-

ދިވެހި ސިވިލް ސަރވިސް ގެ ގަވާއިދު 2010 އަށް 13 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 29/2012)

 

ތިރީގައި މިވަނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް 13 ވަނަ އިސްލާހު ގެނައުމުގެ ގޮތުން "ވަޒީފާއަށް އަހުލުވެރި ކުރުމުގެ ގޮތުން" މިނަމުގައި އައު ޗެޕްޓަރެއްގެ ގޮތުގައި އިތުރުކުރެވޭ ޗެޕްޓަރ 33 އެވެ. ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް މި އިސްލާޙު ގެނައުމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމަވާފައި ވަނީ 25 އެޕްރީލް 2012 ވީ ބުދަދުވަހު ބޭއްވުނު ސިވިލް ސަރވިސް ކޮމިޝަނުގެ 786 ވަނަ ބައްދަލުމުންނެވެ

 ޗެޕްޓަރ 33

މުވައްޒަފުން ވަޒީފާއަށް އަހުލުވެރި ކުރުވުން

278  ވަނަ މާއްދާ -  ތައާރުފު

(ހ) ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ތ) ގައި ސިވިލް ސަރވިސް ކޮމިށަނުގެ މަސައްކަތްތަކުގެ ތެރޭގައި، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރޭގައި އިސްނެގުމާއި، ލީޑަރށިޕް ކުރިއަރުވައި، މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ތަމްރީނުތައް ހޯދައިދިނުމާއި، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަކީ މަސައްކަތަށް ގާބިލު ބަޔަކަށް ހެދުމަށް ބާރުއެޅުމާއި ހިތްވަރު ދިނުން ހިމެނިފައިވާޓީ، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާ އަލަށް ދެވޭ ފަރާތްތަކަށް އަމާޒުކޮށް އެފަރާތްތައް ވަޒީފާއަށާއި ވަޒީފާއަދާކުރާ އިދާރާގެ އުސޫލުތަކާއި ގަވާއިދުތަކަށް އަދި ހަމަ އެހެންމެ، ދިވެހި ސިވިލް ސަރވިސް ގަވާއިދަށް އަހުލުވެރި ކުރުމަށްޓަކައި ފިޔަވަހިތަކަކަށް ބަހާލައިގެން، ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ޕުރޮގުރާމު ހިންގުމުގައި އަމަލުކުރާނީ މި ޗެޕްޓަރުގައިވާ ގަވާއިދުތަކާއި، ޗެޕްޓަރާއެކު ކޮމިށަނުން އެކުލަވާލައި އާންމުކޮށްފައިވާ "ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ޕުރޮގްރާމުގެ އަތްމަތީ ފޮތް" އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ށ) މުވައްޒަފުން ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ޕުރޮގްރާމުގެ މަގުސަދުތަކަކީ؛

- އަލަށް ވަޒީފާ ދެވޭ މުވައްޒަފުބް، އެ މުވައްޒަފި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި އުސޫލުތަކަށް އަދި މައިގަނޑު މަސައްކަތްތަކާއި މާހައުލަށް އަހުލުވެރިކޮށްދިނުން

- އަލަށް ވަޒީފާ ދެވޭ މުވައްޒަފުބް މުއައްސަސާގައި މަސައްކަތް ކުރުމަށް ށައުގުވެރިކުރުވުން.

- ވަޒީފާ އަދާކުރާ އިދާރާޢަށް މުވައްޒަފު ތައާރުފުކޮށް ދިނުމުގައި މަސައްކަތްތައް އޮމާންކަމާޢި ޔަގީންކަމާއެކު ފަށައިގެން ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުން.

- މަސައްކަތަށް ގާބިލު ބަޔަކަށް ހެދުމަށް ބާރުއެޅުމާއި ހިތްވަރު ދިނުން.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފޔންގެ ގޮތުގައި ތިބި މުވައްޒަފުން މި ޕުރޮގްރާމުގައި ބައިވެރިވާކަން ނުޖެހޭނެއެވެ.

 

279  ވަނަ މާއްދާ -  ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ޕުރޮގްރާމުގައި ބައިވެރިކުރާނެ ފަރާތްތަކާއި ފުރިހަމަ ކުރަންޖެހޭ މުއްދަތު

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާ ދެވޭ ހުރިހާ މުވައްޒަފުންވެސް ވަޒީފާއަށް އަހުލުވެރި ކުރުމުގެ ޕުރޮގްރާމުގައި ބައިވެރިވެ، ސިވިލް ސަރވިސްގެ ވަޒީފާއަށް އަހުލުވެރި ކުރުމުގެ ޕުރޮގުރާމުގެ އަތްމަތީ ފޮތުގައިވާ ގޮތުގެމަތީން ވަޒީފާއަށް އަހުލުވެރި ކުރުމުގެ ޕުރޮގްރާމު ފުރިހަމަ ކުރަންޖެހޭނެއެވެ.

(ށ) ވަޒީފާއަށް އަހުލުވެރިކުރުވުމުގެ ޕުރޮގްރާމު ހިންގުމަށް ހަމަޖެހިފައިވަނީ، ފިޔަވަހިތަކަކަށް ބަހާލެވިގެން ކަމަށް ވުމާއެކު، މި ފިޔަވަހިތައް ވަޒީފާއަށް ވަންނަތާ 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަންޖެހޭނެއެވެ.

(ނ) ސިވިލް ސަރވިސްގެ ވަޒީފާއަށް އަހުލުވެރި ކުރުމުގެ މި ޕުރޮގްރާމަކީ، ދިވެހި ސިވިލް ސަރވިސްގެ ގަވައިދުގެ 127 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދައިން ޕްރޮބޭށަންގެ މުއްދަތުގައި ފުރިހަމަކުރުމަށް ހަމަޖެހިފައިވާ ތަމްރީނެކެވެ. މި ތަމްރީނު ޕުރޮގްރާމް ގަސްދުގައި ގަބޫލު ސަބަބެއްނެތި މުވައްޒަފު ފުރިހަމަ ނުކޮށްފިނަމަ، މުވައްޒަފުގެ އެ އަމަލަކީ ގަވާއިދުގެ 110 ވަނަ މާއްދާގެ (ށ) އާ ހިލާފުވުންކަމަށް ބަލައި، ދިވެހި ސިވިލް ސަރވިސް ގަވާއިދުގެ 131 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިތުތު ނޯޓިހަކާ ނުލައި މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް އެ އޮފީހަކުން ކޮމިށަނަށް ހުށަހަޅަންވާނެއެވެ. އަދި ހުށަހަޅާއިރު ޕުރޮގުރާމު ފުރިހަމަ ނުކުރި ސަބަބާއި އެކަމާގުޅޭ އެންމެހައި ލިޔުންތައް ހުށަހަޅަންވާނެއެވެ.

(ރ) މުވައްޒަފު ދިގުމުއްދަތަކަށް ބަލިވުންފަދަ މަގުބޫލު އުޒުރެއް މެދުވެރިވުމުގެ ސަބަބުން މި ޕުރޮގްރާމު ފުރިހަމަ ކުރެވޭގޮތް ނުވެއްޖެ ހިނދެއްގައި، މުވައްޒަފު ހާޒިރުވުމާއެކު، ވީއެންމެ އަވަހަކަށް ބާކީ ނުނިމި ހުރި ފިޔަވަހިތައް ނުވަތަ ބައިތައް މުވައްޒަފު ލައްވައި ފުރިހަމަ ކުރުވަން ވާނެއެވެ. ފުރިހަމަކުރުމަށް ހޭދަކުރާ މުއްދަތަކީ މުޅި ޕުރޮގްރާމުގެ މުއްދަތަށްވުރެ ދިގު މުއްދަތަކަށް ވެގެން ނުވާނެއެވެ.

 

280  ވަނަ މާއްދާ -  ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގުރާމު ހިންގުން

(ހ) ވަޒީފާއަށް އަހުލުވެރި ކުރުމުގެ ޕުރޮގްރާމު ކުރިއަށް ގެންދާނީ ތަމްރީނު ކުރެވިފައިވާ މުރުށިދުން (މެންޓޯއިން) ގެ އެހީގައެވެ. މުރުށިދުން ނެތް ހާލަތެއްގައި މުރުށިދެއް ހަމަޖެހެންދެން، ހިއުމަބް ރިސޯސް ސެކްށަނުން އިސްވެރިޔާ ކަނޑައަޅާ މުވައްޒަފަކަށް މި ޕުރޮގުރާމު ކުރިއަށް ގެންދިއުމަށް ވަގުތީގޮތުން ހަވާލުކުރަންވާނެއެވެ. މި ޕުރޮގްރާމު އެ އޮފީހެއްގައި ހިންގުމުގެ މަސްއޫލިއްޔަތާއި ޒިންމާ އުފުލާނީ އެ ފަރާތަކުންނެވެ.

(ށ) ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ޕުރޮގްރާމު އޮފީހެއްގައި ހިންގޭނީ، އެ އޮފީހުގެ ތަފާތު އެކި ފެންވަރުގެ މުވައްޒަފުންގެ ބައިވެރިވުމާއި އެހީތެރިކަން ލިބިގެން ކަމުގައި ވުމާއެކު، މި ޕުރޮގުރާމު ހިންގުމުގައި އެ މުވައްޒަފަކު އަދާކުރަން ކަނޑައެޅިފައިވާ ޒިންމާއާއި ދައުރު ގަވާއިދުން އަދާކުރަން ވާނެއެވެ.

(ނ) ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ޕުރޮގްރާމުގެ ހިޔަވަހިތައް އަތްމަތީ ފޮތުގައިވާ ގޮތުގެމަތިން ފުރިހަމަކޮށް ނިމުމުން އެފޮތުގައި ބަޔާންކޮށްފައިވާ، ފާހަގަލެވިފައިވާ ޗެކުލިސްޓުތަކާއި އަދި މުވައްޒަފަށް ޕުރޮގްރާމު ފުރިހަމަކުރިކަމަށް އޮފީހުން ދީފައިވާ ލިޔުމުގެ ކޮޕީ ސިވިލް ސަރވިސް ކޮމިށަނުގެ މުވައްޒަފުންގެ ރިކޯޑުތައް ބަހައްޓާ ސިސްޓަމުން އަޕްޑޭޓްކޮށް ރައްކާކުރުމަށްޓަކައި އެ އޮފީހަކުން ސިވިލް ސަރވިސް ކޮމިށަނަށް ފޮނުވަންވާނެއެވެ. އަދި މުވައްޒަފުގެ ޕަރސަނަލް ފައިލުގައި އެލިޔުންތަކުގެ އަސްލު އެ އޮފީހަކުން ރައްކާކުރަންވާނެއެވެ.

 

281  ވަނަ މާއްދާ -  ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ޕުރޮގްރާމު ކުރިޔަށް ގެންދިއުން

(ހ) މުވައްޒަފު އޮފީހުގެ މަސައްކަތަށް ނުކުންނަ ފުރަތަމަ ދުވަހު، އޮފީހުގެ ހިއުމަން ރިސޯސްއާ ބެހޭ ބައިގެ އިސްވެރިޔާ ނުވަތަ އެބަޔާ ހަވާލުވެ ހުރި އިސްވެރިޔާ، މުވައްޒަފަށް މަރުހަބާ ކިޔައި، އަދި އޮފީހުގެ މައިގަނޑު މަސައްކަތްތަކުގެ ކުރު ތައާރަފެއް ދޭންވާނެއެވެ. ހަމައެއާއެކު މުވައްޒަފާ ހަވާލުވެ އޭނާ ވަޒީފާއަށް އަހުލުވެރި ކުރުވުމުގައި އިސްރޯލެއް އަދާކުރާނެ މުރުށިދެއް ހަމަޖައްސައި، ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ޕުރޮގްރާމް ހިންގުމަށް ހަވާލުކުރަން ވާނެއެވެ.

(ށ) އޮފީހުގެ ހިއުމަން ރިސޯސްއާ ބެހޭ ބައިގެ އިސްވެރިޔާ ނުވަތަ އެބަޔާ ހަވާލުވެ ހުރި އިސްވެރިޔާ ކަނޑައަޅާ މުރުށިދު ނޫންނަމަ ކަނޑައަޅާ މުވައްޒަފެއް، ވަޒީފާއަށް އަހުލުވެރި ކުރުމުގެ އަތްމަތީ ފޮތުގައިވާ ގޮތުގެ މަތިން ފިޔަވަހިތައް ކުރިއަށް ގެންދަން ވާނެއެވެ. އަދި މުވައްޒަފު ވަޒީފާއަށް ވަންނަތާ 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި މި ފިޔަވަހިތައް މުވައްޒަފު ލައްވައި ފުރިހަމަ ކުރުވަން ވާނެއެވެ.

(ނ) ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ޕުރޮގްރާމު، މުރުށިދުގެ އެހީގައި ކުރިއަށް ގެންދިޔަ ނަމަވެސް އައު މުވައްޒަފު ވަޒީފާގައި ކުރަންޖެހޭ މަސައްކަތް ހަވާލުކޮށް، ޔުނިޓް، ސެކްށަން ނުވަތަ ޑިވިޒަނުގެ ކަންތައްތައް ކުރިއަށް ގެންދަން ބެނެދީ ހަދާނީ އެ މުވައްޒަފެއްގެ ސުޕަރވައިޒަރެވެ.

 

282  ވަނަ މާއްދާ -  ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމު ކުރިއަށް ގެންދެވުނުގޮތް ވަޒަންކުރުން އަދި އިތުރުބައިތައް

(ހ) ވަޒީފާއަށް އަހުކުވެރި ކުރުވުމުގެ ޕްރޮގްރާމު ހިންގާ ނިމުމުން، އައު މުވައްޒަފު އަދި އެފަރާތުގެ މުރުށިދު ވަޒީފާއަށް އަހުލުވެރު ކުރުވުމުގެ ޕުރޮގްރާމު ވަޒަންކުރަންވާނެއެވެ. މިގޮތުން މުވައްޒަފު، ޕުރޮގްރާމު ވަޒަންކުރުމުގެ ގޮތުން ފުރަންޖެހޭ ފޯމު ފުރުމާއި، އެ މުވައްޒަފުގެ މުރުށިދު ފުރަންޖެހޭ ފޯމު ފުރާ ނިމުމުން، އަމަލުކުރާނީ މި ގަވާއިދުގެ 280 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ށ) ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ޕުރޮގްރާމުގައި އެ އޮފީހަކަށް ހާއްސަ ބައެއް، އިތުރަށް ހިމަނަން ބޭނުންވާނަމަ، ސިވިލް ސަރވިސް ކޮމިށަނުގެ ލިޔުމުން ލިބިފައިވާ ހުއްދައާއެކު މި ޕުރޮގްރާމު އެ އޮފީހަކަށް ބޭނުންތެރި އަދި ފައިދާހުރި ޕުރޮގްރާމަކަށް ހެދުމުގެ ގޮތުން އިތުރު ބައިތަކެއް މި ޕުރޮގްރާމުގައި ހިމަނަންވާނެއެވެ.

 

283   ވަނަ މާއްދާ -  ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާޢިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2010 (ގަވާއިދު ނަންބަރު 1/2010) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު