ގަވާއިދު ނަންބަރު 44/2012 (ޓުއަރގައިޑުންނާބެހޭ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 39/2013)
ޓުއަރ ގައިޑުންނާބެހޭ ގަވާއިދަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދަ އަންނަނިވި ގޮތަށް އިސްލާހުކުރުން.
5. (ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބުނެފައިވާ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅާއިރު މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ޓުއަރ ގައިޑުކަން ކުރުމުގެ ހުއްދައަށް އެދޭ ފޯމު" ފުރިހަމަކުރެއްވުމަށްފަހު އެފޯމާއެކު ތިރީގައި މިވާ ލިޔުންތަކުގެ އަސްލާއި ކޮޕީ ހުށަހަޅަން ވާނެއެވެ. އަސލު ލިބެން ނެތްނަމަ އެލިޔުމެއް ދޫކުރި ފަރާތުން ނުވަތަ އިތުބާރުހުރި ފަރާތަކުން އެކްރެޑިޓް ކޮށްފައިވާ އެލިޔުމެއްގެ ކޮޕީ ހުށަހެޅިދާނެއެވެ. އަދި ހުއްދައަށް އެދި ހުށަހަޅާތާ ގިނަވެގެން 10 ދުވަހުގެ ތެރޭގައި ހުށަހެޅި ފަރާތަށް ލިޔުމުން ޖަވާބު ދޭންވާނެއެވެ.
- ޓުއަރ ގައިޑުކަން ކުރުމުގެ ހުއްދައަށް އެދޭ މީހާ މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަ ތަމްރީނު ކޯސް ފުރިހަމަ ކޮށްފައިވާކަމުގެ ލިޔުން.
- ޓުއަރ ގައިޑުކަން ކުރުމުގެ ހުއްދައަށް އެދޭ މީހާއަކީ، ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ދުވަހާ ހަމައަށް ފާއިތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި، ވައްކަން، ޓެކުން، ފޭރުން، ހިޔާނާތް، މަކަރާއި ހީލަތް، މާރާމާރި، މަސްތުވާތަކެތީގެ މައްސަލައެއް، ކުޑަކުއްޖަކާމެދު ބަދުއަހުލާގީ އަމަލެއް ހިންގިކަން އަދި މީހެއްގެ އިއްފަތްތެރިކަން ފޭރިގަތުން، މިއިން ކަމެއްގެ ރިކޯޑެއް ނެތްކަމަށް މި ގަވާއިދުގެ ޖަދުވަލު 2 ގައި ހިމަނާފައިވާ ފޯމު ފުރިހަމަކޮށް އެ ފޯމު.
- ޓުއަރ ގައިޑުކަން ކުރުމުގެ ހުއްދައަށް އެދޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ކޮޕީ. (ފޯމު ހުށަހަޅާ ވަގުތު ކޮޕީއަކީ އަސްލާ އެއްގޮތް އެއްޗެއްތޯ ބެލުމަށްފަހު، އަސްލު ވަގުތުން ދޭންވާނެއެވެ.)
(ށ) އެއަރޕޯޓް ރެޕްރެޒެންޓެޓިވެއްގެ ގޮތުގައި ނުވަތަ ރިޒޯޓް ބަޓުލަރެއްގެ ގޮތުގައި ނުވަތަ ޓޫރިސްޓް ހިދުމަށްދޭ ތަންތަނުގައި ރެޕްރެޒެންޓެޓިވްއެއްގެ ގޮތުގައި ހިދުމަތްދޭ ފަރާތްތަކުން، ޓުއަރ ގައިޑުކަންކުރަން ބޭނުންނަމަ، އެފަރާތްތަކަށް މި ގަވާއިދުގެ ދަށުން ފާހެއް ދޫކުރެވިދާނެއެވެ. އަދި މިފާހުގެ މުއްދަތަކީ އެންމެ ގިނަވެގެން 1 (އެކެއް) އަހަރު ދުވަހެވެ. އަދި މިފާސް އައުކުރަން ނުވަތަ އެއް އަހަރުދުވަސް ހަމަވުމުން ޓުއަރ ގައިޑުކަން ކުރަންބޭނުންނަމަ، ޓުއަރ ގައިޑުކަން ކުރެވޭނީ މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބުނެފައިވާ ށަރުތުތައް ފުރިހަމަކުރުމުންނެވެ.
(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ހުއްދަ ދޫކުރަންވާނީ ތިރީގައި މިވާށަރުތުތައް ފުރިހަމަ ކުރާ ފަރާތްތަކަށެވެ.
- މިގަވާއިދުގެ 8 ވަނަ މާއްދާގެ (ހ)، (ށ) އަދި (ރ) ގައި ބުނެފައިވާ ށަރުތުތައް ފުރިހަމަވުން.
- މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ)ގައި ބުނެފައިވާ ކޯހަށް ހޮވިފައިވާ ފަރާތެއްކަން އަންގައިދޭ ގޮތަށް އެކޯސް ހިންގާ ފަރާތަކުންދީފައިވާ ލިޔުމެއް އޮތް ފަރާތަކަށްވުން.
2 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރު 2000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުމާއެކު 6 މަސްދުވަހުގެ މުއްދަތަށް ފާސް ހިފެހެއްޓުން.
(ށ) ގަވާއިދާ ހިލާފުވާ ދެވަނަ ފަހަރު 5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުމާއެކު 1 އަހަރުދުވަހުގެ މުއްދަތަށް ފާސް ހިފެހެއްޓުން.
(ނ) ގަވާއިދާ ހިލާފުވާ ތިންވަނަ ފަހަރު 10000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރުމާއެކު 2 އަހަރުދުވަހުގެ މުއްދަތަށް ފާސް ހިފެހެއްޓުން.
3 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު