-

އިންށޯރެންސް ކުންފުނިތަކުން އެނުއިޓީ ފޯރުކޮށްދިނުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 40/2016)

 

1 ވަނަ މާއްދާ - ތައާރުފު

މި ގަވާއިދަކީ، ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 38 ވަނަ މާއްދާގެ ދަށުން އަދި ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ 19 ވަނަ މައްދާގެ (ރ) ގެ ދަށުން އެކުލަވައިލައި ނެރެފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ނަން

މި ގަވާއިދަށް ކިޔާނީ، "އިންށުއަރެންސް ކުންފުނިތަކުން އެނުއިޓީ ފޯރުކޮށްދިނުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

4 ވަނަ މާއްދާ - މަނާކަންތައްތައް

(ހ) ލައިފް އިންށުއަރެންސް ވިޔަފާރިކުރުމަށް މި އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިފައިވާ އިންށުއަރެންސް ކުންފުންޏެއް ފިޔަވައި އެހެން އެއްވެސް ފަރާތަކުން އެނުއިޓީގެ ހިދުމަތް ދިވެހިރާއްޖޭގައި ފޯރުކޮށްދިނުމަކީ މަނާކަމެކެވެ. އަދި، ލައިފް އިންށުއަރެންސްގެ ވިޔަފާރިކުރުމުގެ ލައިސްންސް ލިބިފައިވާ ފަރާތްތަކުން، އެނުއިޓީގެ ހިދުމަތް ދިނުމުގެ ކުރިން، އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދަންވާނެއެވެ.

(ށ) އެނުއިޓީގެ ހިދުމަތް ފޯރުކޮށްދިނުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާނީ އޮތޯރިޓީން އެކަމަށް ކަނޑައަޅާގޮތަކަށް، މަދުވެގެން ތިރީގައިމިވާ މައުލޫމާތާއެކު، ލިޔުމަކުން އޮތޯރިޓީއަށެވެ.

  1. ފޯރުކޮށްދިނުމަށް ހުށަހަޅާ އެނުއިޓީ ހިދުމަތުގެ ތަފުސީލު؛
  2. ފޯރުކޮށްދިނުމަށް ހުށަހަޅާ އެނުއިޓީގެ ހިދުމަތުގެ މޯޓަލިޓީ ހިސާބުތައް ހިމެނޭ ތާވަލު؛
  3. ފޯރުކޮށްދިނުމަށް ގަސްދުކުރާ އެނުއިޓީގެ ހިދުމަތުގެ އެކްޗޫރިއަލް ރިޕޯޓު؛
  4. މޯޓަލިޓީ ހިސާބުތައް ހިމެނޭ ތާވަލުތަކަށް ރިއާޔަތްކޮށް އެނިއުޓީ ޕޮލިސީހޯލްޑަރަށް ލިބޭނެކަމަށް އަންދާޒާކުރެވޭ ބެނެފިޓް؛
  5. އެނުއިޓީގެ ޕޮލިސީ؛ އަދި
  6. އޮތޯރިޓީން ކަނޑައަޅާ އެހެނިހެން މައުލޫމާތާއި ލިޔެކިޔުންތައް.

 

5 ވަނަ މާއްދާ - ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިންނަށް އެނުއިޓީ ފޯރުކޮށްދިނުން

(ހ) އެނުއިޓީ ފޯރުކޮށްދޭ އިންށުއަރެންސް ކުންފުންޏަކުން، ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިންނަށް، މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީސް މެދުވެރިކޮށް ފޯރުކޮށްދޭ އެއްވެސް އެނުއިޓީއެއް ވިތްޑްރޯވަލްއަށް ބަދަލުކޮށްދީގެންނުވާނެއެވެ. އަދި އެނުއިޓީއެއް ބާތިލު ކޮށްދީގެންވެސް ނުވާނެއެވެ.

(ށ) މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީސް މެދުވެރިކޮށް، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިންނަށް ފޯރުކޮށްދޭ އެނުއިޓީއަށް، މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހުން ދައްކަންޖެހޭ ފައިސާ ދައްކާނެގޮތް ކަނޑައަޅާނީ ދިވެހިރާއްޖޭގެ ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހާއި، ސްކީމްގެ ބައިވެރިން އަދި އެނުއިޓީ ފޯރުކޮށްދޭ އިންށުއަރެންސް ކުންފުނިން އެއްބަސްވާ ގޮތެއްގެ މަތިންނެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ، އެނުއިޓީއަށް މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހުން ދައްކަންޖެހޭ ފައިސާ ރިޓަޔަރމަންޓް ސޭވިންގް އެކައުންޓެއްގައި ހުންނަ ފައިސާ އިން ދައްކާނަމަ، ދައްކަންވާނީ އެކަމަށް އެ އެކައުންޓެއް ނިސްބަތްވާ ސްކީމްގެ މެންބަރުގެ އިއުތިރާޒެއް ނެތް ނަމައެވެ.

 

6 ވަނަ މާއްދާ - އެނުއިޓީގެ ފައިސާ ދޫކުރުން

އެނުއިޓީ ޕޮލިސީހޯލްޑަރަށް ނުވަތަ ބެނިފިށަރީއަށް ކޮންމެ މަހަކު ދައްކަންޖެހޭ ފައިސާ، އެ މަހެއްގެ 25 ވަނަ ދުވަހުގެ ކުރިން އިންށުއަރެންސް ކުންފުނިން ދައްކަންވާނެއެވެ.

 

7 ވަނަ މާއްދާ - އެނުއިޓީއަށް ލިބޭ ފައިސާ

(ހ) އެނުއިޓީ ފޯރުކޮށްދޭ ކޮންމެ އިންށުއަރެންސް ކުންފުންޏަކުންވެސް، އެ ކުންފުނިން ވިއްކާ އެނުއިޓީގެ ޕްރީމިއަމްއަށް ލިބޭ ފައިސޤ ބަހައްޓަންވާނީ އެ ކުންފުނީގެ އެހެން އިންށުއަރެންސް ވިޔަފާރީގެ ފައިސާއާ ވަކިންނެވެ.

(ށ) އެނުއިޓީ ފޯރުކޮށްދޭ ކޮންމެ އިންށުއަރެންސް ކުންފުންޏަކުންވެސް، އެ ކުންފުނިން ވިއްކާ އެނުއިޓީގެ ޕްރީމިއަމްއަށް ލިބޭ ފައިސާ އިންވެސްޓްކުރަންވާނީ ރިސްކް ބެހިގެންދާނެ ގޮތަށެވެ.

 

8 ވަނަ މާއްދާ - ސޮލްވަންސީ މާޖިން

އެނުއިޓީ ފޯރުކޮށްދޭ ކޮންމެ އިންށުއަރެންސް ކުންފުންޏަކުންވެސް، ހުރިހާ ވަގުތަކު، ސޮލްވަންސީ މާޖިންގެ ގޮތުގައި އެ ކުންފުންޏެއްގެ ޖުމުލަ ލައިބިލިޓީތަކަށް ވުރެ 20 (ވިހި) އިންސައްތަ އިތުރަށް އެސެޓުތައް ބަހައްޓަންވާނެއެވެ. މި މިންވަރު ހިސާބުކުރުމުގައި ލައިބިލިޓީތަކާއި އެސެޓްތަކުގެ ތެރޭގައި ހިމަނާނެ ލައިބިލިޓީތަކާއި އެސެޓުތައް އޮތޯރިޓީން ކަނޑައަޅާ އަންގާނެއެވެ.

 

9 ވަނަ މާއްދާ - ރިކޯޑު ބެހެއްޓުމާއި މައުލޫމާތު ހުށަހެޅުން

(ހ) އެނުއިޓީ ފޯރުކޮށްދޭ އިންށުއަރެންސް ކުންފުންޏަކުން ފޯރުކޮށްދޭ އެނުއިޓީގެ ރިކޯޑުތަކާއި އެކައުންޓްތައް، އެ ފަރަތަކުން ކުރާ އެހެން ވިޔަފާރިތަކުގެ ހަރަކާތްތަކުގެ ރިކޯޑުތަކާއި އެންއުންޓުތަކާ ވަކިން ބަހައްޓަންވާނެއެވެ.

(ށ) އޮތޯރިޓީން އަންގާ މައުލޫމާތު ނުވަތަ ލިޔެކިއުން ނުވަތަ ރިޕޯޓު، އޮތޯރިޓީން އަންގާ ގޮތަކަށް އަދި އަންގާ ވަގުތަކަށް ކޮންމެ އިންށުއަރެންސް ކުންފުންޏަކުންވެސް ހުށަހަޅަންވާނެއެވެ.

 

10 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

"އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނޓަރީ އޮތޯރިޓީގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށެވެ.

"އެނުއިޓީ" ނުވަތަ "އެނުއިޓީގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، އެ ޕޮލިސީއެއް ނެގުމަށް އެއްފަހަރާ ފައިސާ ދައްކަންޖެހޭ ގޮތަށް ނުވަތަ އެކި ފަހަރު މަތިން ފައިސާ ދައްކަންޖެހޭ ގޮތަށް، އަދި ޕޮލިސީހޯލްޑަރަށް ނުވަތަ ޕޮލިސީގެ ބެނިފިށަރީއަށް އުމުރުދުވަހަށް މަހަކު ވަކި އަދަދެއް ދޭނެ ގޮތަށް އިންށުއަރެންސް ކުންފުންޏަކުން ވިއްކާ އިންށުއަރެންސް ޕޮލިސީއަކަށެވެ.

"ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގައި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ދީފައިވާ މާނައިގައެވެ.

"މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން ގާއިމުކޮށްފައިވާ މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހަށެވެ.

 

މައި ގާނޫނު

  1. މަނިޓަރީ އޮތޯރިޓީގެ ގާނޫނު (ގާނޫނު ނަންބަރު 6/1981)
  2. ޕެންށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު 8/2009)

 

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު