ޓުއަރ ގައިޑުންނާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 44/2012)

0 occurrences found.

ޓުއަރ ގައިޑުންނާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 44/2012)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރުލިބިގެން ޓުއަރ ގައިޑުންނާއި ބެހޭގޮތުން ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވާލެވިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ޓުއަރ ގައިޑުންނާ ބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މިގަވާއިދުގެ މަގުސަދަކީ ޓުއަރ ގައިޑުކަން ކުރުމުގެ ހުއްދަދޫކުރުމާއި، އުސޫލު ކަނޑައެޅުމާއި، ޓުއަރ ގައިޑުންގެ ސުލޫކީ މިންގަނޑު ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - ޓުއަރ ގައިޑުކަން ކުރުން

ދިވެހިރާއްޖޭގައި އެއްވެސް މީހަކު ގައިޑުކަން ކުރަންވާނީ ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނު) އާއި މިގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެކަމަށް މިނިސްޓްރީން ދޫކުރާ ހުއްދަ ހޯދުމަށް ފަހުގައެވެ.

 

4 ވަނަ މާއްދާ - ހުއްދަ ދޫކުރެވޭނެ ފަރާތްތައް

އެހެން ގަވާއިދަކުން މިނޫންގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ދިވެހިރާއްޖޭގައި ޓުއަރ ގައިޑުކަން ކުރުމުގެ ހުއްދަ ދޫކުރެވޭނީ ދިވެހި ރައްޔިތުންނަށެވެ.

 

5 ވަނަ މާއްދާ - ހުއްދައަށް އެދި ހުށަހެޅުން

މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބުނެފައިވާ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅާއިރު މިގަވާއިދުގެ ޖަދުވަލު 1 ގައިވާ "ޓުއަރ ގައިޑުކަން ކުރުމުގެ ހުއްދައަށް އެދޭ ފޯމު" ފުރިހަމަކުރެއްވުމަށްފަހު އެފޯމާއެކު ތިރީގައިމިވާ ލިޔުންތަކުގެ އަސްލާއި ކޮޕީ ހުށަހަޅަންވާނެއެވެ. އަސްލު ލިބެން ނެތްނަމަ އެލިޔުމެއް ދޫކުރި ފަރާތުން ނުވަތަ އިތުބާރުހުރި ފަަރާތަކުން އެކްރެޑިޓް ކޮށްފައިވާ އެލިޔުމެއްގެ ކޮޕީ ހުށަހެޅިދާނެއެވެ. އަދި ހުއްދައަށް އެދި ހުށަހަޅާތާ ގިނަވެގެން 10 ދުވަހުގެ ތެރޭގައި ހުށަހެޅި ފަރާތަށް ލިޔުމުން ޖަވާބު ދޭންވާނެއެެވެ.

(ހ) ޓުއަރ ގައިޑުކަން ކުރުމުގެ ހުއްދައަށް އެދޭ މީހާ ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ތަމްރީނު ކޯސް ފުރިހަމަ ކޮށްފައިވާކަމުގެ ލިޔުން.

(ނ) ޓުއަރ ގައިޑުކަން ކުރުމުގެ ހުއްދައަށް އެދޭ މީހާއަކީ، ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ދުވަހާ ހަމައަށް ފާއިތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި، ވައްކަން، ޓެކުން، ފޭރުން، ހިޔާނާތް، މަކަރާއި ހީލަތް، މާރާމާރީ، މަސްތުވާތަކެތީގެ މައްސަލައެއް، ކުޑަކުއްޖަކާމެދު ބަދުއަހުލާގީ އަމަލެއް ހިންގިކަން އަދި މީހެއްގެ އިއްފަތްތެރިކަން ފެރިގަތުން، މިއިން ކަމެއް ރިކޯޑެއް ނެތްކަމަށް މިގަވާއިދުގެ ޖަދުވަލު 2 ގައި ހިމަނާފައިވާ ފޯމު ފުރިހަމަކޮށް އެ ފޯމު

(ރ) ޓުއަރ ގައިޑުކަން ކުރުމުގެ ހުއްދައަށް އެދޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ކޮޕީ. (ފޯމު ހުށަހަޅާ ވަގުތު ކޮޕީއަކީ އަސްލާ އެއްގޮތް އެއްޗެއްތޯ ބެލުމަށްފަހު، އަސްލު ވަގުތުން ދޭންވާނެއެވެ. )

 

6 ވަނަ މާއްދާ - ފީ

(ހ) މި  ގަވާއިދުގެ ދަށުން ދޫކުރާ ޓުއަރ ގައިޑުންކަން ކުރުމުގެ ހުއްދަދޫކުރެވޭނީ އެކަމަށްޓަކައި 100 (އެއްސަތޭކަ) ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.

(ށ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ޓުއަރ ގައިޑުކަން ކުރުމުގެ ހުއްދައިގެ މުއްދަތު ހަމަވެގެން ހުއްދަ އައުކުރާނަމަ، އެކަމަށްޓަކައި 100 (އެއްސަތޭކަ) ރުފިޔާގެ ފީއެއް ނެގޭނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ޓުއަރ ގައިޑުކަން ކުރުމުގެ ހުއްދަ ގެއްލިގެން ނުވަތަ އެފަދަ އެހެން ސަބަބެއް މެދުވެރިވެގެން ނަމަވެސް އަަައު ހުއްދައަކަށް އެދޭނަމަ، އެކަމަށްޓަކައި 200 (ދުއިސައްތަ) ރުފިޔާގެ ފީއެއް ނެގޭނެއެވެ.

 

8 ވަނަ މާއްދާ - ޓުއަރ ގައިޑުކަން ކުރުމުގެ ހުއްދަ ދިނުމުގެ ށަރުތުތައް.

ޓުއަރ ގައިޑުކަން ކުރުމުގެ ހުއްދަ ދެވޭނީ ނުވަތަ ހުއްދަ އައުކޮށްދެވޭނީ، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބުނެފައިވާ އެޕްލިކޭށަން ފޯމާއި ލިޔެކިޔުންތައް ފުރިހަމައަށް މިނިސްޓްރީއަށް ހުށަހެޅުމުން ތިރީގައި ބަޔާންކުރެވިފައިވާ ށަރުތުތައް ފުރިހަމަވާ މީހުންނަށެވެ.

(ހ) ދިވެހި ރައްޔިތަކު ކަމުގައިވުން.

(ށ) އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.

(ނ) ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އެކްރެޑިޓްކޮށްފައިވާ ޓުއަރ ގައިޑް ކޯހެއް ފުރިހަމަކޮށްފައިވާ މީހަކު ކަމުގައިވުން.

(ރ) ފާސް ހޯދުމަށް އެދި ހުށަހަޅާ ދުވަހާ ހަމައަށް ފާއިތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި، ވައްކަން، ޓެކުން، ފޭރުން، ހިޔާނާތް، މަކަރާއި ހީލަތް، މާރާމާރީ، މަސްތުވާތަކެތީގެ މައްސަލައެއް، ކުޑަކުއްޖަކާމެދު ބަދުއަހުލާގީ އަމަލެއް ހިންގިކަން އަދި މީހެއްގެ އިއްފަތްތެރިކަން ފޭރިގަތުން، މިއިންކަމެއްގެ ރިކޯޑެއް އޮތް މީހަކު ކަމުގައި ނުވުން.

 

9 ވަނަ މާއްދާ - ހުއްދަ ދޫކުރެވޭ މުއްދަތު

ޓުއަރ ގައިޑުކަން ކުރުމުގެ ހުއްދަދެވޭނީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.

 

10 ވަނަ މާއްދާ - ހުއްދަ އައުކުރުން

(ހ) މި ގަވާއިދުގެ ދަށުން ޓްއަރ ގައިޑުކަން ކުރުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރަން ބޭނުންނަމަ މި ގަވާއިދުގެ ދަށުން ދީފައިވާ ހުއްދައުގެ މުއްދަތު ހަމަވުމުގެ 30 (ތިރީސް) ދުވަސް ކުރިން މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބުނެފައިވާ އެޕްލިކޭށަން ފޯމާއެކު މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ދޫކުރެވޭ ހުއްދަ އައުކުރުމަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި މިނިސްޓްރީއަށް ހުށަހަޅާތާ 7 ދުވަހުގެ ތެރޭގައި ހުށަހެޅި ފަރާތަށް ލިޔުމުން ޖަވާބު ދޭންވާނެއެވެ. ހުއްދަ އައުކޮށްދެވޭނީ މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބުނެފައިވާ ށަރުތުތައް ފުރިހަމަވޭތޯ އަލުން ބެލުމަށްފަހުއެވެ. މިގޮތުން ހުއްދަ އައުކޮށްދޭ ދުވަހުން ފެށިގެން ވޭތުވެ ދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި އެ މާއްދާގައި ބުނެފައިވާ ފަދަ ކުށުގެ ރިކޯޑެއް ނެތްކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

(ރ) މި ގަވާއިދުގެ ދަށުން ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ ކުރިން، ހުއްދަ އައުކުުރުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅައި، ހުއްދަ އައުކޮށްފައި ނުވާނަމަ، އެފަރާތަކަށް ދީފައިވާ ހުއްދަ ބާތިލުވީއެވެ. ނަމަވެސް، މި މާއްދާގެ (ހ) ގައި ބުނެފައިވާ މުއްދަތުގައި ހުއްދައަށް އެދި އެ މާއްދާގައި ބުނެފައިވާގޮތަށް ހުށަަހަޅާފައިވާނަމަ ހުއްދައިގެ މުއްދަތު ހަމަވުމުގެ ސަބަބުން ހުއްދަ ބާތިލެއް ނުވާނެއެވެ.

 

11 ވަނަ މާއްދާ - ހުއްދަ ބާތިލު ކުރުން

ޓްއަރ ގައިޑުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކުން އެ ހުއްދަ ބާތިލުކުރަން ބޭނުންވެއްޖެނަމަ އެކަން ޓޫރިޒަމާބެހޭ މިނިސްޓަރީއަށް އަންގައި ޓުއަރ ގައިޑުކަން ކުރުމަށް އެފަރާތަށް ދޫކޮށްފައިވާ ހުއްދަ ބާތިލު ކުރަންވާނެއެވެ. މިކަމަށް އެދި ހުށަހަޅަތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި ލިޔުމުން ހުށަހެޅި ފަރާތަށް ޖަވާބު ދޭންވާނެއެވެ.

 

12 ވަނަ މާއްދާ - ކުރިން ހުއްދަ ހޯދާފައިވާ ފަރާތްތައް.

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ޓްއަރ ގައިޑުކަން ކުރުމުގެ ހުއްދަ ހޯދާފައިވާ ފަރާތްތަކަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވަންދެން އެ ހުއްދަތައް އެއީ ސައްހަ ހުއްދަތަކެކެވެ. ނަމަވެސް، އެ ހުއްދައިގެ މުއްދަތު ހަމަވުމުން، އެފަދަ ފަރާތްތަކަށް ދޫކޮށްފައިވާ ހުއްދަ ދެން އައުކުރެވޭނީ މި ގަވާއިދުގައި ބަޔާންކުރެވިފައިވާ ގޮތުގެމަތީންނެވެ.

(ށ) މިގަވާއިދަށް އަމަލުކުރަން ފެށުމުނުގެ ކުރިން ޓުއަރ ގައިޑުކަން ކުރުމުގެ ހުއްދަ ހޯދާފައިވާ ފަރާތްތައް، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ކޯސް ފުރިހަމަކުރުމުގެ ށަރުތުން މިގަވާއިދުގެ ދަށުން ހުއްދަ ދޫކުރުމުގައި 3 (ތިނެއް) އަހަރު ވަންދެން އިސްތިސްނާ ކުރެވޭނެއެވެ، ނަމަވެސް، މިގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) އަހަރުދުވަސް ފަހުން އެ ފަރާތްތަކަށް ދޫކޮށްފައިވާ ފާސް އައުކޮށްދެވޭނީ މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ކޯސް ފުރިހަމަކުރުމުންނެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ޓޫރިޒަމާބެހޭ މިނިސްޓްރީ މެދުވެރިވެގެން އެއްވެސް ޓުއަރ ގައިޑް ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް، މިގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ކޯސް ފުރިހަމަކުރުމުގެ ށަރުތުން 3 (ތިނެއް) އަހަރު ވަންދެން އިސްތިސްނާކުރުމަށްފަހު މިގަވާއިދުގެ ދަށުން ހުއްދަ ދޫކުރެވޭނެއެވެ. ނަމަވެސް، މިގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) އަހަރުދުވަސް ފަހުން އެފަރާތްތަކަށް ދޫކޮށްފައިވާ ފާސް އައުކޮށްދެވޭނީ މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ކޯސް ފުރިހަމަކުރުމުންނެވެ.

 

13 ވަނަ މާއްދާ - ޓުއަރ ގައިޑުންގެ ހެދުން

ޓުއަރ ގައިޑުން، ފަތުރުވެރިންގެ ހިދުމަތުގައި އުޅޭއިރު ތިބެންވާނީ އެކަށީގެންވާ ފޭރާމެއްގައެވެ. އަދި އާންމުކޮށް ފެންނާނެހެން އެފޭރާމުގައި ޓޫރިޒަމާބެހޭ މިނިސްޓްރީން ދޫކުރާ ޓޫރިސްޓް ގައިޑް ފާސް ޖަހާފައި ހުންނަންވާނެއެވެ. އަދި ފަތުރުވެރިންނާ މުއާމަލާތްކުރަން ވާނީ އިހުތިރާމާއެކުގައެވެ.

 

14 ވަނަ މާއްދާ - ޓޫރިސްޓް ފެސިލިޓީއަކުން އަންނަ ފަތުރުވެރިންނާ ހަވާލުވުން

ޓޫރިސްޓް ފެސިލިޓީއަކުން ފޮނުވާ ފަތުރުވެރިންނާ ހަވާލުވާން ޓުއަރ ގައިޑް ގޮސް ހުންނައިރު އޭނާ ހުންނަންވާނީ، އޭނާ ހަވާލުވާން އައި ފަތުރުވެރިން ފޮނުވީ ޓޫރިސްޓް ފެސިލިޓީއެއް އަންގައިދޭ ނަންބޯޑެއް ހިފައިގެންނެވެ. އަދި އެގޮތަށް އަންނަ ފަތުރުވެރިންނާ ހަވާލުވުމަށްފަހު ފަތުރުވެރިން ފުރަންދެން އެމީހުންގެ ކަންތައްތައް ރަނގަޅަށް ބަލަހައްޓަންވާނެއެވެ. އަދި ދިވެހިރާއްޖޭގެ ސަގާފަތާއި، އުސޫލުތަކާއި ހަމަތައް ހިފަހައްޓަންވާނެއެވެ. އަދި ޓްރެފިކް ގަވާއިދުތަކާއި އުސޫލުތައް ދަމަހައްޓަންވާނެއެވެ.

 

15 ވަނަ މާއްދާ - ގައިޑުން ފަތުރުވެރިންނަށް މައުލޫމާތު ދިނުން

ޓުއަރ ގައިޑަކު ފަތުރުވެރިންނަށް ރާއްޖެއާ ބެހޭގޮތުން ދޮގު މައުލޫމާތު ދީ، ރާއްޖެ ބަދުނާމުވާ ފަދަ އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެއެވެ. އަދި ބޭއަދަބީ ބަސް ބޭނުންކޮށްގެން ނުވާނެއެވެ.

 

16 ވަނަ މާއްދާ - ޓުއަރ ގައިޑަކު ގަވާއިދާ ހިލާފުވުން.

ޓުއަރ ގައިޑަކު، ޓުއަރ ގައިޑުކަން ކުރުމުގައި މި ގަވާއިދާ ހިލާފު ވެއްޖެނަމަ ތިރީގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތީން އަމަލުކުރެވޭނެއެވެ.

(ހ) ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރު 2000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުން.

(ށ) ގަވާއިދާ ހިލާފުވާ ދެވަނަ ފަހަރު، 5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން.

(ނ) ގަވާއިދާ ހިލާފުވާ ތިންވަނަ ފަހަރު 10000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރުން.

(ރ) ތިން ފަހަރަށްވުރެ އިތުރަށް ގަވާއިދާ ހިލާފުވެއްޖެނަމަ، ގަވާއިދާ ހިލާފުވި ޓުއަރ ގައިޑެއްގެ ހުއްދަ ބާތިލު ކުރެވޭނެއެވެ. އަދި މިގޮތަށް ހުއްދަ ބާތިލު ކުރެވެއްޖެނަމަ، އެ ފަރާތަކަށް ޓުއަރ ގައިޑުކަން ކުރުމުގެ ހުއްދަ ދޫނުކޮށް 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ހިފެހެއްޓޭނެއެވެ.

 

17 ވަނަ މާއްދާ 

މި ގަވާއިދުގައި އަދަބު ކަނޑައެޅިފައި ނުވާ މާއްދާއަކާ ޓުއަރ ގައިޑަކު ހިލާފުވެއްޖެނަމަ ނުވަތަ މި ގަވާއިދުގެ ދަށުން ވަކި ގޮތަކަށް އަމަލުކުރަންޖެހޭ ފަރާތަކުން އެ ކަމަކާ ހިލަފުވެއްޖެނަމަ، އެހިލާފުވުމުގެ ކުޑަބޮޑުމިނަށް ބަލައި 100،000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

18 ވަނަ މާއްދާ - މާނަ

މިގަވާއިދުގައި، އެ އިބާރާތެއް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަ ނުވާ ނަމަ:

(ހ) "މިނިސްޓްރީ" ކަމުގައި ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ނުވަތަ ގާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން އެއިރެއްގައި ޓޫރިޒަމާ ގުޅޭ ކަންކަން ހިންގުން ހަވާލު ކުރެވިފައިވާ ސަރުކާރުގެ މުއައްސަސާއަކަށެވެ.

(ށ) "ޓޫރިސްޓެއް" ނުވަތަ "ގެސްޓެއް" ނުވަތަ "ފަތުރުވެރިއެއް" ކަމަށް ބުނެފައި އެވަނީ، ރާއްޖެއަށް އަންނަ ދިވެހި ރައްޔިތުން ނޫން މީހުންގެ ތެރެއިން ގާނޫނު ނަންބަރު1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަނާބެހޭ ގާނޫނު) ގެ 10 ވަނަ މާއްދާގެ ދަށުން ދޫކުރާ ޓޫރިސްޓް ވީޒާއެއްގައި ރާއްޖެ އެތެރެވާ ކޮންމެ މީހަކަށެވެ.

(ނ) "ޓޫރިޒަމާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށެވެ.

(ރ) "ޓޫރިސްޓް ފެސިލިޓީ" ކަމަށް ބުނެފައި އެވަނީ، ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ފަތުރުވެރިން ބޭތިއްބުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ތަންތަނަށެވެ.

(ބ) "ޓުއަރ ގައިޑް" ކަމަށް ބުނެފައި އެވަނީ، ޓޫރިޒަމާބެހޭ މިނިސްޓްރީން ދޫކުރާ ޓުއަރ ގައިޑުކަން ކުރުމުގެ ހުއްދަ ލިބިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ޒިޔާރަތްކުރާއިރު، ދިވެހިރާއްޖެއާބެހޭ މައުލޫމާތު ދީ، އެރަށަކާއި އެރަށަކުން ލިބެން ހުންނަ ހިދުމަތްތަކާބެހޭ މައުލޫމާތު ދީ އެކި ކަންކަމުގައި ފަތުރުވެރިންނަށް އެހީވެދީ މަގުދައްކާ މީހުންނެވެ.

 

19 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މިގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

20 ވަނަ މާއްދާ - ބާތިލުވާ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު 19 ޖަނަވަރީ 1998 ގައި އަމަލުކުރަން ފަށާފައިވާ ޓުއަރގައިޑުންނާ ބެހޭ ގަވާއިދު ބާތިލުވާނެއެވެ.

 

 

---------------

 

ޖަދުވަލު 1

(ޓުއަރ ގައިޑްކަމުގެ ހުއްދައަށް އެދޭ ފޯމު، ޓުއަރ ގައިޑުކަމުގެ ހުއްދައަށް އެދޭ މީހުންގެ ކުށުގެ ރިކޯޑު ބަލާ ފޯމު، އެޓޭޗްކުރެވިފައިވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ވަރޑް ޑޮކިއުމަންޓް ގައި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/1999) 

 

 

 

ގެޒެޓު ކުރެވުނު ގޮތް

ކިޔުންތެރިންގެ ޚިޔާލު

Please login below to comment.
Login via Twitter.com