-

ހުޅުމާލެ ޕްލޭނިންގ އަދި އިމާރާތްކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު  188/2015)

 

1 ވަނަ މާއްދާ – ތައާރަފު

ހުޅުމާލެއަކީ ޕްލޭންކުރެވިގެން ހެދިފައިވާ ސަރަހައްދަކަށްވެފައި، އެސަރަހައްދު އޮންނަންޖެހޭނެ ގޮތުގެ މާސްޓަރ ޕްލޭނެއް އެކުލަވާލެވިފައިވީ ހިނދު، އެ ޕްލޭން ތަންފީޒުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހެދުމަކީ، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ބާރުލިބިގެން އުފެދި ހިނގަމުން އަންނަ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭށަން ލިމިޓެޑު ( ކުރީގެ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭށަން ލިމިޓެޑް)  ގެ އަސާސީ ގަވާއިދުގެ 3.5 ވަނަ މާއްދާގެ ދަށުން އެ ކޯޕަރޭށަނަށް ލިބިދީފައިވާ ބާރަކަށްވީ ހިނދު، މި ގަވާއިދަކީ ބަޔާންވެދިޔަ ޤާނޫނާއި، އަސާސީ ގަވާއިދުގެ ދަށުން ބާރު ލިބިގެން ހުޅުމާލެ ފޭސް 1 އިން ޢާންމު ދިރިއުޅުމަށް ރެސިޑެންށަލް ނެއިބަރހުޑް 1،2 އަދި 3 އިން ދޫކޮށްފައިވާ ގޯތިތަކުގެ ޢިމާރާތްކުރުމުގެ ކަންކަން ހުންނަންޖެހޭ ގޮތް ކަނޑައަޅައިދޭ ގަވާއިދެވެ.

 

2 ވަނަ މާއްދާ – ނަން

މި ގަވާއިދަށް ކިޔާނީ "ހުޅުމާލޭ ޕްލޭނިންގ އަދި ޢިމާރާތްކުރުމުގެ ގަވާއިދު" މިހެންނެވެ.

 

3 ވަނަ މާއްދާ – ގަވާއިދު ހިނގާނެ ދާއިރާތައް

މި ގަވާއިދު ހިނގާނީ ހުޅުމާލެ ފޭސް 1 އިން ޢާންމު ދިރިއުޅުމަށް ރެސިޑެންށަލް ނެއިބަރހުޑް 1،2 އަދި 3 އިން ދޫކޮށްފައިވާ ގޯތިތަކަށެވެ.

 

4 ވަނަ މާއްދާއިމާރާތް ކުރުމުގެ ހުއްދަ ހޯދުން

(ހ) ހުޅުމާލޭގައި އެއްވެސް ޢިމާރާތެއް ހަދަން ފަށަންވާނީ އެފަދަ ޢިމާރާތެއް ކުރުމުގެކުރިން  އެ ޢިމާރާތެއް ކުރުމުގެ ހުއްދަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭށަން ލިމިޓެޑުން ހޯދުމަށް ފަހުއެވެ.

(ށ) ޢިމާރާތްކުރުމުގެ ހުއްދައާއި އެ ހުއްދައާއި ގުޅޭ އެހެނިހެން ހުއްދަތައް ދޫކުރެވޭނީ ޢިމާރާތުގެ ކުރެހުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭށަން ލިމިޓެޑްއަށް ހުށަހަޅައި އެކޯޕަރޭށަނުން ފާސްކުރުމުންނެވެ.

(ނ) ޢިމާރާތް ކުރުމުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރާނަމަ ނުވަތަ ފާސްކޮށްފައިވާ ކުރެހުމާ ހިލާފުވާނަމަ، ކޯޕަރޭށަނުން ހަދާފައިވާ އޮނިގަނޑާ އެއްގޮތަށް ޖޫރިމަނާ ކުރެވޭނެއެވެ.  އަދި އެކަމަކަށް ކަނޑައެޅިފައިވާ ފިޔަވަޅު އެޅޭނެއެވެ. މިގޮތުން ޢަމަލު ކުރެވޭނެގޮތުގެ އޮނިގަނޑާއި އޭގެ ތަފްސީލު 1 ޖަނަވަރީ 2016 އިންފެށިގެން މި ގަވާއިދުގެ އެނެކްސް 12 ގެ ގޮތުގައި ހިމެނޭނެއެވެ.

 

5 ވަނަ މާއްދާއިމާރާތް ބޭނުންކުރަން ފެށުން

(ހ) އަލަށްހަދާ ޢިމާރާތް ބޭނުންކުރަން ފަށަންވާނީ ޢިމާރާތުގެ މަސައްކަތް ނިންމުމަށްފަހު އެކަން ކޯޕަރޭށަނަށް ހުށަހަޅައި ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ ހޯދުމަށްފަހުއެވެ.

(ށ) ކުރެހުން ފާސްކުރާތާ މަދުވެގެން 2 އަހަރު ތެރޭގައި ޢިމާރާތްކޮށް ދިރިއުޅެންވާނެއެވެ.

 

6 ވަނަ މާއްދާ – އިމާރާތުގެ ކުރެހުން ފާސްކުރުމާއި ކުރެހުމަށް ބަދަލުގެނައުން

(ހ) ޢިމާރާތުގެ ކުރެހުން ފާސްކުރަން ނުވަތަ ކުރެހުމަށް ބަދަލެއް ގެނައުމަށްޓަކައި ހުށަހަޅާނީ "ހުޅުމާލޭގައި ހަދާ ޢިމާރާތުގެ ކުރެހުން ފާސްކުރުމަށް އެދޭ ފޯމް" އިންނެވެ. މި ފޯމުގެ ނަމޫނާ މި ގަވާއިދުގެ އެނެކްސް 11 ގައި އެވަނީއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ދެންނެވުނު ފޯމުގައި ބަޔާންކުރާތަކެތި ބަޔާންކޮށްފައިވާ ގޮތަށް އެ ފޯމާއެކު ފުރިހަމައަށް ހުށަހަޅަންވާނެއެވެ.

(ނ) މި ގަވާއިދަށް ޢަމަލުކުރަން ފެށިފައިވީނަމަވެސް ކުރެހުން ހުށަހެޅުމާއި ކުރެހުން ފާސްކުރުމަށް މި ގަވާއިދުގެ އެނެކްސް 12 ގައި ބަޔާންކުރާ ގޮތުގެ މަތީން ފީ ނެގޭނީ 1 ޖަނަވަރީ 2016 އިން ފެށިގެންނެވެ.

 

7 ވަނަ މާއްދާބިން ބޭނުންކުރެވޭނެ ގޮތް

(ހ) ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތައް ދޫކުރެވިފައިވަނީ ޢާންމު ދިރިއުޅުމަށެވެ. ނަމަވެސް، ބައެއް ހާލަތްތަކުގައި ޢިމާރާތެއްގެ ބިންމަތީ ބައި ( ގްރައުންޑް ފްލޯރ ) އަދި ބޭސްމަންޓް ދިރިއުޅުން ނޫން ބޭނުންތަކަށް، ކޯޕަރޭށަނުން ހުއްދަ ކުރާގޮތުގެ މަތިން ބޭނުން ކުރެވިދާނެއެވެ. ނަމަވެސް މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ކުރުން ހުއްދަ ނުކުރެވޭނެއެވެ.

(ށ) ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ކުރުން ހުއްދަނޫން ކަންކަން:

  1. ސިނާޢީ މަސައްކަތް
  2. އަލިފާން ހިފާ ޒާތުގެ ތަކެތި ގެންގުޅޭ/ރައްކާކުރެވޭ ތަންތަން ހެދުން
  3. ޢާންމުންނަށް އުނދަގޫވާ ވަރަށް އަޑުގަދަވާ އަދި ވަސްދުވާ ކަންތައްތައް
  4. ކުނޑި އުފެދޭ ނުވަތަ ތަން ހަޑިވާ ފަދަ މަސައްކަތްތައް
  5. ގުދަން ކުރުން

(ނ) ޢިމާރާތުގައި ބޭސްމަންޓެއް ހަދާނަމަ ދިރިއުޅުމަށް ނުވަތަ މި މާއްދާގެ (ހ) ގައި ދެންނެވިފައިވާފަދައިން ބޭސްމަންޓް ބޭނުންކުރެވިދާނެއެވެ. ބޭސްމަންޓްގެ ގޮތުގައި ހެދޭ އޭރިޔާ އެފް.އެސް.އައި (ގޯތީގެ އޭރިޔާ އާއި ތަޅުމުގެ ޖުމްލަ އޭރިޔާއަށް ރިޢާޔަތްކޮށް ހިޔާ ކުރެވޭ މިންވަރު) ތެރޭ ހިމެނޭނެއެވެ.

(ރ) ބޭސްމަންޓާއި ގްރައުންޑް ފްލޯރ އެކުގައި ކޮމާށަލް އޭރިޔާގެ ގޮތުގައި ބޭނުންކުރެވޭނީ މިދެބައި އެކުގައި ބޭނުންކުރެވޭ ޖުމްލަ އޭރިޔާ ގޯތީގެ ނެޓް އޭރިޔާ (ސެޓްބެކްތައް ކެނޑުމަށްފަހު އޮންނައޭރިޔ) އަށްވާ މިންވަރަށްވުރެ ބޮޑުނުވާވަރަށެވެ. އަދި މިގޮތުން ކޮމާށަލް ބޭނުމަށް ތަން ބޭނުންކުރުމަށް ހުއްދަ ކުރެވޭނީ މަދު ވެގެން 1 ކޮޓަރީގެ އެޕާޓްމަންޓެއް އެ ޢިމާރާތެއްގައި ހަދައި، އެ އެޕާޓްމަންޓް ދާއިމީ ގޮތެއްގައި ދިރިއުޅުމަށް ބޭނުންކުރާނަމައެވެ.

(ބ) އެއްގޯތިން އަނެއްގޯއްޗަށް ވަދެނިކުމެވޭގޮތަށް ދޮރުކެނޑުމާއި، ދެ ގޯތިއެއްކޮށްގެން އެއްވެސް މަސައްކަތެއް އަދި ޢިމާރާތެއް ކޮށްގެން ނުވާނެއެވެ.

(ޅ) ގޯތީގައި ދިރިއުޅުން ނޫން އެހެން ބޭނުމަށް ހުއްދަ ކުރެވޭބައިގެ ތެރެއިން ނުވަތަ ބައިގެ ތެރެއަށް ދިރިއުޅޭ ބައިން ވަދެ ނިކުމެވޭގޮތަށް ހުރެގެންނުވާނެއެވެ.

 

8 ވަނަ މާއްދާ – ގަރާޖް ގެ ގޮތުގައި ކަނޑައަޅާ އޭރިޔާ

(ހ) ކޮންމެ ގޯއްޗެއްގައިވެސް ގަރާޖްގެ ގޮތުގައި ބޭނުންކުރުމަށް މަދުވެގެން 14 އަކަމީޓަރުގެ އޭރިޔާއެއް ކަނޑައެޅިފައި އޮންނަންވާނެއެވެ. މިގޮތުން ކަނޑައެޅޭ އޭރިޔާ އޮންނަންވާނީ މި ގަވާއިދުގެ އެނެކްސް 1(E) – 1(G) ގެ ކުރެހުމުގައި ފާހަގަކޮށްފައިވާ ތަނުގައެވެ.  ގަރާޖްގެ ގޮތުގައި ދޫކުރެވޭ އޭރިޔާގައި ބާއްވާނެ ވެހިކަލެއް ނެތް ފަރާތަކުން އެއޭރިޔާ ކޯޕަރޭށަނުން ހުއްދަކުރާ ކަމަކަށް ބޭނުންކުރެވިދާނެއެވެ.

(ށ) ގަރާޖުގެ އޭރިޔާ ގުނަން ފެށޭ ހިސާބުކަމުގައި ބެލެވޭނީ މަގާވީފަޅިން (ސެޓްބެކް ދޫކޮށްފައި) ޢިމާރާތް ފެށޭހިސާބުންނެވެ.

(ނ) ގަރާޖް އޭރިޔާގެ މަގާވީފަޅިއަށްވާ ފަރާތުގެ ފުޅާމިނުގައި މަދުވެގެން 3 މީޓަރު ހުންނަންވާނެއެވެ.

(ރ) ކަންމަތީ ގޯތިތަކުގައި، މި ގަވާއިދުގެ އެނެކްސް 1(E)  – 1(G) ގައި ފާހަގަކޮށްފައިވާ ދެ ތަނުގެ ތެރެއިން ކޮންމެވެސް އެއްތަނެއް ގަރާޖްގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ.

 

9 ވަނަ މާއްދާ – އިމާރާތުގެ ފްލޯ ސްޕޭސް އިންޑެކްސް (އެފް.އެސް.އައި) އަދި އޯޕަން ސްޕޭސް

(ހ) ފްލޯ ސްޕޭސް އިންޑެކްސް އަކީ ގޯތީގެ އޭރިޔާ އާއި ތަޅުމުގެ ޖުމްލަ އޭރިޔާއަށް ރިޢާޔަތްކޮށް ހިޔާ ކުރެވޭ މިންވަރެވެ. މިގޮތުން ހުޅުމާލޭ ފޭސް 1 އިން ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތަކުގެ ފްލޯރ ސްޕޭސް އިންޑެކްސް ތިރީގައިވާ ތާވަލުގައި އެވަނީއެވެ.

 

 

 

ޒޯން

ގޯތީގެ ބޮޑުމިން (އަކަފޫޓް)

އެފް.އެސް.އައި

ނެއިބަރހުޑް 1

1250 އަށް ވުރެކުޑަ

4.5

1250 އަށް ވުރެބޮޑު

4.9

ނެއިބަރހުޑް 3،2

1250 އަށް ވުރެކުޑަ

4.0

1250 އަށް ވުރެބޮޑު

4.3

އެނެކްސް (H)1 ގައިވާ ކަންމަތީ ގޯތިތަށް

 

4.5

 

(ށ) ފްލޯ ސްޕޭސް އިންޑެކްސް (އެފް.އެސް.އައި) ހިސާބުކުރުމަށް ބޭނުންކުރާ ފޯމިއުލާ އަކީ:

ފްލޯ ސްޕޭސް އިންޑެކްސް (އެފް.އެސް.އައި) =   ޢިމާރާތުގެ ޖުމްލަ ހިޔާކުރެވޭ އޭރިޔާ 

ގޯތީގެ އޭރިޔާ

(ނ) ތިރީގައި ބަޔާންކުރެވިފައިވާ ތަންތަނަކީ އެފް.އެސް.އައި. ތެރޭގައި ނުހިމެނޭ ބައިތަކެވެ.

  1. މި ގަވާއިދުގެ އެނެކްސް 2 ގައި ދައްކާފައި ވާ ގޮތަށް ފުރަތަމަ ފަންގިފިލާއިން ކުރިމަތީ ސެޓްބެކް ތެރެއަށް ނެރެފައިވާ ބައިގެ ތިރީކައިރިން ހިޔާލީ ރޮނގެއް 45° އޭންގަލްގައި ތިރިއަށް ދަމާލުމުން ގްރައުންޑް ފްލޯރގެ ތަޅުމުގައި ޖެހޭހިސާބުން ކުރިމަތީ ސެޓްބެކް ރޮނގާ ހަމައަށް އިންނަ އޭރިޔާއެވެ. ގްރައުންޑް ފްލޯރގެ ތަޅުން ހަމަބިމަށްވުރެ (ޕޭވްމަންޓް ލެވަލްއަށް ވުރެ) ތިރިކޮއްފައި ހުރިކަމުގައި ވާނަމަ، ދަމާލާ ރޮނގު ތަޅުމުގައި ޖެހޭ ހިސާބުކަމުގައި ބަލާނީ ޕޭވްމަންޓް ލެވަލް އިންނަ ހިސާބެވެ.
  2. ސަރވިސަސް ޑަކްޓް
  3. ލިފްޓް ގޮޅިތައް
  4. މި ގަވާއިދުގެ 14 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ފަދައިން ހަދާފައިވާ ބެލްކަނީތައް
  5. 6 ވަނަ ފަންގިފިލާގެ ސިޑިގޮޅި އޭރިޔާ
  6. 18.5 މީޓަރުގެ މަތިން (ޓެރަސްގައި) ސިޑިގޮޅިއާއި ލިފްޓް/މެށިން ރޫމް ހިޔާކުރާބައި
  7. ގަރާޖްގެ ގޮތުގައި ގްރައުންޑް ފްލޯއިން ކަނޑައަޅާ 14 އަކަމީޓަރު
  8. މަތި ހިޔާނުކުރާ ވައިގޮޅި

 

10 ވަނަ މާއްދާ – ސެޓްބެކް ޕްލޭން އަދި ސެޓްބެކް ބޭނުން ކުރުން

(ހ) މި ގަވާއިދުގެ އެނެކްސް 6 ގައި ދައްކާފައިވާ ގޮތަށް ކޮންމެ ގޯއްޗެއްވެސް ޢިމާރާތް ކުރެވޭނީ އެގޯއްޗެއްގެ ސެޓްބެކް ޕްލޭންއާއި އެއްގޮތަށެވެ.

(ށ) ކޮންމެ ގޯއްޗެއްގެވެސް ޢިމާރާތުގެ މޫނުމަތީ ފަރާތުގެ ގޮތުގައި ބަލާނީ މަގާވީފަޅިއަށް 1 މީޓަރު ސެޓްބެކްދެވިފައިވާ ފަޅިއެވެ.

(ނ) މި ގަވާއިދުގެ އެނެކްސް 1(H) ގައި ފާހަގަ ކުރެވިފައިވާ ކަންމަތީ ގޯތިތަކުގެ އަރިމަތީ ސެޓްބެކް ފިޔަވައި ގޯތިތަކުގެ އަރިމައްޗާއި އަދި ފަހަތުން ސެޓްބެކް ގޮތުގައި ދޫކުރެވިފައިވާބައި، އެއްވެސް ހިސާބަކުން ހިޔާކޮށްގެން ނުވާނެއެވެ.

(ރ) ޢިމާރާތުގެ ކުރިމަތީ ފުޅާމިނުގެ %80 އަށް ވާ ވަރު، ޢިމާރާތުގެ މޫނުމަތީ ސެޓްބެކްގެ ތެރެއަށް (ޕޭވްމަންޓް ލެވެލް/ބިންމަތިންފެށިގެން 3 މީޓަރު މަތިން) ނެރެވިދާނެއެވެ. އަދި މިގޮތުން ސެޓްބެކް ތެރެއަށް ނެރޭބައި ބެލްކަނި ނުވަތަ ޢިމާރާތުގެ ބައެއްގެ ގޮތުގައިވެސް ބޭނުން ކުރެވިދާނެއެވެ.

(ބ) މި ގަވާއިދުގެ އެނެކްސް 1(H) ގައި ފާހަގަކުރެވިފައިވާ ކަންމަތީ ގޯތިތަކަކީ އަރިމަތީ ސެޓްބެކްވެސް މަގާވީ ފަރާތުން ދެވިފައިވާ ގޯތިތަކެވެ. މިގޯތިތަކުގައި ޢިމާރާތްކުރާއިރު ކުރިމަތީ ސެޓްބެކް ތެރެއަށާއި އަރިމަތީ ސެޓްބެކް ތެރެއަށްވެސް (ޕޭވްމަންޓް ލެވެލް/ބިންމަތިން ފެށިގެން 3 މީޓަރު މަތިން) ޢިމާރާތް ނެރެވިދާނެއެވެ. މިގޮތުން ނެރޭބައިތައް ސެޓްބެކްތަކުގެތެރެއަށް ނެރެވޭނީ ބޮޑުވެގެން 1 މީޓަރަށެވެ. އަދި ޢިމާރާތުގެ ކުރިމައްޗާއި އަރިމަތީ ފުޅާމިނުގެ %80 އަށް ވާވަރަށެވެ.

(ޅ) ޢިމާރާތުގެ ކުރިމަތީ ސެޓްބެކްއަށް، (ފުރަތަމަ ފަންގިފިލާއިން ތިރި) ކެނޮޕީފަދަ ރޫޅާލެވޭ ތަކެތި ބޭނުންކޮށްގެން ހިޔާކުރެވިދާނެއެވެ. ނަމަވެސް، މިފަދަ ހިޔާގަނޑުގެ ދިގުމިން ހުންނަންވާނީ ޢިމާރާތުގެ ކުރިމަތީ ފުޅާމިނުގެ %80 އަށްވުރެ ދިގުނުވާވަރަށެވެ. އަދި މިފަދަ ހިޔާގަނޑު ހަރުކުރެވިފައި ހުންނަންވާނީ ހަމައެކަނި ފާރަށް ހިފާފައެވެ. މިފަދަ ހިޔާގަނޑެއް ހަރުލެއްވުމަށް ތަނބު، ދަގަނޑު ހޮޅި ފަދަ އެއްވެސް ސަޕޯޓެއް ބިމަށް ޖަހައިގެންނުވާނެއެވެ.  މިގޮތުން ހިޔާގަނޑާއި، އެ ހަރުކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ގޯތީގެ އިމަށްވުރެ ބޭރަށް ނެރެފައި ހުރެގެންނުވާނެއެވެ.

(ކ) ޢިމާރާތުގެ އެންމެ މަތީގައި ހަދާ ރޫފްސްލެބް ނުވަތަ ކަތި ފުރާޅު ކުރިމަތީ ސެޓްބެކް ތެރެއަށް ނެރޭނަމަ ނެރެންވާނީ މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ރ) ގައިވާ ގޮތަށް ޢިމާރާތުގެ ކުރިމަތީ ފުޅާމިނުގެ %80 އަށް ވާވަރަށެވެ. އަދި މިގޮތަށް ނެރޭބައި ބަހައްޓަންވާނީ ކުރިމަތީ ސެޓްބެކްގެ 1 މީޓަރު އިމުގެ ތެރޭގައެވެ. އަދި ކަތިފުރާޅުގެ އަސްކަނި އަދި ދިޔަދޮވި ފަހަތު ސެޓްބެކް އަދި އަރިމަތީ ސެޓްބެކްއަށް ނެރޭނަމަ ބަހައްޓަންވާނީ އަންނަނިވި ގޮތްތަކަށެވެ.

  1. މި ގަވާއިދުގެ އެނެކްސް 1(H) ގައިވާ ކަންމަތީ ގޯތިތައް ފިޔަވައި އެހެން ގޯތިތަކުގެ ފުރާޅުގެ އަސްކަންޏާއި ދިޔަދޮވި ފަހަތު ސެޓްބެކް އާއި އަރިމަތީ ސެޓްބެކް ތެރެއަށް ނެރެވޭނީ ޢިމާރާތުގެ އިމުން ފެށިގެން 0.45 މީޓަރަށް ވުރެ ބޮޑުނުވާ ވަރަށެވެ.
  2. މި ގަވާއިދުގެ އެނެކްސް 1(H) ގައިވާ ގޯތިތަކުގައި ފަހަތު ސެޓްބެކް ތެރެއަށް ނެރެވޭނީ ޢިމާރާތުގެ އިމުން ފެށިގެން 0.45 މީޓަރަށް ވުރެ ބޮޑުނުވާ ވަރަށެވެ.  އަދި އަރިމަތީ ސެޓްބެކަށް ޢިމާރާތް 1 މީޓަރަށް ނެރެފައިވާނަމަ އަސްކަންޏާއި ދިޔަދޮވި ނެރެވޭނީ 0.2 މީޓަރަށް ވުރެ ބޮޑު ނުވާވަރަށެވެ.

(އ) މި ގަވާއިދުގެ އެނެކްސް 7A ގައި ދައްކާފައި ވާގޮތަށް ކަންމައްޗަށްވާގޮތަށް ހުންނަ ގޯތިތަކުގެ ކުރިމަތީ ސެޓްބެކް އަކީ ލޮކޭށަން ޕްލޭންގައި މަގުމައްޗާއި ވީފަރާތަށް 1 މީޓަރުގެ ސެޓްބެކް ދީފައިވާ ފަރާތެވެ.

(ވ) ދެ ޢިމާރާތުގެ ދެމެދުގައިވާ އަރިމަތީ އަދި ފަހަތު ސެޓް ބެކްއަށް (ފުރާޅުގެ އަސްކަންޏާއި ދިޔަދޮވި ފިޔަވައި) ޢިމާރާތުގެ އެއްވެސް ބައެއް ނުނެރެވޭނެއެވެ. މީގެތެރޭގައި ޑެކަރޭޓިވް ބޯޑަރ، ރީޓްރެކްޓަބަލް ކެނޮޕީ، ސަރވިސް ޑަކްޓްސް ފަދަ ތަކެތި ހިމެނެއެވެ. އެހެންނަމަވެސް އޭސީ އައުޓްޑޯރ ޔުނިޓް، ޢިމާރާތުގެ ފާރުން ފެށިގެން 0.45 މީޓަރަށްވުރެ އިތުރު ނުވާނެހެން ނެރެވިދާނެއެވެ.

 

11 ވަނަ މާއްދާއިންފާރު ރޭނުން

(ހ) މި ގަވާއިދުގެ އެނެކްސް 10 ގައި ދައްކާފައި ވާގޮތަށް މަގުމަތީ އިންފާރު ރޭނޭނީ އެންމެ އުސްވެގެން 1.2 މީޓަރަށެވެ. އަދި މަގުމަތީ އިންފާރު ރާނާނަމަ ރާނަންވާނީ ކުރިމަތީ ސެޓްބެކް އަދި ކަންމަތީ ގޯތިތަކުގެ އަރިމަތީ ސެޓްބެކްގެ ގޮތުގައި ދޫކުރެވިފައިވާ އިމުގެ ތެރޭގައެވެ.

(ށ) މި މާއްދަގެ(ހ) ގައި ވާ ފަދައިން މަގުމަތީ އިންފާރު ރޭނުމަށްފަހު އޭގެ މަތިން 0.6 މީޓަރަށް ފެންސެއް/ގޭޓެއް ލެވިދާނެއެވެ. ނުވަތަ ބިމުން ފެށިގެން 2 މީޓަރުގެ އުސްމިނުގެ ފެންސެއް/ގޭޓެއް ލެވިދާނެއެވެ. ސްޓްރަކްޗަރަލް އެއްވެސް ބައެއް (ތަނބު ފަދަ އެއްޗެއް) ކުރިމަތީ ސެޓްބެކްގެ ފާރުގެ 1.2މީޓަރުން މައްޗަށް ހުރެގެންނުވާނެއެވެ.

(ނ) މި ގަވާއިދުގެ އެނެކްސް 10 ގައި ދައްކާފައި ވާގޮތަށް ގޯތީގެ އަރިމަތި (މަގާވީ ފަޅި ފިޔަވައި) އަދި ފަ

ހަތު ސެޓްބެކްގެ އިންފާރު ރޭނޭނީ އެންމެ އުސްވެގެން 2 މީޓަރަށެވެ.

 

12 ވަނަ މާއްދާ – ފައުންޑޭށަން ފުންމިން

(ހ) ކޮންމެ ޢިމާރާތެއްގެވެސް ފައުންޑޭށަންގެ ފުންމިން ކަނޑައަޅާނީ ޢިމާރާތުގެ ސްޓްރަކްޗަރ އަށް ރިޢާޔަތްކޮށް ޢިމާރާތުގެ ސްޓްރަކްޗަރަލް ޑިޒައިންހަދާ އިންޖިނިއަރެވެ.

(ށ) 1 ފަންގިފިލާގެ ޢިމާރާތެއްނަމަ ފައުންޑޭށަންގެ ގޮތުގައި އެންމެ ފުންވެގެން ހުންނަންވާނީ ޕޭވްމަންޓް/ގްރައުންޑް ލެވެލްއިން ފެށިގެން 0.6 މީޓަރު އަޑިއަށެވެ.

(ނ) ޢިމާރާތުގެ އުސްމިން 1 ބުރި ނުވަތަ 5 މީޓަރަށްވުރެ އުސްނަމަ ޢިމާރާތުގެ ކުރެހުމާއި އެކު "ފައުންޑޭށަން ޕްރޮޓެކްށަން މެތަޑް" ސްޓްރަކްޗަރަލް އިންޖިނިއަރުގެ ސޮޔާއި ތައްގަނޑާއި އެކު ހުށަހަޅަންވާނެއެވެ.

(ރ) ޢިމާރާތުގެ ފައުންޑޭށަން 2 މީޓަރު އަދި އެއަށްވުރެ ފުންވާނަމަ (އީ.ޕީ.އޭގެ ގަވާއިދާއި އެއްގޮތަށް) އީ.އައި.އޭ ހަދައި ހުށަހަޅަންވާނެއެވެ.

 

13 ވަނަ މާއްދާ – އިމާރާ ތުގެ އުސްމިން

(ހ) މި ގަވާއިދުގެ އެނެކްސް 5 ގައި ދައްކާފައިވާ ގޮތަށް ޢިމާރާތުގެ އުސްމިން ކަމުގައި ބެލެވޭނީ ޕޭވްމަންޓް ލެވެލް/ގްރައުންޑް ލެވެލްއިން ފެށިގެން ސްޕްރިންގ ލައިން (ނުވަތަ ރޫފް ބީމްގެ މަތީ ކައިރި) އާއި ހަމައަށެވެ. ނުވަތަ ޓެރަހެއްލާނަމަ ޕޭވްމަންޓް ލެވެލްއިން ފެށިގެން ޓެރަސް ސްލެބް ނުވަތަ ޑެކްގެ މަތީކައިރިޔާ ހަމައަށެވެ. އަދި އެގޮތުން ޢިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 18.5 މީޓަރެވެ.

(ށ) ގްރައުންޑް ފްލޯގައި އުސް ތަޅުމެއް އެޅިނަމަވެސް، ޢިމާރާތުގެ އުސްމިން ކަމުގައި ބެލޭނީ ޕޭވްމަންޓް/ގްރައުންޑް ލެވެލް ފެށޭ ހިސާބުންނެވެ.

(ނ) ޢިމާރާތެއްގައި އެންމެ ގިނަވެގެން ހިމެނޭނީ 6 ފަންގިފިލާއެވެ.

(ރ) ކޮންމެ ފަންގިފިލާ އެއްގައިވެސް ތަޅުމުން ފެށިގެން މަތީށީޓު/ޑެކުގެ ތިރީކައިރި އާއި ހަމައަށް މަދުވެގެން 2.7 މީޓަރު ހުންނަންވާނެއެވެ.

(ބ) މި ގަވާއިދުގެ އެނެކްސް 5 ގެ ކުރެހުމުގައި ވާގޮތަށް ޢިމާރާތުގެ އެންމެ މަތީގައި ކަތިފުރާޅެއް ލާނަމަ ޢިމާރާތުގެ އުސްމިން، ޕޭވްމަންޓް ލެވެލްއިން ފެށިގެން ރޫފްބީމްގެ މަތީ ކައިރިއާއި ހަމައަށް 18.5 މީޓަރު ހަމަކުރުމަށްފަހު އޭގެ މައްޗަށް 2 މީޓަރަށްވުރެ އުސްނުވާނެ ގޮތަށް ކަތި ފުރާޅެއް ލެވިދާނެއެވެ.

(ޅ) ޢިމާރާތުގެ 6 ވަނަ ފަންގިފިލާގެ މައްޗަށް ޓެރަހެއް ލެވިދާނެއެވެ. މިގޮތުން ލެވޭ ޓެރަހުގެ ތަޅުން، ޕޭވްމަންޓް/ގްރައުންޑް ލެވެލްއިން ފެށިގެން 18.5 މީޓަރަށްވުރެ އުސްވެގެންނުވާނެއެވެ.

(ކ) މި ގަވާއިދުގެ އެނެކްސް 5 ގެ ކުރެހުމުގައި ވާގޮތަށް ޢިމާރާތުގައި ލިފްޓް ހިމަނާނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް ޢިމާރާތްކުރެވޭ ފަންގިފިލާގެ ޢަދަދު ހަމަކޮށް، ޓެރަހުގެ މަތީގައި 4 މީޓަރަށްވުރެ އުސްނުވާނޭހެން ޢިމާރާތުގެ ސިޑިގޮޅި އަދި ލިފްޓް މެށިންރޫމްގެ ހިޔާކުރާބައި ހެދިދާނެއެވެ.

(އ) ލިފްޓް ނުލާ ޢިމާރާތެއްނަމަ، ނުވަތަ 6 ވަނަ ފަންގިފިލާގެ މައްޗަށް ލިފްޓް ނުލާނަމަ، ޢިމާރާތުގެ އުސްމިނުގެ ގޮތުގައި ކަނޑައަޅާފައިވާ 18.5 މީޓަރު ހަމަކުރުމަށްފަހު ޓެރަސް ލެވެލްގައި ސިޑިގޮޅި ހިޔާކުރާބައި އުސްކުރެވޭނީ 3 މީޓަރަށެވެ. ސިޑިގޮޅި ހިޔާކުރަން ކަތިފުރާޅެއްލާނަމަވެސް ފުރާޅާއެކު ސިޑިގޮޅީގެ އުސްމިން ހުންނަންވާނީ 3 މީޓަރަށްވުރެ އުސްނުވާވަރަށެވެ.

 

14 ވަނަ މާއްދާ – ބެލްކަނި އަދި ޓެރަސް (ރެއިލިންގ/ޕެރަޕެޓް)

(ހ) ޢިމާރާތުގެ ބެލްކަންޏާއި ޓެރަހުގެ ޗެންޗޭނުގެ/ފާރުގެ އުސްމިނުގައި ހުންނަންވާނީ ތަޅުމުން ފެށިގެން 1.2 މީޓަރެވެ.

(ށ) އެހެން ގޯއްޗެއްގެ އިމަށްވާގޮތަށް ބެލްކަންޏެއް ނުވަތަ ޓެރަހެއް ހަދާނަމަ އެ ފްލޯއެއްގެ ތަޅުމުން ފެށިގެން މަދުވެގެން 2 މީޓަރުގެ އުސް ޕްރައިވެސީ ޕެނަލްއެއް ހަރުކުރަންވާނެއެވެ.  ނުވަތަ 1.2 މީޓަރުގެ ފާރުބުރިއެއް ލުމަށްފަހު އޭގެމަތިން 0.8 މީޓަރު އުސްމިނުގެ ޕްރައިވެސީ ޕެނަލެއް ލާންވާނެއެވެ. އަދި މިގޮތުން ހަރުކުރެވޭ ޕްރައިވެސީ ޕެނެލްގައި އަންނަނިވި ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.

  1. ޕްރައިވެސީ ޕެނަލްގެ ތެރެއިން ފުރިހަމައަށް ވަޔާއި އަލި ޢިމާރާތުގެ ތެރެއަށް ދައުރުވާގޮތަށް ހުރުން.
  2. ޕްރައިވެސީ ޕެނަލް ތެރެއިން އިންވެގެން ހުންނަ ޢިމާރާތް ސީދާ ހާމައަށް ނުފެންނާނޭހެން ހުރުން.

(ނ) ބެލްކަނީ ތަކުގެ ތެރެއިން އެފް.އެސް.އައި ގެ ތެރޭގައި ނުހިމެނޭ ބެލްކަނިތައް ނުވަތަ އޭރިޔާތަކަކީ:

  1. މި ގަވާއިދުގެ އެނެކްސް 4 ގައި ދައްކާފައި ވާގޮތަށް ބެލްކަނީގެ ވަށައިގެން 1.2މީޓަރު އުސްމިނުގައި ވާ ފާރު ނުވަތަ ޗެންޗޭނުގެ ދިގުމިނުގެ %45 އަށް ވާމިން، ބެލްކަނީގެ ބޭރުފަރާތު އިމުން ފެށިގެން ބެލްކަނީގެ އެތެރެއަށް އޮފްސެޓްކޮށް ލުމުން އޮންނަ އޭރިޔާއެވެ. މި އޭރިޔާގެ ތެރޭގައި މުޅި ބެލްކަނި ހިމެނޭނަމަ، އެބެލްކަންޏެއް އެއްކޮން އެފް.އެސް.އައި ތެރޭގައި ނުހިމެނޭނެއެވެ.  ނަމަވެސް މިއޭރިޔާއިން ބޭރުގައި ބެލްކަނީގެ ޖާގައެއް ވާނަމަ އެޖާގައެއްގެ އޭރިޔާއެއް އެފް.އެސް.އައި ގެ ތެރޭގައި ހިމެނޭނެއެވެ.
  2. މި ގަވާއިދުގެ އެނެކްސް 4 ގައި ދައްކާފައި ވާގޮތަށް ބެލްކަނީގެ ވަށައިގެން 1.2 މީޓަރު އުސް ފާރުގައި ނުވަތަ ޗެންޗޭނުގައި ތަނބެއް ނުވަތަ ފާރެއް (މައްޗާއި ޖެހެންދެން) ވާނަމަ، % 45 އަށް ވާމިން ބެލުމަށް ޓަކައި ބޭނުން ކުރާނީ އެތަނބެއްގެ ނުވަތަ ފާރެއްގެ ދެފަރާތުގައިވާ 1.2 މީޓަރުގެ ފާރުބުރީގެ ނުވަތަ ޗެންޗޭނުގެ ދިގު މިންތަކުގެ ތެރެއިން އެންމެ ދިގުމިނެވެ.

 

15 ވަނަ މާއްދާ – ރޫފްއޭރިޔާ އަދި ލިފްޓް މެށިންރޫމް

(ހ) ޢިމާރާތުގެ ރޫފްސްލެބް ނުވަތަ ކަތިފުރާޅެއް، ކުރިމަތީ ސެޓްބެކަށް ނެރުމުގައި ޢަމަލުކުރަންވާނީ މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ރ) ގައިވާގޮތުގެ މަތީންނެވެ.

(ށ) ޢިމާރާތުގައި ރޫފް ސްލެބްއެއް ލާނަމަ އެ ރޫފްސްލެބް ޢިމާރާތުގެ ބޭރުން އަރިމަތީ އަދި ފަހަތު ސެޓްބެކަށް ނެރެގެންނުވާނެއެވެ. އަދި ސިޑިގޮޅި/ލިފްޓްމެށިންރޫމް ހިޔާކުރުމުގައިވެސް އަރިމަތީ އަދި ފަހަތު ސެޓްބެކަށް ނެރެގެންނުވާނެއެވެ.

(ނ) ޢިމާރާތުގައި ކަތިފުރާޅެއް ލާނަމަ މި ގަވާއިދުގެ 10 ވަނަ މާއަދާގެ (ކ) ގައިވާގޮތުގެ މަތިން އަރިމަތީ އަދި ފަހަތު ސެޓްބެކަށް އަސްކަންޏާއި ދިޔަދޮވި ހިމެނޭހެން 0.45 މީޓަރަށް ނެރެވިދާނެއެވެ. މިގަވާއިދުގެ އެނެކްސް 1(H) ވާ ގޯތި ތަކުގައިނަމަ ޢަމަލު ކުރަންވާނީ މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ކ) ގެ (2) ގައިވާ ގޮތުގެ މަތިންނެވެ.

(ރ) 6 ވަނަ ފަންގިފިލާގެ މަތީ ސްލެބް (ޓެރަސް) އަށް އެރުމަށް ލިފްޓް އަދި ސިޑި ބޭނުންކުރެވިދާނެއެވެ. އެނެކްސް 5 ގައި ދައްކާފައިވަ ގޮތަށް ލިފްޓުން ޓެރަހަށް ނުކުމެވޭގޮތަށް ހެދި ކަމުގައިވިނަމަވެސް ޢިމާރާތް ކުރެވޭނެ އެންމެ އުސްމިނުގެ ގޮތުގައި ކަނޑައަޅާފައިވާ އުސްމިން ހަމަކުރުމަށްފަހު، ޓެރަހުގެ ތަޅުމުން ފެށިގެން ލިފްޓް ގޮޅި ހިޔާކުރުމަށް ބޭނުންކުރެވޭނީ މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ކ) ގައި ބުނެފައިވާފަދައިން 4 މީޓަރެވެ.

(ބ) މި ގަވާއިދުގެ އެނެކްސް 8 ގައި ދައްކަފައިވާ ގޮތަށް 6 ވަނަ ފަންގިފިލާގެ މަތީ ސްލެބް (ޓެރަސް) ގެ މަތިން ސިޑިގޮޅި އަދި ލިފްޓް މެށިންރޫމްގެ ޖުމްލަ އޭރިޔާ 15 އަކަމީޓަރަށްވުރެ ބޮޑުވެގެން ނުވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބުނެވުނު 15 އަކަމީޓަރުގެ އޭރިޔާ ހިޔާކުރެވިފައި ހުންނަންވާނީ އެއް ސްޓްރަކްޗަރ އެއްގެ ގޮތުގައެވެ.

(ކ) ޢިމާރާތުގެ 18.5 މީޓަރުގެ މަތިން ސިޑިއާއި ލިފްޓް ގޮޅި ހިޔާކުރާބައިގެ 15 އަކަމީޓަރުގެ ބޭރުން އެއްވެސް ތަނބެއް ނުވަތަ ބެރިއެއް ހުރެގެންނުވާނެއެވެ.

(އ) 18.5 މީޓަރުގެ މަތިން ޓެރަސް ބޭނުންކުރާނަމަ މި މާއްދާގެ (ބ) ގައި ބުނެފައިވާ އޭރިޔާގެ އިތުރުން އެއްވެސް ބައެއް ދާއިމީކޮށް ހިޔާކޮށްގެން ބޭނުން ކޮށްގެންނުވާނެއެވެ.

(ވ) ޓެރަހުގައި އަވިން ނިވާކުރުމަށްޓަކައި ވަގުތީ ނުވަތަ ފަސޭހައިން ރޫޅާލެވޭގޮތަށް، ދަގަނޑު ހޮޅި، ލަކުޑި ނުވަތަ ފިލާ ފަދަ ތަކެތި ބޭނުންކޮށްގެން ޕަގޯލާ ނުވަތަ ޓްރެލިސް ފަދަ ތަކެތި ހެދިދާނެއެވެ. މިގޮތުން ހެދޭތަކެތި ޓެރަހުގެ ޖުމްލައޭރިޔާގެ %30 އަށްވުރެ ބޮޑުވެގެންނުވާނެއެވެ. މިފަދަ ތަކެތީގެ އެއްވެސް އަރިމައްޗަކުން ބައްދައިގެން ނުވާނެއެވެ. އަދި މަތި ހިޔާކުރުމުގައި 50% ހުންނަންވާނީ ނުބައްދާ ހާމައަށެވެ. މިގޮތުން ހިޔާކުރުމުގައި ބެދިފައި ހުންނަ ބައިތަކާއި ހާމައަށް ހުންނަބައިތައް ހުންނަންވާނީ އެއްދުރުމިނެއްގައި ބަހާލެވިފައެވެ. މިފަދަ ތަކެތީގެ އުސްމިން ސިޑިގޮޅި/ލިފްޓް މެށިންރޫމް ހިޔާކުރާ ބަޔަށްވުރެ އުސްވެގެން ނުވާނެއެވެ.

 

16 ވަނަ މާއްދާ – ވައިގޮޅި އަދި ދޮރާއި ކުޑަދޮރު

(ހ) ގްރައުންޑް ފްލޯރގައި ޢިމާރާތުގެ އެއްވެސް ދޮރެއް/ކުޑަދޮރެއް ހުޅުވިފައި ހުންނައިރު އިމުން ބޭރަށް ހުރެގެން ނުވާނެއެވެ. މަގުމަތީ ފަރާތުން އަދި އެލީތަކަށް ވާގޮތަށް ކުޑަދޮރެއްލާނަމަ، ހުންނަންވާނީ ކުޑަދޮރު ހުޅުވިފައިހުންނައިރު ގޯތީގެ އިމުން ބޭރުނުވާވަރަށެވެ.

(ށ) މި ގަވާއިދުގެ އެނެކްސް 9 ގައި ދައްކާފައިވާ ގޮތަށް ހުޅުވިފައި ހުންނައިރު އިމުން ބޭރަށް މަގަށް ނުވަތަ އެލީއާއި ވީ ފަރާތަށް ދޮރުތައް ލެވޭނީ ޕޭވްމަންޓް ލެވަލް އިން ފެށިގެން 3 މީޓަރުގެ މަތިންނެވެ. އަދި މިގޮތަށް ހުޅުވޭ ދޮރުފަތްތައް ހުޅުވިފައި ހުންނައިރު 0.75 މީޓަރަށްވުރެ ބޭރަށް ހުރެގެން ނުވާނެއެވެ.

(ނ) ޖެހިގެންހުރި ގޯތީގެ އިމަށްވާގޮތަށް ހުންނަ ފާރުގައި ކުޑަދޮރު އަދި ގްލާސްބްލޮކް ފަދަ ތަކެތި ހަރުކޮށްފައި ހުރެގެންނުވާނެއެވެ.

(ރ) މި ގަވާއިދުގެ އެނެކްސް 3 ގައި ދައްކާފައިވާ ގޮތަށް ޢިމާރާތުގައި (ގޯތީގެ އިމުގައި) ވައިގޮޅިއެއް ހަދާނަމަ އެވައިގޮޅީގައި މަދުވެގެން އެތެރެއަށް 0.75 މީޓަރު އަދި ފުޅާމިނުގައި 0.6 މީޓަރު ހުންނަންވާނެއެވެ. އަދި ޢިމާރާތުގެ ތެރޭގައި ވައިގޮޅިއެއް ހަދާނަމަ ގޮޅީގެ ކޮންމެ އަރިމައްޗެއްގައިވެސް މަދުވެގެން 0.6 މީޓަރު ހުންނަންވާނެއެވެ.

(ބ) ޢިމާރާތުގެ ބައިތަކަށް ވަޔާއި އަލިކަން ފޯރުވުމަށްޓަކައި، ޢިމާރާތުގެ ކޮންމެ ބައެއްގެ ތަޅުމުގެ ބޮޑުމިނުގެ %10 އަށްވުރެ ކުޑަނުވާ ވަރުގެ ހުޅުވުމެއް ޢިމާރާތް ނުކޮށްވާ ހުސް ޖާގައަކާ ދިމާވާގޮތަށް ހުންނަންވާނެއެވެ. ހުޅުވުން ކަމަށް ބުނެފައިއެވަނީ، ދޮރު، ކުޑަދޮރު، އާނގަފަދަ ހުޅުވުން ތަކަށެވެ. ހަމައެކަނި އަލިވެއްދުމަށް ހުންނަ ގްލާސް ބްލޮކް ނުވަތަ ނުހުޅުވޭގޮތަށް ބިއްލޫރި ޖަހާފައި ހުންނަ ތަންތަނާއި ދަމާދޮރާއި ކުޑަދޮރު (ސްލައިޑިންގ ޑޯ އެންޑް ވިންޑޯ)  ގެ ނުހުޅުވޭ ބައި މީގެ ތެރޭގައި ނުހިމެނޭނެއެވެ.

(ޅ) ހުޅުވުމަކުން (އޯޕަނިންގ އަކުން) ވެންޓިލޭޓް ވާނެކަމަށް ބެލެވޭނީ ހުޅުވުމާއި ދިމާއިން ފެށިގެން 6 މީޓަރު ދުރުމިނަށެވެ. އަދި ހުޅުވުމުގެ އޭރިޔާ ތަޅުމުގެ ބޮޑުމިނުގެ %15 އަށްވުރެ ކުޑަނުވާނަމަ ވެންޓިލޭޓްވާނެކަމަށް ބެލޭނީ ހުޅުވުމާއިދިމާއިން ފެށިގެން 7.5 މީޓަރުގެ ދުރުމިނަށެވެ. މިބަޔާންކުރެވުނު ދެހާލަތުގައިވެސް ހުޅުވުމުގެ އަރިމަތިން ވެންޓިލޭޓްވާނެކަމަށް ބެލޭނީ ފަރާތަކަށް 4 މީޓަރުގެ ދުރުމިނަށެވެ.

 

17 ވަނަ މާއްދާވަގުތީ އިމާރާތް ހެދުން

(ހ) ވަގުތީ ޢިމާރާތެއްގެ ގޮތުގައި ބެލެވޭނީ ފަސޭހަކަމާއިއެކު ރޫޅާލެވޭގޮތަށް، ހަމައެކަނި ދަގަނޑު ހޮޅި، ލަކުޑި، ޓިނު، ފިލާ ނުވަތަ ސަތަރި ފަދަ ތަކެތި ބޭނުންކޮށްގެން ހަދާ ތަންތަން ނުވަތަ ބިނާތަކެވެ.

(ށ) ވަގުތީ ޢިމާރާތެއް އެންމެ އުސްވެގެން ހެދޭނީ ޕޭވްމަންޓް ލެވެލް އިން ފެށިގެން 5 މީޓަރަށެވެ. އަދި 1 ފަންގިފިލާއައްވުރެ އިތުރު ވެގެން ނުވާނެއެވެ.

(ނ) ވަގުތީ ޢިމާރާތްތަކުގެ ކުރެހުން ފާސްކުރުމަށްފަހު އެ ޢިމާރާތަކަށް ހުއްދަ ދެވޭނީ ކުރެހުން ފާސްކުރާ ދުވަހުންފެށިގެން 90 (ނުވަދިހަ) ދުވަހުގެ މުއްދަތަކަށެވެ. ތަނުގެ ވަގުތީ ހުއްދަ އިތުރުކުރުމަށް ބޭނުންވެއްޖެ ހިނދެއްގައި ވަގުތީ ހުއްދަ ދެވިފައިވާ މުއްދަތު ހަމަވުމުގެ 7 ދުވަސް (ސަރުކާރު ބަންދުނޫން) ކުރިން އެކަމަށްއެދި ކޯޕަރޭށަނަށް ލިޔުމަކުން ހުށަހަޅަން ވާނެއެވެ. މިގޮތަށް ހުށަނާޅާނަމަ ކޯޕަރޭށަނުން ހުއްދަ ދިން މުއްދަތު ހަމަވުމުން ވަގުތީ ޢިމާރާތުގެ ހުއްދަ ބާތިލް ކުރެވޭނެއެވެ. އަދި ތަނުގައި ހަދާފައިވާ ވަގުތީ ޢިމާރާތް ރޫޅާލަންވާނެއެވެ.

(ރ) ވަގުތީ ހުއްދަދޭ ބިންތަކުގައި އެއްވެސް ސިނާޢީ އަދި ކޮމާށަލް އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެއެވެ.

 

18 ވަނަ މާއްދާ – މާނަކުރުން

(ހ) މި ގަވާއިދުގައި "ޢިމާރާތް"ކަމަށް ބަޔާންކޮށްފައި އެވަނީ އެއްތަނުން އަނެއްތަނަށް ބަދަލު ނުކުރެވޭ ގޮތަށް އެކި ބާވަތުގެ ތަކެތި ބޭނުންކޮށްގެން ކޯޕަރޭށަނުން ޤަބޫލުކުރާ ފެންވަރަށް ބިނާ ކުރެވޭ، ބިމާއި ގުޅިފައިވާ ބިނާފަދަ ހުރިހާ ތަނެއް ހިމެނޭ ތަންތަނަށެވެ.

(ށ) މި ގަވާއިދުގައި "ކޯޕަރޭށަން" ނުވަތަ "އެ ކޯޕަރޭށަން" ކަމަށް ބަޔާންކޮށްފައި އެވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭށަނަށެވެ.

 

19 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް ޢަމަލުކުރަންފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިޢުކުރާ ދުވަހުން ފެށިގެންނެވެ. މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ކުރިން ޢަމަލުކުރަމުންދިޔަ ހުޅުމާލެ ޕްލޭނިންގ އަދި ޢިމާރާތް ކުރުމުގެ ގަވާއިދު ބާތިލްވީއެވެ.

 


( ފޮޓޯ އަދި އިގިރޭސި ބަހުން ލިޔެފައިވާ ލިއުން ތައް، އެޓޭޗްކުރެވިފައިވާ މި ގަވާއިދު ޕީ.ޑީ.އެފް ފައިލްގައި ހިމެނިފައި ވާނެއެވެ. އަދި ފަހުން އަޕްލޯޑް ކުރެވިގެންދާނެ އެވެ.)

( ހުޅުމާލޭގައި ހަދާ އިމާރާތުގެ ކުރެހުން ފާސްކުރުމަށް އެދޭ ފޯމް، އެޓޭޗްކުރެވިފައިވާ މި ގަވާއިދު ޕީ.ޑީ.އެފް ފައިލްގައި ހިމެނިފައި ވާނެއެވެ. އަދި ފަހުން އަޕްލޯޑް ކުރެވިގެންދާނެ އެވެ.)

 

 

 

އިތުރުބައިގެ ނަންބަރު 1

އިމާރާތުގެ ކުރެހުން ފާސްކުރުމަށް ހުއްދައަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

 

 

ހުށަހަޅާފައިވާނަމަ ()، ހުށަހަޅާފައި ނުވާނަމަ () މިގޮތަށް ފާހަގަ ޖަހާށެވެ.

ކޮންމެ އިމާރާތެއްގެ ކުރެހުމާ އެކު ހުށަހަޅަން ޖެހޭ ތަކެތި

 

ޢިމާރާއްކުރުމުގެ ހުއްދައަށް އެދޭ ފޯމް ފުރިހަމަކޮށްފައި.

 

 

ސްޓަރަކްޗަރަލް ކަލްކިއުލޭށަން

 

ރަގިސްޓްރީގެ ފޮޓޯ ކޮޕީ އެއް

 

 

ފައުނަޑޭށަން ޕްރޮޓެކްށަން މެތޮޑް

 

ވެރިފަރާތުގެ އައިޑީ ކާޑު ކޮޕީ

 

 

ޑިޒައިން ޗެކްލިސްޓް

 

ރަގިސްޓްރީ ނެތްނަމަ، ބިމުގެ ވެރިފަރާތް ކަށަވަރު ކޮށްދޭ ލިޔުމެއް

 

 

ސްޓްރަކްޗަރަލް ޗެކަރގެ ތައްގަނޑު ޖަހައި ސޮއިކޮށް ފައި (ސްޓޭމްޕްޖެހި ކުރެހުމެއްނަމަ)

 

ކުރެހުންސެޓްގެ 1 އަސްލާއި 1 ކޮޕީ ހަމައަށް

 

 

ސްޓްރަކްޗަރަލް ޗެކަރގެ މުއްދަތު ހަމަ ނުވާ ސެޓްފިކެޓް (ސްޓޭމްޕްޖެހި ކުރެހުމެއްނަމަ)

 

ކުރެހުންތަކުގެ ތެރެއިން ފްލޯޕްލޭން ތަކާއި، އެލެވޭށަން، ސެކްށަން އަދި ޑޯވިންޑޯ ށެޑިއުލްގެ ސޮފްޓް ކޮޕީ (ސީޑީއެއްގައި)

 

 

އާކިޓެކްޗަރަލް ޗެކަރގެ ތައްގަނޑު ޖަހައި ސޮއިކޮށް ފައި (ސްޓޭމްޕްޖެހި ކުރެހުމެއްނަމަ)

 

 

 

 

އާކިޓެކްޗަރަލް ޗެކަރގެ މުއްދަތު ހަމަ ނުވާ ސެޓްފިކެޓް (ސްޓޭމްޕްޖެހި ކުރެހުމެއްނަމަ)

 

މަތީގައިވާ ތަކެތީގެ އިތުރުން ހުށަހަޅަން ޖެހޭ ތަކެތި

 
ލޮކޭށަން ޕްލޭން

ސައިޓް ޕްލޭން: މިއީ، ބިމުގެ އިމާއި، އިމާރާތުގެ ސަރަހައްދާއި، ހުސްތަނުގެ ޖާގައިގެ މިންތަކާއި (ހުރިހާ ބުރިއެއްގެ ހުސްތަންތަން އެނގޭގޮތަށް)، ޖެހިގެން ހުރި އިމާރާއްތަކުގައި ހިމެނޭ ފަންގިފިލާތަކުގެ އަދަދާއި، ގޯތި ނުވަތަ ބިމާ އިންވެގެންވާ މަގާއި ގޯޅީގެ ނަން އަންގައިދޭ ކުރެހުމެވެ. މީގެ އިތުރުން އިމާރާތުގެ ނޯތު، ޕްލޮޓް އޭރިއާ، ބިލްޑްއަޕް އޭރިއާ އަދި އޯޕަން އޭރިއާ ފާހަގަކޮށްފައިވެއެވެ. 

ފްލޯ ޕްލޭންތަށް: މިކުރެހުންތައް ހުންނަންވާނީ، ރަނގަޅަށް އޮޅުންފިލާނެގެން މިންތައްޖަހައި، ސްކޭލަށް ޕްރިންކޮށްފަ އެވެ. ޕާރކިންގ ކަނޑައަޅާފައިވާނަމަ، އެޖާގަ ފާހަގަކޮށްފައިވާންވާނެއެވެ. 

ފްރަންޓް އެލިވޭށަން: މިކުރެހުން އޮންނަންވާނީ، ރަނގަޅައށް އޮޅުންފިލާހެން މިންތައްޖަހައި، ސްކޭލަށް ޕްރިންކޮށްފައެވެ. 

ސައިޑް އެލިވޭށަން: މިކުރެހުން އޮންނަންވާނީ، ރަނގަޅައށް އޮޅުންފިލާހެން މިންތައްޖަހައި، ސްކޭލަށް ޕްރިންކޮށްފައެވެ.

ރޫފް ޕްލޭން: މިކުރެހުން އޮންނަންވާނީ، ރަނގަޅައށް އޮޅުންފިލާހެން މިންތައްޖަހައި، ސްކޭލަށް ޕްރިންކޮށްފައެވެ.

އިމާރާތުގެ ސެކްށަންތައް: މިއީ އިމާރާތުގެ އުސްމިންތަކާއި، ދެ ފަންގިފިލާގެ ދެމެދުގައި ހުންނަ އުސްމިނާއި، ފައުންޑޭށަންގެ ފުންމިން ދައްކައިދޭ ކުރެހުމެވެ. މިކުރެހުން އޮންނަންވާނީ، ރަނގަޅަށް އޮޅުންފިލާނެހެން މިންތައްޖަހައި، ސްކޭލަށް ޕްރިންކޮށްފަ އެވެ.

ޑޯ އެންޑް ވިންޑޯ ށެޑިއުލް: މިކުރެހުން އޮންނަންވާނީ، ރަނގަޅައށް އޮޅުންފިލާހެން މިންތައްޖަހައި، ސްކޭލަށް ޕްރިންކޮށްފައެވެ. 

ފައުންޑޭށަން ޕްލޭން: މިއީ ފައުންޑޭށަން ހަދާ ގޮތުގެ ތަފުސީލީ ކުރެހުމެވެ. މިކުރެހުން އޮންނަންވާނީ، ރަނގަޅައށް އޮޅުންފިލާހެން މިންތައްޖަހައި، ސްކޭލަށް ޕްރިންކޮށްފައެވެ.

ފްލޯ ސްޓްރަކްޗާ: މިކުރެހުން އޮންނަންވާނީ، ރަނގަޅައށް އޮޅުންފިލާހެން މިންތައްޖަހައި، ސްކޭލަށް ޕްރިންކޮށްފައެވެ. 

ރޫފް ސްޓްރަކްޗާ: މިކުރެހުން އޮންނަންވާނީ، ރަނގަޅައށް އޮޅުންފިލާހެން މިންތައްޖަހައި، ސްކޭލަށް ޕްރިންކޮށްފައެވެ.

ފައުންޑޭށަން ޕްރޮޓެކްށަން މެތޮޑް: މިއާ ބެހޭ މައުލޫމާތި، މާލެ ޕްލޭނިންގ ޤަވާއިދުގެ ނަންބަރު 2 ގައި ވާނެ އެވެ. 

އިމާރާތުގެ ބެލްކަނި، ސިޑި އަދި ޓެރަސް ފަދަ ތަނަތަނުގައި ޖަހާ ރެްިލިންގ (ޗެނޗޭނު) ނުވަތަ ރާނާ ފާރު ފަދަ އެއްޗެހީގެ ތަފުސީލީ ކުރެހުން. 

ސްޓްރަކްޗަރަލް ޑީޓެއިލްސް: މިކުރެހުން އޮންނަންވާނީ، ރަނގަޅައށް އޮޅުންފިލާހެން މިންތައްޖަހައި، ސްކޭލަށް ޕްރިންކޮށްފައެވެ.

ފައުންޑޭށަން ޑެޕްތު ދައްކައިދޭ ކުރެހުން

ސްޓްރަކްޗަރަލް ކަލްކިއުލޭށަން

18 މީޓަރ ނުވަތަ 5 ފަންގިފިލާ އަށްވުރެ އުސްނަމަ: ވިށުއަލް ސޮއިލް އިންސްޕެކްށަން ރިޕޯޓް: މިއީ، އިމާރާތްކުރާ ސަރަހައްދުގެ ދެ ތަނަކުން 1.8 މީޓަރުގެ ފުންމިނަށް ބިންގަނޑު ކޮނެ، އެތަނުން ނެގުނު ތަކެތީގެ ބާވަތާއި، ފެނުގެ ފުންމިން އެނގޭނެ ގޮތަށް ތައްޔާރުކޮށް، ކަމާބެހޭ މިނިސްޓްރީގައި ރަގިސްޓްރީކޮށްފައިވާ ސިވިލް އިންޖިނިއަރަކު ސޮއިކޮށްފައިވާ ރިޕޯޓެކެވެ.

ފަޔަރ ފައިޓިންގ ސިސްޓަމްސް ލޭއައުޓް: މި ލޭއައުޓް ހުށަހަޅަންޖެހެނީ، ސަރުކާރުގެ ދާއިރާތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނި ފަދަ ތަނތަނުގެ އިމާރާތެއް ނަމަ އެވެ. އަދި ވަކި ޕްލޭނިންގ ޤވާއިދެއްގައި ލޭއައުޓް ހުށަހަޅަން ބަޔާންކޮށްފައިވާނަމަ އެއިމާރާތެއްގެ ލޭއައުޓް ހުށަހަޅަންވާނެއެވެ. މިލޭއައުޓަކި މިނިސްޓރީ އޮފް ޑިފެންސް އެންޑް ނޭށަނަލަ ސެކިއުރިޓީން ކަނޑައަޅުއްވާފައިވާ ސްޕެސިފިކޭށަނާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ލޭއައުޓެއްކަމުގައި ވާންޖެހޭނެ އެވެ. 

ޓޯލް ސްޓްރަކްޗާރ ރިޕޯޓްކުރުން: 30 މީޓަރު ނުވަތަ އެއަށްވުރެއުސްނަމަ ސިވިލް އޭވިއޭށަން އޮތޯރިޓީއަށް ހުށަހަޅުއްވާ ހުއްދަ ހޯއްދެވުން.

ލިފްޓް ސްޕެސިފިކޭށަން

 

ނޯޓު: މިލިސްޓްގައިވާ ގޮތަށް ވެރިފަރާތުން ކުރެހުމާއި އެހެނިހެން ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. 

 

 

ކުރެހުންތައް ތައްޔާރުކުރުމުގައި ހުންނަންވީ މިންގަނޑުތައް ބޭނުންކުރާނެ

 ޔުނިޓް ސިސްޓަމްއާއި ސްކޭލް

 

  1. ހުރިހާ ކުރެހުމެއްގައި ހުންނަންވާނީ ޓައިޓްލް ބްލޯކް (އިމާރާތުގެ ނަން، ޑިޒައިންކުރި ފަރާތްތައް، ތާރީހް، ކުރެހުމުގެ ނަންބަރު) ހިމަނާފައެވެ.
  2. ކީ ޕްލޭން، ލޮކޭށަން ޕްލޭން ފިޔަވާ ހުރިހާ ޕްލޭނެއްގައި ގްރިޑް ދައްކަންވާނެއެވެ.
  3. ހުރިހާ ކުރެހުމެއް ހުންނަންވާނީ S.I (ސިސްޓަމް އިންޓަރނޭށަނަލް) ޔުނިޓަށެވެ.
  4. ކުރެހުންތަކުގައި ބޭނުންކުރާނެ ސްކޭލްތައް :-
    · ސައިޓް ޕްލޭން :- 1:200، 1:100، 1:50 އަދި 10000 އަކަފޫޓަށްވުރެ ބޯޑުނަމަ 1:500
    · ފްލޯރ ޕްލޭން :- 1:100، 1:50
    · އެލިވޭށަން އަދި ސެކްށަން:- 1:500، 1:200، 1:100
    · ޑީޓެއިލް ޑްރޮއިންގ :- 1:100، 1:50، 1:20، 1:10، 1:5، 1:2، 1:1

 

 

އިމާރާތުގެ ކުރެހުން ފާސްކުމުގެ ހުއްދަ" ހޯދުމަށް ހުށަހަޅަންޖެހޭ ކުރެހުންތަކާއި ލިޔުންތަކުގެ ތަފްސީލް

  1. ފައުންޑޭށަން ޕްރޮޓެކްށަން މެތަޑު (ހަދާ އިމާރާތާއި އިންވެގެން ހުންނަ އިމާރާތްތަކުގެ ފައުންޑޭށަނާއި ބެހޭ މައުލޫމާތާއި އެއިމާރާތްތައް ރައްކާތެރި ކުރުމަށް ޓަކައި އަޅާނެ ފިޔަވަޅުތަކާއި އެތަންތަން ރައްކާތެރި ކުރުމަށްޓަކައި މަސައްކަތް ކުރަން ގަސްދުކުރާގޮތުގެ ލިޔުމާއި ކުރެހުން). ފައުންޑޭށަން ޕްރޮޓެކްށަން މެތަޑާއި ބެހޭ މައުލޫމާތު މާލެ ޕްލޭނިންގ ޤަވާއިދުގެ ނަންބަރު 3.2 ގައި ހިމަނާފައިވާނެއެވެ.

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު