-

ޖަލުގެ ސަލާމަތާއި ރައްކާތެރިކަމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ޖަލުގައި އަމަލުކުރަންވީގޮތާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 144/2015)

 

1 ވަނަ މާއްދާ - ތައާރުފް

މިއީ، ގަނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 144 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ބާރުލިބިގެން އެކުލަވައިލެވިފައިވާ ޖަލުގެ ސަލާމަތާއި ރައްކާތެރިކަމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ޖަލުގައި އަމަލުކުރަންވީގޮތާބެހޭ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނީ " ޖަލުގެ ސަލާމަތާއި ރައްކާތެރިކަމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ޖަލުގައި އަމަލުކުރަންވީގޮތާބެހޭ ގަވާޢިދު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ ޖަލުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނާއި ޖަލަށް ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކާއި ތަނުގެ މުދާ ހިމާޔަތްކޮށް، ޖަލުގެ ސަލާމަތާއި ރައްކާތެރިކަމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ބަޔާން ކުރުމެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.

 

5 ވަނަ މާއްދާ - މިގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

6 ވަނަ މާއްދާ - ޖަލު ސަރަހައްދު މާނަ ކުރުން

ޖަލު ސަރަހައްދު ކަމުގައި ބަލާނީ، ޖަލުގައި މީހުން ބަންދުކޮށްފައި ތިބޭ ސަރަހައްދާއި ޖަލުގެ އިދާރީ ހިންގުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްފައިވާ ސަރަހައްދާއި ޖަލުގައި މަސައްކަތްކުރާ މުވައްޒަފުން އުޅުމަށް ކަނޑައަޅާފައިވާ ސަރަހައްދު ހިމެނޭ ގޮތަށް، ޖަލުގެ ސަހަރައްދު ވަކިކުރުމަށް ޖަހާފައިވާ ފެންސްގެ އެތެރޭގައި ހިމެނޭ ސަރަހައްދަށެވެ. މީގެއިތުރުން ޖަލުގެ ވަށައިގެން ޖަލުގެ ސަލާމަތަށްޓަކައި އާންމުން ވަނުން މަނާކަމަށް ކަނޑައަޅާފައިވާ ސަރަހައްދަކީވެސް ޖަލުގެ ސަރަހައްދުކަމުގައި ބެލެވޭނެއެވެ.  

 

7 ވަނަ މާއްދާ - ޖަލުގެ ސަރަހައްދަށް ވަދެނިކުމެ ހެދުން

(ހ) ޖަލުގެ ސަރަހައްދަށް ވަދެނިކުމެ ހެދުމުގައި އިނިސްޕެކްޓަރާއި އޭނާގެ ފަރާތުން ދާ މީހުންނާއި ގާނޫނުގެ 12، 13، އަދި 14 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތްތައް ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި ޖަލު ބަލައި ފާސްކުރުމަށާއި އެނޫންވެސް ބޭނުންތަކަށް ޖަލަށް ޒިޔާރަތް ކުރަންވާނީ ކޮމިށަނަރ އޮފް ޕްރިޒަންސްގެ ހުއްދަ ލިބިގެންނެވެ. މިފަރާތްތަކުގެ މައުލޫމާތު ލިޔުމުން ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އަންގަންވާނެއެވެ.

(ނ) ޖަލުގެ ސަރަހައްދަށް ވެއްދުމުގެ ކުރިން އެ މީހަކީ ކާކުކަން ކަށަވަރު ކުރަންވާނެއެވެ.

(ރ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މުވައްޒަފުންނަށާއި ކޮންޓްރެކްޓް އުސޫލުން ޖަލުގައި އެކިއެކި މަސައްކަތް ކުރުމަށް ހުއްދަދީފައިވާ ފަރާތްތަކުގެ މުވައްޒަފުންނަށް، ކާކުކަން އަންގައިދޭ ފޮޓޯޖެހި އައިޑެންޓިޓީ ކާޑެއް ދޫކުރަންވާނެއެވެ. މިގޮތުން އެފަރާތްތަކަށް ޖަލުގެ ސަރަހައްދަށް ވަދެވޭނީ އެމީހަކަށް ދޫކޮށްފައިވާ އައިޑެންޓިޓީ ކާޑް ދެއްކުމުންނެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އިތުރުން، އެނޫން މީހަކު ޖަލުގެ ސަރަހައްދަށް ވައްދަންވާނީ އެ މީހަކީ ޖަލުގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދެވިފައިވާ ފަރާތެއްކަން އަންގައިދޭ ފާހަކާއެކުގައެވެ.

(ޅ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ޖަލުގައި އެކިއެކި މަސައްކަތް ކުރުމަށް ހުއްދަދީފައިވާ ފަރާތްތަކުގެ މުވައްޒަފުންނާއި މިމާއްދާގެ (ބ) ގައިވާ ފަރާތްތަކުން ޖަލުގެ ސަރަހައްދުގައި އުޅޭއިރު، އެމީހަކަށް ދޫކޮށްފައިވާ އައިޑެންޓިޓީ ކާޑު ނުވަތަ ފާސް މޭމައްޗާ ދިމާލުން އެމީހަކު ލައިގެންހުރި ހެދުމުގައި ފެންނަގޮތަށް ހަރުކޮށްފައި ބަހައްޓަންވާނެއެވެ.

(ކ) ޖަލުގެ ސަރަހައްދަށް ވަދެނިކުމެ ހަދާ އެންމެހައި ފަރާތްތައް ނޯޓުކޮށް ބަލަހައްޓަންވާނެއެވެ.

(އ) ޖަލުގެ ސަރަހައްދަށް ވަނުމުގެ ހުއްދަދީފައިނުވާ މީހަކު ނުވަތަ ގަވާއިދާ ހިލާފަށް އެއްވެސް މީހަކު ޖަލުގެ ސަރަހައްދަށް ވަދެއްޖެނަމަ، ޖަލު އޮފިސަރުންގެ ބެލުމުގެ ދަށަށްގެނެވި، އެ މައްސަލަ ބެލުމަށްޓަކައި އެމީހަކު ފުލުހުންނާ ހަވާލު ކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ބަލައި ފާސްކުރުން

(ހ) ޖަލަށް ވަދެނިކުމެ ހަދާ އެންމެހައި މީހުންނާއި ތަކެއްޗާއި އުޅަނދުފަހަރު، ބަލައި ފާސްކުރަންވާނެއެވެ.

(ށ) ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުން ފިޔަވައި އެނޫން ފަރާތްތައް ބަލައި ފާސްކުރުމުގެ ތެރޭގައި ފެންނަ، ޖަލަށް ވެއްދުން މަނާ ތަކެތި އެ މީހެއްގެ އަތުން އަތުލުމަށްފަހު އެ މީހަކު ޖަލު ސަރަހައްދުން ނިކުންނައިރު އެ ތަކެތި މީހަކާ ހަވާލު ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތެއް ބަލައި ފާސްކުރުމުގެ ތެރޭގައި އެ މީހެއްގެ އަތުން ނުވަތަ އެ މީހަކު ގެންނަ އެއްޗަކުން ދިވެހިރާއްޖޭގެ ގާނޫނު ހުއްދަ ނުކުރާ އެއްވެސް އެއްޗެއް ފެނިއްޖެނަމަ، އެ މައްސަލަ ބެލުމަށްޓަކައި އެ މީހަކާއި، އެ މީހެއްގެ އަތުން ފެނުނު ތަކެއްޗާއެކު، ފުލުހުންނާ ހަވާލު ކުރެވޭނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތެއް ބަލައި ފާސްކުރުމަށް ދެކޮޅު ހަދައިފިނަމަ، އެ ފަރާތަކަށް ޖަލު ސަރަހައްދަށް ވަނުމުގެ ހުއްދައެއް ނުދެވޭނެއެވެ.

(ބ) ޖަލުގެ ސަލާމަތީ ބޭނުންތަކަށްޓަކައި ނުވަތަ ގާނޫނާއި ގަވާއިދު ތަންފީޒުކުރުމުގެ ބޭނުމުގައި، ކޮންމެ ވަގުތެއްގައިވެސް ޖަލުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޖަލަށް ޒިޔާރަތްކުރާ ފަރާތްތަކާއި އެފަރާތްތަކުން ގެންގުޅޭ ތަކެތި ބަލައި ފާސްކުރުމުގެ އިހުތިޔާރު ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ޖަލަށް ވެއްދުން މަނާ ތަކެތި

ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗަކީ ޖަލަށް ވެއްދުން މަނާ ތަކެއްޗެވެ.

(ހ) ދިވެހިރާއްޖޭގެ ގާނޫނު ހުއްދަނުކުރާ އެއްވެސް އެއްޗެއް؛

(ށ) ޖަލު އޮފިސަރުންގެ ޒިންމާ އަދާކުރުމަށް ބޭނުންކުރާ ތަކެތި ފިޔަވައި މުވާސަލާތީ ވަސީލަތްތަކަށް ބޭނުންކުރާ ނުވަތަ ބޭނުން ކުރެވިދާނެ ކޮންމެ އެއްޗެއް؛

(ނ) ޖަލު އޮފިސަރުންގެ ޒިންމާ އަދާކުރުމަށް ބޭނުންކުރާ ހަތިޔާރު ފިޔަވައި ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްވެސް އެއްޗެއް؛

(ރ) ގޮވާ ނުވަތަ ގޮއްވާލުމަށް ބޭނުން ކުރެވިދާނެ އެއްވެސް އެއްޗެއް؛

(ބ) ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް؛

(ޅ) އެއްވެސް ބާވަތެއްގެ ފައިސާ؛

(ކ) ފޮޓޯ، ވީޑިއޯ ނުވަތަ އަޑު ރިކޯޑުކުރުމަށް ބޭނުން ކުރެވިދާނެ އެއްވެސް އެއްޗެއް؛

(އ) ޖަލުގައި އެއިރަކު ދެމިއޮތް ހާލަތަށް ރިއާޔަތްކޮށް މި ގަވާއިދުގެ 10 ވަނަ މާއްދާގައި ވާގޮތުގެ މަތިން ޖަލަށް ވެއްދުން މަނާކަމަށް ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ކޮންމެ އެއްޗެއް؛

(ވ) ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނާ ބައްދަލު ކުރުމަށް އަންނަ ފަރާތްތަކުން ޖަލަށް ވެއްދުން މަނާކަމަށް މި ގަވާއިދުގެ 10 ވަނަ މާއްދާގައި ވާގޮތުގެ މަތިން ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ކޮންމެ އެއްޗެއް؛

 

10 ވަނަ މާއްދާ - ޖަލަށް ވެއްދުން ހުއްދަ ތަކެތި ޖަލަށް ވެއްދުން މަނާކަމަށް ކަނޑައެޅުން

ޖަލުގައި އެއިރަކު ދެމިއޮތް ހާލަތަށް ރިއާޔަތްކޮށް ޖަލަށް ވެއްދޭ އެއްޗަކުން ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އެރުވިދާނެކަމަށް ބެލެވޭ ކޮންމެ އެއްޗަކާއި، އެ އެއްޗަކުން މީހެއްގެ ފުރާނަޔަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ދެވިދާނެ އެއްޗެއްތޯ ބަލައި އެ އެއްޗަކީ ޖަލަށް ވެއްދުން މަނާ އެއްޗެއް ކަމުގައި ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅަންވާނެއެވެ.

 

11 ވަނަ މާއްދާ - މަސްޓަރ ނެގުން

(ހ) ޖަލުގައި ބަންދުކުރެވޭ މީހުން ހަމަޔަށް ތިބިތޯ ބަލައި ޔަގީން ކުރުމުގެ ގޮތުން މަސްޓަރ ނެގުމަށް ހަމަޖެހިފައިވާ ޖަލު އަމުރާ އެއްގޮތްވާ ގޮތުގެ މަތިން މަސްޓަރ ނަގައި ގައިދީން ހަމަޔައް ތިބިކަން ޔަގީން ކުރަންވާނެއެވެ.

(ށ) ޖަލުގެ މަސްޓަރ ނެގުމަށްފަހު ޖަލުގައި ހުންނަ މީހަކު މަދުކަމަށް ފާހަގަ ކުރެވިއްޖެނަމަ، އެކަން ވަގުތުން ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އަންގަންވާނެއެވެ. އަދި މި ހާލަތުގައި "ޖަލުން ގައިދީއަކު ނުވަތަ ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓް އަމުރެއްގެ ދަށުން ބަންދުގައި ބަހައްޓަންޖެހޭ މީހަކު ފިލައިފިނަމަ، އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތަށް ޑައިރެކްޓަރ އޮފް ޕްރިޒަން އަމަލު ކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ސެލް އިންސްޕެކްށަން ބޭއްވުން

(ހ) ޖަލުގައި މީހުން ބަންދުކޮށްފައި ތިބޭ ގޮޅިތަކުގެ އިންސްޕެކްށަން މަދުވެގެން ދުވާލަކު އެއްފަހަރު ބާއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސެލް އިންސްޕެކްށަންގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ބަލައި ރިކޯޑުކުރަން ވާނެއެވެ.

  1. ގައިދީގެ ނުވަތަ ބަންދުމީހާގެ ސާފުތާހިރުކަން؛
  2. ގޮޅިތެރޭގެ ސާފުތާހިރުކަނާއި ތަރުތީބުކަން؛
  3. ގޮޅިތެރޭގައި ހުންނަންޖެހޭ ހުރިހާ އެއްޗެއް ހަމަޔަށް ހުރިތޯ؛
  4. ގޮޅިއަށް ނުވަތަ ގޮޅިތެރޭގައި ހުރި އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވޭތޯ؛

 

13 ވަނަ މާއްދާ - މުވާސަލާތީ ނިޒާމު ގާއިމުކުރުން

މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ދަށުން ހިންގާ ކޮންމެ ޖަލެއްގައިވެސް، ޖަލުގައި މަސައްކަތްކުރާ މުވައްޒަފުންނަށް، ޑިއުޓީ ގަޑީގައި މުއާސަލާތު ކުރެވޭނެ އެކަށީގެންވާ ނިޒާމެއް ގާއިމުކޮށްފައި ހުންނަންވާނެއެވެ. މިގޮތުން މުއާސަލާތު ކުރުމަށްޓަކައި ތިރީގައި ބަޔާންކޮށްފައިވާ އާލާތްތައް ހޯދައިދޭންވާނެއެވެ.

(ހ) ރޭޑިއޯ ސެޓް؛

(ށ) ޓެލެފޯން؛

(ނ) މެގަފޯން؛

(ރ) އެނައުންސްމަންޓް ސިސްޓަމް؛

 

14 ވަނަ މާއްދާ - ސަރވައިލަންސް ސިސްޓަމް ގާއިމްކުރުން

މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ދަށުން ހިންގާ ކޮންމެ ޖަލެއްގައިވެސް ޖަލުތެރޭގައި ނުވަތަ ޔުނިޓުގެ އެތެރޭގައި ހިނގަމުންދާ ހަރަކާތްތައް ބަލައި މޮނީޓަރކުރުމަށް ސަރވައިލަންސް ސިސްޓަމް ގާއިމުކުރެވިފައި ހުންނަންވާނެއެވެ. މިގޮތުން މި ނިޒާމު ގާއިމު ކުރެވޭއިރު ޖަލުތަކާއި ޖަލުތަކުގެ ޔުނިޓުތަކާއި ޖަލުގެ ވަށައިގެންވާ ސަރަހައްދު 24 ގަޑިއިރު މޮނީޓަރކޮށް ރިކޯޑު ކުރެވެންވާނެއެވެ.

 

15 ވަނަ މާއްދާ - ޑިއުރެސް އެލާމް ސިސްޓަމް ގާއިމްކުރުން

ޑިއުރެސް އެލާމް ސިސްޓަމަކީ، ޖަލުތަކަށް ޒިޔާރަތްކުރާ ފަރާތްތަކާއި ޖަލުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޖަލުތެރޭގައި ޑިއުޓީގައި އުޅޭ ވަގުތުތަކުގައި އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިވެއްޖެނަމަ، އެކަން ޖަލުގެ ކޮންޓްރޯލް ރޫމަށް ނުވަތަ އެނޫން ފަރާތްތަކަށް ފަސޭހަކަމާއެކު އެންގުމަށްޓަކައި ގާއިމުކުރެވޭ ނިޒާމެކެވެ. މިގޮތުން ޖަލުތަކަށް ޒިޔާރަތްކުރާ ފަރާތްތަކާއި ޖަލިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ދަށުން ހިންގާ ކޮންމެ ޖަލެއްގައިވެސް މި ސިސްޓަމް ގާއިމުކުރަން ވާނެއެވެ.

 

16 ވަނަ މާއްދާ - ފަޔަރ އެލާރމް ސިސްޓަމާއި އަލިފާން ނިއްވާ ނިޒާމް ގާއިމުކުރުން

ފަޔަރ އެލާރމް ސިސްޓަމަކީ ޖަލުތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގާފާނެކަމަށް ބަލައި، އެފަދަ ހާދިސާއަކުން ޖަލުގައި ތިބޭ މީހުންނާއި ޖަލުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އިމާރާތާއި މުދާ ރައްކާތެރި ކުރުމުގެ ގޮތުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ދަށުން ހިންގާ ކޮންމެ ޖަލެއްގައިވެސް ގާއިމުކުރެވިފައި ހުންނަންވާނެ ސިސްޓަމެކެވެ. މިގޮތުން ޖަލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، އެ އަލިފާނެއް ވީހާވެސް އަވަހަކަށް ނިއްވައިލެވޭނެ ފަދަ ނިޒާމެއް ކޮންމެ ޖަލެއްގައިވެސް ގާއިމުކުރަން ވާނެއެވެ.

 

17 ވަނަ މާއްދާ - ސަލާމަތީ އާލާތްތައް ހޯދުން

(ހ) ޖަލުގައި ބަންދުކުރެވޭ މީހުންނާއި ޖަލުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޖަލަށް ޒިޔާރަތްކުރާ އެނޫންވެސް ފަރާތްތަކާއި އެ މީހުން ގެންގުޅޭ ތަކެއްޗާއި ޖަލަށް ވަންނަ އުޅަނދުތަކާއި ޖަލުގެ އެކި ތަންތަން ބަލައި ފާސްކުރުމަށްޓަކައި ބޭނުންވާނެ ޒަމާނީ ވަސީލަތްތައް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ދަށުން ހިންގާ ކޮންމެ ޖަލެއްގައި ހުންނަންވާނެއެވެ.

(ށ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ދަށުން ހިންގާ ކޮންމެ ޖަލެއްގައިވެސް ގައިދީން ނުވަތަ ބަންދުމީހުން ރެސްޓްރެއިން ކުރުމަށް ބޭނުންވާނެ އާލާތްތަކާއި ޖަލުގައި ހިންގާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ބޭނުންވާ ޒަމާނީ އާލާތްތައް އެކަށީގެންވާ އަދަދަކަށް ހުންނަންވާނެއެވެ.

 

18 ވަނަ މާއްދާ - ޖަލުގައި ޑިއުޓީ ކުރުން

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ދަށުން ހިންގާ ކޮންމެ ޖަލެއްގައިވެސް، އެ ޖަލެއްގައި ބަންދުކޮށްފައި ތިބޭ މީހުންގެ ނިސްބަތުން، އެ ޖަލެއްގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށާއި ޖަލުގައި ތިބޭ މީހުންނަށް ފޯރުކޮށްދޭންޖެހޭ އެންމެހައި ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި މަދުވެގެން 1:1:75 (ކޮންމެ ޖަލު އޮފިސަރަކަށް 1.75 ގައިދީން ނުވަތަ ބަންދު މީހުން) ރޭށިއޯއަށް ޖަލު އޮފިސަރުން ތިބެންވާނެއެވެ.

(ށ) ކޮންމެ ޖަލެއްގައިވެސް ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ އުސޫލެއްގެ ދަށުން ޖަލު ތެރޭގައާއި ޖަލުގެ ވަށާއިގެން ޑިއުޓީ ޕޮއިންޓުތައް ގާއިމުކޮށް އެތަންތަނުގައި 24 ގަޑިއިރު ޑިއުޓީ ކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - އިމަރޖެންސީ ސަޕޯޓް ގްރޫޕް

(ހ) ޖަލުތަކުގައި މަސައްކަތްކުރާ ޖަލު އޮފިސަރުންނަށް ކޮންޓްރޯލް ނުކުރެވޭ ހާލަތްތަކުގައި، އެކަންކަން ކޮންޓްރޯލްކޮށް ޖަލުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ޖަލު އޮފިސަރުންގެ ތެރެއިން ހާއްސަ ތަމްރީނު ލިބިފައިވާ ބައެއްގެ މައްޗަށް އެކުލެވޭ ޓީމެއް ކޮމިށަނަރ އޮފް ޕްރިޒަންސް އުފައްދަންވާނެއެވެ. މިޓީމަށް ކިޔާނީ 'އިމަރޖެންސީ ސަޕޯޓް ގްރޫޕް' އެވެ.

(ށ) އިމަރޖެންސީ ސަޕޯޓް ގްރޫޕުގައި މަސައްކަތްކުރާ އޮފިސަރުން ވާންވާނީ ޕްރިޒަން އެކަޑަމީން ހިންގާ ކަމާގުޅޭ ތަމްރީނު ފުރިހަމަކޮށްފައިވާ ބަޔަކަށެވެ.

(ނ) ކޮންމެ ޖަލެއްގައިވެސް، އެ ޖަލެއްގައި ބަންދުކޮށްފައިވާ މީހުންގެ ނިސްބަތުން މަދުވެގެން، ކޮންމެ 01 (ދިހައެއް) ގައިދީ އަކަށް ނުވަތަ ބަންދުމީހަކަށް 1 (އެކެއް) އިމަރޖެންސީ ސަޕޯޓް ގްރޫޕުގެ އޮފިސަރެއް ހުންނަންވާނެއެވެ.

(ރ) އިމަރޖެންސީ ސަޕޯޓް ގްރޫޕްގެ ކޮމާންޑަރެއްގެ ގޮތުގައި ހަމަޖައްސަންވާނީ ކޮމިށަންޑް އޮފިސަރެކެވެ.

(ބ) އިމަރޖެންސީ ސަޕޯޓް ގްރޫޕްގެ މައިގަނޑު މަސްއޫލިއްޔަތުތައް ތިރީގައި މިވަނީއެވެ.

  1. ޖަލުތަކުގެ ޕެރިމީޓަރ ބެލެހެއްޓުން؛
  2. ސެކިއުރިޓީ ބެލެހެއްޓުމަށް ތިބޭ އޮފިސަރުންނަށް ކޮންޓްރޯލް ނުކުރެވޭ ހާލަތްތައް ކޮންޓްރޯލް ކުރުން؛
  3. ނުކިޔަމަންތެރިވާ ގައިދީންނަށާއި ބަންދުމީހުންނަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެހީތެރިކަން ފޯރުކޮށްދިނުން؛
  4. މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ޖަލުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ޑައިރެކްޓަރ އޮފް ޕްރިޒަން އެހީތެރިކަމަށް އެދޭ ހާލަތްތަކުގައި އެ އެހީތެރިކަން ފޯރުކޮށްދިނުން؛

 

20 ވަނަ މާއްދާ - ގައިދީން އެސްކޮޓް ކުރުމާއި ޓްރާންސްޕޯޓް ކުރުން

ގައިދީން ނުވަތަ ބަންދުމީހުން ޖަލުން ބޭރުގައި އެއްތަނުން އަނެއްތަނަށް އެސްކޮޓް ކުރާއިރު އެމީހެއްގެ ސެކިއުރިޓީ ރޭޓިންގއަށް ބަލައި ކޮންމެ ގައިދީއަކަށް ނުވަތަ ބަންދުމީހަކަށް މަދުވެގެން 1 (އެކެއް) އޮފިސަރުން ތިބެންވާނެއެވެ.

 

21 ވަނަ މާއްދާ - ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ ކަމެއް ނުކުރުން.

(ހ) ޖަލުގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު އަދި ޖަލަށް ޒިޔާރަތްކުރާ އެއްވެސް ފަރާތަކުން ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ކޮށްގެންނުވާނެއެވެ. އަދި އެފަދައިން އަމަލު ކުރުމަށް އެއްވެސް ފަރާތަކަށް ފުރުސަރުވެސް ދީގެންނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖަލުގެ ސަލާމަތާ ރައްކާތެރިކަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއްކޮށްފި ކަމުގައިވާނަމަ ނުވަތަ ކުރަން އުޅެފިކަމުގައިވާނަމަ ތިރީގައިވާ ފަދައިން އެފަރާތަކާ މެދު ފިޔަވަޅު އެޅޭނެއެވެ.

  1. ޖަލު ސަރަހައްދުން އެފަރާތެއް ފޮނުވައިލުން.
  2. ޖަލަށް ޒިޔާރަތް ކުރި ބޭނުން ހުއްޓުވުން.
  3. ވަކި މުއްދަތަކަށް ޒިޔާރަތް ނުކުރެވޭނެ ކަމަށް އެންގުން.
  4. ނުކިޔަމަންތެރިކަން ދައްކައިފިނަމަ ކަމާބެހޭ އިދާރާއާ ހަވާލުކުރުން.

(ނ) ޖަލުގެ ސަލާމަތާއި ރައްކާތެރިކަމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި، ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކުރުމަށް ހަމަޖައްސާފައިވާ އެއްވެސް ކަމެއް، އެނޫން ގޮތަކަށް ކޮށްގެންނުވާނެއެވެ. އަދި އެފަދައިން އަމަލު ކުރުމަށް އެއްވެސް ފަރާތަކަށް ފުރުސަތުވެސް ދީގެންނުވާނެއެވެ.

 

22 ވަނަ މާއްދާ - ބަހުގެ މާނަ

"ޕްރިޒަން އެކަޑަމީ" ކަމަށް ބުނެފައި އެވަނީ، ޖަލު އޮފިސަރުންނަށް ދޭ ތަމްރީންތައް ރާވައި ހިންގައި ބަލަހައްޓާ ފަރާތަށެވެ.

  

މައި ގާނޫނު

ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 14/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު