކްށަނަކާގުޅޭ ނިންމުމެއް ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީ އެސެކްށަން ހިންގުމާ ހަވާލުވެ ހުރި ވެރިޔާގެ މަސްއޫލިއްޔަތެކެވެ.
(ރ) ކޮމިށަނުން ނިންމާފައިވާ ނިންމުމެއް ތަންފީޒު ކުރެވޭގޮތް ނުވެއްޖެނަމަ، ނުވަތަ ތަންފީޒު ކުރުމުގައި ދަތިތަކެއް ކުރިމަތި ވެއްޖެނަމަ، އެކަމާ ހަވާލުވެހުރި މުވައްޒަފަކު ލަސްނުކޮށް އެކަން ސެކްރެޓަރީ ޖެނެރަލަށް އަންގަން ވާނެއެވެ. އަދި ސެކްރެޓަރީ ޖެނެރަލް އެކަން ވަގުތުން ކޮމިށަނުގެ ރައީސަށް އަންގަން ވާނެއެވެ. އަދި ރައީސް އެހެން މެންބަރުންގެ ސަމާލު ކަމަށް އެކަން ގެންނަން ވާނެއެވެ.
(ބ) ކޮމިށަނުގެ މެންބަރަކަށް ހާޒިރުނުވެވޭ ޖަލްސާއަކުން ކަމެއް ނިންމައިފިނަމަ، އެ ނިންމި ކަމަކާބެހޭ މަޢުލޫމާތު ހާޒިރުނުވާ މެންބަރަކަށް ނުވަތަ މެންބަރުންނަށް، އެ މެންބަރަކު ނުވަތަ އެ މެންބަރުން އެންމެ އަވަހަށް ކޮމިށަނަށްގެ ޖަލްސާއަކަށް ހާޒިރުވާ ދުވަހު ސެކްރެޓަރީ ޖެނެރަލް ދޭންވާނެއެވެ.
(ޅ) ކޮމިށަނުގެ ނިންމުންތަކުގެ ތެރެއިން ޢާންމުކުރަންޖެހޭ ނިންމުންތައް ކޮމިށަނުގެ ވެބްސައިޓްގައި ށާއިޢުކުރަން ވާނެއެވެ. އަދި ކޮމިށަނުގެ ނިންމުންތަކުގެ ތެރެއިން މުވައްޒަފުން ޢަމަލުކުރަންޖެހޭ ނިންމުންތައް މުވައްޒަފުންނަށް އަންގަން ވާނެއެވެ. އަދި އެ ނިންމުންތަކުގެ ފައިލެއް ކޮމިށަނުގެ ހުރިހާ މުވައްޒަފުންނަށް ބެލޭގޮތަށް އޮންނަން ވާނެއެވެ.
23 ވަނަ މާއްދާ – ކޮމިޓީތަކުން ނިންމާ މައްސަލަތައް ކޮމިށަނުން ނިންމުން
ކޮމިށަނުން އުފައްދާފައިވާ ކޮމިޓީތަކުން ނިންމާ ކަންތައްތައް ކޮމިށަނަށް ހުށަހެޅުމުން އެކަމާމެދު ވަކިގޮތެއް ނިންމަންވާނީ މި ގަވާޢިދުގެ 21 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.
24 ވަނަ މާއްދާ – ސިއްރު ހިފެހެއްޓުން
(ހ) ކޮމިށަނުން ކަނޑައަޅާ އުސޫލެއްގެ މަތިންމެނުވީ ކޮމިށަނުގެ ޖަލްސާއެއްގައި ހިނގާ އެއްވެސްކަމެއް، ޖަލްސާގައި ބައިވެރިވާ އެއްވެސް ފަރާތަކުން ހާމަކޮށްގެންނުވާނެއެވެ.
(ށ) މަގާމުގެ ހައިޘިއްޔަތުން މެންބަރަކަށް ލިބިފައިވާ މަޢްލޫމާތެއްގެ ނުވަތަ އެމެންބަރެއް އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒު މަންފާއެއް ހާސިލުކުރުމަށް ނުވަތަ އެހެން މީހަކަށް މަންފާއެއް ހޯދައިދިނުމަށް ބޭނުންކޮށްގެން ނުވާނެއެވެ.
(ނ) މަގާމުގެ ހައިޘިއްޔަތުން މެންބަރަކަށް ލިބިފައިވާ މަޢުލޫމާތެއް، މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި، ތިންވަނަ ފަރާތަކަށް އެމަޢުލޫމާތެއް ހާމަކޮށްގެންނުވާނެއެވެ.
(ރ) ކޮމިށަނުގެ ލިޔެކިޔުންތަކާއި އެހެނިހެން މަޢުލޫމާތު ޢާއްމުކުރެވޭނީ ނުވަތަ އެއްވެސް ފަރާތަކަށް ދޫކުރެވޭނީ ކޮމިށަނުން ކަނޑައަޅާ އުސޫލެއްގެ މަތިންނެވެ.
(ބ) ކޮމިށަނުގެ ހުއްދައާއެކު މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ފޯރުކޮށްދެވޭ އެއްވެސް ލިޔުމެއް އެ މެންބަރެއްގެ އަމިއްލަ މަގްސަދެއް ހާސިލުކުރުމަށް ނުވަތަ އެހެން ފަރާތަކަށް ފައިދާއެއް ހޯދައި ދިނުމަށްޓަކައި ނުވަތަ ގެއްލުމެއް ދިނުމަށްޓަކައި ޢާންމުކޮށްގެން ނުވާނެއެވެ.
3 ވަނަ ބާބު: ކޮމިށަނުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ މަސްއޫލިއްޔަތު
25 ވަނަ މާއްދާ – ކޮމިށަނުގެ ރައީސްގެ މަސްއޫލިއްޔަތުތައް
(ހ) ކޮމިށަނުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން.
(ށ) ކޮމިށަނުގެ ޖަސްލާތަކުގެ އެޖެންޑާ ކަނޑައެޅުން.
(ނ) ކޮމިށަނުގެ އެކިއެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމަށް ކޮމިށަނުގެ މެންބަރުންނާ ހަވާލުކުރުން.
(ރ) މި މާއްދާގެ (ހ)، (ށ)، އަދި (ނ) ގައިވާ ކަންކަމުގެ އިތުރުންވެސް، ގާނޫނުއަސާސީއާއި ގާނޫނުގައި ކޮމިށަނުގެ ރައީސްގެ މަސްއޫލިއްޔަތު ކަމަށް ބަޔާންކޮށްފައިވާ ކަންތައްތައްތައް ކުރުން.
26 ވަނަ މާއްދާ – ކޮމިށަނުގެ ނައިބު ރައީސްގެ މަސްއޫލިއްޔަތުތައް
(ހ) ކޮމިށަނުގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ ޢުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެމަގާމު ހުސްވެއްޖެ ހާލަތެއްގައި، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރުން.
(ށ) ކޮމިށަނުގެ ރައީސް ކޮމިށަނުގެ ނައިބުރައީސާ ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.
27 ވަނަ މާއްދާ – ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލް
ކޮމިށަނުގެ އިދާރީ ހިންގުމަށްޓަކައި ސެކްރެޓަރީ ޖެނެރަލެއް ކޮމިށަނުން ޢައްޔަންކުރަންވާނެއެވެ. މިގޮތުން ޢައްޔަންކުރެވޭ މީހަކު ޢައްޔަންކުރެވޭނީ 5 އަހަރުދުވަހުގެ މުއްދަތަށެވެ. ނަމަވެސް އެމީހެއްގެ މަސައްކަތް ކޮމިށަނަށް ގަބޫލުކުރެވޭ ފެންވަރެއްގައި ހުރެއްޖެނަމަ މި މުއްދަތު 5 އަހަރުން 5 އަހަރުން އިތުރުކުރެވޭނެއެވެ.
28 ވަނަ މާއްދާ – ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް
(ހ) ކޮމިށަނުން ހަދާ ގަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ކޮމިށަނުގެ އިދާރާ ހިންގުން.
(ށ) ކޮމިށަނުގެ ޖަލްސާތަކުގައި ސެކްރެޓަރީ ޖެނެރަލްގެ ހައިޘިއްޔަތުން ބައިވެރިވުން.
(ނ) ކޮމިށަނުގެ ޖަލްސާތަކަށް ބޭނުންވާނެ ހުރިހާ އިންތިޒާމްތަކާއި ލިޔެކިއުންތައް ތައްޔާރުކޮށް ބެލެހެއްޓުން.
(ރ) ކޮމިށަނުގެ ރައީސްގެ ލަފާގެ މަތިން ކޮމިށަނުގެ ޖަލްސާތަކުގެ އެޖެންޑާ ތައްޔާރުކުރުން.
(ބ) ކޮމިށަނުގެ ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
(ޅ) ކޮމިށަނުގެ ޖަލްސާތަކަށް ބޭނުންވާ ދިރާސާތަކާއި ރިޕޯޓުތައް ތައްޔާރުކުރުން.
(ކ) ކޮމިށަނުގެ ޖަލްސާތަކުގައި ވޯޓުނަގަންޖެހޭ ކަންކަމުގައި އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތައްކުރުމާއި ނެގޭ ވޯޓުގެ ނަތީޖާއާ އޭގެ ތަފްސީލު ބެލެހެއްޓުން.
(އ) ކޮމިށަނުގެ މަސައްކަތާގުޅިގެން ކޮމިށަނުގެ ރައީސް ނުވަތަ ނައިބު ރައީސް އަންގާ އެހެނިހެން ކަންތައްތައްކުރުން.
(ވ) ޢަދުލު އިންސާފުގެ ދާއިރާ ކުރިއެރުވުމަށާއި ކޮމިށަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމާ ނިންމުތަކުގެ ތެރެއިން ކޮމިށަނުގެ މެމްބަރަކާ ނުވަތަ މެމްބަރުންނާ ހަވާލުކުރެވޭ މަސްއޫލިއްޔަތު އަދާކުރުމަށް އެ މެމްބަރަކު ނުވަތަ އެ މެމްބަރުން ކުރަންޖެހޭ މަސައްކަތްތަކަށް ފެސިލިޓޭޓްކޮށްދީ އެކަމުގައި އެހީ ތެރިވުން.
4 ވަނަ ބާބު: ކޮމިށަނުގެ މެންބަރުން
29 ވަނަ މާއްދާ – މެންބަރުންގެ މަސްއޫލިއްޔަތު
(ހ) ކޮމިށަނުގެ ޖަލްސާތަކަށް ހާޒިރުވުން.
(ށ) ކޮމިށަނުން ހަވާލުކުރާ މަސައްކަތްތައް ކުރުން.
(ނ) ސިއްރުގެ ގޮތުގައި ކޮމިށަނުން ކަނޑައަޅާ މަޢުލޫމާތު، ސިއްރުގެ ގޮތުގައި ހިފެހެއްޓުން.
(ރ) ކޮމިށަނުގެ މެންބަރެއްގެ ހައިޘިއްޔަތުން ލިބިފައިވާ މަޢުލޫމާތުގެ ތެރެއިން ކޮމިށަނުން ޢާންމުކުރުމަށް ނިންމާ މަޢުލޫމާތު ފިޔައި އެނޫން މަޢުލޫމާތު ސިއްރުގެ ގޮތުގައި ހިފެހެއްޓުން.
30 ވަނަ މާއްދާ – މެންބަރުކަމުގެ މުއްދަތު
ކޮމިށަނުގެ މެންބަރުކަމަށް ވަކި މަގާމެއްގެ ހައިޘިއްޔަތުން ޢައްޔަންކޮށްފައިވާ ކޮމިށަނުގެ މެންބަރުންގެ ތެރޭގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސަރވިސް ކޮމިށަނުގެ ރައީސާއި އަދި ބަންޑާރަނައިބަށް ކޮމިށަނުގެ މެންބަރުކަމުގައި ދެމިހުރެވޭނީ އެ މަގާމެއްގައި އެމީހަކު ދެމިހުރިހައި ދުވަހަކުއެވެ. އަދި އިސްވެ ބަޔާންކުރެވިދިޔަ މަގާމުތައް ފިޔަވައި ކޮމިށަނުގެ މެންބަރުކަމަށް ޢައްޔަންކުރެވޭ މީހަކުނަމަ، ކޮމިށަނުގައި އޭނާއަށް ހުރެވޭނީ 5 (ފަހެއް) އަހަރުގެ އެއް ދައުރަށެވެ. އަދި އެ ދައުރު ހަމަވުމުން، އެ މީހަކު އަލުން ކޮމިށަނަށް ޢައްޔަނެއް ނުކުރެވޭނެއެވެ.
31 ވަނަ މާއްދާ – ހާޒިރީ ރެކޯޑް
ކޮމިށަނުގެ މެންބަރުން ޖަލްސާއަށް ހާޒިރުވުމަށްފަހު އެދުވަހެއްގެ ހާޒިރީގައި ސޮއިކުރަންވާނެއެވެ.
32 ވަނަ މާއްދާ – ސަލާމްބުނުން
(ހ) ދިމާވާ މުހިންމު ސަބަބަކާހުރެ ކޮމިށަނުގެ ޖަލްސާއަކަށް ނުވަތަ ކޮމިޓީއެއްގެ ބައްދަލުވުމަކަށް މެންބަރަކު ހާޒިރުވުމަށް ޢުޒުރުވެރިވާނަމަ، ވީ އެންމެ އަވަސް ފުރުސަތެއްގައި އެކަން ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލަށް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޮމިށަނުގެ ޖަލްސާއަކަށް ނުވަތަ ކޮމިޓީއެއްގެ ބައްދަލުވުމަކަށް ސަލާމް ބުނާ މެންބަރަކު، އެ ޖަލްސާއެއް ނުވަތަ އެ ކޮމިޓީގެ ޔައުމިއްޔާއާއި ހާޒިރީގައި ފާހަގަކުރާނީ ސަލާމުގައިހުރި މެންބަރުންގެ ގޮތުގައެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލަށް ނާންގައި، ނުވަތަ މި ގަވާޢިދުގައިވާ ގޮތުގެމަތިން ޗުއްޓީ ނުނަގައި، މެންބަރަކު ކޮމިށަނުގެ ޖަލްސާއަކަށް ނުވަތަ ކޮމިޓީއެއްގެ ބައްދަލުވުމަކަށް ހާޒިރުނުވާނަމަ، ކަމާގުޅޭ ޔައުމިއްޔާއާއި ހާޒިރީގައި އެ މެންބަރަކު ފާހަގަކުރާނީ ހާޒިރުނުވާ މެންބަރެއްގެ ގޮތުގައެވެ.
33 ވަނަ މާއްދާ – ޗުއްޓީ
(ހ) ކޮމިށަނުގެ މެންބަރަކު ޗުއްޓީއެއް ނެގުމަށް ބޭނުންވާނަމަ އެކަމަށް އެދި ކޮމިށަނުގެ ރައީސަށް ހުށަހަޅަންވާނެއެވެ. މެންބަރަކު ޗުއްޓީއަކަށް އެދިއްޖެނަމަ، ކޮމިށަނުގެ ރައީސް އެ މެންބަރަކަށް ޗުއްޓީ ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޗުއްޓީދެވޭ މެންބަރެއްގެ ނަން ކޮމިށަނުގެ ޖަލްސާގެ ނުތަވަ ކޮމިޓީގެ ބައްދަލުވުމުގެ ޔައުމިއްޔާއާއި ހާޒިރީގައި ފާހަގަކުރަންވާނީ، ޗުއްޓީގައި ހުރި މެންބަރެއްގެ ގޮތުގައެވެ.
34 ވަނަ މާއްދާ – މެންބަރުންގެ ސުލޫކީ މިންގަނޑު
(ހ) ކޮމިށަނުގެް މެންބަރުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި ބާރުތައް ބޭނުންކުރުމުގައާއި ކޮމިށަނުގެ މެންބަރުންގެ މެންބަރުކަމުގެ މުއްދަތުގައި، ކޮމިށަނުގެ ކޮންމެ މެންބަރަކުމެ ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެންބަރުންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް ޢަމަލުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތާ ހިލާފަށް އެއްވެސް މެންބަރަކު އެއްވެސް ކަމެއް ކޮށްފިނަމަ އެކަމެއް ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށާއި ކަމާބެހޭ ފަރާތްތަކަށް ކޮމިށަނުގެ ރައީސް ހުށަހަޅަންވާނެއެވެ.
35 ވަނަ މާއްދާ – އިސްތިއުފާ ދިނުން
(ހ) ކޮމިށަނުގެ މެންބަރުކަމުން އިސްތިއުފާ ދެވޭނީ ކޮމިށަނުގެ މެންބަރުކަމަށް ވަކި މަގާމެއްގެ ހައިޘިއްޔަތުން ޢައްޔަންކޮށްފައިވާ ކޮމިށަނުގެ މެންބަރުންގެ ތެރޭގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސަރވިސް ކޮމިށަނުގެ ރައީސާއި އަދި ބަންޑާރަނައިބު ފިޔަވައި ކޮމިށަނުގައި ހިމެނޭ އެހެން މެންބަރުންނަށެވެ.
(ށ) ކޮމިށަނުގެ މެންބަރުކަމުން އިސްތިއުފާ ދެވިދާނެކަމަށް ބުނެފައިވާ މެންބަރުންގެ ތެރެއިން މެންބަރަކު، މެންބަރުކަމުން އިސްތިޢުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.
(ނ) ކޮމިށަނުގެ ރައީސް، ރައީސްކަމުގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ ސިޓީއަކުން އެކަންބަޔާންކޮށް ކޮމިށަނަށް ހުށަހެޅުމުން، ކޮމިށަނުގެ ރައީސް، ރައީސްކަމުގެ މަގާމުން ވަކިވީއެވެ. ހަމައެފަދައިން، ކޮމިށަނުގެ ނައިބުރައީސް، ނައިބުރައީސްކަމުގެ މަގާމުން އިސްތިޢުފާދޭން ބޭނުންވެއްޖެނަމަ ވެސް ސިޓީއަކުން އެކަން ބަޔާންކޮށް ކޮމިށަނުގެ ރައީސަށް ހުށަހަޅައި، އެ ސިޓީ ރައީސަށް ލިބުމުން، އޭނާ ކޮމިށަނުގެ ނައިބުރައީސްކަމުގެ މަގާމުން ވަކިވީއެވެ.
36 ވަނަ މާއްދާ – މުސާރައާއި އިނާޔަތްތައް
ކޮމިށަނަށް ޢައްޔަންކުރެވޭ މެންބަރުންގެ ތެރެއިން ވެރިކަން ހިންގާފަރާތުގެ ނުވަތަ ޢަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ނުވަތަ މުސްތަގިއްލު ކޮމިށަނެއްގެ މެންބަރުކަމުގެ މަގާމެއްގައި ނުހިމެނޭ ކޮންމެ މީހަކަށް، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މުސާރައާއި ޢިނާޔަތްތައް ދެވިދާނެއެވެ. މިގޮތުގެ މަތިން މެންބަރުންނަށް ދެވޭ މުސާރައާއި ޢިނާޔަތްތައް އެމީހެއްގެ މެންބަރުކަމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ.
37 ވަނަ މާއްދާ – މެންބަރުކަމުން ވަކިކުރުން
ވަކި މަގާމެއްގެ ހައިޘިއްޔަތުން ޢައްޔަންކޮށްފައިވާ ކޮމިށަނުގެ މެންބަރުންގެ ތެރޭގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސަރވިސް ކޮމިށަނުގެ ރައީސާއި އަދި ބަންޑާރަނައިބު، ކޮމިށަނުގެ މެންބަރުކަމުން ވަކިވާނީ އެ މެންބަރަކު އެ މަގާމަކުން ވަކިވުމުންނެވެ. އަދި އިސްވެ ބަޔާންކޮށްފައިވާ މަގާމުތައް ފިޔަވާ ކޮމިށަނަށް ޢައްޔަންކުރެވޭ މެންބަރުން ވަކިކުރާނީ އެ މެންބަރަކު ކޮމިށަނަށް ޢައްޔަންކުރި ފަރާތަކުންނެވެ.
5 ވަނަ ބާބު: ށަކުވާއާބެހޭ ކަންކަން
38 ވަނަ މާއްދާ – ށަކުވާ ހުށަހެޅުން
ފަނޑިޔާރުންނާބެހޭ ގޮތުން ހުށަހަޅާ ށަކުވާތައް ހުށަހަޅަންވާނީ ކުރެވިފައިވާ ތުހުމަތަކާއި އެ ތުހުމަތަކަށް ތާއިދުދެނެވި ހެކިތަކާއެކު މި ގަވާޢިދުގެ ޖަދުވަލު 3 ގައިވާ ފޯމުންނެވެ.
39 ވަނަ މާއްދާ – ކޮމިށަނުގެ އިސްނެގުމުގެ މަތިން ބަލާ ށަކުވާ.
ފަނޑިޔާރަކާބެހޭ ގޮތުން ށަކުވާއެއް ނުވަތަ ތުހުމަތެއްކޮށް މައްސަލަ ކޮމިށަނަށް ހުށަހެޅިފައި ނުވިކަމުގައިވިޔަސް، ވަކި ފަނޑިޔާރެއްގެ ސުލޫކާބެހޭ ގޮތުން ސުވާލު އުފެދޭފަދަ ސަބަބުތަކެއް ހުރިކަމަށް ކޮމިށަނަށް ގަބޫލުކުރެވޭނަމަ، އެފަދަ ފަނޑިޔާރެއްގެ މައްސަލަ ތަހްގީގްކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ. މިގޮތުން ހުށަހެޅޭ ށަކުވާތައް ހުށަހެޅޭނީ އަދި މިފަދަ ށަކުވާތަކާމެދު ޢަމަލުކުރެވޭނީމި މާއްދާގެ (ހ) އާއި (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ އުސޫލުންނެވެ.
(ހ) ފަނޑިޔާރުންގެ ސުލޫކާ ގުޅޭގޮތުން ކޮމިށަނުގެ މެންބަރަކަށް ފާހަގަކުރެވޭ ކަމެއް ނުވަތަ ކަންތައްތަކެއް ސެކްރެޓަރީ ޖެނެރަލްގެ ސަމާލުކަމަށް ގެނެސްފިނަމަ އެކަމެއް ނުވަތަ އެކަންތައްތަކެއް ދިރާސާކުރުމަށް ސެކްރެޓަރީ ޖެނެރަލް، ކޮމިށަނުގެ ކަމާބެހޭ ސެކްށަނަށް ފޮނުވަންވާނެއެވެ.
(ށ) ފަނޑިޔާރުންގެ ސުލޫކާ ގުޅޭގޮތުން މީޑިޔާގައި ދެކެވޭ ވާހަކަތައް، ކޮމިށަނުގެ މީޑިޔާއާބެހޭ ބައިން ސެކްރެޓަރީ ޖެނެރަލްގެ ސަމާލުކަމަށް ގެންނަންވާނެއެވެ. އަދި މިގޮތަށް ގެނެވޭ މަޢުލޫމާތުގެ ތެރޭގައި ފަނޑިޔާރެއްގެ ސުލޫކާ ގުޅޭ މަޢުލޫމާތުތައް ށަކުވާއެއްގެ ގޮތުގައި ދިރާސާކުރުމަށް ސެކްރެޓަރީ ޖެނެރަލް، ކޮމިށަނުގެ ކަމާބެހޭ ސެކްށަނަށް ފޮނުވަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އަދި (ށ) ގައިވާގޮތަށް ސެކްރެޓަރީ ޖެނެރަލްގެ ސަމާލުކަމަށް ގެނެވޭ ށަކުވާތައް ސެކްރެޓަރީ ޖެނެރަލް، ކަމާބެހޭ ސެކްށަނަށް ފޮނުވަންވާނީ މިގަވާޢިދުގެ ޖަދުވަލު 3 ގައިވާ ފޯމުންނެވެ.
40 ވަނަ މާއްދާ – ށަކުވާ ބަލައިގަތުން
މި ގަވާޢިދުގެ 38 ވަނަ މާއްދާއާއި 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފަނޑިޔާރުންގެ ސުލޫކާގުޅޭގޮތުން ކޮމިށަނަށް ހުށަހަޅާ ށަކުވާތައް ކޮމިށަނުގައި ށަކުވާއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި އެނޫންގޮތަކަށް ހުށަހަޅާ ށަކުވާތައް ށަކުވާއެއްގެ ގޮތުގައި ރަޖިސްޓްރީއެއް ނުކުރެވޭނެއެވެ.
41 ވަނަ މާއްދާ – ށަކުވާތައް ކޮމިށަނުގެ ރަސްމީޖަލްސާއަށް ހުށަހެޅުން
(ހ) ކޮމިށަނަށް ހުށަހެޅޭ ށަކުވާތައް ކޮމިށަނުގެ ކަމާބެހޭ ސެކްށަނުން ދިރާސާކުރުމަށްފަހު މި ގަވާޢިދުގެ ޖަދުވަލު 4 ގައިވާ ގޮތަށް ރިޕޯޓެއް ތައްޔާރުކުރުމަށްފަހު ކޮމިށަނުގެ ރަސްމީ ޖަލްސާއަކަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހުށަހަޅާ ރިޕޯޓުގައިވާ މަޢުލޫމާތުގެ މައްޗަށް ބެލުމަށްފަހު ރިޕޯޯޓް ފުރިހަމަނަމަ އެ ރިޕޯޓުގެ މައްޗަށްބަލައި ނުވަތަ އެ ރިޕޯޓް އިތުރަށް ފުރިހަމަ ކުރަންޖެހޭނަމަ ކޮމިށަނުން ފާހަގަކުރާ ކަންތައްތަކުގެ މައްޗަށް ބަލައި، އެ ރިޕޯޓް ފުރިހަމަކޮށްގެން ކޮމިށަނަށް ހުށަހެޅުމުން އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުގެ މައްޗަށް ބަލައި ފަނޑިޔާރުގެ ސުލޫކާގުޅޭ ކަމެއް އޮތްތޯ ނުވަތަ ނެތްތޯ ބެލުމަށް އެ މައްސަލަ ތަހްގީގުކުރުމާމެދު ކޮމިށަނަށް ފެންނަގޮތެއް ނިންމަންވާނެއެވެ.
(ނ) މި ގަވާޢިދަށް ޢަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި ފަނޑިޔާރުންގެ ސުލޫކީ ކަންކަމާގުޅިގެން ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަހްގީގުކޮށް ގޮތެއް ނިންމުމުގައި ޢަމަލުކުރާނެ ގޮތުގެ އިޖުރާޢީ ގަވާޢިދެއް ކޮމިށަނުގެ ފަރާތުން ހަދައި ނިންމަންވާނެއެވެ.
42 ވަނަ މާއްދާ – ފަނޑިޔާރެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވުން
ކުށެއްގެ ތުހުމަތުގައި، ފަނޑިޔާރެއްގެ މައްޗަށް ހުށަހެޅި މައްސަލައެއް ރަސްމީ އިދާއިރާއަކުން ތަހްގީގުކުރަން ފަށައިފިނަމަ ނުވަތަ އެފަދަ މައްސަލައެއް ށަރީޢަތަށް ހުށަހެޅިއްޖެނަމަ ނުވަތަ އެފަދަ ކަމެއް ކުރިކަން ށަރީޢަތަށް ސާބިތުވެއްޖެނަމަ އެފަނޑިޔާރަކާމެދު ޢަމަލުކުރާނެގޮތެއް 48 ގަޑިއިރުތެރޭގައި ކޮމިށަނުން ނިންމަންވާނެއެވެ.
43 ވަނަ މާއްދާ – ށަކުވާތަކުގެ ރެކޯޑް ބެލެހެއްޓުން
ކޮމިށަނަށް ހުށަހެޅޭ ށަކުވާތަކުގެ ރަޖިސްޓްރީއެއް އޮންނަންވާނެއެވެ. ރަޖިސްޓަރީތައް މިކަމަށް ތައްޔާރުކޮށްފައިވާ ކޮމްޕިއުޓަރ ޑޭޓާބޭސް އެއްގައި ނުވަތަ ފޮތްތަކުގައިވެސް ބެލެހެއްޓިދާނެއެވެ. މިގޮތަށް ކޮމްޕިއުޓަރުން ބަލަހައްޓަމުން ގެންދާ މަޢުލޫމާތުގެ ބެކްއަޕް އާއި ހާޑްކޮޕީ ކޮމިށަނުގެ ސެކްރެޓޭރިއެޓު ގައި ރައްކާކުރެވިފައި ހުންނަން ވާނެއެވެ.
- ށަކުވާގެ ރަޖިސްޓްރީ
- ތަހްގީގުކުރެވޭ މައްސަލަތަކުގެ ރަޖިސްޓްރީ
44 ވަނަ މާއްދާ – ށަކުވާގެ ރަޖިސްޓްރީ
ށަކުވާތަކުގެ ރެކޯޑް ފަސޭހައިން ބެލޭނެ ފަދަ ގޮތަކަށް އިލެކްޓްރޯނިކްކޮށްނާއި ފޮތްތަކުގައި ބަލަހައްޓަންވާނެއެވެ. އެފަދަ ށަކުވާ ރިކޯޑް ގައި މަދުވެގެން އަންނަނަވި މަޢުލޫމާތު ހިމަނަންވާނެއެވެ.
- ށަކުވާ ހުށަހެޅި ފަރާތުގެ ފުރިހަމަ މަޢުލޫމާތު.
- ހަވާލުކުރެވިފައިވާ ށަކުވާއަކީ ކޮބައިކަން.
- ހަވާލުކުރެވިފައިވާ މުވައްޒަފު.
- ހަވާލުކުރެވުނު ތާރީހް.
- ނިންމުމަށް ކަނޑައަޅާ ތާރީހް.
- ރިޕޯޓް ނިންމާފައިވާ ތާރީހް.
- ކޮމިށަނަށް ހުށަހެޅުނު ތަރީހް
- ކޮމިށަނުން ނިންމި ތާރީހް
- ކޮމިށަނުން ނިންމިގޮތް
- ހުށަހެޅި ފަރާތަށް ޖަވާބުދެވުނު ސިޓީ ނަންބަރާއި ތާރީހް
45 ވަނަ މާއްދާ – ކޮމިޓީތަކުން ބަލާ މައްސަލަތަކުގެ ރަޖިސްޓްރީ
ކޮމިށަނުން އެކި ކޮމިޓީތަކަށް އިތުރަށް ބެލުމަށް ނުވަތަ ތަހްގީގުކުރުމަށް ފޮނުވާ މައްސަލަތައް ބަލާ ކޮމިޓީތަކުގެ ރަޖިސްޓްރީއެއް އޮއްނަންވާނެއެވެ. މިރަޖިސްޓްރީގައި މަދުވެގެން އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ.
- ކޮމިޓީ އުފެއްދި ކޮމިށަނުގެ ނިންމުން ނަންބަރާއި ތާޒީހް
- ކޮމިޓީގެ މެންބަރުން
- ކޮމިޓީގެ ގާނޫނީ ވަކީލު
- ކޮމިޓީގެ ބާވަތް (ތަހްގީގުކޮމިޓީ/ވަގުތީ ކޮމިޓީ/ތައުދީބީ ކޮމިޓީ)
- ކޮމިޓީ ނިސްބަތްވާ ފަރާތުގެ ނަމާއި މަގާމް
- ކޮމިޓީން މައްސަލަ ނިންމި ތާރީހް
- ކޮމިޓީގެ ނިންމުން ކޮމިށަނަށް ހުށަހެޅި ތާރީހް
- ކޮމިށަނުން ނިންމިގޮތް (ނަންބަރާއި ތާރީހް)
(ށ) ކޮމިށަނަށް ހުށަހެޅޭ އެކިކަހަލަ ށަކުވާތަކާގުޅޭ ރިޕޯޓެއް ކޮންމެ މަހެއްގެ 5 ވަނަ ދުވަހުގެ ކުރިން ތަފާސް ހިސާބުގެ ގޮތުގައި ނަގައި ރައްކާކުރަންވާނެއެވެ.
6 ވަނަ ބާބު: މުވައްޒަފުންނާ ބެހޭ ބައި
46 ވަނަ މާއްދާ – މުވައްޒަފުން ހުރުމަތްތެރިކޮށް ހިތަންޖެހޭ އާންމު އުސޫލުތައް
(ހ) ކޮންމެ މުވައްޒަފަކުމެ ވަޒީާފާ އަދާކުރުމުގައި، އިސްލާމީ ށަރީޢަތަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އަށާއި، ދިވެހި ދައުލަތުގެ ގާނޫނުތަކަށާއި ގަވާޢިދުތަކަށް، ހުރުމަތްތެރިކޮށް ހިތަންވާނެއެވެ. އަދި މި ގަވާޢިދުގައި ބަޔާންކުރެވިފައިވާ އުސޫލުތަކަށް ކޮމިށަނުގެ ހުރިހާ މުވައްޒަފުން ވެސް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.
(ށ) އެކިއެކި ބޭނުމުގައި ކޮމިށަނަށް އަންނަ މީހުންނާ މުހާތަބުކޮށް މުއާމަލާތު ކުރަންވާނީ، އިހްތިރާމާއެކުގައެވެ.
(ނ) ކޮންމެ މުވައްޒަފަކުވެސް އެމީހަކާ ހަވާލު ކޮށްފައިވާ މަސައްކަތްތައް ކުރަންވާނީ އެމީހެއްގެ ލަޔާގަތާއި ގާބިލުކަން ތަންދޭ އެންމެ މަތީ ދަރަޖައަކަށް ކަމަށް ކަމޭހިތައިގެން ފަރުވާތެރިކަމާ އެކުގައެވެ.
(ރ) ކޮމިށަނުގެ މަސައްކަތް ކުރުމުގައި ގާނޫނާއި ގަވާޢިދާ ހިލާފުނުވާ ގޮތުގެމަތިން، ސެކްށަންތަކާއި ސެކްށަންތަކުގެ ވެރިން ކުރާ އަމުރުތަކަށް ކޮންމެ މުވައްޒަފަކުވެސް ކިޔަމަން ވާންވާނެއެވެ.
(ބ) ސެކްށަނެއްގެ ވެރިއަކު އެހެން ސެކްށަނެއްގެ މުވައްޒަފަކާ މަސައްކަތެއް ހަވާލުކުރަންވާނީ އެ މުވައްޒަފަކު މަސައްކަތްކުރާ ސެކްށަނެއްގެ ވެރިއެއްގެ ހުއްދަ ލިބިގެންނެވެ.
(ޅ) ކޮމިށަނުގައި ވަޒީާފ އަދާކުރާ އެއްވެސް މުވައްޒަފަކު ރަސްމީގަޑީގައި އާމްދަނީ ލިބޭ އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެއެވެ.
(ކ) ކޮމިށަނުގެ އެއްވެސް މުވައްޒަފަކު ސިޔާސީ ޕާޓީއަކުން ނުވަތަ އެހެން އެއްވެސް ފަރާތަކުން ހިންގާ ސިޔާސީ ހަރަކާތެއްގައި ބައިވެރިވެގެން ނުވާނެއެވެ.
(އ) ކޮމިށަނުގެ އެއްވެސް މުވައްޒަފަކު ކޮމިށަނުގެ އެއްވެސް ލިޔުމެއް، ރިކޯޑިންގ އެއް، ގަވާޢިދުން ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލްގެ ހުއްދައެއްނެތި އެއްވެސް ފަރާތަކަށް ދީގެން ނުވަތަ ދައްކައިގެން ނުވާނެއެވެ. މި މާއްދާގައި މިހެން އޮތަސް މިގަވާޢިދުގެ 6 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި (ރ) މިއިން އިސްތިސްނާވެއެވެ.
(ވ) މި މާއްދާގެ (އ) ގައި އެހެން އޮތްނަމަވެސް ކޮމިށަނުން ޢާއްމުކުރުމަށް ނިންމާ މަޢުލޫމާތުތައް ދިނުމަކަށް ހުރަހެއް ނާޅައެވެ.
(މ) ކޮމިށަނުގެ އެއްވެސް އެއްޗެއް، މުވައްޒަފަކު އޮފީހުން ބޭރަށް ގެންދަން ވާނީ ކޮމިށަނުގެ ވެރިޔެއްގެ ހުއްދަ ލިބިގެންނެވެ. މިގޮތުން އެއްޗެއް އޮފީހުން ބޭރަށް ގެންދިޔުމަށް ވެރިޔަކު ހުއްދަ ދޭންވާނީ، ގެންދާ އެއްޗަކާއި ގެންދާ ބޭނުމަކާއި މުއްދަތު ބަޔާންކުރާ ލިޔުމެއް ލިޔެ، އެލިޔުމުގައި އެ އެއްޗެއް ގެންދާ މީހާ ސޮއި ކުރުމުންނެވެ. އަދި ކޮމިށަނުގެ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކާ އަދި ހަވާލުކުރަންވާނީ، އެ އެއްޗެއް ހަވާލުވިކަމުގެ ސޮއި ހޯދުމަށްފަހުގައެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މިފަދަ ތަކެތި އަނބުރާ ގެނައިތޯ ބެލުމަކީ، އެތަކެތި ބެލެހެއްޓުމާ ހަވާލުވެފައިވާ މުވައްޒަފެއްގެ މަސްއޫލިއްޔަތެކެވެ. އަދި އިސްވެ ބަޔާންކޮށްފައިވާ ފަދަ އެއްޗެއް ގެންދާ މީހަކު އޭގެ ބޭނުން ކުރުމަށްފަހު އެއަށް ގެއްލުމެއްނުދީ އަނބުރާ ގެންނަން ވާނެއެވެ. އަދި އެއެއްޗަކަށް އެމުވައްޒަފެއްގެ އިހްމާލުން ގެއްލުމެއްވެއްޖެނަމަ އެ މުވައްޒަފަކު އެއަށް ޒިންމާވާން ޖެހޭނެއެވެ.
(ފ) ކޮމިށަނުގެ މުވައްޒަފަކު އޭނާގެ އަމިއްލަ ނުވަތަ އެހެން މުވައްޒަފެއްގެ ފައިދާއަށްޓަކައި އާމްދަނީ ލިބޭނެ ގޮތެއް ހޯދުމަށްޓަކައި، ކޮމިށަނުގެ މުވައްޒަފެއް، ނުވަތަ ވަސީލަތެއް، ނުވަތަ އެއްޗެއް ބޭނުން ކޮށްގެން ނުވާނެއެވެ. އަދި ކޮމިށަނުގެ އެއްވެސް މުވައްޒަފަކު ކުރަންޖެހޭ ހަރަދެއް ސަލާމަތްކުރުމުގެ ގޮތުން އޮފީހުގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ނުވާނެއެވެ. އަދި މުވައްޒަފަކު ކުރާ މިފަދަ އަމުރަކަށް އެހެން މުވައްޒަފަކު ކިޔަމަން ވެގެންވެސް ނުވާނެއެވެ.
(ދ) ކޮމިށަނުގެ މުވައްޒަފަކު ދައުލަތުގެ ނުވަތަ ކޮމިށަނުގެ ފައިދާއަށްޓަކައި ކޮމިށަނުން ކުރަންޖެހޭ އެއްވެސް ހަރަދެއް ސަލާމަތްކުރުމުގެ ގޮތުން މުވައްޒަފަކު އޭނާގެ އަމިއްލަ ޖީބުން ހަރަދުކޮށްގެން ނުވާނެއެވެ. އަދި މުވައްޒަފަކު ކުރާ މިފަދަ އަމުރަކަށް އެހެން މުވައްޒަފަކު ކިޔަމަން ވެގެންވެސް ނުވާނެއެވެ.
(ތ) މަސައްކަތު ގަޑީގައި މުވައްޒަފަކު އަމިއްލަ ކަމެއްގައި އޮފީހުން ބޭރަށް ދާންވާނީ، ކޮންމެހެން ނުގޮސްނުވެއްޖެ ހާލަތެއްގައި، އެމުވައްޒަފަކު މަސައްކަތް ކުރާ ސެކްށަންގެ ނުވަތަ ވެރިއެއްގެ ހުއްދަ ލިބިގެންނެވެ.
(ލ) ބަންދު ދުވަހެއްގައި ކޮމިށަނުގެ މަސައްކަތެއްކުރުމަށް ކަނޑައަޅާފައި ވަނިކޮށް، ކޮމިށަނުގެ މުވައްޒަފަކު، ރަށުން ބޭރަށް ނުވަތަ ރާއްޖެއިން ބޭރަށް ދާނަމަ، އެމުވައްޒަފަކު ނިސްބަތްވާ ސެކްށަނުގެ ނުވަތަ ކޮމިށަނުގެ ވެރިއަކަށް އަންގަންވާނެއެވެ.
(ގ) ކޮމިށަނުގެ މަސައްކަތުގައި އުޅެނިކޮށް ކުރިމަތިވެދާނެ ނުރައްކާތެރި ހާދިސާއަކުން ސަލާމަތް ކުރުމަށްޓަކައި، ކޮމިށަނުން އަޅާފައިހުރި ފިޔަވަޅުތަކާ އެއްގޮތަށް މުވައްޒަފުން ޢަމަލުކުރަންވާނެއެވެ. މަސައްކަތުގައި އުޅެނިކޮށް މުވައްޒަފަކަށް ސިއްހީ ފަރުވާއެއް ބޭނުންވާފަދަ ގެއްލުމެއް ލިބިއްޖެނަމަ، އެމީހަކަށް ފަރުވާ ދިނުމަށް އަވަސްވާން ވާނެއެވެ. އަދި އެމީހަކު ލައްވާ މަސައްކަތް ކުރުވުމާ ހަވާލުވެ ހުރި އިސްމީހާ، ލަސްނުކޮށް އެކަން ސެކްރެޓަރީ ޖެނެރަލަށް އަންގަން ވާނެއެވެ.
(ޏ) ކޮމިށަނުގެ މުވައްޒަފުން ރަސްމީ ގަޑީގައި އޮފީހަށް ނިކުންނަ އިރު ހެދުން ބަހައްޓަންވާނީ، ތިރީގައި ބަޔާން ކޮށްފައިވާ ގޮތަށެވެ.
- ފިރިހެން މުވައްޒަފުންގެ ހެދުމަކީ، ދިގު ފަޓުލޫނާއި އަތްދިގު ނުވަތަ އަތްކުރު ގަމީހާއި ޓައީ އެވެ. ނުވަތަ ދިގު ފަޓުލޫނާއި އަތްދިގު ބުސް ގަމީހެވެ. ނުވަތަ ސަފާރީއާއި ކޯޓު ފަޓުލޫނެވެ. މިގޮތަށް ހެދުން އަޅާއިރު މުވައްޒަފުން ތިބެންޖެހޭނީ އޮފީސް ބޫޓަށް ނުވަތަ ރަސްމީ މާހައުލެއްގައި ބޭނުންކުރުމަށް އެކަށީގެންވާ ބޫޓަކަށް އަރައިގެންނެވެ.
- އަންހެން މުވައްޒަފުންގެ ހެދުމަކީ ފާސްކުރި ހެދުން ނުވަތަ ޕާކިސްތާނު ހެދުން (ސަލްވަރާއި ގަމީސް ނުވަތަ ކުރުތާއާއި ދޯޕައްޓާ) ނުވަތަ ހަރުވާޅާއި އެކުގައި ލާ މަތީބައި، ނުވަތަ މިނޫންވެސް ޖަމާޢަތުގެ އަދަބާ ހިލާފުނުވާ ހެދުމަކާއި، އަދި ރަސްމީ މާހައުލެއްގައި ބޭނުންކުރުމަށް އެކަށީގެންވާ ފައިވާނެކެވެ.
- ސަޕޯޓް ސްޓާފް ކެޓަގަރީގައި ހިމެނޭ ފިރިހެން މުވައްޒަފުންގެ ހެދުމަކީ، ފަޓުލޫނާއި ގަމީސް، ނުވަތަ ބުސްގަމީހާއި އެކަށީގެންވާ ފައިވާނެކެވެ. މިގިންތީގެ އަންހެން މުވައްޒަފުންގެ ހެދުމަކީ މަސައްކަތަށް ދަތިނުވާ، މުޖުތަމަޢުގެ އަދަބާ ހިލާފުނުވާ ހެދުމަކާއި އެކަށީގެންވާ ފައިވާނެކެވެ.
(ސ) މުހިންމު ރަސްމިއްޔާތުތަކުގައި ކޮމިށަނުން ބައިވެރިވާ މުވައްޒަފުން ތިބެންވާނީ، އެ މުނާސަބަތަކަށް ކަނޑައަޅާފައިވާ ހެދުމެއްގައެވެ.
(ޑ) ކޮމިށަނުގައި ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށްވެސް މެންދުރުގެ ކެއުމަށް 1 (އެކެއް) ގަޑިއިރުގެ ވަގުތު މެންދުރު 12:00 ން 02:00 އާ ދެމެދު ދޭންވާނެއެވެ. މިނޫން ގަޑިއެއްގައި މުވައްޒަފަކު އެއްގަޑިއިރުގެ ހުސްވަގުތުކޮޅެއް ނަގަންބޭނުންވެއްޖެ ހިނދެއްގައި އެ ސެކްށަންގެ ވެރިއެއްގެ ހުއްދައާއެކު ހުސްވަގުތުކޮޅު ނެގިދާނެއެވެ.
(ޒ) ކޮމިށަނުގެ މުދަލާއި، ތަކެއްޗާއި، ކަރަންޓާއި، ފޯނާއި، އަދި އޮފީހުގައި ބޭނުންކުރާ އެންމެހައި ތަކެތި ބޭނުންކުރަންވާނީ، ހަރަދުކުޑަކޮށް އެ ތަކެއްޗަށް އެއްވެސް ގެއްލުމެއް ނުލިބޭގޮތަށެވެ.
(ޓ) އެއްވެސް މުވައްޒަފެއްގެ އިހްމާލުން ކޮމިށަނުގެ އެއްޗަކަށް ގެއްލުމެއް ލިބިއްޖެނަމަ އެ އެއްޗެއްގެ ބަދަލު ކޮމިށަނަށް ދޭންވާނެއެވެ.
(ޔ) ހުރިހާ ހާލަތެއްގައިވެސް ސާފުތާހިރުކަމަށް ފަރުވާ ބެހެއްޓުމާއެކު، މަސައްކަތުގެ އަހުލާގު ހިފަހައްޓަން ވާނެއެވެ.
47 ވަނަ މާއްދާ – މުވައްޒަފުންނަށް ގޯނާ ކުރުން
(ހ) ކޮމިށަނުގެ އެއްވެސް މުވައްޒަފަކު އަނެއް މުވައްޒަފަކާމެދު އެއްވެސް ބާވަތެއްގެ ގޯނާކުރުމުގެ ޢަމަލެއް ހިންގައިގެން ނުވާނެއެވެ. މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ގޯނާކުރުމަކީ، ތަފާތު ގޮތްގޮތުން އެހެން މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ކުރާ ޢަމަލެއްގެ ސަބަބުން މުވައްޒަފަށް ނޭދެވޭ އަސަރެއް ކުރިމަތި ކުރުވުމެވެ.
(ށ) ތިރީގައި ބަޔާން ކޮށްފައި އެވާ ކަންތައްތަކުގެ ތެރެއިން ކަމެއް، މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް އެހެން މުވައްޒަފަކަށް ނުވަތަ މުވައްޒަފުންތަކަކަށް ކުރުމަކީ، ނުވަތަ އެފަދަ އެކިއެކި ކަންތައްތައް ތަކުރާރުކޮށް ކުރުމަކީ ގޯނާކަމަށް ބެލިދާނެ ބައެއް ޢަމަލުތަކެވެ.
- މުވައްޒަފަކު ރުޅިއެރުވުމަށް ނުވަތަ ދެރަކޮށްލުމަށް ނުވަތަ ނިކަމެތިކޮށްލުމުގެ ގޮތުން މަލާމާތްކުރުން، ދިމާކުރުން، ޖެއްސުންކުރުން، ނުވަތަ ފުރައްސާރަ ކުރުން. މިގޮތަށް މުވައްޒަފަކު ކުރާ ޢަމަލެއްގެ ސަބަބުން މުވައްޒަފަކު ހިތްހަމަނުޖެހޭކަމެއް ދިމާވެއްޖެނަމަ އެކަމެއް އެޢަމަލެއް ހިންގި މުވައްޒަފަކަށް އެޢަމަލެއް ރައްދުވި މުވައްޒަފަކު އަންގަންވާނެއެވެ.
- ގޯނާއެއްކަމުގައި ގާނޫނުގައި ބަޔާންކުރާ ޢަމަލެއްކުރުން.
- މުވައްޒަފެއްގެ ނަފުސަށް ނުވަތަ ޖިސްމަށް ގެއްލުމެއް ދިނުން، ނުވަތަ ދެވިދާނެ ކަމަށް ބުނުން، ނުވަތަ އިށާރާތުން ކަނޑައެޅިގެން ދެއްކުން.
- މުވައްޒަފުންނަށް ޖިންސީ ގޯނާކުރުން.
- މުވައްޒަފެއްގެ އަގު ވައްޓާލުމަށް މުވައްޒަފަކާ ދިމާލަށް އެހެން މީހުންގެ ތެރޭގައި ހިތްހަމަ ނުޖެހިގެން، ބާރަށް ހަޅޭއްލެވުން.
- މުވައްޒަފަކާ ދިމާލަށް އަހްލާގީ ގޮތުން ބޭއަދަބީ ބަހުން މުހާތަބު ކުރުމާއި އެއްޗެހި ގޮވުން.
- އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރެވިދާނެކަމަށް ނުވަތަ ހަރުކަށި އަދަބެއް ދެވިދާނެކަމަށް ބުނެ ބިރުދެއްކުން.
- މުވައްޒަފެއްގެ މަސައްކަތަށް ޖެއްސުން ކުރުން ނުވަތަ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ކަމެއްކުރުން. (މުވައްޒަފަކާ ހަވާލުކުރެވިފައިވާ މަސައްކަތެއް ކުރުމަށް ބޭނުންވާ މަޢުލޫމާތު ގަސްދުގައި ނުދިނުން ނުވަތަ ހިފެހެއްޓުން ނުވަތަ ސައްހަ ނޫން މަޢުލޫމާތު ދިނުން ފަދަ ކަންކަން މީގެތެރޭގައި ހިމެނެއެވެ.)
- މަސައްކަތުގެ މާހައުލުގައި މުވައްޒަފަކާ، އަނގަބަހުން ނުވަތަ އިށާރާތަކުން ޖިންސީ ކަމަކަށް އިށާރާތްކޮށް ބެހުމާއި، މުވައްޒަފެއްގެ ހަށިގަނޑުގައި ބީހުމާއި، ކޮއްޓުމާއި، ވިކުމާއި، އަތްކޭއްތުމާއި، ފިރުމުން.
- މަސައްކަތްކުރާ އޮފީހުގައި ނުވަތަ އޮފީހުގެ ރަސްމީ ދަތުރެއްގައި ނުވަތަ މަސައްކަތުގެ މާހައުލުގައި ޖިންސީ އެދުމެއް ހާސިލުކުރުމަށްޓަކައި އެހެން މުވައްޒަފަކު ލައްވައި އެއްވެސް ޢަމަލެއް ކުރުވުން، ނުވަތަ ކުރުވަން އުޅުން.
- ހަޑިހުތުރު ޢިބާރާތުން ޖިންސީ ކަންކަމާބެހޭ ގޮތުން ވާހަކަ ދެއްކުމާއި، މުވައްޒަފަކު ޖިންސީ ގޮތުން ށައުގުވެރި ކުރުވުމަށްޓަކައި ވާހަކަ ދެއްކުމާއި، މި ބޭނުމަށްޓަކައި އަނގަބަހުން ނުވަތަ ލިޔުމުން ހުށަހެޅުމާއި، މަސައްކަތުގެ ދާއިރާއިން ބޭރުގައި ބައްދަލު ކުރުމަށް ހުށަހެޅުމާއި، ހަޑިހުތުރު ބަސް ބުނުމާއި، ހަޑިހުތުރު ޖޯކު ކިޔުމާއި، ހަޑިހުތުރު ޢަމަލު ހިންގުން.
- އެހެން މުވައްޒަފަކަށް އެއްވެސް ބާވަތެއްގެ ޒަރިއްޔާއަކުން އޮރިޔާން ދެއްކުމާއި، އޮރިޔާން ކާޑު ދެއްކުމާއި، ޖިންސީ ށައުގުވެރިކަން ދޭހަކޮށްދޭ އެއްވެސް ހަރަކާތެއް ހިންގުން.
- މުވައްޒަފެއްގެ ޖިންސަށް ނިސްބަތްކޮށް އެ މުވައްޒަފަކު ކުޑައިމީސްކުރުމާއި، މަލާމާތްކުރުމާއި، ބެހުމާއި، ފޮށުމާއި، ދިމާކުރުމާއި، ދެރަކުރުމާއި، އެކަހެރި ކުރުމާއި، އެކިއެކި ބަސްބުނުން.
- ޖިންސީ އެދުމެއް ހުށަހެޅުމަށްޓަކައި އިދާރީގޮތުން ކޮށްދޭން ނުޖެހޭ ކަމެއް ނުވަތަ ކޮށްދޭން ޖެހޭކަމެއް ކޮށްނުދިނުމާއި، ދޭންޖެހޭ ހައްގެއް ނުދީ ހިފެހެއްޓުން ނުވަތަ ބިރުދެއްކުން ނުވަތަ ދޭންނުޖެހޭ ހައްގެއް ދިނުން.
(ނ) މަސައްކަތުގެ ދާއިރާގައި އަންހެނުންނާއި ފިރިހެނުންނަށް އަބުރުވެރިކަމާއި ނަފުސުގެ ޢިއްޒަތާއެކު، މަސައްކަތް ކުރުމުގެ ފުރުސަތު ދޭންވާނެއެވެ.
(ރ) އެއް މުވައްޒަފަކު އަނެއް މުވައްޒަފަކާމެދު ގޯނާކުރުމުގެ ޢަމަލެއް ހިންގައިފި ނަމަ، އެ ހިންގި އަދި އެ ކަމުގައި ބައިވެރިވި މުވައްޒަފެއްގެ މައްޗަށް މި ގަވާޢިދުގައިވާ ގޮތުގެ މަތީން އިސްލާހީ ފިޔަވަޅު އަޅަން ވާނެއެވެ. އަދި އެ ފަދަ މައްސަލައެއް ކޮމިށަނަށް ހުށަހެޅިއްޖެ ނަމަ، އެ މައްސަލައެއް ލަސްނުކޮށް ކޮމިށަނުން ބަލައި ފިޔަވަޅު އަޅަން ވާނެއެވެ.
(ބ) މިމާއްދާގައި ބުނެފައިވާ އެއްވެސް ކަމެއް އެއްވެސް މުވައްޒަފަކާމެދު މުވައްޒަފަކު ހިންގައިފިނަމަ، އެ މައްސަލައެއް ސެކްރެޓަރީ ޖެނެރަލަށް ނުވަތަ ކޮމިށަނަށް ހުށަހެޅުމުގެ ހައްގު ކޮންމެ މުވައްޒަފަކަށް ލިބިގެން ވެއެވެ.
(ޅ) މިމާއްދާގައި ބުނެފައިވާ ކަމެއް ހިނގި ތާރީހްން ފެށިގެން 3 މަހަށް ވުރެ ލަހުން ހުށަހަޅާ މައްސަލަ، އެއީ އެ ގޯނާއަކާ ގުޅިގެން ހުށަހެޅި މައްސަލައެއްގެ ގޮތުގައި ނުބެލެވޭނެއެވެ.
(ކ) މި މާއްދާގެ (ބ) ގައިވާ ގޮތުގެމަތީން މުވައްޒަފަކު މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލަ ކޮމިށަނުން ބަލައި ފިޔަވަޅު އަޅަން ވާނެއެވެ.
48 ވަނަ މާއްދާ – މުވައްޒަފުންގެ ޒާތީ މައުލޫމާތު ހާމަކުރުން
(ހ) ކޮމިށަނުގެ މުވައްޒަފުންގެ ޒާތީ މަޢުލޫމާތު، ކޮމިށަނާއި ކޮމިށަނުގެ ބޭރުގެ ފަރާތްތަކަށް ހާމަކުރަންވާނީ، ގާނޫނު އަސާސީ އާއި ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. ޒާތީ މަޢުލޫމާތުގެ ތެރޭގައި ތިރީގައިވާ މަޢުލޫމާތު ހިމެނޭނެއެވެ.
- މުވައްޒަފެއްގެ ޢުމުރު ނުވަތަ ކާވެނީގެ ހާލަތާ ގުޅޭ މަޢުލޫމާތާއި އެފަދަ ރެކޯޑެއް ހިމެނޭ ލިޔުން.
- މުވައްޒަފެއްގެ ތަޢުލީމީ، ސިއްހީ، ޖިނާއީ އަދި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، ވަޒީފާގެ ހިސްޓްރީއާބެހޭ މަޢުލޫމާތު.
- މަގާމުގެ ކްލެސިފިކޭށަން، މުސާރައިގެ ރޭންޖް، އަދި ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ޒިންމާ.
- އެޑްރެސް، އިނގިލީގެ ނިށާން ނުވަތަ ސޮއި.
(ށ) މި ގަވާޢިދުގައި ބަޔާންކުރާ ހާލަތްތަކުގައި މެނުވީ މުވައްޒަފެއްގެ ޒާތީ މަޢުލޫމާތެއް ހާމަކުރަންވާނީ ނުވަތަ ށާއިޢު ކުރަންވާނީ އެ މުވައްޒަފެއްގެ ހުއްދަ ލިބިގެންނެވެ.
(ނ) ކޮމިށަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޒާތީ މަޢުލޫމާތު ރައްކާތެރިކަމާއި، އަމާނާތްތެރިކަމާއެކު، ސެކްރެޓަރީ ޖެނެރަލް އަންގާ ގޮތެއްގެ މަތީން އެކަމާ ގުޅޭ ސެކްށަނުން ބަލަހައްޓަމުން ގެންދަން ވާނެއެވެ.
(ރ) ކޮމިށަނުގެ މުވައްޒަފަކު މި ގަވާޢިދާ ހިލާފަށް މުވައްޒަފެއްގެ ޒާތީ މަޢުލޫމާތު ހާމަކޮށްފިކަން ކޮމިށަނަށް ސާބިތުވެއްޖެނަމަ، މި ގަވާޢިދުގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމުގެ ބާރު ކޮމިށަނަށް ލިބިގެން ވެއެވެ.
49 ވަނަ މާއްދާ – މަގާމު އުފެއްދުމާއި އުވާލުން
(ހ) ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ އިދާރީ މަގާމުތައް އުފައްދާނީ ކޮމިށަނުންނެވެ. އަދި މިފަދަ މަގާމެއް އުވާލަން ޖެހިއްޖެނަމަ އުވާލާނީވެސް ކޮމިށަނުންނެވެ.
(ށ) އަލަށް މަގާމު އުފައްދަންޖެހޭކަމަށް ފެނިއްޖެނަމަ އެމަގާމު އުފައްދަންޖެހޭ ސަބަބާއި އެފަދަ މަގާމެއްގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލު، ސެކްރެޓަރީ ޖެނެރަލް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(ނ) ކޮމިށަނުގެ މަގާމުތަކުގެ އޮނިގަނޑަށް ގެންނަ ބަދަލަކުން މަގާމު އުވިއްޖެނަމަ، އެ މަގާމުގައި ހުރި މުވައްޒަފަކު އެމުވައްޒަފަކު ހުރި މަގާމަށްވުރެ ދަށްނޫން މަގާމަކަށް ބަދަލުކުރަންވާނެއެވެ. އެފަދަ މަގާމެއް ނެތްނަމަ ވަޒީފާއާބެހޭ ގާނޫނުގައިވާގޮތުގެމަތިން 3 މަސްދުވަހުގެ ނޯޓިހާއެކު ކޮމިށަނުން ކަނޑައަޅާފައިވާ ރިޑެންޑެންސީ ޕެކެޖު ހަމަޖައްސައިދޭން ޖެހޭނެއެވެ.
50 ވަނަ މާއްދާ – ވަޒީފާތަކަށް މީހުން ހޯދުން
(ހ) މަގާމުތަކަށް މީހުން ހޯދަންވާނީ ޢާންމުކޮށް އިޢުލާނު ކޮށްގެންނެވެ. މިގޮތުން ކުރާ އިޢުލާނުގައި މަދުވެގެން، ތިރީގައި މިވާ މަޢުލޫމާތު ހުންނަން ވާނެއެވެ.
- މަގާމުގެ ނަން.
- ވަޒީފާ އަދާކުރަންޖެހޭ ތަން.
- މަގާމުގެ ރޭންކާއި ށަރުތުތައް.
- މަގާމުގައި އަދާ ކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު.
- މުސާރައާއި މުސާރައިގެ އިތުރަށް ދެވޭ ޢިނާޔަތްތައް.
- ހުށަހަޅަންޖެހޭ ތަކެތި.
- ވަޒީފާއަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީހް.
(ށ) ވަޒީފާއަށް އެދި ހުށަހެޅުމުން ތިރީގައި މިވާ ކަންތައްތައް ކޮމިށަނުން ބަލަން ވާނެއެވެ.
- ސަނަދެއް ނުވަތަ ފެންވަރު ހުރިކަމުގެ ލިޔުމެއް ނުވަތަ އެނޫންވެސް ލިޔުމެއް ބޭނުންވާ މަގާމެއްނަމަ، އެފަދަ ސަނަދެއް ނުވަތަ ލިޔުމަކީ އެކްރިޑިޓްކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އިދާރާއަކުން އެކްރެޑިޓްކޮށްފައިވާ ސަނަދެއްތޯ ނުވަތަ ލިޔުމެއްތޯ ބެލުމާއި، އަދި މިފަދަ ސަނަދު ނުވަތަ ލިޔުން އޭގެ އަސްލާ އެއްގޮތްތޯ ބެލުން.
- ވަޒީފާއަށް އެދިފައިވާ މީހުންގެ ތެރެއިން ށަރުތު ހަމަވާ މީހުންނާ އިންޓަރވިއު ކުރުން. ވަޒީފާއަށް އެދި ހުށަހަޅާފައިވާ ށަރުތު ހަމަވާ މީހުން 10 އަށް ވުރެ އިތުރުވާނަމަ ހިއުމަން ރިސޯސް ޕެނަލުން އިންޓަވިޔު ކުރާނެ ޢަދަދެއް ށޯޓު ލިސްޓު ކުރެވިދާނެއެވެ.
51 ވަނަ މާއްދާ – ވަޒީފާތަކަށް މީހުން ހޮވުން
(ހ) ކޮމިށަނުގެ ދާއިމީ ވަޒީފާތަކަށް ހޮވަންވާނީ، މީލާދީ ގޮތުން 18 އަހަރު ފުރި، 65 އަހަރު ނުވާ ދިވެހިންނެވެ.
(ށ) ވަޒީފާތަކަށް މީހުން ހޮވަންވާނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުގެ މަތިންނެވެ.
(ނ) ކޮމިށަނުގެ ވެރިންގެ ފެންވަރުގެ މަގާމުތަކަށް މީހުން ހޮވުމުގައި އިންޓަރވިއު ކުރާނީ ކޮމިށަނުން ކަނޑައަޅާ ޕެނަލަކުންނެވެ. ކޮމިށަނުގެ އެނޫން މަގާމުތަކަށް މީހުން ހޮވުމަށް އިންޓަވިއު ކުރާނީ ސެކްރެޓަރީ ޖެނެރަލް ކަނޑައަޅާ ޕެނަލަކުންނެވެ.
52 ވަނަ މާއްދާ – ވަޒީފާ ދިނުމާއި ވަޒީފާ ބަޔާން
(ހ) ކޮމިށަނަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާ ދިނުމަށް ނިންމާނީ ކޮމިށަނުންނެވެ. ޖުޑީށަލް ސަރވިސް ކޮމިށަންގެ ވަޒީފާއަށް ޢައްޔަންކުރެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވުމާއެކު އެ މަގާމަށް ބޭނުންވާ ށަރުތު ހަމަވާ މީހުންނެވެ.
- ދިވެހިރައްޔިތަކަށްވުން
- އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެނގޭމީހަކު ކަމުގައިވުން
- ވަޒީފާއަށް އެދި ހުށަހަޅާއިރު މީލާދީގޮތުން ޢުމުރުން 18 އަހަރުފުރިފައިވާ މީހަކުކަމުގައިވުން. ނުވަތަ ވަޒީފާއިން މުސްކުޅިކުރުމުގެ އިހްތިޔާރު ލިބޭ ޢުމުރު 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
- އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި، ށަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.
- ޣައިރު ގާނޫނީ ޖަމާޢަތެއްކަމުގައިވާ ށަރީޢަތުން ކަނޑައަޅާފައިވާ ޖަމާޢަތެއްގެ މެންބަރެއްކަމުގައި ނުވުން.
- ކޮމިށަނުގެ މެންބަރަކާ ނުވަތަ ކޮމިށަންގެ ސެކްރެޓަރީ ޖެނެރަލާ ނުވަތަ ކޮމިށަންގެ އިސްވެރިންނާ، ވަޒީފާއަށް ހޮވޭ މީހާއާ ނަސަބުގެ ގޮތުން ނުވަތަ، މުސާހަރާގެ ގޮތުން (މަންމައާ، ބައްޕައާ، ކާފައާ، މާމައާ، ދަރިއަކާ، އަންބަކާ، ފިރިއަކާ، ބޮޑުބޭބެއަކާ، ބޮޑުދައިތައަކާ، ޅިއަންފަހަރިންނާ، ބަފާބެއާ، މައިދައިތައާ، އެއްބަނޑު އެއްބަފާމީހަކާ، އެއްބަނޑު މީހަކާ، ނުވަތަ އެއްބަފާ މީހަކާ، ނުވަތަ މިއިން މީހެއްގެ ދަރިއަކާ) ގުޅުންހުރި މީހެއްކަމުގައި ނުވުން.
- ވަޒީފާއަށް ހޮވޭ މީހަކީ، ކޮމިށަނުގެ މެންބަރަކާ ނުވަތަ ކޮމިށަންގެ ސެކްރެޓަރީ ޖެނެރަލާ ނުވަތަ ކޮމިށަންގެ އިސްވެރިއެއްގެ މަންމައަށް، ބައްޕައަށް، ދަރިއަކަށް، އަންބަކަށް، ފިރިއަކަށް، އެއްބަނޑު އެއްބަފާމީހަކަށް، އެއްބަނޑު މީހަކަށް، ނުވަތަ އެއްބަފާ މީހަކަށް ނުވުން.
- ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދަށުން އިންތިހާބު ކުރެވޭ މަގާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިސްކުރާ މަގާމެއްގައިހުރި މީހެއްކަމުގައި ނުވުން.
- ދައުލަތުގެ އެއްވެސް މަގާމަކުން މުސްކުޅިކޮށްފައިވާ މީހަކުކަމުގައި ނުވުން.
- ޖުޑީށަލް ސަރވިސް ކޮމިށަނަށް ހިދުމަތްކުރުމަށް އިގުރާރުވެ ކޯހެއްގައި ބައިވެރިވެ ކޯސް ފުރިހަމަ ނުކޮށްގެން ނުވަތަ ކޯހުން ފެއިލުވެގެން ވަޒީފާއިން ވަކިކޮށްފައިވާ މީހަކުކަމުގައި ނުވުން.
- ޖުޑީށަލް ސަރވިސް ކޮމިށަނަށް ހާއްސަކޮށްގެން ހިންގާ ކޯހެއްގައި ބައިވެރިވުމަށް ދެވޭ ފުރުސަތުގެ ބޭނުންނުކޮށް ދޫކުރުމުގެ ސަބަބުން ވަޒީފާއިން ވަކިކުރެވިފައިވާ މީހަކުކަމުގައި ނުވުން
- ސިޔާސީ ޕާޓީއެއްގެ މަގާމެއް އަދާކުރާ މީހަކުކަމުގައި ނުވުން.
- ގާނޫނު އަސާސީން ނުވަތަ ގާނޫނަކުން ކަނޑައެޅިފައިވާ އިންތިހާބު ކުރެވޭ މަގާމަކަށް ނުވަތަ ސިޔާސީ ޕާޓީއެއްގެ މަގާމަކަށް ވާދަކުރަމުންދާ މީހަކުކަމުގައި ނުވުން.
(ށ) ވަޒީފާއަށް ޢައްޔަނުކުރެވޭ ފަރަތާކަށް ވަޒީފާ ދިނުމުގެކުރިން ތިރީގައިވާ ކަންތައްތަކަށް ބެލުމަށްފަހު، އެކަށީގެންވާގޮތަކަށް ވަޒީފާއަދާ ނުކުރެވޭނެކަމަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި، އެމީހަކަށް ވަޒީފާ ނުދިނުމުގެ ފުރިހަމަ އިހްތިޔާރު ޖުޑީށަލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.
- ވަޒީފާ އަދާކުރެވޭވަރުގެ ސިއްހަތެއް ހުރި މީހަކުކަމުގައި ނުވުން.
- އަހްލާގީ މިންގަނޑަށް ފެތޭ މީހަކު ކަމުގައި ނުވުން.
(ނ) ކޮމިށަނުން އެމީހަކަށް ވަޒީފާ ދޭން ފެންނަ ކަމަށް ނިންމުމުން، މި މާއްދާގެ (ހ) ގައި ބުނެފައިވާ ފަދަ ކުށެއް ކުރިކަން އޭނާގެ މައްޗަށް ށަރީޢަތުން ސާބިތުވެފައި ނެތްކަން ކަށަވަރު ކޮށްދިނުމަށްޓަކައި، ކޮމިށަނުންދޭ ކުށުގެ ރެކޯޑް ބަލާފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް އޭނާއަށް އަންގަންވާނެއެވެ.
(ރ) ކޮމިށަނުގެ ވަޒީފާއަކަށް މީހަކު ވެއްދުމަށްފަހު އެމީހަކު ލައްވާ މަސައްކަތްކުރުވަން ވާނީ ވަޒީފާގެ އެއްބަސްވުމުގައި ދެފަރާތުން ސޮއި ކުރުމަށްފަހުގައެވެ.
(ބ) ކޮމިށަނުން ވަޒީފާ ދޭ މުވައްޒަފަކީ، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ގާބިލުކަން ހުރި މީހެއްތޯ ބެލުމަށް، ވަޒީފާގެ އެއްބަސްވުމުގައި 3 (ތިނެއް) މަސް ދުވަހުގެ ޕްރޮބޭށަން (ވަގުތީ މުއްދަތު) ކަނޑައަޅަންވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެމުވައްޒަފަކީ، މަސައްކަތަށް ގާބިލު މީހެއް ކަމުގައި ފެންނަނަމަ، އެކަން އެ މުވައްޒަފަކަށް ލިޔުމަކުން އަންގަން ވާނެއެވެ.
(ޅ) ޕްރޮބޭށަންގެ މުއްދަތު ތެރޭގައި އެ މަގާމަށް އެ މީހަކު އެކަށީގެންނުވާ ކަމަށް ފެންނަ ނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ވާނެއެވެ. ނުވަތަ އެ މުވައްޒަފަކު އެ ވަޒީފާއިން ވަކިވާން ބޭނުންވެއްޖެނަމަ، އެކަން ލިޔުމަކުން ހުށަހެޅުމުން ވަކިވާނެއެވެ.
(ކ) މުވައްޒަފަކަށް ވަޒީފާ ދިނުމާއެކު ތިރީގައިވާ ކަންތައްތައް ކުރަންވާނެއެވެ.
- އެމީހަކަށް ވަޒީފާ ހަމަޖައްސާތާ 1 މަސްދުވަހުގެ ތެރޭގައި ވަޒީފާ ބަޔާނުގައި ސޮއިކުރުވުން
- މުވައްޒަފަކަށް ޕްރޮބޭށަންގެ މުއްދަތުގައި އެއްވެސް ތަމްރީނެއް ދިނުމަށް ހަމަޖެހިފައިވާނަމަ އެ ތަމްރީނެއް ދިނުން.
- ޕްރޮބޭށަން މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ އަހްލާގާއި ހިދުމަތް ދިނުމުގައި ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް ވާނަމަ އެކަންކަން ރަނގަޅު ކުރުމަށް މުވައްޒަފަށް އަންގައި ރެކޯޑްކުރުން.
- ޕްރޮބޭށަން މުއްދަތުގެ ތެރޭގައި މުވައްޒަފަށް ރަނގަޅު ކުރުމަށް އަންގާފައިވާ ކަމެއް ނުވަތަ ކަންތައްތައް ރަނގަޅު ކޮށްފައިނުވާނަމަ، މިމާއްދާގެ (ބ) ގައިވާ ގޮތުގެމަތިން އިތުރު ނޯޓިހަކާ ނުލައި މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް ސެކްރެޓަރީ ޖެނެރަލް ކޮމިށަނަށް ހުށަހަޅަން ވާނެއެވެ. އަދި ހުށަހަޅާއިރު އިސްވެ ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަން ވާނެއެވެ.
(އ) ކޮންމެ މުވައްޒަފަކަށްވެސް، އެ މުވައްޒަފަކު ކުރާ މަސައްކަތުގެ މަސްއޫލިއްޔަތާއި ވާޖިބުތައް ބަޔާންކޮށް، ވަޒީފާ ބަޔާނެއް ލިޔެފައި އޮންނަން ވާނެއެވެ.
(ވ) މުވައްޒަފަކަށް ވަޒީފާ ހަވާލުކުރާއިރު އެ މުވައްޒަފެއްގެ ވަޒީފާ ބަޔާން، ސެކްރެޓަރީ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން، އެމުވައްޒަފަކަށް އޮޅުން ފިލުވައިދީ، ވަޒީފާ ދޭ ދުވަހުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި އޭނާ ލައްވައި ވަޒީފާ ބަޔާނުގައި ސޮއިކުރުވަން ވާނެއެވެ.
(މ) ވަޒީފާއާބެހޭ ގާނޫނުގައިވާގޮތަށް އެ ވަގުތަކު ވަޒީފާ ބަޔާނަށް ގެންނަންޖެހޭ އުނި އިތުރު ކޮމިށަނަށް ގެނެވިދާނެއެވެ.
53 ވަނަ މާއްދާ – ވަޒީފާގެ ކުރިއެރުން ދިނުން.
(ހ) ކޮމިށަނުގެ މުވައްޒަފުން އެއް މަގާމުން އަނެއް މަގާމަށް ބަދަލުކުރާނީ ކޮމިށަނުންނެވެ. މުވައްޒަފެއްގެ ވަޒީފާ ބަދަލުވެއްޖެނަމަ، އެ މުވައްޒަފަކަށް އެކަން ލިޔުމަކުން އަންގަންވާނެއެވެ. މުވައްޒަފަކު ހުރި މަގާމަށްވުރެ މަތީ މަގާމަކަށް ބަދަލުކުރަންވާނީ ކޮމިށަނުގެ އިދާރީ އޮނިގަނޑުގައި އެފަދަ މަގާމެއް އޮތްނަމަ، ތިރީގައި މިވާ ކަންތައްތަކަށް ރިޢާޔަތް ކުރުމަށްފަހުގައެވެ.
- ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާއިރު، އެ މަގާމަށް ށަރުތު ހަމަވުން.
- އަހަރު ނިމުމުން މަސައްކަތުގެ ފެންވަރު ބަލާ ފޯމުން ލިބޭ ދެ އަހަރުގެ އެވްރެޖް މާކްސް %75 ޕަސެންޓަށްވުރެ މަތީން ހޯދާފައިވުން.
(ށ) މިމާއްދާގެ (ހ) އަށް ޢަމަލު ކުރުމަށްޓަކައި މަގާމުތަކުގެ ށަރުތުތަކާއި، ޕްރޮމޯށަން ޕޮލިސީ އެއް އޮންނަން ވާނެއެވެ.
54 ވަނަ މާއްދާ – އިސްލާހީ ފިޔަވަޅު އެޅުން
(ހ) ތިރީގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ނުވަތަ އެނޫންވެސް އެފަދަ ކަމެއް މުވައްޒަފެއްގެ ފުށުން ފެނިއްޖެ ނަމަ، އެ މުވައްޒަފަކު އިސްލާހު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަހަށް އަޅަންވާނެއެވެ.
- މަސައްކަތަށް ފަރުވާ ކުޑަކުރުން.
- ހާޒިރީއަށް ފަރުވާ ކުޑަކުރުން.
- ވަޒީފާގެ ގާބިލުކަން ނެތުން.
- ވަޒީފާ އަދާކުރުމުގައި ޢަމަލުކުރަންޖެހޭ މިންގަނޑުތަކާއި ސިޔާސަތުތަކާ ހިލާފުވުމާއެކު މުވައްޒަފުން ހުރުމަތްތެރިކޮށް ހިތަންޖެހޭ އުސޫލުތަކަށް ހުރުމަތްތެރިކޮށް ނުހިތުން.
- މުވައްޒަފުންގެ މެދުގައި ހަމަނުޖެހުން އުފެދިދާފަދަ ޢަމަލެއްކުރުން.
- ކޮމިށަނުގެ ނިންމުންތަކަށް އިހްތިރާމް ނުކުރުން.
- ކޮމިށަނުގެ ގަވާޢިދަށް ޢަމަލުނުކުރުމާއި ހުރުމަތްތެރިކޮށް ނުހިތުން.
(ށ) މުވައްޒަފަކު ކުރާކަމަކާ ގުޅިގެން އެ މުވައްޒަފަކު އިސްލާހުކުރުމަށް ފިޔަވަޅު އަޅަން ޖެހިއްޖެނަމަ އިސްލާހީ ފިޔަވަޅު އަޅާނީ އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި ތިރީގައިވާ ގޮތުގެ މަތީންނެވެ.
- އަނގަބަހުން ނަސޭހަތް ދިނުން.
- ލިޔުމުން ނަސޭހަތް ދިނުން.
- ލިޔުމުން އިންޒާރު ދިނުން.
- ވަޒީފާގެ މަގާމު ދަށްކުރުން.
- ވަޒީފާގެ މަސައްކަތަށް ނުކުތުން 14 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ހުއްޓުވުން.
(ނ) ދައުލަތުގެ ފައިސާއަށާއި ތަކެއްޗަށް ހިޔާނާތްތެރިވުމާއި ރިށްވަތު ހިފުމުގެ މައްސަލައެއް މުވައްޒަފެއްގެ ފަރާތުން ފެނިއްޖެނަމަ، އެކަން ކަމާބެހޭ ފަރާތަށް ހުށަހަޅަންވާނެއެވެ.
(ރ) ށަރުޢީ ކޯޓަކުން މުވައްޒަފެއްގެ މައްޗަށް ކުށެއް ސާބިތުވެގެން ހުކުމެއް ކަނޑައަޅައިފި ނަމަ، ނުވަތަ ހިޔާނާތެއް ވެފައިވާނަމަ، ނުވަތަ ވަޒީފާގައި އިތުރަށް ބެހެއްޓުމުން ކޮމިށަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެނިއްޖެނަމަ، މަތީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅުމަކާ ނުލައި، އެމުވައްޒަފަކު ވަޒީފާއިން ވަކި ކުރެވިދާނެއެވެ. މިގޮތަށް މުވައްޒަފަކު ވަޒީފާއިން ވަކިކުރަންވާނީ ކޮމިށަނުން އެކަން ފާސްކޮށްގެންނެއެވެ.
(ބ) މުވައްޒަފެއްގެ ފަރާތުން ފަރުވާކުޑަ ކުރުން ފަދަ ކަމެއް ފެނިގެން ނަސޭހަތް ދީ އިސްލާހީ ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ، އެކަމެއް ހިއުމަން ރިސޯސް ކޮމިޓީއަށް ހުށަހަޅައި އެ އިސްލާހީ ފިޔަވަޅު އަޅާނީ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަން މެދުވެރިކޮށް ސެކްރެޓަރީ ޖެނެރަލެވެ. މުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅެއް އަޅަންޖެހިއްޖެ ހިނދެއްގައި ބޭނުންވާ މަޢުލޫމާތު ސުޕަރވައިޒަރު ނުވަތަ ސެކްށަނުގެ ވެރިޔާ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް ފޮނުވަން ވާނެއެވެ. މުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅު އެޅިއްޖެނަމަ، އެ ފިޔަވަޅެއްގެ މަޢުލޫމާތު މުވައްޒަފުގެ ޕަރސަނަލް ފައިލުގައި ބަހައްޓަން ވާނެއެވެ.
(ޅ) ސެކްށަން ނުވަތަ ޑިވިޒަނެއް ހިންގުމާ ހަވާލުވެ ހުރި ވެރިއެއްގެ ފަރާތުން އެމީހެއްގެ މަސައްކަތަށް ފަރުވާކުޑަކުރުން ފަދަ ކަމެއް ފެނިގެން ނަސޭހަތް ދޭން ޖެހިއްޖެނަމަ، ނަސޭހަތް ދޭނީ ސެކްރެޓަރީ ޖެނެރަލެވެ.
(ކ) ސެކްރެޓަރީ ޖެނެރަލަށް އޭނާގެ މަސްއޫލިއްޔަތު އަދާކުރުމާ ގުޅޭގޮތުން އަންގަންޖެހޭ އެންގުމެއް އަންގާނީ، ނުވަތަ ދޭންޖެހޭ އިންޒާރެއް ދޭނީ، ކޮމިށަނުންނެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރަންޖެހޭކަމަށް ފެނިއްޖެނަމަ، އެކަމާމެދު ގޮތެއްކަނޑައަޅާނީ ވެސް ކޮމިށަނުންނެވެ.
(އ) މުވައްޒަފުންނަށް އިންޒާރުކޮށް ދޭ ލިޔުމުގައި އެމުވައްޒަފަކު ސޮއިނުކުރިނަމަ، ދެމީހުންގެ ހާޒިރުގައި އިންޒާރުދެވުނުކަން އެމުވައްޒަފަށް އަންގާނީއެވެ. މިގޮތަށް ޢަމަލުކުރާއިރު، އިންޒާރުދިންކަމަށް އެ ދެމީހުން ހެކިވެ އެ ލިޔުމުގައި ސޮއިކުރަން ވާނެއެވެ.
(ވ) މުވައްޒަފަކު އިސްލާހު ކުރުމަށް މިގަވާޢިދުގައި ވާގޮތުގެމަތީން ފިޔަވަޅު އަޅައިގެން އިސްލާހު ނުވެއްޖެނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ކޮމިށަނަށް ހުށަހަޅަންވާނެއެވެ. ވަޒީފާއިން ވަކިކުރުމަށް ކޮމިށަނަށް ހުށަހަޅާއިރު، އެ މުވައްޒަފަކާމެދު އަޅާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ތަފްސީލު ހުށަހަޅަން ވާނެއެވެ. މިކަންކަން ކުރުމަކީ ސެކްރެޓަރީ ޖެނެރަލްގެ ޒިންމާއެކެވެ.
(މ) މުވައްޒަފަކަށް، އިދާރީ ކަންކަމުގައި ނުވަތަ އޭނާ ކުރަންޖެހޭ މަސައްކަތުގައި ފަރުވާ ކުޑަވެގެން އިންޒާރު ދީފައިވަނީ ނުހައްގުން ކަމުގައި އޭނާ ދެކޭނަމަ، އެކަމުގެ ށަކުވާ ކޮމިށަނަށް އުފުލުމުގެ ހައްގު އޭނާއަށް ލިބިގެން ވެއެވެ. އަދި މިފަދަ ށަކުވާއެއް ލިޔުމުން ހުށަހެޅިއްޖެނަމަ، އެށަކުވާއެއް ބަލާނީ 3 މެންބަރުން މައްޗަށް ކޮމިށަނުން އުފައްދާ ވަގުތީ ކޮމިޓީ އަކުންނެވެ.
55 ވަނަ މާއްދާ – ވަޒީފާއިން ވަކިކުރުން
(ހ) ކޮމިށަނުގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، ގަވާޢިދާ އެއްގޮތްވާ ގޮތުގެ މަތީން، ކޮމިށަނުން އެމީހަކަށް ފޮނުވާ ޗިޓަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ކޮންމެވެސް އެއްގޮތަކުންނެވެ.
- ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެ މުވައްޒަފަކު ހުރި ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ނުކުޅެދުން.
- މުވައްޒަފުގެ ވާޖިބު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކަމެއް، އެކަންކުރުމަށް ކަނޑައަޅާފައިވާ ގޮތް ނޫން އެހެން ގޮތަކަށް ގަސްދުގައި ކޮށްފައިވާކަމަށް، ނުވަތަ ކޮމިށަނުގެ ގާނޫނާއި ގަވާޢިދާ، ހިލާފުވެފައިވާކަމަށް ކަނޑައެޅުން.
- ގާނޫނު އަސާސީގައި ނުވަތަ ގާނޫނުގައި ބަޔާން ކޮށްފައިވާ އިންތިހާބަކަށް ކުރިމަތިލުން.
- މުވައްޒަފަކު އެވަޒީފާއިން ވަކިވާން އެދުން.
(ށ) މުވައްޒަފަކު ވަޒީފާއިން ވަކިކުރަންޖެހޭ ފަދަ ހާލަތަކަށް އޭނާގެ ޢަމަލުތައް ހިނގައްޖެނަމަ، އޭނާގެ ސުޕަވައިޒަރު އެސަބަބުތަކުގެ އެންމެހައި ތަފްސީލު ބަޔާންކޮށް، ސެކްރެޓަރީ ޖެނެރަލްގެ ސަމާލުކަމަށް ގެންނަން ވާނެއެވެ. އަދި ސެކްރެޓަރީ ޖެނެރަލް ހިއުމަން ރިސޯސް ކޮމިޓީގެ ލަފާގެ މަތީން އެ މައްސަލަ ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.
(ނ) މުވައްޒަފަކަށް ނޯޓިސް ދިނުމަށްފަހު މި ނޯޓިސްގެ މުއްދަތުގެ ތެރޭގައި އެމުވައްޒަފަކަށް ލިބޭ މުސާރައާއި އެހެނިހެން ޢިނާޔަތްތައް ދޭންވާނެއެވެ. ނަމަވެސް ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގައި ވާގޮތުގެމަތިން ނޯޓިސް ދިނުމަކާ ނުލައިވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުގެ މަތިން މުވައްޒަފަކު ވަޒީފާއިން ވަކިކުރާނަމަ، އެކަން އިދާރީގޮތުން ކޮމިށަނަށް ހުށަހަޅާނީ ސެކްރެޓަރީ ޖެނެރަލެވެ.
(ބ) ވަޒީފާއިން ވަކި ކުރުމުގެ ގޮތުން ނޯޓިސް ދޭންޖެހޭ މުވައްޒަފެއްގެ ފަރާތުން ކޮމިށަނަށް ގެއްލުމެއް ވެދާނެކަމަށް ފެންނަ ހާލަތެއްގައި، ނޯޓިސްގެ މުއްދަތު ފެށޭ ދުވަހުން ފެށިގެން އެ ނޯޓިސްގެ މުއްދަތު ނިމޭ ދުވަހާ ހަމައަށް، އެމުވައްޒަފަކަށް ލިބިދޭންޖެހޭ މުސާރަ ހަމައަށް ދިނުމަށްފަހު ވަގުތުން ވަޒީފާއިން ވަކިކުރެވިދާނެއެވެ.
(ޅ) މުވައްޒަފަކަށް ނޯޓިސް ދީފިނަމަ، ނުވަތަ ވަޒީފާއިން ވަކިކޮށްފިނަމަ، ނޯޓިސްދިން ނުވަތަ ވަކިކުރި ސަބަބާއެކު އެ މުވައްޒަފަކަށް އެކަން ލިޔުމުން އަންގަން ވާނެއެވެ. އަދި ނޯޓިސްދީފައިވާ މުއްދަތުގެ ތެރޭގައި އެ މުވައްޒަފަކު ވަޒީފާއަށް ނެރުމާއި ނުނެރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
56 ވަނަ މާއްދާ – މުވައްޒަފުން އެދިގެން ވަޒީފާއިން ވަކިކުރުން
(ހ) ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުން ވަކިވުމަށް އެދެންވާނީ، ސިޓީއަކުންނެވެ.
(ށ) ކޮމިށަނުގެ ހަރަދުގައި ތަޢުލީމާއި ތަމްރީނު ހޯދާފައިވާ މީހަކު، ހިދުމަތްކުރަންޖެހޭ މުއްދަތު ހަމަނުވަނީސް އޭނާ އެދިގެން ވަޒީފާއިން ވަކިކުރާއިރު އެ ތަޢުލީމާއި ތަމްރީނަށް ކުރި ހަރަދާއި، އެލަވަންސެއް ދީފައިވާނަމަ އެ އެލަވަންސް، ހިދުމަތްކުރަންޖެހޭ މުއްދަތަށް ބަހާލުމުން ބާކީވާ މުއްދަތުގެ ފައިސާ ބޮންޑުގެ މުއްދަތުގައި ބާކީ އޮތް ދުވަސްތަކަށް ބަހާލައިގެން ދެއްކިދާނެއެވެ. މިގޮތުން ދައްކަންޖެހޭ ފައިސާ ނުދައްކައިފި ނަމަ އެ މައްސަލަ ށަރީޢަތަށް ހުށަހަޅަން ވާނެއެވެ.
(ނ) މުވައްޒަފަކު ވަޒީފާއިން ވަކިވާން ބޭނުންވެއްޖެނަމަ، މަދުވެގެން 1 (އެކެއް) މަސްދުވަހުގެ މުއްދަތު ކޮމިށަނަށް ދޭންވާނެއެވެ. މި މުއްދަތު ހަމަވުމުގެ ކުރިން، އެ މަގާމަށް ހަމަޖައްސާނެ މީހަކު ލިބިއްޖެނަމަ، ނުވަތަ ވަކިވާން އެދިފައިވާ މުވައްޒަފާ ހަވާލުވެފައިވާ މަސައްކަތްތަކާއި، ތަކެއްޗާއި، ފައިސާއާބެހޭ ކަންތައްތައް ހުރިގޮތްބަލައި، އެކަންކަން ނިމިއްޖެނަމަ، އެ މުއްދަތުގެ ކުރިންވެސް އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވި ދާނެއެވެ.
(ރ) މުވައްޒަފަކު ކޮމިށަނުގެ ވަޒީފާނޫން އެހެން ވަޒީފާއަކަށް ދާންބޭނުންވެއްޖެނަމަ އެވަޒީފާއަށް އެދުމާއެކު އެ މުވައްޒަފަކު މަސައްކަތްކުރާ ސެކްށަނުގެ ވެރިއަކަށް އެކަން އަންގަންވާނެއެވެ. އަދި އެ މުވައްޒަފަކީ ކޮމިށަނަށް ބޮންޑެއް ކުރެވިފައިވާ މުވައްޒަފެއްނަމަ އެމުވައްޒަފަކު ދޫކުރާނެގޮތުގެ ލިޔުމެއް ކޮމިށަނުން ހޯދަންވާނެއެވެ. އަދި ބޮނޑެއް ނެތް މުވައްޒަފެއްނަމަ އޭނާ ކުރިމަތިލި ވަޒީފާއަށް ހޮވިއްޖެނަމަ ކޮމިށަނުން އޭނާ އެވަޒީފާއަށް ދޫކުރަންވާނެއެވެ.
(ބ) ވަޒީފާއިން ވަކިވުމަށް އެދި ސިޓީ ފޮނުވުމަށް ފަހުގައިވެސް، ވަކިކުރިކަން އެމީހަކަށް ލިޔުމަކުން އަންގަންދެން، ގަވާޢިދުން އޮފީހަށް ނުކުމެ އެމީހެއްގެ ވަޒީފާ އަދާކުރަމުން ގެންދަންވާނެއެވެ.
57 ވަނަ މާއްދާ – ވަގުތީ ގޮތުން މީހުން ގެންގުޅުން
(ހ) މުހިންމު މަސައްކަތްތަކަށް ވަގުތީ މީހުން ގެންގުޅެން ޖެހިއްޖެނަމަ، އެކަމަށް ބޭނުންވާ މީހުން ހޯދަން ސެކްރެޓަރީ ޖެނެރަލް ކޮމިށަނަށް ލަފާދޭން ވާނެއެވެ.
(ށ) 3 މަހަށްވުރެ ދިގުނޫން މުއްދަތަކަށް ވަގުތީ ވަޒީފާގައި މީހުން ގެންގުޅެވިދާނެއެވެ. ވަގުތީ ވަޒީފާދޭ މީހާ ލައްވައި އެވަޒީފާގެ ކޮންޓްރެކްޓެއްގައި ސޮއިކުރުވަންވާނެއެވެ.
(ނ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ފަދަ މަސައްކަތްތަކަށް މީހުން ގެންގުޅެންވާނީ، މި މާއްދާގައި (ށ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. މިގޮތުން ވެވޭ އެއްބަސްވުމުގައި، އެމީހަކު ކުރަންޖެހޭ މަސައްކަތާއި، މުއްދަތާއި، ދުވާލަކު މަދުވެގެން ހޭދަކުރަންޖެހޭ ވަގުތާއި، ދެވޭ އުޖޫރައާއި، ޢިނާޔަތެއް ދޭނަމަ އެ ޢިނާޔަތެއް، ލިޔެފައި އޮންނަންވާނެއެވެ.
(ރ) މިމާއްދާގެ (ށ) ގައި ބުނެފައިވާ ފަދަ އެއްބަސްވުމެއްގެ ދަށުން މަސައްކަތްކުރާ މީހުންގެ ހާޒިރީ ކޮމިށަނުގެ އިދާރާއިން ބަލަހައްޓަން ވާނެއެވެ.
7 ވަނަ ބާބު: މުސާ ރައާއި އިނާޔަތްތައް
58 ވަނަ މާއްދާ – މުސާރައާއި އިތުރުގަޑީގެ ފައިސާ
(ހ) ކޮމިށަނުގެ މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން މާލީ ޢިނާޔަތްތައް ކަނޑައަޅާނީ ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނާއި އެއްގޮތްވާ ގޮތުގެމަތީން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވަރާޔާއެކު ކޮމިށަނުންނެވެ. އަދި މުވައްޒަފުންނަށް ދޭ މުސާރަ އާއި މާލީ ޢިނާޔަތްތައް އެ މުވައްޒަފަކަށް ވަޒީފާ ދޭ ޗިޓުގައި ލިޔެފައި އޮންނަން ވާނެއެވެ.
(ށ) މުވައްޒަފުންނަށް މުސާރައާއި މާލީ ޢިނާޔަތްތަކާއި އެލަވަންސް ދޭނީ އެ މުވައްޒަފަކަށް ވަޒީފާދިން ޗިޓުގައިވާ އަދަދަށެވެ. އެހެން މަގާމަކުން ބަދަލުވެފައިވާ މުވައްޒަފެއްނަމަ، އެ މުވައްޒަފެއްގެ ވަޒީފާ ބަދަލުކުރި ޗިޓުގައިވާ އަދަދަށެވެ. ވަޒީފާ ދިނުމަށްފަހު ނުވަތަ ވަޒީފާ ބަދަލުކުރުމަށްފަހު، ސިޓީއަކުން ނުވަތަ ޗިޓަކުން ނުވަތަ އެހެންވެސް މިފަދަ ލިޔުމަކުން މުސާރަ ހަމަޖައްސާފައިވާނަމަ، ނުވަތަ މުސާރައަށް ބަދަލުގެނެސް އެކަން އަންގާފައިވާނަމަ، އެ ލިޔުމެއްގައިވާ އަދަދަށެވެ.
(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި އެހެން ބުނެފައި އޮތަސް، މުވައްޒަފުން ކުރަންޖެހޭ މުހިންމު މަސައްކަތްތަކާ ގުޅިގެން ދެވޭ އިތުރު ޢިނާޔަތްތަކާއި، ރާއްޖޭގެ އެކިއެކި ރަށްރަށަށް ކުރާ ދަތުރުތަކާއި، ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކާ ގުޅިގެންދެވޭ ހަރަދުތަކާއި އިނާޔަތްތައް، މާލިއްޔަތާބެހޭ ގާނޫނާ ގަވާޢިދުގައި ބުނެފައިވާ ގޮތުގެމަތިން ދިނުމަކަށް މިގަވާޢިދު ހުރަހެއް ނާޅައެވެ.
(ރ) މުސާރަ ދޭނީ ކޮންމެ މީލާދީ މަހެއްގެ އެންމެފަހު ދެ ދުވަހުންކުރެ ދުވަހަކުއެވެ. މުސާރަ ދޭންޖެހޭ ދުވަސް ބަންދު ދުވަހަކާ ދިމާވާނަމަ، މުސާރަ ދޭނީ އެމަހެއްގެ ބަންދުނޫން އެންމެފަހު ދެ ދުވަހުންކުރެ ދުވަހަކުއެވެ. މުސާރަ ދޭނީ ކޮމިށަނުން ވަޒީފާދިން ޗިޓުގައި ނުވަތަ ވަޒީފާ ބަދަލުކުރި ޗިޓުގައިވާ ތާރީހްން ފެށިގެންނެވެ.
(ބ) ވަޒީފާއިން ވަކިވާ މީހުންނަށް އުޖޫރަ ދޭނީ ވަޒީފާއިން ވަކިކުރި ޗިޓު އެމީހަކާ ހަވާލުވާ ތާރީހް ހަމައަށެވެ. މުވައްޒަފަކު ހައްޔަރުކޮށްފިނަމަ، ހައްޔަރުކުރުމާއި ދޫކޮށްލުމާއި ވަޒީފާއިން ވަކިކުރުމާ ދެމެދުގައި ހިނގާ ދުވަސްތަކުގެ އުޖޫރަދިނުމުގައި ޢަމަލުކުރާނީ ތިރީގައި މިވާ ގޮތުގެމަތީންނެވެ.
- އެ މުވައްޒަފެއްގެ މައްޗަށް ށަރީޢަތުން ކުށް ސާބިތުވެފައިވާނަމަ، ބަންދުގައި ހުރި ދުވަސްތަކުގެ އުޖޫރަ ނުދިނުން.
- އެ މުވައްޒަފެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި ށަރީޢަތުން މައްސަލަ ނިންމައިފި ނަމަ، ބަންދުގައި ހުރި ދުވަސްތަކުގެ އުޖޫރަ ދިނުން.
- އެ މުވައްޒަފެއްގެ މައްޗަށް ށަރީޢަތުން ކުށް ސާބިތުވެ ހުކުމް ކޮށްފައިވާ މައްސަލައެއް، ދިވެހިރާއްޖޭގެ ހައިކޯޓުން ނުވަތަ ސުޕްރީމް ކޯޓުން ބަލައި ހުކުމް ބާތިލުކޮށް، ކުށް ސާބިތުނުވާ ކަމަށް މައްސަލަ ނިންމައިފިނަމަ، ބަންދުގައި ހުރި ދުވަސްތަކަށް އުޖޫރަ ދިނުން.
(ޅ) މުވައްޒަފުން ލައްވާ ރަސްމީގަޑީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރުވަންވާނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުވުމަށްޓަކައެވެ. މިގޮތުން މުވައްޒަފަކު އެދުވަހަކު ކޮންމެހެން ނިންމަންޖެހޭ މަސައްކަތެއް ނުނިމި ހުރެއްޖެނަމަ، ނުވަތަ އޮފީހުން ނިންމަންޖެހޭ ހާއްސަ މަސައްކަތެއް ކުރުމަށްޓަކައި، އޮފީހުން އަންގާ ގޮތެއްގެ މަތިން ނުރަސްމީގަޑީގައި ނެރެވިދާނެއެވެ.
(ކ) އިތުރުގަޑީގައި މަސައްކަތްކުރަން މުވައްޒަފަކު ނެރެންވާނީ، އެގޮތަށް އެފަދަ މުވައްޒަފަކު ނުނެރެ ވާންނެތް ހާލަތްތަކުގައެވެ. އަދި އެ މަސައްކަތަކީ ސެކްރެޓަރީ ޖެނެރަލް ކަނޑައަޅާ އުސޫލެއްގެ މަތިން ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރާ މަސައްކަތަކަށް ވާންވާނެއެވެ. މިގޮތަށް އިތުރުގަޑީގައި މުވައްޒަފަކު ކުރި މަސައްކަތުގެ ރެކޯޑު އެނގެން އޮންނަން ވާނެއެވެ.
(އ) ކޮމިށަނުގެ މަސައްކަތް ހުންނަގޮތުން މުވައްޒަފުން ނުރަސްމީ ގަޑީގައި ނުނެރެ ފަރުޖެއްސެން ނެތް ހާލަތްތަކުގައި އިތުރުގަޑީގައި މަސައްކަތް ކުރުވާނަމަ، ހަފްތާއަކު 35 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުވައިފިނަމަ، އެ މުވައްޒަފެއްގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ މަދުވެގެން 4/1 1 (1.25) ބަޔަށްވާ ފައިސާ ދެވޭނެއެވެ. އަދި އެފަދަ މަސައްކަތެއް ކުރުވީ ހުކުރު ދުވަހެއް ނުވަތަ ރަސްމީ ބަންދު ދުވަހެއްގައިނަމަ، އެ މީހެއްގެ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރުގެ 2/1 1 (1.5)، ބަޔަށްވާ ފައިސާ އިތުރު ގަޑީގެ ގޮތުގައި ދެވޭނެއެވެ. ރަމަޒާންމަސް ފިޔަވައި އެހެން މަސްމަހު ގަޑިއަކަށް ޖެހޭ މިންވަރު ބަލާނީ މަސްދުވަހުގެ މުސާރަ 22 ން ގެއްލީމާ ލިބޭ އަދަދު 7 ން ގެއްލީމާ އަންނަ އަދަދު، އެއީ ގަޑިއަކަށް ޖެހޭވަރުކަމަށް ބަލައިގެންނެވެ.
(ވ) ރަމަޒާންމަހު އިތުރުގަޑީގެ ފައިސާ ދޫކުރުމުގައި ހަފްތާއަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ ޢަދަދު ކަމުގައި ބަލާނީ 22 ގަޑި 30 މިނިޓެވެ. ރަމަޒާންމަހު ގަޑިއަކަށް ޖެހޭ މިންވަރު ބަލާނީ، މަސްދުވަހުގެ މުސާރަ 22 ން ގެއްލީމާ ލިބޭ އަދަދު 2/1 4 (4.5) ން ގެއްލީމާ އަންނަ އަދަދު، އެއީ ގަޑިއަކަށްޖެހޭވަރު ކަމުގައި ބަލައިގެންނެވެ.
(މ) އަތޮޅުތަކަށާއި، އަތޮޅުތަކުން މާލެއަށާއި، އެއްއަތޮޅުން އަނެއް އަތޮޅަށާއި، އެއްރަށުން އަނެއްރަށަށް ކޮމިށަނުގެ މުވައްޒަފުން ކުރާދަތުރުތަކުގައި، ހުރުމުގެ ހަރަދާއި، ކެއުމުގެ ހަރަދާއި، ދަތުރު އެލަވަންސް ދިންނަމަވެސް، ދުވާލަކު 7 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ ގަޑިތަކަށް، މި މާއްދާގެ (އ) އަދި (ވ) ގައިވާ ގޮތުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. މިގޮތަށް ފައިސާ ލިބޭނީ، އެ ދަތުރެއްގައި ދާންބޭނުންވާ ތަނަކަށް ދިއުމަށްފަހު އެ ތަނެއްގައި މަސައްކަތްކުރާ ވަގުތަށެވެ.
(ފ) އިތުރުގަޑީގެ ފައިސާދޭނީ، މަސްދުވަހަކަށްވާ ފައިސާ، އެއްފަހަރާއެވެ. މިގޮތުން އެ ފައިސާދޭނީ، ކުރީމަހުގެ 16 ން ހިނގާމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުގަޑިއަށްވާ ފައިސާ، ހިނގާމަހުގެ މުސާރަދޭ ދުވަހު މުސާރައާއެކުގައެވެ.
59 ވަނަ މާއްދާ – ކެއުމާއި ސައިގެ ހަރަދު
ކޮމިށަނުގެ މުވައްޒަފުން ލައްވާ ކުރުވަންޖެހޭ ހާއްސަ ބޮޑެތި މަސައްކަތްތައް ކުރާއިރު، ސައި ނުވަތަ ކެއުމުގެ ގަޑިއަކާ ދިމާވާގޮތަށް މަސައްކަތް ކުރާނަމަ، ކެއުމާއި ސައި، އެ މަސައްކަތްކުރާ މުވައްޒަފުންނަށް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ދެވިދާނެއެވެ. މިގޮތުން ކެއުމާއި ސައި ހަމަޖައްސައި ދޭނީ ސެކްރެޓަރީ ޖެނެރަލް އެކަމަށް ހުއްދަ ދިނުމުންނެވެ.
60 ވަނަ މާއްދާ – ކޮމިށަނުގެ ދަތުރުތަކުގައި، ކެއުމުގެ ހަރަދާއި ދަތުރު އެލަވަންސް
(ހ) ކޮމިށަނުގެ ދަތުރުތަކުގައި، ކޮންމެ މުވައްޒަފަކަށްވެސް، ހުރުމާއި ކެއުމުގެ ކަންތައް ހަމަޖައްސައި ދޭންވާނެއެވެ.
(ށ) ކޮމިށަނުގެ ދަތުރުތަކުގައި ދާ މުވައްޒަފުންނަށް ފުރުމުގެ ކުރިން ދަތުރު އެލަވަންސާއި އެހެނިހެން ހަރަދު ދޭންވާނެއެވެ. މިގޮތުން ދެވޭ އެލަވަންސް ދަތުރަށް ފުރުމުގެ ކުރިން ނުދެވޭ ހާލަތެއް ދިމާވެއްޖެނަމަ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ދަތުރު ނިންމާފައި އައުމުން ދޭންވާނެއެވެ.
(ނ) މި މާއްދާގައި ބުނެފައިވާ ހަރަދުތައް، އެ ހަރަދުތައް ހައްގުވާ ފަރާތްތަކަށް ދިނުމުގައި ބަލަންވާނީ ދައުލަތުގެ މާލިއްޔަތާ ބެހޭ ގާނޫނާއި، ހެދިފައިވާ ގަވާޢިދުތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީންނެވެ.
61 ވަނަ މާއްދާ – މެޑިކަލް އިންށުއަރެންސް އާއި ޕެންށަން އަދި އެހެނިހެން އިނާޔަތްތައް
(ހ) ކޮމިށަނުގެ މުވައްޒަފުންނަށް ރަމަޒާންމަހުގެ މުނާސަބަތުގައި ހާއްސަ ޢިނާޔަތުގެ ގޮތުން، ކޮންމެ މުވައްޒަފަކަށް ވަޒީފާއާބެހޭ ގާނުނުގައިވާ ގޮތުގެމަތިން ދޭންވާނެއެވެ.
(ށ) ކޮމިށަނުން ކަނޑައަޅާ މެޑިކަލް އިންށުއަރެންސް ސްކީމެއްގައި ކޮމިށަނުގެ މުވައްޒަފުން ބައިވެރިކުރަން ވާނެއެވެ.
(ނ) ކޮމިށަނުގެ މުވައްޒަފުންނަށް ޕެންށަން ދެވޭނީ ދިވެހި ރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު: 2009/8) އާއި، އެ ގާނޫނުގެ ދަށުން ހެދޭ ގަވާޢިދުގައިވާ ގޮތުގެމަތީންނެވެ.
(ރ) ކޮމިށަނުގެ ވަޒީފާގައި ހުރި މުވައްޒަފަކަށް ޢުމުރުން 65 އަހަރު ވެއްޖެނަމަ އެމުވައްޒަފަކު ވަޒީފާއިން މުސްކުޅި ކުރަންވާނެއެވެ. މިގޮތުން ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ޢިނާޔަތްތައް ހަމަޖައްސައި ދޭންވާނެއެވެ.
(ބ) ވިލިމާލެޔާއި ހުޅުމާލޭގައި ދިރިއުޅޭ ކޮމިށަނުގެ މުވައްޒަފުންނަށް ވަޒީފާ އަދާކުރަން ދިޔުމަށާއި އެނބުރި އައުމަށް ފެރީ އެލަވަންސް ދޭންވާނެއެވެ. މިއެލަވަންސްގެ މިންވަރަކީ އެއިރަކު ފެރީގެ ހިދުމަތްދޭ ފެރީ ސަރވިސަސްއަކުން ނަގާ މަހުފީ އެވެ.
(ޅ) މުވައްޒަފަކު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ މަސައްކަތުގައި އުޅެނިކޮށް، ހަށިގަޑަށް ލިބުނު ގެއްލުމަކަށް ހެލްތު އިންށުއަރެންސް ސްކީމުން ހަރަދު ހަމަޖައްސައި ނުދެވޭނަމަ، އެ ގެއްލުމަކަށް ކޮމިށަނުގެ ހަރަދުގައި ބޭސްފަރުވާ ކޮށްދޭން ވާނެއެވެ. ނުވަތަ އެ ސްކީމަކުން ހަމަޖައްސައިދެނީ ވަކި މިންވަރެއްނަމަ އެ ހަމަޖައްސައި ނުދޭ މިންވަރު ކޮމިށަނުން ދޭން ވާނެއެވެ.
(ކ) ކޮމިށަނުގެ ވަޒީފާގައި އުޅޭ މުވައްޒަފަކު، ތަނުގެ މަސައްކަތުގައި އުޅެނިކޮށް އެކްސިޑެންޓެއް ވެގެން، ވަޒީފާއިން ވަކިކުރަން ޖެހިއްޖެނަމަ، އެމީހަކު ހިދުމަތް ކޮށްފައިވާ މުއްދަތުގެ ތިންބައިކުޅަ އެއްބަޔަށްވާ މުސާރައިގެ ފައިސާ، އެއްފަހަރާ އޭނާއަށް ދޭންވާނެ އެވެ.
(އ) ތިރީގައި މިވާފަދަ ގުދްރަތީ ކަމެއް ދިމާވެގެން، މުވައްޒަފަކަށް ގަޑިއަށް އޮފީހަށް ނުނުކުމެވޭގޮތް ވެއްޖެނަމަ، އެ މުވައްޒަފަކު އެދުވަހަކު ގަޑިނުޖެހޭގޮތަށް ހަމަޖެއްސައި ދޭންވާނެއެވެ. މިނޫންގޮތަކަށް ދިމާވާ ކަމެއްގައި ގަޑިނުޖެހޭގޮތަށް ހަމަޖެއްސުމުގެ މައްސަލަ ނިންމާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.
- އޮފީސް ހުޅުވުމަށްޓަކައި ހެނދުނު 07:45 އަށް އޮފީހަށް ހާޒިރުވާންޖެހޭ މުވައްޒަފަކަށް ހާޒިރުނުވެވުނީ، ހެނދުނު 07:30 އާއި 07:50 އާ ދެމެދު މެދުނުކެނޑި ވާރޭވެހިގެން ނުވަތަ ދަތުރު ނުކުރެވޭވަރަށް ކަނޑު ގަދަވުމުގެ ސަބަބުން ކަމަށްވުން.
- ހެނދުނު 08:00 އަށް ހާޒިރުވާންޖެހޭ މުވައްޒަފަކަށް ހާޒިރުނުވެވުނީ، ގަޑިޖެހުމުގެ 15 މިނެޓު ކުރިއްސުރެ މެދުނުކެނޑި ވާރޭވެހިގެން ނުވަތަ ދަތުރުނުކުރެވޭވަރަށް ކަނޑު ގަދަވުމުގެ ސަބަބުން ކަމަށްވުން.
62 ވަނަ މާއްދާ – ގަޑީލާރި ކެނޑުން
(ހ) ކޮމިށަނުގެ މުވައްޒަފަކު އޮފީހަށް ހާޒިރުވުމުގައި ގަޑިޖެހިއްޖެނަމަ، އެ މުވައްޒަފެއްގެ މުސާރައިން ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ މިންވަރު ކަނޑަން ވާނެއެވެ.
(ށ) ގަޑީ ލާރި ކެނޑުމުގައި ވަގުތު ބަލާނީ މިނެޓުންނެވެ. ރަމަޒާންމަސް ފިޔަވައި، އެހެން މަސްމަހު މުސާރައިން ގަޑިއަކަށްޖެހޭ ޢަދަދު ބަލާނީ، މަސްދުވަހުގެ މުސާރަ 22 ން ގެއްލީމާ ލިބޭ އަދަދު 7 ން ގެއްލީމާ އަންނަ ޢަދަދު، އެއީ ގަޑިއަކަށް ޖެހޭވަރުކަމަށް ބަލައިގެންނެވެ. ރަމަޒާންމަހު މުސާރައިން ގަޑިއަކަށްޖެހޭ ޢަދަދު ބަލާނީ، މަސްދުވަހުގެ މުސާރަ 22 ން ގެއްލީމާ ލިބޭ ޢަދަދު 2/1 4 ން ގެއްލީމާ އަންނަ އަދަދު، އެއީ ގަޑިއަކަށްޖެހޭވަރު ކަމުގައި ބަލައިގެންނެވެ.
8 ވަނަ ބާބު: ބަންދު ދުވަސްތަކާއި މުވައްޒަފަށް ދެވޭ ޗުއްޓީ
63 ވަނަ މާއްދާ – ސަލާން ބުނުމާއި ވަޒީފާއަށް ހާޒިރުނުވެ ހުރުން
(ހ) ކޮމިށަނުގެ މުވައްޒަފުން ސަލާން ބުނަންވާނީ، ތިމާ ނުވަތަ ތިމާގެ ބަލަދުވެރިކަމުގެ ދަށުގައިވާ މީހަކު ބަލިވެގެން އޮފީހަށް ހާޒިރުވުމަށް ޢުޒުރު ވެރިވެއްޖެ ހާލަތެއްގައެވެ.
(ށ) ސަލާމުގެ ޗުއްޓީ ދެވޭނީ ވަޒީފާއާބެހޭ ގާނޫނުގެ 42 ވަނަ މާއްދާއާއި މި ގަވާޢިދުގައިވާ ގޮތުގެ މަތީންނެވެ. ސަލާމުގެ ޗުއްޓީއަށް މުވައްޒަފު އެދެންވާނީ އަދި ސަލާމުގެ ޗުއްޓީ އާއި ގުޅިގެން ޢަމަލު ކުރަންވާނީ އަންނަނިވި ގޮތުގެ މަތީންނެވެ.
- އެ މުވައްޒަފަށް ކަނޑައެޅިފައިވާ ރަސްމީ މަސައްކަތު ގަޑިޔަށް، ނުކުތުމަށް ޢުޒުރު ވެރިވެއްޖެނަމަ، އެ މުވައްޒަފެއްގެ ރަސްމީ މަސައްކަތު ގަޑި ފެށޭތާ ލަސްވެގެން 1 (އެކެއް) ގަޑިއިރުގެ ތެރޭގައި އެ މީހެއްގެ ސުޕަވައިޒަރަށް އެންގުމާއެކު ކޮމިށަނުގެ މުވައްޒަފުންނާބެހޭ ކަންތައް ބަލަހައްޓާ ސެކްށަނަށް އެންގުމުން އެދުވަހު ސަލާމުގެ ޗުއްޓީ ދޭންވާނެއެވެ. މިގޮތުން 1 (އެކެއް) ގަޑިއިރުގެ ތެރޭގައި އޮފީހަށް ނާންގައި ސަލާމުގެ ޗުއްޓީ ހަމަނުޖައްސައިފިނަމަ، އެދުވަހެއް ބަލަންވާނީ ހާޒިރުނުވާ ދުވަހަކަށެވެ.
- ސަލާމުގައި ހުރި މުވައްޒަފު އެދުވަހު ކޮންމެހެން ނިންމަންޖެހޭ މުހިންމުކަމެއް ހަވާލު ކުރެވިފައިވާނަމަ އެކަމެއް މަޢުލޫމާތު އޭނާ މަސައްކަތްކުރާ ސެކްށަންގެ ވެރިޔަކަށް އަންގަން ވާނެއެވެ.
- އެ މުވައްޒަފަކީ ވަކި ހާއްސަ މަސައްކަތެއް ހަވާލުވެފައިވާ މީހެއް ނަމަ، އެ މީހެއްގެ މަސައްކަތް އެހެން މީހަކާ ހަވާލުކޮށް ހިންގަން ފެށޭހާ ވަގުތު އޮއްވައި، އެ މީހެއްގެ ސުޕަވައިޒަރަށް އެކަން އަންގަން ވާނެއެވެ. އަދި އަންގާއިރު، އެ މީހަކާ ހަވާލުވެފައިވާ މަސައްކަތަށް ބުރޫ ނާރައި، އެމަސައްކަތް ހިންގުމަށް އޮފީހުން އިންތިޒާމުތައް ކުރުމަށް ބޭނުންވާ މަޢުލޫމާތުދީ، އެ ކަމުގައި ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ.
- ވަގުތު އޮއްވައި ނޭންގޭ ފަދަ، ސިއްހީ ގޮތުން ޖިސްމާނީ ނުކުޅެދުންތެރި ކަމެއް މެދުވެރިވުން ކަހަލަ ކުއްލި ހާލަތެއް މެދުވެރި ވެއްޖެނަމަ، އެންގޭ ފަދަ ހާލަތަކަށް އެ މީހަކު އައިހާ އަވަހަކަށް، ސަލާމުގެ ކަންތައް ހަމަޖެއްސުމަށްޓަކައި، އެ މީހަކު އެކަން އޮފީހަށް އަންގަން ވާނެއެވެ. (އަރިދަފުސް ރޯގާއެއް ޖެހުން ފަދަ ހާލަތެއް މެދުވެރިވެގެން ނާންގައި ހުންނަ ހުރުމެއް އެ ފަދަ ހާލަތެއް ކަމަކަށް ނުބެލޭނެއެވެ.) އެ ގޮތަށް ޢަމަލު ނުކުރާ މުވައްޒަފުންގެ އެ ޢަމަލަކީ ވަޒީފާގެ ޒިންމާ އަށް އިހްމާލުވީ ކަމަށް ބެލުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވާ ޢަމަލެކެވެ.
(ނ) މުވައްޒަފަކު، ސަލާމުގެ ޗުއްޓީ ނަގަންވާނީ މިމާއްދާގެ (ހ) ގައި ބުނެފައިވާ ފަދަ ހާލަތެއް މެދުވެރި ވެގެންނެވެ. އެފަދަ ހާލަތެއް މެދުވެރި ނުވެ ސަލާމުގައި ހުރެފިނަމަ އެ ދުވަސް ބަލާނީ ހާޒިރު ނުވާ ދުވަހެއްގެ ގޮތުގައެވެ. ޗުއްޓީއެއްގެ ބޭނުމުގައި ސަލާން ބުނުމަކީ މުވައްޒަފަށް ލިބިގެންވާ ހައްގެއް ނޫނެވެ.
(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މުވައްޒަފު ސަލާމުގެ ޗުއްޓީގައި ހުންނަ ފުރަތަމަ ދެ ދުވަހު، އެކަން އަންގަން ވާނެއެވެ.
(ބ) މުވައްޒަފަކު ހިދުމަތްކުރާ ކޮންމެ އަހަރަކަށް، ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭގޮތަށް ދެވޭނީ، ގިނަވެގެން، 30 (ތިރީސް) ދުވަހެވެ. ސަލާމުގެ ޗުއްޓީ ދިނުމުގައި އަހަރު ބަލާނީ، އަހަރީ ޗުއްޓީ ދިނުމުގައި އަހަރު ބަލާ އުސޫލުންނެވެ. ނަމަވެސް ވަޒީފާ އަދާކުރާތާ އަހަރު ނުވިކަމުގައި ވިޔަސް، ސަލާމުގެ ޗުއްޓީ ދެވިދާނެއެވެ.
(ޅ) މުވައްޒަފު އޮފީހަށް ހާޒިރުވުމަށްފަހު ބަލިވެގެން މަސައްކަތް ކުރުމަށް ޢުޒުރު ވެރިވެފައި، އަދި އެ ދުވަހުގެ މަސައްކަތުގަޑީގެ ބޮޑުބައި މަސައްކަތުގައި ހޭދަކޮށްފައި ވާނަމަ، އެ ދުވަހަކީ މުވައްޒަފު މަސައްކަތަށް ހާޒިރުވި ދުވަހެއްކަމަށް ބަލައި ދޫކޮށްލެވިދާނެއެވެ. އަދި މުވައްޒަފު އެދުވަހުގެ މަސައްކަތު ގަޑީގެ ކުޑަބައި މަސައްކަތުގައި ހޭދަކޮށްފައިވާނަމަ، އެ ދުވަހަކީ ސަލާމުގެ ޗުއްޓީގެ ދުވަހެއްގެ ގޮތުގައި ބަލައި، ސަލާމުގެ ޗުއްޓީ ހަމަޖައްސައިދޭން ވާނެއެވެ.
(ކ) މުވައްޒަފަކު، ސަލާމުގެ ޗުއްޓީގައި ވިދިވިދިގެން 2 ދުވަހަށްވުރެ ގިނަ ދުވަހު ހުރެއްޖެނަމަ ވަޒީފާއާބެހޭ ގާނޫނުގެ 42 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އެ މީހަކު އޮފީހަށް ނުކުންނައިރު، އެ މުވައްޒަފު ސަލާމުގެ ޗުއްޓީގައިހުރި ފުރަތަމަ ދެދުވަސް ފިޔަވައި އެހެން ދުވަސްތަކަށް، ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވުނު މުއްދަތު ބަޔާންކޮށް، ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަން ވާނެއެވެ.
(އ) މުވައްޒަފަކަށް ސެޓްފިކެޓް ހުށަހެޅުމަކާނުލައި ސަލާމުގެ ޗުއްޓީގައި ހުރެވޭނީ ވިދިވިދިގެން 2 ދުވަހެވެ. ސެޓްފިކެޓާ ނުލައި ސަލާމުގެ ޗުއްޓީގައި ވިދިވިދިގެން ހުރެވޭނެ 2 ދުވަސް ކަމަށް ބަލާނީ މެދަށް ބަންދު ދުވަހެއް ނުވަންނަ، ވިދިވިދިގެން އަންނަ މަސައްކަތު 2 ދުވަހެވެ. ސަލާމުގެ ޗުއްޓީގައި ހުރި ދުވަހުގެ ފަހު ދުވަހަކީ ބަންދު ދުވަހަކަށް ވެއްޖެނަމަ، ޖެހިގެން އަންނަ މަސައްކަތު ދުވަހަކީ ވިދިވިދިގެން އަންނަ 2 ދުވަސް ކަމުގައި ނުބެލޭނެއެވެ. ބަންދު ދުވަހާއެކު، ވިދިވިދިގެން 2 ދުވަހަށްވުރެ ގިނަ ދުވަހު ސަލާމުގެ ޗުއްޓީގައި ހުރުމަށްފަހު، މަސައްކަތު ނުކުންނަ ދުވަހު، ސަލާމުގެ ސެޓްފިކެޓް ހުށަހަޅަން ވާނެއެވެ.
(ވ) ބަލިވެގެން، ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، މި މާއްދާގައި ބަޔާން ކުރާ ފަދަ މެޑިކަލް ސެޓްފިކެޓެއް އޮފީހަށް ހުށަހަޅައިފި ނަމަ، ސަލާމުގެ ޗުއްޓީ ކުރިއަށް ވެސް ނެގިދާނެއެވެ.
(މ) ހަފުތާ ބަންދު ފަދަ ޗުއްޓީއާ ގުޅުވައިގެން، އާދަވެ ސަލާމުގެ ޗުއްޓީ ނެގުމަކީ، އާދަވެ ބަންދާ ގުޅިގެން މީހަކު ބަލިވުމުގެ ފުރުސަތު އޮތް ކަމަކަށް ނުވާތީ، އެ މުވައްޒަފަކާމެދު މަސައްކަތަށް ފަރުވާ ކުޑަ ކުރާ މުވައްޒަފެއްގެ ގޮތުގައި ބެލުމުގެ އިހްތިޔާރު، ކޮމިށަނަށް ލިބިގެންވެއެވެ. އެ ފަދަ ހަފްތާ ބަންދާ ދިމާކޮށް ޗުއްޓީ ދިގުކުރުމުގެ ބޭނުމުގައި މުވައްޒަފަކު ޗުއްޓީ ނަގަން ބޭނުން ނަމަ، ނަގަންވާނީ އެ މީހަކަށް ހައްގު ވާ އަހަރީ ޗުއްޓީން އޮފީހުގެ މަސައްކަތަށް ދަތި ނުވާނޭ އިންތިޒާމެއްގެ ދަށުންނެވެ.
(ފ) މުވައްޒަފަކު، ވީގޮތެއް ނާންގައި އޮފީހަށް ނުނުކުމެ ހުންނަތާ 7 ދުވަސް ވެއްޖެނަމަ، އެމީހެއްގެ ވަޒީފާއާމެދު ފެންނަ ގޮތެއް އެމީހާ ވަޒީފާ އަދާކުރާ ސެކްށަން ނުވަތަ ސެކްށަން ހިންގާ ވެރިޔާ ސެކްރެޓަރީ ޖެނެރަލް އަށް ހުށަހަޅަން ވާނެ އެވެ. އަދި އެ މައްސަލަ ސެކްރެޓަރީ ޖެނެރަލް ލަސްނުކޮށް ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.
(ދ) މުވައްޒަފަކު ބަންދުގައި ހުރުމުގެ ސަބަބުން އޮފީހަށް ހާޒިރުނުވެ އެއްމަސް ދުވަސް ވެއްޖެނަމަ، އެމީހާ ވަޒީފާ އަދާކުރާ ސެކްށަން ނުވަތަ ޑިވިޒަނުން އެމީހެއްގެ ވަޒީފާއާމެދު ފެންނަ ގޮތަކާއެކު ސެކްރެޓަރީ ޖެނެރަލް އަށް ހުށަހަޅަން ވާނެއެވެ. އަދި އެ މައްސަލަ ސެކްރެޓަރީ ޖެނެރަލް ލަސްނުކޮށް ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.
(ތ) ތިންދުވަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ސަލާމުގައި ހުރެފައި ވަޒީފާއަށް ނުކުންނައިރު، ހުށަހަޅަންޖެހޭ ސަލާމުގެ ސެޓްފިކެޓް އެމުވައްޒަފަކު ވަޒީފާއަށް ނުކުންނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހަޅަން ވާނެއެވެ. ސެޓްފިކެޓް ހުށަނާޅައިފިނަމަ، ވަޒީފާއަށް ނުނުކުމެވުނު ސަބަބު އަންގާފައި އޮތްނަމަވެސް، ނުނުކުމެހުރި ދުވަސްތަކަށް ގަޑީލާރި ނެގޭނެއެވެ.
(ލ) މުވައްޒަފަކު ކޮމިށަނުގެ މަސައްކަތެއްގައި އުޅެނިކޮށް ލިބުނު ގެއްލުމެއްގެ ސަބަބުން، ފަރުވާކުރުމަށް ސަލާމުގެ ޗުއްޓީގެ ގޮތުގައި ހުންނަ ދުވަސްތަކަށް ހަމަމުސާރަ ލިބޭނެއެވެ. އަދި މި ދުވަސްތައް، ސަލާމުގެ ޗުއްޓީގެ ގޮތުގައި ނަގާ 30 ސަލާމް ހަމަކުރުމަކަށް ނުގުނޭނެއެވެ.
64 ވަނަ މާއްދާ – އަހަރީ ޗުއްޓީ
(ހ) ކޮމިށަނުގެ ދާއިމީ މުވައްޒަފުންނަށް ކޮންމެ އަހަރަކު 30 ދުވަހުގެ އަހަރީ ޗުއްޓީ މުސާރަޔާ އިނާޔަތްތަކާއެކު ދޭންވާނެއެވެ. އަލަށް ވަޒީފާދޭ މުވައްޒަފުންނަށް އަހަރީ ޗުއްޓީ ހައްގުވާނީ ވަޒީފާގައި އެއްއަހަރު ވުމުންނެވެ. އަހަރީ ޗުއްޓީގެ ދުވަސްތައް ގުނާނީ ބަންދު ދުވަސްތައް ނުހިމަނައެވެ.
(ށ) ކޮންމެ މުވައްޒަފަކުވެސް އަހަރީ ޗުއްޓީ ހައްގުވާ ދުވަހުން ފެށިގެން 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި، އަހަރީ ޗުއްޓީ ނަގަން ވާނެއެވެ. އެމުވައްޒަފަކަށް ހައްގުވާ އަހަރީ ޗުއްޓީގެ ބޭނުން ނުކޮށް އޮވެ، 1 (އެކެއް) އަހަރު ފާއިތުވެއްޖެ ނަމަ، އެ ޗުއްޓީ ކެންސަލް ވާނެއެވެ.
(ނ) ކޮމިށަނުގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރާނަމަ، އެމުވައްޒަފަކަށް ހައްގުވާ އަހަރީ ޗުއްޓީގެ ބޭނުންނުކޮށް އޮތްދުވަސްތަކަށް ލިބެންވާ ފައިސާ އެމުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު ދޭންވާނެއެވެ.
(ރ) މުވައްޒަފުންނަށް އަހަރީ ޗުއްޓީ ލިބޭނީ އެމުވައްޒަފަކާ ހަވާލުކޮށްފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން އެމުވައްޒަފެއްގެ ސުޕަވައިޒަރާ މަށްވަރާ ކުރުމަށްފަހު ސެކްރެޓަރީ ޖެނެރަލް ހަމަޖައްސާ ގޮތެއްގެ މަތީންނެވެ. އަދި ސެކްރެޓަރީ ޖެނެރަލަށް ޗުއްޓީ ލިބޭނީ ކޮމިށަނުން ނިންމާ ގޮތެއްގެ މަތީންނެވެ.
(ބ) އަހަރީ ޗުއްޓީގައި މުވައްޒަފަކު ހުއްޓާ ކޮމިށަނުގެ އެއްވެސް މަސައްކަތެއް އެ މުވައްޒަފަކު ލައްވައި ކުރުވައިގެން ނުވާނެއެވެ.
65 ވަނަ މާއްދާ - މުސާރަ ނުލިބޭ ޗުއްޓީ
(ހ) ކޮމިށަނުގެ މުވައްޒަފަކު މުސާރަ ނުލިބޭގޮތަށް ވީއްލޭނީ، ތިރީގައިވާ ކަންތައްތަކުގެ ތެރެއިން ކަމަކާ ގުޅިގެން ކޮމިށަނުން އެގޮތަށް ނިންމުމުންނެވެ. އަދި މިގޮތަށް އެންމެ ކުރު މުއްދަތަކަށް ވީއްލޭނީ 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށެވެ.
- އަމިއްލަގޮތުން ކިޔެވުމަށްޓަކައި މުސާރަ ނުލިބޭގޮތަށް ވީއްލުމަށް ބޭނުންވުން.
(ހ) އަމިއްލަގޮތުން ކިޔެވުމަށްޓަކައި މުސާރަ ނުލިބޭގޮތަށް މުވައްޒަފަކު ވީއްލަންވާނީ ކޮމިށަނުގެ ޓްރެއިނިން ރިކްއަރމެންޓުގައި ހިމެނިފައިވާ، ނުވަތަ އެމީހަކު އަދާކުރާ ވަޒީފާގެ މަސައްކަތާ ގުޅޭ ތަމްރީނެއް ފުރިހަމަ ކުރުމަށެވެ.
(ށ) މިގޮތުން މުވައްޒަފަކު މުސާރަ ނުލިބޭގޮތަށް ވީއްލަންވާނީ އޮފީހުގެ ހިއުމަން ރިސޯސް ކޮމިޓީގެ މަށްވަރާގެ މަތީންނެވެ.
(ނ) އަމިއްލަގޮތުން ކިޔެވުމަށްޓަކައި މުސާރަ ނުލިބޭގޮތަށް ވީއްލުމަށް ބޭނުންވާ މުވައްޒަފުން ވީއްލޭނީ، ތައުލީމުދޭ ނުވަތަ ތަމްރީނުދޭ މަރުކަޒަކަށް އެމީހަކު ގަބޫލުކޮށްފައިވާ ކަމުގެ ލިޔުމެއް ހުށަހެޅުމުންނެވެ. އަދި އެ ހަދާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ގަބޫލުކުރާ ކޯހަކަށް ވާން ވާނެއެވެ. - ތިމާއަށް ސިއްހީ ފަރުވާއެއް ކުރުން ނުވަތަ ތިމާ ބަލަންޖެހިފައިވާ ނުވަތަ ބަލަހައްޓަން ޖެހިފައިވާ މީހަކު ފަރުވާ ބޭނުންވާ ބައްޔަކަށް ފަރުވާ ހޯދުމަށްޓަކައި، މުސާރަ ނުލިބޭގޮތަށް ވީއްލުމަށް ބޭނުންވުން.
(ހ) މި ފަދަ ހާލަތުގައި މުވައްޒަފަކު މުސާރަ ނުލިބޭގޮތަށް ވީއްލޭނީ، ބަލިވީ ތިމާނަމަ، އެ ބައްޔެއްގެ ބާވަތާއި މުސާރަ ނުލިބޭގޮތަށް ވީއްލުމަށް ބޭނުންވާ ކަމާއި ބޭނުންވާ މުއްދަތު ބަޔާންކޮށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ ފަރުވާދޭ ޑޮކްޓަރެއްގެ ސެޓްފިކެޓެއް ހުށަހެޅުމުންނެވެ.
(ށ) ބަލިވީ ތިމާ ބަލަހައްޓަން ޖެހިފައިވާ ނުވަތަ ބަލަންޖެހިފައިވާ މީހެއްނަމަ، އެ މީހެއްގެ ބަލީގެ ބާވަތާއި، އެ މީހަކަށް ފަރުވާކުރުމަށް ބޭނުންވާނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ ފަރުވާދޭ ޑޮކްޓަރެއްގެސެޓްފިކެޓެއް ހުށަހެޅުމާއެކު، އެ މީހެއްގެ ގާތުގައި ތިމާ ކޮންމެހެން ހުންނަން ޖެހޭކަން ބަޔާންކޮށް ހުށަހެޅުމުންނެވެ. - މުވައްޒަފަކަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން، އެ ހާލަތު ބަޔާންކޮށް ކޮމިށަނަށް ހުށަހެޅުމުން، ހިއުމަން ރިސޯސް ކޮމިޓީގައި މަށްވަރާ ކުރުމަށްފަހު، އެ މުވައްޒަފު ވަޒީފާގައި އަދާކުރަންޖެހޭ މަސައްކަތުގެ ބަދަލު އިންތިޒާމު ހަމަޖެއްސުމާއެކު، 3 މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް މުސާރަ ނުލިބޭގޮތަށް މުވައްޒަފު ވީއްލިދާނެއެވެ. މިގޮތުން މުވައްޒަފަކު މުސާރަ ނުލިބޭގޮތަށް ވީއްލަންވާނީ އެ މުވައްޒަފަކަށް ހައްގުވާ އަހަރީ ޗުއްޓީއެއް ނެތްނަމައެވެ. އަދި އެ މުއްދަތު މުވައްޒަފު ހިދުމަތުގައި ދެމިހުރި މުއްދަތެއް ކަމުގައި ގުނޭނެއެވެ.
(ށ) މުސާރަ ނުލިބޭގޮތަށް ވީއްލާފައި ހުންނަ މުއްދަތު ބޭނުންކުރަންވާނީ، މުސާރަ ނުލިބޭގޮތަށް ވީއްލި ބޭނުމަކަށެވެ. މި މުއްދަތުގެ ތެރޭގައި މުސާރަ ނުލިބޭގޮތަށް ވީއްލި ބޭނުން ނުހިފައި، އެހެންކަމެއް ކޮށްގެން ނުވާނެއެވެ. މި ގޮތާ ހިލާފަށް ޢަމަލުކޮށްފިނަމަ، މުސާރަ ނުލިބޭގޮތަށް ވީއްލި ވީއްލުން ކެންސަލްކުރުމާއެކު ވަޒީފާއަށް ނުކުތުމަށް އަންގައި، ނުނިކުމެއްޖެނަމަ މުސާރަ ނުލިބޭގޮތަށް ވީއްލި ދުވަހުން ފެށިގެން ކޮމިށަނުގެ ވަޒީފާއިން އެ މުވައްޒަފު ދާއިމީކޮށް ވަކިކުރުމަށް ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.
(ނ) ކޮމިށަނަށް ހިދުމަތް ކުރުމުގެ ބޮންޑެއް އޮތް މުވައްޒަފެއް މުސާރަ ނުލިބޭ ގޮތަށް ވީއްލި ބޭނުން ނުހިފައި، އެހެންކަމެއް ކުރާނަމަ ނުވަތަ މުސާރަ ނުލިބޭގޮތަށް ވީއްލި މުއްދަތު ހަމަވުމަށްފަހު، އޮފީހުގެ ވަޒީފާއަށް ނުނިކުންނަ ނަމަ ނުވަތަ ވީގޮތެއް ނާންގައި 15 (ފަނަރަ) ދުވަސް ވެއްޖެނަމަ، އެ މުވައްޒަފަކާމެދު ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.
(ރ) މުސާރަ ނުލިބޭ ޗުއްޓީ ހަމަވުމަށްފަހު، ވީގޮތެއް ނާންގައި އޮފީހަށް ނުނުކުމެ 15 ދުވަސް ވެއްޖެނަމަ، އެކަން މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ބައިން ސެކްރެޓަރީ ޖެނެރަލްގެ ސަމާލުކަމަށް ގެންނަން ވާނެއެވެ. އެ މުވައްޒަފެއްގެ މައްސަލައިގައި ޢަމަލުކުރަން ފެންނަ ގޮތަކާއެކު، ލަސްނުކޮށް ސެކްރެޓަރީ ޖެނެރަލް އެ މައްސަލަ ކޮމިށަނަށް ހުށަހަޅަން ވާނެއެވެ. އެކަމަށް ގޮތެއް ނިންމާނީ ކޮމިށަނުންނެވެ.
(ބ) ވިހެއުމާ ގުޅިގެން އަންހެން މުވައްޒަފަކަށް ލިބޭ ޗުއްޓީ ހަމަވުމުން، ދަރިފުޅުގެ މަންމައަށް ނުވަތަ ބައްޕައަށް ހަމައެކަނި ދަރިފުޅު ބެލުމަށްޓަކައި، އެއް އަހަރު ދުވަހުގެ ޗުއްޓީއެއް މުސާރަ ނުލިބޭގޮތަށް ނެގިދާނެއެވެ. މި ޗުއްޓީ ބޭނުންވާނަމަ، އަންހެން މުވައްޒަފަކަށް ވިހެއުމާ ގުޅިގެން އޭނާއަށް ދޭ ޗުއްޓީ ހަމަވުމުގެ 15 ދުވަހުގެ ކުރިން ޗުއްޓީ ނެގުމަށް އެދެންވާނެއެވެ.
66 ވަނަ މާއްދާ – އާއިލީ ޒިންމާގެ ޗުއްޓީއާއި ވިހެއުމުގެ ޗުއްޓީއާއި އަނބިމީހާ ވިހެއުމުން ފިރިމީހާއަށް ދެވޭ ޗުއްޓީއާއި ދަރިން ހިތާނުކުރުމާ ގުޅިގެން ދޭ ޗުއްޓީ
(ހ) ޢާއިލާގެ މުހިންމު ޒިންމާތަކާ ގުޅިގެން ކޮމިށަނުގެ ކޮންމެ މުވައްޒަފަކަށްވެސް މުސާރަ ލިބޭގޮތަށް އަހަރު ދުވަހުގެ ތެރޭގައި 10 (ދިހައެއް) ދުވަހުގެ ޗުއްޓީއެއް ނެގިދާނެއެވެ.
(ށ) އަހަރެއްގެ ތެރޭގައި 10 (ދިހައެއް) ދުވަހުގެ އިތުރަށް ޢާއިލީ ޒިންމާގެ ޗުއްޓީ ނަގަން ބޭނުންނަމަ ސަބަބު ބަޔާންކޮށް ހުށަހެޅުމުން އިތުރު 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް ދެވިދާނެއެވެ. މިގޮތަށް އިތުރަށް ދެވޭ ޗުއްޓީގައި ހުންނަ ކޮންމެ ދުވަހަކަށް އެމީހެއްގެ މުސާރައިން ދުވަހަކަށް ޖެހޭ އަދަދުގެ ދެބައިކުޅަ އެއްބައި ކެނޑޭނެއެވެ.
(ނ) މުވައްޒަފަކު ވިހާނެކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް ރަޖިސްޓަރީކޮށްފައިވާ ސިއްހީ ފަރުވާދޭ ޑޮކްޓަރަކު ދޫކުރާ މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން، އެ މުވައްޒަފަކަށް، އެ ސެޓްފިކެޓްގައި ބަޔާންކޮށްފައިވާ ތާރީހްން ފެށިގެން ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ ގޮތުގައި، ބަންދު ދުވަސްތައް ނުހިމަނައި 60 ދުވަހުގެ ޗުއްޓީއެއް ނެގިދާނެއެވެ.
(ރ) ވިހެއުމާ ގުޅިގެންދޭ 60 ދުވަހުގެ ޗުއްޓީގެ ތެރެއިން، ގިނަވެގެން 30 ދުވަހުގެ ޗުއްޓީއެއް ވިހާނެކަމަށް ލަފާކުރާ ތާރީހްގެ ކުރިން ނެގިދާނެއެވެ. މި ޗުއްޓީ ދޭނީ ބަންދު ދުވަސްތައް ނުހިމަނައެވެ.
(ބ) މުވައްޒަފަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީގައި ހުންނަ މުއްދަތުގައި ވަޒީފާގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ލިބިދޭ ހައްގުތަކާއި، ޢިނާޔަތްތަކާއި މަގާމުގެ ކުރިއެރުން ލިބިދިނުން ފަދަ ހައްގުތައް ފުރިހަމަޔަށް ލިބެންވާނެއެވެ. މިގޮތުން ވަޒީފާގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ލިބިދޭ ހައްގުތަކަށާއި، މަގާމުގެ ކުރިއެރުން ލިބުމަށާއި، ވަޒީފާގެ މުއްދަތު ގުނޭ ގުނުމަކަށް އެއްވެސް އުނިކަމެއް ގެނެސްގެން ނުވާނެއެވެ.
(ޅ) މި މާއްދާގެ (ނ) ނާއި (ރ) ގައި ބަޔާންކުރާ ޗުއްޓީގެ އިތުރުން މުވައްޒަފަކު ބަލިވެ އިނުމުގެ ސަބަބުން ވަޒީފާއަށް ނުކުތުމަށް އޭނާގެ ސިއްހީ ހާލަތު ތަންނުދޭކަމަށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ ފަރުވާދޭ ޑޮކްޓަރަކު ދޫކުރާ މެޑިކަލް ސެޓްފިކެޓު ހުށަހެޅުމުން، ވިހެއުމުގެ ކުރިން ގިނަވެގެން 28 ދުވަހުގެ ޗުއްޓީއެއް މުސާރަ ނުލިބޭގޮތަށް ނެގިދާނެއެވެ. އަދި ވިހެއުމުގެ ސަބަބުން ނުވަތަ ވިހޭ ދަރިފުޅު ބަލިވުމުގެ ސަބަބުން މުވައްޒަފަކު ޗުއްޓީއެއް ނަގަން ބޭނުންނަމަ، ރަޖިސްޓަރީކޮށްފައިވާ ސިއްހީ ފަރުވާދޭ ހާއްސަ ޑޮކްޓަރަކު ދޫކުރާ މެޑިކަލްސެޓްފިކެޓު ހުށަހެޅުމުން 28 ދުވަހުގެ ޗުއްޓީއެއް މުސާރަ ނުލިބޭ ގޮތަށް ނެގިދާނެއެވެ.
(ކ) މުވައްޒަފަކު، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ އުމުރުން ބާރަ މަސް ދުވަސް ވަންދެން ދަރިފުޅަށް ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދިނުމަށްޓަކައި، މުސާރައިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކުވެސް ދަރިފުޅު ގާތަށް ދިއުމަށް އިތުރު ހުސް ވަގުތު ކޮޅެއް މަސައްކަތުގެ ވަގުތުގެ ތެރެއިން ދެ ފަހަރު، ދޭންވާނެއެވެ. މިގޮތުން ކޮންމެ ފަހަރަކުވެސް ދޭންވާނީ 30 މިނެޓެވެ. 30 މިނެޓުގެ މި ދެ ހުސްވަގުތުކޮޅު މުވައްޒަފަކު ބޭނުންނަމަ އެއްފަހަރާ ނެގިދާނެއެވެ.
(އ) ފިރިހެން މުވައްޒަފަކަށް، ދަރިއަކު ލިބޭ ދުވަހުން ފެށިގެން، މުސާރަ ލިބޭގޮތަށް ބަންދު ދުވަސްތައް ނުހިމަނައި 5 (ފަހެއް) ދުވަހުގެ ޗުއްޓީއެއް ދޭންވާނެއެވެ.
(ވ) މުވައްޒަފެއްގެ ދަރިއަކު ހިތާނުކުރުމުން ހިތާނުކުރާ ދުވަހުން ފެށިގެން މުސާރަ ލިބޭގޮތަށް ބަންދު ދުވަސްތައް ނުހިމަނައި 5 ދުވަހުގެ ޗުއްޓީއެއް ދޭންވާނެއެވެ.
(މ) ކޮމިށަނުގެ މުވައްޒަފުންގެ ތެރެއިން، ފަރުޒު ހައްޖަށް ދާން އެދޭ މީހުންނަށް ހައްޖު ޗުއްޓީ ދެވޭނެއެވެ. މުސާރަ ލިބޭގޮތަށް ހައްޖު ޗުއްޓީ ދެވޭނީ، ހައްޖު ދަތުރަށް މާލެއިން ފުރާ ދުވަހުން ފެށިގެން ހައްޖުގެ އަޅުކަން ނިންމާ އެނބުރި އައުމާ ހަމަޔަށެވެ. މިގޮތުން ޗުއްޓީ ދެވޭނީ ބަންދު ދުވަސްތައް ނުހިމަނާ ގިނަވެގެން 30 ދުވަހެވެ.
(ފ) ކޮމިށަނުގެ މުވައްޒަފުންގެ ތެރެއިން، ޢުމްރާއަށް ދާން އެދޭ މީހުންނަށް ޢުމްރާ ޗުއްޓީ ދެވޭނެއެވެ. މުސާރަ ލިބޭގޮތަށް ޢުމްރާ ޗުއްޓީ ދެވޭނީ، ޢުމްރާ ދަތުރަށް މާލެއިން ފުރާ ދުވަހުން ފެށިގެން ޢުމްރާގެ އަޅުކަން ނިންމާ އެނބުރި އައުމާ ހަމަޔަށެވެ. މިގޮތުން ޗުއްޓީ ދެވޭނީ ބަންދު ދުވަސްތައް ނުހިމަނާ ގިނަވެގެން 30 ދުވަހެވެ.
(ދ) މުވައްޒަފުންނަށް ހައްޖު ނުވަތަ ޢުމްރާއަށް ދާން ޗުއްޓީދެވޭނީ ކޮންމެ 5 (ފަހެއް) އަހަރަކުން 1 (އެކެއް) ފަހަރުއެވެ.
9 ވަނަ ބާބު: މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު ބެލުމާއި ތަމްރީނުކުރުން
67 ވަނަ މާއްދާ – މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު ބެލުމާއި ތަމްރީނުކުރުން
(ހ) މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެ ބޭނުންކޮށްގެން ކޮމިށަނުގެ މަގްސަދުތައް ހާސިލު ވާގޮތަށް މުވައްޒަފުންގެ މަސައްކަތްތައް ކުރިއަށް ގެންދޭތޯ ބެލުމުގެ އިތުރުން، ކޮމިށަނުގެ މަސައްކަތްތަކާ ހަވާލުވެ ތިބޭ މުވައްޒަފުންނަށް އެމީހުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށް ބާރުއަޅަން ވާނެއެވެ.
(ށ) މަސައްކަތުގެ އަގު ވަޒަން ކުރުމަށްޓަކައި މަގާމުގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުމާއި، އަދި މި ނޫންވެސް މަސައްކަތާ އެހެނިހެން ޢިނާޔަތްތައް ގުޅުވަން ވާނެއެވެ. ކަނޑައަޅާފައިވާ މިންގަނޑަށް މަސައްކަތް ނުކުރެވޭ މުވައްޒަފުން އިސްލާހުކުރުމަށް މަގުފަހިކޮށް އެކަން އިންތިޒާމުކުރާ ނިޒާމަކަށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު ވާންވާނެއެވެ.
(ނ) ކޮމިށަނުގެ އެންމެހައި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަދުވެގެން އަހަރަކު 1 (އެކެއް) ފަހަރު ބަލަން ވާނެއެވެ.
(ރ) މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ސިޔާސަތާއި އުސޫލުތައް ކަނޑައަޅައި ކޮމިށަނުން ފާސްކޮށްފައި، އޮންނަން ވާނެއެވެ. މިކަން ކުރާނެ އުސޫލުތައް (ސްޓެންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރސް) ކަނޑައަޅައި، ކޮމިށަނުން ފާސްކޮށްފައި އޮންނަން ވާނެއެވެ.
(ބ) މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު ބެލުމަށްފަހު އޭގެ ނަތީޖާގެ ކޮޕީއެއް މުވައްޒަފަށް ދޭންވާނެއެވެ. އަދި މުވައްޒަފުގެ ހިދުމަތުގެ ފެންވަރު ކަނޑައަޅާފައިވާ މިންވަރަށްވުރެ ދަށްނަމަ، ކަނޑައެޅިފައިވާ އުސޫލުގެ މަތިން ފިޔަވަޅު އަޅަން ވާނެއެވެ.
(ޅ) މަސައްކަތުގެ ފެންވަރުގެ ނަތީޖާ އާ މެދު ހިތްހަމަ ނުޖެހޭނަމަ ސަބަބު ބަޔާންކޮށް، ސެކްރެޓަރީ ޖެނެރަލަށް އިލްތިމާސް ކުރުމުގެ ހައްގު ކޮންމެ މުވައްޒަފަކަށް ލިބިގެންވެއެވެ.
(ކ) މުވައްޒަފެއްގެ މަސައްކަތުގެ ފެންވަރުގެ ނަތީޖާ، މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލަންޖެހޭ ވެރިން ފިޔަވައި އެހެން މީހަކަށް ދައްކައިގެން ނުވާނެއެވެ.
(އ) ކޮމިށަނުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާނީ މިގަވާޢިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެކަމަށް ކަނޑައެޅިފައިވާ މިންގަނޑުތައް (ޓޫލްސް) ބޭނުންކޮށްގެން މާކްސް ދީގެންނެވެ.
(ވ) ކޮމިށަނުގެ މަސައްކަތާ ގުޅޭގޮތުން މުވައްޒަފުންނަށް ބޭނުންވާކަމަށް ކޮމިށަނަށް ފެންނަ ތަމްރީނު ދީގެންނާއި އެހެނިހެން ގޮތްގޮތުން، މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް ކޮމިށަނުގެ ސެކްރެޓޭރިއެޓުން މަސައްކަތް ކުރަން ވާނެއެވެ. ތަމްރީނު ދިނުމުގެ ގޮތްތަކުގެ ތެރެއިން އެފަހަރަކު ބޭނުންކުރާނެ ގޮތެއް ކަނޑައަޅާނީ، ތަމްރީނު ދޭންޖެހިފައިވާ މުވައްޒަފުންނާއި، ބޭނުންވާ ތަމްރީނުގެ ބާވަތަށާއި، އެކަމަށް ކުރަންޖެހޭ ހަރަދަށް ބަލައި، ހިއުމަން ރިސޯސް ކޮމިޓީއަށް ހުށަހެޅުމަށްފަހު، ކޮމިށަނުގެ ލަފާގެ މަތީން ސެކްރެޓަރީ ޖެނެރަލެވެ.
(މ) ދިގު މުއްދަތަށާއި، ކުރު މުއްދަތުގެ ކޯސްތަކަށް ފޮނުވާނެ މުވައްޒަފުން ކަނޑައަޅަންވާނީ ކޮމިށަނުގެ މުވައްޒަފުންގެ މެދުގައި އާންމުކޮށް އިޢުލާން ކޮށްގެންނެވެ. މިގޮތަށް އިޢުލާންކޮށްގެން ކެނޑިޑޭޓުން ހޮވުމުގައި ށަރުތު ހަމަވާ މުވައްޒަފުންގެ ތެރެއިން އިސްކަންދޭނީ ކޮމިށަނުގައި އެއް އަހަރަށްވުރެ ގިނަދުވަހު ވަޒީފާ އަދާ ކޮށްފައިވާ މުވައްޒަފުންނަށެވެ.
(ފ) ބޭނުންވާ ފެންވަރަށް ރާއްޖޭގައި ތަމްރީނު ދެވެންހުރި ދާއިރާއެއްގައި ނަމަ އެ ތަމްރީނުގައި ބައިވެރިކުރާނީ ރާއްޖޭގައި ތަމްރީނުދޭ ކޯހުގައެވެ. ރާއްޖެއިން ބޭރަށް ތަމްރީނު ދިނުމަށް ފޮނުވަން ޖެހިއްޖެނަމަ، އެފަދަ ނިންމުމެއް ނިންމާނީ ހިއުމަން ރިސޯސް ކޮމިޓީއަށް ހުށަހެޅުމަށްފަހު، ކޮމިށަނުން ނިންމާ ގޮތެއްގެ މަތިން ސެކްރެޓަރީ ޖެނެރަލެވެ.
(ދ) ކުރު މުއްދަތުގެ ކޯސްތަކާއި، ޓްރެއިނިންގ، ސެމިނާރ، ވާރކްށޮޕް، ސްޓަޑީ ޓުއަރ ފަދަ ކަންކަމަށް މީހުން ފޮނުވާނީ ހިއުމަން ރިސޯސް ކޮމިޓީއަށް ހުށަހެޅުމަށްފަހު، ކޮމިށަނުން ނިންމާ ގޮތެއްގެ މަތިން ސެކްރެޓަރީ ޖެނެރަލެވެ. މިފަދަ ކޯސްތަކަށް މުވައްޒަފުން ފޮނުވުމުގައި ތިރީގައި ބަޔާންކުރެވިފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް އެކުލަވާލާފައި އޮންނަ މިންގަނޑު ތަކަށް ބަލަންވާނެއެވެ.
- އޮފީހުގެ މަސައްކަތް ކުރިއަރުވައި ތަރައްގީ ކުރުމަށްޓަކައި އޮފީހަށް ބޭނުން ތަމްރީނެއް ކަމުގައިވުން.
- ތަމްރީނުކުރަން ފޮނުވާ މީހަކީ، އެ ތަމްރީނެއް ފުރިހަމަކުރުމަށް ބޭނުންވާ ފެންވަރުހުރި އޭނާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ އަދި އެ ކަމަށް ށައުގުހުރި މީހެއް ކަމުގައިވުން.
- އެ ތަމްރީނެއް އޮންނަ ދުވަސްވަރާ ފުށުއަރާ ގޮތަށް އެހެންކަމެއްގެ ތަމްރީނަށް ފޮނުވަން ހަމަޖެހިފައިވާ މީހަކު ކަމުގައި ނުވުން.
- ވަޒީފާ އަދާކުރުމުގައި ރަނގަޅު ރެކޯޑެއް އޮތުން.
- ކޮމިށަނުގައި މަސައްކަތްކުރާތާ މަދުވެގެން 1 (އެކެއް) އަހަރުވެފައިވުން.
68 ވަނަ މާއްދާ – ތަމްރީނަށް ފޮނުވާ މުވައްޒަފުން އިގްރާރުވުމާއި، ރާއްޖެއިން ބޭރުގައި ކޯސް ފުރިހަމަކުރުން
(ހ) ކޮމިށަނުން ހަރަދެއް ކުރާ ގޮތަށް، ނުވަތަ ކޮމިށަނަށް ލިބޭ ފުރުސަތެއްގައި މުވައްޒަފުން ތަމްރީނު ކުރަން ފޮނުވަންވާނީ، ތަމްރީނު ލިބިގެން އައުމަށްފަހު ސަރުކާރުގެ ސްކޫލު މަދަރުސާތަކާއި ސަރުކާރު ހަރަދު ދީގެން ހިންގާ ސްކޫލު މަދަރުސާތަކާއި ރާއްޖެއާއި ރާއްޖެއިން ބޭރުން ސަރުކާރުގެ ހަރަދު ދީގެން ތަޢުލީމާއި ތަމްރީނު ހޯދާ މީހުން ހިދުމަތް ކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތީން، ކޮމިށަނަށް ހިދުމަތްކުރުމުގެ އިގްރާރެއްގައި ސޮއިކުރުމުންނެވެ.
(ށ) 3 މަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްގެ ކޯހަކަށް މުވައްޒަފަކު ރާއްޖެއިން ބޭރަށް ފޮނުވާނަމަ، އެމީހަކު ފޮނުވާނީ ވަޒީފާއިން ވަކިނުކޮށެވެ. އެ ދުވަސް ތަކަށް ގަވާޢިދުން އުޖޫރަ ލިބޭނެއެވެ.
(ނ) 3 މަސް ދުވަހަށްވުރެ ދިގު މުއްދަތަށް ކޮމިށަނުގެ ދާއިމީ މުވައްޒަފަކު، ކޯހެއްގައި ފޮނުވާއިރު ނުވަތަ މުވައްޒަފަކު އަމިއްލަޔަށް ހޯދައިގެން ކޯހެއް ހަދަމުންދާއިރު، އަސާސީ މުސާރަ އާ އެއްވަރުގެ ފައިސާގެ އެހީއެއް ލިބޭގޮތަށް ހަމަޖައްސައިދިނުމަށް އެ މުވައްޒަފަކު ކޮމިށަނުގައި އެދިއްޖެނަމަ، އެމުވައްޒަފަކަށް އެފަދަ ޢިނާޔަތެއް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީން ދެވިދާނެއެވެ. ނަމަވެސް މި އެހީ ލިބޭގޮތަށް ހަމަޖައްސައިދޭންވާނީ، ތިރީގައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތް ކުރުމަށް ފަހުގައެވެ.
- ހަދާ ކޯސް، ކޮމިށަނުގެ ޓްރެއިނިންގ ރިކުއަރމަންޓްގައި ހިމެނިފައިވުން.
- ތަޢުލީމުދޭ ނުވަތަ ތަމްރީނު ދޭ މަރުކަޒަކުން އެމީހަކު ގަބޫލުކޮށްފައިވާކަން ބަޔާންކޮށް، އެ މަރުކަޒުން ދޫކޮށްފައިވާ ލިޔުމެއް ހުށަހަޅާފައިވުން.
- އެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ގަބޫލުކުރާ ކޯހެއް ކަމުގައިވުން.
(ރ) ކޮމިށަނުގެ ފަރާތުން ނުވަތަ ކޮމިށަނުން ފައިސާގެ އެހީ ލިބޭ ގޮތަށް ދިގު މުއްދަތުގެ ކޯސްތަކުގައި ބައިވެރިވާ މީހުން، އެމީހަކު ބައިވެރިވި ކޯސް ފުރިހަމަކޮށް ނިންމަން ވާނެއެވެ. އަދި ކޯސް ނިމުމުން، އެކޯހަކީ ރާއްޖޭގައި ހުރެގެން ހެދިކޯހެއްނަމަ ކޯސް ނިމޭތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި، އަދި އެކޯހަކީ ރާއްޖޭން ބޭރުގައި ހުރެގެން ހެދި ކޯހެއްނަމަ ކޯސް ނިމޭތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ކޮމިށަނަށް ރިޕޯޓް ކުރަން ވާނެއެވެ.
(ބ) ކޯސް ނިމިގެން އޮފީހަށް ނުކުންނައިރު ކޯހުގެ ސެޓްފިކެޓް އޮފީހަށް ހުށަހަޅަން ވާނެއެވެ. ފުރިހަމަ ކުރި ކޯހުގެ ސެޓްފިކެޓް ލިބުން ލަސްވެއްޖެނަމަ، ކިޔެވި މަރުކަޒުން ނުވަތަ ކޯހާބެހޭ ރަސްމީ ފަރާތަކުން އެ މީހަކު ކޯސް ފުރިހަމަކުރިކަމުގެ ލިޔުމެއް ހޯދައި، އެ ލިޔުން ލަސްނުކޮށް ހުށަހަޅަން ވާނެއެވެ.
(ޅ) ކޮމިށަން މެދުވެރިވެގެން ތަމްރީނުވާ މީހަކު މަގުބޫލު ޢުޒުރެއް ނެތި ކޯސް ފުރިހަމަ ނުކޮށް އަތުވެއްޖެނަމަ، ނުވަތަ ކޯހުން ފާސްނުވެ އަތުވެއްޖެނަމަ، އެކޯހަކީ ކޮމިށަނުގެ ހަރަދުގައި ހެދި ނުވަތަ ކޮމިށަނުން އެލަވަންސެއް ދިން ކޯހަކަށްވާނަމަ، އެކޯހެއް ހެދުމަށް އެމީހަކަށް ކޮމިށަނުން ކުރި ހަރަދު އަނބުރާ ދޭންވާނެއެވެ.
69 ވަނަ މާއްދާ – ރާއްޖެ އާއި ރާއްޖެއިން ބޭރުގައިކޯސް ފުރިހަމަކުރުމާ ގުޅިގެން ހިދުމަތްކުރުން
(ހ) ރާއްޖެއިން ތަމްރީނު ދެވޭ ކޯސްތަކުގައި ކޮމިށަނުން ބައިވެރިކުރާ މީހުންނާއި، ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަމްރީނު ދެވޭ ނުވަތަ ކިޔަވައިދެވޭ މީހުން، އެމީހަކަށް ކިޔަވައިދެވުނު ނުވަތަ ތަމްރީނު ދެވުނު މުއްދަތަކާ ގުޅޭގޮތުން، ކޮމިށަނަށް ހިދުމަތް ކުރުމަށް އިގުރާރުވާން ވާނެއެވެ.
(ށ) ކޮމިށަނަށް ހިދުމަތް ކުރަންޖެހިފައިވާ މުއްދަތު ހަމަނުވެ އޮއްވާ ކޯހެއްގައި ބައިވެރިވެގެން ނުވަތަ އެނޫން ގޮތަކުން ކޮމިށަނަށް ހިދުމަތް ކުރަންޖެހޭ މުއްދަތަށް ބަދަލެއް އަންނަގޮތް ދިމާވެއްޖެ ނަމަ، އެމީހަކު ހިދުމަތް ކުރަންވާނީ ކުރިން ހިދުމަތް ކުރަންޖެހިފައިވާ މުއްދަތުން ބާކީއޮތް ދުވަހަށް ބަލައި، މި ދެ ބައިގެ ތެރެއިން ބޮޑުބަޔަކަށެވެ.
(ނ) ތަމްރީނު ކޯހުގައި ބައިވެރިވުމާ ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވާ މީހެއްނަމަ ހިދުމަތްކުރުމުގެ މުއްދަތު ކެނޑެމުންދާނީ، ތަމްރީނު ނިމުމަށްފަހު އެމީހަކު ވަޒީފާ އަދާކުރަންފެށި ތާރީހް ކުން ފެށިގެންނެވެ.
70 ވަނަ މާއްދާ – ކޮމިށަނުގެ ފަރާތުން ތަމްރީނު ދޭ މީހުންގެ މައުލޫމާތު ބެލެހެއްޓުން
(ހ) ކޮމިށަން މެދުވެރިވެގެން ކިޔަވައިދޭ ނުވަތަ ތަމްރީނު ދޭ ކޮންމެ މީހަކާބެހޭ މަޢުލޫމާތު، ކޮމިށަނުގެ އިދާރާގެ ކަމާބެހޭ ސެކްށަން ނުވަތަ ޑިވިޒަނުން ބަލަހައްޓަމުން ގެންދަންވާނެއެވެ.
(ށ) ކޯހުގައި ގޮސް ހުންނަ މީހަކު ކޮންމެ ޓާރމެއް ނުވަތަ ސެމެސްޓަރއެއް ނިމުމުން، އެ ޓާރމުގެ ނުވަތަ ސެމެސްޓަރގެ ނަތީޖާ ކޮމިށަނަށް ފޮނުވަން ވާނެއެވެ. އަދި ކޯހުގެ މުއްދަތަށް ނުވަތަ ކިޔަވަން ދިޔަ ދާއިރާއަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެ ބަދަލެއް ގެންނަންވާނީ، ކޮމިށަނަށް ލިޔެ އެކަމުގެ ހުއްދަ ލިޔުމަކުން ހޯދައިގެންނެވެ.
10 ވަނަ ބާބު: ރެކޯޑުތައް ބެލެހެއްޓުން
71 ވަނަ މާއްދާ – ރަޖިސްޓަރީ ބެލެހެއްޓުން
(ހ) ކޮމިށަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަޢުލޫމާތު ބަލަހައްޓަމުން ގެންދަން ވާނެއެވެ.
(ށ) ކޮމިށަނުގެ އިދާރާގެ މަގާމުތަކުގެ ރަޖިސްޓަރީއާއި، މުވައްޒަފުންގެ ރަޖިސްޓަރީ ބަލަހައްޓަން ވާނެއެވެ. މިގޮތުން މައިގަނޑު ގޮތެއްގައި ބަލަހައްޓާނީ، ތިރީގައިމިވާ ބާވަތްތަކުގެ ރަޖިސްޓަރީއެވެ. މި ރަޖިސްޓަރީތައް މިކަމަށް ތައްޔާރުކޮށްފައިވާ ކޮމްޕިއުޓަރ ޑޭޓާބޭސް އެއްގައި ނުވަތަ ފޮތްތަކުގައިވެސް ބެލެހެއްޓިދާނެއެވެ. މިގޮތަށް ކޮމްޕިއުޓަރުން ބަލަހައްޓަމުން ގެންދާ މަޢުލޫމާތުގެ ބެކްއަޕް އާއި ހާޑްކޮޕީ ކޮމިށަނުގެ އިދާރާގައި ރައްކާކުރެވިފައި ހުންނަން ވާނެއެވެ.
- މަގާމުގެ ރަޖިސްޓަރީ.
- ދާއިމީ މުވައްޒަފުންގެ ރަޖިސްޓަރީ.
- ވަގުތީ މުވައްޒަފުންގެ ރަޖިސްޓަރީ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަޖިސްޓަރީތަކުގައި ލިޔަންވާނީ، ވަޒީފާއާ ގުޅިގެން އޮފީހަށް ލިބޭ ލިޔުން އެއީ އަސްލުކަމަށް ބަލައި، އޭގައިވާ ގޮތަށެވެ. މިފަދަ ލިޔުމެއްނެތި، ރަޖިސްޓަރީގައި ލިޔެފައިވާ އެއްޗަކަށް ގެންނަ ބަދަލަކީ ސައްހަ ބަދަލެއް ނޫނެވެ.
72 ވަނަ މާއްދާ – މަގާމުތަކުގެ ރަޖިސްޓަރީ
(ހ) މަގާމުތަކުގެ ރަޖިސްޓަރީގައި ހިމަނައި ބަލަހައްޓާނީ، އޮފީހުގައި އެވަގުތަކު ހުރި މަގާމުތަކާއި، ކުރިން ހުރި މަގާމުތަކާއި، މަގާމުތަކަށް އަންނަ ބަދަލާއި، އެ މަގާމުތަކާބެހޭ މަޢުލޫމާތެވެ.
(ށ) މަގާމުތަކުގެ ރަޖިސްޓަރީގައި އަންނަނިވި މަޢުލޫމާތު ހުންނަން ވާނެއެވެ.
- މަގާމުގެ ނަން.
- މަގާމުގެ ނަންބަރު.
- މަގާމު އިތުރުކުރި އަދަދު.
- މަގާމު އުނިކުރި އަދަދު.
- މަގާމު އިތުރުކުރުމުން ނުވަތަ އުނިކުރުމުން ބާކީއޮތް ޖުމްލަ އަދަދު.
- މަގާމު އުފެއްދި ޗިޓު/ސިޓީ ނަންބަރާއި ތާރީހް.
- މަގާމު އުވާލި ޗިޓު/ސިޓީ ނަންބަރާއި ތާރީހް.
- މަގާމުގެ މުސާރަ.
- މަގާމުގެ އެލަވަންސްތަކާއި އެހެނިހެން ޢިނާޔަތްތައް.
- އުޖޫރަ ހަމަޖެއްސި ޗިޓު/ސިޓީ ނަންބަރާއި ތާރީހް.
73 ވަނަ މާއްދާ – މުވައްޒަފުންގެ ދާއިމީ ރަޖިސްޓަރީ
(ހ) ކޮމިށަނުގެ މުވައްޒަފުންގެ ދާއިމީ ރަޖިސްޓަރީގައި ހިމަނައި ބަލަހައްޓާނެ، އޮފީހުގެ މަގާމުތަކުގައި އެވަގުތަކު ތިބި މުވައްޒަފުންނާއި ކުރިން އުޅެފައިވާ މުވައްޒަފުންގެ މަޢުލޫމާތެވެ.
(ށ) ދާއިމީ މުވައްޒަފުންގެ ރަޖިސްޓަރީގައި، އަންނަނިވި މަޢުލޫމާތު ހުންނަން ވާނެއެވެ.
- މަގާމުގެ ނަން.
- މުވައްޒަފުގެ ނަމާއި ދާއިމީ އެޑްރެސް.
- މުވައްޒަފުގެ ދިވެހިރައްޔިތެއްކަން އަންގައިދޭކާޑު ނަންބަރު.
- މުވައްޒަފުގެ ހިދުމަތުގެ ރެކޯޑުކާޑު ނަންބަރު.
- މަގާމު ހަމަޖެހިފައިވާ ސެކްށަން.
- މަގާމުގެ މުސާރަ.
- މަގާމުގެ ކްލެސިފިކޭށަން.
- މަގާމުގެ ރޭންކް.
- ސަރވިސް ކެޓަގަރީ.
- މުވައްޒަފަށް ލިބޭ މުސާރަ
- މުސާރައިގެ އިތުރަށް ދެވޭ ޢިނާޔަތްތައް.
- މުވައްޒަފު ހިދުމަތް ކުރަންފެށި ތާރީހް.
- މުވައްޒަފަށް ވަޒީފާ ދިން ނުވަތަ ވަޒީފާ ބަދަލުކުރި ނުވަތަ ވަޒީފާއިން ވަކިކުރި ތާރީހްއި ޗިޓު ނަންބަރު.
(ނ) ކޮމިށަނުގެ މުވައްޒަފަކު ވަކިވުމުން ނުވަތަ ބަދަލުވުމުން، ރަޖިސްޓަރީގައި، ވަކިވި ނުވަތަ ބަދަލުވި ތާރީހް އެނގެން އޮންނަންވާނެއެވެ.
74 ވަނަ މާއްދާ – ވަގުތީ މުވައްޒަފުންގެ ރަޖިސްޓަރީ
(ހ) ކޮމިށަނުގެ ވަގުތީ މުވައްޒަފުންގެ ރަޖިސްޓަރީއެއް އޮންނަން ވާނެއެވެ.
(ށ) ވަގުތީ މުވައްޒަފުންގެ ރަޖިސްޓަރީގައި އަންނަނިވި މަޢުލޫމާތުތައް ހުންނަން ވާނެއެވެ.
- ނަމާއި އެޑްރެސް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު.
- އުފަން ތާރީހް.
- މަގާމު އޮތް ސެކްށަން.
- މަގާމުގެ ނަން.
- މަގާމުގެ ނަންބަރު.
- މަގާމުގެ ރޭންކް.
- މަގާމުގެ ކްލެސިފިކޭށަން.
- މަގާމުގެ މުސާރަ.
- މަގާމަށް ކަނޑައެޅިފައިވާ އިތުރު ޢިނާޔަތްތައް.
- ގެންގުޅެން ފެށި ތާރީހް.
- ދޫކޮށްލި ތާރީހް.
- ދޫކޮށްލި ސަބަބު.
75 ވަނަ މާއްދާ – ކޮމިށަނުގެ މަސްއޫލިއްޔަތެއް އަދާކުރުމަށް ގެންގުޅޭ ކޮމިށަނުގެ އިދާރާގައި ނުހިމެނޭ މީހުންގެ ރަޖިސްޓަރީ
(ހ) ކޮމިށަނުގެ މަސްއޫލިއްޔަތެއް އަދާކުރުމަށް ކޮމިށަނުގެ ދާއިމީ ނުވަތަ ވަގުތީ މުވައްޒަފުންގެ ގޮތުގައި ނުހިމެނޭ މީހުން ގެންގުޅޭނަމަ، އެ މީހުންގެ ރަޖިސްޓަރީއެއް އޮންނަން ވާނެއެވެ. އަދި މީގެއިތުރުން ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހުންގެ ރަޖިސްޓަރީއެއް އޮންނަން ވާނެއެވެ.
(ށ) ކޮމިށަނުގެ މަސްއޫލިއްޔަތެއް އަދާކުރުމަށް ގެންގުޅޭ ކޮމިށަނުގެ ދާއިމީ ނުވަތަ ވަގުތީ މުވައްޒަފުން ނޫން މީހުންނަކީ ކޮމިށަނުގައި ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ވަކި މުއްދަތަކަށް ކޮންޓްރެކްޓް ކޮށްގެން ގެންގުޅޭ މީހުންނެވެ. މިގޮތަށް މަސައްކަތްކުރާ މީހުންނަކީ ކޮމިށަނުގެ މުވައްޒަފުންނެއް ނޫނެވެ.
(ނ) ކޮމިށަނުގެ މަސްއޫލިއްޔަތެއް އަދާކުރުމަށް ގެންގުޅޭ ކޮމިށަނުގެ ދާއިމީ ނުވަތަ ވަގުތީ މުވައްޒަފުންގެ ގޮތުގައި ނުހިމެނޭ މީހުންގެ ރަޖިސްޓަރީގައި އަންނަނިވި މަޢުލޫމާތުތައް ހުންނަން ވާނެއެވެ.
- ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް.
- އައިޑެންޓިޓީ ކާޑު ނަންބަރު، ބިދޭސީއެއްނަމަ ޕާސްޕޯޓް ނަންބަރު.
- ގައުމީ ނިސްބަތް.
- އުފަން ތާރީހް.
- މަސައްކަތްކުރާ ސެކްށަން.
- ކޮންޓްރެކްޓް އުސޫލުން މީހާ ގެންގުޅޭ މަގާމު.
- ކްލެސިފިކޭށަން.
- މުސާރަ.
- މީހާއަށް ދެވޭ މުސާރައާއި ޢިނާޔަތްތައް.
- ގެންގުޅެން ފެށި ތާރީހް.
- ދޫކޮށްލި ތާރީހް.
- ދޫކޮށްލި ސަބަބު.
76 ވަނަ މާއްދާ – މުވައްޒަފުންގެ މައުލޫމާތު ބެލެހެއްޓުން
(ހ) ކޮމިށަނުގެ ކޮންމެ މުވައްޒަފަކަށް (ދާއިމީ،ވަގުތީ) ތިރީގައިވާ ގޮތުގެ މަތިން މަޢުލޫމާތު ފައިލެއް ތައްޔާރުކޮށް ބަލަހައްޓަމުން ގެންދަން ވާނެއެވެ.
- ވަޒީފާ ލިބިގެން މުވައްޒަފު އޮފީހަށް ނުކުތުމާއެކު، ކޮމިށަނުން އެ މުވައްޒަފުގެ މަޢުލޫމާތު ފައިލް ހަދައި، އެ ފައިލަށް ނަންބަރެއް ދޭންވާނެއެވެ.
- މުވައްޒަފުގެ ފައިލަށް ނަންބަރު ދޭނީ އެ މުވައްޒަފަކަށް ދީފައި އޮންނަ، ހިދުމަތުގެ ރެކޯޑްކާޑު ނަންބަރެވެ. އަދި ފައިލް ހެދުމަށްފަހު، އެ މުވައްޒަފަކާ ބެހޭގޮތުން ލިޔާ ލިޔުންތަކުގައި މި ނަންބަރު ޖަހަމުން ގެންދަން ވާނެއެވެ.
- ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މީހުންނަށްވެސް އެމީހެއްގެ މަޢުލޫމާތު ފައިލް ހަދައި، ބަލަހައްޓަމުން ގެންދަން ވާނެއެވެ.
(ށ) މުވައްޒަފުންގެ މަޢުލޫމާތު ފައިލުގައި މަދުވެގެން، ތިރީގައިވާ ލިޔުންތައް ހުންނަން ވާނެއެވެ.
- ވަޒީފާއަށްއެދި ފުރި ފޯމު ނުވަތަ ފޮނުވި ސިޓީ.
- ފޯމު ނުވަތަ ސިޓީ އާއިއެކު ހުށަހަޅާފައިވާ ސީވީ.
- ލިބިފައިވާ ފާސްތަކާއި ސަނަދުތަކާއި ލިޔުންތަކުގެ އަސްލާ އެއްގޮތްކަން ބަޔާންކޮށްފައިވާ ކޮޕީ.
- ކުރީގައި ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ދީފައިވާ ލިޔުން ހުށަހަޅާފައިވާނަމަ، އެ ލިޔުންތައް.
- ކޮމިށަނުގެ ވަޒީފާއަށް ވަންނަންއެދޭ މީހުންގެ ކުށުގެ ރެކޯޑު ބަލާ ފޯމު.
- ވަޒީފާދިން ޗިޓު (ނުވަތަ ޗިޓުގެ ކޮޕީ).
- ވަޒީފާގެ އެއްބަސްވުމުގެ އަސްލު.
- ވަޒީފާ ދިނުމުން، ބަދަލުކުރުމުން، ވަކިކުރުމުން، އެކަން މުވައްޒަފަށް އެންގި ލިޔުމުގެ ކޮޕީ.
- ވަޒީފާ ބަޔާނުގެ ކޮޕީ.
- މުވައްޒަފާ ގުޅޭގޮތުން ބަދަލުކުރެވޭ ލިޔެކިޔުންތަކުގެ ކޮޕީ.
- ސަލާމް ސިޓީއާއި، ޗުއްޓީއަށް އެދި ފޮނުވާ ސިޓީއާއި، ޑޮކްޓަރު ސެޓްފިކެޓް.
- ޗުއްޓީދޭ ލިޔުން (ނުވަތަ އެ ލިޔުމުގެ ކޮޕީ).
- ވަޒީފާގައި ގެންގުޅެން ފެށުމަށްފަހު، ތަމްރީނު ކޯހެއް ފުރިހަމަ ކޮށްފައިވާނަމަ، ފުރިހަމަކުރި ކޯހާ ބެހޭ މަޢުލޫމާތު (ލިބިފައިވާ ސެޓްފިކެޓުތަކުގެ ކޮޕީއާއެކު)
- އިސްލާހީ ފިޔަވަޅުތަކުގެ ރެކޯޑު.
- ކޮމިށަނުގެ ވަޒީފާ ލިބުމަށްފަހު ގާނޫނީގޮތުން ބަންދެއްވެ، ށަރީޢަތުން އަދަބެއް ލިބިފައިވާނަމަ އެކަމުގެ ރެކޯޑު.
- އެހެން އޮފީހަކުން ހިންގާ ކަމެއްގައި ނުވަތަ ގައުމީ ފެންވަރުގައި ހިންގާ ކަމެއްގައި ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ކަމެއްގައި ކޮމިށަން ތަމްސީލުކުރުމަށް ފޮނުވިފައިވާނަމަ އެކަމުގެ މަޢުލޫމާތު.
- ވަގުތީގޮތުން އެކިއެކި ހާއްސަ މަސައްކަތް ހަވާލުކޮށްފައިވާނަމަ އެކަމުގެ މައުލޫމާތު.
- ވަޒީފާ ބަދަލުކުރި ޗިޓު (ނުވަތަ ޗިޓުގެ ކޮޕީ).
- މަސައްކަތުގެ ފެންވަރު ބެލި ފޯމު
- މުސާރައިގެ ކުރިއެރުން ހަމަޖެއްސި ޗިޓް (ނުވަތަ ޗިޓުގެ ކޮޕީ).
- ވަޒީފާއިން ވަކިކުރި ޗިޓު (ނުވަތަ ޗިޓުގެ ކޮޕީ).
- ވަޒީފާ އަދާކުރިގޮތުގެ ލިޔުމުގެ ކޮޕީ.
(ނ) ކޮމިށަން މެދުވެރިވެގެން ކިޔަވައިދޭ ނުވަތަ ތަމްރީނުދޭ ކޮންމެ މީހަކާ ބެހޭގޮތުން، ތިރީގައިވާ މަޢުލޫމާތު އެމީހެއްގެ ފައިލުގައި ފައިލް ކުރަމުން ގެންދަން ވާނެއެވެ.
- ގާނޫނު ގައިވާ ގޮތުގެ މަތިން ހިދުމަތް ކުރަންޖެހޭ މީހުންގެ ރެކޯޑު ފޯމު.
- ކޮމިށަން މެދުވެރިވެގެން ސްކޮލަރށިޕްގައި ދިއުމަށް އެދޭ މީހުން ފުރާ އެޕްލިކޭށަން ފޯމު.
- ކޯސް ލިބިފައިވާ މުވައްޒަފާ ކޮމިށަނާ ދެމެދު ވެވޭ އެއްބަސްވުން.
- ކޯސް ފުރިހަމަ ކުރުމުން ލިބޭ ސެޓްފިކެޓްގެ ކޮޕީ.
- ކޯހުން ހާއްސަ ވަނައެއް ހޯދުމާ ގުޅިގެން ލިޔުމެއް ލިބިފައިވާނަމަ އެ ލިޔުމުގެ ކޮޕީ.
(ރ) ވަޒީފާ ލިބޭ މީހުންގެ މަޢުލޫމާތު ފައިލުތަކުގައި އެ މުވައްޒަފަކާ ބެހޭގޮތުން ފައިލުކުރަންޖެހޭ ހުރިހާ ލިޔުންތަކެއް ހަމައަށް ފައިލުކުރަމުން ގެންދަން ވާނެއެވެ. މިގޮތުން ފައިލުކުރާ ލިޔުންތަކުގައި އެ ލިޔުންތަކުގެ ތާރީހް ތަރުތީބުން ނަންބަރު ޖަހަންވާނެއެވެ.
(ބ) މުވައްޒަފުންގެ މަޢުލޫމާތު ފައިލުތައް ވަކި މުވައްޒަފަކާ ހަވާލުކޮށް ރައްކާތެރި ގޮތެއްގައި ބަލަހައްޓަން ވާނެއެވެ.
(ޅ) ކޮމިށަނުގެ މުވައްޒަފުންގެ މަޢުލޫމާތު ފައިލުގައިވާ ލިޔުންތަކަކީ ސިއްރު ލިޔުންތަކެކެވެ. މަސައްކަތާ ގުޅޭގޮތުން ކޮންމެހެން ބަލަންޖެހޭ މުވައްޒަފަކު ފިޔަވައި އެހެން މުވައްޒަފުން އެ ފައިލުގައިވާ ލިޔުންތައް ބަލައި ހަދައިގެން ނުވާނެއެވެ.
(ކ) މުވައްޒަފަކު، އެ މުވައްޒަފެއްގެ ޕަރސަނަލް ފައިލް ބަލަން ބޭނުންވެއްޖެނަމަ، ޕަރސަނަލް ފައިލް ބަލަހައްޓާ މުވައްޒަފުގެ ބެލުމުގެ ދަށުން އެ ފައިލުގައިވާ ލިޔެކިޔުންތައް ދައްކަން ވާނެއެވެ.
77 ވަނަ މާއްދާ – މުވައްޒަފުންގެ މައުލޫމާތުތަކަށް ބަދަލު ގެނައުން
(ހ) މުވައްޒަފެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ މަޢުލޫމާތުތަކަށް ބަދަލެއް އަތުވެއްޖެނަމަ އެކަން އެ މުވައްޒަފަކު، އެ ބަދަލެއް ގެންނަތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.
(ށ) މުވައްޒަފެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ، ބަދަލު ގެނެވުނު މަޢުލޫމާތު ކޮމިށަނަށް ހުށަހަޅާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ މުވައްޒަފެއްގެ ވަޒީފާއާ ބެހޭ ހުރިހާ ލިޔެކިޔުންތައް އިސްލާހު ކުރަންވާނެއެވެ.
78 ވަނަ މާއްދާ – އަދާކުރި ވަޒީފާގެ ލިޔުން
(ހ) ކޮމިށަނުގެ މުވައްޒަފަކު އެހެން އޮފީހަކަށް ބަދަލުވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ގޮތަކުން ވަޒީފާއިން ވަކިކުރާނަމަ، ވަޒީފާ އަދާކުރިގޮތުގެ ލިޔުން ވަޒީފާއިން ވަކިކުރާ ދުވަހު އެ މުވައްޒަފަކަށް ދޭންވާނެއެވެ. އަދި މިގޮތަށް ލިޔުން ދޭއިރު އަންނަނިވި ކަންތައްތައް އެލިޔުމުގައި ހިމަނަން ވާނެއެވެ.
- ވަޒީފާގައި އުޅުނު މީހާގެ ނަމާއި އެޑްރެސް.
- އޮފީހުގެ މަސައްކަތުގެ ބާވަތް.
- މެދުކެނޑުމެއްނެތި އެ އޮފީހުގެ ވަޒީފާގައި އެ މުވައްޒަފަކު ދެމިހުރި މުއްދަތު.
- ވަޒީފާ އަދާކުރި ތަން، ސެކްށަން، ނުވަތަ ޔުނިޓް.
- ވަޒީފާއިން ވަކިވިއިރު އެ މުވައްޒަފަކު އަދާކުރަމުން އައި ވަޒީފާ.
- ވަޒީފާއިން ވަކިވިއިރު އެ މުވައްޒަފަކަށް ލިބެމުންދިޔަ މުސާރައާއި އެހެނިހެން މާލީ ޢިނާޔަތްތައް.
11 ވަނަ ބާބު: ފައިސާއާއި މުދަލާ ބެހޭ ބައި
79 ވަނަ މާއްދާ – ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއި ހަރަދު ކުރުން
(ހ) ކޮމިށަނަށް ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާއާއި އާމްދަނީގެ ގޮތުގައި ލިބޭ ފައިސާއާއި އޭގެ ހިސާބުތައް، ދައުލަތުގެ މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރު: 2006/3) އާއި، އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން، ކޮމިށަނުން ބަލަހައްޓަން ވާނެއެވެ.
(ށ) ކޮމިށަނުގެ ފައިސާއާއި ތަކެތި، ބެލެހެއްޓުމާ ހަވާލުވެފައިވާ މުވައްޒަފުން އެތަކެއްޗަށް ރައްކާތެރިވާން ވާނެއެވެ. އެމީހެއްގެ ހަވާލުގައިހުރި ފައިސާ ނުވަތަ ތަކެތި ގެންގުޅެ ބަލަހައްޓަންވާނީ މިމާއްދާގެ (ހ) ގައި ހަވާލާދީފައިވާ ގާނޫނާއި ގަވާޢިދާ އެއްގޮތްވާ ގޮތުގެމަތީން ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކުގައެވެ.
(ނ) ދައުލަތުގެ ބަޖެޓުން ކޮމިށަނަށް ދޫކުރާ ފައިސާ ހަރަދު ކުރަންވާނީ ކޮމިށަނުގެ ބަޖެޓުގައި ހިމަނާފައިވާ ކަންކަމަށް ކޮމިށަނުން ކަނޑައަޅާ ސިޔާސަތުތަކާއި ޕްލޭނާ އެއްގޮތްވާ ގޮތުގެމަތީންނެވެ.
(ރ) ހިނގަމުންދާ އަހަރުގެ ބަޖެޓުގައި ހިމަނާފައިނުވާ ކަމަކަށް ހަރަދު ކުރަން ޖެހިއްޖެނަމަ އެ ކަމަށް ގޮތެއް ކަނޑައަޅާނީ ކޮމިށަނުންނެވެ.
(ބ) ކޮމިށަނަށް ހޯދޭ ތަކެތީގެ އިންވެންޓްރީ އާއި ސްޓޮކް ބަލަހައްޓަން ވާނެއެވެ. އިންވެންޓްރީގައި ލިޔެވިފައިވާ ކޮމިށަނުގެ މުދަލުގެ ގޮތުގައި ހިމެނޭ އެއްޗެއް އިންވެންޓްރީން އުނިކުރަންވާނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާޢިދުގައިވާ ގޮތުގެމަތީންނެވެ.
(ޅ) މި ގަވާޢިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، އެކަމެއް ނިންމާނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އަށާއި، ގާނޫނު ތަކަށާއި، އަދި ދިވެހި ދައުލަތުގެ އެކި މުއައްސަސާތަކުން ޢަމަލުކުރަމުން ގެންދާ ގޮތެއްގެ މައްޗަށް ރިޢާޔަތްކޮށް، ކޮމިށަނުންނެވެ.
80 ވަނަ މާއްދާ – ބަޖެޓް އެކުލަވާލުން.
(ހ) ބަޖެޓް އެކުލަވާލާ ތައްޔާރުކުރަންވާނީ ކަނޑައަޅާ ލަނޑުދަނޑި ތަކެއް ހާސިލްކުރަން ހިންގާ ހަރަކާތްތަކަށް (ޕްރޮގްރާމްތަކަށް) ބިނާކޮށެވެ.
(ށ) ބަޖެޓް އެކުލަވާލަންވާނީ އެކަންކުރުމުގައި ފަންނީ ގޮތުން ގެންގުޅޭ ހަރުދަނާ އުސޫލުތައް (ބެސްޓް ޕްރެކްޓިސަސް) ބިންގަލަކަށް ބަލައިގެންނެވެ.
(ނ) ކޮންމެ އަހަރަކުވެސް ކޮމިށަނަށް ދޫކުރާ ބަޖެޓު ހަތަރު ބަޔަކަށް ބަހާލައިގެން ހަރަދު ކުރާނެގޮތުގެ ޕްލޭނެއް، ބަޖެޓާބެހޭ ސެކްށަނުން އެކުލަވާލަން ވާނެއެވެ.
12 ވަނަ ބާބު: އެހެނިހެން ކަންކަން
81 ވަނަ މާއްދާ – ގަވާއިދުގައި ބުނެފައިވާ ގޮތުގެމަތިން އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް
(ހ) މި ގަވާޢިދުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމުގައި ބަލަންޖެހޭ ޢުސޫލުތަކާއި (ސްޓޭންޑަރޑް އޮޕަރޭޓިންގް ޕްރޮސީޖަރސް) ސިޔާސަތުތަކާއި މިންގަނޑުތަކާއި ކޮމިޓީތައް ސެކްރެޓަރީ ޖެނެރަލްގެ ބެލުމުގެ ދަށުން އެކަމާބެހޭ ސެކްށަނުން ނުވަތަ ޑިވިޒަނުން އެކުލަވާލަންވާނެއެވެ. އެގޮތުން ބަޔާންކުރެވުނު މަސައްކަތްތައް މި ގަވާޢިދަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި ނިންމަންވާނެއެވެ.
(ށ) މިމާއްދާގެ (ހ) ގައި ބަޔާންކުރާ މަސައްކަތުން އެކުލަވާާލާ އުސޫލުތަކާއި ސިޔާސަތުތަކާއި، މިންގަނޑުތަކާއި، ކޮމިޓީތައް ކޮމިށަނުން ފާސްކުރަންވާނެއެވެ.
(ނ) މިގަވާޢިދުގައި ހިމެނިފައިވާ ލަފުޒެއް ނުވަތަ ޖުމުލައެއް މާނަކުރުމުގައި ހިޔާލު ތަފާތު ވެއްޖެނަމަ ގޮތެއް ކަނޑަޅާނީ ކޮމިށަނުންނެވެ.
82 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރުން
މި ގަވާޢިދަށް ޢަމަލުކުރަންފަށާނީ 1 މެއި 2011 ން ފެށިގެންނެވެ.
---------------
ޖަދުވަލު 1
( ކޮމިށަނުގެ ޖަލްސާގެ އެޖެންޑާގެ އޮންނަށްވީ ގޮތުގެ ނަމޫނާ، އެޓޭޗްކުރެވިފައިވާ މިގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)
---------------
ޖަދުވަލު 2
(ކޮމިށަނުގެ ޖަލްސާގެ ޔައުމިއްޔާ އޮންނަންވީ ގޮތުގެ ނަމޫނާ)
ޖުޑީށަލް ސަރވިސް ކޮމިށަން ޔައުމިއްޔާ
މާލެ، ދިވެހިރާއްޖެ އެ އަހަރުގެ ޔައުމިއްޔާގެ ނަންބަރު/އަހަރު/ B1‐JSC
ހިޖްރީ ތާރީޚް މީލާދީ ތާރީޚް
ބައްދަލުވުން ނަންބަރު: އަހަރު/އެ އަހަރުގެ ބައްދަލުވުމުގެ އަދަދު
ޖަލްސާ ބޭއްވި ތަން:
ގަޑި:
- ހާޒިރުވެވަޑައިގެންނެވި މެމްބަރުން:
- ހާޒިރުވެވަޑައިނުގަންނަވާ މެމްބަރުން:
- ޗުއްޓީއާއި ސަލާމުގައި ތިއްބެވި މެންބަރު:
- އިތުރުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން:
- ސެކްރެޓޭރިއަޓް ބެލެހެއްޓި ފަރާތައް:
- އެޖެންޑާ ކުރެވިފައިވާ ކަންތައްތައް
- .............................
- .............................
- އެޖެންޑާއަށް ގެނެވުނު ބަދަލުތައް
- މަށްވަރާކުރެވުނު ކަންތައްތައް
- ވޯޓަށްއެހުނު ކަންތައްތައް
- ނިންމުން:
(ރިޔާސަތު ބެލެހެއްޓެވި ބޭފުޅެއްގެ ސޮއި)
(ރިޔާސަތު ބެލެހެއްޓެވި ބޭފުޅެއްގެ ނަން)
(ރިޔާސަތު ބެލެހެއްޓެވި ބޭފުޅެއްގެ މަޤާމު)
ޔައުމިއްޔާ ޗެކްކުރި ފަރާތުގެ ނަމާއި ސޮއި:
(ޗެކުކުރާނީ ސެކްރެޓޭރިއަޓް ބެލެހެއްޓެވި އިސް މުވައްޒަފަކު)
ޔައުމިއްޔާ ލިޔުނު ފަރާތުގެ ނަމާއި ސޮއި:
ޖަދުވަލު 3 އަދި 4 އެޓޭޗްކުރެވިފައިވާ ޑޮކިއުމަންޓްގައި ހިމެނިފައިވާނެ. އަދި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.
މި ގަވާއިދަށް ގެނެވިފައިވާ އިސްލާހު
އުވި ގަވާއިދު
ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދު (ގަވާއިދު ނަންބަރު 2023-167)
މައި ގާނޫނު
ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2008-10)
ގުޅުންހުރި ގަވާއިދު/އުސޫލު
ޖުޑިށަލް ސަރވިސް ކޮމިށަނުގެ ގާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިހާބުގެ އުސޫލު (18 ޖުލައި 2019)
ކިޔުންތެރިންގެ ހިޔާލު