-

ހަލާލު ސެޓިފިކެޓް ދިނުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 1651/2013)

 

1 ވަނަ މާއްދާ - ތައާރުފު

(ހ) މި ގަވާއިދަކީ ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިންޕޯޓްގެ ގާނޫނު) އަށް 9 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 1 ވަނަ މާއްދާގެ (ށ) ގެ ދަށުން ބާރުލިބިގެން، އެކުލަވައިލާފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދުގެ ނަމަކީ "ހަލާލު ސެޓްފިކެޓު ދޫކުރުމާ ގުޅޭ ގަވާއިދު" އެވެ.

(ނ) މި ގަވާއިދު ހިނގާނީ ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރާ ކާބޯތަކެތީގެ މައްޗަށެވެ.

 

2 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ހަލާލު މިންގަނޑު

ދިވެހިރާއްޖޭގައި ޕްރޮސެސްކޮށް، އުފައްދައި، ބަންދުކުރާ ތަކެއްޗާއި ކަތިލާ އެއްގަމު ޖަނަވާރުގެ ހަލާލުކަން އަންގައިދޭ މިންގަނޑު މިގަވާއިދުގެ ޖަދުވަލު 1 ގައި އެވަނީއެވެ.

 

3 ވަނަ މާއްދާ - ތަންފީޒީ އިދާރާ

މި ގަވާއިދު އެކުލަވައިލާފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އިންނެވެ. އަދި މިގަވާއިދުގެ ޖަދުވަލު 1 ގެ ގޮތުގައި ހިމެނިފައިވާ "ދިވެހިރާއްޖޭގެ ހަލާލު މިންގަނޑު" ކަނޑައަޅާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިންނެވެ. އަދި ' ދިވެހިރާއްޖޭގެ ހަލާލު މިންގަނޑު' ތަންފީޒުކޮށް، ކާބޯތަކެތި އެ މިންގަނޑަށް ފެތޭކަން ކަނޑައަޅައި ސެޓްފިކެޓު ދޫކުރާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ނުވަތަ އެވުޒަރާއިން ކަނޑައަޅާ ފަރާތަކުންނެވެ.

 

4 ވަނަ މާއްދާ - ހަލާލު ސެޓްފިކެޓު

(ޙ) ހަލާލު ސެޓްފިކެޓު ދޫކުރާނީ، ތަންފީޒީ އިދާރާއަށް ފޯމުން ހުށަހެޅުމަށްފަހު، މިގަވާއިދުގެ 2 ވަނަ މާއްދާގައި ބުނެފައިވާ މިންގަނޑަށް ފެތޭ އުފެއްދުންތަކަށް، ކޮންމެ އުފެއްދުމަކަށް ވަކި ސެޓުފިކެޓެކެވެ.

(ށ) މި މާއްދާގެ ދަށުން ދޫކުރާ ހަލާލު ސެޓުފިކެޓު ދޫކުރާނީ މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަރ އިން ކާބޯތަކެތީގެ ފެންވަރާއި  ރައްކާތެރިކަމާއި ގުޅޭގޮތުން ދޫކޮށްފައިވާ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

(ނ) މި މާއްދާގެ ދަށުން ދޫކުރާ ހަލާލު ސެޓުފިކެޓު ދޫކުރާނީ ވިޔަފާރި ކުރުމަށްޓަކައި ކަމާބެހޭ ރަސްމީ އިދާރާތަކުން ދޫކުރާ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

(ރ) މި މާއްދާގެ ދަށުން ދޫކުރާ ހަލާލު ސެޓުފިކެޓު ދޫކުރާނީ ތަންފީޒީ އިދާރާއިން ގަބޫލު ކުރާ "ހަލާލު އެށުއަރެންސް އޮފިސަރ" އެއް، ސެޓުފިކެޓަށް އެދޭ ފަރާތުން ކަނޑައެޅުމުންނެވެ.

(ބ) ހަލާލު ސެޓުފިކެޓު ދޫކުރާނީ ސެޓުފިކެޓަށްވާ ފީ ދެއްކުމުންނެވެ. މިގޮތުން ސެޓުފިކެޓަށްވާ ފީގެ ގޮތުގައި ނެގޭ ފައިސާއަކީ އަނބުރާ ރައްދު ކުރެވޭނެ ފައިސާއެއް ނޫނެވެ. ސެޓުފިކެޓަށް ދައްކަންޖެހޭ ފީއަކީ 200 (ދުއިސައްތަ) ރުފިޔާއެވެ.

(ޅ) މި މާއްދާގެ ދަށުން ސެޓުފިކެޓު ދޫކުރުމަށްޓަކައި، ސެޓުފިކެޓަށް އެދޭ ފަރާތްތަކުގެ ކާރުހާނާތައް ބަލައި ފާސްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރަންޖެހޭ ދަތުރުތަކާއި، ހުރުމާއި ކެއިންބުއިން، ހަމަޖައްސައި، އެކަމަށް ހަރަދުކުރަން ޖެހޭނީ ހަލާލު ސެޓުފިކެޓަށް އެދޭ ފަރާތުންނެވެ.

(ކ) މި މާއްދާގެ ދަށުން ދޫކުރާ ސެޓުފިކެޓުގެ މުއްދަތަކީ މީލާދީ 1 (އެކެއް) އަހަރު ދުވަހެވެ.

(އ) ހަލާލު ސެޓުފިކެޓު ދޫކޮށްފައި ވަނިކޮށް، މި މާއްދާގެ (ށ) އަދި (ނ) ގައި ބަޔާން ކޮށްފައިވާ ހުއް ދަނެތް ހިނދެއްގައި ހަލާލު ސެޓުފިކެޓަށް އަމަލު ނުކުރެވޭނެއެވެ. އެ ހުއްދަ ލިބުމުން، ތަންފީޒީ އިދާރާއިން ބެލުމަށްފަހު ހަލާލު ސެޓުފިކެޓު އިއާދަ ކުރެވިދާނެއެވެ. އަދި މައްސަލައިގެ ބޮޑުމިނަށް ބަލައި، ދޫކޮށްފައިވާ ސެޓުފިކެޓު ބާތިލުކޮށް، އަލުން ފަށައިގެން، ހަލާލު ސެޓިފައި ކުރުމަށް އެންގިދާނއެވެ.

(ވ) މި މާއްދާގެ ދަށުން ދޫކޮށްފައިވާ ސެޓުފިކެޓުގެ މުއްދަތު އާކުރަން އެދޭނަމަ، ސެޓުފިކެޓުގެ މުއްދަތު ހަމަވުމުގެ 3 (ތިނެއް) މަސްދުވަހުގެ ކުރިން އެކަމަށް އެދި ތަންފީޒީ އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

5 ވަނަ މާއްދާ - ހަލާލު ކަމުގެ ލޯގޯ

(ހ) ދިވެހިރާއްޖޭގައި ބޭނުންކުރާނެ ހަލާލުކަމުގެ ލޯގޯ މި ގަވާއިދުގެ ޖަދުވަލު 2 ގެގޮތުގައި ހިމެނާފައިވާނެއެވެ.

(ށ) އުފެއްދުމެއްގައި ހަލާލުކަމުގެ ލޯގޯ ޖެހުމުގެ ހުއްދަ އޮންނާނީ އެ އުފެއްދުމަކަށް ދޫކޮށްފައިވާ ހަލާލު ސެޓުފިކެޓުގެ ސައްހަކަން ދެމިއޮތްހައި ހިނދަކުއެވެ.

 

6 ވަނަ މާއްދާ - ބަލައި ފާސްކުރުން

މި ގަވާއިދު ގެ 4 ވަނަ މާއްދާގެ ދަށުން ދޫކުރާ ސެޓުފިކެޓު ލިބިފައިވާ، އުފެއްދުންތައް އުފައްދާ ތަންތަނާއި ކާރުހާނާތައް، ކުރިން އެންގުމަކާ ނުލައި ބަލައި ފާސްކުރުމުގެ ބާރު މި ގަވާއިދުގެ ތަންފީޒީ އިދާރާ ނުވަތަ އެ އިދާރާއިން ކަނޑައަޅާ ފަރާތަކަށް ލިބިގެން ވެއެވެ.

 

7 ވަނަ މާއްދާ - އަދަބު

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ސައްހަ ކަމުގެ މުއްދަތުގައި، އެ ސެޓުފިކެޓު ދޫކުރުމާ ގުޅޭގޮތުން ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަކާ ހިލާފު ވެއްޖެނަމަ، އެސެޓުފިކެޓު ބާތިލުކޮށް،2,000  ( ދެ ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ތައްޔާރުކުރާ ލޯގޯ މި ގަވާއިދުގެ 5 ވަނަ މާއްދާގައި ހުއްދަކޮށްފައިވާ ގޮތް ނޫންގޮތަކަށް ބޭނުން ކުރިކަން ސާބިތުވެއްޖެނަމަ2,000  ( ދެ ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

(ނ) ހަލާލު ސެޓުފިކެޓު ހޯދުމަށްޓަކައި ދޮގު މައުލޫމާތު ދީ މަކަރެއް ނުވަތަ ހީލަތެއް ހަދައި އޮޅުވައިލާފައިވާކަމަށް ކަށަވަރު ކުރެވިއްޖެނަމަ، އެހިނދުން ފެށިގެން ސެޓުފިކެޓު ބާތިލު ކުރުމާއި، އަލުން އެފަރާތަށް ސެޓުފިކެޓު ދޫނުކުރުމަށް ކަނޑައެޅުމުގެ ބާރާއި، ސެޓުފިކެޓު ދޫނުކުރުމަށް ނިންމާ ނިންމުން ފަހުން ބަދަލުކުރުމުގެ ބާރު ތަންފީޒީ އިދާރާއަށް ލިބިގެން ވެއެވެ.

 

8 ވަނަ މާއްދާ - މައުލޫމާތު ފޯރުވައިދިނުން

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ހަލާލު ސެޓުފިކެޓު ދޫކޮށްފައިވާ އުފެއްދުންތަކުގެ މައުލޫމާތު، މި ގަވާއިދުގެ ތަންފީޒީ އިދާރާގެ ވެބްސައިޓުން ފަސޭހައިން ފެންނަ ގޮތަށް ހުންނަން ވާނެއެވެ.

(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ލިބިފައިވާ ހަލާލު ސެޓުފިކެޓު، ފެންނަގޮތަށް ސެޓުފިކެޓު ލިބިފައިވާ ބާވަތް އުފައްދާ ތަނުގައި ބަހައްޓާފައި ހުންނަންވާނެއެވެ.

 

9 ވަނަ މާއްދާ - އަމަލުކުރުން

މިގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

10 ވަނަ މާއްދާ – ބަހުގެ މާނަ

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މިގަވާއިދުގެ ބޭނުމަށްޓަކައި އަންނަނިވި ލަފުޒު ނުވަތަ އިބާރާތުގެ މާނައަކީ:

ސެޓުފިކެޓު: ސެޓުފިކެޓު ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ 4 ވަނަ މާއްދާ ދަށުން ދޫކުރާ ހަލާލު ސެޓުފިކެޓަށެވެ.

ތަންފީޒީ އިދާރާ: ތަންފީޒީ އިދާރާކަމުގައި ބުނެފައި އެވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށެވެ.

ހަލާލު އެށުއަރަންސް އޮފިސަރ: ހަލާލު އެށުއަރަންސް އޮފިސަރު ކަމުގައި ބުނެފައި އެވަނީ، އެ އުފެއްދުން އުފައްދާ ތަނުގައި އުފެއްދުމުގެ މަސައްކަތް ކުރަމުން ދަނީ ހަލާލު މިންގަނޑާ އެއްގޮތަށްތޯ ބަލައި، އެކަމުގެ ޒިންމާ އުފުލާ ފަރާތެވެ.

 

------------- 

 

 

 

ޖަދުވަލު 1

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

މާލެ، ދިވެހިރާއްޖެ

 

ދިވެހިރާއްޖޭގެ ހަލާލު ކާބޯތަކެތީގެ މިންގަނޑު

ތައާރަފް

މި މިންގަނޑަކީ، ދިވެހިރާއްޖޭގައި ކަތިލާ އެއްގަމު ޖަނަވާރާއި، ތައްޔާރުކޮށް ވިއްކާ ކާބޯ ތަކެއްޗަކީ ށަރުއީގޮތުން ހަލާލު ތަކެތީގެ ގޮތުގައި ދެމެހެއްޓުމުގެ މަގުސަދުގައި އެކުލަވައިލެވިފައިވާ މިންގަނޑެކެވެ.

 

1. ހަލާލު ކާބޯތަކެތި

1.1 ހަލާލު ކާނާ

ހަލާލު ކާނާއަކީ އަންނަނިވި ށަރުތުތައް ފުރިހަމަވެފައިވާ، ށަރުއީ ހަމަތަކުން ހުއްދަ ކާނާއެވެ.

(ހ) އިސްލާމީ ށަރީއަތުގައި މުސްލިމުންނަށް ހަރާމްކުރައްވާފައިވާ ޖަނަވާރުތަކުން ޖަނަވާރެއްގެ އެއްވެސް މިންވަރެއް ހިމެނިގެން ނުވާނެއެވެ. މީގެ ތެރޭގައި އިސްލާމީ ށަރީއަތުގައި ކަތިލާން އޮންނަ ގޮތް ނޫންގޮތަކަށް ކަތިލާފައިވާ ތަކެތިވެސް ހިމެނެއެވެ.

(ށ) އިސްލާމީ ށަރީއަތުގައި ނަޖިސްކަމަށް ކަނޑައެޅިފައިވާ އެއްވެސް އެއްޗެއް ހިމެނިގެން ނުވާނެއެވެ.

(ނ) ކާން ރައްކައުތެރި އަދި އެ އެއްޗަކުން ހަށިގަނޑަށް ގެއްލުން ލިބިގެން ނުވާނެއެވެ.

(ރ) ނަޖިހަކުން ތަގައްޔަރުވެފައިނުވާ އާލާތްތައް ނުވަތަ އިކްއިޕްމަންޓް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ކާނާ ކަމަށް ވާންވާނެއެވެ.

(ބ) އިންސާނުންގެ ހަށިގަނޑުގެ އެއްވެސް ބައެއް ނުވަތަ އިންސާނުންގެ ހަށިގަނޑު ގެބަޔަކުން އުފައްދާފައިވާ އެއްޗެއްގެ އެއްވެސް މިންވަރެއް ހިމެނިގެން ނުވާނެއެވެ.

(ޅ) ކާއެއްޗެއް އުފައްދައި ތައްޔާރުކޮށް ބަންދުކޮށް ހެދުމުގައި މިމާއްދާގެ (ހ)، (ށ)، (ނ)، (ރ)، (ބ)، ގައ ތައްޔާރުކުރަން ބުނާފަދަ، ށަރީއަތުގައި ނަޖިސްތަކެތިކަމަށް ކަނޑައެޅިފައިވާ ތަކެތި އުނގުޅި ކޭއްތިފައިނުވާ ކާނާ ކަމަށްވާންވާނެއެވެ.

 

1.2 އެއްގަމު ޖަނަވާރު

(ހ) ށަރުއީ އުސޫލާ ހިލާފަށް ކަތިލާފައިވާ ޖަނަވާރު

(ށ) އޫރާއި ކުއްތާ

(ނ) މިނިކާ ވަގާއި، ސާރިދޯޅާއި، އެތާއި، ބުޅަލާއި، ރާމާމަކުނު ފަދަ ދަތުން ށިކާރަކޮށް ކައިއުޅުމަށް ދިގު ދަތްތަކެއް ނުވަތަ ހޮނޑު ހުންނަ ޖަނަވާރު

(ރ) ވަކިތައް ދިގުކޮށް ހުންނަ ށިކާރަކޮށްގެން ކައިއުޅޭ ދޫނި

(ބ) މީދަލާއި، ބިޗުލާއި، ނަގުލަންދާށްޓާއި އެފަދަ އެހެނިހެން ސޫފިތައް

(ޅ) އިސްލާމްދީނުގައި މެރުން މަނާކުރައްވާފައިވާ، މާމުއި ކުޅަނދުރާއި ހުދުހުދު ފަދަ ތަކެތި.

(ކ) ފަކުރު ގަންނަ ފަދަ، ދިރޭތަކެތި. އޭގެ ތެރޭގައި މެއްސާއި އުކުނާއި މަކުނު ފަދަ ތަކެތި ހިމެނެއެވެ.

(އ) އޮޅުކޮށްގެންނާއި، ގޭގެއާއި އެފަދަ ތަންތަނުގައި ތަކެތި އުފުލަން ގެންގުޅޭ ހިމާރު

(ވ) މުޅަތަކެތި

 

1.3 ކަނޑުގައި / ފެނުގައި ދިރިއުޅޭ ތަކެތި

މަސްމަހާމެއްސާއި، ފެނުގައި ދިރިއުޅޭ ތަކެތި ހަލާލެވެ. އެހެން ނަމަވެސް އޭގެތެރޭގައި ހިމެނޭ ވިހަ ތަކެއްޗާއި، އެ ތަކެތި ކެއުމުން މަސްތުވާ ފަދަ ތަކެއްޗާއި، ސިއްހަތަށް ގެއްލުން ހުރި ތަކެތި ހަލާލެއް ނޫނެވެ. އެއްގަމާއި މޫދުގައި (ފެނުގައި) ދިރިއުޅޭ ކިނބުލާއި، މުސިންބީއާއި، ކަންޒުކަހަނބާއި ބޮއް ފަދަ ތަކެތި ހަލާލެއް ނޫނެވެ.

 

1.4 ގަސްގަހާގެހި

ހުރިހާ ވައްތަރެއްގެ ގަސްގަހާގެއްސާއި އެއިން އުފައްދާ ބާވަތްތައް ހަލާލެވެ. އެހެންނަމަވެސް، ގަސްގަހާގެހީގެ ތެރޭގައި ހިމެނޭ

ވިހަ ބާވަތްތަކާއި، މަސްތުވާ ފަދަ ބާވަތްތަކާއި، އެ އެއްޗެއް ބޭނުން ކުރުމުން ސިއްހަތަށް ގެއްލުން ލިބޭ ފަދަ  ގަސްގަހާގެހި ހަލާލެއް ނޫނެވެ.

 

1.5 ވިހަ އެއްޗެތި

މި މިންގަނޑުގެ 1.3 އާއި 1.4 ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް ފެނުގައި އުޅޭ ދިރޭ ތަކެއްޗާއި ގަސްގަހާގެހީގެ ވިހަ މާއްދާތައް ވަކިކުރުމަށްފަހު އެ ތަކެތިން ތައްޔާރުކޮށްފައި ހުންނަ ކެއުމުގެ ބާވަތްތައް ހަލާލެވެ.

 

1.6 ހަންޑިކުޑަ އާއި ލޮލަށް ނުފެންނަވަރުގެ ( މައިކުރޯ އޯގޭނިޒަމްސް) ދިރޭ ތަކެތި

ހުރިހާ ވައްތަރެއްގެ ހަންޑިކުޑަ ( މަސްރޫމް) އާއި، ބެކްޓީރިއާއާއި އަލްގީއާއި ފަންގަސް ފަދަ ހަމަލޮލަށް ނުފެންނަ ދިރޭ އެއްޗެއްސާއި އެތަކެތިން އުފައްދާ ބާވަތްތައް ހަލާލެވެ. އެހެން ނަމަވެސް، އެބާވަތްތަކުގެ ތެރޭގައި ހިމެނޭ ވިހަ ބާވަތްތަކާއި، މަސްތުވާ ފަދަ ބާވަތްތަކާއި، އެ އެއްޗެއް ބޭނުން ކުރުމުން ސިއްހަތަށް ގެއްލުން ލިބޭ ފަދަ  ތަކެތި ހަލާލެއް ނޫނެވެ.

 

1.7 ގުދުރަތީ މައުދަނާއި ކެމިކަލްތައް

ހުރިހާ ވައްތަރެއްގެ ގުދުރަތީ މައުދަނުތަކާއި (މިނަރަލްތަކާއި) ކެމިކަލްތައް ހަލާލެވެ. އެހެންނަމަވެސް، އެބާވަތްތަކުގެ ތެރޭގައި ހިމެނޭ ވިހަ އެއްޗެއްސާއި މަސްތުވާތަކެއްޗާއި ސިއްހަތަށް ގެއްލުންހުރި ތަކެތި ހަލާލެއްނޫނެވެ.

 

1.8 ބުއިންތައް

ހުރިހާ ވައްތަރެއްގެ ފެނާއި ބުއިންތައް ހަލާލެވެ. އެހެންނަމަވެސް އޭގެތެރޭގައި ހިމެނޭ  ވިހަ ބާވަތްތަކާއި މަސްތުވާ ބާވަތްތަކާއި ސިއްހަތަށް ގެއްލުންހުރި ބާވަތްތައް ހަލާލެއްނޫނެވެ.

 

1.9 ޖެނެޓިކްސްގެ ޒަރީއާއިން އަސްލަށް ބަދަލުގެނެސް އުފައްދާފައިވާ ކާނާ

އިސްލާމީ ށަރީއަތުގައި ހަރާމްކުރައްވާފައިވާ ޖަނަވާރު ނުވަތަ އެފަދަ ޖަނަވާރުގެ ބައެއް ބޭނުންކޮށްގެން ޖެނެޓިކްސް ޓެކްނޮލޮޖީގެ ޒަރީއާއިން އުފެދުމުގެ އަސްލަށް ބަދަލުގެނެސްފައިވާ ޖަނަވާރެއް ނުވަތަ އެފަދަ ޖަނަވާރުގެ ބައެއް ހިމެނޭ އުފެއްދުމެއް ހަލާލެއްނޫނެވެ.

 

2. ނަޖިސް ތަކެތި

2.1  އިސްލާމީ ށަރީއަތުގައި ނަޖިސް ތަކެތި ބެހިގެންވާ ބައިތަކުގެ ތެރޭގައި އަންނަނިވި ތަކެތި ހިމެނެއެވެ.

(ހ) އޫރާއި އޫރުގެ އެއްވެސް ބަޔަކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެއްސާއި، އޫރުގެ ލެޔާއި، ގުނަވަންތަކާއި، ކުއްތާގެ ކުޅު.

(ށ) ހަލާލުނޫން ބާވަތްތައް އެކުލެވިގެން ތަގައްޔަރުވެފައިވާ ހަލާލު ތަކެތި.

(ނ) ހަލާލުނޫން ބާވަތްތަކާ އެކުވެ ނުވަތަ ސީދާ ޖެހިގެން ތަގައްޔަރުވެފައިވާ ހަލާލު ތަކެތި.

(ރ) އިންސާނުންނާއި ޖަނަވާރުންގެ ހަށިގަނޑުން ބޭރުކުރާ ނަޖިހުގެ ބާވަތްތައް. އޭގެތެރޭގައި ބޮޑުކަމުދާ ނަޖިހާއި، ގުޔާއި، ކުޑަކަމުދާ އެއްޗެއްސާއި، ލެޔާއި، ހޮޑާއި، ދޮހާއި، އަދި އޫރުގެ ދަރިމައިވާ ފަންޏާއި، ބިސް ފަދަ ތަކެތި ހިމެނެއެވެ.

(ބ) މަސްކެއުން ހަލާލު އެއްޗެއް އިސްލާމީ ށަރީއަތުގައި ކަތިލުމަށް ކަނޑައެޅިފައިވާ ގޮތްނޫން ގޮތަކަށް ކަތިލާފައިވާނަމަ، އެއެއްޗެއްގެ މަހާއި އެހެނިހެން ބައިތައް.

(ޅ) މުޅަތަކެތި

 

2.2 ނަޖިސް ތަކެތި ބެހިގެންވާ ބައިތައް:

(ހ) މުގައްލަތާ:   ނަޖިސްކަން ބޮޑުވެގެންވާ ނަޖިހުގެ ގޮތުގައި ބެލެވޭ ތަކެތި. އެއީ ކުއްތާއާއި އޫރެވެ. އަދި އެ އެއްޗެހީގެ ނަޖިހާއި އުފަންވާ ދަރިން.

(ށ) މުހައްފަފާ:  ލުއިވެގެންވާ ނަޖިހުގެ ގޮތުގައި ބެލެވޭ ތަކެތި: އެއީ މައިމީހާގެ ގާތުން ބޯ ކިރުނޫން، އެހެން އެއްވެސް ކާބޯއެއްޗެއް ބޭނުން ނުކުރާ 2 އަހަރުނުވާ ފިރިހެން ކުއްޖާގެ ކުޑަކަމުދާ އެއްޗެއްސާއި އެއްވެސް ލެޔެއް ނުހުންނަ ސޫފާސޫފި (މެހި، ހޯނު، މާމުއިކުޅަނދުރު ފަދަ ތަކެތި) އަދި ޖަނަވާރުތަކުގެ ތެރެއިން އެ އެއްޗެއްގެ މަސްކެއުން ހަލާލުވެގެންވާ ތަކެތީގެ ކުޑަކަމުދާ އެއްޗެހި.

(ނ) މުތަވައްސިތާ:  މެދުމިނުގެ ނަޖިސްކަމަށް ބެލެވޭ ބާވަތްތަކަކީ: (ހ) އާއި (ށ) ގައި ބުނެފައިވާ ބާވަތްތައް ނޫން ނަޖިހެވެ.

 

3. ކަތިލުމާއި ތައްޔާރުކުރުން

3.1 ކަތިލުން

ޖަނަވާރު ކަތިލާއިރު އެ ޖަނަވާރުގެ ނޭވާ ހިނގާ ދެ ހޮޅި އެއްކޮށް ބުރިކޮށްލަންވާނެއެވެ. އެ ބުރިކޮށްލާ ބުރިކޮށްލުމުގައި ކާއެއްޗެހި ދާ ހޮޅިވެސް އެކީގައި ބުރިވާންޖެހޭނެއެވެ.

 

3.2 ކަތިލެވޭ ތަކެތި ކަތިލެވެނީ، އިސްލާމީ ށަރުއީ ހަމަތަކާ އެއްގޮތަށްކަން ކަނޑައެޅުން.

ކަތިލެވޭ ތަކެތި ކަތި ލެވެނީ އެތަކެތީގެ މަސްކެއުން ހުއްދަވާނޭ ގޮތަށް ށަރުއީ މިންގަނޑުތަކަށް ފެތޭ ގޮތަށްކަން ކަނޑައެޅުމަށްޓަކައި ތިރީގައިވާ ކަންކަން ފުރިހަމަ ވެފައިވާކަން ޔަގީން ކުރަން ވާނެއެވެ.

(ހ) އެ އެއްޗެއް ކަތިލާ މީހަކީ ބުއްދި ސަލާމަތުންހުރި މުސްލިމަކަށް ވާންޖެހޭނެއެވެ. އަދި އެ މީހަކަށް އިސްލާމީ ށަރީއަތުގައި ބުނާގޮތަށް ކަތިލުމުގެ ބޭނުމާއި މަގުސަދާއި ކަތިލާންވީ ގޮތް އެނގެންޖެހޭނެއެވެ. އެމީހަކީ އިހްރާމް ބަނދެގެން ހުރި މީހަކަށް ވެގެން ނުވާނެއެވެ.

(ށ) ކަތިލާންވާނީ އެކަމަށް ނިޔަތް ގަނެގެންނެވެ. ކަތިލާ މީހާ އޭނާ އެކުރާ ކަންތަކަށް ސަމާލުވެ ހުންނަން ޖެހޭނެއެވެ.

(ނ) މާތްﷲ ފިޔަވައި އެހެން ފަރާތަކަށް ކަތިލެވޭ އެއްޗެއް ކަމުގައި ވެގެންނުވާނެއެވެ.

(ރ) ކަތިލެވޭ ޖަނަވާރަކީ މަސްކެއުން ހަލާލު ޖަނަވާރަކަށް ވާންވާނެއެވެ.

(ބ) ކަތިލެވޭ ޖަނަވާރަކީ ކަތިލާއިރު ދިރިއޮތް އެއްޗަކަށް ވާންޖެހޭނެއެވެ.

(ޅ) ކަތިލެވޭ ޖަނަވާރަކީ ރަނގަޅު ސިއްހަތު ހުރި ޖަނަވާރެއް ކަމަށް ގަބޫލު ކުރެވެން ވާނެއެވެ.

(ކ) ކަތިލާއިރު "`" ކިޔަންވާނެއެވެ.

(އ) ކަތިލާން ބޭނުންކުރާ ތަކެއްޗާއި އެކަމާގުޅިގެން ގެންގުޅޭ އާލާތްތައް، ބޭނުންކުރަންވާނީ ހަމައެކަނި ހަލާލު ތަކެތި ކަތިލުމަށެވެ.

(ވ) ކަތިލާން ބޭނުންކުރާ ވަޅި ނުވަތަ ތިލަ އަކީ ތޫނު އެއްޗަކަށް ވާންޖެހޭނެއެވެ.

(މ) ކަތިލާންވާނީ އެއްފަހަރުންނެވެ. ކަތިލުމަށް ކާއްތާލާ ކާއްތައިލުން ވަޅި ނައްޓާނުލައި ދެކޮޅަށް ކޭއްތިދާނެއެވެ.

(ފ) ކަތިލުމަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ނިޔަފައްޗާއި، ދަތާއި، ޖަނަވާރެއްގެ ކަށިގަނޑެއް ފަދަ އެއްޗެއް ބޭނުންކޮށްގެން ނުވާނެއެވެ.

(ދ) ކަތިލުމުގައި ވަޅި ހިންގައިލަންވާނީ ލަގޮނޑީގެ ދަށުންނެވެ.

(ތ) ކަތިލުމަށް ހިންގައިލާ ވަޅިން ނޭވާހޮޅިއާއި ކަރުގެ ލޭނާރުތައް ބުރިވެގެން ދާންވާނެއެވެ. އަދި ކަތިލެވޭ އެތީގެ ލޭ ރަނގަޅަށް އޮހޮރިގެންދާ ގޮތަށް ބާއްވަންވާނެއެވެ.

(ލ) ޖަނަވާރާއި، ދޫނިސޫފާސޫފި ފަދަ ތަކެތި ކަތިލުމަށްފަހު އެތަކެތީގެ ހަން ނުވަތަ ފަތް ނޮޅަންވާނީ، ކަތިލެވިފައިވާ އެތި މަރުވުމުންނެވެ.

 

3.3 މެށިނުން ކަތިލުން

ކުކުޅުހާ މެށިނުން ކަތިލުމަކީ ހުއްދަކަމެކެވެ. އެކަންކުރުމުގައި އަންނަނިވި ގޮތަށް އަމަލުކުރަންވާނެއެވެ.

(ހ) މެށިން ވަޅި ބޭނުންކުރާ މީހަކީ މުސްލިމަކުކަމުގައި ވާންވާނެއެވެ.

(ށ) ކަތިލާން ހުންނަ މީހާ މެށިން ހިންގުމުގެ ކުރީން "`" ކިޔަންވާނެއެވެ.

(ނ) ކަތިލާން ހުންނަމީހާ އެތަނުން ދުރަށްދާން ބޭނުންވެއްޖެނަމަ، މެށިން ހުއްޓާލައި؛ ކަރަންޓްވަޅި ނިއްވާލަން ވާނެއެވެ. މެށިނުން އަލުން ކަތިލާން ފަށަންވާނީ މުސްލިމަކު އައިސް "`" ކިޔައި މެށިންހިންގުމަށް ފަހުގައެވެ.

(ރ) މެށިނުގައިވާ ވަޅީއަކީ: އެއްތިލައިގެ ވަޅިއަކަށްވުމާއެކު، އެ ތިލައަކީ ތޫނު ތިލައަކަށް ވާންވާނެއެވެ.

(ބ) ކަތިލާއިރު ކަރުގެ މައިހޮޅިއާއި ލޭނާރުތައް ބުރިވާން ޖެހޭނެއެވެ. އަދި ލޭ އޮހޮރިގެންދާން ވާނެއެވެ.

(ޅ) ކަތިލާން ހުންނަ މީހާ ކޮންމެ ޖަނަވާރެއްވެސް ރަނގަޅަށް ކަތިލެވިއްޖެކަން ޔަގީންކުރަން ވާނެއެވެ. މެށިނުގެ ވަޅިން ރަނގަޅަށް ކަތިނުލެވި އެއްޗެއް ހިނގައްޖެނަމަ ކަތިލާން ހުންނަ މީހާގެ އަތުން އެއެއްޗެއް ކަތިލާންވާނެއެވެ.

 

3.4 ތައްޔާރުކުރުމާއި ގެންގުޅުމާއި ވިއްކުން

އަންނަނިވި ށަރުތުތަކާ އެއްގޮތަށް ތައްޔާރުކުރާ ކާނާ ހަލާލެވެ.

(ހ) ކާނާ ތައްޔާރުކުރުމުގައި އިސްލާމީ ށަރީއަތުން ހަލާލު ނޫންކަމަށް ކަނޑައަޅާފައިވާ ޖަނަވާރުގެ އެއްވެސް ބައެއް ނުވަތަ އެޖަނަވާރުގެ އެއްޗަކުން ތައްޔާރުކޮށްފައިވާ އެއްޗެއް އަޅައިފައިވާ ކާއެއްޗެއްސާއި، އަދި އިސްލާމީ ހަމަތަކާ ހިލާފަށް ކަތިލާފައިވާ އެއްޗެއްގެ ބައެއް އެއްވެސް މިންވަރަކަށް ހިމެނިގެން ނުވާނެއެވެ.

(ށ) ނަޖިސްތަކެތީގެ ތެރޭގައި ހިމެނޭ އެއްވެސް އެއްޗެއް އެއްވެސް މިންވަރަކަށް ހިމެނިފައިނުވާ ކާނާ ކަމުގައި ވާންވާނެއެވެ.

(ނ) ކާނާ ތައްޔާރުކުރުމުގައި ސިއްހަތަށް ގެއްލުން ލިބޭ ފަދަ އެއްވެސް ބާވަތެއް ހިމެނިފައިނުވާ ކާނާ ކަމުގައި ވާންވާނެއެވެ.

(ރ) ނަޖިސް ވެފައިވާ ތަކެއްޗާއި ވަސީލަތްތައް ނުވަތަ އިކްއިޕްމަންޓް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކާނާކަމުގައި ވެގެންނުވާނެއެވެ.

(ބ) ކާއެއްޗެއް ތައްޔާރުކޮށް ގެންގުޅެ ބަންދުކޮށް ބަހައްޓާފައިހުރި ހުރުމުގައި މިމާއްދާގެ (ހ)، (ށ)، (ނ)، (ރ)،ގައި ބުނާ ށަރުތުތައް ފުރިހަމަނުވާ ބާވަތްތަކުގައި ޖެހިފައިވާ އަދި ށަރީއަތުގައި ނަޖިސްކަމަށް ބުނާ އެއްވެސް އެއްޗަކާ ޖެހި ތަގައްޔަރުވެފައިވާ ކާނާއެއްކަމުގައި ވެގެންނުވާނެއެވެ.

 

3.5 ކާނާ ތައްޔާރުކުރުމަށް ބޭނުންކުރާ ތަކެއްޗާއި ކަންވާރާއި މެށީން ފަދަ ތަކެތި.

(ހ) ހަލާލު ކާތަކެތި ތައްޔާރުކޮށް ގެންގުޅުމަށް ބޭނުންކުރާ އެއްވެސް އެއްޗަކީ ނުވަތަ ކަންވާރަކީ، އިސްލާމީ ށަރީއަތުގައި ނަޖިސްކަމަށް ބުނާ އެއްޗަކުން ނުވަތަ އެފަދަ އެއްޗެއްގެ ބަޔަކުން ތައްޔާރުކޮށްފައިވާ އެއްޗަކަށް ވެގެންނުވާނެއެވެ. އަދި އެއީ ހަމައެކަނި ހަލާލު ކާނާ ތައްޔާރު ކުރުމުގައި ބޭނުންކުރާ ތަކެއްޗަށް ވާންވާނެއެވެ.

(ށ) ނަޖިސްވެފައިވާ އެއްޗެއް ނުވަތަ ވަސީލަތެއް ހަލާލު ކާނާ އުފައްދަން ބޭނުންކުރާނަމަ، ބޭނުންކުރަންވާނީ ށަރީއަތުގައި ކަނޑައެޅިފައިވާ އުސޫލުން ދޮވެ ތާހިރުކޮށް ސާފުކުރުމަށްފަހުގައެވެ.

(ނ) ކާރުހާނާއެއްގައި ތަކެތި އުފައްދާ މެށިންތަކާއި އެހެނިހެން ސާމާނުތައް ނަޖިސްކަން ބޮޑުވެގެންވާ ނަޖިހުން ތަގައްޔަރުވެފައިވާނަމަ، އެތަކެތި ހަލާލު ތަކެތި އުފައްދާ ތައްޔާރު ކުރުމަށްޓަކައި އިސްލާމީ ށަރީއަތުގައިވާ ގޮތަށް ދޮވެ ސާފުކުރަންވާނެއެވެ. މިކަންތައްތައް ކުރާ ގޮތް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބަލައި، އެފަރާތުން އެންމެ ރަނގަޅުކަމަށް ނިންމުމުން، އެ މެށިނާއި ކާރުހާނާގެ އެހެނިހެން ސާމާނު ހަލާލު ތަކެތި އުފެއްދުމަށް ބޭނުންކުރެވިދާނެއެވެ.

 

4. އުފައްދާ ތަކެތި ގުދަންކުރުމާއި، ދައްކަން ބެހެއްޓުމާއި ވިއްކުން.

ހަލާލު ކާނާ ގުދަންކޮށް ދައްކަން ބަހައްޓައި ވިއްކަންވާނީ، އެތަކެތި ވަކިވާގޮތަށެވެ. އެއުފެއްދުމަކީ ހަލާލު ތަކެތި ކަމަށް ލޭބަލްކޮށްފައިވާ ތަކެތިކަމަށް ވާންވާނެއެވެ. އަދި އެތަކެތި ގުދަން ކުރުމުގައާއި، ދައްކަން ބެހެއްޓުމުގައި އެތަކެތި ބަހައްޓަންވާނީ ހަލާލުނޫން ތަކެއްޗާއިޖެހި ތަގައްޔަރު ނުވާނެ ގޮތަށެވެ.

 

5. ކާނާގެ ސާފުތާހިރުކަމާއި ސިއްހީގޮތުން ރައްކާތެރިކަން:

ހަލާލު ކާނާ އުފައްދާ ފަރާތްތަކުން އަންނަނިވި ކަންތައްތައް ކުރަންޖެހޭނެއެވެ.

(ހ) ވައިންނާއި، ވެލިންނާއި، ފެނުންނާއި، އޭގެތެރޭގައި ކާދުވެސް ހިމެނޭގޮތަށް ހުރިހާ ބާވަތެއްގެ ގަސްކާނާއިންނާއި، ގަސްގަހަށް ޖަހާ ބޭހާއި، ފަނި މަރާ ބޭހާއި، ޖަނަވާރަށް ކާންދޭ ބޭހާއި އެނޫން އެފަދަ ތަކެތީން ހަލާލު ކާބޯތަކެތި ތަގައްޔަރުވިޔަ ނުދިނުމަށް ނުވަތަ ނުސާފުވިޔަ ނުދިނުމަށް ފިޔަވަޅު އަޅަންވާނެއެވެ.

(ށ) ކާބޯތަކެތި، ފަނިފަކުސައިންނާއި، ސޫފާސޫފިންނާއި ނަޖިހުންނާއި ޖަރާސީމުން ތަގައްޔަރު ވެދާނެކަމަށްޓަކައި އެތަކެތި ރައްކާތެރި ކުރަންވާނެއެވެ.

(ނ) އެކަށީގެންވާ ރަނގަޅު ގޮތަކަށް ކުނިބުނި ނައްތާލަންވާނެއެވެ.

(ރ) ކާބޯތަކެތި ތައްޔާރުކުރާ ތަނުގައި ބޭނުންކުރާ ކެމިކަލްތައް ރައްކާކޮށްފައި ބަހައްޓަންވާނީ ކާބޯތަކެއްޗާ ވަކިންނެވެ.

(ބ) ހަލާލު ކާނާ ތައްޔާރުކޮށް ބަންދުކުރަންވާނީ އަދި ވިއްކަންވާނީ، ސިއްހީގޮތުން ރައްކާތެރިކަމަށް ލައިސަންސް ލިބިފައިވާ ތަންތަނުގައެވެ.

(ޅ) ޕްލާސްޓިކާއި ބިއްލޫރިއާއި މައުދަނީ އެތިކޮޅުތަކާއި، މެށީނުން ބުރާ ކުނޑިއާއި، ހިރަފުހާއި ނުރައްކާތެރި ގޭހާއި، އާތްވާއި، ކެމިކަލުން އަސަރު ނުފޯރާނެ ގޮތަށް އެކަށީގެންވާ ނިޒާމެއް ގާއިމުކުރަންވާނެއެވެ.

(ކ) ކާނާ ތައްޔާރުކުރުމަށް ބޭނުންކުރާ " ފުޑް އެޑިޓިވްސް" ކަނޑައެޅިފައިވާ ކޯޑެކްސްގެ މިންގަނޑުތަކަށް ފެތެންވާނެއެވެ.

 

6. ބަންދުކުރުމާއި ލޭބަލްޖެހުން

6.1 ބަންދުކުރަން ބޭނުންކުރާ ތަކެއްޗަކީ ހަލާލު ތަކެތިން އުފައްދާފައިވާ، އަންނަނިވި ށަރުތުތައް ފުރިހަމަވާ ތަކެއްޗަށް ވާންޖެހޭނެއެވެ.

(ހ) ބަންދުކުރުމަށް ބޭނުންކުރާ ތަކެއްޗަކީ ށަރީއަތުގައި ނަޖިސްކަމަށް ބަޔާންކުރާ އެއްވެސް އެއްޗެއް ހިމަނައިގެން އުފައްދާފައިވާ ތަކެއްޗަށް ވެގެންނުވާނެއެވެ.

(ށ) އެތަކެތި އުފެއްދުމުގައި ބޭނުންކުރި މެށިނާއި އާލާތްތަކަކީ ށަރީއަތުގައި ނަޖިސްކަމަށް ބުނާ ނަޖިހަކުން ތަގައްޔަރުވެފައިވާ ތަކެއްޗަށް ވެގެންނުވާނެއެވެ.

(ނ) ބަންދުކުރުމަށް ބޭނުންކުރާ ތަކެތި ތައްޔާރުކުރުމުގެ އެއްވެސް މަރުހަލާއެއްގައި ނުވަތަ ތައްޔާރުކޮށް ނިމިގެން ގުދަންކޮށްފައި ހުރިހުރުމުގައި ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ ތެރޭގައި މިމާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ ފަދަ ށަރުތުތަކަށް ނުފެތޭގޮތަށް ތައްޔާރުކޮށްފައިހުރި ކާނާގައި ޖެހިފައި ހުރުމުގެ ސަބަބުން ތަގައްޔަރުވެފައިވާ ތަކެތި ކަމުގައި ވެގެންނުވާނެއެވެ.

(ރ) ބަންދުކުރާ ތަކެތި އުފެއްދުމުގައި އިންސާނުންގެ ސިއްހަތަށް ގެއްލުން ލިބޭ ފަދަ ބާވަތެއް ހިމެނިފައި ހުރެގެން ނުވާނެއެވެ.

 

6.2 ބަންދުކުރުމުގެ މަސައްކަތް ކުރެވޭނީ ސާފުތާހިރު، އަދި ސިއްހަތާބެހޭ ވުޒާރާއިން ކާބޯތަކެއްޗާ ގުޅޭގޮތުން ތައްޔާރުކޮށްފައި ހުރި އާއްމު ގަވާއިދުތަކަށް ފެތޭ ތަނެއްގައި ކަމަށް ވާންޖެހޭނެއެވެ.

 

6.3  ކާނާއާ ސީދާ ގުޅޭގޮތަށް ހަރުކުރާ ލޭބަލްތައް ތައޔާރުކޮށްފައި ހުންނަންވާނީ ސިއްހަތަށް ގެއްލުން ނުލިބޭގޮތަށެވެ. އަދި ލޭބަލްގައި ހަލާލު މިންގަނޑަށް ނުފެތޭ އެއްވެސް އެއްޗެއް ހުރެގެން ނުވާނެއެވެ.

 

7 . ބަހުގެ މާނަ

މި މިންގަނޑުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މިމިންގަނޑުގެ ބޭނުމަށްޓަކައި، އަންނަނިވި ލަފުޒު ނުވަތަ އިބާރާތުގެ މާނައަކީ:

ފުޑް އެޑިޓިވް: "ފުޑް އެޑިޓިވް" ކަމުގައި ބުނެފައިއެވަނީ އެއެއްޗެއްގެ ޒާތުގައި އެ އެއްޗަކީ ކައިބޮއެހެދުމަށް ބޭނުންކުރާ އެއްޗަކަށް ނުވެފައި އަދި ކާބޯތަކެތި ހެދުމުގައި އާއްމު ގޮތެއްގައި ބޭނުންނުކުރާ ބާވަތެއް، ކާނާއެއް އުފެއްދުމުގެ ނުވަތަ ޕުރޮސެސްކުރުމުގެ ނުވަތަ ތައްޔާރުކުރުމުގެ ނުވަތަ ބަންދުކޮށް އުފުލައި ހެދުމުގައި ބޭނުންކުރާ ޓެކްނޮލޮޖީގެ ބޭނުމަށް ކަނާއަށް އެއްކުރުމެވެ. މިގޮތަށް ކާނާއަށް އެއްކުރާ ފްޑްއެޑިޓިވްއެއްގައި ސިއްހީ މަންފާއެއް ހުރުން ލާޒިމުނުވިނަމަވެސް ފުޑްއެޑިޓިވް ނުވަތަ އޭގެ ބައި ޕްރޮޑަކްޓްސް ކާނާގެ ބަޔަކަށް ނުވަތަ ނުވަތަ އެހެންވެސް ގޮތަކުން ކާނާގެ އަސްލަށް ބަދަލު އަތުވެދާނެ ނުވަތަ ބަދަލެއް ގެނައުމަށް އެކަށީގެންވާ އެއްޗެކެވެ. ކާނާގައި ހިމެނޭ ސިއްހީ މަންފާ އިތުރުކުރުމަށް އެއްކުރާ ތަކެއްޗާއި ކޮންޓެމިނެންޓްސް މީގެތެރޭގައި ނުހިމެނެއެވެ.

 

  --------------

 

ކުރެހުން 1

(އެޓޭޗްކުރެވިފައިވާ މިގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)

 

 --------------

 

ޖަދުވަލު 2

ހަލާލު ކަމުގެ ލޯގޯ

(ހަލާލު ކަމުގެ ލޯގޯ ގެ ކުރެހުން، އެޓޭޗްކުރެވިފައިވާ މިގަވާއިދުގެ ގެޒެޓް ޕީ.ޑީ.އެފް ގައި ހިމެނިފައިވާނެއެވެ. އަދި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)

 

 

މައި ގާނޫނު

އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު (ގާނޫނު ނަންބަރު 31/1979)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު