-

ޓުއަރ ގައިޑުންނާބެހޭ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 28/2014)

 

ޓުއަރ ގައިޑުންނާބެހޭ ގަވާއިދަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދަ އަންނަނިވި ގޮތަށް އިސްލާހުކުރުން.

15. ގައިޑުން ފަތުރުވެރިންނަށް މައުލޫމާތު ދިނުން.

(ހ) ޓުއަރ ގައިޑަކު ފަތުރުވެރިންނަށް ރާއްޖެއާ ބެހޭގޮތުން ދޮގު މައުލޫމާތު ދީ، ރާއްޖެ ބަދުނާމުވާ ފަދަ އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެއެވެ.

(ށ) ޓުއަރ ގައިޑަކު ޑިއުޓީގައި ހުންނަ ވަގުތުތަކުގައި ފަތުރުވެރިއަކާ ނުވަތަ އާންމު ފަރުދަކާ މުއާމަލާތްކުރާއިރު ބޭއަދަބީ ބަސް ބޭނުންކޮށް ވާހަކަދައްކައިގެން ނުވާނެއެވެ.

(ނ) ޓުއަރ ގައިޑަކު މިމާއްދާގެ (ށ) އާ ހިލާފުވެއްޖެނަމަ އެފަރާތެއްގެ ފާސް ހިފެހެއްޓުމުގެ އިހުތިޔާރު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

16. ގަވާއިދާ ހިލާފުވުން.

(ހ) ޓުއަރ ގައިޑަކު، ޓުއަރ ގައިޑުކަން ކުރުމުގައި މި ގަވާއިދާ ހިލާފު ވެއްޖެނަމަ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

  1. ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރު 2000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުމާއެކު 6 މަސްދުވަހުގެ މުއްދަތަށް ފާސް ހިފެހެއްޓުން
  2. ގަވާއިދާ ހިލާފުވާ ދެވަނަ ފަހަރު 5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުމާއެކު 1 އަހަރު މުއްދަތަށް ފާސް ހިފެހެއްޓުން.
  3. ގަވާއިދާ ހިލާފުވާ ތިންވަނަ ފަހަރު 10000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރުމާއެކު 2 އަހަރުގެ މުއްދަތަށް ފާސް ހިފެހެއްޓުން.
  4. ތިން ފަހަރަށްވުރެ އިތުރަށް ގަވާއިދާ ހިލާފުވެއްޖެނަމަ، ގަވާއިދާ ހިލާފުވި ޓުއަރ ގައިޑެއްގެ ހުއްދަ ބާތިލު ކުރެވޭނެއެވެ. އަދި މިގޮތުން ހުއްދަ ބާތިލު ކުރެވެއްޖެނަމަ، އެފަރާތަކަށް ޓުއަރ ގައިޑުކަން ކުރުމުގެ ހުއްދަ ދޫނުކޮށް 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ހިފެހެއްޓޭނެއެވެ.

(ށ) މިގަވާއިދުގެ ދަށުން ނަގަންޖެހޭ ޓުއަރ ގައިޑްކަން ކުރުމުގެ ފާސް ނެތި އެއްވެސް ފަރާތަކުން ޓުއަރ ގައިޑްކަން ކޮށްފިކަމަށްވާނަމަ މިގަވާއިދުގެ ދަށުން އެފަރާތަކާމެދު ތިރީގައިވާ ގޮތަށް ފިޔަވަޅުއެޅޭނެއެވެ.

  1. ގަވާއިދާ ހިލާފުވާ ފުރަތަ ފަހަރަށް 25،000 (ފަންސަވިސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުން.
  2. ގަވާއިދާ ހިލާފުވާ ދެވަނަ ފަހަރަށް 50،000 (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުން.
  3. ގަވާއިދާ ހިލާފުވާ ތިންވަނަ ފަހަރަށް 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުން.

 

3 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ ފަހަތަށް 17 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި މާއްދާ އިތުރުކޮށް، ގަވާއިދުގެ ނަންބަރުތައް ތަރުތީބުކުރުން.

17. މިގަވާއިދުގެ 16 ވަނަ މައްދާގައި ބުނެފައިވާ ޖޫރިމަނާކުރުމުގެ ފިޔަވަޅު އަޅާނީ، ޓޫރިޒަމާބެހޭ މިނިސްޓްރީންނެވެ. އަދި މި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭ ފަރާތްތަކުގެ މައުލޫމާތު އާންމުކުރެވޭނެއެވެ.

 

4 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޓުއަރ ގައިޑުންނާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 44/2012) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު