ގަވާއިދު ނަންބަރު 7/2010 (ޓޫރިސްޓް ރިޒޯޓު ކުއްޔަށްދީފައިވާ މުއްދަތު އިތުރުކުރުމަށް ފީ ނެގުމާ ބެހޭ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 31/2014)
ގަވާއިދު ނަންބަރު 7/2010 (ޓޫރިސްޓް ރިޒޯޓު ކުއްޔަށްދީފައިވާ މުއްދަތު އިތުރުކުރުމަށް ފީ ނެގުމާ ބެހޭ ގަވާއިދު ) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
8. މުއްދަތު އިތުރުކުރުމަށް އިއުތިރާޒުކުރާނަމަ އެ ކަން އެންގުން
(ހ) ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 2 ވަނަ އިސްލަހު ގެނައުމުގެ ގާނޫނުގެ ދަށުން ކުލީގެ މުއްދަތު އިތުރުކޮށްދެވިފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން، ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމަބެހޭ ގާނޫނު) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން ފީ ދައްކައިގެން މުއްދަތު އިތުރުކުރަން ބޭނުން ނުވާ ފަރާތްތަކުން، 5 މޭ 2014 ގެ ކުރިން ޓޫރިޒަމާ ބެހޭ މިނިސްޓްރީއަށް ލިޔުމުން އެ ކަން އަންގަންވާނެއެވެ.
(ށ) ޓޫރިސްޓް ރިޒޯޓް ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ބިމެއް ކުއްޔަށް ހިފައިފައިވާ ފަރާތަކުން މި މާއްދަގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އެންގުމެއް، އެ މާއްދާގައި ކަނޑައަޅައިފައިވާ މުއްދަތުގެ ތެެރޭގައި ޓޫރިޒަމާބެހޭ މިނިސްޓްރީއަށް އަންގައިފައި ނުވާނަމަ، ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނާއި މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން ފީ ދައްކައިގެން މުއްދަތު އިތުރުކުރުމަށް އެ ފަރާތުން އެއްބަސްވީ ކަމުގައި ބެލެވޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތު މެދުވެރިވެއްޖެނަމަ، ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ކުލީގެ މުއްދަތު އިތުރުކުރުމަށްޓަކައި ސޮއިކޮށްފައިވާ އެއްބަސްވުމުގައި ހިމެނޭ މުއްދަތު އިތުރުކުރުމާ ގުޅޭ މާއްދާތައް ބާތިލުވީއެވެ. އަދި އެ ހާލަތުގައި އެ ރަށް ނުވަތަ ބިން ކުއްޔަށް ދޫކޮށްފައިވާ މުއްދަތަކީ އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެ ރަށް ނުވަތަ ބިން ކުއްޔަށް ދޫކޮށްފައިވާ މުއްދަތެވެ. އަދި މި ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެ ކަން އާންމުކޮށް އަންގައި އިއުލާނުކުރަން ވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތު މެދުވެރިވެއްޖެނަމަ، އެ ރަށް ނުވަތަ ބިން ކުއްޔަށް ހިފައިފައިވާ މުއްދަތު އިތުރުކުރުމުގެ ފުރުސަތު، އެ ރަށް ނުވަތަ ބިން ކުއްޔަށް ހިފައިފައިވާ ފަރާތަށް ގެއްލުނީއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން
9. މުއްދަތު އިތުރުކުރުމަށް ފީ ދެއްކުން
މި ގަވާއިދުގެ ދަށުން މުއްދަތު އިތުރުކޮށްދީފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން، މި ގަވާއިދުގެ 10 ވަނަ މާއްދަގައި ބުނެފައިވާ ގޮތުގެ މަތިން ކަނޑައެޅޭ ފީ އެއްފަހަރާ ދައްކައި ހަލާސްކޮށްފައިނުވާ ތަންތަނުން، ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 9 ވަނަ މާއްދަގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އަދި މި ގަވާއިދުގެ 10 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން، އެ ފައިސާ ދައްކައި ހަލާސްކުރަންވާނެއެވެ.
(ށ) ގަވާއިދު ނަންބަރު 7/2010 (ޓޫރިސްޓް ރިޒޯޓު ކުއްޔަށްދީފައިވާ މުއްދަތު އިތުރުކުރުމަށް ފީ ނެގުމާ ބެހޭ ގަވާއިދު ) އަށް 1 ވަނަ އިސްލާުހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފެށުމުން، މި ގަވާއިދުގެ 10 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކަނޑައެޅޭ ފީގެ އަދަދާއި ކޮންމެ ކުއާޓަރަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު، މުއްދަތު އިތުރުކޮށްދީފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ފީ އެއްފަަހަރާ ދައްކައި ހަލާސްކޮށްފައިނުވާ ތަންތަން ކުއްޔަށް ހިފައިފައިވާ ފަރާތްތަކަށް، މީރާއިން ލިޔުމުން އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، ރަށް ނުވަތަ ބިން ކުއްޔަށް ހިފައިފައިވާ ފަރާތުން އެ ފަރާތުގެ އެޑްރެސްކަމަށް މީރާގއި ރަޖިސްޓަރީކޮށްފައިވާ އެޑްރެހަށް ނުވަތަ ފެކްސް ނަންބަރަށް ނުވަތަ އީމެއިލް އެޑްރެހަށް އެ މާއްދަގައި ބުނާ ލިޔުން ފޮނުވުމުން، އެ ފަރާތަކަށް ލިޔުމުން އެންގުނީ ކަމަށް ބެލެވޭނެއެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން
10. މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ފީ ކަނޑައެޅުމާއި ދެއްކުން
(ހ) މި ގަވާއިދުގެ ދަށުން މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ފީ ކަނޑައަޅާނީ ރަށް ނުވަަތަ ބިން، ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) ގެ ދަށުން މުއްދަތު އިތުރުކޮށްދިނުމުގެ ކުރިން ކުއްޔަށް ދީފައިވާ މުއްދަތު 50 އިން ކެނޑުމުން ޖެހޭ އަދަދު 100،000 (އެއް ލައްކަ) އެމެރިކާ ޑޮލަރާ ގުނަކުރުމުން އަންނަ އަދަދު އެއީ، އެ ރަށެއް ނުވަތަ ބިމެއް ކުއްޔަށްދީފައިވާ މުއްދަތު 50 އަހަރަށް ދައްކަންޖެހޭ ފީގެ ޖުމުލަ އަދަދު ކަމަށް ބަލައިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަނޑައެޅޭ ފީގެ ތެރެއިން މި ގަވާއިދަށް އަމަލުކުރަންފާށައިރު އެއްވެސް މިންވަރެއް ދައްކައިފާ ނަމަ އެ އަަދަދު މި ގަވާއިދުގެ ދަށުން ދައްކަންޖެހޭ އިންސްޓޯލްމަންޓްތަކުން އަޅައިކަނޑަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުގެ މަތިން ކަނޑައެޅޭ ފީ ދައްކަންވާނީ އެ ރަށަކުން ނުވަތަ އެ ބިމަކުން ދައްކަންޖެހޭ ޖުމުލަ ފީގެ އަދަދު 8 (އަށެއް) އިން ގެއްލުމުން ކޮންމެ ކުއާޓަރަކަށް ޖެހޭ އަދަދު، އަންނަނިވި ތާރީހުތަކުގެ ނިޔަލަށެވެ.
- ފުރަތަމަ އިންސްޓޯލްމަންޓް 5 މޭ 2014 ގެ ނިޔަލަށް
- ދެވަނަ އިންސްޓޯލްމަންޓް 5 އޮގަސްޓު 2014 ގެ ނިޔަލަށް
- ތިންވަނަ އިންސްޓޯލްމަންޓް 5 ނޮވެންބަރު 2014 ގެ ނިޔަލަށް
- ހަތަރުވަނަ އިންސްޓޯލްމަންޓް 5 ފެބުރުވަރީ 2015 ގެ ނިޔަލަށް
- ފަސްވަނަ އިންސްޓޯލްމަންޓް 5 މޭ 2015 ގެ ނިޔަލަށް
- ހަވަނަ އިންސްޓޯލްމަންޓް 5 އޮގަސްޓު 2015 ގެ ނިޔަލަށް
- ހަތްވަނަ އިންސްޓޯލްމަންޓް 5 ނޮވެންބަރު 2015 ގެ ނިޔަލަށް
- އަށްވަނަ އިންސްޓޯލްމަންޓް 5 ފެބުރުވަރީ 2016 ގެ ނިޔަލަށް
(ރ) މި ގަވާއިދުގައި ފައިސާ ދެއްކުމަށް މުއްދަތުތަކެއް ބަޔާންކޮށްފައި ވީ ނަމަވެސް، މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ޖުމުލަ އަދަދު އެއްފަހަރާ ނުވަތަ ކަނޑައެޅިފައިވާ މުއްދަތުތަކުގެ ކުރިން ދެއްކުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
(ބ) މި މާއްދާގެ ދަށުން ކަނޑައެޅޭ ފީ، މި ފައިސާ ދައްކަންޖެހޭ ފަރާތުން ނުވަތަ ތިންވަނަ ފަރާތަކުން މީރާއަށް ނުވަތަ ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ދައްކައިފައިވާ އެއްވެސް ފައިސާއަކުން ނުވަތަ އެޑްވާންސް ނުވަތަ ޑިޕޮސިޓްގެ ގޮތުގައި ދައްކައިފައިވާ އެއްވެސް ފައިސާއަކުން ނުވަތަ މީރާއިން ނުވަތަ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ލިބެންޖެހޭ ފައިސާއަކުން އަޅައެއް ނުކެނޑޭނެއެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން
11. ފީ ބަލައިގަތުން
(ހ) މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ފީ ދައްކަންވާނީ އެމެރިކާ ޑޮލަރުންނެވެ. އަދި މި ފައިސާ ބަލައިގަތުމާ ގުޅޭ އެންމެހައި ނިންމުންތައް ނިންމާނީ މީރާއިންނެވެ.
(ށ) ރަށް ނުވަތަ ބިން ކުއްޔަށް ހިފައިފައިވާ ފަރާތުން މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކަނޑައެެޅޭ ޖުމުލަ ފީގެ އަދަދު މީރާއަށް ދައްކައި ހަލާސްކުރުމުން، އެ ދުވަހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް މީރާއިން އަންގަންވާނެއެވެ. އަދި މި ގަވާއިދުގެ ދަށުން އެ ރަށް ނުވަތަ ބިމަކާ ގުޅިގެން ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކައި ހަލާސްކުރެވިފައިވާ ކަމާއި މުއްދަތު އިތުރުކުރުމާ ގުޅިގެން އެ ތަނަކާ ގުޅިގެން ފުރިހަމަކުރަންޖެހޭ ކަންކަން އެ ހިނދަށް ފުރިހަމަވެއްޖެ ކަމަށް އެ ރަށް ނުވަތަ ބިން ކުއްޔަށް ހިފައިފައިވާ ފަރާތުން ފައިސާ ދައްކައި ހަލާސްކޮށްފައިވާކަން މީރައިން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް އަންގާ ދުވަހުން ފެށިގެން ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، އެރަށް ނުވަތަ ބިން ކުއްޔަށްހިފާފައިވާ ފަރާތަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ލިޔުމުން އަންގަންވާނެއެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން
12. މުއްދަތު އިތުރުކުރުމާ ބެހޭ އެއްބަސްވުންތައް
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ފައިސާ ދެއްކުމާއި ގުޅޭ ގޮތުން ދިވެހިސަރުކާރާއެކު ކުރިން ވެފައިވާ އެއްބަސްވުންތަކުގައި ހިމަނައިފައިވާ ށެޑިއުލްތަކާއި ތާވަލުތަކުގެ ބަދަލުގައި އަމަލުކުރަންވާނީ މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔުމުގައި ހިމަނައިފައިވާ އަދި މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ތާރިހުތަކަށެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން
13. ގަވާއިދުން ފައިސާ ނުދެއްކުމުގެ ނަތީޖާ
(ހ) މި ގަވާއިދުގެ ދަށުން ދައްކަންޖެހޭ ފީ، މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅައިފައިވާ ތާރީހުތަކުގެ ނިޔަލަށް ނުދައްކައިފިނަމަ، އެ ފައިސާއެއް ހަމައަށް ނުދައްކައި ހިނގާ ކޮންމެ ދުވަހަކަށް، ނުދައްކައިވާ އަދަދުގެ %0.5 (ސުމެއް ޕޮއިންޓް ފަހެއް އިން ސައްތަ) ގެ ޖޫރިމަނާއެއް ދައްކަންޖެހޭނެއެވެ. އަދި ޖޫރިމަނާގެ ފައިސާ އާއި ނުދައްކައި އޮތް އިންސްޓޯލްމަންޓުގެ ޖުމުލަ އަދަދު މި ގަވާއިދު ގެ 10 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އެންމެ ފަހު އިންސްޓޯލްމަންޓް ދައްކަންޖެހޭ ތާރީހުގެ ނިޔަލަށް ދައްކައި ހަލާސްނުކޮށްފިނަމަ، މި ގަވާއިދުގެ ދަށުން އެ ރަށެއް ނުވަތަ ބިމެއްގެ މުއްދަތު އިތުރުކޮށްދީފައި އޮތް އޮތުން، އިތުރު އެންގުމަކައި ނުލައި ބާތިލުވާނެއެވެ.
(ށ) މި މާއްދަގެ (ހ) ގައިވާ ގޮތުގެ މަތިން ރަށެއް ނުވަތަ ބިމެއްގެ މުއްދަތު އިތުރުކޮށްދީފައި އޮތް އޮތުން ބާތިލުވާ ހާލަތެއްގައި، އެ ރަށެއް ނުވަތަ ބިމެއް ކުއްޔަށް ހިފައިފައިވާ ފަރާތަށް އެ ކަން ލިޔުމުން އަންގަންވާނެއެވެ. އަދި އެ ކަން އާންމުކޮށް އަންގައި އިއުލާނުކުރަން ވާނެއެވެ.
(ނ) މި މާއްދަގައި (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، އެ ރަށްރަށުގެ ނުވަތަ ބިންބިމުގެ މުއްދަތު އިތުރުކުރުމަށް އެ ފަރާތްތަކާއި ދިވެހިސަރުކާރާއެކު ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ވެފައިވާ އެއްބަސްވުންތަކުގައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކަމާ ގުޅޭ އެހެނިހެން މާއްދާތައް، ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މި މާއްދާގެ (ހ) އާ ފުށުއަރާ ނިސްބަތަށް ބާތިލުވާނެއެވެ.
(ރ) މި ގަވާއިދުގެ ދަށުން ފައިސާ ދައްކަންޖެހޭ ފަރާތަކުން، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ތާރީހުތަކުގައި ފައިސާ ނުދެއްކުމުން އެ ފަރާތަކަށް މުއްދަތު އިތުރުކޮށްދެވިފައިވާ ވުން ބާތިލުވާ ހިނދެއްގައި، މުއްދަތު އިތުރުކޮށްދިނުމާ ގުޅޭ ގޮތުން ދައްކައިފައިވާ އެއްވެސް ފައިސާއެއް އަނބުރައެއް ނުލިބޭނެއެވެ. އަދި، އެ ރަށް ނުވަތަ ބިމަކަށް މި ގަވާއިދުގެ ދަށުން އިތުރުކޮށްދެވުނު މުއްދަތު، އެ ތަނަކާ ގުޅިގެން ނުދައްކައިވާ އިންސްޓޯލްމަންޓްތަކަށްވާ ފައިސާ ("ފައިސާ ނުދައްކައިވާ މުއްދަތު") އަށް ބިނާކޮށް ތިރީގައި ބަޔާންކޮށްފައިވާ ފޮމިއުލާގައިވާ ގޮތުގެ މަތިން އުނިކުރެވޭނެއެވެ.
ފައިސާ ނުދައްކައިވާ މުއްދަތު = އިތުރުކޮށްދެވުނު މުއްދަތު – ފައިސާ ދައްކައިފައިވާ މުއްދަތު
އިތުރުކޮށްދެވުނު މުއްދަތު = މި ގަވާއިދުގެ ދަށުން އިތުރުކޮށްދެވިފައިވާ މުއްދަތު
ފައިސާ ދައްކައިފައިވާ މުއްދަތު = މި ގަވާއދިުގެ ދަށުން ދެއްކި ފައިސާގެ އަދަދު (ޖޫރިމަނާގެ އަދަދު ނުހިމަނައި) / މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ އިންސްޓޯލްމަންޓަކަށް ޖެހޭ އަދަދު
(ބ) މި މާއްދާގެ (ށ) ގައިވާ ފަދަ ހާޅަތެއްގައި، އެ ރަށެއް ނުވަތަ ބިމެއްގެ މުއްދަތު އިތުރުވެފައިވާ ކަމަށް ބަލައިގެން ކޮށްފައިވާ ނުވަތަ ކުރާ ކަމެއް ނުވަތަ ނުކޮށް ދޫކޮށްލައިފައިވާ ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކުން ލިބޭ ގެއްލުމަކަށް ނުވަތަ އުފުލަންޖެހޭ އެއްވެސް އިލްތިޒާމަކަށް މީރާއިން ނުވަތަ ޓޫރިޒަމާބެހޭ މިނިސްޓްރީން ނުވަތަ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ޒިންމައެއް ނުވާނެއެވެ.
7. ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި މާއްދާ އިތުުރުކުރުން.
14. ބަދަލުގައި ދެވޭ ރަށްރަށާއި ބިންބިމަށް މި ގަވާއިދު ހިނގުން
މި ގަވާއިދުގެ ޖަދުވަލު 1 އަދި ޖަދުވަލު 2 ގައި ހިމެނޭ އެއްވެސް ރަށެއް ނުވަތަ ބިމެއް އެއްވެސް ސަބަބަކާ ހުރެ، އެހެން ރަށަކަށް ނުވަތަ އެހެން ބިމަކަށް ބަދަލުކުރަން ޖެހޭ ރަށެއް ނުވަތަ ބިމެއްނަމަ، މި ގަވާއިދުގެ ދަށުން އެރަށެއް ނުވަަތަ ބިމެއް އިސްތިސްނާކުރެވޭނެއެވެ.
8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި މާއްދާ އިތުރުކުރުން.
16. މާނަކުރުން
(ހ) "މީރާ" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.
(ށ) "ޓޫރިޒަމާ ބެހޭ މިނިސްޓްރީ" ކަމަށް ބުނެފައި އެ ވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމަށެވެ.
9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގަވާއިދުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.
10 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު