-

ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ކަނޑުގެ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންނަ ހަތިޔާރާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 34/2011)

މި ގަވާއިދުވަނީ ގަވާއިދު ނަންބަރު 32/2018 ގެ 25 ވަނަ މާއްދާއިން އުވާލެވިފައި

 

1 ވަނާ މާއްދާ - ތައާރުފާއި ނަން

 މިގަވާއިދަށް ކިޔަނީ "ދިވެހިރާއްގެއަށް އަންނަ ބޭރުގެ ކަނޑުމާތީ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންނަ ހަތިޔާރާއިބެހޭ ގަވާއިދު" އެވެ. މި ގަވާއިދުގެ ދަށުން ދިވެހިރާއްޖެއަށް ގެނެވޭނީ 10 އެމް.އެމް އިން ފެށިގެން ދަށުގެ ކެލިބަރގެ ރައިފަލާއި ހޭންޑްގަން އަދި 16 ގޭޖުން ފެށިގެން ދަށުގެ ށޮޓްގަންއެވެ.

މި ގަވާއިދުގެ ދަށުން ހިދުމަތް ދެވޭނީ މާލެއާއި މާލޭ ކައިރީގެ ސަރަހައްދުގައެވެ.

 

2 ވަނަ މާއްދާ - ހަވާލާދޭ ގާނޫނު

 މި ގަވާއިދު ހަދާފައިމިވަނީ ގާނޫނު ނަންބަރ 4/1975 "ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނު" ގެ 2 ވަނަ މާއްދާގެ (ރ) އާއި (ޅ) ގެ ދަށުންނެވެ.

 

3 ވަނަ މާއްދާ - މަގްސަދާއި ބޭނުން

މިގަވާއިދަކީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދާއި ސަރަހައްދު ހުރަސްކޮށް ދިވެހިރާއްޖެއަށް ވަންނަ، ބޭރުގެ އެކިއެކި އުޅަނދުފަހަރު ދިވެހިރާއްޖޭގެ އިގްތިސާދާއި ސަރަހައްދާހަމައަށް އައުމުގައި ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކާއި، އަދި އެފަދަ ހާދިސާއަކުން ސަލާމަތްވުމަށް ކޮންމެހެން ބޭނުންކުރަންޖެހިދާނެ އާލަތްތަކާއި، ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ބައެއްތަކެތި، ރާއްޖޭގެ ބަނދަރަކަށް ވަނުމުގެ ކުރިން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއާއި ހަވާލުކުރުމާއި، އެފަދަ އުޅަނދުފަހަރަށް ބޭނުންވާ ސަލާމަތީ އާލަތްތައް ވައިގެ މަގުން ރާއްޖެއަށް ގެނައުމާއި ރާއްޖެއިން ފޮނުވާލުމާއި، އެއުޅަނދުފަހަރާއެކުގައި އަންނަ ސެކިއުރިޓީ ގާޑުންނާއި، އަދި އުޅަނދާ ވަކިން އަންނަ ސެކިއުރިޓީ އެސްކޮޓްގައި ހުންނަ ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ބައެއްތަކެއްޗާއި، ސެކިއުރިޓީ ގާޑުންނާއި، ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ހަތިޔާރެއް ހުރިއުޅަނދެއް ދިވެހިރާއްޖޭގެ ސަރަހައްދަށް ވަނުމާއި، އެފަދަތަކެތި އަނބުރާ އެފަރާތްތަކާ ހަވާލުކުރުމާއި، އަދި ހަވާލުކުރުމަށް އެތަކެތި ފޮނުވުމާއި، މިނޫންވެސް މިކަމާގުޅުންހުރި ކަންކަން ހިންގުމަށް އެކަށައެޅިފައިވާ ގަވާއިދެކެވެ.

 

4 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މިގަވާއިދަށް އަމަލުކުރަންފަށާނީ މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިރުކުރާ ދުވަހުންފެށިގެންނެވެ.

 

5 ވަނަ މާއްދާ - ގަވާއިދު ހިންގުން

މި ގަވާއިދު ހިންގާނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީ އިންނެވެ.

 

6 ވަނަ މާއްދާ - ރާއްޖެއަށް އައުމާއި ދިއުމަށް ހުއްދަ ހޯދުން

ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ހަތިޔާރެއް ހުރި އުޅަނދެއް ރާއްޖެގެ ސަރަހައްދަށް ވަނުމާއި، ރާއްޖެއިން ފުރުމުގެކުރިން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީގެ ހުއްދަ ހޯދަންވާނެއެވެ.

 

7 ވަނަ މާއްދާ - ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ހަތިޔާރެއް ހުރި އުޅަނދުއް ރާއްޖެއަށް އައުން

ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ހަތިޔާރެއް ހުރި އެއްވެސް އުޅަނދެއް ރާއްޖެއަށް އައުމުގެ ކުރިން ދިވެހިރާއްޖޭގެ ލޯކަލް ކޯޑިނޭޓިންގ އެޖެންޓެއް ހަމަޖައްސަންވާނެއެވެ. މި ގޮތުން ހަމަޖައްސާ ލޯކަލް ކޯޑިނޭޓިން އެޖެންޓަކީ، މި ގަވާއިދުގެ ދަށުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީގައި ރަޖިސްޓަރ ކުރެވިފައިވާ ލޯކަލް ކޯޑިނޭޓިން އެޖެންޓަކަށް ވާނަވާނެއެވެ.

 

8 ވަނަ މައްދާ - ލޯކަލް ކޯޑިނޭޓިންގ އެޖެންޓް

ލޯކަލް ކޯޑިނޭޓިންގ އެޖެންޓަކީ ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތަކަށްވާންވާނެއެވެ.

(ހ) ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ބުރޫ އަރާފަދަ އަމަލެއް1 ކޮށްގެން ށަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައިނުވުން.

(ށ) އެޖެންޓަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން، ށަރީއަތަށް ކުށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

(ނ) އެޖެންޓަކީ ކުންފުންޏެއްނަމަ، މި މާއްދާގެ (ހ) އާއި (ށ) ގައި ވާފަދަ ކަމެއް، އެމީހެއްގެ މައްޗަށް ސާބިތުވެފައިވާ މީހަކު، އެކުންފުނީގެ ހިއްސާދާރުންނާއި، ކުންފުނީގެ ޑިރެކްޓަރުންގެ ތެރޭގައި ނެތުން.

(ރ) އެޖެންޓަކީ ކުންފުންޏެއްނަމަ، އެކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި އެއްވެސް ބިދޭސީ މީހަކު ހިމެނިފައިނުވުން.

 

9 ވަނަ މާއްދާ - ލޯކަލް ކޯޑިނޭޓިންގ އެޖެންޓުގެ ފަރާތުން ހަރަކާތްތެރިވާ މީހުން

މި ގަވާއިދުގެ ދަށުން ރާއްޖެއަށް އަންނަ އުޅަނދެއްގެ ސަލާމަތީ ކަންކަން އިންތިޒާމު ކުރުމަށް ލޯކަލް ކޯޑިނޭޓިންގ އެޖެންޓުގެ ފަރާތުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެން އެމިގްރޭށަންއާ ވިލަރެސްކުރުމަށް ހަރަކާތްތެރިވާ ކޮންމެ މީހަކާ ގުޅޭ އަންނަނިވި މައުލޫމާތު އެ އިދާރާއަކަށް ހުށަހަޅައި، އެ އިދާރާ ތަކުގައި ރަޖިސްޓަރީ ކޮށްފައި އޮންނަންވާނެއެވެ.

(ހ) މީހާގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެހާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު

(ށ) ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ބުރޫ އަރާފަދަ އަމަލެއް ކޮށްގެން ށަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއްނޫންކަން އަންގައިދޭ ކްރިމިނަލް ކޯޓުގެ ލިއުން

(ނ) މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން، ނުވަތަ ބޭނުންކޮށްގެން ށަރީއަތަށް ކޮށް ސާބިތުވެފައިވާ މީހެއނޫންކަން އަންގައިދޭ ކްރިމިނަލް ކޯޓުގެ ލިއުން

(ރ) އެއްވެސް މައްސަލައެއްގައި އެމީހަކާ ގުޅޭ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގައި ރެކޯޑެއް އޮތްނަމަ އެ ރެކޯޑެއްގެ ތަފުސީލު

 

10 ވަނަ މާއްދާ - ލޯކަލް ކޯޑިނޭޓިން އެޖެންޓުންނަށް ހުއްދަ ދިނުން

މިގަވާއިދުގެ 08 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ދުވެހި ގައުމުގެ ސަލާމަތާއި، އަމިއްލަވަންތަކަމާއި، މިނިވަންކަމަށް ރިއާޔަތްކޮށް، ލޯކަލް ކޯޑިނޭޓިންގ އެޖެންޓުންނަށް ހުއްދަ ދިނުމާއި ނުދިނުމުގެ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް ފުރިހަމަ އިހްތިޔާރާއި ބާރު ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - ލޯކަލް ކޯޑިނޭޓިންގ އޭޖެންޓުގެ ވާޖިބު

މިގަވާއިދުގައި ބުނެފައިވާ ގޮތުގެމަތިން، ރާއްޖެއިން ބޭރުން އަންނަ އުޅަނދުގެ މިގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި މައުލޫމާތު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް ހުށަހެޅުމާއި، އެފަރާތަށް ޖަވާބުދާރީވުމަކީ ލޯކަލް ކޯޑިނޭޓިންގ އެޖެންޓުގެ ޒިންމާއެކެވެ.

 

12 ވަނަ މާއްދާ - މައުލޫމާތު ހުށަހެޅުން

ބޭރުންއަންނަ އުޅަނދެއްގައި ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ހަތިޔާރެއް ހުރިނަމަ އެ އުޅަނދަކާބެހޭ ތިރީގައި އެވާ މައުލޫމާތުތައް، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް ލޯކަލް ކޯޑިނޭޓިންގ އެޖެންޓް ހުށަހަޅަންވާނެއެވެ.

(ހ) އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ ގައުމާއި،  އުޅަނދުގެ ރަޖިސްޓްރޭށަން ނަންބަރު.

(ށ) އުޅަނދުގެ ކެޕްޓަނުގެ ނަމާއި، ޕާސްޕޯޓްނަންބަރު، ގައުމު، އަދި ޕާސްޕޯޓުގެ ކޮޕީ.

(ނ) އުޅަނދުގެ ވެރިފަރާތް.

(ރ) އުޅަނދު އޮޕަރޭޓްކުރާފަރާތް.

(ބ) ޗާޓަރ ޕާޓީ.

(ޅ) އުޅަނދުގެ ބާވަތް. (ކޮމާށަލް، ޕަރައިވެޓް)

(ކ) އުޅަނދުގެ ދިގުމިނާއި ޑްރާޓް.

(އ) އުޅަނދު ރާއްޖެއަށް އައުމަށް މިސްރާބު ޖަހާނެ ދުވަހާއި، ވަގުތާއި، އަދި ރާއްޖެއަށް އައުމުގެކުރިން އެއެއްޗެއް އެންކަރުކޮށްފައިވާ ހިސާބުތައް.

(ވ) އުޅަނދުގައިތިބި ފަސިންޖަރުންގެ އަދަދާއި، އުޅަނދުގައި ތިބި ފަޅުވެރިންގެ އަދާދާއި، ސެކިއުރިޓީ އޮފިށަލުންގެ އެންމެހައި މައުލޫމާތު، ނަމާއި، ޕާސްޕޯޓް ނަންބަރާއި، ރަޖިސްޓްރީވެފައިވާ ގައުމާއި، އުފަން ގައުމާއި، އަދި އެ މައުލޫމާތުތަކަށް ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި އައިސްފައިވާ ބަދަލު.

(މ) އުޅަނދުގައި ހުރި ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ހަތިޔާރުގެނަމާއި، އަދާދާއި، އަދި އެ އުފައްދާފައިވާ ގައުމާއި، އެބޭނުންކުރަން ހުއްދަ ދީފައިވާ މީހުންނާއި، ހުއްދައިގެ ކޮޕީތަކާއި، ލިޔުންތަކާއި، އަދި އެފަދަ ތަކެތީގެ ނަންބަރުތަކާއި، އެތަކެތީގެ އިތުރު ތަފުސީލުތައް. މީގެ ތެރޭގައި، ދިވެހިރާއްޖެއަށް ގެނަން ހުރިހައި ހަތިޔާރެއްގެ މޮޑެލްތަކާއި ބާވަތާއި ކެލިބަރއާއި، ސީރިއަލް ނަންބަރު ހިމަނަންވާނެއެވެ.

(ފ) ދަތުރު ފެށި ބަނދަރާއި، އުޅަނދު މަޑުކުރި ގައުމުތަކުގެ ބަނދަރުތަކުން ދޫކޮށްފައިވާ އައުޓްވާޑް ކްލެއަރެންސްގެ އަސްލު.

(ދ) އުޅަނދުގައި ހުރި ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ސަލާމަތީ ނުވަތަ ރައްކާތެރިކަމުގެ ދިފާއީ އާލަތްތައް އަނބުރާ ރާއްޖެއިން ބޭރަށް ގެންދަން ގަސްދުކުރާގޮތް.

(ތ) އުޅަނދުގައި ހުރި ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ސަލާމަތީ ނުވަތަ ރައްކާތެރިކަމުގެ ދިފާއީ އާލަތްތައް ވައިގެމަގުން ފޮނުވަން ބޭނުންނަމަ، އުފުލާނެ އެއަރލައިންއާއި، އެ އެއަރލައިނުން ދީފައިވާ ލިޔުންތަކާއި، ކެރިއަރ ޓްރާންސިޓްކުރަން ހަމަޖައްސާފައިވާ ބަނދަރުތަކާއި އެބަނދަރު ތަކުގެ "ނޯ-އޮބްޖެކްށަން ލެޓަރ".

 

13 ވަނަ މާއްދާ - ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ހަތިޔާރު ސިފައިންގެ ބެލުމުގެދަށަށް ގެންދިއުން

ދިވެހިރާއްޖެއަށް އަންނަ އެއްވެސް އުޅަނދެއްގައި ހުރި ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ސަލާމަތީ ނުވަތަ ރައްކާތެރިކަމުގެ ދިފާއީ އާލަތްތެއް ހުރިނަމަ، އެ އުޅަނދު ރާއްޖޭގެ ސަރަހައްދަށްވަނުމާއެކު އެފަދަ އާލަތްތައް ޑިކްލެއަރ ކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - ސަލާމަތީ އާލަތްތައް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީގެ ބެލުމުގެ ދަށަށް ގެނައުން

ދިވެހިރާއްޖެއަށް އަންނަ އެއްވެސް އުޅަނދެއްގައި ހުރި ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ސަލާމަތީ ނުވަތަ ރައްކާތެރިކަމުގެ ދިފާއީ އާލަތްތައް ޑިކްލެއަރކުރުމާއެކު، ލޯކަލް ކޯޑިނޭޓިންގ އެޖެންޓް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް ދީފައިވާ މައުލޫމާތާ ދިމާވޭތޯބަލައި، އެފަދަ ހުރިހާ އާލަތްތައް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީގެ ބެލުމުގެ ދަށަށް ވަގުތުން ގެންނަންވާނެއެވެ.

 

15 ވަނަ މާއްދާ - ދިފާއީ އާލަތްތައް ކަނޑުމަގުން އަނބުރާ ގެންދިއުން

(ހ) މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސަލާމަތީ ރައްކާތެރިކަމުގެ އާލަތްތައް އެއުޅަނދާ އަނބުރާ ހަވާލުކޮށްދިނުމަށް ލޯކަލް ކޯޑިނޭޓިންގ އެޖެންޓް އެދުމުން އެ އުޅަނދަށް އައުޓްވާޑް ކްލެއަރެންސް ދިނުމާއުކު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއިން އެތަކެތި އެ އުޅަނދާ ހަވާލުކަރުންވާނެއެވެ.

(ށ) މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސަލާމަތީ ރައްކާތެރިކަމުގެ އާލަތްތައް ރާއްޖެއިން ބޭރަށްފުރާ އެހެން އުޅަނދަކާ ހަވާލުކުރުމަށް ލޯކަލް ކޯޑިނޭޓިންގ އެޖެންޓް އެދިއްޖެނަމަ އެ އުޅަނދަކަށް އެ އާލަތްތަކުގެ ވެރިފަރާތުން ސަލާމަތީ ހިދްމަތްދޭކަމުގެ ލިޔުމާއި އެ އުޅަނދެއްގެ އައުޓްވަރޑް ކްލިއަރަންސްގެ ލިޔުން ހުށަހެޅުމުން އެ އުޅަނދަކަށް އެ އާލަތްތައް ހަވާލުކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - ވައިގެމަގުން ރާއްޖެއިން ބޭރަށް އާލަތްތައް ފޮނުވުން

(ހ) ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ހަތިޔާރެއް ރާއްޖެއިން ބޭރަށް ވައިގެމަގުން ގެންދާނަމަ، ތިރީގައިވާ މައުލޫމާތުތައް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް ހުށަހަޅަންވާނެއެވެ.

  1. ދިފާއީ އާލަތްތައް އުފުލާ އެއަރލައިންއާއި ބޯޓު.
  2. ބޮޓު ފުރާ ތާރީހާއި ގަޑި.
  3. ދިފާއީ އާލާތްތައް އުފުލާ ބޯޓް ޓްރާންސިޓްކުރަން ހަމަޖައްސާފައިވާ ގައުމުތަކާއި، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހުއްދަދިންކަމުގެ ލިޔުން.
  4. ދިފާއީ އާލަތްތަކާ ހަވާލުވާފަރާތަކީ އެގައުމެއްގައި ހަތިޔާރު ބޭނުންކުރުމުގެ ހުއްދަ ލިބިފައިވާ ކުންފުންޏެއްކަން އެނގޭނެ ލިޔުން.

 

17 ވަނަ މާއްދާ - ހަތިޔާރާ ގުޅިގެން ހިނގާ ހަރަދު

ހަތިޔާރު ކަނޑުމަގުންނާއި ވައިގެމަގުން ފޮނުވުމުގެ އެންމެހައި ހަރަދުތައް ކުރަންޖެހޭނީ ލޯކަލް ކޯޑިނޭޓިންގ އެޖެންޓް ނުވަތަ އެ އުޅަނދަކުންނެވެ.

 

18 ވަނަ މާއްދާ - އެޖެންޓަކު ނެތި ރާއްޖެއިން ބޭރުން އަންނަ އުޅަނދު

ލޯކަލް ކޯޑިނޭޓިންގ އެޖެންޓަކު ކުރިން ހަމަޖެއްސުމަކާނުލައި ރާއްޖެ އެތެރެވާ އުޅަނދެއްގައި މިގާނޫނޫގައި ބަޔާންކުރާފަދަ އެއްޗެއް ހުރިނަމަ، އެ އުޅަނދު ރާއްޖޭގެ ސަރަހައްދަށް ވަނުމާއެކު އެ އުޅަނދުގައި ހުރި ސަލާމަތީ ރައްކާތެރިކަމާބެހޭ ހުރިހައި އާލަތްތަކެއް ޑިކްލެއަރކޮށް އެ އާލަތްތައް މިނިސްޓްރީ އޮފް ޑިފެންސް އާ ހަވާލުކުރަންވާނެއެވެ. އަދި ރާއްޖެއަށް އަންނަތާ ގިނަވެގެން 48 (އަށާޅީސް) ގަޑިއިރުތެރޭގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ ލޯކަލް ކޯޑިނޭޓިންގ އެޖެންޓެއް ހަމަޖައްސަންވާނެއެވެ.

 

19 ވަނަ މާއްދާ - އެޖެންޓަކު ނެތި ރާއްޖެއިން ބޭރުން އަންނަ އުޅަނދު

އުޅަނދު ރާއްޖޭގެ ސަރަހައްދަށް ވަދެފައިވަނީ ބައިނަލް އަގްވާމީ ކަނޑުގެ ގާނޫނުގައި، ނުވަތަ ރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަގްވާމީ މުއާހަދާއެއްގައި ދައުލަތުގެ މައްޗަށް ވަކިގޮތަކަށް އަމަލުކުރަން ލާޒިމު ހާލަތެއްގައިނަމަ ބައިނަލް އަގްވާމީ ކަނޑުގެ ގާނޫނުގައި، ނުވަތަ ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާގައި ބަޔާންކޮށްފައިވާ ގޮތަށް އެ އުޅަނދަކާމެދު އަމަލުކުރުމުގެ ފުރިހަމަ އިހްތިޔާރު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް ލިބިގެންވެއެވެ.

 

20 ވަނަ މާއްދާ - އެޖެންޓަކު ކަނޑަނާޅައި އަންނަ އުޅަނދުތައް

ލޯކަލް ކޯޑިނޭޓިންގ އެޖެންޓަކު ހަމަނުޖައްސައި ރާއްޖެ އަންނަ އުޅަނދު، އެޖެންޓަކު ހަމަޖެހި، މިގަވާއިދުގައިވާ ކަންކަމާމެދު، ޒިއްމާވާނެ ފަރާތެއްގެ ގޮތުގައި އެ އެޖެންޓް ހަމަޖެހެންދެން، އެ އުޅަނދެއް ރާއްޖޭގެ ސަރަހައްދުގައި ހަރާކާތްތެރިވުން މަނާކުރުމުގެ ބާރު މޯލްޑިވްސް ނޭށަނަލަލް ޑިފެންސް ފޯސްއަށް ލިބިގެންވެއެވެ.

 

21 ވަނަ މާއްދާ - އެޖެންޓް ކަމުން ވަކިވުން

ރާއްޖެ އަންނަ އުޅަނދެއްގެ ލޯކަލް ކޯޑިނޭޓިންގ އެޖެންޓަކު، އެޖެންޓްކަމުން ވަކިވެއްޖެނަމަ، އެޖެންޓްކަމުން ވަކިވިތާ 24 ގަޑިއިރުގެ ތެރޭގައި އެ އެޖެންޓަކު، އެކަން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް އަންގަންވާނެއެވެ. ހަމައެހެންމެ، އުޅަނދުގެ ފަރާތުން ލޯކަލް ކޯޑިނޭޓިންގ އެޖެންޓް އެޖެންޓްކަމުން ވަކިކޮށްފިނަމަ، އުޅަނދުގެ ވެރި ފަރާތުން 24 ގަޑިއިރުގެ ތެރޭގައި އެކަން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް އަންގަންވާނެއެވެ. މި ދެހާލަތުގައިވެސް އަންގާ އެންގުމުގައި، އެޖެންޓް ކަމުން ވަކިވާން ދިމާވި ސަބަބު ސާފުކޮށް ބަޔާންކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - އާ އެޖެންޓަކު ހަމަޖެއްސުން

މިގަވާއިދުގައިވާ ގޮތުގެމަތިން އެޖެންޓަކު ވަކިވެއްޖެނަމަ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީގެ ބެލުމުގެ ދަށުގައިވާ އުޅަނދުގެ އެއްވެސް އެއްޗެއް ދޫކުރެވޭނީ، އައު އެޖެންޓަކު އައްޔަންކޮށްގެންނެވެ.

 

23 ވަނަ މާއްދާ - ހުށަހެޅޭ މައުލޫމާތާއި އުޅަނދުގައި ހުރި ތަކެއްޗާ ދިމާނުވުން

ދިވެހި ރާއްޖެއަށް އަންނަ އުޅަނދަކާބެހޭ ކޮތުން ލޯކަލް ކޯޑިނޭޓިންގ އެޖެންޓް ހުށަހަޅާ މައުލޫމާތާއި، ރާއްޖެ އެތެރެވާ އުޅަނދުގައި ހުރި ދިވެހި ރާއްޖެއަށް އެތެރެކުރުން މަނާ ހަތިޔާރު، އެތަކެތީގެ ބާވަތުން، އަދަދުން، ނުވަތަ އެނޫންގޮތަކަށްވެސް ތަފާތުވުންތަކެއް ހުރިނަމަ ލޯކަލް ކޯޑިނޭޓިންގ އެޖެންޓާ މެދު މި ގަވާއިދުގެ 25 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް ލިބިގެންވެއެވެ.

 

24 ވަނަ މާއްދާ - ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ހަތިޔާރެއް ރާއްޖެއިން ބޭރުކުރާނެ އިންތިޒާމު ހަމަނުޖެހުން

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީ ގެ ބެލުމުގެ ދަށުގައި ހުރި ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ހަތިޔާރު މިގަވާއިދުގައި ބުނެފައިވާ ގޮތުގެމަތިން ރާއްޖެއިން ބޭރުކުރުމުގެ އިންތިޒާމު ލޯކަލް ކޯޑިނޭޓިންގ އެޖެންޓް އެއްވެސް ސަބަބަކާހުރެ ހަމަ ނުޖައްސައިފިނަމަ އެތަކެތި ނައްތާލުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް ލިބިގެންވެއެވެ.

 

25 ވަނަ މާއްދާ - މިގަވާއިދާ ހިލާފުވުން

ލޯކަލް ކޯޑިނޭޓިންގ އެޖެންޓް މިގަވާއިދާ ހިލާފުވެއްޖެނަމަ، ހިލާފުވީ މިންވަރެއްގެ ކުޑަ ބޮޑު މިނަށް ބަލައި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއިން ކަނޑައަޅާ މުއްދަތަކަށް ލޯކަލް ކޯޑިނޭޓިންގ އެޖެންޓުގެ ހުއްދަ ހިފެހެއްޓިދާނެއެވެ. ނުވަތަ ހުއްދަ އުކުގައި ބާތިލު ކުރެވިދާނެއެވެ.

 

26 ވަނަ މާއްދާ - ހުއްދަ ހިފެހެއްޓުން

(ހ) މިގަވާއިދުގައިވާ ކޮންމެ ގޮތަކަށް ބަޔާންވެފައިވީނަމަވެސް، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި، އަދި ރާއްޖެ ހިމެނޭ ކަނޑުގެ ސަރަހައްދާއި، އެސަރަހައްދުތަކުގައި ހިނގާކަންކަމާއި، އަދި އެކަމުގެ ސަބަބުން ދިވެހި ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވެ، ރާއްޖޭގެ މަސްވެރިންނާއި، ދިވެހ ރައްޔިތުންނާއި، ދިވެހި ގައުމުގެ މިނިވަންކަމާއި، ހަމަޖެހުމާއި، އިސްތިގްބާލަށްޓަކައި، އެވަގުތަކު އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމުގެ ގޮތުން، މި ގަވާއިދުގެ ދަށުން ދެވޭ ހުއްދަތަކަށް ދިނުން ވަކި މުއްދަތަކަށް މެދުކަނޑާލުމާއި، ވަކި މުއްދަތެއް ނެތި ހުއްދަ ދިނުން ހުއްޓާލުމާއި، ހުއްދަ ދިނުމަށްފަހުގައިވެސް މަތީގައިވާ ސަބަބުތަކަށްޓަކައި ހުއްދަ ހިފެހެއްޓުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދަތައް ހިފެހެއްޓުމުގައި ނުވަތަ ބާތިލު ކުރުމުގައި، ވަކި ފަރާތެއް އިސްތިސްނާ ކޮށްގެން ނުވާނެއެވެ.

 

27 ވަނަ މައްދާ - ހަތިޔާރު ރާއްޖެއިން ބޭރަށް ގެންދިއުމަށް ހުށަހަޅާ ފޯމު

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީ ގެ ބެލުމުގެ ދަށުގައި ހުރި ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ހަތިޔާރު ރާއްޖެއިން ބޭރަށް ގެންދިއުމަށް އެދޭފޯމުގައި ތިރީގައިވާ މައުލޫމާތުތައް މިނިސްޓްރީ އޮފް ޑިފެންސްށް ހުށަހަޅަންވާނެއެވެ.

(ހ)  ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ހަތިޔާރު ގެންދިއުމަށް އުޅަނދުގެ ވެރިފަރާތުން ނުވަތަ ސެކިއުރިޓީ އޮފިސަރުން އެދިފައިވާ ގައުމު.

(ށ) ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ހަތިޔާރު ގެންދަން ހަމަޖެހިފައިވާ ބަނދަރުގެ ނަން.

(ނ) ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ހަތިޔާރެއް ގެންދަން ހަމަޖެހިފައިވާ ގައުމާއި ސްޓޭޓްގެ ނަން.

(ރ) ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ހަތިޔާރެއް ގެންދަން ހަމަޖެހިފައިވާ ތާރީހާއި، ފްލައިޓް ނަންބަރު.

(ބ) ދިފާއީ އާލަތްތަކާ ހަވާލުވާނެ ފަރާތުގެ ނަމާއި އަދި އެފަރާތުގެ ހައިސިއްޔަތާއި، ހަވާލުވާ ފަރާތުގެ ޕާސްޕޯޓް ނަންބަރު، ނުވަތަ ނޭށަނަލް އައިޑެންޓިފިކޭށަންގެ ކޮޕީއެއް.

 

28 ވަނަ މާއްދާ - ސަލާމަތީ އާލަތް ވައިގެ މަގުން އެތެރެ ކުރުމާއި ބޭރުކުރުން

ދިވެހިރާއްޖެއަށް އަންނަ، ނުވަތަ ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރެއިން ހުރަސްކުރާ އުޅަނދެއްގެ ސަލާމަތީ ކަންކަމުގެ ބޭނުމަށް ވައިގެމަގުން ގެންނަ، ނަވަތަ ވައިގެމަގުން ރާއްޖެއިން ބޭރުކުރާ ސަލާމަތީ އާލަތްތަކާމެދުގައިވެސް އަމަލުކުރާނީ، ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ކަނޑުމަތީ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންނަ ހަތިޔާރާއި އަމަލުކުރުމަށް މިގަވާއިދުގައި ކަނޑައަޅާފައިވާ ގޮތަށެވެ. އެފަދަ ތަކެއްޗާބެހޭ އެންމެހައި މައުލޫމާތު، އެތަކެތި ރާއްޖެއަށް އައުމުގެ ކުރިން މިނިސްޓްރީ އޮފް ޑިފެންސަށް ހުށަހެޅުމާއި، އެކަމާ ގުޅިގެން ލޯކަލް ކޯޑިނޭޓިންގ އެޖެންޓް ކުރަންޖެހޭ ކަމަށް މި ގަވާއިދު ބުނާ އެންމެހައި ކަންކަން ފުރިހަމަ ކުރުމަކީ ލޯކަލް ކޯޑިނޭޓިންގ އެޖެންޓުގެ ޒިންމާއެކެވެ.

 

29 ވަނަ މާއްދާ - ސަރުކާރަށް ނެގޭ ފީ

މި ގަވާއިދުގެ ދަށުން ރާއްޖެއަށް އަންނަ އުޅަނދުފަހަރަށް ހިދުމަތް ދިނުމަށް ފީ ނަގާނީ އަންނަނިވި ގޮތުގެ މަތީންނެވެ.

  1. މާލެއިން ފެށިގެން 12 މޭލުގެ ރޭޑިއަސްއެއްގައި، އުޅަނދަކުން ހަތިޔާރު ނެގުމަށް، ނުވަތަ އުޅަނދަކަށް ހަތިޔާރު އެރުވުމަށް ހިދުމަތް ހޯދާ ކޮންމެ ފަހަރަކަށް 15,000 (ފަނަރަހާސް) ރުފިޔާ ސަރުކާރަށް ދައްކަންވާނެއެވެ.
  2. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީގެ ބެލުމުގެ ދަށުގައި ހަތިޔާރު ބެހެއްޓުމަށް، ކޮންމެ 30 ދުވަހަކަށް 12,000 (ބާރަހާސް) ރުފިޔާ ލޯކަލް ކޯޑިނޭޓިންގ އޭޖެންޓް ދައްކަން ވާނެއެވެ.
  3. ވައިގެ މަގުން ގެނެވޭ ސަލާމަތީ އާލަތްތައް ބަލައިގަނެ، ދޫކުރުމުގެ ހެންޑްލިންގ ފީ އެއްގެ ގޮތުގައި، 2,500 (ދެހާސް ފަސްސަތޭކަ) ރުފިޔާގެ މަގުން ފީނެގޭނެއެވެ.

 

30 ވަނަ މާއްދާ - މާނަކުރުން

"ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ހަތިޔާރެއް" ކަމަށް ބުނެފައިވަނީ، ގާނޫނު ނަންބަރު 4/1975 (ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނު) ގައި ހިމެނޭ ރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނުގައި ބުނެފައިވާފަދަ ސަލާމަތީ، އަދި ރައްކާތެރިކަމާ ގުޅޭ ތަކެއްޗަށެވެ.

"މާލެއާއި މާލެ ކައިރީ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ މާލެއިން ފެށިގެން 12 މޭލުގެ ރޭޑިއަސްއެއްގައި ހިމެނޭ ސަރަހައްދަށެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

އުވާލި ގަވާއިދު

ދިވެހިރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންނަ ހަތިޔާރާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 32/2018)

 

މައި ގާނޫނު

ރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނު (ގާނޫނު ނަންބަރު 4/1975)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު