-

ދިވެހިރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންނަ ހަތިޔާރާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 32/2018)

މި ގަވާއިދުން ވަނީ ގަވާއިދު ގަވާއިދު ނަންބަރު 34/2011 އާއި އެއަށް ގެނެވުނު 1ވަނަ އިސްލާހު އުވާލެވިފައި

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ ގާނޫނު ނަންބަރު 4/1975 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް އެ ގާނޫނުގެ 2 ވަނަ މާއްދާގެ (ރ) އާއި (ޅ) އިން ބާރުލިބިގެން އެކުލަވައިލާފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ދިވެހިރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންނަ ހަތިޔާރާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

(ހ) ދިވެހިރާއްޖޭގެ ސަރަހައްދަށް ވަންނަ އުޅަނދުފަހަރާއި، ދިވެހިރާއްޖޭގެ ސަރަހައްދު ހުރަސްކޮށްދަތުރުކުރާ އުޅަނދުފަހަރު، ދަތުރުކުރުމުގައި ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކުންސަލާމަތްވުމަށް އުޅަނދުފަހަރުގައި ބަހައްޓާފައި ހުންނަ ދިވެހިރާއްޖެއަށް ގެނައުން މަނާހަތިޔާރާމެދު އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން.

(ށ) ދިވެހިރާއްޖެއަށް ގެނައުން މަނާ ހަތިޔާރު، ދިވެހިރާއްޖޭގެ ބަނދަރަކަށް އައުމުގެ ކުރިން މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯޯސް (އެމް.އެން.ޑީ.އެފް) އާއި ހަވާލުކުރުމާއި އެފަދަ އުޅަނދުފަހަރަށް ބޭނުންވާ ހަތިޔާރު ވައިގެ މަގުން ދިވެހިރާއްޖެއަށް ގެނައުމާއި ދިވެހިރާއްޖެއިން ފޮނުވާލުމާބެހޭ އުސޫލުތައް ކަނޑައެޅުން.

(ނ) އެފަދަ އުޅަނދުފަހަރާއެކު އަންނަ ސެކިއުރިޓީ ގާޑުންނާއި، އުޅަނދާއި ވަކިން އަންނަ ސެކިއުރިޓީ އެސްކޯޓުގައި ހުންނަ ދިވެހިރާއްޖެއަށް ގެނައުން މަނާ ހަތިޔާރާއި ސެކިއުރިޓީ ގާޑުންނާގުޅޭ އުސޫލުތައް ކަނޑައެޅުން.

(ރ) ދިވެހިރާއްޖެއަށް ގެނައުން މަނާ ހަތިޔާރެއް ހުރި އުޅަނދެއް ދިވެހިރާއްޖޭގެ ސަރަހައްދަށް ވަނުމާއި، އެފަދަ އުޅަނދުފަހަރުގެ ސަލާމަތަށްޓަކައި، ގެންނަ އެންމެހައި ހަތިޔާރު އަނބުރާ އެ ފަރާތްތަކާ ހަވާލުކުރުމާއި، މި ނޫންވެސް މިކަމާ ގުޅުންހުރި ކަންކަން ކަނޑައަޅައި އެ ކަންކަން ތަންފީޒުކުރުން.

 

3 ވަނަ މާއްދާ - ގެނެވޭނެ ހަތިޔާރާއި، ހިދުމަތް ދެވޭނެ ސަރަހައްދު 

(ހ) މި ގަވާއިދުގެ ދަށުން ދިވެހިރާއްޖެއަށް ގެނެވޭނީ 10 (ދިހައެއް) މިލިމީޓަރުން ފެށިގެން ދަށް ކެލިބަރގެ ރައިފަލާއި ހޭންޑްގަންއާއި ސޯޅަ ގޭޖުން ފެށިގެން ދަށުގެ ށޮޓްގަންފަދަ ހަތިޔާރުތަކެވެ. މިނޫން ބާވަތެއްގެ ހަތިޔާރެއް ހުރިނަމަ އެ ތަކެތި ގާނޫނު ނަންބަރު 4/1975 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނު) ގައިވާގޮތުގެ މަތީން އެމް.އެން.ޑީ.އެފް. އަށް އަތުލެވޭނެއެވެ.  

(ށ) މި ގަވާއިދުގެ ދަށުން ހިދުމަތް ހޯދުމަށްޓަކައި، ބަނދަރު ކުރެވޭނީ، ހަމައެކަނި މާލޭ ބަނދަރުގައެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ސަރަހައްދުންނާއި ދިވެހިރާއްޖޭގެ ސަރަހައްދުން ބޭރުން، ބަނދަރުކުރުމަކާއި ނުލައި ދަތުރުކުރާ އުޅަނދުފަހަރަށް މި ގަވާއިދުގެ ދަށުން ހިދުމަތް ދެވިދާނެއެވެ.

 

4 ވަނަ މާއްދާ - އުޅަނދު އައުމާއި ދިއުމަށް ހުއްދަ ހޯދުން 

ދިވެހިރާއްޖެއަށް ގެނައުން މަނާ ހަތިޔާރު ހުރި އުޅަނދެއް ދިވެހިރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ކުރިންނާއި ދިވެހިރާއްޖެއިން ފުރުމުގެ ކުރިން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިނިސްޓްރީގެ ހުއްދަ ހޯދަންވާނެއެވެ.

 

5 ވަނަ މާއްދާ - އެޖެންޓުން ހަމަޖެއްސުން

ދިވެހިރާއްޖެއަށް ގެނައުން މަނާ ހަތިޔާރު ހުރި ކޮންމެ އުޅަނދެއް ދިވެހިރާއްޖެއަށް އައުމުގެ ކުރިން ދިވެހިރާއްޖޭގެ ލޯޯކަލް ކޯޑިނޭޓިންގ އެޖެންޓެއް ހަމަޖައްސަންވާނެއެވެ. އަދި އެ އެޖެންޓަކީ މި ގަވާއިދުގެ ދަށުން މިނިސްޓްރީގައި ރަޖިސްޓަރީ ކުރެވިފައިވާ ލޯޯކަލް ކޯޑިނޭޓިންގ އެޖެންޓަކަށް ވާންވާނެއެވެ.

 

6 ވަނަ މާއްދާ - އެޖެންޓެއްގެ ގޮތުގައި ރަޖިސްޓަރީވުން

(ހ) ލޯޯކަލް ކޯޑިނޭޓިންގ އެޖެންޓެއްގެ ގޮތުގައި ރަޖިސްޓަރީ ވުމަށްޓަކައި މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯޯމު ފުރިހަމަކުރުމަށްފަހު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) ލޯޯކަލް ކޯޑިނޭޓިންގ އެޖެންޓުގެ ގޮތުގައި މަސައްކަތް ކުރެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ. 

  1. ލޯޯކަލް ކޯޑިނޭޓިންގ އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ދިވެހިރާއްޖޭގައި ރަޖިސްޓަރީވެފައިވާ ކުންފުންޏެއްކަމުގައިވުން.
  2. ކުންފުނީގެ ހިއްސާދާރުންނާއި، ކުންފުނީގެ ޑިރެކްޓަރުންގެ ތެރޭގައި، ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ބުރޫއަރާފަދަ އަމަލެއް ކުރަން އުޅޭކަމުގެ ނުވަތަ ކޮށްފާނެކަމުގެ ތުހުމަތު، ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ކޮށްފައިވާ، ނުވަތަ އެފަރާތްތަކާމެދު އެފަދަ އިންޓެލިޖެންސް މައުލޫމާތެއް ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް ލިބިފައިާވ މީހަކު ނެތުން. 
  3. ކުންފުނީގެ ހިއްސާދާރުންނާއި، ކުންފުނީގެ ޑިރެކްޓަރުންގެ ތެރޭގައި، ދިވެހިރާއްޖޭ ެގ ގައުމީ ސަލާމަތަށް ބުރޫއަރާފަދަ އަމަލެއް ކޮށްގެން ށަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން، ށަރީއަތަށް ކުށްސާބިތުވެފައިވާ މީހަކު ނެތުން.
  4. ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި އެއްވެސް ބިދޭސީއަކު ހިމެނިފައިނުވުން.
  5. ދައުލަތުގެ ސިޔާސީ މަގާމެއްގައި ހުރި މީހަކު ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގައި ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތް ކޮށްފައިވާ މީހަކު ކުންފުނީގެ ހިއްސާދާރުންނާއި، ކުންފުނީގެ ޑިރެކްޓަރުންގެ ތެރޭގައި ނުވަތަ މުވައްޒަފުންގެތެރޭގައި ނުހިމެނުން.

7 ވަނަ މާއްދާ - އެޖެންޓުންނަށް ހުއްދަ ދިނުން 

ލޯޯކަލް ކޯޑިނޭޓިންގ އެޖެންޓުންނަށް ހުއްދަ ދޭނީ މިނިސްޓްރީންނެވެ. މިގޮތުން ހުއްދަ ދޭއިރު، ގައުމީ ސަލާމަތާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި، އިސްތިގްލާލާއި، އަމިއްލަވަންތަކަމަށް ރިއާޔަތްކޮށް، މިނިސްޓްރީއަށް ފެނިއްޖެ ހިނދެއްގައި، މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ނުވަތަ ފަރާތްތަކަށް ލޯޯކަލް ކޯޑިނޭޓިންގ އެޖެންޓުކަމުގެ ހުއްދަ ދިނުމާއި ނުދިނުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - ލޯކަލް ކޯޑިނޭޓިންގ އެޖެންޓުގެ ޒިންމާތައް

(ހ) ހަތިޔާރާއެކު ދިވެހިރާއްޖެއަށް އަންނަ ބޭރުގެ އުޅަނދު ފަހަރާބެހޭ މައުލޫމާތު، މި ގަވާއިދުގައިވާ ގޮތުގެ މަތީން މިނިސްޓްރީއަށް ހުށަހަޅައި، އަދި މިނިސްޓްރީއަށް ޖަވާބުދާރީވުން.

(ށ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާގޮތަށް ބަނދަރުކުރުމަކާނުލައި ހަތިޔާރު ބާލައި އެރުވުމުގައި، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގޮތުގެ މަތީން ސަރުކާރަށް ދައްކަންޖެހޭ ފީ ދެއްކުމާއި ކަނޑުމަގުންނާއި ވައިގެމަގުން ހަތިޔާރު ފޮނުވުމަށްޓަކައިސަރުކާރަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދެއްކުން. 

(ނ) ކަނޑުގެ މަގުން ނުވަތަ ވައިގެ މަގުން ދިވެހިރާއްޖެއަށް ހަތިޔާރު ގެނައުމާއި ގެންދިއުމާގުޅޭގޮތުން ލޯޯކަލް ކޯޑިނޭޓިންގ އެޖެންޓް ކުރަންޖެހޭކަމަށް މި ގަވާއިދުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަކުރުން.

(ރ) މި ގަވާއިދަށާއި މި ގަވާއިދުގެ ދަށުން މަސައްކަތްކުރާ ހުރިހާ މުއައްސަސާތަކުގެ އަމުރުމައުރޫފުތަކަށް ތަބާވެ އެ ފަރާތްތަކުން އަންގާ އެންގުންތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު ކިޔަމަންވުން. 

(ބ) މި ގަވާއިދުގެ ދަށުން ލޯޯކަލް ކޯޑިނޭޓިންގ އެޖެންޓް ކުރަމުންދާ އެއްވެސް މަސައްކަތެއް ނުވަތަ އުފުލަންޖެހޭ އެއްވެސް ޒިންމާއެއް ނުވަތަ ކުރަންޖެހޭ އެއްވެސް ކަމެއް ދެވަނަ ފަރާތަކަށް ހަވާލު ނުކުރުން. 

(ޅ) ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނާއި މި ގަވާއިދު، ދިވެހިރާއްޖެ އަންނަ އުޅަނދުތަކަށް އޮޅުންފިލުވައިދިނުން. 

 

9 ވަނަ މާއްދާ - ހުއްދަ ނުދީ ހިފެހެއްޓުމާއި ހުއްދަ ބާތިލުކުރުން

(ހ) ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި، ދިވެހިރާއްޖެ ހިމެނޭ ކަނޑުގެ ސަރަހައްދުތަކުގައި ހިނގާ ކަންކަމާއި، ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެކަމަށް ފެންނަ ހާލަތްތަކުގައި މި ގަވާއިދުގެ ދަށުން ދެވޭ ހުއްދަތައް ދިނުން ވަކި މުއްދަތަކަށް މެދުކަނޑައިލެވިދާނެއެވެ. އަދި ވަކި މުއްދަތެއް ނެތި ހުއްދަދިނުން ހުއްޓާލުމާއި، ހުއްދަ ހިފެހެއްޓުމުގެ ުފރިހަމަ އިހުތިޔާރާއި ބާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ. 

(ށ) ލޯޯކަލް އެޖެންޓުން މި ގަވާއިދާ ހިލާފު ވެއްޖެނަމަ ނުވަތަ މި ގަވާއިދުގެ ރޫހާ ހިލާފު ގޮތަކަށް ކަމެއް ކުރަން ނުވަތަ އެއްވެސް ނުފޫޒެއް ބޭނުންކޮށްގެން ކަމެއް ކުރަން މަސައްކަތް ކޮށްފިނަމަ، މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ހުއްދަ، ބާތިލު ކުރުމުގެ ނުވަތަ ހިފެހެއްޓުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ. 

 

10 ވަނަ މާއްދާ - ހަތިޔާރު ގެނައުމުގެ ހުއްދައަށް އެދުން

ބޭރުން އަންނަ އެއްވެސް އުޅަނދެއްގައި ދިވެހިރާއްޖެއަށް ގެނައުން މަނާ ހަތިޔާރު ހުރިނަމަ، އެ އުޅަނދެއް ދިވެހިރާއްޖޭގެ ސަރަހައްދަށް ވަނުމުގެ 2 (ދޭއް) ދުވަސް ކުރިން، ބަންދު ދުވަސްތައް ނުހިމަނާ، އެ އުޅަނދަކާބެހޭ މައުލޫމާތު ޖަދުވަލު 3 ގައިވާ ފޯޯމު މެދުވެރިކޮށް މިނިސްޓްރީއަށް، ހުށަހަޅަންވާނެއެވެ. 

11 ވަނަ މާއްދާ - ހަތިޔާރު ޑިކްލެއަރކުރުން

ދިވެހިރާއްޖެއަށް އަންނަ އެއްވެސް އުޅަނދެއްގައި ހަތިޔާރު ހުރިނަމަ، އެ އުޅަނދު ދިވެހިރާއްޖޭގެ ސަރަހައްދަށް ވަނުމުގެކުރިން އެ ތަކެތި ޑިކްލެއަރ ކުރަންވާނެއެވެ. 

 

12 ވަނަ މާއްދާ - ހަތިޔާރު އެމް.އެން.ޑީ.އެފް. ގެ ބެލުމުގެދަށަށް ގެންދިއުން

(ހ) ދިވެހިރާއްޖެއަށް އަންނަ އުޅަނދެއްގައި، ދިވެހިރާއްޖެއަށް ގެނައުން މަނާ ހަތިޔާރު ހުރިނަމަ، އެ އުޅަނދެއް ދިވެހިރާއްޖޭގެ ސަރަހައްދަށް ވަނުމުން ނުވަތަ މާލޭގެ ބަނދަރަށް އައުމުން، އެ އުޅަނދުގައިހުރި އެފަދަ ހުރިހާ ތަކެތި އެމް.އެން.ޑީ.އެފް. ގެ ބެލުމުގެ ދަށަށް ގެނެވޭނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް ހަތިޔާރު އެމް.އެން.ޑީ.އެފް. ގެ ބެލުމުގެ ދަށަށް ގެންނައިރު، ލޯޯކަލް ކޯޑިނޭޓިންގ އެޖެންޓުން، މިނިސްޓްރީއަށް ދީފައިވާ މައުލޫމާތާއި، އުޅަނދުގައި ހުރި ހަތިޔާރާ ދިމާވޭތޯ ބެލޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް އެމް.އެން.ޑީ.އެފް. ގެ ބެލުމުގެ ދަށަށް ހަތިޔާރު ގެނައުމަށްޓަކައި އުޅަނދަށް އަރަންވާނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މުވައްޒަފުންގެ ހާޒިރުގައެވެ.

13 ވަނަ މާއްދާ - ހުށަހަޅާ މައުލޫމާތާއި އުޅަނދުގައި ހުރި ތަކެއްޗާ ދިމާނުވުން 

(ހ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް ބަލާއިރު، އުޅަނދުގައި ހުރި ދިވެހިރާއްޖެއަށް ގެނައުން މަނާ ހަތިޔާރާއި ލޯޯކަލް ކޯޑިނޭޓިންގ އެޖެންޓް ހުށަހަޅާ މައުލޫމާތު ދިމާނުވާނަމަ، އެ ތަކެތި އެމް.އެން.ޑީ.އެފް. ގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު އެ ތަކެތި އަތުލެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް، ލޯޯކަލް ކޯޑިނޭޓިންގ އެޖެންޓް ހުށަހަޅާ މައުލޫމާތާ ދިމާނުވާ ހަތިޔާރެއް ނުވަތަ އެފަދަ އާލާތެއް އުޅަނދުގައި ހުރިނަމަ، އުޅަނދުގެ ކެޕްޓަންގެ ބަޔާންނެގޭނެއެވެ.

(ނ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް ބަލާއިރު، އުޅަނދުގައި ހުރި ދިވެހިރާއްޖެއަށް ގެނައުން މަނާ ހަތިޔާރާއި ލޯޯކަލް ކޯޑިނޭޓިންގ އެޖެންޓް ހުށަހަޅާ މައުލޫމާާތު ދިމާނުވާނަމަ، އެ ތަކެތި އެމް.އެން.ޑީ.އެފް. ގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު ލޯކަލް ކޯޑިނޭޓިންގ އެޖެންޓާމެދު މި ގަވާއިދުގެ 23 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

14 ވަނަ މާއްދާ - ހަތިޔާރު ކަނޑުމަގުން އަނބުރާ ގެންދިއުން

(ހ) އެމް.އެން.ޑީ.އެފް. ގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ރާއްޖެއަށް ގެނައުން މަނާ ހަތިޔާރު އެ އުޅަނދަކާ އަނބުރާ ހަވާލުކުރެވޭނީ ލޯޯކަލް ކޯޑިނޭޓިންގ އެޖެންޓް އެކަމަށް އެދުމާއެކު އެ އުޅަނދަކަށް އައުޓްވާރޑް ކްލިއަރެންސް ލިބުމުންނެވެ. 

(ށ) އެމް.އެން.ޑީ.އެފް. އިން ހަތިޔާރު، އުޅަނދާ ހަވާލުކުރާނީ މާލޭ ބަނދަރުން ފުރާ އުޅަނދެއްނަމަ،އެ އުޅަނދަށް އައުޓްވާޑް ކްލިއަރެންސް ލިބި، އެ އުޅަނދު ރާއްޖޭގެ ސަރަހައްދުން ނުކުތުމަށްދަތުރު ފަށާއިރުއެވެ. މާލެ ބަނދަރު ފިޔަވައި އެހެން ސަރަހައްދަކުން ނަމަ، އެ އުޅަނދެއްދިވެހިރާއްޖޭގެ ސަރަހައްދުން ނުކުންނަން ދަތުރު ފަށާއިރުގައެވެ.  

(ނ) އެމް.އެން.ޑީ.އެފް. އިން ހަތިޔާރު ހަވާލުކުރަންވާނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މުވައްޒަފުންގެ ހާޒިރުގައެވެ. އަދި މިގޮތަށް ހަތިޔާރު ހަވާލުކުރުމަށްފަހު، އެ އުޅަނދެއް ދިވެހިރާއްޖޭގެ ސަރަހައްދުން ނުކުންނަންދެން އެމް.އެން.ޑީ.އެފް. ގެ ކޯސްޓްގާޑުން އެ އުޅަނދެއް މޮނިޓަރކޮށް ބަލަހައްޓަންވާނެއެވެ.

(ރ) އެމް.އެން.ޑީ.އެފް. ގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ހަތިޔާރު ދިވެހިރާއްޖެއިން ބޭރަށްފުރާ އެހެން އުޅަނދަކާ ހަވާލުކުރުމަށް ލޯޯކަލް ކޯޑިނޭޓިންގ އެޖެންޓް އެދޭ ހާލަތުގައިވެސް އެ ތަކެތި އެ އުޅަނދާ ހަވާލުކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ
އެއްގޮތްވާގޮތުގެ މަތީންނެވެ.

(ބ) އެމް.އެން.ޑީ.އެފް. ގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ހަތިޔާރު ހިފައިގެން ފުރާ އުޅަނދުފަހަރު ދިވެހިރާއްޖޭގެ ސާރޗް އެންޑް ރެސްކިޔު ރީޖަން (އެސް.އާރް.އާރް) (ޖަދުވަލު 4 ގައިވާ) ސަރަހައްދުން ނިކުންނަންދެން ކޮންމެ 5 (ފަހެއް) ގަޑިއިރަކުން އެ އުޅަނދެއް އޮތް ހިސާބެއް ކޯސްޓްގާޑަށް ރިޕޯޓުކުރަން ވާނެއެވެ. އަދި އެ ސަރަހައްދުގައި އެއްވެސް ކަހަލަ ހާދިސާއެއް ހިނގައިފިނަމަ، އެ ހާދިސާއެއްގެ މައުލޫމާތު ވަގުތުން ކޯސްޓްގާޑާ ހިއްސާކުރަން ވާނެއެވެ. މިނޫންގޮތަކަށް މައުލޫމާތު ރިޕޯޓުކުރުމުގެ ކަންތައްތައް ހަމަޖައްސަން ޖެހިއްޖެނަމަ، މިނިސްޓްރީން ލޯޯކަލް ކޯޑިނޭޓިންގ އެޖެންޓް މެދުވެރިކޮށް އެކަން އެ އުޅަނދަށް އަންގާނެއެވެ.

15 ވަނަ މާއްދާ - ވައިގެމަގުން ހަތިޔާރު ގެނައުމާއި، ގެންދިއުން

(ހ) ދިވެހިރާއްޖެއަށް އަންނަ، ނުވަތަ ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރެއިން ހުރަސްކުރާ އުޅަނދެއްގެ ސަލާމަތާއި ރައްކާތެރިކަމުގެ ބޭނުމަށް ވައިގެމަގުން، ހަތިޔާރެއް ގެންނަނަމަ، ގެންނަންވާނީ ގެންނަ ހަތިޔާރުތަކާބެހޭ މައުލޫމާތާއި، ހުރަސްކުރާ އުޅަނދާބެހޭ މައުލޫމާތު ލޯޯކަލް ކޯޑިނޭޓިންގ އެޖެންޓް މެދުރެވިކޮށް، މިނިސްޓްރީއަށް ހުށަހަޅައި، ހުއްދަ ލިބިގެންނެވެ.

(ށ) އުޅަނދު ފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ދިވެހިރާއްޖެއަށް ގެނެސްފައިވާ އެއްވެސް ހަތިޔާރެއް ވައިގެމަގުން ދިވެހިރާއްޖެއިން ބޭރުކުރަން ބޭނުންވެއްޖެނަމަ، ލޯޯކަލް ކޯޑިނޭޓިންގ އެޖެންޓް މެދުވެރިކޮށް އެކަން އެމް.އެން.ޑީ.އެފް. އަށް އެންގުމުން، ލޯޯކަލް ކޯޑިނޭޓިންގ އެޖެންޓް ހަމަޖައްސާ އުޅަނދަކަށް އެމް.އެން.ޑީ.އެފް. ގެ ބެލުމުގެ ދަށުން ހަތިޔާރު އަރުވައިދެވޭނެއެވެ.

(ނ) މި މާއްާދގެ (ހ) އާއި، (ށ) ގައިވާ ގޮތަށް ވައިގެ މަގުން ދިވެހިރާއްޖެއަށް ހަތިޔާރު ގެނައުމާއި ގެންދިއުމުގައި ވެސް، އަމަލުކުރާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށެވެ. އަދި އެފަދަ ތަކެއްޗާބެހޭ އެންމެހައި މައުލޫމާތު، އެތަކެތި ދިވެހިރާއްޖެއަށް އައުމުގެ ކުރިން މިނިސްޓްރީ އަށް ހުށަހަޅައި، އެކަމާ ގުޅިގެން ލޯޯކަލް ކޯޑިނޭޓިންގ އެޖެންޓް ކުރަންޖެހޭ އެންމެހައި ކަންކަން ލޯޯކަލް ކޯޑިނޭޓިންގ އެޖެންޓު ފުރިހަމަ ކުރަންވާނެއެވެ. 

(ރ) ދިވެހިރާއްޖެއަށް ގެނައުން މަނާ ހަތިޔާރު ދިވެހިރާއްޖެއަށް ގެނައުމަށް ފަހު މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖެއިން ބޭރަށް ވައިގެމަގުން ގެންދާނަމަ، އެ ތަކެތި ގެންދެވޭނީ ބައިނަލްއަގްވާމީ އޭވިއޭށަންގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ބ) ދިވެހިރާއްޖެއަށް އަންނަ، ނުވަތަ ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރެއިން ހުރަސްކުރާ އުޅަނދެއްގައި ބެހެއްޓުމަށް ވައިގެމަގުން ހަތިޔާރު ގެނައުމުގެ ހުއްދައަށް އެދި ހުށަހަޅާ ޖަދުވަލު 5 ގައިވާ ފޯޯމުންނެވެ. 

16 ވަނަ މާއްދާ - އެޖެންޓަކު ކުރިން ހަމަނުޖައްސައި އަންނަ އުޅަނދުފަހަރު 

(ހ) އިންޖީނު ހުއްޓިގެން ނުވަތަ ފަޅުވެރިއަކު ބަލިވުންފަދަ ހާއްސަ ހާލަތެއް މެދުވެރިވެގެން ލޯޯކަލް ކޯޑިނޭޓިންގ އެޖެންޓަކު ކުރިން  ހަމަޖެއްސުމަކާނުލައި ދިވެހިރާއްޖޭގެ ސަރަހައްދަށް ވަންނަ އުޅަނދެއްގައި ދިވެހިރާއްޖެއަށް ގެނައުން މަނާ އެއްވެސް ހަތިޔާރެއް ހުރިނަމަ، އެ އުޅަނދު ދިވެހިރާއްޖޭގެ ސަރަހައްދަށް ވަނުމުގެކުރިން އެކަން އެމް.އެން.ޑީ.އެފް. އަށް އަންގަންވާނެއެވެ. އަދި ހުރި ހަތިޔާރުގެ ތަފުސީލާއި، ދިވެހިރާއްޖޭގެ ސަރަހައްދަށް ވަންނަން ދަންވާނެއެވެ. 

 

17 ވަނަ މާއްދާ - އެޖެންޓް ކަމުން ވަކިވުން 

(ހ) ލޯކަލް ލޯޯކަލް ކޯޑިނޭޓިންގ އެޖެންޓަކު، އެޖެންޓްކަމުން ވަކިވެއްޖެނަމަ، ނުވަތަ އުޅަނދުގެ ފަރާތުން ލޯޯކަލް ކޯޑިނޭޓިންގ އެޖެންޓަކު ވަކިކޮށްފިނަމަ، 24 (ސައުވީސް) ގަޑިއިރުގެތެރޭގައި ލޯކަލް ކޯޑިނޭޓިންގ އެޖެންޓް އެކަން މިނިސްޓްރީއަށް އަންގަންވާނެއެވެ. 

(ށ) ލޯޯކަލް ކޯޑިނޭޓިންގ އެޖެންޓަކު، އެޖެންޓްކަމުން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ އެކަން މިނިސްޓްރީއަށް އަންގާއިރު ސަބަބު ސާފުކޮށް ބަޔާންކުރަންވާނެއެވެ. 

 

18 ވަނަ މާއްދާ - އައު އެޖެންޓަކު ހަމަޖެއްސުން

(ހ) މި ގަވާއިދުގައި ވާގޮތުގެމަތީން އެޖެންޓުކަމުން ވަކިވެއްޖެނަމަ، 24 (ސައުވީސް) ގަޑިއިރުގެތެރޭގައި އައު އެޖެންޓަކު ހަމަޖައްސަންވާނެއެވެ. 

(ށ) ދިވެހިރާއްޖެއަށް އަންނަ އުޅަނދެއްގައި ހުންނަ ހަތިޔާރު، އެމް.އެން.ޑީ.އެފް. ގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނިކޮށް އެޖެންޓް، އެޖެންޓްކަމުން ވަކިވެއްޖެނަމަ، އެމް.އެން.ޑީ.އެފް. ގެ ބެލުމުގެ ދަށުގައިވާ އުޅަނދުގެ އެއްވެސް އެއްޗެއް ދޫކުރެވޭނީ، އައު އެޖެންޓަކު ހަމަޖެއްސުމުންނެވެ. 

 

19 ވަނަ މާއްދާ - ހަތިޔާރު ބޭރުކުރާނެ އިންތިޒާމު ހަމަނުޖެހުމާއި ފީ ނުދެއްކުން

(ހ) މި ގަވާއިދުގެ ދަށުން އެމް.އެން.ޑީ.އެފް. ގެ ބެލުމުގެ ދަށުގައި ބެހެއްޓޭ ހަތިޔާރު ދިވެހިރާއްޖެއިން ބޭރުކުރުމުގެ އިންތިޒާމު ހަމަނުޖައްސައި 3 (ތިނެއް) މަސްދުވަހަށްވުރެ އިތުރުވެއްޖެނަމަ، އެ ހަތިޔާރު އަތުލެވޭނެއެވެ. އަދި މިގޮތަށް އަތުލެވޭ ހަތިޔާރަށް އެއްވެސް ބަދަލެއް ނުދެވޭނެއެވެ. 

(ށ) އެމް.އެން.ޑީ.އެފް. ގެ ބެލުމުގެ ދަށުގައި ބެހެއްޓޭ ހަތިޔާރަށް ސަރުކާރަށް ދައްކަންޖެހޭ ފީ ނުދައްކައި 1 (އެކެއް) މަސްދުވަހަށްވުރެ ގިނަ ދުވަހު ހުރެއްޖެނަމަ، އެ ހަތިޔާރު އަތުލެވޭނެއެވެ. އަދި މިގޮތަށް އަތުލެވޭ ހަތިޔާރަށް އެއްވެސް ބަދަލެއް ނުދެވޭނެއެވެ.

 

20 ވަނަ މާއްދާ - އިސްތިސްނާ އުޅަނދުފަހަރު

(ހ) އުޅަނދު ދިވެހިރާއްޖޭގެ ސަރަހައްދަށް ވަދެފައިވަނީ "ދަ ޔުނައިޓަޑް ނޭށަންސް ކޮންވެންށަން އޮން ލޯޯ އޮފް ދަ ސީ" ގައި، ބަޔާންކޮށްފައިވާގޮތަށް ނުވަތަ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގައި ދައުލަތުގެ މައްޗަށް ވަކިގޮތަކަށް އަމަލުކުރަން ލާޒިމުވާ ހާލަތުގައި ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުގައި، ނުވަތަ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަާދގައި ބަޔާންކޮށްފައިވާގޮތަށް ކަމަށްވާނަމަ، އެ މުއާހަދާއެއްގައި ވާގޮތަށް އެ އުޅަނދަކާމެދު އަމަލުކުރުމުގެ ފުރިހަމަ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) ދިވެހިރާއްޖޭގެ ބަނދަރުތަކަށް އަންނަ ބޭރުގެ އަސްކަރީ އުޅަނދުފަހަރާއި، ދިވެހިރާއްޖޭގެ ސަރަހައްދު ތެރެއިން ދަތުރުކުރާ ބޭރުގެ އަސްކަރީ އުޅަނދުފަހަރާއި، ދިވެހި އަސްކަރިއްޔާއާ ގުޅިގެން ހިންގާ އެކިއެކި ޓްރޭނިންގތަކަށް އަންނަ ބޭރުގެ އުޅަނދުފަހަރު މި ގަވާއިދުން އިސްތިސްނާކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

 

21 ވަނަ މާއްދާ - ސަރުކާރަށްނެގޭ ފީ

މި ގަވާއިދުގެ ދަށުން ދިވެހިރާއްޖެއަށް ގެނައުން މަނާ ހަތިޔާރާއި، އާލާތްތަކުގެ ވައްތަރާއި، އަދަދާއި، އަދި އެ ތަކެތި އެމް.އެން.ޑީ.އެފް. ގެ ބެލުމުގެ ދަށަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތަށާއި، ކުރަންޖެހޭ ދަތުރުތަކަށް ބެލުމަށްފަހު، ސަރުކާރަށް ދައްކަންޖެހޭ ފައިސާގެ އަދަދު ކަނޑައަޅާނީ މިނިސްޓްރީންނެވެ. މިގޮތުން ކުރަންޖެހޭ މަސައްކަތުގެ ކުޑަބޮޑުމިނަށް ބަލައި، ފީ ނެގޭނެ އުސޫލު މި ގަވާއިދުގެ ޖަދުވަލު 2 ގައި ވާނެއެވެ.

 

22 ވަނަ މާއްދާ - ޕްރައިވެޓްލީ ކޮންޓްރެކްޓެޑް އާރމްޑް ސެކިއުރިޓީ ޕާރސަނަލް 

(ހ) ޕްރައިވެޓްލީ ކޮންޓްރެކްޓެޑް އާރމްޑް ސެކިއުރިޓީ ޕާރސަނަލް (ޕީ.ސީ.އޭ.އެސް.ޕީ) އަކީ، ސެކިއުރިޓީ ހިދުމަތްދޭ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާ ޕްރައިވެޓް ސެކިއުރިޓީ ކުންފުންޏެއްގެ ސެކިއުރިޓީ އޮފިސަރުންނަށް ވާންޖެހޭނެއެވެ. 

(ށ) ހަތިޔާރާއެކު ދިވެހިރާއްޖޭގައި ބަނދަރުކުރުމަށް ނުވަތަ ދިވެހިރާއްޖޭގެ ސަރަހައްދު ހުރަސްކުރާ އުޅަނދުފަހަރުގައި ޕީ.ސީ.އޭ.އެސް.ޕީއިންނަށް ތިބެވޭނީ އެ އުޅަނދެއް ރަޖިސްޓަރީ ކޮށްފައިވާ ގައުމުގެ ކަމާބެހޭ ގާނޫނުތަކާއި، ގަވާއިދުތަކުގެ ދަށުން ޕީ.ސީ.އޭ.އެސް.ޕީ. އިން ގެންގުޅުން ހުއްދަކުރާނަމައެވެ. އަދި މިގޮތަށް ހުއްދަކުރާނަމަ އެކަމާގުޅޭ ހުރިހާ ލިޔެކިޔުންތައް އެ އުޅަނދެއްގައި ހުންނަންވާނެއެވެ.

(ނ) ޕީ.ސީ.އޭ.އެސް.ީޕ.އިންނަކީ ހަތިޔާރާއެކު ހަރަކާތްތެރިވާން އެކަށީގެންވާ ފަރާތެއް ނޫންކަމަށް މިނިސްޓްރީއަށް ފެނިއްޖެނަމަ، ދިވެހިރާއްޖެއިން ފުރާއިރު، ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ނުވަތަ ބައިނަލް އަގުވާމީ ކަނޑުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖެއިން ބަލަހައްޓާ ސަރަހައްދުގެ ތެރޭގައި ހަތިޔާރާއެކު ހަރަކާތްތެރިވުން މަނާކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

(ރ) ޕީ.ސީ.އޭ.އެސް.ީޕ. އިންނަކީ ހަތިޔާރާއެކު ހަރަކާތްތެރިވާން އެކަށީގެންވާ ފަރާތެއް ނޫންކަމަށް ކަނޑައަޅާނީ އެ މީހުންނާގުޅޭ މައުލޫމާތާއި ބެކްގްރައުންޑާއި އިންޓަޕޯލް ފަދަ އިދާރާތަކުން ދޭ މައުލޫމާތުގެ މައްޗަށް ބަލައި، މިނިސްޓްރީންނެވެ.

23 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

(ހ) ލޯޯކަލް ކޯޑިނޭޓިންގ އެޖެންޓް މި ގަވާއިދާ ހިލާފުވެއްޖެނަމަ، ހިލާފުވީ މިންވަރެއްގެ ކުޑަބޮޑުމިނަށް ބަލައި، 2000 (ދެ ހާސް) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. 

(ށ) ގަވާއިދާ ހިލާފުވި ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި މިނިސްޓްރީން ކަނޑައަޅާ މުއްދަތަކަށް ލޯޯކަލް ކޯޑިނޭޓިންގ އެޖެންޓުގެ ހުއްދަ ހިފެހެއްޓުމާއި ނުވަތަ ހުއްދަ ބާތިލު ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

24 ވަނަ މާއްދާ - ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވުން

މި ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، އެކަމަށް ގޮތެއް ކަނޑައަޅާނީ މިނިސްޓްރީންނެވެ. 

 

25 ވަނަ މާއްދާ - އުވާލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު 8 އޯގަސްޓް 2011 ގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ ގަވާއިދު ނަންބަރު 34/2011 (ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ކަނޑުމަތީ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންނަ ހަތިޔާރާބެހޭ ގަވާއިދު) އާއި، ގަވާއިދު ނަންބަރު 3/2012 (ގަވާއިދު ނަންބަރު 34/2011) (ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ކަނޑުމަތީ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންނަ ހަތިޔާރާބެހޭ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު) އުވުނީއެވެ.

 

26 ވަނަ މާއްދާ - ބާތިލުވާ ހުއްދަތައް

މި ގަވާއިދުގެ ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގަވާއިދުތަކުގެ ދަށުން ނަގާފައިވާ ހުއްދަތައް މި ގަވާއިދަށް އަލަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އައު ނުކޮށްފިނަމަ ބާތިލުވާނެއެވެ. މިގޮތުން ހުއްދަ ބާތިލުވެގެން ލިބޭ ގެއްލުމަށް މިނިސްޓްރީން ޒިންމާއެއް ނުވެވޭނެއެވެ. 

 

27 ވަނަ މާއްދާ - ގަވާއިދު ހިންގުން

މި ގަވާއިދު ހިންގާނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީންނެވެ. 

 

28 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

29 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައިހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނައެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށެވެ. 

(ށ) "ސެކިއުރިޓީ އެސްކޯޓް" ކަމަށް ބުނެފައި އެވަނީ، އުޅަނދާ ހަވާލުވެގެން، އެ އުޅަނދާ ވަކިން، އެ އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމަށް އަންނަ އުޅަނދަށް ނުވަތަ ފަރާތްތަކަށެވެ.

(ނ) "ލޯޯކަލް ކޯޑިނޭޓިންގ އެޖެންޓް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް އަންނަ ބޭރުގެ  އުޅަނދު، ރާއްޖޭގައި ހަމަޖައްސަންޖެހޭ ކަންތައްތައް ހަމަޖެއްސުމަށް ކަނޑައަޅާފައިވާ، ރާއްޖޭގައި ގާއިމުވެ ހުންނަ މިނިސްޓްރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. 

(ރ) "ޕްރައިވެޓްލީ ކޮންޓްރެކްޓެޑް އާރމްޑް ސެކިއުރިޓީ ޕާރސަނަލް (ޕީ.ސީ.އޭ.އެސް.ޕީ)" ކަމަށް ބުނެފައި އެވަނީ، ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭ އަމިއްލަ ކުންފުނި ނުވަތަ ފަރމުތަކުން، އެ އުޅަނދެއްގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ފަރާތް ނުވަތަ ފަރާތްތަކަށެވެ.

(ޅ) "އައުޓްވާރޑް ކްލިއަރެންސް" ކަމަށް ބުނެފައި އެވަނީ، އުޅަނދެއް ރާއްޖެއިން ފުރައިގެން ދިއުމަށް މޯޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ދޭ ހުއްދައަކަށެވެ. 

(ކ) "ދިވެހިރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރިވުން" ކަމަށް ބުނެފައި އެވަނީ، ބައިނަލްއަގްވާީމ ކަނޑުގެ ސަރަހައްދުން މާލޭ ވިޔަފާރި ބަނދަރަށް ވަނުމާއި، މާލޭ ވިޔަފާރި ބަނދަރުން ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދަށް ނިކުތުން ފިޔަވައި ދިވެހިރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަރަކާތްތެރިވުމަށެވެ.

(އ) "ހަތިޔާރު" ކަމަށް ބުނެފައި އެވަނީ، ވަޒަނެއް ނުވަތަ މިސައިލެއް ފޮނުވާލެޭވ ފަދަ ހުރިާހ ބާވަތެއްގެ ހަތިޔާރާއި، ވަޒަނާއި، ބަޑީގެ ކާޓްރިޖާއި، ހަތިޔާރެއް ބޭނުންކުރުމުން ނުކުންނަ އަޑު ނުވަތަ އަލި މަޑުކުރުމަށް ނުވަތަ އެ ހަތިޔާރެއް އަމާޒުކުރުން ފަސޭހަކުރުމަށް ހަދާފައިާވ ހަތިޔާރުގެ ބައިތަކާއި، ނައިޓްވިޜަން ގޮގްލްސްއާއި ހަތިޔާރުގެންގުޅޭ ފަރާތްތައް ބޭނުންކުރާ ދިފާއީ އާލާތްތަކަށާއި ތަކެއްޗަށެވެ. 

(ވ) "ބޭރުގެ އުޅަނދު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެ ނޫން އެހެން ގައުމެއްގައި ރަޖިސްޓަރީވެފައިވާ ކަނޑުގައި ދުއްވާ އުޅަނދުފަހަރަށެވެ.

(މ) "ދައުލަތުގެ ސިޔާސީ މަގާމެއްގައި ހުރި މީހަކު" ކަމަށް ބުނެފައި އެވަނީ، އިންތިހާބުކުރެވޭ މަގާމުތަކުގައި ތިބޭ ފަރާތްތަކަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަރާތްތަކަށެވެ. 

(ފ) "ސާރޗް އެންޑް ރެސްކިޔު ރީޖަން (އެސް.އާރ.އާރ)" ކަމަށް ބުނެފައި އެވަނީ، ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރު ހާލުގައި ޖެހިއްޖެނަމަ، އެހީތެރިކަން ފޯރުކޮށްދިނުމަށް ސާރޗް އެންޑް ރެސްކިޔު އޮޕަރޭށަން ކޯޑިނޭޓް ކުރުމުގެ ޒިންމާ މަތިކޮށް، ދިވެހިރާއްޖެއަށް އައި.އެމް.އޯ އިން ކަނޑައަޅާފައިވާ ކަނޑުގެ ސަރަހައްދެވެ.

(ދ) "ދިވެހިރާއްޖޭގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، "ގާނޫނުގައިވާ ގޮތުގެމަތީން ދަމައިލެވޭ، ރާއްޖޭގެ އާކިޕެލަޖިކް ބޭސްލަ ިއންތަކުގެތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، މި ބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ރާއްޖޭގެ ސަރަހައްީދ ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވު" އަށެވެ. 

މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިިމެނިފައި

އުވާލެވުނު ގަވާއިދު

  1. ރާއްޖެއަށް އަންނަ ބޭރުގެ ކަނޑުގެ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންނަ ހަތިޔާރާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 34/2011)
  2. ރާއްޖެއަށް އަންނަ ބޭރުގެ ކަނޑުގެ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންނަ ހަތިޔާރާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 34/2011) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 3/2012)

 

މައި ގާނޫނު

ރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނު (ގާނޫނު ނަންބަރު 4/1975)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު