-

ސިވިލް ސަރވިސް ގެ ގަވާއިދު 2010 އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 25/2011)

 

މިއީ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 އަށް އިތުރުކުރި އެ ގަވާއިދުގެ 31 ވަނަ ޗެޕްޓަރެވެ.

 

ޗެޕްޓަރ 31

ހިއުމަން ރިސޯސް މެނެޖްމަންޓް އެންޑް ޑިޕެލޮޕްމަންޓް ކޮމެޓީ

 

265 ވަނަ މާއްދާ – ތައާރުފު

(ހ) ސިވިލް ސަރވިސް ގާނޫނާއި ގަވާއިދު ތަންފީޒުކުރުމަށާއި ސިވިލް ސަރވިސްއިން ރައްޔިތުންނަށް ދެވޭ ހިދުމަތް ރަނގަޅުކޮށް، ޒަމާނީ ސިވިލް ސަރވިސްއެއް ގާއިމުކުރުމަށް ސިވިލް ސަރވިސް ކޮމިށަނުން ކުރާ މަސައްކަތްތަކުގައި ކޮމިށަނަށާއި ޕަރމަނަންޓް ސެކްރެޓަރީންނަށާއި ޒިންމާދާރު ވެރިންނަށް އެހީތެރިވެދިނުމަށް މަސްއޫލު އޮފީސްތަކުގައާއި ސިޓީކައުންސިލްތަކުގައާއި ރަށު ފެންވަރުގައި ހިއުމަން ރިސޯސް މެނެޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީތައް ގާއިމުކުރަންވާނެއެވެ. އަދި ވަކި މުއައްސަސާއެއްގެ ގޮތުގައި ހިމެނޭ ތަންތަނުގައި ހިއުމަން ރިސޯސް މެނެޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ ގާއިމުކުރުމުގެ ހުއްދަ ކޮމިށަނުން ދެވިދާނެއެވެ.

(ށ) ހިއުމަން ރިސޯސް މެނެޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީތަކަކީ، ދިވެހި ސިވިލް ސަރވިގެ ގާނޫނުގެ 9 ވަނަ މާއްދާއިން ކޮމިށަނަށް ލިބިދޭ ބާރުގެ ދަށުން އުފައްދާ ކޮމިޓީތަކެވެ.

(ނ) މި ޗެޕްޓަރުގައި މީގެފަހުން "އެޗް.އާރް.ކޮމިޓީ" މިނަމުގައި ބަޔާންކޮށްފައިވާ އެޗް.އާރް.ކޮމިޓީއަކީ ހިއުމަން ރިސޯސް މެނެޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއެވެ.

(ރ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

257 ވަނަ މާއްދާ – މަގްސަދު

(ހ) ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދު ތަންފީޒު ކުރުމުގައި ސިވިލް ސަރވިސް ކޮމިށަނަށާއި އެ ދާއިރާއަކަށް އެހީތެރިވުން.

(ށ) ދިވެހި ސިވިލް ސަރވިސްއިން ރައްޔިތުންނަށް ދެވޭ ހިދުމަތް ރަނގަޅުކޮށް ޒަމާނީ ކުރުމަށް ކޮމިށަނުންކުރާ މަސައްކަތުގައި އެހީތެރިވުން.

 

258 ވަނަ މާއްދާ – ކޮމިޓީއަށް ލިބިގެންވާ ބާރުތައް

އެޗް.އާރް ކޮމިޓީތަކަކީ ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 9 ވަނަ މާއްދާއިން ކޮމިށަނަށް ލިބިދޭ ބާރުގެ ދަށުން އުފައްދާ ކޮމިޓީތަކަށް ވާތީ، ތިރީގައިވާ ބާރުތަކަކީ ކޮމިށަނުން ކޮމިޓީތަކަށް ދީފައިވާ ބާރުތަކެކެވެ.

(ހ) އެޗް.އާރް ކޮމިޓީގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެ ދާއިރާއެއްގެ ސިއްރު ރިކޯޑުތަކާއި ލިޔެކިޔުންތައް ބެލުން.

(ށ) އެޗް.އާރް ކޮމިޓީއަށް ހުށަހަޅާ މައްސަލަތަކާ ގުޅޭގޮތުން ދިރާސާކޮށް، ތަޖުރިބާކާރުންގެ އެހީ ހޯދުން.

(ނ) މެންބަރުން ނޫން ފަރާތްތަކަށް އެޗް.އާރް ކޮމިޓީގެ މީޓީންގ ތަކުގައި ބައިވެރިވެވޭނީ ކޮމިޓީ މެންބަރުން އެކަމަށް އިއުތިރާޒް ނުކުރާނަމައެވެ. ނަމަވެސް އެޗް.އާރް ކޮމިޓީގައި ވޯޓްނެގޭ އެއްވެސް ކަމެއްގައި އެފަދައިން ބައިވެރިވާ ފަރާތްތަކަށް ވޯޓެއްނުލެވޭނެއެވެ.

 

259 ވަނަ މާއްދާ – ކޮމިޓީ އުފެއްދުމާއި އެކުލެވިގެންވާ ގޮތް

(ހ) މިނިސްޓްރީތަކާއި ސިޓީ ކައުންސިލްތަކުގެ އެޗް.އާރް ކޮމިޓީތަކުގައި ހިމެނޭނީ ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދަރު ވެރިޔާގެ އިތުރުން މިނިސްޓްރީ ނުވަތަ ސިޓީ ކައުންސިލް ތަމްސީލުކުރާ މަދުވެގެން 5 (ފަހެއް) މުވައްޒަފުންނާއި އަދި އެމިނިސްޓްރީއެއް ނުވަތަ ސިޓީ ކައުންސިލެއްގެ ދަށުން ހިނގާ ކޮންމެ މުއައްސަސާއަކުން ކަނޑައަޅާ މަދުވެގެން 2 (ދޭއް) މުވައްޒަފުންނެވެ. ވަކިވަކި މުއައްސަސާތަކުން 2 (ދޭއް) މުވައްޒަފުން ހިމެނުމުން މިމާއްދާގެ (ނ) ގައި ބަޔާންކުރެވިފައިވާ އަދަދަށްވުރެ ގިނަވާނަމަ، ވަކިވަކި މުއައްސަސާތަކުން 1 (އެކެއް) މުވައްޒަފު ކަނޑައެޅިދާނެއެވެ.

(ށ) ރަށްރަށުގައި އެކުލަވާލެވޭ އެޗް.އާރް ކޮމިޓީތަކުގައި ހިމެނޭނީ އެރަށެއްގައި ހުންނަ ސިވިލް ސަރވިސް މުވައްޒަފުން މސައްކަތްކުރާ އިދާރާތަކުގެ ޒިންމާދާރު ވެރިންނާއި، އެރަށެއްގައި ހުންނަ ސިވިލް ސަރވިސް މުވައްޒަފުން މަސައްކަތްކުރާ ކޮންމެ އިދާރާއަކުން ނުވަތަ ޔުނިޓަކުން ޒިންމާދާރު ވެރިޔާ ހިމެނޭގޮތަށް ކަނޑައަޅާ މަދުވެގެން 2 މުވައްޒަފުންނެވެ.

(ނ) އެޗް.އާރް ކޮމިޓީގެ މެންބަރުންގެ އަދަދަކީ، މަސްއޫލު އޮފީސްތަކާއި ސިޓީ ކައުންސިލްތަކުގައި ނަމަ މަދުވެގެން 7 (ހަތެއް) އެވެ. އަދި ގިނަވެގެން 11 (އެގާރަ) އެވެ. ރަށްރަށުގައިނަމަ މަދުވެގެން 5 (ފަހެއް) އެވެ. އަދި ގިނަވެގެން 11 (އެގާރަ) އެވެ. މިގޮތުން އެކުލަވާލާ ކޮމިޓީއަކީ އޮނަހިރި އަދަދެއްގެ މައްޗަށް މެންބަރުން ހިމެނޭ ކޮމިޓީއަކަށް ވާންވާނެއެވެ.

(ރ) ސިޔާސަތު އެކުލަވާލުމާއި ތަންފީޒުކުރުމުގެ ބާރު ލިބިފައިވާ ވަކިވަކި މުއައްސަސާ ނުވަތަ ޑިޕާޓްމަންޓްތަކުގައި ވަކިވަކި އެޗް.އާރް ކޮމިޓީ އެކުލަވާލުމުގެ ހުއްދަ ކޮމިށަނުން ދެވިދާނެއެވެ.

(ބ) އެޗް.އާރް ކޮމިޓީތައް އެކުލަވާލުމުގައި ވަކިވަކި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ނިސްބަތަށް ރިއާޔަތް ކުރަންވާނެއެވެ.

 

260 ވަނަ މާއްދާ – ކޮމިޓީގައި ކައުންސިލް މެންބަރަކު ބައިވެރިވުން

ސިޓީ ކައުންސިލްތަކުގެ އިދާރާގައި ނުވަތަ ރަށު ކައުންސިލްތަކުގެ އިދާރާ ހިމެނޭގޮތަށް ގާއިމުކުރެވޭ އެޗް.އާރް ކޮމިޓީތަކުގައި އޮބްޒާވަރެއްގެ ގޮތުގައި ކައުންސިލުން ކަނޑައަޅާ، ކައުންސިލުގެ މެންބަރަކަށް ބައިވެރި ވެވިދާނެއެވެ. މިގޮތުން ބައިވެރިވާ ފަރާތްތަކަށް ކަންކަމުގައި މަށްވަރާދީ، ކަންތައްތަކާ ގުޅޭގޮތުން ސުވާލުކުރެވިދާނެއެވެ. ނަމަވެސް، އެ ފަރާތްތަކަށް އެޗް.އާރް ކޮމިޓީގެ ނިންމުންތަކުގައި ވޯޓެއް ނުދެވޭނެއެވެ.

 

261 ވަނަ މާއްދާ – ކޮމިޓީ އެކުލަވާލުމާއި ބަދަލުގެނައުން

(ހ) އެޗް.އާރް ކޮމިޓީ އެކުލަވާލަން ޖެހޭ އިދާރާ ނުވަތަ ރަށްރަށުގައި ކޮމިޓީ އެކުލަވާލުމާއި ކޮމިޓީއަށް ބަދަލުގެނައުމުގައި ތިރީގައި މިވާ އުސޫލުން އަމަލުކުރަންވާނެއެވެ.

1. މަސްއޫލު އޮފީސްތަކާއި ސިޓީ ކައުންސިލްތަކުގައި އެޗް.އާރް ކޮމިޓީ އެކުލަވާލުމަށްޓަކައި ނަން ހުށަހެޅުމުގެ ފުރުސަތު ޑިވިޒަން/ސެކްށަންތަކުގެ ވެރިންނަށް ދޭންވާނެއެވެ. ރަށު ފެންވަރުގައި ނަމަ، އެޗް.އާރް ކޮމިޓީ އެކުލަވާލުމަށްޓަކައި ނަން ހުށަހެޅުމުގެ ފުރުސަތު ވަކިވަކި މުއައްސަސާތަކަށް ދޭންވާނެއެވެ.

2، އެޗް.އާރް ކޮމިޓީ އެކުލަވާލުމުގައި ހުށަހަޅާފައިވާ ނަންތަކަށް ބަލައި، އެމީހުންގެ ތައުލީމާއި ތަޖުރިބާއަށް ބަލައި، ޕަރމަނަންޓް ސެކްރެޓަރީ/ ޒިންމާދާރުވެރިޔާ އެޗް.އާރް ކޮމިޓީއަށް މީހުން ހޮވަންވާނެއެވެ.

3. އެޗް.އާރް ކޮމިޓީއަށް މީޙުން ހޮވައި އެޗް.އާރް ކޮމިޓީ އެކުލަވާލާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، ޖަދުވަލު 28 ގައިވާ ނަމޫނާއާ އެއްގޮތަށް ކޮމިށަނަށް، އެޗް.އާރް ކޮމެޓީގެ މައުލޫމާތު ފޮނުވަން ވާނެއެވެ. ޖަދުވަލު 28 އަކީ މިގަވާއިދުގެ ބައެކެވެ.

(ށ) އެއްވެސް ސަބަބަކާހުރެ އެޗް.އާރް ކޮމިޓީއަށް ބަދަލުގެންނަން ޖެހިއްޖެނަމަ، ގެނައިބަދަލު 7 (ހަތެއް) ދުވަހުގެ ތެރޭގައި ޖަދުވަލު 28 ގައިވާ ނަމޫނާއާ އެއްގޮތަށް ކޮމިށަނަށް އަންގަންވާނެއެވެ.

 

262 ވަނަ މާއްދާ – މަސްލަހަތު ފުށުއެރުން

އެޗް.އާރް ކޮމިޓީގެ އެއްވެސް މެންބަރެއްގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ނުވަތަ ދަރިއެއްގެ ނުވަތަ އެމީހެއްގެ ށަރުއީ އަދި ގާނޫނީ ބަލަދުވެރިކަން އޮތް ކޮންމެ މީހެއްގެ މަސްލަހަތު ހިމެނޭ ނުވަތަ އެމެންބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއްއޮތް ކަމަކާމެދު އެޗް.އާރް ކޮމެޓީގައި މަށްވަރާ ކުރާނަމަ، އެފަދަ މެންބަރަކު އެބައްދަލުވުމެއްގައި ބައިވެރިވެގެން ނުވާނެއެވެ.

 

263 ވަނަ މާއްދާ - ކޮމެޓީގެ އިދާރީ މަސައްކަތް

(ހ) މަސްއޫލު އޮފީސްތަކާއި ސިޓީ ކައުންސިލްތަކުގެ އެޗް.އާރް ކޮމެޓީގެ އިދާރީ މަސައްކަތް ބަލަހައްޓާނީ އެ އޮފީހެއްގެ ނުވަތަ ސިޓީ ކައުންސިލެއްގެ ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރު ވެރިޔާގެ ބެލުމުގެ ދަށުން އެއޮފީހެއްގެ ނުވަތަ އެސިޓީ ކައުންސިލެއްގައެވެ.

(ށ)  ރަށުލެވެލްގެ އެޗް.އާރް ކޮމިޓީގެ އިދާރީ މަސައްކަތް ބަލަހައްޓާނީ އެރަށު ކައުންސިލެއްގެ ޒިންމާދާރު ވެރިޔާގެ ބެލުމުގެދަށުން އެ ކައުންސިލެއްގައެވެ.

(ނ) އަތޮޅޫތަކުގެ އިދާރީ ދާއިރާގެ މަރުކަޒީ ރަށްރަށުގައި އެޗް.އާރް ކޮމިޓީގެ އިދާރީ މަސައްކަތް ބަލަހައްޓާނީ އެއަތޮޅު ކައުންސިލެއްގެ ޒިންމާދާރު ވެރިޔާގެ ބެލުމުގެދަށުން އެ ކައުންސުލެއްގައެވެ.

(ރ) ބައްދަލުވުންތަކުގައި މަށްވަރާކުރެވުނު ކަންތައްތަކާއި އެކަންކަމާ ގުޅިގެން މެންބަރުންގެ މެދުގައި ފާޅުކުރެވުނު ހިޔާލުތައް ޔައުމިއްޔާކޮށް، ޔައުމިއްޔާ ފާސްކޮށް ބަލަހައްޓަން ވާނެއެވެ.

 

264 ވަނަ މާއްދާ – ކޮމެޓީގެ މެންބަރުން ބައްދަލުވުންތަކަށް ހާޒިރުވުން

އެޗް.އާރް ކޮމިޓީގެ މެންބަރުން، ކޮމިޓީގެ ބައްދަލުވުންތަކަށް ހާޒިރުވެ ކޮމިޓީގެ މަސައްކަތުގައި ބައިވެރިވާން ވާނެއެވެ. އެއްވެސް ސަބަބަކާހެދި ކޮމިޓީގެ ބައްދަލުވުންތަކަށް ހާޒިރު ނުވެވޭނަމަ ބައްދަލުވުން ފެށުމުގ 2 ގަޑިއިރު ކުރިން އެކަން ކޮމިޓީގެ ޗެއަރޕަރސަންއަށް އަންގަންވާނެއެވެ. މަގުބޫލު ސަބަބެއްނެތި ވިދިވިދިގެން 3 (ތިނެއް) ބައްދަލުވުމަށް ހާޒިރުނުވާ މެންބަރުން އެޗް.އާރް ކޮމިޓީން ވަކިކުރެވޭނެއެވެ. އެފަދައިން މެންބަރަކު ވަކިކުރެވިއްޖެނަމަ އެކަން އެ މުވައްޒަފަކު ތަމްސީލުކުރާ އޮފީހަކަށް ނުވަތަ ޑިވިޒަނަކަށް ސަބަބާއެކު އަންގައި އެޗް.އާރް ކޮމިޓީއަށް ބަދަލު މެންބަރަކު ހަމަޖައްސަންވާނެއެވެ. އަދި އެފަދައިން ވަކިކުރެވުނު މުވައްޒަފަކާމެދު ދިވެހި ސިވިލް ސަރވިސް ގެ ގަވާއިދުގައިވާ ގޮތުގެމަތިން އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ.

 

265 ވަނަ މާއްދާ – ކޮމިޓީގެ ޗެއަރޕަރސަން

(ހ) މިނިސްޓްރީތަކުގެ އެޗް.އާރް ކޮމިޓީތަކުގައި ޗެއަރޕަރސަންއަކީ އެމިނިސްޓްރީއެއްގ ޕަރމަނަންޓް ސެކްރެޓަރީއެވެ.

(ށ) ސިޓީ ކައުންސިލްތަކުގެ އެޗް.އާރް ކޮމިޓީތަކުގެ ޗެއަރޕަރސަންއަކީ އެސިޓީ ކައުންސިލެއްގެ ޒިންމާދާރުވެރިޔާއެވެ.

(ނ) އަތޮޅުތަކުގެ އިދާރީ ދާއިރާގެ މަރުކަޒީ ރަށްރަށުގައި އެޗް.އާރް ކޮމިޓީތަކުގެ ޗެއަރޕަރސަންއަކީ ކައުންސިލްގެ ޒިންމާދާރުވެރިޔާއެވެ.

(ރ) ރަށްރަށުގެ އެޗް.އާރް ކޮމިޓީތަކުގެ ޗެއަރޕަރސަންއަކީ ރަށު ކައުންސިލްގެ ޒިންމާދާރު ވެރިޔާއެވެ.

(ބ) ޗެއަރޕަރސަން ޗުއްޓީގައި ހުރުންފަދަ ސަބަބަކާހުރެ އެޗް.އާރް ކޮމިޓީގެ ބައްދަލުވުމެއްގައި ބައިވެރި ނުވެވޭ ހާލަތެއްގައި، ބައްދަލުވުމެއް ބާއްވަން ކޮންމެހެން ބޭނުންވެއްޖެނަމަ، ބަދަލުގައި އެޗް.އާރް ކޮމިޓީގައި ހިމެނޭ އެންމެ އިސްމުވައްޒަފު ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަން ވާނެއެވެ.

 

266 ވަނަ މާއްދާ – ކޮމިޓީގެ ކޯރަމް

އެޗް.އާރް ކޮމިޓީގެ ބައްދަލުވުމުގެ ކޯރަމް ހަމަވާނީ އެޗް.އާރް ކޮމިޓީގެ މެންބަރުންގެ ތެރެއިން ދެބައިކޮށްފަ އެއްބަޔަށް ވުރެ ގިނަ މީހުން ހާޒިރު ވެގެންނެވެ.

 

267 ވަނަ މާއްދާ – ކޮމިޓީގެ މަސައްކަތްތައް

(ހ)  ދާއިރާގެ އޮފީސްތަކުގެ މަސައްކަތްތައް ތަންފީޒުކުރުމަށް އެންމެ އެކަށޭނަ އޮނިގަނޑުތައް އެކުލަވާލުން.

(ށ) ދާއިރާގެ ވަޒީފާތަކަށް މީހުން ހޮވުމާއި ހަމަޖެއްސުމުގައި މިގަވާއިދުގައިވާ ގޮތުގެމަތިން އެހީތެރިވުން.

(ނ) ގަވާއިދާ އެއްގޮތަށް ވަޒީފާއަށް މީހުން ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

(ރ) ސިވިލް ސަރވިސްގެ މަސައްކަތްތައް ހަރުދަނާކޮށް ހަލުވިކުރުމަށް ހެދިފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މިކަމަށް ބޭނުންވާ ގަވާއިދުތަކާއި އުސޫލުތައް ތައާރަފުކޮށް، ތަންފީޒުކުރުމަށް ދާއިރާގެ ޕަރމަނަންޓް ސެކްރެޓަރީއަށް ނުވަތަ ޒިންމާދާރު ވެރިޔާއަށް އެހީތެރިވެދިނުން.

(ބ) އޮފީހުގެ މާހައުލަކީ މަސައްކަތަށް ފަހި މާހައުލަކަށް ހެދުމާއި މުވައްޒަފުން އުޅޭހިތްވާ، އެކަކު އަނެކަކުގެ އިހުސާސްތައް ދަނެ، އެކަކު އަނެކަކަށް އަޅާލާ ތަނަކަށް ހެދުމަށް މަސައްކަތްކުރުން.

(ޅ) މަސައްކަތުގެ ފެންވަރުބެލުމާއި، މުވައްޒަފުންނަށް އިނާޔަތް ދިނުމާއި ކުރިއެރުން ދިނުމުގައި ދާއިރާގެ ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރުވެރިޔާ އަށް ލަފާދީ އެހީތެރިވެދިނުން.

(ކ) ދާއިރާގައި ހިމެނޭ އޮފީސްތަކުގެ ކޮންޕްލަޔަންސް އޮޑިޓާއި، މެނޭޖްމެންޓް އޮޑިޓް ހެދުމަށް ކޮމިށަނަށް އެހީތެރިވެދިނުން އަދި އޮޑިޓް ރިޕޯޓްގައި ރަނގަޅުކުރުމަށް ހުށަހަޅާ ކަންތައްތައް ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެދާއިރާއެއްގެ ޕާރމަނަންޓް ސެކްރެޓަރީއަށް ނުވަތަ ޒިންމާދާރު ވެރިޔާއަށް އެހީތެރިވެދިނުން.

(އ) ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ގޮތުން ކުރެވޭ ތަހުގީގުތަކުގައި އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެހީތެރިވެދިނުން.

(ވ) ސިވިލް ސަރވިސްގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއެރުވުމަށް ބޭނުންވާ ކަންކަމުގައި އެޗް.އާރް ކޮމިޓީތަކަށް ފާހަގަކުރެވޭ ކަންތައްތަކަށް ސިޔާސަތު ކަރުދާސް ތައްޔާރުކޮށް، ދާއިރާގެ ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރުވެރިޔާ މެދުވެރިކޮށް ސިވިލް ސަރވިސް ކޮމިށަނަށް ހުށަހެޅުން.

 

268 ވަނަ މާއްދާ – ވަކިވަކި ޕެނަލް ގާއިމުކުރުން

އެޗް.އާރް ކޮމިޓީގެ މެންބަރުން ހިމެނޭގޮތަށް ތިރީގައި މިދަންނަވާ ޕެނަލްތައް ކޮންމެ ދާއިރާއެއްގައިވެސް ގާއިމުކޮށް ކޮންމެ ޕެނަލަކަށް ކޯޑިނޭޓަރަކު ކަނޑައަޅަންވާނެއެވެ. އަދި އެޕެނަލްތަކުގެ މަސައްކަތްތަކައް އެޗް.އާރް ކޮމިޓީގެ އަންމަތީފޮތުގައި ބަޔާންކުރަންވާނެއެވެ.

(ހ) ޓްރޭނިންގ ޕެނަލް؛ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދެނެގަތުމާއި އެޗް.އާރް ކޮމިޓީއަށް ބޭނުންވާ ޓެކްނިކަލް މައުލޫމާތ ފޯރުކޮށްދިނުމަށ ދިރާސާކުރުމާއި އަދި ތަމްރީނު ދިނުމުގައި ކޮމިށަނާ ގުޅިގެން މަސައްކަތްކުރުން.

(ށ) ޕަރސަނެލް ޕެނަލް؛ މުވައްޒަފުންގެ ވަޒީފާއާގުޅޭ ލިޔެކިޔުންތަކާއި، ރެކޯޑް ބަލަހައްޓާނީ ގަވާއިދާ އެއްގޮތައްތޯބަލައި، ހާއްސަކޮށް ވަޒީފާގައި ދިމާވާ މައްސަލަތައް ބަލައި ދިރާސާކޮށް، އެޗް.އާރް ކޮމިޓީއަށް ބޭނުންވާ ޓެކްނިކަލް މައުލޫމާތު ފޯރުކޮށްދިނުމާއި އަދި ކޮމިށަނާ ގުޅިގެން މަސައްކަތް ކުރުން.

(ނ) ކޮމްޕަލަޔަންސް ޕެނަލް؛ ދާއިރާގެ ކޮންޕްލަޔަންސް އޮޑިޓާއި މެނެޖްމަންޓް އޯޑިޓް ހެދުމަށް ބޭނުންވާ ލަފާ އެޗް.އާރް ކޮމިޓީއަށް ދިނުމާއި، ދާއިރާއާއި ދާއިރާއިން ބޭރުގެ މެނެޖްމަންޓް އޯޑިޓް ހެދުމުގައި ދިރާސާކޮށް ކޮމެޓީއަށް ބޭނުންވާ ޓެކްނިކަލް މައުލޫމާތު ފޯރުކޮށްދިނުމާއި އަދި ކޮމިށަނާ ގުޅިގެން ކޮމްޕަލަޔަންސް މަސައްކަތްކުރުން.

 

269 ވަނަ މާއްދާ – ކޮމިޓީއަށް ބޭނުންވާ ލަފަޔާ މަށްވަރާ ދިނުން

އެޗް.އާރް ކޮމިޓީތަކުގެ މަސައްކަތާ ގުޅޭގޮތުން، އެޗް.އާރް ކޮމިޓީތަކަށް ބޭނުންވާ ލަފަޔާއި މަށްވަރާއާއި އިރުށާދު، އެޗް.އާރް ކޮމިޓީތަކަށް ކޮމިށަނުން ދޭންވާނެއެވެ.

 

270 ވަނަ މާއްދާ - ކޮމިޓީގެ ނިންމުމަށް އަމަލުކުރުމާއި އިލްތިމާސްކުރުން

 އެ ދާއިރާއެއްގެ އެޗް.އާރް ކޮމިޓީގެ ނިންމުންތަކަށް އެ ދާއިރާގެ ހުރިހާ މުވައްޒަފުންވެސް އަމަލު ކުރަންވާނެއެވެ. އެޗް.އާރް ކޮމިޓީގެ ނިންމުމަކާމެދު އެއްވެސް މުވައްޒަފަކު ހިތްހަމަނުޖެހޭނަމަ، އެކަމެއް އަލުން ބަލައިދިނުމަށް އެދި އެޗް.އާރް ކޮމިޓީއަށް ހުށަހެޅިދާނެއެވެ. އަދި އެފަދަ ގޮތަކަށް އިލްތިމާސްކޮށްފިނަމަ، އެކަން އެޗް.އާރް ކޮމިޓީން ބަލަންވާނެއެވެ. އަދި އެގޮތުން އެޗް.އާރް ކޮމިޓީން ނިންމާ ނިންމުމަކާމެދު މުވައްޒަފު ހިތްހަމަނުޖެހޭނަމަ މިގަވާއިދުގެ ޗެޕްޓަރު 28 ގައިވާ އުސޫލުން ކޮމިށަނަށް މައްސަލަ ހުށަހެޅިދާނެއެވެ.

 

271 ވަނަ މާއްދާ – ކޮމިޓީއާ ބެހޭގޮތުން ހުށަހެޅޭ މައްސަލަ ބެލުން

މަސްއޫލު އޮފީސްތަކާއި ސިޓީ ކައުންސިލްތަކާއި ރަށްރަށުގައި އެކުލަވާލެވިފައިވާ އެޗް.އާރް ކޮމިޓީތަކާއި، އެކޮމިޓީގެ މަސައްކަތްތަކާއި ނިންމުންތަކާ ބެހޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލައި ފިޔަވަޅުއެޅުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

272 ވަނަ މާއްދާ – ކޮމިޓީގެ ރިޕޯޓް ހުށަހެޅުން

މަސްއޫލު އޮފީސްތަކާއި ސިޓީކައުންސިލްތަކާއި ރަށްރަށުގައި އެކުލަވާލެވިފައިވާ އެޗް.އާރް ކޮމިޓީތަކުން އެކޮމިޓީތަކުގެ މަސައްކަތްތަކާބެހޭ ރިޕޯޓެއް، ކޮންމެ މަސައްކަތު އަހަރެއް ނިމޭތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

 

(ރިޕޯޓުގެ ފޯމެޓް އެޓޭޗްކުރެވިފައިވާ ގެޒެޓް ކުރުވުނުގެ ގޮތުގެ ފައިލުގައި ހިމެނިފައިވާނެއެވެ.) 

 

މައި ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2010 (ގަވާއިދު ނަންބަރު 1/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު