ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 43/2012)
1 ވަނަ މާއްދާ – ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.
(ރ) ދަތުރު ރާވައި ހިންގުމުގެ ހުއްދައަށް އެދޭ ފަރާތް، ނުވަތަ އެފަރާތަކީ ކުންފުންޏެއް ނުވަތަ އެނޫންވެސް ވިޔަފާރި ޖަމާއަތެއް އަދި އެކުންފުންޏެއްގެ ނުވަތަ ވިޔަފާރި ޖަމާއަތެއްގެ ޑައިރެކްޓަރުންނަކީ، ޓްރެވަލް އެޖޭންސީ ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ދުވަހާ ހަމައަށް ފާއިތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި، ވައްކަން، ޓެކުން، ފޭރުން، ހިޔާނާތް އަދި މަކަރާއި ހީލަތް، މިއިން ކުށެއްގެ ރިކޯޑެއް ނެތް ފަރާތެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ރާއްޖޭގެ ކޯޓުތަކުން ދީފައިވާ ލިޔުމެއް އޮތުން، މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ދޫކުރެވޭ ހުއްދަ އައުކުރުމަށް ހުށަހަޅާއިރުވެސް، ހުއްދަ އައުކުރުމަށް ހުށަހަޅާ ދުވަހާ ހަމައަށް ފާއިތިވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި މި މާއްދާގައި ބުނެފައިވާ ކުށުގެ ރިކޯޑެއް ނެތްކަން އަންގައިދޭގޮތެއް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ރާއްޖޭގެ ކޯޓުތަކުން ދީފައިވާ ލިޔުމެއް އޮންނަންވާނެއެވެ.
2 ވަނަ މާއްދާ – ގަވާއިދުގެ 10 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.
(ކ) ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމަށް ހުއްދަދެވޭ އޮފީހުގެ އިމާރާތުގެ ފެންވަރު ހުންނަންޖެހޭނީ ތިރީގައިވާ މިންގަނޑުތަކަށް ފެތޭގޮތަށެވެ.
- އޮފީހުގެ ގޮތުގައި ބޭނުންކުރާ ތަން އެއަރކަންޑިށަން ކޮށްފައިވާނަމަ، ތަޅުމާއި ސީލިންގާ ދެމެދު އުސްމިނުގައި މަދުވެގެން 8 ފޫޓު ހުންނަންވާނެއެވެ. އަދި ސީލިންގުގައި ފަންކާ ހަރުކޮށްފައިވާނަމަ ތަޅުމާއި ސީލިންގާ ދެމެދު އުސްމިނުގައި މަދުވެގެން 9 ފޫޓު ހުންނަންވާނެއެވެ.
- އޮފީހުގެ ގޮތުގައި ބޭނުންކުރާ ތަނުގެ ބޮޑުމިނުގައި މަދުވެގެން 64 އަކަފޫޓު ހުންނަންވާނެއެވެ.
- އޮފީހުގެ ގޮތުގައި ބޭނުންކުރާ ތަކުގެ ފުޅާމިނުގައި މަދުވެގެން 7 ފޫޓު ހުންނަންވާނެއެވެ.
- އޮފީހުގެ ގޮތުގައި ބޭނުންކުރާ ތަން ހުންނަން ވާނީ އެއަރކަންޑިށަންކުރެވިފައި ނުވަތަ އެއްރކަންޑިށަން ނުކުރާނަމަ ސިއްހީ ގޮތުން އެކަށީގެންވާ ފަދަ ގޮތަކަށް ވައި ދައުރުކުރެވޭ ގޮތަށެވެ.
- އޮފީސް ހުންނަންވާނީ އެކަށީގެންވާވަރަށް އަލިކުރެވޭ ގޮތަށެވެ.
- އޮފީހުގެ ދޮރުފަތް ހުންނަން ވާނީ ތަޅުލެވޭގޮތަށް ތަޅު ހަރުކުރެވޭ ގޮތަށެވެ.
(އ) ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމަށް ހުއްދަދެވޭ އޮފީހަކީ ވަކިން ވަދެނިކުމެ އުޅެވޭގޮތަށް ވަކިން ހުންނަ އޮފީހަކަށް ވާންވާނެއެވެ. މީހުން ދިރިއުޅޭ އެޕާރޓްމަންޓް ނުވަތަ ގެއެއްގެ ކޮޓަރިއެއް ނުވަތަ ބައެއްވިޔަސް އޮފީހުގެ ގޮތުގައި ބޭނުންކުރެވޭނީ އެ އޮފީހަކަށް ވަކިން ވަދެނިކުމެ އުޅެވޭގޮތަށް ޕާޓިށަން ޖަހައި ވަކިކުރެވިފައި ހުރެއްޖިނަމައެވެ. ނަމަވެސް، ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމަށް ހުއްދަ ދީފައިވަނީ ތަފާތު އެކިއެކި މަސައްކަތްކުރާ ކުންފުންޏަކަށްވެފައި، އެ ކުންފުނީގެ އޮފީހެއްގައި ވަކިން ޕާޓިށަންޖަހައިގެން ހަދާފައިވާ ބައެއް، ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމަށް ބޭނުންކުރާ އޮފީހެއްގެ ގޮތުގައި ބެހެއްޓިދާނެއެވެ. އަދި ކުންފުނީގެ ޓެލެފޯނު އަދި ފެކްސް ނަމްބަރަކީ، ދަތުރު ރާވައި ހިންގުމުގެ އޮފީހާ ގުޅޭ ފޯނުނަމްބަރު ކަމުގައި ހަމަޖެއްސިދާނެއެވެ.
(ވ) ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމަށް ހުއްދަ ދެވޭ އޮފީސް، ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ މަސައްކަތް ފިޔަވައި، އެހެން ބޭނުމަކަށް ނުވަތަ އެހެން މަސައްކަތެއް ކުރުމަށް ބޭނުންކޮށްގެން ނުވާނެއެވެ.
3 ވަނަ މާއްދާ – މިގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ދިވެހިރާއްޖޭގައި ޓުއަރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާބެހޭ ގަވާއިދު 2006
ކިޔުންތެރިންގެ ހިޔާލު