-

އިލެކްޓްރޯނިކް ޒަރީއާ މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ގަވާއިދު


(ގަވާއިދު ނަންބަރު 147/2015)
 

 

އެއްވަނަ ބާބު

ފެށުން

1 ވަނާ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 20 ވަނަ މާއްދާގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) ގަވާއިދަށް ކިޔާނީ "އިލެކްޓްރޯނިކް ޒަރީއާ މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ – މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ޓެކްސްއާބެހޭ ގާނޫނުތަކުގެ ދަށުން ޓެކްސް ދައްކާ ފަރާތްތަކުން މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާންތައް އިލެކްޓްރޯނިކް ޒަރީއާ މެދުވެރިކޮށް ހުށަހެޅުމުގައްޔާއި އަންގަން ޖެހޭ އެހެނިހެން އެންގުންތައް އެންގުމުގައްޔާއި މީރާއަށް ދައްކަންޖެހޭ ފައިސާ އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ދެއްކުމުގައި ޓެކްސް ދައްކާ ފަރާތްތަކުން އަމަލުކުރަންޖެހޭނެ ގޮތާއި، އެ ކަންކަމާ ގުޅޭ ގޮތުން މީރާއިން އަމަލުކުރާނެ ގޮތް ތަފުސީލުކޮށްދިނުމެވެ.

 

ދެވަނަ ބާބު

މީރާކަނެކްޓް ބޭނުންކުރުމަށް ރަޖިސްޓަރީކުރުން

3 ވަނަ މާއްދާމީރާ ކަނެކްޓް އެކައުންޓަށް އެދި ހުށަހެޅުން

(ހ). މީރާކަނެކްޓް އެކައުންޓަކަށް އެދޭ ފަރާތްތަކުން MIRA111 (މީރާކަނެކްޓް އެކައުންޓް ރިކުއެސްޓް) ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާއެކު މީރާއަށް ހުށަހަޅަންވާނެއެވެ. މީރާކަނެކްޓް މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތަށް ހަމަޖެހިފައިވާ އާމްދަނީގެ ބާވަތެއް ދައްކާ ކޮންމެ ފަރާތަކަށްމެ މީރާކަނެކްޓް އެކައުންޓަކަށް އެދެވިދާނެއެވެ.

(ށ). މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު، މީރާގެ ވެބްސައިޓް mv.gov.mira.www މެދުވެރިކޮށް އޮންލައިންކޮށް ވެސް ހުށަހެޅިދާނެއެވެ.

(ނ) މީރާކަނެކްޓް އެކައުންޓަކަށް އެދި ހުށަހަޅާއިރު، އަންނަނިވި 3 ބާވަތުންކުރެ ބާވަތެއްގެ އެކައުންޓަކަށް އެދެވިދާނެއެވެ.

  1. ޓެކްސް ދައްކާ ފަރާތަށް ދޫކުރެވޭ "މީރާކަނެކްޓް ޕްރައިމަރީ އެކައުންޓް"؛ ނުވަތަ
  2. ގަވާއިދު ނަންބަރު 36/2014 (ޓެކްސް އޭޖެންޓުންގެ ގަވާއިދު) ގެ ދަށުން، ޓެކްސް ދައްކާ ފަރާތަކުން އައްޔަންކުރާ ޓެކްސް އޭޖެންޓުންނަށް ދޫކުރެވޭ "ޓެކްސް އޭޖެންޓް އެކައުންޓް"؛ ނުވަތަ
  3. މި މާއްދާގެ (ނ) ގެ (1) އަދި (2) ގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި، ޓެކްސް ދައްކާ ފަރާތެއްގެ މީރާކަނެކްޓް އެކައުންޓް ބޭނުންކުރާ އެހެނިހެން މީހުންނަށް ދޫކުރެވޭ "ޓެކްސް އެކައުންޓަންޓް އެކައުންޓް".

 

4 ވަނަ މާއްދާމީރާ ކަނެކްޓް ޕްރައިމަރީ އެކައުންޓު

(ހ) މީރާކަނެކްޓް ޕްރައިމަރީ އެކައުންޓަކަށް އެދި ހުށަހަޅާނަމަ، އެ ޓެކްސް ދައްކާ ފަރާތުގެ މީރާކަނެކްޓް ޕްރައިމަރީ އެކައުންޓް ބަލަހައްޓާ ފަރާތުގެ ގޮތުގައި އެ މީހާ އައްޔަންކުރިކަން އަންގައިދޭ ޑިރެކްޓަރުންގެ ބޯޑުގެ ގަރާރު ނުވަތަ ޕަވަރ އޮފް އެޓަރނީ ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މީރާކަނެކްޓް ޕްރައިމަރީ އެކައުންޓަކަށް އެދި ހުށަހަޅަނީ އަމިއްލަ ފަރުދެއް ކަމުގައި ވާ ނަމަ، އަދި އެ ފަރާތުގެ މީރާކަނެކްޓް ޕްރައިމަރީ އެކައުންޓް ބަލަހައްޓާ ފަރާތަކީ ސީދާ އެ ފަރާތް ކަމުގައި ވާ ނަމަ، ޕަވަރ އޮފް އެޓަރނީ ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

5 ވަނަ މާއްދާޓެކްސް އޭޖެންޓް އެކައުންޓް

ޓެކްސް އޭޖެންޓް އެކައުންޓަކަށް އެދެވޭނީ ގަވާއިދު ނަންބަރު 36/2014 (ޓެކްސް އޭޖެންޓުންގެ ގަވާއިދު) ގެ ދަށުން މީރާއިން ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި އެ ފަދަ ޓެކްސް އޭޖެންޓަކަށް، ޓެކްސް ދައްކާ ފަރާތެއްގެ ޓެކުހުގެ މުއާމަލާތްތައް މީރާކަނެކްޓް މެދުވެރިކޮށް ކުރެވޭނީ އެ ދެ ފަރާތުން ހުށަހަޅMIRA114  (ޓެކްސް އޭޖެންޓު އައްޔަންކުރުން) ފޯމުގައި، އެ ޓެކްސް ދައްކާ ފަރާތުގެ ޓެކުހުގެ މއާމަލާތްތައް މީރާކަނެކްޓް މެދުވެރިކޮށް އެ ޓެކްސް އޭޖެންޓް ކުރުމާމެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުނުކުރާ ކަމަށް އިޤުރާރުވެފައި ވާނަމައެވެ.

 

6 ވަނަ މާއްދާޓެކްސް އެކައުންޓަންޓް އެކައުންޓް

(ހ) ޓެކްސް އެކައުންޓަންޓް އެކައުންޓަކަށް އެދި ހުށަހަޅާނަމަ، އެ ޓެކްސް ދައްކާ ފަރާތުގެ ޓެކްސް އެކައުންޓަންޓް އެކައުންޓް ބަލަހައްޓާ ފަރާތެއްގެ ގޮތުގައި އެ މީހާ ހަމަޖެއްސިކަން އަންގައިދިނުމަށްޓަކައި ޓެކްސް ދައްކާ ފަރާތުން ދޫކޮށްފައިވާ ލިޔުމެއް ހުށަހަޅަންވާނެއެވެ.

(ށ) ޓެކްސް ދައްކާ ފަރާތެއްގެ ނަމުގައި 1 (އެކެއް) ޓެކްސް އެކައުންޓަންޓް އެކައުންޓަށްވުރެ ގިނަ ޓެކްސް އެކައުންޓަންޓް އެކައުންޓް، މީރާއިން ކަނޑައަޅާ ގޮތެއްގެ މަތިން ހުޅުވިދާނެއެވެ. މި ގޮތުން އެދޭ ކޮންމެ ޓެކްސް އެކައުންޓަންޓް އެކައުންޓަކަށް MIRA111 ގެ ވަކި ފޯމެއް ހުށަހަޅަންވާނެއެވެ.

 

7 ވަނަ މާއްދާމީރާ ކަނެކްޓް އެކައުންޓް ހުޅުވުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ލިބޭ ހުށަހެޅުމަކާ ގުޅިގެން މީރާކަނެކްޓް އެކައުންޓެއް ހުޅުވުމަށްފަހު، ކަމާ ގުޅޭ އިރުޝާދުތަކާއެކު އެ ކަން ޓެކްސް ދައްކާ ފަރާތަށް އީމޭލް މެދުވެރިކޮށް އެންގޭނެއެވެ. މި އީމޭލް ފޮނުވޭނީ އެ ފަރާތުން ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާ އީމޭލް އެޑްރެހަށެވެ.

(ށ) މީރާކަނެކްޓް އެކައުންޓަކަށް ލޮގިން ވާ ފުރަތަމަ ފަހަރު، އެ އެކައުންޓް ނިސްބަތްވާ ފަރާތުން އެ އެކައުންޓުގެ ޕާސްވަރޑް ބަދަލުކުރަންވާނެއެވެ.

 

8 ވަނަ މާއްދާމައުލޫމާތު ބަދަލު ކުރުން.

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ފޯމުގައި ހިމެނޭ މަޢުލޫމާތަކަށް ބަދަލެއް އަތުވެއްޖެނަމަ އެ ބަދަލު އައި ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ކަން އެ އެކައުންޓް ނިސްބަތްވާ ފަރާތުން ލިޔުމުން މީރާއަށް އަންގަންވާނެއެވެ.

(ށ) ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން މީރާއަށް އަންގަންޖެހޭ އެންގުންތައް މީރާކަނެކްޓް މެދުވެރިކޮށް އަންގައިފިނަމަ، އެ މާއްދާގެ ދަށުން ޓެކްސް ދައްކާ ފަރާތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރީ ކަމުގައި ބެލެވޭނެއެވެ.

 

ތިންވަނަ ބާބު

މީރާކަނެކްޓް މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހެޅުން

9 ވަނަ މާއްދާމީރާ ކަނެކްޓް މެދުވެރިކޮށް ހުށަހެޅޭނެ ބަޔާންތައް

މީރާކަނެކްޓް މެދުވެރިކޮށް ހުށަހެޅޭނީ، އޮންލައިންކޮށް ހުށަހެޅޭނެކަމަށް އެ ވަގުތަކު މީރާއިން ކަނޑައަޅައިފައިވާ ޓެކްސް ބަޔާންތައް އެކަންޏެވެ.

 

10 ވަނަ މާއްދާމީރާ ކަނެކްޓް މެދުވެރިކޮށް ބަޔާން ހުށަހެޅުމާ ގުޅޭ އާންމު މާއްދާތައް

(ހ) މީރާ ކަނެކްޓް މެދުވެރިކޮށް ހުށަހަޅާ ޓެކްސް ބަޔާންތަކާ ގުޅޭ އެޓޭޗްމަންޓްތަކުގެ ތެރެއިން ޓެކްސް ދައްކާ ފަރާތުން ސޮއިކުރަން ލާޒިމުވާ އެޓޭޗްމަންޓްތަކުގައި ހުންނަންވާނީ އެ ޓެކްސް ދައްކާ ފަރާތުގެ ޓެކްސް ބަޔާންތަކުގައި ސޮއިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކުން ސޮއިކޮށްފައެވެ.

(ށ) މީރާ ކަނެކްޓް މެދުވެރިކޮށް ހުށަހަޅާ ޓެކްސް ބަޔާނެއް ހުށަހެޅި ތާރީހު ކަމުގައި ބަލާނީ އެ ބަޔާން ހުށަހެޅުމުން ދޫކުރެވޭ ވައުޗަރުގައި ބަޔާންކޮށްފައިވާ ތާރީހެވެ. އެހެންނަމަވެސް އެ ޓެކްސް ބަޔާނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުމެއް ހުށަހަޅައިފައިނުވާނަމަ އެއީ އެ ތާރީހުގައި ހުށަހެޅި ޓެކްސް ބަޔާނެއްގެ ގޮތުގައެއް ނުބެލެވޭނެއެވެ. އަދި އެ ޓެކްސް ބަޔާނުގައި ނުވަތަ އެއާ ގުޅޭ އެޓޭޗްމަންޓެއްގައި އިސްލާހުކުރަންޖެހޭ ކަމެއް ހުރި ކަމަށް މީރާއަށް ފާހަގަކުރެވިގެން އެ ކަން އިސްލާހުކުރުމަށް މީރާއިން އެ ފަރާތަށް އަންގައިފިނަމަ، އެ ގޮތުން އަންގާ މުއްދަތެއްގެ ތެރޭގައި އެ ކަން އިސްލާހު ނުކޮށްފިނަމަ އެއީ އެ ތާރީހްގައި ހުށަހެޅި ޓެކްސް ބަޔާނެއްގެ ގޮތުގައެއް ނުބެލެވޭނެއެވެ.

(ނ) މީރާކަނެކްޓް މެދުވެރިކޮށް ޓެކްސް ބަޔާނެއް ހުށަހަޅައިފިނަމަ އެ ބަޔާން މީރާއަށް ލިބުނުކަން އަންގައިދޭ އީމޭލެއް، އެ މީރާކަނެކްޓް އެކައުންޓް ނިސްބަތްވާ ފަރާތުގެ އީމޭލް އެޑްރެހަށް ފޮނުވޭނެއެވެ.

 

ހަތަރުވަނަ ބާބު

އޮންލައިންކޮށް ފައިސާ ދެއްކުން

11 ވަނަ މާއްދާ – އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތްތައް

މީރާކަނެކްޓް މެދުވެރިކޮށް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިފައިވާ ޓެކްސް، ފީ، ކުލި، ރޯޔަލްޓީ އަދި އެ ނޫން ވެސް ފައިސާ، އަންނަނިވި ވަސީލަތްތައް މެދުވެރިކޮށް އޮންލައިންކޮށް ދެއްކިދާނެއެވެ.

(ހ) ވާރުކާޑު މެދުވެރިކޮށް؛

(ށ) ޑެބިޓް ކާޑު ނުވަތަ ކްރެޑިޓް ކާޑު މެދުވެރިކޮށް؛ ނުވަތަ

(ނ) މީރާއިން ކަނޑައަޅާ އެ ނޫން ވެސް އޮންލައިން ވަސީލަތްތައް މެދުވެރިކޮށް.

 

12 ވަނަ މާއްދާ -  ވާރު ކާޑު މެދުވެރިކޮށް ފައިސާ ދެއްކުން

(ހ) މީރާކަނެކްޓް މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތަށް ހަމަޖެހިފައިވާ ކޮންމެ އާމްދަނީގެ ބާވަތަކަށް ވެސް ވާރުކާޑު މެދުވެރިކޮށް ފައިސާ ދެއްކިދާނެއެވެ.

(ށ) ވާރުކާޑު މެދުވެރިކޮށް ފައިސާ ދެއްކި ތާރީހު ކަމުގައި ބަލާނީ، ފައިސާ ދެއްކުމުން ދޫކުރާ "ޕޭމަންޓް ކޮންފަރމޭޝަން" ގައި ބަޔާންކޮށްފައިވާ ތާރީޚެވެ.

(ނ) ވާރުކާޑު މެދުވެރިކޮށް ފައިސާ ދެއްކުމަށް ޓެކްސް ދައްކާ ފަރާތުގެ އަތުން އެއްވެސް ޗާޖެއް ނުނެގޭނެއެވެ.

(ރ) ވާރުކާޑު މެދުވެރިކޮށް ފައިސާ ދެއްކޭނީ އެ ކާޑު ލިންކުކޮށްފައިވާ އެކައުންޓުގެ ކަރަންސީއަކުންނެވެ.

 

13 ވަނަ މާއްދާ – ޑެބިޓް ކާޑު ނުވަތަ ކްރެޑިޓް ކާޑު މެދުވެރިކޮށް ފައިސާ ދެއްކުން

(ހ) މީރާކަނެކްޓް މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތަށް ހަމަޖެހިފައިވާ ކޮންމެ އާމްދަނީގެ ބާވަތަކަށް ވެސް، ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރާ ޑެބިޓް ކާޑު ނުވަތަ ކްރެޑިޓް ކާޑު މެދުވެރިކޮށް ފައިސާ ދެއްކިދާނެއެވެ.

(ށ) ޑެބިޓް ކާޑު ނުވަތަ ކްރެޑިޓް ކާޑު މެދުވެރިކޮށް ފައިސާ ދެއްކި ތާރހު ކަމުގައި ބަލާނީ، ފައިސާ ދެއްކުމުން ދޫކުރާ "ޕޭމަންޓް ކޮންފަރމޭޝަން" ގައި ބަޔާންކޮށްފައިވާ ތާރީހެވެ.

(ނ) ޑެބިޓް ކާޑު ނުވަތަ ކްރެޑިޓް ކާޑު މެދުވެރިކޮށް ފައިސާ ދެއްކުމުން ލިބޭ ޕޭމަންޓް ކޮންފަރމޭޝަން ލިބުނު ކަމުގައި ވިޔަސް، އެ ޕޭމަންޓް އެއްވެސް ސަބަބަކާހުރެ ބޭންކުން ރިޖެކްޓްވެއްޖެނަމަ، އެ ފައިސާއަކީ ދެއްކި ފައިސާއެއް ކަމުގައެއް ނުބެލެވޭނެއެވެ.

(ރ) ޑެބިޓް ކާޑު ނުވަތަ ކްރެޑިޓް ކާޑު މެދުވެރިކޮށް ފައިސާ ދެއްކުމަށް ޓެކްސް ދައްކާ ފަރާތުގެ އަތުން އެއްވެސް ޗާޖެއް ނުނެގޭނެއެވެ.

 

ފަސްވަނަ ބާބު

އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ފައިސާ ދެއްކުން

14 ވަނަ މާއްދާއެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ފައިސާ ދެއްކުން

(ހ) އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ފައިސާ ދެއްކޭނީ މީރާކަނެކްޓް މެދުވެރިކޮށް ހުށަހަޅާ ޓެކްސް ބަޔާންތަކަށާއި، އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށް މީރާއިން ކަނޑައަޅައިފައިވާ އެ ނޫން އާމްދަނީގެ ބާވަތްތަކަށް އެކަންޏެވެ.

(ށ) އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް މީރާއަށް ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކުން، އެ ފަރާތުގެ މީރާކަނެކްޓް އެކައުންޓްގައިވާ ޕޭމަންޓް އޮބްލިގޭޝަންގެ ނަންބަރު ހިމެނޭ ގޮތަށް "އެމް.އާރ.ޓީ.ޖީ.އެސް ރެމިޓެންސް ރިކުއެސްޓް" (MIRA906) ފޯމު ފުރިހަމަކުރުމަށްފަހު ފައިސާ ދައްކަން ބޭނުންވާ އެކައުންޓް ހުޅުވައިފައި ހުރި ބޭންކަށް ހުށަހަޅަންވާނެއެވެ.

(ނ) އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ފައިސާ ދެއްކުމަށް ހުށަހަޅާއިރު އެ އެކައުންޓުގައި ފައިސާ ހުރިކަން ޔަގީންކުރުމަކީ ޓެކްސް ދައްކާ ފަރާތުގެ ޒިންމާއެކެވެ. އަދި އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން "އެމް.އާރ.ޓީ.ޖީ.އެސް ރަން" ގައި އެ މުއާމަލާތް ފެއިލްވެއްޖެނަމަ ފައިސާ ދެއްކުމުގެ ޒިންމާ އަދާކުރީ ކަމަކަށް ނުބެލެވޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި، އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ފައިސާ ދެއްކި ތާރީޚު ކަމުގައި ބަލާނީ، އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ޕަބްލިކް ބޭންކް އެކައުންޓަށް ފައިސާ ލިބޭ ތާރީޚެވެ.

(ބ) އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ފައިސާ ދެއްކޭނީ އެ ލަޔަބިލިޓީ ޑިނޯމިނޭޓް ކުރެވިފައިވާ ކަރަންސީގެ ބޭންކް އެކައުންޓަކުންނެވެ.

(ޅ) އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ފައިސާ ދެއްކުމަށް ބޭންކުން އެއްވެސް ފީއެއް ނަގާނަމަ އެ ފީ ބޭންކަށް ދެއްކުމަކީ ޓެކްސް ދައްކާ ފަރާތުގެ ޒިންމާއެކެވެ.

 

ހަވަނަ ބާބު

އާންމު މާއްދާތައް

15 ވަނަ މާއްދާ -  އެމް.އާރު.ޓީ.ޖީ.އެސް މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ފައިސާ ދައްކާ ފަރާތްތަކަށް ދެވޭ ޖޫރިމަނާގެ ލުއި

އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ފައިސާ ދައްކާ ފަރާތަކުން، ފައިސާ ދެއްކުމަށް ކަ ނޑައެޅިފައިވާ ސުންގަޑިއާ ވިދިގެން އަންނަ 2  (ދޭއް) ދުވަހުގެ ތެރޭގައި ފައިސާ ދައްކައިފިނަމަ، އަދި ސުންގަޑީގެ ނިޔަލަށް ފައިސާ ނުދައްކައިގެން ޖޫރިމަނާ އަރައިފިނަމަ، އެ ސުންގަޑިން ފެށިގެން 2 (ދޭއް) ދުވަހާ ހަމައަށް އަރާ ޖޫރިމަނާ ލުއިކޮށްދެވޭނެއެވެ.

 

16 ވަނަ މާއްދާމީރާ ކަނެކްޓް އެކައުންޓުގެ ސެކިއުރިޓީ

(ހ). މީރާކަނެކްޓް އެކައުންޓެއް މެދުވެރިކޮށް ކުރާ އެންމެހައި މުއާމަލާތްތައް ވެސް ބެލެވޭނީ އެ އެކައުންޓް ނިސްބަތްވާ ޓެކްސް ދައްކާ ފަރާތުގެ ހުއްދައާއެކު އެ ފަރާތުން ކުރާ މުއާމަލާތުގެ ގޮތުގައެވެ. އަދި މީރާކަނެކްޓް އެކައުންޓެއް މެދުވެރިކޮށް ކުރާ މުއާމަލާތެއްގެ ސަބަބުން ޓެކްސް ދައްކާ ފަރާތަކަށް ނުވަތަ އެ ނޫން އެހެން ފަރާތަކަށް ލިބޭ ގެއްލުމެއްގެ ޒިންމާއެއް މީރާއަކުން ނުނަގާނެއެވެ.

(ށ). މީރާކަނެކްޓް އެކައުންޓަކާ ގުޅިގެން ދޫކުރެވޭ ޔޫޒަރ އައި.ޑީ އާއި ޕާސްވަ ރޑް، އެ އެކައުންޓް ނިސްބަތްވާ ފަރާތުން އެހެން އެއްވެސް ފަރާތަކާ ހިއްސާކޮށްގެންނުވާނެއެވެ. އަދި އެކައުންޓް ނިސްބަތްވާ ފަރާތް ފިޔަވައި އެހެން ފަރާތަކުން އެ ޔޫޒަރ އައި.ޑީ އާއި ޕާސްވަރޑް ބޭނުންކޮށްގެން ވެސް ނުވާނެއެވެ.

 

17 ވަނަ މާއްދާމީރާކަނެކްޓް ބޭނުންކުރަން ލާޒިމްކުރުމުގެ އިހްތިޔާރު

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަންގާ އެންގުމެއްގެ ދަށުން، މީރާއިން ކަނޑައަޅާ ޝަރުތުތަކެއް ހަމަވާ ޓެކްސް ދައްކާ ފަރާތްތަކުން މީރާއަށް ހުށަހަޅަން ޖެހޭ ޓެކްސް ބަޔާންތައް މީރާކަނެކްޓް މެދުވެރިކޮށް ހުށަހެޅުމަށާއި ދައްކަންޖެހޭ ފައިސާ އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ދެއްކުމަށް ލާޒިމުކުރުމުގެ އިހްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

18 ވަނަ މާއްދާމީރާ ކަނެކްޓް އެކައުންޓެއް އުވައިލުން

(ހ) މީރާކަނެކްޓް އެކައުންޓެއް އުވައިލަން އެދޭނަމަ، ޓެކްސް ދައްކާ ފަރާތުން އެ ކަން ލިޔުމަކުން މީރާއަށް ހުށަހަޅަންވާނެއެވެ. މި ގޮތުން މީރާކަނެކްޓް އެކައުންޓެއް އުވައިލެވުނު ކަމަށް ބެލެވޭނީ ޓެކްސް ދައްކާ ފަރާތަށް މީރާއިން އެ ކަން ލިޔުމުން އެންގުމުންނެވެ.

(ށ) މި މާއްދާގެ (ހ) އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް ދައްކާ ފަރާތުގެ އެންމެހައި ޓެކްސް ނެގޭ ހަރަކާތްތައް ހުއްޓާލުމާ ގުޅިގެން އެ ފަރާތުން "ރަޖިސްޓަރީން އުނިކުރުން" (MIRA106)  ފޯމު މީރާއަށް ހުށަހަޅައިފިނަމަ، ނުވަތަ އެ ނޫން ވެސް ގޮތަކުން އެ ފަރާތް މީރާގެ ރަޖިސްޓަރީން އުނިކޮށްފިނަމަ، އެ ފަރާތުގެ މީރާކަނެކްޓް އެކައުންޓާއި އެ ފަރާތުގެ ޓެކްސް އެކައުންޓަންޓުންގެ މީރާކަނެކްޓް އެކައުންޓްތައް އުވައިލުމުގެ އިހްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

19 ވަނަ މާއްދާ – މީރާއިން ކަނޑައަޅަންޖެހޭ ކަންކަން އާންމުކުރާނެ ގޮތް

މީރާއިން ކަނޑައަޅާ ކަންކަމުގެ ގޮތުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން (މިސާލަކަށް، މީރާކަނެކްޓް މެދުވެރިކޮށް ހުށަހެޅޭނެ ޓެކްސް ބަޔާންތައް، މީރާކަނެކްޓް މެދުވެރިކޮށް ފައިސާ ދެއްކޭ އާމްދަނީގެ ބާވަތްތައް)، އަދި އެ ކަންކަމަށް އަންނަ ބަދަލުތައް ކަނޑައެޅުމަށްފަހު އާންމުކުރާނީ، ޓެކްސް ރޫލިންގއެއް ނުވަތަ ސަރކިއުލަރއެއް ނުވަތަ އާންމު އިއުލާނެއް މެދުވެރިކޮށެވެ.

 

20 ވަނަ މާއްދާ – ޓެކްސްއާ ބެހޭ ގާނޫނުތައް އެކުގައި މި ގަވާއިދު ކިޔުން

(ހ) މި ގަވާއިދު ކިޔާނީ ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އާއި ޓެކްސްއާބެހޭ ގާނޫނުތަކާއި އެ ގާނޫނުތަކުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ އެކުގައެވެ. އަދި މި ގަވާއިދުގައި މާނަކޮށްފައިނުވާ ކޮންމެ ލަފުޒެއް ނުވަތަ އިބާރާތެއް، ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހާ ހިނދަކު މާނަކުރާނީ، އެ ގާނޫނުތަކާއި ގަވާއިދުތަކުގައި އެ ލަފުޒެއް ނުވަތަ އިބާރާތެއް މާނަކޮށްފައިވާ ގޮތަކަށެވެ.

(ށ) ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ ދެވަނަ ބާބު (އިލެކްޓްރޯނިކް ޒަރީއާ) ގެ އެއްވެސް މާއްދާއަކާއި މި ގަވާއިދުގެ އެއްވެސް މާއްދާއަކާ ފުށުއަރާ ހާލަތުގައި އިސްކަންދޭނީ މި ގަވާއިދަށެވެ.

 

21 ވަނަ މާއްދާ – މާނަ ކުރުން

މި ގަވާއިދުގައި ކަ ނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު:

(ހ) "މީރާ" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.

(ށ) "ގާނޫނު" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އަށެވެ.

(ނ) "މީރާކަނެކްޓް" ކަމަށް ބުނެފައި އެ ވަނީ، އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމަށް މީރާއިން ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް އަށެވެ.

(ރ) "ވާރުކާޑު" ކަމަށް ބުނެފައި އެ ވަނީ، ހަމައެކަނި މީރާއަށް ފައިސާ ދެއްކުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް ޕލކ އިން، ޓެކްސް ދައްކާ ފަރާތްތަކަށް ދޫކުރާ ކާޑަށެވެ.

(ބ) "އެމް.އާރ.ޓީ.ޖީ.އެސް" ކަމަށް ބުނެފައި އެ ވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ދިވެހިރާއްޖޭގައި ހިންގާ ކޮމަރޝަލް ބޭންކްތަކާ ދެމެދު ގާއިމްކުރެވިފައިވާ "މޯލްޑިވްސް ރިއަލް ޓައިމް ގްރޮސް ސެޓްލްމަންޓް" ފެސިލިޓީއަށެވެ.

 

22 ވަނަ މާއްދާއަމަލު ކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު (ނޫނު ނަންބަރު 3/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު