-

ސިވިލް ސަރވިސް ގެ ގަވާއިދު 2010 އަށް 15 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 38/2012)

 

 

ތިރީގައި މިވަނީ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ ބައެއް މާއްދާތަކަށް ގެނެސްފައިވާ އިސްލާހެވެ. މި އިސްލާހަށް އަމަލުކުރަން ފަށާނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

1 ވަނަ މާއްއްދާ - ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 21 ވަނަ މާއްދާ އިސްލާހު ކުރެވުނުގޮތް:

21 ވަނަ މާއްދާ – އޮފީސްތަކުގައި އިންޓަރނެޓް ބޭނުންކުރުން

އޮފީސްތަކުގައި އިންޓަރނެޓް ދޫކުރާނީ މަސައްކަތުގެ ގޮތުން އިންޓަރނެޓް ބޭނުންކުރަން ޖެހޭ މުވައްޒަފުންނަށް ބޭނުންކުރަން ޖެހޭ ހާލަތުގައެވެ. އެ ގޮތުން މަސައްކަތަށާއި މުވައްޒަފަށް ކުރިއެރުން ގެނައުމަށްޓަކައި، އެ ހިދުމަތް ބޭނުންވާ މުވައްޒަފުންނަށް، ބެލެހެއްޓިގެންވާ ގޮތެއްގައި، އެ ހިދުމަތް ދޫކުރުމަކީ އެދެވިގެންވާ ކަމެކެވެ. ނަމަވެސް، އިންޓަރނެޓް ގެ ހިދުމަތަކީ މަސައްކަތުގެ ވަގުތު ބޭކާރުކުރުމުގެ ފުރުސަތު ބޮޑު، ނާޖާއިޒުކޮށް ބޭނުންކުރަން ފަސޭހަ ހިދުމަތަކަށް ވާތީ، އެ ހިދުމަތް ދޫކުރެވޭ މުވައްޒަފުންނަށް ދޫކުރަން ވާނީ އެ މުވައްޒަފުންނަށް އިންޓަރނެޓް ދޫކުރުމާއި ބޭނުންކުރުމުގައި ތިރީގައިވާ އުސޫލުތަކަށް އަމަލުކުރުމާއެކު، ކޮމިށަނުން އާއްމުކޮށްފައިވާ "އޮފީސްތަކުގައި ކޮމްޕިއުޓިންގ، އިންޓަރނެޓް، އީ-މެއިލް އަދި މުވާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ އުސޫލު" އާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

(ހ) އޮފީހުގެ މަސައްކަތާ ގުޅޭގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށާއި، މުވައްޒަފުންނަށް އިތުރު ކުރިއެރުމެއް ލިބިދޭ، ފައިދާހުރި ކަންތައްތަކަށް އިންޓަރނެޓް ބޭނުންކުރުން.

(ށ) ރަސްމީގަޑީގައާއި އިތުރުގަޑީގައިވެސް މަސައްކަތަށާއި ވަގުތަށް ބުރޫ ނާރާނެގޮތަކަށް އިންޓަރނެޓުގެ ބޭނުންކުރުން.

(ނ) އިންޓަރނެޓުގައިވާ ދިވެހިރާއްޖޭގެ ގާނޫނާއި އިސްލާމް ދީނާއި ހިލާފު ސައިޓުތަކަކަށް ނުވަނުން.

(ރ) އިންޓަރނެޓުން ޑައުންލޯޑްކުރާ ފައިލުތަކުގައި ކޮމްޕިއުޓަރ ވައިރަހެއް ހުރެދާނެކަމަށް ވިސްނައިގެން ރައްކާތެރިވެ އުޅުމާއި، އެފަދަ ވައިރަހެއް ނާރާވޭތޯ ބެލުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރުން.

(ބ) ސައިބަރ ލޯ ނުވަތަ އިންޓަރނެޓުގެ ހިދުމަތް ބޭނުން ކުރުމާބެހޭ ގާނޫނެއް ތައާރުފު ކޮށްފިނަމަ، އިސްވެ ބުނެވުނެ ކަންތައްތަކުގެ އިތުރުން، އެ ގާނޫނުގައިވާ ގޮތުގެ މަތިން އަމަލު ކުރުން.

 

2 ވަނަ މާއްއްދާ - ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 43 ވަނަ މާއްދާ އިސްލާހު ކުރެވުނުގޮތް:

43 ވަނަ މާއްދާމަގާމު އުވާލުން

(ހ) މަގާމު އުވާލާނީ، ސިވިސް ސަރވިސް ކޮމިށަނުންނެވެ. މަގާމު އުވާލާނީ ކޮމިށަނުން ފޮނުވާ ލިޔުމަކުންނެވެ.

(ށ) އުވާލެވިފައިވާ މަގާމެއްގެ ބަދަލުގައި މަގާމެއް އުފައްދަން ކޮމިށަނަށް ހުށަހަޅާއިރު، އެ މަގާމު ހުސްކޮށް އޮތްއިރު މަގާމުގެ މަސައްކަތްތައް ކުރަމުން ދިޔަގޮތް ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.

(ނ) މަގާމެއް އުވާލަން އޮފީހަކުން ބޭނުންވެއްޖެ ނަމަ، އެކަމަށް ބޭނުންވި އޮފީހަކުން، މަސްއޫލު އޮފީސް މެދުވެރިކޮށް ސިވިލް ސަރވިސް ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.

(ރ) އޮފީހުން ކުރަމުންދިޔަ މަސައްކަތެއް ހުއްޓާލައިފިނަމަ، ނުވަތަ އޮފީހުގެ މަސައްކަތުން ބައެއް އުނިވެއްޖެނަމަ، ހުއްޓާލި ނުވަތަ އުނިވި މަސައްކަތުގެ ބައިގެ ނިސްބަތުން މަގާމު އުނިކުރަން ވާނެއެވެ. އެ ގޮތަށް، މަސައްކަތުން ބައެއް އުނިކުރެވޭ ހާލަތުގައި، އެ މަސައްކަތެއް ކުރުމަށް އެއް މަގާމަށް ވުރެ ގިނަ މަގާމު އޮތް ނަމަ، އޮނިގަނޑުގައި ބާއްވާނެ މަގާމު ކަނޑައަޅާނީ މަގާމުގެ ބޭނުންތެރި ކަމުގެ މައްޗަށް ބަލާފައެވެ. އަދި އެ ގޮތަށް، މަސައްކަތުން ބައެއް އުނިކުރެވޭ ހާލަތުގައި، އެ މަސައްކަތެއް ކުރުމަށް އެކަކަށް ވުރެ ގިނަ މީހުން ތިބި ނަމަ، އެ މީހުންގެ ތެރެއިން ބަހައްޓާނެ މީހެއް ނުވަތަ ބަޔަކު ކަނޑައަޅާނީ މި ގަވާއިދުގެ 84 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާން ކުރާ މެރިޓް އުސޫލުންނެވެ.

(ބ) މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން މަގާމު އުނިކުރުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފުން، މި ގަވާއިދުގެ 112 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ނޯޓިސް ދިނުމަށްފަހު ވަޒީފާއިން ވަކިކުރެވިދާނެއެވެ.

 

3 ވަނަ މާއްއްދާ - ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 60 ވަނަ މާއްދާ އިސްލާހު ކުރެވުނުގޮތް:

60 ވަނަ މާއްދާ – އިތުރުގަޑީގެ ފައިސާ

ސިވިލް ސަރވިސްގެ މުވައްޒަފުން ލައްވައި އިތުރު ގަޑީގައި މަސައްކަތް ކުރުވިދާނެއެވެ. އިތުރުގަޑީގައި ކުރާ މަސައްކަތަކީ، ރަސްމީގަޑީގައި އެކަނި ކޮށްގެން ނިންމެން ނެތް މަސައްކަތަކަށް ވާންޖެހޭނެއެވެ. އަދި އެ މަސައްކަތަކީ، ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ އޮފީހުގެ ޒިންމާދާރު ވެރިޔާ ކަނޑައަޅާ އުސޫލެއްގެ މަތިން ހުއްދަ ލިބިގެން، އިތުރުގަޑީގައި ކުރާ މަސައްކަތެއް ކަމަށްވާން ޖެހޭނެއެވެ. ސިވިލް ސަރވިސްގެ މުވައްޒަފުން ލައްވާ ރަސްމީގަޑީގެ އިތުރަށް ނުރަސްމީ ގަޑީގައި މަސައްކަތް ކުރުވަން ޖެހިއްޖެނަމަ، ތިރީގައި މިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ.

(ހ) ސިވިލް ސަރވިސްގެ މުވައްޒަފަކު ލައްވައި، ދުވާލަކު 7 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުވައިފިނަމަ، އިތުރަށް މަސައްކަތްކުރުވި ވަގުތަށް އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ. އަދި ރަމަޒާން މަހު، މުވައްޒަފަކު ލައްވައި ދުވާލަކު 4.5 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުވައިފިނަމަ އެ ގަޑިތަކަށް އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ.

(ށ) ސިވިލް ސަރވިސްގެ މުވައްޒަފަކު ލައްވައި، ރަމަޒާން މަސް ފިޔަވައި އެހެން މަސްމަހު ހަފުތާއަކު 35 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުވައިފިނަމަ، އިތުރަށް މަސައްކަތްކުރުވި ގަޑިތަކަށް އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ. އަދި ރަމަޒާން މަހު، ހަފުތާއަކު 22.5 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުވައިފިނަމަ އެ ގަޑިތަކަށް އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ.

(ނ) ރަމަޒާން މަސް ފިޔަވައި އެހެން މަސްމަހު އިތުރުގަޑީގެ ފައިސާދޭނީ، މަސްދުވަހުގެ މުސާރަ 30ން ގެއްލީމާ ލިބޭ އަދަދު 7 ން ގެއްލީމާ އަންނަ އަދަދު، އެއީ ގަޑިއަކަށް ޖެހޭވަރުކަމަށް ބަލައިގެން، މި މާއްދާގެ (ށ) ގައި ވާ ގޮތުގެ މަތީންނެވެ.

(ރ) ރަމަޒާންމަހު އިތުރުގަޑީގެ ފައިސާ ދޭނީ، މަސްދުވަހުގެ މުސާރަ 30 ން ގެއްލީމާ ލިބޭ އަދަދު 4 ½  ން ގެއްލީމާ އަންނަ އަދަދަކީ، އެއީ ގަޑިއަކަށްޖެހޭވަރު ކަމުގައި ބަލައިގެން، މި މާއްދާގެ (ނ) ގައި ވާ ގޮތުގެ މަތީންނެވެ.

(ބ) މުވައްޒަފަކު ލައްވައި އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، އޭނާގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ، މަދުވެގެން 1 ¼  ބަޔަކަށްވާ ފައިސާ، އަދި އެފަދައިން މަސައްކަތް ކުރުވީ، ހުކުރު ދުވަހެއް ނުވަތަ ރަސްމީ ބަންދު ދުވަހެއްގައި ނަމަ، އެމީހެއްގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ މަދުވެގެން 1 ½  ބަޔަށްވާ ފައިސާ އިތުރުގަޑީގެ ފައިސާގެ ގޮތުގައި އެމުވައްޒަފަކަށް ދޭންވާނެއެވެ. އާންމުކޮށް މަސައްކަތް ކުރަންޖެހޭ ދުވަހެއްގެ ގޮތުގައި ރަސްމީ ބަންދު ދުވަހަކު މުވައްޒަފަކުލައްވާ މަސައްކަތް ކުރުވާނަމަ، އެ މުވައްޒަފަކަށް މަދުވެގެން ކަނޑައެޅިފައިވާ މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައި ކުޅަ އެއްބަޔާ އެއްވަރުގެ އަދަދެއްގެ ފައިސާ އިތުރުގަޑީގައި ލިބޭ ފައިސާގެ އިތުރުން އެ މުވައްޒަފެއްގެ މުސާރައިގައި ހިމަނައިގެން އެ މުވައްޒަފަކަށް ދޭންވާނެއެވެ.

(ޅ) އިތުރުގަޑީގެ ފައިސާ ދޭނީ، މަސްދުވަހަކަށްވާ ފައިސާ، އެއްފަހަރާއެވެ. މިގޮތުން އެ ފައިސާ ދޭނީ، ކުރީމަހުގެ 16 ން ހިނގާމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުގަޑިއަށްވާ ފައިސާ، ހިނގާމަހުގެ މުސާރަދޭ ދުވަހު މުސާރައާ އެކުގައެވެ.

 

4 ވަނަ މާއްއްދާ - ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 61 ވަނަ މާއްދާ އިސްލާހު ކުރެވުނުގޮތް:

61 ވަނަ މާއްދާ – އިސްތިސްނާ ކުރެވޭ ފަރާތްތަކަށް އިތުރުގަޑީގެ ފައިސާ ދިނުން

ވަޒީފާއާބެހޭ ގާނޫނުގެ 34 ވަނަ މާއްދާގައި ބުނެފައިވާ ފަދަ މަސައްކަތްކުރާ މުވައްޒަފުން ލައްވާ އިތުރުގަޑީގައި މަސައްކަތް ކުރުވާނަމަ، އެފަރާތްތަކަށް މި ގަވާއިދުގެ 60 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ. މިގޮތަށް މަސައްކަތް ކުރަންޖެހޭ ވަގުތު، އެ އޮފީހަކުން ކަނޑައަޅައި މުވައްޒަފުންނަށް އެކަން އަންގަންވާނެއެވެ.

(ށ) އަތޮޅުތަކަށާއި، އަތޮޅުތަކުން މާލެއަށާއި، އެއްއަތޮޅުން އަނެއް އަތޮޅަށާއި، އެއްރަށުން އަނެއްރަށަށް މުވައްޒަފުން ކުރާ ރަސްމީ ދަތުރުތަކުގައި، ދަތުރު އެލަވަންސް ދިން ނަމަވެސް، ދުވާލަކު 7 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ ގަޑިތަކަށް، އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ. މިގޮތަށް ފައިސާ ދޭނީ، އެ ދަތުރެއްގައި ދާން ބޭނުންވާ ތަނަކަށް ދިއުމަށްފަހު، އެ ތަނެއްގައި މަސައްކަތްކުރާ ވަގުތަށެވެ. އަދި އެ ވަގުތަކީ، 60 ވަނަ މާއްދާ ގައިވާ ގޮތުގެ މަތީން، ޕަރމަނަންޓް ސެކްރެޓަރީ ނުވަތަ އޮފީހުގެ ޒިންމާދާރު ވެރިޔާ ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރާ މަސައްކަތެއްގެ ވަގުތު ކަމަށްވާން ޖެހޭނެއެވެ.

(ނ) ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް މުދާ އަރުވައި ބޭލުމާއި އަދި އެފަދަ އުޅަނދުތަކަށް ބޭނުންވާ އެހެނިހެން ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމަށް އުޅަނދުފަހަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް، ދުވާލަކު 7 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ ގަޑިތަކަށް، އިތުރުގަޑީގެ ފައިސާ ދޭން ވާނެއެވެ. މިގޮތަށް އުޅަނދުފަހަރުގައި މަސައްކަތް ކުރަންޖެހޭ ވަގުތު އެ އޮފީހަކުން ކަނޑައަޅައި މުވައްޒަފުންނަށް އެކަން އަންގަންވާނެއެވެ.

 

5 ވަނަ މާއްއްދާ - ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 68 ވަނަ މާއްދާ އިސްލާހު ކުރެވުނުގޮތް:

68 ވަނަ މާއްދާ – ހާއްސަ އެހީގެ ފައިސާ

(ހ) މުވައްޒަފަކު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ މަސައްކަތުގައި އުޅެނިކޮށް، ނުވަތަ އޮފީހަކުން ފޮނުވައިގެން މަސައްކަތަށް ބޭނުންވާ ހާއްސަ ހުނަރެއް ދަސްކުރަން އުޅެނިކޮށް، ސިވިލް ސަރވިސްގެ ވަޒީފާގައި މަސައްކަތް ކޮށް ނޫޅޭވަރުގެ ގެއްލުމެއް، މުވައްޒަފެއްގެ ޖާނަށް ނުވަތަ ސިއްހަތަށް، ލިބިއްޖެނަމަ، އެކަމަކަށް ބޭސްކޮށްދިނުމުގެ އިތުރުން، އާމްދަނީއެއް ލިބޭ މަސައްކަތެއް ކުރެވޭވަރުވަންދެން، އަދި އާމްދަނީއެއް ލިބޭ ވަރުގެ މަސައްކަތެއް ކުރެވޭވަރު ނުވާނަމަ، އެމީހަކު ނިޔާވަންދެން، ހާއްސަ އެހީގެ ފައިސާގެ ގޮތުގައި، އެއިރަކު އެމީހަކަށް ލިބެމުން އައި މުސާރައިގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދަކަށް ފައިސާ، މަހު އެހީއެއްގެ ގޮތުގައި ކޮންމެ މަހަކު ވެސް ދޭންވާނެއެވެ. ސިވިލް ސަރވިސްގެ މަގާމެއްގައި މަސައްކަތްކޮށް ނޫޅެވޭ ވަރުގެ ގެއްލުމެއް މުވައްޒަފުގެ ޖާނަށް ނުވަތަ ސިއްހަތަށް ލިބިއްޖެނަމަ، އެ މުވައްޒަފަކަށް ޕެންށަނާބެހޭ ގާނޫނުގެ ދަށުން ލިބިދޭ އިނާޔަތްތައް ލިބުމާ ހަމަޔަށް ކޮމިށަނުން ކަނޑައަޅާ އުސޫލެއްގެ މަތިން ރިޓަޔަރމަންޓް ބެނެފިޓެއް ލިބިދޭން ވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ބަޔާންކުރާ ހާއްސަ އެހީ ހަމަޖައްސާނީ، އެ މައްސަލައެއް ދިމާވުމުން، އެމީހަކު އުޅޭ ދާއިރާގެ މަސްއޫލު އޮފީހުން އެކަމެއް ހިގި ގޮތުގެ ތަފުސީލާއެކު ސިވިލް ސަރވިސް ކޮމިށަނަށް ހުށަހެޅުމުން، ކޮމިށަނުން ބެލުމަށް ފަހު ކޮމިށަނުންނެވެ. އެ ފަދަ ކަމެއް ދިމާވެގެން، އެ ކަމެއް، މުވައްޒަފަކު އަމިއްލައަށްވެސް ކޮމިށަނަށް ތަފުސީލާއެކު ހުށަހެޅިދާނެއެވެ.

(ނ)  މި މާއްދާގެ (ހ) ގައިވާ ފަދަ ގޮތެއް ދިމާވާ މީހުންނަށް ދެވޭ ހާއްސަ އެހީގެ ފައިސާ ހަމަޖެއްސުމަށާއި ވަޒީފާއިން ވަކިކުރުމަށްޓަކައި، އެ އޮފީހަކުން ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.

(ރ) ސިވިލް ސަރވސްގެ ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު، ދިމާވާ ހާއްސަ ހާލަތަކާއި ގުޅިގެން ވަޒީފާ އަދާކުރުމަށް ނުކުޅެދޭ ހާލަތުގައި، އެކަމެއްގެ ތަފުސީލު ބަޔާންކޮށް މަސްއޫލު އޮފީސް މެދުވެރިކޮށް ތަފުސީލާއެކު އެކަން ކޮމިށަނަށް ހުށަހެޅުމުން، ކޮމިށަނުން އެކަމެއް ބެލުމަށްފަހު، އާމްދަނީއެއް ލިބޭ މަސައްކަތެއް ކުރެވޭވަރުވަންދެން، އަދި އާމްދަނީއެއް ލިބޭ ވަރުގެ މަސައްކަތެއް ކުރެވޭވަރު ނުވާނަމަ، އެމީހަކު ނިޔާވަންދެން، ހާއްސަ އެހީގެ ފައިސާ ހަމަޖައްސައި ދޭންވާނެއެވެ. މިގޮތުން ހާއްސަ އެހީގެ ފައިސާ ހަމަޖައްސާނީ އެމީހަކު 10 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާނަމަ، ވަޒީފާއިން ވަކިކުރެވުނުއިރު ލިބުނު މުސާރަ 40 އިން ގެއްލައި ހިދުމަތުގެ މުއްދަތާއި ގުނަކޮށްގެންނެވެ. މިގޮތުން އެހީގެ ފައިސާ ހަމަޖައްސައިދެވޭނީ މުވައްޒަފު ވަޒީފާއިން ވަކިކުރާ ތާރީހުން ފެށިގެންނެވެ.

(ބ) ސިވިލް ސަރވިސްގެ ގައުމީ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގައި އަމަލީގޮތުން ހަރަކާތްތެރި ވަނިކޮށް ދިމާވާ ނުވަތަ ދިމާކުރުވާ ހާދިސާއެއްގެ ސަބަބުން ނިޔާވާ ސިވިލް ސަރވިސްގެ މުވައްޒަފުން، އެމީހަކު ހީވާގި ކަމާއެކު ކޮށްދިން ގައުމީ ހިދުމަތް ސިވިލް ސަރވިސްއިން ވަޒަންކުރުމުގެ ގޮތުން، ނިޔާވި މުވައްޒަފުގެ އާއިލާއަށް ތިރީގައިވާ ގޮތުގެ މަތިން އިނާޔަތް ލިބިދެވޭނެއެވެ.

  1. ނިޔާވި މުވައްޒަފުގެ ޖަނާޒާގެ ހަރަދު
  2. ނިޔާވި މުވައްޒަފަށް ކަނޑައަޅާފައިވާ މުސާރައިގެ 60% (ފަސްދޮޅަސް އިންސައްތަ) އާއި އެ މުވައްޒަފު ދިވެހި ސިވިލް ސަރވިސްގެ ވަޒީފާގައި ހިދުމަތްކުރި މުއްދަތު ގުނަކުރުމުން ޖެހޭ އަދަދު، ގަނޑުކޮށް އެއްފަހަރާ ދެވޭ އިނާޔަތެއްގެ ގޮތުގައި އެމީހެއްގެ އާއިލާއަށް ލިބިދިނުން.
  3. ނިޔާވި މުވައްޒަފަށް ކަނޑައަޅާފައިވާ މުސާރައިގެ 140% (އެއްސަތޭކަ ސާޅީސް އިންސައްތަ) އަށްވާ ފައިސާ، ކޮންމެ މަހަކު ހާއްސަ އެލަވަންސެއްގެ ގޮތުގައި އެ މީހެއްގެ އާއިލާއަށް ލިބިދޭންވާނެއެވެ. މިގޮތުން ހުވަފަތް އަނބިން ނުވަތަ ފިރިމީހާ ކައިވެނިކުރަންދެން ނުވަތަ އޭނާގެ ދަރިންނަށް 18 އަހަރު ފުރެންދެން ނުވަތަ އޭނާ ބަލަންޖެހިފައިވާ މައިންބަފައިން ދުނިޔޭގައި ތިބިހާ ދުވަހަކު މި އެލަވަންސް ދޭންވާނެއެވެ.
  4. ނިޔާވި މުވައްޒަފުގެ 18 އަހަރު ނުފުރޭ ދަރިން ދިވެހިރާއްޖޭގައި ތައުލީމު ހާސިލުކުރަމުންދާނަމަ، ތައުލީމު އުނގެނުމަށް ދައްކަންޖެހޭ ފީ އާއި އިމްތިހާނުތަކަށް ދައްކަންޖެހޭ ފީ، އާއިލާއިން އެދިއްޖެނަމަ، ދޭންވާނެއެވެ.
  5. މުވައްޒަފު ނިޔާވުމުގެ ސަބަބުން އޭނާގެ އާއިލާ، ދިރިއުޅެމުން އައި ރަށުން މީހުން ދިރިއުޅޭ އެހެން ރަށަކަށް ނުވަތަ އަވަށަކަށް ދިރިއުޅުން ބަދަލުކުރާނަމަ، މުވައްޒަފުގެ އާއިލާއަށް ޕެސެޖު ފީ ލިބިދާނެއެވެ. ޕެސެޖު ފީ ދެވޭނީ، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ނުވަތަ އެއް އަވަށުން އަނެއް އަވަށަށް ބަދަލުވާނަމައެވެ.
  6. ނިޔާވި މުވައްޒަފު ބަލަންޖެހޭ މައިންބަފައިންނަށާއި ނުވަތަ 18 އަހަރު ނުފުރޭ ދަރިންނާއި، ހުވަފަތް އަނބިމީހާ ނުވަތަ ފިރިމީހާއަށް، އެއިރެއްގައި ސަރުކާރުން ހަމަޖައްސާފައި އޮންނަ ސިއްހީ ފަރުވާދޭ ނިޒާމެއްގެ ދަށުން ދިވެހިރާއްޖެއިން ބޭސްފަރުވާކުރުމުގެ ހިދުމަތް ހަމަޖައްސައި ދެވޭނެއެވެ. މިގޮތުން މި ހިދުމަތް ހަމަޖައްސައި ދެވޭނީ، އެފަދަ ހިދުމަތެއް ދައުލަތުން ފޯރުވައި ނުދޭނަމައެވެ. އަދި އަނބިންނަށް މި ހިދުމަތް ހަމަޖެހިފައި ނުވާނަމައެވެ. އަދި ފިރިމީހާއަށް މި ހިދުމަތް ހަމަޖައްސައި ދެވޭނީ އޭނާއަށް ދައުލަތުން އެފަދަ ހިދުމަތެއް ހަމަޖެހިފައި ނުވާނަމަ އާއި ޔަތީމުވި 18 އަހަރު ނުފުރޭ ދަރިން ބެލުމަށްޓަކައި އާމްދަނީ ހޯދުމަށް މަސައްކަތެއް ނުކުރާނަމައެވެ.
  7. ނިޔާވި މުވައްޒަފުގެ އާއިލާއަށް މި ގަވާއިދުގައި ބަޔާންވެފައިވާ އިނާޔަތް ލިބިދިނުމުގައި ނުވަތަ އިނާޔަތް ހަވާލުކުރުމުގައި ށަރުއީ ކޯޓަކުން ވަކިގޮތަކަށް ނިންމާފައި ނުވާ ހާލަތުގައި، އިނާޔަތް ހަވާލުކުރެވޭނީ އާއިލާގެ އެއް މެންބަރަކަށެވެ. މި އިނާޔަތް ދިނުމުގައި ނިޔާވި މުވައްޒަފުގެ އާއިލާ ކަމަށް ބަލާނީ އެމީހެއްގެ އަނބިން/ފިރި، އުފަންދަރިން އަދި މައިންބަފައިންނެވެ.

 

6 ވަނަ މާއްއްދާ - ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 123 ވަނަ މާއްދާ އިސްލާހު ކުރެވުނުގޮތް:

123 ވަނަ މާއްދާ – 55 އަހަރުވުމުން ކޮމިށަނަށް ލިބިދޭ އިހްތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރުން

(ހ) އުމުރުން 55 އަހަރު ވެފައިވާ މުވައްޒަފަކު، މުވައްޒަފުގެ ބަލިހާލަތު ހުރިގޮތުން ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން، ވަޒީފާ އަދާކުރުމަށް ނުކުޅެދިގެން މަސްއޫލު އޮފީހުން އެކަން ކޮމިށަނަށް ހުށަހަޅައިގެން ވަޒީފާއިން މުސްކުޅި ކުރާނަމަ، ވަޒީފާ އަދާކުރެވޭވަރު ނުވާކަމަށް މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގައި ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.

(ށ) ސަރުކާރުގެ އޮނިގަނޑަށް ގެނެވޭ ބަދަލެއް ނުވަތަ އޮފީހުގެ ހިންގުމަށް ގެނެވޭ ބަދަލެއްގެ ސަބަބުން މަސައްކަތް އުނިވެ، މަސައްކަތް ކުރަންތިބި މުވައްޒަފުން އިތުރުވެ، އިތުރުވާ މުވައްޒަފުންގެ ތެރޭގައި އުމުރުން 55 އަހަރުވެފައިވާ މުވައްޒަފަކުހުރެ، ވަޒީފާއިން ދޫކޮށްލަންޖެހޭނަމަ، އެ މުވައްޒަފަކު ކޮމިށަނަށް ލިބިދޭ އިހުތިޔާރުގެ ދަށުން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރުމަށް އެ މުވައްޒަފަކު މަސައްކަތްކުރާ ދާއިރާއެއްގެ މަސްއޫލު އޮފީހަކުން ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ނ) އުމުރުން 55 އަހަރުވެފައިވާ މުވައްޒަފަކަށް ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ބޭނުންވާ ތަމްރީނެއް ނުވަތަ ހުނަރެއް ލިބިފައި ނެތުމުގެ ސަބަބުން، ވަޒީފާ އަދާކުރުމަށް ނުކުޅެދޭނަމަ ނުވަތަ ވަޒީފާ ރަނގަޅަށް އަދާނުކުރެވޭނަމަ، އެ ތަމްރީނެއް ނުވަތަ ހުނަރެއް ލިބިގަތުމުގެ ފުރުސަތު އެ އޮފީހަކުން ތަނަވަސްކޮށް ދިނުމަށްފަހު، އެ މުވައްޒަފު އެ ފުރުސަތުގެ ބޭނުން ނުހިފައިފިނަމަ ނުވަތަ ދެވުނު ފުރުސަތާ ގުޅިގެން އިތުރު ކުރިއެރުމެއް މުވައްޒަފަށް ލިބިފައި ނުވާނަމަ، މި ކަންތައްތަކުގެ ތަފުސީލު ބަޔާންކޮށް ވަޒީފާއިން މުސްކުޅިކޮށް ވަކިކުރުމަށް މަސްއޫލު އޮފީހުން ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.

(ރ) ސިވިލް ސަރވިސްގެ އިދާރާއެއްގެ އިދާރީ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ނުވަތަ އޮފީހުގެ ހިންގުމަށް އެދެވޭ ބަދަލެއް ގެނެވިދާނެކަމަށް ނުވަތަ ތަނުން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެ އޮފީހަކުން އެކަން ބަޔާންކޮށް ސިވިލް ސަރވިސް ކޮމިށަނަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ސިވިލް ސަރވިސް ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި، އުމުރުން 55 އަހަރުވެފައިވާ މުވައްޒަފަކަށް ސިވިލް ސަރވިސްގެ ގާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކޮމިށަނަށް ލިބިފައިވާ އިހުތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅި ކުރެވިދާނެއެވެ. މިގޮތަށް ކޮމިށަނަށް ލިބިދެ އިހުތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅިކުރަން ބޭނުންނަމަ، ތަފުސީލާއެކު މަސްއޫލު އޮފީހުން ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ބ) ކޮމިށަނަށް ލިބިދޭ އިހުތިޔާރުގެ ދަށުން މުވައްޒަފަކު އުމުރުން 55 އަހަރުވުމުން ވަޒިފާއިން މުސްކުޅިކޮށް ވަކިކުރުމަށް ހުށަހަޅާއިރު، އެ އޮފީހެއްގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީގައި މަށްވަރާކޮށް، އެ މަށްވަރާގައި ނިންމި ގޮތެއް ލިޔުމުން ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ޅ) އުމުރުން 55 އަހަރުވުމުން، ކޮމިށަނަށް ލިބިދޭ އިހުތިޔާރުގެ ދަށުން، ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅިކޮށް ވަކިކުރެވޭ މުވައްޒަފުންނަށް ދެވޭ މުސްކުޅި ކުރުމުގެ އިނާޔަތް މި ގަވާއިދުގެ ޖަދުވަލު 15 ގައި ވާނެއެވެ.

 

7 ވަނަ މާއްއްދާ - ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 124 ވަނަ މާއްދާ އިސްލާހު ކުރެވުނުގޮތް:

124 ވަނަ މާއްދާ – ޕެންށަން

ސިވިލް ސަވިސްގެ މުވައްޒަފުންނަށް ޕެންށަން ދެވޭނީ ދިވެހި ރާއްޖޭގެ ޕެންށަނާބެހޭ ގާނޫން (ގާނޫނު ނަންބަރު 8/2009) އާއި، އެ ގާނޫނުގެ ދަށުން ހެދޭ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

 

8 ވަނަ މާއްއްދާ - ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 275 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ މާއްދާ އިސްލާހު ކުރެވުނުގޮތް:

275 ވަނަ މާއްދާ – ދިވެހި ސިވިލް ސަރވިސް އިން ދޭ ހިދުމަތެއް ދިނުމަށް ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން މުވައްޒަފުން ގެންގުޅުން

(ހ) ދިވެހި ސިވިލް ސަރވިސްއިން ދޭ ހިދުމަތެއް ދިނުމަށް ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން ދެގޮތަކަށް މީހުން ގެންގުޅެވިދާނެއެވެ. މިގޮތުން މުވައްޒަފުން ގެންގުޅެވޭނެ 2 ގޮތް ތިރީގައި މިވަނީއެވެ.

1. މަސައްކަތްކުރާ ދުވަހަށް ވަގުތަށް އުޖޫރަދޭ ގޮތަށް މީހުން ގެންގުޅުން. މިއީ ދާއިމީ ނުވަތަ ވަގުތީ ވަޒީފާއެއްގައި ނުވަތަ ކޮންޓްރެކްޓް އެމްޕްލޯއިމަންޓުގެ ދަށުން މުވައްޒަފަކު ވަޒީފާއެއްގައި ގެންގުޅެ، ކަނޑައެޅިފައިވާ މަހު މުސާރަ ދިނުމުގެ ބަދަލުގައި، މަސައްކަތްކުރާ ދުވަހަށް ނުވަތަ ވަގުތަށް އުޖޫރަ ދީގެން މީހުން ގެންގުޅުމެވެ. މިގޮތަށް މީހަކު ގެންގުޅެވޭނީ މަހަކު ގިނަވެގެން 250 ގަޑިއިރުގައެވެ.

 

9 ވަނަ މާއްއްދާ - ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 150 ވަނަ މާއްދާގެ (ހ) އިސްލާހު ކުރެވުނުގޮތް:

150 ވަނަ މާއްދާ – މަސައްކަތު ގަޑި

އާންމުގޮތެއްގައި އޮފީސްތަކުގެ ރަސްމީ މަސައްކަތުގަޑީގެ ދިގުމިނަކީ 7 ގަޑިއިރެވެ. ރަސްމީ ގަޑިއަކީ ހެނދުނު 8:00 ން މެންދުރުފަހު 3:00 އަށެވެ. ރަމަޒާންމަސް ފިޔަވައި އެހެނިހެން މަސްމަހުގައި މެންދުރު 12:00 ން މެންދުރު ފަހު 12:45 އަށް، 45 މިނިޓްގެ ހުސްވަގުތުކޮޅެއް ދޭންވާނެއެވެ. މެންދުރު 12:00 ން 12:45 އަށް ދެވޭ ހުސްވަގުތުކޮޅުގައި އާންމުންނަށް އޮފީހުން ދޭ އަސާސީ ހިދުމަތް ހުއްޓުމަކަށް ނާންނާނެ އިންތިޒާމެއްގެ މަތިން މުވައްޒަފުންނަށް އޮފީހުން ބޭރަށް ދެވޭނެއެވެ.

 

10 ވަނަ މާއްއްދާ - ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 154 ވަނަ މާއްދާގެ (ވ) އިސްލާހު ކުރެވުނުގޮތް:

154 ވަނަ މާއްދާ – ގަޑި ޖެހުން

(ވ) ގަޑީ ލާރި ކެނޑުމުގައި ވަގުތު ބަލާނީ މިނެޓުންނެވެ. މިނިޓަކަށް ޖެހޭ އަދަދު ބަލާނީ މަހު މުސާރަ 30 އިން ގެއްލައި، ގެއްލީމާ އަންނަ އަދަދު، ސިވިލް ސަރވިސްގެ އާންމު ރަސްމީ ގަޑި ކަމަށް ހަމަޖައްސާފައި އޮންނަ ގަޑީގެ އަދަދުން ގެއްލައި، ގެއްލީމާ އަންނަ އަދަދު 60 އިން ގެއްލައިގެންނެވެ. އެއީ، ރަމަޒާން މަސް ފިޔަވައި އެހެން މަސްމަހު، މަހު މުސާރަ 30 އިން ގެއްލީމާ އަންނަ އަދަދު 7 ން ގެއްލީމާ އަންނަ އަދަދު 60 ން ގެއްލައިގެންނެވެ. ރަމަޒާން މަހު މަހު މުސާރަ 30 އިން ގެއްލީމާ އަންނަ އަދަދު 4.5 ން ގެއްލީމާ އަންނަ އަދަދު 60 ން ގެއްލައިގެންނެވެ.

 

މައި ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2010 (ގަވާއިދު ނަންބަރު 1/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު