މޯލްޑިވްސް ސިވިލް އެވިއޭށަން އޮތޯރިޓީގެ އިލްތިމާސް ކޮމިޓީގެ ގަވާއިދު
(ގަވާއިދު ނަންބަރު 169/2015)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ ގާނޫނު ނަންބަރު 2/2012 (މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތޯރިޓީގެ ގާނޫނު) ގެ 50 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ އިލްތިމާސް ކޮމިޓީ އެކުލެވިގެންވާ ގޮތާއި އިލްތިމާސް ކޮމިޓީން މައްސަލަ ބަލާނެ ގޮތުގެ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ "މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތޯރިޓީގެ އިލްތިމާސް ކޮމިޓީގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ގަވާއިދަސް އަމަލުކުރުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުން މި ގަވާޢިދު ފާސްކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
3 ވަނަ މާއްދާ - އިލްތިމާސް ކޮމިޓީ އެކުލަވައިލުމާ ހިންގުން
(ހ) އިލްތިމާސް ކޮމިޓީ އެކުލެވިގެން ވާނީ 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ. އެ 5 (ފަހެއް) މެންބަރުންނަކީ، އޮތޯރިޓީގެ ހިންގުން ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރާއި މިނިސްޓަރު އައްޔަންކުރާ 4 (ހަތަރެއް) މެންބަރުންނެވެ.
(ށ) ކޮމިޓީއަށް އައްޔަންކުރެވޭ މެންބަރުންނަކީ އޭވިއޭށަން ދާއިރާ ނުވަތަ ގާނޫނީ ދާއިރާއިން ފަންނީ ތައުލީމާއި ތަރުޖިބާ ލިބިފައިވާ މީހުން ކަމުގައި ވާންވާނެއެވެ. އަދި އޮތޯރިޓީއާ ނުވަތަ ބެލެމުންދާ މައްސަލައާ ގުޅޭ މަސްލަހަތެއް އޮތް މީހަކަށް ވެގެން ނުވާނެއެވެ.
(ނ)
- ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނީ މިނިސްޓަރެވެ.
- ކޮމިޓީގެ ބައްދަލުވުމެއްގެ ކޯރަކަމީ ކޮމިޓީގެ އަގުލަބިއްޔަތެވެ.
- ކޮމިޓީ ބައްދަލުވުމެއްގެ އަގުލަބިއްޔަތުން ނިންމާ ނިންމުމަކީ ކޮމިޓީގެ ނިންމުމެވެ.
- ގާނޫނުގެ 50 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން، އިލްތިމާސް ކުރުމަށް ހުށަހަޅާ މައްސަލައެއް ލިބޭތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ގޮތެއް ނިންމަންޖެހޭނެއެވެ. އަދި ނިންމުން ނިންމާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި، އިލްތިމާސް ކުރުމަށް މައްސަލަ ހުށަހެޅި ފަރާތަށް އެ ނިންމުން ފޮނުވަންވާނެއެވެ.
- ކޮމިޓީގެ އިދާރާ މަސައްކަތްތަށް އަދި ކޮމިޓީއަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދޭނީ ސިވިލް އޭވިއޭށަން އޮތޯރިޓީންނެވެ.
(ރ) މި މާއްދާގެ (ނ) އާ ހިލާފުނުވާނޭހެން ތިރީގައިވާ ކަންކަން ކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.
- ކޮމިޓީގެ ޓަރމްސް އޮފް ރެފަރެންސް ހަމަޖެއްސުމާއި ބަދަލުކުރުން.
- ކޮމިޓީއިން މެންބަރުން ވަކިކުރުން.
- ކޮމިޓީގެ މަސައްކަތް ހަރުދަނާ އަދި ފަރުވާތެރިކަމާއެކު ގެންދިޔުމަށް ބޭނުންވާނެ ކަމަށް މިނިސްޓަރަށް ފެންނަ އެހެނިހެން ކަންކަން މި ގަވާއިދާ ހިލާފ ނުވާނޭހެން ކަނޑައެޅުން.
(ބ) މި މާއްދާގެ (ނ) އާއި (ރ) އާ ހިލާފުނުވާނޭހެން، ކޮމިޓީ ހިންގުމުގެ ކަންތައްތަކާއި އިލްތިމާސް ކުރުމަށް މައްސަލަ ހުށަހަޅާނެ ގޮތާއި މައްސަލަ ބެލުމުގައި އަމަލުކުރާނެ ގޮތް ކޮމިޓީއަށް ހަމަޖެއްސިދާނެއެވެ.
(ޅ) ކޮމިޓީގެ މެންބަރުންނަށް އިނާޔަތް ދޭނަމަ، ދޭނެ އަދަދެއް ކަނޑައަޅާނީ އޮތޯރިޓީގެ މަޝްވަރާއާއެކު މިނިސްޓަރެވެ. އަދި އިނާޔަތް ދެވޭނީ އޮތޯރިޓީގެ ހަރަދުތަކުގެ ތެރޭގައި ހިމަނައިގެންނެވެ.
4 ވަނަ މާއްދާ - އިލްތިމާސް ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް
(ހ)
- މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތޯރިޓީގެ ގާނޫނުގެ ދަށުން އޮތޯރިޓީން ކުރަންޖެހޭ ކަމެއް ކުރުމުގެގޮތުން ނުވަތަ އޮތޯރިޓީއަށް ލިބިދޭ ބާރުގެ ދަށުން އޮތޯރިޓީން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ އަދި އެ ނިންމުމުގެ ސަބަބުން އެ ފަރާތެއްގެ ހައްގަކަށް އުނިކަން ލިބިފައިވާކަމަށް ގަބޫލުކުރާ ކޮންމެ ފަރާތެއްވިޔަސް، އެ ނިންމުމެއް އެ ފަރާތަށް އަންގާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ނިންމުމެއް އަލުން ބަލައިދިނުމަށް އެދި މިނިސްޓަރަށް ހުށަހެޅިދާނެއެވެ.
- މަޓީގައި އެހެން އޮތްނަމަވެސް، އޮތޯރިޓީގެ ނިންމުން ނިންމުމުގައި ރިއާޔަތްކުރި ސަބަބުތައް ބަޔާންކޮށްދިނުމަށް އެދި ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީއަށް ހުށަހަޅައިފިނަމަ، އެ މާއްދާގެ (ށ) ގެ ދަށުން އޮތޯރިޓީން ދޭންޖެހޭ ލިޔުން ދޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އޮތޯރިޓީގެ ނިންމުން އަލުން ބަލައިދިނުމަށް އެދި މިނިސްޓަރަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިލްތިމާސް ކުރުމަށް މައްސަލައެއް ހުށަހަޅާ ފަރާތަކުން، އެ އަކުރުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި؛
- އެ އިލްތިމާސެއް ކުރެވޭ ހާލަތާއި، އިލްތިމާސް ކުރެވުނު ސަބަބު، ވީ އެންމެ ތަފުސީލުކޮށް ބަޔާންކުރަންވާނެއެވެ. އަދި
- ކަމާ ގުޅޭ އެންމެހައި މައުލޫމާތާއި ހެކި ހުށަހަޅަންވާނެއެވެ.
(ނ) އިލްތިމާސް ކުރާ ފަރާތަކުން މި މާއްދާގެ (ށ) ގައިވާ ގޮތަށް އަމަލު ކޮށްފައި ނުވާނަމަ އެ މައްސަލައެއް ބަލައިނުގަތުމުގެ އިހުތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ. މިގޮތުން މައްސަލަ ބަލައިނުގަންނަކަން، މައްސަލަ ހުށަހަޅާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އިލްތިމާސް ކުރާ ފަރާތަށް އަންގަންވާނެއެވެ.
5 ވަނަ މާއްދާ - މައްސަލަ ބެލުން
(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އިލްތިމާސް ކުރުމަށް މިނިސްޓަރަށް މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލައާމެދު ގޮތެއް ނިންމުމަށް ކޮމިޓީއަށް ބޭނުންވާ އެންމެހައި މައުލޫމާތު ކޮމިޓީއަށް ދިނުމަށް ތިރީގައިވާ ފަރާތްތަކަށް ކޮމިޓީން އެންގިދާނެއެވެ. އަދި މިފަދަ މައުލޫމާތެއް ދިނުމަށް މިފަދައިން އެންގިއްޖެ ކޮންމެ ފަރާތަކުންވެސް، ކޮމިޓީން އަންގާ ގޮތަކަށް، އަންގާ މުއްދަތެއްގެ ތެރޭގައި އެ މައުލޫމާތެއް ދޭންވާނެއެވެ.
- މައްސަލައާ ގުޅޭ ކޮންމެ ފަރާތެއް.
- މައްސަލައާ ސީދާ ގުޅުމެއް ނެތް ނަމަވެސް، މައްސަލަ އާ ގުޅުންހުރި މައުލޫމާޓު ލިބިފައިވާކަމަށް ކޮމިޓީއަށް ފެނިއްޖެ ކޮންމެ ފަރާތެއް.
(ށ) އިލްތިމާސް އަކަށް މި ގަވާއިދުގެ ދަށުން އެދުނަސް، އެ އިލްތިމާސް ކޮށްފައިވާ މައްސަލައާ މެދު ގޮތެއް ނިންމެންދެން އިލްތިމާސް ކުރެވުނު ނިންމުން ދެމިއޮންނާނެއެވެ.
(ނ) އިލްތިމާސް ކޮށްފައިވާ މައްސަލައަކަށް ގޮތެއް ނިންމުމުގެ ގޮތުން އަންނަނިވި ކަންތައް ކޮމިޓީއަށް ކުރެވިދާނެއެވެ.
- އޮތޮރިޓީގެ ނިންމުން އެއީ ރަނގަޅު ނިންމުމެއްކަން ކަނޑައެޅުން؛
- އޮތޮރިޓީގެ ނިންމުން ބަދަލުކުރުން؛
- އޮތޯރިޓީގެ ނިންމުން މުރާޖައާކުރުމަށް އޮތޯރިޓީއަށް އެންގުން؛ ނުވަތަ
- އޮތޯރިޓީގެ ނިންމުން ބާތިލުކުރުން.
6 ވަނަ މާއްދާ - ލަފްޒުތަކާއި އިބާރާތްތަކުގެ މާނަ
(ހ) މި ގަވާއިދުގައި އެހެންގޮތަކަށް ބުނެފައިނުވާނަމަ ނުވަތަ އެ ބަހެއް ނުވަތަ އިބާރާތެއް އޮތްގޮތުން ސީދާ އެހެންގޮތަކަށް ދޭހަ ނުވާހާ ހިނދަކު، ތިރީގައި ބަޔާންކޮށްފައިވާ ބަސްބަހާއި އިބާރާތްތައް މާނަކުރެވޭނީ އަންނަނިވި ގޮތަށެވެ.
"ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2/2012 (މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތޯރިޓީގެ ގާނޫނު) އަށެވެ.
"އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތޯރިޓީއަށެވެ.
"މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2/2012 (މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތޯރިޓީގެ ގާނޫނު) ގެ ދަށުން މިނިސްޓަރު ކުރަންޖެހޭ ކަންތައްތައް ކުރުމަށް އައްޔަންކޮށްފައިވާ މިނިސްޓަރަށެވެ.
"ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން އެކުލަވައިލެވޭ ކޮމިޓީއަށެވެ.
(ށ) މި ގަވާއިދުގައިވާ ކަންކަމަށް ދުވަސް ގުނާނީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ.
މައި ގާނޫނު
ސިވިލް އޭވިއޭށަން އޮތޯރިޓީގެ ގާނޫނު (ގާނޫނު ނަންބަރު 2/2012)
ކިޔުންތެރިންގެ ހިޔާލު