މި ފައިލް އަދި އަޕްޑޭޓްކޮށް ނުނިމޭ
ގާނޫނީ އޮޑިޓްކުރުމާއި އެށޯރެންސްގެ ހިދްމަތް ދިނުމުގެ ގަވާއިދު (2 ވަނަ އިސްލާހާއެކު)
(ގަވާއިދު ނަންބަރު 2015-222)
ފުރަތަމަ ބާބު
އިބްތިދާއީ މާއްދާތައް
1 ވަނަ މާއްދާ - ތަޢާރުފާއި ނަން
(ހ) މިއީ ޤާނޫނު ނަންބަރު: 4/2007 (އޮޑިޓް ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާއި 5 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓްކުރުމާއި އެޝޫރެންސްގެ ޚިދުމަތްދިނުމުގެ ހުއްދަ ނުވަތަ ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކުރުމާއި، ބާޠިލްކުރެވޭނޭ އުޞޫލުތައް ކަނޑައެޅުމާއި، އެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކިފަރާތްތަކަށް އެ ހުއްދަ ދޫކުރުމާއި ބާޠިލްކުރުމާއި، ޤާނޫނީ އޮޑިޓް އަދި އެޝޫރެންސްގެ ޚިދުމަތްދޭ ފަރާތްތަކުން ހިފަހައްޓަންޖެހޭ މިންގަނޑުތައް ކަނޑައެޅުމަށްޓަކައި، އޮޑިޓަރ ޖެނެރަލަށް ލިބިދޭ ބާރާއި އިޚްތިޔާރުގެ ދަށުން ހަދާފައިވާ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ "ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓްކުރުމާއި އެޝޫރެންސްގެ ޚިދުމަތް ދިނުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
(ހ) ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓްކުރުމާއި އެޝޫރެންސްގެ ޚިދުމަތްދިނުމަށް ބޭނުންވާ ހުއްދަ ދޫކުރުމާއި، ބާޠިލްކުރުމުގެ މަސައްކަތް އެއް މިންގަނޑެއްގައި ހިފެހެއްޓުމާއި، އޮޑިޓާއި އެކައުންޓެންސީ ފަންނު ތަރައްޤީވުމަށް މަގުފަހިކުރުން؛
(ށ) ޤާނޫނީ އޮޑިޓްކުރުމާއި، އެޝޫރެންސްގެ ޚިދުމަތްދިނުމުގެ ހުއްދަ ދޫކުރުމާއި ބާޠިލުކުރުމުގައި ކަނޑައަޅާ ވަކި އުޞޫލަކުން ޢަމަލުކުރުމާއި، އޮޑިޓިންގ އާއި، އެކައުންޓެންސީ ދާއިރާ ހަރުދަނާ އުޞޫލުތަކެއްގެ މަތިން ކުރިއެރުވުމަށް މަގުފަހިކުރުން.
(ނ) ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓްކުރުމާއި އެޝޫރެންސްގެ ޚިދުމަތް ދިނުމުގައާއި އެކައުންޓެންސީގެ މަސައްކަތުގައި ދިވެހިންނަށް ފައިހަމަކުރެވޭނެ މަގު ތަނަވަސްކުރުމުގެ މާޙައުލެއް ޤާއިމްކުރުން.
(ރ) ޤާނޫނީ އޮޑިޓްކުރުމާއި، އެޝޫރެންސްގެ ޚިދުމަތާއި އެކައުންޓެންސީގެ ޚިދުމަތް ޢާންމުންނަށް ދޭ ރާއްޖޭގެ ފަރާތްތަކާއި، ބޭރުގެ ފަރާތްތަކަށް އެއްހަމައެއްގައި ވާދަކުރުމަށް ފުރުޞަތު ދިނުން.
(ބ) ޤާނޫނީ އޮޑިޓާއި، އެޝޫރެންސާއި އެކައުންޓެންސީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދިނުމާއި، މި މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތުގެ އަޚްލާޤާއި މަސައްކަތުގެ ފެންވަރު ހިފެހެއްޓުން.
(ޅ) ދިވެހިރާއްޖޭގައި ދެވޭ، ޤާނޫނީ އޮޑިޓްކުރުމާއި، އެޝޫރެންސްގެ ޚިދުމަތަށް ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ހޯދައިދިނުން.
(ކ) ދިވެހިރާއްޖޭގައި ދެވޭ، ޤާނޫނީ އޮޑިޓްކުރުމާއި، އެޝޫރެންސްގެ ޚިދުމަތަކީ ޤާނޫނާއި ގަވާއިދުގެ ތެރޭގައި ބެލެހެއްޓިގެން ދެވޭ ޚިދުމަތަކަށް ހެދުން.
3 ވަނަ މާއްދާ - ޤާނޫނީ އޮޑިޓްކުރުމާއި، އެޝޫރެންސްގެ ޚިދުމަތް ދިނުން
މި ގަވާއިދުގެ ދަށުން ދޫކުރާ ޕްރެކްޓިސިންގ ސެޓްފިކެޓެއް ނެތި ދިވެހިރާއްޖޭގައި، އެއްވެސް ފަރާތަކުން ޤާނޫނީ އޮޑިޓްކުރުމާއި، އެޝޫރެންސްގެ ޚިދުމަތް ދިނުމަކީ މަނާކަމެކެވެ.
ދެވަނަ ބާބު
އޮޑިޓްގެ ޚިދުމަތްދިނުމުގެ ޕްރެކްޓިސިންގ ސެޓްފިކެޓް ފަރުދުންނަށް ދޫކުރުން
4 ވަނަ މާޢްދާ - ޕްރެކްޓިސިންގ ސެޓްފިކެޓަށް އެދޭ ފަރުދުންގައި ހުރުން ލާޒިމުވާ ޢާންމު ޝަރުޠުތައް
ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓްކުރުމާއި، އެޝޫރެންސްގެ ޚިދުމަތް ދިނުމުގެ ޕްރެކްޓިސިންގ ސެޓްފިކެޓަށް އެދޭ ކޮންމެ ފަރުދެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.
(ހ) ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.
(ށ) ދިވެހިރާއްޖޭގެ ނުވަތަ އެހެން ޤައުމެއްގެ ކޯޓަކުން އެމީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ޙުކުމެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.
(ނ) ހުއްދައަށް އެދޭ ތާރީޚުން ފެށިގެން ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ނުވަތަ އެހެން ޤައުމެއްގެ ކޯޓު ޙުކުމަކުން އިފްލާސްކޮށްފައިވާ މީހަކުކަމުގައި ނުވުން.
(ރ) މަކަރާއި ޙީލަތް ހެދުމުގެ މައްސަލައެއްގައި، ދިވެހިރާއްޖޭގެ ނުވަތަ އެހެން ޤައުމެއްގެ ކޯޓަކުން ނަމަވެސް އެމީހެއްގެ މައްޗަށް ޙުކުމްކޮށްފައިވާ މީހަކުކަމުގައި ނުވުން.
(ބ) ޕްރޮފެޝަނަލް އެކައުންޓެންސީ ބޮޑީއަކުން އެމީހަކާމެދު ސުލޫކީ ފިޔަވަޅު އަޅާފައިވާ ފަރާތެއް ކަމުގައި ނުވުން.
(ޅ) އޮޑިޓް ދާއިރާއާ ގުޅުންހުރި ޤާނޫނުތަކާ ގަވާއިދުތަކަށް އަހުލުވެރި ފަރާތެއްތޯ ބެލުމަށްޓަކައި ލައިސެންސިންގ އެންޑް ޑިސިޕްލިނަރީ ކޮމެޓީން ކަނޑައަޅާ، އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެޕްރޫވްކޮށްފައިވާ، ޓެސްޓަކުން ނުވަތަ އިންޓަރވިއުއަކުން ފާސްވާ ފަރާތެއް ކަމުގައިވުން.
(ކ) ސާބިތު ދަރަންޏެއް އޮތް ފަރާތެއްކަމުގައިވާނަމަ، ޙުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުންދާ ފަރާތެއް ކަމުގައިވުން.
(އ) މި ގަވާއިދުގެ ދަށުން ދޫކުރާ ޕްރެކްޓިސިންގ ސެޓްފިކެޓަށް އެދޭ ފަރާތަކީ، ދިވެހި ރައްޔިތެއް ނަމަ، އެކައުންޓިންގ ނުވަތަ އޮޑިޓިންގ ދާއިރާއިން، ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ގެ ސަނަދެއް ޙާޞިލްކޮށްފައިވާ މީހަކަށްވުން ނުވަތަ މި ގަވާއިދުގެ ޖަދުވަލު 1 (އެކެއް) ގައި ބަޔާންކުރާ އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސް (އައިފެކް) ގެ މެންބަރުކަން އޮތް ފަރާތަކުން، އެކައުންޓިންގ ނުވަތަ އޮޑިޓިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކޮށްފައިވުން ނުވަތަ،
(ވ) މި ގަވާއިދުގެ ދަށުން، ދޫކުރާ ޕްރެކްޓިސިންގ ސެޓްފިކެޓަށް އެދޭ ފަރާތަކީ، ދިވެހި ރައްޔިތަކަށް ނުވާނަމަ، މި ގަވާއިދުގެ ޖަދުވަލު 1 (އެކެއް) ގައި ބަޔާން ކުރާ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޤަބޫލު ކުރާ ޕްރޮފެޝަނަލް އެކައުންޓެންސީ ބޮޑީއެއްގެ ފުރިހަމަ މެމްބަރެއްކަމުގައި ވުމާއެކު، އެ އެކައުންޓެންސީ ބޮޑީން ދޫކޮށްފައިވާ ޕްރެކްޓިސިންގ ސެޓްފިކެޓް އޮންނަ ފަރާތެއް ކަމުގައިވުން.
(މ) މި މާއްދާގެ (އ) ގައި އެހެން ބަޔާން ކޮށްފައި އޮތްނަމަވެސް، 1 ޖެނުއަރީ 2019 އިން ފެށިގެން މި ގަވާއިދުގެ ދަށުން ދޫކުރެވޭ ޕްރެކްޓިސިންގ ސެޓްފިކެޓަށް އެދޭ ފަރާތަކީ ދިވެހި ރައްޔިތެއް ނަމަ، އެ ފަރާތަކީ މި ގަވާއިދުގެ ޖަދުވަލު 1 (އެކެއް) ގައި ބަޔާން ކުރާ ޕްރޮފެޝަނަލް އެކައުންޓެންސީ ބޮޑީއެއްގެ މެންބަރެއް ނުވަތަ އެފިލިއޭޓެއް ކަމުގައި ވުމާއެކު އެ އެކައުންޓެންސީ ބޮޑީއެއްގެ ޕްރޮފެޝަނަލް އިމްތިޙާނުތަކުގެ ބައެއްގެ ގޮތުން "އެޑްވާންސްޑް އޮޑިޓިންގ އެންޑް އެޝޫރެންސް" ނުވަތަ އެއާ އެއް ފެންވަރެއްގެ އޮޑިޓިންގ އެންޑް އެޝޫރެންސް ޕޭޕަރަކުން ފާސްވެފައިވާ ފަރާތެއްކަމުގައި ވާންވާނެއެވެ.
(ފ) މި މާއްދާގެ (އ) ގެ ދަށުން ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކޮށްފައިވާ ފަރާތްތަކުގެ ޕްރެކްޓިސިންގ ސެޓްފިކެޓް 31 ޑިސެމްބަރ 2018 ވަނަ ދުވަހު ބާޠިލްވާނެއެވެ. ޕްރެކްޓިސިންގ ސެޓްފިކެޓް ބާޠިލްވުމުގެ 45 (ސާޅީސް ފަހެއް) ދުވަހުގެ ކުރިން ޕްރެކްޓިސިންގ ސެޓްފިކެޓް ހޯދުމަށް އެދި މި ގަވާއިދުގައިވާ ގޮތުގެމަތިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ.
5 ވަނަ މާއްދާ - ޕްރެކްޓިސިންގ ސެޓްފިކެޓަށް އެދި ހުށަހެޅުން
ޕްރެކްޓިސިންގ ސެޓްފިކެޓަށް އެދޭފަރާތުން ޕްރެކްޓިސިންގ ސެޓްފިކެޓް ހޯދުމަށް އެދޭ ފޯމު ފުރުމަށްފަހު، ފޯމާއެކު އަންނަނިވި ތަކެތި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހެޅޭ ލިޔެކިޔުންތަކުގެ އަސްލުތައް، މަޢުލޫމާތުގެ ޞައްޙަކަން ޔަޤީންކުރުމަށްފަހު ވަގުތުން ޙަވާލުކުރެވޭނެއެވެ.
(ހ) ޕްރެކްޓިސިންގ ސެޓްފިކެޓަށް އެދޭފަރާތުގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓްގެ އަސްލާއި ކޮޕީ؛
(ށ) ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއަކުނަމަ ކަމާބެހޭ ވުޒާރާއަކުން ދޫކޮށްފައިވާ ވާރކް ޕާރމިޓްގެ އަސްލާއި އެޓެސްޓްކޮށްފައިވާ ކޮޕީ؛
(ނ) މި ގަވާއިދުގައި ކަނޑައަޅާފައިވާ ޝަރުޠު ފުރިހަމަވާކަން އަންގައިދޭ ތަޢުލީމީ ސަނަދު ތަކުގެ އަސްލާއި އެޓެސްޓްކޮށްފައިވާ ކޮޕީ
(ރ) މި ގަވާއިދުގެ ޖަދުވަލު 1 (އެކެއް) ގައި ބަޔާން ކުރާ ޕްރޮފެޝަނަލް އެކައުންޓެންސީ ބޮޑީއަކުން ދޫކޮށްފައިވާ ޕްރެކްޓިސިންގ ސެޓްފިކެޓެއް އޮތްނަމަ، އެ ސެޓްފިކެޓްގެ އަސްލާއި އެޓެސްޓްކޮށްފައިވާ ކޮޕީ
(ބ) ޕްރެކްޓިސިންގ ސެޓްފިކެޓަށް އެދޭފަރާތުގެ ވަނަވަރު
(ޅ) ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް ނެތްމީހެއްކަން ދޭހަކޮށްދިނުމުގެ ގޮތުން އެމީހަކު ނިސްބަތްވާ ޤައުމުންނާއި އެމީހަކު ދިރިއުޅޭ ޤައުމުން ހޯދާފައިވާ ޕޮލިސް ކްލިއަރެންސް.
(ކ) ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ މައްސަލައެއްގައި ޝަރުޢީ ކޯޓަކުން އެމީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ޙުކުމެއް ކޮށްފައި ނެތްމީހެއްކަން ދޭހަކޮށްދިނުމުގެ ގޮތުން، އެމީހަކު ނިސްބަތްވާ ޤައުމުންނާއި، އެމީހަކު ދިރިއުޅޭ ޤައުމުން، ހޯދާފައިވާ ކޯޓު ކްލިއަރެންސް
6 ވަނަ މާއްދާ - އެޕްލިކޭޝަން މުރާޖަޢާ ކުރުމާއި ފާސްކުރުން
(ހ) ޕްރެކްޓިސިންގ ސެޓްފިކެޓް ހޯދުމަށް އެދޭ މީހާގެ އެޕްލިކޭޝަން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ލިބުމުން އެ އެޕްލިކޭޝަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލާފައިވާ މި ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސިންގ އެންޑް ޑިސިޕްލިނަރީ ކޮމެޓީއަށް ފޮނުވަންވާނެއެވެ.
(ށ) ލައިސަންސިންގ އެންޑް ޑިސިޕްލިނަރީ ކޮމެޓީއަށް އެޕްލިކޭޝަން ފޯމު ލިބުމުން ފޯމު ހުށަހަޅާފައިވާ ފަރާތަކީ، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތެއްތޯ ބަލަންވާނެއެވެ.
(ނ) ކޮމެޓީން ބަލާ ބެލުމުގައި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތަކީ ޝަރުޠު ފުރިހަމަވާ ފަރާތެއްކަމުގައިވާނަމަ، އެ މީހަކަށް ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކުރުމަށް އޮޑިޓަރ ޖެނެރަލަށް މަޝްވަރާދޭންވާނެއެވެ.
(ރ) ޕްރެކްޓިސިންގ ސެޓްފިކެޓަށް އެދި ހުށަހަޅާ އެޕްލިކޭޝަނަކާމެދު ނިންމިގޮތެއް ލަސްވެގެން 5 (ފަހެއް) ވަނަ ހަފްތާގެ ތެރޭގައި، އެޕްލިކޭޝަން ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.
(ބ) އެޕްލިކޭޝަން ހުށަހެޅި ފަރާތަށް ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކުރުމަށް އޮޑިޓަރ ޖެނެރަލް ނިންމުމުން، އެކަމަށް ދައްކަންޖެހޭ ފީ ދެއްކުމަށް އެފަރާތަށް އަންގަންވާނެއެވެ. އަދި ކަނޑައެޅިފައިވާ ފީ ދެއްކުމުން ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކުރެވޭނެއެވެ.
7 ވަނަ މާއްދާ - އޮޑިޓަރުންގެ ދަފްތަރުގައި ނަން ލިސްޓުކުރުން
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކުރެވޭ ފަރާތްތަކުގެ ދަފްތަރެއް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލިޔެ ބަލަހައްޓަންވާނެއެވެ. މި ދަފްތަރުގައި ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކުރެވުނު ފަރާތުގެ ނަމާއި އެޑްރެހާއި އައިޑީކާޑު ނުވަތަ ޕާސްޕޯޓް ނަންބަރާއި ޕްރެކްޓިސިންގ ސެޓްފިކެޓް ނަންބަރާއި އެހެނިހެން މުހިންމު މަޢުލޫމާތު ހިމަނަންވާނެއެވެ.
8 ވަނަ މާއްދާ - ޚިދުމަތް ދިނުން
(ހ) އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކޮށްފައިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ލިޔެކިޔުންތަކުގައި "ސަރޓިފައިޑް އޮޑިޓަރ" މިގޮތަށް ބޭނުންކުރެވިދާނެއެވެ. މިގޮތަށް ލިޔާނީ "ސަރޓިފައިޑް އޮޑިޓަރ" ލިޔެފައި އޭގެ ފަހަތަށް އެފަރާތެއްގެ ދަފްތަރު ނަންބަރެވެ. މިސާލު: ފަރުދެއްގެ ދަފްތަރު ނަންބަރަކީ 2 ނަމަ ލިޔާނީ އަންނަނިވި ގޮތަށެވެ.
"Certified Auditor 0002"
(ށ) ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކޮށްފައިވާ އޮޑިޓަރެއްގެ އަމިއްލަ މަޞްލަޙަތެއް އޮތް ވިޔަފާރިއެއްގެ އެކްސްޓަރނަލް އޮޑިޓަރެއްގެ ގޮތުގައި އޭނާއަކަށް މަސައްކަތެއް ނުކުރެވޭނެއެވެ.
(ނ) ކްލަޔަންޓުގެ ޤާނޫނީ އޮޑިޓަރެއްގެ ގޮތުން އަދާކުރަންޖެހޭ ވާޖިބުތަކާއި ފުށުއަރާ އެއްވެސް ޚިދުމަތެއް ޕްރެކްޓިސިންގ ސެޓްފިކެޓް ދީފައިވާ އޮޑިޓަރަކު އެ ކްލަޔަންޓަށް ދީގެން ނުވާނެއެވެ.
(ރ) އޮޑިޓްކުރަންވާނީ އަދި އެޝޫރެންސްގެ ޚިދުމަތް ދޭންވާނީ، އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސް (އައިފެކް) ގެ އިންޓަރނޭޝަނަލް އޮޑިޓިންގ އެންޑް އެޝޫރެންސް ސްޓޭންޑަރޑްސް ބޯޑު (އައިއޭއޭއެސްބީ) އިން ނެރެ ޝާއިޢުކުރާ އިންޓަރނޭޝަނަލް ސްޓޭންޑަރޑްސް އޮން އޮޑިޓިންގ (އައިއޭއެސް) ނުވަތަ އެކައުންޓިންގ އެންޑް އޮޑިޓިންގ އޮގަނައިޒޭޝަން ފޮރ އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިއުޝަންސްގެ އެކައުންޓިންގ އެންޑް އޮޑިޓިންގ ސްޓޭންޑަރޑްސް ބޯޑުން ނެރެ ޝާއިޢުކުރާ އޮޑިޓިންގ ސްޓޭންޑަރޑްތަކާ އެއްގޮތްވާގޮތުގެމަތިންނެވެ.
(ބ) ޕްރެކްޓިސިންގ ސެޓްފިކެޓް ދީފައިވާ އޮޑިޓް ފާމުގައި، އެކަށީގެންވާ ގޮތެއްގެމަތިން، ފާމުގެ ކޮލިޓީ ކޮންޓްރޯލް ކުރެވޭނެ މެކޭނިޒަމެއް ގާއިމްކުރެވި، ފާމުގެ މެތަޑޮލޮޖީ ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް އޮޑިޓް މެނުއަލުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ޅ) ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކޮށްފައިވާ އޮޑިޓް ފާމަކުން، އެފާމުން ކުރާ އޮޑިޓާއި އެޝޫރެންސްގެ ޚިދުމަތާބެހޭ މަޢުލޫމާތުގެ ރެކޯޑު ބަލަހައްޓަމުން ގެންދަންވާނެއެވެ. އަދި މިފަދަ މަޢުލޫމާތު މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ރައްކާކޮށް ބަލަހައްޓަންވާނެއެވެ.
9 ވަނަ މާއްދާ - ޕްރެކްޓިސިންގ ސެޓްފިކެޓް ބާޠިލް ކުރުން
އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއް މެދުވެރިވެއްޖެނަމަ، އޮޑިޓްކުރުމަށް ދޫކޮށްފައިވާ ޕްރެކްޓިސިންގ ސެޓްފިކެޓް ބާޠިލްކުރެވޭނެއެވެ.
(ހ) ޕްރެކްޓިސިންގ ސެޓްފިކެޓް ބާޠިލްކުރުމަށް އެދި އޮޑިޓަރަކު ހުށަހެޅުން.
ޕްރެކްޓިސިންގ ސެޓްފިކެޓް ބާޠިލްކުރުމަށް އޮޑިޓަރަކު އެދޭނަމަ، ޕްރެކްޓިސިންގ ސެޓްފިކެޓް ބާޠިލް ކުރުމަށް އެދޭ ފޯމް ފުރައި ސޮއިކުރުމަށްފަހު، އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ.
(ށ) ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކޮށްފައިވާ އޮޑިޓަރަކު ނިޔާވުން.
(ނ) ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކޮށްފައިވާ ފަރާތަކީ ބުއްދި ހަމައަށް ހުރި ފަރާތެއް ނޫންކަމަށް ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިއެއްގެ ލިޔުމުން ސާބިތުކޮށް ދިނުން.
(ރ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުޠަކާ އޮޑިޓަރު ޚިލާފުވެއްޖެކަމަށް މި ގަވާއިދުގެ ދަށުން އެކުލަވާލާފައިވާ ލައިސަންސިންގ އެންޑް ޑިސިޕްލިނަރީ ކޮމެޓީން ނުވަތަ ދިވެހިރާއްޖޭގެ ޤާނޫނަކުން ނުވަތަ ގަވާއިދަކުން އެކުލަވާލާފައިވާ މިފަދަ އެހެން ރެގިއުލޭޓަރީ ބޮޑީއަކުން ނުވަތަ އެހެން ޕްރޮފެޝަނަލް އެކައުންޓެންސީ ބޮޑީއަކުން ނިންމުން.
(ބ) އޮޑިޓަރެއްގައި ހުންނަންވާނެކަމަށް މި ގަވާއިދުގައި ބަޔާންކުރާ ޝަރުޠެއް އުނިވުން.
(ޅ) ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކޮށްފައިވާ އޮޑިޓަރަކު، އޭނާގެ ޕްރޮފެޝަނަލް ވާޖިބު އަދާކުރުމުގައި، ފަރުވާކުޑަވެގެން ކޯޓަކުން އޭނާގެ މައްޗަށް ޙުކުމެއް އިއްވުން.
(ކ) ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކޮށްފައިވާ އޮޑިޓަރަކު، ޝަރުޢީ ޙުކުމަކުން އިފްލާސްކުރުން.
(އ) ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކޮށްފައިވާ އޮޑިޓަރަކު، ޖިނާއީ ކުށެއްކޮށްފިކަމަށް ދިވެހިރާއްޖޭގެ ކޯޓަކުން ނުވަތަ އެހެން ޤައުމެއްގެ ކޯޓަކުން ޙުކުމް އިއްވުން. މީގެ ތެރޭގައި އިންޓަރނޭޝަނަލް ކޯޓުތައް ވެސް ހިމެނެއެވެ.
(ވ) މަކަރާއި ޙީލަތް ހެދުން ނުވަތަ މަނީ ލޯންޑަރިންގ މައްސަލައެއްގައި، ނުވަތަ އެފަދަ އެހެން މައްސަލައެއްގައި ބައިވެރިވުމުގެ ސަބަބުން، ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކޮށްފައިވާ އޮޑިޓަރަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅެއް އެޅުން.
(މ) ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކޮށްފައިވާ އޮޑިޓަރަކާ ދެކޮޅަށް، ޕްރޮފެޝަނަލް އެކައުންޓެންސީ ބޮޑީއަކުން ސުލޫކީ ފިޔަވަޅެއް އެޅުން.
ތިންވަނަ ބާބު
އޮޑިޓްގެ ޚިދުމަތްދިނުމުގެ ޕްރެކްޓިސިންގ ސެޓްފިކެޓް ފާމްތަކަށް ދޫކުރުން
10 ވަނަ މާއްދާ - ޕްރެކްޓިސިންގ ސެޓްފިކެޓަށް އެދޭ ފާމްގައި ހުރުން ލާޒިމުވާ ޢާންމު ޝަރުޠުތައް
ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓްކުރުމާއި، އެޝޫރެންސްގެ ޚިދުމަތް ދިނުމުގެ ޕްރެކްޓިސިންގ ސެޓްފިކެޓަށް އެދޭ ކޮންމެ ފާމެއްގައި، އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.
(ހ) ޕްރެކްޓިސިންގ ސެޓްފިކެޓަށް އެދޭ ފާމުގެ އެއްވެސް ޕާޓްނަރަކީ ދިވެހިރާއްޖޭގެ ނުވަތަ އެހެން ޤައުމެއްގެ ކޯޓަކުން ޖިނާއީ ކުށެއްގެ ޙުކުމެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.
(ށ) ޕްރެކްޓިސިންގ ސެޓްފިކެޓަށް އެދޭ ފާމަކީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ޕާޓްނަޝިޕެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރމެއްކަމުގައިވުން.
(ނ) ޕްރެކްޓިސިންގ ސެޓްފިކެޓަށް އެދޭ ފާމަކީ، ލިމިޓެޑް ލައިބިލިޓީ ކުންފުންޏެއް ކަމުގައި ނުވުން.
(ރ) ޕްރެކްٓޓިސިންގ ސެޓްފިކެޓަށް އެދޭ ފާމަކީ އޮޑިޓްކުރުން ނުވަތަ އެޝޫރެންސާއި އެކައުންޓެންސީގެ ޚިދުމަތްދިނުން ނުވަތަ ފައިނޭންޝަލް ނުވަތަ ޓެކްސް ކޮންސަލްޓެންސީގެ ޚިދުމަތް ދިނުން ފިޔަވައި އެހެން ވިޔަފާރިތަކުގެ ޚިދުމަތްދޭ ފަރާތެއްކަމުގައި ނުވުން.
(ބ) ހުއްދަދެވޭ އޮޑިޓް ފާމުގައި، މަސައްކަތްކުރާނެ އެކަށީގެންވާ ވަސީލަތްތައް ޤާއިމްކުރެވިފައިވާ ފާމެއްކަމުގައިވުން.
(ޅ) ޕްރެކްޓިސިންގ ސެޓްފިކެޓަށް އެދޭ ފާމުގެ ޕާޓްނަރުންގެ ތެރެއިން މަދުވެގެން 1 (އެކެއް) ޕާޓްނަރަކީ މި ގަވާއިދުގެ ދަށުން ދޫކުރެވިފައިވާ ޕްރެކްޓިސިންގ ސެޓްފިކެޓް އޮންނަ މީހެއްކަމުގައިވުން.
(ކ) ޕްރެކްޓިސިންގ ސެޓްފިކެޓަށް އެދޭ ފާމުގެ ޕާޓްނަރުންގެ ތެރެއިން މަދުވެގެން 1 (އެކެއް) ޕާޓްނަރަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މީހަކު ކަމުގައިވުން.
(އ) މި ގަވާއިދުގެ ބޭނުމަށް މާލީ އަހަރެއްގެ ތެރޭގައި މަދުވެގެން 183 (އެއްސަތޭކަ އަށްޑިހަ ތިނެއް) ދުވަހު ދިވެހިރާއްޖޭގައި ދިރިއުޅެފައިވާ މީހަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މީހެއްކަމުގައި ބެލެވޭނެއެވެ.
11 ވަނަ މާއްދާ - ޕްރެކްޓިސިންގ ސެޓްފިކެޓަށް އެދި ހުށަހެޅުން
ޕްރެކްޓިސިންގ ސެޓްފިކެޓަށް އެދޭ ފާމުން ޕްރެކްޓިސިންގ ސެޓްފިކެޓް ހޯދުމަށް އެދޭ ފޯމު ފުރުމަށްފަހު ފޯމާއެކު އަންނަނިވި ތަކެތި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ.
(ހ) ޕްރެކްޓިސިންގ ސެޓްފިކެޓަށް އެދޭ ފާމުގެ ނަމުގައި ޤާނޫނީ އޮޑިޓްކުރުމާއި އެޝޫރެންސްގެ ޚިދުމަތްދިނުމަށް އެދޭ ފަރާތްތަކުގެ ޕްރެކްޓިސިންގ ސެޓްފިކެޓްތައް.
(ށ) މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޕާޓްނަރޝިޕެއްގެ ގޮތުގައި ރަޖިސްޓަރީކޮށް ދޫކޮށްފައިވާ ރަޖިސްޓްރޭޝަން ސެޓްފިކެޓް.
(ނ) ފާމް ހިންގާ އޮފީހުގެ ތަފުސީލީ މަޢުލޫމާތު.
(ރ) ފާމުގެ އިންފްރާސްޓްރަކްޗަރާއި، އިންސާނީ ވަސީލަތްތަކުގެ މަޢުލޫމާތު؛
(ބ) އޮޑިޓް ޕްރޮސެސްގެ ޚުލާޞާއަކާއި ފާމުގެ ކޮލިޓީ ކޮންޓްރޯލް މެކޭނިޒަމާބެހޭ މަޢުލޫމާތު؛
(ޅ) ފާމުގެ އިދާރީ އޮނިގަނޑު؛
(ކ) ފާމުގެ އިދާރީ ހިންގުމާގުޅޭ އިޖްރާއާތުތައް؛
(އ) ޕާޓްނަރޝިޕް އެގްރީމެންޓް.
12 ވަނަ މާއްދާ - އެޕްލިކޭޝަން މުރާޖަޢާ ކުރުމާއި ފާސްކުރުން
(ހ) ޕްރެކްޓިސިންގ ސެޓްފިކެޓް ހޯދުމަށް އެދޭ ފާމުގެ އެޕްލިކޭޝަން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ލިބުމުން، އެ އެޕްލިކޭޝަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލާފައިވާ މި ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސިންގ އެންޑް ޑިސިޕްލިނަރީ ކޮމެޓީއަށް ފޮނުވަންވާނެއެވެ.
(ށ) ލައިސަންސިންގ އެންޑް ޑިސިޕްލިނަރީ ކޮމެޓީއަށް އެޕްލިކޭޝަން ފޯމު ލިބުމުން، ފޯމު ހުށަހަޅާފައިވާ ފާމަކީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅައި ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފާމެއްތޯ ބަލަންވާނެއެވެ.
(ނ) ކޮމެޓީން ބަލާ ބެލުމުގައި އެޕްލިކޭޝަން ހުށަހަޅާފައިވާ ފާމަކީ ޝަރުޠު ފުރިހަމަވާ ފާމެއް ކަމުގައިވާނަމަ، އެ ފާމަށް ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކުރުމަށް އޮޑިޓަރ ޖެނެރަލަށް މަޝްވަރާދޭންވާނެއެވެ.
(ރ) އޮޑިޓްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ އެޕްލިކޭޝަނަކާމެދު ނިންމިގޮތެއް ލަސްވެގެން 5 (ފަހެއް) ވަނަ ހަފްތާގެ ތެރޭގައި އެޕްލިކޭޝަން ހުށަހެޅި ފާމަށް އަންގަންވާނެއެވެ.
13 ވަނަ މާއްދާ - ހިދުމަތް ދިނުން
(ހ) އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކޮށްފައިވާ ފާމުތަކުގެ ލިޔެކިޔުންތަކުގައި އެ ފާމުތަކަކީ ޕްރެކްޓިސިންގ ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކެއްކަން އަންގައިދިނުމުގެ ގޮތުން "ސަރޓިފައިޑް އޮޑިޓަރސް" މި ލަފްޒު ބޭނުންކުރެވިދާނެއެވެ. މިގޮތަށް ލިޔާއިރު، ފުރަތަމަ "ސަރޓިފައިޑް އޮޑިޓަރސް" މިހެން ލިޔެފައި، އޭގެ ފަހަތުގައި ފާމުގެ ދަފްތަރު ނަންބަރު ލިޔާނީއެވެ. މިސާލު: ފާމެއްގެ ދަފްތަރު ނަންބަރަކީ 2 ނަމަ ލިޔާނީ އަންނަނިވި ގޮތަށެވެ:
"Certified Auditors 0002"
(ށ) ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކޮށްފައިވާ އޮޑިޓް ފާމެއްގެ ޕާޓްނަރެއް ނުވަތަ ޕާޓްނަރުންގެ އަމިއްލަ މަޞްލަޙަތެއް އޮތް ވިޔަފާރިއެއްގެ އެކްސްޓަރނަލް އޮޑިޓަރެއްގެ ގޮތުގައި އެ ފާމަކަށް މަސައްކަތެއް ނުކުރެވޭނެއެވެ.
(ނ) ކްލަޔަންޓުގެ އެކްސްޓަރނަލް އޮޑިޓަރެއްގެ ގޮތުން އަދާކުރަންޖެހޭ ވާޖިބުތަކާއި ފުށުއަރާ އެއްވެސް ޚިދުމަތެއް ފާމުން އެ ކްލަޔަންޓަށް ދީގެން ނުވާނެއެވެ.
(ރ) ޕްރެކްޓިސިންގ ސެޓްފިކެޓް ދީފައިވާ އޮޑިޓް ފާމަކުން އޮޑިޓްކުރަންވާނީ އަދި އެޝޫރެންސްގެ ޚިދުމަތް ދޭންވާނީ، އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސް (އައިފެކް) ގެ އިންޓަރނޭޝަނަލް އޮޑިޓިންގ އެންޑް އެޝޫރެންސް ސްޓޭންޑަރޑްސް ބޯޑު (އައިއޭއޭއެސްބީ) އިން ނެރެ ޝާއިޢުކުރާ އިންޓަރނޭޝަނަލް ސްޓޭންޑަރޑްސް އޮން އޮޑިޓިންގ (އައިއޭއެސް) ނުވަތަ އެކައުންޓިންގ އެންޑް އޮޑިޓިންގ އޮގަނައިޒޭޝަން ފޮރ އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިއުޝަންސްގެ އެކައުންޓިންގ އެންޑް އޮޑިޓިންގ ސްޓޭންޑަރޑްސް ބޯޑުން ނެރެ ޝާއިޢުކުރާ އޮޑިޓިންގ ސްޓޭންޑަރޑްތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.
(ބ) ޕްރެކްޓިސިންގ ސެޓްފިކެޓް ދީފައިވާ އޮޑިޓް ފާމުގައި އެކަށީގެންވާ ގޮތެއްގެމަތިން، ފާމުގެ ކޮލިޓީ ކޮންޓްރޯލް ކުރެވޭނެ މެކޭނިޒަމެއް ޤާއިމްކުރެވި، ފާމުގެ މެތަޑޮލޮޖީ ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް އޮޑިޓް މެނުއަލުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ޅ) ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކޮށްފައިވާ އޮޑިޓް ފާމަކުން، އެފާމުން ކުރާ އޮޑިޓާއި އެޝޫރެންސްގެ ޚިދުމަތާބެހޭ މަޢުލޫމާތުގެ ރެކޯޑު ބަލަހައްޓަމުން ގެންދަންވާނެއެވެ. އަދި މިފަދަ މަޢުލޫމާތު މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ރައްކާކޮށް ބަލަހައްޓަންވާނެއެވެ.
(ކ) އޮޑިޓް ފާމެއްގެ ޕާޓްނަރޝިޕް އެކުލެވިގެންވާ ގޮތަށް ނުވަތަ ޕާޓްނަރުންނަށް ބަދަލެއް އަތުވެއްޖެނަމަ، އެބަދަލެއް އަންނަތާ ލަސްވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، އެއައި ބަދަލެއްގެ މަޢުލޫމާތު ލިޔުމަކުން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް އަންގަންވާނެއެވެ.
14 ވަނަ މާއްދާ - ޕްރެކްޓިސިންގ ސެޓްފިކެޓެއް ބާޠިލް ކުރުން
އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއް މެދުވެރިވެއްޖެނަމަ އެޙާލަތެއް މެދުވެރިވި އޮޑިޓް ފާމަކަށް ދޫކޮށްފައިވާ ޕްރެކްޓިސިންގ ސެޓްފިކެޓް ބާޠިލްކުރެވޭނެއެވެ.
(ހ) ޕްރެކްޓިސިންގ ސެޓްފިކެޓް ބާޠިލްކުރުމަށް އެދި، އޮޑިޓް ފާމަކުން ހުށަހެޅުން. މި ގޮތުގެމަތިން ޕްރެކްޓިސިންގ ސެޓްފިކެޓް ބާޠިލްކުރުމަށް އޮޑިޓް ފާމަކުން އެދޭނަމަ، ޕްރެކްޓިސިންގ ސެޓްފިކެޓް ބާޠިލް ކުރުމަށް އެދޭ ފޯމް ފުރައި ސޮއިކުރުމަށްފަހު އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ.
(ށ) ފާމުގެ ނަމުގައި ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކޮށްފައިވާ ޕާޓްނަރަކު ނިޔާވުމުގެ ސަބަބުން މި ގަވާއިދުގައި ފާމެއްގައި ތިބެންޖެހޭނެކަމަށް ބަޔާންކުރާ ޕާޓްނަރުންގެ އަދަދު ހަމަނުވުން.
(ނ) ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކޮށްފައިވާ ފަރާތަކީ، ބުއްދި ހަމައަށް ހުރި ފަރާތެއް ނޫންކަމަށް ރަޖިސްޓަރީ ކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިއެއް ނިންމުމުގެ ސަބަބުން މި ގަވާއިދުގައި ފާމެއްގައި ތިބެންޖެހޭނެކަމަށް ބަޔާންކުރާ ޕާޓްނަރުންގެ އަދަދު ހަމަނުވުން.
(ރ) ޕްރެކްޓިސިންގ ސެޓްފިކެޓް ދީފައިވާ ފާމު އުވާލުން.
(ބ) ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކޮށްފައިވާ އޮޑިޓް ފާމު ޝަރުޢީ ޙުކުމަކުން އިފްލާސްކުރުން.
(ޅ) އޮޑިޓް ފާމެއްގައި ހުންނަންވާނެކަމަށް މި ގަވާއިދުގައި ބަޔާންކުރާ ޝަރުޠެއް އުނިވުން.
(ކ) އޮޑިޓް ފާމަކުން ޖިނާއީ ކުށެއްކޮށްފިކަމަށް ދިވެހިރާއްޖޭގެ ކޯޓަކުން ނުވަތަ އެހެން ޤައުމެއްގެ ކޯޓަކުން ޙުކުމް އިއްވުން. މީގެ ތެރޭގައި އިންޓަރނޭޝަނަލް ކޯޓުތައް ވެސް ހިމެނޭނެއެވެ.
(އ) މަކަރާއި ޙީލަތް ހެދުން ނުވަތަ މަނީ ލޯންޑަރިންގ މައްސަލައެއްގައި، ނުވަތަ އެފަދަ އެހެން މައްސަލައެއްގައި ބައިވެރިވުމުގެ ސަބަބުން ކަމާބެހޭ އެއްވެސް ފަރާތަކުން ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކޮށްފައިވާ އޮޑިޓް ފާމަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅެއް އެޅުން.
(ވ) ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކޮށްފައިވާ އޮޑިޓް ފާމަކާ ދެކޮޅަށް، ޕްރޮފެޝަނަލް އެކައުންޓެންސީ ބޮޑީއަކުން ސުލޫކީ ފިޔަވަޅެއް އެޅުން.
(މ) ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކޮށްފައިވާ އޮޑިޓް ފާމުން، އެފާމުގެ ޕްރޮފެޝަނަލް ވާޖިބު އަދާކުރުމުގައި، ފަރުވާކުޑަވެގެން ކޯޓަކުން އެފާމުގެ މައްޗަށް ޙުކުމެއް އިއްވުން؛
(ފ) މި ގަވާއިދުގައި، ފާމަކުން ޢަމަލު ކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ކަމަކާ ފާމުން ޚިލާފުވެއްޖެކަމަށް، މި ގަވާއިދުގެ ދަށުން އެކުލަވާލާފައިވާ ލައިސަންސިންގ އެންޑް ޑިސިޕްލިނަރީ ކޮމެޓީން، ނުވަތަ ދިވެހިރާއްޖޭގެ ޤާނޫނަކުން ނުވަތަ ގަވާއިދަކުން އެކުލަވާލާފައިވާ މިފަދަ އެހެން ރެގިއުލޭޓަރީ ބޮޑީއަކުން ނިންމުން.
ހަތަރުވަނަ ބާބު
ޢާންމު ބައިތައް
15 ވަނަ މާއްދާ -
ކިޔުންތެރިންގެ ހިޔާލު