-

ވަޒީފާ އަދާ ކުރުމަށް ދިވެހިރާއްޖެއަށް ބިދޭސިން ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2011-22)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 15 ޖޫން 2011 ގައި)

 

ފުރަތަމަ ބާބު

ތައާރުފު

 

1 ވަނަ މާއްދާ - ތައާރުފު 

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 63 ވަނަ މާއްދާއާއި ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ 35 ވަނަ މާއްދާއާއި އެ ގާނޫނުގެ 32 ވަނަ މާއްދާއާއި އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - މަގްސަދު

(ށ) މިއީ، ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީންނަށް ވަޒީފާދެވޭނެ ގޮތާއި، ބިދޭސީން ވަޒީފާ އަދާކުރުމާއި، ވަޒީފާގައި ގެންގުޅުމާއި، ވަޒީފާއިން ވަކިކުރުމާއި، އަދި މިނޫންވެސް މިކަންކަމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެވެ. ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނެސް ވަޒީފާގައި ގެންގުޅެންވާނީ މި ގަވާއިދާ ހިލާފުނުވާނޭ ގޮތުގެ މަތިންނެވެ.

 

3 ވަނަ މާއްދާ - ނަން

(ނ) މިގަވާއިދަށް ކިޔަނީ "ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ގަވާއިދު"އެވެ.

 

ދެވަނަ ބާބު

ބިދޭސީން ގެނައުމުގެ ކުރިން ކުރަންޖެހޭ ކަންތައްތައް 

ކޯޓާ ހޯދުން

 

2 ވަނަ މާއްދާ - ކޯޓާއަށް އެދުމާއި ކޯޓާ ދޫކުރުން

(ހ) ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ގެންނަ ބިދޭސީންގެ ތެރެއިން، މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މީހުން ފިޔަވައި އެހެން މީހަކު ގެނައުމަށް ވާރކްޕާރމިޓް ދެވޭނީ ބިދޭސީން ގެނައުމަށްޓަކައި މިނިސްޓްރީން ދޫކުރާ ކޯޓާ ލިބުމަށްފަހުއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޯޓާ ދޫކުރުމުގައި، ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ ވިޔަފާރިއަކަށް މިގަވާއިދުގެ ދަށުން ހެދޭ "ބިދޭސީން ގެނައުމުގައި ކޯޓާ ދޫކުރުމާބެހޭ އުސޫލު" ގައިވާ ގޮތުގެމަތިން ކޯޓާއަށް އެދުމުގެ ހައްގު ލިބިގެންވެއެވެ. މިގޮތުން ކޯޓާއަށް އެދުމުން ކޯޓާ ދޫކުރެވޭނީ ކޯޓާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި މައުލޫމާތާއި ށަރުތު ފުރިހަމަވާނަމައެވެ.

(ނ) ދިވެހިރާޖޭގައި މަސައްކަތްކުރުމަށް ބިދޭސީން ގެނައުމަށްޓަކައި ކޯޓާ ދޫކުރެވޭނީ މި ގަވާއިދުގެ ދަށުން ހެދޭ "ބިދޭސީން ގެނައުމުގައި ކޯޓާ ދޫކުރުމާބެހޭ އުސޫލު" ގައިވާ ގޮތުގެމަތީންނެވެ.

(ރ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، މިމާއްދާގެ، (ށ) ގައި ބުނެފައިވާ "ބިދޭސީން ގެނައުމުގައި ކޯޓާ ދޫކުރުމާބެހޭ އުސޫލު" މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްއިން އާންމުކުރަންވާނެއެވެ.

ވިޔަފާރީގެ މަސައްކަތްތަކަށް ކޯޓާ ދޫކުރުން

(ބ) "ވިޔަފާރީގެ މަސައްކަތްތަކަށް ދޫކުރާ ކޯޓާ" އަކީ ވިޔަފާރި އުސޫލުން އާމްދަނީ ހޯދުމުގެ މަގްސަދުގައި އެކިއެކި މަސައްކަތް ކުރުމަށްޓަކައި ބިދޭސީން ގެނައުމަށް ދެވޭ ކޯޓާއެވެ. އަދި ވިޔަފާރީގެ މަސައްކަތްތަކަށް ބިދޭސީން ގެނައުމަށްޓަކައި ކޯޓާ ދޫކުރެވޭނީ ވިޔަފާރި މަސައްކަތްތަކަށް ކޯޓާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ބަޔާކޮށްފައިވާ އެންމެހައި މައުލޫމާތާއި ށަރުތު ފުރިހަމަވާނަމައެވެ.

 ކޯޓާ ހޯދަންނުޖެހޭ ދާއިރާތައް

(ޅ) ތިރީގައި ބަޔާންކޮށްފައިވާ ދާއިރާތަކަށް ބިދޭސީ ގެނައުމަށްޓަކައި ކޯޓާ ހޯދާކަށް ނުޖެހޭނެއެވެ.

  1. ދައުލަތުގެ މުއައްސަސާތަކަށް ގެންނަ ބިދޭސީން (މީގެ ތެރޭގައި ސަރުކާރުގެ ވިޔަފާރި ކުންފުނިތަކެއް ނުހިމެނެއެވެ.)
  2. އިޖްތިމާއީ އެކިއެކި ބޭނުންތަކަށްޓަކައި ވިޔާފާރީގެ މަންފާއެއް ހާސިލުކުރުންނޫން ގޮތްގޮތުން ދަރުމަވެރިންގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމަށް ގެންނަ ބިދޭސީން
  3. ގެވެށި މަސައްކަތްތަކަށް ގެންނަ ބިދޭސީން

 

3 ވަނަ މާއްދާ - ދޫކޮށްފައިވާ ކޯޓާއަށްވުރެ އިތުރަށް ނުވަތަ ކޯޓާ ނުހޯދައި ބިދޭސީން ވަޒީފާގައި ގެންގުޅުން މަނާކުރުން

(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތިން ދޫކޮށްފައިވާ ކޯޓާގެ އިތުރުން ނުވަތަ ކޯޓާ ނުހޯދައި މި ގަވާއިދާ ހިލާފަށް، ވަޒީފާގައި ބިދޭސީން ގެންގުޅުމަކީ މަނާ ކަމެކެވެ. އަދި ދޫކޮށްފައިވާ ކޯޓާއެއްގެ ދަށުން ރާއްޖެ ގެނެސްފައިވާ ބިދޭސީއެއް، މި ގަވާއިދާ ހިލާފަށް އެހެން ފަރާތެއްގެ ވަޒީފާއަކަށް ނުވަތަ މަސައްކަތަކަށް ވީއްލުމަކީ ނުވަތަ ފޮނުވުމަކީ މަނާކަމެކެވެ.

 

ފިޔަވަޅު އެޅުން

(ށ) މި މާއްދާގެ (ހ) އާއި ހިލާފަށް ބިދޭސީން ގެންގުޅޭ ފަރާތްތައް ނުވަތަ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް ބިދޭސީއަކު ނުވަތަ މަސައްކަތްކުރުމުގެ ހުއްދަ ނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވައިފިނަމަ، ގަވާއިދާ ހިލާފަށް ގެންގުޅޭ ކޮންމެ ބިދޭސީއަކަށް، ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރު 1000 (އެއް ހާސް) ރުފިޔާއިން ޖޫރިމަނާކުރުމާއި، ތަކުރާރުވާ ކޮންމެ ފަހަރަކު، ގަވާއިދާ ހިލާފަށް ގެންގުޅޭ ކޮންމެ ބިދޭސީއަކަށް 5000 (ފަސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ތިރީގައިވާ ގޮތުގެމަތިން އަމަލުކުރެވޭނެއެވެ.

 

  1. ދޫކޮށްފައިވާ ކޯޓާއަށްވުރެ އިތުރަށް ގެންގުޅޭ ބިދޭސީން ރާއްޖެއަށް އައިސްފައިވަނީ ވާރކްވީޒާގައި ނޫންނަމަ، ވަޒީފާ ދިންފަރާތުގެ ހަރަދުގައި އެ ބިދޭސީން ރާއްޖެއިން ފުރުވާލަން ވަޒީފާ ދިންފަރާތަށް އެންގުން، އަދި
  2. ކޯޓާއަށްވުރެ އިތުރަށް ގެންގުޅޭ ބިދޭސީން ރާއްޖެ އައިސްފައިވަނީ އެހެން ފަރާތެއްގެ ކޯޓާގެ ދަށުންނަމަ، ކޯޓާ ލިބިފައިވާ ފަރާތުގެ ހަރަދުގައި އެ ބިދޭސީން ރާއްޖެއިން ފުރުވާލަން ކޯޓާ ލިބިފައިވާ ފަރާތަށް އެންގުން؛ އަދި
  3. ފޮނުވާލެވޭ ބިދޭސީންގެ އަދަދު، ކޯޓާ ލިބިފައިވާ ފަރާތުގެ ކޯޓާއިން އުނިކުރުން؛ އަދި
  4. 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކޯޓާ އިތުރުކޮށްނުދޭގޮތަށް ހަމަޖެއްސުން.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކުރެވޭ ޖޫރިމަނާގެ ފައިސާ ދެއްކުމަށް އަންގާ މުއްދަތުގެ ތެރޭގައި އެ ފައިސާ ނުދައްކައިފިނަމަ، ފައިސާ ދައްކާ ނިމެންދެން އެ ފަރާތަކާމެދު މި ގަވާއިދުގެ 31 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އަމަލުކުރެވޭނެއެވެ.

 

ވަޒީފާ ދޭ ފަރާތް ބަދަލުކުރުން

(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް ބިދޭސީ މިހާއާއި، ވަޒީފާދިން ފަރާތާއި، އަދި ވަޒީފާދޭ އެހެން ފަރާތެއްހެ ރުހުމާއެކު، އެ ބިދޭސީ މީހާއަށް ވަޒީފާދޭ އެހެން ފަރާތެއްގެ ކޯޓާގެ ދަށަށް ބަދަލުވުމަކަށް މިމާއްދާ ހުރަހެއް ނާޅައެވެ. މިގޮތުން "ވަޒީފާދޭ ފަރާތް ބަދަލުކުރުމަށްއެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، މިނިސްޓްރީއަށް ހުށަހަޅައިގެން ވަޒީފާދޭ ފަރާތް ބަދަލުކުރުމުގެ އިހުތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންއެވެ.

 

ބިދޭސީން ގެންނަ މަގާމުނޫން އެހެން މަގާމެއްގައި ގެންގުޅުން

(ބ) މި ގަވާއިދުގެ ދަށުން ކޯޓާ ލިބިގެން އެކިއެކި ވިޔަފާރިގެ ނަންނަމުގައި ގެނެވޭ ބިދޭސީން އެ ވިޔަފާރީގެ ބެލުމުގެ ދަށުން ހިންގާ ތަފާތު ޕްރޮޖެކްޓްތަކުގައި ގެންގުޅުމުގެ އިހުތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - ކޯޓާ ކަނޑައެޅުން

ދިވެހިން ވަޒީފާގައި ތިބި އަދަދުގެ ނިސްބަތުން، ކަނޑައެޅޭ ދާއިރާތަކަކަށް، 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ކޯޓާ ދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އެހެންނަމަވެސް، އާންމު އުސޫލެއްގެ ގޮތުން ކޯޓާ ދޫކުރާނީ ގިނަވެގެން 2 އަހަރުގެ މުއްދަތަށެވެ. ކޯޓާ ދިނުގައި އެވަގުތަކު އަމަލުކުރަމުންދާ އުސޫލު މިނިސްޓްރީން އާންމުކޮށް އިއުލާނު ކުރާނެއެވެ.  

 

5 ވަނަ މާއްދާ -  ވަކި މަށްރޫއަކާ ގުޅުވައިގެން ދެވޭ ކޯޓާ

(ހ) އެކިއެކި ވިޔަފާރިތަކަށް ކަނޑައެޅިފައިވާ ވަކި މަށްރޫއަކަށް، އެ މަށްރޫއުގެ މުއްދަތަށް، 8 މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތެއްގެ ކޯޓާއެއް ދޫކުރުމަކަށް މި ގަވާއިދުގެ 4 ވަނަ މާއްދާ ހުރަހެއް ނާޅައެވެ.

(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ކޯޓާއެއް ދީފައިވާ ވިޔަފާރިއަކަށް އެ ކޯޓާގެ އިތުރުން ބިދޭސީން ގެނައުމަށް ކޯޓާއެއް ދޫކުރެވޭނީ މި ގަވާއިދުގެ ދަށުން ހެދޭ "ވަޒީފާއަށް ބިދޭސީން ގެނައުމަށް ކޯޓާާ ދިނުމުގެ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ނ) މަށްރޫއުގެ މުއްދަތުގައި މަސައްކަތް ނުނިމޭނަމަ ކޯޓާގެ މުއްދަތު އިތުރުކޮށްދެވޭނީ އެ ޕްރޮޖެކްތަކަށް ދެވިފައިވާ މުއްދަތު ހަމަވުމުގެ 15 (ފަނަރަ) ދުވަސްކުރިން މުއްދަތު އިތުރު ކުރަން މިނިސްޓްރީއަށް ހުށަހެޅުއްވުމުން އެ ޕްރޮޖެކްޓެއްގެ މަސައްކަތް ހިނގަމުންދާގޮތް ބެލުމަށްފަހު، އިތުރު މުއްދަތު ބޭނުންވާނެކަމަށް ޕްރޮޖެކްޓް ހިންގާ ފަރާތުން ސާބިތުކޮށް ދިނުމުންނެވެ.

 

6 ވަނަ މާއްދާ - ކޯޓާ ނުދޭ ވަޒީފާތައް

(ހ) އެއިރަކަށް ވަޒީފާއަށް ބޭނުންވާ އަދަދަށް ދިވެހިން ލިބޭނެކަމަށް ބެލެވޭ ވަޒީފާތަކާއި، މަސައްކަތްތަކަށް، ބިދޭސީން ގެނައުމަށް ކޯޓާ ނުދޭގޮތަށް ހަމަޖެއްސުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މިގޮތުން ކޯޓާ ނުދޭ ގޮތަށް ހަމަޖައްސާ ވަޒީފާތައް އާންމުކޮށް އިއުލާން ކުރެވޭނެއެވެ.

(ށ) މި ގަވާއިދަށް އަމަލު ކުރަންފަށާއިރު، މި މާއްދާގެ (ހ) ގެ ދަށުން ބިދޭސީން ގެނައުމަށް ކޯޓާ ނުދޭ ވަޒީފާތައް މި ގަވައިދުގެ ޖަދުވަލު 1 (ކޯޓާ ނުދޭ ވަޒީފަތައް) ގައި ބަޔާންކުރެވިފައިވާނެއެވެ.

 

 

ޑިޕޮސިޓް

 

7 ވަނަ މާއްދާ - ޑިޕޮސިޓް ބެހެއްޓުން

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެންނަ ފަރާތްތަކުން، މިނިސްޓްރީން ހަމަޖައްސާ އުސޫލެއްގެ މަތީން މިނިސްޓްރީގައި ޑިޕޮސިޓެއް ބަހައްޓަންވާނެއެވެ. މި ޑިޕޮސިޓަކީ ވަޒީފާދޭ ފަރާތުގެ ވަޒީފާގައި ހުރި ބިދޭސިއަކު ސަރުކާރުން ފުރުވާލަން ބޭނުންވެއްޖެ ހާލަތެއްގައި، ނުވަތަ ވަޒީފާދޭ ފަރާތުން މިގަވާއިދުގެ ދަށުން އުފުލަންޖެހޭ ޒިންމާއެއް ނުއުފުލައިގެން އެކަމެއް ކުރުމަށް ހިނގާނޭ ހަރަދުތައް ކުރުމަށް ނުވަތަ ވަރކް ވީޒާގެ ފީ ނުދައްކައިގެން އެ ފީ އަދާކުރުމުގެ ގޮތުން ސަރުކާރުން ބޭނުންކުރުމަށް ބަހައްޓާ ޑިޕޮސިޓެކެވެ.

(ށ) ޑިޕޮސިޓްގެ މިންވަރު ބިނާކުރެވެނީ، ރާއްޖޭގައި މަސައްކަތް ކުރުމަށް ގެންނަ ބިދޭސީ މީހާގެ ގައުމަށް ވައިގެ މަގުން ދިޔުމަށް އެއްކޮޅު ޓިކެޓަށް ހަރަދުވާ ފައިސާގެ މައްޗަށާއި އަދި ރާއްޖެ ގެނެވޭ ބިދޭސީއަކާ ގުޅިގެން ސަރުކާރުން ކުރަންޖެހިދާނެކަމަށް ލަފާކުރާ ތަފާތު ހަރަދުތަކުގެ މައްޗަށެވެ. މިގޮތުން "ސެކިއުރިޓީ ޑިޕޮސިޓް ނެގުމުގައި އަމަލުކުރާ އުސޫލު" މިގަވާއިދުގެ ޖަދުވަލު 2 ގައި ހިމެނިފައިވާނެއެވެ. އަދި މި އުސޫލުގައިވާ ޑިޕޮސިޓްގެ މިންވަރު ކަނޑައަޅާ ތާވަލަކީ ކޮންމެ އަހަރަކު ދެފަހަރު މުރާޖައާކުރެވޭނެ ތާވަލެކެވެ.

(ނ) ވިޔަފާރީގެ އެކިއެކި މަސައްކަތްތަކަށް ބިދޭސީން ގެނައުމަށްޓަކައި ކޯޓާއަށް އެދުމުން، ކޯޓާ ހަމަޖެހިފައިވާނަމަ، ކޯޓާ ހަމަޖެހުނުކަމުގެ ލިޔުން ދޫކުރެވޭނީ، މި މާއްދާގެ (ށ) ގައި ބުނެފައިވާ އުސޫލުގައިވާ ގޮތުގެމަތިން ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ.

(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް ގެވެށި މަސައްކަތްތަކަށް ބިދޭސީން ގެންނަން ބޭނުންވާ ފަރާތްތަކުން ޑިޕޮސިޓް ފައިސާ ދައްކަންޖެހޭނީ ވާރކްޕާމިޓަށް އެދޭއިރުއެވެ.

 

އިސްތިސްނާ

(ބ) ދައުލަތުގެ މުއައްސަސާތަކުން ގެންނަ ބިދޭސީންނާއި ރާއްޖޭގައި ހިލޭސާބަހަށް މަސައްކަތްކުރުމަށް ދަރުމަވެރިންގެ ގޮތުގައި އަންނަ ބިދޭސީންނަށް ޑިޕޮސިޓް ބަހައްޓާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް، އެއްވެސް ސަބަބަކާ ހުރެ އެއިން މީހަކު ރާއްޖެއިން ފޮނުވާލަން ޖެހިއްޖެނަމަ، އެމީހަކު ފޮނުވާލުމަށް ކުރަންޖެހޭ އެންމެހައި ހަރަދު، އެމީހަކަށް ވަޒީފާދިން ފަރާތަކުން ކުރަންޖެހޭނެއެވެ.

 

8 ވަނަ މާއްދާ - ފައިސާ ދައްކާނެގޮތް

(ހ) ޑިޕޮޒިޓް ފައިސާ ދެއްކޭނެ ގޮތްތައް ތިރީގައި ބަޔާކޮށްފައި އެވަނީއެވެ.

  1. ނަގުދު ފައިސާއިން.
  2. ވަޒީފާދޭ ފަރާތުގެ ބޭންކް ޗެކަކުން، ނުވަތަ އެ ފަރާތުން ކަނޑައަޅާ އެހެން ފަރާތަކުން ހުށަހަޅާ ޗެކަކުން.
  3. ވަޒީފާދޭ ފަރާތުން ނުވަތަ އެ ފަރާތުން ކަނޑައަޅާ ފަރާތަކުން ހުށަހަޅާ ބޭނުން ގެރެންޓީއަކުން.މަތީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ އިތުރުންވެސް ފައިސާ ދެއްކޭނެ އިތުރު ގޮތްތައް ކަނޑައެޅުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

ބޭންކް ގެރެންޓީގެ މުއްދަތު

(ށ) ބޭންކް ގެރެންޓީގެ ދަށުން ރާއްޖެ ގެނެވޭ ބިދޭސީން ފުރުވާލަންދެން ހުށަހަޅާ ބޭންކް ގެރެންޓީގެ މުއްދަތު (ވެލިޑިޓީ) އޮންނަންވާނެއެވެ.

(ނ) ބިދޭސީއަކަށް ވަޒީފާދޭ ފަރާތުން، މި ގަވާއިދުގެ ދަށުން އެއްވެސް ހަރަދެއް ކުރަންޖެހި، އެހަރަދެއް ނުކުރުމުގެ ސަބަބުން ހަމަޖައްސަންޖެހޭ ކަންތައްތައް ހަމަޖެއްސުމަށްޓަކައި އެފަރާތަކުން ބަހައްޓާފައިވާ ޑިޕޮޒިޓަށްވުރެ އިތުރަށް މިނިސްޓްރީން ހަރަދެއް ކޮށްފިނަމަ، އެއިތުރުވާ އަދަދު ބަންދުދުވަސް ނުހިމަނައި 10 (ދިހައެއް) ދުވަހުގެ ތެރޭގައި މިނިޓްސްރީއަށް ދައްކަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި މިނިސްޓްރީއަށް ފައިސާ ނުދައްކައިފިނަމަ، އެ ފައިސާ ދައްކަންދެން މި ގަވާއިދުގެ 31 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަމަލުކުރެވޭނެއެވެ.

(ރ)  ވާރކްޕަރމިޓް ލިބިގެން ބިދޭސީން ވަޒީފާގައި ގެންގުޅޭ ފަރާތްތަކަށް، މި ގަވާއިދުގެ ދަށުން ބިދޭސީއަކު ރާއްޖެއިން ފޮނުވާލަން އެންގުމުން އެފަރާތެއް ފޮނުވާނުލައިފިނަމަ، ނުވަތަ މި ގަވާއިދުގެ ދަށުން އެއްވެސް ހަރަދެއް ކުރަން އަންގައި، އެހަރަދެއް ނުކޮށްފިނަމަ ޑިޕޮޒިޓްގައި ހުންނަ ފައިސާއިން އެ ހަރަދު ކުރުމުގެ އިހުތިޔާރި މިނިސްޓްރީއަށް ލިބިގެންއެވެ.

 

 

 ވާރކްޕާރމިޓް

 

9 ވަނަ މާއްދާ - ގެވެށި މަސައްކަތްތަކަށް މަސައްކަތްކުރުމުގެ ހުއްދަ ދޫކުރުން

(ހ) ގެވެށި މަސައްކަތްތަކަށް ބިދޭސީން ގެނައުމަށްޓަކައި ކޯޓާ ހޯދުމަކާނުލައި ސީދާ ވާރކްޕާރމިޓަށް އެދި ހުށަހެޅުމުން، ގޭތެރޭގެ އެކިއެކި މަސައްކަތްތަކަށް ބިދޭސީން ގެނައުމުގެ ހުއްދަ ދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގެވެށި މަސައްކަތްތެރިންގެ ގޮތުގައި މަސައްކަތްކުރުމަށް ދެވޭ ހުއްދައަކީ ވިޔަފާރި އުސޫލުން އާމްދަނީ ހޯދުމުގެ މަގްސަދުގައި ނޫންގޮތަކަށް ގޭތެރޭގެ އެކިއެކި މަސައްކަތްތަކަށް ބިދޭސީން ގެނައުމަށް ދެވޭ ހުއްދައެވެ. މިގޮތުން ގެވެށި މަސައްކަތްތެރިންގެ ގޮތުގައި ބިދޭސީން ގެނައުމުގެ ހުއްދަ ދެވޭނީ ތިރީގައި މިދަންނަވާ މަގާމުތަކަށެވެ.

  1. ގޭތެރޭގައިކުރަން ޖެހޭ އެކިއެކި މަސައްކަތް ކުރުމަށް ކޮންމެ ގޭބީސީއަކށް އެކެއް " ޑޮމެސްޓިކް ސާރވަންޓް" ނުވަތަ އެކެއް "ނެނީ".
  2. ގޭބިސީއަކަށް ބޭނުންވާ ކަންކަން ކުރުމަށް އެ ބިސީއެއްގައި ދިރިއުޅޭ މީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އެއްގަމު އުޅަދެއް ދުއްވުމަށް އެކެއް"ޑްރައިވަރުން".
  3. ގޭބިސީގެ ވެރިފރާތުގެ ބަދަލުވެރިކަމުގެ ދަށުގައިވާ ބަލިމީހަކު ބެލުމުގައި އެހީތެރިވުމަށްޓަކައި "އެޓެންޑެންޓުން".

 

10 ވަނަ މާއްދާވާރކްޕާރމިޓް ހޯދުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ކޮންމެ ބިދޭސީއެއް ރާއްޖެއަށް ގެނައުމުގެ ކުރިން ބިދޭސީން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ (ވާރކްޕާރމިޓް) ހޯދަންވާނެއެވެ.

(ށ) މިގޮތުން ވަޒީފާއަށް ދިވެހިން ހޯދުމަށްޓަކައި އެ މަސައްކަތެއް ނުވަތަ ޕްރޮޖެކްޓެއް ހިންގާ ރަށްރަށުގެ ރަށު ކައުންސިލްގެ އޮފީހަށާއި އަދި މާލޭގައި ހުންނަ ޖޮބްސެންޓަރަށް، ވަޒީފާއަށް ދިވެހިން ހޯދަން ބޭނުންވާ ކަމުގެ މައުލޫމާތު ދޭންވާނެއެވެ. އަދި ރަށްރަށުގެ ރަށު ކައުންސިލްގެ އޮފީހުންނާއި ޖޮބްސެންޓަރުތަކުން އެ މައުލޫމާތު ހޯދުމަށް މިނިސްޓްރީން މަސައްކަތްކުރަންވާނެއެވެ. ބިދޭސީން ގެނައުމުގެ ކޯޓާއެއް ލިބިފައި އޮތްކަމުގައިވިޔަސް، ބިދޭސީއަކު ވަޒީފާއަށް ގެނައުމަށް ވަރކް ޕަރމިޓެއް ދޫކުރެވެނީ އެވަގުތަކު، އެ ވަޒީފާ އަދާކުރަން އަންނާނޭ ދިވެއްސަކު ނެތްނަމައެވެ.

(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ މައުލޫމާތު ރަށްރަށުގެ ރަށު ކައުންސިލްގެ އޮފީސްތަކަށާއި އަދި މާލޭގައި ހުންނަ ޖޮބް ސެންޓަރަށް ދިނުމުން، އެދިފައިވާ މަސައްކަތަށް ދިވެހިން ހޯދުމަށްޓަކައި އިއުލާން ކުރަންޖެހޭނަމަ، އިއުލާން ކުރާނީ ރަށު ކައުންސިލްގެ އޮފީސްތަކުންނާއި އަދި މާލޭގެ ޖޮބް ސެންޓަރުންނެވެ.

(ރ) ވަޒީފާއަށް ދިވެހިން ހޯދުމަށްޓަކައި އެ މަސައްކަތެއް ނުވަތަ ޕްރޮޖެކްޓެއް ހިންގާ ރަށްރަށުގެ ރަށު ކައުންސިލްގެ އޮފީހަށާއި އަދި މާލޭގައި ހުންނަ ޖޮބް ސެންޓަރަށް، ވަޒީފާއަށް ދިވެހިން ހޯދަން ބޭނުންވާ ކަމުގެ މައުލޫމާތު ދިނުމުން މިމާއްދާގެ (ނ) ގައިވާ ގޮތުގެމަތިން އިއުލާނުކުރަންޖެހޭނަމަ، އެ މައުލޫމާތު ދޭތާ 3 ދުވަސްތެރޭގައި އިއުލާންކޮށްދޭންވާނެއެވެ.

(ބ) ވާރކްޕާރމިޓް ހޯދުމަށް އެދި ހުށަހަޅަންވަނީ، އެ ބިދޭސީއަކަށް ވަޒީފާދޭ ފަރާތުން ނުވަތަ ވަޒީފާ ދޭ ފަރާތުން އައްޔަންކުރާ ފަރާތަކުންނެވެ.

(ޅ) ވާރކްޕާރމިޓް ހަވާލުކުރެވޭނީ ވަޒީފާ ދޭ ފަރާތަށް ނުވަތަ ވަޒީފާދޭފަރާތް އައްޔަންކުރާ ފަރާތަކަށެވެ. މި ގޮތުން ވަޒީފާދޭ ފަރާތުން އެހެން ފަރާތެއް އައްޔަންކުރާނަމަ، ވަޒީދޭ ފަރާތަކީ ގާނޫނީ ށަހްސެއްނަމަ އެ އިދާރާއެއްގެ ސިއްކަ ޖަހައި، ހުއްދަ ދިން ފަރާތާއި މަގާމު ބަޔާންކޮށްފައިވާ، އައްޔަނު ކުރިފަރާތް ބަޔާންކޮށްފައިވާ ލިޔުމާއި، ވަޒީފާދޭ ފަރާތަކީ ފަރުދެއްނަމަ ވަޒީފާދޭ ފަރާތުގެ އައި.ޑީ ކާޑުގެ އަސްލާއި، އައްޔަންކުރެވުނު ފަރާތުގެ އައި.ޑީ ކާޑުގެ އަސްލު ހުށަހަޅަންވާނެއެވެ.

(ކ) ވާރކްޕާރމިޓް ހޯދުމަށް ހުށަހަޅާ "ވާރކްޕާރމިޓް އެޕްލިކޭށަން ފޯމު" ބަލައިގަނެވޭނީ އެ ފޯމު ފުރިހަމަ ކުރުމަށްފަހު އެ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ހުށަހެޅުމުންނެވެ. 

 

11 ވަނަ މާއްދާ - ވާރކްޕާރމިޓް އަލުން ހަދައިދިނުން

(ހ) ވާރކްޕާރމިޓް ގެއްލިގެން ނުވަތަ ހަލާކުވެގެން އަލުން ހަދައިދެވޭނީ 10 (ދިހައެއް) ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށް ފަހުއެވެ. މިގޮތުން ދައްކަންޖެހޭ އެންމެހައި ފައިސާއެއް ދައްކާނީ މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަނަކަށެވެ.

(ށ) ވާރކްޕާރމިޓް ގެއްލިގެން ނުވަތަ ހަލާކުވެގެން އަލުން ހަދައިދެވޭނީ ވާރކްޕާރމިޓް ގެއްލުނުކަން އަންގައިދޭ ލިޔުމަކާއެކު، ވަޒީފަދިން ފަރާތުގެ އައި.ޑީ ކާޑުގެ އަސްލު ހުށަހެޅުމުންނެވެ.

ވާރކްޕާރމިޓްގެ މުއްދަތު

(ނ) ވާރކްޕާރމިޓް ދޫކުރެވޭނީ ގިނަވެގެން މީލާދީ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށެވެ.

 

 

 ލެޓަރ އޮފް އެޕޮއިންޓްމަންޓް

 

12 ވަނަ މާއްދާ - ލެޓަރ އޮފް އެޕޮއިންޓްމަންޓް ހުށަހެޅުން

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީން ރާއްޖެ ގެނައުމުގެ ކުރިން، ވަޒީފާދޭ ފަރާތުން ދޫކުރާ "ލެޓަރ އޮފް އެޕޮއިންޓްމަންޓް" ވާރކްޕާރމިޓަށް އެދޭއިރު ހުށަހަޅަންވާނެއެވެ.

(ށ) ލެޓަރ އޮފް އެޕޮއިންޓްމަންޓަކީ، ދިވެހިރާއްޖޭގައި މަސައްކަތް ކުރުމަށް ގެންނަ ބިދޭސީ މީހާއާއި، އެމީހާއަށް ވަޒީފާދޭ ފަރާތާ ދެމެދު ވަޒީފާގެ އެއްބަސްވުމެއްގައި ސޮއިކުރެވެންދެން، ވަޒީފާގެ އެއްބަސްވުން ކަމުގައި ބެލެވޭނެ ލިޔުމެކެވެ. ލެޓަރ އޮފް އެޕޮއިންޓްމަންޓްގައި، މި ގަވާއިދުގެ ޖަދުވަލު 3 (ލެޓަރ އޮފް އެޕޮއިންޓްމަންޓުގައި ހިމަނަންޖެހޭ މައުލޫމާތު) ގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

(ނ) ލެޓަރ އޮފް އެޕޮއިންޓްމަންޓްގައި ހިމެނޭ އެއްވެސް މާއްދާއެއް ' ވަޒީފާއާބެހޭ ގާނޫނު" ގެ 4 ވަނަ ބާބުގައި ބަޔާންކޮށްފައިވާ "ވަޒީފާގެ އެއްބަސްވުން" މި ސުރުހީގެ ދަށުން އައިސްފައިވާ އެއްވެސް މާއްދާއަކާ ތައާރުޒުވެގެން ނުވާނެއެވެ.

 

 ތިންވަބާބު

ބިދޭސީން ގެނައުމަށްފަހު ކުރަންޖެހޭ ކަންތައްތައް 

ވާރކްޕާރމިޓް ކާޑު 

 

13 ވަނަ މާއްދާ - ވާރކް ޕާރމިޓް ކާޑު ހެއްދުން

(ހ) ވާރކް ޕާރމިޓް ލިބިގެން ރާއްޖެ އަންނަ ބިދޭސީ މީހާ، ރާއްޖެ އެތެރެވި ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި، އޭނާގެ ވާރކްޕާރމިޓް ކާޑު ހެއްދުމަށް އޭނާއަށް ވަޒީފާދިން ފަރާތުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

ވާރކްޕާރމިޓް ހެއްދުމުގައި ބަލަން ޖެހޭ ކަންތައްތައް

(ށ) ވާރކްޕާރމިޓް ކާޑު ހަދައިދެވޭނި ވާމާރކްޕާރމިޓް ކާޑު އެޕްލިކޭށަން ފޯމާއެކު ތިރީގައިވާ އެންމެހައި ލިޔުންތައް ހުށަހެޅުމުންނެވެ.

  1. މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭގޮތަށް ސަރުކާރު ގަބޫލުކުރާ ފަރާތަކުން ދޫކޮށްފައިވާ މެޑިކަލް ސެޓްފިކެޓް ނުވަތަ ރިޕޯޓުގެ އަސްލު
  2. ޕާސްޕޯޓްގެ އޮރިޖިނަލް
  3. ސްޓޭމްޕް ސައިޒުގެ 1 ކުލަ ފޮޓޯ (25mm x 32mm)
  4. ވަޒީފާގެ އެއްބަސްވުން

ވާރކްޕަރމިޓް ކާޑު ދޫކުރެވޭ މުއްދަތު

(ނ) ވާރކް ޕާރމިޓް ކާޑު ދޫކުރެވޭނީ ވާރކްޕާރމިޓުގެ މުއްދަތަށެވެ.

ވާރކްޕަރމިޓް ކާޑު ހެއްދުމަށް ހުށަނޭޅުމުން ކުރެވޭ ޖޫރިމަނާ

(ރ) ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީއަކު ރާއްޖެ އަންނަތާ 15 ދުވަހުގެ ތެރޭގައި ވާރކްޕާރމިޓް ކާޑު ހައްދަން ހުށަނާޅައިފިނަމަ، ރާއްޖެ އަންނަތާ 16 ވަނަ ދުވަހުން ފެށިގެން، ވާރކްޕާރމިޓް ކާޑު ހައްދަން ހުށަހަޅާ ދުވަހާ ހަމައަށް ހިނގާފައިވާ ކޮންމެ ދުވަހަކަށް 10 (ދިހައެއް) ރުފިޔާގެ ޖޫރިމަނާއެއް މިނިސްޓްރީއަށް ދައްކަންވާނެއެވެ. މި ގޮތުން ޖޫރިމަނާއާއެކު ވާރކް ޕާރމިޓް ކާޑު ހަދައިދެވޭނީ ރާއްޖެއައި ދުވަހުން ފެށިގެން 2 މަސްދުވަސް ވަންދެންނެވެ.

(ބ) ބިދޭސީއަކު ރާއްޖެ އަންނަތާ 2 މަސްދުވަހުގެ ތެރޭގައި ވާރކްޕާރމިޓް ކާޑު ހެއްދުމަށް ހުށަނާޅައިފިނަމަ، އެބިދޭސީއަކު ރާއްޖެއިން ފުރުވާލަން ޖެހޭނެއެވެ. އަދި ފުރުވާލުމަށްފަހު އެ ބިދޭސީއެއްގެ ވާރކްޕާރމިޓް ކެންސަލް ކުރެވޭނެއެވެ.

ވާރކް ޕާރމިޓް ކާޑު ހެއްދުމަށް ހުށަނޭޅުމުން ފުރުވާލަން އެންގުން

(ޅ) މި މާއްދާގެ (ބ) ގައިވާގޮތުގެ މަތިން ފުރުވާލަންޖެހޭ ބިދޭސީން ފުރުވާލުމަކީ އެބިދޭސީއަކަށް ވަޒީފާދިން ފަރާތުގެ ޒިންމާއެކެވެ. މި ގޮތުން ފުރުވާލާ ކޮންމެ ބިދޭސީއަކަށް، އެ ބިދޭސީއަކު ރާއްޖެ އައިތާ 16 ވަނަ ދުވަހުން ފެށިގެން ފާއިތުވާ ކޮންމެ ދުވަހަކަށް 10 (ދިހައެއް) ރުފިޔާއިން ވަޒީފާދިން ފަރާތް ޖޫރިމަނާކުރެވޭނެއެވެ.

ވާރކްޕާރމިޓް ކާޑު ނުހަދާ ގެންގުޅޭ ބިދޭސީން އިންސްޕެކްށަނަކުން ފެނިއްޖެނަމަ ފޮނުވާލަން އެންގުން

(ކ) ރާއްޖެ ގެނައުމަށްފަހު 3 މަސް ދުވަހުގެ ތެރޭގައި ވާރކްޕާރމިޓް ކާޑު ހަދަން ހުށަހަޅާފައިނުވާ ބިދޭސީއެއް، ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ކުރާ އިންސްޕެކްށަނަކުން ފެނިއްޖެނަމަ އެ ބިދޭސީއެއްގެ ވާރކްޕާރމިޓް ބާތިލްކޮށް، އެ ބިދޭސީ މީހާ ރާއްޖެއިން ފޮނުވާލެވޭނެއެވެ.

(އ) މި މާއްދާގެ ދަށުން ކުރާ ޖޫރިމަނާގެ ފައިސާ ދައްކާ ނިމެންދެން އެ ފަރާތަކާމެދު މި ގަވާއިދުގެ 31 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަމަލުކުރެވޭނެއެވެ.

 

 

 ވާރކްޕާރމިޓް ކާޑު ބިދޭސީ މުވައްޒަފުގެ އަތުގައި އޮތުން

 

14 ވަނަ މާއްދާ - ވާރކްޕާރމިޓް ކާޑު ބިދޭސީ މުވައްޒަފުގެ އަތުގައި އޮތުން

(ހ) ވާރކްޕާރމިޓް ކާޑު ބިދޭސީ މީހާގެ އަތުގައި އަބަދުވެސް އޮންނަންވާނެއެވެ. އަދި ސަރުކާރުގެ ކަމާބެހެ ފަރާތަކުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި އެ ކާޑު ދައްކަންވާނެއެވެ.

 

ވާރކްޕާރމިޓް/ ވާރކް ޕާރމިޓް ކާޑު ގެއްލިގެން ނުވަތަ ހަލާކުވެގެން އަލުން ހެއްދުން

(ށ) ވާރކް ޕާރމިޓް ނުވަތަ ވާރކްޕާރމިޓް ކާޑު ގެއްލިގެން ނުވަތަ ހަލާކުވެގެން އަލުން ހައްދަން ހުށަހަޅާނީ "ވާރކް ޕާރމިޓް / ވާރކް ޕާރމިޓް ކާޑު އަލުން ހެއްދުމަށް އެދެ ފޯމު" ފުރިހަމަ ކުރުމަށްފަހު އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާ އެކުގައެވެ.

(ނ) ވާރކް ޕާރމިޓް ކާޑު ގެއްލިގެން ނުވަތަ ހަލާކުވެގެން އަލުން ހަދައިދެވޭނީ 50 (ފަންސާސް) ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.

 

 ވާރކްވީޒާ

15 ވަނަ މާއްދާ - ވާރކްވީޒާ ނެގުން

(ހ) ދިވެހިރާއްޖޭގައި މަސައްކަތްކުރާ ކޮންމެ ބިދޭސީއަކު ވާރކްވީޒާ ނަގަންވާނެއެވެ.

ވާރކްވީޒާ ނެގުމަށް ދެވޭ މުއްދަތު

(ށ) ވާރކްޕާރމިޓް ލިބިގެން ރާއްޖެ އަންނަ ބިދޭސީ މީހާ، ރާއްޖެ އެތެރެވި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި، އޭނާގެ ވާރކް ވީޒާ ހެއްދުމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް އޭނާއަށް ވަޒީފާދިން ފަރާތުން ހުށަހަޅަންވާނެއެވެ.

ވާރކްވީޒާ ފީ

(ނ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ ބިދޭސީއެއްގެ ފުށުން، އެމީހަކަށް ވަޒީފާ ދީގެން އުޅޭ ފަރާތުން، އެމީހަކު ވަޒިފާގައި ގެންގުޅޭ މުއްދަތުގައި، މީލާދީ ކޮންމެ މަހަކު 250 ރުފިޔާ ވާރކްވިޒާ ފީގެ ގޮތުގައި މިނިސްޓްރީއަށް، ނުވަތަ މިނިސްޓްރީން ކަނޑައަޅާ އިދާރާއަކަށް ދައްކަންވާނެއެވެ.

(ރ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ވަޒިފާއެއްގައި ހުރި ބިދޭސީއަކަށް އޭނާއަށް ވަޒީފާ ދިން ފަރާތުން ވަރކްވީޒާ ފީ ދައްކާފައިވަނިކޮށް އެހެން ފަރާތެއްގެ ވަޒީފާއަކަށް މި ގަވާއިދާ އެއްގޮތަށް ބަދަލުވާ ހާލަތްތަކުގައި، މީލާދީ އެއްމަހަކަށް ވާރކްވީޒާ ފީ ތަކުރާރުވާ ގޮތަށް ފީއެއް ނުނެގޭނެއެވެ. 

(ބ) ވަޒީފާގައި ހުންނަ ބިދޭސީއަކަށް ވާރކްވީޒާ ފީ ދެއްކުމަކީ އެމީހަކަށް ވަޒީފާ ދިން ފަރާތުގެ ޒިންމާއެކެވެ. ވަރކްވީޒާ ފީ ނުދައްކާ އޮތުން އެއީ ބިދޭސީ މީހާ އެހެން ފަރާތެއްގެ ވަޒީފާއަކަށް ބަދަލުވުމަށް ނުވަތަ ރާއްޖެއިން ފުރައިގެން ދިއުމަށް ހުރަސް އެޅޭނޭ ސަބަބެއް ނޫނެވެ.

 

 އެއަރޕޯޓުން ބިދޭސީ މީހާއާ ހަވާލުވުން

 

16 ވަނަ މާއްދާ  - ބިދޭސީމީހާއާއި އެއަރޕޯޓުން ހަވާލުވުން

(ހ) ވާރކްޕާރމިޓް ލިބިގެން ދިވެހިރާއްޖެއަށް އަންނަ ބިދޭސީންގެ ތެރެއިން ޕްރޮފެށަނަލް ގިންތި ފިޔަވައި އެހެން ގިންތި ތަކުގެ ބިދޭސީން ރާއްޖެ އެތެރެވާއިރު، އެބިދޭސީމީހާއަށް ވަޒީފާދޭ ފަރާތުން ނުވަތަ އެ ބިދޭސީއަކު ރާއްޖެ ގެނައުމަށް މެދުވެރިވާ އެމްޕްލޯއިމަންޓް އޭޖެންސީއަކުން އެ މީހަކު އެތެރެވާ ބަނދަރަކަށް ގޮސް އެ ބިދޭސީއަކާ ހަވާލުވާންވާނެއެވެ.

(ށ) ބިދޭސި މީހާ ބަލާ އެއަރޕޯޓަށް ދާއިރު، އެ ބިދޭސީ މީހާއާ ހަވާލުވާން އަންނަ މީހެއްގެ އަތުގައި އެމީހަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް އޮންނަންވާނެއެވެ.

 

ވާރކްޕާމިޓްގެ މުއްދަތު އިތުރުކުރުން 

 

17 ވަނަ މާއްދާ - ވާރކްޕާރމިޓްގެ މުއްދަތު އިތުރުކުރުން

(ހ) ވާރކްޕާރމިޓުގެ މުއްދަތު ހަމަވުމުން މުއްދަތު އިތުރުކުރަން ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން އެއްބަސްވާނަމަ، ވާރކްޕާރމިޓުގެ މުއްދަތު ހަމަވުމުގެ ކުރިން، މުއްދަތު އިތުރުކުރަން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި ވާރކްޕާރމިޓުގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހެޅުމުން، ވާރކްޕާރމިޓް ހޯދުމަށް އެދި ހުށަހަޅާއިރު ރިއާޔަތްކުރާ އެންމެހައި ކަންތައްތަކަށް ރިއާޔަތްކުރެވޭނެއެވެ.

(ށ) ވާރކްޕާރމިޓުގެ މުއްދަތު އިތުރުކުރަން އެދި ހުށަހަޅާނީ "ވާރކްޕާރމިޓުގެ މުއްދަތު އިތުރުކުރަން އެދޭ ފޯމު" ފުރިހަމަ ކުރުމަށްފަހު، އެ ފޯމުގައި ބަޔާކޮށްފައިވާ ލިޔުންތަކާއެކުގައެވެ.

(ނ) ވާރކްޕާރމިޓުގެ މުއްދަތު ހަމަވުމަށްފަހު މުއްދަތު އިތުރު ކުރުމަށް ހުށަހެޅޭނީ، މުއްދަތު ހަމަވި ދުވަހުން ފެށިގެން މުއްދަތު އިތުރުކުރަން ހުށަހެޅި ދުވަހާ ހަމައަށް ފާއިތުވެފައިވާ ކޮންމެ ދުވަހަކަށް 10 (ދިހައެއް) ރުފިޔާގެ މަގުން ޖޫރިމަނާއެއް މިނިސްޓްރީއަށް ދެއްކުމުންނެވެ. އަދި ވާރކްޕާރމިޓުގެ މުއްދަތު ހަމަވެގެން 3 މަސް ފަހުން މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފަރާތްތަކުގެ ވާރކްޕާރމިޓް ބާތިލްކޮށް އެ ބިދޭސީން ރާއްޖެއިން ފުރުވާލަން ޖެހޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ފައިސާ ނުދައްކާ ފަރާތްތަކާމެދު މި ގަވާއިދުގެ 31 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަމަލުކުރެވޭނެއެވެ.

(ބ) މި މާއްދާގެ (ނ) ގެ ދަށުން ފުރުވާލަންޖެހޭ ބިދޭސީން ފުރުވާލުމަކީ އެބިދޭސީއަކަށް ވަޒީފާދިން ފަރާތުގެ ޒިންމާއެކެވެ.

 

18 ވަނަ މާއްދާ - މިނިސްޓްރީ އަށް ލިބިގެންވާ ބާރު

(ހ) ވާރކްޕާރމިޓުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅުމުން، ވާރކްޕާރމިޓުގެ މުއްދަތު އިތުރުކުރަން އެދޭ ފޯމުގައި ބަޔާންކޮށްފައިވާ ކަންކޮށްފައިވަ ކަންތައްތައް ފުރިހަމަ ވެފައިވޭތޯ ބެލުމުގެ އިތުރުން ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމަށް ރިއާޔަތްކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މިކަންތައްތައް ފުރިހަމަ ވެފައިނުވާނަމަ، ވާރކްޕާރމިޓް އައުކޮށް ނުދީ އެ ބިދޭސީމީހާ ރާއްޖެއިން ފުރުވާލަން އެންގުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބިދޭސީން ފުރުވާނުލާ ގެންގުޅޭ ފަރާތްތަކާމެދު މިގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އަމަލުކުރެވޭނެއެވެ.

 

 ހަތަރުވަނަ ބާބު

ބިދޭސީ މުވައްޒަފުން ބެލެހެއްޓުން

 

19 ވަނަ މާއްދާ - ބިދޭސީ މުވައްޒަފުން ބެހެއްޓުން

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީއަކު ގެނެސްފިނަމަ، އެމީހަކަށް ވަޒީފާދިން ފަރާތުން ތިރީގައި ބަޔާންކޮށްފައިވާ ޒިންމާތައް އަދާކުރަންވާނެއެވެ.

  1. ވާރކްޕާރމިޓާއި ވާރކްވީޒާއާ ގުޅިގެން ސަރުކާރަށް ދައްކަންޖެހޭ ހުރިހާ ފީއަކައި ފައިސާއެއް މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ދެއްކުން.
  2. ވާރކްޕާރމިޓުގެ މުއްދަތު ހަމަވުމުން އެމީހަކު އެމީހެއްގެ ގައުމަށް ފޮނުވުން.
  3. ވާރކްޕާރމިޓުގެ މުއްދަތު ހަމަނުވިނަމަވެސް، އެއްވެސް ސަބަބަކާ ހުރެ އެމީހަކު ރާއްޖެއިން ފޮނުވާލަން ސަރުކާރުގެ ފަރާތަކުން ކަނޑައަޅައިފިނަމަ، އެމީހަކު ފޮނުވާލުމަށްޓަކައި ކުރަންޖެހޭ ހުރިހާ ހަރަދެއް ކުރުން.
  4. ބިދޭސީ މީހާ މަރުވެއްޖެނަމަ ވަޒީފާގެ އެއްބަސްވުމުގައި ވާގޮތުގެ މަތިން އަމަލުކުރުމާއެކު، ވަޒީފާގެ އެއްބަސްވުމުގައި ވަކި ގޮތަކަށް ކަނޑައެޅިފައިނުވާ ހާލާތްތަކުގައި މަރުވިމީހާ ވަޅުލުމުގެ އިހުތިޔާރު ވަޒީފާދިން ފަރާތަށް ލިބިގެންވެއެވެ.
  5. ބިދޭސިމީހާގެ އާއިލާގެ ފަރާތުން އެމީހާގެ ހަށިގަނޑު އެމީހެއްގެ ގައުމަށް ގެންދިއުމަށް ބޭނުންވާނަމަ އެ ފަރާތެއްގެ ހަރަދުގައި އެފަދައިން އަމަލުކުރުމަށް މި ގަވާއިދު މަނައެއް ނުކުރެއެވެ. މި ގޮތުން ކުރަންޖެހޭ ހުރިހާ ހަރަދެއް ކުރަންޖެހޭނީ ބިދޭސީ މީހާގެ އާއިލާގެ ފަރާތުންނެވެ.
  6. މީގެ އިތުރުން ގާނޫނު ނަންބަރު 20018/2 (ވަޒީފާއާބެހޭ ގާނޫނު) އާއި، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތްތަކުގެ މައްޗަށް ހިންގޭ އެންމެހައި ގާނުނުތަކާއި ގަވާއިދުތަކާ ހިލާފުނުވާ ގޮތުގެމަތިން ވަޒީފާދޭ ފަރާތުން ވަޒީފާ އަދާކުރާ ބިދޭސީ ފަރާތްތަކާއެކު މުއާމަލާތް ކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - ބިދޭސީ މުވައްޒަފު ފިލުން

(ހ) ވާރކްޕާރމިޓް ލިބިގެން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެނެސްފައިވާ ބިދޭސީއެއް ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ، އެ ބިދޭސީއެއް ގެއްލުނުކަން ވަގުތުން މޯލްޑްވިސް ޕޮލިސް ސާރވިސްއަށް އަންގަންވާނެއެވެ.

(ށ) ފިލައިގެން ނުވަތަ ގެއްލިގެން އުޅޭ ބިދޭސީއެއްގެ ވާރކްޕާރމިޓް ބާތިލްކުރަން އެދި ހުށަހެޅުމުން، އެމީހެއްގެ ވާރކްޕާރމިޓް ބާތިލްކުރަންވާނެއެވެ. މިގޮތުން، ބާތިލްކުރެވޭ ވާރކްޕާރމިޓަށް ދެވިފައިވާ ކޯޓާ އުނިކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތްކަމުގައިވިޔަސް، ބިދޭސީމީހާ ފިލުމުގައި ވަޒިފާ ދިން ފަރާތުގެ އިހުމާލެއް ނެތްކަމަށް މިނިސްޓްރީއަށް ފެނިއްޖެނަމަ، ދޫކުރެވިފައިވާ ކޯޓާއިން އުނި ނުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި އެ ގޮތުގެ މަތިން ކޯޓާ ދިނުމަށްފަހު، ބިދޭސީ މީހާ ފިލުމުގައި ވަޒީފާދިން ފަރާތުގެ އިހުމާލު އޮތްކަމަށް މިނިސްޓްރީއަށް ފެނިއްޖެނަމަ ފަހުން ދެވުނު ކޯޓާ ބާތިލުކުރުމުގެ އިހުތިޔާރުވެސް މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ރ) ފިލައިގެން ނުވަތަ ގެއްލިގެން އުޅޭ ބިދޭސީއެއްގެ ވާރކްޕާރމިޓް ބާތިލްކުރުމަށް އެދި ހުށަހަޅާނީ މިނިސްޓްރީން ދޫކުރާ "ވާރކްޕާރމިޓް ބާތިލްކުރުމަށް އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއިއެކު މިނިސްޓްރީއަށެވެ.

  1. ބިދޭސީމީހާ ފިލުމުން ނުވަތަ ގެއްލުމުން މޯލްޑިވްސް ޕޮލިސް ސާރވިސްއިން ދޫކޮށްފައިވާ ޕޮލިސް ރިޕޯޓް.
  2. ވާރކްޕާރމިޓް ގެ އޮރިޖިނަލް.

ބިދޭސީ މުވައްޒަފު ފިލުމުން ނުވަތަ ގެއްލުމުން އަމަލުކުރަންޖެހޭ ގޮތާ ހިލާފުވުން

(ބ) މި ގަވާއިދުގެ ދަށުން ދިވެހިރާއްޖެގައި މަސައްކަތްކުރުމަށް ގެނެސްފައިވާ ބިދޭސީއަކު ފިލުމުން ނުވަތަ ގެއްލުމުން އަމަލުކުރުމަށް މިގަވައިދުގައި ބުނެފައިވާ ގޮތާ ހިލާފުވާ ފަރާތްތަކާމެދު މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އަމަލުކުރެވޭނެއެވެ.

(ޅ) ބިދޭސީއަކު ފިލުމުން ނުވަތަ ގެއްލުމުގެ ސަބަބުން ވާރކްޕާރމިޓް ބާތިލްކޮށްފައިވާ ބިދޭސީއެއް، ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ކުރާ އިންސްޕެކްޝަނަކުން ނުވަތަ އެނޫންވެސް ގޮތަކުން ފެނިއްޖެނަމަ، އެ ބިދޭސީއެއްގެ ގައުމަށް ފޮނުވުމުގެ ހަރަދު ކުރަންވާނީ މި ގަވާއިދާ ހިލާފަށް އެ ބިދޭސީމީހާ ވަޒީފާގައި ގެންގުޅުނު ފަރާތުންނެވެ.ފިލުމަށްފަހު ބިދޭސީމީހާ ވަޒީފާގައި ގެންގުޅުނު ފަރާތް ކަނޑައެޅިގެން ސާބިތުނުވާ ހާލަތްތަކުގައި، އެ ބިދޭސީއެއްގެ ގައުމަށް ފޮނުވުމުގެ ހަރަދު ކުރަންވާނީ އެ ބިދޭސީއަކު ފިލިއިރު ނުވަތަ ގެއްލުނު އިރު ވަޒީފާ ދީފައިވާ ފަރާތުންނެވެ.

(ކ) ބިދޭސީ މީހާ ފެނިގެން އެމީހާ ފުރުވާލުމަށް ސަރުކާރުގެ އެއްވެސް ފަރާތަކުން ނިންމައިފިނަމަ، ވަޒީފާދެ ފަރާތުން ބަހައްޓާފައިވާ ޑިޕޮސިޓް ފައިސާގެ އިތުރުން އެއްވެސް ހަރަދެއް ކުރަން ޖެހިއްޖެނަމަ އެ ހަރަދު ކުރަންވާނީ އެ ބިދޭސީ މީހާއަށް ވަޒީފާދިން ފަރާތުންނެވެ.

(އ) މިމާއްދާގެ (ޅ) ގައިވާ ގޮތުގެމަތިން ބިދޭސީއަކާމެދު އޭނާއަށް ވަޒީފާދިން ފަރާތުން އަދާކުރަންޖެހޭ ހައްގުތައް ފުރިހަމައަށް އަދާނުކުރުމުގެ ސަބަބުން، ސަރުކާރުން ނުވަތަ ކަމާބެހޭ ފަރާތަކުން އެފަދަ އެއްވެސް ހަރަދެއް ކޮށްފައިވާނަމަ،އެ ހަރަދުތައް ވަޒީފާދޭ ފަރާތުން ދައްކަން އެންގުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ވ) ބިދޭސީ މީހާ ފުރުވާލަންޖެހުނީ ބިދޭސީ މީހާގެ އިހުމާލު އޮވެގެންކަމަށް މިނިސްޓްރީން ސާބިތުކުރެވިއްޖެނަމަ،  އެ ބިދޭސީއަކު އެނބުރި ގައުމަށްދިއުމަށްޓަކައި ކުރަންޖެހޭ އެންމެހައި ހަރަދުތައް އެ ބިދޭސީއަކު އަތުން ނެގުމަކަށް މިމާއްދާ ހުރަހެއްނާޅައެވެ.

(މ) ފިލައިގެން ނުވަތަ ގެއްލިގެން އުޅޭ ބިދޭސީއެއްގެ ވާރކްޕާރމިޓް މިނިސްޓްރީން ބާތިލްކުރުމުން އެ ބިދޭސީއަކާ މެދު އަމަލުކުރެވޭނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނާ މެދު އަމަލުކުރެވޭ އުސޫލުންނެވެ.

 

 ބިދޭސީމީހާ ފުރައިގެން ދިއުން

 

21 ވަނަ މައްދާ - ވަޒީފާއިން ވަކިވެގެން ނުވަތަ ޗުއްޓީގައި ފުރައިގެން ދިޔުން

(ހ) ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ގެންނަ ބިދޭސީއަކު ޗުއްޓީއަށް އެނބުރި ގައުމަށް ދާއިރު ނުވަތަ ވަޒީފާއިން ވަކިވެގެން ފުރައިގެންދާއިރު، ވާރކްޕާރމިޓް ނުވަތަ ވާރކްވީޒާއާ ގުޅޭގޮތުން އެއްވެސް ފައިސާއެއް ދައްކަން ޖެހި ނުދައްކާ އޮތްނަމަ، އެފައިސާއެއް ދެއްކުމަކީ އެމީހަކަށް ވަޒިފާދިން ފަރާތުގެ ޒިންމާއެކެވެ.

(ށ) ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެނެސްފައިވާ ބިދޭސީއަކު ވާރކްޕާރމިޓުގެ މުއްދަތު ހަމަނުވަނީސް ވަޒީފާދޭ ފަރާތުގެ ހުއްދަނެތި ނުވަތަ ވަޒީފާގެ އެއްބަސްވުމާ ހިލާފަށް ބިދޭސީމީހާ ރާއްޖެއިން ފުރައިގެން ހިނގައްޖެނަމަ، އެ މީހަކު ވަޒީފާއިން ވަކިކޮށް، އެ ބިދޭސީމީހާ ފުރައިގެން ދިޔަ ސަބަބު ބަޔާންކޮށް 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކަން މިނިސްޓްރީއަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފުރައިގެންދާ މީހުންގެ މައްސަލަ މިނިސްޓްރީން ބެލުމަށްފަހު، ވާރކްޕާރމިޓުގެ ބާކީ އޮތް މުއްދަތު ހަމަވަންދެން ނުވަތަ މިނިސްޓްރީން ކަނޑައަޅާ މުއްދަތަކަށް އެހެންފަރާތެއްގެ ވަޒީފާއަކަށް ރާއްޖެއަށް ނާދެވޭ ގޮތަށް ހަމަޖެއްސުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

 

ވަގުތީ ވާރކްޕާރމިޓް

 

22 ވަނަ މާއްދާ - ވަގުތީ ވާރކްޕާރމިޓް ދޫކުރުން

(ހ) ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީންގެ ތެރެއިން 3 މަސް ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ވަޒީފާ އަދާކުރަން ބޭނުންވާ ފަރާތްތަކަށް 3 މަސް ދުވަހަށްވުރެ ދިގުނުވާނެ ގޮތުގެމަތިން ވާރކްޕާރމިޓެއް ދޫކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) ވަގުތީ ވާރކްޕަމިޓް ދޫކުރެވޭނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް ނުވަތަ ދިވެއްސަކާއި އެ ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީ މީހައާ ދެމެދު އެގްރީމަންޓް ކުރެވިގެން ކުރާ މަސައްކަތްތައް ކުރުމަށް އަންނަ ފަރާތްތަކަށެވެ.

(ނ) ވަގުތީ ވާރކްޕާރމިޓަށް އެދި ހުށަހަޅާނީ "ވަގުތީ ވާރކްޕާރމިޓް ފޯމު" ފުރިހަމަ ކުރުމަށްފަހު، އެފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު މިނިސްޓްރީއަށެވެ.

(ރ) ވަގުތީ ވާރކްޕާރމިޓުގެ މުއްދަތު ހަމަވުމަށްފަހު އެ މީހަކު ރާއްޖެއިން ފުރުވާލަން ޖެހޭނެއެވެ. އަދި ހުއްދަ ދީފައިވާ މުއްދަތު ހަމަވުމަށްފަހު ފާއިތުވެފައިވާ ކޮންމެ ދުވަހަކަށް 10 (ދިހައެއް) ރުފިޔާގެ މަގުން ވަޒީފާދިން ފަރާތް ޖުރިމަނާ ކުރެވޭނެއެވެ.

(ބ) މިމާއްދާގެ (ރ) ގައިވާ ގޮތުގެމަތިން އަމަލުނުކުރާ ފަރާތްތަކާމެދު މިގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުމާއެކު، ޖުރިމަނާގެ ފައިސާ ނުދައްކާ ފަރާތްތަކާމެދު މިވަގުތުގެ 31 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަމަލުކުރެވޭނެއެވެ.

 

 ވާރކްޕާރމިޓް ބާތިލްކުރުން

 

23 ވަނަ މާއްދާ - ވާރކްޕާރމިޓް ބާތިލްކުރުން

(ހ) ވާރކްމިޓް ބާތިލްކުރެވޭނީ، "ވާރކްޕާރމިޓް ބާތިލްކުރުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، އެފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.

(ށ) ވާރކްޕާރމިޓް ލިބުމަށްފަހު، ބިދޭސީމީހާ ރާއްޖެއައުމުގެ ކުރިން ވާރކްޕާރމިޓް ބާތިލްކުރަން ހުށަހަޅައިފިނަމަ، 7 (ހަތެއް) ދުވަހުގެ ތެރޭގައި ވާރކްޕާރމިޓް ބާތިލު ކުރެވޭނެއެވެ. ވާރކްޕާރމިޓް ބާތިލްކުރަން ހުށަހަޅާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ބިދޭސީމީހާ ރާއްޖެ އަތުވެއްޖެނަމަ، މި ގަވާއިދުގެ ދަށުން ބިދޭސީމީހާއަށް ކޮށްދޭންޖެހޭ ހުރިހާކަމެއް ކޮށްދިނުމަށްފަހު، ވަޒީފާދިން ފަރަތުގެ ހަރަދުގައި އެ ބިދޭސީއެއް ރާއްޖެއިން ފޮނުވާލަންވާނެއެވެ.

އޮޓަމެޓިކުން ވާރކްޕާރމިޓް ބާތިލްކުރުން

(ނ) ތިރީގައި ބަޔާން ކޮށްފައިވާ ހާލަތުގައި، ވާރކްޕާރމިޓް ބާތިލުވާނެއެވެ.

  1. ވާރކްޕާރމިޓް ދީފައިވާ ބިދޭސީއަކު، ވާރކްޕާރމިޓް ދީފައިވާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ރާއްޖެ ނައުން.
  2. ވާރކްޕާރމިޓުގެ މުއްދަތު ހަމަވިއިރު ބިދޭސީމީހާ ރާއްޖޭން ބޭރުގައި ހުރުން.

(ރ) ވާރކްޕާރމިޓުގެ މުއްދަތުގެ ތެރޭގައި ބިދޭސީއަކު ރާއްޖެއިން ގޮސް، ވާރކްޕާރމިޓުގެ މުއްދަތު ހަމަވިއިރު ރާއްޖެ އައިސްފައި ނުވާނަމަ، އެ ބިދޭސީ މީހާގެ ވާރކްޕާރމިޓް ބާތިލްކުރަން މިނިސްޓްރީއަށް ހުށަހެޅުމުގެ އިހުތިޔާރު އޭނާއަށް ވަޒީފާދިން ފަރާތަށް ލިބިގެންވެއެވެ. އަދި އެފަދަ ވާރކްޕާރމިޓްތައް ބާތިލުކުރެވޭނެއެވެ.

(ބ) ވާރކްޕާރމިޓް ލިބިގެން ރާއްޖެ އައިސްފައިވާ ބިދޭސީއެއް، ވާރކްޕާރމިޓް ބާތިލުނުކޮށް ރާއްޖެއިން ފުރުމަށްފަހު ނުވަތަ، ފުރުވާލުމަށްފަހު ވާރކްޕާރމިޓުގެ މުއްދަތު ހަމަވުމުގެ ކުރިން ނުވަތަ ވާރކްޕާރމިޓުގެ މުއްދަތުހަމަވުމުގެ ފަހުން، ވާރްކާޕާރމިޓް ބާތިލުކުރަން ހުށަހެޅި ނަމަވެސް، ވާރކްޕާރމިޓް ބާތިލްކުރަން ހުށަހެޅުމާއެކު އެފަދަ ވާރކްޕާރމިޓްތައް ބާތިލްކުރަންވާނެއެވެ.

 

 ބިދޭސީން ރަޖިސްޓްރީކުރުން

 

24 ވަނަ މާއްދާ - ބިދޭސީން ރަޖިސްޓްރީކުރުން

(ހ) ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ރަޖިސްޓްރީއެއް ސަރުކާރުން ބެލެހެއްޓުމަށްޓަކައި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިމެ އެރަށެއްގެ ރަށު ކައުންސިލްގެ އޮފީހުގައި އަދި ސިޓީ ކައުންސިލްގެ އޮފީހުގައި "ބިދޭސީން ރަޖިސްޓްރީކުރާ ދަފުތަރެއް" އޮންނަންވާނެއެވެ.

(ށ) މިގޮތުން ބިދޭސީ މީހާ މަސައްކަތްކުރަނީ މީހުން ދިރިއުޅޭ ރަށެއްގައިނަމަ، މި މާއްދާގެ (ހ) ގައި ބުނެފައިވާ ދަފުތަރުގައި އެ ބިދާސީއަކަށް ވަޒީފާ ދިފައިވާ ފަރާތުން އެ ބިދޭސީއެއް ރަޖިސްޓްރީ ކުރަންވާނެއެވެ. އަދި ބިދޭސީ މީހާ މަސައްކަތްކުރަނީ މީހުން ދިރިނޫޅޭ ސިނާއީ ރަށެއްގައިނަމަ އެ ރަށަކާ އެންމެ ކައިރިން މީހުން ދިރިއުޅޭ ރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްގެ އޮފީހުގައި އޮންނަ ދަފުތަރުގައި ރަޖިސްޓްރީ ކުރަންވާނެއެވެ.

(ނ) ބިދޭސީއަކު އެއްރަށުން އަނެއް ރަށަށް ބަދަލުކުރާނަމަ، އެބަދަލުވާ ރަށެއްގެ ދަފުތަރުގައި އެ ބިދޭސީއަކު ރަޖިސްޓްރީ ކުރަންވާނެއެވެ. އަދި ކުރިން ރަޖިސްޓްރީ ވެފައިވާ ދަފުތަރުން އެބިދޭސީއަކު އުނިކުރަންވާނެއެވެ.

(ރ) މިމާއްދާގެ (ށ) އަދި (ނ) އާ ހިލާފަށް ބިދޭސީން ލައްވާ މަސައްކަތްކުރުވާ ފަރާތްތަކަމެދު މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އަމަލުކުރުމާއެކު، ތިރީގައި މިވާ ފިޔަވަޅު އެޅުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. ރަޖިސްޓްރީނުކޮށް މަސައްކަތްކުރުވާ ކޮންމެ ބިދޭސީއަކަށް މަސައްކަތްކުރުވާ ކޮންމެ ދުވަހަކަށް 1000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުން.
  2. މިމާއްދާގެ (ރ) ގެ (1) ގައި ބަޔާންކުރާ ޖުރިމަނާގެ ފައިސާ ނުދައްކާ ފަރާތްތަކާމެދު މި ގަވާއިދުގެ 31 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަމަލުކުރެވޭނެއެވެ.

 

 ފަސްވަނަ ބާބު

އެހެނިހެންކަންތައްތައް

 

25 ވަނަ މާއްދާ - މައްސަލަ ބެލުމަށްޓަކައި މިނިސްޓްރީއަށް ހާޒިރުވުން

(ހ) މި ގަވާއިދުގެ ދަށުން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލައެއް ބެލުމަށްޓަކައި އެ މައްސަލައަކާގުޅޭ ފަރާތެއް މިނިސްޓްރީއަށް ހާޒިރުވާން އެންގުމުން ހާޒިރުވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ހާޒިރުވާން އަންގާ އެންގުމުގެ ތެރޭގައި، ދީފައިވާ އެޑްރެހަށް ލިޔުން ފޮނުވުމާއި، ފޯނުން ގުޅުމާއި، އަދި  އެނޫންވެސް ވަސީލަތެއް ބޭނުންކުރުން ހިމެނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވަސީލަތެއް ނުވަތަ ވަސީލަތްތައް ބޭނުންކޮށްގެން ހާޒިރުކުރަން ބެނުންވާ ފަރާތް ހާޒިރު ނުވެއްޖެނަމަ، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެފަރާތަކާމެދު އަމަލުކުރެވޭނެއެވެ.

 

26 ވަނަ މާއްދާ - ޖޫރިމަނާގެ ފައިސާ ދެއްކުން

(ހ) މި ގަވާއިދުގެ ދަށުން އެއްވެސް ޖޫރިމަނާއެއް ނުވަތަ އެނޫންވެސް ފައިސާއެއް ދައްކަންޖެހޭނަމަ، އެފައިސާ ދައްކާނީ މިނިސްޓްރީއަށް ނުވަތަ ސަރުކާރުން ކަނޑައަޅާ އިދާރާއަކަށެވެ.

ޖޫރިމަނާގެ ފައިސާ ނުދެއްކުމުން ފިޔަވަޅުއެޅުން

(ށ) މި ގަވާއިދުގެ ދަށުން ކުރެވޭ ޖޫރިމަނާގެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ނުދައްކައިފިނަމަ، އެ ފައިސާ ހޯދުމަށް ދައުވާކުރުމުގެ ފުރުސަތު ސަރުކާރަށް ނުވަތަ ސަރުކާރުން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މިގަވާއިދުގެ ދަށުން ކުރެވޭ އެކިއެކި ޖޫރިމަނާތައް ދައްކާ ހަލާސްކުރަންދެން ތިރީގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ނުދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. ދޫކުރެވިފައިވާ ކޯޓާގެ މަގާމު ބަދަލުކޮށްދިނުން
  2. ދޫކުރެވިފައިވާ ކޯޓާއަށްވުރެ އިތުރަށް ކޯޓާ ދިނުން
  3. އިތުރު ބިދޭސީއަކަށް ވާރކްޕާރމިޓް ދިނުން.
  4. ވާރކްޕާރމިޓުގެ މުއްދަތު އިތުރުކޮށްދިނުން.

ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ އެންމެ މަތީ މިންވަރު ކަނޑައެޅުން

(ރ) ގަވާއިދާ އެއްގޮތަށް އަމަލުނުކުރެވުމުގެ ސަބަބުން، މި ގަވާއިދުގެ ދަށުން ކުރެވޭ ޖޫރިމަނާގެ ފައިސާގެ އަދަދު 3000 (ތިންހާސް) ރުފިޔާއަށްވުރެ އިތުރުވެގެންނުވާނެއެވެ.

(ބ) ޖޫރިމަނާގެ އަދަދު 1000 ރުފިޔާއަށް ވުރެ މަތިވާނަމަ 3 މަސް ދުވަހުގެތެރޭގައި އެފައިސާ ދައްކައި ނިންމަންވާނެއެވެ. މިގޮތުން ޖޫރިމަނާގެ އަދަދު 3 މަސް ދުވަހުތެރޭގައި ދެއްކުމަށް ބައިކޮށްދެވޭނީ ޖޫރިމަނާކުރި އަދަދުގެ މަދުވެގެން %25 ދެއްކުމުންނެވެ.

(ޅ) ޖޫރިމަނާ ދެއްކުމަށް ހުށަހަޅާފައިވާ ތާވަލާ އެއްގޮތަށް ފައިސާ ދައްކަން ފެށުމުން، އެ ފަރާތަކަށް ލިބިފައިވާ ކޯޓާއިން ބިދޭސީން ނުގެނެސް ތިބި މަގާމުތަކަށް އެ ފަރާތުން އެދޭ ގޮތެއްގެމަތިން ވާރކްޕާރމިޓް ދެވޭނެއެވެ.

(ކ) މި މާއްދާގެ (ބ) ގެ ދަށުން ކަނޑައެޅޭ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ދައްކާ ނުނިންމައިފިނަމަ، އަމަލުކުރެވޭނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

  1. ގަވާއިދުން ވާރކްޕާރމިޓުގެ މުއްދަތު އިތުރުކުރަން ހުށަނާޅާ ތިބި ބިދޭސީންނާއި އެ ބިދޭސީއަކާ ގުޅޭގޮތުން އެއްވެސް ޖޫރިމަނާއެއް މިނިސްޓްރީއަށް ދައްކަންޖެހި ނުދައްކާތިބި ބިދޭސީން ފޮނުވާލަން އެންގުން.
  2. ޖޫރިމަނާގެ ފައިސާ 7 ދުވަހުގެ ތެރޭގައި ދެއްކުމަށް ވަޒީފާދިން ފަރާތަށް އެންގުން.
  3. މީގެ އިތުރުން މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އަމަލުކުރެވޭނެއެވެ.

 

27 ވަނަ މާއްދާ - ގަވާއިދާ ހިލާފަށް ރެކްރޫޓްކުރުން މަނާކުރުން

ވާރކްޕާރމިޓް ލިބިގެން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން، ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނެސް ރެކްރޫޓް ކުރުމަކީ މަނާކަމެކެވެ. އަދި އެފަދަ ފަރާތަކާމެދު އަމަލުކުރެވޭނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނާމެދު އަމަލުކުރެވޭ އުސޫލުންނެވެ. އަދި އެފަދަ ފަރާތްތައް 5 (ފަހެއް) އަހަރުގެ މުއްދަތަކަށް ރާއްޖޭގައި މަސައްކަތްކުރުމަށް ވަރކްޕަރމިޓެއް ނުދޭ ގޮތަށް ކަނޑައަޅައި، އޭނާގެ ވަރކްޕަރމިޓް ބާތިލްކުރެވޭނެއެވެ.

 

28 ވަނަ މާއްދާ - ތެދު މައުލޫމާތު ދިނުން

މި ގަވާއިދުގެ ދަށުން ލިބިދެވޭ ހިދުމަތެއް ހޯދުމަށް އެދި ހުށަހަޅާ ލިޔުމެއްގައި ބަޔާންކުރަންވާނީ ތެދު މައުލޫމަތެވެ. ހުށަހަޅާފައިވާ މައުލޫމާތަކީ ތެދު ނޫން މައުލޫމާތެއްކަން ސާބިތުވެއްޖެނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި، ފިޔަވަޅުއެޅުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

29 ވަނަ މާއްދާ - އިންސްޕެކްޓްކުރުން

ވާރކްޕާރމިޓް ލިބިގެން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެނެސްފައިވާ ބިދޭސީން، ވަޒީފާގައި ގެންގުޅެނީ މި ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ ގޮތުން، މަސައްކަތްކުރާ ތަނަށް ނުވަތަ ބިދޭސީން ތިބުމުގެ ކަންތައް ހަމަޖެހިފައިވާ ތަނަށް، މިނިސްޓްރީގެ ނުވަތަ މިނިސްޓްރީން ކަނޑައަޅާ އިންސްޕެކްޓަރުން ގޮސް އިންސްޕެކްޓް ކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ނުވަތަ ލޭބަރ ރިލޭށަން އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

30 ވަނަ މާއްދާ -ވަޒީފާދޭ ފަރާތް ނިޔާވުން

ވަޒީފާދޭ ފަރާތެއް ނިޔާވިއިރު، އެފަރާތުގެ ހަވާލުގައި ވާރކްޕާރމިޓް ލިބިގެން ބިދޭސީން ތިބިނަމަ، ވަޒީފާ ދިންފަރާތުގެ ވާރިސަކާއި އެ ބިދޭސީއަކާ ދެމެދު އެއްބަސްވި ގޮތެއްގެމަތިން، އައު ވަޒީފާގެ އެއްބަސްވުމެއްގައި ސޮއިކުރެވިދާނެއެވެ. އަދި އައު އެއްބަސްވުމެއްގައި ވާރިސަކު ސޮއިކުރަން އެއްބަސްނުވާނަމަ، އެ ބިދޭސީއަކު އެހެން ފަރާތެއްގެ ވަޒީފާއަށް ބަދަލުވުމުގެ ފުރުސަތު ދޭންވާނެއެވެ. މިގޮތުން އެހެން ފަރާތެއްގެ ވަޒީފާއަށް ބަދަލުވާން ބޭނުންނަމަ، އެކަން މިނިސްޓްރީއަށް އެންގުމުން، 1 މަސްދުވަހުގެ މުއްދަތެއް އެހެން ފަރާތެއްގެ ވަޒީފާއަށް ބަދަލުވުމަށްޓަކައި އެ ބިދޭސީއަކަށް ދޭންވާނެއެވެ. އެހެންނަމަވެސް އެ ބިދޭސީމީހާ އެހެން ފަރާތެއްގެ ވަޒީފާއަށް ބަދަލުވާން ބޭނުންނުވާނަމަ، އެ ބިދޭސީއަކު ސަރުކާރުން ފުރުވާލަން ޖެހޭނެއެވެ.

 

31 ވަނަ މާއްދާ -ގަވާއިދާ ހިލާފުވުން

(ހ) މި ގަވާއިދުގައި ވަކިގޮތަކަށް އަމަލުކުރުމަށް ބަޔާންކޮށްފައިވާ ކަންތައްތައް ކުރަންޖެހޭ މުއްދަތުގެ ތެރޭގައި ގަވާއިދުގައިވާ ގޮތުގެ މަތިން ނުކުރާ ފަރާތްތަކަށް، ގަވާއިދާ އެއްގޮތަށް އަމަލުކުރަންދެން މިނިސްޓްރީއަށް ދައްކަންޖެހޭ ފައިސާއެއް ބަލައިގަތުން ފިޔަވައި ބިދޭސީންނާގުޅޭ އެހެން އެއްވެސް ހިދުމަތެއް މިނިސްޓްރީން ނުދެވޭނެއެވެ.

(ށ) މި ގަވާއިދުގައި ވަކިގޮތަކަށް ބަޔާންކޮށްފައި ނެތްހާލަތެއްގައި މި ގަވާއިދާ ހިލާފުވާ ކަންކަމުގައި، ގަވައިދާ ހިލާފަށް އަމަލުކުރި ފަރާތާމެދު ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލު ކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. ގަވާއިދާ ހިލާފުވި ފަރާތް 500 (ފައްސަތޭކަ) ރުފިޔާއާއި، 2000 (ދެހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން، ނުވަތަ،
  2. ބިދޭސީ މީހާ ވަޒީފާދިން ފަރާތުގެ ހަރަދުގައި ފޮނުވާލަންއެންގުން، ނުވަތަ
  3. ގަވައިދާ ހިލާފަށް ކޮށްފައިވާ އަމަލު އިސްލާހުކޮށް، ޖޫރިމަނާ ދެއްކުމާ ހަމައަށް މި ގަވާއިދުގެ ދަށުންދޭ ހިދްމަތް މެދުކަނޑާލުން، ނުވަތަ،
  4. ގަވާއިދާ ހިލާފަށް އަމަލުކުރި ފަރާތުގެ ވަޒީފާއަށް، 1 އަހަރައި 3 އަހަރާ ދެމެދުގެ މުއްދަތަށް ބިދޭސީން ގެނައުމުގެ ހުއްދަ ނުދޭގޮތަށް ހަމަޖެއްސުން، މި ގޮތުން ބިދޭސީން ވަޒީފާއަށް ގެނައުމުގެ ހުއްދަ އެ ފަރާތަކަށް ދިނުންހުއްޓާލާނޭ ގޮތުގެ އުސޫލު މިނިސްޓްރީން އާންމު ކުރާންވާނެއެވެ.

 

32 ވަނަ މާއްދާ - ކުރިން ހިނގާފައިވާ މުއާމަލާތްތަކުގެ ސައްހަކަން

މި ގަވާއިދަށް އަމަލު ކުރަން ފެށުމާއެކު، މިގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅިގެން ހިނގާފައިވާ އެންމެހައި މުއާމަލާތްތަކުގެ ސައްހަކަމަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

 

33 ވަނަ މާއްދާ -

މި ގަވާއިދުގައި މުފުރަދުކޮށް އައިސްފައިވާ ކޮންމެ ލަފުޒެއް ޖަމްއުކޮށް އަދި ޖަމްއުކޮށް އައިސްފައިވާ ކޮންމެ ލަފުޒެއް މުފުރަދުކޮށް ބޭނުންކުރެވިދާނެއެވެ.

 

34 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 15 ޖޫން 2011 އިން ފެށިގެންނެވެ.

 

35 ވަނަ މާއްދާ - ކުރީގެ ގަވާއިދު ބާތިލުވުން.

މި ގަވާއިދަށް އަމަލުކުރާން ފެށުމުން، މިހާތަނަށް އަމަލުކުރަމުން ދިޔަ، "ދިވެހިރާއްޖޭގައި ބިދޭސީން ވަޒިފާ އަދާ ކުރުމުގެ ގަވާއިދު" ބާތިލުވީއެވެ. އެހެންނަވެސް، އެ ގަވާއިދަށް އަމަލުކުރަމުން ދިޔަ މުއްދަތުގައި އެ ގަވާއިދުގެ ދަށުން ހިނގާފައިވާ މުއާމަލާތްތަކުގެ ސައްހަކަމަށް، ނުވަތަ އެއްވެސް ފަރާތަކުން އަދާކުރަން ޖެހިފައިވާ އިލްތިޒާމަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

 

36 ވަނަ މާއްދާ - މާނަކުރުން

(ހ) މިގަވާއިދުގައި: -

  1. "ވަޒީފާ" ކަމަށް ބުނެފައި އެވަނީ، އުޖޫރައަކަށް ނުވަތަ އުޖޫރައެއް ލިބޭ ގޮތަކަށް ކުރާ މަސައްކަތަކަށެވެ.
  2. "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ކަންތައްތައް ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތު އެވަގުތަކަށް ހަވާލުކުރެވިފައިވާ މިނިސްޓްރީއަށެވެ.
  3. "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ކަންތައްތައް ރެގިއުލޭޓްކުރުމުގެ މަސްއޫލިއްޔަތު އެވަގުތަކު ހަވާލުވެގެން ހުންނަ މިނިސްޓަރަކަށެވެ.
  4. "ކޯޓާ" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތަކަށް، ވަޒީފާއަދާކުރުމަށް އެންމެ ގިނަވެގެން ބިދޭސީން ރާއްޖެ ގެނައުން ހުއްދަކުރާ އަދަދަށެވެ.
  5. "ވިޔަފާރީގެ މަސައްކަތްތަކަށް ދެވޭ ކޯޓާ" ކަމަށް ބުނެފައި އެވަނީ، ވިޔަފާރި އުސޫލުން އާމްދަނީ ހޯދުމަށް ކުރެވޭ އެކިއެކި ކަންކަމަށް ދެވޭ ކޯޓާއަށެވެ.
  6. "ވާރކްޕާރމިޓް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީންނަށް މިނިސްޓްރީން ދޫކުރާ ހުއްދައަށެވެ.
  7. 'ގޭތެރޭގެ މަސައްކަތް" ނުވަތަ "ގެވެށި މަސައްކަތް" ކަމަށް ބުނެފައި އެވަނީ، ބިދޭސީއަކު ކުރާ މަސައްކަތުން އެ ގެއަކަށް އާމްދަނީ ނުލިބޭގޮތަށް ކުރާ މަސައްކަތަށެވެ.
  8. "އެމްޕްލޯއިމަންޓް އޭޖެންސީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ، ބިދޭސީންނަށް ރާއްޖެއިން ވަޒީފާ ހޯދައިދިނުމުގެ މަސައްކަތްކުރުގެ ހުއްދަ ލިބިފައިވާ ކުންފުނިތަކެވެ.
  9. "ވަޒީފާގެ ދަފުތަރު" ކަމަށް ބުނެފައިވަނީ ދިވެހިރާއްޖޭގައި މަސައްކަތްކުރަމުން ގެންދާ ބިދޭސީންގެ މައުލޫމާތު ރަޖިސްޓްރީ ކުރުމަށް ގެންގުޅޭ ވަސީލަތަކަށެވެ.
  10. "ވާރކްވީޒާ" ކަމަށް ބުނެފައިވަނީ، ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ (ވާރކްޕާރމިޓް) ހޯދައިގެން ރާއްޖެއަށް މަސައްކަތްކުރުމަށް އަންނަ ބިދޭސީއަކު އޭނާ މަސައްކަތްކުރުމަށް ރާއްޖޭގައި ހުއްދަކޮށްފައިވާ މުއްދަތަށް ރާއްޖޭގައި ހުރުމަށް ދެވޭ ހުއްދައަށެވެ.

 ----------------------

 

 

ޖަދުވަލު 1

ކޯޓާނުދޭ ވަޒީފާތައް

 

  1. ޓެކްސީ ޑްރައިވަރުން/ ކުލީ ދަތުރުކުރާ ޕިކަޕް ލޮރީފަދަ އުޅަނދުގެ ޑްރައިވަރުން
  2. މަތިންދާ ބޯޓުފަހަރުގެ  ކޯ-ޕައިލެޓުން/ ފަސްޓް އޮފިސަރުން
  3. ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ކެޕްޓަނުން
  4. ކަނޑުގައި ދުއްވާ އުޅަނދު ފަހަރުގެ އިންޖިނޭރުން
  5. މަސްވެރިކަން ކުރުމަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުފަހަރުގެ ފަޅުވެރިން

 

  ----------------------

 

 

 

ޖަދުވަލު 2 

ސެކިއުރިޓީ ޑިޕޮސިޓް ނެގުމުގައި އަމަލުކުރާ އުސޫލު
 

1  ވަނަ މާއްދާ - އަސާސީ ޑިޕޮސިޓް

(ހ) މިއުސޫލުގެ ދަށުން ބިދޭސީން ގެނައުމަށްޓަކައި ސެކިރިޓީ ޑިޕޮސިޓުގެ ގޮތުގައި ބަހައްޓާ ފައިސާގެ މިންވަރު ބިނާކުރެވިގެންވަނީ 4000 ( ހަތަރުހާސް) ދިވެހި ރުފިޔާގެ މައްޗަށެވެ.

(ށ) ދުނިޔޭގެ ކޮންމެ ގައުމަކުން ބިދޭސީން ގެނައިކަމުގައިވިޔަސް ޑިޕޮސިޓުގެ ގޮތުގައި ބަހައްޓާ މިންވަރު ކަނޑައެޅުމުގައި،  މިމާއްދާގެ (ހ) ގައި ބުނެފައިވާ މިންވަރަށް ރިއާޔަތް ކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ ފައިސާގެ އަދަދުގެ މިންވަރަށް ބަދަލުގެނައުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެން ވެއެވެ. އަދި އެއަދަދުގެ މިންވަރަށް ބަދަލުގެންނަނަމަ،އެކަން އާންމުކޮށް އެނގޭގޮތަށް އިއުލާން ކުރަންވާނެއެވެ.

 

2  ވަނަ މާއްދާ - ޑިޕޮސިޓް ނަގާނެ ގޮތުގެ ތާވަލު

(ހ) ޑިޕޮސިޓް ބިނާކުރެވެނީ ވަޒީފާދޭފަރާތުން ބިދޭސީން ގެންނަން ބޭނުންވާ އަދަދުގެ މައްޗަށެވެ. ބިދޭސީން ގެނައުމަށް ދޫކުރާ ކޯޓާގައި ހިމެނޭ އަދަދުތައް މިޖަދުވަލުގައިވާ ތާވަލުގައި އެވަނީއެވެ. ވަޒީފާދޭފަރާތުން ޑިޕޮޒިޓް ބަހައްޓާނީ އެފަރާތަށް ދޫކުރެވޭ ކޯޓާގެ ބޭންޑުގައި ކަނޑައެޅިފައިވާ މިންވަރަށެވެ.

(ށ) ވަޒީފާދޭ ފަރާތަށް ދޫކުރެވިފައިވާ ކޯޓާގެ ބޭންޑަށް ބަދަލެއް ގެންނަނަމަ، އެ ބަދަލަކާ ގުޅޭގޮތުން ޑިޕޮޒިޓްގެ މިންވަރަށްވެސް އުނިއިތުރު ގެނެވޭނެއެވެ.

(ނ) މިއުސޫލުގެދަށުން، ބިދޭސީން ގެނައުމަށްޓަކައި ޑިޕޮސިޓް ނަގާނެ ގޮތުގެ ތަފްސީލު މިޖަދުވަލުގައިވާ ތާވަލުގައި އެވަނީއެވެ.

(ރ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތާވަލުގައިވާ ގޮތުމަތިން، ބިދޭސީން ގެންނަން ބޭނުންވާ އަދަދުގެ ނިސްބަތުން، ތާވަލުގައި ބަޔާންކޮށްފައިވާ ބޭންޑުގައިވާ އަދަދށް އެއްފަހަރާ ފައިސާ ދައްކަންވާނެއެވެ.

 

3 ވަނަ މާއްދާ - ރިފަންޑް ހޯދުން

(ހ) މިއުސޫލަށް އަމަލުކުރަން ފެށުމާއެކު، ވަޒީފާދޭ ފަރާތުން މިނިސްޓްރީގައި އަދި ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނުގައި އެހާތަނަށް ބަހައްޓާފައިވާ ޑިޕޮޒިޓް ފައިސާ މިގަވާއިދުގައިވާ މިންގަނޑަށް ފައްތައި، އުނިއިތުރު ގެންނަން ޖެހޭނަމަ،އެކަން ހަމަޖައްސަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތިން ފައިސާ ދޫކުރުމުގައި މިގަވާއިދަށް ރިއާޔަތް ކުރަންވާނެއެވެ. 

 

 

ޑިޕޮސިޓް ފައިސާ ނަގާގޮތުގެ ތާވަލު

(ޑިޕޮސިޓް ފައިސާ ނަގާގޮތުގެ ތާވަލު އެޓޭޗްކުރެވިފައިވާ ގެޒެޓްކުރެވުނުގެ ފައިލުގައި ހިމެނިފައިވާެނެއެވެ)

 

 

  ----------------------

 

ޖަދުވަލު 3

(ލެޓަރ އޮފް އެޕޮއިންޓްމަންޓްގައި ހިމަނަންޖެހޭ މައުލޫމާތު އެޓޭޗްކުރެވިފައިވާ ގެޒެޓްކުރެވުނުގެ ފައިލުގައި ހިމެނިފައިވާެނެއެވެ) 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

 

މައި ގާނޫނު

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2008-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު