-

އިލެކްށަންސް ކޮމިށަންގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 30/2012)

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދަގެ (ށ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.

3. ކޮމިށަނުގެ ސެކްރެޓޭރިއެޓްއާއި މަސައްކަތު ގަޑި

(ށ) ކޮމިށަނުގެ ސެކްރެޓޭރިއެޓުގެ ރަސްމީ ގަޑިއަކީ، ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) އަންނަނިވިގޮތަށް އިސްލާހު ކުރުން.

6. މީޑިއާއަށް މައުލޫމާތު ދިނުން

(ނ) ކޮމިށަނުގެ ސިޔާސަތުތައް ހާމަކޮށް އަދި ކޮމިށަނުގެ ނިންމުންތަކާ ގުޅޭ ގޮތުން މީޑިއާއަށް ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރާނީ، ކޮމިށަނުގެ ރައީސް ނުވަތަ ނާއިބު ރައީސް އެވެ. ރައީސް ނުވަތަ ނާއިބު ރައީސް ނެތް ހާލަތެއްގައި ކޮމިށަން ހިންގުމާ ހަވާލުވެހުރި މެންބަރެކެވެ.

 

3 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ވ) ގެ ގޮތުގައި އަންނަނިވި މާއްދާ އިތުރުކުރުން.

15. ވަޒީފާއިން ވަކިކުރުން.

(ވ) ގާނޫނުގައި ކަނޑައެޅިފައިވާގޮތަށް އިންތިހާބެއް، އިލެކްށަންސް ކޮމިށަނުން އިއުލާނުކޮށްގެން ކުރިއަށްދަނިކޮސް ގަސްތުގައި އެ އިންތިހާބަކަށް ހުރަސްއެޅުމުގެ ގޮތުން ނުވަތަ ދަތިކުރުމުގެ ގޮތުން ނުވަތަ ނުފޫޒެއް ފޯރުވުމުގެ ގޮތުން އެއްވެސް ކަމެއް ކޮމިށަނުގެ މުވައްޒަފަކު ކުރިކަމަށް ކޮމިށަނަށް ފެނިއްޖެ ހިނދު އިތުރު ނަސޭހަތެއް ނުވަތަ އިންޒާރެއް ދިނުމަކާނުލައި އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (އ) އަންނަނިވިގޮތަށް އިސްލާހު ކުރުން.

18. މުސާރައާއި އިތުރު ގަޑީގެ ފައިސާ

(އ) ކޮމިށަނުގެ މަސައްކަތް ހުންނަ ގޮތުން މުވައްޒަފުން ނުރަސްމީ ގަޑީގައި ނުނެރެ ފަރުޖެއްސެން ނެތް ހާލަތުތަކުގައި އިތުރު ގަޑީގައި މަސައްކަތް ކުރުވާނަމަ، އެމުވައްޒަފެއްގެ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރުގެ މަދުވެގެން ¼ 1 (1.25)، ބަޔަށް ވާ ފައިސާ ދޭންވާނެއެވެ. އަދި އެފަދަ މަސައްކަތެއް ކުރުވީ ހުކުރު ދުވަހެއް ނުވަތަ ރަސްމީ ބަންދު ދުވަހެއްގައިނަމަ، އެމީހެއްގެ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރުގެ ½ / (1.5)، ބަޔަށްވާ ފައިސާ އިތުރު ގަޑިގެ ގޮތުގައި ދެވޭނެއެވެ. އިތުރުގަޑި ދިނުމުގައި ދުވަސް ގުނާނީ 30 (ތިރީސް) ދުވަހަށެވެ. އަދި އިތުރުގަޑިއަށް ފައިސާ ދިނުމުގައި މިގަވާއިދުގައި ނެތްކަމެއް ކުރިމަތިވެއްޖެނަމަ އެފަދަ ހާލަތެއްގައި ބަލަންވާނީ ސިވިލް ސަރވިސް މުވައްޒަފުންނާ މެދު އަމަލުކުރަމުންދާ އުސޫލު ނުވަތަ ގަވާއިދަށެވެ.

 

5 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (މ) ގެ ގޮތުގައި އަންނަނިވި މާއްދާ އިތުރުކުރުން.

18. މުސާރައާއި އިތުރު ގަޑީގެ ފައިސާ

(މ) ކޮމިށަންގެ ސެކްރެޓޭރިއެޓްގައި ވަޒީފާ އަދާ ކުރާ މުވައްޒަފުންގެ ތެރެއިން ޑިރެކްޓަރުންނަށް ވުރެ މަތީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހުނު ނަމަވެސް އެމުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާއެއް ނުދެވޭނެއެވެ.

 

މައި ގަވާއިދު

އިލެކްށަންސް ކޮމިށަންގެ ގަވާއިދު (ގަވާއިދު ނަންބަރު 6/2010) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު