މަސްތުވާތަކެއްޗަށް ޓެސްޓުކުރުމަށްޓަކައި ނެގޭ ކުޑަކަމުދާއެއްޗެހީގެ ސާމްޕަލާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2014-385)
(މި ގަވާއިދުގެ 14 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2012-26 އުވާލެވިފައި)
1 ވަނަ މާއްދާ – ތައާރުފާއި ނަން
(ހ) މިއީ، މީހެއްގެ ކުދަކަމުދާ އެއްޗެހި ދިނުމަށް އެމީހެއްގެ ފުލުހަކަށް އެދެވޭނެ ހަލަތުތަކާއި، މީހެއްގެ ކުދަކަމުދާ އެއްޗެހީގެ ސާމަޕަލް ހޯދުމަށްފަހު ޓެސްޓުކުރުމަށްޓަކައި އެއްތަނުން އަނެއްތަނަށް ގެންދިޔުމައި، ޓެސްޓުކުރުމުގައި އަމަލުކުރާނެ ގޮތުގެ އިޖުރައުތައް ކަނޑައަޅައި ބަޔަންކުރުމުގެ ގަވައިދެވެ.
(ށ) މި ގަވާއިދު އެކުލަވައިލާފައި މިވަނީ، ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 161 ވަނަ މާއްދާގެ (ނ) ގެ ދަށުން ލިބިދޭ ބާރުގެ ދަށުންނެވެ.
(ނ) މި ގަވާއިދަށް ކިޔާނީ "މަސްތުވާތަކެއްޗަށް ޓެސްޓުކުރުމަށްޓަކައި ނެގޭ ކުޑަކަމުދާއެއްޗެހީގެ ސާމްޕަލާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު" މިހެންނެވެ.
2 ވަނަ މާއްދާ – ކުޑަކަމުދާ އެއްޗެހި ދިނުމަށް އެދުން
މަސްތުވާއެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތުކުރެވޭ މީހެއްގެ ކުޑަކަމުދާ އެއްޗެހި މަސްތުވާތަކެއްޗަށް ޓެސްޓުކުރުމަށްޓަކައި ބޭނުންވެއްޖެ ހާލަތެއްގައި ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ދިނުމަށް އެ މީހެއްގެ ގާތުގައި މި ގަވާއިދުގެ ދަށުން އެދެވޭނީ ފުލުހަކަށެވެ.
3 ވަނަ މާއްދާ – ކުޑަކަމުދާ އެއްޗެހި ދިނުމަށް އެދެވޭނެ ހާލަތުތައް
މަސްތުވާއެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތުގައިވާ މީހެއްގެ ކުޑަކަމުދާ އެއްޗެހި ގިނުމަށް އެދެވޭނީ އަންނަނިވި ހާލަތުތަކުގައެވެ.
(ހ) މަސްތުވާއެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތުގައި ނުވަތަ މަސްތުވާއެއްޗެއް އަތުގައި ބެހެއްޓިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނެވުން؛ ނުވަތަ
(ށ) މަސްތުވާއެއްޗެއް ކަމަށް ށައްކުކުރެވޭ އެއްޗެއް މީހެއްގެ އަތުން ފެނުން؛ ނުވަތަ
(ނ) މަސްތުވާއެއްޗެއް ބޭނުންކުރިކަމަށް ނުވަތަ ބޭނުންކޮށްގެން ހުރިކަމަށް މީހަކު އިއުތިރާފުވުން؛ ނުވަތަ
(ރ) މަސްތުވާތަކެތީގެ މައްސަލައެއް ފިޔަވައި އެހެން ކުށެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނެވޭ ހާލަތުގައި އޭނާގެ އަމަލުތައް ހުރިގޮތުން އޭނާ ހުރީ މަސްތުވާއެއްޗެއް ބޭނުންކޮށްގެންކަމަށް ގަބޫލުކުރެވުން.
4 ވަނަ މާއްދާ – ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރުން
(ހ) ކުޑަކަމުދާ އެއްޗެހި ދިނުމަށް ފުލުހަކު އެންގުމުން، ކުޑަކަމުދާ އެއްޗެހި ދިނުމަށް މީހަކު އިންކާރުކުރީ ކަމުގައި ބެލެވެނީ އަންނަނިވި ހާލަތްތަކުނަ ކުރެ ހާލަތެއް މެދުވެރިވެއްޖެނަމައެވެ.
- ކުޑަކަމުދާ އެއްޗެހި ނުދޭނެކަމަށް ކަނޑައެޅިގެން ބުނުން؛ ނުވަތަ
- އެއްވެސް ސަބަބަކާހުރެ އަދި ސަބަބަކާ ނުލައި ކުޑަކަމުދާ އެއްޗެހި ދިނުމަށް އަންގާ ވަގުތުން ފެށިގެން 18 (އަށާރަ) ގަޑިއިރު ހަމަވާއިރު ކުޑަކަމުދާ އެއްޗެހި ނުދިނުން؛ ނުވަތަ
- ކުޑަކަމުދާ އެއްޗެހި ނުދީ ހުރެ އަމިއްލަ ހަށިގަނޑަށް ނުވަތަ އެހެންވެސް ތަނަކަށް ކުޑަކަމުދިއުން؛ ނުވަތަ
- ކުޑަކަމުދާ އެއްޗެހި ދިނުމުގެ ތެރޭގައި ގަޑުބަޑުކުރުން ނުވަތަ ގަޑުބަޑުކުރުމަށް މަސައްކަތްކުރުން؛ ނުވަތަ
- ކުޑަކަމުދާ އެއްޗެހި ދިނުމުގެ ތެރޭގައި ނުވަތަ ދިނުމަށްފަހު، އެ އެއްޗެހި ނައްތާލުން ނުވަތަ ނައްތާލަން މަސައްކަތްކުރުން.
(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކުޑަކަމުދާ އެއްޗެހި ދިނުމަށް އެދުމުން، ކުޑަކަމުދާ އެއްޗެހި ދިނުމަށް މީހަކު އިންކާރުކުރާނަމަ، އެކަން އެނގޭ ގޮތަށް މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމުގައި ލިޔެ ދެ ފުލުހުން ސޮއިކުރަންވާނެއެވެ.
5 ވަނަ މާއްދާ – ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ނެގުމުގެ އިޖުރާއަތު
އެއްވެސް މީހެއްގެ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ނަގަންވާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. މީހެއްގެ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ނެގުމުގެ އިޖުރާއަތު ފުރިހަމަވީކަމުގައި ބަލާނީ އަންނަނިވި ކަންކަން ފުރިހަމަވެފައިވާނަމައެވެ.
(ހ) ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ދިނުމަށް އަންގާފައިވަނީ މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމުން ކަމުގައިވުން؛ އަދި
(ށ) ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ނަގާފައިވަނީ ފުލުހުން ފޯރުވައިދޭ އަދި އެކަމަށް ހާއްސަކޮށްފައިވާ ދަޅަކަށް ކަމުގައިވުން؛ އަދި
(ނ) ނެގުނެ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލަކީ މަދުވެގެން 20 (ވިހި) މިލިލީޓަރު ހުރި ސާމްޕަލެއްކަން ކަށަވަރުކޮށްފައިވުން.
6 ވަނަ މާއްދާ – ކުޑަކަމުދާއެއްޗެހި ނެގުމަށްފަހު އެއާ މެދު އަމަލުކުރަންވީ ގޮތް
މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަވެފައިވާ ކުޑަކަމުދާތަކެތީގެ ކޮންމެ ސާމްޕަލަކާމެދު އަމަލުކުރާނީ ތިރީގައިވާ ގޮތުގެމަތިންނެވެ.
(ހ) އެ ސާމްޕަލް ދެބަޔަށް ބަހައި، އެ ދެބައި ވަކިން ބަންދުކޮށް އެއިން ކޮންމެ އެއްޗެއްގައި ވަކިން ސިލެއް ޖެހުން؛ އަދި
(ށ) ދެބައިގެ ތެރެއިން އެއްބައިގެ ޓެސްޓް ހެދުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކަމާބެހޭ ޑިޕާޓްމަންޓާ ހަވާލުކުރުން؛ އަދި
(ނ) ދެވަނަ ބައިގެ ޓެސްޓް އެޖެންސީން ހުއްދަކުރާ އިދާރާއަކުން ހެދުމަށްޓަކައި، އެ އިދާރާއަކާ ހަވާލުކުރުން.
7 ވަނަ މާއްދާ – ބަންދުކުރުމައީ ލޭބަލް ކުރުން
(ހ) މި ގަވައިދުގެ ދަށުން ނެގޭ ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ބަންދުކުރުމާއި ލޭބަލް ކުރުމުގައި އަމަލުކުރާނީ ތިރީގައިއެވާ ގޮތުގެމަތިންނެވެ.
(ށ) ކުޑަކަމުދާ ތަކެތީގެ ސާމްޕަލް މި ގަވާއިދުގެ 5 ވަނަ މައްދާގައިވާ ގޮތުގެމަތިން ނެގުމަށްފަހު ލަސްނުކޮށް ޓެމްޕާރ ޕްރޫފްކޮށް ބަންދުކުރަންވާނެއެވެ.
8 ވަނަ މާއްދާ – ދެވަނަ ބައިގެ ޓެސްޓް ހެދުން
(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ދެވަނަ ބައިގެ ސާމްޕަލް ޓެސްޓުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާރވިސްއިން ހަވާލުކުރާނީ އެޖެންސީން ހުއްދަކުރާ ލެބޯޓްރީއަކާއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ލެބޯޓްރީއަކީ ސަރުކާރުގެ ކަމާބެހޭ އިދާރާގެ ލައިސަންސް ލިބިގެން ހިންގާ ލެބޯޓްރީއަކަށްވާންވާނެއެވެ.
(ނ) މި ގަވާއިދުގެ ބޭނުމަށްޓަކައި ދެވަނަ ބައިގެ ޓެސްޓް ހެދުމަށް އެޖެންސީން ކަނޑައަޅާ ލެބޯޓްރީތަކުގެ ލިސްޓެއް މި ގަވާއިދަށް އަމަލުކުރަންފަށާ ތާރީހުގެ ކުރިން އެޖެންސީން އާންމުކޮށް އިއުލާންކުރުމާއެކު އެ ލިސްތު މޯލްޑިވްސް ޕޮލިސް ސާރވިސްއާ ހިއްސާކުރަންވާނެއެވެ. އަދި މީގެ އިތުރުން، އެ ލެބޯޓްރީއަކީ އެޖެންސީން ހުއްދަކޮށްފައިވާ ލެބޯޓްރީއެއްކަން އެނގޭނޭ ލިޔުމެއް އެޖެންސީން ލެބޯޓްރީއަށްވެސް ހަމަ އެ ތާރީހުގައި ދޫކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތުގެމަތިން އާންމުކޮށް އިއުލާންކުރެވޭ ލެބޯޓްރީތަކުގެ ލިސްޓަށް އަންނަ ބަދަލުތައް އިއުލާންކުރުމާއި، އެ ބަދަލުތައް މޯލްޑިވްސް ޕޮލިސް ސާރވިސްއާ ހިއްސާކުރުމަކީ އެޖެންސީގެ ޒިންމާއެކެވެ.
(ބ) ކުޑަކަމުދާ އެއްޗެހި ލެބޯޓްރީން ތަހްލީލްކުރުމަށްފަހު ޖެނަރޭޓްކުރާ މެށިން ރިޕޯޓާއި، އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް ޓެސްޓްކުރި ފަރާތުން ތައްޔާރުކުރާ ޓެސްޓު ރިޕޯޓު މޯލްޑިވްސް ޕޮލިސް ސާރވިސްއާ ހަވާލުކުރަންވާނެއެވެ.
(ޅ) ކުޑަކަމުދާ އެއްޗެހީގެ ދެވަނަ ބައި ތަހްލީލްކުރުމަށް ހަރަދެއް ހިނގާނަމަ، އެ ހަރަދު ކުރާނީ އެޖެންސީންނެވެ.
9 ވަނަ މާއްދާ – ސާމްޕަލް އެއްތަނުން އަނެއްތަނަށް ގެންދިއުން
(ހ) ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް އެކަކު އަތުން އަނެކެއްގެ އަތަށް ބަދަލުކުރަންވާނީ ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދަންވާނީ، މި ގަވައިދުގެ ޖަދުވަލު 2 ގެ ގޮތުގައި ހިމަނާފައިވާ ފޯމުގައި ލިޔެ ފުރިހަމަކުރުމަށްފަހުގައެވެ.
(ށ) ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް އެއްތަނުން އަނެއްތަނަށް ގެނަދަންވާނީ މޯލްޑިވްސް ޕޮލިސް ސާރވިސްގެ މުވައްޒަފެއްގެ ބެލުމުގެ ދަށުންނެވެ.
(ނ) ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ނެގުމަށްފަހު އެ ބަހައްޓަންވާނީ ފިނި ކޮށްފައެވެ. އަދި ޓެސްޓްކުރުމަށްޓަކައި ލެބޯޓްރީއާ ހަވާލުކުރުމަށް 3 (ތިނެއް) ދުވަހަށްވުރެ ދިގގު މުއްދަތެއް ހޭދަވާނަމަ އެ ސާމްޕަލް ބަހައްޓަންވާނީ ގަނޑުކޮށްފައެވެ.
(ރ) އަތޮޅުތެރޭގައި ހުންނަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ އިދާރާތަކުން ނަގާ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް މާލެއަށް ފޮނުވާނަމަ ފޮނުވަންވާނީ އައިސް އަޅާފައިވާ ކޫލް ބޮކްސްއެއްގެ ތެރޭގައެވެ.
10 ވަނަ މާއްދާ – ލެބޯޓްރީއަށް ސާމްޕަލް ބަލައިގަތުން
ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ލެބޯޓްރީއަށް ބަލައިގަންނަންވާނި އަންނަނިވި ކަންކަން ކަށަވަރުކުރުމަށްފަހުގައެވެ.
(ހ) ފޮރެންސިކް ތަހުލީލަށް އެދޭ ފޯމް ފުރިހަމަކޮށްފައިވުން؛ އަދި
(ށ) ޗެއިން އޮފް ކަސްޓަޑީ ފޯމް ފުރިހަމަކޮށްފައިވުން؛ އަދި
(ނ) ސާމަޕަލް ބަންދުކޮށްފައިވާ ދަޅު ޓެމްޕަރ ޕްރޫފްކޮށް ބަންދުކޮށްފައިވާކަން؛ އަދި
(ރ) ފޯމުގައިވާ ރިފަރަންސް ނަންބަރާއި ދަޅުގެ ލޭބަލްގައިވާ ރިފަރަންސް ނަންބަރު ދިމާވާކަން.
11 ވަނަ މާއްދާ – ލެބޯޓްރީއަށް ބަލައިގަނެގެން ނުވާނެ ސާމްޕަލް
އަންނަނިވި ހާލަތްތަކުގައި ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ލެބޯޓްރީއަށް ބަލައިގަނެގެންނުވާނެއެވެ.
(ހ) ސާމްޕަލް ބަންދުކޮށްފައިވާ ދަޅު ކަނޑާފައިވާކަމަށް ށައްކުކުރެވުން ނުވަތަ ދަޅުގެ ސީލް ކެނޑިފައިވުން؛
(ށ) ސާމްޕަލް ބަންދުކޮށްފައިވާ ދަޅުގެ ލޭބަލް ކިޔަން އެނގޭގޮތަށް ލިޔެފައި ނެތުން އަދި/ނުވަތަ ފޯމުތަކުގައިވާ މައުލޫމާތު އެއްގޮތްނުވުން؛
(ނ) ލެބޯޓްރީއަށް ގެނައި ސާމްޕަލަކީ އެ ސާމްޕަލް ނެގުނު ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވެފައިވާ ސާމްޕަލަކަށްވުން.
12 ވަނަ މާއްދާ – ލެބޯޓްރީގެ ރެކޯޑްތައް ބެލެހެއްޓުން
މި ގަވާއިދުގެ ދަށުން ލެބޯޓްރީއަށް ގެނެވޭ އެންމެހައި ސާމްޕަލާއި، މި ގަވާއިދުގެ 11 ވަނަ މާއްދާގެ ދަށުން ލެބޯޓްރީއަށް ބަލައިނުގަނެ އަނބުރާ ހަވާލުކުރާ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލާބެހޭ މައުލޫމާތުތައް ސަބަބާއެކު ލެބޯޓްރީގައި ލިޔެ ބަލަހައްޓަންވާނެއެވެ.
13 ވަނަ މާއްދާ – ގަވާއިދު ހަދައި ހިންގާ ފަރާތް
މި ގަވާއިދު ހަދައި ހިންގާނީ އެޖެންސީންނެވެ. އަދި މި ގަވާއިދު ތަންފީދުކުރާނީ އެޖެންސީންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެޖެންސީން ކަނޑައަޅާ ފަރާތްތަކުންނެވެ.
14 ވަނަ މާއްދާ – އުވާލެވޭ ގަވާއިދު
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު ގަވާއިދު ނަންބަރު 2012-26 "މަސްތުވާތަކެއްޗަށް ޓެސްޓުކުރުމަށްޓަކައި ކުޑަކަމުދާ އެއްޗެހި ނެގުމާއި، އެ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިޔުމާއި، އެތަކެތި ޓެސްޓުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އުވުނީއެވެ.
15 ވަނަ މާއްދާ – އަމަލުކުރަންފެށުން
މި ގަވާއިދަށް އަމަލުކުރަންފަށާނީ މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަސް ހަމަވާ ތާރީހުގައެވެ.
16 ވަނަ މާއްދާ – މާނަކުރުން
މި ގަވާއިދުގައި އެ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން އެހެން ގޮތަކަށް ދޭހަނުވާހައި ހިނދަކު:
(ހ) "އެޖެންސީ" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް ޑްރަގް އެޖެންސީއަށެވެ.
(ށ) "ޗެއިން އޮފް ކަސްޓަޑީ ފޯމު" ކަމަށް ބުނެފައި އެވަނީ، ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް އެކަކު އަތުން އަނެކެއްގެ އަތަށް ހަވާލުކުރުމުގައި ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދިޔުމުގައި ކުދަކަމުދާ އެއްޗެހީގެ ސާމްޕަލް ހަވާލުކުރާ ފަރާތާއި ހަވާލުވާ ފަރާތުގެ މައުލޫމާތާއި، ތާރީހާއި ގަޑި ލިޔެ ރެކޯޑުކުރާ ފޯމަށެވެ.
(ނ) "ލެބޯޓްރީ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލެބޯޓްރީއާއި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެޖެންސީން ހުއްދަ ދޫކޮށްފައިވާ ލެބޯޓްރީ ނުވަތަ ލެބޯޓްރީތައްވެސް ހިމެނޭ ގޮތުންނެވެ.
(ރ) "ޓެމްޕަރ ޕްރޫފް" ކަމަށް ބުނެފައި އެވަނީ، ހުޅުވައިފިނަމަ އެކަން އެނގޭނެ ފަދަ ގޮތަކަށް ބަންދުކޮށްފައިވުމަށެވެ.
---------
(ޖަދުވަލު 1)
ކުޑަކަމުދާއެއްޗެހީގެ ސާމްޕަލް ދިނުމަށް އަންގާ ފޯމު، އެޓޭޗުކުރެވިފައިވާ މި ގަވައިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ވަރޑް ޑޮކިއުމަންޓް ގައި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)
---------------
(ޖަދުވަލު 2)
ޗެއިން އޮފް ކަސްޓަޑީ ފޯމު، އެޓޭޗުކުރެވިފައިވާ މި ގަވައިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ވަރޑް ޑޮކިއުމަންޓް ގައި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)
މި ގަވާއިދަށް ގެނެވުނު އިސްލާހު
އުވުނު ގަވާއިދު
ކިޔުންތެރިންގެ ހިޔާލު