-

ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 161/2015)

 

1 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ހ) ގެ ފަހަތަށް އެ މާއްދާގެ (ށ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

7. ފަޅުރަށް ކުއްޔަށް ހިފުމަށް އެދި ހުށަހެޅުން

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ)  ގެ ދަށުން، އާންމުކޮށް އިއުލާނުކޮށް، ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރާ ފަޅުރަށްރަށް ކުއްޔަށް ހިފުމަށްއެދި ހުށަހަޅާނީ މިގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމުންނެވެ.

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން، ފަޅުރަށްރަށް ކުއްޔަށް ހިފުމަށްއެދި ހުށަހަޅާނީ މިގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމުންނެވެ.

 

2 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގަވާއިދުގެ 16 ވަނަ މާއްދާގެ (ނ)  އަންނަނިވި ގޮތަށް އިސްލާހުކުރުން. 

16. ވަރުވާއަށް ދޫކުރެވޭ ފަޅުރަށް

(ނ) އިޖުތިމާއީ ނުވަތަ އިގްތިސާދީ ގޮތުން ބޭނުން ކުރަމުން ގެންދާ ރަށެއް ކައިރީގައި އޮންނަ ފަޅުރަށެއް ވަރުވާއަށް ހިފަން އެދޭނަމަ، އެރަށެއްގައި މަސައްކަތް ކުރަމުން ގެންދާ ފަރާތަކަށް ކައިރީގައި އޮންނަ ފަޅުރަށް ވަރުވާއަށް ދިނުމުގައި އިސްކަންދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މިގޮތުން، ފަޅުރަށް ވަރުވާއަށް ދޫކުރެވޭނީ، ހުށަހެޅުނު ބިޑްތަކުގެ ތެރެއިން ށަރުޠު ފުރިހަމަވާ، އެންމެ މަތީ ކުލި ހުށަހަޅާފައިވާ ފަރާތުން ހުށަހަޅާފައިވާ ވަރުވާއަށް، އިސްކަންދެވޭ ފެރާތުން އެއްބަސްވާނަމައެވެ.

 

3 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހްކުރުން 

17. ފަޅުރަށްރަށް ވަރުވާއަށް ހިފުމަށް އެދި ހުށަހެޅުން

(ހ) ފަޅުރަށެއް ވަރުވާއަށް ހިފުމަށް އެދިހުށަހަޅާނީ މިގަވާއިދުގެ ޖަދުވަލު 3 ގައިވާ ފޯމުންނެވެ.

 

4 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގަވާއިދުގެ ޖަދުވަލު 1 އަދި ޖަދުވަލު 2 އަންނަނިވި ގޮތަށް އިސްލާހުކޮށް، ޖަދުވަލު 2 ގެ ފަހަތަށް ޖަދުވަލު 3 ގެ ގޮތުގައި ޖަދުވަލު އިތުރުކުރުން.

 

( މިގަވާއިދުގެ ޖަދުވަލު 1، ޖަދުވަލު 2 އަދި ޖަދުވަލު 3 ގައިވާ ފޯމްތައް މި ގަވާއިދުގެ ޕީޑީއެފް ފައިލްގައި އެޓޭޗް ކުރެވިފައިވާނެއެވެ. އަދި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ފަޅުރަށްރަށާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 125/2015)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު