ޑީޕީއާރުއެސްގެ ޒިންމާދާރުވެރިޔާއާއި ސިވިލް ސަރވިސް ކޮމިށަނާ ދެމެދު މުވާސަލާތުތައް މަގު ކުރުކޮށް ހިންގުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 56/2013)
1 ވަނަ މާއްދާ - ތައާރުފު
(ހ) މި ގަވާއިދަކީ، ދިވެހި ސިވިލް ސަރވިސްގެ ގާނޫނު ތަންފީޒު ކުރުމުގައި، ޑިޕާޓްމަންޓް އޮފް ޕެނިޓެންށަރީ އެންޑް ރިހިބެލިޓޭށަން ސަރވިސް އަކީ، އެ ގާނޫނުގެ 61 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަކި އޮފީހެއްގެ ގޮތުގައޮ ގާއިމުކޮށްފައިވާ ޑިޕާޓްމަންޓަކަށް ވެފައި، އެ ޑިޕާޓްމަންޓުގެ މަސައްކަތުގައި ސިވިލް ސަރވިސް ކޮމިށަނާއި އެ ޑިޕާޓްމަންޓާ ދެމެދު މުވާސަލާތުތައް ހިންގުން ހަލުވިކޮށް، މަގު ކުރުކުރަން ބޭނުންވެފައިވާ ޑިޕާޓްމަންޓަކަށް ވުމާއެކު، އެ ދާއިރާގެ ޕަރމަނަންޓް ސެކްރެޓަރީއާ ވިލަރެސް ވެގެން، އެ ޑިޕާޓްމަންޓުގެ ޒިންމާދާރުވެރިޔާއާއި ސިވިލް ސަރވިސް ކޮމިށަނާ ދެމެދު ސީދާ މުވާސަލާތު ކުރުމުގެ ފުރުސަތު ތަނަވަސް ކުރުމަށްޓަކައި، އެކަން ހިންގުމުގެ ބާރާއި އިރުތިޔާރުތައް އަދި ޒިންމާއާއި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަށް، ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ޅ) އިން ބާރުލިބިގެން، އެކަށައެޅި ސިވިލް ސަރވިސްގެ ގަވާއިދުގެ ބައެކެވެ.
(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
2 ވަނަ މާއްދާ
މި ގަވާއިދުގެ ދަށުން ހިންގޭ ކަންކަމުގައި، ޕަރމަނަންޓް ސެކްރެޓަރީއެއް އަންގަންޖެހޭ ކަންތައްތަކާއި އެނގެންޖެހޭ ކަންކަން، ލިޔުމުންނާއި، ލިޔުން ކޮޕީކުރުމުންނާއި، ވިލަރެސް ބައްދަލު ކުރުމުގެ ޒަރީއާއިން، ޕަރމަނަންޓް ސެކްރެޓަރީއަށް ޒިންމާދާރުވެރިޔާ އަންގަމުން ގެންދަންވާނެއެވެ.
3 ވަނަ މާއްދާ - ޑިޕާޓްމަންޓް އޮފް ޕެނިޓެންށަރީ އެންޑް ރިހިބެލިޓޭށަން ސަރވިސަސްގެ ޒިންމާދާރު ވެރިޔާ ކަނޑައެޅުން
(ހ) ޒިންމާދާރުވެރިޔާއަކީ، ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ ދަށުން ހިންގަންޖެހޭ ކަންކަން، ޑިޕާޓްމަންޓުގައި، ހިންގުމުގެ މަސްއޫލިއްޔަތު އުފުލުމުގެ ޒިންމާ ހަވާލުކުރެވޭ އެންމެ އިސް މުވައްޒަފު ކަމަށްވާތީ، މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ޒިންމާދާރު ވެރިޔަކީ ކޮމިށަނަރ އޮފް ޕްރިޒަންސްގެ މަގާމުގައި އެ ހިނދަކު ހުންނަ މުވައްޒަފެކެވެ.
(ށ) ކޮމިށަނަރ އޮފް ޕްރިޒަންސް، ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރެވެން ނެތް ހާލަތެއްގައި އެ މަސްއޫލިއްޔަތު އުފުލާނީ ޑެޕިއުޓީ ކޮމިށަނަރ އޮފް ޕްރިޒަންސް އެވެ. ކޮމިށަނަރ އޮފް ޕްރިޒަންސްއާއި ޑެޕިއުޓީ ކޮމިށަނަރ އޮފް ޕްރިޒަންސްއަށްވެސް ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރެވެން ނެތް ހާލަތެއްގައި، ކޮމިށަންޑް ޕްރިޒަންސް އޮފިސަރުންގެ ތެރެއިން އެންމެ އިސް މަގާމެއް ފުރަމުންދާ އޮފިސަރަކާއި ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތާއި ޒިންމާ، ސިވިލް ސަރވިސް ކޮމިށަނުން ހަވާލުކުރަން ވާނެއެވެ.
4 ވަނަ މާއްދާ - މިގަވާއިދުގައި ބަޔާންކުރާ އިހްތިޔާރުތައް ބޭނުންކުރުން
ޒިންމާދާރުވެރިޔާގެ ގޮތުގައި ކޮމިށަނަރ އޮފް ޕްރިޒަންސް ފިޔަވައި އެހެން އޮފިސަރެއް ހުރި ހާލަތެއް ދިމާވާ ހިނދުގައި، މި ގަވާއިދުން އިހުތިޔާރު ދެވިފައި ވީ ނަމަވެސް، މުވައްޒަފުންގެ ކަންތައްތައް ހިންގުމަށް ގެންގުޅޭ އުސޫލު އެކަށައަޅާނަމަ، އަދި ކަނޑައެޅިފައިވާ އުސޫލަށް ބަދަލެއް ގެންނަނަމަ، އެކަމެއް ކޮމިށަނަށް ހުށަހަޅަންވާނީ ޕަރމަނަންޓް ސެކްރެޓަރީ މެދުވެރިކޮށެވެ.
5 ވަނަ މާއްދާ - ޑިޕާޓްމަންޓް އޮފް ޕެނިޓެންށަރީ އެންޑް ރިހެބިލިޓޭށަން ސަރވިސްގެ ޒިންމާދާރު ވެރިޔާއަށް ލިބިދޭ އިހުތިޔާރު
ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި، ވަޒީފާއާބެހޭ ގާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި، ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާއި، އަދި ޕްރިޒަންސް އޮފިސަރުންގެ ގަވާއިދަކީ، ސުލޫކީ މިންގަނޑާއި، ޔުނީފޯމު އެޅުމުގެ ގަވާއިދާ އެއްގޮތަށް، ދާއިރާގެ ޕަރމަނަންޓް ސެކްރެޓަރީއަށް ކޮޕީ ކުރުމާއެކު، ސިވިލް ސަރވިސް ކޮމިށަނާއި ޑިޕާޓްމަންޓުގެ ޒިންމާދާރުވެރިޔާއާ ދެމެދު މުވާސަލާތުތައް ސީދާ ބަދަލުކޮށް މައްސަލަތައް ނިންމުމަށް (ޕަރމަނަންޓް ސެކްރެޓަރީ މެދުވެރި ނުކޮށް) ކޮމިށަނަށް ހުށަހެޅުމުގެ އިހުތިޔާއު ޑިޕާޓްމަންޓުގެ ޒިންމާދާރުވެރިޔާއަށް ލިބިގެން ވެއެވެ.
(ހ) ވަޒީފާ އޮނިގަނޑާއި އިދާރީ އޮނިގަނޑު އެކުލަވާލުމާ ގުޅޭ މަސައްކަތްތައް.
(ށ) މަގާމުތައް އުފެއްދުމާއި އުވާލުމާ ގުޅޭ އެންމެހައި މަސައްކަތްތައް.
(ނ) ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 78 ވަނަ މާއްދާގައި އެހެން އޮތްކަމުގައި ވިޔަސް، މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުމާ ގުޅޭ އެންމެހައި މަސައްކަތްތައް.
(ރ) މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުމާ ގުޅޭ އެންމެހައި މަސައްކަތްތައް.
(ބ) ޕްރިޒަން އޮފިސަރުންގެ އޮނިގަނޑާ ގުޅިގެން ހަދަންޖެހޭ ގަވާއިދު އެކުލަވައިލުމާއި، އެ ގަވާއިދަށް އިސްލާހު ގެނައުމާ ގުޅޭ އެންމެހައި ކަންތައްތައް.
(ޅ) މުވައްޒަފުންނާމެދު އިސްލާހީ ފިޔަވަޅު އެޅުމާ ގުޅޭ މައްސަލަތައް.
(ކ) މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމާ ގުޅޭ މަސައްކަތްތައް.
(އ) މުވައްޒަފުންނަށް ތަމްރީނު ދިނުމާ ގުޅޭ އެންމެހައި ކަންތައްތައް.
(ވ) މުވައްޒަފުންނަށް ޗުއްޓީ ދިނުމާ ގުޅޭ މައްސަލަތައް.
(މ) މުވައްޒަފުންނަށް ދެވޭ މުސާރައާއި އިނާޔަތްތަކާ ގުޅޭ މައްސަލަތައް.
(ފ) މީގެ އިތުރުންވެސް މުވައްޒަފުންނާ ގުޅޭ އެހެނިހެން މައްސަލަތައް.
6 ވަނަ މާއްދާ - ކޮމިށަނަށް މައްސަލަ ހުށަހަޅާނެ ގޮތް
(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގައިވާ ކަންތައްތައް ރާވައި ހިންގުމަށް ކޮމިށަނަށް ފޮނުވަންޖެހޭ އެންމެހައި ލިޔެކިޔުމެއް، ކޮމިށަނުން ކަނޑައޅާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ތައްޔާރުކޮށް ސީދާ ސިވިލް ސަރވިސް ކޮމިށަނަށް ޑިޕާޓްމަންޓުގެ ޒިންމާދާރުވެރިޔާ ހުށަހަޅަންވާނީ ދާއިރާގެ ޕަރމަނަންޓް ސެކްރެޓަރީއަށް ކޮޕީ ކުރުމާއެކުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލުން ހުށަހަޅާ ލިޔެކިޔުންތަކަށް ނުވަތަ ގުޅުން ހުރި މައްސަލަތަކަށް ނުވަތަ މި ގަވާއިދުގެ 5 ވަނަ މާއްދާގއި ބަޔާންކުރާ ކަމާ ގުޅިގެން، ސިވިލް ސަރވިސް ކޮމިށަނުން ޕަރމަނަންޓް ސެކްރެޓަރީއަށް ކޮޕީކުރުމާއެކު، ޑިޕާޓްމަންޓުގެ ޒިންމާދާރުވެރިޔާއަށް ލިޔެކިޔުން ފޮނުވިދާނެއެވެ.
7 ވަނަ މާއްދާ - ޖަވާބުދާރީވުން
މި ގަވާއިދުގެ 5 މާއްދާގައި ދީފައިވާ އެންމެހައި އިހުތިޔާރުގެ ބޭނުން ކުރުމުގައި ޖަވާބުދާރީ ވާނީ ޑިޕާޓްމަންޓުގެ ޒިންމާދާރުވެރިޔާ އެވެ.
8 ވަނަ މާއްދާ - ޕަރމަނަންޓް ސެކްރެޓަރީގެ ދައުރު
މި ގަވައިދުގެ 5 ވަނަ މާއްދާގައި ބަޔާންވެގެން ނުވާ އެންމެހައި ކަމެއް ޒިންމާދާރުވެރިޔާ ރާވައި ހިންގާނެ އަދި ބަލަހައްޓާނެ ގޮތްތައް ކަނޑައަޅާނީ ޕަރމަނަންޓް ސެކްރެޓަރީއެވެ.
9 ވަނަ މާއްދާ - މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލުން
(ހ) މި ގަވާއިދުން ލިބިދޭ އިހުތިޔާރުތަކުގެ ބޭނުން، ޒިންމާދާރުވެރިޔާ ހިފަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި މިންގަނޑުތަކުގެ ތެރޭގައި ކަން ކަށަވަރު ކުރުމަކީ ޕަރމަނަންޓް ސެކްރެޓަރީގެ ޒިންމާއެކެވެ.
(ށ) މި ގަވާއިދާ ހިލާފަށް ޒިންމާދާރުވެރުޔާ ކަމެއް ހިންގައިފިނަމަ، އެކަމެއް ބަލާނީ ޕަރމަނަންޓް ސެކްރެޓަރީއެވެ. އަދި އެކަމެއް ސިވިލް ސަރވިސް ކޮމިށަންގެ ސަމާލުކަމަށް ގެނައުމަކީ ޕަރމަނަންޓް ސެކްރެޓަރީގެ މަސްއޫލިއްޔަތެކެވެ.
10 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އެހެންގޮތަކަށް ބުނެފައިނުވާހާ ހިނދަކު،
(ހ) "ޑިޕާޓްމަންޓް" ނުވަތަ "ޑީޕީއާރުއެސް" ކަމަށް ބުނެފައި އެވަނީ "ޑިޕާޓްމަންޓް އޮފް ޕެނިޓެންށަރީ އެންޑް ރިހެބިލިޓޭށަން ސަރވިސަސް" އަށެވެ.
(ށ) "ޕަރމަނަންޓް ސެކްރެޓަރީ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުން ޑިޕާޓްމަންޓް އޮފް ޕެނިޓެންށަރީ އެންޑް ރިހެބިލިޓޭށަން ސަރވިސަސްގެ ކަންތައްތައް ބެލުމަށް ހަވާލުކުރާ ދައުލަތުގެ ވަޒީރު ނިސްބަތްވާ ދާއިރާގެ ޕަރމަނަންޓް ސެކްރެޓަރީ އަށެވެ.
(ނ) "ކޮމިށަން" ކަމަށް ބުނެފައި އެވަނީ " ސިވިލް ސަރވިސް ކޮމިށަން" އަށެވެ.
ކިޔުންތެރިންގެ ހިޔާލު