-

އިސްލާމިކް ބޭންކިންގއާބެހޭ ގަވާއިދު 2011

(ގަވާއިދު ނަންބަރު 12/2011) 

 

 

ފުތަރަމަ ބާބު

ފެށުން

1 ވަނަ މާއްދާ – މަގްސަދާއި ގަވާއިދު ހެދުމުގެ ބާރު

މިއީ، ދިވެހިރާއްޖޭގައި ހިންގާ އިސްލާމިކް ބޭންކިންގ ވިޔަފާރި ރެގިއުލޭޓްކޮށް ލައިސަންސް ދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މައްޗައް އޮންނަ ޒިންމާ އަދާކުރުމުގެ މަގްސަދުގައި، ގާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ 11 ވަނަ މާއްދާ އާއި 65 ވަނަ މާއްދާގެ ދަށުން އެކުލަވާލައި ނެރެފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ – ނަން

މިގަވާއިދުގެ ނަމަކީ "އިސްލާމިކް ބޭންކިންގއާބެހޭ ގަވާއިދު 2011" އެވެ.

 

3 ވަނަ މާއްދާ – ގަވާއިދުހިންގޭނެ ދާއިރާ

މި ގަވާއިދު ދިވެހިރާއެޖޭގެ ހުރިހާ ސަރަހައްދެއްގައި ހިންގޭނެއެވެ.

 

4 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަން ފެށުން

މިގަވާއިދަށް އަމަލުކުރަން ފަށާނީ 6 މާޗް 2011 އިން ފެށިގެންނެވެ.

 

 

ދެވަނަ ބާބު

އާންމު މާއްދާތައް

5 ވަނަ މާއްދާ – މަނާ ކަންތައްތައް

(ހ) އޮތޯރިޓީން އިސްލާމިކް ބޭންކިންގ ވިޔަފާރި ކުރުމަށް ލައިސަންސް ނުވަތަ ހުއްދަ ދީފައިވާ ފަރާތަކުން މެނުވީ، ދިވެހިރާއްޖޭގައި އިސްލާމިކް ބޭންކިންގ ވިޔަފާއިރި ކުރުމަކީ މަނާކަމެކެވެ.

(ށ) އިސްލާމިކް ބޭންކުގެ ވިޔަފާރި ހިންގަންވާނީ އިސްލާމީ ށަރީއަތާ ހިލާފުނުވާ ގޮތަށެވެ.

 

 

ތިންވަނަ ބާބު

ލައިސަންސް ދޫކުރުން

6 ވަނަ މާއްދާ – ލައިސަންސްދޫކުރުން

ގާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރާއްޖޭގައި އިސްލާމިކް ބޭންކު ހިންގުމުގެ ހުއްދަ ދިނުމުގެ އިހުތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. މީގެ އިތުރުން އިސްލާމިކް ބޭންކިންގގެ އުސޫލުތަކާ އެއްގޮތަށް އެކުލަވާލެވިފައިނުވާ ބޭންކުތަކަށް އެ ބޭންކެއްގެ ޑިޕާޓްމަންޓަކުން ނުވަތަ އެހެންވެސް ގޮތަކުން އިސްލާމިކް ބޭންކިންގ ހިދުމަތްދިނުމުގެ ހުއްދަ ދެވިދާނެއެވެ. އެފަދަ ބޭންކުތަކާއި ބޭންކުތަކުގެ ޑިޕާޓްމަންޓްތަކަކީ، މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އެހެން އިސްލާމިކް ބޭންކުތަކެކޭ އެއްފަދައިން އޮތޯރިޓީން ސުޕަވައިޒުކޮށް، ހިނގާ ނުހިނގާގޮތް ބަލައި ހެދޭނެ ތަންތަނެވެ.

 

7 ވަނަ މާއްދާލައިސަންސް ދިނުމުގައި ބަލާނެ އާންމު ށަރުތުތައް

(ހ) އިސްލާމިކް ބޭންކެއް ހިންގުމަށް ލައިސަންސް ދޫކުރެވޭނީ ދޭސީ ފަރާތަކަށްނަމަ، އެފަރާތަކީ ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންނާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް ވާންޖެހޭނެއެވެ. އަދި ބިދޭސީ ބޭންކެއްގެ ނުވަތަ ބިދޭސީ ބޭންކެއް ތަމްސީލުކުރާ އޮފީހެއްނަމަ، އެތަން ވާންޖެހޭނީ އެ ތަނެއް ނިސްބަތްވާ ގައުމުގެ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށެވެ.

(ށ) އިސްލާމިކް ބޭންކެއް ހިންގުމުގެ ލައިސަންސް ދޭންވާނީ ލިޔުމަކުންނެވެ. މިގޮތުން ދެވޭ ލައިސަންސެއް ދެމިއޮންނާނެ ވަކި މުއްދަތެއް ކަނޑައެޅިފައި އޮވެގެންނުވާނެއެވެ. އަދި މިފަދަ ލައިސަންސެސް ލިބިފައިވާ ފަރާތަކުން، އެ ލައިސަންސް އެހެން ފަރާތަކަށް ބަދަލުކޮށްގެން ނުވާނެވެ. ލައިސަންސެއް ދޫކުރާއިރު، އެ ލައިސަންސެއްގެ ށަރުތުތައް ލައިސަންސްގައި ނުވަތަ ލައިސަންސާއެކު ދެވޭ ލިޔުމެއްގައި ކަނޑައަޅައި ބަޔާންކުރަންވާނެއެވެ. އަދި އެލައިސަންސެއްގެ ށަރުތުތައް ބަދަލުނުކުރާހާހިނދަކު، ލައިސަންސް ލިބިފައިވާ ފަރާތުން، އެ ށަރުތުތަކަށް އަމަލުކުރަންވާނެއެވެ.

 

8 ވަނަ މާއްދާލައިސަންސް ހޯދުމަށް އެދި ހުށަހެޅުން

(ހ) އިސްލާމިކް ބޭންކެއް ހިންގުމުގެ ލައިސަންސަށް އެދި އޮތޯރިޓީއަށް ހުށަހަޅަންވާނީ އޮތޯރިޓީން ނެރެފައިވާ އެޕްލިކޭށަން ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތީން ލިޔުމުންނެވެ. އަދި ލައިސަންސަށް އެދި ހުށަހަޅާއިރު އެހުށަހެޅުމަކާއެކު ހިމެނުމަށް އޮޓޯރިޓީން އެއިރެއްގައި ކަނޑައަޅާ މައުލޫމާތު ހިމަނަންވާނެއެވެ.

(ށ) އިސްލާމިކް ބޭންކެއް ހިންގުމުގެ ލައިސަންސަށް އެދި ހުށަހަޅާނަމަ، އެންމެ މަދުވެގެން އަންނަނިވި މައުލޫމާތުތައް އެ ހުށަހެޅުމަކާއެކު ހިމަނަންވާނެވެ:-

  1. އަސްލާއެއްގޮތް ކޮޕީއެއްކަމަށް ބުނެ ތަސްދީގުކޮށްފައިވާ، ކުންފުނީގެ ޗާޓަރާއި، ކޯޕަރޭޓް ގަވަރނަންސްއާބެހޭ ލިޔުންތަކާއި، އަދި ވިޔަފާރި ކޮށްފައިވާނަމަ، ވޭތުވެދިޔަ 3 (ތިނެއް) އަހަރުގެ އޮޑިޓްކޮށްފައިވާ އަހަރީ ބެލެންސް ށީޓާއި، ފައިދާއާއި ގެއްލުމުގެ އަހަރީ ހިސާބުތަކުގެ ކޮޕީ؛
  2. ހުއްދަކޮށްފައިވާ ރައުސްމާލުގެ ގޮތުގައި ހުށަހަޅާ އަދަދާއި އެ ރައުސްމާލު ހޯދުމަށް ކަނޑައަޅާފައިވާ ގޮތާއި އަދި ހުށަހަޅާފައިވާ ރައުސްމާލުގެ ތެރެއިން ލިބިފައިވާ އަދަދު. މިގޮތުން ހުށަހަޅާ ރައުސްމާލު އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، އޮތޯރިޓީގައި ނުވަތަ އޮތޯރިޓީން ކަނޑައަޅާ ޑިޕޮސިޓަރީއެއްގައި ބެހެއްޓުމަށް އޮތޯރިޓީން އެންގިދާނެއެވެ. އަދި މިގޮތުން ބަހައްޓާ ފައިސާއަކީ އެއްވެސް ފަރާތަކަށް އަނބުރާ ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ބަޔާންކޮށްފައިވާ ލިޔުމެއް ހުށަހެޅުމަށް އެންގިދާނެއެވެ؛
  3. އެނަމެއްގެ ދަށުގައި އިސްލާމިކް ބޭންކިންގ ވިޔަފާރި ހިންގުމަށް ގަސްދުކޮށްފައިވާ ނަމާއި ބޭންކިންގގެ ވިޔަފާރިކުރުމަށް ހުށަހަޅާ ތަން ނުވަތަ ތަނުގެ އެޑްރެހާއި ވިޔަފާރި ހިންގާ އިމާރާތުގެ ތަފުސީލު؛
  4. އެޑްމިނިސްޓްރޭޓަރު، މޭޖަރ ހިއްސާދާރެއްގެ ގޮތުގައި ހުށަހަޅާ ކޮންމެ ހިއްސާދާރެއްގެ އަދި ށަރީއާ ކޮމިޓީގެ މެންބަރުންގެ ނަމާއި، ދާއިމީ އެޑްރެހާއި، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތާއި، އަދި މީގެއިތުރުންވެސް އޮތޯރިޓީން ކަނޑައަޅާ އެފަރާތަކާބެހޭ މައުލޫމާތާއި އެފަރާތުގެ މާލީ ހާލަތު އަންގައިދޭ ހިސާބުތައް؛
  5. އެއްވެސް ބާވަތެއްގެ ކުށެއް ށަރީއަތަށް ސާބިތުވެފައިވާނަމަ ނުވަތަ އެއްވެސް ބާވަތެއްގެ ކުށެއް ށަރީއަތަށް ސާބިތުވެފައި ނުވާނަމަ، ނުވަތަ އިފްލާސްކުރެވިފައިވާ ނުވަތަ އިފްލާސްކުރުމަށް ހުށަހަޅާފައިވާ ކުންފުންޏެއްގެ މެނޭޖްމަންޓުގައި ހަރަކާތްތެރިވެފައިވާނަމަ، އެކަމެއް ބަޔާންކޮށް ކޮންމެ އެޑްމިނިސްޓްރޭޓަރަކު، މޭޖަރ ހިއްސާދާރަކު އަދި ށަރީއާ ކޮމިޓީގެ މެންބަރަކު ވަކިވަކިން ހަގީގަތްކަމަށް ބުނެ ސޮއިކޮށްފައިވާ ބަޔާނެއް؛ (މިފަދަ ބަޔާނެއް އޮންނާނެ ގޮތް އޮތޯރިޓީން ކަނޑައެޅިދާނެއެވެ.)
  6. އެތަނެއްގެ މައިގަނޑު މަގްސަދުތަކާއި ކުރުމަށް ގަސްދުކޮށްފައިވާ ވިޔަފާރި ހަރަކާތްތަކުގެ ތަފްސީލު. މިތަފުސީލުތަކުގެ ތެރޭގައި ބޭންކުގެ އޮނިގަނޑު ކަނޑައަޅާފައިވާގޮތާއި، އިންޓަރނަލް ކޮންޓްރޯލްތައް ހަމަޖެހިފައިވާގޮތް ހިމަނަންވާނެއެވެ. އަދި މިފަދަ އިންޓަރނަލް ކޮންޓްރޯލްތަކުގެ ތެރޭގައި މަނީ ލޯންޑްރިންގއާއި ޓެރަރިޒަމަށް އެހީތެރިވާ ހަރަކާތްތަކާ ދެކޮޅަށް ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ހިމަނަންވާނެއެވެ. އަދި ކުރިއަށްއޮތް 3 (ތިނެއް) އަހަރު ލަފާކުރެވޭ ބެލެންސް ށީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބާއި، ފައިސާ ލިބޭނެގޮތާއި، ހަރަދުވާނެގޮތުގެ އަހަރީ ހިސާބު ހުށަހަޅަންވާނެއެވެ.
  7. ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ފަރާތަކީ ބިދޭސީ ބޭންކެއް ނުވަތަ ބިދޭސީ ބޭންކެއްގެ ބަލަދުވެރި ކުންފުންޏެއްނަމަ، ނުވަތަ ބިދޭސީ ބޭންކެއްގެ ނުވަތަ ބިދޭސީ ބޭންކެއްގެ ބަލަދުވެރި ކުންފުންޏެއްގެ ސަބްސިޑިއަރީއެއްނަމަ، އެފަދަ ބޭންކެއް ސުޕަވައިޒްކުރާ އިދާރާއިން ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ފަރާތުން ރާއްޖޭގައި ބޭންކިންގ ވިޔަފާރި ހިންގުމުގެ އިއުތިރާޒެއް ނެތްކަމުގެ ބަޔާނެއް. އަދި މިބަޔާނުގައި އެ އިދާރާއިން، ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ފަރާތުގެ ކޮންސޮލިޑޭޓަޑް ސުޕަރވިޒަން ހަދާނެކަމަށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.  

(ނ) އިސްލާމިކް ބޭންކިންގގެ އުސޫލުތަކާއި އެއްގޮތަށް އެކުލަވާލެވިފައިނުވާ ބޭންކަކުން އިސްލާމިކް ބޭންކިންގ ހިދުމަތްދިނުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާނަމަ، އެންމެ މަދުވެގެން އަންނަނިވި މައުލޫމާތުތައް އެ ހުށަހެޅުމަކާއެކު ހިމަނަންވާނެއެވެ:-

  1. އިސްލާމިކް ބޭންކިންގެ ހިދުމަތްދޭ ޑިޕާޓްމަންޓު ހިންގުމުގައި އަދި ޑިޕާޓްމަންޓް ހިންގާނެ ހަރަކާތްތަކުގައި ބައިވެރިވާ ކޮންމެ އެޑްމިނިސްޓްރޭޓަރެއްގެ އަދި ށަރީއާ ކޮމިޓީގެ މެންބަރެއްގެ ނަމާއި، ދާއިމީ އެޑްރެހާއި، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތާއި، އަދި މީގެއިތުރުންވެސް އޮތޯރިޓީން ކަނޑައަޅާ އެފަރާތަކާބެހޭ މައުލޫމާތާއި އެފަރާތުގެ މާލީ ހާލަތު އަންގައިދޭ ހިސާބުތައް؛
  2. އެއްވެސް ބާވަތެއްގެ ކުށެއް ށަރީއަތަށް ސާބިތުވެފައިވާނަމަ ނުވަތަ އެއްވެސް ބާވަތެއްގެ ކުށެއް ށަރީއަތަށް ސާބިތުވެފައި ނުވާނަމަ، ނުވަތަ އިފްލާސްކުރެވިފައިވާ ނުވަތަ އިފްލާސްކުރުމަށް ހުށަހަޅާފައިވާ ކުންފުންޏެއްގެ މެނޭޖްމަންޓުގައި ހަރަކާތްތެރިވެފައިވާނަމަ، އެކަމެއް ބަޔާންކޮށް އިސްލާމިކް ބޭންކިންގ ހިދުމަތްދޭ ޑިޕާޓުމަންޓުގެ ކޮންމެ އެޑްމިނިސްޓްރޭޓަރަކު އަދި ށަރީއާ ކޮމިޓީގެ މެންބަރަކު ވަކިވަކިން ހަގީގަތްކަމަށް ބުނެ ސޮއިކޮށްފައިވާ ބަޔާނެއް؛ (މިފަދަ ބަޔާނެއް އޮންނާނެ ގޮތް އޮތޯރިޓީން ކަނޑައެޅިދާނެއެވެ.)
  3. އިސްލާމިކް ބޭންކިންގ ޑިޕާޓްމަންޓުގެ މައިގަނޑު މަގްސަދުތަކާއި ކުރުމަށް ގަސްދުކޮށްފައިވާ ވިޔަފާރި ހަރަކާތްތަކުގެ ތަފުސީލު. މި ތަފުސީލުތަކުގެ ތެރޭގައި އިސްލާމިކް ބޭންކިންގ ޑިޕާޓްމަންޓުގެ އޮނިގަނޑު ކަނޑައަޅާފައިވާގޮތާއި، އިންޓަރނަލް ކޮންޓްރޯލްތައް ހަމަޖެހިފައިވާގޮތް ހިމަނަންވާނެއެވެ. އަދި މިފަދަ އިންޓަރނަލް ކޮންޓްރޯލްތަކުގެ ތެރޭގައި މަނީ ލޯންޑްރިންގއާއި ޓެރަރިޒަމަށް އެހީތެރިވާ ހަރަކާތްތަކާ ދެކޮޅަށް ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ހިމަނަންވާނެއެވެ. އަދި ކުރިއަށްއޮތް 3 (ތިނެއް) އަހަރުގެ ލަފާކުރެވޭ ބެލެންސް ށީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބާއި، ފައިސާ ލިބޭނެގޮތާއި، ހަރަދުވާނެގޮތުގެ އަހަރީ ހިސާބު ހުށަހަޅަންވާނެއެވެ.

(ރ) މިމާއްދާގައި ބުނާ މައުލޫމާތުގެއިތުރުން، ބޭނުންތެރިކަމަށް އޮތޯރިޓީއަށް ފެނިއްޖެ ކޮންމެ މައުލޫމާތެއް ހުށަހެޅުމަށް އޮތޯރިޓީން ލައިސަންސަށް އެދިފައިވާ ފަރާތަށް އެންގިދާނެއެވެ.

(ބ) ލައިސަންސް ނުވަތަ ހުއްދަ ހޯދުމަށް އެދި ހުށަހަޅާއިރު، އޮތޯރިޓީން ކަނޑައަޅާފައިވާ އެޕްލިކޭޝަން ފީއެއް އޮތޯރިޓީއަށް ދައްކަންވާނެއެވެ.

(ޅ) ލައިސަންސެއް ނުވަތަ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުމެއް ލިބުމުން އެ ހުށަހެޅުމެއް ބެލުމަށްފަހު އަންނަނިވި ގޮތަކުންކުރެ ގޮތަކަށް އޮތޯރިޓީން އަމަލުކުރާނެއެވެ.

  1. ލައިސަންސް ނުވަތަ ހުއްދަ ދިނުން؛ ނުވަތަ
  2. ލައިސަންސް ނުވަތަ ހުއްދަ ދެވެންނެތްކަމަށް، ލައިސަންސް ނުވަތަ ހުއްދަ ހޯދުމަށް އެދި ހުށަހަޅާފައިވާ ފަރާތަށް އެންގުން.

(ކ) އިސްލާމިކް ބޭންކެއް ހިންގުމުގެ ލައިސަންސް އޮތޯރިޓީން ދޫކުރާނީ ލައިސަންސް ހޯދުމަށް އެދިފައިވާ އިސްލާމިކް ބޭންކުގެ މަގްސަދާއި އަދި ހިންގުމަށް ހުށަހަޅާފައިވާ އިސްލާމިކް ބޭންކިންގ ވިޔަފާރީގައި އިސްލާމީ ށަރީއަތާ ހިލާފު އެއްވެސްކަމެއް ނުވާކަމަށް އޮތޯރިޓީއަށް ގަބޫލު ކުރެވޭނަމައެވެ.

(އ) މި ގަވާއިދުގައި ކޮންމެ ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އޮތޯރިޓީއަށް ފެނިއްޖެ ހާލަތެއްގައި ލައިސަންސަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަކާއި ގުޅިގެން ލައިސަންސް ދޫނުކުރުމުގެ އިހުތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާލައިސަންސް ފީ

ކޮންމެ އިސްލާމިކް ބޭންކަކުންވެސް އޮތޯރިޓީން ކަނޑައަޅާ އަހަރީ ލައިސަންސް ފީ އޮތޯރިޓީއަށް ދައްކަންޖެހޭނެއެވެ.

 

10 ވަނަ މާއްދާލައިސަންސް ދޫކުރުމުގެ ށަރުތުތައް

އިސްލާމިކް ބޭންކެއްގެ ގޮތުގައި ހިންގުމަށްޓަކައި އޮތޯރިޓީން ލައިސަންސް ދޫކުރާ ކޮންމެ ފަރާތެއްގެ މައްޗަށް ތިރީގައިވާ އެންމެހާ ކަންތައްތައް ހިނގާނެއެވެ:-

(ހ) ލައިސަންސް ހޯދުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމުގައި، ލައިސަންސް ހޯދުމަށް އެދި ހުށަހެޅި ފަރާތާއި، އެފަރާތުގެ މޭޖަރ ހިއްސާދާރުންނާއި އެޑްމިނިސްޓްރޭޓަރުންނާއި، އެފަދަ ހުށަހެޅުމެއްގައި އެފަރާތުގެ ނަމުގައި ހަރަކާތްތެރިވާ ފަރާތަކުން ދީފައިވާ ބަޔާންތަކާއި ހުށަހެޅުންތަކަކީ ތެދު ހަގީގަތަށް ވާންވާނެއެވެ.

(ށ) ލައިސަންސްގެ ށަރުތުތަކުގެ ތެރޭގައި ވިޔަފާރި ފަށަން 12 (ބާރަ) މަސްދުވަހަށްވުރެ ކުރު މުއްދަތެއް ދީފައިނުވާނަމަ، ލައިސަންސް ދޫކުރެވުނު ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ލައިސަންސް ދޫކުރެވުނު ވިޔަފާރި ފަށަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ވިޔަފާރި ނުފަށައިފިނަމަ، ލައިސަންސް ބާތިލުވާނެއެވެ.

(ނ) ލައިސަންސް ލިބިފައިވާ ފަރާތުން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ށަރީއާ ކޮމިޓީއެއް ގާއިމުކުރަންވާނެއެވެ؛

(ރ) އިސްލާމީ ށަރީއަތާ ހިލާފުނުވާނެ ގޮތެއްގެ މަތީން ލައިސަންސް ލިބިފައިވާ ފަރާތުގެ އެންމެހާ ހަރަކާތެއް ހިންގުން؛

(ބ) ގާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގައި ކަނޑައަޅާފައިވާ ރައުސްމާލު ބަލަހައްޓަންޖެހޭ މިންގަނޑުތަކާއި ބޭންކު ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ހިންގުމަށްޓަކައި އަމަލުކުރަންޖެހޭ އެހެނިހެން ކަންތައްތަކަށާއި، އޮތޯރިޓީން އެކުލަވާފައިވާ ގަވާއިދުތަކާއި އިރުށާދުތަކަށް ފުރިހަމައަށް އަމަލުކުރަންވާނެއެވެ؛

(ޅ) ލައިސަންސް ދޫކުރެވިފައިވާ ފަރާތުގެ އިންޓަރނަލް ކޮންޓްރޯލްތަކާއި އޮޑިޓްކުރާނެ އުސޫލުތައް ކަނޑައަޅާ، ވިޔަފާރިއަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަންތައްތަކާމެދު އެކަށީގެންވާ ނިޒާމުތައް ގާއިމުކޮށް އުސޫލުތައް އެކަށައަޅަންވާނެއެވެ؛

(ކ) ލައިސަންސް ދޫކުރެވުނު ވިޔަފާރި ހިންގަންވާނީ ހަރުދަނާކޮށް އަދި ގާނޫނާއި ގަވާއިދުތަކާއި، ހިންގުމާގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ؛

(އ) މަކަރާއި ހީލަތް، މަނީ ލޯންޑްރިންގ، ޓެރަރިސްޓް ހަރަކާތްތަކަށް ފައިސާ ހޯދައިދިނުން، އަދި މިނޫންވެސް ޖިނާއީ ކުށެއް ކޮށްގެންނުވާނެއެވެ؛

(ވ) ލައިސަންސް ދޫކުރެވުނު ވިޔަފާރި ހިންގަންވާނީ އެވިޔަފާރިއެއް ހިންގުމަށް އޮތޯރިޓީން ހުއްދަދީފައިވާ ނަމުގައި އެކަންޏެވެ؛

(މ) ލައިސަންސް ދޫކުރެވުނު ފަރާތުން ލައިސަންސްގެ މުއްދަތުގައި، އެފަރާތުގެ ވިޔަފާރީގެ ހުރިހާ ހަރަކާތްތަކެއް ހިންގަންވާނީ ރާއްޖޭގައި އޮފީހެށް ގާއިމުކޮށް، އެތަނުންނެވެ. އަދި އެ އޮފީހުގައި، ލައިސަންސް ދޫކުރެވުނު ވިޔަފާރީގެ ހުރިހާ ކަމެއް އެކަށޭނަ ގޮތަކަށް ހިންގުމަށްޓަކައި ފުލްޓައިމްކޮށް ވަޒީފާ އަދާކުރާ، މަދުވެގެން ދެ މުވައްޒަފުން ތިބެންވާނެއެވެ. އަދި އެކަށީގެންވާ ގޮތަކަށް ތައްޔާރުކޮށްފައިވާ ވިޔަފާރީގެ ހިސާބުތަކާއި ރިކޯޑުތައް އެ އޮފީހުގައި ބަހައްޓަންވާނެއެވެ؛ އަދި

(ފ) ލައިސަންސް ދޫކުރެވޭ ފަރާތުގެ މޭޖަރ ހިއްސާދާރުންނާއި އެޑްމިނިސްޓްރޭޓަރުންނާއި އަދި ށަރީއާ ކޮމިޓީގެ މެންބަރުންނަށް ވާނެ ފަރާތްތަކަކީ ހުރިހާ ވަގުތަކުވެސް "ކަމަށް އެކަށޭނަ" ފަރާތްތަކެއްކަމުގައި ވާންވާނެއެވެ.

 

 

ހަތަރުވަނަ ބާބު

އިސްލާމިކް ބޭންކިންގ ވިޔަފާރި

11 ވަނަ މާއްދާ – އިސްލާމިކް ބޭންކިންގ ވިޔަފާރިއާއި އިސްލާމިކް ބޭންކިންގ ހިދުމަތްތައް

އިސްލާމިކް ބޭންކަކުން ނުވަތަ އިސްލާމިކް ބޭންކިންގ ވިޔަފާރި ކުރާ ފަރާތަކުން އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.

(ހ) ޑިޕޮސިޓްކުރުމަށްޓަކައި، ޑިމާންޑް ޑިޕޮސިޓްގެ ގޮތުގައި ނުވަތަ ސޭވިންގެ ގޮތުގައި ނުވަތަ މިނޫންވެސް ގޮތަކަށް، އިސްލާމީ ށަރީއަރުތަގައި ހުއްދަކުރާ ކޮންޓްރެކްޓްތަކަށް ބިނާކޮށް ފައިސާ ބަލައިގަތުން؛

(ށ) އިސްލާމީ ށަރީއަތުގައި ހުއްދަކުރާ ކޮންޓްރެކްޓްތަކަށް ބިނާކޮށް އިންވެސްޓްމަންޓް ޕްރޮޑަކްޓްތަކުގެ ވިޔަފާރި؛

(ނ) އިޖާރާ ނުވަތަ/އަދި އިޖާރާގެ ގޮތުގައި ކުރެވޭ ލީސިންގ ވިޔަފާރި ނުވަތަ އިސްލާމީ ށަރީއަތުގައި ހުއްދަކުރާ އެހެން ކޮންޓްރެކްޓްތަކަށް ބިނާކޮށް އުފުލޭ ނުވަތަ ނުއުފުލޭ މުދާ ލީސްކުރުމަށް ކަސްޓަމަރުންނަށް ފައިނޭންސްކުރުން؛

(ރ) އިސްލާމީ ށަރީއަތުގައި ހުއްދަކުރާ ކޮންޓްރެކްޓްތަކަށް ބިނާކޮށް ލޯނު ނުވަތަ ދަރަންޏަށް ފައިސާދޫކުރުން؛

(ބ) އިސްލާމީ ށަރީއަތުގައި ހުއްދަކުރާ ކޮންޓްރެކްޓްތަކަށް ބިނާކޮށް ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ވިޔަފާރި ކުރުން؛

(ޅ) އިސްލާމީ ށަރީއަތުގައި ހުއްދަކުރާ ކޮންޓްރެކްޓްތަކަށް ބިނާކޮށް، ސޭފްޓީ ޑިޕޮސިޓް ބޮކްސްގެ ހިދުމަތްފަދަ، އެހެން ފަރާތްތަކުގެ މަސްލަހަތު ހިމެނޭ ތަކެތި ރައްކާތެރިކޮށްދިނުމުގެ ވިޔަފާރިކުރުން؛

(ކ) އިސްލާމީ ށަރީއަތުގައި ހުއްދަކުރާ ކޮންޓްރެކްޓްތަކަށް ބިނާކޮށް، ލައިސަންސް ލިބިފައިވާ ފަރާތާއި އަދި ކަސްޓަމަރުންނަށް މަންފާއަށްޓަކައި މަނީ ޓްރާންސްފާރގެ ވިޔަފާރިކުރުން؛

(އ) ވަކާލާ ކޮންޓްރެކްޓަށް ބިނާކޮށް ޓްރަސްޓީގެ މަސައްކަތްކުރުން؛

(ވ) އިސްލާމީ ށަރީއަތުގައި ހުއްދަކުރާ ކޮންޓްރެކްޓްތަކަށް ބިނާކޮށް ލެޓަރއޮފް ކްރެޑިޓްގެ ހިދުމަތާއި ބޭންކް ގެރެންޓީ ދިނުމުގެ ހިދުމަތް ދިނުން؛ އަދި

(މ) އިސްލާމިކް ބޭންކަކުން ކުރެވިދާނެކަމަށް އޮތޯރިޓީން ކަނޑައަޅާ ހުއްދަކޮށްފައިވާ، އެހެނިހެން އިސްލާމިކް ބޭންކިންގ ވިޔަފާރި ކުރުން؛

 

12 ވަނަ މާއްދާ – އާ ބްރާންޗްތައް ހުޅުވުން

އޮތޯރިޓީގެ ހުއްދަ ހޯދުމަށްފަހުގައި މެނުވީ، އެއްވެސް އިސްލާމިކް ބޭންކަކުން އެ ބޭންކެއްގެ ބްރާންޗެއް، އެޖެންސީއެއް ނުވަތަ އޮފީހެއް ރާއްޖޭގައި ނުވަތަ ރާއްޖޭންބޭރުގައި ހުޅުވައިގެން ނުވާނެއެވެ.

 

 

ފަސްވަނަ ބާބު

ށަރީއާ ކޮމިޓީ

13 ވަނަ މާއްދާ – ށަރީއާ ކޮމިޓީ އުފެއްދުން

(ހ) ކޮންމެ އިސްލާމިކް ބޭންކަކުން ނުވަތަ އިސްލާމިކް ބޭންކިންގ ވިޔަފާރިކުރާ ބޭންކަކުން، އިސްލާމީ ތައުލީމަށް ހާއްސަވެފައިވާ އަދި އިސްލާމިކް ފައިނޭންސްގެ ތަޖުރިބާ ލިބިފައިވާ، މަދުވެގެން 3 (ތިނެއް) މީހުންގެ މައްޗަށް އެކުލެވޭ ށަރީއާ ކޮމިޓީއެއް އުފައްދަންވާނެއެވެ.

(ށ) ށަރީއާ ކޮމިޓީގެ މެންބަރުން އައްޔަނު ކުރާނީ އިސްލާމިކް ބޭންކުގެ ނުވަތަ އިސްލާމިކް ބޭންކިންގ ވިޔަފާރިކުރާ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުންނެވެ. ށަރީއާ ކޮމިޓީގެ މެންބަރުން އައްޔަނުކުރުމުގެ ނުވަތު ހޮވުމުގެ، މަދުވެގެން 30 (ތިރީސް) ދުވަސްކުރިން އިސްލާމިކް ބޭންކުން ނުވަތަ އިސްލާމިކް ބޭންކިންގ ވިޔަފާރިކުރާ ބޭންކަކުން އެކަން އޮތޯރިޓީއަށް ލިޔުމުން އަންގަންވާނެއެވެ.

(ނ) ށަރީއާ ކޮމިޓީ މެންބަރެއްގެ ގޮތުގައި އައްޔަނު ކުރުމަށް ހޮވާފައިވާ ފަރާތަކީ ކަމަށް އެކަށޭނަ ފަރާތެއް ނޫންކަމަށް އޮތޯރިޓީއަށް ފެނިއްޖެނަމަ، 30 (ތިރީސް) ދުވަހުގެ ތެރޭގައި އެފަރާތެއް އައްޔަނު ނުކުރުމަށް އޮތޯރިޓީން އެންގިދާނެއެވެ.

 

14 ވަމަ މާއްދާ – ތައުލީމާއި ތަޖުރިބާ

ށަރީއާ ކޮމިޓީއަށް އައްޔަނު ކުރަންވާނީ ތަބީއީ ށަހުސުތަކެވެ. އަދި އެމީހުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާން ވާނެއެވެ.

(ހ) އިސްލާމިކް ޖުރިސްޕުރޫޑެންސް (އުސޫލުލް ފިގުހު) ނުވަތަ އިސްލާމީ ވިޔަފާރީގެ މުއާމަލާތާބެހޭ ގާނޫނު (ފިގުހު އަލް މުއާމަލާތު) ގެ ދާއިރާއިން ރަސްމީ ސެޓްފިކެޓެއް ނުވަތަ ތައުލީމު ނުވަތަ ފަންނީ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން؛

(ށ) ވައްކަން، ޓެކުން، ފޭރުން، މަކަރާއި ހީލަތް، ހިޔާނާތް، ރިށްވަތު، ނުވަތަ އިހުމާލުގެ ކުށެއް ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ސަރުކާރުގެ އެއްވެސް އިދާރާއަކުން އެމީހެއްގެ މައްޗަށް ހިޔާނާތުގެ މައްސަލައެއް އުފުލި ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛

(ނ) ޕުރޫޑެންށަލް ރެގިއުލޭށަން ނަންބަރު 5/2009 (ކަމަށް އެކަށޭނެ ށަރުތުތައް) ގައި ބުނެފައިވާ ކަމަށް އެކަށޭނަ މީހަކު ކަމުގައިވުން.

 

15 ވަނަ މާއްދާ – ށަރީއާ ކޮމިޓީގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް

ށަރީއާ ކޮމިޓީގެ މެންބަރުން އެފަރާތުން ވަކިގޮތެއް ކަނޑައެޅުމަށް ހުށަހެޅޭ ށަރީއާއާ ގުޅޭ މައްސަލަތަކުގައި އެކަމާމެދު ބަހުސްކޮށް އަމަލީގޮތުން ބައިވެރިވާންވާނެއެވެ. ށަރީއާ ކޮމިޓީގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައި އެވަނީ އަންނަނިވި ކަންތައްތައް ހިމެނޭ ގޮތަށެވެ.

(ހ) އިސްލާމިކް ބޭންކުން ހިންގާ ހުރިހާ ހަރަކާތްތަކަކީ އިސްލާމީ ށަރީއާގެ އަސްލުތަކާ އެއްގޮތަށް ހިންގާ ހަރަކާތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި އިސްލާމީ ށަރީއާއާ ގުޅޭ އެންމެހާ ކަންކަމުގައި ޑިރެކްޓަރުންގެ ބޯޑަށް ލަފާދިނުން؛

(ށ) ށަރީއާ ކޮމިޓީގެ ލަފައަކަށް އެދި ހުށަހަޅާ ގޮތާއި، ށަރީއާ ކޮމިޓީގެ ބައްދަލުވުންތައް ބާއްވާނެގޮތުގެ ތަފުސީލާއި އަދި ށަރީއާ ކޮމިޓީން ނިންމާ ނިންމުންތަކަށް އަމަލުކުރާނެ ގޮތް ބަޔާންކޮށް ތައްޔާރުކޮށްފައިވާ ށަރީއާ ކޮމްޕްލަޔަންސް މެނުއަލެއް ފާސްކުރުން؛

(ނ) އިސްލާމިކް ބޭންކުގެ އެންމެހާ ޕްރޮޑަކްޓްތަކަކީ ހުރިހާ ގޮތަކުންވެސް އިސްލާމީ ށަރީއާގެ އަސްލުތަކާ ހިލާފުނުވާ ޕްރޮޑަކްޓްތަކެއްކަން ކަށަވަރުކުރުމަށްޓަކައި ށަރީއާ ކޮމިޓީން އަންނަނިވި ކަންތައްތައް ފާސްކުރުން:-

  1. އެކި މުއާމަލާތްތައް ކުރުމަށްޓަކައި ބޭނުންކުރާ ޕްރޮޕޯސަލް ފޯމު، ކޮންޓްރެކްޓް، އެގްރީމެންޓް ނުވަތަ އެހެނިހެން ގާނޫނީ ލިޔެކިއުންތަކުގެ ށަރުތުތައް؛
  2. ޕްރޮޑަކްޓް މެނުއަލް، އިށްތިހާރު، ވިއްކުމަށްޓަކައި ބޭނުންކުރާ ކުރެހުންތައް އަދި ޕްރޮޑަކްޓްތަކުގެ މައުލޫމާތު ހިމެނޭ ބްރޯޝާރތައް؛

(ރ) ބޭންކާ ގުޅުންހުރި ފަރާތްތަކުގެ ތެރޭގައި ހިމެނޭ ގާނޫނީ ވަކީލުން ނުވަތަ އޮޑިޓަރުން ނުވަތަ ކޮންސަލްޓަންޓުންފަދަ ފަރާތްތަކުން، އެފަރާތްތަކުގެ މަސައްކަތާ ގުޅިގެން އެދިއްޖެ ހިނދެއްގައި، ށަރީއާއާ ގުޅޭ ކަންކަމުގައި ލަފާދިނުން؛

(ބ) ޝަރީއާއާ ގުޅޭ މައްސަލަތަކުގައި އޮތޯރިޓީން ވަކިގޮތެއް ކަނޑައަޅާފައިނުވާ ނުވަތަ ފާސްކޮށްފައިނުވާ ކަންކަމުގައި އޮތޯރިޓީގެ އިރުށާދު ހޯދުމަށް ލަފާދިނުން؛

(ޅ) ށަރީއާ ކޮމިޓީންދޭ ލަފާތައް ރެކޯޑްކުރުން؛ އަދި ވަކިން ހާއްސަކޮށް އަންނަނިވި ކަންކަމުގައި ކޮމިޓީން ދޭ ލަފާތައް ހުންނަންވާނީ ލިޔުމުންނެވެ.

  1. ބޭންކުން އޮތޯރިޓީގެ ލަފާ ހޯދުމަށް ހުށަހަޅާ ހުށަހެޅުންތައް؛ ނުވަތަ
  2. އާ ޕްރޮޑަކްޓެއް ނެރުމަންޓަކައި ބޭންކުން، އޮތޯރިޓީއަށް ހުށަހަޅާ ހުށަހެޅުންތައް؛

(ކ) އޮތޯރިޓީގެ ލަފައެއް ހޯދުމަށްއެދި ހުށަހަޅާއިރު ށަރީއާއާ ގުޅޭ މައްސަލައިގެ ތަފުސީލާއި އެމައްސަލަ ހައްލުކުރުމަށް ހުށަހަޅާގޮތް ބަޔާންކުރުން؛ މިފަދަ ހުށަހެޅުންތައް ހުށަހަޅާއިރު އެ ހުށަހެޅުންތަކަށް ބާރު ލިބިދޭ ށަރީއާގެ މަސްދަރު ކަމުގައި ބެލެވޭ މަސްދަރުގައި އޮންގަ ގޮތާއި އަދި ފިގުހީ ލިޔުންތައް ހިމަނަންވާނެއެވެ. އަދި މައްސަލައަކާ ގުޅޭގޮތުން އޮތޯރިޓީން ވަކިގޮތަކަށް ލަފާ ދިނުމުން، އޮތޯރިޓީން ނިންމާ ނިންމުން ބޭންކުން ފުރިހަމައަށް ތަންފީޒު ކުރުވަންނާނެއެވެ؛ އަދި

(އ) ޒަކާތުގެ ގޮތުގައި ދޭންޖެހޭ ފައިސާ ހިސާބުކުރާގޮތް ބެލުމާއި ޒަކާތުގެ ގޮތުގައި ދޭންޖެހޭ ފައިސާ ދީފައިވޭތޯ ބެލުމާއި އަދި މީނޫންވެސް ސަދަގާތުގެ ގޮތުގައި ދޭންޖެހޭ ފައިސާ ދީފައިވޭތޯ ބެލުން.

މި މާއްދަގެ މަގްސަދަށްޓަކައި "ބޭންކު" މިލަފުޒުގެ މާނައިގައި އިސްލާމިކް ބޭންކާއި އަދި އިސްލާމިކް ބޭންކިންގ ވިޔަފާރިކުރާ ބޭންކުތައް ހިމެނޭނެއެވެ.

 

16 ވަނަ މާއްދާ – ށަރީއާ ކޮމިޓީއާއެކު އޮންނަ ގުޅުން

ށަރީއާ ކޮމިޓީގެ މަސައްކަތްތަކަކީ ރަނގަޅަށް ހިނގާ މަސައްކަތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި ކޮންމެ ބޭންކަކުންވެސް:-

(ހ) އެ ބޭންކަކުންދޭ އިސްލާމިކް ބޭންކިންގގެ ހިދުމަތްތަކާ ގުޅޭ އެންމެހާ ށަރީއާ މައްސަލަތަކަށް ލަފާ ހޯދުމަށްޓަކައި ށަރީއާ ކޮމިޓީއަށް ހުށަހަޅަންވާނެއެވެ. މިގޮތުން ލަފާ ހޯދުމަށް ނުވަތަ ގޮތެއް ނިންމައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކަކީ އެހުށަހެޅުންތަކަށް ލަފާދިނުމުގައި ނުވަތަ ގޮތެއް ނިންމުމުގައި ށަރީއާ ކޮމިޓީން އެކަށީގެންވާ ގޮތަކަށް އަމަލުކުރެވޭނެ ތަފުސީލީ ހުށަހެޅުމެއްކަމުގައި ވާންވާނެއެވެ. މީގެތެރޭގައި އިސްލާމިކް ބޭންކިންގ ހިދުމަތްތަކުގައި ހިމެނޭ އެންމެހާ ކަންތައްތަކާއި، އެ ހިދުމަތްކާ ގުޅޭ ލިޔެކިޔުންތަކާއި އަދި އެހެން މުހިންމު މައުލޫމާތުތަކުގެ ތަފުސީލު ހިމެނެއެވެ؛

(ށ) ށަރީއާ ކޮމިޓީން ދޭ ލަފަޔާ އެއްގޮތަށް ކަންތައްތައް ތަންފީޒުކުރުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެކަށައެޅުން؛

(ނ) ޕްރޮޑަކްޓްތަކާ ގުޅޭ އެންމެހާ ލިޔެކިޔުންތަކަށް ށަރީއާ ކޮމިޓީގެ ރުހުން ހޯދުން؛

(ރ) މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ށަރީއާ ކޮމްޕްލަޔަންސް މެނުއަލަކީ ށަރީއާ ކޮމިޓީން ފާސްކޮށްފައިވާ މެނުއަލެއްކަން ކަށަވަރުކުރުން؛

(ބ) ށަރީއާ ކޮމިޓީއަށް ބޭނުންވާ އެންމެހާ އެހީތެރިކަން ދޭންވާނެއެވެ. މި ގޮތުން ށަރީއާ ކޮމިޓީގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެފަރާތުން އެދޭ ބޭންކުގެ ކަމާގުޅޭ ރެކޯޑްތަކާއި، މުއާމަލާތްތަކާއި މެނުއަލް ނުވަތަ ކަމާގުޅޭ އެހެނިހެން މައުލޫމާތުތައް ފޯރުވައިދިނުން؛ އަދި

(ޅ) އެކަށީގެންވާ ބަޖެޓެއް ހަމަޖައްސައިދިނުމާއި، ފަންނުވެރިންގެ މިނިވަން މަށްވަރާ ލިބޭނެގޮތް ހަމަޖައްސައިދިނުމާއި، މުރާޖައާކުރުމަށް ބޭނުންވާނެ ތަކެތި ފޯރުވައިދިނުމާއި ޓްރެއިނިންގ ދިނުމާއި އަދި ށަރީއާ ކޮމިޓީގެ މަސައްކަތް ކުރުމަށް ބޭނުންވާނޭ މިނޫންވެސް އެހެން ވަސީލަތްތައް ފޯރުވައިދިނުން.

 

 

ހަވަނަ ބާބު

މާލީ ށަރުތުތައް

17  ވަނަ މާއްދާރިޒާރވް  އެކައުންޓު

(ހ) ކޮންމެ އިސްލާމިކް ބޭންކަކުންވެސް އެ ބޭންކެއްގެ ކެޕިޓަލް ރިސާރވް ގާއިމުކުރުމަށްޓަކައި ކޮންމެ އަހަރެއްގެ ބޭންކުގެ ޓެކްސް އަދި ޒަކާތަށް ކެނޑުމަށްފަހު ލިބޭ ސާފު ފައިދާގެ:-

  1. މަދުވެގެން %50 (ފަންސާސް އިންސައްތަ) ބޭންކެއްގެ ޕެއިޑްއަޕް ކެޕިޓަލްގެ ދެބައިކުޅަ އެއްބަޔާ އެއްވަރުވަންދެން ޖަމާކުރަންވާނެއެވެ؛ މިއަށްފަހު
  2. ޕެއިޑްއަޕް ކެޕިޓަލާ އެއްވަރުވަންދެން ކޮންމެ އަހަރެއްގެ ސާފު ފައިދާގެ މަދުވެގެން %25 (ފަންސަވީސް އިންސައްތަ) މި ރިޒާރވްއަށް ޖަމާކުރަންވާނެއެވެ.

(ށ) އެއްވެސް ބޭންކަކުން އޮތޯރިޓީގެ ހުއްދަ ހޯދުމަށްފަހު މެނުވީ، އެ ބޭންކެއްގެ ރައުސްމާލާއި، މި މާއްދާގައި ބުނާގޮތަށް ނުވަތަ އެނޫންވެސް ގޮތަކަށް ރައުސްމާލަށް އިތުރުވާގޮތަށް ބަހައްޓާފައިވާ ރިޒާރވް ދަށްކޮށްގެން ނުވާނެއެވެ.

 

18 ވަނަ މާއްދާ – ފައިސާއާއި ފަސޭހަކަމާއެކު ފައިސާއަށް ބަދަލުކުރެވޭނެ އެސެޓްތަކުގެ އިންސައްތަ

(ހ) އެއިރެއްގައި، ފައިސާއާއި ފަސޭހަކަމާއެކު ފައިސާއަށް ބަދަލުކުރެވޭނެ އެސެޓުތަކުގެ ގޮތުގައި އިސްލާމިކް ބޭންކުން މަދުވެގެން ބަހައްޓަން ޖެހޭނެ އަދަދު ނުވަތަ އަދަދުތައް ކަނޑައަޅާ އޮތޯރިޓީން ލިޔުމުން އެންގިދާނެއެވެ.

(ށ) އިސްލާމިކް ބޭންކުން އަމަލުކުރުމަށް މި މާއްދާގެ (ހ)ގެ ދަށުން އޮތޯރިޓީން ލިޔުމުން އަންގާ ކޮންމެފަހަރަކު، އިސްލާމިކް ބޭންކުން އަމަލުކުރުމަށްޓަކައި މަދުވެގެން 1 (އެކެއް) ހަފުތާގެ މުއްދަތެއް ދީ އެމުއްދަތު ލިޔުމުގައި ހިމަނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން އަންގާ އެއްވެސް އެންގުމަކަށް އަމަލު ނުކުރެވޭ ހާލަތެއް ދިމާވެފައިވާ މުއްދަތުގައި، އޮތޯރިޓީގެ ހުއްދަ ހޯދުމަށްފަހުގައި މެނުވީ، އިސްލާމިކް ބޭންކުން އެއްވެސް ފަރާތަކަށް ފައިނޭންސް ނުވަތަ އެޑްވާންސް ނުވަތަ އެއްވެސް ފައިސާއެއް ދީގެން ނުވާނެއެވެ.

(ރ) މި މާއްދާގެ ބޭނުމަށްޓަކައި މަދުވެގެން ބަހައްޓަންޖެހޭ ފައިސާއާއި ފަސޭހަކަމާއެކު ފައިސާއަށް ބަދަލުކުރެވޭނެ އެސެޓުތައް، އަދި ރާއްޖޭގައި އަދި ރާއްޖޭން ބޭރުގައި ވިޔަފާރިކުރާ އިސްލާމިކް ބޭންކެއްގެ އިސްލާމިކް ޑިޕޮސިޓް، އަދި ބޭންކެއްގެ ލައިބިލިޓީތައް ހިސާބުކުރާނެގޮތް އޮތޯރިޓީން އެންގިދާނެއެވެ.

 

19 ވަނަ މާއްދާ – ރިޕޯޓް ހުށަހެޅުން

(ހ) ކޮންމެ އިސްލާމިކް ބޭންކަކުން އަދި އިސްލާމިކް ބޭންކިންގ ވިޔަފާރި ހިންގާ ބޭންކަކުންވެސް، އޮތޯރިޓީން ކަނޑައަޅާ ގޮތަކަށް ކަނޑައަޅާ މުއްދަތެއްގައި އަންނަނިވި މައުލޫމާތުތައް އޮތޯރިޓީއަށް ފޮނުވަންވާނެއެވެ:-

  1. އިސްލާމިކް ބޭންކިންގ ވިޔަފާރީގެ އެސެޓްތަކާއި ލައިބިލިޓީތައް ދައްކުވައިދޭ ހިސާބުތައް؛
  2. ލޯނު، އެޑްވާންސް އަދި އިންވެސްޓްމަންޓްތައް ދިރާސާކޮށް އެކުލަވާފައިވާ ސްޓޭޓްމަންޓެއް؛
  3. މާލީ އަހަރު ނިމޭތާ ގިނަވެގެން 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި، އިސްލާމިކް ބޭންކުން ދިވެހިރާއްޖޭގައި ކުރާ ވިޔަފާރިއާއި ގުޅޭގޮތުން ތައްޔާރުކުރާ އިންކަމް އެންޑް އެކްސްޕެންޑިޗަރ ސްޓޭޓްމަންޓެއް؛
  4. ބޭންކުގެ އެކިއެކި އެކައުންޓުތަކާއި ހަރަކާތްތަކާއި ގުޅޭގޮތުން އިތުރު މައުލޫމާތު ނުވަތަ ރިޕޯޓު ހުށަހަޅަންވާނެއެވެ. މީގެ ތެރޭގައި އެސެޓުތައް، ލައިބިލިޓީތައް، ރައުސްމާލާބެހޭ އެކައުންޓުތައް، އަދި ކަސްޓަމަރުންނަށް ދޫކުރެވޭ ދަރަނިތަކާއި ވަކިކަމެއް މެދުވެރިވެއްޖެނަމަ، ކަސްޓަމަރުން އެހެން ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ، ކަސްޓަމަރުންގެ ބަދަލުގައި ބޭންކުން އެފަރާތްތަކަށް ދެއްކުމަށް ވެވިފައިވާ އެއްބަސްވުންތައް ހިމަނަންވާނެއެވެ؛
  5. އޮތޯރިޓީން އެއިރެއްގައި ލިޔުމަކުން އަންގާ ގޮތަކަށް އަންގާ މުއްދަތެއްގެ ތެރޭގައި އޮތޯރިޓީން ގާއިމުކޮށް ހިންގާ ކްރެޑިޓް އިންފޮމޭށަން ބިއުރޯއަށް ބޭނުންވާ ކަސްޓަމަރުންގެ ކްރެޑިޓް އިންފޮމޭޝަން؛ އަދި
  6. އޮތޯރިޓީން ފޮނުވުމަށް އަންގާ އެހެނިހެން މައުލޫމާތު؛

(ށ) ކޮންމެ އިސްލާމިކް ބޭންކަކުންވެސް، އެ ބޭންކުން ހިންގި އިސްލާމިކް ބޭންކިންގ ވިޔަފާރީގެ އޮޑިޓްކޮށްފައިވާ ހިސާބުތައް، ލަސްވެގެން ކޮންމެ މާލީ އަހަރެއް ނިމޭތާ 4 (ހަތަރެއް) މަސްދުވަހު ތެރޭގައި އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. އަދި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއެކު އޮޑިޓްކުރުމުގައި ފާހަގަކޮށްފައިވާ ނުކުތާތަކާއި މައްސަލަތައް ހިމެނޭ މެނޭޖްމަންޓް ލެޓަރ އޮތޯރިޓީއަށް ހުށަހަޅަން ވާނެއެވެ.

 

 

ހަތްވަނަ ބާބު

ހާއްސަ ކަންތައްތައް

20 ވަނަ މާއްދާ – ހިންގުމުގެ ނިޒާމުތަކާއި ކޮންޓްރޯލްތައް

ކޮންމެ އިސްލާމިކް ބޭންކަކުން އަދި އިސްލާމިކް ބޭންކިންގ ވިޔަފާރިކުރާ ބޭންކަކުންވެސް އަންނަނިވި ކަންތައްތަކަށް އަމަލުކުރަންވާނެއެވެ.

(ހ) ވިޔަފާރިއާގުޅޭ ކަންތައްތައް ހަރުދަނާ، ރައްކާތެރިގޮތެއްގައި ހިންގުމުގެ ނިޒާމުތަކާއި ކޮންޓްރޯލްތައް ގާއިމުކުރުން؛

(ށ) އެކަށީގެންވާ ހިންގުމުގެ އޮނިގަނޑެއް ގާއިމުކުރުން؛

(ނ) އިސްލާމިކް ބޭންކުގެ އޮޕަރޭޝަން އާއި ވިޔަފާރީގެ ކަންތައްތައް ބަލަހައްޓާ މުހިއްމު މަގާމުތަކަށް އެކަށީގެންވާ، އިސް މީހުން އައްޔަނުކުރުން؛

(ރ) އިސްލާމިކް ބޭންކިންގ ވިޔަފާރިއަކީ އިސްލާމީ ށަރީއާއާ ހިލާފުނުވާ ގޮތަށް ހިންގޭ ވިޔަފާރިއެއްކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ އިންޓަރނަލް ކޮންޓްރޯލްތައް ގާއިމުކުރުން؛

(ބ) މަނީ ލޯންޑްރިންގއާއި ޓެރަރިޒަމް ފައިނޭންސްކުރުމުގެ ކުށްތަކާ ގުޅޭ ރިސްކުތައް ނައްތާލުމަށްޓަކައި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް އަދި އޮތޯރިޓީން ކަނޑައަޅާ އެހެނިހެން މިންގަނޑުތަކާ އެއްގޮތަށް އިންޓަރނަލް ކޮންޓްރޯލްތައް ގާއިމުކުރުން؛

(ޅ) އިސްލާމިކް ބޭންކިންގ ވިޔަފާރި ހިންގުމާގުޅޭ ރިސްކުތައް އަދި ހާއްސަކޮށް ށަރީއާއާ ގުޅުންހުރި ރިސްކުތައް ނައްތާލެވިދާނެކަން ދައްކުވައިދޭފަދަ އެކަށީގެންވާ ޕޮލިސީތަކާއި އުސޫލުތައް ގާއިމުކުރުން.

 

21 ވަނަ މާއްދާ – ށާރީއާއާ ގުޅޭ އިންޓަރނަލް ކޮންޓްރޯލްތައް

(ހ) ކޮންމެ އިސްލާމިކް ބޭންކަކުން އަދި އިސްލާމިކް ބޭންކިންގ ވިޔަފާރިކުރާ ބޭންކުން:-

  1. މާލީ ހިދުމަތްތައް ދެނީ އަދި ތަންފީޒުކުރަނީ އިސްލާމީ ށަރީއާއާ ހިލާފުނުވާ ގޮތަށްތޯ ދާއިމީ ގޮތެއްގައި ބެލުމުގެ ޒިންމާ އަދާކުރާނެ އިންޓަރނަލް ށަރީއާ ކޮންޓްރޯލް ފަންކްށަނެއް ގާއިމުކުރުން؛
  2. އިންޓަރނަލް ށަރީއާ ރިވިއު އަދި އޮޑިޓްކުރުމުގެ ކަންތައްތައް ދާއިމީ ގޮތެއްގައި ކުރާނެގޮތް އެކުލެވޭ އިންޓަރނަލް ށަރީއާ ކޮމްޕްލަޔަންސް މެނުއަލް ބޭނުންކުރުން؛
  3. އިންޓަރނަލް ރިވިއުތައް ކުރަނީ އޮތޯރިޓީން ގަބޫލުކުރާ އެކައުންޓިންގ، އޮޑިޓިންގ، ގަވަރނަންސް، ސުލޫކީ އަދި ށަރީއާ މިންގަނޑުތަކަށްކަން ކަށަވަރުކުރުން؛

(ށ) ށަރީއާ ކޮމްޕްލަޔަންސް މެނުއަލުގައި އަންނަނިވި ކަންތައްތައް ހިމަނަންވާނެއެވެ:-

  1. އިންޓަރނަލް ށަރީއާ ކޮންޓްރޯލްގެ މަސައްކަތްތައް ކުރުމުގެ ޒިންމާ އުފުލާ ފަރާތް؛
  2. އިންޓަރނަލް ށަރީއާ ކޮންޓްރޯލްގެ މަސައްކަތް ކުރާނެގޮތް؛
  3. ށަރީއާއާ ގުޅޭގޮތުން އުފެދޭ މައްސަލަތައް ހައްލުކުރާނެގޮތް؛

(ނ) އިންޓަރނަލް ށަރީއާ ކޮންޓްރޯލް ރިވިއުކުރުމުގެ މަސައްކަތްކުރާ ފަރާތުން، ފާހަގަކުރެވިފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ވީއެންމެ ގިނައެއްކޮށް ރިވިއު ކުރުމުގެ މަސައްކަތް ކުރަންވާނެއެވެ. އަދި އަންނަނިވި ކަންތައްތައް މަދުވެގެން 3 (ތިނެއް) މަހަކުން އެއްފަހަރު ބަލަންވާނެއެވެ.

  1. ށަރީއާއާ އެއްގޮތަށް އަމަލުކުރާ މިންވަރު؛
  2. ށާރީއާއާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާނަމަ އެކަމެއް، އަދި އެކަން ހައްލުކޮށްފައިވާ ގޮތް؛ އަދި
  3. ށަރީއާ ކޮމިޓީގެ އެއްވެސް ރިކޮމެންޑޭށަނެއް ނުވަތަ އެއްވެސް ރިޕޯޓެއްވާނަމަ، އެ ރިކޮމެންޑޭޝަނަކަށް ނުވަތަ ރިޕޯޓަކަށް އަމަލުކޮށްފައިވޭތޯ ބެލުން.

 

އަށްވަނަ ބާބު

އިސްލާމިކް ބޭންކުގެ މިލްކުވެރިކަން، ކޮންޓްރޯލްކުރާ ފަރާތް އަދި ހިންގާ ފަރާތް

22 ވަނަ މާއްދާ – އިސްލާމިކް ބޭންކުގެ މިލްކުވެރިކަން، ކޮންޓްރޯލްކުރާ ފަރާތާއި ހިންގާ ފަރާތުގެ މައުލޫމާތު

އިސްލާމިކް ބޭންކެއްގެ މިލްކުވެރިކަން، ކޮންޓްރޯލްކުރާ ފަރާތް އަދި އެޑްމިނިސްޓްރޭޓަރ ބަދަލުކުރުމުގެ ކުރީން ކޮންމެ އިސްލާމިކް ބޭންކަކުން ކުރަން ހުށަހަޅާ ބަދަލެއް އޮތޯރިޓީއަށް އަންގަންވާނެއެވެ.

 

23 ވަނަ މާއްދާބޭންކް ރިކޮންސްޓްރަކްށަން ކުރުން

ކޮންމެ އިސްލާމިކް ބޭންކަކުންވެސް އަންނަނިވި ކަންކަން ކުރުމުގެ ކުރިން އޮތޯރިޓީގެ ހުއްދަ ހޯދަންވާނެއެވެ:-

(ހ) އަންނަނިވި ކަމަކުން ކުރެ ކަމެއް ކުރުމަށް އެއްބަސްވުމެއް ނުވަތަ އެރޭންޖްމަންޓެއް ހަދާނަމަ:-

  1. ހިއްސާ ނުވަތަ ވިޔަފާރި ވިއްކާލުމަށް؛ ނުވަތަ
  2. އިސްލާމިކް ބޭންކުގެ ކޮންޓްރޯލްކުރާ ނުވަތަ ހިންގާފަރާތް ބަދަލުވުން، އެއީ އޭގެ ނަތީޖާއަކަށްވާނެ، ވޯޓުލުމުގެ ބާރު ނުވަތަ ހިންގުން ނުވަތަ އެހެންވެސް ކަމަކާގުޅޭ އެއްބަސްވުމެއް ނުވަތަ އެރޭންޖްމަންޓެއް ހަދާނަމަ؛ އަދި

(ށ) އެއްވެސް ސްކީމެއްގެ ދަށުން:-

  1. އިސްލާމިކް ބޭންކު ރިކޮންސްޓްރަކްޓް ކުރުން؛ ނުވަތަ
  2. އެއްވެސް އެހެން ށަހުސަކާ އިސްލާމިކް ބޭންކު ގުޅުވުން ނުވަތަ އެއްކޮށްލުންފަދަ ކަމެއް ކުރުން.

މިގޮތުން އިސްލާމިކް ބޭންކުގެ މުދާ ނުވަތަ ބޭންކުގެ އެއްވެސް އަންޑަރޓޭކިންގއެއް އެއްކޮށް ނުވަތަ އެއްބައި އެހެން އެއްވެސް ށަހުސެއްގެ މައްޗަށް ބަދަލުކުރުން ހިމެނެއެވެ.

 

ނުވަވަނަ ބާބު

ގަވާއިދު ހިންގުމަށް އެޅޭ ފިޔަވަޅުތައް

24 ވަނަ މާއްދާ – ރަނގަޅުކުރުމަށް އެޅޭ ފިޔަވަޅުތައް

މި ގަވާއިދުގެ ނުވަތަ އޮތޯރިޓީން ނެރެފައިވާ އެހެން ގަވާއިދެއްގެ މާއްދާއަކާ ނުވަތަ ލައިސަންސް ދޫކުރުމުގެ ށަރުތަކާ ނުވަތަ އޮތޯރިޓީން ކުރާ އަމުރަކާ ނުވަތަ ދޭ އިރުށާދަކާ އިސްލާމިކް ބޭންކަކުން ނުވަތަ އިސްލާމިކް ބޭންކިންގ ވިޔަފާރިކުރާ ބޭންކަކުން ހިލާފުވެއްޖެނަމަ، އަންނަނިވި ފިޔަވަޅުތަކުންކުރެ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އޮތޯރިޓީން އެޅިދާނެއެވެ:-

(ހ) ލިޔުމަންކުން ބޭންކަށް އިންޒާރެއް ދިނުން؛

(ށ) ހިލާފުވެފައިވާ ކަންތައްތައް އަދި ހަރުދަނާ ނޫންގޮތަކަށް ބޭންކުން ކޮށްފައިވާ ކަންތައްތައް ރަނގަޅުކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތައް ބޭންކާއެކު ނުރަސްމީ ގޮތެއްގެމަތިން އެއްބަސްވުން؛

(ނ) ވަކި ހަރަކާތެއް ނުވަތަ އަމަލެއް ހުއްޓުމަށް ބޭންކަށް އަމުރުކުރުން، އަދި ހިލާފުވެފައިވާ ހިލާފުވުމެއް ނުވަތަ ހަރުދަނާ ނޫންގޮތަކަށް ބޭންކުން ކުރަމުންދާ ކަމެއް ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށް ބޭންކަށް އެންގުން؛

(ރ) ރައުސްމާލު އިތުރުކުރުމަށް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް އެންގުން؛

(ބ) ބޭންކުން ހިންގުމަށް ފުރުސަތު ދީފައިވާ ހަރަކާތްތައް މަދުކުރުމަށް އަންގައި އަދި ބޭންކުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ބޭރުފައިސާގެ ވިޔަފާރިއާއި، ދަރަނި ދޫކުރުމާއި، އިންވެސްޓް ކުރުމާއި ޑިޕޮސިޓްގެ ބަލައިގަނެވޭނޭ މިންވަރާއި ދަރަނި ނެގޭނޭ މިންވަރާއި ނުވަތަ މިނޫންވެސް އެހެން ހަރަކާތްތައް އޮތޯރިޓީއަށް ފެންނަ މިންވަރަކަށް ކޮންޓްރޯލްކުރުމަށް އެންގުން؛

(ޅ) އޮތޯރިޓީންދޭ ކްރެޑިޓް ފެސިލިޓީތައް ނުލިބޭގޮތަށް ސަސްޕެންޑްކުރުން؛

(ކ) ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކު ނުވަތަ އެހެން އެގްޒެކެޓިވް އޮފިސަރަކު ނުވަތަ މެނޭޖަރުން ސަސްޕެންޑްކުރުމަށް ނުވަތަ ވަކިކުރުމަށް އެންގުން؛

(އ) ލަފާދޭ މީހެއް ނުވަތަ ކޮންޒަރވޭޓަރެއް އައްޔަނުކުރުން؛

(ވ) ބޭންކަށް ނުވަތަ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކަށް ނުވަތަ މެނޭޖަރަކަށް އިދާރީ އަދަބެއް ދިނުން؛

(މ) ބޭންކުގެ ޑިރެކްޓަރަކު ނުވަތަ އެގްޒެކެޓިވް އޮފިސަރަކު ނުވަތަ މޭޖަރ ހިއްސާދާރަކު ފަރުދީގޮތުން ޒިންމާވުމަށް ކަނޑައަޅައި، ގާނޫނީ އިމުގެ ތެރެއިން ލިބެންއޮތް ބަދަލެއް ހޯދުން؛ ނުވަތަ

(ފ) ބޭންކުގެ ލައިސަންސް ސަސްޕެންޑްކުރުން ނުވަތަ ބާތިލުކުރުން؛

 

25 ވަނަ މާއްދާލައިސަންސް ނުވަތަ ހުއްދަ ބާތިލުކުރުން

(ހ) އަންނަނިވި ހާލަތުންކުރެ ހާލަތެއް އިސްލާމިކް ބޭންކަކަށް ނުވަތަ އިސްލާމިކް ބޭންކިންގ ވިޔަފާރިކުރާ ބޭންކަކަށް ދިމާވެއްޖެނަމަ އެފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ނުވަތަ ހުއްދަ ބާތިލުކުރުމުގެ އިހުތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

  1. އިސްލާމިކް ބޭންކިންގގެ އޮޕަރޭށަންތަކުގައި އިސްލާމީ ށަރީއަތާ ހިލާފު ކަންތައްތައް އެކުލެވިގެންވުން؛
  2. ބޭންކުން ހިންގާ އިސްލާމިކް ބޭންކިންގގެ ވިޔަފާރި ހިންގަނީ ބޭންކުގެ ޑިޕޮޒިޓަރުންނާއި އަދި ކްރެޑިޓަރުންގެ މަސްލަހަތަށް އުނިކަން އަންގަ ގޮތަކަށް ކަމުގައިވުން؛
  3. އާންމުންގެ ލައިބިލިޓީތައް ކަވަރުކުރެވޭނޭ މިންވަރަށް ބޭންކުގެ އެސެޓްތައް ނެތުން؛
  4. މި ގަވާއިދުގެ އެއްވެސް މާއްދާއަކާ ހިލާފުވުން؛
  5. އިސްލާމިކް ބޭންކިންގގެ ވިޔަފާރި ރާއްޖޭގައި ހިންގުން ހުއްޓާލުން.

(ށ) ލައިސަންސެއް ނުވަތަ ހުއްދައެއް ބާތިލު ކުރުމުގެ ކުރީން، އެފަދަ ފިޔަވަޅެއް އެޅުމަށް ގަސްދުކުރާކަން އޮތޯރިޓީން އެބޭންކަކަށް އަންގަންވާނެއެވެ. އަދި އޮތޯރިޓީން ކަނޑައަޅައި އަންގާފައިވާ މުއްދަތެއްގެ ތެރޭގައި، ލައިސަންސެއް ނުވަތަ ހުއްދައެއް ބާތިލު ނުކުރާންވީ ސަބަބުތައް ބަޔާންކޮށް އޮތޯރިޓީއަށް ހުށަހެޅުމުގެ ފުރުސަތު އެ ބޭންކަކަށް ދޭންވާނެއެވެ.

(ނ) އޮތޯރިޓީން ބޭންކުގެ ލައިސަންސް ނުވަތަ ހުއްދަ ބާތިލުކުރާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެނިންމުން އިސްތިއުނާފުކުރުމަށް އެ ބޭންކަކުން ކޯޓަށް ހުށަހެޅިދާނެއެވެ.

 

26 ވަނަ މާއްދާ – ގަވާއިދުތަކަށް އަމަލުކުރުން

(ހ) އިސްލާމިކް ބޭންކުން މި ގަވާއިދަށާއި އަދި އޮތޯރިޓީން ނެރޭ އެހެން ހުރިހާ ގަވާއިދުތަކަށް އަމަލުކުރަން ވާނެއެވެ.

(ށ) މި ގަވާއިދުގެ މާއްދާއަކާ އަދި އޮތޯރިޓީން ނެރެފައިވާ އެހެން ގަވާއިދެއްގެ (ޕްރޫޑެންށަލް ރެގިއުލޭށަންތައް ހިމެނޭގޮތަށް) މާއްދާއަކާ ތައާރަޒްވާނަމަ، އެފަދަ މާއްދާއެއްގެ މައްޗަށް މި ގަވާއިދުގައި ހިމެނިފައިވާ މާއްދާ ހިންގޭނެއެވެ.

(ނ) ބޭންކުތަކުން ނުވަތަ މާލީ އިދާރާތަކުން އަމަލުކުރުމަށް އޮތޯރިޓީން ނެރެފައިވާ އެއްވެސް ޕްރޫޑެންށަލް ރެގިއުލޭށަންތަކުގައި ށަރީއާ ޕްރޮޑަކްޓް ނުވަތަ ހިދުމަތްތަކާ ގުޅޭގޮތުން ވަކިގޮތަކަށް ބަޔާންކޮށްފައިނެތް ހާލަތްތަކުގައި އެމައްސަލައަކާ ގުޅޭގޮތުން ވަކިގޮތެއް ކަނޑައެޅުމުގެ އިހުތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

27 ވަނަ މާއްދާ – ލަފުޒުތަކާ އިބާރާތްތަކުގެ މާނަ

(ހ) މިގަވާއިދުގައި، ލަފުޒެއް ނުވަތަ އިބާރާތެއް ހިމެނިފައިވާ ގޮތުން، ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހައި ހިނދަކު:-

"އެޑްމިނިސްޓްރޭޓަރު" ކަމަށް ބުނެފައި އެވަނީ، ބޭންކެއްގެ ޑިރެކްޓަރެއް، އެގްޒެކެޓިވް އޮފިސަރެއް، ބޭންކުގެ އޮޑިޓް ކޮމިޓީގެ މެންބަރެއް، ނުވަތަ ބިދޭސީ ބޭންކެއްނަމަ، އައްޔަނުކުރެވިފައިވާ ބްރާންޗް މެނޭޖަރަށެވެ.

"އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގެ ދަށުން ގާއިމުކޮށްފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ؛

"އިސްލާމިކް ބޭންކިންގ ވިޔަފާރި ކުރާ ބޭންކެއް" ކަމަށް ބުނެފައި އެވަނީ އިސްލާމިކް ބޭންކިންގގެ އުސޫލުތަކާ އެއްގޮތަށް އެކުލަވާލެވިފައިނުވާ، ނަމަވެސް، އޮތޯރިޓީގެ ހުއްދަ ހޯދުމަށްފަހުގައި އިސްލާމިކް ބޭންކިންގގެ ހިދުތަމް، އެ ބޭންކެއްގެ ޑިޕާޓްމަންޓަކުން ނުވަތަ އެހެންވެސް ގޮތަކުން ދޭ، ގާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ ދަށުން އޮތޯރިޓީން ލައިސަންސް ދޫކޮށްފައިވާ ބޭންކްތަކަށެވެ.

"ކުންފުނި" ކަމަށް ބުނެފައި އެވަނީ، ޖޮއިންޓް ސްޓޮކް ކުންފުންޏަކަށް ނުވަތަ ކޯޕަރޭޝަނަކަށެވެ؛

"އެގްޒެކެޓިވް އޮފިސަރ" ކަމަށް ބުނެފައި ވަނީ، ރާއްޖޭގައި އިސްލާމިކް ބޭންކިންގ ވިޔަފާރި ހިންގުމުގެ ހުއްދަދީފައިވާ ބޭންކެއްގެ މުވައްޒަފުންގެ ތެރެއިން ބޭންކުގެ ސިޔާސަތު ކަނޑައެޅުމުގައި ބައިވެރިވާ މުވައްޒަފުންނާއި، ބޭންކުގެ ހަރަކާތްތަކުގެ ތެރެއިން ބޮޑުބައެއް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާ މުވައްޒަފުންނާއި، ބޭންކުގެ ފައިސާއިން ލޯނު ދޫކުރުމާއި އިންވެސްޓް ކުރުމަށް ހުއްދަދީފައިވާ މުވައްޒަފުންނަށެވެ. މިފަދަ މުވައްޒަފަކީ ކޮންމެ މަގާމެއްގައި ހުރި މުވައްޒަފެއް ނަމަވެސް، މިގާނޫނުގައިވާ ގޮތުން "އެގްޒެކެޓިވް އޮފިސަރ" އެއްކަމުގައި ބެލެވޭނެއެވެ. މިގޮތުން، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން، ބޭންކުގެ ރައީސް، މެނޭޖިން ޑިރެކްޓަރ، ރައީސްގެ ނައިބު، ލޯނުދޫކުރުމުގެ އެންމެ އިސް މުވައްޒަފު، ޗީފް ފައިނޭންށަލް އޮފިސަރ، ޗީފް އެގްޒެކެޓިވް އޮފިސަރ، ޖެނެރަލް މެނޭޖަރ، އަދި ހަޒާންދާރު ހިމެނޭނީ "އެގްޒެކެޓިވް އޮފިސަރ" ކަމަށް ބެލެވޭ ފަރާތްތަކުގެ ތެރޭގައެވެ؛

"އިސްލާމިކް ބޭންކު" ކަމަށް ބުނެފައި އެވަނީ، އިސްލާމީ ށަރީއާގެ އުސޫލުތަކާއި ހަމަތަކުގެ މަތިން ބޭންކިންގ ހިދުމަތްތައް ދޭ، އަދި ގާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ ދަށުން ބޭންކިންގ ވިޔަފާރި ކުރުމަށް ލައިސަންސް ދޫކޮށްފައިވާ، އަދި ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގެ ދަށުން ލައިސަންސް ދޫކޮށްފައިވާ ކުންފުނިތަކަށެވެ؛

"އިސްލާމިކް ބޭންކިންގ ވިޔަފާރި" ނުވަތަ "އިސްލާމިކް ބޭންކިންގ ހިދުމަތް" ތަކުގެ ތެރޭގައި މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމެނޭނެއެވެ؛

"އިސްލާމިކް ޑިޕޮސިޓް" ކަމަށް ބުނެފައި އެވަނީ އެއްވެސް ފަރާތެއްގެ ކިބައިން ބަލައިގަންނަ ނުވަތަ އެފަރާތްތަކަށް ދޭ ފައިސާ ނުވަތަ އަގެއްހުރި އެހެން އެއްޗަކަށެވެ. މި ގޮތުން ފައިސާ ނުވަތަ އަގެއްހުރި އެހެން އެއްޗެއް ބަލައިގަންނަންވާނީ ނުވަތަ ދޭންވާނީ އިސްލާމީ ށަރީއާއާ ހިލާފުނުވާ ގޮތަށް، ރައްކާކޮށްދިނުމާއި ނުވަތަ ފައިދާ ހިއްސާކުރުންފަދަ ކަންތައްތައް ހިމެނޭގޮތަށް، ހެދޭ އެއްބަސްވުމެއްގެ ދަށުންނެވެ؛

"އިސްލާމީ ށަރީއަތް" ނުވަތަ "ށަރީއާ" ކަމަށް ބުނެފައި އެވަނީ، ކީރިތި ގުރުއާނާއި، ސުންނަތުގައިވާ ޖިނާއީ، މަދަނީ، އަލް އަހްވާލުއްށަހްސިއްޔާއާއި މިނޫންވެސް ކަންތައްތަކާ ގުޅިފައިވާ އަހްލުއްސުންނަތި ވަލް ޖަމާއަތުގެ އިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތަށެވެ؛

"ލައިސަންސް" ކަމަށް ބުނެފައި އެވަނީ ގާނޫނުގެ ދަށުން ދޫކޮށްފައިވާ ލައިސަންސްތަކަށެވެ. އަދި މީގެ ތެރޭގައި ގާނޫނު ނަންބަރ 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގެ ދަށުން ދޫކޮށްފައިވާ ލައިސަންސް ހިމެނޭނެއެވެ؛

"ފަރާތެއް" ކަމަށް ބުނެފައި އެވަނީ، މީހުންނާއި ށަހުސުތައް ހިމެނޭގޮތަށެވެ. މިގޮތުން އިންކޯޕަރޭޓް ނުކުރާ ފަރާތްތައްވެސް މި މާނައިގައި ހިމެނޭނެއެވެ.

(ށ) މިގަވާއިދުގައި، ލަފުޒެއް ނުވަތަ އިބާރާތެއް ހިމެނިފައިވާ ގޮތުން، ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހައި ހިނދަކު، މުފުރަދުކޮށް ގެނެސްފައިވާ ލަފުޒުތައް އެ ލަފުޒުތަކުގެ ޖަމްއު މާނައިގައްޔާއި ޖަމްއުކޮށް ގެނެސްފައިވާ ލަފުޒުތަކުގެ މުފުރަދު މާނައިގައި ބޭނުންކުރެވޭނެއެވެ.

 

މައި ގާނޫނު

ބޭންކިންގއާބެހޭ ގާނޫނު (ނޫނު ނަންބަރު 24/2010) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު