-

މާލޭ ޕްލޭނިންގ ގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 182/2016)

 

  1. ވަނަ މާއްދާ - ގަވާއިދުގެ އެއްވަނަ ބައިގެ 1 ވަނަ މާއްދާގެ 1.4 އަންނަނިވި ގޮތަށް އިސްލާހުކުރުން.

    1.4
    އިމާރާތެއް ހަދަންވާނީ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓަރަކްޗަރ އިން ފާސްކޮށްފައިވާ ކުރެހުންތަކާއި ލިޔުންތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. ފާސްކޮށްފައިވާ ކުރެހުމަކަށް ނުވަތަ ލިޔުމަކަށް ބަދަލެއް ގެންނަންވާނީ ގަވާއިދުން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓަރަކްޗަރއަށް ހުށަހަޅައި ފާސްކުރުމަށް ފަހުގައެވެ. ބަދަލެއްކަމަށް ބެލެވޭނީ ފާސްކޮށްފައިވާ ކުރެހުމުގެ ސްޓަރކްޗަރއަށް ބަދަލުގެނައުން ނުވަތަ އިމާރާތުގެ އުސްމިން، ޕަރކިން،މަގަށް ނެރުން، ވެންޓިލޭޝަން އަދި ސަލާމަތީ ގޮތުން ކަނޑައަޅާފައިވާ މިންގަނޑު، މި ކަންކަމުގެ ތެރެއިން ކަމެއް ފާސްކޮށްފައިވާ ކުރެހުމުގައި ވާގޮތާ ތަފާތުވާނަމައެވެ. މިފަދަ، ބަދަލު އެބަދަލެއް ދޭހަވާގޮތަށް ތައްޔާރުކޮށްފައިވާ ކުރެހުން ނުވަތަ/ އަދި ގުޅޭ ކުރެހުންތައް ފާސްކުރުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިން އެންޑް އިފްރާސްޓަރަކްޗަރ އަށް ހުށަހަޅަންވާނެއެވެ. އަދި ފާސްވުމަށް ފަހު މިކުރެހުންތައް ބަލާނީ ފުރަތަމަ ފާސްކޮށްފައިވާ ކުރެހުން ސެޓްގެ ބައެއްގެ ގޮތުގައެވެ. ބަދަލުގެ ގޮތުގައި ހުށަހަޅާ ކުރެހުންސެޓް ފާސްކުރުމަށް ބަލާނީ އެކުރެހުމަކާއި ގުޅޭ އޮރިޖިނަލް ކުރެހުން ސެޓް ފާސްކުރުމުގައި އަމަލުކޮށްފައިވާ މާލޭ ޕްލޭނިން ގަވާއިދަށެވެ."އިމަރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުން"ގެ މުއްދަތު އަދި "އިމާރާތްކުރުމުގެ ހުއްދަ"ގެ މުއްދަތު ބެލުމުގައި މި މާއްދާގެ ބޭނުމަށް ބަލާނީ އޮރިޖިނަލް "އިމާރާތުގެ ކުރެހުން ފަސްކުރިކަމުގެ ލިޔުން" އާއި "އިމާރާތްކުރުމުގެ ހުއްދަ" ދޫކުރެވުނު ތާރީހުން ފެށިގެންނެވެ.

  2. ގަވާއިދުގެ އެއްވަނަ ބައިގެ 1 ވަނަ މާއްދާގެ 1.7 އަންނަނިވި ގޮތަށް އިސްލާހުކުރުން.

    1.7
    "އިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުން" ހޯދުމަށްފަހު، ގިނަވެގެން 6 އަަހަރު ދުވަހުގެ ތެރޭގައި "އިމާރާތްކުރުމުގެ ހުއްދަ" ނުހޯދައިފިނަމަ "އިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުން" އައުކުރަން ޖެހޭނެއެވެ. މިގޮތުން "އިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުން" އައުކުރެވޭނީ އެ ލިޔުންނެގިތާ 6 އަހަރުދުވަހުގެ ތެރޭގައި "މާލޭ ޕްލޭނިން ގަވާއިދު" އާއި އިމާރާތްކުރުމާއި ބެހޭ އެހެނިހެން ގަވާއިދުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ އެއިރެއްގައި ހިނގާ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކުރެހުންތައް އިސްލާހުކޮށް، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓަރަކްޗަރ އަށް ހުށަހެޅުމުން ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

  3. ވަނަ މާއްދާ - އެއްވަނަ ބައިގެ 1 ވަނަ މާއްދާގެ 1.8 އަންނަނިވި ގޮތަށް އިސްލާހުކުރުން

    1.8
    "އިމާރާތްކުރުމުގެ ހުއްދަ" ހޯދުމަށްފަހު ގިނަވެގެން 6 އަހަރުދުވަހުގެ ތެރޭގައި އިމާރާތްކުރަން ނުފަށައިފިނަމަ "އިމާރާތްކުރުމުގެ ހުއްދަ" ބާތިލުވާނެއެވެ. ހުއްދަ ބާތިލުވެފައި ހުންނަ ތަންތަނުގައި އިމާރާތްކުރެވޭނީ ހުއްދަ އައުކޮށްގެންނެވެ. މިގޮތުން "އިމާރާތްކުރުމުގެ ހުއްދަ" އައުކުރެވޭނީ ގިނަވެގެން 6 އަހަރު ދުވަސް ވެފައިނުވާ "އިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުން" އާއެކު "އިމާރާތްކުރާ ސަރަހައްދުގެ ސަލާމަތީ ފިޔަވަޅުތަކާ ގުޅިގެން ވެވޭ އެއްބަސްވުން" މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓަރަކްޗަރ ގައި ރަޖިސްޓްރީ ކުރުމަށްފަހު އެ ލިޔުންތައް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓަރަކްޗަރ އަށް ހުށަހެޅުމުންނެވެ.

  4. ގަވާއިދުގެ އެއްވަނަ ބައިގެ 1 ވަނަ މާއްދާގެ 1.12 އަންނަނިވި ގޮތަށް އިސްލާހުކުރުން

    1.12
    އިމާރާތެއް ކުރުމަށް ނުވަތަ މީ ނޫންވެސް އެހެން ބޭނުމަކަށްޓަކައި އިމާރާތެއް ނުވަތަ އިމާރާތުގެ ބައެއް ތަޅާލަންވާނީ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓަރަކްޗަރ އަށް އެ އިމާރާތެއް ނުވަތަ އިމާރާތުގެ ބައެއް ތަޅާލުމުގެ ހުއްދައަށް އެދި އެ ހުއްދަ ހޯދުމަށްފަހުގައެވެ. އަދި މިގޮތަށް އިމާރާތެއް ނުވަތަ އިމާރާތުގެ ބައެއް ތަޅާލަންވާނީ، އިންވެގެން ހުރި އިމާރާތެއް ނުވަތަ އިމާރާތުގެ ބައެއް ތަޅާލުމުގެ ސަބަބުން، އިންވެގެންވާ ގޯއްޗަކަށް ނުވަތަ އިމާރާތަކަށް ނުވަތަ އިމާރާތުގެ ބަޔަކަށްވާ ގެއްލުމުގެ ޒިންމާ، އިމާރާތް ތަޅާލުމުގެ ހުއްދަ ހޯދާފައިވާ ފަރާތުން އުފުލަންޖެހޭނެއެވެ.

  5. ގަވާއިދުގެ އެއްވަނަ ބައިގެ 1 ވަނަ މައްދާގެ 1.17 އަންނަނިވި ގޮތަށް އިސްލާހުކުރުން

    1.17
    އެކިއެކި ބޭނުމަށް ސަރުކާރުން ތަރައްގީކުރުމަށް ދޫކުރާ ބިންބިމުގައި އިމާރާތްކުރަންވާނީ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓަރަކްޗަރ އިން ކަނޑައަޅާ ޑިވެލޮޕްމަންޓް ކޮންޓްރޯލް ޕްލޭނާއި އެއްގޮތަށެވެ. މިފަދަ ޕްލޭނެއްގައި މައިގަނޑު ގޮތެއްގައި ކަނޑައަޅާނީ އިމާރާތުގެ އުސްމިން، އިމާރާތާއި އިމުގެ ދެމެދު ހުންނަންވީ، މިން، ހުސްޖާގަ، ޕާކިން ފަދަ ޑިވޮލަޕްމަންޓް ކޮންޓްރޯލްތަކެވެ. އަދި ދިރިއުޅުން ފިޔަވައި އެހެން ބޭނުންތަކަށް ދޫކޮށްފައި ހުންނަ ބިންތަކުގައި އިމާރާތްކުރަންވާނީ، އެ ބިމަކަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓަރަކްޗަރ އިން ކަނޑައަޅާފައިވާ ޑިވެލޮޕްމަންޓް ކޮންޓްރޯލްސް އާއި އެއްގޮތަށް އިމާރާތުގެ ކޮންސެޕްޓް ޕްލޭން ތައްޔާރުކޮށް އެ ޕްލޭން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓަރަކްޗަރއަށް ހުށަހަޅައި، ފާސްކުރުމަށްފަހުއެވެ. އިމާރާތުގެ ޕްލޭނިންގް ކޮންޓްރޯލްސް (އިމާރާތުގެ އުސްމިން، ސެޓްބެކް، ވެންޓިލޭޝަން،ޕާރކިން، މަގަށް ނެރުން ފަދަ ކަންކަން) މި ގަވާއިދުގައި ވަކި ގޮތަކަށް ބަޔާންކޮށްފައިވާ ނަމަވެސް، މި  މާއްދާގެ ދަށުން ތަފާތު މިންގަނޑަކަށް ޕްލޭނިން ކޮންޓްރޯލްސް ކަނޑައެޅުމުގެ އިހްތިޔާރު ހައުސިން މިނިސްޓަރަށް ލިބިގެންވެއެވެ.

  6. ވަނަ މާއްދާ - ގަވާއިދުގެ އެއްވަނަ ބައިގެ 2 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން

    2 - އިމާރާތުގެ އުސްމިން

    ވަކިގޮތަކަށް ބަޔާންކޮސްފައިވާ ހާލަތްތަކުގައި މެނުވީ، އިމާރާތުގެ އުސްމިންކަމަށް ބެލެވޭނީ އެ އިމާރާތުގެ އެންމެ މަތީގައި ފުރާޅެއް ލާނަމަ، ދުވާރުން ފެށިގެން ރޫފްބީމްގެ މަތީކައިރިއާ ހަމައަށެވެ. ނުވަތަ އިމާރާތުގެ އެންމެ މަތީގައި ޓެރަހެއް ހަދާނަމަ ދުވާރުން ފެށިގެން ޓެރަސް ސްލެބް ނުވަތަ ޑެކް މަތީ ކައިރިއާ ހަމައަށެވެ.

    އިމާރާތުގެ އުސްމިން 100 ފޫޓާއި ހަމައަށް ނުވަތަ އެއަށްވުރެ ތިރިކޮށް އިމާރާތްކުރުމާ ބެހޭ

    2.1 އިމާރާތުގެ ފުޓްޕްރިންޓްގެ ބޮޑުމިން 800 ފޫޓަށް ވުރެ ކުޑަނަމަ، އިމާރާތް ކުރެވޭނެ އުސްމިން ކަނޑައެޅުމުގައި ބެލެވޭނީ، އެ އިމާރާތެއްގެ ފުޓްޕްރިންޓަށާއި، އިމާރާތުގެ ވިޑްތްކޮއިފިށަންޓް އަދި އެ އިމާރާތަކަށް ވަދެނިކުތުމަށް އޮންނަ މަގު ނުވަތަ ގޯޅީގެ ފުޅާ މިނަށެވެ. މިގޮތުން ބޭނުން ކުރާނެ މިންގަނޑުތައް މި ގަވާއިދުގެ އެއްވަނަ ބައިގެ 2.1.1 އިން 2.1.4.1 އަށް ބަޔާންކޮށްފައިވާނެއެވެ.

    2.1.1 އިމާރާތުގެ ވިޑްތްކޮއިފިށަންޓް ހޯދަން ބޭނުންކުރާނެ ފޯމިއުލާ އަކީ؛

                                  1
    ވިޑްތް ކޮއިފިށަންޓް =    --------------------× އޭރިޔާ
                                ސީދާ

    (އިމާރާތުގެ ބޭރުން ބޭރަށް ހުންނަ ސީދާ އެންމެ ދިގުމިން ހޯދުމަށްފަހު އިމާރާތުގެ ބޮޑުމިން (އޭރިޔާ) އެމިނުން ގެއްލުމުން ލިބޭމިނަކީ އިމާރާތުގެ ވިޑްތް ކޮއިފިށަންޓެވެ.)

    މި ފޯމިއުލާގައިވާ "އޭރިޔާ" އަކީ، އިމާރާތުގެ ތިރީބުރި (ފުޓް ޕްރިންޓް) ހިމެނޭ ބިމުގެ އޭރިޔާއެވެ.

    މިބަޔާން ކުރެވުނުގޮތަށް ގޯއްޗެއް ނުވަތަ ތަނެއްގެ މިންތައް ހުރިގޮތުން އިމާރާތުގެ ވިޑްތް ކޮއިފިށަންޓް ނުހޯދޭނެ ގޮތެއް އޮތުމަކީ، އެކަށީގެންވާ ކަމެކެވެ. އާދަޔާ ހިލާފަށް ހަނިދިގުކޮށް ލެނބުން ލައްވާފައިވާފަދަ ގޯއްޗެއްނަމަ، މިބަޔާން ކުރެވުނުގޮތް ބޭނުމެއް ނުކުރެވޭނެއެވެ. ވުމާއެކު، މިފަދަ ގޯއްޗެއް ނުވަތަ ތަނެއްގެ ވިޑްތް ކޮއިފިށަންޓް އާއި އެ ގޯއްޗެއްގެ ނުވަތަ ތަނެއްގެ ވިޑްތް ކޮއިިފިށަންޓް އާއި އެ ގޯއްޗެއް ނުވަތަ ތަނެއްގައި އިމާރާތްކުރެވޭނެ އެންމެ އުސްމިން ކަނޑައަޅާނީ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓަރކްޗަރ އިންނެވެ.


    2.1.2 އިމާރާތެއްގެ ވިޑްތް ކޮއިފިށަންޓް އާއި އޭރިޔާއަށް ބަލައި އިމާރާތްކުރެވޭނެ އެންމެ އުސްމިން ކަނޑައެޅުމަށްޓަކައި ބޭނުންކުރެވޭނީ މި މާއްދާގެ (ހ) އާއި (ށ)ގައި ބަޔާންކޮށްފައިވާ ދެގޮތެވެ.

    (ހ) އިމާރާތްކުރެވޭނެ އެންމެ އުސްމިން ކަނޑައެޅުމަށްޓަކައި ބޭނުންކުރެވޭނެ ފުރަތަމަ ގޮތަކީ، އިމާރާތެއްގެ ވިޑްތް ކޮއިފިޝަންޓަށްބަލައި އިމާރާތްކުރެވޭނެ އެންމެ އުސްމިން ކަނޑައެޅުމެވެ. މިގޮތުން ބޭނުންކުރެވޭނީ އިމާރާތުގެ ވިޑްތް ކޮއިފިށަންޓް، އިމާރާތުގެ އޭރިޔާގެ ސްކެއަރ ރޫޓްގެ ދިހަބައިކުޅަ ހަތްބަޔަށް ވުރެ ކުޑަނަމައެވެ.

    މިގޮތަށް އުސްމިން ހޯދުމަށް ބޭނުންކުރާނެ ފޯމިއުލާ އަކީ:

    އިމާރާތްކުރެވޭނެ އެންމެ އުސްމިން=

    އިމާރާތުގެ ވިޑްތް ކޮއިފިށަންޓް   × 0.3875  + 1.2 
                0.7

    (ށ) އިމާރާތްކުރެވޭނެ އެންމެ އުސްމިން ކަނޑައެޅުމަށްޓަކއި ބޭނުންކުރެވޭނެ ދެވަނަ ގޮތަކީ، އިމާރާތުގެ ފުޓްޕްރިންޓަށް ބަލައި އިމާރާތްކުރެވޭނެ އެންމެ އުސްމިން ކަނޑައެޅުމެވެ. މިގޮތް ބޭނުންކުރެވޭނީ، އިމާރާތުގެ ވިޑްތް ކޮއިފިށަންޓް އިމާރާތުގެ ފުޓްޕްރިންޓްގެ ސްކެއަރ ރޫޓްގެ ދިހަބައިކުޅަ ހަތްބަޔާ އެއްވަރު ނުވަތަ އެއަށް ވުރެ ބޮޑު ނަމައެވެ.

    އިމާރާތްކުރެވޭނެ އެންމެ އުސްމިން =
    އިމާރާތުގެ ފުޓްޕްރިންޓް   × 0.3875  + 1.2

    މިބަޔާންކުރެވުނު ދެގޮތުގެ އިތުރު ތަފްސީލް މި ގަވާއިދުގެ އިތުރުބައިގެ ނަންބަރު 4 ގައި ބަޔާންކޮށްފައިވާނެއެވެ.

    2.1.3- އިމާރާތުގެ ފުޓްޕްރިންޓް  9.291 އަކަ މީޓަރު (100 އަކަ ފޫޓް) އަށްވުރެ ކުޑަނަމަ އެއްބުރިޔަށް ވުރެ އުސްކޮށް އިމާރާތެއް ނުކުރެވޭނެއެވެ. އަދި އިމާރާތުގެ ވިޑްތް ކޮއިފިށަންޓް 1.829 މީޓަރ (6 ފޫޓު) އަށް ވުރެ ހަނިނަމަ އެއްބުރިއަށް ވުރެ އުސްކޮށް އިމާރާތް ނުކުރެވޭނެއެެވ.

    2.1.4- އިމާރާތަކަށޤ ވަދެނިކުތުމަށް އޮންނަ މަގު ނުވަތަ ގޯޅީގެ ފުޅާމިނަށް ބަލައި އިމާރާތްކުރެވޭނެ އެންމެ އުސްމިން ކަނޑައެޅޭނީ މި މާއްދާގެ ތާވަލް 1 ގައިވާ ގޮތަށެވެ. ތާވަލް 1ގެ އިތުރު ތަފްސީލް މިގަވާއިދުގެ އިތުރުބައިގެ ނަންބަރު 5 ގައި ހިމެނިފައިވާނެއެވެ. މިތާވަލުގައި ހިމެނޭ މިންގަނޑަށް އަމަލުކުރެވޭނީ، އުސްމިނުގައި 30.48 މީޓަރ (100 ފޫޓު) އާ ހަމައަށް ނުވަތަ އެއަށްވުރެ ތިރިކޮށް އިމާރާތްކުރާނަމައެވެ.

 

 

ތާވަލް 1

މަގު/ގޯޅި ފުޅާމިން (މީޓާރުން)

އިމާރާތް ކުރެވޭނެ އެންމެ އުސްމިން (މީޓަރުން)

1.219 އަށް ވުރެ ހަނިިނަމަ

އެއްބުރިއަށް ވުރެ އުސްކޮށް ނުވަތަ 6 މީޓަރަށް ވުރެ އުސްކޮށް އިމާރާތް ނުކުރެވޭނެ.

1.219 ހަމަވެފައި 1.524 ހަމަނުވާނަމަ

3 ބުރިއަށް ވުރެ އުސްނުވާވަރަށް އަދި އެންމެ އުސްވެގެން 9 މީޓަރާއި ހަމައަށް.

1.524 ހަމަވެފައި 1.829 ހަމަނުވާނަމަ

6 ބުރިއަށް ވުރެ އުސްނުވާވަރަށް އަދި އެންމެ އުސްވެގެން 19.20 މީޓަރާއި ހަމައަށް.

1.829 ހަމަވެފައި 3.048 ހަމަނުވާނަމަ

8 ބުރިއަށްވުރެ އުސްނުވާވަރަށް އަދި  އެންމެ އުސްވެގެން 25.20 މީޓަރާއި ހަމައަށް

3.048 ހަމަވެފައި އަދި އެއަށް ވުރެ ފުޅާ

30.48 އާއި ހަމައަށް.

 

2.1.4.1- ބަހާފައި ހުންނަ ގޯތީގެ، ގޯޅި އަލައިގެން ބަހާފައި ހުންނަ ގޯތި ވެސް ހިމެނޭ ގޮތަށް، އުސްމިން ބެލުމުގައި މަގުގެ ފުުޅާމިންކަމުގައި ބަލާނީ، ބެހި ގޯތީގެ މައިމަގުގެ ފުޅާމިނެވެ.

2.1.4.2- އަދި 26 މެއި 2003 ގެ ކުރިން ގޯޅި ބާއްވާއިގެން ބަހާފައިވާ ގޯއްޗެއްގައިވާ ބައިތަކުގައި އިމާރާތްކުރާނަމަ، ގޯޅީގެ ފުޅާމިން ކަމުގައި ބެލެވޭނީ ބަހާފައިވާ މައިގޯއްޗާއި އިންވެގެން އޮންނަ މައިމަގުގެ ފުޅާ މިނަށެވެ. މިބައިބައި އުސްކޮށް އިމާރާތްކުރާއިރު، އިމާރާތުގެ އުސްމިން ކަނޑައަޅާނީ އެއިމާރާތަކަށް ވަދެނިކުތުމަށް އޮންނަމަގު ނުވަތަ ގޯޅީގެ ފުޅާމިނަށާއި އިމާރާތުގެ ވިޑްތް ކޮއިފިށަންޓް މިދެބަޔަށް ބެލުމަށް ފަހުއެވެ.

2.2.1- އިމާރާތަށް ވަދެ ނިކުތުމަށް އޮންނަ މަގު ނުވަތަ ގޯޅީގެ ފުޅާމިނަށް ބަލައި ނެގޭނެ އުސްމިން މި ގަވާއިދުގެ ފުރަތަމަ ބައިގެ 2.1.4 ގައި ބަޔާންކޮށްފައިވާ ތާވަލުގައި(ތާވަލު 1) އެވަނީއެވެ.

2.2.2- އިމާރާތުގެ ވިޑްތް ކޮއިފިށަންޓް 3.0 އަށް ވުރެ ކުޑަނަމަ އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ، 16.5 މީޓަރެވެ. އަދި ވިޑްތް ކޮއިފިށަންޓް 3.0 އަށް ވުރެ ބޮޑު ނަމަ އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ، 30.48 މީޓަރެވެ.

2.3 މި ގަވާއިދުގެ 2.2 ގައި ބަޔާންކުރެވިފައިވާ މިންގަނޑުން އިމާރާތުގެ އުސްމިން ކަޑައެޅުމަށްފަހު، އެ ކަނޑައެޅުނު އުސްމިނަށް އިމާރާތްކުރާނަމަ، އެއިމާރާތުގެ ފައުންޑޭށަން ޑިޒައިންކޮސްފައިވަނީ އޯވާރ ޓާރނިން، ސްލައިޑިން އަދި އަންޑަމައިނިން އަށް ބަލައި ސްޓަރަކްޗަރަލް ސޭފްޓީ ގެރެންޓީކޮށް، އެކަން ބަޔާންކޮށް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓަރަކްޗަރގައި ރަޖިސްޓްރީކޮށްފައިވާ ޗެކަރ ލެވެލް އިންޖިނޭރެއް ސޮއިކޮށްފައިވާ ލިޔުމެއް ހުށަހަޅަންވާނެއެވެ.

2.4 ގޯއްޗެއް ބައިކުރާއިރު ގޯޅިއެއްލައިގެން ގޯތި ބައިކުރާކަމަށްވާނަމަ، އެ ގޯޅީގެ ފުޅާމިނުގައި މަދުވެގެން 1.2 މީޓަރު (4 ފޫޓު ) ހުންނަން ވާނެއެވެ.

2.5 ތަފާތު ސަބަބުތަކަށްޓަކައި ވަކިވަރަކަށް ވުރެ އުސްކޮށް އިމާރާތްކުރުމަށް ހުއްދަ ދެވެން ނެތް ތަންތަނުގައި އިމާރާތްކުރެވޭނެ އެންމެ އުސްމިން ކަނޑައަޅާނީ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓަރަކްޗަރ އިންނެވެ.

2.6 މިގަވާއިދުގެ އެއްވަނަބައިގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް އިމާރާތްކުރެވޭނެ އެންމެ އުސްމިން ކަނޑައެޅުމަށްފަހު، އެ އުސްމިނަށް ވުރެ މައްޗަށް އިމާރާތުގެ ސިޑިގޮތޅިއާއި ލިފޓް މެށިން ރޫމް ހިޔާކުރާބައި ހެދިދާނެއެވެ. މިގޮތަށް ހެދުމުގައި ހިޔާކޮށްފައިވާ ބަޔަކީ، އިތުރު އެއްވެސް ބޭނުމެއް ނުހިފޭގޮތަށް ހަދާފައިވާ ތަނަކަށް ވާންޖެހޭނެއެވެ. އަދި މިބައިތައް އެންމެ އުސްކޮށް ހެދޭނީ މި ގަވާއިދުގެ 2.1.2 ގައި ބަޔާންކޮށްފައިވާ ގޮތަށް އިމާރާތްކުރެވޭނެ އެންމެ އުސްމިނަށްވުރެ، 4 މީޓަރ އުސްނުވާ ވަރަށެވެ. މި މިނަށްވުރެ އުސްވާނަމަ ބަހައްޓަން ބޭނުންވާ ލިފްޓުގެ ތަފްސީލް (މެނުފެކްޗަރަސް ސްޕެސިފިކޭށަން) ހުށަހަޅަން ޖެހޭނެއެވެ. އިމާރާތުގެ ސިޑިގޮޅިއާއި ލިފްޓް މެށިން ރޫމް ހިޔާކުރާބައިގެ އަސްކަންޏެއް ހަދާނަމަ މި އަސްކަނީގައި އެންމެ ފުޅާވެގެން ބެހެއްޓޭނީ 1 މީޓަރ (3.280 ފޫޓް) އެވެ. މަތީގައި ދެންނެވުނު ބައިތަކުގެ އިތުރު ތަފްސީލް މިގަވާއިދުގެ އިތުރުބައިގެ ނަންބަރު 5 ގައިވާ ކުރެހުން 3، އަދި 4 ގައި ދައްކުވައިދޭނެއެވެ.

2.7 އިމާރާތުގެ އެންމެ މަތީގައި ފުރާޅެއްލާނަމަ މި ގަވާއިދުގެ އެއްވަނަ ބައިގެ 2.1 ވަނަ މާއްދާގެ ދަށުން ބަޔާންކުރެވިފައިިވާ އުސްމިނުކުގެ އިތުރުން ފުރާޅޭއް އެޅުމަށް އިމާރާތުގެ ރޫފް ބީމްގެ މަތިން ފެށިގެން މައްޗަށް އިތުރު ކުރެވޭނީ ގިނަވަގެން 1.5 މީޓަރ (4.921  ފޫޓު) އެވެ. މިއާ ބެހޭ އިތުރު ތަފްސީލް ކުރެހުން 5 ގައި ދައްކުވައިދޭނެއެވެ.

2.8 އިމާރާތުގެ ކޮމިއުނިކޭށަން ބޭނުމަށްޓަކައި ހަރުކުރާ އެންޓަނާ އާއި ސެޓެލައިޓް ޑިށް ފަދަ ތަކެތި އިމާރާތްކުރެވޭ އުސްމިނުގެ ތެރޭގައި ނުހިމެނޭނެއެވެ. ނަމަވެސް މާލެ އަކީ އިންޓަނޭށަނަލް އެއާޕޯޓެއް  ކައިރީގައި އޮންނަ ތަނަކަށް ވުމާއެކު އިމާރާތްތަކުގައި ހަރުކުރާ އެންޓެނާ އާއި ސެޓެލައިޓް ޑިށް ބަހައްޓަންވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެކަމާއި ގުޅޭ ގޮތުން ހަދާފައިވާ ގަވާއިދުތަކާއި އެއްގޮތަށެވެ.

2.9 ވަކި ދެ ރަޖިސްޓްރީ އޮންނަ ދެ ގޯއްޗެއް ނުވަތަ އެއަށް ވުރެ ގިނަ ގޯތި އެއް އިމާރާތެއްގެ ގޮތުގައި އިމާރާތްކުރުމަށް ހުއްދައަށް އެދޭނަމަ، ހުއްދަދޫކުރެވޭނީ ވަކި ގޯތިތަށް، އެއްކޮށް، އެއް ގޯޢްޗެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށްފަހު، މި ރަޖިސްޓްރީގެ މައްޗަށެވެ.

 

  1. ވަނަ މާއްދާ - ގަވާއިދުގެ އެއްވަނަ ބަޔައިގެ 3 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހްކުރުން.

    3- އިމާރާުތުގެ އުސްމިން 30.48 މީޓަރ އަށް ވުރެ އުސްކޮށް 45 މީޓަރާއި ދެމެދު އިމާރާތްކުރުން

    3.1- އިމާރާތުގެ އުސްމިން

    3.1.1 މާލޭގައި 30.48 މީޓަރ އަށްވުރެ އުސްކޮށް 45 މީޓާރ އާއި ދެމެދު އިމާރާތްކުރެވޭނީ އިމާރާތުގެ ފުޓްޕްރިންޓްގައި އެންމެ ކުޑަވެގެން 2000 އަކަ ފޫޓް ހަމަވާނަމައެވެ. އިމާރާތުގެ ފުޓްޕްރިންޓު ބެލުމުގައި އިމާރާތަށް ވަޔާއި އަލިކަން ފޯރުވުމަށް ހުސްކޮށް ވައިގޮޅި ކަނޑައިފައި ހުންނަ ބައިތަކާއި  ސެޓްބެކްފަދަ ތަންތަނުގެ އޭރިޔާ ނުހިމެނޭނެއެވެ.

    3.1.2 މާލޭގައި 30.48 މީޓަރ އަށް ވުރެ އުސްކޮށް 45 މީޓަރ އާއި ހަމައަށް އިމާރާތް ކުރާނަމަ، އިމާރާތްކުރެވޭ އުސްމިން ކަނޑައެޅުމުގައި ބަލާނީ އެ އިމާރާތުގެ ފުޓްޕްރިންޓާއިި ވިޑްތް ކޮއިފިށަންޓާއި އިމާރާތުގެ މަގާޢިވީ ފުރަންޓޭޖްގެ ފުޅާމިން އަދި މީގެ އިތުރުން އެ އިމާރާތަކަށޤ ވަދެނިކުތުމަށް އޮންނަ މަގު ނުވަތަ ގޯޅީގެ ފުޅާ މިނަށެވެ. މިގޮތުން އިމާރާތުގެ ފުޓްޕްރިންޓް އޭރިޔާއަށާއި، ވިޑްތް ކޮއިފިށަންޓަށާއި އަދި އިމާރާތުގެ ފްރަންޓޭޖްގެ ފުޅާމިނަށް ބަލައި ނެގޭނެ އުސްމިން ދައްކައިދޭ ތާވަލެއް ތިރީގައި އެވަނީ އެވެ. އިމާރާތުގެ ވިޑްތް ކޮއފިށަންޓް ހޯދާނެ ފޯމިއުލާ މި ގަވާއިދުގެ އެއްވަނަ ބައިގެނ 2.1.1 ގައި ވާނެއެވެ.

 

ފުޓް ޕްރިންޓް އޭރިޔާ (އެންމެ ދަށްވެގެން)

ވިޑްތް ކޮއިފިށަންޓް (އެންމެ ދަށްވެގެން)

މަގާއިވީ ފުރަންޓޭޖްގެ ފުޅާމިން (އެންމެ ދަށްވެގެން)

އިމާރާތްކުރެވޭ އުސްމިން

185.81 މީޓަރ (2000 އަކަފޫޓް)

7.62

6  މީޓަރ

33 މީޓަރ

185.81 މީޓަރ (2000 އަކަފޫޓް)

9.14

7.62 މީޓަރ

36 މީޓަރ

232.26 މީޓަރ (2500 އަކަފޫޓް)

10.668

9.144 މީޓަރ

39 މީޓަރ

278.71 މީޓަރ (3000 އަކަފޫޓް)

12.192

10.668 މީޓަރ

42 މީޓަރ

278.71 މީޓަރ (3000 އަކަފޫޓް)

13.716

12.192 މީޓަރ

45 މީޓަރ


3.1.3 މި މާއްދާގެ 3.1.2ގައި ބަޔާންކޮށްފައިވާ މިންގަނޑުގެ އިތުރުން 30.48 މީޓަރ (100 ފޫޓް) އަށް ވުރެ އުސްކޮށް 45 މީޓަރާއި ހަމައަށް އިމާރާތް ހެދޭނީ ގޯތީގެ އިމާގުޅޭ މައިމަގުގެ ފުޅާމިނުގައި ހަނިވެގެން 20 ފޫޓް ހަމަވާނަމައެވެ.

3.1.4 ގޯތީގެ އިމާގުޅޭ މައިމަގުގެ ފުޅާމިނުގައި 20 ފޫޓް ހަމަނުވާނަމަ، 20 ފޫޓް ހަމަވާވަރަށް އިމާރާތް އެތެރެއަށް ޖައްސަންވާނެއެވެ. ނަމަވެސް ގޯތީގެ ފުޅާމިނަށްވީ މައިމަގުގެ ފުޅާމިނުގައި 15 ފޫޓް ހަމަނުވާނަމަ، މި ގޮތަށް އިމާރާތް އެތެރެއަށް ޖައްސައިގެން 30.480 މީޓަރ (100 ފޫޓް)އަށް ވުރެ އުސްކޮށް އިމާރާތެއް ނުކުރެވޭނެއެވެ.

3.1.5 މި މާއްދާގެ 3.1.4 ގައި ބަޔާންކޮށްފައިވާ ގޮތަށް އިމާރާތް އެތެރެއަށް ޖައްސައިގެން ހަދާފައި ހުންނަ އިމާރާތެއްގެ ކުރިމަތިން މަގުގެ އަނެއް ފަރާތުގައި 30.480 މީޓަރ (100 ފޫޓް) އަށް ވުރެ އުސްކޮށް އިމާރާތެއް ހަދާނަމަ، މައިމަގުގެ ފުޅާމިނުގައި 20 ފޫޓް ހަމަކުރުމަށް އިމާރާތް އެތެރެއަށް ޖައްސަން މިން ނަގަންވާނީ ކުރިމަތިން ހުރި އިމާރާތް އެތެރެއަށް ޖައްސައިގެން މަގަށް އިތުރުވެފައިވާ ބައި ނުހިމަނައެވެ.

3.1.6 މި މާއްދާގެ 3.1.4 އާއި 3.1.5 ގައި ބަޔާންކޮށްފައިވާ ގޮތަށް އިމާރާތް އެތެރެއަށް ޖއްސުމުން މަގަށް އިތުރުވާ ޖާގަ ހިމެނޭނީ މަގުގެ ބައެއް ގޮތުގައެވެ. ވުމާއެކު، މަގު ފުޅާކުރުމަށް ޖައްސާބައި ގޯތީގެ އިމުން އުނިކޮށް ގޯތީގެ އިންފާރު ރާނަންވާނީ މިބައި ނުހިމަނައެވެ. ނަމަވެސް ގޯތީގެ އޭރިޔާ ބެލުމުގައި މިބައި ހިމެނިދާނެއެވެ. އަދި މިބިން ހިމެނޭނީ މި ގަވާއިދާ އެއްގޮތަށް އިމާރާތްހަދައި ބޭނުންކުރަމުންދާ މުއްދަތަކަށް އާންމުން ބޭނުންކުރާ ގޯތީގެ ބައެއްގެ ގޮތުގައެވެ. މަގުގައި ހިމެނޭ އާންމު ހިދުމަތްތްތަކަށް މިބައި ބޭނުންކުރަންވާނީ ބޭނުންވެއްޖެ ހާލަތެއްގައި ބަދަލުކުރެވޭ ގޮތަށް ހުންނަ ތަކެތި ބަހެއްޓުމަށެވެ.

3.1.7 މި މާއްދާގެ 3.1.2 ގައި ބަޔާންކޮސްފައިވާ މިންގަނޑުތަކުގެ އިތުރުން އެއްމަގަށްވުރެ ގިނަ މަގަށްވާގޮތަށް އޮންނަ ގޯއްޗެއް 30.480 މީޓަރ (100 ފޫޓް) އަށް ވުރެ އުސްކޮށް އިމާރާތްކުރާނަމަ، ގޯއްޗާ އިންވެގެން އޮންނަ މައިމަގު ފިޔަވައި އެހެނިހެން މަގުތަކުގެ ފުޅާމިނުގައި މަދުވެގެން 15 ފޫޓް ހަމަވާން ވާނެއެވެ.

3.1.8 މި މާއްދާގެ 3.1.7 ގައި ބަޔާންކޮށްފައިވާ ފަދައިން މައިމަގު ފިޔަވައި ގޯއްޗާ އިންވެގެން އިންނަ އެހެނިހެން މަގުތަކުގެ ފުޅާމިނުގައި 3.048 މީޓަރ ( 10 ފޫޓް) ހަމަވާނަމަ، އިމާރާތުން އެމަގަށްވާ ބައި އެތެރައަށް ޖައްސައި 15 ފޫޓް ހުރިކަމަށް ބެލވޭނެއެވެ. ނަމަވެސް މައިމަގު ފިޔަވައި އެހެނިހެން މަގުތަކުގައި 3.048 މީޓަރ (10 މީޓަރ) ހަމަނުވާނަމަ، މިގޮތަށް އިމާރަތް އެތެރެއަށް ޖައްސައިގެން 30.480 މީޓަރ (100 ފޫޓް) އަށް ވުރެ އުސްކޮށް 45 މީޓަރާ ހަމައަށް އިމާރާތެއް ނުކުރެވޭނެއެވެ.

3.1.9 މި މާއްދާގެ 3.1.8 ގައި ބަޔާންކޮށްފައިވާ ގޮތަށް އިމާރާތް އެތެރެއަށް ޖައްސައިގެން ހަދާފައި ހުންނަ އިމަރާތެއްގެ ކުރިމަތިން މަގުގެ އަނެއް ފަރާތުގައި 30.480 މީޓަރ (100 ފޫޓް) އަށްވުރެ އުސްކޮށް ހަދާފައި ހުންނަ އިމާރާތެއް ހަދާނަމަ މައިމަގު ފިޔަވައި އެހެނިހެން މަގުތަކުގެ ފުޅާމިނުގައި 15 ފޫޓް ހަމަކުރުމަށް އިމާރާތް އެތެރެއަށް ޖައްސަން މިން ނަގަންވާނީ، ކުރިމަތިން ކުރި އިމާރާތް އެތެރެއަށް ޖައްސައިގެން މަގަށް އިތުރުވެފައިވާ ބައި ނުހިމަނައެވެ.

3.1.10 މި މާއްދާގެ 3.1.8 އާއި 3.1.9ގައި ބަޔާންކޮށްފައިވާ ގޮތަށް އިމާރާތް އެތެރެއަށް ޖެއްސުމުން މަގަށް އިތުރުވާ ޖާގަ ހިމެނޭނީ، މަގުގެ ބައެއްގެ ގޮތުގައެވެ. ވުމާއެކު، މަގު ފުޅާކުރުމަށް ޖައްސާބައިގ ގޯތީގެ އިމުން އުނިކޮށް ގޯތީގެ އިންފާރު ރާނަންވާނީ މިބައި ނުހިމަނައެވެ. ނަމަވެސް ގޯތީގެ އޭރިޔާ ބެލުމުގައި މިބައި ހިމެނިދާނެއެވެ. އަދި މި ބިން ހިމެނޭނީ މި ގަވާއިދާ އެއްގޮތަށް އިމާރާތްހަދައި ބޭނުންކުރަމުންދާ މުއްދަތަކަށް އާންމުން ބޭނުންކުރާ މަގުގެ ނުވަތަ ދުވާރުގެ ބަޔަކަށްވާ ގޮތަށް، ބޭނުންކުރާ ގޯތީގެ ބައެއްގެ ގޮތުގައެވެ. މަގުގައި ހިމެނޭ އާންމު ހިދުމަތްތަކަށް މިބައި ބޭނުންކުރަންވާނީ ބޭނުންވެއްޖެ ހާލަތެއްގައި ބަދަލުކުރެވޭގޮތަށް ހުންނަ ތަކެއްޗެވެ.

3.1.11 30.48 މީޓަރަށް ވުރެ އުސްކޮށޤ 45 މީޓަރާއި ހަމައަށް އިމާރާތްކުރާ އިމާރާތްތަކުގެ ފައުންޑޭށަން ޑިޒައިން ކުރަންވާނީ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓަރަކްޗަރ ގައި ރަޖިސްޓްރީކޮށްފައިވާ ސްޓަރަކްޗަރަލް ޗެކަރ ލެވެލް އިންޖިނޭރެކެވެ.

3.1.12 މަގުގެ ފުޅާމިން ބެލުމުގައ ހަމައެކަނި އެއްކޮޅުން ވަދެވޭގޮތަށް ހުންނަ ގޯޅިއެއްގައި އިމާރާތްކުރާނަމަ، މަގުގެ ފުޅާމިން ކަމުގައި ބަލާނީ އެއްކޮޅުން ވަދެވޭ ގޯޅީގެ ފުޅާމިނެވެ.

 

3.2 އިމާރާތުގެ ސެޓްބެކް

3.2 30.48 މީޓަރަށް ވުރެ އުސްކޮށް 45 މީޓަރާ ހަމައަށް ހަދާ އިމަރާތްތަކުގެ ބިލްޑިން ސެޓްބެކް ހަދާކަށް ނުޖެހޭނެއެވެ.

3.3  30.48  މީޓަރ އަށް ވުރެ އުސްކޮށް 45 މީޓަރާ ހަަމައަށް ހަދާ އިމާރާތްތަކުގައި އިމާރަތުގެ އެއްވެސް ބައެއް ނުވަތަ ތަނެއް އިމުން ބޭރަށް މަގަށް ނެރެގެން ނުވާނެއެވެ. ނަމަވެސް 30.48 މީޓަރަށް ވުރެ އުސްކޮށް ހަދާ އިމާރާތެއް މަަގަށް ނެރުމުގައި، އެ އިމާރާތެއް ހަދާ ގޯއްޗާއި އިންވެގެންވާ މަގުގެ އަނެއްފަޅި އަކީ، އެއްގަމު ފަރާތް ނޫންކަމަށްވާނަމަ، މަގަށް ނެރުމުގައި 30.48 މީޓަރ އާއި ހަމައަށް އިމާރާތްކުރާއިރު މަގަށް ނެރުމުގައި އަމަލުކުރާ މިންގަނޑަށް މަގަށް ނެރެވިދާނެއެވެ.

3.3.2 30.48 މީޓަރ އަށް ވުރެ އުސްކޮށް 45 މީޓަރާއި ހަމައަށް ހަދާ އިމާރާތްތަކުގައި ސަންށޭޑިން ނުވަތަ ބެލްކަނި ފަދަ ބޭނުމަށް މަގަށް ނެރެވޭނީ އިމުން ފެށިގެން އެންމެ ބޮޑުވެގެން 1.5 ފޫޓަށެވެ. އިމާރާތުގެ އެންމެ މަތީގައި ފުރާޅެއްލާނަމަ، އިމުން ފެށިގެން އެންމެ ގިނަވެގެން 3 ފޫޓަށް ފުރާޅު ނެރެވިދާނެއެވެ.

3.3.3 މި މާއްދާގެ 3.3.2 ގައި ބަޔާންކޮށްފައިވާ ފަދައިން އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގެ ލެވެލްގައި ވެސް ކޮންކްރީޓް ގަލާއި ސަންށޭޑިން ނުވަތަ ބެލްކަނި އިމާރާތުގެ އިމް ބޭރަސް ނެރެން ހުއްދަކުރާ 1.5 ފޫޓް ނެރެވޭނީ މުޅި އިމާރާތުގެ ފްރަންޓޭޖްގެ %60 އަށް ވުރެ އިތުރުނުވާ ވަރަށެވެ.

3.4 – މާލޭގައި 30.48 (100 ފޫޓް) އަށް ވުރެ އުސްކޮށް އިމާރާތް ކުރުމަށް ފަރުމާކުރާ އިމާރާތެއްގެ ތަޅުމުގެ %50 އަށްވުރެ ބޮޑުކޮށް ދިރިއުޅުން ފިޔަވައި އެހެން ބޭނުމަކަށް ކަނޑައަޅާނަމަ، އެ އިމާރާތެއްގެ ކުރެހުންތައް ފާސްކުރުމުގެ ކުރިން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އަށް ހުށަހަޅައި ޕްލޭނިން އެޕްރޫވަލް ހޯދަން ވާނެއެވެ. މި ދެންނެވި ޕްލޭނިން އެޕްރޫވަލް ހޯދުމަށްޓަކައި އެ އިމާރާތެއްގައި ކުރުމަށް ހަމަޖެހިފައވާ ބޭނުން ބަޔާންކޮށް ކޮންސެޕްްޓް ޑިޒައިނެއް ހުށަހަޅަންވާނެއެވެ. މި ކޮންސެޕްޓް ޑިޒައިންގައި އިމާރާތުގައި އެކުލެވިފައިވާ ފްލޯރތަކުގެ އޭރިޔާ އާއި އެފްލޯރ އެއްގައި ކުރަން ހަމަޖެހިފައިވާ ބޭނުން ކަނޑައެޅި ބަޔާންކުރެވިފައި އޮންނަން ވާނެއެވެ.

3.5 މި މާއްދާގެ 3.4 ގައި ބަޔާންކޮށްފައިވާ ޕްލޭނިން އެޕްރޫވަލް ދިނުމުގައި މައިގަނޑު ގޮތެއްގައި ބެލޭނީ އެ އިމާރާތެއް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދާއި، އެ ސަރަހައްދުގެ ވަށައިގެންވާ މާހައުލަކީ، އިމާރާތްކުރުމަށް ކަނޑައެޅިފައިވާ ބޭނުމަކަށް އެކަށޭނަ ސަރަހައްދަކަށް ވުން ފަދަ ކަންތައްތަކެވެ.

3.6 އިމާރާތުގައި ބޭސްމަންޓް ޕާކިން ހަދާއިރު ގްރައުންޑް ފްލޯ ލެވެލް ދުވާރު ލެވެލަށް ވުރެ އުސްކުރާނަމަ، އިމާރާތުގެ އުސްމިން ބަލަންފަށާނީ ގްރައުންޑް ފްލޯ ލެވެލް އިންނެވެ. މިގޮތުން ގްރައުންޑް ފްލޯ ދުވާރު ލެވެލް އަށް ވުރެ އެންމެ އުސްކުރެވޭނީ 1.5 މީޓަރަށެވެ.

 

  1. ވަނަ މާއްދާ - ގަވާއިދުގެ އެއްވަނަ ބައިގެ 4 ވަނަ މާއްދާގެ 4.1 ގެ 4.1.6ގެ ދަށަށް 4.1.7 ގެ ގޮތުގައި އަންނަނިވި ގޮތަށް އިތުރުކުރުން.

    4.1.7  45 މީޓަރަށް ވުރެ އުސްކޮށް 60 މީޓަރާއި ހަމައަށް އިމާރާތް ކުރާ އިމާރާތުގައި މަގުމަތީގައި އިމުގެ ފުޅާމިނުގައި  މަދުވެގެން 12.192 މީޓަރު އަދި އިމާރާތުގެ ވިޑްތް ކޮއިޑިފިށަންޓްގެ ގޮތުގައި މަދުވެގެން 13.716 ހުންނަން ވާނެއެވެ.

 

  1. ވަނަ މާއްދާ - ގަވާއިދުގެ 1 ވަނަ ބައިގެ 4 ވަނަ މާއްދާގެ 4.2.2 އަންނަނިވި ގޮތަށް އިސްލާހުކުރުން.

    4.2.2 45 މީޓަރަށް ވުރެ އުސްކޮށް 60 މީޓަރާއި ހަމައަށް ހަދާ އިމާރާތެއްގެ އެއްވެސް ބައެއް މަތީގައި ބަޔާންކުރެވިފައިވާ ސެޓްބެކްގެ ތެރެއަށް އަދި މަގަށް ނެރެގެން ނުވާނެއެވެ. ނަމަވެސް 45 މީޓަރ އަށް ވުރެ އުސްކޮށް ހަދާ އިމާރާތެއް މަގަށް ނެރުމުގައި އެ އިމާރާތެއް ހަދާ ގޯއްޗާ އިންވެގެންވާ މަގުގެ އަނެއްފަޅިއަކީ އެއްގަމު ފަރާތެއް ނޫންކަމަށް ވާނަމަ، މަގަށް ނެރުމުގައި 45 މީޓަރަށްވުރެ އުސްކޮށް 60 މީޓަރ އާއި ހަމައަށް އިމާރާތްކުރާއިރު މަގަށް ނެރުމުގައި އަމަލުކުރާ މިންގަނޑަށް މަގަށް ނެރެވިދާނެއެވެ.

 

  1. ވަނަ މާއްދާ - ގަވާއިދުގެ އެއްވަނަ ބައިގެ 5 ވަނަ މާއްދާގެ 5.1.7 އަންނަނިވި ގޮތަށް އިސްލާހް ކުރުން

    5.1.7 ދިރިއުޅުން ފިޔަވައި އެހެން ކަމަކަށް ދޫކޮށްފައިވާ ބިންބިމުގައި އެ ބިމެއް ދޫކޮށްފައިވާ ބޭނުމަކަށް އެކަށީގެންވާ މިންގަނޑަކުން ވަޔާއި އަލިކަން ލިބޭނެހެން ހުޅުވުންތަކާއި ހުސްޖާގަ ދޫކޮށްފައި ހުންނަން ވާނެއެވެ.

 

  1. ވަނަ މާއްދާ - ގަވާއިދުގެ އެއްވަނަ ބައިގެ 9 ވަނަ މާއްދާގެ 9.1.3 އަންނަނިވި ގޮތަށް އިސްލާހުކުރުން.

    9.1.3  ކެޓަގަރީ A  ގައި ހިމެނޭ އިމާރާތްތަކުގެ ތެރެއިން 30.48 މީޓަރ (100 ފޫޓް) އަށް ވުރެ އުސްކޮށް 60 މީޓަރ (147.638 ފޫޓް) އާއި ހަމައަށް ނުވަތަ އެ ދެމެދު އުސްމިނަކަށް އިމާރާތްކުރާނަމަ، ޕާކިންގއަށް ބަލަންވީ މިންގަނޑުތައް ތިރީގައި މިވަނީއެވެ.

    9.1.3.1 ހަމައެކަނި ދިރިއުޅުމަށް 30.48 މީޓަރ (100 ފޫޓް) އަށް ވުރެ އުސްކޮށޤ 45 މީޓަރ (147.638 ފޫޓް) އާއި ހަމައަށް ނުވަތަ އެ ދެމެދުގެ އުސްމިނަކަށް އިމާރާތްކުރާނަމަ، އިމާރާތުގެ ފުޓްޕްރިންޓްގެ %30 ޕާކިންގ އަށް ބާއްވަން ވާނެއެވެ. މިގޮތަށް ދޫކުރާ އޭރިޔާ އެންމެ ތިރީ ބުރީގައި އޮންނާކަށް މަޖުބޫރެއް ނޫނެވެ. ނަމަވެސް، ދުއްވާ އެއްޗިއްސަށް ފަސޭހަކަމާއި އެކު މަގުމަތިން ވަދެ ނިކުމޭ ގޮތަށް ރޭވިފައި ހުންނަންވާނެއެވެ. ޕާކިންގ އޭރިޔާ ކަނޑައެޅުމުގައި މި އޭރިޔާ ބައިތަކަށް ބަހާލެވިދާނެއެވެ. ނަމަވެސް މިގޮތަށް ބަހާލާ ބައިތަކުން އެއްވެސް ބައެއް ޖުމްލަ ފްލޯރ އޭރިޔާގެ %1.5 އަށް ވުރެ ކުޑަވެގެން ނުވާނެއެވެ. އަދި މިގޮތަށް ބާއްވާ ޕާކިން އޭރިޔާ އަށް ވަނުމަށް އޮންނަ މަގު ނުވަތަ ރޭމްޕް، ޕާކިން އަށް ދޫކުރަންޖެހޭ އިމާރާތުގެ ތަޅުމުގެ އޭރިޔާގެ %30 ގެ ތެރޭގައި ނުހިމެނޭނެއެވެ. ޕާކިންގ އަށް ކަނޑައަޅާ އޭރިޔާގެ ތެރޭގައި މި ގަވާއިދުގެ 3.2 ވަނަ މާއްދާގައި ވާ ގޮތަށް، މަގަކާއި އިންވެގެންވާ ފަރާތްތައް ފިޔަވައި އެހެން ހުރިހާ ފަރާތްތަކުން ގޯތީގެ އިމުންފެށިގެން އެންމެ ކުޑަވެގެން ބާއްވަންޖެހޭ 1 މީޓަރ (6.562 ފޫޓް) ފުޅާމިނުގެ ޖާގަ ޕާކިންގ އަށް ކަނޑައަޅާ އޭރިޔާގެ ތެރޭގައި ހިމެނިދާނެއެވެ. ނަމަވެސް މިގޮތަށް ދޫކުރާ 1 މީޓަރ ހުސްޖާގަ ޕްލޭންކުރެވިފައި އޮންނަންވާނީ ސައިކަލުފަދަ ދެފުރޮޅުލީ ދުއްވާ އެއްޗިއްސަށް ފަސޭހައިން ވަދެ ނިކުމެވޭ ގޮތަށެވެ.

    9.1.3.2 މައިގަނޑު ގޮތެއްގައި ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބޭނުން ކުރުމަށް 30.48 މީޓަރ (100 ފޫޓް) އަށް ވުރެ އުސްކޮށް 45 މީޓަރ (147.638 ފޫޓް) އާއި ހަމައަށް ނުވަތަ އެ ދެމެދު އުސްމިނަކަށް އިމާރާތްކުރާނަމަ، އިމާރާތުގެ ފުޓްޕްރިންޓްގެ %33 ޕާރކިންއަށް ބާއްވަން ވާނެއެވެ. ނަމަވެސް މިގޮތަށް ކަނޑައަޅާ ޕާކިންގ އޭރިޔާ އިމާރާތުގެ ފުޓްޕްރިންޓްގެ %50 އަށް ވުރެ ކުޑަވެގެން ނުވާނެއެވެ. މިގޮތަށް ދޫކުރާ އޭރިޔާ އިމާރާތުގެ އެންމެ ތިރީ ބުރީގައި އޮންނާކަށް މަޖުބޫރެއް ނޫނެވެ. ނަމަވެސް، ދުއްވާއެއްޗިއްސަށް ފަސޭހަކަމާއި އެކު މަގުމަތިން ވަދެ ނިކުމެވޭނެ ގޮތްތައް ރޭވިފައި ހުންނަން ވާނެއެވެ. ޕާކިންގ އޭރިޔާ ކަނޑައެޅުމުގައި މި އޭރިޔާ ބައިތަކަށް ބަހާލެވިދާނެއެވެ. ނަމަވެސް މިގޮތަށް ބަހާލާ ބައިތަކުން އެއްވެސް ބައެއް ޖުމްލަ ފްލޯރ އޭރިޔާގެ %1.5 އަށް ވުރެ ކުޑަވެގެން ނުވާނެއެވެ. އަދި މިގޮތަށް ބާއްވާ ޕާކިން އޭރިޔާ އަށް ވަނުމަށް އޮންނަ މަގު ނުވަތަ ރޭމްޕް ޕާކިންގއަށް ދޫކުރަން ޖެހޭ އިމާރާތުގެ ފުޓްޕްރިންޓްގެ %33 ތެރޭގައި ނުހިމެނޭނެއެވެ. ޕާކިންގ އަށް ކަޑައަޅާ އޭރިޔާގެ ތެރޭގައި މި ގަވާއިދުގެ 3.2 ވަނަ މާއްދާގައިވާ ގޮތަށް މަގަކާއި އިންވެގެންވާ ފަރާތްތައް ފިޔަވައި އެހެން ހުރިހާ ފަރާތްތަކުން ގޯތީގެ އިމުން ފެށިގެން އެންމެ ކުޑަވެގެން ބާއްވަން ޖެހޭނީ 1 މީޓަރ (6.562 ފޫޓް) ފުޅާމިނުގެ ޕާކިންގއަށް ކަނޑައަޅާ އޭރިޔާގެ ތެރޭގައި ހިމެނިދާނެއެވެ. ނަމަވެސް މިގޮތަށް ދޫކުރާ 1 މީޓަރ ހުސްޖާގަ ޕްލޭންކުރެވިފައި އޮންނަންވާނީ ސައިކަލު ފަދަ ދެފުރޮޅުލީ ދުއްވާ އެއްޗިއްސަށް ފަސޭހައިން ވަދެ ނިކުމެވޭ ގޮތަށެވެ.

    9.1.3.5  ހަމައެކަނި ދިރިއުޅުމަށް 45 މީޓަރ (147.638) ފޫޓު) އަށް ވުރެ އުސްކޮށް، 60 މީޓަރާއި ހަމައަށް ނުވަތަ އެ ދެމެދު އުސްމިނަކަށް އިމާރާތްކުރާނަމަ، މުޅި އިމާރާތުގެ ޖުމްލަ ތަޅުމުގެ އޭރިޔާގެ %5 ޕާރކިންއަށް ބާއްވަން ވާނެއެވެ. ނަމަވެސް މިގޮތަށް ކަނޑައަޅާ ޕާކިންގ އޭރިޔާ އިމާރާތުގެ ފުޓްޕްރިންޓްގެ %50 އަށްވުރެ ކުޑަވެގެން ނުވާނެއެވެ. މިގޮތަށް ދޫކުރާ އޭރިޔާ އެންމެ ތިރީ ބުރީގައި އޮންނާކަށް މަޖުބޫރެއް ނޫނެވެ. ނަމަވެސް ދުއްވާ އެއްޗިއްސަށް ފަސޭހަ ކަމާއި އެކު މަގުމަތިން ވަދެނިކުމެވޭނެ ގޮތްތައް ރޭވިފައި ހުންނަންވަނެއެވެ. ޕާކިން އޭރިޔާ ކަނޑައެޅުމުގައ މި އޭރިޔާ ބައިތަކަށް ބަހާލެވިދާނެއެވެ. ނަމަވެސް މިގޮތަށް ބަހާލާ ބައިތަކުން އެއްވެސް ބައެއް ޖުމްލަ ފްލޯރ އޭރިޔާގެ %1.5 އަށް ވުރެ ކުޑަވެގެން ނުވާނެއެވެ. އަދި މިގޮތަށް ބާއްވާ ޕާރކިން އޭރިޔާއަށް ވަނުމަށް އޮންނަ މަގު ނުވަތަ ރޭމްޕް، ޕާކިންގ އަށް ދޫކުރަން ޖެހޭ އިމާރާތުގެ ފުޓްޕްރިންޓްގެ %5 ތެރޭގައި ނުހިމެނޭނެއެވެ. ޕާކިންގއަށް ކަނޑައަޅާ އޭރިޔާގެ ތެރޭގައި، މި ގަވާއިދުގެ އެއްވަނަ ބައިގެ 3.2 ވަނަ މާއްދާގައިވާ ގޮތަށް، މަގަކާއި އިންވެގެންވާ ފަރާތްތައް ފިޔަވައި އެހެން ހުރިހާ ފަރާތްތަކުން ގޯތީގެ އިމުންފެށިގެން އެންމެ ކުޑަވެގެން ބާއްވަން ޖެހޭ 1 މީޓަރ (6.562 ފޫޓް) ފުޅާމިނުގެ ޖާގަ ޕާކިންގ އަށް ކަނޑައަޅާ އޭރިޔާގެ ތެރޭގައި ހިމެނިދާނެއެވެ. ނަމަވެސް މިގޮތަށް ދޫކުރާ 1 މީޓަރ ހުސްޖާގަ ޕްލެންކުރެވިފައި އޮންނަންވާނީ ސައިކަލު ފަދަ ދެފުރޮޅުލީ ދުއްވާ އެއްޗިއްސަށް ފަސޭހައިން ވަދެނިކުމެވޭ ގޮތަށެވެ.

    9.1.3.6 މައިގަނޑު ގޮތެއްގައި ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބޭނުންކުރުމަށް 45 މީޓަރ (147.638 ފޫޓު) އަށް ވުރެ އުސްކޮށް 60 މީޓަރާއި ހަމައަށް ނުވަތަ އެ ދެމެދުގެ އުސްމިނަކަށް އިމާރާތްކުރާނަމަ މުޅި އިމާރާތުގެ ޖުމްލަ ތަޅުމުގެ އޭރިޔާގެ %10 ޕާކިންގް އާށް ބާއްވަން ވާނެއެވެ. ނަމަވެސް މިގޮތަށް ކަނޑައަޅާ ޕާކިންގ އޭރިއާ އިމާރާތުގެ ފުޓްޕްރިންޓްގެ %50 އަށް ވުރެ ކުޑަވެގެން ނުވާނެއެވެ. މިގޮތަށް ދޫކުރާ އޭރިޔާ އިމާރާތުގެ އެންމެ ތިރީ ބުރީގައި އޮތުން މަޖުބޫރެއް ނޫނެވެ. ނަަމަވެސް ދުއްވާ އެއްޗިއްސަށް ފަސޭހައިން މަގުމަތިން ވަދެ ނިކުމެވޭ ގޮތްތައް ރޭވިފައި ހުންނަންވާނެއެވެ. ޕާކިންގ އޭރިއާ ކަނޑައެޅުމުގައި މި އޭރިޔާ ބައިތަކަށް ބަހާލެވިދާނެއެވެ. ނަމަވެސް މިގޮތަށް ބަހާލާ ބައިތަކުން އެއްވެސް ބައެއް ޖުމްލަ ފްލޯރ އޭރިޔާގެ %1.5 އަށް ވުރެ ކުޑަވެގެން ނުވާނެއެވެ. އަދި މިގޮތަށް ބާއްވާ ޕާކިން އޭރިޔާއަށް ވަނުމަށް މަގު ނުވަތަ ރޭމްޕް، ޕާކިންގ އަށް ދޫކުރަންޖެހޭ މުޅި އިމާރާތުގެ ޖުމްލަ ތަޅުމުގެ އޭރިޔާ %10 ތެރޭގައި ނުހިމެނޭނެއެވެ. ޕާކިންގ އަށް ކަނޑައަޅާ އޭރިޔާގެ ތެރޭގައި މި ގަވާއިދުގެ 3.2 ވަނަ މާއްދާގައިވާ ގޮތަށް މަގަކާއި އިންވެގެންވާ ފަރާތްތައް ފިޔަވައި އެހެން ހުރިހާ ފަރާތްތަކުން ގޯތީގެ އިމުންފެށިގެން އެންމެ ކުޑަވެގެން ބާއްވަން ޖެހޭ 1 މީޓަރ ( 6.562 ފޫޓް) ފުޅާމިނުގެ ޖާގަ ޕާރިކިންގ އަށް ކަނޑައަޅާ އޭރިޔާގެ ތެރޭގައި ހިމެނިދާނެއެވެ. ނަމަވެސް މިގޮތަށް ދޫކުރާ 1 މީޓަރ ހުސްޖާގަ ޕްލޭން ކުރެވިފައި އޮންނަން ވާނީ ސައިކަލު ފަދަ ދެފުރޮޅުލީ ދުއްވާ އެއްޗިއްސަށް ފަސޭހައިން ވަދެނިކުމެވޭ ގޮތަށެވެ.

    9.1.3.7  ހަމައެކަނި ދިރިއުޅުމަށް 45 މީޓަރަށް ވުރެ އުސްކޮށް 60 މީޓަރާއި ހަމައަށް ނުވަތަ އެ ދެމެދު އުސްމިނަކަށް އިމާރާތްކުރާނަމަ، މުޅި އިމާރާތުގެ ޖުމްލަ ތަޅުމުގެ އޭރިޔާގެ %5 ޕާކިންއަށް ބާއްވަން ވާނެއެވެ. ނަމަވެސް މިގޮތަށް ކަނޑައަޅާ ޕާކިން އޭރިޔާ އިމާރާތުގެ ފުޓްޕްރިންޓްގެ %50 އަށޤ ވުރެ ކުޑަވެގެން ނުވާނެއެވެ. މިގޮތުން ޖުމްލަ ތަޅުމުގެ ބޮޑުމިން ކަނޑައެޅުމުގައި އިމާރާތުގެ ވަރޓިކަލް ސަރކިއުލޭށަން (ސިޑި އަދި ލިފްޓް) ބޭސްމަންޓް، މެކޭނިކަލް ސަރިވިސަސް އަދި ޑަކްޓިން، ޕާރިކިންއަށް ކަނޑައަޅާ އޭރިޔާ އަދި އެކްސެސް، ލޯޑިންގ އަންލޯޑިންގ، ޓެރަސް އަދި ބެލްކަނީ،ފަދަ ބައި ނުހިމަނައި ބޮޑުމިން ކަނޑައެޅިދާނެއެވެ. މިގޮތަށް ދޫކުރާ އޭރިޔާ އެންމެ ތިރީ ބުރީގައި އޮންނާކަށް މަޖުބޫރެއް ނޫނެވެ. ނަމަވެސް ދުއްވާ އެއްޗިއްސަށް ފަސޭހަކަމާއި އެކު މަގުމަތިން ވަދެނިކުމެވޭނެ ގޮތްތަށް ރޭވިފައި ހުންނަންވާނެއެވެ. ޕާކިން އޭރިޔާ ކަނޑައެޅުމުގައ މި އޭރިޔާ ބައިތަކަށް ބަހާލެވިދާނެއެވެ. ނަމަވެސް މިގޮތަށް ބަހާލާ ބައިތަކުން އެއްވެސް ބައެއް ޖުމްލަ ފްލޯރ އޭރިޔާގެ %1.5 އަށް ވުރެ ކުޑަވެގެން ނުވާނެއެވެ. އަދި މިގޮތަށް ބާއްވާ ޕާކިންގ އޭރިޔާއަށް ވަނުމަށް އޮންނަ މަގު ނުވަތަ ރޭމްޕް، މުޅި އިމާރާތުގެ ޖުމްލަ ތަޅުމުގެ އޭރިޔާގެ %5 ތެރޭގައި ނުހިމެނޭނެއެވެ. ޕާރިކިންއަށް ކަނޑައަޅާ އޭރިޔާގެ ތެރޭގައި މި ގަވާއިދުގެ 3.2 ވަނަ މާއްދާގައިވާ ގޮތަށް މަގަކާ އިންވެގެންވާ ފަރާތްތައް ފިޔަވައި އެހެން ހުރިހާ ފަރާތްތަކުން ގޯތީގެ އިމުންފެށިގެން އެންމެ ކުޑަވެގެން ބާއްވަންޖެހޭ 1 މީޓަރ (6.652 ފޫޓް) ފުޅާމިނުގެ ޖާގަ ޕާކިންގއަށް ކަނޑައަޅާ އޭރިޔާގެ ތެރޭގައި ހިމެނިދާނެއެވެ. ނަމަވެސް މިގޮތަށް ދޫކުރާ 1 މީޓަރ ހުސްޖާގަ ޕްލޭންކުރެވިފައި އޮންނަންވާނީ ސައިކަލުފަދަ ދެފުރޮޅުލީ ދުއްވާ އެއްޗިއްސަށް ފަސޭހައިން ވަދެ ނިކުމެވޭ ގޮތަށެވެ.

    9.2.2 ކެޓަގަރީ B  ގައި ހިމެނޭ 30.48 މީޓަރ (100 ފޫޓް) އާ ހަމައަށް ނުވަތަ އެ ދެމެދުގެ އުސްމިނަކަށް އިމާރާތްކުރާނަމަ، އިމާރާތްތަކުގައި ޕާކިންގއަށް ބަލަންވީ މިންގަނޑުތައް ތިރީގައި މިވަނީއެވެ.

    9.2.2.1 30.48 މީޓަރ (100 ފޫޓް) އާ ހަމައަށް ނުވަތަ އެ ދެމެދުގެ އުސްމިނަކަށް އިމާރާތް ކުރާނަމަ މުޅި އިމާރާތުގެ ޖުމްލަ ތަޅުމުގެ އޭރިޔާގެ %8 ޕާކިންގ އަށް ބާއްވަން ވާނެއެވެ. ނަމަވެސް މިގޮތަށް ކަނޑައަޅާ ޕާކިންގ އޭރިއާ އިމާރާތުގެ ފުޓްޕްރިންޓް އޭރިޔާގެ %50 އަށް ވުރެ ކުޑަވެގެން ނުވާނެއެވެ. މިގޮތަށް ދޫކުރާ އޭރިޔާ އެންމެ ތިރީބުރީގައި އޮންނާކަށް މަޖުބޫރެއް ނޫނެވެ. ނަމަވެސް، ދުއްވާއެއްޗިއްސަށް ފަސޭހަކަމާއި އެކު މަގުމަތިން ވަދެ ނިކުމެވޭނެ ގޮތްތައް ރޭވިފައި ހުންނަން ވާނެއެވެ. ޕާކިންގ އޭރިއާ ކަނޑައެޅުމުގައި މި އޭރިޔާ ބައިތަކަށް ބަހާލެވިދާނެއެވެ. ނަމަވެސް، މިގޮތަށް ބަހާލާ ބައިތަކުން އެއްވެސް ބައެއް ޖުމްލަ ފްލޯ އޭރިޔާގެ %1.5 އަށް ވުރެ ކުޑަވެގެން ނުވާނެއެވެ. އަދި މިގޮތަށް ބާއްވާ ޕާކިން އޭރިޔާއަށް ވަނުމަށް އޮންނަ މަގު ނުވަތަ ރޭމްޕް، ޕާކިންގް އަށް ދޫކުރަންޖެހޭ މުޅި އިމާރާތުގެ ތަޅުމުގެ %8 ގެ ތެރޭގައި ނުހިމެނޭނެއެވެ.

    9.2.3 ކެޓަގަރީ B  ގައި ހިމެނޭ 30.48 މީޓަރ (100 ފޫޓް) އަށް ވުރެ އުސްކޮށް 60 މީޓަރ (147.638 ފޫޓް) އާއި ހަމައަށް ނުވަތަ އެ ދެމުދުގެ އުސްމިނަކަށް އިމާރާތްކުރާނަމަ އިމާރާތްތަކުގައި ޕާކިންގއަށް ބަލަންވީ މިންގަނޑުތައް ތިރީގައި މިވަނީއެވެ.

    9.2.4 30.48 މީޓަރ (100 ފޫޓް) އަށް ވުރެ އުސްކޮށް 60 މީޓަރާ ހަމައަށް ނުވަތަ އެ ދެމެދުގެ އުސްމިނަކަށް އިމާރާތްކުރާނަމަ، މުޅި އިމާރާތުގެ ޖުމްލަ ތަޅުމުގެ އޭރިޔާ %10 ޕާކިންގ އަށް ބާއްވަން ވާނެއެވެ. ނަމަވެސް މިގޮތަށް ކަނޑައަޅާ ޕާކިންގ އޭރިޔާ ފުޓްޕްރިންޓް އޭރިޔާގެ %75 އަށް ވުރެ ކުޑަވެގެން ނުވާނެއެވެ. މިގޮތަށް ދޫކުރާ އޭރިޔާ އެންމެ ތިރީ ބުރީގައި އޮންނާކަށް މަޖުބޫރެއް ނޫނެވެ. ނަމަވެސް، ދުއްވާ އެއްޗިއްސަށް ފަސޭހަކަމާއި އެކު މަގުމަތިން ވަދެ ނިކުމެވޭނެ ގޮތްތައް ރޭވިފައި ހުންނަންވާނެއެވެ. ޕާކިން އޭރިޔާ ކަނޑައެޅުމުގައި މި އޭރިޔާ ބައިތަކަށް ބަހާލެވިދާނެއެވެ. ނަމަވެސް، ދުއްވާ އެއްޗިއްސަށް ފަސޭހަކަމާއި އެކު މަގުމަތިން ވަދެ ނިކުމެވޭނެ ގޮތްތައް ރޭވިފައި ހުންނަން ވާނެއެވެ. ޕާކިން އޭރިޔާ ކަނޑައެޅުމުގައި މި އޭރިޔާ ބައިތަކަށް ބަހާލެވިދާނެއެވެ. ނަމަވެސް މިގޮތަށް ބަހާލާ ބައިތަކުން އެއްވެސް ބައެއް ޖުމްލަ ފްލޯރ އޭރިޔާގެ %1.5 އަށް ވުރެ ކުޑަވެގެން ނުވާނެއެެވެ. އަދި މިގޮތަށް ބާއްވާ ޕާކިންގ އޭރިޔާއަށް ވަނުމަށް އޮންނަ ޖާގަ ނުވަތަ ރޭމްޕް ޕާކިންގްއަށް ދޫކުރަންޖެހޭ މުޅި އިމާރާތުގެ ޖުމްލަ ތަޅުމުގެ އޭރިޔާގެ %10 ތެރޭގައި ނުހިމެނޭނެއެވެ. ޕާކިންގ އަށް ކަނޑައަޅާ އޭރިޔާގެ ތެރޭގައި މި ގަވާއިދުގެ 3.2 ވަނަ މާއްދާގައިވާ ގޮތަށް، މަގަކާ އިންވެގެންވާ ފަރާތްތައް ފިޔަވައި އެހެން ހުރިހާ ފަރާތްތަކުން ގޯތީގެ އިމުން ފެށިގެން އެންމެ ކުޑަވެގެން ބާއްވަންޖެހޭ 1 މީޓަރ (6.562 ފޫޓް) ފުޅާމިނުގެ ޖާގަ ޕާކިންގ އަށް ކަނޑައަޅާ އޭރިޔާގެ ތެރޭގައި ހިމެނިދާނެއެވެ. ނަމަވެސް މިގޮތަށް ދޫކުރާ 1 މީޓަރ ހުސްޖާގަ ޕްލޭންކުރެވިފައި އޮންނަންވާނީ ސައިކަލު ފަދަ ދެފުރޮޅުލީ ދުއްވާ އެއްޗިއްސަށް ފަސޭހައިން ވަދެ ނިކުމެވޭ ގޮތަށެވެ.

 

  1. ވަނަ މާއްދާ - ގަވާއިދުގެ އެއްވަނަ ބައިގެ 10 ވަނަ މާއްދާގެ 10.1 އަންނަނިވި ގޮތަށް އިސްލާހްކުރުން.

    10.1 މި ގަވާއިދުގެ ދަށުން އިމާރާތް ކުރެވޭ އިމާރާތެއްގެ ބޭސްމަންޓް ޕާކިން ހަދާއިރު ގްރައުންޑް ފްލޯރ ލެވެލް މަގުގެ ލެވެލަށްވުރެ އުސްކުރާނަމަ އަދި އެ އުސްކުރާމިން މަގުމަތީ ލެވެލްއިން ފެށިގެން 1.5 މީޓަރ (4.921 ފޫޓު) އަށް ވުރެ އުސްވާނުވާނަމަ މުޅި އިމާރާތުގެ އުސްމިން 1.5 މީޓަރާ ހަމައަށް އިތުރަށް އުސްކުރެވިދާނެއެވެ. އަދި މިގޮތަށް އުސްކުރާ ބޭސްމެންޓް ބޭނުންކުރެވޭނީ ހަމައެކަނި ޕާކިންގ ބޭނުމަށެވެ.

 

  1. ވަނަ މާއްދާ - ގަވާއިދުގެ އެއްވަނަ ބައިގެ 11 ވަނަ މާއްދާގެ 11.2 އަންނަނިވި ގޮތަށް އިސްލާހްކުރުން.

    11.2 އިމާރާތްކުރުމަށް ހުއްދަދެވޭ އެންމެ އުސްމިނަށް ހެދިފައިވާ އިމާރާތެއްގެ މަތީގައި ހަދާފައިވާ ޓެރަސް، ދިރިއުޅުން ފިޔަވައި އެހެން ބޭނުންތަކަށް ބޭނުންކުރެވިދާނެއެވެ. ނަމަވެސް، މި ގޮތަށް ބޭނުން ކުރެވޭނީ ޓެރަސްގެ 3/1 އަށްވާ އޭރިޔާއެވެ. އަދި މި ބައި ހިޔާކުރާނަމަ މިބައިގެ އުސްމިން ލިފްޓް މެށިންރޫމްގެ އުސްމިން ނުވަތަ 4 މީޓަރ އަށް ވުރެ އުސްވެގެން ނުވާނެއެވެ.

 

  1. ވަނަ މާއްދާ - ގަވާއިދުގެ އެއްވަނަ ބައިގެ 11 ވަނަ މާއްދާގެ 11.8 އަންނަނިވި ގޮތަށް އިސްލާހްކުރުން

    11.8 މާލޭގައި 5 ބުރި ނުވަތަ 16.5 މީޓަރަށް ވުރެ އުސްކޮށް ހަދާ އިމާރާތްތަކުގައި ލިފްޓް ބަހައްޓަން ވާނެއެެެވެ.

 

  1. ވަނަ މާއްދާ - ގަވާއިދުގެ އެއްވަނަ ބައިގެ 11 ވަނަ މާއްދާގެ 11.14 އަންނަނިވި ގޮތަށް އިސްލާހްކުރުން.

    11.14 މާލޭގައި 4 ބުރި ނުވަތަ 12.80 މީޓަރަށްވުރެ އުސްކޮށްހަދާ އިމާރާތްތަކުގައި ސެންޓްރަލް ވޭސްޓް ޑިސްޕޯސަލް ޗޫޓުގެ ޒަރިއްޔާއިން ކުނި ޖަމާކޮށް ކަލެކްޓް ކުރެވޭނެ އިންތިޒާމެއް ނުވަތަ ވޭސްޓް ކަލެކްޓް ކުރާނެ ޖާގައެއް ހަމަޖެހިފައި އޮންނަން ވާނެއެވެ. އަދި ސެންޓްރަލް ޑިސްޕޯސަލް ޗޫޓު ހުންނަންވާނީ މނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެކުލަވާލާ މިންގަނޑުތަކާއި އެއްގޮތަށެވެ.

 

  1. ވަނަ މާއްދާ - ގަވާއިދުގެ އެއްވަނަ ބައިގެ 11 ވަނަ މާއްދާގެ 11.15 ގެ ދަށަށް 11.16 ގެ ގޮތުގައި އަންނަނިވި ގޮތަށް އިތުރުކުރުން.

    11.16 ދެ މަގު ކުޅޭ ކަންމައްޗަށް ހުންނަ ގޯއްޗެއްގައި ހަދާ އިމަރާތެއް މަގަށް ނެރުމުގައި، އެ ކަން ވަށްކުރުމަށް އެ ގޯއްޗެއްގެ އަކަފޫޓުން އުނިކޮށްފައިވާ އޭރިޔާ ހިމެނޭ ގޮތަށް ދުވާރުން ފެށިގެން 40 ފޫޓު މަތިން މަގަށް ނެރެވޭ މިންގަނޑުން ނެރެވިދާނެއެވެ.

 

  1. ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

  

މައި ގަވާއިދު

މާލޭ ޕްލޭނިންގ ގަވާއިދު (ގަވާއިދު ނަންބަރު 192/2015)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު