އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 16/2013)
1 ވަނަ މާއްދާ - ތައާރުފު
މިގަވާއިދަކީ "އެއްގަމު ދަތުރުފަތުރުގެ ގާނޫނު" ގެ ދަށުން ކަނޑައަޅާ އާންމު ރަޖިސްޓަރީ ނަންބަރު އެނގޭ ގޮތަށް އެއްގަމު އުޅަނދުގައި ނުވަތަ އެ އުޅަނދު ދުއްވާ މީހާގެ އަތުގައި ރަޖިސްޓަރީގެ މައުލޫމާތު އޮތުމާއެކު ރަޖިސްޓަރީ ނަންބަރުގެ ބަދަލުގައި ވަކި ނަންބަރެއް ނުވަތަ ނަމެއް (ޑޮމެއިން) ބޭނުންކުރަން ބޭނުންވާ ފަރާތްތަކަށް، އެނަންބަރު ނުވަތަ ނަންދޫކުރުމާއި، ވިއްކުމާއި، ބަދަލުކުރުމާއި، އަގުކަނޑައެޅުމާއި، ބޭނުންކުރުމުގެ ހަމަތައް ކަނޑައެޅުމުގެ ގަވާއިދެވެ.
2 ވަނަ މާއްދާ - ގަވާއިދު ހެދުމުގެ ބާރު
މިގަވާއިދު ހެދުމުގެ ބާރު ލިބިދެނީ ގާނޫނު ނަންބަރު 5/2009 "އެއްގަމު ދަތުރުފަތުރުގެ ގާނޫނު" ގެ 3 ވަނަ މާއްދާގެ (ހ) އާއި 20 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ.
3 ވަނަ މާއްދާ - ގަވާއިދުގެ ނަން
މިގަވާއިދަށް ކިޔާނީ "އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދު" އެވެ.
4 ވަނަ މާއްދާ - ގަވާއިދުގެ ހަދައި ހިންގާ ފަރާތް
މިގަވާއިދު ހިންގާނީ އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުމަށް އެވަގުތަކު ސަރުކާރުން ހަމަޖައްސާ ވުޒާރާއިންނާއި އެއްގަމު ދަތުރުފަތުރުގެ ވުޒާރާއިން އިހުތިޔާރު ދީފައިވާ ފަރާތްތަކުންނެވެ.
5 ވަނަ މާއްދާ - ރަޖިސްޓަރީ ނަންބަރުގެ ބަދަލުގައި ޑޮމެއިން ބޭނުންކުރުން
(ހ) ޑޮމެއިންގެ ގޮތުގައި ބޭނުންކުރާ ނަންބަރަކީ އެއްގަމު އުޅަނދެއް ރަޖިސްޓްރީ ކުރާއިރު އުޅަނދުގައި ޖެހުމަށް ކަނޑައަޅާ ރަޖިސްޓްރީ ނަންބަރުގެ ބަދަލުގައި، މި ގަވާއިދުގައި ވާގޮތުގެމަތިން ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާ ހާއްސަ ނަންބަރު ނުވަތަ ނަމެކެވެ.
(ށ) އެއްގަމު އުޅަނދެއްގައި ޑޮމެއިންގެ ގޮތުގައި ކަނޑައަޅާފައިވާ ނަންބަރެއް ނުވަތަ ނަމެއް ބޭނުންކުރަންވާނީ އެ އުޅަނދެއްގައި ޑޮމެއިން ބޭނުން ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީގައި ނުވަތަ އެ އޮތޯރިޓީން ކަނޑައަޅާފައިވާ ތަނެއްގައި ރަޖިސްޓަރީކޮށްގެންނެވެ.
(ނ) ޑޮމެއިން ކަނޑައެޅުމުގައި ބަލަންވާނީ މަސްލަހަތު ނުގެއްލޭފަދަ މުޖުތަމައުގައި ބޭނުންކުރުން އެކަށީގެންވާ ނަމެއް ނުވަތަ ނަންބަރަކެވެ.
(ރ) ޑޮމެއިން ރަޖިސްޓްރީކޮށް ހުއްދަ ހެދުމާއި ވެރިފަރާތް ބަދަލުކޮށް، ޑޮމެއިން ބޭނުންކުރާ އުޅަނދު ބަދަލުކުރަން ހުށަހަޅަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކުގައެވެ.
- ފުރިހަމަކޮށްފައިވާ ހިދުމަތަށް އެދޭ ފޯމު
- ހިދުމަތަށް އެދޭފަރަތުގެ އައި.ޑީ ކާދުގެ އަސްލާއި ކޮޕީ
(ބ) އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ރަޖިސްޓަރީ ނަންބަރުގެ ބަދަލުގައި ޑޮމެއިން ޖަހަން ބޭނުންވާ ފަރާތްތަކަށް ޑޮމެއިން ޖެހިދާނެއެވެ. ޑޮމެއިން ބޭނުންކުރާއިރު، ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ އުޅަނދުގައި ނުވަތަ އެ އުޅަނދެއް ދުއްވާ މީހާގެ އަތުގައި އޮންނަންވާނެއެވެ. އަދި ޑޮމެއިން ބޭނުން ކުރުމަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދު ނޫން އުޅަނދެއްގައި ޑޮމެއިން ބޭނުން ކުރުމަކީ މަނާކަމެކެވެ.
(ޅ) ޑޮމެއިން ބޭނުންކުރާ އުޅަނދުގެ ނަންބަރު ބޯޑް ހުންނަންވާނީ "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށެވެ.
(ކ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޑޮމެއިން ވިޔަފާރި އުސޫލުން ބޭނުންކުރާ އެއްވެސް އުޅަނދެއްގައި ބޭނުންކުރުމަކީ ނަމާކަމެކެވެ.
(އ) ޑޮމެއިން ނަންބަރު ނުވަތަ ނަން ދޫކުރުމުގައި އުޅަނދުގެ ވަކި ގިނަތިއެއްގައި ބޭނުންކުރުމަށް ދޫކޮށްފައިވާ ނަމެއް ނުވަތަ ނަންބަރެއް އެއ ގިންތިއެއްގެ އެހެން އުޅަނދެއްގައި ބޭނުންކުރުމަށް 2 ވަނަ ފަރާތަކަށް ދޫނުކުރެވޭނެއެވެ. އަދި އުޅަނދެއްގައި ބޭނުންކުރުމަށް ދޫކުރެވިފައިވާ ޑޮމެއިނެއް އެއްވަގުތެއްގައި އެއް ގިންތިއެއްގެ 2 އުޅަނދުގައި ބޭނުންކުރުމަކީ މަނާކަމެކެވެ.
(ވ) ޑޮމެއިން ބޭނުންކުރެވޭނީ AO, A1 އަދި B1 ގިންތީގައި ހިމެނޭ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގައެވެ.
(މ) ޑޮމެއިންގެ ގޮތުގައި ރަޖިސްޓަރީ ކޮށްދެވޭނީ މި މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޓްރާންސްޕޯޓް އޮތޯރިޓީން ޑޮމެއިން އެއް ގޮތުގައި ދޫކޮށްފައިވާ ނަމާއި ނަންބަރެވެ.
6 ވަނަ މާއްދާ - ޑޮމައިން ވިއްކުމުގައި ދިމާވާ މައްސަލަ ހައްލުކުރުން
(ހ) ޑޮމެއިން ވިއްކުމުގައި ދިމާވާ މައްސަލަ ހައްލުކުރުމަށްމި މާއްދާގައި ކަނޑައަޅާފައިވާ ދާއިރާތަކުން މަދުވެގެން 5 (ފަހެއް) މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެކުލަވައިލަން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމެޓީ ކަނޑައަޅާނީ ޓްރާންސްޕޯޓް އޮތޯރިޓީންނެވެ. މި ކޮމިޓީ އެކުލަވައިލާނީ ތިރީގައިވާ ދާއިރާތައް ހިމެނޭ ގޮތަށެވެ.
- ޓްރާންސްޕޯޓް އޮތޯރިޓީ
- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ
- މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކޮމެޓީން ކަމެއް ނިންމަން ވާނީ މަދުވެގެން ތިން މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
7 ވަނަ މާއްދާ - ޑޮމެއިން ނަންބަރު ވިއްކުން
(ހ) ޑޮމެއިން ވިއްކަން ވާނީ އެ ޑޮމެއިން ވިއްކުމުގައި މަދުވެގެން 7 ދުވަސް ކުރިން އާންމުކޮށް އިއުލާންކޮށް އެކަމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހެޅި ފަރާތަކަށެވެ.
(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޑޮމެއިން ވިއްކާނީ ނީލަން ނުވަތަ ބީލަމުގެ އުސޫލުންނެވެ.
(ނ) AO, A1 ގިންތީގެ އުޅަނދަށް ވިއްކާ ނަންބަރު ނުވަތަ ނަން ނީލަން ނުވަތަ ބީލަން ފެށޭ އަގަކީ މަދުވެގެން 15000.00 (ފަނަރަހާސް) ރުފިޔާއެވެ. އަދި B1 ގިންތީގެ އުޅަނދަކަށް
ވިއްކާ ނަންބަރު ނުވަތަ ނަމުގެ ނީލަން ނުވަތަ ބީލަން ފެށޭ އަގަކީ މަދުވެގެން 25000.00 (ފަންސަވީސްހާސް) ރުފިޔާއެވެ.
8 ވަނަ މާއްދާ - ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ދެވޭ އަދަބު
މި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ދެވޭ އަދަބަކީ 750 (ހަތް ސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.
9 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
10 ވަނަ މާއްދާ - މާނަކުރުން
(ހ) "ޑޮމެއިން" ކަމުގައި ބުނެފައި އެވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދެއް ރަޖިސްޓަރީ ކުރާއިރު އުޅަނދުގައި ޖެހުމަށް ކަނޑައަޅާ ރަޖިސްޓަރީ ނަންބަރުގެ ބަދަލުގައި، ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާ ހާއްސަ ނަންބަރު ނުވަތަ ނަމަކަށެވެ.
(ށ) "ނަންބަރު" ކަމުގައި ބުނެފައި އެވަނީ ޑޮމެއިންގެ ގޮތުގައި ދޫކުރާ ނަންބަރު ނުވަތަ ނަންބަރު ތަކަށެވެ.
(ނ) "ނަން" ކަމުގައި ބުނެފައި އެވަނީ، ޑޮމެއިންގެ ގޮތުގައި ދޫކުރާ ދިވެހި ނުވަތަ އިނގިރޭސި ނަމަށެވެ.
(ރ) "ގިންތި" ކަމުގައި ބުނެފައި އެވަނީ، "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު" ގައި އުޅަނދުތައް ބަހާލެވިފައިވާ ގިންތިތަކަށެވެ.
މި ގަވާއިދަށް ގެނެވުނު އިސްލާހު
މައި ގާނޫނު
އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 5/2009)
ކިޔުންތެރިންގެ ހިޔާލު