-

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 35/2011)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ ގާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިދޭ އިހްތިޔާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ – މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގޭނެ އުސޫލުތަކާއި ހަމަތައް ކަނޑައެޅުމެވެ.

 

އެއްވަނަ ބާބު

ހިސާބުކުރުން


3 ވަނަ މާއްދާ – މާނަކުރުން

(ހ) މި ބާބުގެ ބޭނުމަށް، "ހިސާބުކުރުމުގެ ލިޔެކިޔުންތައް" ކަމަށް ބެލެވޭނީ ތިރީގައިވާ ލިޔެކިޔުންތަކެވެ.

  1. ދުވަހުން ދުވަހަށް ލިބޭ އާމްދަނީއާއި ކުރާ ހަރަދު، ވިއްކާ ނުވަތަ ގަންނަ ތަކެއްޗާއި ހިދުމަތް، ހަރަމުދާ އަދި ދަރަންޏާއި އެހެނިހެން ޒިންމާތަކާބެހޭ ތަފުސީލުތަކުގެ ލިޔެކިޔުންތައް؛
  2. ވައުޗަރ، އިންވޮއިސް، ފައިސާގެ ރަސީދު، ބޭންކް ސްޓޭޓްމަންޓް، ލިޔުމުން ކުރެވޭ އެންމެހައި މުއާމަލާތްތައް، އަދި ހިސާބުތަކުގައިވާ މައުލޫމާތުގެ ސައްހަކަން ޔަގީންކުރުމަށް ކޮންމެހެން ބޭނުންވާ ލިޔެކިޔުންތައް؛
  3. އޭޖެންޓެއް އައްޔަންކޮށްފައިވާނަމަ، އެ އޭޖެންޓެއް އައްޔަންކުރި ޕްރިންސިޕަލްގެ ފަރާތުން އެ އޭޖެންޓް ކޮށްފައިވާ މުއާމަލާތްތަކުގެ ލިޔެކިޔުންތައް؛
  4. އިލެކްޓްރޯނިކް، މެކޭނިކަލް ނުވަތަ މެނުއަލްކޮށް ބެހެއްޓިފައިވާ ލިޔެކިޔުންތައް.


(ށ) މި ބާބުގެ ބޭނުމަށް، އެއްވެސް ފަރާތެއް (ޕްރިންސިޕަލް) ދިވެހިރާއްޖޭގައި އައްޔަންކޮށްފައިވާ "އޭޖެންޓެއް" ކަމުގައި ބެލެވޭނީ އަންނަނިވި ފަރާތްތަކެވެ.

  1. ޕްރިންސިޕަލްގެ ފަރާތުން އެއްވެސް ގޮތަކަށް އައްޔަންކޮށްފައިވާ ނުވަތަ އޭނާގެ ވަޒީފާއިގައި ހުރި ފަރާތެއް؛
  2. ޕްރިންސިޕަލްގެ ވަކީލެއް، ފެކްޓަރއެއް، ރިސީވަރއެއް، ޓްރަސްޓީއެއް، މެނޭޖަރެއް؛
  3. އެ ފަރާތެއް މެދުވެރިކޮށް ޕްރިންސިޕަލްއަށް އެއްވެސް ފައިދާއެއް ނުވަތަ އާމްދަނީއެއް ހޯދައިދޭ ފަރާތެއް.


4 ވަނަ މާއްދާ - ހިސާބުތައް ތައްޔާރުކުރުން

ޓެކްސް ދައްކަންޖެހޭ އެންމެހައި ފަރާތްތަކަކުން މި ގަވާއިދުގައިވާ ގޮތުގެމަތިން ހިސާބުތައް ތައްޔާރުކުރަންވާނެއެވެ.


5 ވަނަ މާއްދާ - ހިސާބުކުރާ މުއްދަތު ފެށުން

(ހ) އެމް.އައި.އާރ.އޭ އިން އެހެންގޮތުކަށް ހުއްދަނުކުރާހާ ހިނދަކު، އެ ފަރާތަކުން ޓެކްސް ދައްކަން ޖެހުން ނިމުމަކަށް އައުން ނޫންގޮތަކަށް އެ ފަރާތެއްގެ ހިސާބުކުރާ މުއްދަތު ނިމުމުން، އައު ހިސާބުކުރާ މުއްދަތެއް ފެށޭނެއެވެ.

(ށ) ވަކިފަރުދުންގެ ހިސާބުކުރާ މުއްދަތަކީ ކޮންމެ އަހަރެއްގެ 1 ޖެނުއަރީ އިން 31 ޑިސެމްބަރުގެ ނިޔަލަށެވެ.


6 ވަނަ މާއްދާ - ހިސާބުކުރާ މުއްދަތު ނިމުން

ޓެކްސް ދައްކަންޖެހޭ ފަރާތެއްގެ ހިސާބުކުރާ މުއްދަތު ނިމޭނީ ތިރީގައިވާ ތާރީހުތަކުގެ ތެރެއިން ކުރިން އަންނަ ތާރީހެއްގައެވެ.

(ހ) ހިސާބުކުރާ މުއްދަތު ފެށޭތާ 12 މަސްދުވަސް ހަމަވާ ތާރީހު؛ ނުވަތަ

(ށ) ގާނޫނުގެ ދަށުން އެ ފަރާތަކުން ޓެކްސް ދައްކަން ޖެހުން ނިމުމަކަށް އަންނަ ތާރީހު.


7 ވަނަ މާއްދާ - ހިސާބުކުރާ މުއްދަތު ބަދަލުކުރުން

ވިޔަފާރި ހުއްޓާލުމާ ގުޅިގެންމެނުވީ، އެމް.އައި.އާރ.އޭ އިން ލިޔުމަކުން ހުއްދަ ހޯދުމަކާއިނުލައި އެއްވެސް ފަރާތެއްގެ ހިސާބުކުރާ މުއްދަތު ބަދަލެއް ނުކުރެވޭނެއެވެ.


8 ވަނަ މާއްދާ - ހިސާބުކުރުމުގެ އުސޫލުތައް

(ހ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ އެއްވެސް ފަރާތަކުން އެއް ވިޔަފާރިއަށްވުރެ ގިނަ ވިޔަފާރި ކުރާނަމަ އެ ހުރިހާ ވިޔަފާރިއަކަށް ނިސްބަތްކޮށް ޖުމްލަ ހިސާބެއް ތައްޔާރުކުރަންވާނެއެވެ.

(ށ) އެއްވެސް ފަރާތަކުން އެއްވެސް ދާއިމީ މަރުކަޒެއްގެ ހިސާބުތައް ތައްޔާރުކުރަންޖެހޭނަމަ އެ ހިސާބުތައް ތައްޔާރުކުރަންވާނީ ހަމައެކަނި އެ މަރުކަޒަކުން ނުވަތަ މަރުކަޒެއް މެދުވެރިވެގެން ކުރި ވިޔަފާރިއަކަށެވެ. އަދި އެ ފަރާތަކުން ދިވެހިރާއްޖޭގައި އެއް ދާއިމީ މަރުކަޒަށްވުރެ ގިނަ ދާއިމީ މަރުކަޒު މެދުވެރިކޮށް ވިޔަފާރިކުރާނަމަ އެ ފަރާތަކުން ހިސާބުތައް ތައްޔާރުކުރަންވާނީ، އެ މަރުކަޒުތަކަކީ ވަކި އެއް ށަހުސެއްގެ ގޮތުގައި ބަލައި، އެ ހުރިހާ މަރުކަޒުތަކެއް އެކުލެވޭގޮތަށެވެ.

(ނ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ތައްޔާރުކުރަންޖެހޭ ހިސާބުތައް ތައްޔާރުކުރަންވާނީ އައި.އެފް.އާރް.އެސް ނުވަތަ އެމް.އައި.އާރ.އޭ އިން ގަބޫލުކުރާ ބައިނަލްއަގްވާނީ ގޮތުން ގަބޫލުކުރެވޭ ހިސާބުކުރުމުގެ މިންގަނޑުތަކާއި އެއްގޮތަށް، ހިސާބު ތައްޔާރުކުރުމުގެ "އެކްރޫއަލް ބޭސިސް" ބޭނުންކޮށްގެންނެވެ.

(ރ) މި މާއްދާގެ (ނ) ގައި އެގޮތަށް ބަޔާންކޮށްފައިވީނަމަވެސް، އެއްވެސް ވިޔަފާރިއެއް ނުވަތަ ވިޔަފާރިތަކެއް ކުރަމުންދާ ވަކިފަރުދެއްގެ ޖުމްލަ އާމްދަނީ އަހަރަކަށް 3،650،000 (ތިން މިލިއަން ހަ ލައްކަ ފަންސާސް ހާސް) ރުފިޔާ އަށްވުރެ އިތުރުނުވާނަމަ، އެ ފަރާތެއްގެ ހިސާބު ތައްޔާރުކުރުމުގައި "ކޭށް ބޭސިސް" އިހްތިޔާރު ކުރެވިދާނެއެވެ.


9 ވަނަ މާއްދާ - ކޭށް ބޭސިސް

(ހ) އެއްވެސް ފަރާތަކުން ހިސާބުތައް ތައްޔާރުކުރުމުގައި މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ރ) ގެ ދަށުން "ވޭށް ބޭސިސް" އިހްތިޔާރުކުރާނަމަ އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ ފައިވާ ހިސާބުކުރުމުގައި ބަލާނީ އެ ފަރާތަކަށް އެ އަހަރެއްގެ ތެރޭގައި ފައިސާއިން ލިބުނު އާމްދަނީއަށާއި އެ އަހަރުގެ ތެރޭގައި ފައިސާއިން ކުރެވުނު ހަރަދަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ހަރުމުދަލަކާ ގުޅިގެން ކުރެވޭ ހަރަދުތަކާމެދު އަމަލުކުރަންވާނީ އަންނަނިވި ގޮތްތަކާ ހިލާފުނުވާނެ ގޮތަށް، މި ގަވާއިދުގެ ހަތަރުވަނަ ބާބުގައިވާ ގޮތުގެމަތިންނެވެ.

  1. އެއްވެސް ހަރުމުދަލެއް ނުވަތަ އެއްބާވަތެއްގެ ހަރުމުދާތަކެއް އެއްފަހަރާ ގަތުމަށް ދިޔަ ހަރަދު 50،000 (ފަންސާސް ހާސް) ރުފިޔާ އަށްވުރެ އިތުރުނުވާނަމަ އެ ހަރަދުކުރި ހިސާބުކުރާ މުއްދަތުގައި އެ ހަރަދެއް އެއްފަހަރާ އުނިކުރުމަށް އިހްތިޔާރު ކުރެވިދާނެއެވެ.
  2. މި މާއްދާ ރައްދުވާ ފަރާތްތަކަށް މި ގަވާއިދުގެ 43 ނަމަ މާއްދާގެ (ށ) ރައްދެއް ނުވާނެއެވެ.

(ށ) ޓެކްސް ދައްކަންޖެހޭ ފަރާތަކުން ހިސާބުތައް ތައްޔާރުކުރަނީ ކޭށް ބޭސިސް އަށް ކަމުގައިވިޔަސް، އެމް.އައި.އާރ.އޭ އިން ބޭނުންވެއްޖެ ހިނދެއްގައި އައި.އެފް.އާރ.އެސް ނުވަތަ އެމް.އައި.އާރ.އޭ އިން ގަބޫލުކުރާ ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރެވޭ ހިސާބުކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ހިސާބުތައް، އެމް.އައި.އާރ.އޭ އަށް ހުށަހެޅުމަށް އެފަރާތަކަށް އެންގިދާނެއެވެ.


10 ވަނަ މާއްދާ - ހިސާބުކުރުމުގެ އުސޫލުތައް ދެމެހެއްޓުން

އެމް.އައި.އާރ.އޭ އިން އެހެން ގޮތަކަށް ހުއްދަނުކުރާހާ ހިނދަކު، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގެ ދަށުން އެ ފަރާތަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރަމުންގެންދާ އެކައުންޓިންގ ސްޓޭންޑަޑެއް، އަހަރުން އަހަރުށް ބަދުލުކޮށްގެން ނުވާނެއެވެ.


11 ވަނަ މާއްދާ - ކުންފުނި އުވާލުން

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގައި 6 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ކުންފުންޏެއް އުވާލުމުގެ މަސައްކަތް ފެށުމުން އެ ކުންފުންޏެއްގެ ހިސާބުކުރާ މުއްދަތު ނިމި އައު ހިސާބުކުރާ މުއްދަތެއް ފެށޭނެއެވެ. މި ގޮތުން ފެށޭ ހިސާބުކުރާ މުއްދަތު ނިމޭނީ ކުންފުނި އުވާލުމުގެ މަސައްކަތް ނިމޭ ތާރީހާއި އެ މަސައްކަތް ފެށޭތާ 12 މަސް ހަމަވާ ތާރީހާ މި ދެ ތާރީހުންކުރެ ކުރިން އަންނަ ތާރީހެއްގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ކުންފުނި އުވާލުމުގެ މަސައްކަތް ފެށުން ކަމަށް ބެލެވޭނީ؛

  1.  ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ގަރާރަކުން އެ ކުންފުންޏެއް އުވާލުމަށް ކަނޑައެޅުމުން. ނުވަތަ
  2. ކުންފުންޏެއް އުވާލުމަށް ކޯޓު އަމުރެއް ނެރުމުން، ނުވަތަ
  3. ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ނުވަތަ އެނޫންވެސް ގާނޫނެއްގެ ދަށުން ކުންފުންޏެއް އުވާލުމަށް ކަނޑައެޅުމުންނެވެ.


12 ވަނަ މާއްދާ - "ކޮންސޮލިޑޭޓެޑް އެކައުންޓްސް" ހުށަހެޅުން

(ހ) ޓެކްސް ދައްކަންޖެހޭ ފަރާތަކީ ހޯލްޑިންގ ކުންފުންޏެއްނަމަ، އެ ފަރާތެއްގެ ޓެކްސް ބަޔާނާއެކު، އެ ކުންފުނި ނިސްބަތްވާ ގްރޫޕްގައި ހިމެނޭ ހުރިހާ ކުންފުންޏަކަށް ތައްޔާރުކުރެވިފައިވާ ކޮންސޮލިޑޭޓެޑް އެކައުންޓްސް އެމް.އައި.އާރ.އޭ އަށް ހުށަހަޅަންވާނެއެވެ. އަދި އެ ކޮންސޮލިޑޭޓެޑް އެކައުންޓްސް ތައްޔާރުކުރަންވާނީ މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގެ ދަށުން އެ ފަރާތަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރަމުންގެންދާ އެކައުންޓިންގ ސްޓޭންޑަޑަކާ އެއްގޮތަށެވެ.

(ށ) ގާނޫނުގެ 7 ވަނަ މާއްދާގެ (ބ) އަދި މި މާއްދާގެ (ހ) ގެ ބޭނުމަށް؛

  1. ސަބްސިޑީއަރީ ކުންފުންޏެއްކަމަށް ބެލެވޭނީ މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގެ ދަށުން އެ ފަރާތަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރަމުންގެންދާ އެކައުންޓިންގް ސްޓޭންޑަޑަކުން އެ ކުންފުންޏަކީ ހޯލްޑިންގ ކުންފުންޏެއްގެ ސަބްސިޑީއަރީއެއްކަމަށް ކަނޑައަޅާނަމައެވެ.
  2. ގްރޫޕެއްގައި ހިމެނޭ ކުންފުނިތަކަކީ ހޯލްޑިންގ ކުންފުންޏާއި އެ ކުންފުނީގެ ދަށުގައިވާ އެންމެހައި ކުންފުނި (ސަބްސިޑީއަރީ) ތަކެވެ.

(ނ) މި މާއްދާގެ އެއްވެސް ފަރާތަކުން ކޮންސޮލިޑޭޓެޑް އެކައުންޓްސް ތައްޔާރު ކުރިކަމުގައިވަޔަސް، ގުރޫޕުގައި ހިމެނޭ ކޮންމެ ކުންފުންޏަކުންވެސް ވަކި މާލީ ހިސާބުތަކާއި ވަކި ޓެކްސް ބަޔާނެއް ހުށަހަޅަންވާނެއެވެ.


13 ވަނަ މާއްދާ- މާލީ ހިސާބުތައް ހުށަހެޅުން

(ހ) އެމް.އައި.އާރ.އޭ އިން އެ ފަރާތެއް އިސްތިސްނާ ނުކުރާހިނދަކު، އެ އަހަރެއްގެ ޓެކްސް ބަޔާން ހުޅަހަޅަންޖެހޭ އެންމެ ފަހު ދުވަހުގެ ނުޔަލަށް އެ ފަރާތެއްގެ މާލީ ހިސާބުތައް އެމް.އައި.އާރ.އޭ އަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދެވޭ އިސްތިސްނާއެއް، އެއް ފަރާތަށް ނުވަތަ އެއަށްވުރެ ގިނަ ފަރާތަކަށްވެސް ދެވިދާނެއެވެ.


14 ވަނަ މާއްދާ - އޮޑިޓަރުން އައްޔަންކުރުން

އެއްވެސް ޓެކްސް އަހަރެއްގައި އެއްވެސް ފަރާތަކުން އޮޑިޓަރުން އައްޔަންކުރުމުގައި  އެމް.އައި.އާރ.އޭ އިން ލާޒިމްކުރާނަމަ، އެމް.އައި.އާރ.އޭ އިން ގަބޫލްކުރާ އޮޑިޓަރެއް އެ ފަރާތަކުން އައްޔަންކުރަންވާނެއެވެ.


15 ވަނަ މާއްދާ - އޮޑިޓަރުންގެ ރިޕޯޓް    

އެއްވެސް ގާނޫނަކުން އޮޑިޓަރެއް އައްޔަންކުރުމަށް އެއްވެސް ފަރާތަކަށް ލާޒިމްކުރާނަމަ، މި ގަވާއިދުގެ 13 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހުށަހަޅާ މާލީ ހިސާބުތަކާއެކު އެ ފަރާތެއްގެ އޮޑިޓަރުންގެ ރިޕޯޓް ހުށަހަޅަންވާނެއެވެ.


16 ވަނަ މާއްދާ - ހިސާބުކުރުމުގެ ލިޔުކިޔުންތައް ބެލެހެއްޓުން

(ހ) މި ގަވާއިދުގެ ދަށުން ހިސާބުތައް ތައްޔާރުކުރަންޖެހޭ އެންމެހައި ފަރާތްތަކުން އެމް.އައި.އާރ.އޭ އަށް އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ދެނެގަނެވޭނެފަދަ ފެންވަރަށް އެ ފަރާތެއްގެ ހިސާބުތައް ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ. އަދި އެފަދަ ހިސާބުތައް ހުންނަންވާނީ ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރު ނުވަތަ އެމް.އައި.އާރ.އޭ އިން ގަބޫލުކުރާ އެނޫންވެސް ބޭރު ފައިސާއަކުންނެވެ.

(ށ) ހިސާބުކުރުމުގެ ލިޔެކިޔުންތައް ބަލަހައްޓަންޖެހޭނީ ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުންނެވެ.

(ނ) ހިސާބުކުރުމުގެ ލިޔުކިޔުންތައް އިލެކްޓްރޯނިކް ފޯމެޓެއްގައި ބެހެއްޓޭނީ ތިރީގައިވާ ށަރުތުތައް ފުރިހަމަވާނަމައެވެ.

  1. އެމް.އައި.އާރ.އޭ އިން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެ ލިޔުކިޔުންތައް ކަރުދާހަށް ޕްރިންޓްކުރެވުން، އަދި
  2. އެ ފަރާތުން ދައްކަންޖެހޭ ޓެކްސްގެ އަދަދު ހިސާބުކުރުމަށް އެމް.އައި.އާރ.އޭ އިން ބޭނުންވެއްޖެ ހިނދެއްގައި އެ ލިޔުކިޔުންތައް ފަސޭހަކަމާއެކު ހޯދައި ބެލޭގޮތަށް ހުރުން، އަދި
  3. އެއް ފޯމެޓުން އަނެއް ފޯމެޓަށް ބަދަލުކުރާއިރު އެ ބަދަލުކުރެވުނު ލިޔުކިޔުންތައް އަސްލާ އެއްގޮތްކަން ޔަގީންކުރެވުން، އަދި
  4. ހުއްދަ ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެ ލިޔުކިޔުންތަކަށް ބަދަލެއް ނުގެނެވުން، އަދި
  5. އެ ލިޔެކިޔުންތަކާގުޅޭ އޮޑިޓް ލޮގް ރިޕޯޓެއް ނެގޭ ގޮތަށް ހުރުން.

(ރ) އިންޓަނެޓް މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތަކުން އެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ކުރެވުނު އެންމެހައި މުއާމަލާތްތަކުގެ ހިސާބުކުރުމުގެ ލިޔެކިޔުންތައް ބަލަހައްޓަންވާނެއެވެ.

(ބ) އެއްވެސް ފަރާތެއްގެ "އެކައުންޓިންގ ސިސްޓަމް" އަދި "ޕްރޮގްރާމް ޑޮކިއުމެންޓޭށަން" ހޯދުމަށް އެމް.އައި.އާރ.އޭ އިން އެދިއްޖެނަމަ އެ މައުލޫމާތު އެމް.އައި.އާރ.އޭ އަށް ހުށަަހަޅަންވާނެއެވެ.

(ޅ) މި ގަވާއިދުގެ ދަށުން ބަލަހައްޓަންޖެހޭ ހިސާބުކުރުމުގެ ލިޔެކިޔުންތައް ބަހައްޓަންވާނީ ދިވެހިރާއްޖޭގައި އެ ފަރާތެއް އާންމުކޮށް ވިޔަފާރި ހިންގުމަށް ބޭނުންކުރާ ތަނެއްގައެެވެ. އަދި އެފަދަ ލިޔެކިޔުންތައް ހުންނަންވާނީ އެމް.އައި.އާރ.އޭ އިން ބޭނުންވެއްޖެ ހިނދެއްގައި ބެލޭނެފަދަ ގޮތަކަށެވެ. މިފަދަ ލިޔުކިޔުންތައް އެ މުއާމަލާތަކާ ގުޅޭ ހިސާބުކުރާ މުއްދަތު ނިމޭތާ މަދުވެގެން 5 އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓަންވާނެއެވެ.

(ކ) އެއްވެސް ފަރާތެއްގެ ހިސާބުކުރުމުގެ ލިޔުކިޔުންތައް މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެކުރިން ނައްތާލެވޭނީ އެމް.އައި.އާރ.އޭ އިން ލިއުމަކުން ހުއްދަ ދިނުމުންނެވެ.

 

ދެވަނަ ބާބު

ޓެކްސް ބަޔާން އަދި ޓެކްސް ދެއްކުން


17 ވަނަ މާއްދާ - ޓެކްސް ބަޔާން ހުށަހެޅުމުން އިސްތިސްނާވުން

(ހ) ކުންފުނިތަކާއި ޕާރޓްނަރށިޕްތަކުގެ އިތުރުން އެއްވެސް ގާނޫނެއްގެ ދަށުން މާލީ ހިސާބުތައް ތައްޔާރުކުރަންޖެހޭ ފަރާތްތައް ފިޔަވައި، ގާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން ރަޖިސްޓްރީ ކުރަންޖެހޭ ފަރާތެއްގެ ހިސާބުކުރާ މުއްދަތެއްގެ ޖުމްލަ އާމްދަނީ 750،000 (ހަތްލައްކަ ފަންސާސް ހާސް) ރުފިޔާ އަށްވުރެ އިތުރުނުވާނަމަ، ގާނޫނުގައިވާ ގޮތުގެމަތިން ޓެކްސް ބަޔާން ހުށަހެޅުމުން އެ ފަރާތް އިސްތިސްނާވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، އެފަރާތެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ އެ އަހަރު 500،000 (ފަސް ލައްކަ) ރުފިޔާ އަށްވުރެ އިތުރުނުވާނަމަ އެމީހަކު އެ އަހަރެއްގައި ޓެކްސް ބަޔާން ހުށަހަޅަންވާނެއެވެ.


18 ވަނަ މާއްދާ - ޓެކްސް ބަޔާން އިސްލާހުކުރުން

އެއްވެސް ފަރާތަކުން ހުށަހަޅާފައިވާ ޓެކްސް ބަޔާނަކާ ގުޅިގެން އެ ފަރާތުން "އިސްލާހުކުރެވިފައިވާ ޓެކްސް ބަޔާނެއް" އެމް.އައި.އާރ.އޭ އަށް ހުށަހަޅައިފިނަމަ އެ ބަޔާނަކީ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "އެންގުން" ކަމުގައި ބެލެވޭނެއެވެ.


19 ވަނަ މާއްދާ - ޓެކްސްގެ މިންވަރު ލަފާކުރުން

(ހ) ފުރަތަމަ ޓެކްސް އަހަރުގައި ދައްކަންޖެހޭ އިންޓެރިމް ޕޭމަންޓް ހިސާބުކުރުމުގައި އަމަލުކުރާނީ މި ގަވާއިދުގެ ނުވަވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ށ) ގާނޫނުގެ 23 ވަނަ މާއްދާ އާއި މި މާއްދާ (ހ) ގައިވާ ގޮތުގެމަތިން އަމަލުކޮށްފައި ނުވާނަމަ، ގާނޫނުގެ 23 ވަނަ މާއްދާގެ (އ) އަދި 33 ވަނަ މާއްދާގެ (އ) އަދި 33 ވަނަ މާއްދާ އެފަރާތެއްގެ މައްޗަށް ހިނގާނެއެވެ.


20 ވަނަ މާއްދާ - ޓެކްސް ދެއްކުން

ގާނޫނުގައި ބަޔާންކޮށްފައިވާ ޓެކްސް ދައްކަންވާނީ ރުފިޔާއިން ނުވަތަ ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ ފައިސާއަކުންނެވެ.

 

 ތިންވަނަ ބާބު

އުނިކުރުންތައް


21 ވަނަ މާއްދާ - އަނބުރާނުލިބޭނެ ދަރަނި

ގާނޫނުގެ 10 ވަނަ މާއްދާގެ (ރ) ގެ (7) ވަނަ ނަންބަރުގެ ބޭނުމަށް، އެއްވެސް ފަރާތަކުން ކޮށްފައިވާ މުއާމަލާތަކާއި ގުޅިގެން، އެ ފަރާތަކަށް ލިބެންޖެހޭ ފައިސާ ނުވަތަ އެއިން ބައެއް އަނބުރާ ނުލިބޭނޭކަމަށް ބަލައި، ތިރީގައިވާ އުސޫލުތަކުގެ މަތިން އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އެފަދަ ދަރަނި އުނިކުރެވިދާނެއެވެ.

(ހ) ކޯޓު ހުކުމަކުން ދަރަންޏެއް އެއްކޮށް ނުވަތަ އެއިން ބައެއް އަނބުރާ ނުލިބޭނެކަމަށް ނިންމުން،

(ށ) ދަރަނި އަދާކުރަންޖެހޭ ފަރާތުގެ ވިޔަފާރި ލިކުއިޑޭޓްކުރުން ނުވަތަ އިފްލާސް ކުރުން،

(ނ) ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ދަށުން އެ ފަރާތަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރާ އެކައުންޓިންގ ސްޓޭންޑަޑަކާ އެއްގޮތްވާ ހިސާބުތަކުން އެ ދަރަނި އުނިކުރެވިފައިވުން.


22 ވަނަ މާއްދާ - ކުއްޔަށް ހިފާފައިވާ މުދަލުގެ ކުލި

(ހ) ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާއި އަދި މި ގަވާއިދުގެ 67 ވަނަ މާއްދާ އާއި ހިލާފުނުވާ ގޮތުގެމަތިން، ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، ޓެކްސް އަހަރެއްގައި ވިޔަފާރީގައި ބޭނުންކުރާ ތަނެއްގެ ކުލީގެ ގޮތުގައި ދައްކާ ފައިސާ އުނިކުރެވިދާނެއެވެ.

(ށ) މިގަވާއިދުގެ 8 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ކުއްޔަށް ދޫކުރާފަރާތަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއް ނޫންނަމަ ކުއްޔަށް ހިފާ ފަރާތުން ކުއްޔަށް ދޫކުރާ ފަރާތަށް ދައްކާ އެއްވެސް އަދަދެއް، ގާނޫނު އަދި މި ގަވާއިދުގެ ބޭނުމަށް ބެލެވޭނީ އޮޕަރޭޓިންގ ލީސް އެއްގެ ދަށުން ދައްކާ ކުއްޔެއްގެ ގޮތުގައެވެ.


23 ވަނަ މާއްދާ - މުދަލު ޒަކާތް

ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، މުދަލު ޒަކާތުގެ ގޮތުގައި އުނިކުރެވޭނީ އެ އަހަރެއްގެ ތެރޭގައި ދައުލަތުގެ ކަމާބެހޭ އިދާރާއަަކަށް އެފަރާތަކުން ޒަކާތުގެ ގޮތުގައި ދައްކާފައިވާ ފައިސާގެ އަަދަދެވެ. އަދި މި އަދަދު އުނިކުރެވޭނީ، އެ އިދާރާއަކުން ދޫކޮށްފައިވާ ފައިސާ ދެއްކިކަމުގެ ރަސީދެއް ނުުވަތަ ލިޔުމެއް އޮތްނަމައެވެ.


24 ވަނަ މާއްދާ - ހެޑް އޮފީސް

ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ދައިމީ މަރުކަޒެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ " ހެޑް އޮފީސް" ކަމަށް ބުނެފައިވަނީ،

(ހ) އެ ދާއިމީ މަރުކަޒުގެ ވެރިފަރާތުގެ ހެޑް އޮފީސް، ނުވަތަ

(ށ) ދިވެހިރާއްޖެއިން ބޭރުގައި ހުރި އެ ފަރާތުގެ އެހެން ދާއިމީ މަރުކަޒެއް، ނުވަތަ

(ނ) އެ ފަރާތަކާއި ގުޅުންހުރި އެހެން އެއްވެސް ފަރާތަކަށެވެ.


25 ވަނަ މާއްދާ - ހެޑް އޮފީސް ހަރަދު

(ހ) ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށް، " ހެޑް އޮފީސް ހަރަދު" ތަކުގެ ތެރޭގައި ހިމެނެނީ ކޮންސަލްޓަންޓުންނަށް ކުރާ ހަރަދާއި. ދިރާސާކުރުމާއި ތަރައްގީކުރުމުގެ ހަރަދާއި، ޑޭޓާ ޕްރޮސެސިންގ ހަރަދާއި، އިންޓޭންޖިބަލް އެސެޓެއް ނުވަތަ ފިކުރީ މުދަލެއް ބޭނުންކުރުމުގެ ހައްގު ދިނުމަށް ކުރާ ހަރަދާއި، ހިންގުމުގެ ހަރަދާއި، އަދި އެފަދަ ހަރަދެއް، ދާއިމީ މަރުކަޒެއްގެ ހެޑް އޮފީހަކުން ދިވެހިރާއްޖޭގައި ހުންނަ ދައިމީ މަރުކަޒަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް ކޮށްފައިވާނަމަ އެ ހަރަދުތަކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހެޑް އޮފީހުގެ ހަރަދުކަމަށް ބެލެވޭނީ ގާނޫނުގެ 29 ވަަނަ މާއްދާއާއި އެއްގޮތްވާގޮތްވާގޮތުގެ މަތިން ކަނޑައެޅޭ އަދަދެވެ.


26 ވަނަ މާއްދާ - ހެޑް އޮފީސް އުނިކުރެވޭނެ ހާލަތްތައް

ދާއިމީ މަރުކަޒަކާއި ގުޅޭގޮތުން ހެޑް އޮފީހުން ކޮށްފައިވާ ހަމައެކަނި މަސައްކަތަކީ ސުޕަވައިޒް ކުރުންފަދަ ކަމެއްނަމަ، އެ ދާއިމީ މަރުކަޒުގެ ޓެކްސް ބިނާކުރެވޭފައިދާ ހިސާބުކުރުމުގައި، ގާނޫނުގެ 10 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގެ ބޭނުމަށް ހެޑް އޮފީހުގެ ހަރަދުގެ ގޮތުގައި އެއްވެސް އަދަދެއް އުންޏެއް ނުކުރެވޭނެއެވެ. އަދި މި ގަވާއިދުގެ 28 ވަނަ މާއްދާއާއި 29 ވަނަ މާއްދާއަށް އަމަލުކުރާނީ މި މާއްދާއާ އެއްގޮތްވާ ގޮތުގެމަތިންނެވެ.


27 ވަނަ މާއްދާ - ސީދާ ދައިމީ މަރުކަޒަށް ކޮށްފައިވާ ހަރަދު

ދާއިމީ މަރުކަޒެއްގެ ހެޑް އޮފީހުން ސީދާ އެ ދާއިމީ މަރުކަޒަށް ކޮށްފައިވާކަމަށް ކަނޑައެޅިގެން އެނގެންހުރި ހަރަދުތައް، އެ ހަރަދެއް ކުރެވުނީ ހަމައެކަނި އެ ދާއިމީ މަރުކަޒެއްގެ އާމްދަނީ ހޯދުމަށްކަމަށްވާނަމަ، އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އުނިކުރެވިދާނެއެވެ.


28 ވަނަ މާއްދާ - ނުސީދާކޮށް ދާއިމީ މަރުކަޒަށް ކޮށްފައިވާ ހަރަދު

ދާއިމީ މަރުކަޒަށް ހެޑް އޮފީހުން ސީދާ އެ ދާއިމީ މަރުކަޒަށް ކޮށްފައިވާކަމަށް ކަނޑައެޅިގެން އެނގެންނެތް ހަރަދުތައް، އެހަރަދެއް ކުރެވުނީ ހަމައެކަނި އެ ދާއިމީ މަރުކަޒެއްގެ އާމްދަނީ ހޯދުމަށް ކަމަށްނުވާނަމަ، އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އުނިކުރެވޭނީ، އެ ހަރަދުގެ ތެރެެއިން އެ ދާއިމީ މަރުކަޒުގެ ހަރަދުގެ ގޮތުގައި ކަނޑައެޅިފައިވާ އަދަދަކީ އެ ދާއިމީ މަރުކަޒުން ލިބޭ މަންފާގެ ނިސްބަތުން، އަދި އެމް.އައި.އާރ.އޭ އަށް ގަބޫލުކުރެވޭފަދަ އުސޫލަކުން ބަހާލެވިފައިވާ އަދަދެއްކަމުގައި ވާނަމައެވެ.


29 ވަނަ މާއްދާ - ހެޑް އޮފީސް ހަރަދުގެ ގޮތުގައި ގިނަވެގެން އުނިކުރެވޭނެ އަދަދު

ދާއިމީ މަރުކަޒެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި މި ގަވާއިދުގެ 27 ވަނަ މާއްދާ އަދި 28 ވަނަ މާއްދާގެ ދަށުން، ހެޑް އޮފީސް ހަރަދުގެ ގޮތުގައި ގިނަވެގެން އުނިކުރެވޭނެ ޖުމްލަ އަދަދަކީ ތިރީގައިވާ އަދަދުތަކުގެ ތެރެއިން ކުޑަ އަދަދެކެވެ.

(ހ) އެ ފަރާތަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރަަމުންގެންދާ އެކައުންޓިންގ ސްޓޭޑަޑާއި އެއްގޮތަށް ހިސާބުތައް ތައްޔާރުކުރުމުން އަންނަ އަދަދު، ނުވަތަ

(ށ) އެ ހިސާބުކުރުމުގެ މުއްދަތުގައި ވިޔަފާރިކޮށްގެން އެ ދާއިމީ މަރުކަޒަކަށް ލިބުނު ޖުމްލަ އާމްދަނީގެ 3 އިންސައްތަ.


30 ވަނަ މާއްދާ - މުވައްޒަފުންގެ ވެލްފެއަރ ހަރަދު

(ހ) ގާނޫނުގެ 10 ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރުގެ ބޭނުމަށް، ތިރީގައި ބަޔާންކުރެވޭގޮތަށް މުވައްޒަފުންގެ ވެލްފެއަރއަށް އަމާޒުކޮށް ކުރެވޭ ހަރަދަކީ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އުނިކުރެވިދާނެ ހަރަދެކެވެ.

  1. ސިއްހީ ހާލަތަކާއި ގުޅިގެން މަސައްކަތްކުރުމަށް ނުކުޅެދޭ މުވައްޒަފަކަށް ކުރާ ހަރަދު، ނުވަތަ
  2. ނިޔާވެފައިވާ މިވައްޒަފެއްގެ ދިރިހުރި އަންބެއް ނުވަތަ ފިރިއެއް ނުވަތަ 18 އަހަރު ނުވާ ދަރިއަކަށް ކުރާ ހަރަދު، ނުވަތަ
  3. އެ ފަރާތެއްގެ މުވައްޒަފުންގެ ފައިދާއަށް އަމާޒުކޮށްގެން އުފައްދާފައިވާ، އަދި މުވައްޒަފުންނަށް ސިއްހީ އަދި އެނޫންވެސް ވެލްފެއަރ ހައްގުތައް ފުރިހަމަައަށް ހިމާޔަތްކުރެވޭ ފަންޑަކަށް ކުރާ ހަރަދު، ނުވަތަ
  4. މުވައްޒަފުންގެ މެދުގައި ތަަފާތުކުުރުމެއް ނެތި، މުވައްޒަފުންގެ އާންމު މަންފާ ކުރިއެރުވުމަށް ކުރާ ހަރަދު.

(ށ) މި މާއްދާގެ (ހ) ގެ (3) ގެ ދަށުން އެއްވެސް އަދަދެއް އުނިކުރެވޭނީ އެމް.އައި.އާރ.އޭ އިން ހުއްދަކޮށްފައިވާ ފަންޑަކަށް ކޮށްފައިވާ ހަރަދެއްނަމައެވެ.


31 ވަނަ މާއްދާ – ހަދިޔާ

(ހ) ގާނޫނުގެ 10 ވަނަ މާއްދާގެ (ބ) ގެ ބޭނުމަށް، ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އުނިކުރުމަށް ހުއްދަ ދެވޭނީ މި މާއްދާގެ (ށ) ގައިވާގޮތަށް އެމް.އައި.އާރ.އޭ އިން ހުއްދަކުރާ ފަރާތަކަށް ފައިސާއިން ދެވޭ ހަދިޔާއާއި މުދާ ހޯދުމަށްފަހު 12 މަސްދުވަސް ހަމަވުމުގެ ކުރިން ހަދިޔާކުރެވޭ މުދާ ގަތުމުށް ކުރެވުނު ހަރަދެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެއްވެސް އަދަދެއް އުނިކުރެވޭނީ އެ ހަދިޔާ ލިބުނު ފަރާތުގެ ރަސީދެއް ނުވަތަ ލިޔުމެއް އޮތްނަމައެވެ.


32 ވަނަ މާއްދާ - ޕެންށަން ހަރަދު

ގާނޫނުގެ 10 ވަނަ މާއްދާގެ (ރ) ގެ (5) ވަނަ ނަންބަރުގެ ބޭނުމަށް، ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި ޕެންށަން ހަރަދުގެ ގޮތުގައި އުނިކުރުމަށް ހުއްދަ ދެވޭނީ؛

(ހ) ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން ޕެންށަނަށް ދައްކާ އަދަދު، އަދި

(ށ) ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ، ފެންށަނަށް ދައްކާފައިވާ ފައިސާގެ އަދަދު އެނގޭނެ ރަސީދެއް ނުވަތަ ލިޔުމެއް އޮތްނަމައެވެ.


33 ވަނަ މާއްދާ - ފައިސާ ނޫންގޮތަކަށް ދެވޭ އުޖޫރަ އަގުކުރުން

ގާނޫނުގެ 11 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި އަދި 43 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް، ފައިސާ ނޫންގޮތަކަށް ދެވޭ އުޖޫރައިގެ ތެރޭގައި ހިމެނޭ އިނާޔަތެއްގެ އަގުކަމަށް ބަލާނީ އެ އިނާޔަތެއްގެ ބާޒާރުގެ އަގެވެ.


34 ވަނަ މާއްދާ - ރީއިމްބަރސް ކުރެވޭ ހަރަދު

އެއްވެސް ފަރާތަކުން ކޮށްފައިވާ ހަރަދަކާއި ގުޅޭގޮތުން ރީއިމްބަރސްމަންޓެއްގެ ގޮތުގައި އެއްވެސް އަދަދެއް އަނބުރާ ލިބިއްޖެނަމަ، އެ ހަރަދުގެ ގޮތުގައި އުނިކުރެވޭނީ ރީއިމްބަރސް ކުރެވުނު އަދަދު އަޅައިކެނޑުމަށްފަހުގައެވެ.


35 ވަނަ މާއްދާ - އުނިކުރެވޭ އެންމެ ބޮޑު އަދަދު

އެއްވެސް ހަރަދަކާއި ގުޅިގެން އެކި ގޮތްގޮތުން ދެވޭ އުނިކުރުންތަކުގެ ޖުމްލަ އަދަދު، އެ ހަރަދުގެ ޖުމްލަ އަދަދަށްވުރެ އިތުރުވެގެންނުވާނެއެވެ.


36 ވަނަ މާއްދާ - ޖޫރިމަނާގެ މާނަ

ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގެ ބޭނުމަށް، ޖޫރިމަނާ ކަމަށް ބަލާނީ ދައުލަތުގެ މުއައްސަސާއަކުން، ރެގިއުލޭޓްކުރާ އިދާރާއަކުން، ކޯޓަކުން، ޓްރައިބިއުނަލް އަކުން، ނުވަތަ ދިވެހިރާއްޖޭގައި ނުވަތަ ބޭރު ގައުމެއްގައި ޖޫރިމަނާއެއް ކުރުމުގެ ގާނޫނީ ބާރެއް ލިބިފައިވާ އެނޫންވެސް އެފަދަ ފަރާތަކުން ކުރާ ޖޫރިމަނާއެކެވެ.


37 ވަނަ މާއްދާ - ގެއްލުން ހިއްސާކުރުން

ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، ގްރޫޕެއްގައި ހިމެނޭ ކުންފުންޏަކަށް އެއްވެސް އަހަރެއްގައި ގެއްލުންވެފައިވާކަމަށް ދައްކާނަމަ، ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާގޮތުގެ މަތިން، އެ ގްރޫޕުގައި ހިމެނޭ އެހެން ކުންފުނިތަކުގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، އެ ގެއްލުމުގެ އަދަދު އުނިކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ގެއްލުމުގެ އަދަދު އުނިކުރެވޭނީ، އެ ގެއްލުންވި ކުންފުނީގެ 99 އިންސައްތަ ހިއްސާކުރާ ހޯލްޑިންގ ކުންފުންޏަަކަށް ނުވަތަ އެ ހޯލްޑިންގ ކުންފުނިން 99 އިންސައްތަ ހިއްސާކުރާ އެހެން ސަބްސިޑިއަރީ ކުންފުންޏަކަށެވެ.

 

 ހަތަރުވަނަ ބާބު

ކެޕިޓަލް އެލަވަންސް


38 ވަނަ މާއްދާ - ކެޕިޓަލް އެލަވަންސާގުޅޭ

މި ބާބު ބޭނުމަށް:

(ހ) "ކެޕިޓަލް އެލަވަންސް" ކަމަށް ބުނެފައިވަނީ، ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ ކެޕިޓަލް ހަރަދަކާ ގުޅިގެން ދެވޭ ކެޕިޓަލް އެލަވަންސަށެވެ.

(ށ) "ބެލެންސިންގ އެލަވަންސް" ކަމަށް ބުނެފައިވަނީ، މި ގަވާއިދުގެ 52 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އުނިކުރެވޭ އަދަދަށެވެ.

(ނ) "ބެލެންސިންގ ޗާޖް" ކަމަށް ބުނެފައިވަނީ، މި ގަވާއިދުގެ 52 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އިތުރުކުރެވޭ އަދަދަކަށެވެ.

(ރ) "ރިޓްންޑައުން ވެލިއު" ކަމަށް ބުނެފައިވަނީ، ހަރުމުދަލެއް ގަތުމަށް ހިނގި ހަރަދުން، ފާއިތުވި އަހަތުގެ ނިޔަލަށް އެ މުދަލަށް ދެވެނު އެންމެހައި ކެޕިޓަލް އެލަވަންސް އުނިކުރުމަށްފަހު ބާކީވާ އަދަދަކަށެވެ.

(ބ) "ޑިސްޕޯސަލް ވެލިއު" ކަމަށްބުނެފައިވަނީ، މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާފަދަ ހާލަތަކާ ގުޅިގެން، މި ގަވާއިދުގެ 53 ވަނަ މާއެްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހިސާބުކުރެވިފައިވާ އަދަދަށެވެ.

(ޅ) "އިމާރާތް" ކަމަށް ބުނެފައިވަނީ، އިމާރާތްތަކާއި، ޖެޓީތަކާއި، ސްލިޕްވޭތަކާއި، މަގުތަކާއި މިނޫންވެސް މިފަދަ އެހެނިހެން ދާއިމީ ބިނާތައްވެސް ހިމެނޭ ގޮތުންނެވެ.

(ކ) "އެއަރކްރާފްޓް" ކަމަށް ބުނެފައިވަނީ، މަތިންދާބޯޓާއި، ހެލިކޮޕްޓަތާއި، ސީޕްލޭން، އަދި މިނޫންވެސް އޭރޯޑައިންމިކްސް ބޭނުންކޮށްގެން ދުއްވާ އެންމެހައި އުޅަނދުތައް ހިމެނޭ ގޮތުންނެވެ.

(އ) "ރެލަވަންޓް އިވެންޓް" ކަމަށް ބުނެފައިވަނީ، ތިރީގައި ބަޔާކުރެވިފައިވާ ކަމަކުންކުރެ ކަމަކަށެވެ.

  1. ހަރުމުދެލެއް ވިއްކާލުން،
  2. ހަރުމުދަލެއްގެ މިލްކުވެރިކަން އެ މުދަލުގެ ވެރިފަރާތުން ދާއިމީކޮށް ނެތިދިއުން،
  3. ހަލާކުވެގެން ނުވަތަ އެނޫންވެސް ގޮތަކަށް ހަރުމުދަލެއް ނެތިދިއުން،
  4. ހަރުމުދާ ބޭނުންކުރުން ދާއިމީކޮށް ހުއްޓާލުން ނަވަތަ އެ މުދާ ބޭނުންކުރަމުންދިޔަ ވިޔަފާރި ދާއިމީކޮށް ހުއްޓާލުން ނުވަތަ ނިމުމަކަށް ގެނައުން ނުވަތަ އުވާލުން،
  5. ހަރުމުދަލެއްގެ ވެރިފަރާތުން އެ މުދާ ބޭނުންކޮށްގެން ކުރަމުންދާ ވިޔަފާރިއަކުން ޓެކްސސް ދައްކަންޖެހުން ނިމުމަކަށް އައުން،
  6. އިންޓޭންޖިބަލް އެސެޓެއް ނުވަތަ އެސެޓެއްގެ ބައެއް ވިއްކާލުން ނުވަތަ ބޭނުންކުރުމުގެ ހައްގު އެހެން ފަރާތަކަށް ދިނުން.


39 ވަނަ މާއްދާ - ކެޕިޓަލް ހަރަދު އަގުކުރުން

މި ބާބުގެ ދަށުން އެ ހަރަދަކާއި ގުޅިގެން ކެޕިޓަލް އެލަވަންސް ދެވޭ އެއްވެސް ހަރަދަކީ ބާޒާރުގައި ހިނގާނެ ހަރަދަކަށްވުރެ އިތުރު ހަރަދެއްނަމަ، އެ ހަރަދެއްގެ އަދަދު ކަމަށް ބެލެވޭނީ އެހަރަދެއްގެ ބާޒާރުގެ އަގަވެ.


40 ވަނަ މާއްދާ - ބާޒާރުގައި ހަރުމުދަލުގެ އަގު

މި ބާބުގެ ބޭނުމަށް، މި ގަވާއިދުގެ އެއްވެސް މާއްދާއަކާއި ތައާރުޒުނުވާ ގޮތުގެމަތިން، ތިރީގައިވާ ހާލަތްތަކުގައި ހަރުމުދަލެއް ގަތުމަށް ކުރެވުނު ހަރަދުކަމަށް ބަލާނީ އެ މުދަލެއް އެންމެ ފުރަތަމަ ބޭނުންކުރިއިރު ބާޒާރުގައި އެ މުދަލުގެ އަގެވެ.

(ހ) ވިޔަފާރިއެއް ހިންގާ ފަރާތަކުން، އެ ފަރާތެއްގެ ހިސާބުކުރާ މުއްދަތު ފެށުމުގެ ކުރިން ހަރުމުދަލެއް ގަތުމަށް ހިނގާފައިވާ ހަރަދަކާއި ގުޅިގެން ކެޕިޓަލް އެލަވަންސް ހޯދުމަށް އެދުން؛

(ށ) އެ މުދަލެއް ފުރަތަމަ ބޭނުންކުރިއިރު، އެ މުދާ އަސްލު ގަތް އަގަށްވުރެ އޭގެ ބާޒާރުގެ އަގު ކުޑަވުން.


41 ވަނަ މާއްދާ - ހިސާބުކުރާ މުއްދަތުން ބައެއްގައި ހަރުމުދާ ބޭނުންކުރުން

ހަރުމުދާ ގަންނަ ހިސާބުކުރާ މުއްދަތުގައި އެ މުދަލަކަށް ކެޕިޓަލް އެލަވަންސް ދެވޭނީ އެ މުއްދަތެއްގެ ބޮޑުބައެއްގައި އެ މުދާ ބޭނުންކޮށްފައިވާނަމައެވެ. އެއީ ފުރިހަމަ ހިސާބުކުރާ މުއްދަތެއްގައި މަދުވެގެން 183 ދުވަހު އެ މުދާ ބޭނުންކޮށްފައިވާނަމައެވެ.


42 ވަނަ މާއްދާ- ވިޔަފާރީގެ ބޭނުމަށް ނޫން ގޮތަކަށް ހަރުމުދާ ބޭނުންކުރުން

އެއްވެސް މިންވަރަކަށް ވިޔަފާރީގެ ބޭނުމަށް ނޫންގޮތަކަށް ބޭނުންކުރާ ހަރުމުދަލެއްނަމަ، އެ މުދަލަކަށް ކެޕިޓަލް އެލަވަންސް ދެވޭނީ އެވިޔަފާރީގެ ބޭނުމަށް އެ މުދަލެއް ބޭނުންކޮށްފައިވާ ނިސްބަތަކުންނެވެ.


43 ވަނަ މާއްދާ - އެއްފަހަރާ އުނިކުރުން

(ހ) މި ބާބުގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، އެއްވެސް ހަރުމުދަލެއް ނުވަތަ އެއްބާވަތެއްގެ ހަރުމުދާތަކެއް އެއްފަހަރާ ގަތުމަށް ދިޔަ ހަރަދު 5000 (ފަސް ހާސް) ރުފިޔާއަށްވުރެ އިތުރުނުވާނަމަ އެ ފަރާތަކުން އެ ހަރަދު ހިނގި ހިސާބުކުރާ މުއްދަތުގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އެ ހަރަދެއް އެއްފަހަރާ އުނިކުރުމަށް އިހްތިޔާރު ކުރެވިދާނެއެވެ.

(ށ) މި މާއްދާގެ ދަށުން އެއްފަހަރާ އުނިކުުރުމަަށް އިހްތިޔާރުކުރެވޭ ހަރަދުގެ ޖުމްލަ އެއްވެސް ހިސާބުކުރާ މުއްދަތެއްގައި 100،000 (އެއް ލައްކަ) ރުފިޔާއަށްވުރެ އިތުރުވެގެން ނުވާނެއެވެ.


44 ވަނަ މާއްދާ - މުދަލުގެ ވެރިފަރާތް ނޫން އެހެން ފަރާތަކަށް ކެޕިޓަލް އެލަވަންސް ދިނުން

މުދަލުގެ ވެރިފަރާތް ނޫން އެހެން ފަރާތަކަށް ކެޕިޓަލް އެލަވަންސް ދެވޭނީ އެ ފަރާތަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރާ އެކައުންޓިންގ ސްޓޭންޑަޑްގައިވާ ގޮތުގެމަތިން އެ ފަރާތަކަށް އެމުދަލުގެ ޑިޕްރިސިއޭށަން އުނިކުރެވޭ ހާލަތްތަކުގައެވެ.


45 ވަނަ މާއްދާ - އެއް ހަރަދެއް ދެފަހަރު އުނިނުކުރުން

މި ބާބުގެ ބޭނުމަށް، އެއްވެސް ހަރަދެއް އެއް ވިޔަފާރިއަށްވުރެ ގިނަ ވިޔަފާރީގެ ހިސާބުތަކުން ނުވަތަ އެލަވަންސް ދެވޭ އެއް ކެޓަގަރީއަކުން އުންޏެއް ނުކުރެވޭނެއެވެ.


46 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފަށާ ދުވަހު ހަރުމުދާ އަގުކުރުން

(ހ) ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، ވިޔަފާރީގައި ބޭނުންކުރާ ހަރުމުދަލެއް (އިމާރާތް ފިޔަވައި) ގަތުމަށް އެއްވެސް ފަރާތަކުން ހަރަދެއް ކޮށްފައިވާނަމަ، މި ބާބުގެ ބޭނުމަށް އެ މުދަލުގެ އަގުކަމަށް ބަލާނީ ގާނޫނަށް އަމަލުކުރަން ފަށާ ދުވަހު އެ މުދަލުގެ ބާޒާރުގެ އަގު ނުވަތަ ގާނޫނަށް އަމަލުކުރަން ފަށާ ދުވަހު އެ މަދަލެއްގެ އަގުކަމަށް ހިސާބުތަކުން ދައްކާ އަގު ( ނެޓް ބުކް ވެލިއު) މި ދެ އަދަދުންކުރެ ދަށް އަދަދެކެވެ.

(ށ) ގާނޫނަށް އަމަލުކުރަން ފެށުނުއިރު ހިސާބުތައް ތައްޔާރުކުރަމުން ނުގެންދާ ފަރާާތަކުން ހަރުމުދަލެއް ގަތުމަށް ހަރަދެއް ކޮށްފައިވާނަމަ، އެމުދަލުގެ އަގުކަމަށް ބެލެވޭނީ ގާނޫނަށް އަމަލުކުރަން ފަށާދުވަހު އެ މުދަލެއްގެ ބާޒާރުގެ އަގެވެ.


47 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފަށާ ދުވަހު އިމާރާތް އަގުކުރުން

(ހ) ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ވިޔަފާރީގައި ބޭނުންކުރާ އިމާރާތެއް ގަތުމަށް ނުވަތަ ބިނާކުރުމަށް ހަރަދެއް ކޮށްފައިވާނަމަ، މި ބާބުގެ ބޭނުމަށް އެ އިމާރާތުގެ އަގުކަމަށް ބަލާނީ ތިރީގައިވާ އަދަދުތަކުގެ ތެރެއިން ދަށް އަދަދެކެވެ.

  1. ގާނޫނަށް އަމަލުކުރަން ފަށާ ދުވަހު އެ އިމާރާތެއްގެ ބާޒާރުގެ އަގު، ނުވަތަ
  2. ގާނޫނަށް އަމަލުކުރަން ފަށާ ދުވަހު އެ އިމާރާތެއްގެ އަގުކަމަށް ހިސާބުތަކުން ދައްކާ އަގު (ނެޓް ބުކް ވެލިއު)، ނުވަތަ
  3. އެ އިމާރާތެއް ގަތުމަށް ނުވަތަ ބިނާކުރުމަށް ކޮށްފައިވާ އަސްލު ހަރަދުން ތިރީގައިވާ ފޯމިއުލާ ބޭނުންކޮށްގެން އަންނަ އަދަދު އުނިކުރުމުން އަންނަ އަދަދެއް،

    (އަސްލު ހަރަދުA/25 x   )

    A = އެ އިމާރާތް ގަތް ނުވަތަ ބިނާކުރި ދުވަހުން ފެށިގެން ގާނޫނަށް އަމަލުކުރަން ފަށާ ދުވަހާއި ދެމެދު ފައިތުވެފައިވާ އަހަރު   


(ށ) މި މާއްދާގެ (ހ) ގެ (3) ގެ ބޭނުމަށް، އިމާރާތް ގަތް ނުވަތަ ބިނާކުރި ދުވަހުން ފެށިގެން ގާނޫނަށް އަމަލުކުރަން ފަށާ ދުވަހާއި ދެމެދު ފާއިތުވި އަހަރު 25 އަހަރަށްވުރެ އިތުރުވާނަަމަ ގެ އަދަދުކަމަށް ބަލާނީ 25 އެވެ.

(ނ) މި މާއްދާގެ (ހ) އާ އެއްގޮތަށް ހިސާބުކޮށްފައިވާ ހަރަދަކީ ގާނޫނަށް އަމަލުކުރަން ފަށާ ދުވަހު ކޮށްފައިވާ ހަރަދެއް ކަމަށް ބެލެވޭނެއެވެ.


48 ވަނަ މާއްދާ - އިމާރާތުގެ އަސްލު އަގު އެނގެން ނެތުން

މި ގަވާއިދުގެ 47 ވަނަ މާއްދާ ރައްދުވާ ހާލަތްތަކުގައި، އިމާރާތައް ކޮށްފައިވާ އަސްލު ހަރަދު އެނގެން ނެތްނަމަ ނުވަތަ ޔަގީން ނުވާނަމަ، އެމް.އައި.އާރ.އޭ އަށް ގަބޫލުކުރެވޭ އެކަށީގެންވާ އަންދާޒާއެއް އެއީ އެ އިމާރާތެއްގެ އަސްލު އަގުކަމުގައި ކަނޑައެޅިދާނެއެވެ.


49 ވަނަ މާއްދާ - ކެޕިޓަލް އެލަވަންސްއާ ގުޅޭ އާންމު މާއްދާތައް

(ހ) ހަރުމުދަލަކާ ގުޅިގެން އެއްވެސް ފަރާތަކަށް ދެވޭ ކަޕިޓަލް އެލަވަންސް ބެލެވޭނީ އެ އެލަވަންސް ދެވުނު މުއްދަތުގައި އެ ފަރާތެއްގެ ހަރަދެއްގެ ގޮތުގައެވެ.

(ށ) މި ބާބުގެ ދަށުން އެއްވެސް ހިސާބުކުރާ މުއްދަތެއްގައި ދެވޭ އެލަވަންސެއް އެ ހިސާބުކުރާ މުއްދަތު ހިމެނޭ ޓެކްސް އަހަރެއްގެ އެ ފަރާތެއްގެ ޓެކްސް ބަޔާނުގައި ހިމަނަންވާނެއެވެ.

(ނ) އެއްވެސް ފަރާތެއްގެ ހިސާބުކުރާ މުއްދަތު 12 މަސްދުވަހަށްވުރެ ކުރުނަމަ، މި ގަވާއިދުގެ ދަށުން ދެވޭ ކެޕިޓަލް އެލަވަންސް އުނިކުރަންވާނީ އެ ހިސާބުކުރާ މުއްދަތުގެ ނިސްބަތުންނެވެ.

(ރ) ކެޕިޓަލް ހަރަދަކާ ގުޅިގެން މި ބާބުގެ ދަށުން ކެޕިޓަލް އެލަވަންސް ނުވަތަ އެހާތަނަށް ދެވުނު ޖުމްލަ އެލަވަންސް، އެހަރަދުގެ ޖުމްލަ އަދަދަށްވުރެ އިތުރުވެގެން ނުވާނެއެވެ.


50 ވަނަ މާއްދާ - ކެޕިޓަލް އެލަވަންސްގެ ރޭޓްތައް

މި ބާބުގެ ދަށުން ކެޕިޓަލް އެލަވަންސް، ތިރީގައިވާ ތާވަލުގައި އެ މުދަލަކަށް ކަނޑައަޅާފައިވާ ރޭޓްތައް ބޭނުންކޮށްގެން ހިސާބުކުރުމަށްފަހު އުނިކުރަންވާނެއެވެ.

މުދަލުގެ ކެޓަރީ (%) ރޭޓް
އިމާރާތް 4
އެއަރކްރާފްޓް 7
ކަނޑު ދަތުރުކުރާ ލަކުޑި އުޅަނދު 7
ކަނޑު ދަތުރުކުރާ ލަކުޑި އުޅަނދު ނޫން އެހެނިހެން އުޅަނދު 5
ފަރުނީޗަރާއި ފިޓިންގ 10
އިންޖީނުލީ އެއްގަމު އުޅަނދުފަހަރު 20
އާރތް މޫވިންގ ވެހިކަލް 5
ޕްލާންޓް އަދި އިކުއިޕްމަންޓް (އޮފީސް އިކުއިޕްމަންޓް ފަޔަވައި) 10
އޮފީސް އިކުއިޕްމަންޓް 20
ކޮމްޕިއުޓަރ ސޮފްޓްވެއަރ 33 3/1
ބަދިގޭ ސާމާނު (އޫ، ތެލި، ސަމުސާ، ތަށިފަދަ) ، ލިނެން، އަދި ހިފާ ގެންގުޅޭ ސާމާނު 33 3/1

އެހެނިހެން މުދާ

10
   


51 ވަނަ މާއްދާ - އިންޓޭންޖިބަލް އެސެޓަށް ދެވޭ އެލަވަންސް

ވިޔަފާރިއެއް ކުރަމުންދާ ފަރާތަކުން އިންޓޭންޖިބަލް އެސެޓެއް ހޯދުމަށް ހަރަދެއް ކޮށްފައިވާނަމަ، އެ ހިސާބުކުރާ މުއްދަތެއްގައި އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި ތިރީގައިވާ ފޯމިއުލާ ބޭނުންކޮށްގެން ހިސާބުކުރުމަށްފަހު ކެޕިޓަލް އެލަވަންސް އުނިކުރަންވާނެއެވެ.

A/E

= ހަރަދުE

 A =  އެ މަދަލެއް ބޭނުންކުރެވޭނެކަމަށް އެ މީހަކު އަންދާޒާކޮށްފައިވާ، އެމް.އައި.އާރ.އޭ އަށް ގަބޫލުކުރެވޭ، މުއްދަތު (އަހަރުން)


52 ވަނަ މާއްދާ - ބެލެންސިންގ އެލަވަންސް އަދި ބެލެންސިންގ ޗާޖް

(ހ) މި މާއްދާ ރައްދުވާނީ މި ބާބުގެ ދަށުން ކެޕިޓަލް އެލަވަންސް ދެވިފައިވާ ހަރުމުދަލަކަށް އެއްވެސް ފަރާތެއްގެ ހިސާބުކުރާ މުއްދަތުގައި މި ގަވާއިދުގެ 38 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި. އެ ހަރުމުދަލެއްގެ ޑިސްޕޯސަލް ވެލިއުއަކީ ސުމެއްނަމަ، ނުވަތަ އެ މުދަލެއްްގެ ޑިސްޕޯސަލް ވެލިއު އަކީ ރިޓްން ޑައުން ވެލިއުއަށްވުރެ ދަށް އަދަދެއްނަމަ، ހިސާބުކުރާ މުއްދަތުގައި ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި ބެލެންސިންގ އެލަވަންސްގެ ގޮތުގައި އެ ދަށްވި އަދަދު އުނިކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) އެއްވެސް ހަރުމުދަލަކަށް ރައްދުވާނަމަ، އަދި އޭގެ ރިޓްން ޑައުން ވެލިއަށްވުރެ ޑިސްޕޯލަސް ވެލިއު އިތުރުނަމަ، އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި ބެލެންސިންގ ޗާޖްގެ ގޮތުގައި އެ އިތުރުވާ އަދަދު ހިމަނަންވާނެއެވެ.


53 ވަނަ މާއްދާ - ޑިސްޕޯލަސް ވެލިއު

(ހ) މެދުވެރިވި ރެލަވަންޓް އިވެންޓަކީ މުދަލެއް ވިއްކާލުންނަމަ، އެމުދަލުގެ ޑިސްޕޯލަސް ވެލިއު ކަމަށް ބަލާނީ ތިރީގައިވާ އަދަދުތަކުގެ ޖުމްލައެވެ.

  1. އެ މުދަލެއް ވިއްކާލުމުން ލިބުނު އަދަދުން، އެ މުދާ ވިއްކާލުމަށް ދިޔަ ހަރަދު އުނިކުރުމަށްފަހު ބާކީވާ އަދަދު، އަދި
  2. އެ މުދަލެއް ވިއްކާލެވޭނެ އަގަށް އެއްވެސް އަސަރެއް ކޮށްފާނެފަދަ ކަމަކާއި ގުޅިގެން ލިބުނު ނުވަތަ ލިބެންޖެހޭ އިންށުއަރެންސް ފައިސާގެ އަދަދު، އަދި
  3. ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބުނު އެއްވެސް ފައިސާއެއް ނުވަތަ އެނޫންވެސް ގޮތަކުން ލިބުނު ނުވަތަ ލިބެންޖެހޭ ފައިސާގެ އަދަދު.

(ށ) މެދުވެރިވި ރެލަވަންޓް އިވެންޓް އަކީ ދާއިމީކޮށް ގެއްލުން، ނައްތާލުން، ހަލާކުވުން، ނުވަތަ ހަރުމުދާ އެއްކޮށް ދޫކޮށްލުންނަމަ، އެ މުދަލުގެ ޑިސްޕޯސަލް ވެލިއު ކަމަށް ބަލާނީ ތިރީގައިވާ އަދަދުތަކުގެ ޖުމްލައެވެ.

  1. މުދަލެއް ނުވަތަ އެ މުދަލުގެ ބަޔަކަށް ލިބުނު ނުވަތަ ލިބެންޖެހޭ އެއްވެސް ފައިސާގެ އަދަދު، އަދި؛
  2. މުދަލަށް ލިބުނު ގެއްލުމާ ގުޅިގެން ނުވަތަ މިފަދަ އެނޫންވެސް ސަބަބަކާ ގުޅިގެން ލިބުނު ނުވަތަ ލިބެންޖެހޭ އެއްވެސް އިންށުއަރެންސް ފައިސާއެއްގެ އަދަދު، އަދި؛
  3. ގެއްލުމުގެ ބަދަލުގެ ގޮތުގައި ނުވަތަ އެނޫންވެސް ގޮތަކުން ލިބުނު ނުވަތަ ލިބެންޖެހޭ ފައިސާގެ އަދަދު.

(ނ) މެދުވެރިވި ރެލެވަންޓް އިވެންޓް އަކީ އިންޓޭންޖިބަލް އެސެޓެއް ނުވަތަ އެސެޓުގެ ބައެއް ވިއްކާލުން ނުވަތަ ބޭނުންކުރުމުގެ ހައްގު އެހެންފަރާތަކަށް ދިނުންކަމަށްވާނަމަ؛

  1. މުގާބިލެއްގެ ގޮތުގައި ދައްކާފައިވަނީ ފައިސާ ނޫންނަމަ އެ މުދަލެއްގެ ޑިސްޕޯސަލް ވެލިއު ކަމަށް ބަލާނީ ބާޒާރުގައި އެ މުދަލެއް ބޭނުންކުރުމުގެ ހައްގު ދެވޭނެ ފައިސާގެ އަދަދެވެ.
  2. ބާޒާރުގައި އެ މުދަލެއް ބޭނުންކުރުމުގެ ހައްގި ދީފައިވަނީ މުގާބިލެއްގެ ގޮތުގައި އެ މުދަލަކަށް ލިބޭނެ އަދަދަށްވުރެ ދަށް އަގެއްގައިނަމަ، ޑިސްޕޯސަލް ވެލިއު ކަމަށް ބަލާނީ ބާޒާރުގައި އެ މުދަލެއް ބޭނުންކުރުމުގެ ހައްގު ދެވޭނެ ފައިސާގެ އަދަދެވެ.
  3. މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ނުހިމެނޭ ހާލަތެއް މެދުވެރިވެއްޖެނަމަ ޑިސްޕޯސަލް ވެލިއު ކަމަށް ބަލާނީ؛

    (ހހ) އެ އިންޓޭންޖިބަލް އެސެޓެއް ބޭނުންކުރުމުގެ ހައްގު ދިނުމުން ލިބުނު އަދަދުން، އެ ހައްގު ދިނުމަށް ދިޔަ ހަރަދު އުނިކުރުމަށްފަހު ލިބުނު ނުވަތަ ލިބެންޖެހޭ އަދަދު؛

    (ށށ) އެ ހައްގު ވިއްކާލެވޭނެ ނުވަތަ ދެވޭނެ އަގަށް އެއްވެސް އަސަރެއް ކުރުވައިފާނެފަދަ އަމަލަކާ ގުޅިގެން އިންށުއަރެންސްގެ ގޮތުގައި ލިބުނު ނުވަތަ ލިބެންޖެހޭ ފައިސާގެ އަދަދު؛

    (ނނ) އެހެން އެއްވެސް ބަދަލެއްގެ ގޮތުގައި ނުވަތަ މުގާބިލެއްގެ ގޮތުގައި ލިބުނު ނުވަތަ ލިބެންޖެހޭ ފައިސާގެ އަދަދު؛

(ރ) އެހެން އެއްވެސް ރެލެވަންޓް އިވެންޓެއް ވެދުވެރިވެއްޖެ ހާލަތެއްގައި ޑިސްޕޯސަލް ވެލިއުކަމަށް ބަލާނީ އެ އިވެންޓެއް ހިނގި ވަގުތު، ބާޒާރުގައި އެ މުދަލެއް ވިއެްކާލެވޭނެ އަގެވެ.


54 ވަނަ މާއްދާ - ވިޔަފާރި ބަދަލުކުރުމާ ގުޅިގެން ބަދަލުކުރެވޭ މުދާ

(ހ) އަންނަނިވި ށަރުތުތައް ފުރިހަމަވާ ހާލަތްތަކުގައި ވިޔަފާރި ބަދަލުކުރި ފަރާތަށް އަދި ވިޔަފާރި ބަދަލުކުރެވޭ ފަރާތަށް މި މާއްދާގެ (ށ)، (ނ) އަދި (ރ) ރައްދުވާނެއެވެ.

  1. ވަކިފަރުދެއްގެ ނަމުގައި ކުރާ ވިޔަފާރިއެއް، ގާނޫނަށް އަމަލުކުރަން ފެށުމުގެ ފަހުން ކުންފުންޏެއްގެ ނަމަށް ބަދަލުކުރާނަމަ، އަދި
  2. ވިޔަފާރި ބަދަލުކުރުމުގެ މުގާބިލެއްގެ ގޮތުގައި އެ ފަރުދަކަށް ކުންފުނީގެ ހިއްސާ ލިބޭނަމަ، އަދި
  3. ވިޔަފާރި ބަދަލުކުރުމުގެ މުގާބިލެއްގެ ގޮތުގައި ކުންފުނީގެ ހިއްސާ ނޫން އެހެން އެއްވެސް އެއްޗެއް ނުލިބޭނަމަ، އަދި
  4. ވިޔަފާރި ބަދަލުކުރުމުގައި، ކުރިންވެސް ވިޔަފާރީގައި ބޭނުންކުރެވުނު އަދި ވިޔަފާރި ބަދަލުކުރި ފަރާތަށް މި ބާބުގެ ދަށުން އެލަވަންސް ދެވިފައިވާ ހަރުމުދަލެއް ހިމެނޭނަމަ.

(ށ) އެއް މުދަލަށްވުރެ ގިނަ މުދާ ބަދަލުކުރާނަމަ މި ގަވާއިދުގެ ބޭނުމަށް އެ ހުރިހާ މުދަލަކަށްވެސް ހިޔާރުކުރަންވާނީ އެއްގޮތެކެވެ. އަދި މިގޮތުން އިހްތިޔާރުކުރާ ގޮތް ބަދަލެއް ނުކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ރައްދުވާނަމަ، އެ މުދަލެއް ބަދަލުކުރުން އެއީ ރެލަވަންޓް އިވެންޓެއްކަމަށް ނުބެލެވޭނެއެވެ. އަދި އެފަދަ ބަދަލެއްކުރާ ދުވަހުން ފެށިގެން ދެވޭ ކެޕިޓަލް އެލަވަންސެއް ނުވަތަ ބެލެންސިންގ އެލަވަންސެއް ނުވަތަ ބެލެންސިންގ ޗާޖެއް ދެވޭނީ އެ މުދަލެއް ބަދަލުކުރެވުނު ފަރާތަށެވެ. އަދި މިގޮތަށް ބަދަލުކުރެވުނު ފަރާތަށް ދެވޭ އެލަވަންސް ދެވޭނީ އެ ބަދަލުކުރި ފަރާތުން އެ ވިޔަފާރިއެއް ކުރަމުންގެންދާކަމަށް ބަލައިގެންނެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ހިޔާރުކުރާ ގޮތެއް އެމް.އައި.އާރ.އޭ އަށް އަންގަންވާނީ ވިޔަފާރި ބަދަލުކުރިފަރާތް އަދި ބަދަލުކުރެވޭފަރާތް ސޮއިކޮށް އަންގާ ލިއުމަކުންނެވެ. އަދި މި ފަދަ އެންގުމެއް އަންގާނީ ތިރީގައިވާ ތާރީހުތަކުގެ ތެރެއިން ކުރިން އަންނަ ތާރީހެއްގައެވެ.

  1. އެފަދަ ބަދަލެއް ކުރެވުނު ޓެކްސް އަަހަރެއް ނިމުމަށްފަހު 6 މަސްދުވަސް ވުމުގެ ކުރިން، ނުވަތަ
  2. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިއްސާގެ ތެރެއިން ހިއްސާއެއް ވިއްކާލާ ދުވަހު.


55 ވަނަ މާއްދާ - ކެޕިޓަލް އެލަވަންސް ދެވިފައިވާ ހަރުމުދާ ޑިސްޕޯސްކުރުން

(ހ) މި މާއްދާ ހިނގާނީ އަންނަނިވި ކަންތައްތައް މެދުވެރިވާ ހާލަތްތަކުގައެވެ.

  1. މި ބާބުގެ ދަށުން ހަރުމުދަލަކަށް ކެޕިޓަލް އެލަވަންސް ދެވިފައިވަނިކޮށް އެ މުދަލެއް ވަކިން ނުވަތަ އެހެން އެއްވެސް މުދަލަކާއެކު ވިއްކާލައިފިނަމަ ނުވަތަ ހަލާކުވެއްޖެނަމަ، އަދި
  2. ހަރުމުދާ ވިއްކާލުމުން ލިބުނު މުގާބިލަކީ ވިއްކާލެވުނު ހުރިހާ މުދަލަކަށް ނިސްބަތްވާ އެއްޗަކަށްވާނަމަ، ނުވަތަ އިންށުއަރެންސްގެ ގޮތުގައި ލިބުނު ފައިސާއަކީ ހަލާކުވި ހުރިހާ މުދަލަކަށް ނިސްބަތްވާ ނުވަތަ އެކަމާއި ގުޅޭ އިންށުއަރެންސް ޕޮލިސީގެ ދަށުން ކުރެވިފައިވާ ކްލެއިމްއަކަށް ވެއްޖެނަމަ، އަދި
  3. ވިއްކި އަގު ނުވަތަ އިންށުއަރެންސްގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު، ވިއްކުނު ނުވަތަ ހަލާކުވި މުދަލުގެ ނިސްބަތުން ބަހާފައި ނުވާނަމަ.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަދަދު އެމް.އައި.އާރ.އޭ ގެ ނަޒަރުގައި އެ މުދާތަކުގެ ސައްހަ އަދަދުތައް ކަމަށް ފެންނަ އަދަދަށް ނިސްބަތްކޮށް އެ މުދާތަކުގެ މެދުގައި ބަހާލެވިދާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ މުއާމަލާތުގެ މުގާބިލުގެ ގޮތުގައި ލިބުނު ފައިސާ ނުވަތަ އިންށުއަރެންސްގެ ގޮތުގައި ލިބުނު ފައިސާ، ދެފަރާތުގެ މެދުގައި ވެވޭ އެއްބަސްވުމުކުން ނުވަތަ ރޭވޭ ރޭވުމަކުން އެ މުދާތަކުގެ މެދުގައި ބަހާލެވިފައިވާނަމަ؛

  1. އެ މުގާބިލު ނުވަތަ އިންށުއަރެންސް ފައިސާ، މުދާތަކުގެ މެދުގައި އެ ފަރާތުން ބަހާލާފައިވާ ބަހާލުން އެމް.އައި.އާރ.އޭ އަށް ގަބޫލްކުރެވިދާނެއެވެ. ނުވަތަ؛
  2. އެ ފަރާތުން ބަހާލާފައިވާ ބަހާލުމުގެ ސަބަބުން އެއްވެސް ފަރާތަކަށް ނުހައްގު ޓެކްސް ފައިދާއެއް ލިބިދާނެކަމަށް އެމް.އައި.އާރ.އޭ އަށް ގަބޫލުކުރެވޭނަމަ، އެމް.އައި.އާރ.އޭ ގެ ނަޒަރުގައި އެ މުދާތަކުގެ ސައްހަ އަގުކަމަށް ފެންނަ އަދަދަށް ނިސްބަތްކޮށް އެ މުދާތަކުގެ މެދުގައި އެ މުގާބިލް ނުވަތަ އިންށުއަރެންސް ފައިސާ ބަހާލެވިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ ދަށުން ބަހާލެވޭ ބަހާލުމެއްގެ ސަބަބުން އެއްވެސް ފަރާތަކަށް އަސަރެއްކުރާނަމަ އެމް.އައި.އާރ.އޭ އިން އެ ފަރާތަކަށް އެކަން އަންގަންވާނެއެވެ.

(ބ) އެއްވެސް މުދަލަކަށް މި މާއްދާގެ ދަށުން އަދަދެއް ކަނޑައެޅިއްޖެނަމަ އެ މުއާމަލާތުގައި ހިމެނޭ ދެފަރާތުގެ މައްޗަށްވެސް އެ އަދަދެއް ހިނގާނެއެވެ.

 

ފަސްވަނަ ބާނު

އިންށުއަރެންސް ކުންފުނިތައް

56 ވަނަ މާއްދާ - އިންށުއަރެންސް ކުންފުނިތައް

ގާނޫނުގެ 14 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށް ލައިފް އިންށުއަރެންސް ކޮށްދޭ ކުންފުންޏެއް ފިޔަވައި އެހެން އިންށުއަރެންސް ކުންފުންޏެއްގެ ބޭނުންނުކޮށް ބެހެއްޓިފައިވާ ރިޒަރވް (އަންއެކްސްޕަޔަރޑް ރިސްކް ރިޒާރވް) އަކީ އިންށުއަރެންސް ޕޮލިސީތަކުގެ ބާކީއޮތް މުއްދަތަށް ނިސްބަތްވާ، އަނބުރާދެވޭނެކަމަށް ލަފާކުރެވޭ އަދަދު (އެކްސްޕެކްޓެޑް ވެލިއު) އިން އެ ކުންފުނީގެ އަންއަރންޑް ރިޒާރވް އުނިކުރުމަށްފަހު ބާކީ އަންނަ އަދަދެވެ.

(ށ) މި މާއްދާގެ (ހ) ރައްދުވާ އިންށުއަރެންސް ކުންފުންޏަކުން، އާންމުކޮށް ގަބޫލުކުރެވޭ އެކްޗުއޭރިއަލް އުސޫލެއް ބޭނުންކޮށްގެން އެ ކުންފުންޏެއްގެ ބޭނުންނުކޮށް ބެހެއްޓިފައިވާ ރިޒަރވް ހިސާބުކުރަންވާނެއެވެ.

(ނ) ގާނޫނުގެ 14 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށް، ހިސާބުކުރާ މުއްދަތު ފެށުނުއިރު ދިމާވެފައިނުވާ ރިސްކްތަކަށް ބޭނުންނުކޮށް ބެހެއްޓިފައިވާ ރިޒާރވްގެ ތެރޭގައި ހިމެނެނީ ގާނޫނަށް އަމަލުކުރަންފަށާ ދުވަހު ބެހެއްޓިފައިވާ އެފަދަ ރިޒަރވް އެވެ.

(ރ) ގާނޫނުގެ 14 ވަނަ މާއްދާގެ ދަށުން ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އުނިކުރުމަށް ހުއްދަދެވޭ ހެޑް އޮފީސް ހަރަދުތައް އަދުލުވެރިގޮތަކަށް ބަހާލުމުގައި މި ގަވާއިދުގެ24  ވަނަ މާއްދާއިން 29 ވަނަ މާއްދާއަށް އަމަލުކުރެވޭނެއެވެ.

(ބ) ގާނޫނުގެ 14 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް:

  1. ލައިފް އިންށުއަރެންސް ކުންފުންޏެއްކަމަށް ބުނެފައިވަނީ، ހަމައެކަނި ލައިފް އިންށުއަރެންސްގެ ވިޔަފާރިކުރާ ކުންފުނިތަކާއި ލައިފް އިންށުއަރެންސް އަދި ޖެނެރަލް އިންށުއަރެންސްގެ ވިޔަފާރިކުރާ ކުންފުނިތަކަށެވެ. މި ފަދަ ހާލަތްތަކުގައި ގާނޫނުގެ 14 ވަނަ މާއްދާގެ (ނ) ހިނގާނީ ހަމައެކަނި އެ ކުންފުންޏެއްގެ ލައިފް އިންށިއަރެންސްގެ ވިޔަފާރިއަށެވެ.
  2. މެނޭޖްމަންޓް ހަރަދުތައް ކަމަށްބަލާނީ އިންވެސްޓްމަންޓް އާމްދަނީ ހޯދުމުގައި ސީދާ އަދި ނުސީދާކޮށް ހިނގާފައިވާ މެނޭޖްމަންޓް އަދި އިދާރީ ހަރަދުތަކާއި ކޮމިށަންތަކެވެ.
  3. ގާނޫނުގެ 14 ވަނަ މާއްދާގެ (ނ) ގައި ކޮމިށަން ކަމަށް ބުނެފައިއެވަނީ ހަމައެކަނި އިންވެސްޓްމަންޓް އާމްދަނީއާ ގުޅޭ ކޮމިށަނަށެވެ.

(ޅ) އިންވެސްޓްމަންޓް އާމްދަނީ ހޯދުމުގައި، މި މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މެނޭޖްމަންޓް ހަރަދުތައް ނުސީދާކޮށް ހިނގާފައިވާނަމަ އެ ހަރަދު، އިންވެސްޓްމަންޓް އާމްދަނީ އަދި އެހެނިހެން އާމްދަނީގެ މެދުގައި އެމް.އައި.އާރ.އޭ އިން ހުއްދަކުރާ އަދުލުވެރި އަދި އިންސާފުވެރި ގޮތަކަށް ބަހަންވާނެއެވެ.

(ކ) ގާނޫނުގެ 14 ވަނަ މާއްދާ ގެ (ށ) ގެ (4) ވަނަ ނަންބަރުގެ ބޭނުމަށް، ހިސާބުކުރާ މުއްދަތުގައި ނުކުންނަ ހަގީގީ ގެއްލުން ހިސާބުކުރުމުގައި؛

  1. އަނބުރާ ދޭންޖެހޭކަމަށް ރިޕޯޓްކޮށްފައިވާ، ނަމަވެސް އެ މުއްދަތެއް ނިމުނުއިރު ނުދައްކާހުރި އަދަދު (ރިޕޯޓެޑް ބަޓް ނޮޓް ޕެއިޑް) ގެ ގޮތުގައި އަދުލުވެރިގޮތަކަށް އަންދާޒާކުރާ އަދަދު ހިމެނޭނެއެވެ.
  2. ހިސާބުކުރާ މުއްދަތު ނިމުނުއިރު އަނބުރާ ދޭންޖެހޭ، ނަމަވެސް ރިޕޯޓުކޮށްފައިނުވާ އަދަދުތައް (އިންކަރޑް ބަޓް ނޮޓް ރިޕޯޓެޑް ނުވަތަ އައި.ބީ.އެން.އާރް)، އެ އަދަދު ހިސާބުކޮށްފައިވަނީ އާންމުކޮށް ގަބޫލްކުރެވޭ އަދި އެމް.އައި.އާރ.އޭ އިން ހުއްދަކޮށްފައިވާ އެކްޗުއޭރިއަލް އުސޫލެއްް ބޭނުންކޮށްގެންނަމަ އެ އަދަދު ހިމަނަންވާނެއެވެ.
  3. އެ ކްލެއިމްއަކާ ގުޅިގެން ކުރިއަށް އޮތްތަނުގައި އަނބުރާ ލިބޭނެކަމަށް އަންދާޒާކުރާ އަދަދުން ކުޑަކުރެވޭނެއެވެ.
  4. އަނބުރާ ދޭންޖެހޭކަމަށް ރިޕޯޓްކޮށްފައިވާ، ނަމަވެސް އެ މުއްދަތެއް ފެށުނުއިރު ނުދައްކާހުރި އަދަދުގެ ގޮތުގައި އަދުލުވެރިގޮތަކަށް އަންދާޒާކުރާ އަދަދަކުން ކުޑަކުރެވޭނެއެވެ.
  5. ހިސާބުކުރާ މުއްދަތު ފެށުނުއިރު އަނބުރާ ދޭންޖެހޭ، ނަމަވެސް ރިޕޯޓުކޮށްފައިނުވާ އަދަދުން ކުޑަކުރެވޭނެއެވެ.

 

ހަވަނަ ބާބު

ނުއުފުލޭ މުދަލުގެ ކުލި

57 ވަނަ މާއްދާ - ނުއުފުލޭ މުދާ

މި ބާބުގެ ބޭނުމަށް، ނުއުފުލޭ މުދާކަމަށް ބުނެފައިވަނީ އެއްވެސް ބޭނުމަކަށް ކުއްޔަށް ދޫކޮށްފައިވާ އިމާރާތްތަކާއި، ގުދަންތަކާއި، ޕްލާންޓްތަކާއި، ކާރުހާނާތަކާއި، ބިންތަކާއި، ފަޅުރަށްރަށާއި، ފަޅުތަކާއި، ފަރުތަކާއި، ގިރި ފަދަ ތަންތަނާއި ބިނާތަކާއި އަދި މިނޫންވެސް މި ފަދަ މުދަލަށެވެ.


58 ވަނަ މާއްދާ -  ކުލީގެ ޖުމްލަ އަދަދު

ނުއުފުލޭ މުދަލުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީކަމަށް ބެލެވޭނީ ތިރީގައި ބަޔާންކުރެވޭ އަދަދުތަކުގެ ޖުމްލައެވެ.

(ހ) ނުއުފުލޭ މުދަލުން ކުލީގެ ގޮތުގައި ލިބޭ އެންމެހައި ފައިސާ، އަދި

(ށ) ސެކިއުރިޓީ ޑިޕޮސިޓް، އެޑްވާންސަށް ދައްކާ ކުލި ނުވަތަ ނުއުފުލޭ މުދަލާ ގުޅިގެން އެނޫންވެސް ގޮތަކަށް ލިބޭ ފައިސާގެ ތެރެއިން މުދާ ކުއްޔަށް ދޫކުރާ ފަރާތަށް އެ ފައިސާގެ ބައެއް ނުވަތަ އެއްކޮށްވިއަސް ބޭނުން ކުރުމުގެ ހައްގު ލިބޭ ޓެކްސް އަހަރެއްގައި އެ ހައްގު ލިބުނު މިންވަރަކަށް، އަދި

(ނ) ކުއްޔަށް ދޫކުރުމަށް ވެވޭ އެއްބަސްވުމުގައި ކުއްޔަށް ހިފާ ފަރާތުގެ އިލްތިޒާމުތަކުގެ ތެރޭގައި ނުހިމެނޭ ކަމަކަށް، ކުއްޔަށް ދޫކުރެވޭ މުދަލާ ގުޅިގެން ލިބޭ އެންމެހައި ފައިސާ، އަދި

(ރ) ނުއުފުލޭ މުދަލެއްގައި ހަރުކުރެވިފައިވާ އެއްވެސް އެއްޗަކާ ގުޅިގެން ލިބޭ ފައިސާ، އަދި

(ބ) ކުލި ނުދެއްކުމުގެ ސަބަބުން ލިބޭ ގެއްލުން ފޫބެއްދުމަށް ނަގާފައިވާ އިންށުއަރެންސް ޕޮލިސީއެއްގެ ދަށުން ލިބޭ އެންމެހައި ފައިސާ، އަދި

(ޅ) ކުއްޔަށް ދޫކުރުމަށް ވެވޭ އެގްރީމެންޓާއި، ކުއްޔާ ހިފާ ފަރާތުން ހިލާފުވުމުގެ ސަބަބުން ލިބޭ ފައިސާ.


59 ވަމަ މާއްދާ - ކުލިން އުނިކުރެވޭނެ އަދަދު

ހިސާބުކުރާ މުއްދަތެއްގައި އެ ފަރާތަކަށް ނުއުފުލޭ މުދަލުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީއިން ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި ތިރީގައިވާ އަދަދުތައް އުނިކުރެވިދާނެއެވެ.

(ހ) ކުއްޔަށް ދިނުމަށް ވެވޭ އެގްރިމެންޓް ކުރުމުށް ހިނގާ އެންމެހައި ހަރަދު؛

(ށ) ކުއްޔަށް ދޫކުރާ މުދަލެއްގެ އިންށުއަރެންސް ޕްރީމިއަމްގެ ގޮތުގައި ދައްކާ ފައިސާ؛

(ނ) ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން އޭޖެންޓްކަށް ދައްކާ ފީ ނުވަތަ ކޮމިށަން؛

(ރ) އެ މަރާމާތުގެ ސަބަބުން މުރަލުގެ އަގަށް ބަދަލެއް ނާންނަފަދަ މަރާމާތެއްކުރުމުށް ހިނގާ ހަރަދު،

(ބ) ކުއްޔަށް ދޫކޮށްފައިވާ މުދާ މަރާމާތުކުރުމުގެ މަސައްކަތްކުރަނީ މުދާ ކުއްޔަށްދޫކޮށްފައިވާ ފަރާތުންނަމަ، އެ މަސައްކަތަށް ބޭނުންކުރާ ތަކެތީގެ އަގު،

(ޅ) ކުއްޔަށް ދޫކޮށްފައިވާ މުދާ ހޯދުމަށް، ނުވަތަ މަރާމާތުކުރުމަށް، ނުވަތަ ތަރައްގީކުރުމަށް ނުވަތަ ބިނާކުރުމަށް ލޯނެއް ނަގާފައިވާނަމަ، ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރާ ހިލާފުނުވާ ގޮތުގެމަތިން، އޭގެ އިންޓްރެސްޓް.

(ކ) މި ގަވާއިދުން ހުއްދަ ކޮށްފައިވާ މިންވަރަކަށް ކެޕިޓަލް އެލަވަންސް.

(އ) ކުއްޔަށް ދޫކޮށްފައިވާ މުދަލަށް ސީދާގޮތުން ހިނގާ އެހެނިހެން ހަރަދު.

(ވ) ނުއުފުލޭ މުދަލެއް ކުއްޔަށް ދޫކުރެވިފައިވަނީ ފަރުނީޗަރު ނުވަތަ އެހެން އުފުލޭ މުދަލަކާއެކު ކަމަށް ވަނީނަމަ، އެފަދަ ތަކެއްޗަށް މި ގަވާއިދު ހުއްދަކުރާ ގޮތުގެމަތިން ކެޕިޓަލް އެލަވަންސް.


60 ވަނަ މާއްދާ - ކުލިން އުނިނުކުރެވޭނެ އަދަދު

ނުއުފުލޭ މުދަލުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީއިން ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި ތިރީގައި ބަޔާންކުރެވިފައިވާ ހަރަދުތަކެއް އުނިކުރުމަށް ހުއްދައެއް ނުދެވޭނެއެވެ.

(ހ) މުދަލެއް ގަތުމަށް ނުވަތަ ބިނާކުރުމަށް ކޮށްފައިވާ ކެޕިޓަލް ހަރަދު.

(ށ) މުދަލެއް ގަތުމަށް ނުވަތަ ބިނާކުރުމަށް ނަގާފައިވާ ލޯނުގެ ޕްރިންސިޕަލް އަދަދު.

(ނ) މުދަލެއް މަރާމާތުކުރުމަށް ނުވަތަ ތަރައްގީކުރުމަށް ހިނގާ ހަރަދުގެ ސަބަބުން އެ މުދަލުގެ އަގަށް ބަދަލެއް އަތުވެދާނެނަމަ، އެފަދަ ހަރަދެއް.

(ރ) މުދަލެއް ގަތުމަށް ނުވަތަ ބިނާކުރުމުށް އޭޖެންޓަކަށް ނުވަތަ އެއްވެސް ފަރާތަކަށް ދައްކާ ފީ ނުވަތަ ކޮމިށަން.

(ބ) އެ މުދަލެއް ގަތުމުގެ ނުވަތަ ބިނާކުރުމުގެ މުއާމަލާތާ ގުޅޭގޮތުން ގާނޫނީ ވަކީލަކަށް ދައްކާ ފައިސާ.

(ޅ) އެ މުދަލެއް ބޭނުންކުރެވޭ ހާލަތަކަށް ގެނައުމަށް ހިނގާ އެހެނިހެން ކެޕިޓަލް ހަރަދު.


61 ވަނަ މާއްދާ - މުދަލުގެ ބައިތަކެއް ވަކި ވަކި ފަރާތްތަކުން ކުއްޔަށް ދިނުން

ނުއުފުލޭ މުދަލެއްގެ ވަކި ބައެއް ނުވަތަ ބައިތަކެއް އެކި ފަރާތްތަކެއް އެއްކޮށް ނުވަތަ ވަކިވަކިން ވިޔަސް ކުއްޔަށް ދޫކޮށްފައިވާނަމަ، އެ ފަރާތްތަކަކީ ގާނޫނީ ގޮތުން އެ މުދަލުގެ ވެރިފަރާތަށް ނުވިނަމަވެސް، އެ މުދަލަކުން އެ ފަރާތްތަކަށް ލިބޭ އާމްދަނީ ހިއްސާކުރާނަމަ، ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރާނީ އެ ފަރާތްތަކަކީ ޕާޓްނަރށިޕެއް ކަމަށް ބަލައިގެންނެވެ.


62 ވަނަ މާއްދާ - މުދަލުގެ ވެރިފަރާތް ނޫން އެހެން ފަރާތްތަކަށް ކުލީގެ ގޮތުގައި ލިބޭ އާމްދަނީ

އެގްރީމެންޓެއްގެ ދަށުން ނުވަތަ އެނޫންގޮތަކަށްވިޔަސް ނުއުފުލޭ މުދަލެއްގެ ގާނޫނީ ވެރިފަރާތާއެކު ކުރެވިފައިވާ މުއާމަލާތެއްގެ ދަށުން އެ މުދަލަކުން އެއްވެސް ފަރާތަކަށް ކުލީގެ ގޮތުގައި އާމްދަނީއެއް ލިބޭނަމަ އެ ފަރާތަކުން އެ މުދަލުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީއިން ޓެކްސް ދައްކަންވާނެއެވެ.


63 ވަނަ މާއްދާ - މުދަލެއް ކުއްޔަށް ހިފާފައިވާ ފަރާތަކުން އެހެންފަރާތަކަށް އެ މުދާ ކުއްޔަށް ދޫކުރުން

އެގްރީމެންޓެއްގެ ދަށުން ނުވަތަ އެނޫންގޮތަކަށްވިއަސް، ނުއުފުލޭ މުދަލެއް ކުއްޔަށް ދޫކުރުމުގެ ބާރު ލިބިފައިވާ ފަރާތަކާއެކު ކުރެވިފައިވާ މުއާމަލާތެއް ނުވަތަ އެގްރިމެންޓެއްގެ ދަށުން އެ މުދަލަކުން އެއްވެސް ފަރާތަކަށް ކުލީގެ ގޮތުގައި އާމްދަނީއެއް ލިބޭނަމަ އެ ފަރާތަކަށް އެ މުދަލުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީއިން ޓެކްސް ދައްކަންވާނެއެވެ.

 

 ހަތްވަނަ ބާބު

ވިތްހޯލްޑިންގ ޓެކްސް


64 ވަނަ މާއްދާ - ވިތްހޯލްޑިންގ ޓެކްސް ދައްކަންޖެހުން

ގާނޫނަށް އަމަލުކުރަންފެށުމުގެ ފަހުން، ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަކަށް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދައްކާ ފައިސާއިން، އެ ފައިސާ ނިސްބަތްވަނީ ކޮންމެ މުއްދަތަކަށް ކަމުގައިވީނަމަވެސް، ވިތްހޯލްޑިންގ ޓެކްސް ދައްކަންވާނެއެވެ.


65 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ވަސީލަތެއް ބޭނުންކޮށްގެން ދެވޭ ހިދުމަތަށް ދައްކާ ފައިސާއިން ވިތްހޯލްޑިންގ ޓެކްސް ދެއްކުން

މި މާއްދާގައިވާ ގޮތުގެމަތިން، އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް ދައްކާ ފައިސާއިން ވިތްހޯލްޑިންގ ޓެކްސް ނެގޭނީ، އެ ހިދުމަތެއް ދެވުނީ ނުވަތަ އެކަމެއް ކުރެވުނީ ދިވެހިރާއްޖޭގައި ނަމަ ނުވަތަ ދިވެހިރާއްޖޭގެ ވަސީލަތެއް ބޭނުންކޮށްގެންނަމައެވެ.

(ހ) އަމިއްލަގޮތުން ނުވަތަ ޓެކްނިކަލްގޮތުން ދޭ ހިދުމަތަކަށް ދައްކާ ފައިސާ،

(ށ) ދިރާސާކުރުމާއި ތަރައްގީކުރުމަށް ދައްކާ ފައިސާ،

(ނ) ވަޒީފާއެއްގެ އުޖޫރައަކަށް ނުވާގޮތުން، ފީއެއް ނުވަތަ ކޮމިށަނެއްގެ ގޮތުގައި ދައްކާ ފައިސާ


66 ވަނަ މާއްދާ - ބޭރު ފައިސާއިން ދައްކާ ފައިސާ ރުފިޔާއަށް ބަދަލުކުރުން

ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައިވާ ކަމަކަށް ފައިސާ ދައްކަނީ ރުފިޔާއިން ނޫންނަމަ، ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ (3) ނަންބަރު އެއްގޮތަށް އެމް.އައި.އާރ.އޭ އަށް ވިތްހޯލްޑިންގ ޓެކްސް ދެއްކުމުގައި، އެ ފަރާތަކުން އެ އަދަދު ރުފިޔާއަށް ބަދަލުކުރަންވާނީ، އެ ފައިސާ ވިތްހޯލްޑްކުރި ދުވަހުގެ ރިފަރެންސް ރޭޓްގެ ގޮތުގައި އެމް.އައި.އާރ.އޭ އިން ސާއިރުކޮށްފައިވާ ރޭޓް ބޭނުންކޮށްގެންނެވެ.

 

 އަށްވަނަ ބާބު

އެހެނިހެން މާއްދާތައް

 

67 ވަނަ މާއްދާ - ގިނަ މުއްދަތުތަކަށް ދެމިގެންވާ މަންފާ

މި މާއްދާ ހިނގާނީ މި ގަވާއިދުގެ 22 ވަނަ މާއްދާ ރައްދުވާ ފަރާތްތަކަށެވެ.

(ހ) ހިސާބުކުރާ މުއްދަތެއްގައި އެއްވެސް ފަރާތަކުން ދައްކާފައިވާ ނުވަތަ ދައްކަންޖެހޭ ފައިސާއަކީ ހިސާބުކުރާ އެއް މުއްދަތަށްވުރެ ގިނަ މުއްދަތަށް އޭގެ މަންފާ ދެމިގެންދާ ފައިސާއެއްނަމަ، އެ ހިސާބުކުރާ މުއްދަތުގައި ހިނގާފައިވާ ހަރަދުކަމަށް ބަލާނީ ހަމައެކަނި އެ ހިސާބުކުރާ މުއްދަތުގައި ލިބޭ މަންފާއަށް ނިސްބަތްވާ އަދަދެވެ.

(ށ) ޖުމްލަ ހަރަދުގެ ތެރެއިން އެ ހިސާބުކުރާ މުއްދަތުގައި ލިބޭ މަންފާއަށް ނިސްބަތްވާ އަދަދު ކަނޑައަޅާނީ އެކްރޭއަލް ބޭސިސް އިންނެވެ.


68 ވަނަ މާއްދާ - ރުފިޔާ ނޫން ފައިސާއަކުން ހިސާބުތައް ތައްޔާރުކުރުން

ރުފިޔާ ނޫން ފައިސާއަކުން ހިސާބުތައް ތައްޔާރުކުރާ ފަރާތްތަކުންވެސް އެމް.އައި.އާރ.އޭ އަށް ހުށަހަޅާ މާލީ ހިސާބުތައް ހުންނަންވާނީ ރުފިޔާއިންނެވެ. އަދި އެފަދަ ފަރާތްތަކުގެ ހިސާބުތައް ރުފިޔާއަށް ބަދަލުކުރަންވާނީ ކޮންމެ މަހަކު އެމް.އައި.އާރ.އޭ އިން ށާއިރުކުރާ އެ މަހެއްގެ ރިފަރެންސް ރޭޓްތައް ބޭނުންކޮށްގެންނެވެ.


69 ވަނަ މާއްދާ - އިންވެންޓްރީ

(ހ) މި މާއްދާ ރައްދުވާނީ އެ ފަރާތެއްގެ މައްޗަށް މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ރ) ނުހިނގާ ފަރާތްތަކަށެވެ.

(ށ) މި މާއްދާގެ (ނ) އާ އެއްގޮތްވާ ގޮތުގެމަތިން، ހިސާބުކުރާ މުއްދަތެއް ފެށޭއިރު އަދި ގާނޫނަށް އަމަލުކުރަންފަށާ ދުވަހު އިންވެންޓްރީ އަގުކުރަންވާނީ އެ ފަރާތްތަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރާ އެކައުންޓިން ސްޓޭންޑަޑާ އެއްގޮތަށެވެ.

(ނ) އިންވެންޓްރީ އަގުކުރުމުގައި އެއްވެސް ފަރާތަކުން "ލާސްޓް އިން ފަސްޓް އައުޓް" (ފަހުން ގަންނަ މުދާ ފުރަތަމަ ވިއްކުން) ގެ އުސޫލު ބޭނުންކޮށްގެން ނުވާނެއެވެ.


70 ވަނަ މާއްދާ - އިންވެންޓްރީ ވިއްކުން

ބާޒާރުގައި ލިބޭނެ އަގަށްވުރެ ކުޑައަގަކަށް އެ ފަރާތާ ގުޅުންހުރި ފަރާތަކަށް އިންވެންޓްރީ ވިއްކާލާނަމަ، ނުވަތަ އަމިއްލަ ބޭނުމަކަށް ނުވަތަ ވިޔަފާރީގެ ބޭނުމަށް ނޫން ބޭނުމަކަށް އެ އިންވެންޓްރީ ބަދަލުކުރާނަމަ، އެ އިންވެންޓްރީގެ އަގުކަމަށް ބަލާނީ ބާޒާރުގައި އެ އިންވެންޓްރީ ވިއްކާލުމުން ލިބޭނެ އަގެވެ.


71 ވަނަ މާއްދާ - ޓެކްސް ދެއްކުމުން އެއްކިބާވުން

ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް، އެއްވެސް ފަރާތަކުން ތިރީގައިވާފަދަ މުއާމަލާތެއް ހިންގައިފިނަމަ، އެ މުއާމަލާތެއްގެ މައިގަނޑު މަގްސަދަކީ ޓެކްސް ދެއްކުމުން އެއްކިބާވުން ކަމުގައި ބެލެވޭނެއެވެ.

(ހ) މުއާމަލާތް ހިންގި ނިޔަތް ރަނގަޅުނުވުން؛ ނުވަތަ

(ށ) ވިޔަފާރީގެ ބުރަދަނެއް ނެތް މުއާމަލާތެއް ހިންގުން؛ ނުވަތަ

(ނ) އެ ވިޔަފާރިއެއްގެ އޮނިގަނޑު ނަހަމަގޮތުގައި ބޭނުންކުރުން؛ ނުވަތަ

(ރ) ގާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޓެކްސް ރޭޓަށްވުރެ ދަށް އިފެކްޓިވް ޓެކްސް ރޭޓެއް އޮންނަ ގައުމެއްގައި ވަޒަންވެރިވެފައިވާ ކުންފުންޏެއް މެދުވެރިވެގެން، ނުވަތަ އެފަދަ ގައުމެއްގައި ގާއިމުކުރެވިފައިވާ ދާއިމީ މަރުކަޒެއް މެދުވެރިވެގެން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏެއްގެ ނުވަތަ ދިވެހިރާއްޖޭގައި ގާއިމުކުރެވިފައިވާ ދާއިމީ މަރުކަޒެއްގެ ހަގީގީ މިލްކުވެރިކަން ނުސީދާގޮތެއްގައި އެހެން ފަރާތަކަށް ނިސްބަތްވުން.


72 ވަނަ މާއްދާ - މުއާމަލާތުގެ މާނަ

ގާނޫނުގެ 30 ވަނަ މާއްދާ އަދި މި ގަވާއިދުގެ 71 ވަނަ މާއްދާގެ ބޭނުމަށް، އެއްވެސް ފަރާތަކުން ހިންގާފައިވާ ހަރާކާތެއްގައި އެއްވެސް ބަދަލުކުރުމެއް ނުވަތަ އެހެން ފަރާތެއް ނުހިމެނޭކަމުގައިވިޔަސް އެ ހަރަކާތަކީ "މުއާމަލާތް" ކަމުގައި ބެލެވޭނެއެވެ.


73 ވަނަ މާއްދާ - އިތުރަށް ދެއްކިފައިވާ ޓެކްސް

އެއްވެސް ޓެކްސް އަހަރަކަށް އެއްވެސް ފަރާތަކުން ދައްކާފައިވާ ޓެކްސް އެ ފަރާތެއްގެ އެ އަހަރަކަށް ބިނާކުރެވުނު ޓެކްސްގެ އަދަދަށްވުރެ އިތުރުނަމަ އަންނަނިވި ދެގޮތުންކުރެ ގޮތެއް އެމް.އައި.އާރ.އޭ ކަނޑައެޅިދާނެއެވެ.

(ހ)  ގާނޫނުގެ ދަށުން އެ ފަރާތަކުން ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތްނަމަ، އިތުރުވި އަދަދު އޭނާއަށް އަނބުރާ ދިނުން.

(ށ) ކުރިއަށްއޮތް ޓެކްސް އަހަރުގައި އެ ފަރާތަކުން ދައްކަންޖެހޭ ޓެކުހުގެ އަދަދުން އެ އަދަދު އުނިކުރުން.


74 ވަނަ މާއްދާ - ކުޑަކުއްޖާގެ ބަދަލުވެރިޔާ

ގާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް، ކުޑަކުއްޖެއްގެ ބައްޕަ ނިޔާވެފައިވާނަމަ އެ މާއްދާގެ ބޭނުމަށް އެ ކުއްޖާގެ ބަލަދުވެރިޔާކަމަށް ބަލާނީ އިސްލާމީ ށަރީއަތާ އެއްގޮތަށް ކަނޑައެޅޭ މީހެކެވެ.


75 ވަނަ މާއްދާ - ޓެކްްސް އޭޖެންޓުން

(ހ) އެމް.އައި.އާރ.އޭ އިން ލައިސަންސް ދީފައިވާ ޓެކްސް އޭޖެންޓުންނަށް، ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ހިސާބުތައް ބަލަހައްޓައި އެ ފަރާތްތަކުގެ ނަމުގައި ޓެކްސް ބަޔާން ހުށަހެޅިދާނެއެވެ.

ޓެކްސް އޭޖެންޓުންނަށް، ލައިސަންސް ދިނުމުގައި ބަލާނެ ށަރުތުތައް ކަނޑައެޅުމުގެ އިހްތިޔާރު އެމް.އައި.އާރ.އޭ އަށް ލިބިގެންވެއެވެ.


76 ވަނަ މާއްދާ - ޓެކްސް ރޫލިންގ

ގާނޫނު އެ ފަރާތެއްގެ މައްޗަށް ހިނގާ ކޮންމެ ފަރާތެއްމެ، މިގަވާއިދާއި ގާނޫނު ހިންގުމަށް އެމް.އައި.އާރ.އޭ އިން ނެރޭ ކޮންމެ ޓެކްސް ރޫލިންގއަކަށް ތަބާވާންވާނެއެވެ. އަދި މިފަދަ ޓެކްސް ރޫލިންގތަަކަކީ މި ގަވާއިދުގެ ބައެކެވެ.


77 ވަނަ މާއްދާ - ގާނޫނުތަކާއި އެކުގައި މި ގަވާއިދު ކިޔުން

މި ގަވާއިދު ކިޔަންވާނީ ގާނޫނު ނަންބަރު 5/2011 (ވަޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) އާއި ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އައި އެގާނޫނުތަކުން ބާރު ލިބިގެން ހަދާ ގަވާއިދުތަކާ އެކުގައެވެ. މި ގަވާއިދުގައި މާނަކޮށްފައިވާ ކޮންމެ ލަފުޒެއް ނުވަތަ އިބާރާތެއް ކަނޑައެޅިގެން އެހެންގޮތަކަށް ދޭހަނުވާހާ ހިނދަކު މާނަކުރާނީ އެ ގާނޫނުތަކުގައި އެ ލަފްޒެއް ނުވަތަ އެ އިބާރާތެއް މާނަކޮށްފައިވާ ގޮތަށެވެ.


78 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ދުވަހުން ފެށިގެންނެވެ.

 

ނުވަވަނަ ބާބު

ފުރަތަމަ ޓެކްސް އަހަރުގައި އަމަލުކުރާނެ އުސޫލު


79 ވަނަ މާއްދާ - އިންޓެރިމް ޕޭމަންޓް ހިސާބުކުރުން

(ހ) ގާނޫނުގައިވާ ގޮތުގެމަތިން ފުރަތަމަ ޓެކްސް އަހަރު ފެށޭނީ 18 ޖުލައި 2011 ގައި ކަމަށްވާތީ، ފުރަތަމަ ޓެކްސް އަހަރުގެ އިންޓެރިމް ޕޭމަންޓްގެ ގޮތުގައި ދައްކަންވާނީ، 18 ޖުލައި 2011 އާއި އެ ފަރާތެއްގެ ހިސާބުކުރާ މުއްދަތު ނިމޭ ތާރީހާ ދެމެދު އެ މީހެއްގެ ބިނާކުރެވޭނެ ޓެކްސްގެ އަދަދު އަދުލުވެރިގޮތަކަށް ލަފާކުރުމަށްފަހު، 31 ޖެނުއަރީ 2012 ގައި ނުވަތަ އޭގެ ކުރިންނެވެ.

(ށ) 31 ޖެނުއަރީ 2012 ގެ ނިޔަލަށް އިންޓެރިމް ޕޭމަންޓް ދައްކަންޖެހޭ ފަރާތްތަކުން އެ ތާރީހުގައި ދައްކަންޖެހޭ އަދަދަު ހިސާބުކުރުމުގައި ތިރީގައިވާ ގޮތުންކުރެ ގޮތެއް އިހްތިޔާރުކުރެވިދާނެއެވެ.

  1. ކޮންމެ މަހަކަށް ވަކިން ހިސާބުތައް ތައްޔާރުކުރާ ފަރާތެއްނަމަ، 2011 ގެ ޖުލައި މަހުގައި އެ ފަރާތެއްގެ މައްޗަށް ގާނޫނު ހިނގާ ދުވަސްތަކުގެ ނިސްބަތުން އެމަހުގެ ފައިދާ ބަހާލުމާއެކު، ވިދިގެން އަންނަ މަސްތަކަށް ވަކިވަކިން ހިސާބުތައް ތައްޔާރުކުރުން، ނުވަތަ
  2. 18 ޖުލައި 2011 އިން ފެށިގެން ހިސާބުކުރާ މުއްދަތު ނިމުމާ ހަމައަށް ވަކި ހިސާބުތަކެއް ތައްޔާރުކުރުން، ނުވަތަ
  3. އެ ފަރާތެއްގެ ފުރިހަމަ ހިސާބުކުރާ މުއްދަތަށް ހިސާބުތައް ތައްޔާރުކުރުމަށްފަހު، 19 ޖުލައި 2011 އިން ފެށިގެން ހިސާބުކުރާ މުއްދަތު ނިމުމާއި ހަމައަށް ބާކީ އޮތް ދުވަސްތަކުގެ ނިސްބަތުން އެ އަދަދު ކުޑަކުރުން.

 

 ދިހަވަނަ ބާބު

މާނަކުރުންތައް

80 ވަނަ މާއްދާ - މާނަކުރުން

(ހ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބުނެފައި ނުވާހާ ހިނދަކު:

"ގާނޫނު" ކަމަަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) އަށެވެ.

"އެމް.އައި. އާރ.އޭ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.

"ކޮމިށަނަރ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އައްޔަންކޮށްފައިވާ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން އަށެވެ.

"ގާނޫނަށް އަމަލުކުރަން ފަށާ ދުވަސް" ކަމަށް ބުނެފައި އެވަނީ، 18 ޖުލައި 2011 އަށެވެ.

"ޖުމްލަ އާމްދަނީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު އަދި މި ގަވާއިދުގެ ދަށުން އުނިކުރެވޭ އަދަދަތައް އުނިކުރުމުގެ ކުރިން ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި ބެލެވޭ އާމްދަނީ އަށެވެ.

"މާލީ ހިސާބުތައް" ކަމަށް ބުނެފައި އެވަނީ، އެ ފަރާތްތަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރަމުންގެންދާ އެކައުންޓިންގ ސްޓޭންޑަޑުގެ ދަށުން ތައްޔާރުކުރަންޖެހޭ އާމްދަނީއާއި ހަރަދުގެ ބަޔާނާއި، ބެލަންސް ށީޓާއި، ހިއްސާގެ ރައުސްމާލަށް އައި ބަދަލުތަކުގެ ބަޔާނާއި، ފައިސާ ލިބުނު ގޮތާއި ހޭދަވި ގޮތުގެ ބަޔާނާއި، އެ ބަޔާންތަކާގުޅޭ ނޯޓްސް ހިމެނޭ ގޮތުންނެވެ.

"އައި.އެފް.އާރް.އެސް" ކަމަށް ބުނެފައި އެވަނީ، އިންޓަނޭށަނަލް އެކައުންޓިންގ ސްޓޭންޑަޑްސް ބޯޑުން ށާއިރުކުރާ އިންޓަނޭށަނަލް ފައިނޭންށަލް ރިޕޯޓިން ސްޓޭންޑަޑްސް އަށާއި އިންޓަނޭށަނަލް އެކައުންޓިންގ ސްޓޭންޑަޑްސް އަށެވެ.

'ޕާޓްނަރށިޕް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 9/1996 ( ދިވެހިރާއްޖޭގެ ޕާޓްނަރށިޕާބެހޭ ގާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޕާޓްނަރށިޕްތަކާއި، ވިޔަފާރި ހަރަކާތަކުން ލިބޭ ޖުމްލަ އާމްދަނީ ހިއްސާކުރާގޮތަށް، އެއާމްދަނީ ހޯދުމަށް ބޭނުންކުރާ މުދަލުގެ މިލްކުވެރިކަން އެހުރިހާ ފަރާތްތަކުން ހިއްސާ ނުކުރިކަމުގައިވީނަމަވެސް، ދެމީހަކު ނުވަތަ އެއަށްވުރެ ގިނަ ބަޔަކު އެކުވެގެން އާމްދަނީ ހޯދުމުގެ ނިޔަތުގައި ވަކިނަމެއްގައި ނުވަތަ ވަކި ހާއްސަ ނަމެއްނެތި ހިންގާ، ވިޔަފާރި ހަރަކާތަކަށެވެ.

ގާނޫނުގައި "ފައިދާގެ ފުރިހަމަ އަދަދު" ނުވަތަ "އެންމެހައި ފައިދާ" ނުވަތަ "ޖުމްލަ ފައިދާ" ކަމަށް ބުނެފައި އެވަނީ، ހިސާބުކުރާ މުއްދަތެއްގައި އެފަރާތަކަށް ލިބޭ އެންމެހައި ފައިދާއެއް، އެފައިދާއަކީ އާންމުގޮތެއްގައި ހިންގަމުންގެންދާ ވިޔަފާރީގެ މުއާމަލާތްތަކުން ލިބުނު ފައިދާއަކަށްވީނަމަވެސް، ނުވަތަ އާންމުގޮތެއްގައި ނޫން ގޮތަކަށް މުދަލެއް ވިއްކައިގެން ލިބުނު ފައިދާއަކަށްވީނަމަވެސް ނުވަތަ އެނޫންގޮތަކަށް ލިބުނު ފައިދާއަކަށްވީނަމަވެސް އެ ފައިދާ ހިމެނޭގޮތަށެވެ.

"ފައިސާ" ކަމަށްބުނެފައިއެވަނީ، ފައިސާއާއި ފައިސާއިން އަގުކުރެވޭ ކޮންމެ އެއްޗެއް ހިމެނޭގޮތުންނެވެ.

(ށ)  މި ގަވާއިދުގެ ބޭނުމަށް، އިބާރާތްކުރުމުގައި އެކަހެރި ނަން ގިނަ ނަމުގެ ތެރޭގައި އަދި ގިނަ ނަން އެކަހެރި ނަމުގެ ތެރޭގައި ހިމެނެއެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

14 ވަނަ އިސްލާހު

 

މައި ގާނޫނު

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 5/2011) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު