-

އާންމު ހިދްމަތްތަކާބެހޭ ގަވާއިދު 2005 އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 152/2015) 

 

1 ވަނަ މާއްދާ – ގަވާއިދުގެ 5.2 (ކަރަންޓް ކަނޑާލުން) އަށް 5.2.3 – "ގިނަ ދުވަސްވެފައިވާ ބިލުތަކުގެ ފައިސާ ހޯދުން" މި ނަމުގައި ނަންބަރެއް އިތުރުކުރުން.

5.2.3 ގިނަ ދުވަސްވެފައިވާ ބިލުތަކުގެ ފައިސާ ހޯދުން:

ހ. ވަގުތީގޮތުން އަދި ދާއިމީކޮށް ކަރަންޓް ކަނޑާލާފައި ހުންނަ ތަންތަނުން ފައިސާ ނުދައްކައި ހުންނަ ބިލުތަކާއި، ގިނަ ދުވަސްވެފައި ހުންނަ މިސަލޭނިއަސް ބިލުތަކުގެ ފައިސާ ހޯދުމަށްޓަކައި، އެފަދަ ބިލުތަކުގެ ފައިސާ ދެއްކުމުގެ ކަންތައް 15 ދުވަހުގެ ތެރޭގައި ހަމަޖެއްސުމަށް ލިޔުމަކުން އެފަދަ ފަރާތްތަކަށް އަންގަން ވާނެއެވެ. މި ގޮތުން ފޮނުވާ ލިޔުމުގައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކެވުމުގެ ކަންތައް ހަމަނުޖައްސައިފިނަމަ އެފަރާތުގެ މަސްއޫލުވެރި ކަމުގައި ބޭނުން ކުރަމުންދާ ކަރަންޓެއްގެ ބިލުގައި އެ ފައިސާ ހިމަނާނެކަން ބަޔާންކުރަންވާނެއެވެ.

ށ. މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން ލިޔުން ފޮނުވުމުން ފައިސާ ދެއްކުމުގެ ކަންތައް ހަމަނުޖައްސާ ތަންތަނުގެ މަސްއޫލުވެރިޔާ ބޭނުންކުރާ މީޓަރެއްގެ ބިލުގައި އެ ފައިސާ ހިމެނޭނެއެވެ. މަސްއޫލުވެރިޔާ ނިޔަވެފައިވާނަމަ އެފަދަ ބިލުތަކުގެ ފައިސާ އެފަރާތުގެ ވާރިސުންގެ ކަރަންޓު ބިލުގައި ހިމެނިދާނެއެވެ.

ނ. މަސްއޫލުވެރިޔާ ބޭނުންކުރާ މީޓަރެއްނެތްނަމަ މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތީން މަސައްކަތް ކުރުމުންވެސް ބިލުގެ ފައިސާ ދެއްކުމުގެ ކަންތައް ހަމަނުޖައްސާ ތަންތަނުގެ މަސްއޫލުވެރިޔާގެ ނަމުގައި ބޭނުންކުރަމުންދާ އެހެނިހެން ކަރަންޓުގެ ހިދުމަތް ބިލުތަކަށް ފައިސާ ދައްކަންދެން ވަގުތީގޮތުން ކަނޑައިލެވޭނެއެވެ. މިފަދަ ގޮތަކަށް ކަރަންޓުގެ ހިދުމަތް ކަނޑާލާނަމަ އެތަނެއްގައި ދިރިއުޅެމުންދާ ފަރާތްތަކަށް ލިޔުމަކުން އަންގަންވާނެއެވެ.

ރ. ގަވާއިދުން ބިލުތަކަށް ފައިސާ ނުދައްކައިގެން ވަގުތީގޮތުން ކަރަންޓް ކަނޑައިލާން ޖެހޭ ތަންތަނުގެ ތެރެއިން މީޓަރާ ހިސާބަށް ނުވަދެވޭ ތަންތަނުންވެސް މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ކަރަންޓުގެ މަސްއޫލުވެރިޔާގެ ނަމުގައި ބޭނުން ކުރަމުންދާ އެހެނިހެން ކަރަންޓުގެ ހިދުމަތުގެ ބިލުތަކަށް ފައިސާ ދައްކަންދެން ވަގުތީގޮތުން ކަނޑައިލެވޭނެއެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ 7.3 (ބިލުތަކަށް ފައިސާ ދެއްކުން ) ގެ (ރ) ތިރީގައި މިދަންނަވާ ގޮތަށް އިސްލާހުކުރުން.

7.3 ބިލުތަކަށް ފައިސާ ދެއްކުން.

ރ. އެކައުންޓުގައި ފައިސާ ނެތިގެން ޗެކު އަބުރައި ފޮނުވާލައިފިނަމަ، އެފަރާތެއް 200 (ދުއިސައްތަ) ރުފިޔާގެ ޖޫރިމަނާކުރުމާއެކު 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް ޗެކަކުން ފައިސާ ބަލައެއް ނުގަނެވޭނެއެވެ. އަދި 12 މަސްދުވަހުގެ ތެރޭގައި އެއްފަހަރަށްވުރެ އިތުރަށް އެކައުންޓްގައި ފައިސާނެތިގެން ޗެކު އަބުރައި ފޮނުވާލައިފިނަމަ، 200 (ދުއިސައްތަ) ރުފިޔާއިން ޖޫރިމަނާކުރުމާއެކު 6 މަސްދުވަހުގެ މުއްދަތަށް ޗެކަކުން ފައިސާ ބަލައެއް ނުގަނެވޭނެއެވެ.

 

3 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 15 ސެޕްޓެންބަރު 2015 ވަނަ ދުވަހުން ފެށިގެންނެވެ.

  

މައި ގަވާއިދު

(އަދި ނުހިމެނޭ)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު