މާލީ ސެކިއުރިޓީޒްއާބެހޭ އާންމު ގަވާއިދު 2007
(ގަވާއިދު ނަންބަރު 6/2011)
އެއްވަނަ ބައި
ފެށުން
1 ވަނަ މާއްދާ - ނަން
މި ގަވާއިދަށް ކިޔާނީ "މާލީ ސެކިއުރިޓީޒްއާބެހޭ އާންމު ގަވާއިދު 2007" އެވެ.
2 ވަނަ މާއްދާ - މާނަ
މި ގަވާއިދުގައިވާ އިބާރާތްތައް މާނަކުރުމުގައި އެހާލަތަކަށް ރިއާޔަތްކޮށް އެހެން ގޮތަކަށް މާނަކޮށްފައިވާ ހާލަތްތަކުގައި މެނުވީ، މާނަ ކުރަންވާނީ، ދިވެހިރާއްޖޭގެ މާލީ ސެކިއުރީޓޒްއާބެހޭ ގާނޫނުގައި އެ އިބާރާތެއް މާނަކުރެވިފައިވާ ގޮތާއި އެއްގޮތަވާގޮތުގެ މަތިން އެ އިބާރާތް މާނަކުރެވިފައިވާ ގޮތާއި އެއްގޮތްވާގޮތުގެ މަތިންނެވެ.
"ގާނޫނު" ކަމަށް ބުނެފައި އެވަނީ ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫން) އަށެވެ.
"އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއެވެ.
"ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ އޮތޯރިޓީގެ މަސްއޫލިއްޔަތާ އެއްގޮތް އަދި އޮތޯރިޓީން އާންމު މަސްލަހަތަށްޓަކައި އެހީތެރިކަން ފޯރުވައިދޭންޖެހޭ ނުވަތަ އެހީތެރިކަން ފޯރުވައިދިނުން އެދެވިގެންވާކަމަށް އޮތޯރިޓީއަށް ފެންނަ، އަދި މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނެއްގެ ދަށުން ސެކިއުރިޓީޒް މާކެޓް ރެގިއުލޭޓްކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއިން ބޭރު އެއްވެސް މީހަކު ނުވަތަ ފަރާތެކެވެ.
"މުހިންމު ފަރާތެއް" ކަމަށް ބުނެފައި އެވަނީ، ރެގިއުލޭޓްކުރެވޭ ފަރާތުގެ މިހާރުގެ ނުވަތަ ކުރީގެ ކޮންޓްރޯލާއެއް، ބެނެފިޝަލް ވެރި ފަރާތެއް، ޑިރެކްޓަރެއް، މެނޭޖަރެއް، މުވައްޒަފެއް ނުވަތަ ގުޅުން ހުރި އެއްވެސް ފަރާތަކަށެވެ.
"ބެނެފިށަލް ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، އެފަރާތަކީ ގާނޫނީ ގޮތުން ސެކިއުރިޓީޒްގެ ނުވަތަ މުދަލެއްގެ މިލްކުވެރި ފަރާތްކަމުގައި ނުވިނަމަވެސް، ސެކިއުރިޓީޒްގެ ނުވަތަ މުދަލުގެ ވެރިފަރާތަށް ލިބެންޖެހޭ ހައްގުތައް، ނުވަތަ އެއިން ބައެއް، އެގްރީމެންޓެއް، ޓްރަސްޓެއް ނުވަތަ އެފަދަ އެހެންވެސް އުސޫލުތަކެއްގެ ދަށުން އެފަރާތަކަށް ލިބެވޭ ގޮތަށް އޮންނަ ކޮންމެ ފަރާތެކެވެ.
"ލައިސަންސް ދީފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ގާނޫނުގެ ދަށުން ލައިސަންސް ދީފައިވާ ނުވަތަ ހުއްދަ ދީފައިވާ އެއްވެސް ފަރާތެއް ނުވަތަ އެފަދަ ބޮޑީ ކޯޕަރޭޓަކަށެވެ.
"މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށެވެ.
"ރެގިއުލޭޓް ކުރެވޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނެއްގެ ދަށުން ލައިސަންސް ދީފައިވާ ފަރާތެއް، ނުވަތަ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގެ ދަށުން ހުއްދަ ދީފައިވާ ސްޓޮކް އެކްސްޗޭންޖެއް ނުވަތަ ކުރިން ހުއްދަ ދީފައިވާ ސްޓޮކް އެކްސްޗޭންޖެއް މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގައި ބުނެފައިވާ ހިއްސާގެ މުއާމަލާތްކުރުމުގެ ވަގުތީ ވަސީލަތް، ނުވަތަ އެފަދަ ލައިސަންސް ދީފައިވާ ފަރާތަކާ ނުވަތަ ހުއްދަ ދީފައިވާ ސްޓޮކް އެކްސްޗޭންޖަކާ ނުވަތަ ހިއްސާގެ މުއާމަލާތުކުރުމުގެ ވަގުތީ ވަސީލަތާ ގުޅިފައިވާ ފަރާތަކަށެވެ.
"ބޮޑީ ކޯޕަރޭޓް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރެވިފައިވާ ގާނޫނީ ށަހުސަކަށެވެ.
"ފޮތްތައް" ކަމަށް ބުނެފައިވާ ތަކެތީގެ ތެރޭގައި ލިޔެފައި ނުވަތަ ޗާޕުކޮށްފައި، ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން އުފައްދާފައިވާ ނުވަތަ އެނޫން ގޮތަކުން ހަދާފައިވާ މައިކްރޯ ފިލްމުގައި އެކުލަވާލާފައިވާ، ނުވަތަ ރެކޯޑްކޮށްފައިވާ، ނުވަތަ ރައްކާކޮށްފައިވާ ރަޖިސްޓަރއާއި، ލިޔެކިޔުމާއި، މައުލޫމާތުގެ ރެކޯޑާއި، ހިސާބުތަކާއި އަދި ހިސާބުތަކާއި ބެހޭ ލިޔެކިޔުންތައް ހިމެނޭނެއެވެ.
"މާކެޓް ދުވަސް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ސެކިއުރިޓީޒްގެ މުއާމަލާތް ކުރުމަށް އެކުންފުނި ހުޅުވާފައި ހުންނަ ދުވަހަށެވެ.
ދެވަނަ ބައި
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ބާރުތައް
3ވަނަ މާއްދާ – ފޮތްތައް ހުށަހެޅުމަށް އެންގުމަށް އޮތޯރިޓީއަށް ލިބިދީފައިވާ ބާރުތައް
(ހ) އޮތޯރިޓީއަށް ފެނިއްޖެ ކޮންމެ ވަގުތެއްގައި ކޮންމެ ވަގުތެއްގައި، އޮތޯރިޓީން އެގޮތަކަށް އަމަލުކުރުމަށް ގަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ހުރިކަމަށް ފެނިއްޖެނަމަ، 3 ވަނަ މާއްދާގެ (ނ) އާ އެއްގޮތްވާ ގޮތުގެ މަތިން، އަދި ލިޔުމުން އަންގާ އެންގުމެއްގެ ގޮތުގައި، އޮތޯރިޓީއިން ހުއްދަ ދީފައިވާ ފަރާތްތަކަށް ފޮތްތައް ހުށަހެޅުމަށް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކޮންމެ ފަރާތަކަށް ވެސް އެންގިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އެންގުން އެންގޭނީ އަންނަނިވި ފަރާތްތަކަށެވެ.
- ރެގިއުލޭޓްކުރެވޭ ފަރާތަކަށް.
- މުހިންމު ފަރާތަކަށް
- މިމާއްދާގެ (ށ)ގެ (1) އަދި (2)ގައި ބުނެފައިވާ ފަރާތެއްގެ ނުވަތަ ސްޓޮކް އެކްސްޗޭންޖެއްގެ ކުރީގެ ނުވަތަ މިހާރުގެ މުވައްޒަފެއް، އެޖެންޓެއް، ވަކީލެއް އޮޑިޓަރެއް ނުވަތަ އެއްވެސް އެހެން ހައިސިއްޔަތަކުން މި މާއްދާގެ (ށ)ގެ (1) އަދި (2)ގައި ބުނެފައިވާ ފަރާތެއް ނުވަތަ ސްޓޮކް އެކްސްޗޭންޖެއް ތަމްސީލުކޮށްދީފައިވާ ނުވަތަ ތަމްސީލުކޮށްދޭ ފަރާތެއް:
- އެއްވެސް ވަގުތެއްގައި ސެކިއުރިޓީޒްގެ އެއްވެސް މުއާމަލާތެއްގައި ބައިވެރިވެފައިވާ ކޮންމެ ފަރާތެއް. ނުވަތަ؛
- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ލައިސަންސް ދީފައިވާ ބޭންކުތަކާއި އެހެން މާލީ މުއައްސަސާތައް ހިމެނޭ ގޮތުން، މި މާއްދާގެ (ށ)ގެ (1) އިން (5) އަށް ބުނެފައިވާ ފަރާތްތަކުގެ އެއްވެސް ފޮތެއް އެފަރާތެއްގެ ބެލުމުގެ ދަށުގައިވާކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ ކޮންމެ ފަރާތެއް.
(ނ) މި މާއްދާގެ (ހ)ގެ ބޭނުމަށްޓަކައި ހުށަހަޅަންޖެހޭ ފޮތްތައް ނުވަތަ މައުލޫމާތު ހުށަހެޅުމަށް އަންގަންވާނީ އަންނަނިވި ކަންކަމާ ގުޅޭ ގޮތުންނެވެ.
- ރެގިއުލޭޓްކުރެވޭ ފަރާތުގެ ވިޔަފާރި ނުވަތަ ހިންގާ މަސައްކަތްތަކާ ގުޅުމެއްވާ ކަންތައްތައް.
- ސެކިއުރިޓީޒްގެ އެއްވެސް މުއާމަލާތެއް.
- ސެކިއުރިޓީޒްއާ ގުޅޭގޮތުން ދެވޭ އެއްވެސް ލަފައެއް، ނުވަތަ ސެކިއުރިޓީޒްއާ ގުޅޭގޮތުން ނެރެވޭ ނުވަތަ ށާއިއުކުރެވޭ ރިޕޯޓެއް ނުވަތަ ދިރާސާއެއް؛ ނުވަތަ
- އެއްވެސް ރެގިއުލޭޓްކުރެވޭ ފަރާތެއް ނުވަތަ ހާއްސަ ފަރާތެއްގެ ތެދުވެރިކަމާ، ގާބިލިއްޔަތުކަމާ، މާލީ ފޯރުންތެރިކަން ނުވަތަ ހިންގުން ރޭވިފައިވާ ގޮތާ ބެހޭގޮތުން؛ ނުވަތަ
- ރެގިއުލޭޓްކުރެވޭ ފަރާތެއްގެ އޯޑިޓް، ސެކިއުރިޓީޒްއާބެހޭ މުއާމަލާތަކާ ގުޅޭގޮތުން އޮޑިޓަރެއްގެ އެއްވެސް ރިޕޯޓެއް ހިސާބުތައް ނުވަތަ ލިޔެކިޔުމާބެހޭ ގޮތުން.
- ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނަށް ނުވަތަ އެ ގާނޫނެއް ހިންގުމަށް އޮތޯރިޓީއިން ޒިންމާކުރެވިފައިވާ އެހެން އެއްވެސް ގާނޫނަކަށް އެއްވެސް ރެގިއުލޭޓް ކުރެވޭ ފަރާތެއް ނުވަތަ މުހިންމު ފަރާތެއް އަމަލުކުރަމުންދާ މިންވަރާ ގުޅޭގޮތުން.
- ފޮތްތަކުގައިވާ ކަންތައް އޮޅުން ފިލުވމުގައި އޮތޯރިޓީއަށް ބެނުންވުން އެކަށީގެންވާކަމަށް ގަބޫލުކުރެވޭ އެހެނިހެން މައުލޫމާތު، ނުވަތަ އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި އެކަށީގެންވާ ގޮތެއްގައި އޮތޯރިޓީއަށް ބޭނުންވާނެ އެހެނިހެން މައުލޫމާތު.
(ރ) މި މާއްދާގެ (ނ)ގައިވާ ގޮތުގެ މަތިން އެއްވެސް ފަރާތަކަށް އަންނަނިވި ގޮތަށް ފިޔަވައި ފޮތްތައް ހުށަހެޅުމަށް އެއްވެސް އެންގުމެއް އަންގައިގެން ނުވާނެއެވެ.
- އެ ފަރާތުގެ އަތުގައި ނުވަތަ އޭނާގެ ބެލުމުގެ ދަށުގައި މި މާއްދާގެ (ނ) ގައި ބުނެފައިވާ އެއްވެސް ކަމަކާ ގުޅޭ ފޮތްތައް ވާކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ ފަދަ ސަބަބުތަކެއްވުމާއި، އަދި އެފަރާތެއްގެ އާދައިގެ މަތިން ދުވަހުން ދުވަހަށް ކުރާ ވިޔަފާރި އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދިއުމަށް އުނދަގޫ ނުވާނެފަދަ ވަގުތެއް ނުވަތަ ތަނެއްގައި އެއެންގުމަށް އަމަލުކުރެވެން އޮތުން.
(ބ) މި ގަވާޢިދުގެ ދަށުން އޮތޯރިޓީއަށް ފޮތްތައް ހުށަހެޅުމަށް އެންގުމަށް ލިބިދޭ ބާރުތައް ބޭނުންކުރުމަށް އެހެން ފަރާތަކަށް ލިޔުމަކުން ހުއްދަދެވިދާނެއެވެ.
(ޅ) މި ގަވާއިދުގެ ދަށުން ފޯރުވައިދޭންޖެހޭ އެއްވެސް މައުލޫމާތެއް ފޯރުވައިދިނުމަށް، އެ އޮތޯރިޓީއިން ކަނޑައަޅާ އެކަށީގެންވާ ފޯމެއްގައި، އޮތޯރިޓީއިން ބޭނުންވާ އެކަށީގެންވާ ގޮތަކަށް ހުށަހެޅުމަށް އެދެވިދާނެއެވެ.
(ކ) އޮތޯރިޓީން ބޭނުންވެދާނެ ގޮތްތަކުގެ ތެރޭގައި؛
- ލިޔެކިޔުމުން ނުވަތަ އެހެން ގޮތަކުން ނަމަވެސް، ހުށަހެޅިފައިވާ މައުލޫމާތު އޮތޯރިޓީއިން ބޭނުންވާ އެކަށީގެންވާ ގޮތަކަށް ޔަގީންކޮށްދިނުމަށް؛ ނުވަތަ
- ހުށެހެޅިފައިވާ ލިޔެކިޔުމުގެ ސައްހަކަން އޮތޯރިޓީއިން ބޭނުންވާ އެކަށީގެންވާ ގޮތަކަށް ޔަގީންކުރުން.
(އ) މި މާއްދާގެ (ހ) ގައި ހަވާލާދޭ އެއްވެސް ފަރާތަކުން ސެކިއުރިޓީޒް އާގުޅޭ މުއާމަލާތެއް ކުރުމޭ ބުނެވޭ ބުނުމުގައި، ސެކިއުރިޓީޒް އާގުޅޭ މުއާމަލާތެއް އެފަރާތުން ކުރަނީ ތަފްސީލުކޮށްދޭ ފަރާތެއް، ނޮމިނީއެއް، ޓްރަސްޓީއެއްގެ ގޮތުގައި ނުވަތަ އެހެން ގޮތަކުން އެހެން ފަރާތެއް ތަމްސީލުކުރުމަށް ކަމުގައި ވިޔަސް ހިމެނޭނެއެވެ.
(ވ) އޮތޯރިޓީއިން ނުވަތަ އޮތޯރިޓީން ހުއްދަ ދޫކުރާ ފަރާތެއް މިގަވާއިދުގެ ދަށުން ހުށަހެޅުމުގެ އެދޭ ފޮތްތަކުގެ މައްޗަށް ވަކި ފަރާތެއްގެ ގާނީނީ ބާރެއް ނުވަތަ ހައްގެއް އޮތްކަމަށްވާނަމަ، ފޮތްތައް ހުށަހެޅުމަކުން އެފަދަ ބާރަކަށް ނުވަތަ ހައްގަކަށް އުނިއިތުރުކަމެއް ނާންނާނެއެވެ.
(މ) މި މާއްދާގެ (ބ)ގެ ދަށުން ހުއްދަ ދީފައިވާ ފަރާތެއް،ފޮތްތައް ހުށަހެޅުމަށް އެންގޭ ފަރާތުން އެދިއްޖެ ހާލަތެއްގައި ހުއްދަ ދީފައިވާ ކަމުގެ ހެކި ދައްކަންވާނެއެވެ.
(ފ) މި ގަވާއިދުގެ ދަށުން ފޮތްތައް ހުށަހެޅުމަށް އަންގާ އެންގުމެއް ނުވަތަ ދެވޭ އިރުށާދަކާ އެއްގޮތަށް އަމަލުކުރުމުގެ ސަބަބުން އެފަރާތަކާ މެދު އެއްވެސް ފިޔަވަޅެއް ނޭޅޭނެއެވެ.
(ދ) މި ގަވާއިދުގެ ދަށުން ފޮތްތައް ހުށަހެޅުމަށް އެންގޭ ފަރާތަކީ ބޮޑީ ކޯޕަރޭޓޭއްނަމަ، އެ ބޮޑީ ކޯޕަރޭޓް އުވާލެވިފައި އަދި ނުވަތަ އުވާލުމުގެ މަގުމަތީގައި ވީ ކަމުގައި ވިޔަސް އެ ބޮޑީ ކޯޕަރޭޓެއްގެ އޮފިސަރެއް ނުވަތަ އޮފިސަރެއްގެ ގޮތުގައި އުޅެފައިވާ ފަރާތްތަކަށް އެންގުމުގެ ބާރު ލިބިދެއެވެ.
4 ވަނަ މާއްދާ - ފޮތްތައް ހުށަހެޅުމުން ނުވަތަ ހުށަނޭޅުމުން އަމަލުކުރާނެގޮތް.
(ހ) މި ގަވާއިދުގެ (3) ވަނަ މައްދާގައިވާ ގޮތުގެ މަތިން ފޮތްތައް ހުށަހެޅުމުން އެފަރާތަކަށް އެފޮތްތައް ހުށަހެޅޭ ފަރާތުން ތިރީގައިމިވާ ކަންތައް ކުރެވިދާނެއެވެ.
- އެތަކެތި އެފަރާތުގެ ބެލުމުގެ ދަށަށް ގެނެސް، އޭގެ ނަކަލުތަކެއް ހައްދައި، ނުވަތަ އޭގެ ވަކި ބައިބައި ނަކަލުކުރުން
- ފޮތްތައް ހުށަހެޅި ފަރާތުން ނުވަތަ ފޮތްތައް އެކުލަވާލުމުގައި ހިއްސާވާ އެހެން ފަރާތަކުން ކަންކަން އޮޅުންފިލުވައި ބަޔާންކޮށްދިނުމަށް އެދުން
- އޮތޯރިޓީއިން ނުވަތަ އޮތޯރިޓީގެ ފަރާތުން ފޮތްތައް ބަލައި ޗެކުކޮށް، ކޮޕީ ނެގުން ނުވަތަ ފޮތުގެ ބައިބައި ނަކަލުކުރުމަށް ބޭނުންވާކަމަށް އޮތޯރިޓީއަށް ފެންނަނަމަ އެފޮތްތައް އޮތޯރިޓީއަށް ފެންނަ މުއްދަތަކަށް އޮތޯރިޓީގެ ބެލުމުގެ ދަށުގައި ބެހެއްޓުން؛ އަދި
- އެކަށީގެންވާ ނޯޓިހާއި އަދި ފޮތްތަކާބެހޭ އެކަށީގެންވާ ތަފްސީލް ހުށަހެޅުމުން ފޮތްތައް ހުށަހެޅި ފަރާތަށް ފޮތްތައް ބެލުމަށް ފުރުސަތު ދިނުން.
- ފޮތްތައް ނުވަތަ އެއާގުޅޭ އެހެން އެއްޗެއް ބެލުމަށްފަހު އޮތޯރިޓީއަށް ރިޕޯޓްކުރުމަށް އެކައުންޓެންޓަކަށް ނުވަތަ އެހެން ފަންނީ މާހިރަކަށް އިރުޝާދުދީ އަދި އެ ބޭނުމަށްޓަކައި ނުވަތަ އެހެން ފަންނީ މާހިރަކަށް އިރުޝާދުދީ އަދި އެ ބޭނުމަށްޓަކައި ފޮތްތައް ބެލުމަށް އެކައުންޓެންޓަށް ނުވަތަ ފަންނީ މާހިރަށް ހަވާލުކުރުން.
(ށ) ހުށަހަޅަން ޖެހޭ ފޮތްތައް ހުށަހަޅާފައި ނުވާނަމަ، އަންނަނިވި ކަންތައް ކުރުމަށް އޮތޯރިޓީއިން ނުވަތަ މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ބ) ގެ ދަށުން ހުއްދަދެވިފައިވާ ފަރާތުން ފޮތްތައް ހުށަހަޅަންޖެހޭ ފަރާތަށް އެންގިދާނެއެވެ.
- އެފަރާތަކަށް ލިބިފައިވާ މައުލޫމާތު ލިބިފައިވާ މިންވަރަކަށް އަދި ގަބޫލުކުރެވޭ ގޮތަށް ބަލައި ފޮތްތައް ހުންނާނެ ތަނެއް ބަޔާންކުރުން.
- އެފަރާތަކަށް ލިބިދީފައިވާ މައުލޫމާތު އަދި ލިބިފައިވާ މިންވަރަކަށް، އެންމެ ފަހުން އެފޮތްތަކާއި ހަވާލުވެހުރި، ގެންގުޅުނު ފަރާތެއް ބަޔާންކޮށް އެފަދަ ފަރާތެއް ވީތަނެއް ބުނެދިނުން؛ ނުވަތަ؛
- އެފޮތްތައް ހުށަހެޅެން ނެތް ސަބަބު ބަޔާންކުރުން
5 ވަނަ މާއްދާ - ތަންތަން ބަލައި ފާސްކުރުމަށް އޮތޯރިޓީއަށް ލިބިދީފައިވާ ބާރުތައް
(ހ) އޮތޯރިޓީން ހުށަހެޅުމަށް އަންގާފައިވާ ފޮތެއް އެއެންގުމާ އެއްގޮތަށް ހުށަހަޅާފައި ނުވާ ހާލަތްތަކުގައި، ވަކި ތަނެއްގައި އެފަދަ ފޮތްތައް ހުރިކަމަށް ބެލެވޭ މަގުބޫލު ސަބަބުތައް ހުރިނަމަ އޮތޯރިޓީގެ އޮފިސަރަކަށް އޭނާގެ އެހީތެރިންނާއި އެކު ނުވަތަ މާހިރެއްގެ ގޮތުގައި ހުއްދަކުރާ ފަރާތަކާ އެކު ކޮންމެ ވަގުތެއްގައި ވެސް ކުރިން ނޯޓިސް ދިނުމަކާނުލައި، އަންނަނިވި ގޮތަށް އަމަލުކުރުމަށް އޮތޯރިޓީން ލިޔުމަކުން ހުއްދަދެވިދާނެއެވެ.
- ގޮތްތައް ބެހެއްޓިފައި ހުރި ނުވަތަ ހުރެދާނެ ކަމަށް އޮތޯރިޓީއަށް ބެލެވޭ ތަނަކަށް ބާރުގެ ބޭނުން ކުރަންޖެހޭ ހާލަތްތަކުގައި އެކަށީގެންވާ ބާރުގެ ބޭނުންކޮށްގެން ވަނުން.
- ފޮތްތައް ހޯދުމާއި އެ ފޮތްތައް ހޯދުމަށްޓަކައި އަލަމާރިއެއްގެ ވަތްގަނޑު ނުވަތަ ކަބަޑެއްގެ ވަތްގަނޑު ނުވަތަ ކޮންޓެއިނަރެއް ނުވަތަ އެފަދަ އެހެން އެއްޗެއް، އެއީ އިމާރާތުގައި ހަރުކުރެވިފައިހުރި އެއްޗެއްކަމުގައިވިޔަސް ނުވަތަ ހަރުނުކޮށްހުރި އެއްޗެއްކަމުގައި ވިޔަސް، ހަލާކުކޮށްގެން ނުވަތަ ހަލާކުނުކޮށް ހުޅުުވުން.
- އެފަދަ ފޮތްތައް ބެލުމުގެ ދަށަށް ގެނައުން ނުވަތަ ކޮޕީ ހެދުން.
- މި މާއްދާގެ (ހ)ގެ (1) ގައި ބުނެފައިވާ ތަނުގައި ހާޒިރުވެހުރި ފަރާތެއް ނުވަތަ އިމާރާތުގައި ވިޔަފާރިކުރާ އެއްވެސް ފަރާތެއްގެ ޑިރެކްޓަރެއް އޮފިސަރެއް މެމްބަރެއް މުވައްޒަފެއް ނުވަތަ ވިޔަފާރީގެ ބައިވެރިއަކާއި ފޮތްތައް ހުރި ތަނަކާ ބެހޭގޮތުން ސުވާލުކުރުން
- މިމާއްދާގެ (ހ)ގެ (1) ގައި ބުނެފައިވާ ތަނުގައި ނުވަތަ އެތަނުގެ ބައެއްވިޔަސް އެ ފޮތްތައް ހޯދުމުގެ މަސައްކަތް ކުރުމަށް ބޭނުންވާނެ މުއްދަތަކަށް އެތަން ހުރިގޮތަށް ބެހެއްޓުމަށް އެންގެުން.
- އެފަދަ ފޮތްތައް ބެލެހެއްޓުމުގެ ބާރު ލިބިފައިވާ ފަރާތަކަށް އެޑްރެސް ކުރެވި ހަވާލުކުރެވޭ ލިޔުމުންދެވޭ ނޯޓިހަކުން، އޮތޯރިޓީން ނޯޓިސްދޭ އޮފިސަރަށް، އެ ނޯޓިސްގައި ބުނެފައިވާ ވަގުތާއި ތަނެއްގައި ފޮތްތައް ހަވާލުކުުރުމަށް އެންގުން؛ އަދި
- ފޮތްތައް ދިރާސާކޮށް، ފޮތްތަކުގައިވާ އެއްޗަކާބެހޭ ގޮތުން އޮޅުން ފިލުވަންޖެހޭ ކަމެއް،މި މާއްދާގެ (ހ)ގެ (4)ގައި ބުނެފައިވާ ފަރާތަކުން އޮޅުންފިލުވުން
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އޮތޯރިޓީގެ އޮފިސަރ، އެ މާއްދާގައިވާ މަސްއޫލިއްޔަތު އަދާކުރުމުގެ ސަބަބުން އަދި އެކަމަށްޓަކައި އެތަނަށް ވަނުމުގެ ސަބަބުން އެކަމުގެ އަސަރު ފޯރާ އެއްވެސް ފަރާތަކުން އެދިއްޖެނަމަ، މި މާއްދާގެ (ހ)ގައި ބަޔާންކުރާ ލިޔުމުން ދެވިފައިވާ ހުއްދަ އެފަދަ ފަރާތަކަށް ދައްކަންވާނެއެވެ.
(ނ) އެއްވެސް ފަރާތަކުން އަންނަނިވި ގޮތަށް އަމަލުކޮށްގެން ނުވާނެއެވެ.
- މި މާއްދާގެ (ހ)ގެ ދަށުން އޮފިސަރަކަށް ނުވަތަ އޭނާއަށް އެހީތެރިވެދޭ ފަރާތެއް ނުވަތަ އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަަސްއެޅުން ނުވަތަ ދަތިކުރުން.
- މި މާއްދާގެ (ހ) ގައި ބަޔާންކުރާ އޮތޯރިޓީގެ އޮފިސަރު، އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން އެފަރާތަކާ ކުރާ ސުވާލުތަކަށް ޖަވާބުދިނުމަށް އިންކާރުކުރުން ނުވަތަ ނުދިނުން؛
- އޮތޯރިޓީގެ އޮފިސަރެއް ނުވަތަ އޮތޯރިޓީއިން ކަނޑައަޅާފައިވާ ފަންނީ މާހިރެއް އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، އެފަރާތަކާ ކުރާ ސުވާލުތަކަކަށް ޖަވާބުދިނުމަށް އިންކާރުކުރުން ނުވަތަ ނުދިނުން.
- ގަސްދުގައި ތެދުނޫން ނުވަތަ އޮޅޭފަދަ މައުލޫމާތު އޮތޯރިޓީގެ އޮފިސަރަށް ނުވަތަ އޮތޯރިޓީގެ ފަންނީ މާހިރަށް ދިނުން.
- އޮޅުވާލައިގެން އޮތޯރިޓީގެ އޮފިސަރެއް ކަމުގައި ބުނުން ނުވަތަ އެފަދަ ގޮތަކަށް އަމަލު ބެހެއްޓުން
(ރ) މި ސެކްށަނުގެ ބޭނުމަށް "ތަންތަން" ކަމުގައި ބެލޭނީ، ބިމުން މަތީގައި ނުވަތަ ބިމުގެ އަޑީގައި ނުވަތަ ފެނުން މަތީގައި ނުވަތަ ފެނުގެ ތެރޭގައިވީނަމަވެސް އިމާރާތެއް ނުވަތަ އިމާރާތުގެ ބައެއް ނުވަތަ އިމާރާތުގެ އޮނިގަނޑުގެ ނުވަތަ އެއިން ބައެއް، ނުވަތަ ދުއްވާ އެއްޗެއް، ނުވަތަ ދަތުރު ފަތުރުކުރާ އުޅަނދެއް ނުވަތަ މަތިން ދުއްވާ ބޯޓުފަހަރެވެ.
6 ވަނަ މާއްދާ - ކުށެއްކުރިކަމަށް ބެލެވިދާނެ އިއުތިރާފެއްވެ ދޭ ބަޔާން
(ހ) ފޮތްތައް އެކުލަވާލުމާ އަދި ފޮތްތަކާގުޅޭ އެހެން ތަފުސީލު ހިމެނޭ ގޮތުން މިގަވާއިދުގެ (4) ވަނަ މާއްދާ އާއި (5) ވަނަ މާއްދާގެ ދަށުން ދޭންޖެހޭ ބަޔާނަކީ، އެބަޔާން ދޭފަރާތެއް ކުށްވެރިވެދާނެ ފަދަ ބަޔާނެއްކަމަށްވެދާނެ ކަމަށްވީ ނަމަވެސް އެފަދަ ބަޔާންދޭންޖެހޭ ފަރާތް ބަޔާންދިނުމުން އިސްތިސްނާއެއް ނުކުރެވޭނެއެވެ.
(ށ) މި މާއްދާގެ (ހ)ގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ބަޔާން ދޭންޖެހޭ ފަރާތުން ދޭބަޔާނަކީ، އެ ބަޔާނެއްގެ ސަބަބުން އެފަރާތް ކުށްވެރިވާނެފަދަ ބަޔާނަކަށް ވެދާނެކަމަށް ބަޔާން ދިނުމުގެ ކުރިން ބުނެފިނަމަ، އަދި އެބަޔާނަކީ ހަގީގަތުގައި ވެސް އެ ފަރާތް ކުށްެވެރިކުރެވޭފަދަ ބަޔާނަކަށް ވާނަމަ، މިގަވާއިދުގެ (3) ، (4) ނުވަތަ (5) ވަނަ މާއްދާގެ ދަށުން އެޅޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ނޫންގޮތަކަށް ޖިނާއީ މައްސަލައެއްގައި އެފަރާތާ އިދިކޮޅަށް ހެއްކެއްގެ ގޮތުގައި އެބަޔާނެއް ބޭނުމެއް ނުކުރެވޭނެއެވެ.
(ނ) މި މާއްދާގެ (ށ) އާއި ތައާރުޒްނުވާ ގޮތުގެ މަތިން އަދި މި ގަވާއިދުގެ (4) ނުވަތަ (5) ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން ދޭ ބަޔާނެއް އެ ފަރާތަކާ ދެކޮޅަށް ކުރެވޭ ޖިނާއީ އަދި މަދަނީ ދައުވާއެއްގައި ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ.
7 ވަނަ މާއްދާ - އަދަބުތައް
- ގަބޫލުކުރެވޭފަދަ އުޒުރެއްނެތި މި ގަވާއިދުގެ (3)، (4)،(5) ވަނަ މާއްދާގެ ދަށުން އަންގާފައިވާ އެންގުމަކާ އެއްގޮތަށް އަމަލުކޮށްފައި ނުވާނަމަ؛ ނުވަތަ
- އެނގިހުރެ މިގަވާއިދުގެ (3)، (4) ވަނަ މާއްދާގެ ނުވަތަ (5) ވަނަ މާއްދާގެ ބޭނުންތަކާ ގުޅޭގޮތުން ދޮގު ނުވަތަ އޮޅުންއަރާފަދަ ބަޔާނެއް ދީ ނުވަތަ އެފަދަ މައުލޫމާތު ހުށަހަޅައިފިނަމަ؛ ނުވަތަ
- މިގަވާއިދުގެ (3)، (4) ނުވަތަ (5) ވަނަ މާއްދާގެ ދަށުން އޮތޯރިޓީއަށް ނުވަތަ އެހެންވެސް ފަރާތަކަށް ލިބިދީފައިވާ ބާރުތައް ހިންގުމަށް ގަބޫލުކުރެވޭނެ ފަދަ އުޒުރެއްނެތި ހުރަސް އަޅައިފިނަމަ ނުވަތަ ދަތިކޮށްފިނަމަ، ނުވަތަ އެފަދަ ފަރާތެއްގެ މައްޗަށް ބުނެވިިދިޔަ ކަމެއް ކުރިކަން ސާބިތުވެއްެޖެނަމަ، އެފަރާތެއް -/150،000 (ސަތޭކަ ފަންސާސް ހާސް ރުފިޔާ) އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
8 ވަނަ މާއްދާ - ފޮތްތަކުގެ ބައިތަކުގެ ކޮޕީތައް ހެކީގެ ގޮތުގައި ބަލައިގަތުން
(ހ) މި މާއްދާއާއި އަދި މި ގަވާޢިދުގެ (10) ވަނަ މާއްދާ އިސްތިސްނާ ނުވާނެހެން ގަވާއިދުގެ (3) ވަނަ މާއްދާގެ (ނ)ގައި ކަނޑައަޅާފައިވާ ކަމަކާ ގުޅޭގޮތުން ހުށަހެޅޭ ފޮތެއް ނުވަތަ ފޮތެއްގެ ބައެއްގެ ކޮޕީ، ފޮތުގެ އަސްލެކޭ އެއްގޮތަށް ބަލައިގަނެވޭނެއެވެ.
(ށ) މި މާއްދާގެ (ހ)ގެ ދަށުން ފޮތް ނުވަތަ ފޮތުގެ ބައެއްގެ ކޮޕީއެއް ހެކީގެ ގޮތުގައި ބަލައިގަނެވޭނީ އެ ކޮޕީ ނުވަތަ އެ ބަޔަކީ، ފޮތުގެ ބައެއް ކަން ނުވަތަ ފޮތުގެ ބޭނުންވާ ބައިގެ އަސްލު ކަމުގެ ޔަގީންކޮށްދިނުމުންނެވެ.
(ނ) ފޮތުގެ ނުވަތަ ފޮތުގެ ބައެއްގެ ކޮޕީ ނުވަތަ އެކުލެވިފައިވާ ބައި، އަސްލު ފޮތާ ނުވަތަ ފޮތުގެ ބޭނުންވާ ބަޔާ އަޅާކިޔާ ފަރާތަކަށް މި މާއްދާގެ (ށ)ގެ ބޭނުމަށް، ފޮތަކުން އެކުލަވާލެވޭ ބަޔެއް ނުވަތަ ފޮތެއްގެ ކޮޕީއަކީ ފޮތުގެ ނުވަތަ ފޮތުގެ ބައެއްގެ އަސްލުކަމުގައި ހެކިކޮށްދެވިދާނެއެވެ. އަދި އެފަދަ ހެއްކެއް އަނގަބަހުން ނުވަތަ ލިޔުމަކުން ނުވަތަ ގާނޫނުގެ ދަށުން ދެވޭ ބަޔާނެއްގެ ގޮތުގައި ވެސް ދެވިދާނެއެވެ.
9 ވަނަ މާއްދާ - ލަފާސޭ ފަރާތްތަކާއި އެކީ ދެކެވޭ މުހިންމު އަދި ސިއްރު މައުލޫމާތު ރައްކާތެރިކުރުން
(ހ) ލަފާދޭ ފަރާތަކާ ލަފާދެވޭ ފަރާތާމެދު، ލަފާދޭ ފަރާތުގެ ޕްރޮފެށަނަލް ހައިސިއްޔަތުން ބަދަލުކޮށްފައިވާ ހާއްސަ މައުލޫމާތު ހިމެނޭ ލިޔެކިޔުމެއް މިގަވާއިދުގެ (3)، (4) މާއްދާގެ ނުވަތަ (5) މާއްދާގެ ދަށުން ހުށަހެޅުމަށް މަޖުބޫރެއް ނުކުރެވޭނެއެވެ. ނުވަތަ އެފަރާތުގެ ބެލުމުގެ ދަށުގައިވާ އެފަދަ ލިޔެކިޔުމެއް އަތުލުމަށް ހުއްދައެއް ނުުރެވޭނެއެވެ.
(ށ) މި މާއްދާގެ (ހ)ގައިވާ ރައްކާތެރިކަން، ލަފާދެވޭ ފަރާތަށް ލިބިދެވޭނީ، ލަފާދެވޭ ފަރާތުގެ ނުވަތަ އެފަރާތުގެ ބަދަލުގައި މައުލޫމާޓު ދެވުނު ފަރާތުގެ ނަމާއި އެޑްރެސް ހާމަނުކޮށް ހިފެހެއްޓުމުގެ ހައްގު ލަފާދޭ ފަރާތަށް ލިބިދީފައި ނުވާނަމައެވެ.
10 ވަނަ މާއްދާ - މައުލޫމާތު ސިއްރުކުރުން
(ހ) މި މާއްދާގެ (ށ) އަދި (ނ) އިސްތިސްނާވާގޮތަށް އެެއްވެސް ފަރާތެއްގެ ވިޔަފާރީގެ މައުލޫމާތު ނުވަތަ އެހެނިހެން ކަންކަމާގުޅޭ މައުލޫމާތު ލިބިފައިވާ ފަރާތެއް؛
- މައުލޫމާތު ލިބިފައިވަނީ އޮތޯރިޓީއިން ޖުމަލަގޮތެއްގައި ނުވަތަ އެއިން ބައެއް ތަންފީޒުކުރަންޖެހޭ އެއްވެސް ގާނޫނެއް ނުވަތަ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގެ ދަށުން ނުވަތަ؛
- ބުނެވުނު ގޮތުގެ މަތިން މައުލޫމާތު ލިބުނު ފަރާތަކުން ސީދާކޮށް ނުވަތަ ނުސީދާކޮށް އެފަދަ މައުލޫމާތު ލިބިފައިވާ އެހެން ފަރާތަކުންނަމަ؛ އެމައުލޫމާތުތަކާ ގުޅޭ ފަރާތުގެ ހުއްދަ ނެތި އަދި (މި މާއްދާގެ (ހ)ގެ (ii) އަށް އަމަލުކުރާނަމަ) އެ ފަރާތަކަށް މައުލޫމާތު ފޯރުވއިދިން ފަރާތުގެ ހުއްދަނެތި އެމައުލޫމާތު ހާމަކޮށްފިނަމަ ކުށްވެރިވާނެއެވެ.
(ށ) މައުލޫމާތު ހާމަކުރެވޭއިރު އެ މައުލޫމާތަކީ، އެހެނިހެން ގޮތްގޮތުން އާންމުންނަށް ލިބެންހުރި މައުލޫމާތާއި، ހުލާސާއެއްގެ ގޮތުގައި އެކުލަވާލެވިފައިވާ މައުލޫމާތު ނުވަތަ އެއްކުރެވިފައިވާ މައުލޫމާތުތަކެއް އެކުލަވާލާފައިވާ ގޮތުން ވަކި ފަރާތެއްގެ މައުލޫމާތު އެއިން ކަށަވަރު ނުކުރެވޭނެފަދަ ގޮތަކަށް ހުރި މައުލޫމާތުގެ މައްޗަށް މި ގަވާއިދު ނުހިނގާނެއެވެ.
(ނ) އަންނަނިވި ހާލަތްތަކުގައި ހާމަކުރާ މައުލޫމާތުގެ މައްޗަށް މި ގަވާއިދު ނުހިނގާނެެއެވެ.
- އޮތޯރިޓީއިން ނުވަތަ އޮތޯރިޓީގެ ފަރާތުން ހަރަކާތްތެރިވާ އެއްވެސް ފަރާތަކަށް މި ގާނޫނުގެ ދަށުން ނުވަތަ އެފަދަ ފަރާތަކުގެ މަސްއޫލިއްޔަތު ކަނޑައަޅާ އެހެން ގާނޫނީ ހައިސިއްޔަތެއް ދަށުން މަސްއޫލިއްޔަތު އަދާކުރުމަށް މަގުފަހިކޮށްދިނުމަށް ނުވަތަ އެހީތެރިވުމުގެ މަގްސަދުގައިނަމަ؛
- ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީއަކަށް، އޮތޯރިޓީއިން، ނުވަތަ އޮތޯރިޓީގެ ފަރާތުން ހަރަކާތްތެރިވާ ފަރާތަކުން މައުލޫމާތު ފޯރުވައިދިނުމަށްނަމަ؛
- މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގެ ދަށުން ނުވަތަ ނޫންކަމުގައި ވިޔަސް ތުހުމަތުކުރެވޭ ކުށެއް ތަހުގީގްކުރުމަށް، ނުވަތަ ޖިނާއީ ދައުވާއެއްކުރުމުގެ ގޮތުން އެ ވިސްނުމުގައިނަމަ؛
- މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގެ ދަށުން އަޅާ އެހެން އެއްވެސް ފިޔަވަޅަކާ ގުޅޭ ގޮތުންނަމަ؛
- ފަންނީ މުއައްސަސާއަކުން އެ މުއައްސަސާއެއްގެ މެންބަރެއްގެ ފަންނީ މަސްއޫލިއްޔަތު އަދާކުރުމުގައި އަހްލާގީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ ގޮތުން ނުވަތަ އެ މަގްސަދު ކުރިއެރުވުމުގެ ގޮތުންނަމަ؛
- އެޓަރނީ ޖެނެރަލްގެ އޮފީސް ނުވަތަ ޕޮލިސް އޮފިސަރެއް ނުވަތަ ގާނޫނާ ގަވާއިދު ތަންފީޒުކުރާ މުއްސަސާތަކުން، އެފަރާތްތަކުގެ ނުވަތަ އެފަދަ އެހެން ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި ނަމަވެސް، އަދާކުރުމަށް އެހީތެރިވެދޭނެކަމަށް އެފަރާތްތަކަށް ފެންނަ ހާލަތްތަކުގައި މެނުވީ، އޮތޯރިޓީން ދޭ މައުލޫމާތެއް އެހެން ފަރާތަކަށް ހާމަނުކުރާނެކަމަށްވާނަމަ، އެ ފަރާތްތަކަށް ދޭ މައުލޫމާތުކަމަށްވާނަމަ؛
- މި މާއްދާގެ (ހ) އާއި ތައާރުޒުނުވާގޮތަށް، މި މާއްދާގެ (ނ)ގެ (i) ގައި ބަޔާންކުރާ މަސްއޫލިއްޔަތު އަދާކުރުމަށް އޮތޯރިޓީއަށް މަގުފަހިކޮށްދީ ނުވަތަ އެހީތެރިވެވިދާނެކަމަށް އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، ނުވަތަ އެހެންވެސް ގޮތަކުން، ލައިސަންސް ދީފައިވާ ފަރާތަކާ މުއާމަލާތެއް ކޮށްފައިވާ ނުވަތަ ވިޔަފާރީގެ މުއާމާލާތެއް ކޮށްފާނެ އެއްވެސް ފަރާތެއްގެ މަސްލަހަތަށްޓަކައި ރެގިއުލޭޓްކުރެވޭ ފަރާތެއްގެ އޮޑިޓަރަށް ނުވަތަ އޮތޯރިޓީގެ ފަރާތުން ހާމަކުރާނަމަ؛ ނުވަތަ
- ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގެ ދަށުން އޮތޯރިޓީއަށް ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް މަގުފަހިކުރުމަށް ނުވަތަ އެހީތެރިވުމުގެ ގޮތުން، ފަންނީ ހުނަރާއި ގާބިލިއްޔަތު ބޭނުންވާކަމެއްގައި، ފަންނީ ތަޖުރިބާ ލިބިފައިވާ އެއްވެސް ފަރާތެއްގެ ލަފާ ހޯދުމަކީ ކޮންމެހެނ ބޭނުން ކަމެއް ކަމުގައި އޮތޯރިޓީއަށް ފެނިއްޖެނަމަ އަދި އެފަރާތަށް އެ މައުލޫމާތެއް ހާމަކުރުމަކީ އެފަރާތުން ލަފާހޯދޭ ކަމަކާ ގުޅޭ ގޮތުން އެކަށީގެންވާ ލަފާދިނުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އޮތޯރިޓީއަށް ފެންނަނަމަ؛
- އޮތޯރިޓީއިން ނުވަތަ އޮތޯރިޓީގެ ފަރާތުން ހަރަކާތްތެރިވާ އެއްވެސް ފަރާތެއް، މިގަވާއިދުގެ (13) ވަނަ މާއްދާގެ ދަށުން ނުވަތަ އެހެން އެއްވެސް ތަންފީޒުކުރެވޭ ގާނޫނެއްގެ ދަށުން މަސްއޫލިއްޔަތު އަދާކުރުމަށް އައްޔަންކުރެވިފައިވާ ފަރާތަކަށް ނަމަ؛
- ސިއްރު މައުލޫމާތަކާ ގުޅޭގޮތުން ކޯޓުން ނެރޭ އަމުރެއް ނުވަތަ މައުލޫމާތެއް ހާމަކުރެވެނީ ގާނޫނީ ޒިންމާއެއްގެ ދަށުން ވަކިކަހަލަ ކަންތައްތަކާ ގުޅޭގޮތުން އޮތޯރިޓީއަށް ނުވަތަ އެހެންވެސް ކަމާ ގުޅޭ މުއައްސަސާއަކަށްރިޕޯޓްކުރުން ހިމެނޭގޮތަށް ގާނޫނީ ޒިންމާއެއްގެ ސަބަބުން ނަމަ؛
- މި ގަވާއިދުގެ ދަށުން މައުލޫމާތު ހާމަކުރުން ހުއްދަކުރެވިފައިވާނަމަ.
(ރ) މިގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތްކުރުމަށްފަހުގައި މެނުވީ އޮތޯރިޓީއިން ނުވަތަ އޮތޯރިޓީގެ ފަރާތުން ހަރަކާތެރިވާ އެއްވެސް ފަރާތަކުން މި މާއްދާގެ (ނ)ގެ (ii) ގެ ދަށުން މައުލޫމާތު ހާމަކޮށްގެން ނުވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގައިވާ އާންމު އުސޫލުތަކާ ތައާރުޒު ނުވާގޮތަށް، މި ގަވާއިދު އަންނަނިވި ކަންކަމަށް ހިނގާނެއެވެ.
- މި ގާނޫނުގެ ދަށުން ނުވަތަ އޮތޯރިޓީއާއި މަސްއޫލިއްޔަތު ހަވާލުކުރާ އެހެން ގާނޫނެއްގެ ދަށުން އޮތޯރިޓީގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީއަކުން ފޯރުވައިދޭ މައުލޫމާތުގެ މައްޗަށް؛
- އެހެން ގާނޫނެއްގެ ދަށުން އޮތޯރިޓީއަށް ހަވާލުވެފައިވާ މަސްއޫލިއްޔަތާ ގުޅިގެން އޮތީރިޓީއަށް ލިބިދޭ އެއްވެސް ފަރާތެއް ވިޔަފާރި ނުވަތަ އެހެނިހެން ކަމަކާ ގުޅޭ މައުލޫމާތު.
(ޅ) މި މާއްދާގެ (ނ) ގެ ((viii ގެ ބޭނުމަށް "ތަޖުރިބާ ލިބިފައިވާ" ފަރާތެއް ކަމަށް ބެލވޭނީ ސެކިއުރިޓީޒްއާބެހޭ މުއާމަލާތް އަދި އެކަމާ ގުޅުންހުރި ކަންކަމުގައި ލަފާދިނުމަށް ފަންނީ ތަޖުރިބާ އަދި ހުނަރު ލިބިފައިވާ ފަރާތެކެވެ. އަދި މީގެ ތެރޭގައި ގާނޫނީ މަސައްކަތް ކުރަމުންގެންދާ ވަކީލުން، އެކައުންޓެންޓުން، އޮޑިޓަރުން އަދި އަގުކަނޑައަޅާ ފަރާތްތައް ހިމެނެއެވެ.
11 ވަނަ މާއްދާ - އޮތޯރިޓީއަށް ހާމަކުރުން
(ހ) އޮތޯރިޓީގެ ފަރާތުން އިންވެސްޓަރުންގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ފެނިއްޖެ ހިނދެއްގައި، ސެކިއުރިޓީޒްގެ މުއާމަލާތުގައި ސެކިއުރިޓީޒް ވިއްކި ފަރާތުގެ ނުވަތަ ގަތް ފަރާތުގެ ނުވަތަ އެ މުއާމަލާތުގައި ޑީލިންގެ ކުންފުނީގެ ފަރާތުން އެފަރާތެއް ތަމްސީލުކުރި ފަރާތުގެ ނުވަތަ ފަރާތްތަކުގެ ނަން އަދި ގަނެ ނުވަތަ ވިއްކުމާ ގުޅޭ ގޮތުން ޑީލިންގ ކުންފުންޏަށް ދީފައިވާ އިރުށާދު އޮތޯރިޓީއަށް ހާމަކުރުމަށް އެންގިދާނެއެވެ.
(ށ) ސެކިއުރިޓީޒް ގަނެފައިވާ ބަހައްޓާފައިވާ، ނުވަތަ ވިއްކާފައިވާ ފަރާތަކުން، ތިރީގައިވާ މައުލޫމާތު ހާމަކުރުމަށް އޮތޯރިޓީއިން އެންގިދާނެއެވެ.
- ސެކިއުރިޓީޒް ގަނެ ބަހައްޓާ އަދި ވިއްކާފައިވަނީ އެޖެންޓެއްގެ ގޮތުގައި ނުވަތަ އެހެންވެސް ގޮތަކުން އެހެން ފަރާތަކުން އެފަރާތް ތަމްސީލުކުރުމަށް އައްޔަންކުރެވިފައިވާ ފަރާތެއް ގޮތުގައިތޯ؛ އަދި
- އެފަދަ ފަރާތެއްގެ ނަން؛
- އެފަރާތެއްގެ ހައިސިއްޔަތުން އޭނާ ހަރަކާތެރިވި ފަރާތުގެ ނަން ނުވަތަ ސެކިއުރިޓީޒްގެ ބެނެފިށަލް ވެރިފަރާތުގެ ނަން؛ އަދި
- ގަނެ ބަހައްޓާ ނުވަތަ ވިއްކުމާގުޅޭ ގޮތުން އޭޖެންޓް، ޓްރަސްޓީ، ނޮމިނީ ނުވަތަ އެހެންވެސް ގޮތަކުން އެހެން ފަރާތަކުން އެފަރާތެއް ތަމްސީލްކުރުމަށް އައްޔަންކުރެވިފައިވާ ފަރާތެއްގެ ހައިސިއްޔަތުން އޭނާއަށް އެފަރާތުން ދީފައިވާ އިރުޝާދާބެހޭ މައުލޫމާތު.
(ނ) ސްޓޮކް އެކްސްޗޭންޖުގެ ހިއްސާގެ ބާޒާރުގައި ސެކިއުރިޓީޒް ގަނެ ނުވަތަ ވިއްކުމާ ގުޅޭގޮތުން، އެ ގައުމުގައި ނުވަތަ ވިއްކުމުގައި ބައިވެރިވި ސްޓޮކް އެކްސްޗޭންޖުގެ މެންބަރުންގެ ނަންތައް އޮތޯރިޓީއަށް ހާމަކުރުމަށް އޮތޯރިޓީއިން އެ ސްޓޮކް އެކްސްޗޭންޖަށް އެންގިދާނެއެވެ.
12 ވަނަ މާއްދާ - އޮތޯރިޓީއިން ހިންގާ ތަހުގީގް
(ގ) ތިރީގައިވާ ހާލަތްތަކުގައި އޮތޯރިޓީއިން، ނުވަތަ ތަހުގީގތުގައ ހިންގުމަށްޓަކައި އޮތޯރިޓީގެ 3 މެންބަރުންނަށް ވުރެ މަދުނުވާ ގޮތަށް އައްޔަންކުރެވޭ ކޮމިޓީއަކުން، ތިރީގައިވާ ކަންކަމާ ގުޅޭގޮތުން އެކަށީގެންވާކަމަށް ފެންނަ ތަހުގީގުތައް ހިންގިދާނެއެވެ. އަދި މި ގާނޫނު ނުވަތަ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ލިބިދީފައިވާ އެއްވެސް ބާރަކަށް އުނިއިތުރުކަމެއް ނުގެނެސް، ރެގިއުލޭޓްކުރެވޭ ފަރާތަކަށް ނުވަތަ މުހިންމު ފަރާތަކަށް ލިބިފައިވާ، ހިނގާފައިވާ ސެކިއުރިޓީޒްގެ މުއާމަލާތަކަށް އަސަރުކޮށްފައިވެދާނެ، ފަދަ، ނުވަތަ ބޮޑީ ކޯޕަރޭޓްއަކުން ފޯރުވައިދޭ ނުވަތަ ފޯރުވައިދީފައިވާ ސެކިއުރިޓީޒްއާގުޅޭ ގޮތުން ހިންގާފާނެ ސެކިއުރިޓީޒްގެ މުއާމަލާތަކަށް އަސަރުކޮށްފާނެފަދަ، ނުވަތަ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު ނުވަތަ އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދަކާ ހިލާފްވުމާ ގުޅޭ، ނުވަތަ މި މާއްދާގެ (ހ)ގެ (i) އިން (iv) އަށް ބަޔާންކޮށްފައިވާ ކަމަކާ ގުޅޭ މައުލޫމާތުތައް އޮތޯރިޓީއަށް ހާމަކުރުމަށް އެންގިދާނެއެވެ.
- ގަވާއިދަކާ ގުޅިގެން ބޮޑީކޯޕަރޭޓަކުން ދޫކޮށްފައިވާ ސެކިއުރިޓީއެއް މަނާކުރުމަށް، ނުވަތަ އެސެކިއުރިޓީއެއްގެ ވިޔަފާރިކުރުން މަނާކުރުމަށް އެއްވެސް ގަވާއިދަކާ ގުޅިގެން ކުރަންޖެހޭ ކަމެއްކަމަށް ފެނިއްޖެނަމަ؛ ނުވަތަ
- ބޮޑީކޯޕަރޭޓަކުން ފޯރުވައިދޭ ސެކިއުރިޓީޒްއާގުޅޭ ގޮތުން ނުވަތަ އެ ސެކިއުރިޓީޒްގެ ވިޔަފާރިކުރުމާ ގުޅޭގޮތުން ގާނޫނު ނުވަތަ މިގަވާއިދުތައް ހިމެނޭގޮތަށް ގާނޫނުގެ ދަށުން ހެދިފައިވާ އެއްވެސް ގަވާއިދަކާ ނުވަތަ އޮތޯރިޓީން ނުވަތަ ހުއްދަދީފައިވާ ސްޓޮކް އެކްސްޗޭންޖަކުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފުވެއްޖެނަމަ؛ ނުވަތަ
- ބޮޑީ ކޯޕަރޭޓެއްގެ ސެކިއުރިޓީޒް އާ ގުޅޭ ގޮތުން ކުންފުންޏާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމާ އެއްވެސް ފަރާތަކުން ހިލާފުވެފައިވާނަމަ؛ ނުވަތަ
- ބޭރުގެ އެއްވެސް ރެގިއުލޭޓަރީ އޮތޯރިޓީއަކުން އެއްވެސް ކަމެއް ބަލައި ތަހުގީގްކުރުމަށް އޮތޯރިޓީއަށް ހުށަހަޅާފައިވނަމަ؛
(ށ) މިމާއްދާގެ (ހ)ގެ ބޭނުމަށްޓަކައި، އޮތޯރިޓީއިން ނުވަތަ މިމާއްދާގެ (ހ) ގެ ދަށުން އައްޔަންކުރެވިފައިވާ އޮތޯރިޓީގެ ކޮމިޓީއިން، ގަބޫލުކުރެވޭފަދަ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ވަކިފަރާތަކީ އޮތޯރިޓީއިން ނުވަތަ ކޮމިޓީއިން ތިރީގައިވާ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދެވޭނެ ފަރާތެއްކަމަށް ގަބޫލުކުރެވޭނަމަ، އަންނަނިވި ކަންތައްތަކާ ގުޅޭގޮތުން އޮތޯރިޓީއަށް ނުވަތަ ކޮމިޓީއަށް މައުލޫމާތު ދިނުމަށް އެފަރާތަކަށް އެންގިދާނެއެވެ. އަދި އޮތޯރިޓީއިން މިގަވާއިދުގެ (3) އަދި (4) ވަނަ މާއްދާގެ ދަށުން ލިބިފައިވާ އޮތޯރިޓީގެ ބާރުތައް ހިންގިދާނެއެވެ.
- ކަމާބެހޭ ސެކިއުރިޓީޒްއާގުޅޭ އެއްވެސް މުއާމަލާތަކާ ބެހޭގޮތުން؛
- ސެކިއުރިޓީޒްއާ ގުޅޭގޮތުން ޑީލަރެއް، އިންވެސްޓްކުރުމާބެހޭ ލަފާދޭ ފަރާތެއް ނުވަތަ ޑީލަރުން ތަމްސީލުކުރާ ފަރާތަކުން ދީފައިވާ ލަފާއާބެހޭގޮތުން؛
- ކަމާބެހޭ ސެކިއުރިޓީޒްއާ ބެހޭގޮތުން ޑީލަރެއް، އިންވެސްޓްކުރުމާބެހޭ ލަފާ ދޭ ފަރާތެއް ނުވަތަ ޑީލަރެއް ތަމްސީލުކޮށްދޭ ފަރާތަކުން ރިޕޯޓެއް ނުވަތަ ދިރާސާއެއް ނެރުން، ނުވަތަ ޗާޕްކުރުމާބެހޭ ގޮތުން،
- ސެކިއުރިޓީޒްގެ ގަނެ ވިއްކުމުގެ ވިޔަފާރި ނުވަތަ އިންވެސްޓްކުރުމަށް ލަފާދިނުމުގެ ވިޔަފާރި ވަކި ފަރާތަކުން އެކަނި ނުވަތަ އެހެން ފަރާތަކާ ގުޅިގެން ނަމަވެސް ކުރި ނުވަތަ ކުރާނަމަ، އަދި އެފަރާތަކުން ސެކިއުރިޓީޒްގެ މުއާމަލާތް ކޮށްފައިވާނަމަ ނުވަތަ އިންވެސްޓްކުރުމަށް ލަފާދީފައިވާނަމަ އެފަރާތެއްގެ ވިޔަފާރީގެ މާލީ ހާލަތާބެހޭ ގޮތުން.
- މި މާއްދާގެ (ށ)ގެ (iii) ގައި ބުނެފައިވާ ފަރާޓެއްގެ ކޮންޓްރޯލްގެ ދަށުގައިވާ އަދި އެފަދަ ފަރާތަކުން އައްޔަންކޮށްފައިވާ ފަރާތަކުން، ނުވަތަ ދޭ ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއްގެ ތެރެއިން އެންމެ މަދުވެގެން އެއްފަރާތް އެއީ މި މާއްދާގެ (ށ)ގެ (iii) ގައި ބުނެފައިވާ ފަރާތެއްކަމުގައިވާނަމަ، އެ ފަރާތްތައް ގުޅިގެން ކޮންޓްރޯލްކުރާ އަދި އެފަރާތްތަކުން އައްޔަންކޮށްފައިވާ ފަރާތަކުން ކުރަމުންދާ އެއްވެސް ވިޔަފާރިއެއްގެ މާލީ ހާލަތާގުޅޭގޮތުން؛
- ޑީލަރެއްގެ އެއްވެސް ހިސާބަކީ ނުވަތަ ލިޔުމަކީ ކަމާބެހޭ ސެކިއުރިޓީޒްގެ މުއާމަލާތަކާ ގުޅުންހުރި ތަކެތި ކަމަށްވާނަމަ، އެހިސާބުތަކާ ނުވަތަ ލިޔެކިޔުންތަކާ، ގުޅޭގޮތުން އޮޑިޓަރެއްގެ އޮޑިޓް ނުވަތަ އެއްވެސް ރިޕޯޓްއަކާ ބެހޭގޮތުން؛
- އޮތޯރިޓީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅުމެއްވާކަމަށް އެފަރާތަށް ފެންނަ އެނޫން އެހެން ކަމަކާ ގުޅޭގޮތުން.
(ނ) މިމާއްދާގެ (ހ) އަދި (ށ) ގެ ދަށުން ތަހްގީގުކުރުމަށް ދީފައިވާ ބާރުތައް ހިންގުން އޮތޯރިޓީއިން އެ އޮތޯރިޓީގެ ޗީފް އެކްޒެކެޓިވް އޮފިސަރާއި ހަވާލުކުރެވިދާނެއެވެ. އަދި އެފަރާތުން ތަހުގީގުގެ ނަތީޖާ އޮތޯރިޓީއަށް އަންގަންވާނެއެވެ.
(ރ) އޮތޯރިޓީއަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅޭގޮތުން ތަހުގީގް އަވަހަށް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ބޭނުންވެއްޖެނަމަ މި މާއްދާގެ (ހ) އާ އެއްގޮތް ވާގޮތުގެ މަތިން ތަހްގީގްކުރުމަށް އޮތޯރިޓީން ނުވަތަ އައްޔަންކުރެވިފައިވާ އެޮތޯރިޓީގެ އެއްވެސް ކޮމިޓީއަކުން މި މާއްދާގެ (ށ) ގެ ދަށުން އޮތޯރިޓީއަށް މައުލޫމާތު ދޭންޖެހޭ އެއްވެސް ފަރާތަކަށް (ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރި ކުންފުންޏެއްނަމަ ހުައްދަ ދީފައިވާ ތަމްސީލުކުރާ ފަރާތެއް މެދުވެރިކޮށް) އެ މައްސަލައަކާބެހޭ ގޮތުން ހެކި ނުވަތަ މައުލޫމާތު ދިނުމަށް، އޮތޯރިޓީގެ ނުވަތަ ކޮމިޓީގެ ނުވަތަ ޗީފް އެކްޒެކެޓިވް އޮފިސަރުގެ ކުރިމައްޗަށް ހާޒިރުވުމަށް އެންގިދާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން އަންގާ އެންގުން އޮންނަންވާނީ ލިޔުމުންނެވެ. އަދި އެ ލިޔުމުގައި އޮތޯރިޓީގެ ޗެއަރމަން ނުވަތަ ޗީފް އެކްޒެކެޓިވް އޮފިސަރުގެ ސޮއިކޮށްފައި އޮންނަންވާނެއެވެ. އަދި އެ ލިޔުމުގައި އަންނަނިވި ތަފުސީލު ހިމެނިފައި އޮންނަން ވާނެއެވެ.
- އެ ފަރާތަކަށް ހާޒިރުވާންވީ ދުވަސް، ގަޑި އަދި ތަން؛ އަދި
- އެފަރާތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި އަދި މައުލޫމާތު (އާންމުކޮށް ނުވަތަ ހާއްސަކޮށް ނުވަތަ އޭގެ ބާވަތާއި ބޭނުމާއި އެކުލެވިފައިވާ ބައިތައް ނުވަތަ އޭގެ ނަތީޖާ އެނގޭ ގޮތަށް)؛ އަދި ގަވާއިދަށް އަމަލުނުކުރެވިއްޖެނަމަ ދެވޭނެ އަދަބު
(ޅ) މި މާއްދާގެ (ރ) ގެ ދަށުން އަންގާ އެންގުމެއް ހަވާލުކުރަންވާނީ ތިރީގައި މިވާ ގޮތްތަކުން ކުރެ ގޮތެއްގެ މަތިންނެވެ.
- އެ ފަރާތަކީ ފަރުދެއްނަމަ ހާޒިރުވުމަށް އަންގާފައިވާ ގަޑީގެ 24 ގަޑިއިރު ކުރިން ސީދާ އެފަރުދަކަށް ނުވަތަ އެފަރުދަކު އާންމުކޮށް މަސައްކަތްކުރާ ތަނަކަށް ނުވަތަ ދިރިއުޅޭ ތަނަކަށް ހަވާލުކުރުން.
- ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރި ކުންފުންޏެއްނަމަ، ހާޒިރުވުމަށް އަންގާފައިވާ ގަޑީގެ އެންމެ މަދުވެގެން 24 ގަޑިއިރު ކުރިން އެފަރާތެއްގެ މަސައްކަތް އާންމުކޮށް ހިންގާ ތަނަކަށް ހަވާލުކުރުން.
(ކ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، "ކަމަކާ ގުޅޭ ސެކިއުރިޓީޒް" މާނަކުރެވެނީ މި ގަވާއިދުގެ މި މާއްދާގެ (ހ) ގައި ބުނެފައިވާ ރަޖިސްޓްރީކޮށްފައިވާ ކުންފުނިން ނުވަތަ އެ ފަރާތަކުން ފޯރުވައިދޭ ސެކިއުރިޓީޒް އަށެވެ.
(އ) މި މާއްދާގެ (ހ)، (ށ)، (ރ) ގެ ދަށުން އޮތޯރިޓީއަށް ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރުމުގެ ސަބަބުން މައުލޫމާތު ދޭންޖެހޭ ފަރާތުން ދޭ ބަޔާނަކީ، އެ ފަރާތެއް ކުށްވެރިވެދާނެ ފަދަ ބަޔާނެއް ކަމަށް ވެދާނެ ނަމަވެސް މައުލޫމާތު ދޭންޖެހޭ ފަރާތް މައުލޫމާތު ދިނުމުން އިސްތިސްނާއެއް ނުކުރެވޭނެއެވެ.
(ވ) އެއްވެސް ފަރާތަކުން، މި މާއްދާގެ (ހ)(ށ)، (ރ) ގެ ދަށުން އެފަރާތެއް ހާމަކުރަންޖެހޭ މައުލޫމާތެއް ހާމަކުރުމަށް ދޭ ބަޔާނެއް ދިނުމުގެ ކުރިން އެބަޔާނުގައި އެފަރާތް ކުށެއް ކުރިކަމަށް ބެލެވިދާނެކަމެއް ބަޔާންކޮށްފިނަމަ، އަދި އެ ބަޔާނުން ކަނޑައެޅިގެން އެފަރާތުން ކުށެއްކޮށްފައިވާކަން ސާބިތުކޮށްދެވޭނެނަމަ، މި ގަވާއިދުގެ ދަށުން ބެލޭ މައްސަލަތައް ފިޔަވައި އެފަރާތަކާ އިދިކޮޅަށް ހުށަހެޅޭ ޖިނާއީ މައްސަލަައެއްގައި އެފަދަ ބަޔާނެއް ބޭނުން ނުކުރެވޭނެއެވެ.
(މ) އެއްވެސް ފަރާތަކުން ނުވަތަ ބޮޑީ ކޯޕަރޭޓަކުން ގަބޫލުކުރެވޭ ފަދަ އުޒުރެއް ނެތި މި ގަވާއިދުގެ މި މާއްދާގެ (ހ) (ށ)، (ރ) ގެ ދަށުން އޮތޯރިޓީގެ އެންގުމަކާ އެއްގޮތަށް އަމަލުނުކޮށްފިނަމަ ނުވަތަ އަމަލުކުރުމަށް އިންކާރުކޮށްފިނަމަ ކުށްވެރިވާނެއެވެ.
(ފ) އެއްވެސް ފަރާތެއް މި ގަވާއިދުގެ (11) ވަނަ މާއްދާގެ (ހ)، (ށ)، (ނ) ގެ ނުވަތަ މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ބޭނުމަށްޓަކައި މައުލޫމާތު ހާމަކުރުމުގެ ނުވަތަ ބަޔާނެއް ދިނުމުގައި އެނގިހުރެ ދޮގު މައުލޫމާތު ނުވަތަ އޮޅުންއަރާފަދަ ގޮތަކަށް މައުލޫމާތު ދީފިނަމަ ކުށްވެރިވާނެއެވެ.
(ދ) މި މާއްދާގެ (ފ)ގެ ދަށުން ކުރާ ދައުވާ ލިބޭ ފަރާތުން އޭނާ ދިފައިވާ ބަޔާން ނުވަތަ މައުލޫމާތަކީ އޮޅުވާލައިގެން ދީފައިވާ މައުލޫމާތު ނޫންކަމަށާއި އެއީ ހަގީގަތް ކަމަށް ގަބޫލުކުރެވޭ އެކަށޭނަ ސަބަބުތައް ހުރިކަމަށް ދައްކައިފިނަމަ އެއީ އެފަރާތަކާ ދެކޮޅަށް ކުރެވޭ ދައުވާގެ ދިފާއެކެވެ.
(ތ) މި ގަވާއިދުގައި މައުލޫމާތު ހާމަކުރުމޭ ބުނެފައިވާ ބުނުމުގައި ލިޔެކުމެއްގައި ހިމެނޭ މުއުލޫމާތު އަދި އެ ލިޔެކިޔުން ހުށަހެޅުން ހިމެނެއެވެ.
(ލ) މި ގަވާއިދުގައި ބުނެފައިވާ ނުވަތަ ބުނެފައިވާކަމަށް ބެލެވޭކަމަކަށް ހަމައެކަނި އަމަލުކުރުމުގެ ސަބަބުން އަމަލުކުރި ފަރާތުން އެއްވެސް ޒިންމާ އެއް އުފުލާކަށް ނުޖެހޭނެއެވެ.
13 ވަނަ މާއްދާ – އޮތޯރިޓީން ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީއަކަށް އެހީތެރިކަން ފޯރުވައިދިނުން
(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީއަކުން ތަންފީޒުކުރާ ނުވަތަ ބަލަހައްޓާ، ގާނޫނީ ނުވަތަ ރެގިއުލޭޓަރީ ކަންތައްތަކާ ގޫޅޭ ގޮތުން މި މާއްދާގެ (ށ) އާއި އެއްގޮތްވާގޮތުގެ މަތިން އޮތޯރިޓީއަށް ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީތަކަށް އެހީތެރިކަން ފޯރުވައިދެވިދާނެއެވެ. އަދި އެބޭނުމަށްޓަކައި ގާނޫނީ އަދި ރެގިއުލޭޓަރީ ކަމަކާ ހިލާފުވެއްޖެކަމަށް ބެލެވޭބެލެވުން ތަހުގީގުކޮށް ނުވަތަ ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީއަށް ބޭނުންވުން އެކަށީގެންވާކަމަށް ފެންނަ މައުލޫމާތު ހިޔާލު ނުވަތަ އެހީތެރިކަން ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީތަކަށް ފޯރުވައިދެވިދާނެއެވެ.
(ށ) ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީތަކަށް އެހީތެރިކަން ފޯރުވައިދިނުމަސް ނިންމަންވާނީ އެއީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާ އެއްގޮތްވާ ކަމެއްތޯ، ނުވަތަ އެނޫންވެސް ގޮތަކުން ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރާމެދު އޮންނަ އިތުބާރާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ބޭނުންތެރިކަމެއްތޯ ބެލުމަށްފަހުގައެވެ. އަދި މިގަވާއިދުގެ ބޭނުމަށްޓަކައި މި ކަމުގައި ގޮތެއް ނިންމުމުގައި އޮތޯރިޓީއިން ތިރީގައިވާ ކަންތައްތައްވެސް ހިމެނޭ ގޮތުން އެނިންމުމާ ގުޅުމެއްވާކަމަށް ފެންނަކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
- ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީއަކީ މި ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު ގަބޫލުކުރެވޭ ފެންވަރެއްގެ ރެގިއުލޭޓަރީ އޮތޯރިޓީއެއްތޯ.
- ދެވޭ އެހީތެރިކަން ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީން ބޭނުންކުރާނީ އެފަރާތުގެ މަސްއޫލިއްޔަތުތައް ފުރިހަމަ ރެގިއުލޭޓަރީ މަގްސަދެއްގައި ހިންގުމަށްތޯ؛
- ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީއަކަށް ދެވޭ އެހީތެރިކަމާ އެއްފަދަ އެހީތެރިކަމެއް އޮތޯރިޓީއަށްދޭތޯ؛
- ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީން ތަހުގީގުގެ ހަރަދަށް އެހީތެރިކަން ފޯރުވައިދިނުމަށް ތައްޔާރުތޯ؛
- ދެވޭ އެހީތެރިކަމަކީ ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީއިން ސެކިއުރިޓީޒް އާއި ޑެރިވޭޓިވްސް އާ ބެހޭ ގާނޫނާއި ގަވާއިދުތައް ހިންގުމަށް ނުވަތަ ތަންފީޒުކުރުމަށްދެވޭ، އެ މަގްސަދަށް އެކަށީގެންވާ އެހީތެރިކަމެއްތޯ؛
- މައުލޫމާތު ފޯރުވައިދިނުމުގައި އޮތޯރިޓީއިން ކަނޑައަޅާ ކޮންމެ ށަރުތަކާއި އެއްގޮތަށް ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީއިން އަމަލުކުރާނެތޯ؛
- މައުލޫމާތު ފޯރުވައިދިނުމުގައި އެތޯރިޓީއަށް ދެވޭ ސިއްރު މައުލޫމާތު އެކަށީގެންވާ ގޮތަށް ރައްކާކުރެވިދާނެތޯ؛
- ފޯރުވައިދެވޭ އެހީތެރިކަމެއްގެ ސަބަބުން ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރުގެ އިތުބާރު ދަމަހައްޓާ ނުވަތަ ކުރިއެރުވިދާނެތޯ؛
- އެހީތެރިކަމަށް އެދިފައިވަނީ ވަކިފަރާތެއް ނުވަތަ ފަރާތްތަކެއްގެ މައްޗަށް ތަހުގީގް ހިންގުމަށް ކަމަށްވާނަމަ، އެފަރާތް، ނުވަތަ ފަރާތްތަކުގެ މައްޗަށް، އެހީތެރިކަމަށް އެދިފައިވާ ކަންތަކާގުޅޭގޮތުްނ، ރާއްޖޭގައި މިހާތަނަށް ޖިނާއީ ދައުވާއެއް ހުށަހެޅިފައިވޭތޯ؛
(ނ) ބޭރުގެ ރެގިއުލޭޓަރީ މުއައްސަސާއަކުން އެހީތެރިކަން ފޯރުވައިދޭއިރު އެފަރާތަކީ އޮތޯރިޓީ ބައިވެރިވާ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންއެއް ނުވަތަ އެހެން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ފަރާތަކަށް ވެފައި އަދި މި މާއްދާގެ (ށ) ގައި ލިސްޓު ކުރެވިފައިވާ ކަންތައްތަކަކީ އެފަދަ އެއްބަސްވުމެއްގައި ދާއިރާގެ ތެރޭގައި ހިމެނޭ ކަންތައްތައްކަމަށް ވާނަމަ، އަދި އެހީޓެރިކަމަށް އެދުމަކީ އެފަދަ އެއްބަސްވުމެއްގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކުރެވޭ ކަމެއް ކަމަށް ވާނަމަ، މި މާއްދާގެ (ށ) ގައި ބުނެފައިވާ ކަންތައްތަކަށް ރިއާޔަތް ކުރެވިފައިވާކަމަށް އޮތޯރިޓީއަށް ބެލެވިދާނެއެވެ.
(ރ) ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީއަކުން އެހީތެރިކަމަށް އެދޭކަމެއްގައި، އެކަމަކީ ރާއްޖޭގައި ކޮށްފައިވާ ކުށެއްކަމުގައި ނުވި ނަމަވެސް، ނުވަތަ އެކަމެއް ރާއްޖޭގައި ކުރުމަކީ ކުށެއްކަމުގައި ނުވާނެނަމަވެސް، އެފަދަ ކަމަކާ ގުޅޭގޮތުން ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީއަކުން އެދޭ އެދުމެއްގެ މަތިން އޮތޯރިޓީއަށް ތަހުގީގުތައް ހިންގާ، ނުވަތަ އެހެންވެސް ގޮތްގޮތުން އެހީތެރިކަން ދެވިދާނެއެވެ.
(ބ) ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީތަކަށް އެހީތެރިކަމެއް ފޯރުވައިދިނުމަކީ އޮތޯރިޓީއިން އެފަރާތުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުވަތަ ދިވެހިރާޢްޖޭގެ ހިއްސާގެ ބާޒާރުގެ ހަރުދަނާކަން ދެމެހެއްޓުމަށްޓަކައި ބޭނުންތެރިކަމެއް ކަމުގައި އޮތޯރިޓީއަށް ފެނިއްޖެނަމަ ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީއަކުން އެހީތެރިކަން ފޯރުވައިދިނުމަށޓަކައި އޮތޯރިޓީއަށް ގާނޫނާއި ގަވާއިދުގެ ދަށުން ލިބިފައިވާ އިތުރު ބާރުތައް ބޭނުން ކުރެވިދާނެއެވެ. މީގެ ތެރޭގައި ލައިސަންސަށް ށަރުތު ކަނޑައެޅުމާއި ލައިސަންސް ބާތިލުކޮށް، ކޮންޓްރޯލްކޮށް ޑައިރެކްޓްކޮށް، ބެނެފިށަލް ވެރިފަރާތެއް މެނޭޖަރެއް ނުވަތަ ލައިސަންސް ދީފައިވާ ފަރާތުގެ މުވައްޒަފެއް މަގާމުން ވަކިކުރުމަށް އެންގުން، ނުވަތަ ސްޓޮކް އެކްސްޗޭންޖަކަށް ދީފައިވާ ހުއްދަ ބާތިލުކުރުން ހިމެނެއެވެ.
14 ވަނަ މާއްދާ - އޮތޯރިޓީއަށް ރިޕޯޓްކުރުމުގެ މަސްއޫލިއްޔަތު
އެއްވެސް ފަރާތަކުން މުހިންމު ފަރާތަކަށް ނުވަތަ ރެގިއުލޭޓްކުރެވޭ ފަރާތަކަށް ނުވަތަ ހުއްދަ ދީފައިވާ ސްޓޮކް އެކްސްޗޭންޖެއްގައި ސެކިއުރިޓީޒް ލިސްޓްކުރެވިފައިވާ ކުންފުންޏަކަށް ހިދުމަތެއް ދިނުމުގައި އެފަދަ ރެގިއުލޭޓްކުރެވޭ ފަރާތެއް ނުވަތަ ހާއްސަ ފަރާތެއް ނުވަތަ ހުއްދަ ދީފައިވާ ސްޓޮކް އެކްސްޗޭންޖެއްގައި ސެކިއުރިޓީޒް ލިސްޓްކުރެވިފައިވާ ކުންފުންޏެއް ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގައި މަނާކޮށްފައިވާ މަކަރާ ހީލަތުގެ އެއްވެސް އަމަލެއްގައި ބައިވެރިވެފައިވާކަން ނުވަތަ ބައިވެރިވާކަމުގެ މައުލޫމާތު އެނގިއްޖެނަމަ އެ މައުލޫމާތު އެތޯރިޓީއަށް ރިޕޯޓްކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) އާއި ހިލާފްވުމަކީ ކުށެކެވެ.
(ނ) ޖިނާއީ މައްސަލައެއް ނުވަތަ ހުކުމެއް ހިމެނޭގޮތަށް އެއްވެސް އިދާރީ ފިޔަވަޅެއް ނުވަތަ މައްސަލައެއް އެފަރާތެއްގެ ވަޒީފާއާ ގުޅޭގޮތުން ވިޔަސް ނުވަތަ އެނޫން ގޮތަކަށް ވިޔަސް މި މާއްދާގެ(ހ)ގެ ދަށުން ރަނގަޅު ނިޔަތެއްގައި ސިއްރުގޮތުގައި މައުލޫމާތު އޮތޯރިޓީއަށް ފޯރުވައިދޭ ފަރާތަކާ ދެކޮޅަށް ނޭޅޭނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަމާ ގުޅޭގޮތުން ރެގިއުލޭޓްކުރެވޭ ފަރާތަކަށް ނުވަތަ ހާއްސަ ފަރާތަކަށް ނުވަތަ ކުންފުންޏަކަށް މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރުމާ ގުޅޭގޮތުން ގާނޫނީ ލަފާހޯދުމުގައި މި މާއްދާގެ (ހ)ގައި ބުނެފައިވާ ކަންކަމާބެހޭގޮތުން މައުލޫމާތު ލިބޭ ، ބުނެވިދިޔަ ގާނޫނީ ލަފާދޭ ފަރާތުގެ މައްޗަށް މި މާއްދާގެ (ހ) ނުހިގާނެއެވެ.
3 ވަނަ ބައި
ވިޔަފާރިކުރުން މަނާކުރުމަށް އޮތޯރިޓީއަށް ލިބިދީފައިވާ ބާރުތައް
15 ވަނަ މާއްދާ - ވިޔަފާރި ހުއްޓާލުމަށް ނުވަތަ ވަގުތީގޮތުން ހުއްޓުވާލުމަށް އޮތޯރިޓީއަށް ލިބިދީފައިވާ ބާރު
(ހ) މި މާއްދާގެ (ހ) އަދި (ށ)ގައިވާ ގޮތުގެ މަތިން އޮތޯރިޓީއިން ހުއްދަ ދީފައިވާ ސްޓޮކް އެކްސްޗޭންޖަކާއެކު މަށްވަރާކުރުމަށްފަހު 3 ދުވަހަށް ވުރެ އިތުރުނޫން މުއްދަތަކަށް ސެކިއުރިޓީޒް ގަނެ ވިއްކުމުގެ މުއާމަލާތެއް ނުވަތަ ސެކިއުރިޓީޒްއާ ގުޅޭ އެހެންވެސް މުއާމަލާތެއް ނުކުރެވޭގޮތަށް ސްޓޮކް އެކްސްޗޭންޖް ބަންދުކުރުމަށް އަމުރުކުރެވިދާނެއެވެ.
(ށ) ސްޓޮކް އެކްސްޗޭންޖުގައި ހަމަހަމަގޮތުގައި ސެކިއުރިޓީޒްގެ މުއާމަލާތުކުރުމަށް ނުރަނގަޅު އަސަރެއް އަންނަނިވި ސަބަބުތަކާއި ކުރެ ދިމާވުން އެކަށީގެންވާ ކަމަށް އޮތޯރިޓީއަށް ފެނިއްޖެނަމަ، މި މާއްދާގެ (ހ) ގެ ދަށުން ބުނެފައިވާފަދަ އަމުރެއް އޮތޯރިޓީއަށް ކުރެވިދާނެއެވެ.
- ދިވެހިރާއްޖެއަށް ކުއްލި ހާލަތެއް ނުވަތަ ގުދުރަތީ ކާރިސާއެއް ހިނގުން
- ދިވެހިރާއްޖެއަށް ނުވަތަ އެހެން ތަނެއްގައި ނަމަވެސް އިގްތިސާދީ ނުވަތަ މާލީ ބޮޑު މައްސަލައެއް ކުރިމަތިވުން؛ ނުވަތަ
- ސެކިއުރިޓީޒް މާކެޓަށް ބަދަލުގެނައުމަށް ނުވަތަ ހުއްޓުވާލުމަށް މަސައްކަތް ކުރުން ނުވަތަ ބަދަލުގެނައުމަށް ނުވަތަ ހުއްޓުވާލުމަށް މަސައްކަތް ކޮށްފާނެކަމަށް ބެލެވުން
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކުރާ އަމުރެއްގެ މުއްދަތު ފަސް މާކެޓް ދުވަހަށްވުރެ ގިނަނުވާގޮތަށް، އިތުރުކުރެވިދާނެއެވެ.
(ރ) މި މާއްދާގެ (ހ) އަދި (ނ) ގެ ދަށުން އަމުރެއް ނެރެ އެ އަމުރެއް ސްޓޮކް އެކްސްޗޭންޖަށް އަންގާފައިވަނިކޮށް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކުރެވިފައިވާ ސެކިއުރިޓީޒްގެ މުއާމަލާތްކުރާ އެއްވެސް ޑީލަރެއް ނުވަތަ ޑީލަރެއް ތަމްސީލްކުރާ ފަރާތެއް ސެކިއުރިޓީޒްގެ މުއާމަލާތް ކުރާ ކޮންމެ ދުވަހަކު އެފަރާތެއް ކުށްވެރިވާނެއެވެ. އަދި ކުށް ސާބިތުވުމުން ކޮންމެ ދުވަހަކަށް -/15000 ރ. (ފަނަރަ ހާސްރުފިޔާ) އަށް ވުރެ އިތުރު ނުވާގޮތަށް އަމުރާ ހިލާފުވެފައިވާ ދުވަސްތަކަށް ޖޫރިމަނާ ކުރެވޭނެއެވެ.
(ބ) މި މާއްދާގެ (ހ) ނުވަތަ (ނ)ގެ ދަށުން އޮތޯރިޓީއިން އޯޑަރެއް ނެރެފިނަމަ އޯޑަރުގެ ނޯޓިސް ދިވެހި ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރަންވާނެއެވެ.
4 ވަނަ ބައި
އެހެނިހެން ކަންތައްތައް
16 ވަނަ މާއްދާ - އިދާރީގޮތުންކުރާ ޖޫރިމަނާ
ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުން ނުވަތަ މި ގަވާއިދުގެ ނުވަތަ އޮތޯރިޓީން ތަންފީޒްކުރާ އެހެން އެއްވެސް ގާނޫނެއް ނުވަތަ އޮތޯރިޓީގެ ގަވާއިދުތަކާ ނުވަތަ ހުއްދަ ދީފައިވާ ސްޓޮކް އެކްސްޗޭންޖެއްގެ އުސޫލުތަކާއި ހިލާފުވާކަމަށް ބެލެވި މި ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން އޮތޯރިޓީން ކުރާ ތަހުގީގަކާ ގުޅިގެން އޮތޯރިޓީއަށް ކުށް ސާބިތުވާ ފަރާތްތައް، އެކުށުގެ އަދަބެއްގެ ގޮތުގައި -/10000ރ (ދިހަ ހާސް ރުފިޔާ) އަށް ވުރެ ބޮޑު ނޫން އަދަދަކުން އިދާރީ ޖޫރިމަނާއެއް ކުރެވިދާނެއެވެ.
ކިޔުންތެރިންގެ ހިޔާލު