-

ސިވިލް ސަރވިސް ގެ ގަވާއިދު 2010 އަށް 10 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 6/2012) 

 

170 ވަނަ މާއްދާ - އާއިލީ ޒިންމާގެ ޗުއްޓީ

(ހ) ވަޒީފާއާބެހޭ ގާނޫނުގެ 47 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އާއިލާގެ މެންބަރަކު ބަލިވުން ފަދަ، މުވައްޒަފަކަށް ދިމާވާ މުހިންމު ޒިންމާއަކާ ގުޅިގެން، މުސާރަ ލިބޭގޮތަށް ބަންދު ދުވަސްތައް ނުހިމަނައި، ގިނަވެގެން 10 (ދިހައެއް) ދުވަހުގެ އާއިލީ ޒިންމާގެ ޗުއްޓީއެއް، އަހަރު ދުވަހުގެ ތެރޭގައި ދެވިދާނެއެވެ. މި ޗުއްޓީ ދޭންވާނީ އާއިލާގެ މެންބަރަކު ބަލިވުމާ ގުޅިގެން މުވައްޒަފު އެދިއްޖެ ހިނދެއްގައެވެ. އާއިލާގެ މެންބަރަކު ބަލިވުން ފިޔަވައި އެހެން އެއްވެސް ޒިންމާއަކާ ގުޅުވައި އާއިލީ ޒިންމާގެ ޗުއްޓީ މުވައްޒަފަށް ދީގެން ނުވާނެއެވެ. އާއިލާގެ މެންބަރުން ކަމުގައި ބަލާނީ އަނބިމީހާ، ފިރިމީހާ، ދަރިން، މަންމަ، ބައްޕަ އަދި ށަރުއީ އަދި ގާނޫނީ ގޮތުން އެ މީހެއްގެ ބަލަދުވެރިކަމުގެ ދަށުގައިވާ ފަރާތްތަކަށެވެ.

(ށ) އާއިލީ ޒިންމާގެ ޗުއްޓީ ދިނުމުގެ އަހަރު ބަލާނީ، އަހަރީ ޗުއްޓީ ދިނުމުގައި އަހަރު ބަލާ އުސޫލުންނެވެ. ނަމަވެސް ވަޒީފާ އަދާކުރާތާ އަހަރު ނުވިކަމުގައި ވިޔަސް، މި ޗުއްޓީ ދެވިދާނެއެވެ.

(ނ) އާއިލީ ޒިންމާގެ ޗުއްޓީއަށް މުވައްޒަފު އެދެންވާނީ އަދި އާއިލީ ޒިންމާގެ ޗުއްޓީއާ ގުޅިގެން އަމަލުކުރަންވާނީ އަންނަނިވި ގޮތުގެ މަތިންނެވެ.

  1. އެ މުވައްޒަފަށް ކަނޑައެޅިފައިވާ ރަސްމީ މަސައްކަތު ގަޑިއަށް، އާޢިލާގެ މެންބަރަކު ބަލިވުން ފަދަ، މުވައްޒަފަށް ދިމާވާ މުހިންމު ޒިންމާއަކާ ގުޅިގެން، ވަޒީފާއަށް ނުކުތުމަށް އުޒުރުވެރިވެއްޖެނަމަ، އެ މުވައްޒަފެއްގެ ރަސްމީ މަސައްކަތު ގަޑި ފެށޭތާ ލަސްވެގެން 1 (އެކެއް) ގަޑިއިރު ތެރޭގައި އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް ނުވަތަ އެ އޮފީހަކުން ހަމަޖައްސާފައި އޮންނަ ގޮތެއްގެ މަތިން، އޮފީހަށް އެކަން އެންގުމާއެކު އެދުވަހަކު އެ މުވައްޒަފާ ހަވާލިކޮށްފައިވާ ކޮންމެހެން ނިންމަންޖެހޭ މަސައްކަތްތަކުގެ މައުލޫމާތުދިނުމުން، އެ މުވައްޒަފަށް އާއިލީ ޒިންމާގެ ޗުއްޓީ ދެވިދާނެއެވެ. މިގޮތުން 1 (އެކެއް) ގަޑިއިރުގެ ތެރޭގައި އޮފީހަށް ނާންގައި އާއިލީ ޒިންމާގެ ޗުއްޓީގެ ކަންތައްތައް ފުރިހަމަ ނުކޮށްފިނަމަ، މި ގަވާއިދުގައިވަ ގޮތުގެ މަތިން އެ މުވައްޒަފާމެދު އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ. އަދި އެދުވަހެއް ބެލެވޭނީ އައިރު ހާޒިރީއަކަށެވެ.

  2. އާއިލީ ޒިންމާގެ ޗުއްޓީގައި ހުންނަ މުވައްޒަފަކީ ވަކި ހާއްސަ މަސައްކަތެއް ހަވާލުވެފައިވާ މުވައްޒަފެއް ނަމަ، އެ މުވައްޒަފެއްގެ މަސައްކަތް އެހެން މުވައްޒފަކާ ހަވާލުކޮށް ހިންގަން ފެށޭހާ ވަގުތު އޮއްވައި، އެ މީހެއްގެ ސުޕަވައިޒަރަށް ނުވަތަ އެ އޮފީހަކުން ހަމަޖައްސާފައި އޮންނަ ގޮތެއްގެ މަތީން އެ އޮފީހަކަށް އަންގަން ވާނެއެވެ. އަދި އަންގާއިރު، އެ މުވައްޒަފާ ހަވާލުވެފައިވާ މަސައްކަތަށް ބުރޫ ނާރައި ހިންގުމަށް އޮފީހުން އިންތިޒާމުތައް ކުރުމަށް ބޭނުންވާ މައުލޫމާތު ދީ، އެ ކަމުގައި ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ.

  3. މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މުވައްޒަފު އާއިލީ ޒިންމާގެ ޗުއްޓީގައި ހުންނަ ހުރިހާ ދުވަހަކު މި މާއްދާގެ (ނ) ގެ 1 ގައިވާ ގޮތުގެ މަތިން އެކަން އަންގަންވާނެއެވެ.

  4. މުވައްޒަފު އޮފީހަށް ހާޒިރުވުމަށްފަހު، އާއިލާގެ މެންބަރަކު ބަލިވުން ފަދަ މުވައްޒަފަށް ދިމާވާ މުހިންމު ޒިންމާއަކާ ގުޅިގެން މަސައްކަތް ކުރުމަށް އުޒުރުވެރުވެފައި، އަދި އެ ދުވަހުގެ މަސައްކަތުގެ ގަޑީގެ ބޮޑުބައި މަސައްކަތުގައި ހޭދަކޮށްފައިވާނަމަ، އެދުވަހަކީ މުވައްޒަފު މަސައްކަތަށް ހާޒިރުވި ދުވަހެއްކަމަށް ބަލައި ދޫކޮށްލެވިދާނެއެވެ. އަދި މުވައްޒަފު އެދުވަހުގެ މަސައްކަތު ގަޑީގެ ކުޑަބައި މަސައްކަތުގައި ހޭދަކޮށްފައިވާނަމަ، އެ ދުވަހަކީ އާއިލީ ޒިންމާގެ ޗުއްޓީގެ ދުވަހެއްގެ ގޮތުގައި ބަލައި، އާއިލީ ޒިންމާގެ ޗުއްޓީ ހަމަޖައްސައިދޭން ވާނެއެވެ.

  5. އާއިލާގެ މެންބަރަކު ބަލިވުން ފަދަ، މުވައްޒަފަކަށް ދިމާވާ މުހިންމު ޒިންމާއަކާ ގުޅިގެން، ބަލިވި ފަރާތުގެ މައުލޫމާތާއި ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގައި ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓްފިކެޓެއް ނުވަތަ ސެޓްފިކެޓް ދޫކުރި ގައުމެއްގެ ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަރުކަޒަކުން ސިއްހީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ މެޑިކަލް ސެޓްފިކެޓެއް، އޮފީހަށް ހުށަހަޅައިފިނަމަ، އާއިލީ ޒިންމާގެ ޗުއްޓީ ކުރިއަށް ވެސް ނެގިދާނެއެވެ.

 

މައި ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2010 (ގަވާއިދު ނަންބަރު 1/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު