-

މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރީގެ އުސޫލުން މުއާމަލާތު ކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2015-137)

  

އިބްތިދާއީ މާއްދާތައް

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނ) ގެ 9 ވަނަ މާއްދާގެ (އ) އިން ބާރުލިބިގެން، މިނިސްޓްރީތަކާ ހަވާލުކުރެވޭބިންތައް ވިޔަފާރީގެ އުސޫލުން މުއާމަލާތު ކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރީގެ އުސޫލުން މުޢާމަލާތު ކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހް

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

3 ވަނަ މާއްދާ - ކުރީގައި ހިނގާފައިވާ ކަންކަމަށް މި ގަވާއިދު ހިންގުން

މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މި ގަވާއިދެއް ނުހިނގާނެއެވެ. ނަމަވެސް މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު މި ގަވާއިދުގައި ވަކިކަމެއް ލާޒިމުކޮށްފައިވާނަމަ، އެކަމެއް މި ގަވާއިދުގެ ދަށުން ހިނގާނެއެވެ.

 

4 ވަނަ މާއްދާ - ކުރިން ދޫކުރެވުނު ބިންތަކާމެދު އަމަލުކުރާނޭ ގޮތް

މި ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ދައުލަތާއެކު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ މުއްދަތު ހަމަވުމަށްފަހު އެފަދަ އެއްބަސްވުމެއް އާ ކުރަންވާނީ މި ގަވާއިދާއި އެއްގޮތްވާ ގޮތުގެމަތީންނެވެ.

 

5 ވަނަ މާއްދާ - މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރީގެ އުސޫލުން ބޭނުންކުރުމަށް ކަނޑައެޅުން

އެއްވެސް މިނިސްޓްރީއަކާ ހަވާލުކޮށްފައިވާ ބިމެއް، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު (2002-01) ގެ 4 ވަނަ އިސްލާހުގެ ދަށުން ވިޔަފާރީގެ އުސޫލުން މުއާމަލާތު ކުރަންވާނީ މި ގަވާއިދުގައިވާ ގޮތުގެ މަތިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ހުށަހަޅައި، ލިޔުމުން ހުއްދަލިބިގެންނެވެ.

 

 

ބިންކަނޑައެޅުން

 

6 ވަނަ މާއްދާ - ބިން ކަނޑައެޅުމާއި އެކަށައެޅުން

(ހ) އަންނަނިވި ބޭނުންތަކަށް މިގަވާއިދުގެ ދަށުން ބިން ކަނޑައަޅައި އެކަށައަޅާނީ، ދިވެހިރާއްޖޭގެ ބިމާއި ބެހޭ ގާނޫނުގައި ވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

  1. ބިން ވިއްކުމަށް(ފްރީ ހޯލްޑްކޮށް ދޫކުރުން)
  2. ބިންކުއްޔަށް ދޫކުރުމަށް (ލީސް ހޯލްޑްކޮށް)

 

7 ވަނަ މާއްދާ - ވިޔަފާރީގެ އުސޫލުން ބިން ދޫކުރެވޭނެ ގޮތްތައް

(ހ)  މި ގަވާއިދުގެ ދަށުން ވިޔަފާރީގެ އުސޫލުން ބިން ދޫކުރެވޭނީ އަންނަނެވި ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.

  1. ވަކި ށަރުޠުތަކަކާއެކު، ބިމުގެ ހުރިހާ ހައްގެއް ގަންނަ ފަރާތަށް މިލްކުވާގޮތަށް ވިއްކައިލުން
  2. 66  އަހަރާއި 99 އަހަރާ ދެމެދުގެ މުއްދަތަކަށް ކުއްޔަށް ދިނުން ނުވަތަ ލީސް ހޯލްޑްކުރުން.
  3. 33  އަހަރާއި 66 އަހަރާ ދެމެދުގެ މުއްދަކަށް ކުއްޔަށް ދިނުން ނުވަތަ ލީސް ހޯލްޑް ކުރުން. 33 އަހަރަށްވުރެ ކުރު މުއްދަތަކަށް މި ގަވާއިދުގެ ދަށުން ކުއްޔަކަށްނުދެވޭނެއެވެ.

 

8 ވަނަ މާއްދާ - މިނިސްޓްރީތަކާ ހަވާލުކޮށްފައިވާ ބިންތަކުގެ ތެރެއިން ވިޔަފާރީގެ އުސޫލުން ބޭނުންކުރެވޭނޭ ބިން ދޫކުރުން

(ހ)  މި ގަވާއިދުގައިވާ ގޮތުގެ މަތީން ކަ ނޑައެޅޭ ބިންތައް ވިޔަފާރީގެ އުސޫލުން ދޫކުރާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަ ނޑައަޅާފައިވާ ގޮތުގެ މަތީންނެވެ. މިގޮތުން؛

  1. އެންމެ ކުޑަވެގެން ފަރުދަކަށް ދެވޭނެ ބިމުގެ ބޮޑުމިނަކީ 600 އަކަފޫޓެވެ.
  2. ކުންފުނި ފަދަ ވިޔަފާރީގެ އުސޫލުން ބިމުން ނަފާ ނެރޭ ފަރާތްތަކަށް އެންމެ ބޮޑުވެގެންދެވޭނެ ބިމުގެ މިން ކަ ނޑައަޅާނީ އެފަރާތަކުން ހުށަހަޅާ ޕްރޮޕޯސަލަކަށް ބެލުމަށްފަހު ކަމާގުޅޭ ވުޒާރާއަކުންނެވެ.

(ށ) ވަކި ވުޒާރާއަކުން ބިން ވިއްކުމަށް ނުވަތަ ކުއްޔަށް ދިނުމަށް ބޭނުންވާ ޙާލަތްތަކުގައި ބިން ވިއްކޭނީ އަދި ކުއްޔަށްދެވޭނީ އެކަމުގެ ހުއްދައަށް އެދި މިނިސްޓްރޯ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ހުށަހަޅައި ހުއްދަ ހޯދުމަށްފަހުގައެވެ.

(ނ) ވަކި ވުޒާރާއަކުން ބިން ކުއްޔަށް ދިނުމަށް ނުވަތަ ވިއްކުމުގެ ހުއްދައަށް އެދި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ހުށަހެޅުމުން މިނިސްޓްރީން ހުއްދަދޭނީ އަންނަނިވި ގޮތުގެ މަތީންނެވެ.

  1. އެ ބިމަކީ ހުއްދަޔަށް އެދުނު ބޭނުމަށް ކަ ނޑައެޅި ލޭންޑް ޔޫސް ޕްލޭނުގައި ހިމަނާފައިވާ ބިމެއްތޯ ބެލުން.
  2. ހުއްދަޔަށް އެދުނު ބޭނުމަށް ކަ ނޑައަޅާފައިނުވާ އަދި ލޭންޑް ޔޫސް ޕްލޭނުގައި ހިމަނާފައިނުވާ ބިމެއްނަމަ، ހުށަހެޅުނު ބޭނުމަށް އެ ބިންކަ ނޑައެޅުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ރަޢީސުލްޖުމުހޫރިއްޔާގެ އޮފީހުގައި ދެންނެވުން.

(ރ) މި މާއްދާގެ (ނ) ގެ 1 ގައި ބަޔާންކުރާ ބޭނުމަށް ކަނޑައެޅިފައިވާ ބިމެއް ނަމަ އެ ބިން ކުއްޔަށް ދޫކުރުމަށް ނުވަތަ ވިއްކާލުމުގެ ހުއްދަޔަށް އެދި ހުށަހެޅި ވުޒާރާޔަކަށް އެ އެދުނު ހުއްދަ ދޭންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގެ 2 ގައި ބަޔާންކުރާ ގޮތުގެމަތީން ބިން ކަނޑައެޅުމުން، ވިއްކައިލުމަށް ނުވަތަ ކުއްޔަށް ދިނުމުގެ ހުއްދައަށް އެދުނު ފަރާތަށް އެކަމުގެ ހުއްދަ ދޭންވާނެއެވެ.

(ޅ) ވަކި ބޭނުމަކަށް ބިން އެކަށައަޅައި ދޫކޮށްފައިވާ އެއްވެސް ބިމެއް އެނޫން އެހެން ބޭނުމަކަށް ބޭނުންކުރެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ހުށަހަޅައި ލިޔުމުން ހުއްދަ ހޯދައިގެންނެވެ. މިގޮތަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހުއްދަ ނުދޭހައިހިނދަކު ދޫކޮށްފައިވާ އެއްވެސް ބިމެއް އެ ދޫކުރި ބޭނުން ނޫން އެހެން ބޭނުމަކަށް ބޭނުންކުރުމަކީ މި ގަވާއިދު ހުއްދަކުރާ ކަމެއްނޫނެވެ.

(ކ) ވަކި ބޭނުމަކަށް ބިން އެކަށައަޅައި ދޫކޮށްފައިވަނިކޮށް، ދޫކުރި ބޭނުން ނޫން އެހެން ބޭނުމަކު ބިން ބޭނުންކުރަން ހުއްދަދޭންވާނީ، ފުރަތަމަ ހުއްދަދިން ބޭނުން ނެތިގޮސްފައިވާ ހާލަތްތަކުގައެވެ. އަދި ބިންދޫކުރި ފުރަތަމަ ބޭނުން ދެމިއޮތް ހާލަތްތަކުގައި އެބިން އެހެން ބޭނުމަކަށް ބޭނުންކުރެވޭނީ ފުރަތަމަ ބިން ކަ ނޑައެޅި ބޭނުން ހާސިލުވާކަން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ލިޔުމުން ހުށަހަޅައި، ކަށަވަރުވާ ހާލަތްތަކުގައެވެ.

 

 

އަގު ކަނޑައެޅުން

 

9 ވަނަ މާއްދާ - އަގު ކަނޑައަޅާ ފަރާތް

މި ގަވާއިދުގެ ދަށުން ކަނޑައެޅޭ އެންމެހައި ބިންތަކުގެ އަގު ކަނޑައަޅާނީ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ ދަށުން އެކުލަވާލާފައިވާ ލޭންޑް ވެލިއުއޭށަން ކޮމެޓީއިންނެވެ.

 

10 ވަނަ މާއްދާ - ލޭންޑް ވެލިއުއޭށަން ކޮމިޓީ

(ހ) ލޭންޑް ވެލިއުއޭށަން ކޮމިޓީ އެކުލެވިގެންވަނީ އަންނަނިވި މުއައްސަސާތަކުން އައްޔަންކުރެވޭ  10  މެންބަރުގެ މައްޗަށެވެ.

  1. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (2 މެންބަރުން)
  2. މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރ (2 މެންބަރުން)
  3. މިނިސްޓްރީ އޮފް ޓޫރިޒަމް (1 މެންބަރު)
  4. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ (1 މެންބަރު)
  5. ލޯކަލް ގަވަރމަންޓް އޮތޯރިޓީ (1 މެންބަރު)
  6. އެޓާރނީ ޖެނެރަލްގެ އޮފިސް (1 މެންބަރު)
  7. ވިޔަފާރިވެރިންގެ ޖަމްއިއްޔާ (1 މެންބަރު)
  8. މޯލްޑިވްސް އެސޯސިއޭށަން ފޯރ ކޮންސްޓްރަކްށަން އިންޑަސްޓްރީ (1 މެންބަރު)

(ށ) މި ކޮމިޓީގައި ޗެއަރ ކުރައްވާނީ މިނިސްޓަރ އޮފް ހައުސިންގެ އެންޑް  އިންފްރާސްޓްރަކްޗަރ އެވެ .

(ނ) މި ކޮމިޓީގެ ކޯރަމް ކަމަށް ބެލެވޭނީ ކޮމީޓީގައި ހިމެނޭ 10 މެންބަރުންގެ ތެރެއިން ޗެއަރ ކުރައްވާ ފަރާތް ފިޔަވައި މަދުވެގެން 6 މެންބަރުންވެ.

(ރ) މި ކޮމިޓީގެ ގޮތް ނިންމޭ އަގުލަބިއްޔަތު ކަމަށް ބެލޭނީ ޖުމުލަ މެންބަރުންގެ ތެރެއިން މަދުވެގެން 6 މެންބަރުންނެވެ.

 

11 ވަނަ މާއްދާ - ބިންތަކުގެ އަގު އަދި ފީ ކަނޑައެޅުން

(ހ) މި ގަވާއިދުގެ ދަށުން ކަނޑައެޅޭ އެންމެހައި ބިންތަކުގެ އަގު އަދި ފީ ކަނޑައަޅަންވާނީ އަންނަނިވި ކަންތައްތަކަށް ރިޢާޔަތްކުރުމަށްފަހު، އަކަ ފޫޓަކަށް ޖެހޭ ނިސްބަތުން ކަނޑައެޅޭ ވަކި ސަރަހައްދުތަކަށް ވަކިވަކީންނެވެ.

  1. މާލެ، ވިލިނގިލި، އަދި ހުޅުމާލޭގެ ބިންތައް
  2. މާލެ ކައިރީގެ ރައްތަކުގެ ބިންތައް
  3. މާލެ، ވިލިނގިލި، އަދި ހުޅުމާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށްތައް
  4. ފަޅުރަށްތައް
  5. އަލަށް އުފައްދާ ރަށްތަކާއި ބިންތައް 

(ށ) އަގު ކަނޑައެޅުމުގައި އެ ބިމެއްގައިވާ، ނުއުފުލޭ މުދާވެސް ހިމަނަންވާނެއެވެ.

 

12 ވަނަ މާއްދާ - ހައްގުތައް ބަދަލުކުރުމުގައި އަގު ކަނޑައެޅުން

(ހ) މި ގަވާއިދުގެ ދަށުން ގަންނަފަރާތަށް ނުވަތަ ކުއްޔަށް ހިފާފަރާތަށް ލިބޭ އެއްވެސް ހައްގެއް އެހެން ފަރާތަކަށް ބަދަލުކުރެވޭނީ، 9 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ލޭންޑް ވެލިއުއޭށަން ކޮމިޓީން ކަނޑައަޅާ ފީއެއް ދެއްކުމަށްފަހުގައެވެ.

(ށ) މި ގަވާއިދުގެ ދަށުން އަގެއް އަދި ފީއެއް ކަނޑައަޅާނީ 9 ވަނަމާއްދާގައި ވާފަދައިންނެވެ.

 

13 ވަނަ މާއްދާ - ޓައިޓަލް ބަދަލުކުރުން

މި ގަވާއިދުގެ ދަށުން ޓައިޓަލް ބަދަލުކުރެވޭނީ މި ގަވާއިދުގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ލޭންޑް ވެލިއުއޭށަން ކޮމިޓީން ކަނޑައަޅާ ފީއެއް ނެގުމަށްފަހުގައެވެ.

 

 

ވަކި ށަރުތުތަކަކާއެކު، ބިމުގެ ހުރިހާ ހައްގެއް ގަންނަ ފަރާތަށް މިލްކުވާގޮތަށް ވިއްކައިލުން

 

14 ވަނަ މާއްދާ - ބިން ވިއްކުން (ފްރީހޯލްޑް)

(ހ) މި ގަވާއިދުގެ ދަށުން ބިން ވިއްކޭނީ އަންނަނިވި ކަންކަމަށެވެ.

  1. އިގްތިސާދީ ބޭނުމަށް
  2. ސިނާއީ ބޭނުމަށް

 

15 ވަނަ މާއްދާ - ވިއްކައިލެވޭ ބިން ދޫކުރުން

(ހ) ވިއްކައިލެވޭ ބިން ދޫކުރާނީ، މި ގަވާއިދުގެ 9 ވަނަ މާއްދާގައި ވާގޮތުގެމަތިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އަންނަނިވި ކަންތައްތަކަށް ރިއާޔަތްކޮށްފައެވެ.

  1. ލޭންޑް ޔޫސް ޕްލޭނުގައި ވިއްކައިލުމަށް އެކަށައަޅާފައިވާ ތަނަކަށްވުން.
  2. މިގަވާއިދުގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ވިއްކައިލުމަށް ރައީސުލްޖުމުހޫރިއްޔާ ކަނޑައަޅާފައިވާ ބިމެއް ކަމުގައިވުން.
  3. ބަންޑާރަ ބިމެއްގެ ގޮތުގައި ދިރިއުޅުމަށް އެއްވެސް ފަރާތަކަށް ދޫކޮށްފައިވާ ތަނަކަށް ނުވުން.
  4. ފްރީ ހޯލްޑްކޮށް ވިއްކައިލެވޭ ބިމަކީ މާލެ، އަދި ވިލިނގިލިން ކަނޑައަޅާފައިވާ ބިމެއްކަމުގައި ނުވުން. 

(ށ) ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް އާންމު އިޢުލާނަކުން އެންގުން. މިގޮތުން ކުރެވޭ އިޢުލާނުގައި ޕްރޮޕޯސަލްތަކަށް މާރކްސް ދެވޭނެ އުސޫލެއް ހިމަނަފައި އޮންނަންވާނެއެވެ.

 

16 ވަނަ މާއްދާ - ބިން ގަންނަފަރާތް ކަނޑައެޅުން

(ހ) ބިން ގަންނަފަރާތުގައި ހުންނަންޖެހޭ ށަރުޠުތަކަކީ؛

  1. ދިވެހި ރައްޔިތެއްކަމުގައިވުން.
  2. އުމުރުން 18 އަހަރު ފުރިހަމަވެފައިވުން.
  3. ކުންފުންޏެއްނަމަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ، 100 އިންސައްތަ ދިވެހިން ހިއްސާވާ ކުންފުންޏެއް ކަމުގައިވުން.
  4. ސޮސައިޓީއެއްނަމަ ކޯޕަރޭޓް ސޮސައިޓީގެ ޤާނޫނު (2007-03) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ސޮސައިޓިއެއް ކަމަށްވުން.
  5. އިފްލާސް ކޮށްފައިވާ މީހަކަށް ނުވުން.
  6. ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ބިން ގަނެ ވިއްކުމުގެ މުޢާމަލާތެއް ކުރުމުގައި އޮޅުވައިލުމާއި، މަކަރާއި ހީލަތް ހެދުމާއި ފްރައުޑުގެ ކުށެއް ސާބިތުވެފައިނުވާ، އަދި އެއްވެސް ޙުކުމެއް ތަންފީޛުކުރަމުންދާ މީހެއް ނުވަތަ ގާނޫނީ ށަހުސެއް ކަމުގައިނުވުން

 

17 ވަނަ މާއްދާ - ވިއްކައިލެވޭ ބިން ބަދަލުކުރުމުގެ ކުރިން މިނިސްޓްރީއަށް އެންގުން

ވިއްކައިލެވޭ ބިން ބަދަލުކުރެމުގެ ކުރީން ބިން ގަންނަފަރާތުން، ބިން ބަދަލުކުރަން ބޭނުންވާ ސަބަބާއި ބަދަލުކުރަން އެދޭ ބިން އެނގޭގޮތަށް ލިޔުމަކުން މިނިސްޓްރީއަށް ހުށަހަޅައި އަންގަންވާނެއެވެ. އަދި މިކަންތައް ކޮށްދެވޭނީ ބިން ވިއްކުމުގައި ނިންމަންޖެހޭ ށަރުއީ މަރުހަލާ ނިންމާފައިވާކަމުގެ ލިޔުމާއި ކޯޓުއަމުރު ހުށަހެޅުމުންނެވެ.

 

18 ވަނަ މާއްދާ - އެހެންފަރާތަކަށް ވިއްކުމުގައި ގެންގުޅެންޖެހޭ މިންގަނޑުތައް

(ހ) ބިމެއް އެހެން ފަރާތަކަށް ވިއްކޭނީ، މި މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ. އެގޮތުން، ކޯޓު މަރުހަލާ ފުރިހަމަކުރުމަށްފަހު ބިމުގެ ރެޖިސްޓްރޭށަން ބަދަލުކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ހުށަހަޅަންޖެހޭނެއެވެ. ފްރީހޯލްޑްކޮށް ވިއްކައިލެވޭ ބިމެއް އެހެން ފަރާތަކަށް ވިއްކައިލެވޭނީ 16 ވަނަ މާއްދާގައިވާ ކަންތައްތައް އެފަރާތެއްގެ ކިބައިގައި ފުރިހަމަވާނަމައެވެ. ބިމެއް ގަތުމަށްފަހު އެބިން އެހެން ފަރާތަކަށް ވިއްކުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކަކީ؛

  1. ބިން އެހެން ފަރާތަކަށް ވިއްކަން ބޭނުންވާ ސަބަބާއި ވިއްކުމުގެ ހުއްދައަށް އެދި ލިޔުމަކުން މި މިނިސްޓްރީއަށް ހުށަހެޅުން.
  2. އެ ބިން ވިއްކައިލެވޭ ފަރާތުން އެބިމުގައި ކުރަންއުޅޭ މަސައްކަތަކީ ލޭންޑް ޔޫސް ޕްލޭންގައި އެކަމަށް އެކަށައަޅާފައިވާ މަސައްކަތެއް ކަމުގައިވުން.
  3. ތިންވަނަ ފަރާތަކަށް ވިއްކައިލެވޭ ބިމުގައި އެ ފަރާތުން ކުރަން ބޭނުންވާ މަސައްކަތުގެ ލިޔެކިޔުންތައް މި މިނިސްޓްރީއަށް ހުށަހެޅުން.

 

19 ވަނަ މާއްދާ - ވިއްކައިލެވުނު ބޭނުން ނޫން އެހެން ބޭނުމަކަށް ބިން ބޭނުންކުރުން

(ހ) ތިންވަނަ ފަރަތަކަށް ބިން ވިއްކައިލާއިރު، ވިއްކައިލެވޭ ބޭނުން ނޫން އެހެން ބޭނުމަކަށް ބިން ބޭނުންކުރާނަމަ އެ ބިން ބޭނުންކުރާ ސަބަބަކީ؛

  1. ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ ބޭނުންނޫން އެހެން ބޭނުމަކަށް ބިން ބޭނުންކުރުން.
  2. ވިއްކައިލެވޭ ބޭނުންނޫން އެހެން ބޭނުމަކަށް ބިން ބަދަލުކުރަން ބޭނުންނަމަ މިނިސްޓްރީއަށް ހުށަހަޅައި މިނިސްޓްރީގެ ހުއްދަ ހޯދަންވާނެއެވެ.
  3. މި ގަވާއިދުގައި ހުއްދަކުރާ ކަމެއްކަމުގައިވުން.

 

 

66 އަހަރާއި 99 އަހަރާ ދެމެދުގެ މުއްދަތަކަށް ކުއްޔަށް ދިނުން ނުވަތަ ލީސް ހޯލްޑްކުރުން

 

20 ވަނަ މާއްދާ - 66  އަހަރާއި 99 އަހަރާ ދެމެދުގެ މުއްދަތަކަށް ކުއްޔަށް ދިނުން ނުވަތަ ލީސް ހޯލްޑްކުރުން

(ހ) މި ގަވާއިދުގެ ދަށުން ބިން 66 އަހަރާއި 99 އަހަރާ ދެމެދުގެ މުއްދަތަކަށް ކުއްޔަށް ދީ ނުވަތަ ލީސް ހޯލްޑް ކުރެވޭނީ އަންނަނިވި ކަންކަމަށެވެ؛

  1. އިގްތިސާދީ ބޭނުމަށް
  2. ސިނާއީ ބޭނުމަށް

 

21 ވަނަ މާއްދާ - 66  އަހަރާއި 99 އަހަރާ ދެމެދުގެ މުއްދަތަކަށް ކުއްޔަށް ދިނުން ނުވަތަ ލީސް ހޯލްޑްކުރެވޭ ބިމުގައި ހުންނަންވާނޭ ށަރުތުތައް

(ހ) 66 އަހަރާއި 99 އަހަރާ ދެމެދުގެ މުއްދަތަކަށް ކުއްޔަށް ދޭނަމަ ނުވަތަ ލީސް ހޯލްޑްކުރާނަމަ އެ ބިމެއްގައި ހުންނަންޖެހޭ ށަރުޠުތަކަކީ؛

  1. ލޭންޑް ޔޫސް ޕްލޭނުގައި އެ ބޭނުމަކަށް އެކަށައަޅާފައިވާ ތަނަކަށްވުން.
  2. ބަންޑާރަ ގޯއްޗެއްގެ ގޮތުގައި ދިރިއުޅުމަށް އެއްވެސް ފަރާތަކަށް ދޫކޮށްފައިވާ ތަނަކަށް ނުވުން.

(ށ) ސަރުކާރުން ބަދަލު ދިނުމަށްފަހު ނަގާފައިވާ ބިންތައް މީގެތެރޭގައި ނުހިމެނޭނެއެވެ.

(ނ) މި މިނިސްޓްރީން މުއާމަލާތްކުރާ ބިންތައް ފިޔަވައި، ވިޔަފާރީގެ އުސޫލުން ދޫކުރާ އެހެނިހެން ބިންތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ކަ ނޑައަޅާނީ އެ ކަމަކާގުޅޭ މިނިސްޓްރީއަކުންނެވެ.

 

22 ވަނަމާއްދާ - 66  އަހަރާއި 99 އަހަރާ ދެމެދުގެ މުއްދަތަކަށް ބިން ކުއްޔަށް ހިފާނެ ފަރާތެއް ކަނޑައެޅުން

(ހ) 21 ވަނަ މާއްދާގައިވާ ގޮތުގެމަތީން، ބިން ކުއްޔަށް ހިފާފަރާތުގައި ހުންނަންޖެހޭ ށަރުޠުތަކަކީ؛

  1. ދިވެހި ރައްޔިތެއްކަމުގައި ވުމާއެކު އުމުރުން 18 އަހަރު ފުރިހަމަވެފައިވުން
  2. ކުންފުންޏެއްނަމަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ، 51 އިންސައްތަ ދިވެހިން ހިއްސާވާ ކުންފުންޏެއް ކަމުގައިވުން.
  3. ސޮސައިޓީއެއްނަމަ ކޯޕަރޭޓް ސޮސައިޓީގެ ގާނޫނު (2007-03) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ސޮސައިޓީއެއް ކަމަށްވުން.
  4. އިފްލާސް ކޮށްފައިވާ މީހަކަށްނުވުން.
  5. ވޭތުވެ ދިޔަ 5 އަހަރުގެ ތެރޭގައި ބިން ގަނެ ވިއްކުމުގެ މުޢާމަލާތެއް ކުރުމުގައި އޮޅުވައިލުމާއި، މަކަރާއި ހީލަތް ހެދުމާއި ފްރައުޑުގެ ކުށެއް ސާބިތުވެފައިނުވާ، އަދި އެއްވެސް ހުކުމެއް ތަންފީޒުކުރަމުންދާ މީހެއް ނުވަތަ ޤާނޫނީ ށަހުސެއް ކަމުގައިނުވުން.

(ށ) 66 އަހަރާއި 99 އަހަރާ ދެމެދުގެ މުއްދަތަކަށް ބިން ކުއްޔަށް ހިފާނެ ފަރާތެއް ކަ ނޑައަޅަންވާނީ އެކަމަށް އެދި ހުށަހެޅުމަށް ކުރެވޭ އާންމު އިއުލާނަކުން އެންގުމަށްފަހު ހުށަހެޅޭ ޕްރޮޕޯސަލްތަކަކަށެވެ. މިގޮތުން ކުރެވޭ އިއުލާނުގައި ޕްރޮޕޯސަލްތަކަށް މާރކްސް ދޭނެ އުސޫލެއް ހިމަނާފައި އޮންނަންވާނެއެވެ.

(ނ) މި މިނިސްޓްރީއިން މުޢާމަލާތްކުރާ ބިންތައްފިޔަވައި، ވިޔަފާރީގެ އުސޫލުން ދޫކުރާ އެހެނިހެން ބިންތައް ގަންނަފަރާތުގައި ހުންނަންޖެހޭ ށަރުޠުތައް ކަ ނޑައަޅާނީ އެ ކަމަކާގުޅޭ މިނިސްޓްރީއަކުންނެވެ.

 

23 ވަނަ މާއްދާ - 66 އަހަރާއި 99 އަހަރާ ދެމެދުގެ މުއްދަތަކަށް ކުއްޔަށް ދެވޭ ނުވަތަ ލީސް ހޯލްޑް ކުރެވޭ ބިން އެހެން ފަރާތަކަށް ބަދަލުކުރުން

66 އަހަރާއި 99 އަހަރާ ދެމެދުގެ މުއްދަތަކަށް ކުއްޔަށް ދެވޭ ނުވަތަ ލިސް ހޯލްޑް ކުރެވޭ ބިން، އެހެން ފަރާތަކަށް ބަދަލުކުރެވޭނީ، ބަދަލުކުރަން ބޭނުންވާ ސަބަބާއި ބަދަލުކުރަން އެދޭ ބިން އެނގޭގޮތަށް ހުށަހަޅާފައިވާ ލިޔެކިޔުންތައް މި މިނިސްޓްރީއަށް ހުށަހަޅައި މިނިސްޓްރީން ހުއްދަ ދިނުމުންނެވެ. އެގޮތުން އެ ލިޔެކިޔުންތައް މި މިނިސްޓްރީއަށް ހުށަހަޅާނީ އެކަމަކާ ގުޅޭ މިނިސްޓްރީއަކުންނެވެ.

 

24 ވަނަ މާއްދާ - 66 އަހަރާއި 99 އަހަރާ ދެމެދުގެ މުއްދަތަކަށް ކުއްޔަށް ދީފައިވާ ނުވަތަ ބިމެއް ލީސް ހޯލްޑް ކޮށްފައިވާ ފަރާތަކަށް އިތުރު ސަރަހައްދެއް ކުއްޔަށް ދިނުން

(ހ) 66 އަހަރާއި 99 އަހަރާ ދެމެދުގެ މުއްދަތަކަށް ބިމެއް ކުއްޔަށް ދީފައިވާ ނުވަތަ ބިމެއް ލީސް ހޯލްޑް ކޮށްފައިވާ ފަރާތަކަށް އިތުރު ބިމެއް ކުއްޔަށްދެވޭނީ މި މިނިސްޓްރީއަށް ހުށަހަޅައި މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ. އެގޮތުން ބިން ކުއްޔަށް ހިފާ ފަރާތަކީ؛

  1. ކުއްޔަށް ހިފާފަރާތުން، ކުއްޔަށް ހިފާ ބިމުގައި ކުރާ މަސައްކަތް އިތުރަށް ތަރައްގީ ކުރާނެކަމަށް ބަޔާންކޮށް ކަމާ ބެހޭ ވުޒާރާއަކަށް ހުށަހެޅުމުން އެފަރާތަކީ އިތުރު ބިމަކަށް ބޭނުންޖެހިފައިވާ ފަރާތެއްކަމަށް އެ ވުޒާރާއަކަށް ބެލެވުން.
  2. ބިން ކުއްޔަށް ހިފާ ފަރާތް ބޭނުންވާ އިތުރު ބިމުގެ ސަބަބުން އެ ފަރާތުގެ މަސައްކަތް އިތުރަށް ފުޅާވެގެން ތަރައްގީވެގެން ދާނެކަމަށް ބެލެވުން.

 

25 ވަނަ މާއްދާ - ލީސް ހޯލްޑް ނުވަތަ ކުއްޔަށް ދީފައިވާ މުއްދަތުގައި އެ ބިން އެހެން ފަރާތަކަށް ވިއްކައިލުމުގައި ގެންގުޅެންޖެހޭ މިންގަނޑުތައް

(ހ) ބިމެއް ލީސް ހޯލްޑްކޮށް ކުއްޔަށް ހިފުމަށްފަހު އެ ލީސް ހޯލްޑް އެހެން ފަރާތަކަށް ވިއްކައިލެވޭނީ، ބިން ކުއްޔަށްދޭ ސަބަބު ބަޔާންކޮށް މި މިނިސްޓްރީއަށް ލިޔުމަކުން ހުށަހަޅައި ހުއްދަ ހޯދައިގެންނެވެ. އެގޮތުން، ބިމެއް ކުއްޔަށް ހިފުމަށްފަހު އެ ބިން އެހެން ފަރާތަކަށް ކުއްޔަށްދިނުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކަކީ؛

  1. ލީސް ހޯލްޑް އެހެން ފަރާތަކަށް، ވިއްކަން ބޭނުންވާ ސަބަބާއި ވިއްކުމުގެ ހުއްދައަށް އެދި ލިޔުމަކުން މި މިނިސްޓްރީއަށް ހުށަހެޅުން.
  2. އެ ލީސް ހޯލްޑް ގަންނަ ފަރާތުން އެބިމުގައި ކުރަންއުޅޭ މަސައްކަތަކީ ލޭންޑް ޔޫސް ޕްލޭންގައި އެކަމަށް އެކަށައަޅާފައިވާ މަސައްކަތެއް ކަމުގައިވުން.
  3. އެ ބިމަކީ ލީސް ހޯލްޑް ގަންނަ ފަރާތުން ގަންނަ ބޭނުމަށް ބޭނުންކުރެވޭ ތަނެއްކަމަށް ލޭންޑް ސާރވޭއިން އެނގެން އޮތުން.
  4. 3 ވަނަ ފަރާތަކަށް ލީސް ވިއްކައިލެވޭ ސަބަބު ބަޔާންކުރާނީ އެފަރާތުގެ ބިޒްނަސް ޕްރޮޕޯސަލްއާއެކީ ލިޔުމަކުން މި މިނިސްޓްރީއަށް ހުށަހަޅައިގެންނެވެ.
  5. މި ގަވާއިދުގައި ހުއްދަކުރާ ކަމެއްކަމުގައި ވުން.

 

 

33 އަހަރާއި 66 އަހަރާ ދެމެދުގެ މުއްދަކަށް ކުއްޔަށް ދިނުން ނުވަތަ ކުރު މުއްދަތަކަށް ލީސް ހޯލްޑް ކުރުން

 

26 ވަނަ މާއްދާ - ކުރު މުއްދަތަކަށް ބިން ކުއްޔަށްދިނުން

(ހ) މި ގަވާއިދުގެ ދަށުން 33 އަހަރާއި 66 އަހަރާ ދެމެދުގެ މުއްދަތަކަށް ބިމެއް ކުއްޔަށްދިނުން ނުވަތަ ލީސް ހޯލްޑް ކުރުމަކީ ކުރު މުއްދަތަށް ބިން ކުއްޔަށް ދިނުމެވެ. ކުރުމުއްދަތަކަށް ބިން ކުއްޔަށް ދެވޭނީ އަންނަނިވި ކަންކަމަށެވެ.

  1. އިގްތިސާދީ ބޭނުމަށް
  2. ސިނާއީ ބޭނުމަށް

 

27 ވަނަ މާއްދާ - ކުއްޔަށް ދޫކުރާ ބިން ދޫކުރުން

ކުއްޔަށް ދޫކުރާ ބިން ދޫކުރާނީ، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ވާގޮތުގެމަތިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިންނެވެ.

 

28 ވަނަ މާއްދާ - ކުރު މުއްދަތަށް ކުއްޔަށް ދޭ ބިމުގައި ހުންނަންވާނޭ ށަރުތުތައް

(ހ) ކުރު މުއްދަތަށް ކުއްޔަށް ދޫކުރެވޭ ބިމެއްނަމަ، އެ ބިމެއްގައި ހުންނަންޖެހޭ ށަރުޠުތަކަކީ؛

  1. ލޭންޑް ޔޫސް ޕްލޭނުގައި އެ ބޭނުމަށް އެކަށައަޅާފައިވާ ތަނަކަށްވުން.
  2. ބަންޑާރަ ބިމެއްގެ ގޮތުގަ ދިރިއުޅުމަށް އެއްވެސް ފަރާތަކަށް ދޫކޮށްފައިވާ ތަނަކަށް ނުވުން.
  3. އެ ބިމަކީ ކުއްޔަށް ހިފަން ހުށަހަޅާފަރާތުން ހުށަހަޅާ ބޭނުމަށް ބޭނުންކުރެވޭ ތަނެއްކަމަށް ލޭންޑް ސާރވޭއިން އެނގެން އޮތުން.
  4. މި މިނިސްޓްރީއިން މުޢާމަލާތްކުރާ ބިންތައް ފިޔަވައި، ކުއްޔަށް ދޫކުރާ އެހެނިހެން ބިންތަކުގައި ހުންނަންޖެހޭ ށަރުޠުތައް ކަނޑައަޅާނީ އެ ކަމަކާގުޅޭ މިނިސްޓްރީއަކުންނެވެ.

 

29 ވަނަ މާއްދާ - ކުރު މުއްދަތަށް ކުއްޔަށް ހިފާ ފަރާތް ކަނޑައެޅުން

(ހ) ކުރު މުއްދަތަށް ކުއްޔަށް ހިފާ ފަރާތް ކަނޑައަޅާނީ މި ގަވާއިދުގެ 8 ވަނަ މާއްދާގައި ވާގޮތުގެމަތިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިންނެވެ. އެގޮތުން ކުރު މުއްދަތަށް ކުއްޔަށް ހިފާ ފަރާތުގައި ހުންނަންޖެހޭ ށަރުޠުތަކަކީ؛

  1. 18 އަހަރު ފުރިފައިވާ މީހަކަށް ވުން.
  2. ކުންފުންޏެއްނަމަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ، ކުންފުންޏެއް ކަމުގައި ވުން .
  3. ސޮސައިޓީއެއްނަމަ ކޯޕަރޭޓް ސޮސައިޓީގެ ގާނޫނު (2007-03) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ސޮސައިޓިއެއް ކަމަށްވުން.
  4. ވޭތުވެ ދިޔަ 5 އަހަރުގެ ތެރޭގައި ބިން ގަނެ ވިއްކުމުގެ މުޢާމަލާތެއް ކުރުމުގައި އޮޅުވައިލުމާއި، މަކަރާއި، ހީލަތް ހެދުމާއި، ފްރައުޑުގެ ކުށެއް ސާބިތުވެފައިނުވާ، އަދި އެއްވެސް ޙުކުމެއް ތަންފީޒުކުރަމުންދާ މީހެއްކަމުގައިނުވުން.
  5. އިފްލާސް ކޮށްފައިވާ މީހަކަށްނުވުން

(ށ) މި މިނިސްޓްރީން މުޢާމަލާތްކުރާ ބިންތައް ފިޔަވައި، ވިޔަފާރީގެ އުސޫލުން ދޫކުރާ އެހެނިހެން ބިންތައް ކުއްޔަށް ހިފާ ފަރާތުގައި ހުންނަންޖެހޭ ށަރުޠުތައް ކަ ނޑައަޅާނީ އެ ކަމަކާގުޅޭ މިނިސްޓްރީއަކުންނެވެ.

 

30 ވަނަ މާއްދާ - ކުރު މުއްދަތަށް ކުއްޔަށްދޭ ބިން ބަދަލުކުރުން

ކުރު މުއަދަތަށް ކުއްޔަށްދެވޭ ބިން ބަދަލުކުރެވޭނީ ކުއްޔަށް ހިފާފަރާތުން، ބިން ބަދަލުކުރަން ބޭނުންވާ ސަބަބާއި ބަދަލުކުރަން އެދޭ ބިން އެނގޭގޮތަށް ހުށަހަޅާފައިވާ ލިޔެކިޔުންތައް މި މިނިސްޓްރީއަށް ހުށަހަޅައި މިނިސްޓްރީން ހުއްދަ ދިނުމުންނެވެ. އެގޮތުން އެ ލިޔެކިޔުންތައް މި މިނިސްޓްރީއަށް ހުށަހަޅާނީ އެކަމަކާ ގުޅޭ މިނިސްޓްރީއަކުންނެވެ.

 

31 ވަނަ މާއްދާ - އެކަށައެޅޭ ވަކި ބޭނުމަކަށް ހާއްސަކޮށް ބިން ކުއްޔަށް ދިނުން

މިނިސްޓްރީން އެކަށައަޅާ ވަކި ބޭނުމަކަށް ހާއްސަކޮށް ވަކި ބިންތަކެއް ހާއްސަކޮށްފައިވާ ފަރާތްތަކަކަށް ކުއްޔަށްދިނުމުގެ ބާރާއި އިޚުތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

32 ވަނަ މާއްދާ - ބިމަށް ގެނެސްފައިވާ ތަރައްގީއަށް ބެލުމަށްފަހު ބިންދޫކުރުން ހާއްސަކުރުން

ބިމަށް ގެނެސްފައިވާ ތަރައްގީއަށް ބެލުމަށްފަހު ވަކިފަރާތަކަށް ބިން ދޫކުރުން ހާއްސަކުރެވޭނީ އެފަރާތަކަށް އިތުރު ބިމެއް ބޭނުންވާކަމާއި، ބޭނުންވާ ސަބަބު ބަޔާންކޮށް މިނިސްޓްރީއަށް ހުށަހެޅުމުން، ގެނެސްފައި އެވާ ތަރައްގީތަކަށް ބެލުމަށްފަހު، މި މިނިސްޓްރީން ނިންމާ ގޮތެއްގެ މަތިންނެވެ.

 

33 ވަނަ މާއްދާ - އިތުރު ސަރަހައްދެއް ވަކި ފަރާތަކަށް ދިނުން

(ހ) ބިން ކުއްޔަށް ހިފާފަރާތަށް އިތުރު ބިމެއް ދެވޭނީ ތިރީގައި މިދަންނަވާ ކަންތައްތައް ކުއްޔަށް ހިފާފަރާތުގައި ފުރިހަމަވާނަމައެވެ. އެގޮތުން ކުއްޔަށް ހިފާ ފަރާތަކީ؛

  1. ކުއްޔަށް ހިފާފައިހުރި ބިމުގައި ކުރާ މަސައްކަތް އިތުރަށް ތަރައްގީ ކުރުމަށް އިތުރު ބިމަކަށް ބޭނުންޖެހިފައިވާ މީހެއްކަމުގައިވުން.
  2. ކުއްޔަށް ހިފާ ފަރާތް ބޭނުންވާ އިތުރު ބިމުގެ ސަބަބުން ކުއްޔަށް ހިފާ ފަރާތުގެ އެ މަސައްކަތް އިތުރަށް ފުޅާވެގެން ތަރައްގީވެގެން ދާނެކަމަށް ބެލެވުން.

 

34 ވަނަ މާއްދާ - ކުއްޔަށް ދީފައިވާ ބިމެއް އެހެން ފަރާތަކަށް ކުއްޔަށް ދިނުން

ކުއްޔަށް ބިމެއް ނެގުމަށްފަހު އެހެން ފަރާތަކަށް އެ ބިން ކުއްޔަށްދޫކުރާނަމަ، ސަބަބު ބަޔާންކޮށް މި މިނިސްޓްރީއަށް ލިޔުމަކުން ހުށަހަޅައި ހުއްދަ ހޯދަންވާނެއެވެ.

 

35 ވަނަ މާއްދާ - ކުއްޔަށް ދެވޭ ބޭނުން

ބިން ކުއްޔަށް ދެވޭނީ، މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއިން އެރަށެއްގެ ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ ބޭނުމަކަށެވެ.

 

36 ވަނަ މާއްދާ - ކުއްޔަށް ދޭ ސަބަބު ނޫން އެހެން ސަބަބަކަށް ބިން ބޭނުންކުރުން

ކުއްޔަށް ދޭ ސަބަބު ނޫން އެހެން ސަބަބަކަށް ބިން ބޭނުންކުރެވޭނީ، އެ ބިން އެ ރަށެއްގެ ލޭންޑް ޔޫސް ޕްލޭންގައި ޒޯންކޮށްފައިވާ ބޭނުން ނޫން އެހެން ބޭނުމަކަށް ލޭންޑް ޔޫސް ޕްލޭން ބަދަލުކުރުމަށްފަހު، އަދި ސަރުކާރުގެ ކަމާބެހޭ އެހެން މުއައްސަސާތަކުގެ ހުއްދައާއެކު މި މިނިސްޓްރީން ހުއްދަދިނުމުންނެވެ.

 

 

ރަހުނުކުރުން

 

37 ވަނަ މާއްދާ - ބިން ރަހުނުކުރުން

ދިވެހިރާއްޖޭގެ އެއްވެސް ބިމެއް ރަހުނުކުރަން ވާނީ ބިމާ ބެހޭ ގާނޫނު   (2002-01) ގެ 38 ވަނަ މާއްދާގައިވާ ގޮތުގެމަތީންނެވެ.

 

38 ވަނަ މާއްދާ - ފްރީހޯލްޑްކޮށް ވިއްކައިލާފައިވާ ބިން ރަހުނު ކުރުން

ފްރީހޯލްޑްކޮށް ވިއްކައިލާފައިވާ ބިންތައް ގާނޫނާއި ގަވާއިދުގެ ތެރެއިން ރަހުނު ކުރުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު، ބިމުގެ މިލްކުވެރި ފަރާތަށް ލިބިގެންވެއެވެ.

 

39 ވަނަ މާއްދާ - ކުއްޔަށްދޭ ބިން ރަހުނު ކުރުން

ކުއްޔަށް ދޭ ބިންތައް ރަހުނުކުރުމުގައި އަމަލުކުރަންވާނީ މި ގަވާއިދުގެ 40 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.

 

40 ވަނަ މާއްދާ - ރަހުނު ކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް

(ހ) މި ގަވާއިދުގެ ދަށުން ކުއްޔަށް ދޭ ބިންތައް ރަހުނު (މޯރގޭޖް) ކުރެވިދާނެއެވެ. މިގޮތުން ކުއްޔަށްދެވޭ ބިންތައް ރަހުނު (މޯރގޭޖް) ކުރެވޭނެ އެންމެ ދިގު މުއްދަތަކީ އެފަރާތަކަށް ބިން ކުއްޔަށްލިބިފައިވާ މުއްދަތު ހަމަވުމުގެ 1(އެކެއް) އަހަރު ދުވަހުގެ މުއްދަތެއް ބާކީ އޮންނަ ގޮތަށެވެ.

(ށ) ކުއްޔަށް ދީފައިވާ ބިމެއް ރަހުނުކުރުމުގައި ސަބަބާއި މުއްދަތާއި އަދި ރަހުނު ބެހެއްޓޭ ފަރާތް އެނގޭނެހެން މި މިނިސްޓްރީއަށް ލިޔުމަކުން ހުށަހަޅައި މިނިސްޓްރީގެ ހުއްދަ ހޯދަންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ރަހުނު ކުރުމަށް ހުށަހަޅާ އަދި މިނިސްޓްރީން ހުއްދަ ދޭ ބިންތަކުގެ ދަފުތަރެއް، މަޢުލޫމާތު އެނގޭނެހެން މި މިނިސްޓްރީން ބަލަހައްޓަންވާނެއެވެ.

(ރ) މޯރގޭޖް ކުރާ ފަރާތްތަކުން މޯރގޭޖްކުރުމުގައި މި މާއްދާގެ (ހ) އަށް ރިއާޔަތްކުރަންވާނެއެވެ.

 

41 ވަނަ މާއްދާ - ރަހުނުގެ ދަފުތަރު

(ހ) މި ގަވާއިދުގެ ދަށުން ރަހުނުކުރާ ތަންތަނާ ގުޅޭ ގޮތުން އަންނަނިވި މައުލޫމާތުތައް މިނިސްޓްރީގައި ބަލަހައްޓަން ވާނެއެވެ.

  1. ކުއްޔަށް ދީ ނުވަތަ ވިއްކައިލެވުނު ފަރާތް
  2. ކުއްޔަށްދެވުނު ނުވަތަ ވިއްކައިލެވުނު މުއްދަތް
  3. ރަހުނު ބެހެއްޓޭ ފަރާތް
  4. ރަހުނު ބެހެއްޓޭ މުއްދަތް

 

42 ވަނަ މާއްދާ - ފްރީ ހޯލްޑް ބިމެއް ލީސް ހޯލްޑް ބިމަކަށް ނުވަތަ ލީސް ހޯލްޑް ބިމެއް ފްރީ ހޯލްޑް ބިމަކަށް ބަދަލުކުރުން

މި ގަވާއިދުގެ ދަށުން ދޫކުރާ ބިންތަކުގެ ތެރެއިން ފްރީ ހޯލްޑްކޮށް ދޫކޮށްފައިވާ ބިމެއް އަދި ލީސް ހޯލްޑްކޮށް ދޫކޮށްފައިވާ ބިމެއް އެ ދޫކުރި ބާވަތް ނޫން އެހެން ބާވަތަކަށް މި މިނިސްޓީން ވަކިގޮތެއް ކަނޑަނާޅާހައި ހިނދަކު ބަދަލެއް ނުވާނެއެވެ.

 

 

ހައްގުތައް

 

43 ވަނަ މާއްދާ - ފްރީހޯލްޑްކޮށް ބިން ގަންނަ ފަރާތަށް ލިބިގެންވާ ހައްގުތައް

ފްރީހޯލްޑްކޮށް ބިން ގަންނަފަރާތާއި، ބިން ވިއްކާ މިނިސްޓްރީއާ ދެމެދު އެއްބަސްވާގޮތެއްގެ މަތިން ބިން ވިއްކި މިނިސްޓްރީގެ ހުއްދަ ލިޔުމުން ލިބިގެން، އަންނަނިވި ހައްގުތައް ބިން ގަންނަފަރާތައް ލިބިދެވޭނެއެވެ.

  1. ބިން ތަރައްގީކުރުމާއި، އެކިއެކި ބޭނުންތަކަށާއި، ރިއަލް އެސްޓޭޓް ވިޔަފާރިއާއި އެނޫންވެސް ވިޔަފާރީގެ ބޭނުމަށް ބިން ބޭނުންކުރުން
  2. މި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ބިން ނުވަތަ ބިމުން ބަޔެއް އެހެން ފަރާތަކަށް ވިއްކައިލެވޭނެއެވެ. އަދި ބިމުގެ މިލްކުވެރިކަން ބަދަލުކުރެވޭނެއެވެ.
  3. ބިން ގަތުމަށްފަހު ބިމާއި، ބިމާގުޅިފައިވާ ނުއުފުލޭ މުދާ މި ގަވާއިދުގެ 40 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރަހުނުކުރުން.

 

44 ވަނަ މާއްދާ - 66 އަހަރާއި 99 އަހަރާ ދެމެދުގެ މުއްދަތަކަށް ކުއްޔަށް ދިނުން ނުވަތަ ލީސް ހޯލްޑްކޮށް ބިން ކުއްޔަށް ހިފާ ފަރާތަށް ލިބިގެންވާ ހައްގުތައް

(ހ) 66 އަހަރާއި 99 އަހަރާ ދެމެދުގެ މުއްދަތަކަށް ކުއްޔަށް ނުވަތަ ލީސް ހޯލްޑްކޮށް، ބިން ކުއްޔަށްދޫކުރާ މިނިސްޓްރީއާ ދެމެދު އެއްބަސްވާގޮތެއްގެ މަތިން ބިން ކުއްޔަށްދިން މިނިސްޓްރީގެ ހުއްދަ ލިޔުމުން ލިބިގެން، އަންނަނިވި ހައްގުތައް ބިން ކުއްޔަށް ހިފިފަރާތައް ބިން ކުއްޔަށް ހިފާފައިވާ މުއްދަތަށް ލިބިދެވޭނެއެވެ.

  1. ބިން ތަރައްގީކުރުމާއި، އެކިއެކި ބޭނުންތަކަށާއި، ރިއަލް އެސްޓޭޓް ވިޔަފާރިއާއި އެނޫންވެސް ވިޔަފާރީގެ ބޭނުމަށް ބިން ބޭނުންކުރުން.
  2. މި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ބިން ނުވަތަ ބިމުން ބަޔެއް އެހެން ފަރާތަކަށް، ބިން ކުއްޔަށް ހިފާފައިވާ މުއްދަތުގެ ތެރޭގައި ކުއްޔަށް ދެވިދާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ބިމަށް ލިބިފައިވާ ލީސް ހޯލްޑް ބަދަލުކުރެވޭނެއެވެ.
  3. ބިން ކުއްޔަށް ހިފުމަށްފަހު ބިން ކުއްޔަށް ހިފާފައިވާ މުއްދަތުގެ ތެރޭގައި، ބިމާއި ބިމާ ގުޅިފައިވާ ނުއުފުލޭ މުދާ ރަހުނުކުރުން.

 

45 ވަނަ މާއްދާ - 66 އަހަރާއި 99 އަހަރާ ދެމެދުގެ މުއްދަތަކަށް ކުއްޔަށް ނުވަތަ ލީސް ހޯލްޑްކޮށް ބިން ދޫކުރާ މިނިސްޓްރީއަށް ލިބިގެންވާ ހައްގުތައް

(ހ) 66 އަހަރާއި 99 އަހަރާ ދެމެދުގެ މުއްދަތަކަށް ކުއްޔަށް ނުވަތަ ލީސް ހޯލްޑްކޮށް ބިން ކުއްޔަށް ދޫކުރި މިނިސްޓްރީއާއި، ބިން ކުއްޔަށް ހިފާފަރާތާމެދު އެއްބަސްވާގޮތެއްގެ މަތިން ބިން ކުއްޔަށް ދޫކުރާ މިނިސްޓްރީއަށް ބިން ކުއްޔަށް ދޫކޮށްފައިވާ މުއްދަތުގެ ތެރޭގައި، އަންނަނިވި ޙައްޤުތައް ލިބިދެވޭނެއެވެ.

  1. ބިން ކުއްޔަށް ހިފާފައިވާ މުއްދަތުގެތެރޭގައި، ބިން ކުއްޔަށް ހިފާފަރާތް ބިން ކުއްޔަށް ހިފާފައިވާ އެއްބަސްވުމުގެ ބޭރުން، އެހެން ފަރާތަކާއެކު ބިމާގުޅޭ އެއްވެސް މުޢާމަލާތެއްކުރާނަމަ އެކަން ބިން ކުއްޔަށް ދޫކުރި ފަރާތަށް ލިޔުމަކުން އަންގައި އެކަމާމެދު މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ ޙައްޤު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.
  2. ބިމުގެ ބޭނުން ހިފެމުން ދަނީ ކުއްޔަށް ދިން ބޭނުމަށްތޯ ބެލުމަށް ކުރަންޖެހޭ ކަންކަންކުރުމުގެ ހައްގު

 

46 ވަނަ މާއްދާ - 33 އަހަރާ 66 އަހަރާ ދެމެދުގެ މުއްދަކަށް ކުއްޔަށް ދިނުން ނުވަތަ ކުރު މުއްދަތަކަށް ލީސް ހޯލްޑްކޮށް ބިން ކުއްޔަށް ހިފާ ފަރާތަށް ލިބިގެންވާ ހައްގުތައް

(ހ) ބިން ކުރު މުއްދަތަކަށް ކުއްޔަށްދޭ މިނިސްޓްރީއާއި، ބިން ކުރުމުއްދަތަކަށް ކުއްޔަށް ހިފާފަރާތާމެދު އެއްބަސްވާގޮތެއްގެ މަތިން ބިން ކުރުމުއްދަތަކަށް ކުއްޔަށް ހިފާ ފަރާތަށް ބިން ކުއްޔަށް ދީފައިވާ މުއްދަތުގެ ތެރޭގައި، އަންނަނިވި ހައްގުތައް ލިބިދެވޭނެއެވެ.

  1. ބިން ތަރައްގީކުރުމާއި، އެކިއެކި ބޭނުންތަކަށާއި، ރިއަލް އެސްޓޭޓް ވިޔަފާރިއާއި ފަރާތަށް ލިބިގެންވާ ހައްގުތައް އެނޫންވެސް ވިޔަފާރީގެ ބޭނުމަށް ބޭނުންކުރުން.
  2. ބިން ނުވަތަ ބިމުން ބަޔެއް އެހެން ފަރާތަކަށް ކުއްޔަށް ހިފާފައިވާ މުއްދަތުގެ ތެރޭގައި ކުއްޔަށްދިނުމުގެ ހައްގު
  3. ކުއްޔަށް ހިފާފައިވާ މުއްދަތުގެ ތެރޭގައި ބިމާއި ބިމާގުޅިފައިވާ ނުއުފުލޭ މުދާ ރަހުނުކުރުން.

 

47 ވަނަ މާއްދާ - ބިން ކުރުމުއްދަތަކަށް ކުއްޔަށްދޭ މިނިސްޓްރީއަށް، ކުއްޔަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ލިބިދޭ ހައްގުތަކާއި ބާރުތައް

(ހ) ބިން ކުރުމުއްދަތަކަށް ކުއްޔަށްދޭ މިނިސްޓްރީއާއި، ބިން ކުއްޔަށް ހިފާފަރާތާމެދު އެއްބަސްވާގޮތެއްގެ މަތިން ބިން ކުއްޔަށްދޭ މިނިސްޓްރީއަށް، ބިން ކުއްޔަށްދީފައިވާ މުއްދަތުގެތެރޭގައި، އަންނަނިވި ހައްގުތައް ލިބިދެވޭނެއެވެ.

  1. ބިން ކުރުމުއްދަތަކަށް ކުއްޔަށް ހިފާފައިވާ މުއްދަތުގެ ތެރޭގައި، ބިން ކުއްޔަށް ހިފިފަރާތް، ބިން ކުއްޔަށް ހިފަފައިވާ އެއްބަސްވުމުގެ ބޭރުން، އެހެން ފަރާތަކާއެކު ބިމާގުޅޭ އެއްވެސް މުއާމަލާތެއްކުރާނަމަ އެކަން ބިން ކުއްޔަށްހިފާ ފަރާތަށް ލިޔުމަކުން އަންގައި އެކަމާމެދު މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އެޅުމުގެ ހައްގު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.
  2. ބިމުގެ ބޭނުން ހިފެމުންދަނީ ކުއްޔަށް ދިން ބޭނުމަށްތޯ ބެލުމަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ހައްގު
  3. ބިން ކުއްޔަށް ދެވުނު އެގްރިމަންޓާ ހިލާފަށް ކުއްޔަށް ހިފިފަރާތުން ކަންކަން ކުރަމުން ގެންދާނަމަ ބިން ކުއްޔަށް ދިން މުއްދަތު ހަމަވުމުގެ ކުރިން އަނބުރައި އަތުލުމުގެ ބާރު މި މިނިސްޓްރީއަށް ލިބިގެންވާނެކަން ކުއްޔަށް ދޫކުރާ ފަރާތާއި ކުއްޔަށް ހިފާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގައި ހިމަނަންވާނެއެވެ.

 

 

ރަޖިސްޓަރީ ކޮށްދިނުން

 

48 ވަނަ މާއްދާ - ރަޖިސްޓަރީކުރުން

މި ގަވާއިދުގައިވާ ކޮންމެ ބިމެއްވެސް ރަޖިސްޓަރީ ކުރުމާއި، ރަޖިސްޓަރީ ބާތިލު ކުރުމުގެ ބާރާއި އިހްތިޔާރު މި ގަވާއިދުގެ ދަށުން ލިބިގެންވާނީ މި މިނިސްޓްރީއަށެވެ. މިގޮތުން ވިއްކައިލެވޭ އަދި ކުއްޔަށް ދޭ ބިންތައް މި ގަވާއިދާ އެއްގޮތްވާގޮތުގެމަތީން މި މިނިސްޓްރީގައި ރަޖިސްޓަރީކުރަންވާނެއެވެ.

 

49 ވަނަ މާއްދާ - ރަޖިސްޓަރީ ހެދުމުގައި ބަލަންޖެހޭ މިންގަނޑުތައް

(ހ) މި ގަވާއިދުގައިވާ ގޮތުގެމަތިން ބިމެއް ރަޖިސްޓަރީ ކުރުމުގައި އަންނަނިވި ކަންތައްތަކަށް ރިއާޔަތްކުރަން ވާނެއެވެ.

  1. ބިމުގައި އެހެން ފަރާތެއްގެ ރުއްގަސް ހުރިނަމަ، އެ ތަކެއްޗަށް ބަދަލު ދިނުން މިގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައިނަމަ، ރުއްގަހާބެހޭ ގޮތުން މުއާމަލާތް ކުރަންވާނީ ގާނޫނު ނަންބަރު 98/21( މީހުން އުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ގާނޫނު) އާ އެއްގޮތްވާގޮތުގެ މަތިންނެވެ.
  2. ބިމުގެ އިން ވަކި ކުރުމަށް ކަންމުޑި ޖެހުން

 

50 ވަނަ މާއްދާ - ރަޖިސްޓަރީގައި ހިމަނަންޖެހޭ  ބައިތައް

(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތިން ބިމުގެ ރަޖިސްޓަރީގައި އަންނަނިވި ބައިތައް ހިމަނަން ޖެހޭނެއެވެ.

  1. ބިން އޮތް އަތޮޅާއި ރަށް.
  2. ބިން ދޫކުރި މައިގަނޑު ބޭނުން.
  3. ބިން ރަޖިސްޓަރީކުރި ފަރާތް.
  4. ބިން ރަޖިސްޓަރީކުރެވޭ ފަރާތް.
  5. ބިން ރަޖިސްޓަރީކުރެވުނު ތާރީހް
  6. ބިމުގެ މުއްދަތު ހަމަވާ ތާރީހް
  7. ބިމުގެ ބޮޑުމިން އަކަފޫޓުން.
  8. ބިން ދައްކުވައިދޭ ސަރަހައްދުގެ ޗާޓު.
  9. ބާތިލުކޮށްފައިވާ ރަޖިސްޓަރީގެ އަދަދު
  10. އިތުރު ބަޔާން

 

51 ވަނަ މާއްދާ - ރިއަލް އެސްޓޭޓް ރަޖިސްޓަރީކުރުން

(ހ) މި ގަވާއިދުގެ ދަށުން ރިއަލް އެސްޓޭޓުގެ ހުރިހާ ޢިމާރާތްތަކާއި ފުލެޓްތަކުގެ ރަޖިސްޓަރީ ކުރުމާއި، ޓައިޓްލް ދޫކުރުމުގެ ހުރިހާ ކަމެއް ބަލަހައްޓާނީ އަންނަނިވި ގޮތުގެމަތީންނެވެ.

  1. މާލެ، ވިލިނގިލި، ހުޅުމާލެ، ގުޅީފަޅު އިން ދޫކުރާ ފުލެޓްތައް ރަޖިސްޓަރީ ކޮށްދިނުމާއި، ޓައިޓަލް ބަދަލުކޮށްދިނުމާ ގުޅޭ އެންމެހައި ކަންތައްތައް ކޮށް ބަލަހައްޓާނީ މި މިނިސްޓްރީންނެވެ.
  2. މި މާއްދާގެ 1 ގައި ބަޔާންކުރާ ތަންތަން ފިޔަވައި އެހެން ހުރިހާ ތަނެއްގައިވެސް ރަޖިސްޓަރީކޮށްދިނުމާއި، ޓައިޓްލް ބަދަލުކުރުމުގެ އެންމެހައި ކަންތައްތައް ކޮށް ބަލަހައްޓާނީ، ސިޓީ ކައުންސިލުން ނުވަތަ އެރަށެއްގެ ރަށު ކައުންސިލުން، ނުވަތަ މިމިނިސްޓްރީން ކަނޑައަޅާ ފަރާތަކުންނެވެ.

 

 

ބާތިލުކުރުން

 

52 ވަނަ މާއްދާ - ބާތިލުކުރުން

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީއެއް ބާޠިލުކުރެވޭނީ، މި ގަވާއިދުގެ އެހެން މާއްދައަކުން އެކަމަކީ ގަވާއިދާ ޚިލާފު ކަމެއް ކަމަށް ބަޔާންކޮށްފައިވާ، އަދި ތިރީގައި މިދަންނަވާ ފަދަ ހާލަތެއް މެދުވެރި ވުމުންނެވެ.

  1. ބިން ދޫކޮށްފައިވާ ބޭނުމާ ހިލާފުވުން.
  2. ބިން ދޫކޮށްފައިވާ މުއްދަތު ހަމަވުމުންވެސް ބިން ދޫކޮށްނުލުން.
  3. ބިމުގެ ރަޖިސްޓަރީއާ ހިލާފުވުން.
  4. ސަރުކާރުގެ އިދާރާއަކާއެކު ބިން ކުއްޔަށް ހިފުމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުމަކާ ހިލާފުވުން.

(ށ) މި ގަވާއިދުގެ ދަށުން ދޫކުރާ އެއްވެސް ބިމެއް، އެ ދޫކުރި ބޭނުމަށް ބޭނުންނުކޮށް، ނުވަތަ އެތަނުން ދައުލަތަށް ލިބެންޖެހޭ މަންފާ ނުވަތަ ކުލި ނުލިބޭނަމަ، ރަޖިސްޓަރީ ބާޠިލުކޮށް، އެފަދަ ތަންތަން ކުއްޔަށް ދޫކުރެވުނު ފަރާތުން ވަކިކުރުމުގެ އިހުތިޔާރު އެ ބިމެއް ދޫކުރި ފަރާތަކަށް ނުވަތަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ލިބިގެންވެއެވެ.

(ނ) ބިމެއް ވަކި ފަރާތަކަށް ދޫކުރުމަށްފަހު މި ގަވާއިދުގެ 52 ގެ (ށ) ގެ ދަށުން، ރަޖިސްޓަރީ ބާތިލުކޮށް، ވަކިކުރަންވާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ބަދަލު ދޭން ޖެހޭ ހާލަތްތަކުގަ ބަދަލުދޭގޮތަށެވެ. އެހެންނަމަވެސް، ދޫކުރެވުނު ބިން އެކަށީގެންވާގޮތަކަށް، ދޫކުރެވުނު ކަމަކަށް ބޭނުންކޮށްފައިވާކަން އެނގެން ނެތް ހާލަތްތަކުގައި އެއްވެސް ބަދަލެއް ދިނުމަކާ ނުލައި ވަކިކުރުމުގެ އިހުތިޔާރު އެ ބިމެއް ދޫކުރިފަރާތަށް ނުވަތަ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއަށް ލިބިގެންވެއެވެ.

 

53 ވަނަ މާއްދާ - ގަވާއިދާއި ހިލާފުވުމުން އެޅޭ ފިޔަވަޅުތައް

(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތިން ގަވާއިދާއި ހިލާފުވުމުން އެ ކުރި ޢަމަލުގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު އެފަރާތެއްގެ މައްޗަށް އަންނަނިވި ތަރުތީބުން ފިޔަވަޅުތައް އެޅޭނެއެވެ.

  1. 6  މަސް ދުވަސްތެރޭގައި އިސްލާހު ކުރުމަށް ނަސޭހަތްތެރިވުން.
  2. އެ ކުރި އަމަލުގެ ކުޑަބޮޑުމިނަށް ބަލުމަށްފަހު ކުއްޔަށްދެވުނު މުއްދަތުން ބައެއް ކުޑަކުރުން.
  3. ބިމުގެ ރަޖިސްޓަރީ ބާތިލުކުރުން.

 

54 ވަނަ މާއްދާ - މުއްދަތު ހަމަވުމުގެ ކުރިން  ބިމުގެ ރަޖިސްޓަރީ ބާތިލުކުރަން އެދުން

ބިމާ ހަވާލުވިފަރާތުން ބިމުގެ ރަޖިސްޓަރީ ބާޠިލު ކުރުމަށް ބޭނުންވާނަމަ ބިމުގެ ރަޖިސްޓަރީ ބާތިލުކުރަން ބޭނުންވާ ސަބަބާއެކީ ބިން ބާތިލު ކުރުމަށް އެދި ލިޔުމަކުން މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މި ގޮތަށް ރަޖިސްޓަރީ ބާތިލު ކުރުމަށް ހުށަހެޅުމުން އަންނަނިވި ކަންތައްތަކަށް ބެލުމަށްފަހު ރަޖިސްޓަރީ ބާތިލުކޮށްދެވިދާނެއެވެ.

  1. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ފަރާތަކަށް ދައްކަންޖެހޭ އަގެއް، ކުއްޔެއް، ނުވަތަ ޓެކުހެއް ނުދައްކާވާނަމަ، އެފަރާތަކަށް އެފައިސާ ދެއްކުމުން.
  2. އެއްބަސްވުމާ ޚިލާފަށް ބިމުގެ ރަޖިސްޓަރީ ބާޠިލުކުރަން އެދޭކަމުގައިވާނަމަ އެއްބަސްވުމުގައި ވާގޮތުގެމަތިން ދައްކަންޖެހޭ ޖޫރިމަނާއެއް ދެއްކުން.
  3. ބިމުގެ ރަޖިސްޓަރީ ބާޠިލުކުރަން ބޭނުންވާ ބިން ރަހުނު ކޮށްފައިވާނަމަ ރަހުނަށްވާ ފައިސާ، އެރަހުނު ބެހެއްޓިފައިވާ ފަރާތަށް ދައްކައި ރަހުނުގެ އެއްބަސްވުން ނިމުމަކަށް ގެނައުން.

 

55 ވަނަ މާއްދާ - ދައުލަތުގެ ބޭނުމަކަށް ބިމުގެ ރަޖިސްޓަރީ ބާތިލުކުރުން

(ހ) ދައުލަތުން ބިމުގެ ރަޖިސްޓަރީ ބާޠިލުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ ބިމުގެ ރަޖިސްޓަރީ ބާތލުކުރުމުގެ ބާރާއި އިހްތިޔަރު ދައުލަތަށް ލިބިގެންވެއެވެ. އެގޮތުން ދައުލަތުން ބިމުގެ ރަޖިސްޓަރީ ބާތިލުކުރުމުގައި ބަލަންޖެހޭ ކަންތައްތަކަކީ؛

  1. ބިމުގެ ރަޖިސްޓަރީ ބާޠިލުކުރާ ސަބަބު ބަޔާންކޮށް ބާޠިލުކުރުމުގެ 6 މަސްދުވަސް ކުރިން ނޯޓިސްއެއް ދިނުން.
  2. ބިން ގަނެފައިވާ ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތުން ބިމަށް ގެނެސްފައިވާ ތަރައްގީއަށް ބެލުމަށްފަހު އެކަށީގެންވާ ބަދަލެއް ދިނުން.

(ށ) ދައުލަތުގެ ބޭނުމަކަށް ދައުލަތުން ބިމުގެ ރަޖިސްޓަރީއެއް ބާތިލުކުރެވޭނީ އަންނަނިވި ހާލަތުންކުރެ ހާލަތެއް މެދުވެރިވުމުންނެވެ.

  1. ދައުލަތުގެ ބިމާ ގުޅޭގޮތުން، ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ފަރާތަކަށް ދައްކަންޖެހޭ އަގެއް، ކުއްޔެއް ނުވަތަ ޓެކުހެއް ނުދައްކައިވާނަމަ އެފަރާތަކަށް އެފައިސާ ދެއްކުމުން.
  2. ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ އިގްތިސާދީ، އިޖުތިމާއީ އަދި ގައުމީ ސަލާމަތާގުޅޭ ކަމަކަށް ދައުލަތުގެ ބިން ނުވަތަ ދައުލަތުގެ ބިން ހިމެނޭ ސަރަހައްދު ބޭނުންވާކަމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުން.
  3. ދައުލަތުގެ ބިމުގެ ބޭނުން ގާނޫނާއި ގަވާއިދާ ހިލާފަށް ކުރުން
  4. މި ގަވާއިދުގެ ދަށުން ބިމުގެ ރަޖިސްޓަރީއެއް ބާތިލު ކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވުމުން.

 

 

މާނަކުރުން

 

56 ވަނަ މާއްދާ - ކޮންޑިށަނަލް ފްރީހޯލްޑްކޮށް ބިން ވިއްކުން

ކޮންޑިށަނަލް ފްރީހޯލްޑްކޮށް ބިން ވިއްކުމަކީ، ބިމާއި، ބިމާ ގުޅިފައިވާ އެންމެހައި ކަންކަމާއި، އަދި ބިމުގެ ފުރިހަމަ މިލްކުވެރިކަން ގަންނަފަރާތަށް ށަރުޠުތަކަކާއެކު ބަދަލުކުރުމެވެ.

 

57 ވަނަ މާއްދާ - ބިން ދިގުމުއްދަތަކަށް ކުއްޔަށް ދިނުން ނުވަތަ ލީސް ހޯލްޑް ކުރުން

ބިން ދިގު މުއްދަތަކަށް ކުއްޔަށް ދިނުން ކަމުގައިބެލެވޭނީ، 66 އަހަރާއި 99 އަހަރާ ދެމެދުގެ މުއްދަތަކަށް ކުއްޔަށް ދިނުމެވެ.

 

58 ވަނަ މާއްދާ - ކުރު މުއްދަތަކަށް ކުއްޔަށްދިނުން

ބިން ކުރު މުއްދަތަކަށް ކުއްޔަށް ދިނުން ކަމުގައިބެލެވޭނީ، 33 އަހަރާ 66 އަހަރާ ދެމެދުގެ މުއްދަތަކަށް ކުއްޔަށް ދިނުމެވެ.

 

59 ވަނަ މާއްދާ - ރަޖިސްޓަރީކޮށްދިނުން

 ރަޖިސްޓަރީކޮށްދިނުންކަމުގައި ބެލެވޭނީ، މި ގަވާއިދުގެ ދަށުން ކުރެވޭ މުޢަމަލާތަކާ ގުޅޭ ގޮތަކުން މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގައި ރަޖިސްޓަރީކޮށްދިނުން ކަމުގައެވެ.

 

60 ވަނަ މާއްދާ - ޓައިޓްލް ބަދަލުކުރުން

ޓައިޓްލް ބަދަލުކުރުން ކަމުގައި ބެލެވޭނީ، ވިއްކައިފައިވާ ބިމެއް، ނުވަތަ ބިމުން ބައެއް، ނުވަތަ ބިމުގައި ކޮށްފައިވާ ޢިމާރާތެއް، ނުވަތަ ޢިމާރާތުން ބައެއް، ނުވަތަ ކުއްޔަށް ދީ ފައިވާ ބިމެއް، ނުވަތަ ކުއްޔަށް ދީފައިވާ ބިމުގައި ކޮށްފައިވާ ޢިމާރާތެއް، ނުވަތަ ކުއްޔަށް ދީފައިވާ ބިމުގައި ކޮށްފައިވާ ޢިމާރާތުން ބައެއްގެ ރަޖިސްޓަރީ އެހެން ފަރާތަކަށް ބަދަލުކުރުމެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

 

މައި ގާނޫނު

ބިމާހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު