-

ވަގުތީގޮތުން ގައިދީން ދޫކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 5/2015) 

1 ވަނަ މާއްދާ - ތައާރުފު

(ހ) މިއީ ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 144 ވަނަ މާއްދާގެ (ށ) ގެ (12) ވަނަ ނަންބަރުގެ ދަށުން ބާރުލިބިގެން އެކުލަވައިލެވިފައިވާ، ވަގުތީ ގޮތުން ގައިދީން ދޫކުރުމާބެހޭ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނީ " ވަގުތީގޮތުން ގައިދީން ދޫކުރުމާބެހޭ ގަވާއިދު"އެވެ.

 

3 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ ޖަލުގައި ތިބޭ ގައިދީން ވަގުތީގޮތުން ދޫކުރެވޭނެ ހާލަތްތަކާއި، ވަގުތީ ގޮތުން ދޫކުރުމަށް ށަރުތު ހަމަވާ ގޮތާއި، ދޫކުރެވޭ ގޮތާއި، ދޫކޮށްފައި ތިބޭ މީހުން ކުރުމަށާއި ނުކުރުމަށް ށަރުތު ކުރެވިދާނެ ކަންކަމާއި، ވަގުތީގޮތުން ދޫކޮށްފައިހުރުން ބާތިލު ކުރެވިދާނެ ހާލަތްތައް ބަޔާން ކުރުމެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

ގަވާއިދު ހިންގާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ށާއިރުކުރާ ދުވަހުން ފެށިގެންނެވެ.

 

6 ވަނަ މާއްދާ - ގައިދީން ވަގުތީގޮތުން ދޫކުރެވޭނެ ހާލަތްތައް

އަންނަނިވި ހާލަތްތަކުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މިނިސްޓަރ ކަނޑައަޅާ ށަރުތުތަކާއެކު ގައިދީއަކު ވަގުތީގޮތުން ދޫކުރުމުގެ ހުއްދަ ކޮމިށަނަރ އެފް ޕްރިޒަންސްއަށް ދެވިދާނެއެވެ.

 1. ފަރުޒު ހައްޖުގެ އަޅުކަން އަދާކުރުމަށް؛
 2. ބަންދުކުރެވޭ އަންހެނާގެ 6 (ހައެއް) މަސް ނުފުރޭ ގާތުން ކިރުދޭ ކުއްޖެއް ހުރުން؛
 3. މަރުބަލީގައިވާ ނުވަތަ އާދަޔާ ހިޔާފަށް ބަލި މެމްބަރަކަށް ޒިޔާރަތްކުރުން؛
 4. އާއިލީ މެމްބަރެއްގެ ޖަނާޒާގައި ބައިވެރިވުން؛
 5. ރާއްޖޭން ލިބެންނެތް ސިއްހީ ފަރުވާއެއް ލިބިގަތުމަށް ރާއްޖެއިން ބޭރަށް ދިއުން.

(ށ) މި މާއްދާއިގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރުޒު ހައްޖަކީ އެ މީހަކު އަދާކުރާ ފަރުޒު ހައްޖުގެ އަޅުކަން ކަމުގައި ވާންވާނެއެވެ.

(ނ) މި މާއްދާއިގެ (ހ) ގެ (3) އަދި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގައިދީންގެ އާއިލީ މެމްބަރުން ކަމުގައި ބެލޭނީ ތިރީގައި ބަޔާންކޮށްފައިވާ މީހުންނެވެ.

 1. އަނބިން ނުވަތަ ފިރިމީހާ އަދި ދަރިން؛
 2. މަންމަ، ބައްޕަ، މާމަ އަދި ކާފަ؛
 3. މަންމަގެ ފިރިމީހާ، ބައްޕަގެ އަނބިމީހާ ނުވަތަ އަނބިން؛
 4. ކާފަ ދަރިން ނުވަތަ މާމަ ދަރިން؛
 5. އެއްބަނޑު އެއްބަފާ މީހުން، އެއްބަނޑު ނުވަތަ އެއްބަފާ މީހުން؛
 6. ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ؛
 7. ދޮން ދަރިން؛
 8. ޅިޔަނު ނުވަތަ ފަހަރި؛
 9. ގައިދީގެ ށަރުއީ ބަލަދުވެރިޔާ.

 (ރ) މި މާއްދާއިގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތެެއް ކަމުގައި ކަނޑައަޅާނީ ތިރިީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 1. ގައިދީގެ އާއިލާ މެމްބަރަކު ހޮސްޕިޓަލުގެ އިންޓެންސިވް ކޮރޯނަރީ ކެއާ ޔުނިޓް (އައި.ސީ.ސީ.ޔޫ) ގައި ނުވަތަ ފުރާނަޔަށް ނުރައްކާތެރި ހާލަތަކަށް ދިއުމާ ގުޅިގެން އެނދުމަތި ކުރެވިފައިވުން؛
 2. ގައިދީގެ އާއިލާ މެމްބަރަކު ހޭނައްތައިގެން ކުރާ އޮޕަރޭށަނެއް ކުރަން ހަމަޖައްސާފައިވުން؛

(ބ) މި މާއްދާއިގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގައިދީއަކަށް ކޮންމެހެން ބޭނުންވާ ސިއްހީ ފަރުވާއެއް ރާއްޖެއިން ލިބެން ނެތް ހާލަތްތަކުގައި، ކަމާބެހޭ ހާއްސަ ޑޮކްޓަރެއް އެގޮތަށް ނިންމައިފިނަމަ، އެ މީހަކަށް ސިއްހީ ބޭނުމަށްޓަކައި ރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަ ދެވޭނީ، މެޑިކަލް ގަވާއިދުގައިވާ ގޮތުގެ މަތިން މިނިސްޓަރު އައްޔަނު ކުރާ މެޑިކަލް ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

 

7 ވަނަ މާއްދާ - ވަގުތީ ގޮތުން ދޫނުކުރެވޭނެ މީހުން

(ހ) އަންނަނިވި ހާލަތްތަކުގައި ގައިދީއަކަށް ކޮންމެހެން ބޭނުންވާ ސިއްހީ ފަރުވާއެއް ލިބިދިނުމަށާއި، ހާއްސަ ހާލަތެއް މެދުވެރިވެގެން މެނުވީ އެހެން އެއްވެސް ބޭނުމަކަށް ވަގުތީގޮތުންވެސް ދޫނުކުރެވޭނެ މީހުންނެވެ.

 1. ސަލާމަތީ ގިންތީގެ އެންމެ މަތީ ދަރަޖައިގައި ތިބޭ ގައިދީން؛
 2. ޖަލުން ފިލިކަމުގެ ރެކޯޑެއް އޮތް ގައިދީން؛

(ށ) މި މާއްދާއިގެ (ހ) ގައި ބަޔާންކޮށްފައިވާ ގައިދީއަކު ވަގުތީގޮތުން ޖަލުން ދޫކުރެވޭނެ ހާއްސަ ހާލަތެއް ކަމުގައި ނިންމާނީ، މިނިސްޓަރުގެ މަށްވަރާގެ މަތިން ކޮމިށަނަރ އޮފް ޕްރިޒަންސްއެވެ.

(ނ) މި މާއްދާއިގެ (ހ) (2) ވަނަ ނަންބަރުގައިވާ ފިލިކަމުގެ ރެކޯޑެއް އޮތް ގައިދީއެއް ކަމަށް ބަލާނީ ތިރީގައި ބަޔާންކޮށްފައިވާ އުސޫލުންނެވެ.

 1. ގައިދީއަކު ފިލާފައިވަނީ 1 (އެކެއް) ފަހަރު ކަމަށްވާނަމަ، އެމީހަކު ފިލުމަށްފަހު ޖަލުގައި ހައްޔަރު ކުރެވުނު ފަހުން 2 (ދޭއް) އަހަރު ނުވުން؛
 2. ގައިދީއަކު 2 (ދޭއް) ނުވަތަ 3 (ތިނެއް) ފަހަރު ފިލާފައިވާނަމަ، އެމީހަކު ފިލުމަށްފަހު ޖަލުގައި ހައްޔަރު ކުރެވުނު ފަހުން 4 (ހަތަރެއް) އަހަރު ނުވުން؛
 3. ގައިދީއަކު ފިލާފައިވަނީ 3 (ތިނެއް) ފަހަރަށްވުރެ ގިނައިން ކަމަށްވާނަމަ، އެމީހަކު ފިލުމަށްފަހު ޖަލުގައި ހައްޔަރު ކުރެވުނު ފަހުން 6 (ހައެއް) އަހަރު ނުވުން؛

 

8 ވަނަ މައްދާ - ވަގުތީގޮތުން ދޫކުރުމަށް އެދުން

މިގަވާއިދުގެ 6 ވަނަ މާއްދާގެ (ހ)ގައިވާ ހާލަތްތަކުގައި ގައިދީ ވަގުތީގޮތުން ދޫކުރުމަށް އެދޭނީ، އެގައިދީ ނުވަތަ އެގައިދީގެ އާއިލާގެ ފަރާތުން އެކަމަށް އެދި ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ސިޓީއެއް ހުށަހަޅައިގެންނެވެ، މިގޮތުން އެސިޓީގައި ގައިދީ ގެންދަން ބޭނުންވާ ސަބަބު ބަޔާން ކުރަންވާނެއެވެ. އެސިޓީއާއެކު ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ ކޮޕީ ހުށައަޅަންވާނެއެވެ.

(ހ) އާއިލާގެ މެެމްބަރަކު ނިޔާވެގެންނަމަ، އެމީހެއްގެ މަރު ފޯމު؛

(ށ) އާއިލާގެ މެެމްބަރަކު ބަލިވެގެންނަމަ، އެކަން ސާބިތުކޮށްދެވޭވަރުގެ ޑޮކްޓަރުގެ ތައްގަނޑުޖެހި ރަސްމީ ލިޔުމެއް؛

(ރ) ފަރުޒު ހައްޖު އަދާކުރަންނަމަ، އެކަމާގުޅޭ އެންމެހާ ލިޔުންތައް؛

(ބ) ގައިދީ އާއިލާއާ ހަވާލުކުރަންޖެހޭ ހާލަތްތަކުގައި، އެގައިދީއާ ހަވާލުވާ ފަރާތުގެ އަދި ގައިދީ ގެންދިއުމަށް އާއިލާއިން އެދޭ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ފޮޓޯޖެހި އެފަދަ ރަސްމީ ލިޔުމެއް؛

 

9 ވަނަ މާއްދާ - ވަގުތީ ގޮތުން ޖަލުން ދޫކުރެވޭނެ މުއްދަތާއި ދޫކުރާނެ ގޮތް

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި ގައިދީ ވަގުތީގޮތުން ދޫކުރެވޭނީ ގިނަވެގެން 1 (އެކެއް) ގަޑިއިރަށެވެ.

(ށ) ގައިދީގެ އާއިލާ މެމްބަރެއްގެ ޖަނާޒާގައި ބައިވެރިވުމަށް ޖަލުން ދޫކުރެވޭނީ، އެމީހެއްގެ ޖަނާޒާގެ ކަންތައް ނިމެންދެނެވެ.

(ނ) ގައިދީއަކު ފަރުޒު ހައްޖުވުމަށް ޖަލުން ދޫކުރެވޭނީ އެ އަޅުކަން އަދާކުރުމަށް ދާ ދުވަހުން ފެށިގެން އެނބުރި ރާއްޖެ އައުމާ ހަމައަށެވެ.

(ރ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި ގައިދީ ވަގުތީގޮތުން ދޫކުރެވޭނީ ދޫކުރެވޭ ގައިދީގެ ދަރިފުޅަށް 6 (ހައެއް) މަސްދުވަސްވާ ދުވަހާހަމައަށެވެ.

(ބ) ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި ގައިދީ ޖަލުން ދޫކުރެވޭނީ، އެމީހަކު ހޯދުމަށްދާ ސިއްހީ ފަރުވާއެއް ހޯދުމަށް ރާއްޖެއިން ބޭރުގައި މަޑުކުރަން ޖެހޭނެކަމަށް މެޑިކަލް ބޯޑުން ކަނޑައަޅާ މުއްދަތަކަށެވެ.

(ޅ) ގައިދީއަކު ވަގުތީގޮތުން ދޫކުރެވޭނީ ޕްރިޒަން އޮފިސަރަކާ އެކުގައި، އޭނާގެ ސީދާ ބެލެހެއްޓުމުގެ ދަށުގައި ހުރިހާ ވަގުތެއްގައިވެސް ހުންނަ ގޮތަކަށެވެ. މިގޮތުން ވަގުތީގޮތުން އޮފިސަރުންގެ ހަވާލުގައި ނެރެވޭނީ މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައެވެ. މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގައިވާ ހާލަތްތަކުގައި ވަގުތީގޮތުން ޖަލުންނެރެ ގައިދީ ހަވާލު ކުރެވޭނީ އޭނާގެ ބެލެނިވެރިއެއްގެ ސީދާ ބެލެހެއްޓުމުގެ ދަށުގައި ހުރިހާ ވަގުތެއްގައިވެސް ހުންނަ ގޮތަށެވެ.

 

10 ވަނަ މާއްދާ - ގައިދީއަކު ވަގުތީގޮތުން ދޫކުރުމުގެ ހުއްދަ ދިނުން

(ހ) ގައިދީއަކު ވަގުތީގޮތުން ދޫކުރުމަށް އެދުމުން، އެމީހަކު ދޫކުރުމުގެ ހުއްދަދޭނީ މިނިސްޓަރ ކަނޑައަޅާ ށަރުތުތަކާއެކު، ކޮމިށަނަރ އޮފް ޕޮރިޒަންސްއެވެ. މިގޮތުން މިހުއްދަ ދޭންވާނީ ލިޔުމަކުންނެވެ.

(ށ) ވަގުތީގޮތުން ގައިދީއަކު ދޫކުރުމަށްދެވޭ ހުއްދާގައި ތިރީގައިވާ މައުލޫމާތައް ހިމަނަންވާނެއެވެ.

 1. ދޫކުރެވޭ ގައިދީގެ ފުރިހަމަ މައުލޫމާތު؛
 2. ދޫކުރެވޭ ސަބަބު؛
 3. ދޫކުރެވޭ މުއްދަތު؛
 4. ހުއްދަ ދެއްވި ފަރާތުގެ ސޮއި، ނަން އަދި މަގާމު.

(ނ) ވަގުތީގޮތުން ގައިދީއަކު ދޫކުރުމަށް ހުއްދަދޭއިރު އެ ގައިދީ ޖަލުގައި ހުންނަ ހުރުމުގައި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނާއި ޖަލުގެ ގަވާއިދާ ޖަލު އަމުރުތަކަށް އިހުތިރާމުކުރާ މިންވަރަށް ރިއާޔަތް ކުރަންވާނެއެވެ.

(ރ) ގައިދީއަކު ވަގުތީގޮތުން ދޫކުރުމަށް އެދި ހުށައަޅާ ހުށައެޅުން ކޮމިށަނަރ އޮފް އޮފް ޕްރިޒަންސް ގަބޫލު ނުކުރާނަމަ، އެކަން ސަބަބު ބަޔާންކޮށް ލިޔުމަކުން ޑައިރެކްޓަރ އޮފް ޕްރިޒަން އެފަރާތްތަކަށް އަންގަންވާނެއެވެ.

(ބ) ވަގުތީގޮތުން ދޫކުރުމަށް ހުއްދަ ނުދިނުމަށް ކޮމިށަނަރ އޮފް އޮފް ޕްރިޒަންސް ނިންމާ ހާލަތުގައި އެ ނިންމުމަކާމެދު އެ ގައިދީއަކު ހިތްހަމަނުޖެހޭނަމަ، އެކަން އަލުން ބަލައިދިނުން އެދި މިނިސްޓަރަށް ހުށައެޅިދާނެއެވެ.

 

11 ވަނަ މާއްދާ - ގައިދީއަކު ވަގުތީގޮތުން ދޫކުރާއިރު ފުރިހަމަ ކުރަންޖެހޭ ކަންތައްތައް

ގައިދީއަކު ވަގުތީގޮތުން ދޫކުރާނަމަ، އަންނަނިވި ކަންކަން ފުރިހަމަ ކުރުމަކީ ޑައިރެކްޓަރ އޮފް ޕްރިޒަންގެ ޒިންމާއެކެވެ.

(ހ) ގައިދީ ހިނދުކޮޅަކަށް ނަމަވެސް ޖަލުން ބޭރަށް ނެރެފިނަމަ އޭނާގެ ސަބަބުން މިޖުތަމައުގެ އެހެން ފަރުދަކަށް ނުވަތަ ފަރުދުންގެ ބަޔަކަށް ލިބިދާނެ ގެއްލުމަކަށް ބަލައި އަޅަންޖެހޭ އެންމެހާ ސަލާމަތީ ފިޔަވަޅުތައް އެޅުން؛

(ށ) ގައިދީ ފިލާފާނެކަމަށް އަޅަންޖެހޭ އެންމެހާ ސަލާމަތީ ފިޔަވަޅުތައް އެޅުން؛

(ނ) ގައިދީ ވަގުތީގޮތުން ދޫކޮށްފައި ހުންނަ މުއްދަތުގައި އޭނާގެ އަމަލުތައް ބަލަންޖެހޭނެ އެންމެހައި ކަންކަމުގެ މައްޗަށް އިހުތިރާމު ކުރާނެކަމުގެ އިގުރާރުގައި އޭނާ ލައްވާ ސޮއި ކުރުވުން؛

(ރ) ވަގުތީގޮތުން ޖަލުން ދޫކުރެވޭ ހާލަތްތަކުގައި ގައިދީ އާއިލާއާ ހަވާލުކުރާނަމަ، އެމީހަކާ ހަވާލުވާ ފަރާތުން އަމަލު ކުރަންޖެހޭ ގޮތުގެ އިގްރާރުގައި އެފަރާތް ލައްވައި ސޮއި ކުރުވުން؛

(ބ) ގައިދީ ވަގުތީގޮތުން ޖަލުން ދޫކޮށްފައިވާ މުއްދަތާއި ވަގުތީގޮތުން ދޫކުރުމުގައި ކަނޑައަޅާފައިވާ ށަރުތުތައް އެނގޭނެ ފުރިހަމަ މައުލޫމާތު އެގައިދީ އަކު ނުވަތަ ބަންދުމީހަކު ޖަލުން ނެރޭތާ 24 (ސައުވީސް) ގައިއިރުތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވުން.

 

12 ވަނަ މާއްދާ - ހަރަދު ހަމަޖެއްސުން

(ހ)ފަރުޒު ހައްޖުވުމަށާއި، ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި ކުރަންޖެހޭ އެންމެހައި ހަރަދުތައް ކުރަންޖެހޭނީ ގައިދީ އަމިއްލައަށް ނުވަތަ ގައިދީގެ އާއިލާއިންނެވެ.

(ށ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ށެޑިއުލް ދަތުރެއް ނެތް ހާލަތެއްގައި ގައިދީ ޖަލުންބޭރަށް ގެންގޮސް ގެނައުމުގެ މާލީ ޒިންމާ އުފުލަންވާނީ އެ ގައިދީއެއްގެ އާއިލާއިންނެވެ.

 

13 ވަނަ މާއްދާ - ވަގުތީގޮތުން ދޫކޮށްފައިވާ ގައިދީގެ އަމަލުތައް ބަހައްޓަންޖެހޭގޮތް

މިގަވާއިދުގެ ދަށުން ވަގުތީގޮތުން ދޫކޮށްފައިވާ ގައިދީއަަކު ޖަލުން ބޭރުގައި ހޭދަކުރާ މުއްދަތުގައި އޭނާއަކީ ބަންދުމީހެއްކަމުގައި ބެލެވޭނެއެވެ.އެހެންކަމުން މިމުއްދަތުގެ ތެރޭގައިވެސް ގައިދީއަަކު ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނާއި ޖަލުގެ ގަވާއިދާއި ޖަލު އަމުރުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.

(ށ) ގައިދީއަކު ވަގުތީގޮތުން ދޫކުރާއިރު، އާއިލާއާ ހަވާލުކުރާ ހާލަތްތަކުގައި އެމީހަކު ބެހެއްޓޭނީ ހުރިހާ ވަގުތެއްގައިވެސް އެމީހެއްގެ ބެލެނިވެރިޔެއްގެ ބެލުމުގެ ދަށުގައެވެ.

(ނ) މި ގަވާއިދުގެ ދަށުން ވަގުތީގޮތުން ދޫކުރެވޭ ގައިދީއަަކު، ދޫކޮށްފައިވާ މުއްދަތުގެ ތެރޭގައި ކުރުން މަނާ ކަންތައްތައް ތިރީގައި މިވަނީއެވެ.

 1. ޖަލު އޮފިސަރެއްގެ ހަވާލުގައި ޖަލުންނެރޭ ހާލަތްތަކުގައި އެ އޮފިސަރެއްގެ އަމުރަށް ނުކިޔަމަންތެރިވުން؛
 2. ގައިދީ އާއިލާއާ ހަވާލުކުރެވޭ ހާލަތްތަކުގައި ސޮއި ކުރުވާ އިގުރާރާ ހިލާފުވުން އަދި ހިލާފުވާ ފަރާތުގެ އެންގުންތަކަށް ތަބާނުވުން؛
 3. ފިލުން ނުވަތަ ފިލަން މަސައްކަތް ކުރުން؛
 4. އާއިލާ މެމްބަރަކު ބަލިވެގެން ނުވަތަ އާއިލާ މެމްބަރެއްގެ ޖަނާޒާގައި ބައިވެރިވުމަށް ގެންދާ ހާލަތްތަކުގައި އެތަނެއްގެ މަސްލަހަތު ގެއްލޭފަދަ އެއްވެސް ކަމެއްކުރުން؛
 5. ގޭ ބަންދުކޮށްފައިވަނިކޮށް ހުއްދަނެތި ގެއިން ނުކުތުން؛
 6. ވަގުތީގޮތުން ދޫކުރެވޭ ބޭނުން ފިޔަވައި އެނޫން ގޮތަކަށް އަމަލުކުރުން؛
 7. ވަގުތީގޮތުން ދޫކޮށްފައިވާ މުއްދަތު ހަމަވުމުން އަނބުރާ ޖަލަށް ނައުން ނުވަތަ އެކަމަށް ދެކޮޅު ހެދުން.

 

14 ވަނަ މާއްދާ - ވަގުތީގޮތުން ދޫކުރާ ގައިދީއާ ހަވާލުވާ ފަރާތުން އަމަލުކުރަންވީގޮތް

(ހ) މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގައިވާ ކަމެއް ގައިދީގެ ފަރާތުން ފެނިއްޖެނަމަ އެކަން ލަސްނުކޮށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް އަންގަން ވާނެއެވެ.

(ށ) ވަގުތީގޮތުން ޖަލުން ދޫކޮށްފައިވަނިކޮށް ގައިދީ ބަލިވެއްޖެނަމަ ނުވަތަ ނުރައްކާތެރި ހާދިސާއެއް މެދުވެރިވެއްޖެނަމަ ނުވަތަ ނިޔާވެއްޖެނަމަ ވަގުތުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްެއަށް އަންގަން ވާނެއެވެ.

 

15 ވަނަ މާއްދާ - ވަގުތީގޮތުން ދޫކުރުން ބާތިލުކުރުން

(ހ) އަންނަނިވި ހާލަތްތަކުގައި ގައިދީއަކު ވަގުތީގޮތުން ދޫކޮށްފައިވާ ދޫކުރުން ނިމުމަކަށް ގެނެސް އޭނާ އަލުން ޖަލުގައި ބަންދުކުރުމުގެ އިހްތިޔާރު ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ލިބިގެންވެއެވެ.

 1. ގައިދީ ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކުރުން ނުވަތަ އެފަދަ ކަމެއް ކުރަން މަސައްކަތް ކުރުން؛
 2. މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމެއް ގައިދީކުރުން؛
 3. އާއިލާއިން ގައިދީއާއި ހަވާލުވާ ފަރާތް ނުވަތަ ގައިދީ އެކަމަށް އެދުން؛
 4. ގައިދީއަށް ނުރައްކަލެއް ނުވަތަ ގެއްލުމެއް ލިބިދާފަދަ އެއްވެސް ހާލަތެއް ދިމާވުން؛
 5. ގައިދީގެ ސަބަބުން މުޖުތަމައުގެ ފަރުދަކަށް ނުވަތަ ފަރުދުންގެ ބަޔަކަށް ގެއްލުމެއް ދީފާނެކަމަށް ގަބޫލު ކުރެވުން؛

(ށ)ވަގުތީގޮތުން ދޫކޮށްފައިވާ ގައިދީއަކު މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވެގެން، އޭނާ ވަގުތީގޮތުން ދޫކޮށްފައިވާ ދޫކުރުން ނިމުމަކަށް ގެނެސްފިނަމަ، ގައިދީއަށާއި އާއިލާއިން ގައިދީއާއި ހަވާލުވި ފަރާތަށް އެކަން ގިނަވެގެން 24 (ސައުވީސް) ގަޑިއިރުތެރޭގައި ސަބަބާއެކު އަންގަންވާނެއެވެ.

 

16 ވަނަ މާއްދާ - ގައިދީ އަނބުރާ ޖަލަށް ގެނައުން

ވަގުތީގޮތުން ދޫކޮށްފައިވާ ގައިދީއަކު، އެމީހަކު ދޫކޮށްފައިވާ މުއްދަތު ހަމަވުމުން އެ މީހަކު އަނބުރާ ޖަލަށް ގެންނަންވާނެއެވެ. މިގޮތުން ގައިދީ އާއިލާއާ ހަވާލުކުރާ ހާލަތްތަކުގައި އެ ގައިދީ ދޫކޮށްފައިވާ މުއްދަތު ހަމަވުމުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއާ ހަވާލުކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

 

މައި ގާނޫނު

ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 14/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު