-

ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމާއި، ބޮޑުކަންނެލި ރާއްޖެއިން އެކްސްޕޯޓް ކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 13/2010)

 

1 ވަނަ މާއްދާ- ތައާރުފް

މިގަވާއިދަކީ، ގާނޫނު ނަންބަރު 5/1987 "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު"ގެ 3 ވަނަ މާއްދާގެ (ހ) އިނ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއަށް ލިބިދޭ އިހްތިޔާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ. މި ގަވާއިދަށް ކިޔާނީ " ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމާއި ބޮޑުކަންނެލި ރާއްޖެއިން އެކްސްޕޯޓްކުރުމުގެ ގަވާއިދު" މިފަދައިންނެވެ.

 

2 ވަނަ މާއްދާ- ލައިސަންސް ލިބިގެން ބޭނޭނެ ބާވަތްތަކާއި، އެކްސްޕޯޓްކުރެވޭނެ ބާވަތްތައް

(ހ) ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލައިސަންސް ދެވޭނީ، ހަމައެކަނި މި މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ ބާވަތްތައް ބޭނުމަށެވެ. އަދި އެކްސްޕޯޓްކުރުމަށް ހުއްދަދެވޭނީ، ބޮޑުކަންނެލީގެ ބާވަތްތައް ބޭނުންކުރުމަށެވެ. އަދި އެކްސްޕޯޓްކުރުމަށް ހުއްދަދެވޭނީ، ބޮޑުކަންނެލީގެ ބާވަތްތަކުގެ ރޯމަހާއި އޭގެ ބައިތަކަށް ބަދަލެއް ގެނެސްގެން އުފައްދާ ބާވަތްތަކަށެވެ.

(ށ) ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލައިސަންސް ލިބިފައިވާ އުޅަނދުފަހަރުގައި ކުރާ މަސްވެރިކަމުގައި ބޭނުމަށް އަމާޒުކުރަންވާނީ ހަމައެކަނި އަންނަނިވި ބާވަތްތަކެވެ.

  1. ރީނދޫ އުރަހަ ކަންނެލި (Thunnus albacares, Yellowfin tuna)
  2. ލޯބޮޑު ކަންނެލި (Thunnus obesus, Bigeye tuna) 

(ނ) އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ 75 މޭލާ 200 މޭލާއި ދެމެދުގައި މަސްވެރިކަން ކުރުމަށް ލައިސަންސް ލިބިގެންކުރާ މަސްވެރިކަމުގައި ބޭނޭ ބައިކެޗްގެ ތެރެއިން ރާއްޖެއިން އެކްސްޕޯޓްކުރުމަށް އެފަރާތްތަކަށް ހުއްދަ ބާވަތްތަކާމެދުވެސް ޢަމަލުކުރެވޭނީ މިގަވާއިދުގެ ދަށުން ބޮޑުކަންނެލީގެ ބާވަތްތަކާމެދު އަމަލުކުރެވޭގޮތަށެވެ.

(ރ) އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ 75 މޭލާ 200 މޭލާއި ދެމެދުގައި މަސްވެރިކަން ކުރުމަށް ލައިސަންސް ލިބިގެންކުރާ މަސްވެރިކަމުގައި ބޭނޭ ބައިކެޗްގެ ތެރެއިން ރާއްޖެއިން އެކްސްޕޯޓްކުރުމަށް އެފަރާތްތަކަށް ހުއްދަ ބާވަތްތަކާމެދުވެސް ޢަމަލުކުރެވޭނީ މިގަވާއިދުގެ ދަށުން ބޮޑުކަންނެލީގެ ބާވަތްތަކާމެދު އަމަލުކުރެވޭގޮތަށެވެ.

 

3 ވަނަ މާއްދާ - ކޯޓާ ކަނޑައެޅުމާއި ދޫކުރުން

(ހ)  ރާއްޖެއިން ކޮންމެ އަހަރަކު ބޮޑުކަންނެލި ބާނަންވީ މިންވަރުގެ ޖުމްލަ ކޯޓާ ކަނޑައެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. ޖުމްލަ ކޯޓާ ކަނޑައެޅުމުގައި، އަންނަނިވި ކަންކަމަށް މިނިސްޓްރީއިން ރިއާޔަތް ކުރަންވާނެއެވެ.

  1. ބޮޑުކަންނެލީގެ ސްޓޮކްތަކުގެ ހާލަތު ހުރިނެތް ގޮތް،
  2. ބޮޑުކަންނެލީގެ ސްޓޮކްތަކުގެ ހާލަތާއި ބެހޭގޮތުން ލިބެންހުރި މައުލޫމާތުގެ ޞައްހަކަން،[
  3. ރާއްޖޭގެ މަސްވެރިކަމާއި އިގްތިސާދު ކުރިއެރުވުމުގެ އަދި މަސްވެރިކަމުގެ ސިނާއަތުގައި ވަޒީފާއާއި މަސައްކަތުގެ ފުރުސަތު ދެމެހެއްޓުމުގެ މުހިންމުކަން. 

(ށ) ކަނޑައަޅާފައިވާ ޖުމްލަ ކޯޓާއަށްވުރެ އިތުރުނުވާނެ ގޮތެއްގެމަތީން، ކަނޑައެޅޭ އުސޫލަކާ އެއްގޮތަށް، ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ކޯޓާދޫކުރާނީ މިނިސްޓްރީއިންނެވެ.

(ނ) ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް އުޅަނދުފަހަރަށް ކޯޓާ ދޫކުރުމުގައި އަންނަނިވި ކަންކަމަށް މިނިސްޓްރީއިން ރިއާޔަތްކުރަން ވާނެއެވެ.

  1. ކަނޑައަޅާފައިވާ ޖުމްލަ ކޯޓާގެ މިންވަރު
  2. ބޮޑުކަންނެލީގެ މަސްވެރިކަމުގެ ކޯޓާއަށް އެދޭ އުޅަނދުގެ ގިންތިއާއި، ދިގުމިނާއި، ފުޅާމިން އަދި ގްރޮސް ޓަނޭޖް
  3. ކޮންމެ ގިންތިއަކުން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ކޯޓާއަށް އެދޭ އުޅަނދުފަހަރުގެ އަދަދު
  4. ކޯޓާ ލިބޭ އުޅަނދު ބޮޑުކަންނެލީގެ މަސްވެރިކަމުގައި ކުރިން ހަރަކާތްތެރި ވެފައިވާނަމަ،  ކުރީއަހަރުތަކުގައި ބާނާފައިވާ މަހުގެ މިންވަރު 

(ރ)  ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ކޯޓާ ދޫކުރުމުގައި މިނިސްޓްރީއަށް ލަފާދިނުމަށް އަންނަނިވި ފަރާތްތަކުގެ މައްޗަށް އެކުލެވިގެންވާ "ފިށަރީޒް ކޯޓާ މެނޭޖްމަންޓް ކޮމެޓީ" އެއް މިނިސްޓްރީން އުފައްދާ ހިންގަންވާނެއެވެ.

  1. މިނިސްޓަރ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރ އައްޔަންކުރާ 2 މެމްބަރުން
  2. ބޮޑުކަންނެލީގެ މަސްވެރިކަމުގެ ސިނާއަތު ތަމްސީލުކުރާ 2 މެމްބަރުން
  3. ފިށަރީޒް އެޑްވައިޒަރީ ބޯޑުގެ 1 މެމްބަރު

 

4 ވަނަ މާއްދާ- މަސްވެރިކަންކުރުމަށް ލައިސަންސް ދެވޭ ސަރަހައްދު

(ހ) ދިވެހިރާއްޖޭގެ މަސްވެރިކަމާބެހޭ ގާނޫނުގައި ނުވަތަ ދިވެހިރާއްޖޭގެ މަސްވެރިކަމާބެހޭ  ގަވާއިދުގައި ނުވަތަ މިގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އަތުނަނު ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ސަރަހައްދާއި ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަޙައްދުގެ ކޮންމެ ހިސާބެއްގައިވެސް ބޮޑުކަންނެލީގެ މަސްވެރިކަންކުރެވިދާނެއެވެ.

(ށ) ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ހުއްދަ ދެވޭނީ، ދިވެހިރާއްޖޭގެ އާކިޕެލެޖިކް ބޭސްލައިންއިން ފެށިގެން 100 މޭލު ފާހަގަކޮށް، އެއިމުން ފެށިގެން ބޭރުގައިވާ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރުމަށެވެ.

(ނ) އޮއިވާލި ކަނދުފައްޗާއި 3 (ތިނެއް) މޭލަށްވުރެ ކައިރިން ދިރޭ އެންޖަހައިގެން ނުވަތަ އަޑިއަށް ފައްތައިގެން ނުވަތަ ވަދުއަޅައިގެން ނުވަތަ ލޭނުއަޅައިގެން އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކުރުމަކީ މަނާކަމަކަށްވާތީ، ބޮޑުކަންނެލީގެ މަސްވެރިކަންކުރަންވާނީ އޮއިވާލި ކަނދުފައްޗާއި 3 (ތިނެއް) މޭލު ކައިރިން ކަމަށް ބަލާބެލުމަށް ށައްކުވާ ހިސާބަށް ކައިރިނުވާނޭ ގޮތަށް، އޮޔާއި ވައި ހުންނަގޮތް ބަލައިގެންނެވެ.

(ރ) ދޮށީގެ މަސްވެރިކަންކުރާ އައިނެއްގައި މަސްވެރިކަންކުރަން ބަޔަކު ތިބިނަމަ އެއައިނު ކައިރީގައި، ނުވަތަ އެއައިނުން މަސްވެރިކަންކުރަން ތިބިމީހުންކުރާ ދޮށީގެ މަސްވެރިކަމަށް އުނިކަމެއް ލިބޭނެ ގޮތަކަށް، ބޮޑުކަންނެލީގެ މަސްވެރިކަން ކޮށްގެން ނުވާނެއެވެ. ހަމަ މިފަދައިން މަސްވެރިންގެ ބަޔަކު ބޮޑުކަންނެލީގެ މަސްވެރިކަން ކުރަމުންދަނިކޮށް އެފަރާތްތަކުން ކުރަމުންދާ މަސްވެރިކަމަށް އުނިކަން ލިބޭފަދަގޮތަކަށް ދޮށީގެ މަސްވެރިކަން  ކޮށްގެން ނުވާނެއެވެ.

(ބ) ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ލައިސަންސް ދޫކޮށްފައިވާ އުޅަނދުފަހަރުން އަޅާލޭނުބައިގެ މައި ނަނު ހުންނަންވާނީ ކަނޑުގެ މަތީފަށަލައިން ފެށިގެން މަދުވެގެން 60 މީޓަރުގެ ފުންމިނުގައެވެ.

 

5 ވަނަ މާއްދާ- މަސްވެރިކަންކުރުމުގެ ލައިސަންސް ހޯދުން

(ހ) ބޮޑުކަންނެލީގެ މަސްވެރިކަންކުރެވޭނީ، ދިވެހިރާއްޖޭގެ މަސްވެރިކަމާބެހޭ ގާނޫނާއި  "އެކްސްޕޯރޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯރޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއާކަލްޗަރކުރުމަށް ލައިސަންސް ދިނުމާއި ބެހޭ ގަވާއިދު" ގެ ދަށުން ސައްހަ ލައިސަންސެއް ލިބިގެންނެވެ.

(ށ) ބޮޑުކަންނެލީގެ މަސްވެރިކަންކުރަން ލައިސަންސްދެވޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހިންގެ ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއްގެ އުޅަނދުފަހަރަށެވެ.

(ނ) ބޮޑުކަންނެލީގެ މަސްވެރިކަންކުރުމުގެ ލައިސަންސް އަށް އެދޭނީ "އެކްސްޕޯރޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯރޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރު ކުރުމަށާއި، އެކުއާކަލްޗަރކުރުމަށް ލައިސަންސް ދިނުމާއި ބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިންނެވެ.

(ރ) ބޮޑުކަންނެލީގެ މަސްވެރިކަންކުރުމުގެ ލައިސަންސް ލިބިފައިވާ ކޮންމެ އުޅަނދެއް މަސްވެރިކަންކުރުމުގައި އުޅޭއިރު، އެއުޅަނދަކަށް ދޫކޮށްފައިވާ މަސްވެރިކަންކުރުމުގެ ލައިސަންސް އެއުޅަނދެއްގައި އޮންނަންވާނެއެވެ.

 

6 ވަނަ މާއްދާ - ބޮޑުކަންނެލީގެ މަސްވެރިކަންކުރާ އުޅަނދުގައި ބިދޭސީން ގެންގުޅުން

(ހ) މިގަވާއިދުގެ ދަށުން، ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ލައިސަންސް ދީފައިވާ އުޅަނދެއްގައި އެއްވެސް ބިދޭސީއަކު އެއްވެސްކަމެއްގައި ގެންގުޅެވޭނީ މިނިސްޓްރީއިން ލިޔުމަކުން ހުއްދަ ހޯދުމަށްފަހު، އެހުއްދަ ދީފައިވާ ކަމެއް ކުރުމަށް، ހުއްދަދީފައިވާ މުއްދަތެއްގައެވެ.

(ށ) ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ލައިސަންސް ދީފައިވާ އުޅަނދެއްގައި ކުރަންޖެހޭކަމަކާއި ބެހޭގޮތުން ދިވެހިންނަށް ތަމްރީނު ދިނުމަށްޓަކައި މިނިސްޓްރީއިން ގަބޫލުކުރާ ފެންވަރުގެ ފަންނީ މާހިރަކު، ކަނޑައަޅާ ވަކި މުއްދަތަކަށް، ގެނައުމުގެ ހުއްދަ ދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ - އެކްސްޕޯޓްކުރަން ތައްޔާރުކުރާ މަހުގެ ކޮލިޓީ

(ހ) މިގަވާއިދުގެ ދަށުން ލައިސަންސް ލިބިގެން ބާނާ މަހުން ތައްޔާރުކުރާ ބާވަތްތައް ހުންނަންވާނީ އަދި އެމަސް ނުވަތަ އެމަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރަން ވާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިންނާއި މިނިސްޓްރީއިން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭގޮތަށެވެ.

(ށ) މިގަވާއިދުގެ ދަށުން ލައިސަންސް ލިބިގެން ބާނާ މަހުން ޔޫރަޕިއަން ޔޫނިއަންއަށް އެކްސްޕޯޓްކުރުމަށްޓަކައި އެއްވެސް ބާވަތެއް ތައްޔާރުކުރަންވާނީ އަދި އެފަދަ ބާވަތެއް އެކްސްޕޯޓްކުރަންވާނީ، ޔޫރަޕިއަން ޔޫނިއަންއިން ކަނޑައަޅައި ޢާއްމުކޮށްފައިވާ، މަހާއި މަހުން ތައްޔާރުކުރާ ބާވަތްތައް އެޔޫނިއަން އަށް އެކްސްޕޯޓްކުރުމާ ބެހޭ ޤަވާޢިދުތަކަށް ފެތޭގޮތަށެވެ.

(ނ) މިޤަވާޢިދުގެ ދަށުން ލައިސަންސް ލިބިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރާ ކޮންމެ އުޅަނދެއްގައި، އެކްސްޕޯޓްކުރާ ބޮޑުކަންނެލި ފިނިކޮށް ތާޒާކަންމަތީ ބެހެއްޓޭނޭ އިންތިޒާމް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި މިނިސްޓްރީއިން ކަނޑައަޅާ ނުވަތަ ޤަބޫލުކުރާ ފެންވަރަކަށް އެއުޅަނދެއްގައި ހަމަޖެހިފައި ހުންނަންވާނެއެވެ.

(ރ) މިގަވާއިދުގެ ދަށުން ލައިސަންސް ލިބިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމުގައި ބޭނޭ އެހެން ބާވަތްތަކުގެ މަސް (ބައިކެޗް) ވަކިން ފިނިކޮށް ތާޒާކަންމަތީ ބެހެއްޓޭނެ އިންތިޒާމް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި މިނިސްޓްރީއިން ކަނޑައަޅާ ނުވަތަ ޤަބޫލުކުރާ ފެންވަރަކަށް އެއުޅަނދެއްގައި ހަމަޖެހިފައި ހުންނަންވާނެއެވެ.

(ބ) މަސްވެރިކަންކުރާ އުޅަނދުގައި މަސް ރައްކާކުރާ ބަޔާއި، މަސްގެންގުޅުމުގައި ބޭނުންކުރާ ތަކެއްޗާއި އެކްސްޕޯޓްކުރުމަށް މަސް ޕްރޮސެސްކުރާ ތަންތަނާއި ތަކެތި ހުންނަންވާނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި މިނިސްޓްރީއިން ކަނޑައަޅާ މިންގަނޑު ތަކާއި އެއްގޮތަށެވެ.

 

8 ވަނަ މާއްދާ - އެކްސްޕޯޓް ލައިސަންސް

(ހ) މިގަވާއިދުގެ ދަށުން އެކްސްޕޯޓްކުރާ ބާވަތްތައް ރާއްޖެއިން ބޭރުކުރުމަށް އެކްސްޕޯޓް ލައިސަންސް ދޫކުރާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިންނެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސްއަށް އެދެންވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ދޫކުރާ އެކްސްޕޯޓް ލައިސަންސްއަށް އެދޭ ފޯމުންނެވެ.

 

9 ވަނަ މާއްދާ - މައުލޫމާތު ދިނުން

(ހ) ލައިސަންސް ލިބިފައިވާ އުޅަނދުގައި ކުރާ މަސްވެރިކަމާބެހޭ މަޢުލޫމާތު އެއްކުރުމަށް، މިނިސްޓްރީއިން ތައްޔާރުކޮށް މަސްވެރިކަންކުރާ އުޅަނދަށް ދޫކޮށްފައިވާ ލޮގްފޮތުގައި ހިމެނޭ މަޢުލޫމާތުތައް ލައިސަންސް ލިބިފައިވާ ފަރާތުން ފުރިހަމަ ކުރުމަށްފަހު ކޮންމެ މީލާދީ މަހެއްގެ 15 (ފަނަރަ) ވަނަ ދުވަހުގެ ކުރިން ވޭތުވެދިޔަ މީލާދީ މަހުގެ މައުލޫމާތު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީއިން ކަނޑައަޅާ އޮފީހަކަށް ފޮނުވަންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ދިނުމުގެ އިތުރުން، މިނިސްޓްރީއިން ނުވަތަ މިނިސްޓްރީއިން ކަނޑައަޅާ އެހެން ފަރާތަކުން، މަސްވެރިކަމާބެހޭ މަޢުލޫމާތު ހޯދުމަށް ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތެއްގެ ކިބައިން އެދިއްޖެނަމަ، އެމަޢުލޫމާތެއް އެފަރާތަކަށް ފޯރުކޮށްދޭންވާނެއެވެ.

(ނ) މައުލޫމާތުދޭ ފަރާތްތަކުން، މިނިސްޓްރީއަށް ދޭ ނުވަތަ ފުރިހަމަކޮށްދޭ ނުވަތަ މިނިސްޓްރީއަށް ދިނުމަށްޓަކައި އެއްކުރާ ނުވަތަ ބަލަހައްޓާ މަޢުލޫމާތަކީ ތެދު، ފުރިހަމަ މަޢުލޫމާތު ކަމަށްވާންވާނެއެވެ. އަދި މިގޮތުން ދޭ އެއްވެސް މައުލޫމާތަކީ ދޮގު ނުވަތަ ޞައްޙަ ނޫން މައުލޫމާތުކަމުގައި ވެގެންނުވާނެއެވެ.

 

10 ވަނަ މާއްދާ - ވެސަލް މޮނިޓަރިންގ ސިސްޓަމް

މިގަވާއިދުގެ ދަށުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ބޮޑު ކަންނެލީގެ މަސްވެރިކަންކުރުމަށް ލައިސަންސް ލިބިފައިވާ ކޮންމެ އުޅަނދެއްގައި، މިނިސްޓްރީއިން ކަނޑައަޅާ މިންގަޑުތަކަށްފެތޭ 'ވެސަލް މޮނިޓަރިންގ ސިސްޓަމް' އެއް ގާއިމްކޮށްފައި ބަހައްޓަން ޖެހޭނެއެވެ. މިފަދަ އުޅަނދުފަހަރުގައި ހުންނަ ވެސަލް މޮނިޓަރިންގ ސިސްޓަމް ހުންނަންވާނީ، ނިއްވާނުލާ އަބަދުވެސް ހުޅުވާފަ ('އޮން' ކޮށްފަ) އެވެ. މިނިސްޓްރީއަށް ލިއުމަކުންއަންގައި ހުއްދަ ލިބިގެންމެނުވީ ވެސަލް މޮނިޓަރިންގ ސިސްޓަމް ނިއްވާ ލުމަކީ ('އޮފް' ކޮށްލުމަކީ) މަނާކަމެކެވެ.

 

11 ވަނަ މާއްދާ - ލޭނު ބައި ފާހަގަ ކުރުމުގެ ގޮތުން ލައިސަންސް ނަންބަރު ޖެހުން

ލޭނުއަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަންކުރާ އުޅަނދުފަހަރުން ބޭނުންކުރާ ލޭނު ބައި ފާހަގަކުރުމަށްޓަކައި، ލޭނު ބައިގެ ބޮއިނަނުތައް ގުޅާފައިވާ ބޮއިތަކުގަޔާއި ރޭޑިޔޯބޮއި ތަކުގައި، އެއުޅަނދެއްގެ ލައިސަންސް ނަންބަރު، ފަސޭހައިން ފެންނަން ހުންނާނެ ގޮތަށް، ޖަހަން ވާނެއެވެ.

 

12 ވަނަ މާއްދާ - އޮބްޒާވަރުން

(ހ) ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމަށް ލައިސަންސް ލިބިފައިވާ އުޅަނދެއްގައި ކުރާ މަސްވެރިކަން ހިނގާ ނުހިނގާގޮތް ބެލުމަށް އުޅަނދެއްގައި މިނިސްޓްރީގެ އޮބްޒާވަރަކު ބެހެއްޓުމަށް ބޭނުންވެއްޖެ ހިނދެއްގައި، އެއުޅަނދެއްގައި އޮބްޒާވަރަކު ބެހެއްޓޭނެ އިންތިޒާމް ލައިސަންސް ލިބިފައިވާ ފަރާތުން، އެފަރާތުގެ ހަރަދުގައި ހަމަޖައްސައިދޭން ވާނެއެވެ.  މިގޮތުން، މިނިސްޓްރީއިން އޮބްޒާވަރަކު އުޅަނދެއްގައި ބަހައްޓަން ބޭނުންވެއްޖެ ހިނދެއްގައި، އެއުޅަނދެއް މަސްވެރިކަމުގެ ދަތުރުގައި ފުރުމުގެ 72 ގަޑިއިރު ކުރިން ލައިސަންސް ނަގާފައިވާ ފަރާތަށް ލިޔުމަކުން އަންގަންވާނެއެވެ. މިނިސްޓްރީގެ އޮބްޒާވަރެއްގެ ގޮތުގައި އުޅަނދުގައި ބަހައްޓާ މީހާއަށް ލައިސަންސް ލިބިފައިވާ ފަރާތުން ކޮށްދޭންޖެހޭކަމެއް ނުކޮށްދިނުމުގެ ސަބަބުން ނުވަތަ އެފަރާތުގެ އިހުމާލުން އެއްވެސް ގެއްލުމެއް  ލިބިއްޖެނަމަ، އެކަމުގެ ފުރިހަމަ ޒިންމާ ލައިސަންސް ލިބިފައިވާ ފަރާތުން އުފުލަންވާނެއެވެ.

(ށ) މިގަވާއިދުގެ ދަށުން ބޮޑުކަންނެލީގެ މަސްވެރިކަންކުރާ އުޅަނދު ފަހަރުގައި މިނިސްޓްރީގެ ފަރާތުން ބަހައްޓާ އޮބްޒާވަރުންނަށް، "އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއާކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާއި ބެހޭ ޤަވާޢިދު"  ގައި ފިށަރީޒް އެންފޯސްމަންޓް އޮފިސަރުންނަށް ލިބިދީފައިވާ ބާރުތައް ދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެން ވެއެވެ.

(ނ) ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލައިސަންސް ލިބިފައިވާ އުޅަނދު ފަހަރުގައި ބަހައްޓާ އޮބްޒާވަރުންނަށް އަންނަނިވި ކަންތައްތައް ބެލޭނެގޮތުގެ އިންތިޒާމް ލައިސަންސް ލިބިފައިވާ ފަރާތުންނާއި އުޅަނދުގެ ފަޅުވެރިންގެ ފަރާތުން އެއްވެސް ހުރަހަކާއި ނުލައި ހަމަޖައްސައި ދޭންވާނެއެވެ.

  1. ބޭނުންކުރާ އާލާތާއި އެއާލާތް ބޭނުންކުރިގޮތާއި ބެހޭ މައުލޫމާތު (އާލާތުގެ ވައްތަރު، ބޭނުންކުރާ ކޮޅުގެ އަދަދު، ދުވާލަކު ލޭނު ބައި އެޅީ ކިތައްފަހަރުކަން ނުވަތަ ދުވާލަކު ބޭނުންކުރި ނަނުގެ ނުވަތަ ބުޅީގެ އަދަދު)
  2. ލޭނުއެޅި ކޮންމެ ދުވަހެއްގައި، ލޭނުއެޅި ކޮންމެފަހަރަކު ބޭނި ނުވަތަ ނެގި މަހުގެ މިންވަރު ނުވަތަ ނަނު ދޫކޮށްގެން ބޭނި ނުވަތަ ނެގި މަހުގެ މިންވަރު
  3. މަސް ވިއްކި ފަރާތްތަކާއި، ވިއްކި މަހުގެ މިންވަރު ނުވަތަ ބަރުދަން.
  4. ބައިކެޗްގެ ގޮތުގައި ބޭނި ނުވަތަ ނެގި މަހުގެ މިންވަރު އަދި ހިމާޔަތް ކޮށްފައިވާ މަސްމަހާމެއްސާއި، މަންމަލި ޖަނަވާރާއި، ދޫނި ސޫފާސޫއްޕާއި ވެލާ ކަހަނބު ފަދަ ކަނޑުގެ ދިރުންހުރި ބާވަތްތައް ދިރިއޮއްވާ ދޫކުރިނަމަ އެމައުލޫމާތު.
  5. ޗާޓްތަކާއި ނެވިގޭށަން މައުލޫމާތު.
  6. ލޮގްފޮތް ފުރާގޮތް ނުވަތަ ލޮގްފޮތުގައި ފުރިހަމަކުރާ މައުލޫމާތު ބަލަން ބޭނުންވެއްޖެ ހާލަތެއްގައި އެމައުލޫމާތު.
  7. އޮބްޒާވަރެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ އެންމެހާ ވަސީލަތްތަކާއި އިންތިޒާމްތައް.

 

13 ވަނަ މާއްދާ - މަސްވެރިކަމުން އަމާޒުކުރާ މަސް ފިޔަވާ ހިފޭ، ބޭނޭ ނުވަތަ ނެގޭ އެހެނިހެން ކަނޑުގެ ދިރުންތައް (ބައިކެޗް) މަދުކުރުމަށް ފިޔަވަޅުއެޅުން.

(ހ) ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ލައިސަންސް ދީފައިވާ އުޅަނދުފަހަރުން ލޭނުއެޅުމުގައި ކަނޑުމަތީ ދޫނި މަރުވާ މިންވަރު މަދުކުރުމަށް ޖަދުވަލު 2 ގައިވާ ގޮތުގެ މަތިން ޢަމަލު ކުރަންވާނެއެވެ.

(ށ) ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ލައިސަންސްދީފައިވާ އުޅަނދުފަހަރުން ހިފާ، ބާނާ ނުވަތަ ނަގާ މަހާއި ވެލާ ކަހަނބުގެ މިންވަރު މަދުކުރުމަށް ޖަދުވަލު 3 ގައިވާ ގޮތުގެ މަތިން އަމަލު ކުރަންވާނެއެވެ.

 

14 ވަނަ މާއްދާ- ކޮށްގެން ނުވާނެ ކަންތައް

"ދިވެހިރާއްޖޭގެ މަސްވެރިކަމާބެހޭ ގާނޫނު" އާއި، އެގާނޫނުން ބާރުލިބިގެން ހަދާފައިވާ "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގަވާއިދު" އާއި، "އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއާކަލްޗަރކުރުމަށް ލައިސަންސް ދިނުމާއި ބެހޭ ގަވާއިދު" އާއި މިގަވާއިދުގައި މަނާކަމެއްކަމަށް ނުވަތަ ކޮށްގެން ނުވާނެކަމެއް ކަމަށް ކަނޑައަޅާފައިވާ  އެއްވެސްކަމެއް ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތަކުން ކޮށްގެން ނުވާނެއެވެ.

 

15 ވަނަ މާއްދާ - އިދާރީ ފިޔަވަޅު އެޅުން

(ހ) މިގަވާއިދުގައި ވަކިގޮތަކަށް ކުރުމަށް ކަނޑައަޅާފައިވާކަމެއް، އެގޮތަކަށް އެކަމެއް ނުކުރާ ފަރާތަކާއިމެދު ނުވަތަ މިގަވާއިދާއި ހިލާފުވާ ފަރާތަކާއިމެދު، މިގަވާއިދުގައި  ކަނޑައަޅާފައިވާގޮތުގެ މަތިން، އެކަމަކާއިބެހޭފަރާތަކުން، އިދާރީ ފިޔަވަޅު އަޅަން ވާނެއެވެ.

(ށ) މިމާއްދާގެ (ހ)ގައިވާ ގޮތުގެމަތިން އަޅާފިޔަވަޅު އެޅުމުގެ އިތުރުން، ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލައިސަންސްދެނީ، މިޤަވާޢިދާއި އެއްގޮތަށް ޢަމަލުކުރުމަށް ށަރުތުކޮށް، "އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއާކަލްޗަރކުރުމަށް ލައިސަންސް ދިނުމާއި ބެހޭ ގަވާއިދު" ގެ ދަށުން ކަމަށް ވީހިނދު، މިގަވާއިދާއި ހިލާފުވާ ފަރާތްތަކާއިމެދު، އެކަމެއްގެ ޒާތަށާއި ކުޑަބޮޑުމިނަށް ރިއާޔަތްކޮށް، "އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއާކަލްޗަރކުރުމަށް ލައިސަންސް ދިނުމާއި ބެހޭ ގަވާއިދު" ގައި ކަނޑައަޅާފައިވާގޮތުގެ މަތިން، އިދާރީ ފިޔަވަޅުއެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

16 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މިޤަވާޢިދަށް ޢަމަލުކުރަން ފަށާނީ މިގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

17 ވަނަ މާއްދާ - މާނަކުރުން

(ހ) މިޤަވާޢިދުގައި ލަފްޒެއް ނުވަތަ އިބާރާތެއް، އެއިބާރާތެއް ހިމެނިފައިވާ ގޮތުން، އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު، މިގަވާއިދުގައި:

"މަސްވެރިކަމުގައި ބޭނުމަށް އަމާޒުކުރުން" ކަމުގައި ބުނެފައި އެވަނީ، ވަކިބާވަތެއްގެ ނުވަތަ ވަކިބާވަތްތަކެއްގެ މަހެއް ބޭނުމަށް ނުވަތަ ނެގުމަށް ގަސްދުކޮށް، އަތުނަނުދޫކޮށްގެން ނުވަތަ ލޭނުއަޅައިގެން މަސްވެރިކަންކުރުމަށެވެ. 

"ބައިކެޗް" ކަމުގައި ބުނެފައި އެވަނީ، މަސްވެރިކަމުގައި ބޭނުމަށް އަމާޒުކުރާ ބާވަތްތަކުގެ ކުދި މަހާއި، މަސްވެރިކަމުގައި ބޭނުމަށް އަމާޒުކުރާ ބާވަތްތައް ފިޔަވައި ބޭނޭ، ނުވަތަ ނެގޭ އެހެނިހެން ބާވަތްތަކަށެވެ.

"މިނިސްޓްރީ" ކަމުގައި ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރ ނުވަތަ މިގަވާއިދުގެ ދަށުން ކުރަންޖެހޭ ކަމެއް ކުރުމުގެ މަސްއޫލިއްޔަތެއް އަދާކުރުމުގެ ބާރާއި އިހްތިޔާރު މިނިސްޓްރީއިން ދީފައިވާ ކޮންމެ ފަރާތަކަށް ނިސްބަތްކޮށެވެ.

'މަދަނީ ބަދަލު' ކަމަށް ބުނެފައި އެވަނީ، ރޯމަހަށް އެއްވެސް ބަދަލެއް ގެނައުމެވެ.

"ލޮގްފޮތް' ކަމަށް ބުނެފައި އެވަނީ، ލައިސަންސް ދީފައިވާ އުޅަނދު ފަހަރުން ފުރިހަމަކުރަންޖެހޭ މަސްވެރިކަމުގެ މައުލޫމާތު ފުރިހަމަކުރާ ފޮތަށެވެ.

'ވެސަލް މޮނިޓަރިންގ ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، އުޅަނދުފަހަރުގެ ޕޮޒިށަން ދެނެގަތުމަށްޓަކައި އުޅަނދު ފަހަރުގައި ހަރުކުރާ އާލާތެކެވެ.

"ދިވެހިރާއްޖޭގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ގާނޫނުގައިވާ ގޮތުގެ މަތިން ދަމާލެވޭ، ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ރާއްޖޭގެ ސަރަޙައްދީ ކަނޑާއި، އެކަނޑުގެ އަޑީގައިވާ ބިމާއި އެކަނޑާއި ގުޅިފައިވާ ޖައްވެވެ.

"ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ 200 ނޯޓިކަލްމޭލުގެ ފުޅާ ކަނޑުގެ ސަރަހައްދުގެ ތެރެއިން، ދިވެހިރާއްޖޭގެ ސަރަހައްދީ ކަނޑުގެ ބޭރަށް އޮންނަ ސަރަހައްދާއި، އެސަރަހައްދުގެ ކަނޑުގެ އަޑީގައިވާ ފަސްގަނޑެވެ.

 

ޖަދުވަލު 1

ބޮޑުކަންނެލީގެ ބާވަތްތަކުގެ ރޯމަހާއި އޭގެ ބައިތަކަށް މަދަނީ ބަދަލެއް ގެނެސްގެން އުފައްދާ ބާވަތްތައް

 

އައިޓަމްގެ ނަން (އިގިރޭސި)

އައިޓަމްގެ ނަން

ކޯޑް

Yellowfin Tuna (fresh or chilled)

 ޔެލޯފިން ޓޫނާ (ފްރެޝް އޯ ޗިލްޑް)

0302320000

Bigeye Tuna (fresh or Chilled)

ބިގްއައި ޓޫނާ (ފްރެޝް އޯ ޗިލްޑް)

0302340000

Yellowfin Tuna (Frozen)

ޔެލޯފިން ޓޫނާ (ފްރޯޒަން)

0303420000

Bigeye Tuna (Frozen)

ބިގްއައި ޓޫނާ (ފްރޯޒަން)

0303440000

Yellowfin Tuna fillets (Fresh or chilled)

ޔެލޯފިން ޓޫނާ ފިލެޓްސް (ފްރެޝް އޯ ޗިލްޑް)

0304100013

Yellowfin Tuna Loins (Fresh or Chilled)

ޔެލޯފިން ޓޫނާ ލޮއިންސް (ފްރެޝް އޯ ޗިލްޑް)

0304100014

Bigeye Tuna Loins (Frozen)

ބިގްއައި ޓޫނާ ލޮއިންސް (ފްރެޝް އޯ ޗިލްޑް)

0304100022

Yellowfin Tuna Loins (Frozen)

ޔެލޯފިން ޓޫނާ ލޮއިންސް (ފްރޯޒަން)

0304200015

Bigeye Tuna Loins (Frozen)

ބިގްއައި ޓޫނާ ލޮއިންސް (ފަރޯޒަން)

0304200016

Yellowfin Tuna Loins (Dried, Salted, In Brine)

ޔެލޯފިން ޓޫނާ ލޮއިންސް (ޑްރައިޑް، ސޯލްޓަޑް، އިން ބްރައިން)

0305300013

Yellowfin Tuna (Canned, Pre-prepared & Preserved)

ޔެލޯފިން ޓޫނާ (ކޭންޑް، ޕްރީޕްރިޕްއަރޑް އެންޑް ޕްރިޒަރވްޑް)

1604140014

Yellowfin Tuna Chunks (Fresh or Chilled)

ޔެލޯފިން ޓޫނާ ޗަންކްސް (ފްރެޝް އޯ ޗިލްޑް)

304190028

Yellowfin Tuna Fillets (Smoked)

ޔެލޯފިން ޓޫނާ ފިލެޓްސް (ސްމޯކްޑް)

305390022

Yellowfin Tuna Loins (Steamed)

ޔެލޯފިން ޓޫނާ ލޮއިންސް (ސްޓީމްޑް)

304290015

Yellowfin Tuna Steak (Frozen)

ޔެލޯފިން ޓޫނާ ސްޓޭކް (ފްރޯޒަން)

304990013

Other

އެހެނިހެން ބާވަތްތައް

 


-------------

 

 

ޖަދުވަލު 2 

ބޮޑުކަންނެއްޔަށް ލޭނުއަޅާއިރު ކަނޑުމަތީ ދޫނި މަރުވާމިންވަރު މަދުކުރުމަށް އަޅާނެ ފިޔަވަޅުތައް

ލޭނު މަސްވެރިކަމުގެ ލައިސަންސް ލިބިގެން ރާއްޖޭގެ އިޤްތިޞާދީ ޞަރަހައްދުގައި އެމަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުން ކަނޑުމަތީ ދޫނި މަރުވާ މިންވަރު މަދުކުރުމަށްޓަކައި، ތިރީގައިވާ ތާވަލު (ހ)ގައި ލިސްޓްކޮށްފައިވާ ކަންކަމުގެ ތެރެއިން މަދުވެގެން އެއްކަމެއް ފުރިހަމަކުރަންވާނެއެވެ. އަދި މިތާވަލުގައި ބަޔާންކޮށްފައިވާ ކަންކަން ކުރަންޖެހޭ ގޮތުގެ ތަފްޞީލް މިޖަދުވަލުގެ (ށ) ގައި ބަޔާންކޮށްފައިވާނެއެވެ.

(ހ) ތަފްސީލް

 

ހަރަކާތް

ތަފްޞީލް

ހިފަހައްޓަންޖެހޭ މިންގަނޑު

1. ރޭގަނޑުގެ ވަގުތުތަކުގައި އުޅަނދުގެ އަލި މަޑުކޮށް ބަހައްޓައިގެން ލޭނުއެޅުން

އިރު އަރާ ވަގުތާއި އިރު އޮއްސޭ ވަގުތާއި ދެމެދުގެ ވަގުތުތަކުގައި ލޭނު ނޭޅުން. އަދި ލޭނު އަޅާ ވަގުތު އުޅަނދުގައި އަލި ހުންނަންވާނީ އަލި ބޭނުންވާ އެންމެ ދަށް މިންވަރަށް.

 

އިރު އަރާ ވަގުތާއި އިރުއޮއްސޭ ވަގުތު ބަލާނީ ދިވެހިރާއްޖޭގެ ކަލަންޑަރުގައި ފާހަގަކޮށްފައިވާ ފަޖުރުލާ ގަޑިއާއި އިރު އޮއްސޭ ގަޑިއަށެވެ. އަލި ހުންނަންވާ އެންމެ ދަށް މިންވަރެއް ކަމަށް މާނަކުރަނީ މަސައްކަތްކުރުމުގެ ރައްކާތެރިކަމަށާއި ދަތުރުކުރުމަށް އަލި ހުންނަންޖެހޭ މިންވަރާއި ޚިލާފުނުވާ އެންމެ ދަށް މިންވަރުކަމުގައެވެ.

2. ދޫނި ފައްސާ ފަށް ބޭނުންކުރުން (ބަރޑް ސްކެއަރިންގ ލައިން)

ލޭނު ކޮޅުތަކުގައި (ބްރާންޗް ލައިން) އަޅާފައިވާ އެންމަސް ކެއުމަށް ދޫނިތައް ކައިރިވިޔަ ނުދިނުމަށް، ދޫނި ފެއްސުމަށް ބޭނުންކުރާ ފަށް ލޭނު އަޅާ ވަގުތުގައި ބޭނުންކުރުން.

 

ދޫނި ފައްސާ ފަށް ހުންނަންވާނެ ގޮތުގެ ތަފްޞީލް ޖަދުވަލު 3 ގައި ބަޔާންކޮށްފައި ވާނެއެވެ.

3. ބަރު ލާފައިވާ ލޭނުކޮޅު (ބްރާންޗް ލައިން) ބޭނުންކުރުން

ލޭނު ބައިގައި ހިމެނޭ ހުރިހާ ކޮޅެއްގައި ކަނޑައަޅާފައިވާ މިންގަނޑަށް ބަރު ލާފައި ހުރުން.

- ކޮންމެ ލޭނު ކޮޅެއްގައި ލާ ބަރުގައި މަދުވެގެން 45 ގްރާމް ހުންނަންވާނެއެވެ.

- ލޭނު ކޮޅުގެ ބުޅިން ފެށިންގެން 1 މީޓަރުގެ ދިގުމިނުގައި 60 ގްރާމަށްވުރެ ލުއިނޫން ބަރު ހަރުކޮށްފައި ހުންނަން ވާނެއެވެ.

- ލޭނު ކޮޅުގެ ބުޅިން ފެށިގެން 3.5 މީޓަރުގެ ދިގުމިނުގައި 60 ގްރާމަށްވުރެ ލުއިނޫން އަދި 100  ގްރާމަށްވުރެ ބަރުނޫން ބަރު ހަރުކޮށްފައި ހުންނަން ވާނެއެވެ.

- ލޭނު ކޮޅުގެ ބުޅިން ފެށިންގެން 4 މީޓަރުގެ ދިގުމިނުގައި 100  ގްރާމް ނުވަތަ އެއަށްވުރެ ލުއިނޫންބަރު  ހަރުކޮށްފައި ހުންނަން ވާނެއެވެ.

 

4. ނޫ ކުލަ ޖައްސާފައިވާ ބޯވަދިލަ  މަސް އެމުގެ ގޮތުގައި ބޭނުންކުރުން

އައި.އޯ.ޓީ.ސީއިން ޢާއްމުކޮށްފައިވާ ޕްލެކާޑުގައިވާގޮތަށް ބޯވަދިލަ މަހުގައި ކުލަ ޖެއްސުން. 

ބޯވަދިލަމަހުގައި ޖައްސާ ކުލަ ހުންނަންވާނީ "ބްރިލިއަންޓް ބްލޫ" ފުޑް ޑައި (ކަލަރ އިންޑެކްސް 42090، ނުވަތަ ފުޑް އެޑިޓިވް ނަންބަރު E133) ބޭނުންކޮށްގެން %0.5  ކޮންސެންޓްރޭޝަންގައި މަދުވެގެން 20 މިނެޓް ވަންދެން ކުލަޖައްސެމުން ހުންނަ ކުލައިގައެވެ.

 

5. ބޭނުންކޮށްފައިވާ އެމާއި މަހުން ބާކީވާ ބައިތައް (ކަރުގޮހުރު) ވަކި އުޞޫލަކުން  އުކާލުން

ބޭނުންކޮށްފައިވާ އެމާއި މަހުން ބާކީވާބައިތައް، ލޭނު އަޅާ ވަގުތުގައި އުކާނުލުން. ނަމަވެސް ކަނޑައެޅިފައިވާ އުޞޫލަކުން ލޭނު ނަގާ ވަގުތުގައި އުކާލެވިދާނެ.

ބޭނުންކޮށްފައިވާ އެމާއި މަހުންބާކީވާ ބައިތައް ލޭނު އަޅާ ވަގުތުގައި އުކާލައިގެން ނުވާނެއެވެ. އަދި ލޭނު ނަގަމުންދާ ވަގުތުތަކުގައިވެސް މިތަކެތި އުކާނުލާ ވާންއޮތްނަމަ އެތަކެތި އުކާލައިގެން ނުވާނެއެވެ. ލޭނު ނަގާ ވަގުތުގައި ބޭނުންކޮށްފައިވާ އެމާއި މަހުންބާކީވާ ބައިތައް ކޮންމެހެން އުކާލަން ޖެހިއްޖެ ހާލަތެއްގައި އުކާލަންވާނީ ލޭނު ނަގާ ފަރާތް ނޫން އަނެއް ފަރާތުންނެވެ.

 

6. ލޭނު ދޫކުރާ ދޯރި (ލައިން ސެޓިންގ ޝޫޓަރ)

ލޭނު ދޫކުރާ ދޯރި ބޭނުންކުރުމުން މައި ނަނަށް ވާން ނުވާގޮތަށް ލޭނު ދޫކުރުމަށް އެހީތެރިވެދޭނެ.

ލޭނު ދޫކުރާ ދޯރީގެ ލޭނު ނުކުންނަކޮޅު ހުންނަންވާނީ ކަނޑުގެ ލޮނުގަނޑުގެ ތެރޭގައި ނުވަތަ ކަނޑުގެ ލޮނުގަނޑުގައި ޖެހޭ ހިސާބުގައެވެ.

މައި ނަނު ދޫކުރަމުންދާންވާނީ އެއްވަރަކަށް (އެއް ސްޕީޑެއްގައި) އަދި އުޅަނދުގެ ދުވެއްޔަށްވުރެ ކުޑަ ތަންކޮޅެއް ބާރު މިނުގައެވެ. އެއީ މައި ނަނަށް ވާން ނުވެ އަވަހަށް އަޑިއަށް ދިއުމަށް އެހީތެރިވެދިނުމަށެވެ. އަދި ލޭނު ދޫކުރުމުގައި އުޅަނދުގެ ކަނާތް ފަރާތުން (ޕޯޓް ސައިޑް އިން) ދޫކުރުމަށް ސަމާލުކަންދޭން ވާނެއެވެ.

 

 

(ށ) ދޫނިފައްސާ ފަށުގެ ފަރުމާ އަދި ބޭނުންކުރަންވީގޮތުގެ ތަފްޞީލް

ދޫނި ފައްސާ ފަށުގެ ފަރުމާ

  1. ދޫނި ފައްސާ ފަށުގެ ދިގުމިނުގައި މަދުވެގެން 100 މީޓަރު ހުންނަވާނެއެވެ. އަދި މިފަށުގެ ދިގުމިނުގައި 150 މީޓަރު ހަމަނުވާނަމަ، ދޫނިފައްސާ ފަށަށް ވާންކުރުމަށްޓަކައި އަދި އެފަށުގެ ނިވަލުގައި ވާ ސަރަޙައްދު ބޮޑުކުރުމަށްޓަކައި، ފަށުގެ ދޫކުރެވިފައިވާ ކޮޅު ފެންމަތީގައި ދެމޭގޮތަށް ކޮންމެވެސް އެއްޗެއް (ފުލޯޓް) ހަރުކޮށްފައި ހުންނަވާނެއެވެ. އަދި ފަށުގެ ކުލައަކަށް ވާންވާނީ އޮރެންޖް ނުވަތަ ރަތް ފަދަ ދުރަށް ފެންނަ ކުލައެކެވެ.
  2. ދޫނި ފައްސާ ފަށުގެ ފެނުންމަތީގައި އޮންނަ ބަޔަކީ ދޫނި ސޫފާސޫފި އެފަށަށް ހޭނުނަ ނުދިނުމަށް އެކިގޮތްގޮތަށް ތެޅޭހާ ލުއި އެހެންނަމަވެސް އެފަށަކީ ވަޔާއެކު އުޅަނދުގެ މިސްރާބުން ކައްސާލައިގެން ނުދާ މިންވަރަށް ބަރުދަން ހުރި ފަށަކަށް ވާންވާނެއެވެ.
  3. ދޫނި ފައްސާ ފަށުގެ ތިރީގައި އެލުވާފައި ހުންނަ ފަށްތަކަކީ ދުރަށް ފާހަގަވާ ފަދަ (ފާޅުކަންބޮޑު) ކުލައަކުން ތައްޔާރުކޮށްފައިވާ ވަޔާއެކު އެކި ގޮތްގޮތަށް ތެޅުވޭހެން ހަރުކުރެވިފައިވާ ފަށްތަކަކަށް ވާންވާނެއެވެ. އަދި މިފަށްތައް ހަރުކުރެވިފައި ހުންނަންވާނީ ދެ ފަށުން ދެ ފަށުން "ތްރީ-ވޭ ސްވިވެލް" (ތިންތަނުން އެނބުރޭ ފޫކް) އެއްގައި ކަނޑުގެ މަތީފަށަލައިގައި ނުޖެހޭ ހިސާބުގައެވެ.
  4. މިގޮތަށް ހަރުކުރާ ފޫކުތައް ހުންނަންވާނީ ދެ ފޫކުގެ ދޭތެރޭގައި 5 މީޓަރަށްވުރެ ދޭތެރެ ދުރުނުވާ ގޮތަކަށެވެ.
  5. ދޫނި ފައްސާ ފަށުގައި އެލުވާފައި ހުންނަ ފަށްތަކުގެ ޢަދަދު ލޭނު އެޅުމަށް އުޅަނދު ދުއްވާ ބާރުމިނަށް ބަލައިގެން ބަދަލުކުރަންވާނެއެވެ. ލޭނު އަޅުމަށްޓަކައި ދޯނި ދުއްވަނީ މަޑު ދުވެއްޔެއްގައި ކަމުގައި ވާނަމަ ހަރުކުރާ ފަށްތަކުގެ ޢަދަދު އިތުރު ކުރަންވާނެއެވެ.

(ޗާޓް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)

ދޫނި ފައްސާ ފަށް ބޭނުންކުރާ ގޮތް

  1. ލޭނު އެޅުމުގެ މަރުހަލާއަށް ފަށައިގަތުމުގެ ކުރިން ދޫނި ފައްސާ ފަށް ހަރުކުރަންވާނެއެވެ.
  2. ދޫނި ފައްސާ ފަށުގެ ނިވަލުގައި ވާ ސަރަޙައްދުގެ ދިގުމިނުގައި މަދުވެގެން 100 މީޓަރު ހުންނަންވާނެއެވެ. މިގޮތަށް މިކަންކުރުމަށްޓަކައި ދޫނި ފައްސާ ފަށް ހަރުކޮށްފައި ހުންނަންވާނީ އުޅަނދުގެ ކޮޅުފަސް ކޮޅުގައި ފެނުގެ މަތީ ފަށަލައިން ފެށިގެން 5 މީޓަރަށްވުރެ ތިރި ނުވާނޭފަދައިން ދަނޑިއެއްގައެވެ. އަދި މިދަނޑި ހުންނަވާނީ އުޅަނދުގެ ކޮޅުފަސްކޮޅުގައި އެއިރެއްގައި ވައިޖެހޭ ގޮތަށް ބަލައި ލޭނުގެ މަށްޗަށް ދޫނި ފައްސާ ފަށް އަރާފަދަ ގޮތަކަށެވެ.
  3. ދޫނި ފައްސާ ފަށުގައި ހަރުކޮށްފައިވާ ފަށްތައް ހުންނަންވާނީ ލޭނުކޮޅުތަކުގެ މައްޗަށް ވާގޮތަށެވެ. އަދި އެފަށުގައި ހަރުކޮށްފައި އޮންނަ ފްލޯޓް އޮންނަންވާނީ އުޅަނދު ހުރަސްކޮށް ވައިޖެހޭއިރުވެސް ލޭނުކޮޅުމަތިން ދޫނިފައްސާފަށް ނައްޓާލައިގެން ނުދާފަދަގޮތަކަށެވެ.
  4. ލޭނުއަޅާއިރު ދޫނި ފައްސާ ފަށް އޮޅި، ހަލާކުވުން ފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ، ބަދަލުގައި ބޭނުންކުރާނެ އިތުރު ދޫނި ފައްސާ ފަށެއް އުޅަނދުގައި އޮންނަންވާނެއެވެ.

 -------------

 

 

ޖަދުވަލު 3

ބޮޑުކަންނެއްޔަށް ލޭނުއަޅާއިރު ލޭނުކޮޅުގައި ޖެހޭ މިޔަރާއި ވެލާ ކަހަނބު މަރުވާ މިންވަރު މަދުކުރުމަށް އަޅާނެ ފިޔަވަޅުތައް

  1. ބޮޑުކަންނެއްޔަށް ލޭނުއަޅާއިރު ލޭނުކޮޅުގައި ޖެހޭ މިޔަރުގެ ތެރެއިން ލޭނު ނަގާއިރު މަރުނުވެ އޮންނަ މިޔަރު ދޫކޮށްލަންވާނެއެވެ. ލޭނުކޮޅުގައި ޖެހޭ މިޔަރުގެ ތެރެއިން މަރުވެފައިވާ މިޔަރު އެއްގަމަށް ގެންނަންވާނެއެވެ. އަދި އެއްގަމަށް ގެންނަ މިޔަރު، ފިޝަރީޒް އިންސްޕެކްޓަރަކަށް ނުވަތަ ފިޝަރީޒް އެންފޯސްމަންޓް އޮފިސަރަކަށް ނުވަތަ މިޤަވާޢިދުގެ ދަށުން އައްޔަންކޮށްފައި ހުންނަ އޮބްޒާވަރަކަށް ހާމަކުރަން (ޑިކްލެއަރ) ކުރަންވާނެއެވެ. އަދި އެއްގަމަށް މިޔަރު ގެންނައިރު މިޔަރުގެ ބޮލާއި، ހަމާއި އެތެރެހަށީގައިވާ ބައިތައް ފިޔަވައި އުރަހައާއި މަސްގަނޑު ގެނައި ނަމަވެސް ބެލެވޭނީ އެއީ މުޅި މިޔަރު ގެނައިކަމަށެވެ.
  2. ބޮޑުކަންނެއްޔަށް ލޭނުއަޅާއިރު ލޭނުކޮޅުގައި ޖެހޭ މިޔަރުގެ ޢަދަދު ޤަވާޢިދުން ރިޕޯޓް ކުރަންވާނެއެވެ. މީގެތެރޭގައި ލޭނުކޮޅުގައިޖެހޭ މިޔަރުގެ ތެރެއިން މަރުނުވާ މިޔަރާއި މަރުވާ މިޔަރު ވަކިން ރިޕޯޓް ކުރަންވާނެއެވެ.
  3. ބޮޑުކަންނެއްޔަށް ލޭނުއަޅާއިރު ލޭނުކޮޅުގައި ޖެހޭ ވެލައާއި ކަހަނބު ވީހާވެސް އަވަހަށް ދޫކުރަންވާނެއެވެ. އަދި މިގޮތަށް ދޫކުރާއިރު، ވެލައާއި ކަހަނބަށް ލިބޭ އަނިޔާ ކުޑަކުރުމަށްޓަކައި، ބުޅި ނައްޓާ އާލާތް (ޑީ-ހުކަރ) އަދި ލޭނުކޮޅު ބުރިކުރާ އާލާތް (ލައިންކަޓަރ) އުޅަނދުގައި ބޭނުންކުރަންވާނެއެވެ. 

 

 

މިގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

މަސްވެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 5/1987)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު