-

ކްރެޑިޓް ރޭޓިންގ އެޖެންސީތަކާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 44/2011)

 

މިއީ ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ 9 ވަނަ މާއްދާއާއި 60 ވަނަ މައްދާއިން ލިބިދޭ ބާރުގެ ދަށުން ކެޕިޓަލް މާކެޓް ޑިވޮލެޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އިން އެކުލަވާލާފައިވާ ގަވާއިދެކެވެ.

ދިވެހިރާއްޖޭގައި ވިޔަފާރީގެ ގޮތުގައި ކްރެޑިޓް ރޭޓްކުރުމުގެ ހިދުމަތްދޭ އެންމެހައި ކްރެޑިޓް ރޭޓިންގ އޭޖެންސީތަކުގެ މައްޗަށް މިގަވާއިދު ހިނގާނެއެވެ.

 

1 ވަނަ މާއްދާ - ގަވާއިދުގެ ނަމާއި ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް ކިޔާނީ "ކްރެޑިޓް ރޭޓިންގ އޭޖެންސީތަކާ ބެހޭ ގަވާއިދު" އެވެ.

މިގަވާއިދު އިނގިރޭސިބަހުން އެކުލަވާލައި އަމަލުކުރަން ފަށާފައިވަނީ 20 ޖޫން 2010 ގައި މި އޮތޯރިޓީގެ ޑިރެކްޓަރުން ބޯޑުން ފާސްކުރުމުންނެވެ. އަދި މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން އަމަލުކުރާނީ ދިވެހިބަހުން ގެޒެޓުގައި ށާއިއުކޮށްފައި މިވާ ގަވާއިދަށެވެ. ހަމައެއާއި އެކު އިނގިރޭސި ބަހުން އެކުލަވާލާފައިވާ ގަވާއިދުގެ ދަށުން ލައިސަންސް ދީފައިވާ ފަރާތްތަކާއި އެގަވާޢިދުގައި ބަޔާންކޮށްފައިވާ އެންމެހައި އިންތިޒާމުތައް މިގަވާއިދުގެ ދަށަށް ގެނެވުނީއެވެ.

 

2 ވަނަ މާއްދާ - މާނަކުރުން

މިގަވާއިދުގައި ވާ އިބާރާތްތަކުން އެހެންގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު، މިގަވާއިދުގައި މާނަކޮށްފައިވާ ލަފުޒުތަކަށް ދޭންވާނީ ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގައި އެލަފުޒުތކަށް ކަނޑައަޅާފައިވާ މާނައެވެ.

 

3 ވަނަ މާއްދާ - ލަފުޒުތަކުގެ މާނަ

"އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއެވެ.

"ކުންފުނި" ކަމަށް ބުނެފައި އެވަނީ ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ކުންފުންޏެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮސްފައިވާ ފަރާތްތަކަށް ނުވަތަ ގަބޫލުކުރާ އެހެން ގައުމެއްގެ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ ކުންފުނިތަކަށެވެ.

"ކްރެޑިޓް ރޭޓިންގ އެޖެންސީ" އެވެ ބުނެފައި އެވަނީ ދަރަންޏެއް ނުވަތަ ލޯނެއްގެ ޒިންމާ އުފުލާފައިވާ ނުވަތަ އުފުލަން ހުށަހަޅާ ކުންފުންޏެއް ނުވަތަ އުފުލަން ހުށަހަޅާ ކުންފުންޏެއް ނުވަތަ ދަރަންޏެއް ނުވަތަ ދަރަންޏެއް ނަގާ އެހެން ފަރާތެއްގެ މާލީ ހާލަތު، ގާއިމުކުރެވިފައިވާ އުސޫލުތަކުގެ މައްޗަށް ބިނާކޮށް، ވަޒަންކޮށް ދަރަޖަކުރުމުގެ ވިޔަފާރި މައިގަނޑުގޮތެއްގައި ކުރާ ފަރާތްތަކަށެވެ.

"ރޭޓިންގ" ކަމަށް ބުނެފައި އެވަނީ ދަރަންޏެއް ނުވަތަ ލޯނެއްގެ ޒިންމާ އުފުލާފއިޥާ ނުވަތަ އުފުލަން ހުށަހަޅާ ކުންފުންޏަކުން ނުވަތަ ދަރަންޏެއް ނަގާ އެހެން ފަރާތަކުން އެދަރަނި އަދާކުރަންޖެހޭ މުއްދަތުގެ ތެރޭގައި އެދަރަނި (ދަރަންޏަށް ދޭންޖެހޭ އިންޓަރެސްޓްވެސް ހިމެނޭގޮތަށް) އަދާކުރުމުގެ މާލީ ގާބިލުކަމާއި އަދާކުރުމުގެ ނިޔަތް އެފަރާތެއްގެ ހުރި ކަމަށް ކްރެޑިޓް ރޭޓިން އޭޖެންސީއިން ދެއްވާ ލަފާއަށެވެ.

"ކްރެޑިޓް ރޭޓްކުރުން" ނުވަތަ "ރޭޓްކުރުން" ކަމަށް ބުނެފައި އެވަނީ "ރޭޓިންގ" ކަނޑައެޅުމާއި ރޭޓިންގ ކަނޑައެޅުމަށްޓަކައި ކުރެވޭ އެންމެހައި ކަންތައްތަކަށެވެ.

"އަޔޮސްކޯ" ކަމަށް ބުނެފައި އެވަނީ  "އިންޓަނޭށަނަލް އޯގަނައިޒޭށަން އޮފް ސެކިއުރިޓީޒް ކޮމިށަންސް" އަށެވެ.

"ފޯމު" ކަމަށް ބުނެފައި އެވަނީ މިގަވާއިދުގެ ށެޑިއުލްގައި އެކުލަވާލާފައިވާ ފޯމަށެވެ.

 

4 ވަނަ މާއްދާ - ރަޖިސްޓަރީކުރުން

ދިވެހިރާއްޖޭގައި ކްރެޑިޓް ރޭޓްކުރުމުގެ ވިޔަފާރި ކުރަން އެދޭ އެންމެހައި ކްރެޑިޓް ރޭޓިން އޭޖެންސީތައް މިގަވާއިދުގެ ދަށުން މި އޮތޯރިޓީގައި ރަޖިސްޓްރީ ކުރަން ވާނެއެވެ.

 

5 ވަނަ މާއްދާ - ރަޖިސްޓަރީކުރަން ހުށަހެޅުން

މި ގަވާއިދުގައި ކަނޑައަޅާފައިވާ ރަޖިސްޓްރީކޮށްދިނުމުގެ ށަރުތުތަކަށާއި ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަށް ހުރިހާ ކްރެޑިޓް ރޭޓިން އޭޖެންސީތަކުން އަމަލުކުރަންވާނެއެވެ.

(ހ) ރަޖިސްޓްރީ ކުރުމަށް އެދި އެޕްލިކޭށަން ފޮނުވާ ފަރާތްތަކުން މިގަވާއިދުގެ އެޕެންޑިކްސްގައިވާ ށަރުތުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

(ށ) ރަޖިސްޓްރީކުރުމަށް އެޕްލިކޭށަން ފޮނުވަންވާނީ ށެޑިއުލް 1 ގައިވާ ފޯމުގައިވާ ގޮތަށެވެ.

(ނ) ރަޖިސްޓްރީކުރުމަށް އެޕްލިކޭށަން ފޮނުވާއިރު ށެޑިއުލް 2 ގައިވަ ފީ މި އޮތޯރިޓީއަށް ދައްކަން ވާނެއެވެ.

(ރ) ރަޖިސްޓްރީކުރުމަށް ހުށަހަޅާ ކްރެޑިޓް ރޭޓިންގ އޭޖެންސީއކީ، އިންޓަނޭށަނަލް އޯގަނައިޒޭށަން އޮފް ސެކިއުރިޓީޒް ކޮމިށަންސް("އަޔޮސްކޯ") ގެ މެންބަރެއްގެ ގޮތުގައި ހިމެނޭ އަދި މި އޮތޯރިޓީން ގަބޫލުކުރާ ސެކިއުރިޓީޒް ކޮމިށަނަކުން ނުވަތަ އެފަދަ ރެގިއުލޭޓަރީ އޮތޯރިޓީއަކުން ކްރެޑިޓް ރޭޓިންގ ލައިސަންސް ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

(ބ) މި އޮތޯރިޓީގައި ރަޖިސްޓްރީވުމަށް ހުށަހަޅާ ކޮންމެ ކްރެޑިޓް ރޭޓިން އޭޖެންސީއަކީ އެއޭޖެންސީގެ މަސައްކަތް ފުރިހަމަ ގޮތުގައި އަދާކުރެވޭފަދަ އެކަށީގެންވާ ފަންނީ ތަޖުރިބާއާއި ކަމަށް ގާބިލު މުވައްޒަފުން ތިބެގެން މަސައްކަތްކުރާ އޭޖެންސީއަކަށް ވާންޖެހޭނެއެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކްރެޑިޓް ރޭޓްކުރުމުގެ ހިދުމަތް ދެމުން އަންނަތާ 3 އަހަރު ދުވަސް ވެފައިވާ ފަރާތެއްކަން މިއޮތޯރިޓީއަށް ކަށަވަރުކުރެވޭފަދަ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.

(ޅ) ހިޔާނާތުގެ ކުށެއް ނުވަތަ މަކަރާއި ހީލަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކްރެޑިޓް ރޭޓިން އޭޖެންސީގެ ޑިރެކްޓަރެއް އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ގޮތުގައި ހުރެގެން ނުވާނެއެވެ. އަދި އިފްލާސްކުރެވިފައިވާ މީހަކު ޑިރެކްޓަރެއް ނުވަތަ އޮފިސަރެއް ނުވަތަ ސީނިއާ މެނޭޖަރެއްގެ ގޮތުގައި ހުރެގެން ނުވާނެއެވެ.

 

6 ވަނަ މާއްދާ – މަގާމަށް އެކަށީގެންވުމަށްޓަކައި ފުރިހަމަވާންޖެހޭ ކަންކަން

(ހ) ރަޖިސްޓްރީ ކުރެވޭ ކްރެޑިޓް ރޭޓިންގ އޭޖެންސީއެއްގެ ޑިރެކްޓަރ ޗީފް އެގްޒެކެޓިވް ނުވަތަ އިސްވެރިއެއްގެ މަގާމު ފުރާ ކޮންމެ މީހަކީ ނުވަތަ އެއިން މަގާމަކަށް އައްޔަންކުރެވޭނެ ކޮންމެ ފަރާތަކީ އެފަދަ މަގާމަކަށް އެކަށީގެންވާ ފަރުދަކުކަމުގައި ވާންޖެހޭނެއެވެ.

(ށ) މަތީގައި ބަޔާންކުރެވިފައިވާ މަގާމަށް އެކަށީގެންވާ ގާބިލު މީހެއްތޯ ކަނޑައެޅުމުގައި މީހާގެ ތެދުވެރިކަމާއި ފަރުވާތެރިކަމާއި ގާބިލުކަމާއި މަގާމުގެ ޒިންމާ އަދާކުރުމުގައި ގެންގުޅޭ ވިސްނުންތެރިކަމާއި އެމީހަކު އެފަދަ މަގާމެއްގައި ހުރުމުގެ ސަބަބުން ހިދުމަތް ލިބިގަންނަން ފަރާތެއްގެ މަސްލަހަތަށް ނުރައްކަލެއް ދިމާވެދާނެތޯ އާއި އަދި ކުރިން ކުރި މަސައްކަތުގައި ނުވަތަ މާލީ ކަންކަމުގައި އަމަލުތައް ބަހައްޓާފައި ހުރި ގޮތަށް ރިއާޔަތްކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ރަޖިސްޓްރޭށަން ސެޓުފިކެޓް ދޫކުރުން

(ހ) ރަޖިސްޓްރީ ކުރުމަށް އެދި އެޕްލިކޭށަން ފޮނުވާތާ ގިނަވެގެން 45 ދުވަހުގެ ތެރޭގައި އެޕްލިކޭށަނަށް ގޮތެއް ކަނޑައަޅައި އެކަން އެޕްލިކޭށަން ފޮނުވި ފަރާތަށް އަންގަންވާނެއެވެ. އަދި ރަޖިސްޓަރީކުރަން އެދި ފޮނުވާ އެޕްލިކޭށަނަކާއި ގުޅިގެން އޮތޯރިޓީއަށް އިތުރު މައުލޫމާތު ހުށަހެޅުމަށް އަންގާ ހާލަތުގައި ބުނެވިދިޔަ  45 ދުވަހުގެ މުއްދަތު ގުނާނީ އެމައުލޫމާތެއް ހުށަހަޅާ ވަގުތުން ފެށިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެވިދިޔަ މުއްދަތުގައި ގޮތެއް ކަނޑަނޭޅޭނަމަ، ލަސްވާ ސަބަބު ބަޔާންކށް އެޕްލިކޭށަން ހުށަހެޅި ފަރާތަށް ވީ އެންމެ  އަވަސް ފުރުސަތެއްގައި އަންގަންވާނެއެވެ.

(ނ) އެއްވެސް ސަބަބަކާ ހުރެ ކްރެޑިޓް ރޭޓިންގ އޭޖެންސީ ރަޖިސްޓަރީ ކޮށްދޭ ލިޔުމުގައި ކަނޑައަޅާފައިވާ މުއްދަތު ބާތިލު ކުރެވިފައިނުވާނަމަ، ނުވަތަ އެއްވެސް ސަބަބަކާހުރެ ބާތިލުވީކަމަށް ބެލެޥޭފަދަ ކަމެއް މެދުވެރިވެފައި ނުވާނަމަ ރަޖިސްޓަރީ ކޮށްދޭ ލިޔުމުގައިޥާ މުއްދަތު ނިމެންދެން ކްރެޑިޓް ރޭޓިން އޭޖެންސީގެ ރަޖިސްޓަރީ ސައްހަ ވާނެއެވެ.

 

8 ވަނަ މާއްދާ - ރަޖިސްޓަރީ އާކުރުން

(ހ) ކްރެޑިޓް ރޭޓިންގ އޭޖެންސީއެއްގެ ރަޖިސްޓްރޭށަން ސެޓުފިކެޓު ސައްހަވާނީ 2 އަހަރު ދުވަހަށެވެ. އަދި ށެޑިއުލް 2 ގައިވާ ގޮތުގެ މަތިން ފީ ދެއްކުމަށްފަހު ރަޖިސްޓަރީ އާކޮށްދިނުމަށް އެދި މި އޮތޯރިޓީއަށް ހުށަހެޅިދާނެއެވެ.

(ށ) ކްރެޑިޓް ރޭޓިންގ އޭޖެންސީގެ ރަޖިސްޓަރީ އައުކުރަން ހުށަހެޅުމުން މިއޮތޯރިޓީއިން ބަލަންވާކަންކަން ބެލުމަށްފަހު އިތުރު މައުލޫމާތެއް ބޭނުންނުވާނަމަ 45 ދުވަހުގެ ތެރޭގައި 2 އަހަރު ދުވަހުގެ މުއްދަތަށް ރަޖިސްޓަރީ އާކޮށްދެވޭނެއެވެ.  މިއޮތޯރިޓީއިން އިތުރު މައުލޫމާތު ހުށަހަޅަން އަންގާ ހާލަތުގައި 45 ދުވަހުގެ މުއްދަތު ގުނަން ފަށާނީ އެ މައުލޫމާތެއް މި އޮތޯރިޓީއަށް ހުށަހަޅާ ދުވަހުން ފެށިގެންނެވެ.

 

9 ވަނަ މާއްދާ - ރަޖިސްޓަރީ ބާތިލުކުރުން

މި އޮތޯރިޓީއިން ބަލާބެލުމުގައި ކްރެޑިޓް ރޭޓިންގ އޭޖެންސީއަކުން ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނު) ގެ އެއްވެސް މާއްދާއަކާ ހިލާފުވެފައިވާނަމަ ނުވަތަ އެ ގާނޫނުގެ ދަށުން ލާޒިމުވާ އެއްވެސް ކަމެއް ނުކޮށް ދޫކޮށްފައިވާނަމަ ނުވަތަ މިއޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި އާންމު މަސްލަހަތަށްޓަކައި އެފަރާތުގެ ރަޖިސްޓަރީ ބާތިލުކުރަންޖެހޭ ކަމަށް މި އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ ކަމާގުޅޭ ގޮތުން އެފަރާތުގެ ބަސް މިއޮތޯރިޓީއަށް އިއްވުމުގެ ފުރުސަތު ދިނުމަށްފަހު މިއޮތޯރިޓީއިން ލިޔުމަކުން އަންގައި އެ ކްރެޑިޓް ރޭޓިންގ އޭޖެންސީގެ ރަޖިސްޓަރީ ބާތިލުކުރެވިދާނެއެވެ.

 

10 ވަނަ މާއްދާ - ވަކިގޮތަކަށް އަމަލުކުރުމަށް އެންގުމުގެ ބާރު

މުޖުތަމައުގެ މަސްލަހަތަށްޓަކައި ނުވަތަ ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓްގެ މަސްލަހަތަށްޓަކައި ވަކިގޮތަކަށް އަމަލުކުރުމަކީ މުހިންމު ނުވަތަ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް މިއޮތޯރިޓީއަށް ފެނިއްޖެނަމަ އެ ގޮތަކަށް އަމަލުކުރުމަށް ކްރެޑިޓް ރޭޓިންގ އޭޖެންސީއަށް ލިޔުމުން އެންގިދާނެއެވެ.

 

11 ވަނަ މާއްދާ - ރޭޓިންގ ރިޕޯޓް ހުށަހެޅުން

(ހ) ކޮންމެ ކްރެޑިޓް ރޭޓިންގ އޭޖެންސީއަކުންވެސް އެ އޭޖެންސީއިން އެއަހަރު ފީ ނަގާފައިވާ ގޮތާއި، (އެކި ސެކްޓަރތައް ވަކިން އެނގޭގޮތަށް) އެއަހަރުގައި ދީފައިވާ ރޭޓިންގތަކާއި، މި އޮތޯރިޓީއަށް ބާނުންވާކަމަށް ލިޔުމުން އަންގާފައިވާ އެހެނިހެން މައުލޫމާތު ހިމެނޭ ރިޕޯޓެއް ކްރެޑިޓް ރޭޓިން އޭޖެންސީގެ މާލީ އަހަރު ހަމަވާތާ 3 މަސް ދުވަހުގެ ތެރޭގައި މިއޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބުނެފައިވީ ނަމަވެސް މި އޮތޯރިޓީއިން ލިޔުމުން އެދިއްޖެ ހިނދެއްގައި ކްރެޑިޓް ރޭޓިންގ އޭޖެންސީއާ ބެހޭ އެހެން ލިޔެކިޔުންތަކާއި މައުލޫމާތާއި ތަފްސީލްތައް މިއޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

 

12 ވަނަ މާއްދާ - ރޭޓްކުރެވޭ މުއައްސަސާގައި ކްރެޑިޓް ރޭޓިންގ އޭޖެންސީގެ ޑިރެކްޓަރުން ހިއްސާވުން

(ހ) ކްރެޑިޓް ރޭޓިން އޭޖެންސީގެ އެއްވެސް ޑިރެކްޓަރަކީ ރޭޓްކުރެވޭ ވިޔަފާރި މުއައްސަސާއެއްގެ ނުވަތަ ފާރމެއްގެ ނުވަތަ އެފަދަ އެހެންވެސް މުއައްސަސާއެއްގެ ޑިރެކްޓަރެއްކަމުގައި، ނުވަތަ %5 އަށް ވުރެ ބޮޑު އަދަދެއްގެ ހިއްސާދާރެއް ކަމުގައި ނުވަތަ އެހެން ވެސް ގޮތަކުން އެފަދަ މުއައްސަސާއެއްގައި މަސްލަހަތު އޮތްފަރާތެއް ކަމުގައި ވެގެން ނުވާނެއެވެ.

(ށ) ރޭޓިންގ އޭޖެންސީގެ ޑިރެކްޓަރުންގެ ހިއްސާ އޮންނަ މިންވަރަށް އަންނަ ބަދަލުތައް މި އޮތޯރިޓީއަށް ލިޔުމުން އަންގަންވާނެއެވެ.

(ނ) ކްރެޑިޓް ރޭޓިންގ އޭޖެންސީގެ ޗެއަރމަން ނުވަތަ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ފަދަ މެނޭޖްމަންޓުގެ މަގާމުތަކަށް އަންނަ ކޮންމެ ބަދަލެއް މިއޮތޯރިޓީއަށް ލިޔުމުން އަންގަންވާނެއެވެ.

 

13 ވަނަ މާއްދާ – ސިއްރު ހިފެހެއްޓުން

ގާނޫނީ ގޮތުން ލާޒިމުވެގެން މެނުވީ ކްރެޑިޓް ރޭޓްކުރުމުގެ މަސައްކަތުގެތެރޭގައި ކްރެޑިޓް ރޭޓިންގ އޭޖެންސީގެ ޑިރެކްޓަރަކަށް ނުވަތަ އޮފިސަރަކަށް ނުވަތަ މުވައްޒަފަކަށް ލިބިފައިވާ މައުލޫމާތެއް އެހެން އެއްވެސް ފަރާތަކާ ހިއްސާކޮށްގެން ނުވާނެއެވެ.

------------ 

 

 

އެޕެންޑިކްސް

މިގަވާއިދުގައި ކަނޑައަޅާފައިވާ ށަރުތުތަކާއި ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތަކަށް ހުރިހާ ކްރެޑިޓް ރޭޓިންގ އޭޖެންސީތަކުން އަމަލުކުރަން ވާނެއެވެ.

  1. ކްރެޑިޓް ރޭޓްކުރުމުގެ ވިޔަފާރިއާއި އެއާ ގުޅުންހުރި އެހެން ހިދުމަތްތައް ދިނުމުގެ މަސައްކަތ ކްރެޑިޓް ރޭޓިންގ އޭޖެންސީއިން ކުރަންވާނެއެވެ.
  2. ކްރެޑިޓް ރޭޓިން އޭޖެންސީގައި މަދުވެގެން 250،000 (ދެ ލައްކަ ފަންސާސް ހާސް) ރުފިޔާގެ އަގު އަދާކޮށްފައިވާ ރައުސްމާލެއް ހުންނަން ވާނެއެވެ.
  3. ކްރެޑިޓް ރޭޓިން އޭޖެންސީގެ ރަޖިސްޓްރޭށަން ދެމިއޮންނާނީ 2 އަހަރު ދުވަހަށެވެ. އަދި ކްރެޑިޓް ރޭޓިން އޭޖެންސީގެ މަސައްކަތްތައް ވަޒންކުރުމަށް ފަހު ރަޖިސްޓަރީ އައުކުރެވޭނެއެވެ.
  4. ކްރެޑިޓް ރޭޓިންގ އޭޖެންސީގައި އެކަށީގެންވާ ވަސީލަތްތަކާއި ތަޖުރިބާކާރު މީހުން ތިބެންވާނެއެވެ.
  5. ކްރެޑިޓް ރޭޓިންގ އޭޖެންސީއިން އިންސާނީ ވަސީލަތްތައް ތަރައްގީކުރާނެ ޕްލޭނެއް އެކުލަވާލައި ތަންފީޒު ކުރަންވާނެއެވެ.
  6. ކްރެޑިޓް ރޭޓިންގ އޭޖެންސީގެ ހިދުމަތް ހޯދާ ފަރާތްތަކާއެކު ލިޔުމުން އެއްބަސްވުމެއް އެކުލަވާލަންވާނެއެވެ. އަދި އެ އެއްބަސްވުމުގެ ކްރެޑިޓް ރޭޓިން އޭޖެންސީއިން ނަގާނެ ފީ ބަޔާންކޮށްފައި އޮންނަންވާނެއެވެ.
  7. ރޭޓްކުރުމުގައި އެއްވެސް ފަރާތަކަށް ބުރަވުމެއް ނެތި މިނިވަންކަމާއި މުސްތަގިއްލު ކަމާއެކު ރޭޓްކުރުމުގެ ހިދުމަތް  ދިނުމަށްޓަކައި  ރޭޓްކުރުމާ ގުޅޭ އެންމެހައި ކަންކަމުގައި ފަރުވާތެރިކަމާއި ފަންނީ ގާބިލުކަމާއި މިނިވަންކަން ދަމަހައްޓަންވާނެއެވެ.
  8. ރޭޓިންގ ކަނޑައަޅަންވާނީ، އެކަމަށްޓަކައި ކުރާ އެކަށިގެންވާ އަދި ފުން ދިރާސާގެ މައްޗަށް ބުރަވެ ރޭޓިންގ ކަނޑައެޅުމުގައި އެކަށީގެންވާ އަސާސްތަކެއްގެ މައްޗަށް ބިނާކޮށެވެ. އަދި ރޭޓިންގގެ ނިންމުންތަކަށް ބާރު ލިއްބައިދޭ ރިކޯޑުތައް ބަލަހައްޓަންވާނެއެވެ. އަދި އެފަދަ ރިކޯޑުތައް މިއޮތޯރިޓީއިން ބޭނުންވެއްޖެ ހިނދެއްގައި ފަސޭހައިން ފޯރުކޮށްދިނުން ކަށަވަރު ކުރުމަށްޓަކައި މަދުވެގެން 6 އަހަރު ދުވަހުގެ މުއްދަތަކަށް ބަލަހައްޓަން ވާނެއެވެ.
  9. އެއްވެސް ކަހަލަ ނަހަމަ ވާދަވެރިކަމެއް ކްރެޑިޓް ރޭޓިންގ އޭޖެންސީއަކުން ބައިވެރިވެގެން ނުވާނެއެވެ. އަދި އެހެން ކްރެޑިޓް ރޭޓިން އޭޖެންސީއަކުން ދޭ ރޭޓިންގއަށްވުރެ މަތީ ރޭޓިންގއެއް ދޭނެކަމުގެ ޔަގީންކަން އެ އޭޖެންސީގެ ކްލަޔަންޓަަކަށް ދީ، އެކްލަޔަންޓުން އެ އޭޖެންސީއާ ވަކިކުރުމަށް މަސައްކަތްކޮށްގެން ނުވާނެއެވެ. އަދި ރޭޓިންގގެ ވިޔަފާރީގައި އެހެން ކުންފުނިތަކަށްވުރެ ކުރިއެރުމުގެ ބޭނުމުގައި ހަގީގަތާ ހިލާފު ރޭޓިންގއެއް ދީގެން ނުވާނެއެވެ.
  10. ކްރެޑިޓް ރޭޓިންގ އޭޖެންސީ ރޭޓްކުރުމުގައި ގެންގުޅޭ އުސޫލުތަކާއި މިންތައް ކްލައިއެންޓުންނާއި އޭގެ ބޭނުން ހިފާފަރާތްތަކަށާއި އާންމުންނަށް ހާމަކުރަންވާނެއެވެ.
  11. ކްރެޑިޓް ރޭޓިންގ އޭޖެންސީއިން ރޭޓްކުރުމުގައާއި، ދީފައިވާ ރޭޓިނގްއަށް ބަދަލުގެންނަ ހިނދުގައި، އިމްތިޔާޒު ލިބިގެންވާ މައުލޫމާތުތަކާއި ރޭޓިނގް ދިނުމުގެ ކުރިން އެނގިފައިވާ ކަންކަމުގެ ނަަހަމަ ބޭނުން، އެއްވެސް ފަރާތަކުން ހިފުމުގެ ފުރުސަތު ލިބިދީގެން ނުވާނެއެވެ.
  12. ކްރެޑިޓް ރޭޓިންގ އޭޖެންސީއިން ނުވަތަ ކްރެޑިޓް ރޭޓިންގ އޭޖެންސީގެ މުވައްޒަފަކު އާންމުންނަށް ހުޅުވާލެވިފައިވާ މީޑިޔާއެއްގައި ސެކިއުރިޓީޒްއާ ގުޅޭ ގޮތުން އިންވަސްޓްމެންޓާބެހޭ މަށްވަރާއެއް ދީފާ ގޮތުން ވިޔަސް އަދި ނުސީދާ ގޮތުން ވެސް ދީެގން ނުވާނެއެވެ.
  13. ކްރެޑިޓް ރޭޓންގ އޭޖެންސީ އިން ރޭޓްކުރުމާއި ރިސާޗްކޮށްދިނުން ފިޔަވައި، އަގު ނަގާގޮތަށް ެއެހެން ހިދުމަތެއް  ރޭޓްކުރެވޭ ފަރާތަކަށް ފޯރުކޮށްދީގެންވާނެއެވެ.
  14. ކްރެޑިޓް ރޭޓިނގ އޭޖެންސީގެ މަސައްކަތް ހިންގުމުގައި ހަމަހަމަކަމާއި އަމާނާތްތެރިކަމަޢި ވަކިފަރާތަކަށް ނުޖެހުމުގެ މަތީ މިންގަނޑު ހިފަހައްޓަންޖެހޭނެއެވެ.
  15. މިއޮތޯރިޓީއިން ރަޖިސްޓްރީ ކޮށްދީފައިވާ ކްރެޑިޓް ރޭޓިންގ އޭޖެންސީއަކީ ބޭރު ގައުމެއްގެ ރެގިއުލޭޓަރީ އޮތޯރިޓީއަކުން ލައިސަންސް ދީފައިވާ އޭޖެންސީއެއް ނަމަ އެ އޭޖެންސީއަށް މިއޮތޯރިޓީއިން ދީފައިވާ ލައިސަންސް ދެމިއޮތުން ބިނާވެގެންވަނީ އެ އޭޖެންސީ ހުރި ގައުމުގެ ރެގިއުލޭޓަރީ އޮތޯރިޓީން ދީފައިވާ ލައިސަންސް އެ އޭޖެންސީއިން ދަމަހައްޓާނަަމައެެވެ.
  16. ކްރެޑިޓް ރޭޓިންގ އޭޖެންސީގެ ރަސްމީ މަސައްކަތުގެ ގަޑި މި އޮތޯރިޓީއަށް އަންގަންވާނެއެވެ.
  17. ކްރެޑިޓް ރޭޓިންގ އޭޖެންސީގެ ރަސްމީ މަސައްކަތް ހިންގާނެ އޮފީހެއް ދިވެހިރާއްޖޭގައި ހުންނަންވާނެއެވެ.
  18. ކްރެޑިޓް ރޭޓިންގ އޭޖެންސީއިން "އަޔޮސްކޯ ކޯޑް އޮފް ކޮންޑަކްޓް ފަންޑަމެންޓަލްސް ފޯރ ކްރެޑިޓް ރޭޓިން އޭޖެންސީސް" އަށް އަމަލުކުރަންވާނެއެވެ. އަދި ރޭޓްކުރުމާބެހޭ ގޮތުން އެކުލަވާލާފައިވާ "ހޭންޑްބުކް އޮން އިންޓަނޭށަނަލް ބެސްޓް ޕްރެކްޓިސް އިން ކްރެޑިޓް ރޭޓިންގ" ގައިވާ ކަންކަމަށްވެސް އަމަލުކުރަންވާނެއެވެ.
  19. ކްރެޑިޓް ރޭޓިންގ އޭޖެންސީއިން އަހަރަކު އެއްފަހަރު އަހަރީ ރިޕޯޓާއި، އެއަހަރުގެ "އަޔޮސްކޯ ކޯޑް އޮފް ކޮންޑަކްޓް ފަންޑަމެންޓަލްސް ފޯރ ކްރެޑިޓް ރޭޓިން އޭޖެންސީސް" އަށް އަމަލުކޮށްފައިވާ މިންވަރު ބަޔާންކުރާ ރިޕޯޓެއް މި އޮތޯރިޓީއަށް ހުށަހަޅަން ވާނެއެވެ.
  20. ރޭޓްކުރުމަށް އެދި ހުށަހަޅުމުން މެނުވީ ކްރެޑިޓް ރޭޓިންގ އޭޖެންސީއިން އެއްވެސް ފަރާތަކަށް ރޭޓިންގ ކަނޑައަޅައިގެން ނުވާނެއެވެ.
  21. ކްރެޑިޓް ރޭޓިންގ އޭޖެންސީ ހިންގުމުގެ ފުރަތަމަ އަހަރުގައި މުވައްޒަފުންގެ %25 އަކީ ދިވެހިން ކަމުގައި ވާން ވާނެއެވެ. އަދި 3 އަހަރާއި 5 އަހަރާއި ދެމެދުގައި ދިވެހި މުވައްޒަފުން %70 އަށް އިތުރުކުރަންޖެހޭނެއެވެ.
  22. ކްރެޑިޓް ރޭޓިންގ އޭޖެންސީގެ އިޖްރާއާތުތަކާއި، ފީ ނަގާ ގޮތާއި، ރޭޓިންގ ކަނޑައަޅާ ގޮތާއި، ރޭޓިންގ ކަނޑައެޅުމުގައި އިފްތިރާޟްކުރާ ކަންކަން މި އޮތޯރިޓީއަށް އަންގަން ވާނެއެވެ.
  23. ކްރެޑިޓް ރޭޓިންގތައް މޮނިޓަރކޮށް ގަވާއިދުން މުރާޖައާ ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ވާނެއެވެ.
  24. ރޭޓްކުރެޥޭ ގޮތަށް އަންނަ އަސާސީ ބަދަލަކާ ގުޅިގެން އަސަރުކޮށްފާނެ ފަދަ ރޭޓިންގތައް ކްރެޑިޓް ރޭޓިންގ އޭޖެންސީއިން ގަވާއިދުން މުރާޖައާކުރަންވާނެއެވެ.
  25. ކްރެޑިޓް ރޭޓިންގ އޭޖެންސީއިން އެ އޭޖެންސީގެ މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ ޕްރޮގްރާމްތައް ހިންގަންވާނެއެވެ.
  26. ކްރެޑިޓް ރޭޓިންގ އޭޖެންސީއިން ތައާރަފުކުރާ އާ ހިދުމަތްތަކާ ބެހޭ މައުލޫމާތު މި އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
  27. ކްރެޑިޓް ރޭޓިންގ އޭޖެންސީއަށް ރަޖިސްޓްރޭށަން ދޫކުރި ވަގުތު އޮފީސް ހިންގަމުންއައި ތަން ނޫންއެހެން ތަނެއްގައި އައު ބްރާންޗެއް ހުޅުވަން ނިންމާނަމަ މި އޮތޯރިޓީއަށް ކުރިން އަންގަންވާނެއެވެ.
  28. ކްރެޑިޓް ރޭޓިންގ އޭޖެންސީއިން ވިޔަފާރީގެ ކޮންޓިނިއުޓީ އަދި ކޮންޓިންޖެންސީ ތަފުސީލު ހިމެނޭ ޕްލޭނެއް އެކުލަވަލާ އެ ޕްލޭން މި އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
  29. ކްރެޑިޓް ރޭޓިންގ އޭޖެންސީ ސާރވޭލެންސްކުރުމާއި، އިންސްޕެކްޓް ކުރުމާއި އަދި މި އޮތޯރިޓީއިން  ކުރިއަށް ގެންދާ ރެގިއުލޭޓް ކުރުމުގެ އެހެނިހެން  މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އޭޖެންސީ ހިންގާތަނަށް ވަނުމުގެ ހުއްދައާއި، އޭޖެންސީގެ ފޮތްތަކާއި ރިކޯޑުތައް މިއޮތޯރިޓީއިން ހުއްދަދޭ، ކަމާބެހޭ ފަރާތްތަކަށް ލިބޭނެ އިންތިޒާމް ކްރެޑިޓް ރޭޓިންގ އޭޖެންސީއިން ހަމަޖައްސައިދޭންވާނެއެވެ.
  30. ކްރެޑިޓް ރޭޓިންގ އޭޖެންސީގެ މުވައްޒަފުންނާއި، އެޖެންޓުންނާއި، އެ އޭޖެންސީގެ ކަމާބެހޭ އެހެން ފަރާތްތައް މި އޮތޯރިޓީއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭތޯއާއި އަދި އެފަރާތްތަކުން ގާނޫނީ ނަމްބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) އާއި، ގަވާއިދުތަކާއި، އިރުށާދުތަކާއި، ކަމާގުޅޭ ސުލޫކީ މިންގަނޑުތަކާއި، ކްރެޑިޓް ރޭޓިންގ އޭޖެންސީގެ މަސައްކަތާއި ގުޅުން ހުރި އެހެން ގާނޫނުތަކަށް އަމަލުކުރަމުންދާކަން ކަށަވަރު ކުރަންވާނެއެވެ.
  31. ކްރެޑިޓް ރޭޓިންގ އޭޖެންސީއިން ސީއެމްޑީއޭގެ ކޯޕަރޭޓް ގަވަރނަންސް ކޯޑަށް އަމަލުކުރަން ވާނެއެވެ.
  32. ކްރެޑިޓް ރޭޓިންގ އޭޖެންސީއިން މަނީ ލޯންޑަރކުރުންފަދަ ހުރިހާ ބާވަތެއްގެ އައިރު ގާނޫނީ މާލީ މުއާމަލާތްތަކުން ދުރެހިލިވާން ވާނެއެވެ.
  33. ކްރެޑިޓް ރޭޓިންގ އޭޖެންސީގެ އެނަލިސްޓުންނަށާއި އޭޖެންސީގެ ސީނިއަރ މެނޭޖްމަންޓަށް އައްޔަންކުރާ ފަރާތްތަކާއި ވަކި ކުރާފަރާތްތައް މި އޮތޯރިޓީ އަންގަންވާނެއެވެ.
  34. ކްރެޑިޓް ރޭޓިންގ އޭޖެންސީއަށް ރަޖިސްޓްރޭށަން ސެޓްފިކެޓް ދޫކުރާތާ 60 ދުވަހުގެ ތެރޭގައި އޭޖެންސީގެ މަސައްކަތްތައް ފަށަންވާނެއެވެ
  35. ކްރެޑިޓް ރޭޓިން އޭޖެންސީއިން އެ އޭޖެންސީގެ ވެބްސައިޓުގައި މިއޮތޯރިޓީއިން އާންމުކުރަން ކަނޑައަޅާފައިވާ ކަންތައްތައް ށާއިއުކުރަންވާނެއެވެ. އާންމުކުރަންޖެހޭ ކަމަކީ ލިސްޓްކޮށްފައިވާ ސެކިއުރިޓީއަކާ ގުޅުންހުރި ކަމެއްނަމަ މިއޮތޯރިޓީއިން ކަނޑައަޅާފައިވާ ގޮތުގެ މަތިން އެކަން ސްޓޮކް އެކްސްޗޭންޖަށް އަންގަންވާނެއެވެ. ކްރެޑިޓް ރޭޓިންގ އޭޖެންސީއިން ރޭޓިންގ ކަނޑައެޅުމަށްފަހުގައިއާއި އެ ރޭޓިންގްތައް އެކިފަހަރުމަތިން މުރާޖައާކުރުމަށް ފަހުގައި ނޫސްބަޔާން ނެރެންޖެހޭނެއެވެ. އަދި އެފަދަ ނޫސްބަޔާންތައް އޭޖެންސީގެ ވެބްސައިޓްގައި އާންމުކުރަންވާނެއެވެ. ވަކިކަމެއް ވަކި ފޯމެޓެއްގައި އާންމުކުރަން އަންގާފައިވާނަމަ އެކަމެއް އާންމުކުރަންޖެހޭނީ އެގޮތުން އަންގާފައިވާ ފޯމެޓެއްގައެވެ.
  36. ކްރެޑިޓް ރޭޓިންގ އޭޖެންސީއިން ކަމާގުޅޭ މައުލޫމާތު މަހަކު އެއްފަހަރު ނެރޭ ރިޕޯޓުގައި ހާމަކުރަންވާނެއެވެ.
  37. ކްރެޑިޓް ރޭޓިންގ އޭޖެންސީއިން މާކެޓް ތަރައްގީކޮށް މިއޮތޯރިޓީއަށް އެއްބާރުލުން ދޭންވާނެއެވެ.

------------

 

 

ށެޑިއުލް 1

ސީއެމްޑީއޭއިން ގަބޫލުކުރާ ކްރެޑިޓް ރޭޓިންގ އޭޖެންސީއެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް ހުށަހަޅާ ފޯމް

(ކްރެޑިޓް ރޭޓިންގ އޭޖެންސީގެ އެޑްރެސް)

         ކެޕިޓަލް މާކެޓް ޑިވޮލޮޕްމަންޓް އޮތޯރިޓީގެ މެނޭޖަރަށް

         ވެދުންސަލާމަށް ފަހު ދަންނަވަމެވެ.

  1. ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒާބެހޭ ގާނޫނު) އާއި ކްރެޑިޓް ރޭޓިންގ އޭޖެންސީތަކާބެހޭ ގަވާއިދުތަކުގެ ދަށުން (ކްރެޑިޓް ރޭޓިންގ އޭޖެންސީގެ ނަން) ތިޔަ އޮތޯރިޓީގައި ރަޖިސްޓަރީކޮށްދެއްވުން އެދެމެވެ.
  2. ތިރީގައި މިވާ ޓޭބަލުގައިވާ މުހިއްމު މައުލޫމާތު ފޮނުވީމެވެ. އަދި އެއިން މައުލޫމާތަކަށް ބަދަލެއް އަންނަނަމަ އެކަން ލަސްނުކޮށް އަންގާނެ ވާހަކަދެންނެވީމެވެ.

    (1) ކުންފުނީގެ ނަން، އެޑްރެސް، ފޯނު ނަންބަރުތައް.
    (2) އިންކޯޕަރޭޓް ކުރި ތާރީހާއި ތަން
    (3) ޑިރެކްޓަރުންގެ ނަމާއި އެޑްރެސް
    (4) ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ގަބޫލުކުރާ ކްރެޑިޓް ރޭޓިންގ އޭޖެންސީ އަކާއެކު ހަދާފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމުގެ ކޮޕީ އަދި އެއާގުޅޭ ކިތާބީ ހެކި.
    (5) ރޭޓިންގ ކަނޑައެޅުމުގައި ބަލަން ހުށަހަޅާ ގޮތްތަކާއި ރޭޓިންގތައް ވަޒަންކުރުމުގެ މިންގަނޑު
    (6) ހިޔާނާތުގެ ކުށެއް ނުވަތަ މަކަރާއި ހީލަތުގެ ކުށެއް އެއްވެސް ޑިރެކްޓަރެއްގެ މައްޗަށް ސާބިތުވެފައިވޭތޯ ނުވަތަ ނޫންތޯ
    (7) އެއްވެސް ޑިރެކްޓަރަކު އިފްލާސްކުރެވިފައިވޭތޯ ނުވަތަ ދަރަނި އަދާކުރުމަށް ދަތިވެފައިވޭތޯ ނުވަތަ ދަރަނި އަދާނުކުރެވުމުގެ ސަބަބުން ދަރަނީގެ އަދަދު އިތުރުވާން ފަށާފައިވޭތޯ
    (8) ހިޔާނާތުގެ ކުށެއް ނުވަތަ މަކަރާއި ހީލަތުގެ ކުށެއް އެއްވެސް މުވައްޒަފެއް ނުވަތަ އޮފިސަރެއް މައްޗަށް ސާބިތުވެފައިވޭތޯ ނުވަތަ ނޫންތޯ
    (9) ހިޔާނާތުގެ ކުށެއް ނުވަތަ މަކަރާއި ހީލަތުގެ ކުށެއް އެއްވެސް މުވައްޒަފެއް ނުވަތަ އޮފިސަރެއްގެ މައްޗަށް ސާބިތުވެފައިވޭތޯ ނުވަތަ ނޫންތޯ
    (10) ސީނިއަރ މެނޭޖްމަންޓުގެ މަގާމުތައް ފުރާ އެއްވެސް އޮފިސަރަކު އިފްލާސްކުރެވިފައިވޭތޯ ނުވަތަ ދަރަނި އަދާކުރުމަށް ދަތިވެފައިވޭތޯ ނުވަތަ ދަރަނި އަދާނުކުރެވުމުގެ ސަބަބުން ދަރަނީގެ އަދަދު އިތުރުވާންފަށާފައިވޭތޯ
    (11) ކްރެޑިޓް ރޭޓްކުރުމުގައި ޑިރެކްޓަރުންނަށް ކުރިން ލިބިފައިވާ ތަޖުރިބާ
    (12) ސީނިއަރ މެނޭޖްމަންޓުގެ މަގާމުތައް ފުރާ އޮފިސަރުންނަށް ކުރިން ލިބިފައިވާ ތަޖުރިބާ
    (13) ކްރެޑިޓް ރޭޓިންގ އޭޖެންސީއަށް އަޔޮސްކޯއިން ގަބޫލުކުރާ ރެގިއުލޭޓަރީ މުއައްސަސާއަކުން ދޫކޮށްފައިވާ ލައިސަންސްގެ ކޮޕީ.

  3. ރޭޓިންގ ކުންފުނީގެ މެމޮރަންޑަމްގެ ކޮޕީއާއި އާޓިކަލް އޮފް އެސޯސިއޭށަންގެ ކޮޕީއެއް ނުވަތަ ކުންފުނި އުފެއްދުމާ ގުޅޭ އެހެން ގަރާރެއްވާނަމަ އޭގެ ކޮޕީ ފޮނުވީމެވެ.
  4. ސައްހަ ނޫން މައުލޫމާތު ހުށަހެޅުމާބެހޭ ގޮތުން ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު)ގެ 32 ވަނަ މާއްދާގައިވާ ކަންކަން އަޅުގަނޑުމެން ދެނެތިބީމުއެވެ.
  5. މި ހުށަހެޅުމުގައި ދީފައިވާ އެންމެހާ މައުލޫމާތުތަކާއި، އެނެކްސްތަކުގައިވާ އެންމެހާ މައުލޫމާތުތަކަކީ ސައްހަ ތެދު މައުލޫމާތުކަމަށް އަޅުގަނޑުމެން އިގުރާރުވަމެވެ.



     ހާދިމުކުމް

     

    ޗީފް އެގްޒެކެޓިވް

    ކެޕިޓަލް މާކެޓް ޑިވޮލަޕްމަންޓް އޮތޯރިޓީ

    4 ވަނަ ފަންގިފިލާ، އެމްޓީސީސީ ޓަވަރ، 20057

    މާލެ، ދިވެހިރާއްޖެ

------------ 

 

 

 

ށެޑިއުލް 2

އެޕްލިކޭށަން ޕްރޮސެސްކުރުމުގެ ފީ

10،000 ރުފިޔާ

އަހަރީ ލައިސަންސް ފީ

120،000 ރުފިޔާ

ލައިސަންސް އާ ކުރުމުގެ ފީ

5،000 ރުފިޔާ

 

މައި ގާނޫނު

މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/2006) 

ރިފަރެންސް

މި ގަވާއިދު އިނގިރޭސި ބަހުން އެކުލަވާލައި އަމަލުކުރަން ފަށާފައި ވަނީ 20 ޖޫން 2010 ގައެވެ. އިނިގިރޭސިބަހުން އެކުލަވާލެވުނު މި ގަވާއިދަށް ފުރަތަމަ އިސްލާހު ގެނެވިފައިވަނީ ، 26 ޑިސެމްބަރ 2010 ގައެވެ. މިގެނެވުނު އިސްލާހަކީ 5 ވަނަ މާއްދާ (ރަޖިސްޓްރީ ހުށަހެޅުން) އަށް ލައިސަންސް ދޫކުރުމުގެ ށަރުތުތަކާއި އެޕެންޑިކްސް އެއް އިތުރުކުރުމެވެ.  ދިވެހިބަހުން މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވިފައި މިވަނީ މި ގަވާއިދަށް ގެނެވުނު ފުރަތަމަ އިސްލާހާއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު